“އޯ ގޯޑް. ޕިސް އެހެނެއް ނޫނޭ މި ބުނީ.. ބްރައިޑް ޓު ބީ.. ގްރޫމް ޓު ބީ” އިޝްވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޒީވާއަށް އިޝާރާތްކުރަމުން ބުންޏެވެ. އެއާއެކު ޒީވާއާއި ރިއާންއަށް ސިހިފައި އެކަކުއަނެކަކަށް ބަލައިލެވުނެވެ. އެދެމީހުންކުރެ އެކަކަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ޖަވާބު ހޯދުމަށްޓަކައި ދެން ޒީވާ ބަލައިލީ ޝައިނާގެ މޫނަށެވެ. ޝައިނާގެ މޫނުގައިވަނި ކަންބޮޑުވުން ފެނި ޒީވާއަށް އެ ކުރަނީ ސަމާސާއެއް ނޫންކަން އެނގުނެވެ.
“ނޯ.. ނޯ އިޝީ.. ނޯ ދޮންބޭ ޕްލީޒް. ބުނޭ ތިއީ ސަމާސާއެކޭ” ޒީވާ ލައިގެންހުރި ބޮޑު ހެދުން އަތަށް ބޮނޑިކޮށްލައިގެންހުރެ އައިސް ރާހިލްގާތު ހުއްޓުނެވެ.
“ހަމަ ޖެހިބަ ޒީ.. މިއީ އެހާވަރު ކަމެއް ނޫނެއްނު” ރާހިލްގެ މޫނުމަތިން ހިނިތުންވުން ފިލައިދިޔައެވެ.
“ނޫނެކޭ ދޮންބޭ! ދޮންބެއަކަށް ނޭނގޭނެ މިއީ ހާދަ ބޮޑު ކަމެކޭ.. ދޮންބޭ ޕްލީޒް.. ކީއްވެ މިހެން ހެދީ؟ ދޮންބެގެ އެކުވެރިކަމަށްވެސް ވިސްނާ ނުލަންތަ؟ އަހަރެންނަކަށް އޭނައަކާ ކައިވެންޏެއް ނުކުރެވޭނެ. އަހަރެން އޭނައަކާ ކައިވެންޏެއް ނުކުރާނަން..” ހާސްވެފައިހުރި ވަރުން ޒީވާގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.
“ޒީ އަޑު އަހާ–” މިފަހަރު ޒީވާ ރާހިލްގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދިނެވެ. އިތުރަށް މީހަކު ކިޔާނެ އެއްޗަކަށް ބެލުމެއްނެތި ދުވެފައިގޮސް ކޮޓަރިން ނުކުތެވެ.
“ރިއާން-” ރާހިލްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ރިއާންވެސް ވާހަކަ ހުއްޓައިލުމުގެ އިޝާރާތެއްގެ ގޮތުން އަތް ހިއްލައިލިއެވެ. ހަރު ފިޔަވަޅުތަކެއްގައި އައިސް ރާހިލްމެން ގާތަށް ހުއްޓުނުއިރު އެދެލޮލުގައިވާ ރުޅިވެރިކަން އެތަނުގައި ހުރި އެކަކަށްވެސް ސިއްރެއް ނުވިއެވެ.
“އަރ ޔޫ ބޯތް ފަ*ންގް ކިޑްސް؟ ތިއީ ތަންދޮރު އޮޅުން ނުފިލާވަރު ކުޑަކުދިންތަ؟ ހީކުރަނީ މީ ކުޅޭ ކުޅިވަރެއް ކަމަށްތަ އޭން؟ ޓެލް މީ އިޒް އެވްރީތިންގް އަ ފަ*ންގް ޖޯކް ޓު ޔޫ ބޯތް؟” ރިއާން އެއް ފަހަރު ރާހިލްއަށް އަނެއް ފަހަރު އިޝްވާއަށް ބަލަމުން ވާހަކަދެއްކިއެވެ.
“ތިމީހުންނަށް ތިވަރު ވާނެކަމެއް އަހަރެމެންނަކަށްވެސް ނޭނގޭ.. ޒީވާވެސް މިހުރިހާ ދުވަހުު ކޮންމެ މީހަކާވެސް އޯކޭ.. ޝީރީން އާންޓީ ބުނީ ރިއާންވެސް އޯކޭ ދީފިއޭ.. އެހެންވީމަ މިތާނގަ މައްސަލައަކީ ކޮބާކަމެއް ނޭނގޭ” ރާހިލްގެ ވާހަކައިވި ރިއާން ބަސްހުއްޓުނެވެ. އޭނާ ޝީރީން ގާތު އެހެން ބުންޏެއްކަމަކު އޭނާ ކައިވެނި ކުރަން ހޯދާނީ ޒީވާކަމެއް އުއްމީދުކުރާނެ ހެއްޔެވެ؟
“އެންމެ ފަހަރަކު ރާހިލް އަމިއްލައަށް އައިސް އަހަރެންގެ ހިޔާލު ހޯދައިލިނަމަ… އެންޑް ޔޫ” ރިއާން ޝައިނާއާ ދިމާލަށް އެނބުރިލިއެވެ. “މިދެމީހުން ޖަހާ ސަކަރާތް އެގޮތުގަ ބާއްވާ.. އެކަމަކު އަހަރެން ހީކުރީ ޝައިނާއަކީ މިވަރު ކަމެއްގަ ބައިވެރިވާނެ ވަރަށްވުރެ ވިސްނޭ މީހެއް ކަމަށް. އެނގޭތަ އަހަރެމެން ދެމީހުނަށް ކިހާ ބޮޑު އޮޅުވާލުމެއްކަން ތި އޮޅުވާލެވުނީ؟” ރިއާން ބުންޏެވެ. އަދި ޒީވާއެކޭ އެއްފަދައިން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
“ކޮބާ؟ އަހަރެން އޭރުވެސް އިޝްކޮގާތު ބުނީމެއްނު މީ ރަނގަޅު ގޮތެއް ނޫނޭ.. ސިއްރު ކުރާނެ ކަމެއް ނެތޭ” ޝައިނާ ނިތްކުރީގައި ހިފަހައްޓައިލަމުން ދެކޮޅަށް ހިނގަން ފެށިއެވެ. ޒީވާއާއި ރިއާންއަށްވެސް މިކަން ކުއްލިއަކަށް ގަބޫލުކުރަން ކިހާ އުނދަގޫ ވާނެކަން އޭނާއަށް އެނގެއެވެ. ކައިވެންޏާ ކައިރިކޮށް މިހާ ކުއްލިގޮތަކަށް މިކަން އެނގުމަކީ ރަނގަޅު ގޮތެއް ނޫންކަން އިޝްވާއަށް ވިސްނައިދޭން އޭނާ ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟
“ދެމީހުން އައިސް އަހަރެންނާ ދިމާލަށް އެއްޗެހި ކީއިރު ހީވަނީ އަހަރެންހެން މި ހުރިހާ ކަމެއް ރޭވީ.. އަހަރެން މިއީ މި ހުރިހާކަމެެއް އެންމެ ފަހުން އެނގުނު މީހާ” ރާހިލް ޗޮކެއް ކަނޑައިލަމުން އެނދުމައްޗަށް ވެއްޓިގަތެވެ.
“އަޅެ ދެން ކިހިނެއްް ހަދާނީ؟” އެތަނަށް އައިސް އުޅުނު ޒީވާގެ އެކުވެރި އައިޝް އަހައިލިއެވެ.
“ދެން ކުރެވޭނެ ކަމެއް ނެތް.. އިތުރަށް ވާނެގޮތެއް އެނގޭނީ އެދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާފަ ބުނާ އެއްޗަކުން” ޝައިނާ ބުންޏެވެ. އެންމެންވެސް ތިބީ ދެން ވާނެގޮތެއް އެނގުމަށް ކެތްމަދުވެފައެވެ.
***********
ކޮޓަރިން ނުކުމެވުމާއެކު ރިއާން އަވަސްވެގަތީ ޒީވާ ހޯދުމަށެވެ. ހޯލްވޭގެ ދެފަޅި ބަލައިލުމަށްފަހު ޒީވާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދެފަހަރަކު ޓަކި ޖަހައިލުމުންވެސް ރައްދެއް ނުލިބުމުން ތަޅުގައި ހިފައި އަނބުރައިލި ވަގުތު ފަސޭހަކަމާއެކު ދޮރު ހުޅުވިއްޖެއެވެ. ނަމަވެސް ޒީވާ ފެންނާކަށް ނެތެވެ. ސުކުންތެއްވެސް ބޭކާރު ކުރުމެއްނެތި އޭނާ ސިޑިން ތިރިއަށް ދުއްވައިގަތެވެ.
