ޖަވާހިރުގެ ބާރު – 12
ގަސްގަހުގެ ފަތްތަކުން ފުރޭނިގެން ފައިބާ ހަނދުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް އެތާކުނުވެއެވެ. ނޫކުލައިން ދިއްލިފައިވީ ނަމަވެސް މުޅިތަނުގައި އަނދިރިކަން ހުއްޓެވެ. އަޑަކަށް އިވެނީ ކިޒަން ހިނގަމުން ދިޔަވަރަކަށް ފަތްތައް މުގުރޭ އަޑެވެ. ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށްގެން އަތުގެ ބަނޑުފުށުގައި އަލިފާންކޮޅެއް ރޯކޮށްލީމެވެ. ވަށައިގެންވާ ގަސްތަކަށް ނަޒަރު ހިންގާލީމެވެ. ޓެފަނުރްގައިވާ ގަސްތަކާއި ހާސްތަން ތަފާތެވެ. ކިޒަންގެ ފަހަތުން މަޑުމަޑުން އުދުހެމުންގޮސް އެ ބޯ ޖަންގަލިން ނިކުމެވުނެވެ.
ނިޔާމަ ހުސް ބިމެކެވެ. މުޅި އެތަންވަނީ ނޫކުލައިގެ ހަނދުވަރުން ދިއްލިފައެވެ. ހިނގަމުން ދިޔަވަރަކަށް މާދުރުނޫން ހިސާބަކުން ގެތަކެއް ފެނެއެވެ. އެތަން ވަނީ ފަނޑު އައްޔަކުން ދިއްލާލާފައެވެ. މާގިނައިރުތަކެއްނުވެ އެ ހިސާބަށް އަރާ ހަމަވިއެވެ. އެތަނުގައި ހީވަނީ ބޮޑު މަހާސަމާއެއް ހިންގާ ހެންނެވެ. މުޅި އެތަން ވަނީ ޒީނަތްތެރިކޮށްލާފައެވެ. ވަށްބުރެއްހެން ގެތަކުގެ މެދުގައި ބޮޑު މައިދާނެއް އޮތެވެ. އެ މައިދާނުގައި މޭޒުތައް އަތުރާފައިވެއެވެ. މޭޒުމަތީގައި އެކިއެކި ބާވަތްތަކުގެ ކެއުންތައް އަތުރާފައިވެއެވެ. އެތަނުގެ ވަށައިގެން މީހުންތައްވަނީ މަޖާނެގުމާއި ނެށުމުގައެވެ. އެއްބަޔަކު އަނެއްބަޔަކާއި ޖާދޫގެ ހަނގުރާމަތައްވެސް ކުރަމުން ދިޔައެވެ. އެ ސަހަރަށް ވަންނަ ދޮރުކައިރީގައި ތިބި ދޮރުވާނުން އަހަރެމެން ހިފަހައްޓާ ސުވާލުކުރިއެވެ. ދަތުރުގެ ބޭނުމާއި، ހަތިޔާރު ހުރިތޯއާއި ސަހަރުގައި މަޑުކުރަނީ ކިތައް ދުވަސްކަމަށް ކިޒަން ކައިރީ ސުވާލުކުރިއެވެ. ސުވާލުތަކަށް ޖަވާބުދެމުންގޮސް ކިޒަން އެތަނަށް ވަނުމަށް ފައިސާވެސް ދެއްކިއެވެ.
ބަނޑުހައިވެފައިވާލެއް ބޮޑުކަމުން އުދުހިފައިގޮސް މޭޒުމައްޗާ ގާތްވީމެވެ. ކިޒަންވެސް އިރުކޮޅެއްފަހުން އައެވެ. އެތާގައި ތިބި މީހުން އަހަރެމެންނާ ދިމާއަށް ބަލަންފެށިއެވެ. “ކީއްވެ އެމީހުން އަހަރެމެންނާ ދިމާއަށް އެ ބަލަނީ؟” އަހަރެން ސުވާލުކޮށްލީމެވެ. “ނޭނގެ. ހިނގާބަލަ ދެންވެެސް ކާއެއްޗިހި ހިފައިގެން ދުރަށް ދެވޭތޯ ބަލަން!” ކިޒަން އަވަސްއަވަހަށް ތައްޓެއްނަގައި ކާއެއްޗެހި އަޅަމުން ބުންޏެވެ. ކާމޭޒުދޮށުގައި ގިނައިރުނުކޮށް އަހަރެމެން ހިނގައިގަތީ ގެތަކުގެ އަރިމަތިތަކުގައި ބެހެއްޓިފައިވާ ދިގުގޮނޑިތައް ހުރި ދިމާއަށެވެ. ލަކުޑިން ހަދާފައިވާ ދިގުގޮނޑީގައި އިށީނދެ ކައިގެން ވަރުބަލި ފިލުވާލުމަށް ތިބީއެވެ.
