ފުރަތަމަ ނަޒަރުން 24 (ފަހު ބައި)
ކައިވެނި ކުރާ ދުވަސް ކައިރިވަމުން ދާވަރަކަށް އަހަރެންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އަހަރެންގެ ރޭވުން ކާމިޔާބުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތީމައެވެ. އަހަރެންގެ ބޭނުމަކީ ނަތާޝާ މިކައިވެނި ހުއްޓުވުމެވެ. އޭރުން ދެން ކަން ކުރަންވީގޮތެއް ވިސްނަން އަހަންނަށް ވަގުތު ލިބޭނެއެވެ.
ނަތާޝާ އަހަރެންގެ ވާހަކަތަކަށް ހެއްލުނުކަން އަހަންނަށް ޔަގީނެވެ. ނަމަވެސް ހުސްނީ އޭނާއަށް ވިސްނައިނުދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އަހަރެން ނަތާޝާއަށް ދެވަނަފަހަރަށް ގުޅައިފިނަމަ އޭނާއަށް ޝައްކުވާނެއެވެ. އަހަރެން ޖެހޭނީ ނަތާޝާގެ ހަބަރެއް އެހެން މީހަކުލައްވާ ބަލާށެވެ.
“ހަލޯ އަލީނާ؟ ބައްދަލު ކޮށްލެވިދާނެތަ؟ ވަރަށް މުހިއްމު” އަހަރެން އަލީނާއަށް ގުޅައިލީމެވެ. ނަތާޝާގެ ހަބަރެއް ކުޑަކޮށް ވެސް ހޯދޭނީ އަލީނާއަށް ކަމުގައިވާތީއެވެ. އަލީނާއާއި ބައްދަލުކުރާނެ ތަނެއް ކަނޑައެޅުމަށްފަހު އަހަރެން އަވަހަށް ތައްޔާރުވާން ފެށީމެވެ.
“ދަރިފުޅާ ކޮންތާކަށް؟” އަހަރެން އަވަސް އަވަހަށް ކޮޓަރިން ނިކުތްތަން ފެނިފައި ބައްޕަ ސުވާލުކުރިއެވެ.
“މިދަނީ ރައްޓެއްސަކާއި..” އެހާ ހިސާބަށް ބުނެވުނުތަނާ ދަންނަ އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން ޓީވީއަށް ބަލައިލީމެވެ. އެއީ އާހިލްއެވެ. މެލޭޝީއާގައި ހުރެގެން ރާއްޖޭގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެކެވެ. އޭނާ ދައްކަމުން ދިޔައީ އެކުންފުނިން މާކެޓަށް ނެރުނު ގަޑި ރާއްޖެއާއި މެލޭޝީއާ އަދި އިންޑިއާގެ މާކެޓުގައި ވެސް ކާމިޔާބުވި ވާހަކައެވެ.
“އެއީ ދޯ ދަރިފުޅު މަސައްކަތްކުރާ ކުންފުނީގެ ބޮޑުމީހާ؟” އަހަރެންގެ ސަމާލުކަން ޓީވީއަށް ހުއްޓުންތަން ފެނިފައި ބައްޕަ ސުވާލުކުރިއެވެ. އަހަރެން ޖަވާބުގައި ބޯޖަހާލަމުން އަވަހަށް ގެއިން ނިކުތީމެވެ. އާހިލް ފެނުމުން އަހަންނަށް ވީގޮތުން ހުދު އަހަރެން ވެސް ހުރީ ހައިރާންވެފައެވެ.
އަލީނާއާއި ބައްދަލުކުރަން ނިންމި ކެފޭއަށް އަހަންނަށް ދެވުނުއިރު އަލީނާ އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ގޮސް އޭނާގެ ކުރިމަތީގައި އިން ގޮނޑީގައި އިށީނީމެވެ. އަހަރެން ނިންމީ އަލީނާއަށް ހުރިހާ ވާހައެއް ކިޔައިދޭށެވެ. އަހަރެން އެންމެ ފުރަތަމަ ރަސިއްތަމެން ގެއަށް ދިޔަ ދުވަހުން ފެށިގެން ވާހަކަ ކިޔައިދޭން ފެށީމެވެ. އާހިލްއާއި ބައްދަލުވި ގޮތުގެ ވާހަކަ އާއި އޭނާ އާއި އަހަންނާއިމެދު ވެވުނު އެއްބަސްވުމުގެ ވާހަކަ ވެސް ކިޔައިދިނީމެވެ. އަދި ހުސްނީ އާއި ކައިވެނިކުރަން މަޖުބޫރުވި ގޮތް ވެސް ކިޔައިދިނީމެވެ. އަހީނާ އަހަރެންގެ ވާހަކަތައް ވަރަށް ކަނުލާ އަޑުއެހިއެވެ.