“ޒީވް ދުށިންތަ؟” ތިރީގައި ތިބި ވާފިޔާމެންގާތު ރިއާން އެއްސެވެ.
“އާން ދެންމެ ނުކުތީ.. ބޭރަށް ދާނެހެން ހިއެއް ނުވޭ އަޅެ ޓެރަސް ބަލާލަބަ” ވާފިޔާގެ ޖަވާބު ނުނިމެނީސް ރިއާން ގޭގެ ދޮރުން ނުކުމެގެން ހިނގަައްޖެއެވެ. ޓެރަހަށް އެރުމާއެކު އޭނާއަށް ދާދި ފަސޭހަކަމާއެކު ޒީވާ ފެނުނެވެ. ޓެރަހުގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ޒީވާއާ ދެތިން ފޫޓު ފަހަތުގައި އޭނާ ހުއްޓުނެވެ. ޒީވާގެ ބޮލުގައި އޭރު އަޅުވައިދިން “ޓިއާރާ” ފައި ކައިރީގައި އޮތެވެ. ރީތި ހުޅިއަކުން ޒީވާގެ ފަން އިސްތަށިގަނޑު ހައްޔަރު ކޮށްލެވިފައިވާއިރު ލައިފައިވާ އޮފް ޝޯލްޑަރ ހެދުމުގެ ސަބަބުން ޒީވާގެ ކޮނޑުގައި ހަރުލައިފައިވާ މަޑު ތުރުތުރު އޭނާއަށް ފާހަގަވިއެވެ.
“ޒީވް.. ޒީ” ރިއާން ދެފަހަރަކު ގޮވައިލުމުންވެސް ޒީވާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ރިއާން ދެ ފިޔަވަޅެއްހާ ގާތަށް ކުރިއަށް ޖެހިލިއެވެ. ޒީވާގެ ހާމައަށް އޮތް ކޮނޑާއި ކަނދުރާ ފެނި އޭނާއަށް ހިންދިރުވައިލެވުނެވެ. އެ އޮމާން ކޮނޑުގައި އަތްބީއްސައިލަން ނަފްސު އެދުނު ނަމަވެސް އެވަގުތުގެ ނާޒުކުކަމާއި ދައްކަން އުޅޭ ވާހަކައިގެ މުހިއްމުކަމަށް ވިސްނައި އެހިޔާލު ދޫކޮށްލަމުން ޒީވާގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
ރިއާން އަތްލުމާއެކު ޒީވާ ސިހިފައި ރިއާންއާ ދުރަށް ދެތިން ފިޔަވަޅު އަޅައިލިއެވެ. އަވަސްކަމާއެކު އެދެލޮލުން ފައިބައިފައިވާ ކަރުނަތައް ފޮހެލިގޮތުން ރިއާންއަށް ކުރިން އެ ހަށިގަނޑުގައި ހުރި ތުރުތުރަކީ ރުއިމުގެ ސަބަބުން ހަރުލައިފައިވި ތުރުތުރެއްކަން އެނގުނެވެ.
“އަހަރެންނަށް އެނގޭ ރިއާންއަށް ގަބޫލު ކުރަން އުނދަގުވާނެކަން.. އެކަމަކު ހުވާކޮށްފަ މި ބުނަނީ.. މިކަމުގަ އަހަރެންގެ އެއްވެސް ރޭވުމެއް ނެތް.. އަހަރެން ރިއާންގާތު ބުނީމެއްނު އަހަރެން މިހާރު ރިއާން ބޭނުމެއް ނޫނޭ.” ޒީވާ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރިއެވެ.
“ޒީވް.. ހަމަ ޖެހިބަ.. އަހަރެން ޒީވްއަކަށް އެއްވެސް ކަމެއްގަ ބްލޭމެއް ނުކުރަމެއްނު.. އަހަރެންނަށް އަދިވެސް މިހިރީ ގަބޫލު ނުކުރެވިފަ ބައްޕައަށް ނާޝިދުބެގާތު މިކަހަލަ ވާހަކައެއް ދައްކަން ކެރުނުކަން.. އަހަރެން.. އަހަރެންނާހެދި ޒީވް މިހާ މަޖުބޫރީ ހާލަތަކަށް ދިޔައީތީ މަޢާފަށް އެދެން.. އަހަރެން.. އަހަރެން މިވާހަކަ ބައްޕައާ ދައްކާނަން.. ކުރިންވެސް ބުނިހެން ޒީވާ ބޭނުން ނެތް މީހަކާ ކައިވެނި ކުރާކަށް ނުޖެހޭނެ..” ރިއާން އިސްޖަހައިލިއެވެ. އެއްވެސް ހާލެއްގައި ރިޔާޒް ބުނި ފަދައިން އާއިލީ ވިޔަފާރިއަށް ވާރިސެއް ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް ޒީވާ ހަދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމުގައި އޭނާ ރިޔާޒާ ދެބަސްވާން ޖެހުނު ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެއީ ރިޔާޒްއާ ދެބަސްވުމެއް ހިނގާނެ ފުރަތަމަ ފަހަރެއް ނޫންތާއެވެ. ރިޔާޒް ހީކުރަނީ ޒީވާއަކީވެސް ރިޔާޒް ބޭނުންހާ ގޮތަކަށް ކުޅެވޭނެ އެއްޗެއް ކަމުގައި ހެއްޔެވެ؟
“ނޫން ރިއާން.. ރިއާންއަށް ތި ހީވަނީ މުޅިން ގޯސްކޮށް.. މި ވާހަކަ.. މި ވާހަކަ ފުރަތަމަ ދެއްކީ ރިޔާޒްބެއެއް ނޫން.. ބައްޕަ.. އަހަރެންނަކަށްވެސް ބައްޕަ ކައިވެނީގެ ވާހަކަ ދެއްކީ ކޮންބަޔަކާކަމެއް ނޭނގޭ..” ޒީވާ ބުންޏެވެ.
“ކީއްވެ؟ ނާޝިދުބެ ޒީވް ކައިވެނި ކުރުވަން ބޭނުންވަނީ ކީއްވެ؟ މިއީ ވިޔަފާރި ނޫނީ ސިޔާސީ މަންފާއަކަށް ކުރާކަމެއް ކަމުގައި ވަންޏާ މިކަން އެންމެ ފުރަތަމަ އެނގެން ޖެހޭނެ މީހަކީ އަހަރެންނެއްނު.. އަހަރެންނާ އެކަހަލަ ވާހަކައެއް ދެއްކިޔަސް.. އަހަރެން ދުވަހަކުވެސް ޒީވާއަށްް މިކަހަލަ ކަމަކަށް މަޖުބޫރުވާފަދަ ގޮތަކަށް އެކަހަލަ ޝަރުތެއް ހުށައެއް ނާޅާނެ… ދެން ކީއްވެ؟” ރިއާންގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. މިފަދަ ކަމެއްގަ ދެ އާއިލާ އެއްބަސްވާންޖެހޭ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވެރިވި ހިޔާލާއެކު އޭނާގެ ހަށިގަނޑު އެކީ އެކައްޗަކަށް ފިނިވެގެން ދިޔައެވެ.
“ޒީވް.. އަރ ޔޫ.. ބައި އެނީ ޗާންސް.. އާރ ޔޫ.. ޕްރެގްނެންޓް..” ރިއާންއަށް ހިންދިރުވައިލެވުނެވެ. އެސުވާލު އެހުމަށްޓަކައި ހަށިގަނޑުގެ ހުރިހާ ހަކަތައެއް އޭނާގެ ދުލުކުރިއަށް ގެންނަންޖެހުނެވެ. ނަމަވެސް އޭނާވަނީ އޭގެ ޖަވާބަކަށް ބޭނުންވެފައެވެ. އެޖަވާބު އޭނާއަށް ލިބިގެންދިޔައީ މޫނުމައްޗަށް ޒީވާގެ އަތްތިލައިން އަރައިގެންދިޔަ ހޫނު ހަމަލާއިންނެވެ.