އިސާހިތަކު އެ ސަހަރުގެ އިރުމަތި ފަރާތުން ތޫލި އަޑަކާއިއެކު ދަނބުކުލައިގެ ޖާދޫގެ ފުއްތަކެއް ފާޅުވިތަން ފެނުނެވެ. “ކިޒަން! ކިޒަން! އަވަހަށް ހިނގާ މިތަނުން ދާން ރިޒުއާނާ އެބައާދޭ!” ލޯމެފައިވާ ކިޒަންގެ ގައިގަ ކޮއްޓާލަމުން ބުނެލީމެވެ. ކިޒަންއަށް އެ ދަނބުކުލައިގެ ފުއްތައް ދެއްކީމެވެ. އެއާއެކު އޭނާ އިރުޝާދު ދިންގޮތަށް އެ ސަހަރުގެ ހުޅަނގަށްވާގޮތައް މައްޗަށް އުދުހިގަތީމެވެ.
ޖަންގަލީގައި ހުރި ގަހެއްގެ އޮފިގަނޑުގައި އިށީނދެ އިނީ ވާނުވާ ބެލުމަށެވެ. ދަނބުކުލައިގެ ފުއްތައް ފަނޑުވެ ގެއްލުމާއެކު ދުރު ހިސާބުގައި ރިޒުއާނާ ހުރިތަން ފެނެއެވެ. އޭނާ އުދުހިފައި އެ ސަހަރުގެ ވެރިޔާއަށް ގޮވައި ގެނައެވެ. ޖަވާހިރު ދިނުމަށް އަމުރުކުރިއެވެ. ރިޒުއާނާ ކުރި ކޮންމެ ސުވާލަކަށް ނޫނެކޭ އެ ސަހަރުގައި ތިބި މީހުންނާއި ވެރިމީހާ ބުނަމުން ދިޔައެވެ. “ނުދޭނަމޭ؟ ނުދީފިއްޔާ މުޅި މިތަން މިރޭ ބިމާ ހަމަކުރާނަން!” ރިޒުއާނާ އިންޒާރުދިނެވެ. އަތުގައި ރަތްކުލައިގެ އަލިފާންގަނޑެއް ފާޅުކޮށް ސަހަރުގެ އެކި ދިމަދިމާއަށް އެއްލިއެވެ. އިސާހިތަކު މުޅި ސަހަރުގައި ރޯވެ އަނދަމުން ދިޔައެވެ.
މާގިނައިރުތަކެއްނުކޮށް އިލުނިއޮފް(ވަންހަނާ) ގެ ޖާދޫ ބޭނުންކޮށް، ޥަޓެފް(ފެނުގެ ޖާދޫ) ގެ ބޭނުންކޮށްގެން އަވަށުގެ ހުޅަނގުފަރާތަށް ފެން އޮއްސަން ދިޔައީމެވެ. ޥިރިމް(ވައިގެ ޖާދޫ) ބޭނުންކޮށް ދުރުތަންތަނަށް ފެން ބުރުއްސީމެވެ. އޭރު ކިޒަންވެސް ރިޒުއާނާގެ ފަހަތުންގޮސް ރީނދޫކުލައިގެ ޖާދޫ ގުޅައެއް އެއްލިއެވެ. އޭތި ރިޒުއާނާ ގައިގަ ޖެހުނުހެން އޭނާ އަނދަން ފެށިއެވެ. ވަރުގަދަ ހަޅޭކާއިއެކު ދަނބުކުލައިގެ ކުނޑިފުއްތަކެއް ފާޅުވެ ހުރިތަނަށް ގެއްލުނެވެ. ރިޒުއާނާއަށް ބެލުމެއްނެތި އަހަރެން މުޅި އަވަށަށް ދިޔައީ ފެން ބުރުއްސަމުންނެވެ. އިރުގަނޑެއް ފަހުން ކިޒަންގެވެސް އެހީތެރިކަމާއެކު އަލިފާންގަނޑު އެއްކޮށް ނިވުނެވެ. ނިމުންއިރު ދެމީހުން ތިބީ ހާންތިވެފައެވެ. ކޭއެތިކޮޅު ނުފުދޭ ކަހަލައެވެ. ދެވަނަ ފަހަރަށް ކެއުމަކަށް ނުދިޔަ ނަމަވެސް ކުއްޔަށް ދޫކުރާ ކޮޓަރިއެއްވެސް ނުލިބުނެވެ.
