23 ފުރަތަމަ ނަޒަރުން
“އީޝާ! އީޝާ!” ހުކުރުދުވަހު ހެނދުނު އަހަންނަށް ހޭލެވުނީ މަންމަ ވަރަށް ބާރަށް ދޮރުގައި ތަޅާ އަޑަށެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އަދި ގަޑިއަށް ބަލައިލީމެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ.
“ހޫނ. މިދަނީ” މަންމައަށް ޖަވާބު ދިނުމަށްފަހު އަހަރެން މޫނު ދޮވެ ތައްޔާރުވެލީމެވެ. ކޮޓަރިން ނިކުންނަންވެގެން އަހަރެންގެ ފޯނު ނެގިއިރު ފޯނު އޮތީ ނިވިފައެވެ. އަހަރެން ހަނދާންވީ ދެނެވެ. ރޭގަ އަހަންނަށް ނިދެންދެން ވެސް އޮތީ އާހިލްއަށް ގުޅާށެވެ. ނަވާލްއަށް ވެސް އެތައްފަހަރަކު ގުޅީމެވެ. ނަމަވެސް އެތަނުން އެކަކު ވެސް އަހަރެންގެ ފޯނެއް ނުނެގިއެވެ. އަހަންނަށް ރޭގައި ނިދުނީ އެފަދަ ހާލެއްގައި އުޅެނިކޮށެވެ.
ފޯނު ޗާޖަށް ޖެހުމަށްފަހު އަހަރެން ކޮޓަރިން ނިކުތީމެވެ. އޭރު ބަދިގޭގައި މަންމައާއި ބައްޕަ އަވަދިނެތި އުޅެއެވެ. މަންމަ ހުރީ އެއް އުނދުނުގައި ފޮނި އެއްޗެއް ކައްކާށެވެ. އަނެއް އުނދުނުގައި ހުރީ ފިޔާ ރަތްކުރަން އުދާފައެވެ. ބައްޕަ އުޅުނީ ކުކުޅު ކޮށުމުގެ މަސައްކަތުގައެވެ.
“އެންމެ ތިން މީހުން ކާން ހާދަ ގިނަ އެއްޗެއް ތި ކައްކަނީ؟” އަހަރެން ބަދިގެއަށް ވަންނަމުން އަހާލީމެވެ.
“ރަސީމާ ހެނދުނު ގުޅާފަ ބުނީ މިއަދު ހުކުރުން ފައިބައިގެން މިގެއަށް ރަންކިޔަން މީހުން ފޮނުވާނަމޭ. އެހެންވެ އެމީހުންނަށާއި އެއްކޮށް މިކައްކަނީ” ވަރަށް އުފާވެފައި ކަމަށް ހެދެމުން މަންމަ ބުންޏެވެ. ނަމަވެސް ހަގީގަތަކީ މިކައިވެންޏާއި މެދު އެކަކު ވެސް އުފާ ނުވާކަމެވެ.
“ދަރިފުޅު ބަދިގެއަށް ވަންނާނެކަމެއް ނެތް. ސައި ބޮއިލައިގެން ދޭ ފެންވަރަން. ވަރަށް ރީތި ހެދުމެއް ލާތި އިނގޭ” އަހަރެން ބަދިގެއަށް ވަނުމުން މަންމަ ބުންޏެވެ. ބައްޕަވެސް ބޮލުގެ އިޝާރާތުން އެއީ ތެދެކޭ ބުންޏެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނެ ސައިބޮއިގެން ކޮޓަރިއަށްވަނީމެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއި އެކު އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތެވެ. އަހަރެން މިކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ނުކޮށްފިނަމަ ދެން ވާނެ ގޮތް ވެސް ވަރަށް ރަނގަޅަށް އިނގެއެވެ.
އަހަރެން ފެންވަރައިގެން ނިކުތްއިރު ޗާޖަށް ޖަހާފައި އޮތް ފޯނު ރިންގުވެއެވެ.
“ހަލޯ؟” އަހަރެން ފޯނު ނެގީމެވެ.