“ޗީޑި.. ރިއާން ލަދެއް ނުގަނޭތަ ތިވަރު ބޮޑު ތުހުމަތެއް އަހަރެންގެ ބޮލުގަ އަޅުވަން؟ ރިއާން ހީކުރީ އަހަރެން މިއުޅެނީ ރިއާންއަށް އޮޅުވާލައިގެން އެހެން މީހެއްގެ ދަރިއެއް ރިއާންގެ ބޮލަށް ޖަހަން ކަމަށްތަ؟ ބައްޕަ ކައިވެނީގެ ވާހަކަ ދެއްކީ އަހަރެންނަށް ރަނގަޅަކަށް.. އަހަރެންވެސް ބޭނުންވެގެން.. ގޯސްވީ ވާހަކަ ރައްދުވި ފަރާތް… އަހަރެންގެ ސަބަބުން ހަލާކުވެގެން ދާނީ ރިއާންގެ ދިރިއުޅުުންކަން އެނގުނުނަމަ އަހަރެން ދުވަހަކުވެސް މިކަމާ އެއްބަހެއް ނުވީސް… އަހަރެންނަށް ގޮތް ހުސްވީކީވެސް ނޫނެއްނު.. ފައިސަލްވެސް ހުރީ އަހަރެންނާ އިންނަން ތައްޔާރަށް.. ރިއާން ކޮންމެހެން ތިކަހަލަ ހަޑިހުތުރު ވާހަކަ ނުދެއްކިޔަސް.. އަހަރެން ބައްޕައާ ވާހަކަ ދައްކައިގެން މި ކައިވެނި ހުއްޓުވާފާނަން” ޒީވާ ބުންޏެވެ. އަދި އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް އެއަށްވުރެން ކުރިން ރިއާންގޮސް ޒީވާގެ ކުރިބެއްދިއެވެ.
“ޒީވާ.. ޒީވާ ވެއިޓް. ލުކް.. އައި ޝުޑުންޓް ހޭވް ސެޑް ދެޓް އައި ނޯ! އެކަމަކު ކައިވެންޏެއް ކުރަން ހުރިހާ ކަމެއް ތައްޔާރުކޮށް މިހާ ހަމައަށް ގެންދިޔައިމަ މިފަދަ ކަމަކަށް އަހަރެން ވައްދަން ޖެހުނު ސަބަބު އަހަރެންނަށްވެސް އެނގެން ޖެހޭނެއެއްނު.. ޒީވާއާ ދެތެރޭ ގޯސްކޮށް އެއްޗެއް ހީވެނެއް ނޫން އަހަރެން އެހެން ބުނީކީ.. އިތުރު ރީޒަންއެއް ބޮލަށް ނައިމަ ބުނެވުނީ. ސޯ އައިމް ސޮރީ.. އެންޑް އަހަރެންނަށް އެނގޭ ޒީވާއަކަށް މީހަކާ ދެކޮޅަށް އަދި ހާއްސަކޮށް ނާޝިދުބެއާ ދެކޮަޅަށް އެއްޗެކޭ ބުނާކަށް ނުކެރޭނެކަން.. ދެން މި އޮތީ އަހަރެންނާ ޖެހިފަ.. ދެން މިވާހަކަ ދައްކާނީ އަހަރެން.. ޒީވާއަށް ކޮންމެހެން ނާޝިދުބެގެ ކުރިމައްޗަށް މި ވާހަކަ ހިފައިގެން ދާކަށް ނުޖެހޭނެ.” ރިއާން ބުންޏެވެ. އަދި އެންމެ ފަހަރަކުވެސް ފަސްއެނބުރި ޒީވާއަށް ބެލުމެއްނެތި ސިޑިން ފައިބައިގެން ދިޔައެވެ. ގޭގެ ދޮރުން އެތެރެއަށް ވަދެވުމާއެކު ރިއާން އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ ޝީރީން އިށީނދެއިން ގޮނޑި ކައިރީގައެވެ.
“ބައްޕަ ކޮބާ؟” ރިއާންގެ އަޑުގައިވި ހަރުކަށިކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ކިހިނެއްވީ؟” ޝީރީން ކަންބޮޑުވެފައި އަހައިލިއެވެ.
“އަޑެއް ނީވޭތަ؟ ބައްޕަ ކޮބާހޭ؟” މިފަހަރު ރިއާންއަކަށް އެ ހަރުކަށިކަން ސިއްރެއް ނުކުރެވުނެވެ. ޝީރީންއަށް އެކަން އެނގުމާއެކު ކައިރީގައި އިން ވާފިޔާގެ މޫނަށް ބަލައިލުމަށްފަހު އަބުއި ގޮތަކަށް ހިނިތުންވެލަމުން ރިއާން ގޮވައިގެން ފަރާތަކަށް ޖެހިލިއެވެ.
“ރިއާން.. ދަރިފުޅު ތިގޮތަށް ވާހަކަދެއްކީމާ ވާފިޔާއްތަ ހީކުރާނީ ކީކޭ؟” ޝީރީން ވާފިޔާއަށް ނީވޭނެހާ ސިއްރުން ބުންޏެވެ. އޭރު އެމީހުންނަށް ތިބެވުނީ ވާފިޔާއާ މާ ދުރަށް، ގޭގެ ދޮރާ ހިސާބަށް އާދެވިފައެވެ.
“ކިހިނެއްވީ؟ އަހަރެން ވާފިޔާއްތަ ރުއްސަން ޖެހޭ ސަބަބެއް އޮތީތަ؟” ރިއާންގެ ސުވާލާއެކު ޝީރީނަށް ވެގެން އުޅޭގޮތް ރޭކައިލިއެވެ. ރިއާންގެ ރުޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ފަހުމުވިއެވެ.
“ދަރިފުޅާ ރިއާ-”
“ކިތައް ފަހަރުތަ އަހަރެން ކަލޭގާތު ބުނަންޖެހެނީ އަހަރެންގެ ބައްޕައާ ކައިވެނި ކުރިޔަކަސް ކަލެއަކީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނޭ! އަހަރެންގެ އަމިއްލަ ދިރިއުޅުމާގުޅޭ އެއްވެސް ކަމެއްގަ ކަލޭ ހިއްސާވާކަށް ނުޖެހޭނެ! ދުވަހަކުވެސް ކަލޭ މަގޭ މަންމައަކަށް ނުވާނެ! އަޑު އިވިއްޖެތަ؟ އެހެންވީމަ އަހަރެން ކަލެއާ ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. ދެން އަހަރެން ކުރި ސުވާލަށް ޖަވާބުދީ.. ބައްޕަ ކޮބާހޭ؟” ރިއާންގެ ވާހަކަ އިވުމާއެކު ޝީރީން ފެންކަޅިވިއެވެ. ނަމަވެސް އެ ބަލިކަށިކަން ނުދައްކައި އޭނާ ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.
“ރިޔާޒްވީ ރޫޓިން މެޑިކަލް ޗެކަށް ހޮންގް ކޮންގްގަ.. އަހަރެން މިފަހަރު ނުދިޔައީ ކައިވެންޏާ ގާތްވެފަ އޮތީމަ” ޝީރީން ބުންޏެވެ.
“ހެއް.. ކައިވެންޏޯ” ރިއާންއަށް ދަތްކުނޑި ވިކައިލެވުނެވެ. “ބައްޕަ އަންނާނެ އިރެއް އެނގޭތަ؟”
“މާދަމާރޭގެ ފްލައިޓްގަ އަންނަން ހަމަޖެހިފަ އޮތީ” ޝީރީން ޖަވާބު އިވުމާއެކު ރިއާން އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި އެގެއިން ނުކުތުމަށް ހިނގައިގަތެވެ.
“ރިއާން.. ދަރިފުޅާ މަޑުކޮށްބަ!” ރިއާންގެ ފަހަތުންގޮސް އެގޭގެ ދޮރުން ނުކުތް ޝީރީން ގޮވައިލިއެވެ. ނަމަވެސް ރިއާންގެ ފިޔަވަޅުތައް މަޑުޖެހުނީ ލިފްޓާ ހިސާބުންނެވެ. އެންމެ ތިރީ ފަންގިފިލާގައި ހުރިކަމަށް ދައްކާ ލިފްޓު އެހިސާބަށް އައުމަށް ވަގުތު ނަގާނެކަން އެނގިހުރެ ޝީރީން އެވަގުތުގެ ބޭނުން ހިފައި ރިއާންއާ ދައްކަންހުރި ވާހަކަތައް ފެށިއެވެ.