ކުރިއެކޭވެސް އެއްފަދައިން އެ ސަހަރުގެ މާދުރުނޫން ހިސާބެއްގައި އެއަފްޓިޚް(ބިމުގެ ޖާދޫ) ބޭނުންކޮށްގެން ހޮހޮޅައެއް ހެދީއެވެ. ދެ މީހުން ވަކިވާގޮތައް ފާރެއް މިފަހަރު އެޅީމެވެ. އެ ބިނާރު ވަރުގަދަކުރުމަށްފަހު އޭގެ ތެރެއަށްވަދެ ނިދީއެވެ.
ރަތް ފިޔާތޮށި އުދަރެހުގައި ޚިޔާލުތައް ބަލަބަލާ ހުއްޓާ، ކުއްލިއަކަށް ހުވަފެނީ ހަވަނަ މިނަށް ބަދަލުވިއެވެ. އުދުހެމުންގޮސް ޖަވާހިރުތައް ފެނުނު ބިންގަރާހަށްވަދެ މުޅި އެތަން ބަލާ ފާސްކުރީމެވެ. އެކަކުގެ ހިލަމެއް އެތާކު ނުވެއެވެ. ކުރިން ފެނުނު ޖަވާހިރުގެ ވަށްބުރު ފެންނަން ހުއްޓެވެ. ކުރީ ފަހަރާ ޚިލާފަށް މިފަހަރު އާ ޖަވާހިރެއް އޭގައިވެއެވެ. މުޅިއެކު ހަ ދިގުހުރަސް ހުރި އިރު، ވަށްބުރުގެ ތެރޭގައި ކުޑަ ވަށްބުރެއްވެސްވެއެވެ. މުޅިއެކު ބާރަ ލޯވަޅު ކަނޑާނަގާފައިވެއެވެ. އޭގެތެރެއިން ހުސްކޮށް ހުރީ ތިން ލޯވަޅެވެ. ވަށްބުރުތަކުގެ މެދުގައި އެހެން ލޯވަޅުތަކަށްވުރެ ބޮޑު ލޯވަޅެއް ކަނޑާނަގާފައި ހުއްޓެވެ. ޔާގޫތާއި އެކި ވައްތަރުތަކުގެ އަލިމަހާއި ފެންފިޔާޒުތައް ވަށްބުރުތަކުގައި އަތުރާލެވިފައިވެއެވެ.
މާގިނައިރު އެއަށް ބެލުމެއްނެތި ބިންގަރާހުން މައްޗައް އުދުހިގަތީމެވެ. ތަޚުތުގެ ވާތްފަރާތުގައިވާ ދޮރުން ތިރިއަށް ފޭބިއިރު ރިޒުއާނާ ފެނުނެވެ. އޭނާގެ ކުރިމަތީ އިސްދަށަށް ޖަހައި ދެކަކޫޖަހައިގެން ހުރި މީހެއް ހުއްޓެވެ. އޭނާ ވަރަށް އުނދަގުލުން ބުނަމުން ދިޔައެވެ. “އަހަރެން މިތަނުން ދޫކުރޭ!”
