Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު – 13

leafy Level 210 Stories100 Login
March 17, 2026 5 Mins Read
0 Comments

އެ ތަނުގައި އަހަރެން މީހަކަށް ނުވެއެވެ. އެ މީހުން ދައްކަމުން ދިޔަ ވާހަކަ ދޭހައެއް ނުވެއެވެ. “ޓިޚިން މިރާލް!” ކިޒަން އެ މީހުންނަށް އަހަރެން ތަޢާރަފުކޮށްދިނެވެ. “ކޮން ބަހުރުވައަކުންތަ ތި ވާހަކަދައްކަނީ؟” ކިޒަންއާ ސުވާލުކޮށްލީމެވެ. “އާނ. އަހަރެން ހަނދާން ނެތުނީ. މިނާލްއަށް އިނގޭނީ ހަމައެކަނި ސޯލްގެ ބަހުރުވަ، އެ މީހުން އެ ދައްކަނީ ލުނާއީގެ ބަހުރުވައިން.” މިހެން ބުނަމުން ޖާދޫގެ ފުއްތަކެއް އަހަންނާ ދިމާއަށް ވިހުރުވާލިއެވެ. މިއާއެކު ދެއްކި ވާހަކަތައް ސާފުވެދިޔައެވެ. “މިނާލް. މިއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. މިއީ ޖަވާސުރު ގަނޑުވަރުގެ ރަސްގެފާނުގެ ދަރިއެއް. އޭނާ އަކީ ލަވީން” ކިޒަން މޭޒު ކައިރީގައި ހުރި މީހާއަށް އިޝާރާތްކޮށް ބުނެދިނެވެ. “މިނާލް އާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ” ލަވީން ބުންޏެވެ. އަހަރެންވެސް ހަމައެފަދައިން ބުނީމެވެ.

އަހަރެންގެ ނަޒަރު ދިޔައީ އެތާމޭޒުދޮށުގައި އިށީނދެ އިން އަންހެން ކުއްޖާއާ ދިމާއަށެވެ. “އާނ. މިއީ އަހަރެންގެ ކޮއްކޮ. އުޔީން!” ލަވީން އޭނާގެ ކޮއްކޮ ތަޢާރަފުކޮށްދިނެވެ. “ކީއްވެ މިހާ ދުރަށް ތިއައީ؟” ލަވީން ކިޒަންކުރެ އަހާލިއެވެ. “މިއައީ މިނާލްގެ ފައި ރަނގަޅުކުރުމަށް ‘ސަބިޝަލް މޮޝްޓަފް'(ޖާދޫގެ ޙަކީމް) އެއް ހޯދަންވެގެން.!” އަހަރެންގެ ކަނާތު ފަޔަށް އިނގިލި ދިއްކޮށްލަމުން ކިޒަން ބުންޏެވެ. ‘ޓެފަނުރް’(އިރުގެ ބިން) ގައިވާ ހުރިހާ މޮޝްޓަފުންތަކެއް ރިޒުއާނާ މަރާލާފައިވާކަމަށް ލަވީން ގާތު ކިޒަން ބުނެދިނެވެ.

“މި ތަނުގައިވެސް އެންމެ މީހެއް ހުރީ ބާކީ. މީގެ ދެ އަހަރެއް ވަރު ކުރިން ރިޒުއާނާ އައިސް މުޅި ހަސްފަތާލުގައި އަލިފާން ރޯކުރި. އަލިފާން ނިއްވުނު އިރު ސަލާމަތުން ތިބީ ދެ މީހަކު. އެތަނުން އެކަކު މިދިޔަ އަހަރުތެރޭގައި ވަނީ ގޮތްނޭނގޭ ގޮތަކަށް ގެއްލިފައި. ދެން ހުރި މީހާ މިހާރު ވާނީ ގަނޑުވަރު ތެރޭގައި. ހިނގާ ގަނޑުވަރަށް ދަމާ. އޭރަށް ފަސޭހަވެސް ވާނެ.” ލަވީން ކިޔައިދިނެވެ.