“ފަހަރެއްގައި ރިއާންއަށް ދުވަހަކުވެސް އަހަރެންނަށް މަންމައެއްގެ މަގާމު ނުދެވިދާނެ. އެކަމަކު އަހަރެން އަބަދުވެސް ރިއާންއާ ދެތެރޭ ދެކެނީ އަދި އަމަލު ކުރަނީވެސް އަމިއްލަ ދަރިއެެއް ފަދައިން… ރިއާންގެ ހުރިހާ އުއްމީދެއްގައި ކުލަޖައްސައިދޭން އަހަރެން ކުރާ މަސައްކަތް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ. ފަހަރެއްގާ ރިއާންގެ ހިތުގަ ޒީވާއަށް އޮތް މަގާމާ ދޭތެރޭ ކުށްހީ ކުރެވި ރިއާންގެ އުފާވާނެ ކަމަށް ހީކޮށް މީ ކައިވެންޏަށް އާނއެކޭ ބުނުމަކީ އަހަރެންނަށް ހެދުނު ގޯހަކަށްވެސް ވެދާނެ.. އެކަމަކު އަހަރެން ބުނެލަން ބޭނުން.. ނާޝިދުހުރީ ރިއާން ނޫން އެހެން މީހަކާވިޔަސް ޒީވާގެ ކައިވެނި ކުރުވަން.. ރިއާން ނޫނެކޭ ބުނިއްޔާ އެހެން މީހަކާވިޔަސް އެ ކައިވެނި ކުރެވޭނެ. އެގޮތް ރިއާން ބޭނުންތަ؟ ގޮތް ނޭނގޭ މީހެއްގެ އަތްމައްޗަށް ކުޑައިރުގެ ރަހްމަތްތެރިޔާ ދޫކޮށްލަން ރިއާން ބޭނުންތަ؟ އަނެއްކޮޅުން ރިޔާޒަކީ އެއްވެސް ވަރަކަށް މީހެއްގާތު އާދޭސް ކުރާނެ މީހެއް ނޫން.. ރިއާން ނޫނެކޭ ބުނެފިނަމަ ދެވަނަ ފަހަރު ރިއާންގާތު މި ކައިވެންޏަށް އެއްބަސް ވާކަށް ރިޔާޒް އާދޭހެއް ނުކުރާނެ… ރިޔާޒްގެ ފަހު ބަހަށްފަހު ދެން ރިއާންއަކަށްވެސް އަލުން މި ކައިވެންޏަށް އެއްބަސްވުމުގެ ޖާގައެއް ނޯންނާނެ.. އޭރަށް ރިއާންއަށްވެސް ޖެހޭނީ ރިޔާޒްދައްކާ ބީރައްޓެހި ކުއްޖަކާ ކައިވެނި ކުރަން..” ޝީރީންގެ ވާހަކަ އަޑު އަހަމުންދިޔަ ނަމަވެސް ލިފްޓު އައުމާއެކު ރިއާން ލިފްޓަށް އަރައި ހަމަޖެހިލަމުން ބޭރުގައިހުރި ޝީރީނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“އަދި ވަގުތު އެބަ އޮތް.. އަވަސް އަރުވާލައިގެން ފަހުން ހިތާމަ ކުރަންޖެހޭވަރު ނިންމުމެއް ނިންމުމުގެ ކުރިން މާދަމާރޭ ވަންދެން ވިސްނާލާ..” ލެއްޕެމުންދިޔަ ލިފްޓުގެ ތެރެއިން ޝީރީންއަށް ބަަލަންހުރި ރިއާންގެ ސިކުނޑީގައި ޝީރީންގެ ބަސްތައް ހަރުލިއެވެ.
އެރޭގެ ހަތަރުދަން ރިއާނަށް ހޭދަކުރެވުނީ ޝީރީން ދެއްކި ވާހަކަތަކާމެދު ވިސްނުމުގައެވެ. ނަމަވެސް އޭނާއަކަށް ވަކި ގޮތެއް ނުނިންމުނެވެ. ޖެހިގެންއައި ދުވަހު އޮފީހަށް ނުކުތުން ވެގެންދިޔައީ އޭނައަށް ހެދުނު ވަރަށްބޮޑު ގޯހަކަށެވެ. ހަފްތާއެއްފަހުން އޮފީހަށް ނުކުތުމުގެ ސަބަބުން ގިނަވެފައިހުރި މަސައްކަތްތައްވީ އޭނާގެ ސިކުނޑިއަށް އިތުރުވި ރިހުމަކަށެވެ. އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ޝީރީން ގުޅައިފައި ރިޔާޒް މާލެއައި ހަބަރު ދިނުމާއެކު އޭނާ މަސައްކަތް ހުއްޓައިލުމަށްފަހު ރިޔާޒާއި ބައްދަލު ކުރުމަށް އެގެއަށް ދިޔައެވެ.
“ކޮބާތަ ދައްކަން އުޅުނު ވާހަކައަކީ؟” ރިޔާޒް އޭނާގެ ކުރިމައްޗަށް ވާގޮތަށް ގޭގެ ބޮޑު ގޮނޑީގައި އިން ރިއާންގާތު އަހައިލިއެވެ. ރިއާން އެއްފަހަރު ރިޔާޒަށް އަނެއްފަހަރު ރިޔާޒްގާތު އިން ޝީރީނަށް ބަލައިލިއެވެ. ޝީރީންގެ ބެލުމުގައި ވަނީ އާދޭހާއި އިންޒާރެވެ. ރިއާން އެ ވާހަކަ ދައްކައިފިނަމަ ކުރަން ޖެހިދާނެ ހިތާމައަކަށް އެ ދެލޮލުން އިންޒާރު ދެމުންދާ ކަހަލައެވެ.
“މިހާ ބޮޑު ކަމެއް ނިންމާލިއިރު އަހަރެންނަށް އަންގާނުލީމަ” ރިއާން އުނދަގުލާއެކު ބުންޏެވެ. ރިޔާޒާ ދިރިއުޅުގެ ޒާތީ ވާހަކަތައް ދެއްކުމަކީ އޭނާއަށް އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫނެވެ. ރިޔާޒްގެ ފަރާތުން އޭނާއަށް ލިބިފައިވާ ނަފްސާނީ ގެއްލުންތަކުގެ ތާޒާކަމަކަށް އަދިވެސް ބަދަލެއް ނާދެއެވެ.
“ރިއާންއަށް އަންގަންޖެހޭ ސަބަބެއް އެބަ އޮތްތަ؟ ހުރިހާ އިންތިޒާމްތަކެއް ނިންމާލުމަށްފަހު އެނގުނީމަ ރިއާންގެ ބޮލަށްވެސް ފަސޭހައެއްނު.. ރިއާންވެސް ޒީވާވެސް ބޭނުންވީ ކައިވެންޏެއް.. ޒީވާއަކީ މި އާއިލާއިން ދަންނަ ރަނގަޅު ކުއްޖެއް..” ރިޔާޒަކަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.
“އެންމެ ފަހަރަކުވެސް ވިސްނާލިންތަ އަހަރެން ޒީވާއާ ކައިވެނިކުރަން ބޭނުން ނުވެދާނޭ؟” ރިއާން ބުންޏެވެ.
“ތިއީ އަހަރެން ބަލަން ޖެހޭކަމެއް ނޫން.. ސައްބީސްއަހަރު ވީއިރު ރިއާން ރުހޭ މީހަކާ ދިމާ ނުވިއެއްނު.. ދެން ޖެހޭނީ މި ކައިވެނިކުރަން.. ޒީވާ ވިޔަސް.. އެހެން މީހަކުވިޔަސް” ރިޔާޒްގެ އަޑުގައިވަނީ ސާބިތުކަމެވެ.
“ބަފައެއްކަމަކު އަހަރެންގެ ދިރިއުޅުމަކާ ތިހެނެއް ނުކުޅެވޭނެ.. އަހަރެން އެކަންޏެއް ނޫން.. ޒީވާގެވެސް ދިރިއުޅުން.. ޒީވާ މި ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ!!” ރިޔާޒްގެ ބަސްމަގު ހުރިގޮތާމެދު ހިތްހަމަ ނުޖެހި ރިއާން ބުންޏެވެ.
“ޒީވާ ހިތްހަމަ ނުޖެހެންޏާ ޒީވާ މި ކައިވެނި ހުއްޓުވާނެ.. ރިއާންއަކަށް ޒީވާގެ ހައްގަށް ވަކާލާތުކުރާކަށް އަދި ނުޖެހޭނެ.. މިހާރު މިކަމަށް އެތައް ފައިސާއެއް ހަރަދު ކުރެވިއްޖެ.. ރާއްޖެއާއި މި ސަރަހައްދުގެވެސް އެތައް ބަޔަކަށް ދައުވަތު ފޮނުވިއްޖެ.. އެ އެންމެންގެ ކުރިމަތީގަ އަހަރެން ބޭޒާރެއް ނުވާނަން” ރިޔާޒް ބުންޏެވެ.
“ހަރަދުވި ފައިސާއަކިއްޔާ އަހަރެން އަނބުރާ ދައްކާނަން.. ދައުވަތު ދެވުނު އެންމެނާވެސް ވާހަކަ ދައްކާނަން.. އެކަމަކު މި ކައިވެންޏަކަށް އަހަރެންނަކަށް އެއްބަހެއް ނުވެވޭނެ” ރިއާން ބުންޏެވެ.
“ތިއީ ރިއާންގެ ފަހު ބަސްތަ؟” ރިޔާޒު ސުވާލުކުރިއެވެ. ރިއާންއަށް އަނެއްކާވެސް ބަލައިލެވުނީ ޝީރީނަށެވެ.