“އަހަންނަކަށް ހިޔެއް ނުވެ ނަތާޝާ ހުސްނީ ކައިރި ތިވާހަކަ ނުދައްކަ ހުރެފާނެހެނެއް. އެހިސާބުން ހުސްނީއަށް އެނގިގެން މައްސަލަ ބަލާއިރު އެނގޭނެ އެއީ އީޝާގެ ރޭވުމެއްކަން. އެހިސާބުން ޕްލޭން ފެއިލް” އަހަރެން ނަތާޝާ އާއި ބައްދަލުކުރި ވާހަކަ ކިޔައިދިނުމުން އަލީނާ ބުންޏެވެ. އެއީ ވެސް ތެދެކެވެ. މިހާރު އޮންނާނީ ހުސްނީއަށް އެކަން އެނގިފައެވެ. ހަމަ އެވަގުތެވެ. އަހަރެންގެ ފޯނަށް ހުސްނީގެ ކޯލެއް އަންނަން ފެށިއެވެ. އަހަރެން ފޯނުނަގާފައި އަލީނާއަށް ވެސް އަޑު އިވޭނެހެން ސްޕީކަރަށްލީމެވެ.
“ކީއްކުރަން ތި ގުޅީ؟” އަހަރެން އެހީމެވެ.
“އިޝާއަށް ހަމަ ރަނގަޅަށް އެނގޭނެ ކީއްވެކަން. އީޝާ ހަނދާންކުރާތި، ނަތާޝާ ކައިރި ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަ ގަބޫލެއް ނުކުރާނެ އަދި މިކައިވެންޏެއް ނުވެސް ހުއްޓުވޭނެ. ދެން މީގެފަހުން ނަތާޝާއަށް ގުޅައިގެން ނުވާނެ” ހުސްނީގެ އަޑުގައިވީ ރުޅިވެރިކަމެވެ. އިންޒާރުގެ ބަސްތަކަކަށްފަހު އަހަންނަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ އޭނާ ފޯނު ބޭއްވިއެވެ. އަލިނާ އަހަރެންގެ މޫނަށް ބަލައިލީ ދެންހަދާނީ ކިހިނެއްހޭ އަހާކަހަލަ ގޮތަކަށެވެ. އެސުވާލުގެ ޖަވާބެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ.
“އަލީނާ އަޅެ ގުޅާބަލަ ނަތާޝާގެ ނަންބަރު ހޯދަން ގުޅި މީހާއަށް. އޭނާގެ ހަބަރެއް ހޯދަބަލަ. ހުސްނީ އުޅެދާނެ އަހަރެން ބިރުގަންނަވަން ވެސް” އަހަރެން އަލީނާ ގާތު އެދުނީމެވެ. ނަމަވެސް ކޮންމެ މީހަކަށް ގުޅައިގެން ކޮންމެ ކަމެއް ކުރިއަސް މިކައިވެނި ދެން ނުހުއްޓުވޭނެކަން އަހަންނަށް ގަބޫލުކުރެވުނެވެ.
“ނަތާޝާ މިހާރު މާލެއަކު ނެތޯ. ހަފްތާއަކަށް މިތާ ކައިރި ރިސޯޓަކަށް ގޮހޯ ވީ” މީހަކާ ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވަމުން އަލީނާ ބުންޏެވެ. އެހިސާބުން އަހަންނަށް ޔަގީންވިއެވެ. ހުރިހާ މަގެއް ބަންދުވީއެވެ. މިކައިވެނި ނުކޮށް ވާނެ އެއްވެސް ގޮތެއް ދެނެއް ނެތެވެ.
15 ޖޫން 2025 ވީ ހޯމަދުވަހެވެ. އަހަންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ފުރޭތައެއް އަހަރެންގެ ފަހަތުން ދުވަނީއެވެ. އަދި އަހަރެން އަތުލައިގެން ގޮސް ކޮށްޓަކަށްލާ ތަޅު އެޅުވިއެވެ. އަހަރެން މީހަކަށް ގޮވޭތޯ ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ އަރުތެރެއިން އަޑެއް ނުނިކުތެވެ.