“ކަލޭ ދެން ބުނަންވީއެއްނު އެ ޖަވާހިރު ވީތަނެއް! ފާއިތުވީ ހުރިހާ ދުވަހު ކަލެއަށް ހުރިހާ އެއްޗެއް ދިނިން. ހަމަ މިހާރު ބުނޭ! ކޮބާހޭ އެ ޖަވާހިރު؟ ހަމަ ނުބުނާނަން ދޯ؟ މީގެފަހުން ކަލެއަކަށް ކާތަކެއްޗެއް ނުދޭނަން. އެހެން ނަމަވެސް ޖަވާބު ބުނެދީފިއްޔާ ކާތަކެތިވެސް ދޭނަން އަދި މިތަނުން ދޫވެސްކޮށްލާނަން. އެޝްލިޕްނެ ގެ ދުވަސް ގާތްވި ވަރަކަށް އަނިޔާވެސްކުރާނަން.” ރިޒުއާނާ ހިފަހައްޓައިގެން ހުރި ޗާބޫކުން އެ މީހާގެގައިގަ ދެތިން ފަހަރު ޖެހިއެވެ. އޭރުވެސް އޭނާގެ މޫނު ފެންނަ ގޮތެއް ނުވިޔެވެ. އަލިފާނުގެ ބާރު ބޭނުންކުރި ނަމަވެސް އޭނާގެ މޫނު ސާފެއް ނުވިއެވެ. މުޅި މޫނު ފުރިފައިވަނީ ލަކުނުންނެވެ. ލޮލާއި ތަންތަން ވެސް ނުހުޅުވޭވަރަށް ދުޅަވެފައިވެއެވެ. ކޮލުގެ އެކި ތަންތަނުން ލޭ ހިލިހިލި ހުއްޓެވެ. ހަލާކުވެފައިވާ ތަންތަނުން ދޮސްވެސް ފައިބަފައިފާ ހުއްޓެވެ. ހިނދުކޮޅަކަށް ނަމަވެސް އެ މީހާއަށް ހަމުދަރުދީވެވުނެވެ. އެއާއެކު ހުވަފެނުން ހޭލެވުނެވެ.
ހެނދުނުގެ ވަގުތު ވިޔަސް ޓެެފަސޫރް އަށް އިރުގެ އަލިކަމެއް ނުލިބެއެވެ. ނަމަވެސް ހަނދުގެ އަލިކަން ގަދަވެފައިވެއެވެ. ކަންނެތްކަމާއެކު ނަމަވެސް ތެދުވެ އެ ހޮހޮޅައިން ބޭރަށް އުދުއްސައިގަތީމެވެ. ޖާދޫގެ ބޭނުންކޮށް ތާޒާވެލައިގެން ކިޒަން ހޭލައިފިތޯ ބެލުމަށް ހޮހޮޅައަށް އެނބުރި އައީމެވެ. އޭރު ހޮހޮޅަ ބިމާހަމަކޮށް ކިޒަން ސަހަރަށް ދިޔުމަށް މިސްރާބު ޖަހާފައިވެއެވެ. އޭނާގެ ފަހަތުންގޮސް ސުވާލުކުރީމެވެ. “އަހަރެން ދޫކޮށްލާފަ ތަންތަނަށް ދަނީތަ؟” ޖަވާބުގައި އޭނާ ބުންޏެވެ. “ނޫނޭ. މިނާލް ނެތީމަ އަހަރެން ހީކުރީ ސަހަރަށް ދިޔައީކަމަށް.”