“ނާޝިދު ހުރީ ރިއާން ނޫން އެހެން މީހަކާވިޔަސް ޒީވާގެ ކައިވެނި ކުރުވަން.. ރިއާން ނޫނެކޭ ބުނިއްޔާ އެހެން މީހަކާ އެ ކައިވެނި ކުރެވޭނެ. އެގޮތް ރިއާން ބޭނުންތަ؟ ގޮތްނޭނގޭ މީހެއްގެ އަތްމައްޗަށް ކުޑައިރުގެ ރަހްމަތްތެރިޔާ ދޫކޮށްލަން ރިއާން ބޭނުންތަ؟”
ޝީރީންގެ ބަސްތައް ރިއާންގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. އެދެލޮލުން ރިއާންއަށް ތަކުރާރުކޮށް އެވާހަކަތައް ހަނދާންކޮށްދެމުންދާ ކަހަލައެވެ. އެބަސްތަކުގެ އަޑުއަހައި ކައިވެންޏަށް އެއްބަސްވުން އެއީ އެންމެ ރަނގަޅުގޮތްހެން ހީވާން ފެށިއެވެ. ނަމަވެސް ޒީވާ ނުރުހޭކަން އެނގިހުރެ އެ ކައިވެނި ކުރާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ.
“ރިއާން ނޫނެކޭ ބުނެފިނަމަ ދެވަނަ ފަހަރު ރިއާންގާތު މި ކައިވެންޏަށް އެއްބަސް ވާކަށް ރިޔާޒް އާދޭހެއް ނުކުރާނެ”
އަނެއްކާވެސް ރިއާންގެ ކަންފަތްދޮށުގައި ގަދަވެގަތީ ޝީރީންގެ އަޑެވެ. މިއީ އޭނާއަށް އޮތް ފަހު ފުރުސަތުކަން ރިއާން ދެނެގަތެވެ. މިވަގުތު މި ކައިވެންޏަށް އޭނާ އިންކާރު ކޮށްފިނަމަ ގޮތްނޭނގޭ މީހެއްގެ އަތްމައްޗަށް ޒީވާ ދޫވެ ޙުދު އޭނާގެ ކައިވެނިވެސް މުޅީން ބީރައްޓެހި އަންހެނަކާ ކުރެވިގެން ދާނެއެވެ. އެ ހިޔާލުން އެކަނިވެސް އޭނާގެ ބޮލުގައި ރިއްސައިލި އެވެ.
“ކައިވެނި އޮތީ ކޮންއިރަކު؟” ހަތިޔާރު ބެހެއްޓި ފަދައިން ރިއާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އަންނަ ބުރާސްފަތީގަ.. އެކަމަކު ރަންކިޔުން އޮތީ މާދަމާ ރޭ.. ރިއާން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ.. މަންމަމެން ހުރިހާ ކަމެއް ހަމަޖައްސާނަން..” ޝީރީން އުފަލުން އުދުހިގަތް ކަހަލައެވެ.
ރިއާން ބޯ ޖަހައިލަމުން އެތަނުން ދާން ހިނގައިގަތެވެ. ކުރަން އައި ކަންތައް ނާކާމިޔާބުވި ކަމުގައިވިޔަސް އޭނާއަކަށް އެކަމުގެ ހިތިކަން އިހުސާސެއް ނުކުރެވުނެވެ. ކާރަށް އެރުމަށްފަހު ފޯނު ނަގައި ޒީވާއަށް މެސެޖެއް ލިޔެލިއެވެ. “ސޮރީ..” ޒީވާއަށް މެސެޖު ފޮނުވައިލަމުން ރިއާން ކާރު ދުއްވައިލިއެވެ.
***********
“ސޮރީ..” ރިއާންގެ މެސެޖަށް ބަލަހައްޓައިގެން އިން ޒީވާގެ ސިކުނޑި އޮޅުން ބޮޅުން ވަމުން ދިޔައެވެ. ރިއާން މަޢާފަށް މި އެދެނީ ކޮން ކަމަކަށް ބާއެވެ؟ ކައިވެނި ހުއްޓިދާނެތީ ހެއްޔެވެ؟ ނުވަތަ ކައިވެނި ނުހުއްޓިދާނެތީ ހެއްޔެވެ؟ ސިކުނޑީގައި ސުވާލުމާކު ޖެހިފައި ހުއްޓައި އެހިޔާލުން ބޭރުވެވުނީ ކައިރީގައި ހުރި ޝައިނާ ގޮވައިލި އަޑަށެވެ.
“ޒީ.. ބަލާބަ ތި ހެޔޮވަރުތޯ.. އޭރުންނެއްނު ފަތި ޖަހާލަންވެސް އެނގޭނީ” ޝައިނާގެ ބަހަށް ސިހިފައި ޒީވާ ފޯނު ދަބަހަށް ލިއެވެ. އަދި އަތުގައި އޮތް ހެދުން ހެޔޮވަރު ކުރުމަށްޓަކައި ފާހަނައަށް ވަނެވެ. އެއީ ރަންކިޔުމުގެ ހަފްލާއަށް އޭނާ ލުމަށް ހަމަޖެހިފައިވާ ކަޅުކުލައިގެ ދިވެހި ލިބާހެކެވެ. ރަންކުލައިން ބޯވަޅު އަޅައިފައިވާ އެ ލިބާސް ޝައިނާ ފަހާފައިވަނީ ޒީވާގެ ހަށިގަނޑަށް ވަރަށްވެސް ހެޔޮވަރުކޮށެވެ. ޒީވާ ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލައިލަމުން ހިނިތުންވެލިއެވެ.
“ހަމަ ހެޔޮވަރު.. އަހަރެންނަށް އޭރުވެސް އެނގޭ ޝައި ފަހާ އެއްޗެއްގަ އުނިކަމެއް ނުހުންނާނެކަން..” ޒީވާ ފާހަނައިން ނުކުމެ ޝައިނާއަށް ހެދުން ދައްކައިލަމުން ބުންޏެވެ.
“އަޅޭ އާން ވަރަށް ލޯބި.. ޔަގީން ޒީ ފެނިފަ ރިއާން ބަސް ހުއްޓޭނެކަން” ޝައިނާ ދިމާކޮށްލިއެވެ. ޒީވާ ލޯ އަޅައިލިއެވެ.
“ހީނުކުރާތި އަހަރެން މިހިރީ ތިމީހުން ޖެހި ސަކަރާތްގަނޑު ހަނދާން ނެތިފައޭ.. އަދިވެސް ހިތްހަމަ ނުޖެހިފަ މިހިރީ.. ދޮންބެއާއި އިޝީއާ ތިބިތާ ބަހައްޓާފަ ޝައި ރަނގަޅެއްނު އަހަރެންނަށް ހިންޓެއް ދޭން” ޒީވާ ތުން އަނބުރައިލިއެވެ.
“އަޅޭ މި ބުނީއެއްނު.. މިއީ ހުސް އިޝީގެ ކަންތަކޭ.. އެހެންނޫނަސް އަހަރެން ހީކުރީ ޒީ ވާނީ އުފާކަމަށް.. ދެން މާ އެކްޓު ޖައްސާނެ ކަމެއް ނެތް.. އަސްލު ބުނެބަ.. ވަރަށް ފޮނިވެފައެއްނު ތިހިރީ ހިތުލައިން އުޅުނު ކަންތައް ވާތީ.. ނުވެސް ވިސްނާ ހުއްޓާ ރާޖާ އެ ވެއްޓުނީ ރާނީ އުނގަށް..” ޝައިނާ ހިނިގަނޑެއް ޖަހައިލަމުން ޒީވާގެ ކޮނޑުގައި އެލިގަތެވެ. ޒީވާ އަނެއްކާވެސް ޝައިނާއަށް ލޯ އަޅައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝައިނާގެ ހުނުމުގައި ބައިވެރިވަމުން ޝައިނާގެ ގައިގައި ބައްދައިލިއެވެ.
“އަސްލު ބުނަން.. އެގަޑީގަ ހީވީ ހަމަ ހިތް ހުއްޓުނުހެން. ކުޑަކޮށް އުފާވެސްވި… އަދިވެސް ގަބޫލެއް ނުކުރެވޭ.. އެކަމަކު ރިއާން އަހަރެން ރިޖެކްޓް ކޮށްލިގޮތް ޝައިއަށް ކިޔައިދިނީމެއްނު.. ހިއެއްނުވޭ ދުވަހަކުވެސް ރިއާން މިކަމަށް އެއްބަސްވާނެ ހެނެއް.. މިހާރު ކުޑަކޮށް ބިރުވެސްގަނޭ ރިއާން ހަދާނެ ގޮތެއް ނޭނގޭތީ.. ރިއާން ބޭނުން ނުވާ ކަމަކަށް ރިއާންއަަށް މަޖުބޫރު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. މިވާހަކަ ބައްޕައާ ދައްކަންވެސް ވަރަށް މަސައްކަތް ކޮށްފިން.. އެ ހިތްވަރެއް ނުލިބުނު. އެކަމަކުވެސް އަހަރެން ރިއާން ބޭނުން” ޒީވާ ބުންޏެވެ.