“ހަލޯ ލޯބީ. ހާދަ ގުޅައިފީމޭ މިހާރު. ރަންކިޔަން މީހުން ފޮނުވާނަން މިއަދު. ބީ ރެޑީ” ހުސްނީގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ވަރަށް ފޫހިވިއެވެ. އަހަރެން އުންމީދުކޮށްގެން ހުރީ އާހިލްގެ ކޯލަކަށެވެ.
“ލޯބީއޭ؟ އަހަންނާ ދިމާލަށް ތިހެން ނުކިޔާތި” އަހަރެން ރުޅިއައިސްފައި ބުނީމެވެ.
“ކޮބަ މައްސަލައަކީ؟ ތީ މަގޭ ވާންއުޅޭ އަނބިމީހާ އެއްނު” ހުސްނީ ހިނިގަނޑެއް ޖަހައިލިއެވެ. އަހަރެން އިތުރަށް ރުޅިއައެވެ.
“ކަލެއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން މި ކައިވެނި ކުރަން މިއުޅެނީ ބޭނުންވެގެން ނޫންކަން. އަހަރެން ރުޅިގަދަކުރަން ނޫޅެ ފޯނު ބާއްވާ”
“އޭ އޭ މަޑުކޮށްބަލަ. ހާދަ އަވަހަކަށް ތިޔަ ރުޅި އައީ. އަހަރެން މި ގުޅީ އަދި އެހެންކަމަކުއޭ. މާދަމާ ވެޑިން ޑުރެސް ގަންނަން ދާން ޖެހޭނެ. ކޮން ވަގުތެއް ފަސޭހަވާނީ އީޝާއަށް؟” ހުސްނީ އެހިއެވެ. “އަހަރެން ބޭނުމެއްނޫން ކަލެއާއި އެކީ އެއްތާކަށް ވެސް ދާކަށް” އަހަރެން ވަގުތުން ޖަވާބުދިނީމެވެ.
“މަށާ އެކީއެއް ނޫނޭ ދާނީ. އަހަރެންގެ މަންމައޭ ބޭނުންވަނީ އީޝާ ގޮވައިގެން ދާން. މާދަމާ ހެނދުނު ދިހައެއްޖަހާއިރު މަންމަ ފޮނުވާނަން” މިހެން ބުނެފައި އޭނާ ފޯނު ކަނޑައިލިއެވެ.
ހުކުރުން ފައިބައިގެން އަންނަމުން ބައްޕައައީ ރަންކިޔަން ފޮނުވި ދެމީހުން ވެސް ގޮވައިގެންނެވެ. ރަންކިޔާނިމި، އެމީހުންނަށް ކާންދީ ނިމުންއިރު ތިނެއް ޖަހަނީއެވެ. އެމީހުން ދިއުމުން އަހަރެން ކޮޓަރިއަށް ވަނީމެވެ. އެނދުމަތީގައި ފޯނުހިފައިގެން އޮށޯތަސް އަހަރެންގެ ސަމާލުކަމެއް އެއަކަށް ނުދެވެއެވެ. ފުން ވިސްނުމެއްގައި އޮވެގެން އަހަރެން ނަގާފައި ހުރި ފޮޓޯތަކުން، ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔައީމެވެ. ކޯޗެއް ހޯދަން ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. ކުއްލިއަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ އާހިލް އާއި އަހަރެންގެ ފޮޓޮޔަކަށެވެ. އެއީ އާހިލް އަހަރެން ގެންދިޔަ ކައިވެނި ޕާޓީގައި އޭނާގެ ކޮއްކޮ ބުނެގެން ނެގި ފޮޓޮއެކެވެ. އެޕާޓީއިން ރަސިއްތަ އާއި ވެސް ދިމާވިއެވެ. އެހާ ހިސާބުން އަހަރެންގެ ހަނދާނަށް އައީ އެޕާޓީގައި ހުސްނީ އަންހެން ކުއްޖަކު ގޮވައިގެން އުޅުން ހަނދާނެވެ. އެއީ ކާކުބާއެވެ. ހުސްނީގެ ލޯބިވެރިޔާބާއެވެ. އެރޭ އެމީހުން އުޅުން ގޮތުން ވައްތަރީ ދެ ލޯބިވެރިންނާއެވެ. އޭނާއަށް ހުސްނީ އަހަންނާއި ކައިވެނި ކުރަން އުޅޭކަން އެނގޭބާއެވެ؟ އެ އަންހެން ކުއްޖާއަކީ ހުސްނީގެ ލޯބިވެރިޔާކަމަށް ވާނަމަ އޭނާގެ ގާތު ހުސްނީ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެގެން މި ކައިވެނި ހުއްޓުވިދާނެއެވެ. އަހަރެންގެ އުންމީދުގެ ހުޅުކޮޅު ރޯވިއެވެ. އަވަހަށް އަލީނާއާއި ގުޅީމެވެ.