ދެ މީހުންވެސް މަޑުމަޑުން ސަހަރަށް ވަނީމެވެ. ރޭގައި ރިޒުއާނާ އައިސް ރޯކުރި އަލިފާނުގެ އަސަރުތައް އެކި ގޭގެޔަށް ކޮށްފައިވެއެވެ. ރައްޔިތުން އުޅެނީ އެ މީހެއްގެ އަމިއްލަ ގެދޮރު އާކުރުމުގައެވެ. އެ މީހުންނަށް އެހީތެރިވުމުގައި މުޅި އެދުވަސް ހޭދަކުރީމެވެ. ހަވީރުގެ ވަގުތުގައި އެ ސަހަރުގެ ވެރިޔާ ކިޒަންއާ ބައްދަލުކޮށް ޝުކުރުއަދާކުރިއެވެ. އަދި އަހަރެމެންގެ ދަތުރުގައި ބޭނުންވާ ވަސީލަތްތައް ހިލޭ އަހަރެމެންނަށް ފޯރުކޮށްދިނެވެ. އެރޭވެސް އަހަރެމެން ތިބީ އެ ސަހަރުގައިއެވެ. ނަމަވެސް މިފަހަރު ނިދާލާނެ ކޮޓަރިއެއް ލިބުނެވެ. އަހަރެން އެނދުގައި ނިދިއިރު ކިޒަން ތަޅުންގަނޑު މަތީގައި ނިދިއެވެ. ކިތަންމެ ދަން ވިއިރުވެސް އަހަރެންގެ ދެލޮލަކަށް ނިންޖެއް ނައެވެ. އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ނިދިފައިވާ ކިޒަންގެ މޫނަށެވެ.
އަހަރެންގެ ސިކުނޑިތެރެ ހީވަނީ ޚިޔާލުތަކާއި ސުވާލުތަކުން ފުރި ބާރުވެފައިއެވެ. އެ ހުވަފެނުގައި އަހަންނަށް ފެނުނު މީހަކީ ކާކު ހެއްޔެވެ؟ އޭނާގެ މުޅި ގައިވަނީ ޒަޚަމުކޮށްލާފައެވެ. މުޅި ހަށިގަނޑުގައިވަނީ ލަކުނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ މީހާގެ ހާލަތާއިމެދު ރިޒުއާނާގެ ހިތުގައި ކުޑަވެސް ހަމުދަރުދީއެއް އޮތް ހެންނެއް ހިއެއް ނުވެއެވެ. ރިޒުއާނާއާމެދު އޮތް ނަފުރަތުކަން އެތައް ގުނައަކަށް އިތުރުވަމުން ދިޔައެވެ. އޭނާ އަހަންނަށް ރަނގަޅު ކުރެވޭނެ ހެއްޔެވެ؟ އަހަރެންގެ މަންމަ އާއި ބައްޕަ މި ދުނިޔެއަށް އަލްވަދާޢު ކީ އޭނާގެ ސަބަބުންނެވެ. ނުވިތާކަށް އަހަރެންގެ ފައިވެސް ރަނގަޅު ކުރެވިގެން ނޫނީ ރިޒުއާނާގެ އަތްދަށުން ސަލާމަތް ނުވާނެކަން އަހަރެންނަށް ވިސްނިގެން ދިޔައެވެ. ހިފަހައްޓަން މަސައްކަތްކުރި ކަރުނަތައްވެސް ފައިބައިގަތީ ހުއްޓުމެއްނެތިއެވެ.
އެންމެ ނިދިފިޔެއްވެސް ނުޖެހުނެވެ. ޚިޔާލުތަކަށް ގެއްލި އޮވެ ރޮވެނީއެވެ. މިހުރިހާކަމަކުން ބޭރުވެވުނީ ކިޒަން އެނދާވީ ފަރާތައް އެނބުރުމުންނެވެ. ކުއްލި ސިހުމާއެކު ކަރުނަތައް ފޮހެލާފައި ކުޑަދޮރުން ބޭރުގައިވީ ހަނދަށް ބަލަން އޮތީމެވެ. މާގިނައިރުތަކެއްނުވެ އަހަރެން އަނެއްކާވެސް ކިޒަންގެ މޫނަށް ބަލަން އޮތީއެވެ. އެ ރީތި އަދި އެހާމެ ފުރިހަމަ މޫނުގައި، ހަނދުގެ އަލިކަން އެޅުމުން އިތުރަށް ފުރިހަމަކަން ގެނުވައެވެ. ފިރިހެންވަންތަ މޫނެކެވެ. ދެ ބުމަވެސް އެހާމެ ފުޅަލެވެ. އެސްފިޔަތައްވެސް ދިގުވެފައި، ލޮލުގެ ބައްޓަން އެހާމެ ރީއްޗެވެ. މުޅި މޫނުގައިވެސް އޮށާޅައެއްގެ ނިޝާނެއް ނުވެއެވެ. ހަމުގެ ކުލަ ފަނޑު ރީނދޫ ކުލައެއްގައި ވީއިރު، ހަންވެސް އެހާމެ އޮމާނެވެ. ތުނބުޅި ނެތަކަސް ލޯލިކޮށް ހުރި މަތިމަސް ހުއްޓެވެ. “ކީއްވެތަ ކިޒަން އެހާ ލޯތްބީ؟” ބޭއިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ. ވަގުތުން އަހަރެންގެ އަނގަމަތީގައި އަތް އެޅުނެވެ. ކިޒަންއަށް އަޑު އިވުންހެން ހީނުވާތީވެ އަހަރެންނަށް ހަމަޖެހުމެއް ލިބުނެވެ.
