ބޮޑީގާޑު 10
އިނާ ރަށަށް ފުރަން އޮތީ ޖެހިގެން އައި ދުވަހުއެވެ. އެރޭ ޒިމާމް އިނާ ގޮވައިގެން ރޭގަނޑުގެ ކެއުމަކަށް ދިޔައީ މާލޭގެ އެންމެ އުސް އަދި އެންމެ އަގުބޮޑު ރެސްޓޯރެންޓަށެވެ. މުޅި ތަން އޮތީ ހަމައެކަނި އެ ދެމީހުންނަށްޓަކައި ހުސްކޮށެވެ.
ކެއުމުގެ ތެރެއިން ޒިމާމް އިނާގެ އަތުގައި ހިފާލިއެވެ. “އިނާ. އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަން އަހަރެންގެ ހަޔާތަށް މިފަދަ ބަދަލެއް އަތުވެދާނެ ކަމަކަށް. ފުރަތަމަ އިނާ ފެނުނު ދުވަހު އަހަރެން ފޫހިވި. އެކަމަކު މިއަދު..” ޒިމާމް އޭނާގެ ޖީބުން ހަތަރެސްކަން ކުޑަ ފޮށްޓެއް ނަގައި ހުޅުވާލިއެވެ. އޭގެ ތެރޭގައި ވިދަމުންދިޔަ އަލިމަހުގެ އަނގޮޓިއެއް އޮތެވެ.
“އަހަރެން ބޭނުންވަނީ އިނާއާ ކައިވެނިކުރަން. އަހަރެން ބޭނުމެއް ނޫން ރަށަށް ފޮނުވާލާކަށް. އަހަރެންގެ ރާނީއެއްގެ ގޮތުގައި މި ގޭގައި ގާތުގަ ހުރެދީ.” ޒިމާމްގެ އަޑުގައި ވަނީ ލޯތްބެވެ. އިނާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ނަމަވެސް އެ ހައިރާންކަމުގެ ފަހަތުގައި ވަނީ ކޮން އަސަރެއްކަން ދެނެގަންނަން ޒިމާމަށް އުނދަގޫވިއެވެ. “ޒިމާމް.. ތީ ވަރަށް ބޮޑު ނިންމުމެއް. އަހަންނަށް ކުޑަ ވަގުތުކޮޅެއް ދީ” އިނާ މަޑުމަޑުން ބުންޏެވެ.
މި ޚަބަރު ޒިޔާދަށް ލިބުނީ އެމީހުން ގެއަށް އައި ވަގުތުއެވެ. ޒިމާމް އުފަލުން ހުރެ އޭނާގެ ބައްޕަ ގާތު އިނާ ދެކެ ލޯބިވާ ވާހަކަ އާއި ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. “ކީކޭ؟ އޭނާ ރުޅިގަދަވެގެން ގޮސް މޭޒުމަތީގައި ހުރި ފޮތްތައް އަތުން ޖަހައި ވިއްސާލިއެވެ. “ޒިމާމް ކަލޭ ތިހިރީ މޮޔަވެފައިތަ؟ އެއީ ކާކުކަން ކަލެއަށް އެނގޭތަ؟ އެއީ ޒޭންގެ އެކުވެރިއެއް. އެއީ އަހަރެމެން ބޭޒާރުކުރަން އުޅުނު ނޫސްވެރިޔާ.” ޒިޔާދުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.
“ބައްޕާ. އިނާ މިހާރު ހުރީ އަހަރެމެންގެ ފަޅީގަ” ޒިމާމް ބާރަށް ބުންޏެވެ. “އޭނަ ވަނީ އޭނަގެ ވަފާތެރިކަން ސާބިތުކޮށްދީފައި. ޒޭން މަރުވީވެސް އޭނާގެ ސަބަބުން.”
“އަހަރެން ދުވަހަކުވެސް ތި ކައިވެންޏަކަށް ޤަބޫލެއް ނުވާނަން. އަދި ކަލެއަށް އެނގޭތަ؟ މީނަ ދުވަހަކުވެސް ކަލެއާ ކައިވެނި ކުރާކަށް އެއްބަހެއް ނުވާނެ. މި ހުރިހާ ކަމަކީ މީނަގެ ރޭވުމެއް. ކަލޭ ބިރުގަންނަވައި އަހަރެމެންގެ ތެރޭގައި ފިތުނަ އުފައްދައި އަހަރެމެންގެ ބާރު ކަނޑުވާލަން އުޅޭ މީހަކު ކަލެއާ ކައިވެނި ކުރާނީ ކިހިނެއް؟” ޒިޔާދު އިނާއަށް ބަލާލީ ނަފްރަތުން ފުރިގެންވާ ގޮތަކަށެވެ. “ކޮބާ ބުނެބަލަ! ކަލޭ ކައިވެނި ކުރާނަންތަ؟ ކަލޭގެ ހިތުގައި މި އާއިލާއަށް އޮތީ ހަމައެކަނި ޒަހަރުކަން އަހަރެންނަށް އެނގޭ.” ޒިމާމް ހުރީ ބަސް ހުއްޓިފައެވެ. އޭނާގެ ބައްޕަގެ ވާހަކަތަކުން އޭނާގެ ހިތުގައި ކުޑަ ޝައްކެއް އުފެދުނު ވަގުތު މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ.