“ހަލޯ” ފުރަތަމަ ރިންގާއި އެކު އަލީނާ ފޯނު ނެގިއެވެ.
“ހަލޯ އަލީނާ. މިއީ އީޝާއޭ. އެއްޗެއް އަހާލަން ވެގެން މި ގުޅާލީ” އަހަރެން ބުނީމެވެ.
“އެއްކަލަ ދުވަހު ދިޔައީމެއްނު ކައިވެނި ޕާޓީއަކަށް. އެރޭ ރަތްކުލައިގެ ކުރު ހެދުމެއް ލާފަ ބޮލުގަ ހުދުކުލައިގެ ބޯ ޓައީއެއް ހަރުކޮށްފަ ހުއްޓެއްނު އަންހެން ކުއްޖެއް. އެއީ ކާކުތަ؟” އެކުއްޖާ ލައިގެން ހުރި ހެދުން އަހަރެން ކިޔައިދިނީމެވެ.
“ހަނދާންވެއްޖެ ތިބުނާ ކުއްޖާ. އެކަމަކު އަހަންނަކަށް ނޭނގެ އެއީ ކާކު ކަމެއް” އަލީނާގެ ޖަވާބުން އަހަރެން ނާއުންމީދު ވާގޮތްވިއެވެ. ނަމަވެސް އަހަރެން އެހާ އަވަހަށް ނާއުންމީދުވާކަށް ބޭނުމެއް ނޫނެވެ.
“ހޯދައިދެވިދާނެތަ އެއީ ކޮން ކުއްޖެއްކަން؟” އަހަރެން ސުވާލުކުރީމެވެ.
“މީހަކު ކައިރި އަހާލައިގެން ބަލާލެވިދާނެ ކޮން ކުއްޖެއްތޯ އެއީ. އެކަމަކު އީޝާ ދައްދަ ކީއްކުރަން އެކުއްޖާ ތިޔަ ހޯދަނީ؟” އަލީނާ އަހަންނާއި ސުވާލުކުރިއެވެ. އަހަންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ފޯނުން ހުރިހާ ވާހަކައެއް ކިޔައެއްވެސް ނުދެވޭނެއެވެ.
“އެއީ ވަރަށް ބޮޑު ވާހަކައެއް. ފަހުން ދިމާވެފަ ކިޔައިދޭނަން” އަހަރެން ބޭނުންވީ މިވަގުތު އަލީނާއަށް އެކައްޗެއްވެސް ކިޔައި ނުދޭންށެވެ. އޭނާ ވެސް އަހަރެން އެހެން ބުނުމުން އެކަމަށް އެއްބަސްވިއެވެ. އަދި އެކުއްޖާގެ މައުލޫމާތު ލިބުނުހާ އަވަހަކަށް އަހަންނަށް އަންގާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ.
އެރޭ އިރުއޮއްސުނު ވަގުތު އަހަރެން ހުސްނީއަށް ގުޅީމެވެ. އަހަރެން ގުޅުމުން އޭނާ ހުރީ ވަރަށް ހައިރާންވެފައެވެ.
