Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 15, 2016 10 Mins Read
16 Comments

ނަޒްލާ ރޯތަން ބަލާކަށް އާސިމްއަކަށް ނުހުރެވުނެވެ. އެހުރިހާ ދުވަސް ވަންދެން ނަޒްލާއާ ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަމުން އެކަން ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް އެވަގުތު އާސިމްއަކަށް ނަޒްލާއާ ދުރަކު ނުހުރެވުނެވެ.

“ނަޒޫ…” އާސިމްއަށް ގޮވާލެވުނެވެ. ދެތިން ފިޔަވަޅު އަލާލަމުން ނަޒްލާ ކައިރިއަށް ހުއްޓި ނަޒްލާގެ މޫނުގައި ދެއަތުން ހިފާލިއެވެ.

ނަޒްލާ އާސިމްއާ ދިމާއަށް ބަލާލިއެވެ.

“ޝްޝްޝް…” އާސިމް މަޑުމަޑުން ބުންޏެވެ.

ނަޒްލާއަށްވެސް އެވަގުތު އާސިމްއާ ދުރަކަށް ނުދެވުނެވެ. އިސް ޖަހާލައިގެން ރޮވިފައި ހުރީއެވެ.

އާސިމް އަދިވެސް ބޮޑަށް ނަޒްލާއާ ކައިރި ވެލާފައި ނަޒްލާގެ ނިތްކުރީގައި ބޮސް ދިނެވެ. އެއާއެކު ނަޒްލާ ހީވީ ކަރަންޓު ޝޮކެއް ޖެހުނު ހެންނެވެ. ސިހިފައި އާސިމްގެ މޭގައި އަތް އަޅާ ކޮއްޕާލަމުން ފަހަތަށް ޖެހިލިއެވެ.

ދެމީހުންވެސް ތިބީ ކުރެވުނު ކަންތަކާ މެދު ހައިރާންވެ ސިހިފައި އެކަކު އަނެކަކަށް ބަލާށެވެ. ނަޒްލާއަށް ކުރިއަށް ވުރެން ބޮޑަށް ރޮވުނެވެ. އަނގަމަތީ އަތް އަޅާލަމުން އެނދުގައި އިށީނެވެ.

“ސޮރީ…” އާސިމް ބުނެލިއެވެ. އަދި އެކޮޓަރިން ނިކުމެގެން ދިޔައެވެ.

އެވަގުތު ނަޒްލާއަށް ވީގޮތް ފެނުމުން އާސިމްއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އެހުރިހާ ދުވަސް ވަންދެން ހިތަށް ވިސްނައިދީފައި ނަޒްލާއާ ދުރުގައި ހުރުމަށް ކާމިޔާބު ކުރެވުނު އިރު މިއަދު އާސިމްއަށް ކެތް ނުކުރެވުނީ ކީއްވެ ހެއްޔެވެ. ނަޒްލާގެ އިތުބާރު ދުވަހަކުވެސް އާސިމްއަށް ލިބެން ނެތީ ހެއްޔެވެ.

އެމަންޒަރު ބަލަން ދޮރު ކައިރީ ހުރެފައި އާސިމް ނިކުންނަން އައި ވަގުތު ފާރާ ނިވާ ވެލައިގެން ހުރި ޔުމްނާ، އާސިމް ދިޔުމުން ކޮޓަރިއަށް ވަނެވެ. އޭރުވެސް ނަޒްލާ އިނީ ރޯށެވެ.

“ނަޒޫ…” ނަޒްލާ ކައިރީ އިށީންނަމުން ޔުމްނާ ގޮވާލިއެވެ.

ނަޒްލާ އަވަހަށް ލޯ ފޮހެލާފައި ބަލާލިއެވެ.

“އަހަންނަށް ތި ކަރުނަ ނުފޮރުވާ ނަޒޫ” ޔުމްނާ ބުންޏެވެ.

“ނުރޮމޭ…” ނަޒްލާ އޮޅުވާލަން އުޅުނެވެ.

“އަހަރެން ދުށީމޭ” ނަޒްލާ ސިއްރު ކުރަން އުޅުނު ކަންތައް އެނގޭކަން ޔުމްނާ ނަޒްލާއަށް އަންގާލިއެވެ.

“ދެން…؟ އަހަރެން ކިކޭ ބުނަންވީ…؟” ނަޒްލާ އަހާލިއެވެ.

“ގޮތް ދޫކުރަންވީ، އާސިމް ދެކެ އަދިވެސް ލޯބިވާކަމަށް އެއްބަސް ވާންވީ، ތިގޮތަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރުން ހުއްޓާލަންވީ. އާސިމްއަށް މާފު ކުރެވިއްޖެ… ދެން ޒައިންއަށް ޓަކާ ވިޔަސް އޭނަޔާ އިންނަން އެއްބަސް ވާންވީ” ޔުމްނާ ފުރަތަމަ ފަހަރަށް އެގޮތަށް ނަޒްލާ ގާތު ވާހަކަ ދެއްކިއެވެ.

“ޕްލީޒް ޔުމް… ތިގޮތަށް ތިވާހަކަ ނުދައްކާ. އަހަރެން ބޭނުމެއް ނޫން ތިވާހަކަ ދައްކާކަށް. ތިކަހަލަ ހިޔާލެއްވެސް ކުރާކަށް ބޭނުމެއް ނޫން” ނަޒްލާ އެއްގޮތަކަށްވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

“ނަޒޫ ބޭނުން ނުވިޔަސް އެނޫން ކަމަކާ ހިޔާލެއް ނުކުރެވޭނެ… އާސިމްއާ ދުރަށް ދެވިދާނެ، އެކަމަކު އެހަނދާންތަކާ ދުރަކަށް ނުދެވޭނެ. އެހިޔާލުތަކެއް ނަޒޫއަކަށް ހިތަކުން ފޮހެއެއް ނުލެވޭނެ” ޔުމްނާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.

“އާއެކޭ! ހަނދާނެއް ނުނެތޭނޭ. އެއްވެސް ކަމެއް ހަނދާނެއް ނުނެތޭނެ. އޭނަ އަހަންނަށް ދިން ލޯތްބެއްވެސް، އަހަންނަށް ދިން އަނިޔާއެއްވެސް، ހިތް ދަތި ކަމެއްވެސް…” ލޮލުން އަންނަމުން ދިޔަ ކަރުނަތައް ރުޅިވެރިކަމާ އެކު ދެއަތުން ފޮހެމުން ނަޒްލާ ބުންޏެވެ.