އަހަރެން އެނދުން ތެދުވެ ފާހަނައަށް ވަނީމެވެ. އަދި މޫނު ދޮވެލައިގެން ނިކުމެ ގަޑިއަށް ބަލައިލީމެވެ. ދިހައެއް ޖެހީއެވެ. އަހަރެން ކައިވެނި ކުރަން ހަމަޖެހިފައި އޮތީ އެދުވަހުގެ ހަވީރުއެވެ. ބާކީ އޮތީ ހަ ގަޑިއިރެވެ. ފުރޭތަ އައިސް އަހަރެން ކޮށީގައި ބަންދުކުރާ ގަޑި ކައިރިވަނީއެވެ. އަހަރެން މާޔޫސްވިއެވެ. ކޮޓަރިން ބޭރަށް ނިކުންނަ ހިތެއް ނުވިއެވެ. ބޮލުގައި ރިއްސާފައި ހޮޑުލަވާގޮތެއް ވެސް ވިއެވެ. އެވަގުތު މަންމަ އަހަރެންގެ ކޮޓަރިއަށް ވަނެވެ.
“ދަރިފުޅާ އަވަހަށް އާދޭ ސައިބޮއިގެން ތައްޔާރުވާން. ސެލޫން އެޕޮއިންޓުމަންޓު އެބަ އޮތް ދޭއް ޖަހާއިރު. އޭގެ ކުރިން ވާނެއެއްނު ހުރިހާ އެއްޗެއް ޕެކު ކޮށްގެން އެގެއަށް ދާން.” މަންމަ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުތެވެ. އެވަގުތު އަހަރެން ފޮށްޓަށް އަޅަންފަށާފައި ހުރި ހެދުންތަކަށް ބަލައިލީމެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ބާކީހުރި ހެދުންތައް ފޮށްޓަށް އަޅަންފެށީމެވެ. އެވަގުތު އަހަރެންގެ ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑު އިވުނެވެ. އަހަރެން އަހަރެންގެ ފޯނު ހޯދައިލީމެވެ. އޮތީ މުށިގަނޑު މައްޗައް ވެއްޓިފައެވެ. އަހަރެން ގޮސް ފޯނު ހުޅުވައިލީމެވެ. އޮތީ ނަވާލްގެ ޗެޓަށް ވަދެފައެވެ. އެހިސާބުން އަހަރެން ހަނދާންވިއެވެ. ރޭގަ އަހަރެން ނަވާލްއަށް ގުޅީމެވެ. އޭނާ ފޯނެއް ނުނަގައެވެ. ދެން އަހަރެން އޭނާއަށް މެސެޖު ކުރީމެވެ. ވަރަށް ބައިވަރު މެސެޖު ކުރީމެވެ. ވަމުންދާ ހުރިހާ ކަމެއް ކިޔައިދިނީމެވެ. އަދި އަހަރެން ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރީމެވެ. ނަމަވެސް އަހަންނަށް އެނގެއެވެ. ނަވާލް އަހަރެންގެ މެސެޖެއް ނުބަލާނެއެވެ. ބެލިޔަސް މިކަމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
އަނެއްކާ ވެސް އަހަރެންގެ ފޯނަށް އެ ނޮޓިފިކޭޝަން އައެވެ. އަހަރެން ބަލައިލީމެވެ. ހުސްނީގެ މެސެޖެތަކެކެވެ. ކައިވެނި ހުއްޓުވުމަށް މަސަތްކަތް ނުކުރުމަށް އިންޒާރުދީ ބިރުދައްކާފައި ހުރި މެސެޖު ތަކެކެވެ. އެ މެސެޖުތައް ކިޔަމުންދިޔަވަރަކަށް އަހަރެންގެ ބޮލުގަ ރިހުން ދިޔައީ ގަދަވަމުންނެވެ. އަހަރެން ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ބެލްކަންޏަށް ނިކުތީމެވެ. ބޯ ހަމަޖައްސާލުމުގެ ބޭނުމުގައެވެ.
ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ރަސިއްތަމެން ގޭގައެވެ. ނަމަވެސް ރަސިއްތަ ބޭނުންވީ ޕާޓީ ހޯލެއްގައި ވަރަށް ކުލަގަދަކޮށް ކައިވެނި ކުރާށެވެ. ގޭގައި ކައިވެނި ކުރާގޮތަށް ހަމަޖެއްސީ އަހަންނާއި ހުސްނީގެ އެދުމުގެމަތިންނެވެ. އެދުވަހު މެންދުރު ދޭއްޖެހިއިރު އަހަރެން ސެލޫންއަށް ތައްޔާރުވާން ދިޔައީ އަހަރެންގެ އަންނައުނުތައް ހުސްނީމެން ގެއަށް ގެންދިއުމަށްފަހުގައެވެ. ކައިވެނި ކުރާ ދުވަހަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ބޮޑު އަދި އެންމެ އުފާވެރި އެއްދުވަހެވެ. ނަމަވެސް މިއީ އަހަރެންގެ ހަޔާތުގައި އަންނަ އެންމެ މޮޅިވެރި އެއްދުވަހެވެ.