“މިރޭ ކީއްކުރަން އަހަންނަށް ތި ގުޅީ؟ މިސްވީތަ؟” ހިނިގަނޑެއް ޖަހާލަމުން ހުސްނީ ބުންޏެވެ.
“ހޫނ. ދެން އަހަރެންގެ ވާން އުޅޭ ފިރިމީހާއަށް ގުޅާލުމަކީ މައްސަލައެއްތަ؟” އަހަރެން ބޭނުންވީ އޭނާ އެ ކުއްހީގައި ބަހައްޓަންށެވެ.
“އުހޫނ އެއްވެސް މައްސަލައެއް ނޫން” ހުސްނީ ވަރަށް ގަޔާވެލާފައި ބުންޏެވެ.
“މިރޭ ހެދުން ގަންނަން ދާއިރު ހުސްނީ ވެސް ދާންވީއެއްނު އަހަރެމެންނާއި އެއްކޮށް؟” އަހަރެން ވަގުތު ބޭކާރު ނުކޮށް ސީދާ ބޭނުންވި ކަންތަކުގެ ވާހަކަ ބުނީމެވެ.
“ގައިމު މިއަދު އީޝާ ބުނި އަހަންނާއި އެއްކޮށް އެއްތާކަށް ވެސް ދާކަށް ބޭނުމެއް ނޫނޭ”
“އެއީ އަހަރެން އެހެންބުނި އެއްޗެއް ނޫނޭ. ކުޑަކޮށް ރުޅިއައިސްފަ ހުރި ވަގުތެއްގަ ހުސްނީ ގުޅީ. އެހެންވެ އެހެން ވާހަކަ ދެއްކުނީ” އަހަރެން ވާހަކަ ރީތިކުރަމުން ދިޔައީމެވެ.
“އެކަމަކު މިރޭ ނެތޭ ދެވޭކަށް. މުހިއްމު ކަމެއް އެބަ އޮތް މިރޭ” ހުސްނީ ނުދާންވެގެން އުޒުރެއް ދެއްކިއެވެ.
“އަހަރެމެންގެ ކައިވެންޏަށްވުރެ މުހިއްމު ކަމެއް ނޯންނާނެ. ދެން ޕްލީޒް ހިނގާބަލަ” އަހަރެން މަސައްކަތްކުރީ އާދޭސްކޮށްގެން ވިޔަސް ހުންނީ ގެންދެވޭތޯއެވެ. ބޭނުމަކީ ހުސްނީގެ ހަރަކާތްތަކަށް ފާރަލުމެވެ. ނޫނީ ވާހަކައެއްގެ ތެރެއިން ވިޔަސް އެ އަންހެން ކުއްޖާއަކީ ކާކުކަން ހޯދުމެވެ. ނުވަތަ އެނޫންވެސް މުހިއްމު މައުލޫމާތެއް އޭނާގެ ފަރާތުން ހޯދުމެވެ. އަހަރެން ވަރަށް ގިނައިން އާދޭސް ކުރި ފަހުން އޭނާ އެއްބަސްވިއެވެ.
އެރޭ އަށްގަޑި ބައިގައި ރަސިއްތަ އާއި ހުސްނީ އަހަރެން ބަލައި އައެވެ. ރަސިއްތަގެ ހެވިފައި ހުރި މޫނުފެނިފައި ހީވާނީ އެއީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއްހެނެވެ. ނަމަވެސް އޭނާގެ އަސްލު ސިފަ އަހަންނަށް މި އެނގުނީ ކިރިޔާއެވެ. އެހާ ހެޔޮލަފާ އަންހެނެއް، މީހެއްގެ އަންހެން ދަރިއެއްގެ ކައިވެންޏެއް މަޖުބޫރެއް ނުކުރާނެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި ރަސިއްތައާއި މެދު އޮތް ރުޅިވެރިކަން ފޮރުވަމުން އަހަރެންގެ ބޭނުން ފުއްދޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ.
