ގާތުގާ….4
” އޭރުން ދެންވާނެ ގޮތް އެނގޭތަ؟…” ރުހާމް އެދިނީ އިންޒާރެކެވެ. އެކަން ވެސް އަހަރެންނަށް އެނގެއެވެ. އާއެކެވެ. ދެންވާނެ ގޮތްވެސް އަހަރެންނަށް އެނގެއެވެ. އެކަމަކު ވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ކެތްކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ.
*****
“ކަލެއާ، ކަލޭގެ އާއިލާއަށް ހީވޭތަ އަހަރެންގެ އިހުސާންތެރިކަމާ ނުލާއުޅެވިދާނެހެން؟…” މަލާމާތުގެ ރާގަކަށް ރުހާމް ބުނެލިއެވެ. އެއަޑުގައި ބޮޑާ ކަމާއި ކިބުރުވެރިކަން ވިއެވެ. ބާރު އޮތީ ރުހާމް އަތުގައޭ ބުނާ ކަހަލައެވެ.
” އެހެން ނޫނަސް ކަލެއްށް ހީވޭތަ އެހާ ފަސޭހައިން ވަރިވެވިދާނެހެން މަ ކައިރިން…” އަނެއްކާ ވެސް މަލާމާތެވެ. އޭނާގެ މުށުތެރޭގައި އަހަރެން ވަނީ ހައްޔަރުވެފައި ކަން އަންގައި ދިނުމެވެ. އަހަރެންގެ ހިތުގައި ވަރަށް ޖެހުނެވެ. އެކަމަކުވެސް ވަރަށް ހިތްވަރު ކޮށްލީމެވެ. ކޮންމެ ކަމަކަށްވެސް ކެތްވާނީ ވަކިވަރަކަށް ތާއެވެ.
” އަހަރެން މިހާރު ދެން ބޭނުމެއް ނޫން ރުހާމް އެކީ އުޅޭކަށް…” އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނުފެންނާތީ އަހަރެން ވަރަށް ކުރުކޮށް މަޑުމަޑުން ބުނީމެވެ. ރުހާމް ވަރަށް ހިތްހަމަ ނުޖެހުނުކަން އޭނާގެ މޫނުމަތިން އެނގުނެވެ. އެކަމަކު ތިބެވުނީ މަގުމަތީގައި ކަމުން އޭނާގެ ބާރު ދައްކާލާކަށް ނުކެރުނެވެ.
” އެހާ ފަސޭހައިން ސަލާމަތް ވެވިދާނޭ ހީނުކުރައްޗޭ އިނގޭ…” އިންޒާރެއް ދީފައި ރުހާމް ބާރު ހިނގުމުގައި ގޮސް ކާރަށް އެރިއެވެ. ރުހާމް ދިއުމުން އަހަރެން ޖަނާއަށް ބަލައިލީމެވެ. ޖަނާގެ މޫނު މަތިން އަހަރެން ކުރި ހިތްވަރާ ދޭތެރެ ހިތްހަމަ ޖެހިފައި ހުރިކަން ދޭހަވެއެވެ.
ގެއްށް އާދެވުނު އިރު މަންމަ އަހަރެމެންގެ އިންތިޒާރުގައި ހުއްޓެވެ. ބަނޑުހައިވެފައި ހުރުމުން އެންމެ ފުރަތަމަވެސް ދިއައީ ބަދިގެއަށް އެއްޗެއް ކާލާށެވެ. މަންމަ ހަދާފައި ހުރި ހުނިރޮށްޓާއި ކުޅި ރިހާކުރު ފެނުމުން އަހަރެން ވަރަށް ރަނގަޅަށް ކެއީމެވެ. އަހަރެންނާއި އެކު ސައިބޮއެގެން ޖަނާވެސް ގެއަށް ދިއައީ ހަވީރު އަންނާނެ ވާހަކަ ބުނެފައެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަނީ ފެންވަރައިގެން އަރާމުކޮށްލާށެވެ.
އަހަރެން ފެންވަރައިގެން ނިކުމެ އަލަމާރި ހުޅުވައި ލީމެވެ. އަހަރެންގެ ދެތިން ހެދުން އަލަމާރީގައި ހުއްޓައި ފެނުމުން އަދި ރުހާމްގެ ގެއަށް އަހަރެންގެ ހެދުންތަށް ބަލައި ދާން ޖެހޭނެކަން ހަނދާން ވިއެވެ. ކިތަންމެ ބޭނުން ނުވިއަސް އެނޫން އެހެން ގޮތެއް ނެތްކަން އަހަރެންނަށް އެނގެއެވެ. އަހަރެން ރުހާމްއާއި ކައިވެނި ކޮށްގެން ރުހާމްގެ ގެއަށް ބަދަލުވި ކަމުގައި ވިއަސް އަހަރެންގެ ކޮޓަރި އަހަރެންނަށް މަންމަ ހުރީ ހަމަ ބަހައްޓައި ދީފައެވެ. އެކަމާއި އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.