ސެލޫންއިން ތައްޔާރުވެގެން ހުސްނީމެން ގެއަށް ދެވުނުއިރު ތިންގަޑި ބައިވެއްޖެއެވެ. އޭރު މުޅި ގެ އޮތީ އެކި ކަހަލަ މާމަލުން ޖަރީކޮށްފައެވެ. މުޅި ގެއިން ދުވަނީ ފިނިފެންމަލުގެ މީރުވަހެވެ. އަހަރެން ގޮސް ސޯފާގައި އިށީނީމެވެ. އޭރު މަންމަ އާއި ބައްޕަ ވެސް އެތަނުގައި ތިއްބެވެ. އަދި ހުސްނީ އާއި ރަސިއްތަގެ ދެމަފިރިން ވެސް ގާޒީގެ އިންތިޒާރުގައި ތިއްބެވެ.
އެވަގުތު މީހާކު ގޭގެ ބެލް އަޅައިލިއެވެ. ގާޒީ އައީކަމަށް ހީކޮށް ހުސްނީގެ ބައްޕަ ގޮސް ދޮރުހުޅުވައިލިއެވެ. ނަމަވެސް ކުރިމަތީގައި ހުރީ ގާޒީއެއް ނޫނެވެ. އެތަނުގައި ތިބީ ޕޮލިހުންގެ ޓީމެކެވެ. އެންމެ އިސްކޮށް އެހުރީ ނަވާލްއެވެ. ސޯފައިގައި އިބި އެންމެން ފުންމައިގެން ތެދުވިއެވެ. އަދި ކަން ވެގެން އުޅޭގޮތް ބަލަން އަވަސްވެގަތެވެ. ނަމަވެސް ޕޮލިހުން ހުސްނީގެ ބައްޕައަތަށް އެއްޗެއް ދިނުމަށްފަހު ގޭތެރެއަށް ވަނެވެ. އަދި ގޭތެރޭގެ އެކި ތަންތަން ހޯދާ ބަލަންފެށިއެވެ. މުޅި ގޭތެރެ ހަލަބޮލިވިއެވެ. ވެގެން އުޅޭގޮތް އެކަކަށް ވެސް ނޭނގުނެވެ. ރަސިއްތަ ގޮސް ހުސްނީގެ ބައްޕަ އަތަށް ޕޮލިހުން ދިން ގަނޑު އަތުލިއެވެ. އަހަރެން ގޮސް ރަސިއްތަ ފުރަގަހުގައި ހުއްޓި ހުރެ އެ ގަނޑުގައި އޮތް އެއްޗަކަށް ބަލައިލީމެވެ. އެއީ އެގެ ބަލާ ފާސްކުރުމަށް ދީފައި އޮތް ކޯޓު އަމުރެކެވެ.
ޕޮލިހުން ގޭތެރޭގެ އެކި ތަންތަން ބަލާ ފާސްކުރަންފެށިއެވެ. ފަހަރަކު ތަނެއް ބަލަމުން ގޮސް އެންމެ ފަހުން ހުސްނީގެ ކޮޓަރިއަށް ވަނެވެ. ހުސްނީ ހާސްވެގެން ތެޅިފޮޅެން ފެށިއެވެ. ރަސިއްތަ ސޯފައިގައި އިނދެގެން ބާރުބާރަށް ރޯންފަށައިފިއެވެ. އަހަރެން ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ނޭނގިފައެވެ. އުފާވާން ވެސް ދެރަވާން ވެސް ނޭނގިފައެވެ. އަނެއްކާ ވެސް މީހަކު ގޭގެ ބެލް ޖެހިއެވެ. މިފަހަރު އައީ ގާޒީގައި އެބޭފުޅާއާއި އެކު އިތުރު ދެމީހެކެވެ. ހުސްނީގެ ބައްޕަ ހަދާނެ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުއްޓެވެ. އެހެން ހުރެފައި އެމީހުން ގޭތެރެއަށް ވެއްދިއެވެ. އަދި އިރުކޮޅެއްގައި މަޑުކޮށްލަން އެދުނެވެ.
