ޖަވާހިރުގެ ބާރު – 15
ބާބު – 9 އެޝްލިޕްނެގެ ދުވަސް
ދުވަސްތައް ފާއިތުވެ ދިޔައީވެސް އެހާމެ އަވަހަށެވެ. އަހަރެންގެ ހާލަތު ރަނގަޅުވިހެން އެޝްލިޕްނިއާއަށް ދަތުރުކުރުމަށް ރާވަމުން ދިޔައީމެވެ. ދަތުރު ދިޔުމަށް ލަވީން ، އުޔީން ، ކިޒަން އަދި އަހަރެންވެސް ތައްޔާރުވީ ދިމާވާނެ މަޚުލޫގުންނަށް ހަނގުރާމަ ކުރެވޭ ގޮތަށެވެ. ކަނޑިޔާކަނޑި އަޅާފައި ތަމުރީނުވީމެވެ. ކަނޑި ގެންގުޅުމަށް ދަސްކުރުމަށްފަހު، ޖާދޫގެ ތަމުރީނުތައް ފެށީމެވެ. ފެނުގެ ބައި ފިޔަވާ އިތުރު ބައިތައް ބަރާބަރަށް ދަސްވެފައިވެއެވެ. އެޝްލިޕްނިއާގައި ޖާދޫގެ ބޭނުންނުކުރެވޭތީ އަހަރެން ހުރީ ކަނޑިގެންގުޅުމަށް ތަމުރީނުވެގެންނެވެ.
އަހަރެންނަށް ހަމައެކަނި ކަނޑި ބޭނުންކޮށް ހަނގުރާމަ ނުކުރެވޭނެކަން އެނގުނެވެ. ކީމިޔާގައި ކިޔެވި ވަރުގަދަ ރިއެކުޝަންތައް އިސާހިތަކު ހަނދާންވިއެވެ. ޖާދޫގެ ފުއްތައް ބޭނުންކޮށް ނަވާރަ ‘ޕުރޮޓޯން’އާއި ‘އެލެކުޓުރޯން’ އަދި ވިހި ‘ނިއުޓުރޯން’ ހުންނަ ‘ޕޮޓޭޝިއަމް’ އުފެއްދޭތޯ ބެލީމެވެ. ޖާދޫގެ ފުއްތައް ހަމަޖެހުމާއެކުހެން ކުޑަކުޑަ ‘ޕޮޓޭޝިއަމް’ކޮޅެއް އުފެދުނެވެ. މާގިނައިރެއްނުވެ ފާޅުކުރި ‘ޕޮޓޭޝިއަމް’ކޮޅު ވަޔާއެކުވެ ހަލާކުވިއެވެ. ޔަޤީންކަން ލިބުމާއެކު އެއަފްޓިޚް(ބިމުގެ ޖާދޫ) ބޭނުންކޮށް ބޮޑު ‘ޕޮޓޭޝިއަމް’ ގަނޑަކާއި، ‘ސީޒިއަމް’ ކޮޅެއްވެސް އުފެއްދީމެވެ. ކިޒަން އާއި ލަވީން ހުރީ ހަމަ ހައިރާންވެފައެވެ. ލަސްނުކޮށް ‘ސީޒިއަމް’ކޮޅު އަވަހަށް ބިއްލޫރި ފުޅިތަކަކަށްލައި ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށް ‘ސީޒިއަމް’ ދިޔާކޮށްލީމެވެ. އެ ފުޅިއަށް ‘އާގަން’ އަޅާ ވައިބަންދު ކުރުމަށްފަހު، ޕޮޓޭޝިއަމްވެސް ކުދިކޮށް ކޮށާލީމެވެ. ތެޔޮއަޅާފައިވާ ފުޅިއެއްގެ ތެރެއަށް ލީމެވެ. ވަރުގަދަ ދަބަހަކަށް އެތަކެތި ލީމެވެ.
އެޝްލިޕްނިއާގެ ކައިރީގައިވާ ޖަންގަލީގެ އައްސޭރިއަށް ހުރިހާ އެންމެން ޓެލިޕޮފްޓި(ޖާދޫ ދަތުރު) ވީމެވެ. ކަނޑި ހިފައިގެން ގޮސް އެޝްލިޕްނިއާގެ ވިލާގަނޑެއްފަދަ ތަން ކަފާލުމަށްފަހު އެތެރެއަށް ވަނީމެވެ. އެތައް ބައިވަރު މަޚުލޫޤުން ތަކެއް އެތާގައި އުޅެއެވެ. އުޔީން އޭނާގެ ޗާބޫކު ނެގުމަށްފަހު ކައިރިއަށްއައި ދެ ހިޔަޅުގެ ކަރުގައި ޖެހިޖެހީނުން މަރާލިއެވެ. އުޑުމަތިން އައި ބާޒެއް އަހަރެންނާ ދިމާއަށް އައުމުން އޭގެ ބަނޑަށް ކަނޑި ހަރާލުމަށް އަމާޒުކުރީމެވެ. އަދި ކިޒަން އޭގެ ބޮލަށްވާގޮތަށް ކަނޑި ހޫރާލިއެވެ. އެބާޒު ތިރިވިހެން ފިޔަގަނޑުން އައި ވަޔާއެކު ހުރިހާއެންމެންވެސް ބިންމައްޗައް ވެއްޓުނެވެ.
