Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު – 14

leafy Level 210 Stories100 Login
March 23, 2026 5 Mins Read
0 Comments

އެ މީހާ ކަކޫޖަހައިގެ އިން ތަނުގެ ފަހަތުގައި ބާގަނޑެއް އުފެދިފައިވާތަން ފެނުނެވެ. އެ ބާގަނޑު ފުޅާކޮށްލުމަށްފަހު އޭގެތެރެއިން ހުރަސްކޮށް ނިކުމެވުނީ ރަތްކުލައިން އުދަރެސް ދިއްލިފައިވާ ހުސް ބިމަކަށެވެ. އެތަނުގައި ކަފަތަކެއްފަދަ ތަނެއް ހުރި ދިމާއެއް ފެނުނެވެ. ވަގުތުން އެދިމާލަށް މިސްރާބުޖެހީމެވެ. ހުއްޓުމެއްނެތި ދުވުމަށްފަހު އެ ކަފަގަނޑެއްފަދަ ތަނެއްގައި އަތްޖެހުނެވެ. އެތަން އިރާލުމަށްފަހު އެތެރެއަށް ވަދެވިގެން ދިޔައެވެ. އޭރު ފެންނަން ހުރި މަންޒަރު އެހާމެ ހައިރާން ކުރުވަނިވިއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ އެތަނުން ޚިޔާލުތަކުގެ ތެރެއިން ފެންނަންހުރި މީހާގެ ސަބަބުންނެވެ. އެއީ އަހަރެންގެ ބައްޕައެވެ. ބައްޕަގެ ކައިރިއަށް ދުވެފައި ގޮސް ބައްދާލީމެވެ. ހަމައެއާއެކު އަހަންނަށް ރޮވިއްޖެއެވެ.

“ބައްޕަ ކީއްވެ އަހަންނަށް ހުވަފެން ތި ދައްކަނީ؟ ދައްކާ އެއްޗެއް އެއްފަހަރާ ނުދެއްކީ ކީއްވެ؟” އަހަރެން ކުރަންފެށީ ސުވާލެވެ. “އެއީ ދަރިފުޅަށް ބޮޑު ސިހުމަކަށް ވެދާނެތީ. ފާއިތުވީ އަށާރަ އަހަރުހެން ބައްޕަ މިއުޅުނީ ރިޒުއާނާގެ ބާރުދަށުގައި. މިތަނުން ބޭރުގައިވާ އެކަކަށްވެސް ނޭނގޭނެ ބައްޕަ ދިރިހުރިކަމެއް. ރިޒުއާނާ ދަރިފުޅުގެ ނަން ގަތީންސުރެ ބައްޕަ މި މަސައްކަތްކުރަނީ ބައްޕަ ދިރިހުރިކަން ދަރިފުޅަށް އެނގޭނެގޮތެއް ވޭތޯ! މިތަނަކުން ސަލާމަތެއްނުވި، ރިޒުއާނާ ބޭނުންކޮށްފައިވަނީ ޖާދޫގެ ވަރުގަދަ ތަޅެއް. ނަމަވެސް އެކިފަހަރުމަތިން ވަރުގަދަ ޖާދޫއެއް ބޭނުންކުރުމުން ތަޅު ބަލިކަށިވޭ. އެހެންވެ ވަކިވަރަކަށް ތަޅު ބަލިކަށިކުރުމަށްފަހު ދެން ވިސްނީ ހަވަނަ މިނުގައި ދަރިފުޅުގެ ރޫހު ހޯދުމަށް. ގިނަފަހަރަށް ނާކާމިޔާބު ވީ ނަމަވެސް މި ބައްރަށް ދަރިފުޅު އެރިފަހުން ހުވަފެނެއްގެ ސިފައިގަ ނަމަވެސް ބައްޕަ ހުރިތަނެއް ދެއްކެން ފެށުނު.” އަހަރެންގެ ބައްޕަވެސް ލޮލުން ކަރުނަ ހިލިފައި ބުންޏެވެ.

