އޭސީގެ މަޑު ފިނި ހިފައިލައިފައިވާ ކާރުގެ ތެރޭގައި ދެލޯ މަރައިލައިގެން އިންއިރު ރިއާންގެ ސިކުނޑީގައި ޒީވާގެ ބަސްތައް ތަކުރާރުވަމުން ދިޔައެވެ. އެވާހަކަތަކުގެ ތެދުކަން ޙުދު އޭނާއަށްވެސް އިހުސާސްވެއެވެ. ޒީވާފަދަ ކުއްޖެއްދެކެ ލޯބިވާނެ ކިތަންމެ މީހަކު ވާނެކަމާއި، ޒީވާއަށް އެ ކައިވެނި އުފާވެރި ކައިވެންޏަކަށް ހެދިދާނެކަން އޭނާއަށް ގަބޫލު ކުރެވެއެވެ. އެކަމަށްޓަކައި އޭނާ އުފާކުރަން ޖެހޭނެކަން އެނގިހުރެވެސް އޭނާގެ ސިކުނޑި ހާސްވާން ފެށިއެވެ. އޭރު އޭނާގެ ހަނދާންތައް ދަތުރުކުރަމުންދިޔައީ އޭގެ އަށް އަހަރު ކުރިއަށެވެ.
އެއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ ހަނދާނުން ފޮހެލަން ދަތި ރެއެވެ. އެންމެ ސަބަބެއް ދެ ސަބަބަކާ ލައިގެނެއް ނޫނެވެ. މެލޭޝިޔާގައި އެއް އަހަރުގެ ޑްރަގް ރިހެބިލިޓޭޝަން ފުރިހަމަ ކުރުމަށްފަހު ރިއާން މާލެއައީ ރާހިލްގެ އޭލެވެލް ގްރެޖުއޭޝަން ޕާޓީގައި ބައިވެރިވުމަށެވެ. ރިއާންއަށް އެ ޕާޓީ ވެގެންދިޔައީ އޭނާއާއި ރާހިލްގެ ހީނަރުވެފައިވި ގުޅުން އާރޯކުރާނެ ފުރުސަތެއް ކަމުގައެވެ. އެރެއަކީ ވާފިޔާއާއި ނާޝިދުވެސް ރަށުގައި ނެތް ރެއެއް ކަމަށްވުމާއެކު ޕާޓީ ބޭއްވުމަށްޓަކައި އެގެ އޮތީ ހިތަކަށް ލިބިފައެވެ. އެހެންކަމުން ރާހިލްގެ އޭލެވެލް އަދި ދުވަސްވަރުގެ ރަހްމަތްތެރިންގެ އިތުރުން ޒީވާގެ ގިނަ ރަހްމަތްތެރިންތަކެއްވެސް ބައިވެރިވި ޕާޓީއެއްކަމުގައި އެ ޕާޓީ ވެގެން ދިޔައެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ ޕާޓީ ނިމުމަކާއި ގާތްވެފައި ވަނިކޮށް ރިއާންއަށް ސިއްރު ނޯޓެއް ލިބުމާ ހިސާބުންނެވެ. ނޯޓު ގެނެސްދިނީ ޒީވާއާއެކު ޕާޓީއަށް އައިސް އުޅުނު ޒީވާގެ އެކުވެރި ކުއްޖެކެވެ. ނޯޓުގައިވަނީ ކޮންމެވެސް މީހަކު ގޭގެ ޓެރަހުގައި އޭނާގެ އިންތިޒާރުގައި ހުރި ކަމަށެވެ. ރިއާންގެ ހިތުގައި އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ. ފަހަރެއްގައި އެއީ އަހަރެއްގެ މެދުކެނޑުމަކަށްފަހު ދިމާވުމުން އިތުރަށް ވާހަކަދައްކައިލަން ބޭނުންވާ ރަހްމަތްތެރިއެެއްކަމުގައިވެސް ވެދާނެއެވެ. އެތަނުން ނުކުތުމުގެ ކުރިން އޭނާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭރު ހުރީހާ އެންމެން ސިޓިންގްރޫމްގައި ކުރިއަށްދިޔަ ފޯރިގަދަ ވީޑިޔޯގޭމް މުބާރާތުގެ ތެރެއަށް ވަދެ ގެއްލިފައި ތިއްބެވެ.
