“އަހަރެންނަކަށް ދެން އިތުރަށް ޝައިނާ މިކަމަށް ރުއްސަން ކުރާނެ ކަމެއް ނޭނގޭ.. އަހަރެންނަށް ހީވަނީ ޒީއެއްވެސް މަންމައެއްވެސް ނޫންހެން މައްސަލައަކީ… ޝައިނާ އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީ. އަހަރެންނާ އެއްކޮށް އުޅެން ޝައިނާ ބޭނުން ނުވަނީތަ؟ އެހެންވެތަ އަދިވެސް އަހަރެންދެކެ ލޯބިވާކަމަށް ނުބުނެވިގެން ތި އުޅެނީ؟ ޝައިނާގެ ލޯތްބާއި އިތުބާރު ހާސިލްކުރަން އަހަރެން އިތުރަށް ކުރަންވީ ކޮން ކަމެއްތަ؟” ރާހިލް ހިތްހަމަނުޖެހިފައި ޝައިނާގެ އަތުން ދޫކޮށްލިއެވެ.
“އަޅެ އެހެނެއް ނޫނޭ.. އަދި އަހަރެންނަށް ވަގުތުކޮޅެއް ދީ.. ޕްލީޒް.. އަދި އަހަރެމެންގެ ގުޅުމަށް އަދި ދެ މަސްވެސް ނުވެއެއްނު؟” ޝައިނާ ބުންޏެވެ.
“އެކަމަކު އަހަރެން ޝައިނާދެކެ ލޯބިވާތާ ހާދަ ދުވަހެއް ވެއްޖެޔޭ.. ފުރަތަމަ ފެނުނު ދުވަހުން ފަށައިގެންވެސް އަހަރެންނަށް ޝައިނާ ހާއްސަ. ޔެސް އޭރު ހިތަށް އެރި ހާދަ ފޮންޏޭވެސް.. އެކަމަކު ދެން ނޭނގެ. ފަހުން އެއްޗެއް ހީވާން ފެށީ ދައްތަމެން އެކްސިޑެންޓް ވި ދުވަހު. އެދުވަހު ހީވި ހަމްދަރުދީއޭވެސް. އެކަމަކު މިހާރު އެނގޭ އެއީ ލޯބިކަން.. އައިވް ލަވްޑް ޔޫ ސިންސް އައި ލެއިޑް މައި އައިޒް އޮން ޔޫ ސިކްސް މަންތްސް އެގޯ.. ޝައިނާއަށް ދެރައެއް ދޭކަށް ނޫނީ ގުޅުން ކަނޑާލާކަށް އަހަރެން ބޭނުމެއް ނޫން” ރާހިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
“އަހަރެންނަށް އެނގެޔޭ ރާހިލް ލޯބިވާވަރު. އެކަމަކުވެސް.. އަހަރެންނަށް އަދި ކުޑަ ދުވަސްކޮޅެއް ދީ.. ޕްލީޒް” ޝައިނާގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.
“އަހަރެން… އަހަރެން ވާހަކައެއް ބުނަން ވެފަ އެބައޮތް” ރާހިލް ޖެހިލުންވެފައި ބުންޏެވެ. ނަމަވެސް އޭނާއަކަށް އިތުރަށް އެވާހަކަަ ކުރިއަކަށް ނުގެންދެވުނެވެ.
“އަހަރެން އަޑު އަހާށޭ މީނީ” ޝައިނާ ރާހިލްގެ އަތް މަތީގައި އަތް ބާއްވައިލިއެވެ. އަޖައިބެކެވެ. ދުވަހަކުވެސް ވާހަކައެއް ބުނަން މިހާ ހާސްވެގެން ރާހިލްއެއް ނޫޅޭ ވިއްޔާއެވެ. މިވާނީ ވަރަށްބޮޑު ވާހަކައަކަށް ތާއެވެ.
ޝައިނާ ހިތްވަރުދޭ ފަދައަކުން ރާހިލްއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. ނަމަވެސް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލުމުން ރާހިލްގެ ހިތްވަރު އިތުރަށް އެލިގެން ދިޔައެވެ. އެ މައުސޫމް ހިތް ހަލާކު ކޮށްލަން އޭނާއަށް ކުޅަދާނަ ވާނީ ކީހިނެއް ހެއްޔެވެ؟
“އަހަރެން.. އަހަރެން ވަރަށް ލޯބިވޭ ޝައިނާދެކެ” ޝައިނާއަށް ހިނިގަނޑު ހިފަހައްޓައި ނުލެވުމުން ރާހިލްގެ އަތުން އޭނާގެ އަތް ދަމައިގަތުމަށްފަހު ބާރުބާރަށް ހޭންފެށިއެވެ.
“ސިރިއަސްލީ؟ ތިހެން ބުނަންތަ އަޅެ ރާހިލް އެހާ ހާސްވެގެން ތި އުޅުނީ؟” ޝައިނާ ހިނިގަނޑު އޮއްބައިލަމުން ބުންޏެވެ. ރާހިލްވެސް ހިނިތުންވެލަމުން ޝައިނާގެ އުނގުގައި ބޯ އަޅައިލިއެވެ. ޝައިނާ ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލައި އެ ބޮލުގައި ފިރުމައިލިއިރު ހިތުގެ ކަނަކުން ރާހިލް މިރޭ އޭނާގާތު ބުނަން އުޅުނީ އެހެން ވާހަކައެކޭ ހީވަމުން ދިޔައެވެ. މީގެ ކުރިންވެސް ރާހިލް ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާދެކެ ލޯބިވާކަމަށް ބުނެފައިވެއެވެ. ވީއިރު މިރޭ އެހެން ބުނާކަށް އެހާ ހާސްވާންވީ ސަބަބެއް ނެތްތާއެވެ.
“ރާހިލް.. އަސްލު އަހަރެންގާތު ދެންމެ ބުނަން އުޅުނީ ކީކޭ؟” ހިޔާލުތަކުން ދުރުވެލަމުން ޝައިނާ އަހައިލިއިރު ރާހިލްވަނީ ފުން ނިންޖެއްގެ ތެރޭގައެވެ. ޝައިނާވެސް ކުޑަކޮށް ހިނިތުންވެލަމުން ރާހިލްގެ ބޯދަށަށް ބާލީހެއް ލައްވައިދިނުމަށްފަހު ނިތް ކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅުކޮށްލިއެވެ.
“ގުޑް ނައިޓް ލަވް” ރާހިލްގެ ނިތަށް ބޮސްދިނުމަށްފަހު ޝައިނާ ވައިއަޑުން ބުނެލިއެވެ. ގަޑި ބަލައިލިއިރު ފަތިސްވާން މާގިނައިރެއް ނެތީތީ އާދުވަހަކަށް ތައްޔާރުވާން ފެށިއެވެ.
ހެނދުނުގެ ކޮފީއާއެކު ސޯފާގައި އިންއިރުވެސް އޭނާގެ ހިޔާލުގައި އެނބުރެމުން ދިޔައީ ރޭގައި ހިނގައިދިޔަ ކަންތައްތަކެވެ. ރާހިލް ބުނަން އުޅެފައި ނުބުނެ ދޫކޮށްލި ވާހަކަތަކެވެ.
“ކޮންކަމަކަށް ގެއްލިފަ؟” ޝައިނާއަށް ހޭވެރިކަމެއްވީ ޝިމާން އައިސް ލޯ ކުރިމަތިން އަތް ހޫރައިލުމުންނެވެ.
“ކަމެއްނުވޭ” ޝައިނާ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ.
“އެހެން ނުވާނެ. ކީއްވެޔޯ ރޭގަ ބޭބެ މިގެއަށް އައީ؟” ޝިމާން ގޮތްދުލެއް ނުކުރިއެވެ.
“އަހަރެންނަކަށްވެސް ނޭނގެ. އެކަމާ މި ވިސްނެނީ. ޝިމާން މާ ހެނދުނާ ކޮންތާކަށްތަ؟ މުބާރާތްވެސް ނިމިއްޖެއެއްނު؟” ޝިމާން ލައިގެންހުރި ބާސްކެޓްބޯލް ޖަރޒީފެނި ޝައިނާ އަހައިލިއެވެ.