ޚިޔާލުތަކަށް ގެއްލިފައިވަނިކޮށް ހަނދުގެ އަލިކަން ގަދަވެގެން ދިޔައެވެ. ހެނދުނުވީކަމަށް އާ ހެދުމަކަށް ބަދަލުވެ، ތާޒާވެލީމެވެ. އިރުކޮޅަކުން ނިދާފައި އޮތް ކިޒަންއަށް ގޮވަން އުދުހިގަތީމެވެ. އޭނާގެ ހަށިގަނޑުގެ މަތީގައި އުފުލި އޮވެ، އޭނާގެ ބަނޑުގައި އަތުރާލެވިފައިވާ ހަ މަސްގަނޑަށް ބަލަމުން ދިޔަވަރަކަށް ކޯތާފަތްމަތިވެސް ދިޔައީ ރަތްވަމުންނެވެ. ބޭއިޚުތިޔާރުގައި އޭނާގެ އަތުގައި ކޮށްޓާލާއެކު އޭނާ ލޯ ހުޅުވާލިއެވެ. އޭނާ ތައްޔާރުވުމަށް އަހަރެން ކޮޓަރިން ބޭރަށް ދިޔައީމެވެ. އުދުހިފައިގޮސް ސަހަރުގެ ހުޅަނގުގައި ހުރި ގަހެއްގައި އިއްތާލީމެވެ. އަދިވެސް އަހަރެންގެ ކޯތާފަތްމަތިން ހޫނުކަން އިހުސާސްވެއެވެ.
ބާބު – 8 އަނދިރި ގަނޑުވަރު
އިރުކޮޅެއް ނުވެ ކިޒަން ތައްޔާރުވެގެން ނިކުތެވެ. އަހަރެމެންގެ މަންޒިލަށްކުރާ ދަތުރު ކުރިއަށް ދިޔައެވެ. ވައިގެ ތެރެއިން އުދުހެމުން ވިލާތައް ކަފަމުންގޮސް ވަރަށް ބިޔަ ގަހަކާއި ހަމައަށް ދެވުނެވެ. އެ ގަސް ހީވަނީ ޓެފަނުރް(އިރުގެ ބިން) ގައި ހުރި ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) ހެންނެވެ. ގަހުގައިވާ ދޮރަކުން އަހަރެމެން ވަނީމެވެ. މަތީ ޙަރުފަތުން މީހުން ވާހަކަދައްކާ އަޑު އިވެއެވެ. ސިޑިބަރިން މައްޗަށް އަރަމުން ކިޒަން ގޮވާލިއެވެ. “ޚީ ސައި ޖިފިއެރްމިން” އެ ކީ އެކައްޗެއްވެސް އަހަންނަކަށް ދޭހައެއް ނުވިއެވެ. “ޥެލްޝޯޒެ،ކިޒަރް. ޚައު އާފެ އީއޮއު؟” ބޮޑު މޭޒެއްގެ މެދުގައި ހުރި މީހަކު ބުންޏެވެ. “މިމް އީއޮއު ޖިރިމް އަ ބިފިމް؟” އަހަރެންނާ ދިމާއަށް ބަލާލުމަށްފަހު އެ މީހާ ބުންޏެވެ. “ރޯ، ރޯ، ޓިޚިން އިން ޒަރީރިން މައުބިޚިޓެފް” ކިޒަން އެ މީހުން ބުނި ބަސް އިންކާރު ކުރަމުން ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



V reethi MA ❤️
W np?☺️
Thanks! Stay tuned! Next part on 17th March, In sha Allah