ފަހަރަކު ފިހާރައަކަށް ވަންނަމުން ފަހަރަކު ހެދުމެއް ލަމުން ދިޔައިރު އަހަންނަށް ސަމާލުކަން ދެވެނީ ހެދުމަށްވުރެ ބޮޑަށް ހުސްނީގެ ހަރަކާތްތަކަށެވެ. އެއ ްގަޑިއިރު ތެރޭގައި އޭނާއަށް ހަތަރު ފޯނުކޯލު އައެވެ. ކޮންމެ ފަހަރަކު ވެސް އޭނާ އެފޯނަށް ޖަވާބުދޭން ނިކުންނަނީ ބޭރަށެވެ.
ފަސްވަނަ ފޯނު ކޯލު އައީ އަހަރެން ހެދުން ހެޔޮވަރު ކުރާ ކޮޓަރިއަށް ވަދެ ހުއްޓައެވެ. ހުސްނީއަށް އަހަރެން އެތަނުގައި ހުރިކަމެއް ނޭނގޭނެއެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އަހަރެން ހުރީ ދޮރުގައި ކަންފަތްޖަހައިގެން އަޑުއަހާށެވެ.
“ހޫނ. މިމަހު ފަނަރައިގަ. ކަލޭ އޭނައަށް ވިސްނަދީބަލަ. އަހަރެން މިހާރު ވަރަށް ވިސްނައިދީފީން… މަށެއް ވެސް ބޭނުމެއް ނޫނޭ..” އަހަންނަށް ހުސްނީ ދެއްކި ވާހަކައިން އަޑިއިވުނީ އެއްބައެވެ. ނަމަވެސް އެވާހަކައިން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ހުސްނީގެ ލޯބިވެރިއެއް ހުރެއެވެ. އަދި އޭނައަށް ހުސްނީ ކައިވެނި ކުރަން އުޅޭކަން ވެސް އެނގެއެވެ. އަނެއްކޮޅުން ހުސްނީ ވެސް މިކައިވެނި ކުރަކަށް ބޭނުމެއް ނުވެއެވެ. އެހެންކަމަށް ވާނަމަ ހުސްނީ އަހަރެންގެ ފަހަތުން އެހާވަރަކުން އެއުޅެނީ ކީއްވެބާއެވެ؟ އަހަރެން މިއޮއް ހުރިހާ ދުވަހު ހީކޮށްގެން މިހުރީ ރަސިއްތަ އަހަންނާއި ހުސްނީ ގުޅުވަން ފައި ވިއްދާފައި އެހުރީ ހުސްނީގެ އެދުމުގެމަތިން ކަމަށެވެ. ނަމަވެސް ކަންއޮތީ އެހެންނެއް ނޫނެއެވެ. އަހަރެން ކައިވެނީގެ ކުރިން މިކަމުގެ ހަގީގަތް ބަލަން އެބަޖެހެއެވެ.
އެރޭ ގެއަށް ގޮސް އަހަރެން ވަރަށް ވިސްނީމެވެ. އަހަންނަށް މިކުރެވެނީ ކުއްހިޔެއްބާއެވެ. އަހަންނަށް ހުސްނީގެ ފޯނުކޯލު އަޑުއިވުނީ ހަމަ ރަނގަޅަށްބާއެވެ. ވަރަށް ވިސްނުމަށްފަހު އަހަރެން ހުސްނީގެ ފޭސްބުކު ހާވަން ފެށީމެވެ. އޭނާ ލާފައި ހުރި އެއްވެސް ފޯޓޮއަކުން ވެސް ލިޔެފައި ހުރި އެއްވެސް އެއްޗަކުން ވެސް އޭނާގެ ލޯބިވެރިއެއް ހުންނަކަމުގެ ހެއްކެއް ނުފެނެއެވެ. އަހަރެން އެގޮތަށް އޮވެ ހުސްނީގެ އައިޑީ ބަލަމުން ދަނިކޮށް ވަރަށް އަޅައިގަންނަ ކަހަލަ ފޮޓޮއެއް ފެނުނެވެ. އެއީ މީގެ ހަތް އަހަރު ކުރިން ލާފައި އިން ފޮޓޮއެކެވެ. އެ ފޮޓޯގަނޑުގައި ހުސްނީ ހުރީ އަންހެން ކުއްޖެއްގެ އުނަގަނޑުގައި އަތް ވަށާލައިގެންނެއެވެ. އަހަރެން ރަނގަޅަށް އެ ފޮޓޯގަނޑަށް ބަލައިލީމެވެ. އެއީ ހަމަ އެކުއްޖާއެވެ. ހުސްނީއާއި އެކު ޕާޓީއިން އަހަންނަށް ފެނުނު ކުއްޖާއެވެ. އެހާހިސާބުން އަހަރެން އަމިއްލަ ނަފްސާއި މެދު ކުރި ޝައްކުތައް ދުރުވިއެވެ. ނަމަވެސް އަހަރެން ވަރަށް މަސައްކަތް ކޮށްގެން ވެސް އެ އަންހެން ކުއްޖާގެ އެއްވެސް މައުލޫމާތެއް ނުހޯދުނެވެ. ދެން އަހަންނަށް ކުރެވޭނެ ކަމަކީ އަލީނާގެ ކޯލަކަށް އިންތިޒާރު ކުރުމެވެ.