“މިއީ ރައްޓެހިންނާ އެއްކޮށް ހަމަ ކުޅެލަންދާން.. ސިސް. ނެތްތަ ފަންޑެއް؟” ޝިމާން ބޯ ކަހައިލަމުން އެއްސެވެ. އެއާއެކު ޝިމާންއާ ދިމާލަށް ލޯ އަޅައިލުމަށްފަހު ޝައިނާ ދެފަރާތަށް ބޯ ހޫރައިލަމުން ކޮޓަރިއާ ދިމާލަށް ދިޔައެވެ.
“އަސްލު މީ-” ޝައިނާގެ ފަހަތުން ކޮޓަރިއަށް އައި ޝިމާންގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް ޝައިނާ އަޑު މަޑުކުރަން އިޝާރާތްކުރާ ބީދައިން އަމިއްލަ ތުންފަތުގައި އިނގިލި ޖައްސައިލުމުންނެވެ. އެވަގުތު އެނދުގައި ނިދާފައި އޮތް ރާހިލް ޝިމާންއަށް ފެނި އެކަމާ ސުވާލެއް ކުރަން އުޅުނު ނަމަވެސް ޝައިނާ އައިސް ދިން ފަސް ސަތޭކަ ރުފިޔާގެ ނޫޓު ފެނުމާއެކު ސުވާލު ހަނދާން ނެތުން ކަހަލައެވެ. ހެވިފައިހުރެ ޝައިނާއަށް ޝުކުރު އަދާކުރަމުންގޮސް ގޭގެ ބޮޑުދޮރުން ނުކުތެވެ.
ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ރާހިލްވެސް އެގޭގައި ހޭދަކުރި ފުރަތަމަ ދުވަސް ކަމަށްވުމާއެކު ތަންކޮޅެއް ރަނގަޅަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. އެ މަސައްކަތުގައި މާގިނައިރެއް ނުވަނީސް ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. މިއޮއްފަދަ ގަޑީގައި އަންނާނީ ކާކުބާއޭ ހިތައި ދޮރު ހުޅުވައިލިއިރު ކުރިމަތީގައިހުރި ޒީވާފެނި އޭނާއަށް ފުދޭވަރެއްގެ ހާސްކަމެއް ލިބުނެވެ.
“ޒީވް.. ހާދަ ނުގަޑިއެއްގަ.. އަނެއްކާ ކަމެއް ލައިގަތީތަ؟” ޝައިނާ ބުންޏެވެ.
“އައްދެ. އަހަރެން މީހަކާ އިނޭ ކިޔާފަ ހާދަ ދުރެކޭ ދޯ ތި ކޮށްލީ؟ ވަންނަންވެސް މިހާރު ނުބުނަނީތަ؟” ޝައިނާގެ އިޒުނައަކާނުލައި ޒީވާ ގޭގެ ދޮރު އިތުރަށް ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ.
ޝައިނާއަށް ލޮލުގެ ހިމަކޮޅުން ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލެވުނެވެ. މިފަދަ ވަގުތެއްގައި ރާހިލް ހޭލައިގެން ކޮޓަރިން ނުކުތިއްޔާ އޭނާގެ ޒަމާން ދިޔައީއެވެ. އެހެން ނުވޭތޯ ހިތާހިތުން ދުއާ ކުރަމުން އޭނާއައިސް އަލުން ސައި ތައްޔާރު ކުރަން ފެށިއެވެ.
“އިއްޔެ ހެނދުނު އަންނާނަމޭ ކިޔާފަ މިއަދު ދޯ ތި އާދެވުނީ.. ސައިބޯންވީނު؟ އަދި އަހަރެންނަށްވެސް އޮފީހަށް ދެވޭނެހާ ވަގުތު އެބައޮތް..” ޝައިނާ ބުންޏެވެ.
“މިހާ ހެނދުނާ މަސްހުނި މޮޑެނީތަ؟ ޝައި ތީ އެހެންޏާ ހެނދުނު ސައި ހަދާ މީހެއްވެސް ނޫނެއްނު؟” ޒީވާ ކަބަޑުސެޓުން ނެގި ޖޯޑުގައި އަމިއްލައަށް ސައިތައްޓެއް ހަދަން ފެށިއެވެ.
“މިއީ މިއަދު އަވަހަށް ހޭލެވުނީމަ.. ޒީވެސް ކައިގެން ދާންވީނު” ޝައިނާ ބުންޏެވެ.
“ނޫނޭ. އަސްލު އަހަރެން މި ހަފްތާ ދަންވަރު ޑިއުޓީ.. މިއަދު މާ ހަނދުނަކާ މިގެއަށް މިއައީވެސް ބައްޕަ ސައިބޯން އަންނާށޭ ބުނީމަ އެހާއިރަށް މަޑުކޮށްލަން.. ފަތިހު ނިމުނީމަ ޑިއުޓީ ނިންމާފަ ހުޅުމާލެ ނުދާން ވެގެން. އަނެއްކާވެސް އަންނަން ވިއްޔާ ޖެހޭނީ.. ބައްޕަ ކޮންމެވެސް ވާހަކައެއް ދައްކާށޯ.. އެކަމަކު މަންމަ ފާޑަކަށް މިހާރުވެސް އަހަރެންނާ އެވާހަކަ ދައްކައިފި. ޝައިއަށް މިލްކް ޓީ ދޯ؟” ޝައިނާގެ ސައިތަށިވެސް ތައްޔާރު ކޮށްލަދިން ޒީވާ ބުންޏެވެ.
“ހޫމް. މިލްކް ޓީ އޯކޭވާނެ. އަހަރެންވެސް ދެން މި މޮޑެލާފަ މީ ނިންމާލީ.. ފަހުން ރޮށި ފިހެލާނީ” ޝައިނާވެސް ތަށިތައްް ހިފައިގެން ސިންކާ ދިމާލަށް ޖެހިލަމުން ބުންޏެވެ.
“ހޫމް. އަހަރެން ކީކޭތަ ދެންމެ ކީ؟ އާން ބައްޕަދޯ؟ ބައްޕަ އުޅެނީ މޮޅު ކަމެއް ކޮށްލައިގެންނު. މަންމަ ބުނީމަވެސް އަހަރެން ފުރަތަމަ ގަބޫލެއް ނުކުރަން. އެކަމަކު ރޭގަ ބައްޕަ ގުޅާފަ ވާހަކައެއް ދައްކަން އެބަ އޮތޭ އަންނައްޗޭ ބުނީމަ ޔަގީންވެއްޖެ. ހަނދާންވޭތަ އަހަރެން ވެޑިންގްގަ އުޅުނެއްނު ބްލޮންޑީއެއް؟ އެލީޝާ؟” ޒީވާ ބުންޏެވެ.
“ހޫމް.. އެ ބޭރު ކުއްޖާތަ؟” އެރޭ ރާހިލްއާ ވާހަކަދައްކަންހުރި ކުއްޖާ ޝައިނާގެ ހަނދާނަށް އައެވެ.
“ހްމްމް. އެއީ މުޅިއަކުން ބޭރު ކުއްޖެއް ނޫނޭ.. ރީތިދޯ؟ ދޮންބެވެސް ވަރަށް ލައިކްވާނެހެން ހީވަނީ. މަންމަ ބުނީ ދޮންބެއާ އެވާހަކަ ދައްކައިފީމޯ. އަނެއްކާ ދޮންބެގެ ޓައިޕެއްނު؟ އަބަަދުވެސް ކިޔާނެ ތިމަންނަ އިންނާނީ ބޭރު ކުއްޖަކާއޭ”
ޒީވާގެ ވާހަކަ އިވުނު ޝައިނާގެ ބުމަ ގޮށްޖެހިގެންދިޔައެވެ. “އަދި ނޭނގުނު ތި ކިޔާ އެއްޗެއް” އޭނާ ބުންޏެވެ.
“އެމީހުން މެރީ ކުރާ ވާހަކަ. ބައްޕަ އެވާހަކައޭ މިއަދު ދައްކަން އެ އުޅެނީ.. ދޮންބެ ވަކި އެއްޗެއް ބުނަންދެން ކަންނޭގެ އަހަރެންގާތު ނުބުނެ ހުރީ” ޒީވާގެ ޖަވާބާއެކު ޝައިނާ ދޮންނަން ހުރި ތަށި އަތުން ދޫވިއެވެ. އެ ތަށި ވެއްޓި ސިންކުގައި ޖެހުނު އަޑު މުޅިތަނަށް ގުގުމައިލިއެވެ.
