Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދިގެން ކަލާ ލިބޭތޯ 43

Niraa Level 6100 Login10 Stories
February 19, 2026 15 Mins Read
1 Comment

(43 ވަނަ ބައި)

“ޒެލް… އައިމް ސޮރީ… އައިމް ސޯ ސޮރީ… އަހަރެން ގަސްތަކުނޫން… އެރޭ… އަހަންނަށް… އަހަންނަށް ވީނުވީއެއް ނޭނގުނީ… އިނގޭ ޒެލްއަށް ނުބައި މާނައެއް ނެގިދާނެކަން… އެކަމްވެސް…. އަހަރެން…” ޒެލްގެ ކުށްވެރިކަމުން ފުރި ގެންވީ ނަޒަރު އެ މޫނާއި އަމާޒުވެގެންދިޔުމާއިއެކުހެން އައިލީގެ ކެތްތެރިކަން ނެތިގެންދިޔަކަހަލައެވެ. ހަޔާތުގެ އެ ހިތި ހަނދާނަކީ ނުވާކަމަކަށް ހެދުމަށް އޭނަ ހާދަ މަސައްކަތެއްކޮށްފިއެވެ. ޒެލްގެ ކުރިމައްޗަށް އަންނަން ބޭނުންނުވީވެސް އެ ހަނދާންތަކާއި ދުރަށްދާން ބޭނުންވީވަރުންނެވެ. ކުށްވެރިކަމުގެ އިޙުސާސްތަކުން އެ ހިތް ފުރިފައިވުމުންނެވެ. އެކަމަކު ޒެލް ގެ ހިތް އޮތްގޮތް އިނގުމަށްފަހު އޭނައަށް ފުރަގަސްދެވިދާނެ ހެއްޔެވެ؟

“އައިލީ ޔޫ ރިމެމްބަރ އެވްރީ ތިންގް… ޑޯންޓް ޔޫ… ދެން ކީއްވެ ހަނދާން ނެތްކަމަށް ހެދިގެން އުޅުނީ؟” އައިލީގެ ބަސްތަކުން ލިބިގެންދިޔަ ހައިރާންކަމާއިއެކު ޒެލްއަށް އައިލީގެ ގައިން އަތްދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނަގެ ހަނދާނަށް އައީ ރިސޯޓްއަށް ކުރި ދެވަނަ ދަތުރަށްފަހު އައިލީއަށް އައި ބަދަލުތަކެވެ. އޭނައާއި ކުރިމަތިލާން ޖެހިލުންވެގެން އުޅުނުގޮތެވެ. ފުރަތަމަ ދަތުރުގައި އޭނަ އުންމީދުކުރިފަދަ ބަދަލުތަކެއް އައިލީގެ ފަރާތުންނެއް ނުފެނުނެވެ. އެއްވެސް ޖެހިލުންވުމެއްނެތި އޭނަގެ ކުރިމަތީގައި އުޅުނުގޮތުން އޭނަވެސް ހައިރާންވިއެވެ. އައިލީ އެކްޓެއް ޖައްސަނީކަމަށް ހީކުރެވުނެވެ. ކުރީން އެހެންގޮތަކަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟

“ޓެލްމީ… ކުުރީން އައިލީގެ ހަނދާނުގައި އެއްވެސް ކަމެއް ނެތީތަ؟ މިފަހަރު ރިސޯޓްއަށް ދިޔަފަހުންތަ ހަނދާންވީ؟” އައިލީގެ ކޮނޑުގައި ހިފަހައްޓާލަމުން ޒެލް ސުވާލުކުރިއިރު ޒެލްގެ ކެތްތެރިކަން ކޮޅުންލަމުން އައި ފަދަ އިޙުސާސެއް ކުރެވުނެވެ. އެވަގުތު އައިލީ ލަސްލަހުން ބޯހަރަކާތްކޮށްލިގޮތުންވެސް ޒެލްގެ ޝައްކުތައް ތެދުކޮށްދިނެވެ. އޭނަގެ ދޫ ބަންދު ވެގެންދިޔަފަދައެވެ. އިރުކޮޅެއްވާންދެން ހުއްޓުން އަރާފައި ހުރުމަށްފަހު އޭނަ އައިލީ ގަޔާއި ކައިރިކޮށްލިއިރު އޭނަގެ ދެލޮލު ގައި ވިދުމެއްވިއެވެ. އެހުރިހާކަމަކަށްފަހު އައިލީ އޭނަގެ އަތުގެ ތެރެއަށް ވިރިގެންދާނެކަަމަށް އޭނައަށް ހީކުރެވުނެވެ. ނަމަވެސް…

“އަހަރެން ބޭނުންވަނީ… ބިރުވެރި ހުވަފެނެއްފަދައިން އެރޭގެ ކޮންމެ ހަނދާނެއް ހިތުން ފިލުވާލަން… އެއީ ނުވާކަމަށް ހަދަން… އެ ނޫންގޮތަކަށް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ…” އެވަގުތުކޮޅު އައިލީގެ ދުލުން ބޭރުވެގެންދިޔަ ކޮންމެ ބަހެއް ބާރު ވައިރޯޅިއެއްްފަދައިން ޒެލްގެ އުންމީދުގެ ހުޅުކޮޅު ނިއްވާލިފަދައެވެ. އޭނައަށް ވަގުތުން އައިލީ ގަޔާއި ދުރުކޮށްލެވުނުގޮތަށް އެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އެ ބަސްތައް ދޮގުކުރާނެ ކުޑަނަމަވެސް އަސަރެއް އެލޮލުގެތެރެއިން ހޯދަން އޭނަ ބޭނުންވީއެވެ.

“އައިލީއަށް ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ކީއްވެ އަހަންނަށް ފުރުސަތެއްދޭން އައިލީ ބޭނުންނުވަނީ… އައި ލަވް ޔޫ…” ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެެރޭގައި ޒެލްގެ ދިގު އެސްފިޔަތަށް ތެމިގެންދިޔައިރު އެލޮލުން ފާޅުވި ހިތްކަތިލާފަދަ ފުން އަސަރުތަކުން އައިލީގެ ހިތަށްވެސް އުނދަގޫވިއެވެ. ޒެލްގެ ހިތް އޭނަގެ ސަބަބުން ހަލާކުވީއިރު އޭނާއަށް ކޮށްދެވޭނެކަމެއް ނެތެވެ. ހަޔާތުގައި އޭނައަށް ހުންނަން ޖެހިފައިމިވަނީ ދުވަހަކުވެސް އަންނަން ބޭނުންވީފަދަ ހިސާބެއްގައެއް ނޫނެވެ. ހިޒްޔާން ނޫން ޒުވާނެއްގެ ހިތުގެ މިލްކުވެރިކަން އޭނަ ބޭނުމެއްނޫނެވެ. އޭނަގެ ހަޔާތުގައި އެރޭ ނައިނަމައެވެ. ޒެލްއަށް އެފަދަ ފުރިހަމަވުމެއްނެތް ކުލަ ރީތި ހުވަފެނެއް ނުދެއްކުނުނަމައެވެ.

“ޒެލް އަހަންނަށް އިނގޭ… އެކަމް އަހަރެން ލޯބިވަނީ ހިޒްޔާންދެކެ… ހަމައެކަނި ހިޒްޔާންދެކެ…. ދުވަހަކުވެސް ޒޭން ނޫން މީހަކުދެކެ އަހަންނަކަށް ލޯތްބެއްނުވެވޭނެ… އަހަރެންގެ އެންމެ ފަހުނޭވާ ދޫކޮށްލަން ބޭނުންވަނީވެސް އޭނަގެ މީހެއް ގެ ގޮތުގައި ހުރެ… އަހަންނަށް ކަމެއްކޮށްދެންޏާ ޒެލްގެ ހިތުން އެވީ ހުރިހާކަމެއް ފުހެލާ… އަހަރެން މަތީން ހަނދާން ނައްތާލާ… އެއީ ދެމީހުންނަށްވެސް އެންމެ ރަނގަޅުވާނެ ގޮތް… އަހަންނަށްވުރެ މާ ރަނގަޅު ކުދީންވެސް ޒެލްއަށްވާނެ…” އައިލީގެ އަޑުކުރެހެމުންދިޔައިރު އެ އަޑުންވެސް އަސަރުކޮށްފައިވާވަރު ހާމަވިއެވެ. ކަރުނުން ލޯ ބަރާވެ ފައިވީއިރު ޒެލް އެ ކަރުނަތައް ފޭބިޔަނުދިނުމަށް މަސައްކަތްކުރިއެވެ. އައިލީއަށް ބޭއިޚުތިޔާރުގައި ޒެލްގެގެ އަތުގައި ހިފާލެވުނެވެ. ޒެލްގެ ހިތަށް ކުރާނެ އަސަރާއި ވާނެ ދެރަ އޭނައަށް ކިތަންމެ ރަގަޅަށްވެސް އިހުސާސްކުރެވުނެވެ. އެކަމަކު ދެރައީ އެ ވޭންތައް ފިލުވާ ލަދޭން އޭނައަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަމެވެ.

“ޔޫ ކޭންޓް ޑޫ ދިސް ޓް މީ…” ކަރުނުން ފުރެމުންދިޔަ ދެލޮލާއިއެކު ޒެލްގެ އަޑުކުރެހިގެންދިޔައެވެ. އޭނައަށް އައިލީގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެވުނުއިރު އެއަޑުގައިވީ އިންތިހާ ދަރަޖައިގެ ވޭނެވެ. އޭނަގެ އުންމީދުގެ އެންމެ ފަހު ހުޅުކޮޅު ނިވެމުންދާއިރު އޭނައަށް ކެތްކުރެވޭނީ ކިހިނެތް ހެއްޔެވެ؟ އޭނަގެ ހިތުގައި އަޅަމުންދާ ވޭންތައް އައިލީއަށް އިޙުސާސްނުވަނީ ހެއްޔެވެ؟ އެންމެ ހިތިވީ ޒަޚަރު އެއަތުން އޭނައަށް ދިންއިރު އައިލީގެ ހިތުގައި ރަހުމެއްނެތީ ހެއްޔެވެ؟ އެއްފަރާތުން ވެވޭ ލޯތްބަކަށްޓަަކައި ލޯބިން ފުރިފައިވީ ހިތެއް ހަލާކުކޮށްލުމަކީ އިންސާފެއް ހެއްޔެވެ؟

“ހީ ޑޯންޓް ޑިޒާވް ޔޫ…” އަރުތެރެ ބެދި ވާހަކަދައްކަން ދަތިވަމުންދިޔައިރުވެސް އައިލީއަށް ވިސްނައިދޭން ޒެލް މަސައްކަތްކުރިއެވެ. އެވަގުތު އައިލީގެ ހިތްހަމަނުޖެހުން އެކުލެވިގެންވީ ނަޒަރު އެ މޫނާއި ހަމަވެގެންދިޔުމާއިއެކު ޒެލްގެ ބަސްތައް މެދުކެނޑިގެންދިޔަކަހަލައެވެ.

“ޒެލް… ޕްލީޒް… އިތުރަށް އަހަންނަށް މިކަން އުނދަގޫކުރަން ނޫޅެބަލަ… ހިޒްޔާންއާއި ބެހޭގޮތުން އެކަަކުވެސް އަހަން ނަކަށް ބުނެދޭކަށް ނުޖެހޭނެ…” ޒެލްގެ އަތް ފޮޅުވާލިއިރު އައިލީގެ އަޑުގައި ރުޅިވެރިކަންވިއެވެ. އެއާއިއެކު އޭނަ ޒެލްގެ މޫނަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. ހިޒްޔާންއާއި ބެހޭގޮތުން އެންމެ ބަދުބަހެއް އަޑުއަހަންވެސް އޭނަ ކެތްކޮށްގެން ނުހުންނާނެކަން ރީތިގޮތުގައި އަންގާލަދިނީއެވެ. ދިގު އިންތިޒާރަކަށްފަހު ހިޒްޔާންއާއި އޭނަގެ ގުޅުމުގައި ކުލަ ޖެހެން ފެށީ އަދި ކިރިޔާއެވެ. ވީއިރު އޭނަ ފުރާނައިން ޤުރުބާންވެގެންވެސް އެދެމެދުގައިވާ ލޯބި ރައްކާތެރިކުރާނެއެވެ.