އަހަރެން ކުރު ޓީޝާޓު ކޮޅަކާއި ހަރުވާޅެއް ލައިގެން އައިސް އެނދުގައި ޖައްސާލީމެވެ. އަދި ނިދޭތޯ ލޯމަރައިލީމެވެ. އެހިނދު އެފަދަ ދަނޑިވަޅެއްގައި، އަދި އަމުދުން މީހެއްގެ އަންބެއްގެ ގޮތުގައި ހުރެ ހަނދާން ކުރަން ނުޖެހޭ ފަރާތެއްގެ މަތިން އަހަހެރެން ހަނދައިން ވިއެވެ. އެއްވެސް އިހުތިޔާރަކާއި ނުލައި އަހަރެންނަށް އަހަރެންގެ ޝަހާދު އިނގިލީގައި އަތް ޖައްސައި ލެވުނެވެ. މާބޮޑު ގޮތެއް ހަދާފައި ނެތް ވަރަށްވެސް އާދައިގެ އެ އަނގޮޓިއަކީ ވަރަށް ހާއްސަ ފަރާތެއްގެ ވަރަށް ހާއްސަ ހަދިޔާއެކެވެ. އެއީ ވަރަށް ހާއްސަ ގުޅުމެއްގެ ފެށުމެވެ. ވީވައުދު ތަކެއްގެ ނިޝާނެކެވެ. ފުން ލޮތްބެއްގެ ބިންގާއެވެ. މިހައި ދުވަސް ވީއިރުވެސް އަހަރެން އެއަނގޮޓި ނުނަގަމެވެ. އެއީ އެހަނދާންތައް ހަނދާން ނައްތާލަން އަހަރެން ބޭނުންވެސް ނުވާތީއެވެ. ލިބުމަށް ތަޤުދީރުގައި އެލޯބި ލިޔެވިފައި ނެތަސް އަހަރެން ހިތުގައި އެލޯބި ފޮރުވާލަން އަހަރެން ހުރީ ނިންމައިގެންނެވެ. ސިއްރު ސިއްރުން އަހަރެން އަބަދުވެސް އޭނާދެކެ ލޯބި ވާނަމެވެ.
” ނާވީ………” ބޭއިހުތިޔާރުގައި އަހަރެންނަށް އެނަން ކިޔައިލެވުނެވެ. އަހަރެންގެ ލޯ ފުރިގެން ބަންޑުން ވާން ފެށީ ހިތަށް ކުރި އަސަރުންނެވެ. އަހަރެންނަށް އޭނާއާއި ދޭތެރޭގައި ކަންތަށް ކުރެވުނު ގޮތުންނެވެ. އޭނާގެ ހިތުގައި ޖެއްސުނު ވަރު ހިތަށް އަރާފައެވެ. އެންމެ ފަހުވަގުތު ވެސް އޭނާ އަހަރެން ދެކެ ވީ ލޯތްބަށް އެދެލޯ ދިޔައީ ހެކިވަމުންނެވެ. އެދެލޮލުން ނުދިއުމަށް އާދޭސް ކުރަމުންނެވެ.
އަހަރެނަނަށް ހަމަ ރަނގަޅަށް ވެސް ގިސްލަ ގިސްލާފައި ރޯންފެށުނެވެ. އޭނާވީ ކޮންތާކު ކޮން ހާލެއްގައި ކަމެއްވެސް މިހާރު އަހަރެންނަކަށް ނޭނގެއެވެ. ހިތް ކިތަންމެ ދެކިލަން ބޭނުން ވިއަސް އެކަން ދެން ވާން ނެތްކަން ހިތަށް އަރާފައި އިތުރަށް ރޮވޭގޮތް ވިއެވެ.
” ނާވީ……ސޮރީ…. އައިމް ރިއަލީ ވެރީ ސޮރީ….” ރޮމުން ރޮމުން އަހަރެން ބާލީހުގައި މޫނު ޖަހަމުން ބުނެވުނެވެ. އެކަމަކު އެއަޑު އިވޭނެ ހިސާބަކު އޭނާއެއް ނެތެވެ. ހުރި ނަމަވެސް އޭނާ އަހަރެންނަށް މާފު ކުރާނެ ކަމެއްވެސް މިހާރު އަހަރެންނަކަށް ނޭނގެއެވެ. އޭނާ އަހަރެން ދެކެ ވަރަށް ރުޅި އަންނާނެ ކަންނޭނގެއެވެ. އޭނާ މިހާރު އަހަރެން މަތިން ހަނދާން ނައްތާލާފައި އެހެން ދިރިއުޅުމެއް ފަށާފާނެއެވެ. އޭނާގެ ހަޔާތަށް މިހާރު އެހެން އަންހެން ކުއްޖެއް ގެނެސްދާނެއެވެ. އެހެން ހިތަށް އެރުމުން އަހަރެންނަށް އިތުރަށް ރޮވޭގޮތް ވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިއަސް އަދިވެސް އަހަރެން އޭނާ ބޭނުމެވެ. އަދި އަހަރެން ނޫން އެހެން މީހަކަށް އޭނާ ލިބުމަކަށްވެސް ނޭދެމެވެ.