ބާޒު ކައިރިވީހެން ކިޒަންގެ އަތަށް ‘ސީޒިއަމް’ ފުޅިއެއް ދިނީމެވެ. ބާޒާދިމާއަށް ވަރަށް ބާރަށް އެއްލިއެވެ. އެއާއެކު މުޅިބާޒުގައި އަލިފާން ރޯވެ ދިޔައެވެ. އިރުކޮޅެއްނުވެ މުޅިހަށިގަނޑު ބޮމެއް ގޮވާހެން ގޮވިއެވެ. އެ އަޑަށް އެތާ ކައިރީގައި ތިބި އެހެން މަޚުލޫޤުންވެސް އަހަރެމެން ހުރި ތަނާ ގާތްވަމުން ދިޔައެވެ. ލަވީން އޭނާގެ ލޮންސި ބޭނުންކޮށް ދެތިން ހިޔަޅަކާއި، ވަލުކުއްތާތަކެއް މަރާލިއެވެ. ހަމައެފަދައިން އަހަރެންވެސް ކުރިމަތީގައިވާ ބޮޑު ނަގުލާންދާށިގެ ހަށިގަނޑަށް ‘ސީޒިއަމް’ ފުޅިއެއް އެއްލީމެވެ. އޭތިގެ މުޅިގައިގަ އަލިފާންރޯވެ، ގޮވިއެވެ.
މިފަދަ ހަމަލާތަކުން ސަލާމަތްވެ، ދުއްވައިގަތީމެވެ. ދުވެދުވެ ވަރުބަލިވީއިރުވެސް ފެންނަން އޮތީ ދިގަށް ދެމިފައިވާ ވާދީތަކާއި ބޮޑެތި ފަރުބަދަ ތަކެވެ. އަހަރެން އަވަސްވެގަތީ ހަވަނަ މިނުން ފެނުނު ފަދަ ކާޅުތަކާއި ވައުތައް ހޯދުމަށެވެ. ނަމަވެސް އެ މަޚުލޫޤުންތައް ފެންނަ ހިސާބަކު ނެތެވެ. ހުރިހާ އެންމެންވެސް ޖަންގަލީގެ ތެރެއަށް ވަނުމަށްވުރެ، ގަސްގަހުގެ މަތީ އޮފިގަނޑަށް އަރައި އެއްގަހުން އަނެއް ގަހަށް ފުންމަމުން ކުރިއަށް ދިޔައެވެ. ގަސްތައް މެދުކެނޑެންދެން ދިޔައީ ކުރިއަށެވެ. ޖަންގަލީގެ ނިމޭހިސާބުގައި ބޮޑު ފައިދިގު މަކުނެއް އޮތެވެ. އަހަރެމެންގެ ގަޔަށް ވާތައް އުކަމުން ދިޔައެވެ. އޭގައި ވިހަ ހުރިކަން އެނގި ހުރިހާ އެންމެން ސަލާމަތްވުމަށް އަހަރެން ގޮވަމުން ދިޔައީމެވެ.
ބިއްލޫރި ފެންފުޅިއެއް އެއާ ދިމާއަށް އެއްލީމެވެ. އޭގެ ބޭރުގައި ‘ޕޮޓޭޝިއަމް’ ކޮޅެއް ތަތްކޮށްފައިވާނެއެވެ. ފައިދިގުމަކުނުގައި ޖެހުނުހެން ބިއްލޫރިފުޅި ތަޅައިގެން ދިޔައެވެ. އަދި ފަނޑު ދަނބުކުލައިގެ އަލިފާންގަނޑެއް ރޯވެގެން ދިޔައެވެ. ވަރަށް ބާރުގަދަ އަޑެއް އޭތި ލައްވާލިއެވެ. އެއާއެކު ބައިވަރު ކުދި މަކުނުތަކެއް ގަސްތަކުގެ ތެރެއިން ނިކުތެވެ. ހުރިހާ އެންމެންވެސް ބާރު ދުވުމެއްގައި ދުއްވައިގަތެވެ. ޖަންގަލި އޮބިގެން ދިޔައިރުވެސް މަކުނުތައް ފަހަތުން އާދެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ފާޅުވަމުން ދިޔަ ދަނބުކުލައިގެ ޖާދޫގެ ފުއްތަކެވެ. “ރިޒުއާނާ!!!” އަހަރެން ވަރަށް ބާރަށް ބުނީމެވެ. އަދި ‘ސީޒިއަމް’ ފުޅިއެއްވެސް އެދިމާލަށް އެއްލީމެވެ. އެއާއެކު ހުރިހާ އެންމެން އެމީހެއްގެ ހަތިޔާރު ނަގާ ތައްޔާރު ވެލިއެވެ. ރިޒުއާނާ ފާޅުވިހެން އޭނާގެ އަތުގައިވާ ޖަވާހިރެއް ދައްކާލިއެވެ.