“މިހާރު ބައްޕަ ތިހުރީ ކޮންތާކު؟ އަހަރެން ހޯދަހޯދާވެސް ބައްޕަ ތި ދެއްކި ގަނޑުވަރު ހުރިތަނެއް ނޭނގުނު.” އަހަރެން ސުވާލުކޮށްލީމެވެ. “ބައްޕައަކަށްވެސް ނޭނގެ މިއީ ކޮންތަނެއްކަމެއް! ނަމަވެސް އިނގެނީ މިއީ ނިޔާމަ ހުސް ބިމެއްކަން. ބައެއް ދިމަ ދިމާލުގައި ގޮތްނޭނގޭ ގަސްތަކާއި ބިނާތައް ހުރި. ވަރަށްވެސް އަނދިރި. ދެން އިތުރަކަށް ނޭނގެ.” އެތަނެއް ތަފުސީލުކޮށްދެވޭތޯ ބެލިއެވެ. އިރުކޮޅަކުން އަހަރެންގެ ބައްޕަ ފަނޑުވާން ފެށިއެވެ. “ރިޒުއާނާ އައީ ކަންނޭނގެ!” އަހަރެންގެ ބައްޕަ ބުނެލިއެވެ. އެއާއެކު އަހަރެންނަށް ލޯ ހުޅުވާލެވުނެވެ.

މާނޭވާލެވެމުން ދިޔައެއްކަމަކު ފުންމައިގެން ކޮޅަށް ތެދުވެ، ކައިރީގައި ހުރި ކިޒަންގެ ގައިގަ ބާރަށް ބައްދައިގަނެވުނެވެ. ބައްޕަ މަރުނުވާކަން ޔަގީންވުމުން ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އޭރު ލަވީން ކިޒަންއާ ދިމާއަށް ފާޑަކަށް ބަލާލިއެވެ. ވަގުތުން ކިޒަން އަހަރެން ދުރުކުރިއެވެ. “އަހަރެންގެ ބައްޕަ ދިރި އެބަހުރި. ހުރިހާ ހުވަފެންތަކެއްވެސް އެދެއްކީ ބައްޕަ.” އުފަލުންގޮސް ރޮވެމުން ގިސްލަމުން ހުރެ ކިޒަން ކައިރީ ބުނީމެވެ.

ލަވީން ކުއްލިއަކަށް ބުނެލިއެވެ. “ތިހެން ޚިޔާލުތަކަށް ވަދެވޭނަމަ ރިޒުއާނާގެ ޚިޔާލަކަށްވެސް ވަދެވޭނެއްނު!” ވެފައި ހުރި އުފާކަން އަހަރެންގެ މޫނުމަތިން ފޮހެވިގެން ދިޔައީ ރިޒުއާނާގެ ނަން އަޑު އިވުމުންނެވެ. “އެކަމު އޭނަގެ ޚިޔާލަކަށް އަހަރެން ދުވަހަކުވެސް ނުގެންދޭ. އަހަރެންގެ ބައްޕަވެސް ސިކުނޑިއަށް ގެންދިޔައީމަ އެހާ ފަސޭހައިން ބައްޕަގެ ޚިޔާލުތަކުގެ ތެެރެއަށް ވަދެވުނީ.” އަހަރެންނަށް އިނގި ހުރި މިންވަރަކުން ލަވީންއަށް ކިޔައިދިނީމެވެ. “އެކަމު މަސައްކަތް ކޮށްލެވިދާނެއްނު ވަދެވޭތޯ!” ލަވީން އޭނާ ބުނިގޮތަށް ކަންތައްކުރުމަށް ބާރުއެޅިއެވެ.