“ކިހިނެއް ތި ހެދީ؟” ޒީވާ ކަންބޮޑުވެފައި އަހައިލިއެވެ.
“މި.. މިއީ ތަށި ދޫވީނު..” ޝައިނާ ހަމަޖެހެން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންވދިޔައެވެ. ޒީވާގެ ލަފްޒުތައް ކަންފަތް ކައިރިން ތަކުރާރުކޮށް އިވެމުން ދިޔަހެން ހީވިއިރު އޭގެ ފަހުން ޒީވާ ދައްކަމުންދިޔަ އެއްވެސް ވާހަކައެއް އޭނާއަށް ނީވޭ ކަހަލައެވެ. ސިކުނޑި މަސައްކަތް ކުރަމުންދިޔައީ އޭނާއަށް އެލިބުނު ހަބަރު ބަލައިގަނެވޭތޯއެވެ.
“ދެން.. ދެން ރާހިލް މިހާރު ވަކި ޖަވާބެއް ދިނީތަ؟” ޝައިނާ އެނގެން ބޭނުންވިއެވެ. ރާހިލް ރޭގެ ދަންވަރު އެގެއަށް އެހެން އައުމުގެ ސަބަބަކީ އެއީތާއެވެ؟ ނުދެއްކިގެން އުޅުނު ވާހަކައަކީ އެއީތާއެވެ؟
“ހީވަނީ ދޮންބެ އޯކޭ ވާނެހެން. މަންމަ ބުނި އެލީމެން ގެއަށް އަންނަ ދުވަސް ދުވަހުވެސް އެލީއާ ވަރަށް ގާތްކޮށޭ އުޅެނީ.. ޑިނަރއަށް ދިޔަރޭވެސް އެލީއާ ދެމީހުން އެއްކޮށް އެ ގެއަށޯ ދިޔައީ.. އެހެންނޫނަސް ދެން ދޮންބެވެސް މިހާރު މީހަކާ އިނީމައެއްނު އެ އުޅޭ އުޅުން ދޫކޮށްލާފަ ހަރުދަނާ ވާނީ.. އެލީއަކީ އަނެއްކާ އެހާ ސްވީޓް ގަރލްއެއް… އެދެމީހުން ނުލާހިކު ގުޅޭ. ނޫންތަ؟” ޒީވާ ހެވިފައި އިނދެ ސައިތަށިން ކޯވަރެއް ދަމައިލިއެވެ.
“ކީކޭ؟ އާން.. އާން ޔެސް ދޯ..” ޝައިނާ ބުންޏެވެ.
“ހާދަ ފާޑަކަށް؟ ޝައި އެހާ އެލީދެކެ ލައިކް ނުވަނީތަ؟” ޒީވާ ބުންޏެވެ.
“ނޫނޭ.. ދެން ލައިކް ވޭތޯ ނުވޭތޯ ނިންމާހާ ބޮޑަކަށް ނުވެސް އެނގޭދޯ..” ޝައިނާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގެ ހާލަތު ޒީވާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
“ހުރޭ. އެލީ އަހަރެންގެ ފަހަރިއަށްވީމަ ތިދެމީހުން ފްރެންޑް ކޮށްދޭނަން އިނގޭ.. އަނެއްހެން ވަރަށް ކޫލްވާނޭ އެމީހުން..” ޒީވާ އިތުރަށް އެލީޝާގެ ވާހަކަ ދައްކަމުން އައި ވަރަކަށް ޝައިނާގެ މޫޑު ހަރާބުވަމުން ދިޔައެވެ. ސައިތަށިވެސް އިތުރަށް ކުރިއަށް ގެންދިޔުން އޭނާއަށްވީ އުނދަގޫ ކަމަކަަށެވެ. މޭތެރޭގައި އެއްޗެއް ތާށިވެފައިވާހެން ހީވާން ފަށައިފިއެވެ.
“ދެން ތި އެލީގެ ވާހަކަ ބާއްވަބަލަ. ޒީމެން މިހާރު ކިހިނެއްތަ؟ މިބުނީ ރިއާންއާ ދެމީހުން” ޝައިނާ މައުލޫ ބަދަލުކޮށްލިއެވެ.
“ރަނގަޅު ހުރިހާ ކަމެއްވެސް.. ރިއާން އަހަރެންނަކަށް ގޯހެއް ނޫން.. ވާހަކަވެސް ދައްކާ.. ރަހްމަތްތެރިއަކަށްވެސް ރަނގަޅު.. އެކަމަކު ބައެއްފަހަރު ދުރުކޮށްލާގޮތުން ކުޑަކޮށް ދެރަވޭ.” ޒީވާ ބުންޏެވެ.
“ސާބަސް.. އަހަރެން މިބުނީ ތިދެމީހުންގެ ރަހްމަތްތެރިކަން ކިޔާދޭކަން ނޫނެއްނު. މިބުނީ އޭޒް އަ ހަސްބަންޑް.. ދެން އެނގޭނު” ޝައިނާ އެއްލޯ މަރައިލަމުން ބުންޏެވެ.
“ދެން ޝައިނާ ދައްކާ ވާހަކަ. އަހަރެމެން އުޅެނީވެސް ވަކިންނެއްނު. އެހެންނޫނަސް.. މިއީ ލޯބިންކުރި ކައިވެންޏެއްވެސް ނޫން… ހުރިހާ ކަމެއް ނޯރމަލް ވޭތަ؟” ޒީވާގެ މޫނު ލަދުން ރަތްވިއެވެ.
“އެކަމަކު ޒީ ރިއާންދެކެ ލޯބިވެއެއްނު؟ ޒީ އިސްނަގާބަލަ” ޝައިނާ ބުންޏެވެ.
“ތިހެން ބުނާއިރުވެސް އެނގެއެއްނު އަހަރެންނަކަށް ލާހިކެއް ނޫންކަން އެކަހަލަ ކަމެއްގަ އިސްނަގާކަށް.. އެހެންނޫނަސް ރިއާންއަށް އަހަރެންދެކެ ލޯބިވާން މަޖުބޫރު ކުރާކަށް އަހަރެން ބޭނުމެއް ނޫން..” ޒީވާގެ އަޑުގައިވި މާޔޫސްކަން ސިއްރެއް ނުވެއެވެ. ޝައިނާ ހިތްވަރުދިނުމުގެ ގޮތުން ޒީވާގެ އަތުގައި ހިފަހައްޓައިލިއެވެ.
“ޒީ މީގެ ކުރިން އަށް އަހަރުވެސް ކެތްކުރީނު. އެ ކެތްތެރިކަމުގެ ނަތީޖާ ކިހާ ފޮނި؟ މިއަދު ރިއާންއަކީ ހަމަ ޒީގެ މީހެއްނު؟ އަދި ކެތްކޮށްލާ. ރިއާންއަށްވެސް ވަގުތު ބޭނުންވާނެ. ޒީދެކެ ރިއާންއަށް ލޯބި ނުވެވޭންވި އެއްވެސް ސަބަބެއް ނެތް..” ޝައިނާ ބުންޏެވެ.
“ނޫނޭ ޝައި.. ރިއާން އަހަރެންދެކެ ލޯތްބެއް ނުވާނެ.. އަހަރެން މިހާރު ތިކަމަކަށް އުއްމީދެއް ނުކުރަން.. އެކަމަކު ހިތް ނޭދެއެކޭ ނުބުނާނަން… ކައިރީގަ އުޅޭތީ.. އަބަދު ފެންނާތީ.. އިތުރަށް އެ އިހުސާސްތައް ފުންވާހެންވެސް ހީވޭ.. އެކަމަކުވެސް” ޒީވާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ދެން އެވާހަކަ ބާއްވަމާ.. މިހާރު ހަތްގަޑި ބައިވީނު… ޝައި އަދި އޮފީހަށްވެސް ދާންޖެހޭ ދޯ؟ އަހަރެންވެސް ދެން ދާންވީ ފާހަނައަށް ވަދެލާފަ”
ޒީވާ ތަށި ސިންކަށްލުމަށްފަހު ގޮސް ޝައިނާގެ ކޮޓަރީގެ ތަޅުގައި ހިފައިލަން އުޅުނު ވަގުތު ޝައިނާ ކުއްލިއަކަށް އެއްޗެއް ހަނދާންވި ފަދައިން އިން ގޮނޑިން ފުންމައިގެން އައިސް ޒީވާއަށް ހުރަސް އެޅިއެވެ.