“ލަވީން ކަލޭގެ ބައްޕަ އަދި މަންމަވެސް މަރާލައިފިން. މަށަށް ހަނދުގެ ޖަވާހިރު ލިބިއްޖެ. ހަހަހަހާ.” އެހެން ބުނުމަށްފަހު ރިޒުއާނާ ގެއްލުނެވެ. ސީޒިއަމް ފުޅި ގޮސް ޖެހުނުތާގައި އަލިފާން ރޯވެ ގޮވިއެވެ. ލަވީން އާއި އުޔީންވެސް ހުރީ ވަރަށް ދެރަވެފައެވެ. މަޑުޖެހުނުހެން ފަހަތުން އައި މަކުނުތައް އަހަރެމެންނާ އެއްވަރުކުރަމުން ދިޔައެވެ. ހުރިހާ އެންމެންވެސް ކުރިއަށް ދުއްވައިގަތީ އެހާމެ ބާރު ދުވެލީގައެވެ. ކުއްލިއަކަށް ހިޔަޅުގެ ބައިގަނޑެއް ކުރިމަތިން ފާޅުވިއެވެ.
ކިޒަން އާއި ލަވީން ހިޔަޅުތަކަށް ހަމަލާ ދިން އިރު، އުޔީން އާއި އަހަރެން ދިޔައީ މަކުނުތަކަށް ހަމަލާ ދެމުންނެވެ. އަނެއްކާވެސް ކުރިން ފޭބިފަދަ ހަރުފައެއް އުޑުން ފައިބައިފިއެވެ. އަހަރެމެން ތިބިތަނުގެ ވަށައިގެން ފުރިފައިވަނީ މަޚުލޫގުންތަކެވެ. އެންމެފަހުން ހަދާނެ ގޮތް ހުސްވެގެން އެޝްލިޕްނިއާއިން ނިކުތުމަށް ފަހަތަށް ދުވަން ފެށީމެވެ. ހުރިހާ އެންމެން ވެސް ދުވެ ދުވެ ވަރުބަލިވެފައި ވެއެވެ. އެޝްލިޕްނިއާއިން ނިކުމެ، ކައިރީގައިވާ ޖަންގަލީގައި މަޑުކުރީމެވެ. ފެންބޮއެ، ވަރުބަލި ފިލުވާލުމަށްފަހު އަހަރެން ފިޔަވައި ހުރިހާ އެންމެން ތިބީ އަރާމު ކުރާށެވެ.
އަހަރެން ހުރީ ކީމިޔާ ކިޔެވުނީތީވެ، އެހާމެ އުފާވެފައެވެ. އަދި އުފެއްދުނު ‘ސީޒިއަމް’ އާއި ’ޕޮޓޭޝިއަމް’ މަސައްކަތް ކުރީތީވެ ވަރަށް ފަޚުރުވެރިވެފައެވެ. ކުއްލިއަކަށް ޚިޔާލެއް ލިބުނެވެ. ދެން ތިބި މީހުންނަށް ކިޔައިދިނީމެވެ. “އަހަންނަށް ހީވަނީ ވިލާތަކަކީ ފެނުގެ ތިކިތަކެއްހެން. އެހެން ވެއްޖެނަމަ އެޝްލިޕްނިއާގެ މަތީގައި ވާ ވިލާތައް ނައްތާލެވިދާނެ.” ކިޒަން އާއި ލަވީން އެއްކޮށްހެން ބުނެލިއެވެ. “އެތާގެ މައްޗަށް އެރޭނީ ކިހިނެތް؟ އެތާގެ މަތީގައިވާ ދާލަން ރިޒުއާނާ ވަނީ ހަލާކޮށްލާފައި.” އަހަރެންގެ ޚިޔާލު މަސައްކަތް ކުރުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވޭތޯ ސުވާލުކުރީމެވެ. “އެޝްލިޕްނިއާގެ މައްޗަށް އެރުމެއް ބޭނުމެއް ނެތް. އެކަމަކު މިތިބިތަނުން މައްޗަށް އުދުހިފައި އެޝްލިޕްނިއާގެ މައްޗަށް އެއްޗެއް އެއްލޭނެއެއްނު؟” އަހަރެން ބުނި ބަހަށް ހުރިހާ އެންމެން ވެސް ބޯ ޖަހާލިއެވެ.
އަހަރެންގެ ޚިޔާލު މަސައްކަތް ކުރޭތޯ ދަބަހުގައި އޮތް އެންމެފަހު ‘ސީޒިއަމް’ ފުޅި ހިފައިގެން މައްޗަށް އުދުހިގަތީމެވެ. ވަރަށް ބާރަށް އެ ހުރި ތަނުން އެޝްލިޕްނިއާގެ މަތީގައި ވާ ދަނބުކުލައިގެ ވިލާގަނޑަށް ‘ސީޒިއަމް’ ފުޅި އެއްލާލީމެވެ. ވިލާގަނޑުގައި ޖެހުމާއެކު ބިއްލޫރި ފުޅި ތަޅައިގެން ގޮސް ‘ސީޒިއަމް’ ވިލާތަކުގައިވާ ފެނާ އެކުވިއެވެ. އަދި ބާރުގަދަ ގޮވުމަކާއެކު އަލިފާން ރޯވިއެވެ. ވައިގައި އަލިފާންވެސް ހިފިއެވެ.