އަނެއްކާވެސް އިށީނދެ ލޯމަރާލީމެވެ. ލަވީން ބުނިގޮތަށް ރިޒުއާނާގެ ސިފައަށް ވިސްނަމުން ދިޔައީމެވެ. އައިސްފައި ހުރި ރުޅިން މުޅި ގައިގައި ރަތް އަލިފާން ރޯވިއެވެ. ރަތް ފިޔާތޮށި އުދަރެހަށް ލޯ ހުޅުވާލެވުނެވެ. އޭރު މުޅި އެތަން ވަނީ ކަޅުވާން ފަށާފައެވެ. ކަޅު އަނދިރިތަނަކަށް ބަދަލުވިއެވެ. ވައިގަދަވިއެވެ. ރަތްކުލަ ފަނޑުވެ ދިޔައެވެ. ހަމައެއާއެކު ފިނިވެސް ވާންފެށިއެވެ. ދުރުތާގައި ހުރި ގަނޑުވަރެއް ފެނުނެވެ. އިރުގެ ޖާދޫ ބޭނުންކޮށް މަގު އަލިކުރަމުން ކުރިއަށް ދިޔައީމެވެ. އިރުގަނޑެއްފަހުން އެ ގަނޑުވަރުގެ ދޮރޯއްޓާ އަރާ ހަމަވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ތޫލި އަޑެއް ކިޔުމަށްފަހު ޓަސްކިޔާ އެ ދޮރު ހުޅުވުނެވެ.

އެތަނުގެ ހާލަތު ފެނި އަހަރެން އޯކާ ދެމެން ފެށިއެވެ. ދުވާ ވަހުން ނޯއްދަމާލަން ނުކެރެއެވެ. ގަނޑުވަރުގެ ރަސްގެފާނާއި ރާނީވެސް ވަނީ ލެއިން ތަތްތެޅިފައެވެ. ދޮރުން ފެށިގެން އަޅާފައިވާ ރަތް ދޫލައިގެ ދެ އަރިމަތީގައި ދަހަނާގައި ތިބި މީހުންވެސް ވަނީ ހަމަ އެހާލުގައެވެ. އިރުކޮޅަކުން އެތަނުގައިވާ ދޮރަކުން ރިޒުއާނާ ހިނގާފައި ނިކުތެވެ. އަދި އަތުގައިވާ ޖަވާހިރަށް ބަލައިލުމަށްފަހު އޭނާ އެތަނުން ދިޔުމަށް ދަނބުކުލައިގެ ޖާދޫ ފުއްތަކެއް ވައިގެ ތެރެއަށް ވިހުރުވާލިއެވެ. އޭނާގެ ކައިރިއަށް ޓެލިޕޮފްޓި(ޖާދޫ ދަތުރު) ވުމަށްފަހު އޭނާގެ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ކުއްލިއަކަށް ތަނުގެ މާހައުލު ފަނޑުވެ ކަޅު ގަނޑުވަރެއްގެ ކުރިމައްޗަށް ލޯ ހުޅުވާލެވުނެވެ.

ކާޅުތައް ގަނޑުވަރުގެ މަތީގައި އުދުހެމުން ދިޔައެވެ. ވައުތައްވެސް ކާޅުތަކުގެ ތިރީގައި އުދުހި އުދުހިފައި އުޅެއެވެ. މާ ދުރުނޫން ހިސާބެއްގައި އެޝްލިޕްނިއާއިން ފެނުނުފަދަ ބިޔަ ބާޒުތައްވެސް އުދުހިފައި އުޅޭތަން ފެނެއެވެ. ރިޒުއާނާގެ ފަހަތުން އަހަރެންވެސް ގަނޑުވަރުގެ ތެރެއަށް ވަނީމެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މުޅި ގަނޑުވަރުތެރެ ސިފަވެގެން ދިޔައެވެ. ފާރުތަކުގައިވާ އަލިފާނުގެ ވޮށްތައް ދިއްލާފައި ހުއްޓެވެ. ތަޚުތުގައި ޖަލުން ފިލި މީހާ އިށީނދެ އިނެވެ. ތަޚުތުގެ ކަނާތްފަޅީގައި ބޮޑު ކަޅު ބުޅަލެއް އޮތެވެ. ރިޒުއާނާ ފެނުނުހެން އޭނާ އައިސް ޖަވާހިރު އަތިލައިގަތެވެ. އަދި ބުންޏެވެ. “ހަހަހާ. ދުވަސްކޮޅަކުން އަހަރެމެން އަޒްޓިޝް ވެރިކަން ކުރާނަން!” ނުލަފާ ހިނިގަނޑެއް އެ މީހާ ޖަހާލިއެވެ. “ޒަނީން އަދިވެސް ނުބުންޏޭ އިރުގެ ޖަވާހިރު ވީތަނެއް! އެ ވަށްބުރު ފުރިހަމައެއް ނުވާނެ އެ ޖަވާހިރަކާ ނުލައެއް!” ރިޒުއާނާ ބުނެލިއެވެ. އޭރު އެ ބުޅާ ބާރާށް ހަޅޭއްލަވައިގަތެވެ.

