“ލަޝް.. ހިނގާ ފާހަނަޔަށް. މިހާރު ތިއޮތީ ހުން އައިސް ރަތްވެފަ” ލަޝްކާ އަތްދަނޑިމައްޗަށް ލަމުން ދާއިޔަލް ބުނެލިއެވެ. ލަޝްކާގެ ހަށިގަނޑު ބާތް ޓަބް އަށް ލުމުން ވީ ފިނިން ލަޝްކާ ކުކުރައިލިއެވެ. “ލަޝް… ބަސް އަހާ. އޭރަށް އަވަހަށް ރަނގަޅުވާނީ” ޖީބުގައި އޮތް ޕެނަޑޯލް ކާޑު ނަގަމުން ދާއިޔަލް ބުނެލިއެވެ.
(15 ވަނަ ބައި)
ދާއިޔަލްގެ ކޮންމެ އަމަލަކުން ވެސް އެ ހިތުގައި ލަޝްކާއަށްޓަކައިވީ ލޯބި އެއްވެސް ސިއްރެއް ނެތި ހާމަ ވަމުން ދިޔައެވެ. ދާއިޔަލް އާއި ދިމާލަށް ލަޝްކާ ބަލައިލީ ކަރުނުން ފުރިފައިވީ ދެލޮލުންނެވެ. ލަޝްކާދެކެ ދާއިޔަލް ލޯބިވާކަން އޭނާ އަށް އިނގެޔެވެ. އޭނާވެސް ދާއިޔަލްދެކެ ލޯބި ވެޔެވެ. ނަމަވެސް އެ ލޯބި އޭނާ ކުރިއަށް ގެންދާނީ ކިހިނެތް ހެއްޔެވެ؟ ދާއިޔަލް އަށް ދޭން ޖެހޭ އިތުބާރު ލަޝްކާއަށް ދެވޭނެ ހެއްޔެވެ؟
“އަން. އަވަހަށް އަނގަ ހުޅުވާލާ” ދާއިޔަލް ލަޝްކާއަށް ވާހަކަ ދައްކަމުން ދިޔައީ ކުޑަ ކުއްޖަކާ ވާހަކަ ދައްކާހެންނެވެ. އެއަޑުގައިވީ ލޯބީގެ އިހުސާސް ލަޝްކާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް ކޮށްލިއެވެ.
ކުރިމަތީގައި ހުރި ޓްރޭ މަތީގައި ސަފިއްޔާ އެޅި ބިސްގަނޑު ބޭނދިއެވެ. ކައިރީގައި ކެއްކި ދެބިސް ބާއްވާފައި ދޮންކޭލަކާއި ސްޓޯބެރީކޮޅެއް ވެސް ލިޔެވެ. ކުޑަކޮށް ހޫނުކޮށް ކިރު ސައިތައްޓެއް ގިރާލައިގެން ސަފިއްޔާ ގޮސް ވަނީ މީކައިލްގެ ކޮޓަރިއަށެވެ.
ކޮޓަރި ތެރޭގައިވީ ކަނު އަނދިރި ކަމެވެ. ކޮޓަރިއަށް ވަދެ ސަފިއްޔާ ބޮކި ދިއްލާލުމާއި އެކު އެނދުގައި އޮތް މީކައިލް ކުރުގެޅިލިއެވެ. ހަމަ އެކަނި ސޯޓު ގަނޑެއް ލައިގެން އޮތް މީކައިލްގެ ބޯވެސް ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާ ތަހައްމަލް ކުރަމުން ދިޔަ ވޭން އެހުރީ އޭނާގެ ހަށިގަނޑުންވެސް ފެންނާށެވެ. ހިކި އަނަރޫފަވެފައިވީ އިރު އޭނާގެ ހަށިގަނޑުގެ ގިނަ ކަށިތައްވެސް ދިޔައީ ފެންނަމުންނެވެ.
“ދަރިފުޅާ ކޮބާ ކާންވީނުން؟” މީކައިލް ގާތުގައި އިށީންނަމުން ސަފިއްޔާ ވާހަކަ ދައްކަން ފެށިއެވެ. “ނެތް ކާހިތެއް…” ކުރުގެޅިލަމުން މީކައިލް ބުނެލިއެވެ. “ދަރިފުޅާ. ދެން ތިހެން ނޫޅިބަލަ. ދުއާ ދިޔައީ. އެކަމަކު އޭގެ މާނައެއް ނޫން ދޯ ދުނިޔެ ނިމުނީއެކޭ؟ އެހެނެއް ނުވާނޭ ދަރިފުޅޫ. އިންޝާ ﷲ ދުއާ އަށް ވުރެ މާ ރަނގަޅު ކުދިން އަދި ލިބޭނެ”
“މަންމާ. އަހަރެން ބޭނުމީ ރަނގަޅު ކުދިންނެއް ނޫނޭ. އަހަރެން ބޭނުމީ ހަމަ ދުއާ. ދުއާއާއި ނުލާ ނޫޅެވޭނެ…” ބާލީހުގައި މޫނު ފޮރުވާލުމުން ވެސް މީކައިލްގެ ރުއިމުގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ.