“އެކަން އެބަ އެނގެޔޭ.. ކުރިން ވެޑިންގްގެ ކަމަކިއްޔާ ގަދަކަމުން ގެންނަން ޖެހޭ މީހާ މިއަދު މި ހެދުން ހެޔޮވަރު ކުރަން އައި އަވަސްކަން ބަލާބަ.. ހާސްނުވޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް” ޝައިނާ ބުންޏެވެ.
“އަހަރެންނަކީ ވަރަށް އަމިއްލަ އެދުންބޮޑު މީހެއްދޯ؟” ޒީވާ ބުންޏެވެ.
“ޒީ.. ތިއީއޭ އެއްކަލަ. ޒީގެ އެއްވެސް އަމިއްލަ އެދުމަކާލައިގެން ވީ ކަމެއް ނޫނެއްނު މިއީ.. ކުޑަމިނުން ޒީއަށްވެސް މެރީ ކުރެވެން މި އުޅެނީ ރިއާންއާކަން އެނގުނީ އިއްޔެ.. ޒީ ބޭނުންނަމަ މާ ކުރިންވެސް ބައްޕަމެންގާތު ބުނެގެން މިގޮތަށް ރިއާން ހޯދުނީހެއްނު.. ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނަބަ.. އިރާދައިގަ ޒީއަށް ރިއާން ލިބެންހުރީމަ ވީގޮތް ކަމުގަ ބަލާ” ޝައިނާ ވިސްނައިދިނެވެ.
***********
އާއިލާއާ ގާތް ރަހްމަތްތެރިންނަށް މުނާސަބު ވާނޭހެން ބާއްވާ ކުޑަ ރަންކިޔުމުގެ ހަފްލާއަށް ޒީވާމެން ގޭގެ ޓެރަސް ތައްޔާރުކޮށްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. ރަންކުލައިގެ ބޮކިފަތި ދަމައި ޓެރަސް އެކީއެކައްޗަކަށް ދިއްލާލައިފައިވާއިރު އެއްފަރާތުގައި ފަނުން ހަދާފައިވާ އުނދޯލިގެއެއް ބަހައްޓައިފައި ހުއްޓެވެ. އަދި އަނެއް ފަރާތުގައި ދިވެހި ކެއުމުގެ ޖާފަތެއް ތައްޔާރުކޮށްފައި ހުއްޓެވެ. ގަޑިއެއްހާއިރު ތެރޭ ދައުވަތު ދެވުނު ހުރިހާ އެންމެން އައިސް ހަމަވެއްޖެއެވެ. ނަމަވެސް ރިއާންގެ ހަބަރެއް އެކަކަށްވެސް ނުވެއެވެ.
“ޒީ..މިއޮތީ ކަންފަތުލާ އެތިކޮޅު.. އަވަސް..” ޝައިނާ އައިސް އުނދޯލީގައި އިށީނދެއިން ޒީވާގާތު ހުއްޓިލިއެވެ.
“ރިއާންއެއް ނާދެއެއްނު.. ޝައި.. ރިއާންގެ ނިންމުން އެ ނިންމީ.. ރިއާންއެއް ނާންނާނެ…” ޒީވާ ކަންބޮޑުވެފައި ބުންޏެވެ.
“ޒީ.. ހަމަ ޖެހިބަ.. ރިއާން އަންނާނެ! ރިއާން ނާންނަންޔާ ކީއްކުރަން ރިޔާޒްއާއި ޝީރީންއާ އައިސް އެ ތިބީ؟ ޒީ ހަނދާނެއް ނުވޭތަ އަހަރުމެން ކަމެއް ރޭވިޔަސް އެތަނަކަށް އެންމެ ފަހުން އަންނަ މީހަކީ ރިއާންކަން؟ ޒީ ޖެހޭނީ މެރީކޮށްފަ ފުރަތަމަ ކަމަކަށް ރިއާން ގެންގުޅޭ ގަޑިތަކުގެ ކަށި ހަމަކުރަން ކަންނޭނގޭ.” ޝައިނާ ޒީވާ ހިތްހަމަޖައްސައިދޭން ވާހަކަދެއްކި ނަމަވެސް އޭނާގެ ހިތުގައިވެސް ފޮރުވިފައިވަނީ ކަންބޮޑުވުމެވެ. ރިއާން އެންމެ ފަހުވަގުތު ޒީވާއަށް އެފަދަ ދެރައެއް ދީފާނެހެއްޔެވެ؟
ހަފްލާ ފެށުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވީއިރުވެސް ރިއާންގެ ހިލަމެއް ނުވުމުން ޝައިނާ ދުރުގައިހުރި ރާހިލްއާ ލޮލުގެ އިޝާރާތުން ރިއާން ކޮބައިތޯ ސުވާލު ކުރިއެވެ. ރާހިލް އަތުގައި އޮތް ފޯނު ދައްކައިލަމުން ދެކޮނޑު އަރުވައިލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ކަންބޮޑުވުމެވެ. އޭރު ކޯޓުން އައިސްތިބި މީހުންވެސް ރިއާން ލަސްވެގެން އެވާހަކަ ދައްކަން ފަށައިފިއެވެ.
“ކޮބާ އެ އައީނު؟ ފެޝަނަބްލީ ލޭޓް އޭޒް އޯލްވޭޒް..” ސިޑިން އަރައިގެން އައި ރިއާން ފެނި ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ދެފަހަރަކު ޒީވާގެ ކޮނޑުގައި ޖަހައިލުމަށްފަހު ދުރަށް ހިނގައިގަތެވެ.
“ވަރަށް ލަސްވެއްޖެދޯ؟” ރިއާން ޒީވާގާތު އުނދޯލީގައި އިށީނދެލަމުން އަހައިލިއެވެ.
“ހޫމް.. އަހަރެން ހީކުރީ ރިއާން ނާންނާނެކަމަށް.. ނައި ނަމަވެސް ހައިރާނެއް ނުވާނެ” ޒީވާ އިސްޖަހައިލަމުން ބުންޏެވެ.
“ނާޝިދުބެއާ ވާހަކަ ދެއްކުނުތަ؟” ރިިއާންގެ ސުވާލަށް ޒީވާ ބޯ ހޫރައިލިއެވެ.
“ރިޔާޒްބެއާ ވާހަކަ ދެއްކިންތަ؟” ރިއާންވެސް ޒީވާއެކޭ އެއްފަދައިން ބޯ ހޫރައިލިއެވެ. ރިއާންގެ މޫނުމަތީގައިވި ޖެހިލުންވުމާއި ހާސްކަން ޒީވާއަކަށް ސިއްރެއް ނުވިއެވެ. ޒީވާ ފުންނޭވާއެއް ދޫކޮށްލަމުން ރިއާންގެ އަތުގައި ހިފައިލިއެވެ.
“ރިއާން.. ހަމަޖެހިބަލަ.. މޭބީ ވީ ކޭން ވޯކް ދިސް އައުޓް.. މެރިއެޖެއްގެ ގޮތުގަ ބަލައިގަންނަން އުނދަގުވިޔަސް.. އަހަރެމެންނަށް ދެ ރަހްމަތްތެރިންގެ ގޮތުގަ އުޅެން މަސައްކަތް ކުރެވިދާނެއެއްނު” ޒީވާ ވިސްނައިދޭން މަސައްކަތްކުރިއެވެ.
“ޒީވްއަށް ތިހާ ވިސްނެން ފެށީ ކޮންއިރަކުތަ؟” ރިއާން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
“ރިއާން ހީކުރީ އަހަރެންނަކީ އަދިވެސް ނުވިސްނޭ ކުޑަކުއްޖެއް ކަމަށްތަ؟” ޒީވާވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“އޭ ކޮބާ އަވަސް.. އަދި ގަޑި ޖެހިގެން އައިސްވެސް ޒީއާ ވާހަކަ ދައްކަން ދޯ ތީނީ.. ތި ދެމީހުން ވާހަކަދައްކާނެ ވަގުތެއްނު ދެން އޮތީ މުޅިންވެސް.. އިހަކަށް މި ފޭލި އޮޅާލާފަ ތި ޓީޝާޓު ގެނޭ” ރާހިލް އައިސް ރިއާންގެ މޫނަށް ދިވެހި ފޭއްޔެއް އެއްލަމުން ބުންޏެވެ.