“އަނ. އަދި އެބަ އުޅޭ އެއްކަލަ މިނާލުވެސް. އޭނައަށް ވާނުވާ އިނގޭހެންނެއް ހިއެއްނުވޭ.” ރިޒުއާނާ ބުންޏެވެ. “ތިޔަ މިނާލުއެއް ގެނެސްބަލަ މިތަނަށް. އޭރުން އޭނާގެ ބާރު ބޭނުން ކުރެވޭނެ! އޭރުން އެޝްލިޕްނެއަށް ބޭނުންވާ ބާރު ލިބޭނެ!” ތަޚުތުން ތެދުވެ އެ މީހާ ބުނެލިއެވެ. “ޒަހީރު ދެން އުޅެބަލަ، ހަނދުގެ ގަނޑުވަރަށް ދާން! އޭރުންނޭ އެ ވަށްބުރުގެ ދެވަނަފަޅި އެއްކޮށް ފުރިހަމަވާނީ!” ރިޒުއާނާ އާދޭސްކުރާ ބީދައިން ބުންޏެވެ.

އެހެން ބުނުމާއެކު އަހަރެން ދުއްވައިގަތީ ގަނޑުވަރުން ބޭރަށެވެ. އެތަނުގައިވަނީ ކަޅު އަނދިރިކަމެވެ. އެޝްލިޕްނިއާގެ ކަޅު އަނދިރިކަމާއި ދަނބުކުލައިގެ ވިލާތަކެވެ. ހަމަ އެގުގުރުމާއި ވިދުންތަކެވެ. ގަނޑުވަރާ ދުރަށް ދިޔަ ވަރަކަށް އެކި ވައްތަރުގެ މަޚުލޫޤުންތައް ފާޅުވަމުން ދިޔައެވެ. ކުއްލިއަކަށް ހިޔަޅެއްފަދަ އެއްޗެއް އައިސް އަހަރެންގެ ގައިމައްޗަށް ފުންމައިގަތެވެ. އޭތީގެ ފޭރާ ދަތް އަހަރެންގެ ބަނޑަށް ހަރާލިއެވެ. ވީ ތަދާއެކު އަހަންނަށް ހޭލެވުނެވެ. ހޭލެވުނު އިރު އަހަރެން ކިޒަންގެ އަތްމައްޗަށް ލައިގެން ދުވަނީއެވެ. ބޭއިޚްތިޔާރުގައި ބަނޑުގައި އަތްވެސް އެޅުނެވެ.