އޭގެ ދެދުވަސް ފަހެވެ. އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން އުޅޭތީ ގޭގައި ފޫހިވެފައި އޮތް ދުވަހެކެވެ. އަހަރެން އޮފީހުން ޗުއްޓީ ނެގީ މަންމަމެންގެ އެދުމުގެ މަތިންނެވެ. ނަމަވެސް އަހަރެން ފާއިތުވި ތިން މަސްދުވަހު މާކެޓަށް ނެރެން މަސައްކަތްކުރި ޕުރޮޑަކްޓުގެ އެންމެ ފަހުގެ މަސައްކަތްތައް ދޫކޮށްލަން ޖެހުމުން ދެރަވެސްވެއެވެ. އެއީ ޅަދަރިމައި މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ގަޑިއެކެވެ. އެގަޑި ވިއްކަން މާކެޓަށް ނެރެން ހަމަޖެހިފައިވަނީ ރާއްޖޭގެއިތުރުން އޭޝިއާގެ އިތުރު ތިން ގައުމެއްގައެވެ. އާހިލް މެލޭޝިއާއަށް ދިޔައީ ވެސް އެމަސައްކަތުގައެވެ. ކޮންމެއަކަސް އަހަރެން ނެތަސް އޮފީހުގެ ކަންކަން ރަނގަޅަށް ހިނގާނެކަން އަހަންނަށް ޔަގީނެވެ. ނަމަވެސް އޮފީހަށް ނުގޮސް ގޭގައި އިންނަން ޖެހުމުން ވަރަށް ފޫފިވެއެވެ. އަދި ކައިވެންޏާ ދޭތެރޭގައި ވިސްނާފައި ބޯ ހާސްވެއެވެ. އަހަންނަށް އިންތިޒާރު ކުރެވެނީ އަލީނާގެ ފޯނުކޯލަކަށެވެ.
އެރޭ އިރުއޮއްސުނު ވަގުތު އަލީނާގެ ފޯނެއް އައެވެ. އޭނާގެ ފަރާތުން އެނގުނުގޮތުގައި އެ އަންހެންކުއްޖާއަށް ކިޔަނީ ނަތާޝާއެވެ. އޭނާއަކީ ކައިވެނި ކުރި އަންހެން ކުއްޖާގެ ރައްޓެއްސެކެވެ. އޭނާ ގާތު އަހައިގެން އަލީނާ އަހަންނަށް ނަތާޝާގެ ނަންބަރު ދިނެވެ. އަހަރެން އަލީނާއަށް ޝުކުރު އަދާކުރުމަށްފަހު އަވަހަށް ފޯނުބޭއްވީމެވެ. އަދި ނަތާޝާއަށް ގުޅީމެވެ.
“ހަލޯ؟” ދެތިންފަހަރު ފޯނު ރިންގުވި ފަހުން ނަތާޝާ ފޯނު ނެގިއެވެ.