ރިއާން ގޭގެ ޓެރަހަށް އަރައި ވަށައިގެން ހޯދައިލިއެވެ. އޭނާ ހައިރާންވީ އެ ނޯޓުގައިވާފަދަ އެއްވެސް މީހެއްގެ ނިޝާނެއް ޓެރަހުގައި ނެތުމުންނެވެ. ނަމަވެސް ހަމަހިމޭންކަން ފެތުރިފައިވާ ޓެރަހުން ފައިބައިގެން ޕާޓީގެ ހަލަބޮލިކަމުގެ ތެރެއަށް ދާކަށް އޭނާގެ ހިތެއް ނޭދުނެވެ. ޖައްވުގައި އެނބުރެމުންދިޔަ ފިނި ވައިރޯޅިއަށް މަރުހަބާ ކިޔަމުން އޭނާ ޓެރަހުގެ ރެއިލިންގްގައި އަތް އަޅުވައިލިއެވެ. އެގޮތުގައި އޭނާއަށް ހުރެވުނީ މަދު ވަގުތުކޮޅަކަށެވެ.
“ރިއާން” ފަހަތުން އިވިގެން ދިޔަ ޒީވާގެ އަޑަށް ރިއާން ސިހިގެން ދިޔައެވެ.
“ޒީވްތަ؟ ކިރިޔާއެއްނު ސިއްސައިގެންގޮސް ނުވެއްޓުނީ… މިތާ ކީއްކުރަނީ؟ ޕާޓީ އޮތީ ތިރީގައެއްނު” ރިއާން ޒީވާއާ ކުރިމަތިލިއެވެ.
“އަހަރެންނޭ ރިއާންގާތު އަންނަން ބުނީ” ޒީވާ ރިއާންއާ ގާތަށް ދެތިން ފިޔަވަޅު އަޅައިލަމުން ބުންޏެވެ.
“ތިރީގަ މާ މީހުން ގިނަވީދޯ؟” ރިއާން ހިނިތުންވެލިއެވެ. އޭނާއެކޭ އެއްފަދައިން ޒީވާއަކީވެސް މީހުން ގިނަ ތަންތަނަށް ދާން ބޭނުންވާ މީހެއް ނޫންކަށް އެނގޭތީ އޭނާއަށް ވިސްނުނު ގޮތަކީ އެއީއެވެ.
“ހްމްމް ތިވެސް ސަބަބެއް.. އެކަމަކު ތިއަށްވުރެން ބޮޑަށް އައި މިސްޑް ޔޫ ރިއާން..” ޒީވާ ކުރިއަށް ޖެހިލައި ރިއާންގެ އަތުގައި އެލިގަތެވެ. ރިއާން ހިނިތުންވެލިއެވެ. ނަމަވެސް ޒީވާގެ ވާހަކަ އެހިސާބަކުން ނުނިމުނެވެ. “ރިއާން ކީއްވެ ކުއްލިއަކަށް ދިޔައީ.. އަހަރެން ކިހާ އެކަނިވާނެ… ދޮންބެއަށްވުރެވެސް އަހަރެންނާ ކްލޯޒްއީ ރިއާންއެއްނު؟ ރިއާން އެއްވެސް ވަރަކަށް އަހަރެން މަތިން މިސް ނުވަނީތަ؟” ޒީވާ އިސްޖަހައިލަމުން ޝަކުވާ ކުރިއެވެ.
“ހޭ… ޗިން އަޕް ޕްރިންސަސް… އަހަރެން ހަމަ ކޮންމެހެންވެސް ދާން ޖެހުނީ އިނގޭ.. ސަބަބެއްނެތި އަހަރެން ޒީވްއާއި ރާހިލްއާ ދޫކޮށްލާފަ ނުދާނެއެއްނު” ރިއާން ޒީވާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލަމުން ބުންޏެވެ.
“ދެން ނުދާނަންތަ؟” ޒީވާ އެހިއެވެ.
“ޒީވް.. ތީ ދެން ތިކަހަލަ ކޫސަނި ޝަކުވާ ކުރާ ކުއްޖެއްވެސް ނޫނެއްނު؟ ބަލާބަ ތީ މިހާރު އަހަރެމެންގެ ކުޑަކުޑަ ޒީވާއެއް ނޫނޭ. ޔޫ އަރ ސިިކްސްޓީން.. ގެޓް ޔޯރ އޯން ފްރެންޑްސް… އަބަދަކު އަހަރެންނެއްވެސް ޒީވްގެ ލައިފަކު ނުހުންނާނެ އެއްނު؟” ރިއާން ޒީވާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އެކަމަކު އެއީ ކީއްވެ؟ ނޫން ރިއާން! ރިއާން އަހަރެންގެ ލައިފްގަ ނެތް ދުވަހެއް އަންނާކަށް އަހަރެން ބޭނުމެއް ނޫން! ރިއާން ޕްލީޒް.. މިދިޔަ އެެއް އަހަރު އަހަރެން ދިރިހުރި ގޮތް ރިއާންއަށް އެނގޭތަ؟ ރިއާންގެ އެއްވެސް ހަބަރެއް ނޭނގި.. އަހަރެން ހުރީ މޮޔަވާން ކައިރިވެފަ.. ދެން އިތުރަކަށް އެހެނެއް ނޫޅެވޭނެ ރިއާން… ޕްލީޒް… ރިއާން ދަންޏާ އަހަރެން ގޮވައިގެންދޭ” ޒީވާ ކުއްލިއަކަށް ރިއާންގެ އަތް ގެނެސް މޭގައި ޖައްސައިލިއެވެ. އެ އަޑުގައިވާ އާދޭސް އިވި ރިއާންއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. ޒީވާ ބުނި އެެއްޗެެއް އޭނާއަށް ރަނގަޅަށް ފަހުމްނުވާ ކަހަލައެވެ.