“އަދި ނަޒޫއަށް ވިސްނޭނެ ނަޒޫ މިހާރުވެސް އާސިމް ދެކެ ލޯބި ވާކަން. އަހަރެންވެސް ގަބޫލު ކުރަން އެނަ ކަންތައް ކުރީ ގޯސްކޮށް ކަން. އެކަމަކުވެސް ނަޒޫ ދެކެ އޭނަ ވާ ލޯބި އެހެން މީހަކަށް ނުވެވޭނެ. އަހަންނަށް އެކަން ޔަގީން ވާތީ ނަޒޫ ކައިރީގަ މިހެން މި ބުނަނީ. މިއަދުވެސް އެހަނދާންތަކަށް ވުރެ އޭނަގެ ލޯބި ނަޒޫއަށް މުހިންމު ކަން އެނގޭނެ ދުވަހެއް އަދި އަންނާނެ… އެދުވަހަކުން ނަޒޫ ގޮތްވެސް ދޫކުރާނެ، އެންމެންގެ ކުރިމަތީގަ އާސިމް ދެކެ ލޯބިވާކަން ފާޅުވެސް ކުރާނެ” ޔުމްނާ ބުންޏެވެ. އަދި ނަޒްލާގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި ނިކުތެވެ.

ޔުމްނާ ދިޔަތާ އެތައް އިރެއް ވީއިރުވެސް ޔުމްނާގެ ވާހަކަ ނަޒްލާގެ ސިކުނޑީގައި ހަރުލާފަ ހުއްޓެވެ.

 

އެދުވަހުގެ ފަހުން ނަޒްލާ އާސިމްމެން ގެޔަށް ދިޔުން މަދު ކޮށްލިއެވެ. ދެހަފްތާ ވެގެން ދާއިރުވެސް ނަޒްލާ އެގެޔަށް ނުގޮސް ހުރެއެވެ. ގިނަ ފަހަރަށް ނަޒްލާ ނާންނާތީ ވަސީމާ ގުޅާފައި ޒައިން ގޮވައިގެން އަންނަން ބުނުމުން ނޫނީ ނަޒްލާ ނުދެއެވެ.

އެގޮތަށް ވަސީމާ ގުޅައިގެން ނަޒްލާ އެގެޔަށް ދިޔަ ދުވަހެކެވެ. ޔުމްނާއާ އެކީ ޒައިން ގޮވައިގެން ނަޒްލާ އެތެރެއަށް ވަން އިރު އަސްމާއާ ޝާއިރުވެސް އެގޭގައި ތިއްބެވެ. ޒައިން ފެނުމުން އަސްމާ އައިސް ޒައިން އުރާލި ތަނާ ވަސީމާ ކޮޓަރިން ނިކުތެވެ.

“އަހަނ… މާމަގެ ޒައިން އައީތަ؟” އަސްމާ އަތުން ޒައިން ނަގާ އުރާލާފައި ވަސީމާ ޒައިންގެ މޫނުގައި ބޮސްދިނެވެ.

“އަޅެ މަންމާ، އަހަރެން އޭނަ އުރާލި އިރަށް އަތުލީއޭ…” އަސްމާ ޝަކުވާ ކޮށްލިއެވެ.

“މާމަ ބުނެގެންނޭ ޒައިން އައީ، އެހެންވީމަ މާމައެއްނު އުރާނީ، ދޯ ދަރިފުޅޫ؟” ޒައިން ގޮވައިގެން ކޮޓަރިއަށް ވަންނަމުން ވަސީމާ ބުނި އަޑު އިވުނެވެ.

“އާދެބަލަ ދެން އިށީންނަން” ވަސީމާ ދިޔުމުން އަސްމާ ނަޒްލާއާ ޔުމްނާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ފަހުން އަސްމާ ބަލާ އަންނާނެ ކަމަށް ބުނެފައި ޝާއިރު ދިޔައެވެ.

ތިން މީހުން ވާހަކަ ދައްކަން ތިއްބާ ވަސީމާ ޒައިން ގޮވައިގެން ނިކުތެވެ. އޭރު ޒައިންގެ އަތުގައި ކޮތަޅެއް އޮތެވެ. ޒައިންގެ އަތުގައި ހިފައިގެން ވަސީމާ އައިސް ނަޒްލާ އަތަށް ސިޓީއުރައެއް ދިނެވެ. އެއްވެސް އެއްޗެއް ނުބުނެ ނަޒްލާ އޭގައި ހިފިއެވެ.

ނަޒްލާ އާސިމްއަށް މާފު ކުރި ފަހުން މިދިޔަ ހަތްމަސް ތެރޭން ކޮންމެ މަހަކުވެސް ވަސީމާ ނަޒްލާ އަތަށް އެސިޓީއުރަ ދެއެވެ. އޭގައި ވަނީ އާސިމް ޒައިންއަށް ދޭ ޚަރަދެވެ. އޭގެ އިތުރުންވެސް އާސިމްއާ އެކީ ޒައިން ބޭރަށް ދާ ދުވަހެއްގަ ވިއްޔާ ޒައިން ބޭނުންވި އެއްޗެއް އާސިމް ޒައިންއަށް ގަނެދެއެވެ. އަދި ވަސީމާއާ ޖަމީލުވެސް ކޮންމެ މަހަކުހެން ޒައިންއަށް ކޮންމެވެސް އެއްޗެއް ގެނެސް ދެއެވެ.

ކޮންމެ ފަހަރަކުވެސް އެސިޓީއުރަ ނަޒްލާ އަތަށް ދެނީ ވަސީމާއެވެ. އެންމެ ފުރަތަމަ އެސިޓީއުރަ ނަޒްލާ އަތަށް ލިބުނު ފަހަރު އޭގައި ވަނީ ކޮން އެއްޗެއް ކަން އެނގުމުން ނަޒްލާ އޭގައި ނުހިފަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއީ އާސިމް ޒައިންއަށް ދޭން ޖެހޭ އެއްޗެއް ކަމާ، އެއީ ޒައިންގެ ހައްގެއް ކަން ވަސީމާ ނަޒްލާއަށް ވިސްނައި ދިނުމުން ނަޒްލާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

ނަމަވެސް އޭގައި ކޮންމެ މަހަކުވެސް ޒައިންއަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ހުރެ ބާކީ ވާތީ، ނަޒްލާ އެވަހަކަ އާސިމް ގާތު ބުންޏެވެ. އަދި އެބައި އާސިމްއަށް ދޭން އުޅުނެވެ. އެހެން ނަމަވެސް އާސިމް އެއްވެސް އެހީއެއް ނުވެ އެއް އަހަރާ ދެމަސް ހިނގައްޖެ ކަމަށާއި އެއީ އެދުވަސް ތަކަށް ވީބައި ކަމަށް އާސިމް ބުނުމުން ނަޒްލާއަށް އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ.