އެހެން ބުނުމާއެކު އުޔީން ގަދަ ނޫކުލައެއްގެ ޖާދޫ ފުއްތަކެއް މުޅި އެތަނަށް ބުރުވާލިއެވެ. ނޫކުލަގަނޑު ފަނޑުވެ ދިޔަހެން ގަނޑުވަރުތެރެ ފެންނަން ފެށިއެވެ. ލަވީންގެ ފަހަތުން އަހަރެމެން ހިނގަމުން ދިޔައީމެވެ. އިރުކޮޅެއްފަހުން ދޮރެއްގެ ކުރިމައްޗަށް ލަވީން ހުއްޓުނެވެ. މަޑުމަޑުން ދޮރު ހުޅުވުމަށްފަހު، ބަލި މީހަކު އައިކަމަށް ލަވީން ގޮވާލިއެވެ. ފަރުދާއެއްގެ ފަހަތުން އައީ މެދު އުމުރުފުރައެއްގެ އަންހެނެކެވެ. އަހަރެން ބިއްމައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އަހަރެންގެ ކުރިމަތީ އެހުރީ ހުވަފެނުން ފެނުނު ފޫޅުމައިމީހައެވެ. “ކޮބާ؟ ކިހިނެތްވީ؟ ފައި ހަލާކުވީތަ؟” އެ އަންހެން މީހާ ސުވާލުކުރިއެވެ. ހުވަފެނާ ޚިލާފަށް އޭނާ ވާހަކަދެއްކުމާއި އަދަބު އަޚުލާޤު އެހާމެ ރަނގަޅެވެ. “އަހަރެން ސުވާލެއް ކުރަންތަ؟ މީގެ އަށާރަވަރަކަށް އަހަރުކުރިން ޖަވާހިތް ގަނޑުވަރަށް ދިޔައިންތަ؟” އޭނާ ޖަވާބު ދޭނެ ގޮތާމެދު ވިސްނަމުން އަހަރެން ބުނެލީމެވެ. “ޖަވާހިތް ގަނޑުވަރަށް ދާން ބެލިއިރު އެޝްލިޕްނިއާގެ މަތީގައި އޮތް ދާލަން އޮތީ ހަލާކުކޮށްލާފައި، އެހެންވެ އެދުވަހު ނުދެވުނު!” އެ މީހާ ކިޔައިދެމުން ދިޔައެވެ.

“އަހަންނަކީ މިނާލް!” ލަސްނުކޮށް ތަޢާރަފުވެލީމެވެ. “އަހަންނަކީ ތަޒުމީރާ” ތަޒުމީރާވެސް ތަޢާރަފުވެލިއެވެ. “ހިނގާ ފަރުވާ ފަށަމާ!” ފަރުދާ ކަހާލަމުން އޭނާ ބުންޏެވެ. ފަރުދާގެ ފަހުތުގައިވާ އެނދުގައި އަހަރެން ބޭއްވުމަށްފަހު، ކިޒަން އެޅުވި ޖާދޫގެ ފޮތިގަނޑު ނިއުޅާ ބަލައިލިއެވެ. އިރުގަނޑެއް ވަންދެން ބެލުމަށްފަހު، ފައި ރަނގަޅު ކުރެވޭނީ ޚާއްސަ ދިޔައެއް ލިބިގެން ކަމުގައި ބުންޏެވެ. “އެއީ ކޮން ދިޔައެއް؟” އަހަރެން ސުވާލުކުރީމެވެ. “އެއީ ގިލޮއްނޮސް މަލުގެ ދިޔަ! މިއީ ހޯދަން ވަރަށް އުނދަގޫ މަލެއް. އާންމުކޮށް ހެދޭނީ ޣިފިމް ރެނިޓް(ދޫނީގެ ހާލިގަނޑު) ކިޔާ ތަނެއްގައި.” ތަޒުމީރާ ބުންޏެވެ.