މާ ގިނައިރެއް ނުވެ ނަވާލް އައިސް ހުސްނީގެ އަތުގައި ބިޑި އަޅުވައިފިއެވެ. ހުސްނީގެ ކޮޓަރިން ނިކުމެގެން އޭނާގެ ފަހަތުން އައި ޕޮލިސް މީހެއްގެ އަތުގައި އޮތީ ބަންދުކުރި ޕެކެޓުތަކަކަށް އަޅާފައި ހުރި ހުދުކުލައިގެ ޕައުޑަރެކެވެ. އެ ފެނުމާއެކު ރަސިއްތަގެ ރުޔުން އިތުރަށް ބާރުވިއެވެ. ޕޮލިހުން ހުސްނީ ގޮވައިގެން ދިޔައެވެ. ގެއިން ނިކުންނަމުން ނަވާލް އަހަންނަށް ބަލައިލިއެވެ. އަހަރެން ހިނިތުންވެލީމެވެ.
ހުސްނީ ގެންދިއުމުން އޭނާގެ ބައްޕައަށް ޖެހުނީ ގާޒީ ފޮނުވާލާށެވެ. އަހަރެން ވެސް މަންމަ އާއި ބައްޕައާއި އެކީ އަވަހަށް ގެއަށް ނިކުންނަން އަވަސްވެގަތީމެވެ. ވެދިޔަ ކަންތަކަށް ﷲ އަށް ޝުކުރު ކުރަމުންނެވެ.
“ކޮންތާކަށް؟” ފޮށި ހިފައިގެން އެގެއިން ނިކުންނަން ދަނިކޮށް ރަސިއްތަ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
“އެސޮރު އެ ގެންދިޔައީ. ދެން މިކައިވެންޏެއް ނުކުރެވޭނެ އެއްނު” ގެއިން ނިކުންނަން ދޮރު ހުޅުވާލަމުން ބައްޕަ ބުންޏެވެ.
“އެސޮރު އެގެންދިޔައީ އުމުރަކަށް ނޫނެއްނު. އަހަރެން އެސޮރު އެތަނުން ސަލާމަތް ކުރާނަން. މިކައިވެނި ނުކޮށް ވާނެ އެއްގޮތެއް ވެސް ނޯންނާނެ” ރަސިއްތަ ނުބައި ގޮތަކަށް ބައްޕަ އާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
“ރަސީމާއަށް ހީވޭތަ މިހުރިހާ ކަމެއް ވީމަ ވެސް އަހަރެން އަހަރެންގެ ދަރިފުޅުގެ ކައިވެނި ހުސްނީ ކުރުވަފާނެހެން” ބައްޕަ ރުޅިއައިސްފައި ބުންޏެވެ.
“ކުރުވަން ޖެހޭނީ. އީޝާ މިކައިވެނި ނުކޮށްފިއްޔާ ދެންވާނެ ގޮތް އެނގެއެއްނު؟” ރަސިއްތަ ބިރުދައްކައިލިއެވެ.
“ތިކަން ތިޔަހެނެއް ނުވާނެ” އަހަންނަށް އިވުނީ އާހިލްގެ އަޑެވެ. ނޫނެކެވެ. އަހަންނަށް ހީވި ގޮތެއް ނޫނެވެ. އެއީ ހަމަ އާހިލްގެ އަޑެވެ. އަހަރެން ދޮރާއި ދިމާލަށް އެނބުރުނީމެވެ. ދޮރުމަތީގައި ހުއްޓި އެހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ހަމަ އާހިލްއެވެ. އޭނާ އާއި އެކު ދެން އެހުރީ އަލީނާއެވެ. އަހަންނަށް ވާނުވާ އޮޅިއްޖެއެވެ. އާހިލް މިތަނަށް އައީ ކީއްކުރަން ހެއްޔެވެ. މިއީ އަހަންނަށް ފެންނަ ހުވަފެނެއް ހެއްޔެވެ؟ ނޫނީ އަހަރެން ބޯ ހާސްވެފައި ހުރިވަރުން ހީވާ ހީވުމެއްބާއެވެ.
“ތީ ކާކު؟” ރަސިއްތަ އާހިލްއަށް ބަލާލަމުން ސުވާލު ކުރިއެވެ. ބައްޕައަށް އާހިލް ފެނިފައި އެއީ ކާކުކަން އެނގުނެވެ. އަދި އަހަންނާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އަހަރެން ނޭނގެއޭ ބުނަމުން ދެކޮނޑު އަރުވައިލީމެވެ.