ލަސްނުކޮށް ކިޒަންމެން ހުރި ތަނަށް ފޭބީމެވެ. ޖާދޫގެ ފުއްތަކުން ހަ ‘ޕުރޮޓޯން’ އާއި ‘އެލެކުޓުރޯން’ އަދި ހަ ‘ނިއުޓުރޯން’ އެކުލެވިގެންވާ އުންސުރުކަމަށްވާ ‘ކާބަން’ އުފެއްދީމެވެ. ‘ކާބަން’ގެ ޒައްރާތައް އުފައްދަމުން ގޮސް ކުޑަ ދެ އިންޗީގެ ކޮޑިއެއް ވަރުގެ އެތިކޮޅެއް އުފެއްދީމެވެ. ހުރިހާ އެންމެންވެސް އަހަރެންގެ އަމަލުތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. އާޝޯޚުވެ، އަނގަލައްޕަންވެސް ނޭނގިފައި ތިއްބެވެ. އެއަށްފަހު މައްޗަށް އުދުހިފައިގޮސް ހޫނުކޮށްފައިވާ ‘ކާބަން’ގަނޑު އެޝްލިޕްނިއާގެ ވިލާތަކު މައްޗަށް އެއްލާލީމެވެ. އެއާއެކު ވިލާތަކުގައިވާ ފެންތައް ދަމައިގަންނަން ފެށިއެވެ. ކައިވަތެއްވަރުގެ ލޯވަޅެއް ވިލާތަކުގެތެރެއިން އުފެދިގެން ދިޔައެވެ.
ބިމަށް ފޭބުމަށްފަހު، ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް ގަހެއް ދެފަޅިކޮށްލީމެވެ. އެއަފްޓިޚް(ބިމުގެ ޖާދޫ) ބޭނުންކޮށް ދަގަނޑު އުފެއްދީމެވެ. ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށް އެ ދަގަނޑު ހޫނުކޮށް ކޯރާޑިއެއްގެ ބައްޓަމަށް ހެދީމެވެ. ޥަޓެފް(ފެނުގެ ޖާދޫ) ބޭނުންކޮށްގެން ފިނިފެން އުފައްދާ ކޯރާޑި ފިނިކޮށްލީމެވެ. ކިޒަންގެ އަތަށް އެ ކޯރާޑި ދިނުމަށްފަހު ފަޅިކޮށްފައިވާ ގަސް ކުދި ކުދިކޮށް ބުރިކުރުމަށް ބުނީމެވެ. ދެން އަހަރެން އެއަފްޓިޚް(ބިމުގެ ޖާދޫ) ގެ ބޭނުންކޮށް ވެލިގަނޑުން ބޮޑު ކޮޑިއެއްފަދަ އެއްޗެއް ބިނާކުރީމެވެ. އެތާގެ ތެރެއަށް ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށް އަލިފާން ރޯކުރީމެވެ. އޮކުސިޖަން ހުސްވުމާއެކު ކިޒަން ބުރިކޮށްފައިވާ ދަރުތައް އެތެރެއަށް ލައި ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް ‘ނައިޓުރޮޖަން’ އެޅީމެވެ. ވަށައިގެން ބަންދުކުރުމަށްފަހު، ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށް ބިއްލޫރިއަށް ހެދީމެވެ. އަދި އެތެރެއަށް ހޫނުވާނޭހެން ބޭރުގައި ރަތް އަލިފާން ރޯކުރީމެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް އޮކުސިޖަން ޖަމާކޮށް އަލިފާން ވަރުގަދަ ކުރީމެވެ. އެތައް އިރެއް ވަންދެން އަލިފާން ހިފެހެއްޓުމަށްފަހު އަހަރެންގެ ވަރު ދޫވާން ފެށިއެވެ. އޭރު ކިޒަން އައިސް އަހަރެން ރޯކުރި އަލިފާންގަނޑު ހިފަހައްޓައިދިނެވެ. އެތާގެ ގަހެއްގައި އިން މޭވާއެއް އުޔީން އޭނާގެ ހިޔަނިތައް ބޭނުންކޮށް ގެނެސްދިނެވެ. މޭވާ ކެއުމަށްފަހު ހަމަޖެހިލުމަށް ގަހެއްގެ ދޮށުގައި އިށިނދެ އިނދެ ދެން ކުރަންވީ ކަންކަމަށް ވިސްނާލީމެވެ.