“ޒީ.. މީ.. މި ޝިމާންގެ ރޫމް ފާހަނައަށް ވަދެލަންވީނު” ޝައިނާ ބުންޏެވެ. ޒީވާ ސުވާލު އުފެދިފައި ޝައިނާއަށް ބަލައިލިއެވެ.
“ޔެސް މި.. މި އަސްލު މި ކޮޓަރީގަ މީދަލެއް އުޅޭތީ އަހަރެންވެސް އެހާ އަވަހަށް ނުކުމެ ދޮރު ލައްޕައިގެން މީނީ.. ނުކުމެދާނެއެއްނު.. އަދި އެކަމާ ނޫޅެވިފަ. ޒީ ދިޔައިމަ ދެން މީދާ ހިފަން އުޅޭނީ” މީދާދެކެ ޒީވާ ބިރުގަންނަކަން އެނގިހުރެ ޝައިނާ ބަހަނާއެއް ހަދައިލިއެވެ.
“ވަޓް؟؟ ނަސީބެއްނު އަހަރެން ދޮރު ހުޅުވުމުގެ ކުރިން ޝައި ބުނިކަން.” ޖެހިގެންްހުރި ކޮޓަރީގެ ދޮރު ހުޅުވައިލަމުން ޒީވާ ބުންޏެވެ.
ފަސްމިނެޓެއްހާއިރު ތެރޭ ޒީވާ އެގެއިން ނުކުތުމުން ޝައިނާއަށް ފުންބނޭވާއެއް ބޭރުކޮށްލެވުނެވެ. ޒީވާ އެގޭގައި ހުރިހައި ވަގުތު އޭނާ ހުރީ ނޭވާ ހިފަހައްޓައިލައިގެން ކަހަލައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތި މިލައިގެން ދިޔަތަންވެސް ފެނުނެވެ. ވިސްނަން ނޫޅުނު ކަމުގައި ވިޔަސް ރާހިލްއޭ ކިޔައިގެން ޒީވާ ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެމުން ދިޔައެވެ. އޭނާ ދިޔައީ އެވާހަކަތައް ސިކުނޑިން އެއްފަރާތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާ ރާހިލްއަށް ފުރިހަމައަށް އިތުބާރު ކުރެއެވެ. ކަމެއް ގޯސްވާން ފަށައިފިނަމަ ރާހިލް އެކަމެއް އޭނާއާ ހިއްސާނުކޮށް ހުރެދާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. ނަމަވެސް އެ ހިތުގައި ވަހުމުގެ ބޮޅެއް އުފެދެމުންދިޔައީ ހުދު އޭނާއަށްވެސް ފާއިތުވެދިޔަ ހަފްތާގައި ރާހިލް ދެއްކި ބަހަނާތަކާއި އޭނާއާމެދު ބާއްވަމުންއައި ދުރުކަން ހަނދާންވާން ފެށުމުންނެވެ.
އެހިޔާލުތަކުގައިހުރެ އޭނާ ކޮޓަރިއަށްވަނީ ނިދާފައި އޮތް ރާހިލްއަށް ގޮވައި ހޭލެއްވުމުގެ މަގްސަދުގައެވެ. ދެފަހަރަކު ގޮވައިލުމުންވެސް ނިދިން ނުހޭލުމުން އޭނާ ގަސްދުކުރީ އަދި އިރުކޮޅަކު ރާހިލް ނިދާލަން ބޭއްވުމަށެވެ. ކޮޓަރިން ނުކުންނަން ބޭނުންވި ނަމަވެސް އެކަމަށްޓަކައި އޭނާގެ ފައި މަސައްކަތެއް ނުކުރިއެވެ. އަލުން ރާހިލްގެ ގާތުގައި އިށީނދެލިއިރު އެލޯބި ބީވާން އުޅޭކަމުގެ އިހުސާސުން އޭނާގެ ހިތް ބިރުގަންނަށް ފެށިއެވެ. ހިތްހަމަޖެހޭވަރަށް ރާހިލްގެ ނިދިފައިވާ މޫނަށް ބަލައިލުމަށްފަހު ލޯތްބާއެކު ރާހިލްގެ ކޮލަށް ބޮސްދިނެވެ. ދެން ކަންތައް ހިނގައިދިޔަގޮތުން ޝައިނާއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ފަޅި ސުކުންތެއްގެ ތެރޭގައި ރާހިލްގެ ގައިމަތިން ފުރޮޅައިލުމަށްފަހު ޝައިނާ ގެނެސް ގައިދަށުކޮށްލި ގޮތުން ޝައިނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.
“ރާހިލް!! ސާބަސް ސިއްސައިގެނޭ ދިޔައީ” ޝައިނާ ގައިމަތީގައި އޮތް ރާހިލް ކޮށްޕައިލަމުން ބުންޏެވެ. އެހެނަސް ރާހިލްގެ ހަށިގަނޑަށް ގުޑުމެއްވެސް ނާރައެވެ.
“ދެން އެހާ ކައިރިކޮށްފަ އަހަރެން ހީކުރީ ރިއަލް ކިސްއެއް ދޭނެ ކަމަށް. ތިހެން ހިތް ތަޅުވާކަށް ނުވާނެއެއްނު؟” ރާހިލް ބުންޏެވެ.
“ދެން ވަރަށް ފޫހިވޭ. ހޭލާ ދޯ އޮތީ” ޝައިނާ ތުންއަނބުރައިލިއެވެ.
“ހޫމް. އެކަމަކު އަދި ނިދާލަން ބޭނުން.. މި އެނދު ހާދަ އަރާމޭ.. މި ބާލީސް އަދި މާ އަރާމު” ރާހިލް ޝައިނާގެ ގައިގައި އިތުރަށް ބައްދައިލިއެވެ.
“ބަލަ އަހަރެން އޮފީހަށް ދާ ގަޑި ޖެހެނީއޭ.. ރާހިލްވެސް ދެން ތެދުވަން އުޅޭ… އާ ވަޒީފާއަކަށް ނުކުންނަންވާއިރަށް މީހާ ކަންނެތް ވެދާނެ..” ރާހިލްގެ އަތުތެރެއިން ރެކިގެން އައިސް ޝައިނާ އަލަމާރި ހުޅުވަައިލަމުން ބުންޏެވެ.
“ހީވަނީ މާދަމާ ވަކި ގޮތެއްް އަންގާނެހެން.. އަސްލު މާ ހިތްހަމަޖެހޭ އާއިލީ ވިޔަފާރި ތެރެއިން ނުކުމެވުނީމަ” ރާހިލް ޝައިނާގެ ކޮލުގައި ތުންފަތް ޖައްސައިލަމުން ޝައިނާ ދިން ބުރުހާއި ތުވާލީގައި ހިފިއެވެ.
ރާހިލް ދިއުމާއެކުހެން ޝައިނާގެ މޫނުމަތީގައިވި ބަނަކަން އަލުން އިއާދަވިއެވެ. އޭނާއަށް އިންތިޒާރު ކުރެވެމުންދިޔައީ ރާހިލް އޭނާގާތު އެލީޝާގެ ވާހަކަ ދައްކާނެ އިރަކަށެވެ. އެފަދަ ހިޔާލުތަކެއްގައިހުރެ ސައި ތައްޔާރު ކުރުމަށްޓަކައި ރޮށި ފިހަން ހުއްޓައި އޭނާއަށް ސިހުމެއް ލިބުނީ ފަހަތުން އައި ރާހިލް އޭނާގެ އުނަގަނޑުގައި ހިފަހައްޓައިލުމުންނެވެ.