ވާހަކަ ދައްކަން އުނދަގޫވިނަމަވެސް ބުނެވުނީ ދެތިން ބަހެކެވެ. “ކިޒަން. ކިޒަން. އަހަންނަށް ހީވަނީ ރިޒުއާނާ … އެޝް…” އަހަރެންނަށް ބަލައިލެވުނީ އަހަރެންގެ ބަނޑާ ދިމާއަށެވެ. ބަނޑުގައި ބޮޑު ދެ ލޯވަޅު އެޅިފައި ހުއްޓެވެ. އޭރު ކިޒަން އަހަރެން އުރާލައިގެން ތަަޒުމީރާ ކައިރިއަށް ދިޔުމަށް މިސްރާބު ޖަހާފައިވެއެވެ. ގެންދިޔަ މަގުމައްޗަށް ލޭ އެޅެމުން ދިޔައެވެ. ލޭމަނާކުރުމަށް ފޮތި އެޅި ނަމަވެސް، ފޮތިގަނޑުވެސް ވަނީ ލެއިން ފޯވެފައެވެ. ކިޒަންގެ އަތްމަތީގައި އޮވެ އަހަރެން ބުނަން މަސައްކަތް ކުރީމެވެ. “އަހަރެން… ކިޒަން… ދެކެ…” ޖުމުލަ ފުރިހަމަ ނުކުރެވެނީސް އަހަރެންގެ ހޭނެތުނެވެ.

ކުއްލިއަކަށް ލޯ ހުޅުވާލެވުނީ އަހަރެންގެ ރަތް ފިޔާތޮށި އުދަރެހަށެވެ. އަހަރެންގެ ބައްޕަގެ ރޫހު ހޯދުމަށް މަސައްކަތް ކުރީމެވެ. ބައްޕަ އަހަންނަށް ދެއްކި ހުވަފެންތަކުގެ ތެރެއިން ގޮސް ބައްޕަގެ ހަވަނަ މިނަށް ވަދެވުނެވެ. ބައްޕަގެ ގައިގަ ބައްދައިގަތީމެވެ. “ދަރިފުޅާ ކިހިނެތް ވީ؟” ބައްޕަ ސުވާލުކޮށްލިއެވެ. “ބައްޕަ ބަންދުކޮށްފައިވާ ތަން ހޯދަނީ! ހީވަނީ އެތަން ހޯދިއްޖެހެން. އެއީ އެޝްލިޕްނިއާ ކިޔާ ތަނެއް” އަހަންނަށް ފެނުނުގޮތައް ބުނީމެވެ. “އެޝްލިޕްނިއާއޭ! ކިހިނެތް ރިޒުއާނާ ބައްޕަ އެތަނަށް ގެންދިޔައީ؟” ބައްޕަ ވަރަށް މަޑުމަޑުން ސުވާލުކުރިއެވެ.

“އެޝްލިޕްނިއާ އަކީ ކޮންކަހަލަ ތަނެއް؟ ކާކު އުފެއްދި ތަނެއް؟” ކުއްލިއަކަށް ވިސްނުމަށް އައި ސުވާލެއް ކޮށްލީމެވެ. “އެއީ ވަރަށް ނުރައްކާ ތަނެއް. އެތަނަށް ވަދެފައިވީ އެކަކުވެސް ސަލާމަތަކުން އަނބުރާ ނުނިކުމޭ. އަދި އެ ތަނަކީ ގޮތް ނޭނގޭ ތަނެއް. ތުންތުން މަތިން އައިސް އޮންނަ ގޮތުން އެތަނަކީ ހަނދާއި އިރު ބައްދަލުވާތަން. ނަމަވެސް އެޝްލިޕްނެ ވެއްޖެނަމަ މުޅި މި އަޒްޓިޝްގެ ޖާދޫތައް ގެއްލޭނެ. އަދި އާންމު ރަށަކަށް ބަދަލުވެ، ޖާދޫގެ މަސްދަރުތައް ހަލާކުވާނެ. ޖާދޫ ނެތްނަމަ އެޝްލިޕްނިއާގެ ނުރައްކާ މުޅި މި ބައްރަށް ކުރާނެ. އެތާގެ ގޮތް ނޭނގޭ މަޚުލޫގުންތައް ނިކުމެގަންނާނެ. ޖާދޫ ނެތި އެތަކެއްޗާ ހަނގުރާމަކުރުމީ މަރުވާން ދިޔުމެކޭ އެއްފަދަ ކަމެއް.” ބައްޕަ ކިޔައިދިން އިރު ކޮންމެ ޖުމުލައަކަށް އަހަރެން ބިރުގަތެވެ.