އިނާ މަޑުމަޑުން އިސްއުފުލާލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ އެއްވެސް ޖެހިލުމެއް ނެތް ސާބިތުކަމެވެ. އޭނާ ސީދާ ޒިޔާދުގެ ލޮލަށް ބަލާލިއެވެ.
“އަހަރެން ތައްޔާރު.” އިނާގެ އަޑު މުޅި ތަނުގައި ގުގުމައިގެންދިޔައެވެ. “ޒިމާމް. އަހަރެން ޒިމާމް އާއި ކައިވެނި ކުރަން ތައްޔާރު.”
ޒިޔާދުގެ އަނގަ ހުޅުވުނެވެ. އޭނާ ބުނަން އުޅުނު ހުރިހާ ވާހަކައެއް ކަރުތެރޭގައި ތާށިވިއެވެ. އޭނާ ހީކުރީ އިނާ އެކަމަށް އިންކާރު ކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޒިމާމަށް ހުރިހާ ހަޤީޤަތެއް އިނގޭނެކަމަށެވެ. ނަމަވެސް އިނާގެ މި ކުއްލި ނިންމުމުން ޒިޔާދުގެ ހުރިހާ އުއްމީދެއް ފެނަށް ވެގެންދިޔައެވެ.
ޒިމާމްގެ މޫނުމައްޗަށް އުފާވެރިކަން އައެވެ. “ބައްޕާ އިވޭތަ؟ އޭނަ އެ އެއްބަސްވީ.”
އެ ވަގުތު ޒިޔާދުގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި އެވެ. “އޭނަ އެއްބަސްވިޔަސް އަހަރެން އެއްބަހެއް ނޫން. މި ގޭގައި މި އާއިލާގައި އަހަރެންގެ ހުއްދަ ނެތި އެއްވެސް ކަމެއް ނުކުރެވޭނެ. ޒިމާމް ހަނދާންކުރާތި.. މިއީ ކަލޭ ކުރާ އެންމެ ބޮޑު މޮޔަކަންތައް.” ޒިޔާދު އެތަނުން ދާން ހިނގައިގަތީ އިނާއަށް ނުރައްކާތެރި ބަލާލުމެއް ބަލާލުމަށްފަހުއެވެ. އެ ބަލާލުމުން އެކަނިވެސް އިނާގެ ފުރާނައަށް އޮތް ނުރައްކާ ހާމަވެއެވެ. ނަމަވެސް އިނާ ޒިމާމްގެ އަތުގައި ހިފައިގެން އެ ހުރި ގޮތަށް ހުރީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Haadha short ey??
V reethi mi bai ves😁
Next part in feshigen dhigu vaane. Thank you 😊🫶🏻
Zimaam is the perfect example of how a villain is made not born.. See the pressure his father puts on him 😭 He actually looks like a good person trapped in a bad situation. And if zayn is alive I hope they can forgive each other. Like can we have a plot twist where zimaam joins zayn to take down their father?
I love that you’re rooting for them. And you noticed exactly what I hoped readers would notice 🫶🏻 All I can say is nothing in this story exists without reason. Keep reading 😊🫶🏻
Wait what about Zayn??? if he is actually alive and watching this his heart must be breaking into a million pieces. I’m so confused right now is inaa actually falling for him?? By the way you’re an amazing writer. Every part is better than the last. Keep it up❤️👏🏻
Your words honestly made my day 🥹🫶🏻 If zayn is watching… yes it would hurt a lot. And Inaa’s feelings aren’t as simple as they seem. I promise it’ll make sense soon. 😊
ފެށުނީއްސުރެ މިހާތަނަށް އައިއިރު ޝައުގުވެރިކަން ކުޑަވި އެންމެ ޕާޓެއް ވެސް ނުދޭ، ސާބަސް ލިޔާ ކުއްޖާ އަށް
ޝުކުރިއްޔާ 🥰