ބޮޑީގާޑު 12
ޕާޓީގެ މެހެމާނުން ހައިރާންކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ، ޒިމާމް އިނާގެ އަތުގައި ހިފައިގެން ސްޓޭޖުން ތިރިއަށް ފޭބިއެވެ. އޭނާގެ ދެލޮލުން ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ރުޅިވެރިކަމެކެވެ.
“ޒިމާމް. މަޑުކުރޭ!” ޒިޔާދު ތުރުތުރުލާ އަޑަކުން ގޮވާލިއެވެ. “ކަލެއަށް ތި ކުރެވެނީ ކިހާ ބޮޑު ކަމެއްކަން އެނގޭތަ؟”
ޒިމާމް ހުއްޓުނެވެ. ނަމަވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. “ބައްޕާ އަހަރެން ހީކުރީ ބައްޕައަކީ އަހަރެން ދެކެ ވަރަށް ލޯބިވާ މީހެއްކަމަށް. އެކަމަކު މިރޭ އެނގިއްޖެ ބައްޕައަކީ އަހަރެންގެ އުފަލަށް ހުރި އެންމެ ބޮޑު ހަތުރުކަން. މި ހުރިހާ މުދަލަކާއި ބާރެއް ބައްޕަ އަތުގައި ބާއްވާ. އަހަރެން އިނާ ގޮވައިގެން މިދަނީ.”
ޒިމާމް އިނާ ގޮވައިގެން ގޭގެ ދޮރުން ނިކުތްއިރު ބޭރުގައި ތިބި ސެކިއުރިޓީންނަށް ވެސް އޭނާ ހުއްޓުވާކަށް ނުކެރުނެވެ. ޒިމާމް އޭނާގެ ކާރަށް އިނާ އަރުވައިގެން ދުއްވާލީ މާލޭގެ ހަލަބޮލި މަގުތަކުގެ ތެރެއަށެވެ.
ކާރުގެ ތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. އިނާ އިނީ ބޭރު ބަލާށެވެ. ޒިމާމްގެ އަތް ރުޅިން ތުރުތުރުލަމުން ދިޔައެވެ.
“އިނާ އަހަރެން މާފަށް އެދެން.” ޒިމާމް މަޑުމަޑުން ބުންޏެވެ. “ބައްޕަ އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަހަރެން ހީ ވެސް ނުކުރަން. އިނާ ވަރަށް ބިރުގަތް ދޯ؟”
“ޒިމާމް އަހަރެން ބިރެއް ނުގަނޭ އަހަރެން މީ ނޫސްވެރި އެއް. ބިރު އެއީ އަހަރެން ދަންނަ ލަފުޒެއް ނޫން. އެކަމަކު އަހަރެންގެ ހިތަށް އެބަ އަރާ އެގަޑީ އަހަރެން ސަލާމަތް ކުރީ ކާކުބާއޭ؟ އެމީހެއްގެ ސަބަބުން އަހަރެން މިއަދު ދިރި މިހުރީ.” އިނާ އޭނާގެ އިހުސާސްތައް ޒިމާމްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.
ޒިމާމް ވިސްނާލިއެވެ. ޒިޔާދު ބުނި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ޒިމާމްގެ ހިތުގައި ބޮޑު ސުވާލު މާކެއް ޖެހުނެވެ. ޒޭން ހަމަ ހަޤީޤަތުގައިވެސް މަރުނުވަނީ ހެއްޔެވެ؟ އެކަމަކު އެދުވަހު ކަނޑަށް ވެއްޓުނު މީހަކު ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ޒިމާމް އިނާ ގެންދިޔައީ މާލޭގައި ހުންނަ އޭނާގެ އަމިއްލަ އެޕާޓްމަންޓަކަށެވެ. އެއީ ޒިޔާދަށް ވަދެވޭނެ ތަނެއް ނޫނެވެ. އިނާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު އޭނާގެ ފޯނަށް މެސެޖެއް އައެވެ. “ކުޅިވަރު އަދި ކިރިޔާ މި ފެށުނީ. އިނާގެ ވަފާތެރިކަން މިރޭ ސާބިތުވެއްޖެ.” އިނާ ފުން ނޭވާއެއްލިއެވެ. އޭނާ ފޯނު ނިވާލުމަށްފަހު ބެލްކަންޏަށް ނިކުމެ ބޭރު ބަލާލިއެވެ. މަގުގެ އަނދިރި ކަނެއްގައި ސައިކަލެއްގެ މަތީގައި އިށީނދެގެން އިން މީހަކު އިނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ކަޅު ހޫޑީއެއް ލައިގެންނެވެ. އިނާ ފެނުމާއެކު އެމީހާ ސައިކަލު ދުއްވާލާފައި އަނދިރިގަނޑުގެ ތެރެއަށް ގޮސް ގެއްލުނެވެ.