“ދެން ހިނގާ ދޯ ދާން” ހައެއް ޖަހަން ކައިރި ވުމުން ނަޒްލާ ޒައިން އުރާލަމުން ބުންޏެވެ.

“އާސިމް ނާންނަނީސް ދަނީތަ؟ މިހާރު އަންނާނެ ކަންނޭނގެ، އަދި މަޑު ކޮށްލަބަލަ” ވަސީމާ އެދުނެވެ.

ނަޒްލާ އެއްޗެއް ނުބުނެއެވެ. މަޑު ނުކޮށް ދާން ބޭނުންވި ނަމަވެސް އެހެން ބުނަންވެސް ނަޒްލާއަށް ނުކެރުނީ ޒައިންއަށް އެދުވަހު އަދި އާސިމް ފެނިފައި ނުވާތީއެވެ. އަހަރުގެ ފަހު ކޮޅަށް ވުމުން އޮފީހުގައި އާސިމް އުޅެނީ ވަރަށް ބުރަކޮށް ކަން ނަޒްލާއަށް އެނގޭތީ އެހާ އިރުކޮށްފައި އާސިމް އަންނަ ގަޑިއަށް ޒައިން ގޮވައިގެން ގެޔަށް ދާން ނުކެރުނީއެވެ.

“ނަޒޫ، މަންމަ ވާހަކައެއް ބުނެފިއްޔާ ރުޅި އަންނާނަންތަ؟” އިރުކޮޅެއް ފަހުން ނަޒްލާ އަދި ނުދާނެކަން ޔަގީން ވުމުން ވަސީމާ އަހާލިއެވެ.

ވަސީމާ އަހާލި ގޮތުން ދައްކާނީ ކޮން ވާހަކައެއް ކަން ނަޒްލާއަށް އެނގުނެވެ. އެއީ އަޑު އަހަން ބޭނުން ނޫން ވާހަކައެއް ނަމަވެސް ނަޒްލާ ދެފަރާތަށް ބޯހަލުވާލީ ރުޅިއެއް ނާންނާނަމޭ ބުނުމުގެ ގޮތުންނެވެ.

“ނަޒޫ އަދިވެސް އާސިމްއާ މެދު ވިސްނާލުން މަންމަ ވަރަށް އެދެން… ހަމަ އެކަނި އާސިމްއާ މެދަކު ނޫން، އަމިއްލަ ނަފްސާ މެދުވެސް…” ވަސީމާ އެބުނަނީ ނަޒްލާ އާސިމްއާ ކައިވެނި ކުރަން ވަސީމާ އެދޭ ވާހަކަ ކަން ނަޒްލާއަށް އެނގެއެވެ. ޖަވާބެއް ނުދީ އިނީ އެހެން ވެގެންނެވެ.

“ޒައިން، ހިނގާ ކުޑީއާ އެކީ ޓެރެސްއަށް ގޮސްލަން ދޯ؟” އަސްމާ އެވަގުތު ޒައިން އުރާލަމުން އެހެން ބުނީ އިތުރު ބަޔަކު ނެތި  ވަސީމާއަށް ނަޒްލާއާ އެވަހަކަ ދައްކަން ފުރުސަތު ދޭން ވެގެންނެވެ.

“ސިމީ، މަވެސް ދާނަން…” އަސްމާގެ ބޭނުން ޔުމްނާއަށްވެސް ވިސްނުމާ އެކީ އަސްމާގެ ފަހަތުން ދިޔައެވެ.

“ނަޒޫ އެހެން މީހަކާ އިންނަން އުޅޭ ނަމަ މަންމަ މިވާހަކައެއް ނުދައްކާނަން. ނަޒޫ އެގޮތް އެދޭ ނަމަ މަންމަގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު މިހާރު… އެހެން އެކަކާ މެދު ނުވިސްނިޔަސް ޒައިންއަށް ޓަކާ ނަމަވެސް…” އެވާހަކަ ނުދައްކަން ހުރި ނަމަވެސް ވަސީމާއަށް އެދުވަހު ނަޒްލާ ގާތު އެހެން ބުނެވުނީ ނަޒްލާއާ އާސިމް އެކީގައި އުޅޭ ތަން ދެކެން ހިތް އެދޭ ވަރުންނެވެ.

“އަހަންނަށް ކޮށްދެވޭނެ ކަމަކަށް ސިމީ މަންމަ އެދުނު ނަމަ ސިކުންތަކަށްވެސް ފަސް ނުޖެހި އާއެކޭ ބުނާނަން، އެކަމަކު… އަހަންނަށް އާސިމް ބަލައިގަނެވޭނީ ހަމަ އެކަނި އަހަރެންގެ ދަރިފުޅުގެ ބައްޕަގެ ގޮތުގަ، އެއަށް ވުރެ އިތުރަށް އަހަރެން ކައިރިން ނޭދުނިއްޔާ ސިމީ މަންމަ ދެރަ ވާކަހަލަ ޖަވާބެއް އަހަރެން ދޭކަށް ނުޖެހޭނެ” ވަސީމާގެ އަތުގައި ހިފާލަމުން ނަޒްލާ ބުންޏެވެ.

“އެކަމަކު ނަޒޫ…” ވަސީމާ އަދިވެސް އެވާހަކަ ދައްކަން އުޅުނެވެ.

“ޕްލީޒް ސިމީ މަންމާ. އަހަންނަށް ކޮށް ނުދެވޭނެ ކަމަކަށް އަހަރެން ކައިރިން ނޭދޭ” ނަޒްލާ އެދުނެވެ.

“އެންމެ ރަނގަޅު. ދެން ނުބުނާނަން” ވަސީމާ އެވާހަކަ ހުއްޓާލިއެވެ.

“އަންނާނަން ސިމީމެން ކޮބާތޯ ބަލާލާފަ” ނަޒްލާ ތެދުވިއެވެ.

ނަޒްލާ މައްޗަށް އެރި އިރު އަސްމާއާ ޔުމްނާއާ އެކީ ވަސީމާ ދިން ރިމޯޓު ކާރު ދުއްވަން ޒައިން އުޅެއެވެ. ރިމޯޓަށް ފިތާލުމުން ބޮކިތައް ދިއްލެމުން އަޑު ގޮއްވަމުން ކާރު ދުވަން ފެށުމާ އެކު ޒައިން ހީގަނެއެވެ. ޒައިންގެ އެލޯބި ހުނުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ނަޒްލާގެ ހިތަށް ބަޔާން ކޮށްދޭން ނޭނގޭ ފަދަ އުފަލެއް އިހުސާސް ކުރެވެއެވެ.