“ކީއްކުރަން ޓީޝާޓު ދޭންވީ” ރިއާން އެހިއެވެ.
“ނޭނގެ މަށަކަށްވެސް.. ޝައިނާ ބުނިގޮތް އެއީ.. ކޮންމެވެސް ތީމެކޯ.. ދެން އަވަސް ކުރޭ.. އަން.. މިއޮތީ އަދި.. މިވެސް އަތުގަ އައްސާށޯ ބުނީ” ރާހިލް ތަވީދެއްހެން އޮތް ވާކޮޅެއް ދިއްކޮށްލަމުން ބުންޏެވެ.
“ކިހިނެއް އެނގެނީ ތީގަ އޮތީ ސިހުރެއް ނޫންކަމެއްވެސް ލިޔެފަ؟ އަހަރެން ތިއެއް ނާޅާނަން” ރިއާން ސަމާސާކޮށްލިއެވެ.
“ސާބަހޭ މިއީ ހުސް ގަނޑުކޮޅެކޭ އޮޅާފަ. އަން ޒީ މި ހިފާބަ. އަދިވެސް އިނީތަ؟ ތި ބަލަން ނުހުރެ އަވަސްކޮށްބަލަ” ރާހިލް ޒީވާގެ އަތަށް އެ ވާކޮޅު ދިއްކޮށްލިއެވެ.
ރާހިލް އެދުނު ފަދައިން ރިއާން ތެދުވެ ލައިގެން ހުރި ސޯޓުގެ މަތިން އުނަގަނޑުގައި ފޭލި އޮޅައިލިއެވެ. އަދި ޓީޝާޓު ބާލައި ރާހިލްގެ އަތަށް ދިއްކޮށްލުމަށްފަހު ކުރިއެކޭ އެއްފަދައިން އުނދޯލީގައި އިށީނެވެ. އުނދޯލިގެއަށް އެޅިފައިވާ ރަންއަލީގައި ޒީވާއަށް ރިއާންގެ ހަށިގަނޑުފެނި އަނެއް ފަރާތައް މޫނު އަނބުރައިލެވުނީ އޭނާއަށް ފެންނަށް ނުވާފަދަ މަންޒަރެއް ފެނުނުހެނެވެ. އޭރު އޭނާގެ ދެ ކޯތާފަތަށް ލަދުން ޖަންބުކުލަ އަރަމުންދިޔައެވެ.
“ޒީވް-”
“ލައްބަ” ރިއާންގެ އަަޑަށް ޒީވާ އަނެއްކާވެސް ރިއާން އިން ފަރާތަށް މޫނު އަނބުރައިލިއެވެ. އޭރު ރިއާން ޒީވާގެ އަތުގައިވާ ވާކޮޅު ދޭށޭ ބުނާ ފަދައަކުން އަތް ދިއްކޮށްލައިގެން އިނެވެ.
“އޯ ޔެސް މީތި ދޯ..” ޒީވާ އަވަސް އަވަހަށް ރިއާންއަށް އެ ވާކޮޅު ދިއްކޮށްލިއެވެ. ރިއާން މިނެޓެއްހާއިރު ވަންދެންް އެއް އަތުގެ އެހީގައި އަނެއް އަތުގައި އެ ވާކޮޅު އެއްސުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ. އެމަންޒަރު ފެނި ޒީވާ އެ އައްސައިދިނުމަށް އިސްނެގިއެވެ.
“ގެނޭ.. އަހަރެން ތި އައްސާލަ ދީފާނަން” ޒީވާ ބުންޏެވެ. ރިއާން ޒީވާގެ އަތަށް އެ ވާކޮޅު ދިނުމާއެކު ޒީވާ ރިއާންއާ ކުޑަކޮށް ގާތަށް ޖެހިލިއެވެ. އެ ރަންއަލީގައި ޒީވާގެ ރީތިކަން އެހާ ގާތުން ފެނުނުހިނދު ރިއާންގެ ހިތް ތައުރީފުން ފުރި ބަންޑުން ވިއެވެ. ޒީވާގެ ދެލޮލުގައިވާ އާދަޔާހިލާފު ވިދުން އޭނާގެ ހިތް ދަމައިގަތެވެ. ލިބާހުގެ ބޯވަޅާ ގުޅޭނެހެން ލޯ ކައިރީގައި ކޮށްފައިވާ ރަންކުލައިގެ ލުއި މޭކަޕުން އެ ވިދުން އިތުރަށް ގަދަކޮށްދީފައިވާ ކަހަލައެވެ. އެތުންފަތުގައި ފަވާލެވިފައިވާ ރަތްކުލައަކީ އެއްވެސް އިހްތިޔާރަކާނުލާ ރިއާން އެންމެ ގަޔާވާ ކުލަ ކަމުގައި ވެނިމިއްޖެއެވެ.
ޒީވާގެ ހިތްވެސް ރިއާންއާ ގާތުގައި އިންނަން ޖެހުމުގެ ސަބަބުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ރިއާންގެ ހަށިގަނޑުން އަރަމުންއައި މީރުވަހުގެ މަސްތުން އޭނާގެ ސިކުނޑި ފުރެމުން ދިޔައެވެ. އެ އިހުސާސްތައް ހާމަވެދާނެތީ ރިއާންގެ ލޮލާ ނަޒަރު ހަމަކުރުމަށް އޭނާ އުޒުރުވެރިވިއެވެ. ހުރިހާ ސަމާލުކަމެއްދިނީ ރިއާންގެ އަތުގައި އެ ވާކޮޅު އެއްސުމަށެވެ. އެއަތުގެ މަސްތަކުގެ ހަރުކަން އިހުސާސް ކުރެވުމާއެކު އޭނާގެ އަތްތިލަ ރިއާންގެ ބާރުގަދަ އަތުގައި ބީހިގެންދާ ކޮންމެފަހަރަކު ޒީވާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރާ ކަހަލައެވެ.
“ނެގުނުދޯ ރީއްޗަށް.. ސަޅިދޯ އެ ފޮޓޯ” ރިއާންއާ ޒީވާއަށްވެސް ސިހުން ލިބުނީ ކައިރިން ޝައިނާގެ އަޑު އިވުމުންނެވެ. އޭރު ފޮޓޯނަގާ މީހާއާއެކު އުނދޯލިގެ ކައިރީގައިހުރި ޝައިނާ ފެނި ޒީވާ ކަޅި އަޅައިލިއެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ޝައިނާ އެމީހުންގެ ފޮޓޯ ނެގުވީ ހެއްޔެވެ؟
“ޒީ.. އަވަސް ރެޑީވޭ… އެމީހުން އެބަ އާދެޔޭ ބުނަންވެގެން މި އައީވެސް” ޝައިނާ އަވަސް އަވަހަށް ބުންޏެވެ.
“އަޅެ ދެން ޝައި ދަނީތަ އަހަރެން ކައިރި ނުހުރެ. އަހަރެން ކިހިނެއް ހަދާނީ. އަހަރެންނަކަށް ނޭނގޭ ރަންކިޔާނެ އެއްޗެއްވެސް.” ޒީވާ ޝަކުވާ ކޮށްލިއެވެ.
“ޒީ ބޭނުން އެއްޗެއް ބުނެބަލަ އޯކޭ ވާނެއޭ” ޝައިނާ އަވަސް އަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ.
“އެއީ ތެދެއް.. އަހަރެންނަށް ނުދެވޭވަރު އަދަދެއް ކިޔޭނެހެނެއް ހިއެއް ނުވޭ” ރިއާން ބުންޏެވެ.
“އަހަރެން ހީކުރީ ހަމައެކަނި ދޮންބެކަމަށް ފޮނިކަނޑަނީ.. އެކަމަކު ފިރިހެން ކީއްޔާ ހަމަ އެއްވަރެއްދޯ..” ޒީވާ ބުންޏެވެ.
ކައިވެނީގެ ރަނުގެ ގޮތުގައި ޒީވާ އެދުނީ 24 ކެރެޓުގެ ހުދުރަން ފަށަކަށެވެ. މާގިނައިރެއްނުވެ ހަފްލާ ނިމި ހުރިހާ އެންމެން ގެއަށް ދާން ފެށިއެވެ. ނާޝިދާއި ރިޔާޒްގެ އިތުރުން ވާފިޔާއާއި ޝީރީންވެސް ކޯޓުން އައި މީހުނާއެކު އެތަނުން ދިޔައެވެ. ލިބާހުގެ ސަބަބުން ހޫނުވެފައި އިން ޒީވާވެސް އަވަހަށް އިޝްވާއާއެކު ދިޔައީ ހެދުން ބަދަލުކުރުމަށެވެ. އެތަނުގައި އެންމެ ފަހު ބަޔަކަށް ތިބީ ޝައިނާއާއި ރިއާން އަދި ރާހިލްގެ އިތުރުން ހަފްލާގެ ފޮޓޯނެގި މީހާއެވެ. ޝައިނާ އެމީހާއާއެކު ފޮޓޯތައް ބެލުމުގައި އުނދޯލީގައި އިންއިރު ރާހިލް ދުރުގައިހުރީ އެ މަންޒަރު ބަލާށެވެ.