އަނެއްކޮޅުން ޒިޔާދު ހުރީ އޭނާގެ ގޭގައި މޮޔައެއްފަދައިންނެވެ. އޭނާގެ ހުރިހާ ރޭވުމެއް ފޭލްވެ އަމިއްލަ ދަރިފުޅު އަތުން ބީވެގެން ދިއުމުން އޭނާ ހުރީ ކޮންމެ ފަދަ ނުރައްކާތެރި ފިޔަވަޅެއް އަޅަންވެސް ތައްޔާރަށެވެ.
“އޭނާ މަރާލަން ޖެހޭނެ” ޒިޔާދު އަމިއްލަ ނަފްސަށް ބުންޏެވެ. “ޒޭން ދިރިހުއްޓަސް ނެތަސް އެ އަންހެން ކުއްޖާ ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެންގެ ދަރިފުޅު އަހަންނަށް ނަފުރަތުކުރާނެ.”
“އަހަރެން މިހުރިހާ ކަމެއް ކުރީ ޒިމާމަށްޓަކައި” ޒިޔާދު ހަޅޭއްލަވައިގަތެވެ. އޭނާގެ ކުރިމަތީގައި އިސްޖަހައިގެން ހުރި އިތުބާރު ހިފޭ ސެކިއުރިޓީ ހެޑް މަނިކު އަށް ބަލާލިއެވެ. “މަނިކު. މިހާރުން މިހާރު ޒިމާމްގެ އެޕާޓްމަންޓަށް މީހުން ފޮނުވާ. އަހަރެން ބޭނުމީ އެ އިނާގެ ފުރާނަ. މިރޭ އިރު އެރުމުގެ ކުރިން އޭނާ މަރުވާން ޖެހޭނެ. ޒިމާމް ހުރަސް އެޅިޔަސް އޭނާއަށް އަނިޔާއެއް ނުވާނެހެން އިނާ ނައްތާލާ.” މަނިކު ބޯޖަހާލުމަށްފަހު ބޭރަށް ނިކުތެވެ. ޒިޔާދުގެ ނުބައިކަން އޭގެ އެންމެ މަތީ ދަރަޖައަށް ގޮސްފައިވާކަން މަނިކަށްވެސް އެނގެއެވެ.
ޒިމާމްގެ އެޕާޓްމަންޓްގެ ތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ޒިމާމް އިނީ ސިޓިންގ ރޫމްގެ ސޯފާގައި އިސްޖަހާލައިގެންނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އޭނާގެ ބައްޕަގެ އަމަލުތަކެވެ. އެވަގުތު އިނާ ކޮޓަރިން ނިކުމެ ޒިމާމްގެ ގާތުގައި އިށީނދެލިއެވެ.
“އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ބައްޕަ މިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް.” ޒިމާމް އިނާގެ އަތުގައި ހިފާލިއެވެ. “އިނާ އަހަރެން މާދަމާ އިނާ ގޮވައިގެން ރާއްޖޭއިން ބޭރަށް ދާން ނިންމައިފިން.”
އިނާ އެއްޗެއް ބުނަން އުޅުނު ވަގުތު، އެޕާޓްމަންޓްގެ ބޭރުން ކޮންމެވެސް އަޑެއް އިވުނެވެ. ޒިމާމް ވަގުތުން ތެދުވިއެވެ. ހަމަ އެވަގުތު ޒިމާމްގެ ހުއްދަ އާއި އެކު އިނާ ގޮސް އޭނާގެ ކޮޓަރި އަށްވަނެވެ. ޒިމާމް ސެކިއުރިޓީ ކެމެރާ ބަލާލިއިރު މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ދޮރު ހުޅުވަން މަސައްކަތް ކުރަނީއެވެ. ޒިމާމް އޭނާގެ ވަތްގަނޑުން ބަޑިއެއް ނެގިއެވެ. އޭނާ ބޭނުން ނުވިޔަސް މިއަދު އޭނާގެ އަމިއްލަ ބައްޕަގެ މީހުންނާ ދެކޮޅަށް ހަތިޔާރު އުފުލަން މަޖުބޫރުވީއެވެ. ދޮރު ބާރަށް ހުޅުވާލުމަށްފަހު އެ މީހުން އެތެރެއަށް ވަނެވެ. ހަމަލާތައް ބަދަލުކުރަން ފެށުނެވެ. ޒިމާމް އެކަނި މާ ގިނައިރު ހިފަހައްޓައެއް ނުލެވުނެވެ. އެކަކު ޒިމާމްގެ އަތުގައި ޖަހައި ބަޑި ވައްޓާލިއެވެ. “ކޮބާ އެ އަންހެން ކުއްޖާ؟” އެތަނުން މީހަކު ހަޅޭއްލަވައިގަތެވެ.