އިރުކޮޅެއްވާންދެން ޒެލްއާއި ދިމާލަށް ކަޅިއަޅާލައިގެންހުރެފައި ވައިރޯޅިއެއްހާ ބާރުމިނުގައި އައިލީ ކެބިންއިން ނިކުމެގެން ދިޔުމާއިއެކު ހަށިގަނޑުގެ ވަރުދޫވެގެންދިޔަހެން ޒެލްއަށް ފާރަށް ލެގިލެވުނެވެ. އޭނަ ހަރަކާތެއްނެތި ހިމޭންވެފައި ފާރަށް ލެގިލައިގެން ހުރިއިރު ލޮލުގެ ތެރެއަށް ކަރުނަތަށް ގިނަވަމުންދިޔައެވެ. ތުންފަތުގައި ދަތް އަޅާލުމަށްފަހު ދުރުބަލާލިއިރު އެދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ވޭނެވެ.

****************

ހެނދުނުގެ ތާޒާކަމުގެ މައްޗަށް މެންދުރުގެ ދިލަ ހޫނުކަން ވެރިވަމުން އައި ވަގުތެވެ. އިރު މެދު އުޑުގައި އޭގެ މަޤާމު ޔަގީންކުރަމުން ހުރަހަކާއިނުލާ އޭގެ ހޫނުން ދުނިޔެ ފިއްސަން ތައްޔާރުވަމުންދިޔައެވެ. ކަފަވިލާކޮޅެއްގެ އަސަރެއްނެތުމުން އުޑުމަތި ފެންނަން އޮތީ ފީރޯޒްކޮޅެއްފަދައިންނެވެ. ވައިރޯޅިތައް ހިނދިފައިވުމުން ފަޒާގައިވީ އުދާސްކަމެވެ.

ތަރުކާރީކޮޅެއް ގަނެގެން ގޯޅިއަށް ވަންނަން އައި ޔަންހާގެ ފިޔަވަޅުތައް ވަކިހިސާބަކުން މަޑުޖެހިގެންދިޔައެވެ. ގޯޅީގެ އެއް ކަނަކަށްވާގޮތަށް ޕާރކްކުރެވިފައިވާ ނޫކުލައިގެ ފެރާރީ ކާރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން ޔަންހާއަށް ހުރެވުނެވެ. މިވޭތުވެދިޔަ ދުވަސްތަކުގައި ކިތަންމެ ފަހަރަކު އޭނަގެ ލޮލުގައި އެކާރު އަޅައިގަނެފިއެވެ. އެކަމަކު ހީވާހީވު މަކަށް އަމަލުކުރަން ބޭނުންނުވާތީވެ އޭނަ އަޅާނުލާ ހުރީއެވެ.

ކާރުގެ ވިންޑްސްކްރީން ކުޑަކޮށް ތިރިކޮށްލައިގެން ހިޒްޔާން އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ “ޒަހާ މަންޒިލް”އާއި ދިމާލަށެވެ. އެގޭގެ ނޫދޮރޯށި ހުޅުވާލަމުން ޔުމްނު ބޭރަށް ނިކުންނާނެއިރަކަށް އޭނަ އިންތިޒާރުކުރަމުންދިޔައެވެ. އޭނަ ކާރުގެ ސަރަކައިގައި އެއްއަތުން ބީޓަކަށް ޖަހާލަ ޖަހާލަ އިނދެފައިވެސް ކާރުގެ ބިިއްލޫރިގަނޑާއި ދިމާލުން ގާތްވެގެންދިޔަ ހިޔަންޏާއިއެކު ވަގުތުން މޫނު އަނބުރާލަމުން ބަލާލެވުނެވެ. އެއާއިއެކު އެ މޫނު ރަތްވެގެންދިޔައިރު އަަވަސްވެފައިވީ ހިތުގެ ހިނގުންވެސް މަޑުޖެހިލައިގެންދިޔަކަހަލައެވެ.

“ދައްތާ…” ހިޒްޔާން ކާރުގެ ޑްރައިވިން ސީޓްގެ ދޮރުފަތް ހުޅުވާލިގޮތަށް ކާރުން ފޭބިއިރު އެހަރަކާތްތަކުގައި ކޮންމެވެސް ވަރަކަށް ޖެހިލުންވުންވިއެވެ. ޔަންހާގެ ފަރާތުން ހިތްހެޔޮކަން އިޙުސާސްވެފައިވިޔަސް މިވަގުތު ޔަންހާގެ އަމަލުތައް ހުންނާ ނެގޮތް ލަފާކޮށްލާކަށް އޭނައަަކަށް ނޭނގެއެވެ. ޔަންހާގެ ގައިމުވެސް އެ ހިސާބަށް އަންނާނީ ކަމެއް ފާހަގަކުރެވިގެންނެވެ.

“އައްދެ… އަހަރެންގެ ދަރިއެއް ފަހަތުން އުޅޭއިރުވެސް ކިޔާނީ ދައްތަތަ؟ އާދެބަލަ… މަންމަ ބޭނުން ހިޒްޔާންއާއި ވާހަކަ ދައްކަން…” ޔަންހާގެ ދެލޮލުން ފާޅުވެގެންދިޔަ ވިދުމާއިއެކު ހިޒްޔާންއާއި ދިމާކޮށްލިޔަސް އެ ލޮލުގައިވީ ވިދުން ނުހަނު އަވަހަށް ފިލައިގެންދިޔައެވެ. މޫނުމަތީން ވަރުބަލިކަން ފާޅުވެގެންދިޔުމާއިއެކު ޔަންހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ލަސްފިޔަވަޅުތަކެއްގައި އައިސް ހިޒްޔާންގެ އަތުގައި ހިފަހައްޓާލެވުނެވެ.

“ޔުމްނު މިވަގުތަކު ގެއަކު ނޫޅޭނެ… މިހާރު ހަފްތާއެއްވެއްޖެ މެންދުރު ޝިފްޓްއަށް ނިކުންނަން ފެށިފަހުން…” ޔަންހާގެ ފަހަތުގައި ހުރެގެން ހިޒްޔާން ގޯތިތެރެއަށް ވަދެގެންދިޔައިރު ޖެހިލުންވެފައިހުރިގޮތުން ޔަންހާ އޮޅުންފިލުވައިދިނެވެ. ހިޒްޔާން ގެ އަމަލުތައް ހުރިގޮތުންނާއި ފާއިތުވެގެންދިޔަ ދުވަސްތަކުގައި ޔުމްނުގެ ފަރާތުން ފެނުނު ބަދަލުތަކުންވެސް އެދެމެދުގައި ކަމެއް ހިނގައިގެން ގޮސްފިކަން އޭނައަށް އިނގުނެވެ. ހިޒްޔާންއާއި ޔުމްނުގެ ގުޅުމަކީ އޭނައަށް ސިއްރުވެފައި އޮތްކަމެއް ނޫނެވެ. ހިޒްޔާން ހޮސްޕިޓަލްއިން ފެނުނު ރޭވެސް ހިޒްޔާންގެ ނިޔަތާއިމެދު ޝައްކު އުފެދުނެވެ. އެއަށްފަހު އެދެމެދުގައި އޮތް ގުޅުން ބަދަހިވެގެން އައިރު އެކަމާއި އޭނަ އުފާކުރިއެވެ. ހިޒްޔާންފަދަ ހަރުދަނާ ޒުވާނެއް ޔުމްނުގެ އަތުގައި ހިފުމަކީ އޭނަގެ އަބަދުގެވެސް ހުވަފެނެކެވެ.

“މަންމަ މިއަންނަނީ އިނގޭ…” ހިޒްޔާން ނުހަނު ބީރައްޓެހިފައި އިންދާ ޔަންހާ ހިޒްޔާންއަށް ޖޯލީގައި އިށީންނަން އިޝާރާތްކުރުމަށްފަހު ގޭތެރެއަށް ވަދެގެންދިޔައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިޒްޔާން ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ނޫކުލައިން ފާރުތައް ފަޅުފިލުވާލެވިފައިވާ އެގޭގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ވީރާނާކަމެވެ. ފާރުގެ އެކި ދިމާ ލުން ކަޑަކަޑައިގެން ގޮސްފައިވާއިރު ދުވަސްވުމުގެ ސަބަބުން ކުލަ ކެހި ފާރުތަކުން ސިމެންތީގެ އަސަރު ފާޅުވަމުން ދިޔަ އެވެ. ގެއަށްވަންނަން ހާއްސަކޮށްފައިވާ ދޮރާށިގައި ލެވިފައިވާ ދަވާދު ފިލައިފައި ހުރި ދޮރުވެސް ވަނީ ފީވެފައެވެ. އެކަމަކު ގޭތެރޭގެ ކޮންމެ ދިމާލަކުން ފެންނަމުންދިޔައީ ސާފު ތާހިރުކަމެވެ. ތަޅުންގަނޑުމަތީގައި ފަތުރާލެވިފައި އޮތް ތަރަފާލުގަނޑު ގެ މަތީގައި ހިރަފުހުގެ އަސަރެއްނެތި އޮފް އަރަމުންދިޔައެވެ. ހިޒްޔާން ބޮޑުވެގެން އައި މާހައުލާއި އަޅާބަލާފައި ނުހަނު އާދައިގެ ދިރިއުޅުމެކެވެ. އެކަމަކު ޔުމްނުއަށްޓަަކައި މިއީވެސް އޭނައަށް ދުނިޔޭގެ ސުވަރުގެއެވެ.

އިރުކޮޅެއްފަހުން ތަނބަކެއްގައި ކޮފީ ޖޯޑަކާއި ކުޅި ކާޖާތަކެއް ހުރި ތައްޓެއް ބަހައްޓައިގެން ޔަންހާ ގޭތެރެއިން ނިކުމެގެން  އައެވެ. އޭނަ ޖޯލިފަތި ކައިރީގައި ހުރި މޭޒެއްމަތީގައި ތަބަށް ބެހެއްޓުމަށްފަހު ޖޯލީގައި އިށީދެލިއެވެ. ހިޒްޔާންއަށް ބަލާ ލުމަށްފަހުވެސް އޭނައަށް އިސްޖަހާލެވުނެެވެ. ދޫމަތީގައި އެތައް ވާހަކަތަކެއްވިޔަސް އޭނައަށް ވާހަކަ ފަށާނެގޮތެއް ނޭނގު ނެވެ. ޔުމްނުގެ ބައިވެރިއެއްގެ ގޮތުގައި ހިޒްޔާންގެ ގާތުގައި އޭނަ ދައްކަން ބޭނުންވާ ހާދަ ގިނަ ވާހަކަތަކެއް އެބަ ހުއްޓެވެ. އެކަމަކު އޭނައަށް އެހާ ހިތްވަރުކުރެވިދާނެ ހެއްޔެވެ؟

“މިއީ ހަަމަ މަންމަގެ މަސައްކަތްތަ؟” ޔަންހާގެ ފަރާތުން ފާޅުވަމުންދިޔަ ފަސްޖެހުން އިޙުސާސްކުރެވިގެން ހިޒްޔާން ވާހަކަަދައްކަން މަސައްކަތްކުރިއެވެ. ގޯތިތެރޭގައި ހައްދާލެވިފައިވާ ގަސްތަކަށް ނަޒަރު ހިންގާލަމުން ހިޒްޔާން ސުވާލު ކުރިއެވެ. އެ ވީރާނާ ގޭގެތެރެއިން އޭނައަށް ފެންނަ ހަަމައެކަނި ދިރުމަކީ އެއީއެވެ. މޭވާ އަޅާ ބަރާވެފަައިވާ ފެހިކަންގަދަ ގަސްތަކުންވެސް ޔަންހާގެ ބުރަމަސައްކަތް އަންގައިދެއެވެ. މިދުވަސްކޮޅު އެ ގަސްތައްވެސް އަތްވަށް މިލަމުންދަނީއެވެ. އޭގެ ވެރިމީހާގެ ހިތާމަތަކާއި ހާލަތު އިޙުސާސްކުރެވިގެންކަހަލައެވެ.