“ކީކޭ ތި ކިޔަނީ؟” ރިއާންއަށް އަހައިލެވުނެވެ.
“ރިއާންއަށް ހަމަ އަދިވެސް ނޭނގެނީތަ؟ ރިއާން އައި ރިއަލީ ލަވް ޔޫ” ޒީވާ ބުންޏެވެ.
“އައި ރިއަލީ ލަވް ޔޫ ޓޫ ޕްރިންސަ-”
“ނޫން.. ރިއާން ތި ބުނާ މާނައިގައެއް ނޫނޭ އަހަރެން ރިއާންދެކެ ލޯބިވަނީ! އަހަރެން ހަނދާންވާން ފެށީއްސުރެވެސް އަހަރެން ރިއާންއާ ވަރަށް ގަޔާވޭ… އެކަމަކު ރިއާން ދުވަހަކުވެސް އަހަރެންނާ ދޭތެރޭ ކޮއްކޮއެއް ގޮތުގަ ނޫނީ ނުދެކޭކަން އަހަރެންނަށް އެނގޭ.. ރިއާން.. އައި.. ރިއާން ދިޔައީމަ އަހަރެންނަށް އެނގުނީ މިއީ ކިހާ ފުން އިހުސާސްތަކެއްކަން.. ރިއާން ނެތި އަހަރެންގެ ދިރިއުޅުން ފަޅުވެފަ އޮތްވަރު އެނގޭނީ އަހަރެންނަކަށްނު؟ އަހަރެންގެ ހަށިގަނޑުން ބައެއް އުނިވެފައިވާފަދަ… އަހަރެން ރިއާން ދެކެ ވަރަށް-”
“ޒީވް ނޯ.. ޑޯންޓް ސޭ އިޓް” ރިއާން ޒީވާގެ ވާހަކަ މެދުކަނޑައިލިއެވެ. ހާސްވެފައިހުރެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ޒީވާއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ.
“ކީއްވެ ޒީވް؟ ކީއްވެ؟ އަހަރުމެންގެ މި ބޮންޑަކީ ކިހާ ސްޕެޝަލް ބޮންޑެއް؟ ޕްލީޒް.. ޕްލީޒް ޑޯންޓް ޑޫ ދިސް ޓު އަސް! ޑޯންޓް ރުއިން ޔޫ އެންޑް އައި!” ރިއާންގެ އަޑުގައިވަނީ އާދޭހެވެ.
“ރިއާން އަޅެ އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ.. އަހަރެން އެއްވެސް ގުޅުމެއް ހަލާކެއް ނުކުރަމޭ! މިއީ އަހަރުމެންނަށް އާ ފެށުމެއްކަމަށް ވިސްނަބަލަ! އަހަރެން މި ވާހަކަ މި ބުނީ އަހަރެންގެ ގައިގަހުރި ހުރިހާ ހިތްވަރެއް މިކަމަށް ލައިގެން! ތިގޮތަށް އަހަރެންނަށް ފުރަގަސްނުދީ! އަހަރެންނަށް ހެވޭ ރިއާން ބޭރަށް ދިޔަސް.. އަހަރެން އިންތިޒާރު ކުރާނަމޭ… ޕްލީޒް ސޭ ޔެސް” ޒީވާގެ ވާހަކަ ނިމުނުއިރު އެދެލޮލުގައި ވިދަމުންދިޔަ އުއްމީދު ފެނި ރިއާންއަށް އުނދަގޫވިއެވެ. ޒީވާގެ އަތް ފޮޅައިލަމުން ދުރަށް ހިނގައިގަތެވެ.
“ޒީވާ މޮޔަވީތަ؟ ތީ ޑެލިއުޝަންއެއް.. ޒީވް ޕްލީޒް. އަހަރެންމީ ޒީގެ އެކުވެރިޔެކޭ.. ބޭބެއެކޭ.. ތިއުޅެނީ އަހަރެން ދިޔައިމަ އިހުސާސްވި އެކަނިވެރިކަން ލޯބީގެ ގޮތުގަ ޒީވްއަށް ކޮންފިއުޒް ވެގެން.. ނޫނީ އިޓްސް ޖަސްޓް އަ ސްޓުޕިޑް ޓީނޭޖް ކްރަޝް!” ރިއާން ޒީވާގެ ވާހަކަ ގަބޫލެއް ނުކުރިއެވެ.