“އައްދޭ! މަންމިގެ ސްވީޓްހާޓް ހާދަ ވަރަކަށް ހެނީ” ނަޒްލާ ބުނެލިއެވެ.

ކާރުގެ ފަހަތުން ދުވެދުވެ ހުރި ޒައިން ނަޒްލާގެ އަޑު އިވުމާ އެކު ދުވެފައި އައިސް ނަޒްލާގެ އަތުގައި ހިފައިގެން ގޮސް ކާރު ދައްކާލިއެވެ. އަދި ރިމޯޓުން ކާރު ދުވާ ގޮތް ދައްކާލިއެވެ.

“އާޗާ! ވަރަށް މޮޅު ކުއްޖެއް…” އަތް ޖަހާލަމުން ނަޒްލާ ބުންޏެވެ. އަދި ޒައިން ކައިރިއަށް ތިރިވެލަމުން ޒައިން ގައިގައި ބައްދާލިއެވެ.

“ނަޒޫ…” ޔުމްނާ އެއްޗެއް ބުނަން އުޅުނެވެ. ނަޒްލާ އެނބުރިލަފައި ޔުމްނާއަށް ބަލާލިއެވެ. އެވަގުތު ޔުމްނާއާ އަސްމާގެ މެދުގައި ބަދަލުވި ބަލާލުމުން ދެކެވުނު ވާހަކަ ނަޒްލާއަށް ވިސްނުނެވެ. ޔުމްނާއާ އަސްމާވެސް ނަޒްލާއާ އާސިމްގެ ވާހަކަ ދައްކަން އުޅޭކަން ނަޒްލާއަށް ޔަގީން ވިއެވެ. އިތުރަށް އެވާހަކަ ދައްކާކަށް ނަޒްލާ ބޭނުމެއް ނޫނެވެ.

“ހިގާ ދާން ޔުމް، އިރު އޮއްސިދާނެ” ޒައިން އުރާލަމުން ނަޒްލާ ބުންނެވެ.

“އަދި މަޑު ކޮށްލަބަލަ ނަޒޫ…” އަސްމާ ނަޒްލާ ހުއްޓުވަން އުޅުނެވެ.

“ނޫން، ދެން މިއަދަކު ނޫން. މާލަސް ވެދާނެ، ޒައިންއަށް ކާންދޭ ގަޑި ޖެހެނީ މިހާރު” ޒައިން ގޮވައިގެން ނަޒްލާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ.

އަސްމާއާ ޔުމްނާ އެކަކު އަނެކަކަށް ބަލާލާފައި ނަޒްލާގެ ފަހަތުން ދިޔައެވެ.

ސިޑިން ތިރިއަށް ފޭބުމާއެކު ޒައިން ފައިބަން ވެގެން ތެޅިގަތެވެ.

“ބައްޕާ… ބައްޕާ…” ޒައިން އަޑުގެ ކޮޅަށް ގޮވާލިއެވެ.

ޒައިން ފައިބަން އެހާ ވަރެއް ދައްކާލީ ކީށްވެކަން ނަޒްލާއަށް އެނގުނީ ޒައިން އެހެން ގޮވާލުމުންނެވެ. ގެޔަށް ވަދެވަދެ ހުރި އާސިމްވެސް ޒައިންގެ އަޑަށް އެދިމާއަށް ބަލާލާފައި ޒައިން ފެނުމުން ހެވިފައި އައިސް ޒައިންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެއާއެކު ޒައިންވެސް އާސިމްއާ ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. އާސިމް ފެނުމާ އެކު ނަޒްލާ ހަނދާންވީ ވަސީމާ ދެއްކި ވާހަކައެވެ.

“ބައްޕަގެ ޒައިން ކިހިނެއްތަ؟” އާސިމް ޒައިން އުރާލަމުން އަހާލިއެވެ.

“ބޫން ދުއްވަން… ބޫން ދުއްވަން…” އާސިމް ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޒައިން އަތުގައި އޮތް ކާރާ ރިމޯޓް އާސިމްއަށް ދައްކާލިއެވެ.

“ބޫން ދުއްވަންވީ؟” ހީލަމުން އާސިމް އަހާލިއެވެ. ޒައިން އަވަސް އަވަހަށް ބޯޖަހާލިއެވެ.

“މިއަދަކު ނޫން ދޯ؟ ފަހުން… ޒައިންގެ ޑިނަރ ޓައިމް، ބަކުން ކާ ގަޑި ޖެހެނީ، މިހާރު ގެޔަށް ދާންވީ” ގަޑި ބަލާލަމުން  އާސިމް ބުންނެވެ.

“ބޫން ދުއްވަން…” ޒައިން އަނެއްކާވެސް އެހެން ބުނީ ރިމޯޓް ކާރު ދުއްވާ ހިތުންނެވެ.

“ގެޔަށް ގޮއްސަ ދުއްވާނީ” ނަޒްލާ ޒައިންގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ބުންޏެވެ.

“ނޫން… ބައްޕަ ބޫން ދުއްވަން…” ޒައިން ބޮޑާ ހާކާލަމުން އޭނަ ކާރު ދުއްވަން ބޭނުން ވަނީ އާސިމްއާ އެކީ ކަން އަންގާލިއެވެ.

ނަޒްލާ ހިނި އައިސްފައި އާސިމްއަށް ބަލާލިއެވެ.

“ހާދަ ވަރުގަދަ ބޫނެކޭ ދޯ! ކާކުތަ ސްވީޓްހާޓްއަށް ބޫނެއް ދިނީ؟” ނަޒްލާ ޒައިންއަށް ލޯބިން ކިޔާ ނަން އާސިމްވެސް ބޭނުން ކޮށްލިއެވެ.

“މާމަ” ޒައިން ވަގުތުން ޖަވާބު ދިނެވެ.

“އާދޭ ދެން ގެޔަށް ދާން…” ނަޒްލާ ޒައިންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ނަމަވެސް ޒައިން އަނެއް ފަރާތަށް އެނބުރި އާސިމް ގައިގައި ބައްދާލިއެވެ.

“އާދައިގެ ކަމެއް ނޫން ދޯ މީކީ؟ މަންމަ ހާދަ ވަރުގަދަ ބޫނެކޭ ޒައިންއަށް ދީގެން މިއުޅެނީ” އާސިމް ބުނެލިއެވެ.

ނަޒްލާ ހަދަ ކަމުން ކަހަލަ ގޮތަކަށް އާސިމް އަތުން ޒައިން ނަގާ އުރާލިއެވެ. އެއާއެކު ޒައިން ރޯން ފެށިއެވެ. ދެތިން ފިޔަވަޅު ކުރިޔަށް އަޅާފަވެސް ނަޒްލާ ހުއްޓުނެވެ. އެވަރަށް ޒައިން ރޮއްވާކަށް ނަޒްލާއަކަށް ނުކެރުނެވެ. އެނބުރިފައި ގޮސް އާސިމް އަތަށް ޒައިން ދިނެވެ.