“އަދިވެސް ދާކަށް ނުވޭތަ؟” ރިއާން ކޮފީ ތަށްޓެއް ހިފައިގެން ރާހިލް ގާތަށް އައިސް ސިނގިރޭޓެއް ރޯކޮށްލަމުން އަހައިލިއެވެ. ރާހިލް ވަކި ޖަވާބެއް ދިނުމެއްނެތި ރިއާންއަށް ބަަލައިލިއެވެ.
“ދެން ބުނޭ ޒީވާއާ މެރީ ކުރާތީ ސިނގިރޭޓު ބުއިންވެސް ހުއްޓާލާށޭ” ރިއާން ބުންޏެވެ. އެއަށްފަހު ފުންނޭވާއަކާއެކު ސިނގިރޭޓުގެ ދުންތައް ބޭރު ކޮށްލިއެވެ. ރިއާންގެ މޫނުމަތީގައިވާ ކުލަވަރުން ރާހިލްއަށް އަދިވެސް ރިއާން އޭނާއާމެދު ހިތްހަމަ ނުޖެހިފައިހުރިކަން އެނގުނެވެ.
“އިޒް އިޓް ދެޓް ބޭޑް؟ ޒީ އާ މެރީ ކުރުމުގެ ހިޔާލަކީ ހަމަ ތިހާބޮޑަށް ރިއާން ނަފްރަތު ކުރާ ހިޔާލަކީތަ؟ އަސްލު އަހަރެންނަކަށް ނޭނގެ ތިދެމީހުންގެ މައްސަލައެއް.. ޒީގެ މައްސަލައެއް” ރާހިލް އަހައިލިއެވެ.
“ތިއެއްނު މައްސަލައަކީ ރާހިލް.. ޒީވާއަކީ ރާހިލްގެ ކޮއްކޮއަކަށްވުން ފިޔަވައި އެއްވެސް މައްސަލައެއް ނެތޭ! މައްސަލައަކީ އަހަރެންނޭ! ރާހިލްއަށް ހަމަ ނޭނގެނީތަ؟ އަހަރެންނަށްވުރެން މާ ރަނގަޅު މީހުން ޒީއަށް ވާނެ.. އައި.. އައިމް-”
“ރިއާން މާ ބޮޑަށް ބިރުގަންނަނީ.. އެކަމަކު އަހަރެން ޔަގީންކުރަން ރިއާންގެ ފުށުން ޒީއަކަށް ގެއްލުމެއް ނުވާނެކަން.. އެހެން އެކަކަށްވެސް އިތުބާރު ނުކުރެވޭ ވަރަށް އަހަރެން ރިއާންއަށް އިތުބާރު ކުރަން” ރާހިލް ބުންޏެވެ. އެވަގުތު ރިއާން އެއް ނޭވާއިން އަތުގައިހުރި ކޮފީތަށި ދަމައިލިއެވެ.
“މޯރ ކޮފީ؟” ރާހިލް އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
“ކޮބާ ޝައިނާގެ ކަންތައް ދަނީ ކިހިނެެއް؟” ރިއާން މައުލޫ ބަދަލުކޮށްލިއެވެ.
“ތިވާހަކަ ނުދައްކާ” ރާހިލް ބުންޏެވެ. ޙުދު އޭނާއަކަށްވެސް އެސުވާލުގެ ޖަވާބެއް ނޭނގެއެވެ.
“ގުޑްލަކް! އަހަރެން ގޮސްލީ ދެން.. މާދަމާ ގުޅާނަން” ރިއާން ރާހިލްގެ ކޮނޑުގައި ޖަހައިލުމަށްފަހު އެތަނުން ދިޔައެވެ.
ރިއާންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޝައިނާގާތު އިން ފޮޓޯގްރާފަރުވެސް އެތަނުން ދިޔައެވެ. އަދި ދިޔުމުގެ ކުރިން ޝައިނާއަށް ހިނިތުންވެލަމުން ހަނާ އަޅައިލިއެވެ. އޭނާ ދިޔުމާއެކު ޝައިނާވެސް އުނދޯލިން ތެދުވެ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ޝައިނާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ރާހިލް އައިސް އޭނާގެ ކުރިބެއްދުމުންނެވެ.
“އޯ ގޯޑް ރާހިލް.. ރާހިލްއާހެދި އަދި މިއިން ދުވަހަކު އަހަރެންނަށް ހާޓް އެޓޭކެއް ޖެހޭނެ.” ލިބުނު ސިހުމުގައި މޭގައި އަތް އަޅައިލައިގެންހުރެ ޝައިނާ ބުންޏެވެ.
“އެއީ ޝައިނާގެ ޓައިޕްތަ؟” ސިޑިން ފޭބި ފޮޓޯނަގާ މީހާއަށް އިޝާރާތްކޮށް ރާހިލް އަހައިލިއެވެ.
“އަނެއްކާ؟ އައިދަން އައި ދުވަހުވެސް.. ކުރީދުވަހު ކާރުގަވެސް.. އަހަރެންގެ ޓައިޕް ހޯދުމަކީ އަޅެ ރާހިލްގެ ނިއު ހޮބީތަ؟” ޝައިނާ އަހައިލިއެވެ. ރާހިލް ދެކޮނޑު އަރުވައިލިއެވެ.
“އަހަރެންވެސް ހަމަ ޝައިނާގެ ޓައިޕް އެނގެން ޝައުގުވެރި ވެދާނެއެއްނު.. އެހެން ކުދިންނާ ނުލާހިކު ތަފާތުވިއްޔަ” ރާހިލް ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ތަފާތީ ކިހިނެއް؟” ޝައިނާ ދެއަތް އުނަގަނޑުގައި އަޅުވައިލަމުން ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“އޯލް އަދަރ ގަރލްސް ލައިކް މީ.. ވިޗް ޔޫ ޑޯންޓް ސޯ ޔޫ އަރ ކްލިއަރލީ ޑިފަރެންޓް” ރާހިލް ބުންޏެވެ.
“ރާހިލް އަމިއްލައަށް އުޅެނީ އަހަރެން މާ ކޮމްޕްލިކޭޓެޑް މީހަކަށް ހަދައިގެން.. އަހަރެންނަކީވެސް ހަމަ އެކަހަލަ އަންހެން ކުއްޖެކޭ.. އައި ހޭވް ދަ ސޭމް ޓައިޕް ޔޫ ސީ.. އަ ޓޯލް އެންޑް ހެންޑްސަމް ގައި ވިތް އަ ގުޑް ސެންސް އޮފް ހިޔުމަރ.. ދަ ޓައިޕް ދެޓް ލީވްސް ފްލަވަރސް އެޓް މައި ޑޯރސްޓެޕް އެވްރީ މޯނިންގް” ޝައިނާ ރާހިލްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ބުންޏެވެ.
ޝައިނާގެ ޖަވާބާއެކު ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމުވިހިނދު ކުއްލިއަކަށް އޭނާގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Mi part vx vrh reethi MA!!
Riaan and zeeva so cute 😍…
Curiously waiting for the next part when’s??
I appreciate your hard work
UR ONE OF MY FAVOURITE AUTHOR 🤞💖
LYY ❤️
Awww thankyouuu so much ILYM🥹❤️❤️❤️
You have really given me back my motivation❤️
Mi part ves varah reethi
Curiously waiting for next part?
Thankyouu. Next part tmrw insha allah
Awwnnnnn ,my heart just melted ♥️
Riaan and zeee haadha loabieyyy
I can’t stop blushing and smiling mi part kiyaafa🤭
Darl, this part just made my day😊
Impatiently waiting for next part!!
Avahah upload kohla dhehchey inge<3
Really appreciate u ge hard work😊
Luv u💌
Dhwww. They are so cute and just wait for Rahil & Shaina’s romance to begin!!
Thankyuuuu so much darls.. Next part insha allah tmrw❤️❤️❤️
So nice, js read upto this part today
Keep it up❤️
Thankss. Glad u enjoyed it🫰🏾
im so exciteddddddddd
❤️❤️❤️
Darling ,miadhu upload kohladheynan dhww next part 😊
Yess now submitted