ހިތް ކަލާއަށް އެދޭތީ 6
ބޯޓު މާލޭގެ ފަޅުން ނިކުމެ ނޫކުލައިގެ ކަނޑުގެ ތެރެއަށް މިސްރާބު ޖެހިއެވެ. ޒިޔާން ބޯޓުގެ ފަހަތު ސީޓުގައި އިށީނދެލައިގެން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. ނަމަވެސް އޭނާގެ ފޯނަށް އައި މެސެޖަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ.
އެއީ ޝާކްގެ މެސެޖެކެވެ. އޭގައި އޮތީ ޝިފާގެ ރަށުގޭގެ ފޮޓޯއަކާއި ޝިފާގެ މައިންބަފައިންގެ ފޮޓޯއެކެވެ. އޭގެ ތިރީގައި ލިޔެފައި އޮތެވެ. “ކަލޭ ހީކުރީ ކުޑަ ރަށަކަށް ގޮސް ފިލޭނެ ކަމަށްތަ؟ މަގޭ ކައިރިން ސަލާމަތްވާން ބޭނުމިއްޔާ މަގޭ ‘ދަރަނި’ އަދާކުރަން ޖެހޭނެ. ނޫނީ ތި އަންހެން ކުއްޖާގެ އާއިލާގެ ދުވަސްދުއްވާލާތަން ބަލަން ތައްޔާރުވެގެން ހުރޭ.” ޒިޔާންގެ އަތް ތުރުތުރުލާން ފެށިއެވެ. ހިތަށް ބަޔާންކުރަން ދަތި ބިރުވެރިކަމެއް ވަނެވެ. އޭނާ ހީކުރީ މާލޭގެ ފަޅުން ބޯޓު ނިކުތުމުން ހުރިހާ ނުރައްކަލަކުން ސަލާމަތްވީ ކަމަށެވެ. ނަމަވެސް ޝާކްގެ ނުފޫޒަކީ ހަމައެކަނި މާލޭގެ ހަނި ގޯޅިތަކަށް އޮތް ބާރެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އޭނާގެ ވަކިތައް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. ޒިޔާން އޭނާގެ ކައިރީގައި ހިނިތުންވެލައިގެން އިން ޝިފާއަށް ބަލާލިއެވެ. ޝިފާ އެ އިނީ އާ ފެށުމަކަށް އުންމީދުކޮށްގެންނެވެ. ޝާކް މިހާރު އެ އަމާޒުކުރަނީ ޝިފާގެ އާއިލާއަށްކަން އެނގިއްޖެނަމަ އޭނާގެ އުންމީދުތައް ފުނޑުފުނޑުވެގެން ދާނެއެވެ. ޒިޔާންގެ ހިތަށް އެރިއެވެ. މި ކުރެވުނީ ކީއްހެއްޔެވެ؟ އަހަރެންގެ ސަބަބުން މި މައުސޫމް އަންހެން ކުއްޖާގެ މުޅި ދިރިއުޅުން މިވަނީ ނުރައްކަލުގެ ތެރޭގައެވެއެވެ. “ޒިޔާން؟ ކިހިނެއްވީ؟” ޝިފާ، ޒިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން އަހާލިއެވެ. ޒިޔާން އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ. “ކަމެއް ނުވޭ.. ކުޑަކޮށް ބޯ އަނބުރަނީ.” އޭނާ ދޮގު ހަދަން ބޭނުން ނުވި ނަމަވެސް ޝިފާގެ ހިތްހަމަޖެހުމަށްޓަކައި ޖެހުނީ ހަޤީޤަތް ފޮރުވާށެވެ.
ޒިޔާން ބޯޓުގެ ފާހާނާއަށް ވަދެ އިއްކޮއަށް ގުޅިއެވެ. “އިއްކޮ! ޝާކް މިހާރު ހުރީ ޝިފާގެ އާއިލާއާ ދިމާކޮށްލާފައި. އޭނާ ބޭނުންވަނީ ކޮން ދަރަންޏެއް؟”
“ކަޅޭ… އެއީ ހުސް ބޭކާރު ވާހަކަ. ޝާކް ކަލޭ ދޫކޮށްލާނީ ކިހިނެއް؟ ކަލެއަކީ އޭނާގެ ހުރިހާ ކަޅު ފައިސާ އެއް ވަންނަ ތަންތަނާ އޭނާގެ މުށުތެރޭގައި ތިބި ފުލުހުންގެ ބޮޑުންނާއި ސިޔާސީ މީހުންގެ ލިސްޓު އެނގޭ ހަމައެކަނި މީހާ. ކަލޭ މިނިވަންކޮށް ހުރުމަކީ އޭނަ މުޅިން ބޭޒާރުވުން. ކަލޭ ތިއީ މިހާރު އޭނައަށް އޮތް އެންމެ ބޮޑު ނުރައްކާ” އިއްކޮ ބުންޏެވެ. “އަދި އެއް ވާހަކަ… ފުލުހުންގެ ތެރޭގައި ތިބި އޭނަގެ މީހުން މިހާރު ތިބީ ތި ބޯޓަށް ފާރަލައިގެން.” ޒިޔާންގެ ބޮލުގައި ރިހެން ފެށިއެވެ. އޭނާ ހީކުރި އަމާން ދިރިއުޅުން މިހާރު ފެންނަނީ ލޭގެ ކުޅިގަނޑެއްގެ ގޮތުގައެވެ. އޭނާއަށް އޮތީ ދެ ގޮތެކެވެ. އެކަނި މާލެއަށް އެނބުރި ގޮސް ޝާކްއާ ކުރިމަތިލުން ނޫނީ ޝިފާގެ އާއިލާ ނުރައްކަލުގެ ތެރެއަށް ދޫކޮށްލުމެވެ. “އިއްކޮ.. ޝާކް ގާތު ބުނޭ އޭނާގެ މުޅި ރަސްކަން ފުނޑާލެވޭނެ ރިމޯޓް އޮތީ މަގޭ އަތުގައޭ.” އޭނާގެ ހަށިގަނޑުގައި ވާ ކަޅޭ ގެ ނުރައްކާތެރި މިޒާޖު އަލުން ހޭލައިފިއެވެ.