އާހިލް ރަސިއްތަގެ ސުވާލުގެ ޖަވާބެއް ނުދެއެވެ. ބަދަލުގައި އޭނާ ދައްކައިލީ އޭނާގެ އަތުގައި އޮތް ގަނޑެކެވެ. އެއީ އަހަރެންގެ ބައްޕަ އާއި ރަސިއްތަގެ ކުންފުންޏާއި މެދުގައި ވެފައި އޮތް އެއްބަސްވުމުގެ ކޮޕީއެކެވެ. އާހިލް އޭތީ ހޯދީ ކޮންތާކުންބާއެވެ؟
“މި އެއްބަސްވުމުގައި މިއޮތީ 15 އަހަރު ދުވަސްތެރޭގައި ފައިސާ ދައްކަން ޖެހޭކަމަށް. އެއްބަސްވުން ހަދާފަ މިއޮތީ ޑިސެންބަރު ފަނަރައިގަ. މިއަދު މިއީ ޖޫން ފަނަރަ. އެހެންވީމަ ބަރާބަރު ފަނަރަ އަހަރު ހަމަވާން ބާކީ އެބަ އޮތް ހަ މަސްދުވަސް” އާހިލް ބުންޏެވެ. އާހިލް އެހެން ބުނުމުން ރަސިއްތަ އޭނާގެ އަތުން އެގަނޑު އަތުލިއެވެ. އަދި އެއަށް ބަލާފައި ހޭންފެށިއެވެ.
“ހަމަސް ދުވަސް ތެރޭގައި ހަލައްކަ ރުފިޔާ ދެއްކޭނެތަ؟” މަލާމާތުގެ ރާގަކަށް އެހެން ބުނަމުން އަނެއްކާ ވެސް ރަސިއްތަ ހޭންފެށިއެވެ.
“އެކަން ކުރާކަށް ހަ މަސްދުވަހެއް ބޭނުމެއް ނުވާނެ” މިހެން ބުނަމުން އާހިލް ރަސިއްތަގެ އަތަށް ދިއްކޮށްލީ ހަލައްކަ ރުފިޔާގެ ޗެކެކެވެ.
“އާހިލް ނޫން. އާހިލް ނުޖެހޭނެ ތިފައިސާ ދައްކާކަށް” އަހަންނަށް ލިބުނު ސިހުމާއި އެކު ބުނީމެވެ.
“މިއީ އަހަރެންގެ އެއްޗެއް ނޫނޭ. މިއީ އީޝާގެ އެއްޗެއް. އެހާ ގިނަ ދުވަސް ވަންދެން އީޝާ މަސައްކަތް ކުރި ޕުރޮޖެކްޓު ވަރަށް ކާމިޔާބު. ހީކޮށްލާ މިއީ ކުންފުނިން އީޝާއަށް ދޭ ބޯނަސް އެކޭ” އާހިލް އަހަންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
ޗެކުގައި ހިފުމަށްފަހު އަހަރެންގެ ފޮށިތައް ގެއިން ނެރެ ރަސިއްތަ ދޮރުޖެހިއެވެ. އަދި ހަމަ އެވަގުތު ބައްޕަ ގޮސް ރޮމުން ގިސްލަމުން އާހިލްގެ ގައިގައި ބައްދާލިއެވެ. އަދި އެތައް ބައިވަރު ފަހަރަކު ޝުކުރު އަދާކުރިއެވެ.
ލިފްޓުން ތިރިއަށް ފޭބުމަށްފަހު އަހަރެން ގޮވައިގެން ތަނަކަށް ދިއުމުގެ ހުއްދަޔަށް އާހިލް އެދުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއި އެކު ހިނިގަނޑެއް ޖަހާލަމުން ބައްޕަ ހުއްދަ ދިނެވެ.
“މީ ދޯ އަހަރެމެން އެންމެ ފުރަތަމަ ދިމާވި ތަނަކީ؟” އަހަރެން އާހިލްގެ ކާރަށް އަރަމުން ބުނީމެވެ.
“ނޫން. މިއެއް ނޫން” އާހިލް މިހެން ބުނަމުން ކާރު ދުއްވައިލިއެވެ. އާހިލް އަހަރެން ގޮވައިގެން ދިޔައީ ލޮނު ޒިޔާރަތް ޕާކަށެވެ. އަދި އެތަނުގައި އިށީންނަން ހަދާފައި ހުރި ތަނެއްގެ ކައިރީގައި މަޑުކޮށްލިއެވެ.