“ދެން ހުއްޓާލާ ދޫނީ…” ނަޒްލާ ދެއަތުން ޒައިންގެ ލޮލުން އައި ކަރުނަ ފޮހެލިއެވެ.

“ލަސް ވާނެއެއްނު…؟” އާސިމް ބުންޏެވެ.

“ލަސް ވިޔަސް ޒައިން އެވަރަށް ރޮނިކޮށް ނުކެރޭނެ ދާކަށް” ނަޒްލާ ބުންޏެވެ.

“ދެން ކާން ދޭން ކިހިނެއް ހަދާނީ؟” އާސިމް އެހިއެވެ.

“ޔޯގަޓް ގަންނާނީ…” ނަޒްލާ ޖަވާބު ދިނެވެ. އަދި ސިޑީގެ މެދެއްހާ ހިސާބުގައި މަޑުކޮށްލައިގެން ތިބި އަސްމާ އަށާ ޔުމްނާއަށް ބަލާލީ ނަޒްލައާ އެކީ ފިހާރައަށް ދާން އަންނާށޭ ބުނަން ވެގެންނެވެ. ނަމަވެސް އެދެމީހުން ނަޒްލާއަށާ އާސިމްއަށް ބަލަން ތިބި ގޮތުން ނަޒްލާ އަނެއްކާވެސް ވަސީމާ ދެއްކި ވާހަކަ މަތިން ހަނދާން ވިއެވެ.

ނަޒްލާއާ ދާދި ކައިރީގައި އެދެމީހުންގެ ދަރިފުޅު އުރާލައިގެން އެދަރިފުޅާ ސަކަރާތް ޖަހަން ހުރި އާސިމްއާ ދިމާއަށް ނަޒްލާއަށް ބަލާލެވުނެވެ. އެއާ އެކު އެދެމީހުން ތިބި ގޮތުން ޔުމްނާމެންނަށާ އަދި އެދިމާއަށް ބަލަން ހުރި ކޮންމެ މީހަކަށްވެސް އެމަންޒަރު ފެންނާނެ ގޮތް ނަޒްލާއަށް ސިފަ ކުރެވުނެވެ. އެއީ ތިން އަހަރު ކުރިން ނަޒްލާ ދެކުނު ހުވަފެނެވެ. އާސިމްއާ އެކު އުޅެވޭނެ ކަމަށް ހީކުރި ދިރިއުޅުމުގެ ތަސްވީރެވެ. އާސިމްއާ ނަޒްލާއާ އެދެމީހުންގެ ލޯބި ދަރިފުޅެވެ.

ނަމަވެސް އެއީ އޭރު ނަޒްލާ ހުވަފެނުގައި ދެކުނު ތަސްވީރާ މުޅިން ތަފާތު ތަސްވީރެކެވެ. ނަޒްލާގެ ހިތަށް އެތަސްވީރު ސިފަވަނީ އެއްވެސް ކުލައެއް ނެތިއެވެ. ހުވަފެނުގައި ފެނުނު ރީތި ކުލަތަކެއް ހަގީގަތުގައި އެތަސްވީރަކުން ނުފެނެއެވެ.

“ނަޒޫ…؟” އާސިމް ގޮވާލި އަޑަށް ނަޒްލާ ސިހުނެވެ.

“އެބަ އަންނަން…” އާސިމް ބަލަން ހުރި ގޮތުން ނަޒްލާއަށް އުނދަގޫ ވިއެވެ. އަވަސް އަވަހަށް ޔުމްނާއަށާ އަސްމާއަށް ގޮވާލަމުން ނަޒްލާ ބޭރަށް ނިކުތެވެ.

 

އެރޭ ނަޒްލާއަށް ގެޔަށް ދެވުނީ ހަތެއް ޖެހި ފަހުންނެވެ. ނަޒްލާމެންނާ އެކީ އަސްމާވެސް ނަޒްލާމެން ގެޔަށް އައެވެ.

ގެޔަށް ދިޔަ ގޮތަށް ނަޒްލާ އަވަސް ވެގަތީ ޒައިންގެ ގައި ދޮއްވާލާފައި ނިންދެވުމަށެވެ. ނަޒްލާ ކޮޓަރިއަށް ވަނުމުން އަސްމާއާ ޔުމްނާ ސިޓިންގރޫމްގައި އިރުކޮޅަކު މަޑުކޮށްލީ ވާހަކަ ދައްކާލާށެވެ. އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއް ދައްކާ ނިމުމުން ދެމީހުން އެކީގައި ނަޒްލާގެ ކޮޓަރިއަށް ވަން އިރު ނަޒްލާ އިނީ އުނގުގައި ޒައިން ބާއްވައިގެން ނިންދަވާށެވެ.

ޔުމްނާއާ އަސްމާ ވަދެ ނަޒްލާގެ އެނދުގައި އިށީނެވެ. ނަޒްލާ އެދެމީހުންނަށް ބަލާލިއެވެ. އެދެމީހުންގެ ސިކުނޑީގައިވެސް ކަންތައްގަނޑެއް ހިނގާކަން ނަޒްލާއަށް ވިސްނުނެވެ.

“ނަޒޫ… އަސްލު އަހަރުމެން މިރޭ މިއައީ ވާހަކައެއް ދައްކާލަން ވެގެން” އެކަކު އަނެކަކަށް ބަލާލާފައި ވާހަކަ ދައްކަން ފެށީ އަސްމާއެވެ.

“އަހަރުމެން ދެމީހުންވެސް—” ޔުމްނާވެސް ވާހަކައިގައި ބައިވެރި ވިއެވެ. ނަމަވެސް ނަޒްލާ ޔުމްނާގެ ވާހަކަ މެދު ކަނޑާލިއެވެ.

“އަހަންނަށް އެނގިއްޖެ ތިދެމީހުން ކަމެއް އެބަ ރާވާކަން… ދައްކަން ތިއުޅޭ ވާހަކަވެސް އަހަންނަށް އެނގޭ. އެކަމަކު އަހަރެން ތިވާހަކަ ދައްކާކަށްވެސް އަޑު އަހާކަށްވެސް ބޭނުމެއް ނޫން” ނަޒްލާ ބުންޏެވެ.

“އަޑު އަހާބަލަ ނަޒޫ… ޕްލީޒް” އަސްމާ އެދުނެވެ.