“މަންމައަށް އަޅުގަނޑު ގާތު ބޭނުން ކޮންމެ ވާހަކައެއްވެސް ދެއްކޭނެ… ތިއީ ހަމަ އަޅުގަނޑުގެވެސް މަންމައެއްނޫންތޯ… ޔުމްނުގެ މަންމައަށް އަޅުގަނޑުވެސް ޤަދަރުކުރަން…” އިރުކޮޅެއްފަހުން ޔަންހާގެ އަތުގައި ހިފަހައްޓާލަމުން ހިޒްޔާން ވާހަކަދެއްކިއިރު އޭނައަށް އިޙުތިރާމްކުރިގޮތުންވެސް ޔަންހާގެ ދެލޯ ތެމިގެންދިޔައެވެ. ބަފައެއްގެ ބުރަމަސައްކަތުން ބޮޑު ކޮށްފައިހުރި ހުލްޤު ހެޔޮ ފިރިހެންދަރިއެކެވެ. އެކަމަކު އޭނަގެ ހަޤީގަތް އިނގުމަށްފަހުވެސް ހިޒްޔާންގެ ހިތުން އެ ޤަދަރު ހަަމަ ލިބިދާނެ ހެއްޔެެވެ؟

ހިޒްޔާންއަށް އިރުކޮޅެއްވާންދެން ޔަންހާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޔަންހާގެ ފުރަތަމަ ފެނިލުމުންވެސް އެ ހަށިގަނޑު ހިކި އަނަރޫފަވަމުންދާގޮތް އޭނަައަށް ފާހަގަކުރެވުނެވެ. އެ ރީތި މޫނާއި ތުންފަތް ހުދުވެފައިވީގޮތުން ހިޒްޔާން ވެސް ބިރު ގަންނަގޮތްވިއެވެ. އާދަޔާ ހިލާފަށް އެއަތްތިލަވެސް ފިނިވެފައިވެެއެވެ.

“ހިޒްޔާންއާއި ޔުމްނުއާއި ދެމެދު އޮތް ގުޅުމާއިމެދު މަންމަ ސުވާލެއްނުކުރާނަން… މަންމައަށް ވަރަށް ރަނގަޅަށް ތި ދެކުދީންގެ ގުޅުން އިނގޭ… ތިދެކުދީންގެ ގުޅުން ބަދަހިވެގެން އައި ގޮތް މަންމަގެ މިދެލޮލުން ދެކުނިން… ހިޒްޔާންފަދަ ކުއްޖެއް މަންމަގެ ޔުމްނުއަށް ލިބުނީތީވެ މަންމަ އުފާކުރަން… މަންމައަށް މިވާހަކަތައް ދައްކާކަށް އެހާ ފަސޭހައެއްނޫން… ޔުމްނުއަކަށްވެސް ވަކި ފަސޭހައެއްނުވާނެ މި ވާހަކަަތައް ކިޔައިދޭކަށް… އެކަމަކު ހިޒްޔާން އޮޅުވާލުމެއްގައި ބަހައްޓާކަށް މަންމަ ބޭނުމެއްނޫން…” ޔަންހާގެ ލޮލުން ފޫދެމުން އައި ކަރުނަތަކާއިއެކު ކޮންމެ ލަފްޒެއްވެސް އެ ދުލުން ބޭރުވެގެން ދިޔައީ ނުހަނު އުނދަގުލުންނެވެ. ޒަމާންތަކެއްފަހުންވެސް އެއީ އޭނަގެ ދޫމައްޗަށް ގެންނަން ފަސޭހަ ވާހަކަަތަކަކަށް ނުވިއެވެ. އޭނަގެ ފަސްބައިގައި ނުފިލައިފައިވާ ކިލަނބުކަން އެހެން މީހެއްގެ ކުރިމަތީގައި ހާމަކުރަން ހިތް ނޭނދުނަސް އެއީ ސިއްރުކުރެވޭނޭކަމެއްނޫނެވެ.

“ޔުމްނުއަކީ މި މަންމަގެ ލޮލުގެ ނޫރު.. ފުރާނަ.. އެކަމަކު ޔުމްނުއަކީ ހަލާލު ކައިވެންޏެއްގެ މަތީގައި މަންމައަށް ލިބުނު ކުއްޖެއްނޫން.. އެއީ ފިރިހެނެއްގެ އޮޅުވާލުމާއި އަނިޔާވެރިކަމާއި މަކަރުވެރިކަމުގެ ޝަޒާ… އެކަމަކު މަންމަ ދުވަހަކުވެސް އެގޮތަށް ނުދެކެން… ކޮންމެގޮތަކަށް އުފަންވި ކުއްޖަކަށްވިޔަސް އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް މަންމަ ޔުމްނު ދެކެ ލޯބިވަން… އެއީ މިދުނިޔެއިން މަންމައަށް ލިބުނު ރަޙްމަތެއް… މިއަދާއި ހަަމަޔަށްވެސް މަންމަ ދިރިހުރި ސަބަބު…” މާޒީ ގެ ހަނދާންތައް އާވެގެންދިޔުމާއިއެކުވެސް ޔަންހާގެ އިސްއޮބިގެންދިޔައެވެ. މައިމީހާއަށްވިޔަސް އިސްއުފުލާ ޔުމްނުއާއި ދިމާލަށް ބަލާލުމުގެ ހައްޤެއްވެސް އޭނައަކަށް ނެތެވެ. މިދުނިޔެމަތީގައި އޭނައަކީ ޔުމްނުގެ ކުށްވެރިއެކެވެ. ޅައުުމުރުގައި އޭނައަށް ކުރެވުނު ފާފައިން އެންމެ ބޮޑު ހިތްދަތިކަމެއް ތަޙައްމަލްކުރަންޖެހުނީ މައުސޫމް ފުރާނެއެކެވެ. ކައިވެނީގެ އަގުމާތް ގުޅުުމެއްނެތި ބަފައެއްގެ ހިމާޔަތެއްނެތި އެފަދަ ގޮތަކަށް ދުނިޔެެއަށް އައުމަކީވެސް ޔުމްނުއަށް ދެވުނު އަނިޔާ އެކެވެ.

“ތިހުރިހާކަމެއްވެސް އިނގޭ މަންމާ… މަންމަ އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ… ހުރިހާކަމެއް އިނގިހުރެ އަޅުގަނޑު ޔުމްނުދެކެ ލޯބިވީ…” ހިޒްޔާން ޔަންހާގެ އަތުގައި ހިފަހައްޓާލަމުން ޔަންހާގެ ވާހަކަތައް މެދުކަނޑާލިއެވެ. ޔަންހާގެ ދުލުން އެވާހަކަތައް ކިޔައިދޭން މަޖުބޫރުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އަމިއްލަ މާޒީގައި ހެދިފައިވާ ގޯސްތަކުގެ ވާހަކަދެއްކުމަކީ އެއްވެސް މީހަކަށް ފަސޭހަކަމަކަށްނުވާނެއެވެ. އެއްވެސްކަމަކުން އޭނަގެ ނަޒަރިއްޔާތު ބަދަލުކޮށްލެވޭވަރަށްވުރެ ބޮޑަށް އޭނަ ޔުމްނުދެކެ ލޯބިވެއެވެ.

އެވަގުތުު ޔަންހާއަށް ހިޒްޔާންގެ މޫނަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭނަގެ ހަނދާނަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް އައީ ޝިފާންއެވެ. އޭނަގެ ބޭވަފާތެރިކަމަށްފަހުވެސް ޔުމްނުއާއިއެކީ އޭނަ ބަލައިގަތުމަށް ޝިފާން އެދުނުގޮތެވެ. ދެވަނަ ފުރުސަތެއް ދިނުމަށް އެދިގެން އޭނަ ގާތުގައި ދެއްކިހާ ވާހަކަތަކެވެ. ފުރަތަމަ ފަހަރަށް ހިޒްޔާންއަކީ މުޅިއުމުރަށްވެސް އޭނަގެ ދަރިފުޅާއިމެދު އަމާނާތްތެރިވާނޭ ޒުވާނެއްކަން އޭނައަށް ޔަޤީންކުރެވުނެވެ. އެއީ ޔުމްނުގެ ނަސީބެވެ.

“އެކަމަކު އެވަރުގެ އަނިޔާއެއް… ކީއްވެ މަންމާ؟ މަންމަގެ ކުށަކީ ކޮބާ؟ ޔުމްނުއަކީ އޭނަގެ ދަރިއެއްނޫންތަ؟” ހިޒްޔާން ގެ ފަރާތުން ކުރިމަތިވެގެން އައި ސުވާލާއިއެކީގައި ޔަންހާއަށް މަޑުމަޑުން ހިންދިރުވާލަމުން ދެލޯމަރާލެވުނެވެ. އެސުވާލަށް ޖަވާބުދޭކަށް އޭނައަކަށް ފަސޭހައެއްނޫނެވެ. ރީހާންއަކީ އޭނައަށްވުރެވެސް ބޮޑަށް ޝެރީންގެ ހަޔާތާއި ގުޅިފައިވާ ފަރާތެކެވެ. މިއަދު އައިޝަމްފަދަ ޤަދަރުވެރިއެއްގެ އަނތްބަކަށްވިޔަސް އެއީ އަދިވެސް ޝެރީންގެ ހަޔާތުގެ އެންމެ ކަޅު ސޮފްހާތަކެވެ. އެސިއްރު ފޮރުވަން ޝެރީން ކޮންމެފަދަކަމެއްވެސް ކޮށްފާނެއެވެ. ހިޒްޔާންއާއި ޔުމްނުގެ ގުޅުން އިނގޭދުވަހަކުން ޝެރީން ގެ ހިޔަނި އެދެކުދީންގެ ހަޔާތަށް ނޭޅިނުދާނެކަން އޭނައަށް އިނގެއެވެ. އެކަމުގެ ބިރު ހިތުގައި އޮތަސް ހިޒްޔާންއަށް އެ ވާހަކަތައް ހިއްސާކުރުމަކީ އޭނަ ނުކުރާނޭކަމެވެ.

“މަންމައަކީ ރީހާންގެ މަކަރުވެރިކަމުގެ ދާވަނީގައި ޖެހުނު ހަމައެކަނި އަންހެންކުއްޖާއެއްނޫން… އެކަމަކު ރީހާންގެ ވިޔާނުދާ އުޅުން ފަޅާއަރާ އަދަބު ލިބުނީ މަންމައާއިހެދި… މަންމަ ފަހަރެއްގައިވެސް ހިޔެއްނުކުރަން ރީހާންއަކީ އަމިއްލަ އަނބިމީހާ އަށްވެސް އޮޅުވާލަމުންދާ މަކަރުވެރި ފިރިހެނެއްކަމަކަށް… އެ ފަށުވި ބަސްތަކާއި ހަރަކާތްތަކުން ރީހާން އަމިއްލަ އަނބި މީހާވެސް ކަނުކޮށްފައިހުރީ ހަޤީގަތް ނުފެންނާނެހާވަރަށް… ޝެ..ރީން…” ވަކިހިސާބަކުން ޔަންހާގެ ޖުމްލަތައް މެދުކެނޑި ގެންދިޔުމާއިއެކު އަނގަމަތީގައި އަތްއަޅާލެވުނެވެ. އެއީ ހިޒްޔާންއަށް އޭނަ އަންގަން ބޭނުންވީ ހަޤީގަތެއް ނޫނެވެ. ހިނދު ކޮޅަކަށްވެސް އިޙުސާސްތަކުގައި ބެހިގެން އޭނައަށް ދެވުނީއެވެ. އެވަގުތު ހިޒްޔާން ތޫނު ނަޒަރު އެމޫނާއި އަމާޒުވެގެން ދިޔައިރު އެލޮލުގައިވީ އަސަރަކުންވެސް އިތުރަށް ސިއްރުކުރުމުގެ ބޭނުމެއްނެތްކަން ޔަންހާއަށް ނަގައިގަނެވުނެވެ.

“މިހުރިހާކަމެއް އިނގެންހުރީމަ ކަންނޭނގެ ހިޒްޔާންއަށް މިހިސާބަށް ތިއާދެވުނީ… އައިޝަމްގެ ކުރީން ޝެރީންއަކީ ރީހާން ގެ އަނބިމީހާ… އެދެމީހުންގެ ދަރިއަކުވެސް ހުރި… އެ މައްސަލަގަނޑުގައި އެދެމަފިރިން ވަރިވީ…” ޔަންހާގެ އެންމެފަހު ޖުމްލަތަކާއިއެކު ހިޒްޔާންގެ ސިކުނޑިތެރެއަށް ފިނިގަނޑެއް ވަދެގެންދިޔަކަހަލައެވެ. އިރުކޮޅަކަށް އޭނަ ހުއްޓުން އަރައިގެން ދިޔައެވެ. އެއީ މުޅި މެެހެލްއަށްވެސް ސިއްރުވެފައިވީ ކަމެކެވެ. ނޫނީ އަނދިރީގައި ހުރީ ހަމައެކަނި އޭނަ ހެއްޔެވެ؟ އެހެން މީހަކަށް ނޭނގުނަސް އަދިވެސް އެދެމެދުގައި ގުޅުމެއް އެބައޮތް ކަންނޭނގެއެވެ. އޭނަ ހަނދާނަށް އައީ ކޮލެޖްކައިރީން ޔޫލީންއާއި ރީހާން ދިމާކުރިދުވަހެވެ. އެދުވަހު ޔޫލީންގެ ގައިގައި އޭނަ އަތްލުމުން ރީހާން ރުޅިގަދަވީގޮތެވެ. ސިކުނޑީގެ މިސްރާބު ގެއްލެމުންދިޔައިރު ހިޒްޔާންއަށް ވަގުތުން ދެފަރާތަށް ބޯހޫރާލެވުނެވެ.