“އަހަރެމެން އެންމެ ފުރަތަމަ ދިމާވީ މިތަނުން. އެއީ މީގެ ދެއަހަރު ކުރިން. ވަރަށް ވިއްސާރަ ދުވަހެއް. އީޝާ އިނީ ވިއްސާރަޔާ ތެމިގެން މިތަނުގަ. މަޑު ނޫކުލައިގެ ހެދުމެއް ލައިގެން ކަޅުކުލައިގެ ބުރުގަލެއް އަޅައިގެން. އަހަރެން ދުވެފައި ދަނިކޮށް ޖީބުން ވޮލެޓު ވެއްޓުނީމަ އީޝާ އަހަންނަށް ގޮވީ. ހަނދާން ވެއްޖެތަ؟” އާހިލް އެހިއެވެ. އޭނާ އެގޮތަށް ކިޔައިދިނުމުން އަހަރެން ކޮންމެސް ވަރަކަށް ހަނދާންވިއެވެ. އާހިލްއަށް އެދުވަސް އެހާ ތަފްސީލުކޮށް ހަނދާން ހުރީތީ އަހަރެން ހައިރާންވިއެވެ.
“އެހެންވީމަ އެއްކަލަ ދުވަހު އާހިލް މަންމަކައިރި އެބުނީ ދޮގެއް ނޫން ދޯ؟” އަހަރެން އަހާލީމެވެ.
“އާނ. އެދުވަހު އަހަރެން ހެދީ ދޮގެއް ނޫން. އަހަންނަށް އެންމެ ފުރަތަމަ އީޝާ ފެނުނީ މިތަނުން. އެއީ އޮގަސްޓު މަހެއްގެ އެކާވީސްވަނަ ދުވަހެއްގަ. އޭގެފަހުން ކޮންމެ ދުވަހަކު އަހަރެން އަންނަން އެގަޑިއަށް މިތަނަށް. އީޝާ ފެނޭތޯ” އާހިލް ސީދާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“އީޝާ އަހަރެން ބޭނުން ވާހަކައެއް ބުނަން” އަހަރެންގެ އަތުގައި ހިފާލަމުން އާހިލް ބުންޏެވެ.
“ފުރަތަމަ ނަޒަރުން އަހަންނަށް އީޝާދެކެ ލޯބި ވެވިއްޖެ. އެދުވަހު އަހަންނާއި އެކީ ޕާޓީއަށް ދާން އެދުނީ ވެސް އީޝާއާއި އެކީ ވަގުތު ހޭދަކުރުމުގެ ބޭނުމުގަ. އޭރު އަހަންނަކަށް އިހުސާސެއް ނުކުރެވެ މިއީ ލޯބިކަމެއް. އެކަމަކު އެދުވަހު އީޝާ ހުސްނީއާއި އެކީ ދިޔަތަން ފެނުނީމަ އަހަންނަށް އިހުސާސްވީ އަހަރެން އީޝާދެކެ ލޯބިވާވަރު. އީޝާ ހިތުން ރުހުމުން ހުސްނީއާއި އިންނަން ނިންމީ ކަމަށް ހީކޮށް އަހަންނަށް ރުޅިއާދެވުނީ. އޭރު އަހަންނަކަށް ނޭނގެ އީޝާއަށް މަޖުބޫރުން ކަމެއް. އަހަންނަށް ހުރިހާ ކަމެއް އެނގުނީ އަލީނާގެ ފަރާތުން. އެހެންވެ އީޝާގެ އޮފީސް ކޮންޕިއުޓަރު ބަލަނިކޮށް އެއްބަސްވުމުގެ ކޮޕީ ވެސް ފެނުނީ. އަހަންނަށް މިކަންތަށް އެނގުނުހާ އަވަހަކަށް އަހަރެން މި އައީ. މިހާރު އަހަރެން ބިރުގަނޭ އީޝާ އަހަންނަށް ގެއްލިދާނެތީ. އެހެންވެ އޭރު ނުބުނެވުނު އެއްޗެއް މިހާރު މި ބުނަނީ..” އާހިލް އެއް ކަކޫ ބިންމަތީގައި ޖައްސާފައި ތިރިވެލިއެވެ.
“ފާތިމަތު އީޝާ ޝަރީފް، އަހަންނަށް ފުރަތަމަ ނަޒަރުން ވެސް ކަލާދެކެ ލޯބި ވެވިއްޖެ. އަހަންނާއި އެއްކޮށް އުމުރުގެ ބާކީ ދުވަސްތަށް ހޭދަކުރާނަންތަ؟ ވިލް ޔޫ މެރީ މީ؟” އާހިލް ޖީބުން ކުޑަ ފޮށްޓެއް ނަގައި ހުޅުވާލިއެވެ. އޭގައި އިނީ ވިދަ ވިދާ އިން ރީތި އަނގޮޓިއެކެވެ.