“ނޫން… ތިކަމުގަ އަހަރެން ގޮތެއް ނިންމިތާ މިހާރު ކިތަންމެ ދުވަހެއް” ނަޒްލާ އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

“ނަޒޫ ހަމަ ގޮތް ދުލެއް ނުކުރާނަން ދޯ؟” އަސްމާ އަހާލީ އިރުކޮޅެއް ފަހުންނެވެ.

“ނަޒޫއަކީ ގޮތުގަ ހިފަހައްޓާ މީހެކޭ، ދޯ ނަޒޫ؟ ބުނެވިއްޖެ ބަހެއް އެހާ ފަސޭހައިން ދޫކޮށްލާކަށް ނުވާނެ! ސިމީއަކަށް އެކަމެއް ނޭނގޭތަ؟” ޔުމްނާ ބުނެލިއެވެ.

އެންމެ ގާތް ދެރަޙުމަތްތެރިންވެސް ނަޒްލާއާ މެދު ހިތްހަމަ ނުޖެހުނުކަން ނަޒްލާއަށް އެނގުނެވެ. ނަމަވެސް އެއްޗެއް ނުބުނެ އިނެވެ.

“ނަޒޫ ހީކުރީތަ އަހަރުމެންނަށް އެކައްޗެއްވެސް ނޭނގޭނެޔޭ؟ ނަޒޫ ނުބުންޏަސް ހުރިހާ އެއްޗެއްވެސް އެނގޭ. އާސިމްގެ ލޯތްބަށް ނަޒޫގެ ހިތް އެދި ރޯއިރުވެސް ނަޒޫ ތިހުންނަނީ އެކަމާ ދެކޮޅު ހަދަހަދާ. އަދިވެސް އޭނަ ދެކެ އެހާ ވަރަށް ލޯބި ވާއިރުވެސް އޭނަޔާ ދުރަށް ދާން ތިމަސައްކަތް ކުރަނީ. ކޮބާތަ ތީގެ ބޭނުމެއް؟” ނަޒްލާއާ މެދު ހިތްހަމަ ނުޖެހި އިނދެ ޔުމްނާ ޝަކުވާ ކުރިއެވެ.

“އެއްވަރުގެ ދެމީހުންނޭ… ކެތް ނުވާއިރުވެސް ނަޒޫ ތިހުންނަނީ ގޮތް ދޫނުކުރަން. އަނެއް ކޮޅުން ތުއްތުބޭވެސް އެހުންނަނީ… އަހަންނަށް ޔަގީން ތުއްތުބޭ އެއްޗެއް ނުބުނާނެކަން މަރުވިޔަސް—”

“ސިމީ!” އަސްމާއަށް އެހާ ހިސާބަށް ބުނެވުމާ އެކު ނަޒްލާއަށް ގޮވާލެވުނެވެ.

“ނަޒޫއަށް ކޮން ކަމެއްތަ މީހަކަށް ކޮންމެ ގޮތެއް ވިޔަސް؟” ޔުމްނާ ބުނެލިއެވެ.

“އަހަރެން އެހެން ބުނި އަޑުވެސް ނަޒޫއަކަށް ނޭހުނު… ދެން ބުނެބަލަ! ތީ ލޯތްބެއް ނޫންތަ؟” އަސްމާ އަހާލިއެވެ.

“ނަޒޫ، އާސިމްއަށް މާފު ކޮށްބަލަ ދެން” ޔުމްނާ މަޑު މަޑުން ބުންޏެވެ.

“ހަތް މަސް ކުރިން އަހަރެން އާސިމްއަށް މާފު ކޮށްފިން” ނަޒްލާ އިންގޮތަށް އިސްޖަހައިގެން އިނދެ ބުންނެވެ.

“ތީ މާފެއް ނޫން… ތީ ނަޒޫ އަމިއްލަ ހިތަށާ އާސިމްގެ ހިތަށްވެސް ދޭ އަނިޔާއެއް” ޔުމްނާ ބުނެލިއެވެ.

“ޕްލީޒް ނަޒޫ… ތުއްތުބޭއަށް މާފު ކޮށްބަލަ… އޭނަ ދެކެ ލޯބިވާކަން ސިއްރު ނުކޮށް އެކަން ފާޅު ކޮށްބަލަ…” އަސްމާ ނަޒްލާގެ އަތުގަ ހިފާލަން އުޅުނެވެ. ނަމަވެސް ނަޒްލާ އަތް ދުރަށް ޖައްސާލަމުން އިސް އުފުލާ ކަރުނައިން ފުރިފައިވާ ލޮލަކުން ޔުމްނާއަށާ އަސްމާއަށް ބަލާލިއެވެ.

“ތިހެން ބުނަން ވަރަށް ފަސޭހަ ވާނެ، އަހަންނަށް އެނގޭނީ އާސިމް ހެދި ގޮތް ހަނދާން ވިމަ މިއަދުވެސް އަހަންނަށް ވާގޮތް… ހަނދާން ނައްތާލާކަށް ފަސޭހައެއް ނޫނޭ، ޔުމްމެންނަކަށް ނޭނގޭނެ އެހުރިހާ ކަމެއް ހަނދާން ވިމަ އަހަރެންގެ ހިތަށް އަރާ އެއްޗިއްސެއް… އެކަންތައް ހަނދާން ނައްތާލުން އެއީ ވާނެ ކަމެއް ނަމަ މިހާރު އަހަރެން އެހުރިހާ ކަމެއް ހަނދާން ނައްތާ ލާނެތާ ކިތަންމެ ދުވަހެއް…” ނަޒްލާއަށް ރޮވުނެވެ.

“އަހަރުމެންނަށްވެސް އެނގޭ ހަނދާނެއް ނުނެތޭނެކަން، ވިސްނެޔޭ ނަޒޫއަށް ވާނެ ގޮތް…” އަސްމާ ނަޒްލާގެ އަތުގަ ހިފާލިއެވެ. ނަމަވެސް ނަޒްލާ އަތް ދަމައިގަތެވެ.

“ނުވިސްނޭނެ! ވިސްނޭ ނަމަ ތިހެންނެއް ނުބުނާނެ” ނަޒްލާ ބުނެލިއެވެ. އަދި ލޯ ފޮހެލާފައި ނިދިފައި އޮތް ޒައިން ނަގާ އެނދުގައި ބާއްވާފައި ކޮޓަރިން ނިކުތެވެ.

“ކީށްވެތަ ނަޒޫއަށް ނުވިސްނެނީ…؟” ނަޒްލާ ދިޔުމުން އަސްމާއަށް އަހާލެވުނެވެ.

“ނަޒޫ ބުނިހެން އަހަރުމެންނަށް ކަންނޭނގެ ނުވިސްނެނީ… އެހާ ލޯބި ވާތީ ހަނދާން ނައްތާލަން އުނދަގުލީވެސް…” ވިސްނާލަމުން ޔުމްނާ ބުންޏެވެ.