ކިޒަން ކައިރީ އަލިފާން ހުއްޓުވުމަށް ބުނުމަށްފަހު ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް އޭތި ފިނިކޮށްލީމެވެ. އަދި ޥަޓެފް(ފެނުގެ ޖާދޫ) ބޭނުންކޮށް ފެންއަޅާ ފިނިކުރީމެވެ. ކޯރާޑި ބޭނުންކޮށްގެން ބިއްލޫރިގަނޑު ތަޅާލީމެވެ. އުފެދިފައިވާ ކާބަންތައް ފެނުމުން އުފާވިއެވެ. ކޯރާޑި ބޭނުންކޮށް ކުދި ކުދި ފޮތިތަކަށް ކާބަންގަނޑު ކުދި ކުރީމެވެ. ހުރިހާ އެންމެންނަށް ކާބަން ފޮތިތައް ބެހީއެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް އެންމެން ހުރި ސީދަލަށް މައްޗަށް އުދުހިގަތެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކުރަމުން އެ ފޮތިތައް ދުރުދުރަށް ވިހުރުވީއެވެ. އެއާއެކު ވިލާތަކުގައިވާ ފެނުގެ ތިކިތައް ދަމަން ފެށިއެވެ. އިސްޕަންޖުގަނޑެއްހެން ‘ކާބަން’ ޖެހުނު ތަންތަނުގެ ވިލާތައް ގެއްލިގެން ދިޔައެވެ. މިއާއެކު އެޝްލިޕްނިއާގެ އެތެރެ ފެނިގެން ދިޔައެވެ. ހަނދުގެ ނޫ ދޯދިތައް އެޅެމުން ދިޔައެވެ. ބިނާރުތަކެވެ. އަދި އަދަދު ނުކުރެވޭހާ ގިނަ މަޚުލޫޤުންތަކެވެ. ވެއްޓިފައިވާ ދާލަންވެސް ފެނިގެން ދިޔައެވެ. ވަރަށް ދުރު ހިސާބަކުން ހަވޭލީއެއް ފެންނަން ހުއްޓެވެ. އެތަނުގައި ރިޒުއާނާ އުޅޭހެން ހީވިއެވެ.
ބިމަށް ފޭބުމަށްފަހު، ކުދި ބިއްލޫރިފުޅިތައް ތައްޔާރުކޮށް ‘ސީޒިއަމް’ އެޅީމެވެ. އަދި ބޮޑެތި ފުޅިތައްވެސް މެއެވެ. އެއަށްފަހު މައްޗަށް އުދުހިގަނެ، އެޝްލިޕްނިއާގެ އެތެރެއަށް ފުންމައިގަތީމެވެ. ހަވޭލީ ހުރި ދިމާއަށް ވައިގެތެރޭގައި މިސްރާބު ޖެހިނަމަވެސް އެތާގެ ކައިރީގައި ހުރި ފަރުބަދައަކަށް ގުޅައަކަށް ޖެހުނެވެ. ހަށިގަނޑަށް ތަދުވި ނަމަވެސް އަހަރެން ތެދުވީމެވެ. އިރުކޮޅެއް ވަންދެން ހިނގުމަށްފަހު، ހަވޭލީގެ ދޮރޯށި ކުރިމައްޗަށް އެރުނެވެ. ކިޒަން ގެ ފައިން ޖެހިޖެހީނުން ހަވޭލީގެ ދޮރޯށި ވައްޓާލިއެވެ. އެތެރޭގައި ފެންނަނީ އެހާމެ ތަފާތު މަންޒަރެކެވެ.
އަލިފާނުގެ ވޮށްތަކެއް ދިއްލާފައި ވާއިރު، އާސާރީ ބިނާއަކާ ވައްތަރެވެ. ހަވަނަ މިނުގައި ފެނުނުފަދަ ތަޚުތެއް އެތާކު ނުވެއެވެ. އެކި މީހުން އެކިތަންތަން ބަލާ ހޯދުމަށް ދިޔައެވެ. އަހަރެން ބަލަމުން ދިޔައީ ފެންޑާތެރެއެވެ. ކުއްލިއަކަށް ރިޒުއާނާ ފާޅުވިއެވެ. “ކޮބާ މިތަން ރީތިތަ؟” ރިޒުއާނާ ސުވާލުކޮށްލިއެވެ. “ދޮންތާ. ކީއްވެތަ ތި ފިލަނީ، މިއައީ ދޮންތަ ކައިރިއަށޭ!” ވަރަށް ނުވާކަމަށް ހެދި ދޮގު ހަދަމުން ރިޒުއާނާ ހުރި ދިމާއަށް ހިނގައިގަތީމެވެ. “ނާންނާތި މަ ކައިރިއަށް!” ރިޒުއާނާ ހަޅޭއްލަވައިގަތެވެ. “ދޮންތަ ބޭނުން ކަމެއް ކޮށްދޭނަމޭ، އަޅެ އާދެބަލަ!” ވަރަށް ނުވާކަމަށް ހެދި ދެއަތް ގާތްކުރަމުން ދިޔައީމެވެ. މިއާއެކު ރިޒުއާނާވެސް އަހަންނާ ކައިރިވަމުން ދިޔައެވެ. ރިޒުއާނާ އާ ދެތިން ފިޔަވަޅު ގާތްވުމާއެކު އަތުކުރީގައި ފޮރުވާފައިވާ ‘ސީޒިއަމް’ ފުޅި އޭނާގެ މެޔަށް ވާގޮތައް އެއްލީމެވެ. ވަގުތުން ބިއްލޫރި ފުޅި ތަޅައިގެން ގޮސް އޭނާގެ ހަށިގަނޑުގައި އަލިފާން ރޯވަމުން ދިޔައެވެ. އަދި ބާރު ގޮވުމަކުން ގޮވިއެވެ. އަހަރެންވެސް ފާރުގައި ޖެހުނެވެ. ކިޒަން، ލަވީން އަދި އުޔީންވެސް އޭތި ގޮވި އަޑަށް ފެންޑާއަށް ނިކުތެވެ.