“ބައްޕައަށް އިނގޭނެތަ؟” އިސްޖަހާލައިގެން އިނދެ ހިޒްޔާން ސުވާލުކުރުމާއިއެކު ޔަންހާގެ ހިތުގައިވީ ބިރުވެރިކަން ތެދަކަށްވީފަދައެވެ. އޭނައަށް ވަގުތުން ހިޒްޔާންގެ އަތުގައި ހިފަހައްޓާލެވުނެވެ.

“ނޭނގިއެއް ނުހުންނާނެ… ކައިވެނީގެ ސެޓްފިކެޓްއިންވެސް އިނގޭނެ… ހިޒްޔާން… މަންމަ މިވާހަކަދެއްކީކީ ޝެރީންއާއި މެދު ދަރިފުޅުގެ ނަަޒަރިއްޔާތު ބަދަލުކުރާކަށްނޫން… ކޮންމެގޮތެއްވިޔަސް އެއީ ދަރިފުޅުގެ މަންމަގެ މަޤާމުގައިހުރި މީހާ… އިޙްތިރާމްކުރަންޖެހޭނެ… އަދި ޝެެރީންއަކީވެސް މަންމައެކޭ އެއްފަދައިން ރީހާންގެ ފަރާތުން އަނިޔާ ލިބުނު އަންހެނެއް… ފިރިމީހާގެ މަކަރުވެރިކަން ހާމަވެ، އަމިއްލަ ދަރިފުޅު އަތުން ބީވެގެން ދިޔުމަށްވުރެ ބޮޑު ހިތާމައެއް އަންހެނަކަށް ލިބި ދާނެތަ؟ މިއަދުވެސް މަންމަ ކައިރީގައި ހެޔޮހާލުގައި ޔުމްނު އެބަހުރި… އެކަމަކު ދެން ދުވަހަކުވެސް ޝެރީންއަކަށް މިލީންއެއް ނުފެންނާނެ..” ލޯތްބާއިއެކު ހިޒްޔާންއަށް ވިސްނައިދޭން ޔަންހާ މަސައްކަތްކުރިއެވެ. މަޔަކާއި ދަރިއެއްގެ ދެމެދު ގައި މައްސަލަ އުފައްދާ ކަތުރުފަންޏެއް ރޯލު އަދާކުރާކަށް އޭނަ ބޭނުމެއްނުވިއެވެ. އަދި ޝެރީން އޭނައާއި މެދު ކިތަންމެ އިހާނެތިކޮށް ކަންތައްކުރިޔަސް އޭނަ ޝެރީންގެ ފަރާތުން ބަދަލެއް ނުހިފާނެއެެވެ. އެދުވަހު ޝެރީން އޭނައާއި ދިމާލަށް ކިޔާލި އެންމެބަހެއްވެސް އޭނައަށް ހައްޤުވެެގެންނުވިޔަސް އޭނަ ޝެރީންއަށް މައާފުކުރިއެވެ. ޝެރީންއަކީވެސް ނުހައްޤުން އަނިޔާ ލިބުނު އަންހެންކުއްޖެކެވެ. އެހުރިހާ ހިތާމައަކާއި ވޭންތަކަކަށްފަހު ޝެރީންއަށްވެސް އުފާވެރި ހަޔާތެއް ހައްޤުވެގެން ވެއެވެ.

“މަންމަގެ ހަޔާތުގައި ޖެހުނު އެ ލަށްގަނޑުގެ ކިލަނބުކަން ޔުމްނުގެ ހިތުގައި މުޅިއުމުރަށްވެސް ހުންނާނެ… އެވޭންތައް ޔުމްނު މުޅިއުމުރަށްވެސް އުފުލާނެ… އިންތިހާ ދަރަޖައިގެ އަނިޔާވެރިކަން ލޮލުންދެކި… މަލާމާތާއި ފުރައްސާރައިން ފުރި ގެންވީ މާހައުލެއްގައި ބޮޑުވެގެން އައިރު އެކަން މަތީން ހަނދާންނެތުނު އެންމެ ވަގުތުކޮޅެއްވެސް އެދަރިފުޅުގެ ހަޔާތަކު ނާނދެ… ރީހާންގެ ހަސްކާތަކުން މިމަންމަ ޒަޚަމްވަމުންދިޔަޔަސް އޭގެ ފާރުތައް އުފެދެމުންއައީ ޔުމްނުގެ ހިތުގައި… މަޔަކު ދަރިއަކަށް ފެންނަން ނޭނދޭ އެތައް މަންޒަރެއް… އަޑުއިވެން ބޭނުންނުވާނޭ ކިތަންމެ އަޑެއް… އިޙުސާސްކުރާން ކެތްނުވާނޭ ކިތަންމެ އަނިޔާއެއް އިޙުސާސްކުރަމުން ޔުމްނު ބޮޑުުވެގެން އައީ… އޭގެ އަސަރު ޔުމްނުގެ ވިސްނުމާއި ނަޒަރިއްޔާތައްވެސް ކުރި… ހަމައެކަނި ޖިސްމާނީ އަނިޔާއެއްނޫން… ނަފްސާނީގޮތުންވެސް ބަލިކަށިވެގެންދިޔައިރު… މަންމަ ކިހިނެތް ޔުމްނުއަށް ވިސްނައިދޭނީ ލޯތްބަކީ އަނިޔާއެއްނޫންކަން؟ ޒަވާޖީ ހަޔާތަކީ ފިރިހެނެއްގެ މުށުތެރޭގައި އަންހެނަކު ފިއްތާލުން ނޫންކަން… ޔުމްނުގެ ދެލޯ ހުޅުވެމުންއައީ އިންތިހާ ދަރަޖައިގެ އަނިޔާގެ ތެެރެއަށް… ލޯބި އެދަރިފުޅަށް ފެނުނީ ގަދަކަންދެއްކުމާއި ހަސްކާގެ ގޮތުގައި….” އަރުތެރެ ފުރިގެންދިޔުމާއިއެކު ޔަންހާއަށް ވާހަކަދައްކަންވެސް ދަތިވިއެވެ. މޭގައި އުފެދެމުންދިޔަ ޒަވި ރިހުމާއިއެކު އޭނައަށް މެޔާއިދިމާލުން އަތްތިލަ ޖައްސާލެވުނެވެ. މަޔަކަށްވެ ހުރެ ދަރިފުޅު ތަހައްމަލް ކުރި ވޭންތަކުގެ ވާހަކަދެއްކުމަކީ ގައިމުވެސް ފަސޭހަކަމެއްނޫނެވެ. އެއީ އޭނަގެ ލޮލުގެ ނޫރެވެ. ކުޑަވެސް ހިތާމައެއް އެހިތަށް ލިބެން އޭނައަށް ރުހެވިދާނެ ހެއްޔެވެ؟ ހިޒްޔާންގެ ދެލޯ ތެމިގެންދިޔުމާއި ލޯމަތީގައި އަތްތިލަ ޖައްސާލެވުނެވެ. ޔަންހާގެ ފަރާތުން އެވާހަކަތައް އަޑުއިވުމުން އޭނަގެ ހިތަށްކުރީ ފުން އަސަރެކެވެ. ދުނިޔޭގައި އެފަދަ ހާލާތުގައި އުޅެމުންދާ ކިތައް މައިންނާއި ދަރީން އުޅޭނެހެއްޔެވެ؟ އަނިޔާވެރިކަމުގައި ޅަފުރާގެ މައުސޫމްކަން ނިގުޅައިގަނެވިފައިވާ އަންހެންކުއްޖެވެ. ލޯތްބާއި އުފަލުގައި ހޭދަކޮށްލަންވީ ހަޔާތުގެ ދައުރު އަނިޔާއާއި ވޭނުގެ ތެރޭގައި ހޭދަކޮށްލަން މަޖުބޫރުވީ ނަފްސެކެވެ. އެ ހަނދާންތައް ހިތުގެ ރިހުމަކަށްވެގެންގޮސްފައިވިޔަސް ޔުމްނު ހުންނަނީ އެ ކަންތައް ހިތުގެ އެންމެ ފުނު ގައި ރައްކާކޮށްލައިގެންނެވެ.

“ދުވަހަކުވެސް ޔުމްނުގެ ދިރިއުޅުމުން ފިރިހެނަކަށް ފުރުސަތުދޭނެހެނެއް މަންމައަކަށް ހިޔެއްނުވޭ.. ޔުމްނުގެ ހިތުގައިއެވާ ޒަޚަމްތަކާއި ވޭނާއި ރިހުންތައް ފަސޭހަކުރެވޭނީވެސް ލޯބިން… އެކަމަކު އެއީ ކެތްތެރިކަމާއިއެކު… ގިނަދުވަހުން… މަންމަ އަށް އިނގޭ ހިޒްޔާންއަށް މިކަން އިނގޭނެކަން… މަންމަ ބޭނުން… މިމަންމަ ދުނިޔޭގައި ހުއްޓާ ޔުމްނު ކައިވެނިކުރަން… ދަރިފުޅުމެން ދެކުދީން ގުޅޭ މަންޒަރު މިދެލޮލުން ދެކެން… މަންމަގެ މިއަތުން މަންމަގެ ޔުމްނު ދަރިފުޅާއި ހަވާލުކުރަން.. މަންމައަކަށް ގިނަވަގުތެއް ނެތް… ކެންސަރުގެ ވޭނުގައި އެންމެ ފަހުނޭވާ ދޫކޮށްލަންޖެހޭނެ ވަގުތެއް ކާކަށް އިނގެނީ؟” ހިޒްޔާންގެ އަތުގައި ހިފާ ބާރުކޮށްލައިގެން އިނދެ ހިތްވަރުކުރަމުން ޔަންހާ ބުނަމުންދިޔަ ކޮންމެ ލަފްޒަކީ ހިޒްޔާންއަށް ސިހުމަކަށްވިއެވެ. ޔަންހާގެ ދެލޮލަށް ކަރުނަތައް ބޮޑިވަމުން އައިރު އެދެލޮލުގައި ދިރުމެއްނުވެއެވެ. ހުރިހާ އުންމީދުތަކެއް އެ ހަޔާތާއި ވަކިވެފައިވާކަހަލައެވެ. ހިޒްޔާންއަށް ޔަންހާގެ އަތްތިލަ އިން އަތް ދަމައިގަންނަމުން ވަގުތުން ކޮއްޅަށް ތެދުވެ ވުނެވެ. އޭނައަށް އިރުކޮޅެއްވާންދެންވެސް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެވާހަކަތައް ދޮގުކޮށްދޭނޭ އަސަރެއް އެ މޫނުން ދެކެން ކެތްމަދުވެފައިހުރެއެވެ. އެކަމަކު ޔަންހާގެ ކުލަފަނޑުވެފައިވީ މޫނާއި އެ މޫނުގައިވީ ހިތްދަތިކަމުންވެސް ހިޒްޔާންގެ ހިތުގައި ލަތްކެއް ޖަހާލިކަހަލައެވެ. ހިޒްޔާންއަށް ދެއަތުން މޫނު ފޮރުވާލަމުން ތުންފަތުގައި ދަތްއަޅާލެވުނަސް ލޯފުރިގެން އައި ކަރުނަތިކިތައް ހިފަހައްޓައެއްނުލެވުނެވެ.

“މަންމާ.. ޔުމްނު…” ޔުމްނުގެ މަތީން ހަނދާންވެފައިވެސް ހިޒްޔާންއަށް ކަރުނަތައް ހުއްޓުވާލަންވެސް ދަތިވިއެވެ. ޔަންހާ އަކީ ޔުމްނުގެ މުޅި ދުނިޔެއެވެ. މިއަދާއި ހަމަޔަށްވެސް ޔުމްނު ދިރިހުރި ސަބަބެވެ. ޔަންހާ ނެތް ދުވަހަކުން ޔުމްނު ދުނިޔެއިންވެސް މޮޔަވެދާނެއެވެ. އެ ވޭނަށް ޔުމްނުއަށް ކެތެއްނުކުރެވޭނެއެވެ.