“އަނެއްކާވެސް ހަނދާން ނެތުނީ ދޯ؟” ރާހިލް ގެނައި ވޫލްކޮޅުން އާދައިގެމަތިން ޝައިނާގެ އިސްތަށިގަނޑު އައްސައިލައިދިނެވެ. އެކަމުން އެހެންޏާ ލިބޭ ހިތްހަމަޖެހުމާ ހިލާފަށް ޝައިނާގެ ހިތުގައި އުފެދުނީ ރިހުމެކެވެ. ރާހިލްގެ ކޮންމެ އާދައަކީ ދެއްކުންތެރިކަމެކޭ އޭނާއަށް ހީވާން ފެށީ ކީއްވެ ކަމެއް ނޭނގެއެވެ. ނޫންނަމަ އެހާ މުހިއްމު ވާހަކައެއް އޭނާއަށް ސިއްރު ކުރަންވީ ކީއްވެބާއެވެ؟ ފާއިތުވެދިޔަ ދުވަސްތަކު އެލީޝާއާއެކު ބާއްވަމުން އައި ގުޅުން އޭނާއަށް ފޮރުވަންވީ ކީއްވެބާއެވެ؟ ރާހިލް އިތުރަށް އޭނާގެ ގައިގައި ބައްދައިލަމުން ޝައިނާއަށް ކުއްލިއަކަށް ރާހިލްއާ ދުރަށް ޖެހިލެވުނީ އެހެންވެގެނެވެ. އިތުރަށް ރާހިލްގެ ދެއްކުންތެރިކަމުގެ ދަޅަތަކަށް ހެއްލެން އޭނާ ބޭނުން ނުވީއެވެ.
“ރާހިލް.. އަހަރެންނަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟” ރާހިލް އަމިއްލައަށް ފެނިގެން އެވާހަކަ ދައްކާނެ އިރަކަށް މަޑުކުރަން ހިތުލި ނަމަވެސް ޝައިނާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.
“ތިހެން އަހާއިރުވެސް އެނގެންޖެހޭނެ ޝައިނާއަށް އެނގެންޖެހޭވަރު ކަމެއް އަހަރެން ސިއްރު ނުކުރާނެކަން” ރާހިލް ކައިރީގައި ހުރި ފުށްތަށިން ނެގި ފުށްކޮޅެއް ޝައިނާގެ ކޮލުގައި އުނގުޅައިލަމުން ހިނިތުންވެލިއެވެ.
“ޕިސް. ކިހާ ދެރަކަމެއްތަ؟ ރާހިލްއަށް ހުރިހާ ކަމެއްވެސް ވަނީ މަޖަލަކަށްތަ؟” ޝައިނާ ރުޅިއައިސްފައި ރާހިލްގެ އަތް ހޫރައިލި ވަގުތު އަތުގައި އޮތް ދޭފަތްވެސް ދުރަށް ވިއްސައިގެން ދިޔައެވެ. ރާހިލްއަށް ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަަޅައިލެވުނެވެ. އޭނާ އެފަދަ ސަމާސާއެއްކުރީ އެއްވެސް ހާލެއްގައި ޝައިނާ ރުޅި އަންނާނެކަމަކަށް ނޫނެވެ. އާދައިގެ މަތިން ލޯބިން ކޮށްލި ސަމާސާއެއްގެ ގޮތުގައެވެ.
“އަހަރެން މިހިރީ އޮފީހަށް ދާން ރީތިވެގެންކަން ރާހިލްއަށް ނޭނގެނީތަ؟ ހިތު ހުރިގޮތަކަށް ކަންތައް ކުރާއިރު ދެން ހުންނަ މީހަކާ ދޭތެރޭ ވިސްނައިލުމެއް ނޯވޭތަ؟” ރާހިލްއަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ޝައިނާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އެ ގުޅުމަށް ހޭދަވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައިވެސް ޝައިނާ އެފަދަ ގޮތަކަށް އޭނާއަށް އަޑުލައިފައި ނުވާތީ އެކަމުން ރާހިލްގެ ހިތުގައި ޖެހުނެވެ. ނަމަވެސް އޭނާ އަމިއްލަ ކުށް ގަބޫލުކޮށް މާފަށް އެދުނެވެ.
“އައިމް ސޮރީ.. އަހަރެންނަށް ވިސްނާ ނުލެވުނީ. ދައްކަބަ” ރާހިލް މޭޒުމަތިން ނެގި ޓިޝޫއިން ޝައިނާގެ ކޯތާފަތް ފޮހެލައިދިނެވެ. ޝައިނާގެ ރުޅިގަނޑު ދިޔަ ހިސާބެއްވެސް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރާހިލްއަށް ހިނިތުންވެލިއެވެ. ރާހިލްއާ ދިމާލަށް އަޑުލައިގަނެވުނީތީ އޭނާވެސް ދެރަވާން ފެށިއެވެ.
“ސޮރީ… އެގަޑީ ރުޅި އާދެވުނީ.. ރާހިލް ސައި ބޮއެލައިގެން ގެއަށް ދޭ އިނގޭ.. އަހަރެން މިދަނީ ދާން މިހާރު. ނުވައެއް ޖަހަނީ” ޝައިނާ އުނދުން ނިއްވައިލުމަށްފަހު ފިހުނު ރޮށިއެތި މޭޒުގައި ބެހެއްޓިއެވެ.
“އަހަރެން ގެންގޮސްދެންތަ؟” ރާހިލް ބުންޏެވެ.
“ނޯ އިޓްސް ފައިން.. އަހަރެން ހިނގާލާފަ ދާނަން.. ސައިބޮއެގެން ހަމަ ޖެހިލައިގެން އެނގޭ ގެއަށް ދާނީ” ޝައިނާ ރާހިލްގާތު ބުންޏެވެ. އަދި ޓިޝޫއިން މޫނު ރަނގަޅަށް ފޮހެލުމަށްފަހު މަތި ހަދައިލައި ގަޔަށް ސެންޓު ޖަހައިލަމުން ގެއިން ނުކުތެވެ. އޭރު ރާހިލް ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ޝައިނާގެ މިޒާޖަށް އައި ކުއްލި ބަދަލާ އެހެންކަމަކާ ގުޅުމެއްވާހެން އޭނާއަށް ހީވާން ފެށިއެވެ. ސައިބޯން އިން ވަގުތު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ.
“ސާބަހޭ.. ކިހާ ވަރަކަށްތަ މެސެޖު ކުރަންވީ؟ އަހަރެން މި މޮޔަވަނީ މިތަނަށް އައިސް ދޮންތަ ދެއްކި ވާހަކައަކުން. ދޮންބެ ނުބުނެ ހުއްޓާ ދޮންތަ އެއައީ ސިސްގާތު ދޮންބެއާ އެލީޝާގެ ވާހަކަ ދައްކާފަ”
“ކީކޭ؟” އިޝްވާގެ ވާހަކަ ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އެގޭގައި ހުއްޓާ ޒީވާ އެގެއަށް އައީ ހެއްޔެވެ؟ އޭނާއަށް އެކަން ނޭނގެންވީ ކީއްވެ ހެއްޔެވެ؟ ޝައިނާއަށް އެވާހަކަ އިވިފައިވާނަމަ އެކަމާގުޅޭ ސުވާލެއް ނުކުރީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ރާހިލްގެ ބޮލުގައި ޝައިނާ މީގެ އިރުކޮޅެއް ކުރިން ކުރި ސުވާލު ކޮށްޓައިލިއެވެ؛
“ރާހިލް.. އަހަރެންނަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟”
“ތިހެން އަހާއިރުވެސް އެނގެންޖެހޭނެ ލަވްއަށް އެނގެންޖެހޭވަރު ކަމެއް އަހަރެން ސިއްރު ނުކުރާނެކަން”
“ޝިޓް ޝިޓް ޝިޓް. އިޝީ އައި މެސްޑް އަޕް” ރާހިލްއަށް އިން ގޮނޑިން ތެދުވަމުން ހާސްވެފައި އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ.
“ޔެސް ޔޫ ޑިޑް! ބިގް ޓައިމް! ދެންވެސް މިކަން މި އޮތް ވަރަށްވުރެން ބޮޑު ނުވަންދެން ދޭބަލަ ސިސްއަށް ވެގެން އުޅޭގޮތް ކިޔާދޭން” އިޝްވާ ފޯނު ކަނޑައިލިއެވެ.