އެވަގުތު އެޕާޓްމަންޓްގެ ބެލްކަނީގެ ބިއްލޫރިގަނޑު ތަޅާލާފައި ކަޅު ހޫޑީ ލައިގެން ހުރި މީހާ އެތެރެއަށް ފުންމާލިއެވެ. އޭނާގެ ހަރަކާތްތައް ހުރީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޒިޔާދު ފޮނުވި ހަތަރު މީހުން ބިންމައްޗަށް ތިރިކޮށްލިއެވެ. އެމީހާ ހުރީ އޭނާގެ މޫނު މުޅިން ނިވާކޮށްގެންނެވެ.
ޒިމާމް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ކަލޭ.. ކަލޭ ތީ ކާކު؟” ޒިމާމް ބިރުން އަހާލިއެވެ. އެ މީހާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ މަޑުމަޑުން އިނާ ހުރި ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ. އިނާ ދޮރު ހުޅުވާލާފައި ނިކުތެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ.
އެވަގުތު އެ ދެމީހުންގެ ދެމެދުގައި ސިއްރު ވާހަކައެއް ދެކެވުނު ފަދައެވެ. އެ މީހާ އިނާއަށް ބޯޖަހާލުމަށްފަހު، އެ އައި ގޮތަށް ބެލްކަނިން ފުންމާލައިގެން އަނދިރިގަނޑުގެ ތެރެއަށް ގެއްލުނެވެ. ޒިމާމް ދުވެފައި ގޮސް ބެލްކަނިން ތިރި ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “އިނާ.. އެއީ ކާކު؟” ޒިމާމް އަހާލިއެވެ. “އޭނަ ސަލާމަތް ކުރީ އަހަރެމެން. އެއީ ހަމަ އެ މީހާ.” އިނާ މަޑުމަޑުން ބުންޏެވެ. “އަހަންނަކަށް ނޭނގެ ޒިމާމް. އެކަމަކު އަހަންނަށް ހީވަނީ އެއީ ޒިމާމްގެ ބައްޕަގެ ދުޝްމަނެއްހެން. ޒިމާމްގެ ބައްޕަގެ ނުބައިކަން އެނގޭ މީހަކު އަހަރެމެންނަށް އެހީވަނީ.” ޒިމާމް ބިންމަތީގައި އޮތް ބަޑިއަށް ބަލާލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމާއި ޝައްކު އިތުރުވިއެވެ. އެ މީހާގެ ހަރަކާތްތަކާއި އޭނާގެ ހަށިގަނޑުގެ ބައްޓަމުން އެއީ ޒޭން ކަން ޔަޤީނެވެ. ނަމަވެސް އޭނާގެ ސިކުނޑި ދިޔައީ އެއީ ތެދުކަން ޤަބޫލު ކުރުމަށް އިންކާރު ކުރަމުންނެވެ.
އެރޭ ފަތިހު ޒިޔާދުގެ ފޯނަށް މެސެޖެއް އައެވެ. އޭގައި އޮތީ ޒިމާމްގެ އެޕާޓްމަންޓްގެ ބިންމަތީގައި އޮތް ޒިޔާދުގެ މީހުންގެ ފޮޓޯއެކެވެ. އަދި އޭގެ ތިރީގައި ލިޔެފައި އޮތެވެ.
“ކަލޭގެ ކޮންމެ ހަމަލާއެއް އަހަރެން ހުއްޓުވާނަން. ކަލޭގެ ނިމުން އަންނާނީ ކަލޭގެ އަމިއްލަ ދަރިފުޅުގެ އަތުން.”
ޒިޔާދުގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ނޭވާ އަވަސްވިއެވެ. “ނޫން… އެއީ އޭނައެއް ނޫން. އޭނަ ވަނީ މަރުވެފައި.” ޒިޔާދު މޮޔައެއް ފަދައިން ހަޅޭއްލަވައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Omg what is happening 😭😭
I am pretty sure that is Zayn
U are doing a great job Ara 👏👏👏👏
Non of ur stories are boring….
Thank you so much 🦋🦋🦋
Thank you so much 🥰 I really appreciate your support 🫶🏻🫶🏻
Zayn is playing it so smart. He’s letting the fear eat them alive before he finally shows his face. Also I’m rooting for the brothers to meet. Can’t wait for the next part 👏🏻❤️
Thank you so much 🥰🥰🫶🏻