އޭރު ރިޒުއާނާ އަނދަމުން ދިޔައެވެ. މަސްތަކާއި ކަށިތައް ވިރި، ސަބިޝް ރެރިޑެން(ޖާދޫގެ ނާރުތައް) ވެސް އަނދާ ހުލިވިއެވެ. ޖާދޫގެ ބޭނުން ނުކުރެވިގެން އުޅެނިކޮށް ‘ސީޒިއަމް’ގެ ދެވަނަ ފުޅިވެސް އޭނާގެ ގަޔަށް އެއްލީމެވެ. އެއާއެކު، އޭނާގެ މަސްތައް ގިރިގެން ފޭބިއެވެ. ގޮވިގޮވުމާއެކު ކަށިތައްވެސް ފުނޑުފުނޑުވެ، ރިޒުއާނާ ނިމިގެން ދިޔައެވެ. އަހަރެން އަވަސްވެގަތީ ބައްޕަ ފެނޭތޯއެވެ. މުޅި ހަވޭލީތެރޭގައި ވާ ކޮޓަރިތައް ބަލާ ފާސްކުރީމެވެ. ބިންގަރާސްތައްވެސް ބެލީމެވެ. ނަމަވެސް އެކަކުގެވެސް ޚަބަރެއް އެތާކުން ނުވިއެވެ. އަނދަމުން ދިޔަ ހަވޭލީން ނިކުމެވުނީ ހަމަ ކިރިޔާއެވެ. ހުރިހާ އެންމެންގެ ސަމާލުކަމަށް ގެނުވީ ދުރު ހިސާބެއްގައި ހުރި އަލިގަނޑެކެވެ. އެތަނުގައިވާ ގަނޑުވަރުން މައްޗައް ދޫކޮށްފައިވާ ދަނބުކުލައިގެ އަލިގަނޑު އުޑާ ހަމައަށް ފޯރައެވެ. އަދި ވިލާތަކުގެ ތެރެއިން ފިޔާތޮށި އަދި ނޫކުލައިގެ އަލި ފުރޭނެމުން ދެއެވެ. އިރާއި ހަނދު އެޝްލިޕްނެ ވަމުންދާކަމަށް ކިޒަން އާއި ލަވީން ބުންޏެވެ.
ލަސްތަކެއްނުކޮށް ހުރިހާ އެންމެންވެސް މިސްރާބު ޖެހީ، އެ ގަނޑުވަރަށެވެ. ދޮރޯށި މަޑުމަޑުން ހުޅުވާލެވުނު އިރު ތަޚުތުގައި އެއްކަލަ މީހާ އިނެވެ. އެއީ ބައްޕަގެ ކައިރިއަށް ދިޔަ ދުންގަނޑެވެ. އެ ނުލަފާ ޒަހީރުއެވެ. އޭނާ ލޯ މަރައިގެން ހުރެ ކިޔެވެލިތަކެއް ކިޔަވަމުން ދިޔައިރު ގަނޑުވަރުގެ މެދުގައި ޖާދޫގެ ވަށްބުރުވެއެވެ. އެ ވަށްބުރުގައި އަލިމަހާއި، ފެންފިޔާޒާއި، ޔާގޫތާއި، ނީލަމްތަކާއި، މަހުރަބުތައްވެއެވެ. ވަށްބުރުގެ ދިގުހުރަހުގައި ހަ ޖަވާހިރު އަަދި އޭގެ ތެރޭގައިވާ ކުޑަ ވަށްބުރުގައި ބޮޑު ޖަވާހިރެއްވެއެވެ. ވަށްބުރުގެ ދެ އަރީގައި ހަނދާއި އިރުގެ ޖަވާހިރުވެސް ވެއެވެ. އަހަރެމެން ދޮރު ހުޅުވާލި އަޑަށް އޭނާ އަހަރެމެންނާ ދިމާއަށް ބަލައިލިއެވެ. އަދި ތަޚުތުގެ ކަނާތްފަރާތުގައި ނިދާފައިވާ ކަޅު ބުޅާ ފޮނުވާލިއެވެ. ބިރުވެރި އަޑަކާއިއެކު އެ ބުޅާ އަހަރެމެންނާ ދިމާއަށް ފުންމައިގަތެވެ.