ރާހިލްއަށް އުޅެވުނު ގޮތްވެސް ނޭނގެއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ޓީޝާޓު ގަޔަށް މަހައިލަމުން ނުކުތެވެ. އޭނާ އެގެއިން ނުކުތުމާއި، ސައިކަލުގައި އައިސް އާރް.އެލްގެ ދޮރުމައްޗަށް ހުއްޓައިލުމާ ދެމެދު ފަސްމިނަޓުގެ ވަގުތު ކޮޅެއްވެސް ހިނގައި ނުދެއެވެ. އެހެން ދުވަސްދުވަހާ ހިލާފަށް ރިއާންގެ ކެބިންއަށް ދިޔުމުގެ ބަދަލުގައި އޭނާ އެންމެ ފުރަތަމަވެސް ދިޔައީ ޝައިނާ އުޅޭ ބަޔަށެވެ. ހުއްޓުމެއްނެތި އޭނާ ޝައިނާގެ ފޯނަށް ގުޅަމުން ދިޔައެވެ. އޭނާ ފެނުމާއެކު އެތަނުގައި ތިބި ގިނަބައެއް ފާޑުކިޔުމުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އާދައިގެ ޓީޝާޓަކާއި ސޯޓެއްގައި ހުރެ އޮފީސް އިމާރަތަކަށް ވަދެ ގެއްލިގެން އުޅޭ މީހެކޭ އޭނާއެކޭ ތަފާތެއް ނެތެވެ. އެތަނާއިގުޅޭ އެއްވެސް ރަސްމީ ހައިސިއްޔަތެއް އޭނާގެ ނެތެވެ. ޝައިނާއަށް ހާއްސަކޮށްފައިވާ ސްޓޭޝަން ހޯދަމުން ދަނިކޮށް އެތަނުގައި ހުރި ބިއްލޫރި ކެބިންއެއްގެ ދޮރުގައި “މ. ޝައިނާ – ޖޫނިއަރ އާކިޓެކްޓް” ޖަހައިފައިވާ ބޯޑެއް ހުރިތަން ފެނި ސުކުންތެއްވެސް ލަސްކުރުމެއްނެތި އެތަނުގެ ތެރެއަށް ދެމިގަތެވެ. ނަމަވެސް އެތަނުގައި ޝައިނާގެ ހިލަމެއް ވާކަށް ނެތެވެ.
“ހައި.. އެނީތިންގް އައި ކޭން ހެލްޕް ވިތް؟” ރާހިލް އެތަނަށް ނެރުމަށްޓަކައި އައި މީހަކު އަދަބުވެރިކަމާއެކު ބުންޏެވެ.
“ޝައި..ޝައިނާ ކޮބާ؟” ރާހިލްއަށް އުނދަގުލާއެކު އަހައިލެވުނެވެ. ހުދު އޭނާއަކަށްވެސް އޭނާއަށް ވަމުންދާ ގޮތެއް ނޭނގެއެވެ. އޭނާއަށް ޝައިނާ ކުރާ އިތުބާރު ގެއްލިދާނެ ކަމާމެދު ބިރުގަންނަން ފެށިއެވެ. އޭނާއަށް ޝައިނާ ގެއްލިދާނެ ކަމާމެދު ބިރުގަންނަން ފެށިއެވެ.
“މީޓިންގްއެއްގަ މިވަގުތުވީ. އަދި ވިއްސަކަށް މިނަ-” އެކުއްޖާގެ ވާހަކަ ނުނިމެނީސް ރާހިލް އެތަނުން ހިނގައިގަތެވެ. ލިފްޓަށް އަރައި އަށްވަނަ ފަންގިފިލާއަށް ނަންބަރު ޖެހިއެވެ. ރިއާންގެ ކެބިންއާ ހިސާބަށް ދެވުނުއިރު ލިބިފައިވާ ހާސްކަމުގެ ސަބަބުން މުޅި މީހާ ވަނީ ދާހިއްލައި ފޯވެފައެވެ. އޭރުވެސް އޭނާ ދިޔައީ ޝައިނާއަށް ގުޅަމުންނެވެ.
“ރާހިލް؟” ރިއާން ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެއްނެތި އަހައިލިއެވެ.
“ކޭން ޔޫ؟ ކޭން ޔޫ ކޯލް ހަރ ޕްލީޒް؟” ރާހިލް ލަސްނުކޮށް އެދުނެވެ.
“ކާކު؟” ރިއާން އިސްްްއުފުލައިލަމުން ސުވާލުކުރިއެވެ.
“ޝައިނާ. ޝައިނާ އަހަރެން ގުޅީމަ ފޯނެއް ނުނަގާ. އަހަރެން ބޭނުން ޝައިނާއާ ވާހަކަދައްކަން” ރާހިލް ހާސްވެފައިހުރެ ކެބިންގެ ދެކޮޅަށް ހިނގަން ފެށިއެވެ.
“ފޯ ގޯޑްސް ސޭކް ރާހިލް އަހަރެން ކިތައް ފަހަރުތަ ބުނަންވީ ތި ދެމީހުންގެ ކަންކަމުގެ ތެރެއަށް އަހަރެން ނުވައްދާށޭ؟ އެއީ އަހަރެންގެ މުވައްޒަފެއް! އަހަރެން ބުނަންދޯ އަހަރެންގެ މުވައްޒަފުންނާ އޮން ގުޅުމަކީ ޕްރޮފެޝަނަ– ރާހިލް!! އާރ ޔޫ އޯކޭ؟” ކުއްލިއަކަށް ރާހިލް މޭގައި އަތް އަޅައިގެންހުރެ މޭޒުގައި އަތް އަޅުވައިލިގޮތުން ރިއާންއަށް ގޮނޑިން ތެދުވެ އަވަސް ފިޔަވަޅު ތަކެއްގައި އެދިމާލަށް ދެވުނެވެ.
“ރިއާން.. ޝީ އިޒް.. ޝައިނާއަށް އެނގިއްޖެ… ޝީ އިޒް ގޮނަ ލީވް މީ ރިއާން ޝީ އިޒް ގޮނަ ލީވް މީ..” ރާހިލްގެ ސިކުނޑި ހިތްނޭދޭ ވަސްވާސްތަކުން ވަށާލައިފިއެވެ. ހަތަރު ފަރާތުން ފިތިގެންދާކަމުގެ އިހުސާސެއް ކުރެވި ނޭވާލާން އުނދަގޫވާން ފެށިއެވެ. މެއަށް ބާރުވާން ފެށުމާއެކު އޭނާއަށް އިތުރަށް ކޮޅަށް ހުރުން ދަތިވާން ފެށިއެވެ.
“ރާހިލް…. އޭ ހަމަ ޖެހިބަ… އޭ.. އޭ.. ރާހިލް.. ބްރީތް ރާހިލް.. ވަޓް ދަ ފަ* ބްރޯ ބްރީތް” ރާހިލް މޭގައި އަތް އަޅައިގެންހުރެ ކަކޫމައްޗަށް ތިރިވިއިރުވެސް ރިއާންއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އޭރު ރާހިލްއަކަށްވެސް ރިއާން ކިޔަނީ ކީކޭ ކަމެއް ނޭނގެއެވެ. އޭނާ ހުއްޓައިނުލާ އެދެމުން ދިޔައީ ޝައިނާ ގެނެސްދިނުމަށެވެ.
އެންމެފަހުން ރިއާން ހަތިޔާރު ބަހައްޓައި ޝައިނާއަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުވުމުން މީޓިންގްރޫމްގެ ސްޕީކަރާ ގުޅުވައިދޭ އިންޓަކޮމް އޮން ކޮށްލުމަށްފަހު ޝައިނާއަށް ގޮވައިލިއެވެ.
“ރާހިލް! ރާހިލް! ހަމަޖެހިބަލަ އޭތް.. ޝައިނާއަށް ގޮވައިފީމޭ! މިތާ އިށީނދެފަ މި ފެންތަށީގަ ހިފާބަލަ.. ފޯރ ގޯޑްސް ސޭކް ދިސް އިޒް ނޮޓް ދަ ޓައިމް އެންޑް ޕްލޭސް ޓު ހޭވް އަ ޕެނިކް އެޓޭކް..” ރިއާންގެ އެހީއާއެކު ރާހިލް ގޮނޑީގައި ބައިންދައި ފެންފޮދެއް ދެވުނެވެ. ރާހިލް ހަމަޖެހެން މަސައްކަތް ކުރާހާލު ރިއާންގެ އިރުޝާދުގެ މަތިން ފުން ނޭވާތަކެއް ލާންފެށިއެވެ. އެވަގުތު ކެބިންގެ ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ.
“އެ އައީ ކަންނޭނގެ” ރިއާން ބުންޏެވެ. ކެބިންއަށް ވަތް ޝައިނާއަށް ގޮނޑީގައި އިން ރާހިލް ފެނުމާއެކު އަލުން އަނބުރައިލުމަށްފަހު ނުކުންނަން އުޅުނު ނަމަވެސް ރިއާން އެކަމަށް ހުރަސްއެޅިއެވެ.