 

އެރޭ ނިދަން އޮތްއިރުވެސް ނަޒްލާއަށް ވިސްނެނީ ވަސީމާ ދެއްކި ވާހަކައާ މެދުގައެވެ. ކޮޓަރީގަ އިންއިރު އަސްމާއާ ޔުމްނާ ދެއްކި ވާހަކައާ މެދުގައެވެ.

ގޭއެނެމްނެވެސް އެދެނީ އެއްކަމެއް ކަން ނަޒްލާއަށް އެނގެއެވެ. ނައީމާވެސް އެތައް ފަހަރަކު ނަޒްލާ ގާތު އެވާހަކަ ދައްކައިފިއެވެ. ނުވަތަ ދައްކަން އުޅެފިއެވެ. ނަމަވެސް ނަޒްލާ އެވާހަކަ އަޑު އަހާކަށް ބޭނުމެއް ނުވެއެވެ.

ނަޒްލާ ރީހާން ކައިރީގައި ބުނީ ތެދެކެވެ. އާސިމް ނޫން މީހެއް ދެކެ ނަޒްލާއަކަށް ލޯތްބެއް ނުވެވޭނެއެވެ. މައްސަލަ އަކީ އެހެން އެންމެންނަށްވެސް އެކަން އެނގޭތީއެވެ. އެކަން ނަޒްލާއަށް ޔަގީންވާ ފަދައިން ނަޒްލާއާ އެންމެ ގާތް މީހުންނަށްވެސް އެކަން ޔަގީން ވާތީއެވެ.

ސައީދު ދުނިޔޭގަ ހުރިނަމަ އެކަމާ ބެހޭ ގޮތުން ބުނާނީ ކީކޭ ބާއޭ ނަޒްލާ ހިތށް އެރިއެވެ. ގައިމުވެސް ނަޒްލާ ނުރުހޭ ކަމެއް ކުރާކަށް ސައީދު ނަޒްލާއަކަށް ބާރެއް ނާޅާނެއެވެ.

ސައީދު މަތިން ހަނދާން ވުމާއެކު ނަޒްލާގެ ލޮލުން ކަރުނަ އައެވެ. ކުރިއަށް ދާންވީ މަގު ނަޒްލާއަށް ދައްކައިދޭން މިއަދު ސައީދު ދުނިޔޭގަ ހުރި ނަމައޭ ނަޒްލާގެ ހިތަށް އެރީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ.

 

އަނެއް ދުވަހު އޮފީހަށް ގޮއްސަވެސް ނަޒްލާއަށް ވިސްނެނީ އެކަމާއެވެ. އެއްވެސް މަސައްކަތެއް ކުރާ ހިތް ނުވެފައި ނަޒްލާ އިނެވެ.

ރީހާން އައިސް ނަޒްލާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީން އިރުވެސް ނަޒްލާ އިނީ އަމިއްލަ ހިތާ އެކިއެކި ސުވާލުތައް ކުރާށެވެ.

“ހާދަ ވަރުގަދަ ވިސްނުމެއްގަ ތީނީ؟” ރީހާން އަހާލިއެވެ.

“ޖަވާބު ނުލިބޭނެ ސުވާލުތަކެއް ސިކުނޑީގަ އެނބުރެނީ…” އަތުގަ އޮތް ގަލަން މޭޒުމަތީ ބާއްވާލަމުން ނަޒްލާ ބުންޏެވެ.

“ކޮން ކަހަލަ ސުވާލުތަކެއް؟” ނަޒްލާ ވިސްނަނީ ކޮން ކަމަކާތޯ ބަލަން ރީހާން ބޭނުންވިއެވެ.

“ދެން އެކި ފާޑުފާޑުގެ ސުވާލު… ރީހާން ބުނެބަލަ، ކަމަކުތަ؟” ނަޒްލާ އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

“ކަމަކު ނޫން. ނަޒޫ ވާހަކަ އޮޅުވާ ނުލާ ބުނެބަލަ! ކޮން ކަމަކާތަ ތިވަރަށް ތިވިސްނަނީ؟ އަހަންނަށްވެސް އެހީއެއް ވެވިދާނެއެއްނު؟ ނޫނީ އަހަންނަކީ އެއަށް ވުރެ ދުރު މީހަކީތަ؟” ރީޙާން އެހިއެވެ.

ނަޒްލާ ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.

“ރީހާން ދުރު މީހަކަށް ވެގެންނެއް ނޫން… އެކަމަކު އަހަންނަކަށް ހިއެއް ނުވޭ ރީހާންއަކަށްވެސް މިކަމުގަ އެހީއެއް ވެވިދާނެ ހެންނެއް” ނަޒްލާ ބުންޏެވެ.

“ބުނެބަލަ އިހަށް، އޭރުންނެއްނު އެނގޭނީ؟” ރީހާން އަދިވެސް ބޭނުން ވަނީ ނަޒްލާ އެހާ ކަންބޮޑު ވަނީ ކޮން ކަމަކާތޯ އޮޅުން ފިލުވާށެވެ.

“ކީށްވެތަ އަހަރެން ކުރަން ބޭނުން ނުވާ ކަމެއް ކުރަން އެންމެން އަހަންނަށް ފޯސް ކުރަނީ؟ ނޫނެކޭ ބުނީމަ އެމީހުން ހުއްޓާ ނުލަނީ ކީށްވެތަ؟ އަހަރެންގެ ދިރިއުޅުމުގެ ކަންތައް ނިންމަން އަހަންނަށް ދޫކޮށްލިއްޔާ އެއީ ގޯހެއްތަ؟” ހިތުގައި އެނބުރެމުން ދިޔަ އެތައް ސުވާލުތަކެއްގެ ތެރޭން ދެތިން ސުވާލެއް ނަޒްލާ ރީހާންއަށް އަޑު އިއްވާލިއެވެ.

“ގޭ މީހުން ކޮން ކަމަކަށްތަ ނަޒޫއަށް ފޯސް ކުރަނީ؟” އެއީ ކޮން ކަމެއްކަން ކޮންމެވެސް ވަރަކަށް އެނގުނު ނަމަވެސް ރީހާން އަހާލިއެވެ.

“ރީހާން އަޑު އަހާކަށް ބޭނުމެއް ނުވާނެ މިވާހަކައެއް” އެއީ ރީހާންއަށް އަޑު އަހަން ފަސޭހަ ވާހަކައަކަށް ނުވާނެ ކަން އެނގޭތީ ނަޒްލާ ބުންޏެވެ.