“ޖަވާހިތް ގަނޑުވަރަށް ހެދި ސިހުރަކީ އެހާމެ ވަރުގަދަ ސިހުރެއް. ބައްޕަ ހީކުރީ އެއީ އިރުގެ ގަނޑުވަރު ކަމަށްވާ ޖަވާހިތް ގަނޑުވަރު ނައްތާލުމަށް ހެދި ސިހުރެއްކަމަށް. ދުންގަނޑު އައި ދުވަހުވެސް އޭނާ ބައްޕަގެ ކަރުގައި ހިފިހެން ހަވަނަ މިނައް ދެވުނު. އެވަގުތުކޮޅުގައި ޖާދޫގެ ފޮތެއް ދަރިފުޅު އަންނާނެކަމަށް، ތަޚުތު އިމާރާތުގައި ހުރި ކުޑަ ކުތުބުޚާނާއަށް ފާޅުކުރުވިން. އެފޮތުގައި ބައްޕަ ގެއްލުމަށްފަހު ވެފައިވާ ކަންތައްތައްވެސް އެ ފޮތް އަމިއްލައަށް މަންޒަރުތައް ކުރަހާފައިވާނެހެން ހީވޭ! އެ ފޮތް ފާޅުކުރިހެން ކުއްލިއަކަށް ހަވަނަ މިނުން ނިކުމެވި ދުންގަނޑުގެ ސިފައިގަ ހުރި ޒަހީރު ސުވާލުކުރަން ފެށީ.”

“ރިޒުއާނާ ދޮންތައަށް އަސްލު ކިހިނެތް ވީ؟” އަހަރެން ސުވާލުކޮށްލީމެވެ. “އެއީ ވަރަށް ބޮޑު ވާހަކައެއް. އެއީ އޭނާގެ މައްސަލައެއް. އޭރު މިނާލްގެ މަންމަ ދަރިފުޅަށް ބަނޑުބޮޑު. އޭރު ރިޒުއާނާއަށް ގާތްގަނޑަކަށް ނުވަވަރަކަށް އަހަރު. ބައްޕަ ގަނޑުވަރުގެ ބަގީޗާތެރޭގައި ހުރި ވަގުތެއްގައި، ރިޒުއާނާ ފިލައިގެން ތަޚުތުގެ އިމާރާތުގައިވާ ލޯގަނޑަށް ވަނީ. އޭނާ ކިޔަން ނެގީ ސިހުރުގެ ފޮތެއް. އެއީ މީގެ ގަރުނުތަކެއްގެ ކުރިން މީހުންގެ އަތްތަކުން ސަލާމަތްކުރެވި ތަޅުލެވިފައިވާ ފޮތެއް. ނަމަވެސް އެދުވަހު ވާނުވާވެސް ނޭނގޭ ހާލު، ރިޒުއާނާ އެ ފޮތުގައިވާ ތަޅު ނައްޓާލީ. ދެން ބައްޕަ ގަނޑުވަރަށް ވަދެ ބެލިއިރު ރިޒުއާނާ ހުރީ އެ ސިފައިގަ. ދެ ދަޅުފަޅާ، ނިގުލެއްވެސް ލައިފަ. އޭގެ ފަހުން ރިޒުއާނާ އުޅެން ފެށީ ޖަނަވާރެއްހެން. ރިޒުއާނާ ގަނޑުވަރުން ބޭރުކުރުމަށް މިނާލްގެ މަންމަ ވަރަށް ނުރުހުންވި. ނަމަވެސް އެ ހާލަތުގައި އޭނާ ނެރެލީ. އެއީ ގަނޑުވަރުތެރޭގައި އެފަދަ ނުބައި މަޚުލޫގެއް ބަހައްޓަން ބޭނުން ނުވާތީ.” ބައްޕަ ތެދުތެދަށް ކިޔައިދިނެވެ.