“ޔުމްނުއަކަށް ނޭނގޭނެ… އަންގާކަށް ބޭނުމެއްވެސްނޫން… މަންމައަށް މިވޭނަށް ކެތްކުރެވިދާނެ… އެކަމަކު ޔުމްނުއަކަށް ކެެތެއްނުވާނެ… ޔުމްނުއަކީ މިހާރުވެސް ސިއްރުން އެތައް ހިތާމަތަކެއް އުފުލަމުންދާ އަންހެންކުއްޖެއް… އެންމެ ފަހަރަކު ނަމަވެސް އެ މޫނުމަތީން ހިނިތުންވުމެއް ދެކިލަން މަންމަ ބޭނުން… ވަކިވެގެންދާއިރު ޔުމްނުގެ ލޮލުން ކަރުނަ އޮހޭތަން ދެކޭކަށް މަންމައަށް ކެތެއްނުވާނެ…” ދެލޯކަރުނުން ފުރެމުންދިޔައިރުވެސް ޔަންހާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނަ ލޯމަރާލަން ބޭނުމީ ޔުމްނުގެ ހިނިތުންވުންތައް ދެކެމުންނެވެ. އެލޮލުން ކަރުނަ ފެނިއްޖެނަމަ އޭނަގެ ހިތްވަރު އެލިދާނެއެވެ. މިދުނިޔެއަށް އޭނަގެ މޭގެއެތިކޮޅު ދޫކޮށްލުމަށްފަހު އޭނަ ދާއިމީ ގޮވެއްޖަށް ދަތުރު ފަށަން ޖެހިފައިވާއިރު އޭނަ ހާދަ ހިތްވަރުކުރަން އެބަޖެހެއެވެ.

“ނުރޮއެ.. މަންމަ ދިޔުމަށްފަހު ޔުމްނުއަށް ހިތްވަރުދޭން ހުރި މީހަކީ ދަރިފުޅެއްނު… މަންމައަށް ވައުދުވެދީ މުޅި އުމުރަށް ވެސް މިކަން ޔުމްނުއަށް ސިއްރުކޮށްދޭނަންކަމަށް… ވައުދުވެދީ މުޅިއުމުރަށްވެސް ލޯތްބާއިއެކު މަންމަގެ ޔުމްނު ބަލަހައް ޓައިދޭނެކަމަށް… މަންމަގެ އިތުބާރު ނަގައިނުލާނެކަމަށް… މަންމަ ނެތްދުވަހަކުން ޔުމްނު ވަރަށް ވަރަށް އެކަނިވެރިވާނެ… އެދަރިފުޅާއި އަޅާލާނޭ އެކަކުވެސް މި ދުނިޔެއަކު ނެތް…” ޔަންހާގެ ވަސިއްޔަތުން ހިޒްޔާންގެ ލޮލުން އިތުރަށް ކަރުނަ އޮހޮރުވާލިއެވެ. ޔަންހާގެ ކުރިމަތީގައި ކަރުނަތައް ދިރުވާލަމުން އޭނަ ނުރޯން ހިތްވަރުކުރިއެވެ. ލޯބިވާ މީހުންގެ ކަރުނައަކީ ބަލިމީހާއަށް ލިބޭނޭ އިތުރު ހިތްދަތިކަމެކެވެ. ޔަންހާގެ ހާލަތުކުރީން އިނގުނުނަމައެވެ.

“މަންމަ…” އެވަގުތުކޮޅު ހިޒްޔާން ވާހަކަދައްކަން އުޅުމާއިއެކު ޔަންހާ ދެފަރާތަކަށް ބޯހޫރާލައިފިއެވެ. އޭނައަށް ހިޒްޔާން ބުނަން އުޅުނު އެއްޗެއް އިނގުނަސް އެކަަމާއި އެއްބަހެއްނުވެވުނެވެ.

“ނޫން.. މަންމަގެ ފަރާތުން ތިކަމަށް ދަރިފުޅުނޭނދޭ.. ވާންނެތްކަމަކަށް އުންމީދުކުރާކަށް މަންމަ ބޭނުމެއްނޫން..ކެންސަރަކީ ފަރުވާއެއްނެތް ބައްޔެއް… ވީއިރު އިތުރު ވޭންތަކެއް އުފުލާނޭވަރެއް މަންމަގެ ހަށިގަނޑަކު ނެތް… މިންވަރުފުޅަށް ރުހިގެން ހުރެ ނިމިގެންދިޔުމަކީ މަންމަގެ ހަމައެކަނި އެދުން…” ޔަންހާ އެވަގުތުކޮޅު އާދޭހުގެ ނަަޒަރަކުން ހިޒްޔާންގެ މޫނަށް ބަލާލި ގޮތުންވެސް ހިޒްޔާންއަށް ވާހަކަ އިތުރަށް ކުރިއަށް ގެންދާނެހާ ހިތްވަރެއް ނުލިބުނެވެ. މާޔޫސްކަމާއިއެކު އޭނައަށް އިސް އޮބާލެވުނެވެ. ޔަންހާގެ އެ ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އޭނައަށް ދެނެގަނެވުނެވެ. އޭނައަަށް ޔަންހާ ގެނެސް މޭގައި ޖައްސާލަމުން އެދެއަތުގެ ތެރެއިން ހިމާޔަތްދެވުނެވެ. ފިރިހެންދަރިއަކު އުފަން މަންމައަށް ހިމާޔަތްދޭފަދަ ގޮތަށެވެ.

މައިވަންތަކަމުގެ ލޯތްބަކީ ހާދަ ފުންޖަޒުބާތެކެވެ. ވަކިވެގެންދާއިރުވެސް އަމިއްލަ ހަށިގަނޑުގެ ޒަޙަމްތަކުން އަޅަމުންދާ ވޭން ތަކަށްވުރެ ޔަންހާގެ މައި ލަގޮނޑީގެ ރިހުން ގަދަވެފައިވެއެވެ. އެންމެފަހު ނޭވާތައް ގުނަމުންދާއިރުވެސް އެ ސިކުނޑި ހާސްކޮށްފައިވަނީ ޔުމްނުގެ ހިޔާލުތަކުންނެވެ. ދުނިޔެ ނިމުމަކަށް އަންނަކަން އިނގޭއިރުވެސް އަމިއްލަ އުފާތައް ހޯދުމަށް ވުރެ އެމަންމަގެ އިސްކަންދެވިފައިހުރީ ވަކިވެގެންދިޔުމުގެ ކުރީން ދަރިފުޅުގެ ދުނިޔެ އާރާސްތުކުރުމަށެވެ.

***************

އިރުއޮއްސިގެންދިޔުމާއިއެކު ދުނިޔެމަތި ބައްދަމުންދިޔަ ވިލާތަކުން ބޯކޮށް ވާރޭ ވެހިގަތެވެ. ވާރޭގެ އެތައް ބޮޑެތި ތިކިތަކެއް ފުރާޅަށް ހަމަލާދިންއިރު ފުރާޅުމަތީގައި ގާތަކެއް ތަޅައިގަތްކަހަަލައެވެ. ވައިރޯޅިތައް ބާރުވެގެންދިޔައިރު އަންނަ ބާރު ކޮޅި ގަނޑުގައި ގަސްތަކުގެ ފަތްތައް ފުރާޅުގައި ވަކިއަޅުވާލަނީ މޭޖެހިގެންދާފަދަ ގޮތަކަށެވެ. ދޭތެރެއަކުން ކުޑަދޮރުތަކުވެސް ވައިއަޅުވާލައި އަޑު ފަޒާގައި ގުގުމައިގެންދެއެވެ.

ރޭގަނޑުގެ އެވަގުތު މެހެލްގެ ކޯރިޑޯތެރެއަށް ވެރިވެފައިވަނީ ނުހަނު ރީތި އަލިކަމެވެ. ރީނދޫކުލައިގެ ފަނޑު ޗާންދަލިއާއާއި އުއްބައްތިތަކުން އަލިވެފައިވާ ކޯރިޑޯއިން ހިޒްޔާން ހިނގާލާފައިދިޔައިރު އެ މޫނުމަތީގައިވީ ސީރިޔަސްކަމެވެ. ރޭގަނޑުގެ ނާސްތާ ކުރެވެމުންދިޔަ ވަގުތައްވިޔަސް އޭނަގެ މިސްރާބަކަށްވީ މަތީ ފަންގިފިލާގައި ހުންނަ ލައިބްރަރީއެވެ. އޭނަ ލަސް ފިޔަވަޅުތަކުގައި ގޮސް އެބައިގެ ބިޔަތަޅުގައި ހިފާލުމާއިއެކު ތޫލި އަޑައާއިއެކު ލައިބްރަރީގެ ބިޔަ ދޮރު ހުޅުވިގެން ދިޔައެވެ. ވަގުތުގެ ގޮތުން މިވަގުތު ލައިބްރަރީ ތެރޭގައި ވަނީ ފަނޑުއަލިކަމެކެވެ. އައިޝަމްގެ ވިޔަފާރިއާއިބެހޭ ފޮތްތަކުގެ އިތުރުން ޔަލާގެ ސައިކޮލޮޖީ ދާއިރާއާއި ބެހޭ ފޮތްތައް އެބައިގެ ރައްކާކުރާކަން އިނގިފައިވުމުން ހިޒްޔާންގެ ފިޔަވަޅުތައް ހުރީ އެންމެ ކަނުގައިވާ ހަރުގަނޑުތަކާއި ދިމާލަށެވެ. އޭނަ އެ ހަރުގަނޑުން ފޮތެއް ނެގިތަނާހެން ކޮންމެވެސް މީހަކު އެބައިގެ ދޮރު ހުޅުވާލައިފިއެވެ.

“ދޮން ނެތީމަ ވަރަކަށް އެބަހާވާލާ… އައިކްއާއި ދެމީހުން ކިތަންމެ ވަރަކަށް ތިފޮތްތައް ކިޔަސް އަންހެންކުދީން ސެޓް ކުރާނެގޮތެއް ނޭނގޭނެ…” ސީލީންގްގައިވާ އަލިގަދަ ބޮކިތައް ދިއްލާލުމަށްފަހު ލައިބްރަރީތެރެއަށް ވަދެގެން އަންނަމުން ޔަލާ ވާހަކަދެއްކިއެވެ.

“ޒޭން ސައިކޮލޮޖީ ބޯރިންއޭ ކިޔާފައި މާ ސިއްރުން ފޮތްތައް ހާވާތީވެ… ކޮނެލާ ހިތްވީއޭ ދޮންތްސް…” އައިކަން ހުޅުވަ އިގެން ހުރި ބޯ ފޮތުގެ ގަނޑުތައް ފަރުވާކުޑަގޮތަކަށް އުކާލުމަށްފަހު ޔަލާއާއި ގާތަށް އައެވެ. އޭނަ އައިޝަމްގެ ލައިބްރަރީ އަށް އައީވެސް ރަޒްދާން އެދިގެން ވިޔަފާރިއާއި ބެހޭ ފޮތެއް ހޯދަންވެގެންނެވެ. އޭނަ ހަރުގަނޑުތަކާއި ނިވާވާނެހެން ހުއްޓާ ހިޒްޔާން ލައިބްރަރީއަށް ވަދެގެން އައިރު އެ ހަރަކާތްތަކުގައިހުރި ސިއްރުވެރިކަމުން އޭނަ ހިޒްޔާންއަށް ފާރަލާހިތްވީއެވެ.

“އެހެންވެގެނެއްނޫން…ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފަހަތުން އަންނަން ޖެހޭނެއެއްނު… މަގޭ ހިޔަނިވިއްޔަ…” ހިޒްޔާން އައިކަންއަށް އިންޒާރުގެ ނަޒަރެއްދެމުން ދެލޯ ހަނިކޮށްލައިފިއެވެ. އޭނަ ބަލަމުންދިޔަ “ޕީ.ޓީ.އެސް.ޑީ”އާއި ގުޅޭ ފޮތް ހަރުގެ ފޮތްތަކުގެ ތެރެއަށް ކޮއްޕާލުމަށްފަހު ދެޖީބަށް އަތްޖަހާލައިފިއެެވެ. ޔަލާއާއިއެކު އަންހެންކުދީންކޮޅު ބޭރަށް ދިޔަ ގަނޑީގައި ވަގުތުކޮޅެއް ހޯދައިގެން އޭނަ އެވަރުން އެބަޔަށް އައީވެސް ޔުމްނުގެ ސިއްރުތައް ދެނެގަންނަން ބޭނުންވީވަރުންނެވެ. ޔުމްނުއާއި ދިމާވީ ފުރަތަމަ ދުވަހަކުވެސް ސިއްރިޔާތުގައި ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލްކުރަމުންދާ އަންހެންކުއްޖެއް ކަން އޭނައަށް އިނގުނެވެ. ނަފްސާނީ ބަލިތަކާއިބެހޭގޮތުން އިތުރަށް ހޯދަން އޭނަ ޝައުޤުވެރިވީ ޔަންހާގެ ފަރާތުން އިވުނު ވާހަކަތަކަށް ފަހުއެވެ. އެކަމަކު އައިކަން ހުއްޓާ އޭނައަށް އެއްކަމެއްވެސް ނުވާނެއެވެ.