“ނަތާޝާއަކަށް ނޭނގޭނެ އަހަރެން މިއީ ކާކުކަމެއް. އެކަމަކު އަހަންނަށް އެނގޭ ތިއީ ކާކުކަން. ހުސްނީގެ ލޯބިވެރިޔާ ދޯ ތިއީ؟” އަހަރެން ވަގުތު ބޭކާރު ނުކޮށް ސީދާ ކުރަން ބޭނުންވި ސުވާލު ކުރީމެވެ.
“ހޫނ. ކިހިނެއްވީ؟” ނަތާޝާ އެއްސެވެ.
“އަހަންނަށް ކިޔަނީ ރިދާ. އަހަރެން މިއީ ހުސްނީގެ ރައްޓެއްސެއް. މިރޭ ނަތާޝާއާ ބައްދަލުކޮށްލެވިދާނެތަ؟”
ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. އަހަންނާއި ނަތާޝާ ތިބީ ކެފޭއެއްގައެވެ. ކޮފީއަކަށް އޯޑަރު ކުރުމަށްފަހު އަހަރެން ވާހަކަ ފެށީމެވެ.
“ކިހާ ދުވަހެއް ވެއްޖެތަ ހުސްނީ އާއި އެކީ އުޅޭތާ؟” އަހަރެން ވާހަކަ ފެށީ ދުރުދުރުންނެވެ.
“ސުކޫލު ދައުރުންސުރެ” ނަތާޝާ ސިނގިރޭޓެއް ރޯކޮށްލަމުން ބުންޏެވެ.
“އަޑު އެހިން އޭނަ މީހަކާ އިންނަ ވާހަކަ” އަހަރެން ބުނީމެވެ.
“އެވާހަކަ ދައްކަންތަ މަ މިތަނަށް ތި ގެނައީ؟” ނަތާޝާގެ އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.
“ހޫނ. އަހަންނަށް ލިބިފައި އޮތް މައުލޫމާތެއް ހިއްސާކޮށްލަން މިއުޅެނީ. ނަތާޝާއަށް އެނގުން ވަރަށް މުހިއްމު އެއްޗެއް. އެކަމަކު އޭގެ ކުރިން އަހަރެން ބޭނުން އެނގެން ނަތާޝާ އާއި ރައްޓެހިވެ ހުރެ އެހެން މީހަކާ ކައިވެނިކުރަން އޭނަ އެއުޅޭ ސަބަބެއް” އަހަރެން ކަންކުރަން ރާވާފައިހުރިގޮތަށް އަހަރެންގެ ވާހަކަ ބެހެއްޓީމެވެ.
“އަހަރެން ކީއްވެ ކަލެއަށް އިތުބާރު ކުރަންވީ؟” ނަތާޝާ ޝައްކުގެ ނަޒަރަކުން އަހަންނަށް ބަލައިލިއެވެ.
“އަހަންނަކީ ހުސްނީގެ އެކުވެރިއެއް. ނަތާޝާއަށް ނޭނގޭ ކަމެއް އަހަންނަށް އެނގިފައި އޮތީމަ އަހަރެން މި ބައްދަލު ކުރީ ވެސް. އެކަމަކު އަހަންނާމެދު ޝައްކުވަންޏާ އަހަރެން ގޮސްފާނަން” އަހަރެން އަހަރެންގެ ކޮޅު ގަދަކޮށްލީމެވެ. ނަތާޝާ އެންމެފަހުން ކިޔައިދޭން އެއްބަސްވިއެވެ.
“ހުސްނީވެސް ބޭނުމެއް ނޫން އެކައިވެނި ކުރާކަށް. އޭނާގެ މަންމަ އާއި ބައްޕް އޭނައަށް މަޖުބޫރު ކުރީ. އެމީހުން ދައްކާ ކުއްޖަކާ ކައިވެނި ނުކޮށްފިނަމަ ހުސްނީއަށް އޭނާގެ ބައްޕަގެ ކުންފުނިން ހިއްސާ ނުދޭނެކަމަށް ބުނީ” ނަތާޝާ ބޯން އިން ސިނގިރޭޓު އެތެރެއަށް ދަމާލިއެވެ.