ދެތިން ދުވަސް ފަހުން އަހަރެން ކުޑަކޮށް ރަނގަޅު ވެލުމުން ޖަނާއާއި އެކު ރުހާމްގެ ގެއަށް ދިއުމަށް ނިކުތީ އެގޭގާއިވީ އަހަރެންގެ އެއްޗެތި ބަލައެވެ. ކާރުގައި އިން އިރުވެސް އަހަރެންގެ ހިތް ތެޅެމުން ދިއައެވެ. އަހަރެން ފެނުމުން ރުހާމް ކަންތައް ކުރާނެ ގޮތެއް ނޭނގޭތީއެވެ. އަހަރެން މަންމަ ގެއަށް ބަދަލުވި ފަހުން ވެސް ރުހާމް ވަރަށް އަހަރެންނަށް ގުޅާފަ އޮތެވެ. އެކަމަކު އަހަރެން އެއްފަހަރުވެސް ފޯނެއް ނުނަގަމެވެ. އަހަރެން ފޯނު ނުނެގުމުންވެސް ރުހާމް ހުންނާނީ ވަކިން ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ.
އަހަރެން އެޕާޓުމަންޓުގެ ބެލްޖަހައިލީމެވެ. ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ބޭޜު މީހާ މަލާ އެވެ.
“މެޑަމް…އަވަހަށް އަންނަނީ….” މަލާ އަހަރެން ފެނުމުން ވަރަށް އުފާވެލާފައި އެތެރެއަށް ވަންނަން ތަން ދެއްކިއެވެ.
“ޖަނާ މަޑުކޮށްލާ އިނގޭ.. އަހަރެން ވަރަށް އަވަހަށް މި އަންނަނީ….” އަހަރެން ޖަނާ ގާތު ބޭރުގައި މަޑުކުރަން ބުނެފައި އެތެރެއަށް ވަނީމެވެ. އެޕާޓުމަންޓަށް ވެރިވެފައިވާ ހަމަ ހިމޭން ކަމެވެ.
” ބޮސް ގޭގައި ނޫޅޭދޯ…” އަހަރެން މަލާ ގާތު އަހައިލީމެވެ. ހިތާހިތާ ރުހާމް ނޫޅޭތޯ ދުއާކުރަމުންނެވެ.
” ބޮސް ދަނީ ޝެލީ މެޑަމް ގެއަށް ލާން” މަލާ އޭނާގެ ނުފަރިތަ ކަމާއި އެކުވެސް ބުނެދެވޭތޯ މަސައްކަތް ކުރިއެވެ.
” ޝެލީ މެޑަމް ކޮންމެސް ވައްތަރު ރުޅި ހުންނަނީ ބޮސް އާ…” މަލާ އެބުނެދޭން އުޅެނީ ކީކޭކަން އަހަރެންނަށް އެނގުނެވެ.
” އެއީ ކީއްވެ؟…” ސުވާލު އުފެދިފައި އަހަރެން އަހައިލީމެވެ.
” ބޮސް މޫޑު ސަކަރާތް ވެފަ ހުންނަނީ ޒާނަ މެޑަމް ނެތީމަ… އެހެންވެ ޝެލީ ޖެލަސް ވަނީ…” މަލާ އިތުރަށް ކިޔައިދޭން މަސައްކަތް ކުރިއެވެ. އަހަރެން މަލާގެ ކޮނޑުގައި އަތް ޖައްސާލީމެވެ.
“މަލާ…. އަހަރެން މިއައީ އަހަރެންގެ އެއްޗެތި ބަލައި…” އަހަރެން އެހެން ބުނުމުން މަލާ ސުވާލު އުފެދިފައި ބަލައިލިއެވެ.
” މަލާ… އަހަރެން އެއްކޮން މިގެއިން ދަނީ…” އަހަރެން މަލާއަށް އޮޅުން ފިލުވައި ދެވޭތޯ ބެލީމެވެ.
” ބޮސްއާއި ޑިވޯސް ވަނީ…” އަހަރެން ބުނީމެވެ.
“ޔެސް… މެޑަމް އަވަސް ކުރަން ޖެހެނީނުން ޑިވޯސް… މިހާރުވެސް މާލަސް ތިބެނީނުން…. އެކަމް މެޑަމް ދިޔާމަ އަހަރެން ދެރަވަނީ އިނގޭ…” ކުޑަކޮށް ދެރަވެފައި ހުރެވެސް އަހަރެންގެ ނިއްމުމަށް މަލާ އިހުތިރާމް ކުރިއެވެ. އެގޭތެރޭގައި މިވީ 7 އަހަރު ދުވަހު މަލާއަކީ އަހަރެންނަށް ދިމާވި ކަންކަމުގައި ވަރަށް އެހީވެދިން މީހެކެވެ.. މަލާ ދޫކޮށްލާފައި ދާން ޖެހޭތީ އަހަރެން ކުޑަކޮށް ދެރަވެސް ވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V reethi 🤍
She made the right choice
Can’t wait for the next part!
❤️🫰🏻
Mi bai ves vrh reethi ❤️