“ބައްޕާ. ދެން… ޒަހީ..” ސުވާލު ނުނިމެނީސް ބައްޕަ ފަނޑުވެ ގެއްލިއްޖެއެވެ. ރަތް ފިޔާތޮށި އުދަރެހަށް ބަދަލުވިއެވެ. އެތާގައި އެތައް އިރެއް ހޭދަކުރި ނަމަވެސް އަހަރެންނަކަށް އެތަނަކުން ނުނިކުމެވުނެވެ. ކިޒަންގެ ޚިޔާލުތަކަށް ގެއްލިފައި އޮތީއެވެ. “އެ ފިރިހެންވަންތަ ހަށިގަނޑާއި އޭނާގެ ބުރުސޫރައެވެ. ލަވީންއަށްވުރެ މާ ރީތިހެން ހީވެއެވެ. ލަވީން އާއި ކިޒަންގެ ގުޅުމެއް އޮވޭބާ؟ އެ ދެމީހުން ވަރަށް ގާތް ރަހުމަތްތެރިންހެން ހީވަނީ.” އެގޮތުގައި އެތަށް އިރަކު އޮތުމަށްފަހު، ރަތް ފިޔާތޮށި އުދަރެސް ފަނޑުވެ ދިޔައެވެ.

ލޯ ހުޅުވާލެވުނީ ވަރަށް ބާރުންނެވެ. އޭރު އަހަރެން ބާއްވާފައިވަނީ ތަޒުމީރާގެ ފަރުވާ ކޮޓަރީގައެވެ. ކިޒަންވެސް ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އިނދެ އަހަރެން ބާއްވާފައިއޮތް އެނދުގައި ބޯ އަޅައިގެން އޮތެވެ. “ކިޒަން!” އަހަރެން ވަރަށް މަޑުމަޑުން ގޮވާލީމެވެ. ނަން ގޮވާލުމާއެކު އޭނާ އެނދުން ތެދުވިއެވެ. އަދި އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. “މިނާލް ކިހިނެތްތަ ވީ ހަވަނަ މިނުގައި، ކިޔައިދީބަލަ.” ކިޒަންގެ އަޑުގައި ބަލިކަށިކަމެއް ވެއެވެ. ވީ ހުރިހާ ކަމެއްގެ ތަފުސީލު ކިޒަންއަށް ކިޔައިދިނީމެވެ. އަދި ރިޒުއާނާ ވަނީ އެޝްލިޕްނިއާގައި ކަމަށް ބުނީމެވެ.

“އެ ކީއްވެ އެޝްލިޕްނިއާގައި ޖާދޫ ބޭނުން ނުކުރެވެނީ؟” އަހަރެން ސުވާލެއް ކޮށްލީމެވެ. “އަހަންނަކަށްވެސް ނޭނގެ. ނަމަވެސް ލަވީން ޚީޔާލެއް ދިން. އޭނާ ބުނިގޮތުގައި އެތަނުގައި ވަންހަނާ ބާރެއް އުޅޭކަމަށްވޭ. އަދި އެޝްލިޕްނިއާ ކައިރިއަށް ދިޔަހެން ޖާދޫގެ ބާރުތައް ފަނޑުވާނެކަމަށްވޭ.” ކިޒަން ކިޔައިދިނެވެ. “ކިތައް ދުވަސްވެއްޖެ އަހަރެން މިހެން އޮންނަތާ؟” ރަތް ފިޔާތޮށި އުދަރެހުގައި ގިނައިރު ވީމާ ސުވާލުކޮށްލީމެވެ. “ހަފުތާއެއް” ކިޒަން ބުނެދިނެވެ. އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ލޯބިން އަރިހުގާ 7

Next

ޔާނާ

Next
March 23, 2026

ޔާނާ

Previews
March 23, 2026

ލޯބިން އަރިހުގާ 7



All Right Reserved!