ލަސްތަކެއްނުވެ، ކިޒަން އެ ހޯދުމަށް އެއްބަސްވިއެވެ. ނަމަވެސް ތަޒުމީރާ ކިޒަންގެ ޒަޚަމުވެފައިވާ ތަންތަން ބެލުމަށްފަހު ފަރުވާކުރުމަށް މަޑުކުރުމަށް އެދުނެވެ. ލަވީންވެސް ކިޒަންއަށް މަޑުކުރުމަށް ބުންޏެވެ. އަދި ރަނގަޅުވުމުން އެ ދެމީހުން އެއްކޮށް ދިއުމަށް އެއްބަސްވިއެވެ. ކިޒަންގެ ޒަޚަމުތަކުގައި ބޭސްއެޅުމަށް ޖާދޫ ހެދިއެވެ. ނުދަންނަ ބަހުރުވައެކެވެ. އޭނާ ކިޔަމުން ދިޔަވަރަކަށް ކިޒަންގެ ގައިގެ އެތައް މިތަން ދިއްލިގެން ދިޔައެވެ. އިރުކޮޅަކުން އެ ހުރިހާ ތަނެއްގައި އަތްޖައްސާ ހުދު ކުލައިގެ އައްޔަކުން ފަރުވާދެމުން ދިޔައެވެ. ތަޒުމީރާ ހުރިހާ ކަމެއް ނިންމުމަށްފަހު އެތަނުން ދިޔައެވެ.

އާ ދުވަހަކަށް ހަނދުގެ ނޫ ދޯދިތައް މަރުޙަބާކީ ކިޒަންއާއި ލަވީން ޣިފިމް ރެނީޓް(ދޫނީގެ ހާލިގަނޑު) އަށް ދިޔުމަށް ދަތުރު ފެށިހެންނެވެ. އެތައް ދުވަހެއް ފާއިތުވެދިޔަ އިރުވެސް އެމީހުންގެ ޚަބަރެއް ނުވެއެވެ. ނަމަވެސް ތަޒުމީރާ ދުވަހުގެ ދެ ދަޅައިގައި އަހަރެންގެ ހާލު ބަލަމުން ގެންދިޔައެވެ. ނުވިތާކަށް މީރު އަދި އެހާމެ ތަފާތު ކެއުންތައްވެސް ލިބެމުން ދިޔައެވެ.

ރަތްފިޔާތޮށި އުދަރެހަށް ދެވޭ ކޮންމެ ފަހަރަކު ޒައިލީއަށް ދަތުރުގެ ވާހަކަތައް ކިޔައިދެމުން ގެންދިޔައީމެވެ. ޒައިލީގެ ސުވާލުތަކަށް ޖަވާބުދޭ ބީދައިން އަހަރެންކުރާ ސުވާލުތަކަށްވެސް ޒައިލީއަށް އެނގިހުރި މިންވަރަކުން ޖަވާބުދިނެވެ. އެއްފަހަރަކު ޒައިލީ ކިޒަންދެކެ ލޯބިވޭތޯވެސް އެހީމެވެ. “އެއީތަ ރުޅި އައިސްގެން ތިއުޅުނު ސަބަބަކީ؟” އަހަރެން ސުވާލުކޮށްލީމެވެ. ލަދުރަކިވެފައި ޖަވާބުނުދީ އިނަކަސް އެއީ އަސްލުކަން އަހަރެންނަށް އެނގުނެވެ. ޒައިލީ ބުނާގޮތުގައި މިހާރު އޭނާއަކަށް ކިޒަންދެކެ ލޯބިވެވޭކަށް ނެތެވެ. އެއީ އޭނާއަކީ ރޫހެއްކަމާއި، ދެން މި ދުނިޔޭގައި މާގިނަދުވަހެއް ނެތްކަމަށް ބުނެފައިވުމެވެ. އެއާއެކު އަހަރެންވެސް ދެރަވިއެވެ.