އެވަގުތު ކުޑަކޮށް ތެމިލައިގެން ހުރެ އައިލީވެސް ލައިބްރަރީގެ ދޮރާއި އަރާހަމާވީއެވެ. ދެއަތް ފުރާލާފައިވާ ކޮތަޅުތަކާއިއެކު އެ މޫނުމަތީން ފާޅުވާންހުރީ ވަރުބަލިކަމެވެ. ވިއްސާރައިގައި ޖެހިގެން ގެއަށް އަންނަން ޖެހުމުން ފިނިބޮޑުވެގެންގޮސް އެ މޫނު ރަތްވެ ދަތްދޮޅިއަށްދާންދެން ރޫރޫއަޅަމުންދިޔައެވެ.

“ނޫނޭ… މޯލް އެއްކޮށް ގަނެލައިގެންތަ ތިއައީ؟ ހުޔޫންގެ ޝޮޕިންއޭ ކިޔައިގެންގޮސް އަމިއްލަ ޝޮޕިން ޖެއްސީދޯ… މި އަންހެންވެރިން ވަރަށް ފޭކްވާނެ….” އައިލީއާއި ޔަލާގެ އަތުގައި ހުރި ކޮތަޅުތައް ފެނުމުން އައިކަންއަށް ދިމާކޮށްނުލައެއް ނުހުރެވުނެވެ. އޭނަ ކޮތަޅުތައް ހާވާލަން ދިމާކުރުމާއިއެކު ޔަލާ ދަތްކުނޑިވިކާލަމުން އައިކަންގެ ކަންފަތުގައި ހިފާ ބާރުކޮށް ލައިފިއެވެ.

“ދަރިފުޅުމެން ތިއައީތަ؟ ވާރޭގައި ޖެހިދާނެކަމަށް ދޮންތަ ޒިލާލްވެސް ފޮނުވަން އުޅުނީމޭ… ދޭ ހިކިލަން…. ދޮންތަ އިވީ އާއި ހަވާލުކޮށްފައި ކޮފީ ފޮނުވަދޭނަން…” ޝަޔާދީންގެ ހިލަންވުމާއިއެކު ޔަލާ އައިކަންގެ ކަަންފަތުން ދޫކޮށްލަމުން ފަސް އެނބުރުނުއިރު ޝަޔާދީން އައިސް ލައިބްރަރީއާއި އަރާހަމާވީއެވެ. އޭނަ ޔަލާގެ އަތުގައި ހުރި ކޮތަޅުތައް ކުޑަކޮށް ހާވާ ލުމަށްފަހު ހުޔޫންގެ ކޮޓަރިއަށް ގެންދަން ޒިލާލްއާއި ހަވާލުކޮށްލިއެވެ.

“ޔޫލް… ދަރިފުޅު ފޯނަށް ކިހިނެތް ހަދައިގެން ތިއުޅެނީ؟ ޔޫލްއަށް ނުގުޅިގެން ޔޫލްގެ މަންމަ ދެފަހަރަކު ދޮންތައަށްވެސް ގުޅައިފި…” ޒިލާލްއާއިއެކީ ލައިބްރަރީއިން ނިކުންނަން ގޮސްފައިވެސް ކަމެއްމަތީން ހަނދާންވެގެންކަހަލަގޮތަކަށް ޝަޔާދީން ވާހަަކަދެއްކިއެވެ. ޔޫލީންއާއި ޝެރީންގެ ގުޅުން ހީނަރުވެފައިވާކަން އޭނައަށް ފާހަަގަކުރެވެން ފެށިފަހުން ދުވަސްކޮޅެއްވެއްޖެ އެވެ. ޒައިތޫން ގޮވައިގެން ރަޝިޔާއަށް ދާން ހަމަޖެހުމާއިއެކު އެދަތުރުގައި އޭނައާއިއެކުގައި ޔޫލީން ގެންދަން ޝެރީން މަސައްކަތްކުރިއެވެ. އެކަމަކު އެންމެ ފަހުވަގުތު އައިޝަމްގެ ކުރިމަތީގައި ޔޫލީން ދެކޮޅުހެދުމުން ޝެރީންއަށް ބަލިޤަބޫލު ކުރަން މަޖުބޫރުވީއެވެ. އައިޝަމްއާއިއެކީގައި ފުރައިގެންދިޔުމުގެ ކުރީން ޝެރީން އޭނައާއި ބައްދަލުކުރުމަށްފަހު ޔޫލީންއަށް ރަނގަޅަށް ބެލުމަށް އެދުނެވެ. ވަކީން ހާއްސަކޮށް އެކަނި ބޭރަށް ނުފޮނުވަން އެދުނުގޮތުން ޝަޔާދީންވެސް ހައިރާންވިއެވެ. ޔޫލީންއާއިމެދު ޝެރީން އެފަދަގޮތަކަށް ކަންބޮޑުވެގެން އުޅުމަކީ އޭނައަށް މުޅީން އާކަމެކެވެ.

ހުރިހާ ޒުވާނުންކޮޅު ކޯރިޑޯއިން ހިނގާލާފައި ދެވަނަ ބައިގެ ކޮޓަރިތަކާއި ދިމާލަށް ދިޔައިރު ހިޒްޔާންގެ ނަޒަރު ޔޫލީންގެ މޫނާއި ވަކިނުވެއެވެ. ލައިބްރަރީތެރެއަށް ވަދެގެން އައިރު ޔޫލީން ޝެރީންގެ ކޯލް ބިޒީކޮށްލިތަން އޭނައަށް ފެނުނެވެ. މި ދުވަސްކޮޅު ޔޫލީންގެ ފަރާތުން ފެންނަނީ ތަފާތު މިޖާޒެކެވެ. ކުރީންވެސް އެ ހިމޭން މިޖާޒު ފެނިފައިވިޔަސް މިހާރަކަށް އައިސް ވަކީން ބަސްމަދުހެން ހީވެއެވެ. އެންމެންނާއި އެކަހެރިވެގެން އުޅުން އާދަޔަކަށް ހަދައިފިއެވެ. މިފަހަރުވެސް ވަކި ހިސާބަކުން ޔޫލީން އަމިއްލަ ހިޔާލީ ދުނިޔެއެއްގައިހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމާއި ހިޒްޔާންގެ ހިތަށް ނުހަނު ބޮޑަށް އުނދަގޫވިއެވެ.

“ޔޫލް.. ޔޫލީން… ޔޫލީންއަަކަށް ނުޖެހޭނެ ހުުޔޫގެ ކޮޓަރިއަށް ނުވަދެ ދާކަށް… ޝީޒް ޔޯރ ސިސްޓަރ…” ހިޒްޔާން ބުނެލި އިރު އެ ބަސްތަކުގެ ބުރަދަން އިޙުސާސްނުކުރެވޭފަދައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެންމެންގެ ހައިރާންކަމުން ފުރި ގެންވީ ނަޒަރު ހިޒްޔާންގެ މޫނަށް ހުއްޓިގެންދިޔައެވެ. ޔޫލީންއަށްވެސް ހުރެވުނީ އޭނަގެ ކަންފަތަށް އިވުނު ބަސްތައް ޤަބޫލުނުކުރެވިފައެވެ. ހުޔޫންގެ އެއްޗެއްގައި ޔޫލީން އަތްޖައްސާލިޔަސް ހިޒްޔާން ރުޅިގަދަވީ ދުވަހެއްއައެވެ. އެތައްދުވަހަކު އެ އަތުގައި ހިފާ ދަމަމުން އެ ކޮޓަރިން ބޭރުކުރިއެވެ. ހުޔޫންގެ ކޮޓަރިއާއި ގާތަށްވެސް ނައުމަށް އެތައްފަހަރަކު އިންޒާރު ދިނެވެ. ހިޒްޔާންއަށްވެސް އޭނައަށް ބުނެވުނު ބަސްތައް އިޙުސާސްވީ ކަހަލައެވެ. ކުޑަކޮށް ކަރުކެހިލަމުން އޭނަ ކޮޓަރީގެ ދޮރުފަތް ހުޅުވާލައިފިއެވެ.

ހުޔޫންގެ މާސްޓަރ ބެޑްރޫމްގެ ޖާގަ ތަނަވަސްވެފައި ނުހަނު ހިތްގައިމެވެ. ހުދާއި މަޑުދަނބުގެ ވޯލް ޕޭފަރއިން ފާރުތައް ފޮރުވާލާފައިވާގޮތުން ނުހަނު ލޮލަށް ފަސޭހަވެފައި ހިތްގައިމެވެ. ދޮރުގެ ފަރުދާތަކާއި އެނދުގެ ބެޑްޝީޓް އަދި މަޑު ކުޝަންތައްވެސް ވަނީ އެދެކުލައިންނެވެ. މާބްލްސްމަތީގައި ފަތުރާލެވިފައިވާ ދަނބުކުލައިގެ މަޑު ރަގްއާއި ސީލިންގްގައި ވިދަމުންދާ ޗާންދަލިއާގެ ރަންއަލީންވެސް ކޮޓަރިތެރެއަށް ހުވަފެނީގޮތެއް ގެނުވައެވެ. ބިއްލޫރި ޑްރެސިން ޓޭބަލްއާއި ކޮޓަރި ތެރެއިން ވަދެވޭ ބޮޑު ވޯކިން ކްލޮސެޓްއާއިއެކު އެކޮޓަރިއަކީ ކޮންމެ އަންހެންކުއްޖެއްގެވެސް ހުވަފެނަކަށްވާނެއެވެ. ބޭނުން ނުކޮށް ދޫކޮށްލެވިފައިވާ ކޮޓަރިއަކަށްވިޔަސް ކޮންމެ ދިމާލަކުންވެސް އޮފްކަމާއިއެކު ދަޅައަޅަމުންދިޔައެވެ.

އައިޝަމް މީގެ އަހަރުތަކެއް ކުރީން ހުޔޫންއަށްޓަކައި އެ ކޮޓަރި ހާއްސަކުރިއިރު އަދިވެސް އެކޮޓަރީގެ މަރާމާތުތަަަކަށް ހާއްސަ އިސްކަމެއްދެއެވެ. ހުޔޫންގެ އުމުރާއި އެއްގޮތަށް ކޮޓަރިއަށް ބަދަލުތައް ގެންނަމުންގޮސް އެންމެ ޒަމާނީ ފެންވަރަށް އެ ކޮޓަރި ހެދިގެންދިޔައީ ދާދިފަހުންނެވެ. އެކޮޓަރީގެ އެންމެ ކުދި ސާމާނުތަކަށްދާންދެން އޭނަ ފުރިހަމަކޮށްފައިވަނީ ކޮންމެ ވެސް ދުވަހަކުން އެ ކޮޓަރީގައި އުޅުމަށް ހުޔޫން އަންނާނެކަމަށް އުންމީދުކުރެވޭވަރުންނެވެ.

ޔަލާއާއި އައިލީ ހުޔޫންގެ ވޯކްއިން ކްލޮސެޓް ހުޅުވާލުމަށްފަހު ކޮތަޅުތަކުގައި ހުރި ސާމާނުތައް ތަރުތީބުކުރަން އުޅުނުއިރު ހިޒްޔާން ފަރުދާތައް ކައްސާލަމުން ބެލްކަންޏަށް ނިކުމެލިއެވެ. ވާރޭ ހުއްޓާލާފައިއޮތަސް ފަޒާގައި އަދިވެސް ފިނިކަންވިއެވެ. ދެއަތްތިލަ ޖީބަށް ޖަހާލަމުން އޭނަ ބަގީޗާތެރެއަށް ނަޒަރު ހުއްޓާލިއިރު ހުޔޫން ހުރިނަމައޭ ހިތަށް އެރިއެވެ. ކޮއްކޮގެ މައުސޫމް މޫނު ދެކިލަން އޭނަ ކެތްތެރިކަން ކުޑަވެފައިވެއެވެ. އަދިވެސް އެ މައުސޫމްކަމާއި އެދެލޮލުގައިވީ ވިދުން އޭނަ އަށް ފެންނަކަހަލައެވެ. ތުއްތުއިރުވެސް ފަތްމިންޏެއްހާ ހުޔޫން ލޯތްބެވެ. މިޝްޔާގެ ސިފަތައް އަމިއްލަކޮށްލައިގެން އޮތްއިރު މިހާރުވެސް ހުޔޫން މަންމައާއި އެހާ ވައްތަރުވެދާނެ ހެއްޔެވެ؟ އޭނައަކަށް ހިޔެއްނުވެއެވެ. އެހެންނޫންނަމަ ހުޔޫން ހޯދާކަށް އެހާ އުނދަގުލެއްނުވީސް ކަންނޭނގެއެވެ.