“ޝައިނާ ޕްލީޒް ޓޯކް ޓު ހިމް.. އެނގެއެއްނު އަހަރެން ކިރިޔާ ގޮތެއް އޮތް ނަމަވެސް މިކަހަލަ ކަމެއްްގަ ނުގުޅާނެކަން..” ރިއާން އެދުނެވެ. ރާހިލްގެ ހާލު ހުރިގޮތުން އޭނާ ހަމަ ރަނގަޅަށްވެސް ހައިރާންވެ ކަންބޮޑުވިއެވެ. ވުމާއެކު ޝައިނާ އެތަނުގައި ބެހެއްޓުމަށްފަހު އޭނާ ކެބިން އިން ނުކުތެވެ.
ޝައިނާ ލަސްފިޔަވަޅުތަކެއްގައި އައިސް ރާހިލްގެ ކުރިމައްޗަށް ހުއްޓުމާއެކު ރާހިލް ކުށްވެރިއެއް ފަދައިން އިސްޖަހައިލަމުން ޝައިނާގެ އަތުގައި ހިފަހައްޓައިލިއެވެ. އެހެނަސް ޝައިނާ ފެނުނީއްސުރެން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ.
“އައިމް ސޮރީ.. އަހަރެން.. އަހަރެން ކޮންމެހެން ފޮރުވާކަށް ނޫ-”
“އެހެންވީއިރު އަހަރެންބގާތު ނުބުނީ ކީއްވެ؟” ރާހިލްގެ ބަހަނާތައް އަޑު އަހާކަށް ޝައިނާ ބޭނުމެއް ނުވިއެވެ.
“ޕްލީޒް އަހަރެންނަށް އިތުބާރު ކޮށްބަލަ.. އަހަރެން ދުވަހަކުވެސް އެކަމަޡް އެއްބަހެއް ނުވާނަން… ބޭކާރު ވާހަކަތަކެއް ޝައިނާގާތު ދައްކައިގެން ހާސްކުރުވަން އަހަރެން ބޭނުން ނުވީ.. އެކަމަކު ތިހެން ކަމެއް ދިމާވީމަ އަހަރެންނާ ވާހަކަދެއްކުމުގެ ބަދަލުގަ އަހަރެން ދުރުކޮށް ނުލާބަލަ ހެޔޮނުވާނެ” ރާހިލް އާދޭސް ކުރިއެވެ.
“އެކަމަކު އެއީ އަހަރެންނަށްވެސް އެނގުން ހައްގު މިންވަރެއް ނޫންތަ؟” ޝައިނާ ބުންޏެވެ.
“ގަބޫލުކުރަން. އަހަރެންނަށް މައާފުކުރޭ މިވާހަކަ ކުރިން ނުބުނެވުނީތީ. އެކަމަކު އަހަރެމެން ހާސްވާންވި އެއްވެސް ކަމެއްނެތް. އެލީޝާވެސް މިކަމާ އެއްބަހެއް ނޫން..” ރާހިލް ބުންޏެވެ. ރާހިލްގެ ދެލޮލުން ޝައިނާއަށް ރާހިލް އެ ހަދަނީ ތެދުކަން އެނގުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ އެންމެ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ.
“ދެން ތިހެން ނަހަދައްޗޭ ޕްލީޒް. އަހަރެން މޮޔަވެސް ވެދާނެ. ޝައިނާ ހިތްހަމަ ނުޖެހިފަހުރެ އެވާހަކައެއް އަހަރެންގާތު ނުބުނީމަ އަހަރެން ވަރަށް ހާސްވޭ. ހީވަނީ އަހަރެންނަށް ޝައިނާ ގެއްލިދާނޭ. ސޮރީ..” ރާހިލް ޝައިނާގެ ގައިގައި ބައްދައިލިއެވެ.
“އިޓްސް އޯކޭ ރާހިލް.. ދެން ހަމަ ޖެހިލަބަ.. އަހަރެންނަށްވެސް މާ ގިނަ ވަގުތަކު މިތާކު ހުރެވޭކަށް ނެތް.. އޮފީސް ގަޑިއެއްނު.. ދެން ދަނީ އެނގޭ” ޝަައިނާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން ރާހިލް ބޯ ޖަހައިލިއެވެ.
**************
ރާހިލް ބުނިފަދައިން ދެތިން ދުވަސް ފާއިތުވެދިޔައިރުވެސް ޝައިނާއާއި ރާހިލްގެ ދެމެދުގައިވާ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެލީޝާއާ ބެހޭގޮތުން ދެކެވުނު އެއްވެސް ވާހަކައެއްގެ ހިޔަންޏެއް އެދެމީހުންގެ އުފާވެރިކަމަށް އެޅިފައެއް ނުވެއެވެ. އެއީ ނަމަކަށް ދެކެވިފައިވާ ވާހަކަތަކެއް ކަހަލައެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުގައިވަނީ މުޅިން ތަފާތު މަންޒަރެކެވެ. ޝައިނާއާ ރާހިލްގެ ގުޅުމުގެ ހިލަމެއްވެސް ނުވާހާލު އެލީޝާއާއި ރާހިލްގެ އާއިލާ ދިޔައީ އެދެމީހުންގެ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. މިކަން އެނގި، ހާލަތު ބަދަލުވެގެން ދިޔައީ އެއްދުވަހެއްގެ މެންދުރުވަގުތު ޝައިނާއަށް އައި ވާފިޔާގެ ކޯލަކުންްނެވެ.
“އެލީޝާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ދައްތައާ ބޭބެއާ މިތިބީ އެދެކުދިން ގުޅެން ވަރަށް ބޭނުންވެފަ. ދައްތަ މިހާރު ބުނެފިން ރިއާންއާއި ޒީވާއާ ދެކުދިން ގާތުގަވެސް އަޅެ ރާހިލް ރުއްސޭތޯ ބަލާށޭ. އަޅެ މަގޭ ރާހިލްއާ އެލީ ކިހާ ގުޅޭތަ؟ އަހަރެން މި ހުންނަނީ ހަދާނެ ގޮތް ހުސްވެފަ. އާމިރުމެންވެސް އުޅެނީ މިހާރު ރާހިލްގެ ޖަވާބު ލަސްވާތީ ހިތްހަމަނުޖެހިގެން. ޝައިނާ އަޅެ ނިކަން ރާހިލްއަށް ވިސްނަދީބަލަ. އިރާދަކުރެއްވީތީ ދައްތަގެ ތިން ކުދިންވެސް ޝައިނާގެ ބަސް ގަބޫލުކުރެއެއްނު. މިއީ ރާހިލްއަށްވެސް އެންމެ ރަނގަޅު ގޮތްކަން ކިޔައިދީބަލަ” ވާފިޔާ ކައިރީގައިހުރި ޝައިނާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
ޝައިނާއަކަށް އެކަމަށް ދޭނެ ރައްދެއް ނޭނގުނެވެ. ވާފިޔާގެ ކޯލު ލިބުމާއެކު އޭނާ އެދުވަހު އެގެއަށް އައީ މެންދުރުގެ ކެއުމަށް ދައުވަތު ދެވިފައިވާ މެހެމާނުންތަކެއް އައުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަމުގައި ވާފިޔާއަށް އެހީވުމަށެވެ. ވާފިޔާ އޭނާގާތު މިފަދަ ކަމަކަށް އެދިފާނެ ކަމަށް އުއްމީދު ކޮށްގެނެއް ނޫނެވެ. ނަމަވެސް އެވާހަކަތަކާމެދު ޝައިނާއަށް ވިސްނެން ފެށިއެވެ. ވާފިޔާގެ އިތުރުން ރާހިލްގެ އާއިލާ އެންމެންކަހަލަ ގޮތަކަށް ރާހިލް އެލީޝާއާ ގުޅެން އެދޭއިރު އޭނާ މިކުރަނީ ކީއްހެއްޔެވެ؟ ފަހަރުގައި ރާހިލްއާއި އެލީޝާގެ ދެމެދުގައިވާ ހުރަކަށްވެހުރެ އޭނާއަށް މި ހެދެނީ ގޯހެެއް ބާއެވެ؟ ރާހިލްދެކެ ލޯބިވުމަކީ އޭނާއަށް ކުރެވޭ ކުށެއް ބާއެވެ؟
“މަންމާ ހުރިހާ އެއްޗެއް ނިމުނީތަ؟ އެމީހުން އެބައާދޭ މިހާރު” ކުއްލިއަކަށް ފަހަތުން އިވިގެންދިޔަ ޒީވާގެ އަޑަށް ޝައިނާ ސިހުނެވެ.