އާ ދުވަހަކަށް ހަނދުގެ ނޫ ދޯދިތައް ދިއްލާލައިފިއެވެ. އެނދުގައި އޮއްވާ، ކުއްލިއަކަށް އަހަރެންގެ ހެޔަށް ގޮތްވާން ފެށިއެވެ. ލޯމެރުމާއެކު ރަތް ފިޔާތޮށި އުދަރެހަށް ލޯ ހުޅުވާލެވުނެވެ. އޭރު ޒައިލީ ވަރަށް ކައިރީގައި ހުއްޓެވެ. އޭނާގެ ފަތްތައް ހުރީ ފަނޑުވެފައެވެ. ހަށިގަނޑުގެ ތިރީބައިވެސް ފަނޑު ނޫކުލައަކުން ފޭދެމުން ދެއެވެ. ވަރަށް އުނދަގުލުން ނަމަވެސް ޒައިލީ ބުންޏެވެ. “އަހަންނަށް ކިޒަން ބަލައިދޭތި. އަހަންނަށް ނުދެވުނު ލޯބި މިނާލްއަށް ދެވޭނެ. މިއީ އަހަރެންގެ ހަމައެކަނި ވަސިއްޔަތް.” އެހެން ބުނުމަށްފަހު އޭނާގެ މުޅި ހަށިގަނޑު ނޫކުލައަކުން ވިދާލިއެވެ. ކުނޑިތަކަށްވެ ގެއްލިގެން ދިޔައެވެ. ޒައިލީގެ ރޫހު އަހަރެންގެ ހަށިގަނޑާއި ވަކިވެ ދިޔައެވެ. ޒައިލީ އަހަރެން ދޫކޮށް ދިޔައީއެވެ. އޭނާ ރޫހީގޮތުންވެސް ވަކިވީއެވެ.

ހުވަފެނީ ހަވަނަ މިނުގައި އިތުރުކަމެއް ނުހިނގައެވެ. އަބަދުވެސް ފެންނަނީ އަނިޔާކޮށް ބަންދުކޮށްފައިވާ މީހުންނެވެ. މުޅިގައި ޒަޚަމުކޮށްފައިވާ މީހުންނެވެ. ގަނޑުވަރުން ބޭރު އަނދިރިއެވެ. ތަނުގެ މާހައުލުގައި ވަނީ ހުސް އަނދިރިކަމެވެ. އެކި ދިމަދިމާ ބެލިކަމުގައިވިޔަސް އެހެން އެއްޗެއް ނުފެނެއެވެ.

ދުވަސްތަކެއްގެ ފަހުން ކިޒަންއާއި ލަވީން އެނބުރި އައެވެ. ކިޒަންގެ އަތުގައި ގިލޮއްނޮސް މަލެއް އޮތެވެ. ދަނޑި އަލުވި ގަހުގެ ފަތެއްހެން ފިޔަތައް ހުރިއިރު ފަނޑު ރީނދޫ ކުލައަކުން އެ މާ ދިއްލިފައިވެއެވެ. ލަސްތަކެއްނުކޮށް ތަޒުމީރާ އެ މަލުގެ ދިޔަ ފެލިއެވެ. ދެން އައިސް އަހަރެންގެ ފަޔާ ދިމާއަށް ހުދު އަލިގަނޑެއް ދިއްކުރިއެވެ. އަދި ސަބިޝް ރެރިޑެން(ޖާދޫގެ ނާރުތައް) އަށް ގިލޮއްނޮސް މަލުގެ ދިޔަ އަޅާލުމާއެކު ކަށިތައް އުފެދި މަސްއަރަން ފެށިއެވެ. ލޭ ދައުރުކޮށްދޭ ނާރުތަކާއި، ސަބިޝް ރެރިޑެންތައް ހަމައަކަށް އެޅުނެވެ. ދެތިން ދުވަހަކަށްފަހު އަހަރެންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ.