ހިޒްޔާން ލަސްފިޔަވަޅުތަކެއްްގައި އައިސް ރެއިލިންގްގައި އަތްވިއްދާލަމުން ފެންތިކިތައް ވިދަމުންދާ މޫނުގައި ލަސްލަހުން އިނގިލިތައް ހިންގާލިއެވެ. އިރުކޮޅެއްފަހުން ޖީންސްގެ ޖީބަށް ޖަހާލެވިފައި އޮތް އަތްތިލަ އުފުލާލަމުން އޭނަ މޫނާއި ދިމާލަށް އުފުލާލިއިރު އެ ލޮލުގައި ކަރުނައިގެ ތެތްކަންވިއެވެ.

“ޔު…މް..ން…” އޭނަގެ އަތުގެ ތެރޭގައި އޮތް ޔުމްނުގެ އަތުގައި އަޅާއެތިކޮޅުގައި ކަނޑާނަގާފައިވާ އަކުރުތަކުގައި ފިރު މާލަމުން ހިޒްޔާން އެއެތިކޮޅު ލޮލުގައި ޖައްސާލިއެވެ. އެއާއިއެކު ޔުމްނުގެ ކޮންމެ ހަނދާނެއްހެން ފަށްފަށްވެގެން އެ ދެލޯ މަތީން ތަސްވީރުވާން ފެށިކަހަލައެވެ. މޭގައި އުފެދިގެންދިޔަ ތޫނު ރިހުމާއިއެކު ހިޒްޔާންއަށް ދެލޯ މަރާލެވުނެވެ. މި ދުނިޔެ މަތީން އޭނަ ބޭނުންވާކަމެއްނަމަ ހަމަ ހާސިލްނުވާނީ ހެއްޔެވެ؟ އަދިވެސް ޔުމްނުގެ ހިޔާލުތައް އެހިތުން ފިލައިގެންނުދަނީ ކީއްވެގެން ހެއްޔެވެ؟ ދުވަހަށްވުރެ ދުވަހެއް އޭނަގެ ހިތުގެ ރިހުންތައް ފުންވަމުން އަންނައިރު މި ދީވާނާކަން ދުވަހަކު ނިމިދާނޭ ހެއްޔެވެ؟

“ޒޭން…” ބެލްކަނީގެ ދޮރުފަތް އެއްފަރާތަކަށް ކައްސާލައިގެންދިޔުމާއިއެކު އައިލީގެ އަޑު އިވުނެވެ. މަރާލެވިފައިވާ އެސް ފިޔަތަކާއިއެކު ހިޒްޔާންގެ ދެލޯ ތަގުޅިވެގެންދިޔައެވެ. އޭނަ ޖަވާބެއްދޭން ބޭނުންނުވެފައި ހިމޭންކަމުގައި ހުއްޓާ އައިލީ ލަސްފިޔަވަޅުތަކެއްގައި އައިސް އޭނަގެ އަތުގައި ހިފަހައްޓާލައިފިއެެވެ. ހިޒްޔާންގެ ދެލޯ ކުޑަކޮށް ހަނިވެލައިގެންދިޔައިރު އަވަސް ހަރަކާތަކާއިއެކު އަތުގައި އޮތް އެތިކޮޅު ޖީބަށް ލާ ފޮރުވިއެވެ.

“ބަލާބަލަ… ލޯބިދޯ… މޯލްއިން ފެނުނީމަ ޒޭންއަށް ގިފްޓްކުރާހިތްވީ…” އައިލީގެ އަތުގައި އޮތް ކަޅުކުލައިގެ ދިގު މަޙުމާ ފޮށި ހުޅުވާލުމާއިއެކު އަނދިރީގެތެރޭގައިވެސް އެ ފޮށީގައިވާ ރިހި ކެވެލިކޮޅު ވިދާލައިގެންދިޔައެވެ. ހިމަ ގެތުމަކުން ގެތި ފައިވާ އެކެވެލިކޮޅުގެ މެދުން އެލިފައިވާ އައިލީގެ ނަމުގެ “އޭ” އަކުރާއި އޭނަގެ ނަމުގެ “ޒެޑް” އަކުރު ފާހަގަވުމާއި އެކު ވެސް ހިޒްޔާންގެ ދެބުމަގާތްވެލައިގެންދިޔައެވެ. އެންމެ ނަޒަރަކުންވެސް އައިލީ އެކެވެލިކޮޅު އޭނަައަށް ހަދިޔާކުރުމުގެ ބޭނުން އޭނައަށް ނަގައިގަނެވުނުކަހަލައެވެ. އޭނަ ނުހަނު ބޮޑަށް ހިތްހަަމަނުޖެހޭގޮތްވިއެވެ. އައިލީއަށް ވެގެންވާނަމަ ހުރިހާގޮތަކުން  ވެސް މުޅިދުނިޔެއަށްވެސް އޭނައަކީ އައިލީގެ މީހެއްކަން އަންގައިދޭނެއެވެ. އައިލީ އޭނަގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ކެވެލިކޮޅު އަޅުވައިދޭން އުޅުމާއިއެކު ހިޒްޔާން އޭނަގެ އަތް އެއްފަރާތްކޮށްލަމުން ނުރުހުމުގެ ނަޒަރަކުން ބަލާލައިފިއެވެ.

“ސްޓޮޕް އިޓް އައިލީ… ތި ފާޑުފާޑުގެ ޗާމްތައް އަޅައިގެން އުޅެން އަހަރެން ލައިކްނުވާވަރު އައިލީއަށް ނޭނގޭތަ؟ދުވަހަކު ވެސް އަހަރެން ޗެއިން އަޅައިގެން އުޅުނިންތަ؟” އަތުގެ ކުޑަހުޅާއި ހަމައިގައި އަޅުވާލެވިފައި އޮތް ކެވެލިކޮޅު ނެގި ގޮތަށް ހިޒްޔާން އޭތިކޮޅު މަޙުމާ ފޮށިތެރެއަށް ވައްޓާލައިފިއެވެ. އޭނައަކީ އެއްއިރެއްގައިވެސް އަތްފައިގައި ގަހަނާތައް އަޅައިގެން އުޅުމަށް ލޯބިކުރި ޒުވާނެއްނޫނެވެ. ކުޑައިރު ނާދީން ލޯބިން އޭނަގެ އަތުގައި ގަނޑިއެއް އަޅުވައިދިނަސް އޭނަ އޭތި ނަގަ އެވެ. ވީއިރު އައިލީ އޭނަގެ ރަމްޒަކަށް އަޅުވައިދޭން ބޭނުންވާ ގަހަނާއެއްގެ ބޭނުން އޭނަ ވަކީން ނުކުރާނެއެވެ. އައިލީއާއި ދެބަސްވުމަށްދާން ޖެހުނަސް އޭނައަށް ހެވެ. އެވަގުތު ކޮޓަރިތެރެއިން ޔަލާ ހިޒްޔާންއަށް ގޮވާލި އަޑުއިވުމުން ހިޒްޔާންއަށް އައިލީގެ ކައިރިން ސަލާމަތްވާނޭ ފުރުސަތެއް ލިބުނު ކަހަލައެވެ. އޭނަ ބެލްކަނީން ނިކުމެގެން ޔަލާއާއި ދިމާލަށް ދިޔައީ ފުން ނަޒަރަކުން އައިލީގެ މޫނަށް ބަލާލުމަށްފަހުގައެވެ.

*****************

ދުނިޔޭގެ ހަޔާތުން ދެހަފްތާ ފާއިތުވެގެންދިޔައީ އެސްފިޔަ ޖަހާލާނެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އަހަރުގެ ފަހުކޮޅުގެ ދުވަހަކަށް އިރުއޮއްސެމުންދިޔައިރު އިރުގެ ރަންދަޅަތަކުން ދުނިޔެމަތި ފެންވަރުވައިފިއެވެ. އެއަލި ގަސްތަކަށް އެޅި ގަސް ތައްވެސް ވިދަމުން ދިޔައީ އަޖައިބުވާހާ ނަލަކޮށެވެ. ވައިރޯޅިތައް ބާރުވަމުންއައިރު މާހައުލުގެ ފިނިކަން ގަދަކޮށް ލައިފި އެވެ. މާކިއަންއާއި ނާދީން ގެ “އައިސްގޭޓް”ގެ ފެހިކަންގަދަ ބެކްޔާރޑް ފުރާލެވިފައިވަނީ ބިޔަ އާފަލު އަދި އޮރެންޖް އަދި މޭޕްލް ގަސްތަކުންނެވެ. އާފަލު ގަސްތަކާއި އޮރެންޖް ގަސްތަކުގައި މޭވާ އަޅާ ބަރާވެފައިވުމުން ގަސްތަކުގެ ގޮފިގަނޑުތައް ވަނީ ލެނބިގެންގޮސް ބިމުގައި ޖެހޭވަރުވެފައެވެ. އޮރެންޖް ބްލޮސަމް މާތައް ފޮޅެން ފަށައިފައިވުމުން ވައިރޯޅިތަކާއިއެކު ފަޒާގައި ފަތުރާލަމުން ދިޔައީ ސިކުނޑި ތާޒާކޮށްލާނެހާ ލުއިލުއި މީރުުވަހެކެވެ.

އެ ހިތްފަސޭހަ ވަގުތު ގަސްތަކުގެ ތެރޭ ބަހައްޓާފައިވާ މޭޒެއް ކައިރީގައިވާ ގޮނޑިތަކުގައި އައިޝަމްއާއި ވިދްހާންއާއިއެކު  ނާދީންގެ ދެމަފިރިން އިށީދެލައިގެން ތިބިއިރު ވާހަކަދެކެވެމުންދިޔައީ ޒައިތޫންއާއި ބެހޭގޮތުންނެވެ.

“ހަފްތާއެއްގެ ތެރޭގައިވެސް މަންމައަށް ލިބުނު ޕްރޮގްރެސްއިން ވަރަށް ހިތްހަމަޖެހޭ.. މަންމަގެ އެއުމުރުގައިވެސް އެހާ އުސްތަނަކުން ވެއްޓުމަށްފަހުވެސް ފުރާނަ ސަލާމަތްވުމަކީ ހަމަ މިރެކަލްއެކޭ ބުނެވޭނީ…” ވިދްހާން ވާހަކަދެއްކިއެވެ. ޒައިތޫންގެ ހާލަތުގެ ސީރިޔަސްކަމުން ފުރާނަ ސަލާމަތްވެދާނެކަމާއިމެދު އެންމެންހެން އުންމީދު ކަނޑާލިއެވެ. ކުރީގެ ދިރިއުޅުން ޒައިތޫންއަށް ލިބޭނޭކަމަށް އުންމީދުނުކުރަން ހުރިހާ ޑޮކްޓަރުންވެސް ބުނެދެމުންއަޔަސް އެފަދަ ހަނިގޮތަކަށް މަންމަގެ ފުރާނަ ސަލާމަތްވީތީވެސް އައިޝަމްމެން ޝުކުރުކުރިއެވެ.

“ޝެމް… މަންމަ ވެއްޓެންޖެހުނު ސަބަބެއް ހޯދަން ކޮއްކޮ ނޫޅެންތަ؟ މިހުރިހާދުވަހުވެސް ނުވީކަމެއް މިހާރު ވާންޖެހޭ ސަބަބެއް އޮންނާނެއެއްނު…” ނާދީން އެވަގުތުވެސް ވަށްކަޅިން ޝެރީންއާއި ދިމާލަށް ބަލާލައިފިއެވެ. ޒައިތޫން ސިޑިން ވެއްޓުނީކަަމަކަށް އޭނަ ފަހަރެއްގައިވެސް ޤަބޫލެއްނުކުރެއެވެ. ރަޝިޔާއަށް އައި ހިސާބުންވެސް އޭނަގެ ޝައްކުގެ މޫތައް ގުޅިފައިވަނީ ޝެރީންއާއިއެވެ. އޭނަ މިހުންނަނީ ޝެރީންގެ ހިޔަންޏެއްވެސް ފާރަވެރިވެގެންނެވެ.