ލަވީން ހިފަހައްޓައިގެން ހުރި އައްޑަނައިން އެ ބުޅަލުގެ ވަކިތަކުން ސަލާމަތްވިއެވެ. ބުޅަލާއި ދިމާއަށް ލޮންސިއެއް އެއްލުމާއެކު، ކުއްލިއަކަށް އެ ބުޅާ ގެއްލުނެވެ. ފަހަތުގައި ހުރި އުޔީންގެ ގަޔަށް އެބުޅާ ފުންމައިގަތެވެ. ފެންފުޅިއަކާއި ‘ޕޮޓޭޝިއަމް’ގަނޑެއް އެއްލުމާއެކު ފަނޑު ދަނބުކުލައިގެ އަލިފާނަކާއެކު ގޮވިއެވެ. ނަމަވެސް އެ ބުޅާ ފެންނަ ހިސާބަކު ނެތެވެ. އޭރު ޖާދޫގެ ވަށްބުރު ވައިގެ ތެރޭގައި އުފުލިފައިވެއެވެ. ޒަހީރު ހިނގާފައި އައިސް ވަށްބުރާ ކައިރިވަމުން ދިޔައެވެ. އެ ބުޅަލާ ކިޒަން އާއި ލަވީން ހަނގުރާމަކުރަމުން ދިޔައެވެ.
އަހަރެން ޒަހީރުގެ ގަޔަށް ‘ސީޒިއަމް’ ފުޅިއެއް އެއްލީމެވެ. ނަމަވެސް އޭނާ އެ ވައިގެތެރޭގައި ހިފަހައްޓާ ލަވީން އާ ދިމާއަށް އެއްލިއެވެ. “ލަވީން. ދުރަށް.” އަހަރެން ވަރަށް ބާރަށް ބުނީމެވެ. އޭރު އެ ބުޅާ ފާޅުވަނީއެވެ. ‘ސީޒިއަމް’ ފުޅި ތަޅައިގެންގޮސް، އެ ބުޅާ އަނދައިގެން ދިޔައެވެ. ބާރު ގޮވުމަކާއެކު ކަށިތައްވެސް ފަޅައިގެން ގޮސް މުޅިތަނަށް ބުރައިގެން ދިޔައެވެ. އެއާއެކު ވަރަށް ގަދަ ކަޅުކުލައިގެ ދުންގަނޑެއް ފާޅުވެ ޒަހީރު ހުރި ދިމާއަށް ގޮސް ގެއްލުނެވެ. ޖާދޫގެ ވަށްބުރާ ގާތްވަމުން ދިޔަވަރަކަށް ޒަހީރު އޭގައިވާ ޖަވާހިރުތަކުގެ ބާރު ދަމަމުން ގެންދެއެވެ. އަހަރެންވެސް ލަސްލަހުން އެ ޖާދޫގެ ވަށްބުރާ ގާތްވަމުން ދިޔައީމެވެ. އޭރު އުޔީން އާއި ލަވީން ޖަލުގައިވާ މީހުން ސަލާމަތް ކުރުމަށް ދިޔައެވެ. ޒަހީރު އޭނާގެ ކަޅު ޖާދޫގެ ފުއްތައް ބޭނުންކޮށް އަހަރެން ދުރަށް އެއްލާލިއެވެ. ކިޒަން ދުވެފައި ގޮސް ޒަހީރުއާ ދިމާއަށް ކަނޑި ހޫރާލިއެވެ. ޒަހީރުގެ ހުޝިޔާރުކަމުން ކިޒަން ހުރިގޮތަށް ގަނޑުވަރުން ބޭރުކޮށްލިއެވެ. އަހަރެން ވަރަށް އުނދަގުލުން ތެދުވެ ޖާދޫގެ ވަށްބުރާ ދިމާއަށް ދިޔުމާއެކު، އަނެއްކާވެސް ބިންމައްޗަށް ވައްޓާލިއެވެ.
ޖާދޫގެ ވަށްބުރު މައްޗަށް އަރަމުން ދިޔައެވެ. ޒަހީރުގެ ބާރު އިތުރުވަމުން ދިޔައެވެ. އޭރު ބައްޕަވެސް އުޔީންއާއި ލަވީންގެ އެހީތެރިކަމާއެކު ޖަލުން ސަލާމަތްވެ، ނިކުތެވެ. އިސާހިތަކު ގަނޑުވަރުގެ ކުޑަދޮރުތަކުން އަލިވަމުން ދިޔައެވެ. އެއްފަރާތުން ފިޔާތޮށިކުލައިން އަލިވެފައިވާއިރު، އަނެއް ފަރާތް ނޫކުލައަކުން ދިއްލިފައިވެއެވެ. ބިންގަނޑު ހެލެންފަށައިފިއެވެ. އުޑުން ފާޑެއްގެ އަޑުތަކެއް ކިޔަން ފަށައިފިއެވެ. ގުގުރުމާއި ވިދުން ކެތް ނުވާވަރަށް އިތުރުވިއެވެ. އޭރު ބައްޕަވެސް އަހަންނާ ދިމާއަށް އައުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް އަހަރެން ނާންނާށޭ ގޮވަމުން ޖާދޫގެ ވަށްބުރާދިމާއަށް ދިޔައީމެވެ. ބިމަށްދަމާ ބާރުވެސް ވަރަށް ގަދައެވެ. އެ ވަށްބުރުގެ އަޑިއަށް ދެވުނުހެން ޒަހީރު އަހަންނާ ދިމާއަށް ބަލާލިއެވެ. އަދި ޖާދޫގެ ބާރު ބޭނުންކުރުމަށް އުޅުނެއްކަމަކު، އޭނާވެސް ޖާދޫގެބާރު ކެނޑިގެން ދިޔައެވެ. އެޝްލިޕްނެވުން ހުއްޓުވުމަށް ކިޒަން ގޮވަމުން ދިޔައެވެ. އަހަންނަށް ކިޒަންގެ އަޑު އިވުމުން ދެ ލޯ ފެންކަޅިވާ ގޮތްވިއެވެ. “މިނާލް އަވަސް ހަނދާއި އިރު އެކުވަނީ!” ކިޒަން ބާރަށް ހަޅޭއްލަވަމުން ދިޔައެވެ. ޖާދޫގެ ވަށްބުރާއެކު އަހަރެން މައްޗަށް އުފުލިގެން ދިޔައެވެ. އަހަރެން ފައިގަ ޒަހީރު ހިފަހައްޓަން ފެށިއެވެ.