“ދަރިފުޅާ. މާތް ﷲ އެއީ އެހާ އަނިޔާވެރި ފަރާތެއް ނޫން. ދަރިފުޅުގެ ހަޔާތުން ދުއާ އެދުރުކުރީ ދަރިފުޅަށް ދުއާ އެއީ ރަނގަޅު މީހެއް ނޫންވީމަ. މާތް ﷲ ދަރިފުޅަށް މާ ރަނގަޅު ބައިވެރިއަކު ދެއްވާނެ. ދަރިފުޅާ. ހެޔޮނުވާނެ. ދަރިފުޅުގެ ތިވޭނުގައި މަންމަމެންވެސް އެބަ ބައިވެރިވަމޭ. މަންމަ ހިތަށް ހާދަ ތަދުވެޔޭ ދަރިފުޅު ތިހެން އޮންނާތީ. ހެޔޮނުވާނެ. ތެދުވެބަލަ. އެއްޗެއް ކާލަން ހިނގާބަލަ. ދުއާ އަށް ވުރެ ދަރިފުޅު މާ އަނިޔާވެރިއެއްނުން އެހެންވެ؟ ދުއާ އަނިޔާވެރިވީ ދަރިފުޅަށް އެކަނި. ދަރިފުޅުގެ ސަބަބުން މަންމައާއި ބައްޕަގެ އިތުރުން މިކީއަށްވެސް އެބަ އަސަރު ކުރޭ…” ސަފިއްޔާގެ ލޮލުންވެސް ކަރުނަ ހިލުނެވެ.
ސަފިއްޔާގެ ވާހަކަ އިވި މީކައިލްގެ ހިތުގައި ރިއްސާލިއެވެ. މީކައިލްގެ ސަބަބުން އޭނާގެ ލޯބިވާ އާއިލާ ހިތާމަ ކުރާކައް އޭނާ އެއްގޮތަކައް ވެސް ބޭނުމެއް ނޫނެވެ. އެހެން ކަމުން ބަސް އަހާ ކުޑަކުއްޖެއްހެން ތެދުވެ އިށީނެވެ. ސަފިއްޔާގެ އަތުގައި އިން ތަށި ނަގާ އުނގުގައި ބައިންދާލަމުން އޭގައި އޮތް ސްޓޯބެރީ ނެގިއެވެ. މަޑުމަޑުން އިނދެގެން ކަމުން ދިޔައިރު ވެސް މީކައިލްގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުގެ ރިހި އަލި މުޅި އަތިރިމައްޗަށް ފެތުރިފައިވާއިރު، ހުދު ދޮންވެލިގަނޑު މުތީތަކެއް ފަދައިން ބަބުޅަމުންދެއެވެ. މޫދުގެ ލޮނުގަނޑު މަޑުމަޑުން އައިސް ރާޅުފަށަށް ބޮސްދެމުންދާއިރު، އެ އިވޭ ހިތްގައިމު މިއުޒިކީ އަޑުން މުޅި މާހައުލަށް ގެނެސްދެނީ ބަޔާންކުރަންދަތި ފުން ހަމަޖެހުމެކެވެ. ވަށައިގެންވާ ރުއްތަކުގެ ފަންތައް މަޑު ނަލަވައިރޯޅިއާއެކު ނަށަމުންދާއިރު، ވެލިގަނޑުމަތީގައި އެއިން އުފެދޭ ހިޔަނިތައް ސިހުރުވެރި ކުރެހުމެއް ފަދައެވެ. ޖައްވުގައި ހިފާލާފައިވާ ލޮނުކަމާއި ތާޒާކަން އެކުލެވޭ ވަހުން މުޅި ނަފްސަށް އައު ދިރުމެއް ލިބިގެންދިޔައިރު، އުޑުމަތީގައި ފިޔަޖަހަމުންދިޔަ އެތައް ހާސް ތަރިތައް ހީވަނީ މި ހިތްގައިމު މަންޒަރު ބަލަން ތިބި ހެނެވެ.