އަހަރެން އަގުތުން އާނއެކެ ބުނީމެވެ. އާހިލް އެއަނގޮޓި އަހަރެންގެ އިނގިލީގައި އަޅުވާލިއެވެ. ހަމަ އެވަގުތެވެ. ބޯކޮށް ވާރޭ ވެހެން ފެށިއެވެ. މޫސުން ވެސް އަހަރެމެންގެ އުފަލުގައި ބައިވެރިވާ ކަހަލައެވެ. އާހިލް ތެދުވެ އަހަރެންގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުގައި ބަލަން ހުރި މީހެކެވެ. ޒީކްއެވެ. އަހަންނަށް އޭނާ ފެނުމުން ޒީކް ދުވެފައި އައެވެ. ޒީކް އައިސް ވަރަށް ބާރަށް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ޒީކްއަށް ކަމުގެ ހަގީގަތް ނުބަލާ އުޅެވުނު ގޮތަށް މާފުކޮށްދިނުމަށް ވެސް އެދުނެވެ. އަހަރެން ޒީކްއަށް މާފުކުރީމެވެ. އަދި އޭނާއަށް ހުރިހާ ކަމެއް އެނގުނީ ކިހިނެއްތޯ އެހީމެވެ.
“އަހަރެން ބުނީ” އަހަރެމެންނާއި ދިމާލަށް ހިނގާފައި އަންނަމުން އަލީނާ ބުންޏެވެ. އޭނާ އައިސް އަރެންގެ ގައިގައި ބައްދާލިއެވެ.
“އޯހް ތެންކިއު އަލީނާ” އަހަރެން އުފާވެފައި ހުރި ވަރު ބުނެދޭން ވެސް ނޭނގެއެވެ.
“މަރުހަބާ. އަހަރެންގެ އަތުގައި އަޅާފައި އޮތް އަނގޮޓިއަށް ބަލާލަމުން ބުންޏެވެ.
2 މަސް ފަސް
އެއަހަރު އޮގަސްޓު މަހުގެ އެކާވީސްވަނަ ދުވަހު، ދެފަރާތުގެ އާއިލާގެ ރުހުމާއި އެކު އާހިލް އާއި އަހަރެންގެ ކައިވެނި ކުރެވުނެވެ. ޒީކް އާއި ނަވާލް ޕާޓީ ހޯލަށް ވަދެގެން އައީ އަތުގުޅުވައިގެންނެވެ. އެމީހުން އައިސް އަހަރެމެންނާއި އެއްކޮށް ފޮޓޯ ނެގުމަށްފަހު އެދެމީހުން ލޯބީގެ ގޮތުން ގުޅުން ކަމުގެ ހަބަރު ދިނެވެ. އެއީ އަހަންނަށް ލިބުނު އެންމެ ބޮޑު ކައިވެނީގެ ހަދިޔާއެވެ.
ޕާޓީ ނިމިގެން ގެއަށް ދާން ނިކުތް ވަގުތު ވާރޭ ތިކިލާން ފެށިއެވެ. އަހަރެން ދުވެފައި ގޮސް ކާރަށް އެރީމެވެ. ނަމަވެސް ކާރު ދުއްވުމުގެ ބަދަލުގައި އާހިލް ކާރުން ފޭބިއެވެ. އަދި އަހަރެންގެ އަތުގައި ހިފާފައި ކާރުން ބޭލިއެވެ. އެވަގުތު ބޯކޮށް ވާރޭ ވެހެން ފެށިއެވެ.
ވެހެމުންދިޔަ ވާރޭ ތެރޭގައި އަހަރެންގެ އުނަގަނޑުގައި އަތް ވަށާލައިގެންހުރެ އާހިލް ނަށަމުން ދިޔައެވެ. އަދި އަހަރެންގެ ކަންފަތް ކައިރިއަށް ތިރިވަވުމަށްފަހު އޭނާ ބުންޏެވެ.
“ވަރަށް ލޯބިވޭ”
-ނިމުނީ-
4 Comments!
Comments are closed.


Alheyyyyyyyyy story nimuny dhw
Alhamdulillah husnee and eesha wedding nukurathy
Haadha reehchey vvv salhi
Vrh ufaavehje Aahil and eesha wedding kureema 😘☺️
BTW HAPPY NEW YEAR 🎊🎊
Varah ufaa vejje vaahaka kamudhiya eem! thank you for the support and Happy new year to you too!!
Vvvv reethi unmeedhu kuranee adhi ves mikahala reethi vaahaka eh hadhiya kollane kamah shukuriyya
shukuriyyaa. Insha Allah varah avahah alhugandu ge ehen vaahaka eh kiyaalan libeyne