“އެކަމަކު ނަތާޝާ އާއި އޭނަ ރައްޓެހިވެގެން އުޅޭކަން އެނގިހުރެ..”
” އެމީހުންގެ ބޭނުމަކީ ހުސްނީ އަހަންނާ ދުރުކުރުވުން. އެމީހުން ވަރަށް ރުޅިއަންނާނެ އަހަރެންދެކެ. އެމީހުން ބުނާގޮތުގަ ހުސްނީ ޑުރަގުގަ ޖެހުނީ ވެސް އަހަންނާއި ހެދި” އަހަރެންގެ ސުވާލު ނުނިމެނިސް ނަތާޝާ ޖަވާބުދިނެވެ. އަދި އެއްމިޔަކަނުން ހީލިއެވެ.
“ދެން ހުސްނީ އެ ކުއްޖާ އާއި އިނީމަ ނަތާޝާއަށް ކިހިނެއް ވާނީ؟” އަހަރެން ސުވާލު ކުރީމެވެ.
ނަތާޝާ ހޭން ފެށިއެވެ. “ހުސްނީ ނޫޅޭނެ އޭނަ އާއި އެއްކޮށް މާ ގިނަ ދުވަހެއްގަ. ކުންފުނީގެ ހިއްސާ ލިބުނީމަ އޭނަ ވަރިކޮށްލާނެ. ދެން އިންނާނީ މަށާ” އަހަރެންގެ މޫނަށް ދުން ބުރުވާލަމުން އޭނާ ބުންޏެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އަދި އިންތިހާ ރުޅިއައެވެ. އެމީހުންނަށް އަހަރެން މިއީ ކުޅޭ ކުޅޭ އެއްޗެއް ހެއްޔެވެ. ކިތަންމެ ރުޅިއައިސްފައި އިން ނަމަވެސް އަހަރެން އެކަމެއް ނުދައްކަމެވެ.
“އަހަރެން އަޑުއެހިން ކައިވެނިކޮށްގެން އެމީހުން މެލޭޝިއާއަށް ބަދަލުވާ ވާހަކަ. މިހާރު އެތަނުން ގެއެއް ވެސް ގަނެފިޔޯ. އިނދެ ވަރިކޮށްލަން އުޅޭ މީހަކު އެވަރު ކުރާނެތަ؟ ނަތާޝާއަށް ހަމަ ޔަގީންތަ ހުސްނީ ނަތާޝާ އާއި އިންނާނެކަން؟ މިއަދު މިއީ ބާރަ. ކައިވެނި އޮތީ ފަނަރައިގަ. ރަނގަޅަށް ވިސްނާލާ.” ކައިވެނީގެ ދައުވަތު ކާޑު މޭޒުމަތީގައި ބާއްވަމުން އަހަރެން އެތަނުން ނިކުންނަން ހިނގައިގަތީމެވެ. ނަތާޝާ އަހަރެން ދޮރުން ނިކުންނަންދެން އަހަންނަށް ބަލަހައްޓައިގެން އިނެވެ. އަހަރެންގެ ބޭނުމަކީ ނަތާޝާގެ ހިތުގައި ހުސްނީއާ މެދު ވަހުމުގެ ހުޅުކޮޅެއް ރޯކުރުމެވެ. އެކަން ކާމިޔާބު ވެއްޖެކަން އަހަންނަށް ޔަގީނެވެ. ދެން އޮތީ އެވަހުމުގެ ހުޅުކޮޅު އަލިފާނަށް ބަދަލުވާނެ އިރަކަށް އިންތިޒާރު ކުރުމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Heyo nuvaane eenuu. Please please eesh and ahil ingey gulhuvany. Eesh nugulhuvahchey husni aa even divorce vaan viyas. Please let ahil be her first and last husband. Please please please.
Btw kon irakun next? Hama inthizaaru ga…
Nice and finally uploaded soon