މި އަމާން މާހައުލުގައި ހުދު ކިރުކޮޅެއް ފަދަ ވެލިގަނޑުގައި އިށީނދެލައިގެން އެލާރާއާއި ޒަވުލް އިނެވެ. ޒަވުލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އިރު ޒަވުލް ވެސް އިނީ އެލާރާގެ ބޮލުގައި ބޯޖައްސާލައިގެންނެވެ.
“އަދިވެސް ލަޝްކާގެ ކޭސްގަ އެއްވެސް ކުރިއެރުމެއް ނުލިބޭ. ނޭނގެ މިހާރު ހޯޕްލެސް ވާން އުޅޭހެންވެސް ހީވޭ އެބަ. އާރްގްގްގ ލަޝްކާ ވެއާރ އާރ ޔޫ” ފުންނޭވާއެއް ދޫކޮށްލަމުން އޭނާގެ ސިކުނޑީގައިވީ ވިސްނުންތައް ޒަވުލްގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.
“ހެހެ ދެން އެހާ ވަރަށް ނުވިސްނާ އެކަމަށް. އިންޝާ ﷲ ތިކޭސް ވެސް ކާމިޔާބު ވާނެ” މަޑުމަޑުން ޒަވުލް ބުނެލިއެވެ. އެލާރާ ހީލިއެވެ. “އެލާ ތިހެން ވިސްނަންޏާމުން އަހަރެންވެސް ކިހާ ދެރަވާނެ؟” ޒަވުލްގެ ޖުމްލައާއި އެކު އެލާރާގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. “ކީކޭ ތިބުނީ؟” އެލާރާ އަހައިލިއެވެ. އޭނާ ބޭނުންވީ ޒަވުލް އެކަން އެމާނަ ކުރި ގޮތް ޔަގީން ކުރާށެވެ. ޒަވުލްގެ ހިތުގައި އޭނާއާއިމެދުވީ ކޮން ކަހަލަ އިހުސާސެއްތޯ ޔަގީން ކުރާށެވެ.
(16 ވަނަ ބައި)
“މިބުނީ އެލާގެ ހިތުގައި ތިހިނގާ ހުރިހާ އިހުސާސްތައް މިހިތުގައިވެސް ހިނގައޭ…” ޒަވުލް އޭނާގެ ޖުމްލަ ސާފުކޮށް ބުނެލިއެވެ. “އޭގެ މާނައަކީ…؟” އެލާރާ ބޭނުންވީ އަދިވެސް ސާފު ކުރާށެވެ. އެއްވެސް އޮޅުމެއް ނޯންނަވަރަށެވެ. “މިބުނީ އަހަރެން އެލާދެކެ ވަރަށް ލޯބިވެޔޭ” އެލާރާގެ ފިނިވެފައިވީ އަތުގައި ހިފާލަމުން ޒަވުލް ބުނެލިއެވެ.
ވަގުތުން އެލާރާގެ ހިތްތެޅެން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ހިތުގެ ތެޅުން އަވަސްކަމުން ހީވަނީ މޭފަޅާ ނިކުމެދާނެހެންނެވެ. “އެލާ އަހަރެންދެކެ ލޯބިވޭތަ؟” ޒަވުލް މަޑުމަޑުން އަހައިލިއެވެ. ވަގުތުން އެލާރާގެ ކޯތާފަތް ރަތްވެލިއެވެ. އެއާއި އެކު އޭނާއަށް ޖަވާބު ލިބުނު ފަދައެވެ. “ހެހެ… ޖަވާބު ލިބިއްޖެ”
“ހޫމްމް. މޫނު މައްޗަށް ބަލާލާފަ ޖަވާބު ހޯދަން ތިއީ މެޖިޝަންއެއްތަ؟” ލަދުގައިންކަން ފޮރުވަންވެގެން އެލާރާ ބުނެލިއެވެ. “ހަހަ. އެހެންވެސް ވެދާނެއްނުން؟ މި މެޖިކްގެ ޖާދޫގައި ޖެހިގެން އެލާއަށް އަހަރެންދެކެ ލޯބިވެވުނީއާ ވަރަށް ރަނގަޅުދެން ހެހެހެ” ޒަވުލްވެސް ދެރަނުވާން ވެގެން ބުނެލިއެވެ. އެލާރާގެ މޫނު ވަކިން ރަތްވެލިއެވެ.