“އައިމް ޔޯ ފްރެންޑް، ޝެއަރ ވިތް މީ… އެނގިދާނެތާ ވާގޮތެއް” ރީހާން ބުންޏެވެ.

“ތީ ފްރެންޑެއް ނޫން، ފްރެންޑަކަށް ވުރެ ސްޕެޝަލް މީހެއް ތީ… މިވާހަކަ ދައްކައިގެން އަހަރެންގެ ފަރާތުން ރީހާންއަށް އިތުރު ހިތްދަތި ކަމެއް ދޭކަށް ބޭނުމެއް ނޫން” ނަޒްލާ ރީހާންއަށް ބަލާލަމުން ބުންޏެވެ.

“ވަރަށް އުފާ ވެއްޖެ ނަޒޫއަށް އަހަރެން ފްރެންޑަކަށް ވުރެ ސްޕެޝަލް ވީތީ. އެންޑް ދެޓް އިޒް އިނަފް ފޯރ މީ. އަހަރެން އަބަދުވެސް ނަޒޫގެ އުފަލަށް އެދޭނަން. ނަޒޫގެ ހިތުގަ ތިވާ ހުރިހާ އެއްޗެއް އަހަންނާ ޝެއަރ ކޮށްގެންވެސް ނަޒޫއަށް ހަމަޖެހުމެއް ލިބެންޏާ އެއީ އަހަރެން އެދޭ ކަމަކީ. ދެން ބުނެބަލަ، ކޮބާތަ މައްސަލައަކީ؟”

ރީހާންގެ ވާހަކަ އަޑު އަހާފައި ނަޒްލާ އުފާވި ވަރަށް ދެރަވެސް ވިއެވެ. އަމިއްލަ އުފަލަށް ވުރެން ރީހާން ނަޒްލާގެ އުފާ އިސް ކުރާހެން ނަޒްލާއަށްވެސް ރީހާންގެ އުފަލާ މެދު ވިސްނޭނެ ނަމައޭ ހިތަށް އެރިއެވެ.

ނަޒްލާއާ އެއްކޮޅަށް ހުންނާނެ މީހަކާ ވާހަކަ ދައްކާލަން ނަޒްލާ ވަނީ ބޭނުން ވެފައެވެ. ރީހާން އެދިން ފުރުސަތުގެ ބޭނުން ކުރަން ނަޒްލާ ނިންމީ އެހެން ވެއެވެ.

“މިތާކު ނުދެއްކޭނެ އެވާހަކައެއް” ނަޒްލާ ބުންޏެވެ.

“ހިނގާ ބްރޭކްއެއް ނަގަން؟” ރީހާން ބުންޏެވެ.

 

“މަންމަވެސް، ގޭ އެހެން މީހުންވެސް ބޭނުން ވަނީ އަހަރެން އާސިމްއާ މެރީ ކުރަން. އާސިމްގެ މަންމަވެސް އިއްޔެވެސް އެވާހަކަ ދެއްކީ. އަހަރެން އެކަމާ ވިސްނިޔަސް ހިތް އެއްބަހެއް ނުވޭ… ޒައިންއަށް ޓަކާ އާސިމްއަށް މާފު ކުރިޔަސް ހިތަކުން ނުފިލާ…

ރީހާން ބުނެބަލަ، އެހެން ހަދައިގެން އަހަރެން ޒައިންއަށް ދެރަ ގޮތެއްތަ މިހަދަނީ؟” ނަޒްލާ ހިތުގަ ވާ ހުރިހާ އެއްޗެއް ރީހާންގެ ކުރިމަތީ ހާމަ ކޮށްލިއެވެ.

“އަހަންނަށް ހީވާ ގޮތް ބުނަންތަ؟ ނަޒޫ ޒައިންއަށް ޓަކާ އާސިމްއަށް މާފު ކޮށްފީމޭ ބުންޏަސް، އަދި ހިތުގެ އަޑިން މާފު ނުކުރެވެނީ. އެހެން ނޫން ނަމަ އޭރުގެ ކަންތައް ނަޒޫގެ ހިތުގަ މިހާރަކު ނޯންނާނެ” ރީހާން ބުންޏެވެ.

ނަޒްލާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 12

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 48

Next
March 15, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 48

Previews
March 14, 2016

ފުންއަސަރު 12

16 Comments!

  1. roassy says:
    March 15, 2016 at 8:28 pm

    maafukurevidhaane ekam hithun ehves kameh filuvumaky vaanekameh nun

  2. roassy says:
    March 15, 2016 at 8:29 pm

    me 1st dho

  3. Zaanaa says:
    March 15, 2016 at 8:36 pm

    Varah ves furehama

    1. sam says:
      March 15, 2016 at 8:41 pm

      V v v v salhi

  4. princess says:
    March 15, 2016 at 8:39 pm

    Wowwww marsha haadhahaa ey rythy…..nxt prt maadhandhwww…waiting

  5. Thaathu says:
    March 15, 2016 at 8:39 pm

    Wow… vahaaka v reeethi!!! Haadha asarugadhaey

  6. laimaan says:
    March 15, 2016 at 8:46 pm

    V reethi

  7. Aayaa says:
    March 15, 2016 at 9:10 pm

    V rythi

  8. Rora says:
    March 15, 2016 at 9:23 pm

    Sahi ey. Aasim ah igeh naxu dheyny..

  9. shame says:
    March 15, 2016 at 10:58 pm

    hmm dhn marsha hama badhaleh nyukuraanan dhw. k but lost interest in this story

  10. Appy says:
    March 15, 2016 at 11:54 pm

    Vaahaka v rythi dhn ekam ryhaan n naxu nugulhuvaathi

  11. Aisha says:
    March 16, 2016 at 12:33 am

    Marsha vaahaka up koh dhyba miulheny vaahaka kiyaa hithun lolah nidhi naasgney

  12. sum says:
    March 16, 2016 at 6:08 am

    aasim ves kantha kury rangalha … naxoo aa aasim marry kurinama kaiveni sahha nuvaane … hama ithuru faafa thake dhn vaany ….aasim ehkani eh noon dhw kurannujehey kameh kury naxoo ah ves hama aasim dhuru kurevidhaane… stry nimun reethi vaane naxoo aa aasim gulhuvyma … stry vrh reethi

  13. princess shaal says:
    March 16, 2016 at 2:39 pm

    v.rythi mi part vs waiting 4 next part…

  14. princess shaal says:
    March 16, 2016 at 5:14 pm

    plz avahah up koh dhyba…

  15. naax says:
    March 16, 2016 at 8:07 pm

    Wow vaahaka varah reethi

Comments are closed.

Next Episodeނިމިދާނެ ޖާނާ ހިތާ 20←


All Right Reserved!