ޒިޔާން ފާހާނާއިން ނިކުތްއިރު ޝިފާ ހުރީ ދޮރުމަތީގައެވެ. އޭނާ ޒިޔާން އަށް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. “ޒިޔާން އަހަންނަށް ދޮގު ނަހަދާ. ކޮން ކަމެއްތަ ތި ސިއްރުކުރަނީ؟” ޒިޔާން ފުން ނޭވާއެއްލިއެވެ. “ޝިފާ… އަހަރެމެންނަށް އަދި އަމާން އައްސޭރިއަކަށް ނުދެވޭ. އެކަމަކު އަހަރެން ވައުދުވަން ޝާކްގެ ބާރު ދުވަހަކުވެސް އަހަރެމެންނާ ހަމައަށް ނުފޯރާނެ ވަރު ކުރާނަން.” ޝިފާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއަށް އެނގެއެވެ. ޒިޔާން އެ ބުނާ ބަސްތަކުގެ ފަހަތުގައި ވަނީ ބޮޑު ނުރައްކަލެކެވެ.
ޒިޔާން ބޯޓުގެ މަތީ ބަޔަށް ބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކަޅު އައިނެއް އަޅައިގެން ފޯނެއްގައި ހުރި މީހެކެވެ. އެއީ ޝާކްގެ މީހެއް ކަން ޒިޔާންއަށް ޔަގީންވިއެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި އިއްކޮއަށް މެސެޖެއް ކޮށްލިއެވެ. “ޝާކްއަށް ގުޅާފައި ބުނޭ އޭނަގެ ހުރިހާ މައުލޫމާތެއް ހުރި ޕެންޑްރައިވް ބޭނުންނަމަ ޝިފާގެ އާއިލާއާ ދުރަށް ދާށޭ. އަދި އޭނާގެ މީހުން މި ބޯޓުން ބާލާށޭ. އެހެން ނޫނީ މިރޭ 12 ޖަހާއިރު އޭނާގެ ހުރިހާ ސިއްރުތަކެއް މީޑިއާއަށް ލީކުވާނެއޭ.” ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ މަތީބައިގައި ހުރި މީހާގެ ފޯނަށް ކޯލެއް އައެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުން ފެނިގެން ދިޔައެވެ. އެއީ ޝާކް ބިރުގަންނަން ފަށައިފި ކަމުގެ ފެހި ސިގްނަލެކެވެ. ޒިޔާން މިހާރު ބޭނުން ވަނީ ޝާކް ކުޑަކަކޫ މައްޗަށް ތިރިކުރާށެވެ. ޒިޔާންގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ހަމައެވަގުތު އޭނާގެ ފޯނަށް ވީޑިއޯ ކޯލެއް އައެވެ. ސްކްރީނުން ޝާކްގެ މޫނު ފެނުނުއިރު އޭނާ ހުރީ ރުޅިގަދަވެގެން ގޮސް ހަލާކުވާން ކައިރިވެފައެވެ. “ކަލޭ ހީކުރީ މަށަށް ފިލޭނެ ކަމަށްތަ؟ ބަލާބަލަ ފަހަތް.” ޝާކް ހަޅޭއްލަވައިގަތެވެ. “މަގޭ މީހުން އެތިބީ ކަލޭގެ ކަރު ބުރިކޮށްލަން ތައްޔާރަށް. ތި ނަރުސް ކުއްޖާގެ ފުރާނަ ވެސް ދާނީ ކަލޭގެ ދެލޯ ކުރިމަތީގައި” ޒިޔާން ބިރުގަތުމުގެ ބަދަލުގައި ފޯނު އޭނާގެ މޫނާ ވަރަށް ކައިރިކޮށްލިއެވެ.