ހިނގާލާފައި ތަންތަނަށް ދެވޭވަރުވުމުން ކިޒަން ހޯދުމަށް ދިޔައީމެވެ. ގަނޑުވަރުތެރެއިން ގޮސް ބޭރުގައިވާ ބަގީޗާއަށް ދިޔައީ ހިނގާފައެވެ. އޭރު ލަވީން އާއި ކިޒަން އޮލަ ވާހަކައިގައި ތިއްބެވެ. އެ މީހުން ދައްކާ ވާހަކައެއް އަޑުއެހުމަށް އިލުނިއޮފް(ވަންހަނާ) ގެ ޖާދޫ ބޭނުންކޮށް ގަހެއްގެ ކައިރީ ހުއްޓިލައިގެން ހުރީމެވެ.

“ރިޒުއާނާ އުޅޭތަން އެނގިއްޖެތަ؟” ކިޒަން ސުވާލުކުރިއެވެ. “ނޫން އަދިވެސް ނުފެނޭ! ކޮންމެ ފަހަރަކުވެސް އޭނާގެ ފަހަތުން ދިޔަޔަސްވެސް ކުއްލިއަކަށްހުރެ ގެއްލެނީ. ހީވަނީ މިނޫން އެހެން ދުނިޔެކަށް ދަނީހެން. ދަނބުކުލައިގެ ފުއްތަކަކާއެކު ހުރެފައި ކުއްލިއަކަށް ހަމަ ގެއްލެނީ!” ލަވީންއަށް ފާހަގަކުރެވުނު ކަންތައްތައް ކިޔައިދިނެވެ.

“އޭނާ ހޯދަން އެބަޖެހޭ. ގިނަ މީހުން މިހާރު މަރުވެގެން އެބަދޭ! އެތަނެއްގެ ހިތެއްފަދަ ޖަވާހިރުތައް ވަގަށް ނަގައިގެން އެ ގެންދަނީ. ދެން މާގިނަ ދުވަހެއްވެސް ނެތް. އެޝްލިޕްނެގެ ދުވަސް ކައިރިވެއްޖެ. ކޮންމެގޮތެއް ހަދައިގެންވެސް އެކަން ކާމިޔާބުވެދީގެން ނުވާނެ. މިހާރު ސަލާމަތުން ބާކީ ވާނީ ތިން ޖަވާހިރު. އެއީ ޓެފަނުރްގެ ޖޮފިޝެ ޖަވާހިރު އަދި ޓެފަސޫރްގެ ދެ ޖަވާހިރެއް.” ކިޒަންއަށް އިނގޭ މަޢުލޫމާތުތައް ކިޔައިދިނެވެ.

“އެޝްލިޕްނެ އަކީ ކޯއްޗެއް؟” އަހަރެން ކެތްމަދުވެ ހުރެ ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ. ކިޒަން އާއި ލަވީންވެސް ދިޔައީ ސިހިގެންނެވެ. ‘އިލުނިއޮފް’(ވަންހަނާ) ގެ ބާރު ދުއްވާލީމެވެ. ދެ މީހުންވެސް ހަމަޖެހުމަކަށް އައީ އަހަރެން ކަމަށް ވުމުންނެވެ.