އޭރު ކިޒަން ދުވެފައި ގަނޑުވަރަށް ވަދެ، ޒަހީރުގެ ކަރުގައި ބާރަށް ހިފާލިއެވެ. އަދި ވެއްޓިފައިވާ ދަބަސްގަނޑުން ‘ސީޒިއަމް’ ފުޅިއެއް ނެގުމަށްފަހު ޒަހީރުގެ އަނގައަށް ޖަހާލިއެވެ. އެއާއެކު ބިއްލޫރި ފުޅި ތަޅައިގެންގޮސް އޭނާ އެތެރެހަށީގެ ބައިތައް ބޭރަށް ނިކުމެ ކަށިތައް ހަލާކުވެގެން ދިޔައެވެ.
ޖާދޫގެ ވަށްބުރުން ދޫކޮށްފައިވާ ދަނބު އަލި ކުއްލިއަކަށް ރަތް ފިޔާތޮށި ކުލައަކަށް ބަދަލުވިއެވެ. އަހަރެން އެއްވެސް ހިފެހެއްޓުމެއްނެތި މައްޗަށް އަރަމުން ދިޔައެވެ. އެންމެ ފަހު ފަހަރަށް ބައްޕައާ ދިމާއަށް ބަލާލީ ބައްޕައަށް ހެޔޮހާލުގައި ދިރިއުޅުމެއް އުޅުމަށް ވަސިއްޔަތްކުރާ ހާލުގައެވެ. ގަނޑުވަރުގެ ފުރާޅު ފޫދުއްވާލާ އަރަމުން ދިޔަ ޖާދޫގެ ވަށްބުރާއެކު އަހަރެން މައްޗަށް ދިޔައެވެ. ޒައިލީގެ ވަސިއްޔަތް ހަނދާންވެ، އަހަރެންނަށް ރޮވެންފެށުނެވެ. އަހަންނަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކުރެވުނެވެ. ބައްޕައާއި ކިޒަންވެސް އަހަރެންގެ ނަން ގޮވަމުން ދިޔައެވެ. ނަމަވެސް ރިޒުއާނާ އަދި ޒަހީރުގެ ނުބައި ރޭވުމަށް ނިމުމެއް ގެނެވުނީތީވެ، އަހަރެން ހުރީ ހިތް ހަމަޖެހިފައެވެ. ޖާދޫގެ ވަށްބުރާ ގާތްވި ވަރަކަށް އަހަރެންގެ ސަބިޝް ރެރިޑެން(ޖާދޫގެ ނާރު) ތަކުގައި ދިލަނަގައި ރިއްސަންފެށިއެވެ. އަދި އަހަރެންގެ ގައިގެ މަސްތަކުގައިވެސް މެއެވެ. ޖާދޫގެ ވަށްބުރުގައި އަތް ޖެހުނުހެން އިނގިލިތަކުގެ މަސްތަކާއި ހަންގަނޑަށް ހޫނުވެ ފިހިގެން ދިޔައެވެ. ނަމަވެސް ޒަހީރުގެ ރޭވުންތައް ކުރިއެރުވިޔަ ނުދިނުމަށް އެ ޖާދޫގެ ވަށްބުރުގައި ހިފާ ފަޅިފަޅިއަށް ވަކިކޮށްލީމެވެ. މާގިނައިރުތަކެއްނުވެ، ބޮޑު ބޮމެއް ގޮވިހެން އެ ޖާދޫގެ ވަށްބުރު އެކި ދިމަ ދިމާއަށް ބުރުއްސައިގެން ދިޔައެވެ. ގައިގެ އެތައް މިތަނަށް އެތިކޮޅުތައް ވަދެ، ތަންތަން ހަލާކުވިއެވެ. ކުއްލި ސިހުމާއެކު އަހަރެންގެ ހަޔާތަށް ނިމުމެއް އައުމާއެކުހެން ހަށިގަނޑު ދުރަށް ވިއްސައިގެން ދިޔައެވެ.
(ސިޒަން 1 ނިމުނީ)
ސީޒަން 2 ގައި:
~ ޣިފިމް ރެނިޓް
~ ސޫރް ނެޕްޓަފް
~ ކިޒަން އަކީ ކާކު؟
~ އެޝްލިޕްނިއާގެ ޙަޤީޤަތް
(އިންތިޒާރު ކޮށްލައްވާ!)
One Comment
Comments are closed.



Season 2 Trailer will be out April 20 In sha Allah