“ޝާކް.. އަދިވެސް ތި އުޅެނީ 90 ގެ އަހަރުތަކުގަ. ކަލޭ ހީކުރީ ވަޅިއަކުން މީހަކު މަރާލީމަ ހުރިހާ ކަމެއް ނިމުނީ ކަމަށްތަ؟ ކަލޭގެ ފަހަތުގައި އެހުރި ކަޅު ފޮއްޓަށް ބަލާލަބަލަ. އޭގައި އެ ދިއްލޭ ރަތް ބޮކި ފެނޭތަ؟” ޝާކް ސިހިފައި ފަހަތަށް ބަލާލިއެވެ. އޭނާގެ އޮފީހުގެ ތިޖޫރީ ކައިރިން ރަތް ބޮއްކެއް ދިއްލެމުން ދިޔައެވެ.
“މަގޭ ހިތުގެ ތެޅުން ހުއްޓޭ ސިކުންތަކީ ކަލޭގެ ސިއްރު އެކައުންޓްތަކުގައި ހުރި އެތައް މިލިއަން ރުފިޔާ އާއި ޑޮލަރު ޗެރިޓީ އެކައުންޓްތަކަށް ބަދަލުވެ ކަލޭގެ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ލިބޭނެ ވަގުތު. ކަލޭ މަ މަރާލައިފިއްޔާ ވާނީ ބަނގުރޫޓު. ޝާކްގެ މޫނުމަތިން ފުރަތަމަ ފަހަރަށް ބިރުވެރިކަން ފެނުނެވެ. އޭނާގެ އަތުގައި އޮތް ފޯނު ތުރުތުރުލާން ފެށިއެވެ. “ޒިޔާން.. ކަލެއަށް ތިކުރެވެނީ ކީއްކަން އެނގޭތަ؟ ކަލޭވެސް ބޭޒާރުވާނެ.” ޝާކް ހަޅޭއްލަވައިގަތެވެ. “މަށަކީ ކުރިއްސުރެވެސް މަރުވެފައި ހުރި މީހެއް. ގެއްލެން އޮތީ ވެސް ކޮން އެއްޗެއް؟ އެކަމަކު ކަލޭގެ ތި ރަސްކަން.. ތި ލަގްޒަރީ ދިރިއުޅުން… އެ ހުރިހާ އެއްޗެއް މިއޮތީ މަގޭ އިނގިލި ކުރީގަ. މިހާރުން މިހާރަށް ޝިފާގެ އާއިލާ ކައިރިން ކަލޭގެ މީހުން ގެންދޭ. އަދި މި ބޯޓަށް ފާރަލާ މީހުން ބާލާ. ނޫނީ.. ނޫނީ ދެން އިނގެއެއްނު.” އެއް ލޯ މަރާލުމަށް ފަހު ހިނިތުންވެލަމުން ޒިޔާން ބުނެލިއެވެ. ޝާކް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނާ އެއްވެސް ފަރުވާލެއް ނެތް ގޮތަކަށް ފޯނު ކަނޑާލިއެވެ. ޒިޔާން ފުން ނޭވާއެއްލުމަށްފަހު ފޯނު ޖީބަށް ލިއެވެ. އޭނާއަށް އެނގެއެވެ. އެ ކުޅެވެނީ އަލިފާނާއެވެ.
“ޒިޔާން ތި ބުނީ ކޮން އެކައުންޓްތަކެއްގެ ވާހަކައެއް؟” ޝިފާ ޒިޔާންގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ. “ޒިޔާން އަހަރެން ބިރުގަނޭ.” ޒިޔާން ޝިފާގެ ކޮނޑުގައި ދެއަތުން ހިފާއްޓާލިއެވެ “އަހަރެން މިކުރި ކަމަކީ އަހަރެމެންގެ މިނިވަންކަމަށްޓަކައި ކުރި ކަމެއް. ޝާކް މިހާރު އެ ހުރީ ބިރުން. އޭނަ އަށް ދެން މަށާ ކުޅޭކަށް ނުކެރޭނެ. މިރޭ އިރުއޮއްސޭއިރު އަހަރެމެން ތިބޭނީ ރަށުގައި.” ޒިޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Mi part vx vrh reethi MA!
Ziyern and shifa safe vaane baa??
Curiously waiting for the next part when’s next???
Thank you. Next part tomorrow 😊
V v reethi
Same,shifa n ziyaan safe vaane baa?!?
Next bai libuneema ingaynee
Can’t wait for next
Mee kithah episode ge story eh??
When is next?
I think 9 dhw Ara
Yes total 9 episodes 😊
Haadha biruveriey… Shifa ah dhera gotheh viya nudhehchey Ziyan. Vrh reethi mibaives. Waiting for next episode. ❤️
Let’s see dhw. Thank you 😊🫶🏻
V salhi mi part ves ..waiting for next part..🤗
Thank you so much 😊🫶🏻
Dhen kihinehbaa vaany? Varah curious vey eba dhen vaane goiy balan. Please avahah up kohdheythi next part.
Let’s see dhw. Next part tomorrow. 😊