“އެޝްލިޕްނެ އަކީ އަނެއްހެން ބުނާނަމަ ކޭތައެއް. އެކަމަކު އިރާއި ހަނދު އެކުވެވެގެން ދާނެ. އޭރުން ޖާދޫގެ ބޭނުމެއް ނުކުރެވޭނެ.” ލަވީން ޚުލާސާ ގޮތަކަށް ކިޔައިދިނެވެ. “ރިޒުއާނާ އުޅޭތަނެއް އަހަރެންނަށް އިނގޭ އެކަމަކު އެއީ ކޮންރަށެއްކަމެއް ނޭނގޭ. އަހަރެންނަށް ފެނުނު ހުވަފެނުގައި މީގެ ވަށްބުރެއް ފެނޭ. މިއީ އޭތި” އެއަފްޓިޚް(ބިމުގެ ބާރު) ބޭނުންކޮށްގެން ހުވަފެނުގައި ފެނުނު ވަށްބުރު ވުޖޫދަށް ގެނައީމެވެ. އަދި ޖިފެ(އަލިފާނުގެ ބާރު) ބޭނުންކޮށް ބިއްލޫރިއަށް ހެދީމެވެ.

“ކިހިނެތް އެހެދީ؟” ލަވީން ސުވާލުކޮށްލިއެވެ. “ބިއްލޫރި އުފެއްދީ” ކިޒަން ޖަވާބުދިނެވެ. އެ ދެމީހުންވެސް އެ ބިއްލޫރިގަނޑަށް ރަނގަޅަށް ބަލައިލިއެވެ. ބާކީ ހުރީ ހަމަ ތިން ލޯވަޅުކަމަށް ދެ މީހުންވެސް އެއްބަސްވިއެވެ. “މިނާލް އެތަނަށް ދެވުނީ ކިހިނެތް؟” ލަވީން ސުވާލުކޮށްލިއެވެ. “އެއީ ހުވަފެނެއްހެން ފެންނަ އެއްޗެއް. ނަމަވެސް އަހަރެންގެ އަމިއްލަ އިޚުތިޔާރު އޮވޭ. ތަންތަން ބަލާހެދޭ. އެއްޗެހި ހަލާކުވެސް ކުރެވޭ. ޒައިލީ ބުނީ އެއީ ހަވަނަ މިނެއްކަމަށް. އެއީ ކާކުގެ ހަވަނަ މިނެއްކަމެއް އަދިވެސް ނޭނގެ.” ޚުލާސާކޮށް އަހަރެން ކިޔައިދިނީމެވެ.

“އެ މީހާގެ ހަވަނަ މިނައް މިނާލް ވަދެބަލަ. އޭރުން އިނގޭނެ އެއީ ކާކުކަން.” ލަވީން ޚިޔާލެއް ދިނެވެ. “އަހަންނަކަށް ނޭނގެޔޭ އެހެން ވަންނާކަށް!” މަޑުމަޑުން ހުރެ އަހަރެން ބުނީމެވެ. “އެމީހާގެ ދެއްކި އެއްޗެއް ސިފަކުރާނީ. އޭރުން ވަދެވޭނެ އޭނާގެ ހަވަނަ މިނަށް. އޭނާގެ ޚިޔާލުތައްވާނެ ކަފަކޮޅެއްފަދަ ތަނެއްގެ ތެރޭގައި.” ލަވީން ހަދަންވީގޮތް ކިޔައިދިނެވެ.

ލަވީން ބުނާގޮތަށް ކަންތައް ކުރުމަށް ނިންމީމެވެ. އޭނާ ބުނިހެން އަހަރެންގެ ދެ ލޯ މަރާލުމަށްފަހު، ހުވަފެނުގައި ފެނުނު ޖަވާހިރުގެ ވަށްބުރު ސިފަކޮށްލީމެވެ. އިސާހިތަކު ލޯ ހުޅުވާލެވުނީ އޭނާގެ ޚިޔާލުތަކުގެ ތެރެއަށެވެ. ބިންގަރާހަށެވެ. އެތަނުން ނިކުމެ، އޭނާގެ ޚިޔާލުތައް ހޯދުމަށް ދުއްވައިގަތީ ގަނޑުވަރުން ބޭރަށެވެ. ‘ޖިފެ’ގެ ބާރުތައް ބޭނުންކޮށް އަލިކުރަމުންގޮސް ކަޅު ކަފަގަނޑެއްފަދަ ތަނެއްފެނުނެވެ. އޭތި އިރާލުމަށްފަހު އަހަރެންނަށް ނިކުމެވުނީ ޖަވާހިތް ގަނޑުވަރުގައި ފެނުނު ހުވަފެނުގެ ބަޔަށެވެ. އޭރު ރިޒުއާނާގެ އަތަށް ވެއްޓުނު ތޫނުއެތި ހިފައިގެން ގެއްލެން ދަނީއެވެ. ހުރި ބާރެއްލައި ކުޑަދޮރުން ފުންމާލުމަށްފަހު އޭނާގެ އަތުގައި ހިފީމެވެ. ދަނބުކުލައިގެ ފުއްކުނޑިތަކަކާއެކު އެތަން ފަނޑުވެ ދިޔައެވެ.