“ހޫމް. މި ޖޫސް ޖަގު އެކަނި ދެން ގެންދަން ހުރީ ދޯ ދައްތާ؟” ޝައިނާ އައިސްއަލަމާރިން ނެގި ޖަގު ހިފައިގެންގޮސް މޭޒުމަތީގައި ބަހައްޓައިލިއެވެ. މާ ގިނައިރެއްނުވަނީސް އާމިރުގެ ދެމަފިރިންނާއި އެލީޝާ އަތުވެއްޖެއެެވެ.
“ޒީ.. އަހަރެން މިދަނީ އިޝީ ކައިރިއަށް އެނގޭ” ޝައިނާ ބޭނުންވީ އެލީޝާމެން ތިބުމުން ވީހާވެސް އަވަހަށް އެތަނުން ދިޔުމަށެވެ. ނަމަވެސް އިޝްވާއާއެކު ކޮޓަރީގައި ފިލްމު ބަލަން އޮއްވައި ޒީވާ އޭނާއަށް ގޮވައިލުމުން އަނެއްކާވެސް ނުކުންނަން ޖެހުނެވެ. ތިރިއަށް ފޭބިއިރު ސޯފާގައި ދެ އާއިލާ މަޝްވަރާއެއްގައި ތިބިތަން ފެނުނެވެ. އޭނާ ފެނުމާއެކު އެތަނުގައި އިން ރިއާން ކަންބޮޑުވެފައި އޭނާއާ ދިމާލަށް ބަލައިލިއެވެ.
“އެލީ.. ދަރިފުޅު ހާސްވާނެ ކަމެއް ނެތް.. މަންމަ ބުނާ ބަހަކަށް ރާހިލް ދެކޮޅެއް ނުވާނޭ..” އެލީޝާއާއި ޖެހިގެން ކަހަލަ ގޮތަކަށްއިން ވާފިޔާގެ އަޑު އިވުނެވެ.
“ނާޝިދު ތި ބުނިގޮތް އަހަރެންނަށްވެސް ވަރަށް ކަމުދޭ.. އެލީޝާއަކީ އަހަރެންގެވެސް ހުރި ހަމައެކަނި ދަރިފުޅު.. އަހަރެންވެސް ބޭނުންވަނީ ވީހާވެސް ކުލަގަދަކޮށް މިކަން ކުރިއަށް ގެންދަން” އާމިރު ބުންޏެވެ.
“އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. ބޭނުމިއްޔާ އެހެން ރިސޯޓެއްގަވެސް ތިކަން ހަމަޖެެއްސިދާނެ އެކަމަކު ތި ދަންނަވާ ރިސޯޓް ހުޅުވޭނީވެސް އަދި ދެމަހެއްހާ ދުވަސް ފަހުން. އޭގެ ކުރިން އެތަނުގަ ހަފްލާއެއް ބޭއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ.” ރިއާން ބުންޏެވެ.
“އެންމެން ކޮން މަޝްވަރާއެއްގަ؟” ކަރުގައި އޮތް ޓައި ދޫކުރަމުން ގޭގެ ދޮރުން އެތެރެއަށް ވަދެގެން އައި ރާހިލް ހެވިފައި އަހައިލިއެވެ. ކަޅުކުލައިގެ ފަޓުލޫނާއެކު ދަށަށް ޖަހައިލެވިފައިވާ މެރޫން ގަމީހުގައިހުރި ރާހިލް ފެނުމާއެކު އެތަނުގައި ތިބި އެންމެނަށްވެސް ރާހިލް އައީ އޮފީހުންކަން އެނގުނެވެ. އާނއެކެވެ. އެދުވަހަކީ އޭނާގެ އާ ވަޒީފާގެ ފުރަތަމަ ދުވަހެވެ. މިނިވަންކަމަށްޓަަކައި އެޅުނު ފުރަތަމަ ފިޔަވަޅުގައި އޭނާހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އެތަނުގައި ތިބި އެލީޝާގެ އާއިލާ ފެނުމާއެކު ރިއާންއެކޭ އެއްފަދައިން އޭނާގެ ދުވަސް ހަރާބުވެ ނިތަށް ރޫތަށް ގިނަވިއެވެ.
“މިދައްކަނީ ޕާޓީ ބާއްވާނެ ތަނެއްގެ ވާހަކަ. ރިއާންމެން އަލަށް ހުޅުވަން ހަމަޖެހިފަ އޮތް ރިސޯޓު ވަރަށް ރަނގަޅުވާނޭ އަހަރެން ބުނީ. ރިޔާޒް ބުނި ހުރިހާ ކަމެއް ހަމަޖައްސަ ދޭނަމޯ.. އެކޮޅުގަ އިވެންޓެއް ބާއްވަންޏާ އޯރގަނައިޒް ކުރުމުގެ ހުރިހާ ކަމެއްވެސް ކޮށްދޭނެޔޯ” ނާޝިދު ބުންޏެވެ. ރާހިލްއަށް ސިހިފައި އެތަނުގައި އިން ޝައިނާއަށް ބަލައިލެވުނެވެ.
“އެކަމަކު އަހަރެން ބުނީމެއްނު-”
“އެކަމަކު ކިހިނެއްވީ؟” ވާފިޔާ ރާހިލްގެ ވާހަކަ މެދުކަނޑައިލިއެވެ. އެތަނުގައި އެލީޝާގެ އާއިލާ ތިއްބައި ރާހިލް އެ ގުޅުމަށް އިންކާރު ކޮށްފާނެކަމަށް އޭނާ ބިރުގަތެވެ. އެހެންވެ އެ ވާހަކަ ކުރިއަށް ގެންދިޔުމަށް ޖަދަލުކުރަމުން ރާހިލްއަށް ބަލައިލިއެވެ. އޭނާ ހީކުރި ފަދައިން ރާހިލްގެ ދުލުގައި ތަޅުއެޅުވުނެވެ.
“އަނެއްހެން އެކަހަލަ ހުރިހާ އިވެންޓްތައް ގެންގުޅޭނީ ޝައިނާ.. އެކަމަކު ޝައިނާ މިދުވަސްކޮޅު ކުޑަކޮށް ބިޒީކޮ-”
“އިޓްސް އޯކޭ ރިއާން އަހަރެންނަށް ވާނެ” ރިއާންގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ. “އަދި ދެމަސް އެބަ އޮތެއްނު. ދެޓްސް ޕްލެންޓީ އިނަފް ޓައިމް” ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ. އޭނާގެ ވާހަކައިގައި ދެމާނަ އެކުލެވިފައިވާ ފަދައެވެ.
“މާ ރަނގަޅަކަށްނު މި ދިމާވީ. އަހަރުމެންގެ ޝައިނާ ހުރީއްޔާ ހާސްވާކަށް ނުޖެހޭނެ. ނިކަން ބަލާބަ ޒީވާގެ ޕާޓީވެސް ފުރިހަމަކަން. އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ” ޝައިނާގެ ކޮނޑުގައި ފިރުމައިލަމުން ވާފިޔާ ހިނިތުންވެލިއެވެ.
“އެލީގެ ނަމްބަރ ދޭންވީނު. އޭރުން ދޯ ހިޔާލެއް ހޯދަން ގުޅާލެވޭނީވެސް.. އިޓްސް ޔޯރ ސްޕެޝަލް ޑޭ” ޝައިނާ އެލީޝާގެ ގާތަށް ޖެހިލައީ ނަންބަރު ހޯދިއެވެ. ރާހިލްއަށް ގަބޫލުނުކުރެވިފައި އެމަންޒަރު ބަލަށް ހުރެވުނުއިރު ރިއާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ ރާހިލްއަށެވެ. ރާހިލްގެ ކުރިމަތީގައި މިހުރިހައި ކަމެއް ވެގެންދާން ދޫކޮށްލައިގެން މިހިރީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރާހިލްއާ އެވާހަކަ ދެެއްކުމަށްޓަކައި އެއްފަރާތަކަށް ޖެހިލި އެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