“މެޖިޝަންސްއަށްވެސް ލޯބިވާން އިނގޭތަ؟” އެލާރާ ހީލަމުން އަހައިލިއެވެ. “ލޯބިވާކަން ދައްކާލަންތަ؟” ހިނިތުންވެލަމުން ޒަވުލް ބުނެލިއެވެ. އަދި އެލާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެލާރާގެ ތުންފަތައް ބޮސްދިނެވެ.
“ޝަރަފް ކައެ ކިހިނެތްތަ ތިއުޅެނީ މިރޭ؟ އަދި އެންމެ ކިލްއެއްވެސް ނެތް. ހަހަ. ދެން ބުނާނެ މިއީ ޕަބްޖީގެ ބޮސް އޭ. މަ މަރާ މީހުން ލޫޓު ކޮއްލަ ކޮއްލަ ތިހުންނަނީ މިރޭ” އަވަސް ކަމާއި އެކު އިނގިލިތައް ހަލުވަމުން ދާއިޔަލް ބުނެލީ މަލާމާތުގެ ރާގަކަށެވެ.
“އޭ އޭ މޮޔަ ނުގޮވާ. މަ އެބައިން މިހާރު 6 ކިލް. މަށަށް މިރޭ މި ދިމާވަނީ ހުސް ބޮޓުންނަށް ވިއްޔާ. ނުހުރޭ ސަޅި އެއްޗެއްވެސް ލޫޓުކޮށްލަން ބަލާ އިރު. ބަޑިތައްވެސް އެންމެ ކޮސް އެއްޗެހި މިހުރީ” ޝަރަފް ދެރަނުވާން ވެގެން ބުނެލިއެވެ.
“ހޫން ދެން ކިޔާ ތިހެން” ދާއިޔަލް ހެމުން ހެމުން ބުނެލިއެވެ. “ހޫން. މަ ހިޔެއް ނުކުރަން މިރޭ ކަލޭ އަރާނެ ކަމަކަށްވެސް. ކީމެއްނުން ލަޝްކާ ބަލިވެ އުޅޭ ވާހަކަ؟” ޝަރަފް އެހެން ބުނި ވަގުތު ވެގެން ދިޔައީ ކޮޓަރީގައި ނިދިފައި އޮތް ލަޝްކާއަށް ހޭލެވި، ކޮޓަރިން ނިކުން ވަގުތަށެވެ.
“ހޫމް. މިހާރު ރަނގަޅު. މެންދުރު ފަހުން ހުމެއްވެސް ނެތް. ނިދިފަ އޮތީ” ދާއިޔަލް ބުނެލިއެވެ. “ކަލޭ އަސްލުވެސް ލަޝްކާދެކެ ވަރަށް ލޯބިވޭ ދޯ؟” ޝަރަފް ކޮށްލި ސުވާލާއި އެކު ލަޝްކާ ފިލިއެވެ. އެސުވާލުގެ ޖަވާބު އަޑު އަހާލަން ބޭނުންވީއެވެ. އަންހެން ކުދިން ކުރިމަތީގައި ފިރިހެނުން ދޮގު ހެދިޔަސް އެމީހުންގެ އެކުވެރިންނަށް ދޮގު ނުހަދާނެ ކަން މުޖައްރިބެވެ.
“އާނ. ވަރަށް ލޯބިވޭ. ޖާނާ ފުރާނައިން ލޯބިވޭ. ކުރިން މަ ގަބޫލުވެސް ކުރި އެއްޗެއް ނޫން ލޯތްބަކީ. އެކަމަކު… މިހާރު… އާހްހްހް.. މިއޮށް ވެވޭ ލޯތްބެއް. ހަމަ ހުވާ މަ މިހުންނަނީ ލަޝްއަށް ހުރެ މޮޔަވެފަ. އެކަމަކު… ލަޝް… އިތުބާރު ކުރަން އުނދަގޫވާނެ ކަން ގަބޫލު ކުރަން” ދާއިޔަލްގެ ޖަވާބާއި އެކު ލަޝްކާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. ނަމަވެސް ސިކުނޑި ހެދީ ދެކޮޅެވެ. އެއީވެސް ދަޅައެއް ކަމުގައި ގަބޫލު ކުރެވުނެވެ. ލަޝްކާ، ލަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ.
ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި މީކައިލްގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ދިރުމެއް ފެންނަމުން ދިޔައެވެ. ހެނދުނު ވަގުތުގައި މަންމަ ދެއްކި ވާހަކަތައް މީކައިލް ހިތުގެ އެންމެ ފުން މިނުން ގަބޫލު ކުރިއެވެ. މީކައިލްގެ ސަބަބުން މަންމަމެން އެއްވެސް ވޭނެއް ތަހައްމަލް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭރަށް ނިކުމެލުމުން ހިތްހަމަ ޖެހުމެއް ލިބިދާނެ ކަމަށް ގަބޫލުކޮށް އޭނާ ނިންމީ ބޭރަށް ނިކުމެލާށެވެ.
“ޓޮއް ޓޮއް”
“ވަދޭ.” ދޮރުގައި ޓަކި ދިން އަޑަށް މީކައިލް ފަހަތައް އެނބުރުނެވެ. ދޮރު ހުޅުވާލާފައި ވައިން މިކްޔާ ފެނި މީކައިލްގެ މޫނުމަތީގައި ހިނިތުންވުމެއް ކުރެހުނެވެ. “އަސްތާ… ވަރަށް އުފާ ވެއްޖެ. ދުވަސްގަނޑަކަށް ފަހު މިކީގެ ދޮންބެ ފެނިއްޖެ…” މިކްޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނައައެވެ.
“ހެހެ. ހާސްނުވޭ. ދެން ނުހުންނާނަށް އެހެންނެއް. ދުއާއަށް ވުރެ މާ ރަނގަޅު ކުއްޖެއް އަދިވެސް ލިބޭނެ، އިންޝާ ﷲ ދޮންބެ މިއޮށް ހޮޓް މީހަ ކިހިނެތްތަ ސިންގަލްކޮށް ހުންނާނީވެސް” ލައިގެން ހުރި އަޅި ކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފާ ރީތިކޮށްލަމުން މީކައިލް ބުނެލިއެވެ.
“އާންން. ދެން ވާ ރީތި މީހެކޯ. ހަހަ” އަނގަ ކުނިކޮށްލަމުން މިކްޔާ ބުނެލިއެވެ. “އާން އެހެންޏާ” މީކައިލް ބުންޏެވެ. ހިނިތުންވެލާފައި މިކްޔާ މީކައިލްގެ ހަށިގަނޑުގައި ބައްދާލިއެވެ.
“ދޮންބޭ… ދެން އެހެން ނޫޅެއްޗޭ. ދޮންބެ އެހެން އެކަނިވެރި ވެފަ އޮންނަތަން ފެނުނީމަ މިކީގެ ހިތް ހަލާކު ވި… މިކީ ވަރަށް ދެރަވޭ ދޮންބެ އެހެން ދެރަވެފަ އޮންނަތަން ދެކެން” މިކްޔާ މަޑުމަޑުން ބުނެލިއެވެ. މީކައިލް ހިނިތުންވެލާފައި މިކްޔާގެ ބޮލު މެދުގައި ބޮސް ދިނެވެ.
(ނުނިމޭ)
ސަތާރަވަނަބައިގެ ތެރެއިން:
“ޔަގީން އެކަން. އެހެންވެ ތިހުރީ ކިނބުލެއްހެން ހެވިފަ. މަށަށް ހަމަ ޔަގީން. ނޫންތަ؟” އެޒިކިއެލް އަނެއްކާވެސް އަހައިލިއެވެ. އެލާރާ އަނގަ ކުނިކޮށްލިއެވެ. އެވަގުތު އެޒިކިއެލްގެ އަތުގައި އޮތް ‘ޗިކަން ރިންގް’ ޕެކެޓު އޭނާއަށް ފެނުނެވެ. “ހޫން. މިރޭވެސް ޕަބްޖީގަ ދޯ؟” އެލާރާ އަވަހަށް ވާހަކަ އޮޅުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







So happy to see you back with this story💗
Yh meekail MoVe on!! Dua mathin hadhaan nahthaala! Dhaaiyal loves lash that danm much! Oooo🙊
Anyways waiting for next
Ly n take care darlingg💓✨
yesss alhamdhulihllah i’m back 🩶
heehee yess Meekail finally moved onn..
ikrrr Dhaaiyal loves Lash sooo muchhh🥹justt waittt untill lash finally trusts himm🙊
in sha allah next genessdheynan maadhan noonn aneh dhuhun.. eyge fahun in sha allah everyday baeh genessdheynan.. ly and tc too 🩶
Ohmy God shihaa is backkk❤️
Vrh reethi mi bai vx can’t wait for nextt!!!❤️
yesss alhamdhulihllah i’m back 🩶
in sha allah next genessdheynan maadhan noonn aneh dhuhun.. eyge fahun in sha allah everyday baeh genessdheynan..