ދަނބުކުލަ ފަނޑުވިހެން ބޮޑު ގަނޑުވަރެއް ދުށީމެވެ. އެއީ އަހަރެންނަށް ފެނުނު ގަނޑުވަރެވެ. ރިޒުއާނާގެ ފަހަތުން ހިނގަމުން ގޮސް ގަނޑުވަރަށްވަދެ ހިނގަމުން ދިޔައީމެވެ. އޭނާ ވަދެގެން ދިޔަ ދޮރުން ހިނގަމުންގޮސް ޖަލެއްފަދަ ތަނަކަށް ދިޔައެވެ. އެތަނުގައި އެތައް ބަޔަކު ބަންދުކޮށްފައި ތިއްބެވެ. އެތަނުން ޖާދޫގެ ޖަލެއްގައި ބަހައްޓާފައިވާ މީހެއް ނެރުނެވެ. ރިޒުއާނާގެ ކުރިމަތީ އިސްދަށަށް ޖަހައިގެން، ދެކަކޫޖަހައިގެން އެ މީހާ ހުއްޓެވެ. އޭނާ ވަރަށް އުނދަގުލުން ބުނަމުން ދިޔައެވެ. “އަހަރެން މިތަނުން ދޫކުރޭ!”

“ކަލޭ ދެން ބުނަންވީއެއްނު އެ ޖަވާހިރު ވީތަނެއް! ފާއިތުވީ ހުރިހާ ދުވަހު ކަލެއަށް ހުރިހާ އެއްޗެއް ދިނިން. ހަމަ މިހާރު ބުނޭ! ކޮބާހޭ އެޖަވާހިރު؟ ހަމަ ނުބުނާނަން ދޯ؟ މީގެފަހުން ކަލެއަކަށް ކާތަކެއްޗެއް ނުދޭނަން. ޖަވާބު ބުނެދީފިއްޔާ ކާތަކެތިވެސް ދޭނަން އަދި މިތަނުން ދޫވެސްކޮށްލާނަން. ވިސްނާތި އެޝްލިޕްނެ ގެ ދުވަސް ގާތްވި ވަރަކަށް އަނިޔާކުރުން އިތުރުވާނެ.” ރިޒުއާނާ ހިފަހައްޓައިގެން ހުރި ޗާބޫކުން އެ މީހާގެގައިގަ ދެތިން ފަހަރު ޖަހާލިއެވެ. “އަދި ބުނަން، ކަލޭގެ ދަރިވެސް އެބައުޅޭ މިތާގައި. އޭނާވެސް ހަމަ ތިގޮތުގައި މިގަނޑުވަރަށް ގެންނާނަން. އޭރުން އަނދިރި ގަނޑުވަރު މުޅި އަޒްޓިޝް ވެރިކަންކުރާނެ.” ރިޒުއާނާ ބުނަމުން ގެންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 53

Next

ލޯބިން އަރިހުގާ-2

Next
March 17, 2026

ލޯބިން އަރިހުގާ-2

Previews
March 17, 2026

އެދިގެން ކަލާ ލިބޭތޯ 53



All Right Reserved!