“ނާދް… ތީ ދެން ކޮންވާހަކައެއް؟ ކޮންމެކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެއެއްނު…” މާހައުލަށް ވެރިވެގެންދިޔަ ނުތަނަވަސްކަން އިޙުސާސްކުރެވުމާއިއެކު މާކިއަންއަށް ނާދީންގެ އަތުގައި ހިފަހައްޓާލެވުނެވެ. އައިޝަމްގެ ތޫނު ނަޒަރު ނާދީންގެ މޫނަށް ހުއްޓިފައިހުރިއިރު ޝެރީންވެސް އިނީ ނޭވާއެއް ބޭރުކޮށްލަން ބިރުންނެވެ. އެންމެ ފުރަތަމަ ދުވަހުއް ސުރެވެސް ޝެރީންދެކެ ނާދީން ނުރުހޭވަރު އޭނައަށް އިނގެއެވެ. އެކަމަކު ނަފްރަތުގެ މައްޗަށް މީހެއްގެ ބޮލުގައި އެފަދަ ބަދުނާމެއް ނޭޅުވޭނެއެވެ.

“އަހަރެން އެންމެ ހައިރާންވަނީ ޝެމް ފެންނަ ކޮންމެ ފަހަރަކު މަންމަ ރޯތީ… އެއްވެސް ވަރަކަށް ނުވިސްނޭ ޝެމް ފެނި ގެން މަންމަ ރޯންވީ ސަބަބެއް… އެގޮތަށް މަންމަ ހިތާމަކުރުމަކީ މަންމަގެ ހާލަތު އިތުރަށް ނާޒުކްވެދާނެކަމެއް…” އެއީ ވިދްޙާންއަށްވެސް ވިސްނައިގަންނަން އުނދަގޫކަމަަކަށްވެފައިވެއެވެ. އައިޝަމް ފެންނަ ކޮންމެ ފަހަރަކު ޒައިތޫންގެ އަމަލްތައް ތަފާތުވެގެންދާގޮތް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށްވެސް ފާހަގަކުރެވިފައިވެއެވެ. އައިޝަމްއާއި ހަތަރުކަޅި ހަމަނުކުރަން ޒައި ތޫން މަސައްކަތްކުރާއިރު އެއިން ކޮންމެފަހަރަކުވެސް އެދެލޮލުން ކަރުނަ ހުސްނުވެއެވެ. އެ މަންޒަރުތައް ދެކެން ކެތް ނުވާތީ އައިޝަމް ހުންނަނީ ޒައިތޫން ދެކިލަން ދާ ވަގުތުތައް މަދުކޮށްލައިގެންނެވެ.

“މަންމަ ވަރަށް ލޯބިވާނެ ޝެމްދެކެ… މިއަދާއި ހަަަމަޔަށްވެސް ޝެމްގެ ހުރިހާކަމެއްހެން ބަލަހައްޓައިދެމުން އައީ މަންމަ… ހުރިހާ ކުދީންގެ ތެރެއިންވެސް މަންމައާއި އެންމެ ގާތްކޮށް އުޅުނު ކުއްޖަކީވެސް ކޮއްކޮ… ދެން އެހާ ހާލުގައި އޮއްވާ ޝެމް ފެނުނީމަ މަންމައަށް ކިހާއަސަރެއްކުރާނެ… މިއަދު ކިތަންމެ ބޭނުންވިޔަސް މަންމައަކަށް އަނގަައިންނެއްނުބުނެވޭނެ… ހަރަކާތެއް ނުކުރެވޭ…” ނާދީންގެ ދެލޯ ފުރިގެންދިޔުމާއިއެކު އަޑު ކުރެހިގެންދިޔައެވެ. ޒައިތޫންގެ ދުނިޔެ އަބަދަށްޓަކައި ހިމޭންވެގެންދިޔުމަކީ އެންމެންނަށްވެސް ލިބުނު ފުން ހިތާމައަކަށްވިއެވެ. އެކަމަކު މިންވަރުފުޅަށް ރުހެން މަންމަ ދަސްކޮށް ދީފައިވުމުން އެންމެންވެސް ކެތްތެރިވެލައިގެން ތިބީއެވެ. ނުކުޅެދޭ ހާލުގައިވެސް މަންމަ ދެވަނަފަހަރަށް ދުނިޔެއަށް ލޯ ހުޅުވާލުމަކީވެސް ނިއުމަތެކެވެ.

“ނާދް.. މިންވަރުފުޅަށް ރުހެންވާނެ… މަންމަ އެހާލުގައި އަހަރެމެންގެ ކުރިމަތީގައި އޮތުމަކީވެސް އުފަލެއް…” އެފަދަ ހާލަތެއްގައިވެސް ނައްސިގޮތަަކަށް ވިސްނުން ނުގެންގުޅެން ވިދްހާން މަސައްކަތްކުރިއެވެ. ލޮލަށް ގިނަވެގެންދިޔަ ކަރުނަތައް ފުހެލަމުން އޭނަ ނާދީންއާއި އައިޝަމްއަށް ހިތްވަރުދިނެވެ. ޑޮކްޓަރަކަށްވުމުން އެފަދަ ހާލަތެއްގައި ބަލިމީހާ ސަލާމަތްވުމަކީ ކިހާ ނާދިރުކަމެއްކަން އޭނައަށް އިނގެއެވެ. އަދި އުމުރުގެ ގޮތުން ދޮށީ މީހުންނަށް ކުޑައަނިޔާއަކުންވެސް ބޮޑު ގެއްލުމެއް ވުމުގެ ހިރާސް ކިހާ މަތިކަން އައިޝަމްމެންނަށް ވިދްހާން ބުނެދިނެވެ. ފިޒިއޯ ތެރެޕީއާއި ޒަމާނީ ފަރުވާތަކުން ޒައިތޫން އަށް ހަރަކާތްތެރިކަން ހޯދައިދެވިދާނެއެވެ. ވީއިރު މިވަގުތަށް އެންމެ މުހިންމީ ކެތްތެރިވުމެވެ.

*******************

މެންދަންވެގެން އައިރު ބޮޑެތި ފަރުބަދަތައް ވަރުގެ ވިލާތަކުން އުޑުމަތި ބައްދާލައިފިއެވެ. ބާރުވަމުން އައި ވައިރޯޅިތަކާއި އެކު ބާރު ގުގުރީގެ އަޑުން ދަންވަރުގެ ހަމަހިމޭންކަން ބަދަލު ކޮށްލާކަހަލައެވެ. ދޭތެރެއަކުން ވިދާލާ ގަދަވިދުވަރާއިއެކު އަންނަ ކޮޅިގަނޑުގައި ގަސްތަކުގެ އޮފިތައް ހޫރިގަންނަ އަޑުވެސް ފަޒާގައި ގުގުމާލައިގެންދަނީ ނާމާން ގޮތަކަށެވެ.

މެންދަމެއްގެ ފިނި ވަގުތު ނިދީގެ އަރާމް ދޫކޮށްލުމަށްފަހު ހިޒްޔާން މާލޭގެ ހިމޭން މަގުތަކުގައި ކާރު ދުއްވަމުންދިޔައިރު އެދެލޮލުގައި ނިދީގެ ކުޑަވެސް އަަސަރެއްނުވެއެވެ. މެންދަމުގެ އެކަނިވެރިކަމަކީ ކުރީން އޭނަ ކިތަންމެ ގަޔާވި އިޙުސާސަ ކަށްވިޔަސް މިހާރު އެ އެކަނިވެރިކަމަކީ އޭނައަށް ވޭނެކެވެ. ޔުމްނުގެ ވަކިވުމަށްފަހު ދުވަސްތަކެއް ފާއިތުވެގެންދިޔައިރު އަދިވެސް އޭނަގެ ހިތާއި މެއިން ބައެއް އުނިވެފައިވާކަހަލައެވެ. ލޮލަށް ގިނަވަމުން އައި ކަރުނަތަކާއިއެކު ހިޒްޔާންގެ މޭ ފިތެމުންދިޔައެވެ. ކާރުގެ ސަރަކައިން އަތްދޫކޮށްލަމުން ފުންނޭވާތަކެއް ދޫކުރަންފެށި ނަމަވެސް މެއަށް ކުރަމުންދިޔަ  ބާރާއިއެކު އޭނައަށް އެއިން ކޮންމެ ނޭވާއެއްވެސް ވީ ވޭނަކަށެވެ. ގުގުރީގެ އަޑު ކެނޑިގެންދިޔަ ވަގުތުކޮޅު އޭނަ ކާރުގެ ދޮރުފަތް ހުޅުވާލިގޮތަށް ކާރުން ފޭބީވެސް ނޭވާ ހާސްވެދާނެހެން ހީވުމުންނެވެ. އެއްްވެސް ހުރަހެއްނެތި ހަށިގަނޑަށް އަމާޒު ވެގެންދިޔަ ވާރޭގެ އެތައް ހާސް ތިކިތަކުން ހިޒްޔާން ތެމިފޯކޮށްލާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އޭނަ ކާރުގެ ދޮރު ފަތް ލައްޕާލިގޮތަށް ވާރޭގެތެރޭގައި ހިނގާލާފައިދިޔައިރު އެއްފަރާތުން ފެންނަން އޮތް ފެހިކަންގަދަ ޕާކްގެ ތެރެއަށް ވަދެގެން ދިޔައެވެ. ބޯގަސްތަކުން މަތި ހިޔާވެފައިވާ އެ ޕާކްގެތެރޭގައި ދަންވަރުގެ މިވަގުތުވަނީ ފަޅުކަމެވެ. ގަސްތަކުގެ ފަތްތައް ވައިރޯޅިތަކާއި އެއްވަރަށް ހެލެމުންދާއިރު ފަތްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ފެންތިކިތަކުން ބިންމަތީގައި ކޯރުދެމެމުން ދިޔައެވެ. އޮފިއެލޭ ގަހުގައި ހިޔަލުގައިވާ ސިމެންތި ބެންޗެއްގެ މަތީގައި އިށީންނަމުން ހިޒްޔާން މޫނު މައްޗަށް އުފުލާލި އެވެ. އެލިފައިވާ އެގަހުގެ އޮފިތަކުގެ ސަބަބުން ވާރޭއިން ހިޔާވިޔަސް ހިޒްޔާންގެ މޫނުމަތީގައި ފެންތިކިތައް ދެމެމުން ދިޔަ އެވެ. އެވަގުތު ފަހަތުން ގާތްވެގެންދިޔަ ހިޔަންޏަކާއިއެކު ހިޒްޔާންގެ ބޯމަތީން ކުޑައެއްގެ ހިޔާ އިޙުސާސް ކުރެވުނެވެ.

ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުގެ ތެރެއިންވެސް އޭނައާއި ގާތްވަމުން އައި ފިޔަވަޅުތަކެއްގެ އަޑު ހިޒްޔާންގެ ކަންފަތުގައި ޖެހުނެވެ. އިށީދެގެން އިން ބެންޗްގައި އަތްވިއްދާލަމުން އޭނަ އަށް އިސްއުފުލާ ބަލާލެވުނުއިރު އޭނަގެ ބޮލާއި ދިމާލުން ނިވާވާނެހެން ކުޑަދިއްކޮށްލައިގެން ޔުމްނު ހުއްޓެވެ. ވައިރޯޅީގެ ހަމަލާއަކާއިއެކު ޔުމްނުގެ ބޯމަތީގައި އޮތް ކުޑަ އެއް ފަރާތްވެގެންދިޔައިރު އެ މޫނުމަތީން ފެންނަން ހުރީ ނުރުހުމެވެ. ހިނދުކޮޅަކަށްވެސް އެއީ އޭނަގެ ލޮލަށް ފެންނަމުންދާ ބިލާހެއްކަމަށް ހީވެފައި ހިޒްޔާންއަށް ހުއްޓުން އަރާފައި އިނދެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Niraa

Level 6100 Login10 Stories

Author of Vakivee loabin, Beeveema and Edhigen Kalaa Libeythw

Other Articles

Previous

ދެވުނީ ވޭނޭ 46

Next

ތި ސޫރަ ނޫން 48

Next
February 19, 2026

ތި ސޫރަ ނޫން 48

Previews
February 18, 2026

ދެވުނީ ވޭނޭ 46

One Comment

  1. Niraa says:
    February 19, 2026 at 10:56 am

    Ramadan Kareem to my dear readers

    May Allah swt accept all our deeds and dua’s.

Comments are closed.

Next Episodeއެދިގެން ކަލާ ލިބޭތޯ 44←


All Right Reserved!