“ރިއާން ގަބޫލުކޮށްބަލަ! އަހަރެންގެ ހިތުގަ މި އިހުސާސްތައް އުފެދުނީ އިއްޔެއަކު މިއަދަކު ނޫނޭ.. އަހަރެން ދުވަހަކުވެސް އެކުވެރިއެއް ނޫނީ ބޭބެއެއްގެ ގޮތަކަށް ރިއާންއާ ދޭތެރެއަކު ނުދެކެން.. އެއަށްވުރެ އަހަރެންނަށް ރިއާން ހާއްސަ” ޒީވާ ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ރިއާން އަތް ދަމައިލައި އިތުރަށް ކުރިއަށް ނައުމަށް ބުނުމުންނެވެ.
“ދުރުގަ ހުރޭ.. ޗީ…ޒީވާ ލަދެއް ނުގަނޭތަ؟ ތިކަހަލަ ގޮތަކަށް އަހަރެންނާ ދޭތެރޭ ހިތައްވެސް އަރުވަންވީ ކީއްވެ؟ އަހަރެންގެ ފަރާތުން ކޮން އިޝާރާތެއް ލިބިގެން؟”
“ރަހްމަތްތެރިއެއްގެ ފަރާތުން ލިބެންޖެހޭ އޯގާތެރިކަމާއި އިހުސާންތެރިކަން ފިޔަވައި އިތުރު ކަމެއް ރިއާންގެ ފަރާތުން އަހަރެންނަކަށް ނުލިބޭ.. އަހަރެންގެ ހިތުގަ މި އިހުސާސްތައް އުފަންވީ އެކަމުގަ ރިއާންގެ އެއްވެސް ހިއްސާއަކާ ލައިގެނެއް ނޫން” ޒީވާ އިސްޖަހައިލިއެވެ.
“އެހެންވިއްޔާ ތިއީ އަހަރެންނަކާ ބެހޭކަމެއް ނޫން… ތި އިހުސާސްތައް ނެރޭނެ ގޮތަކަށްނެރެ ހިތުން އެއްލާލާ. އަހަރެންނަކީ ޒީވާ ތި ހީކުރާހާ މާތް އިހުސާންތެރި މީހެއް ނޫން.. އެހެންނޫނަސް ތިއީ އަދި ކުޑަ ކުއްޖެކޭ. މާ ގިނައިން ފިލްމާއި އޭތިމީތި ބެލިގެން ތި އުޅެނީ…. އަހަރެން މިތަނަށް ގެނައީ ތިވާހަކަ ދައްކަން ކަމަށް ވަންޏާ މިތާކު ހުންނާކަށް ނެތިން” ރިއާން ޓެރަހުން ފޭބުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާގެން ޒީވާ އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
“ރިއާން ހެޔޮނުވާނެ. އަހަރެން މި ވޭތުވެދިޔަ އެއްއަހަރު ތެރޭގަ ރިއާންގެ މަތިން ހަނދާން ނައްތާލަން ކުރި މަސައްކަތް ދެނެވޮޑުގެންވާނީ މާތް ރަސްކަލާނގެ… ހެޔޮނުވާނެ އަހަރެންނަށް ފުރުސަތެއްދީ.. އަހަރެންގެ އުމުރު ހަގުކަމުގައިވިޔަސް އަހަރެންވާ ލޯތްބަކަށް އުނިކަމެއް ނާންނާނެ…” ޒީވާ އެދުނެވެ.
“ތިއީ ޒީވާއަށް ހީވާގޮތް. ޒީވާ ހީކުރަނީ ތިބުނާ އިޝްޤީ ލޯތްބަކީ ވަރަށް މައުސޫމު އެއްްޗެއްކަމަށްތަ؟ ޒީވާގެ ލޯބީގަ ކިތަންމެ އުނިކަމެއް ހުންނާނެ. ނިކަން އަމިއްލަ މީހާއަށް ބަލާލަބަލަ! ތި ހަށިގަނޑުން ޒީވާއަށް އުނިކަމެއް ނުފެނޭތަ؟ އެއްވެސް ބައްޓަމެއް ރީތިކަމެއް އެބަހުރިތަ؟ އެހެންވީމަ ބުނެބަލަ ޒީވާގެ އޭޖް މެޓާއެއް ނުވޭތަ؟ ޒީވާއަށް އަންހެނެއްގެ ހައިިސިއްޔަތުން އަހަރެންގެ ހިތްހަމަ ޖައްސާ ދެވޭނެތަ؟” ރިއާން މަލާމާތުގެ ރާގެއްގައި ފޮނުވާލި ބަހުގެ ހަމާލާތައް ޒީވާގެ ހިތަށް ހަންޖަރުތަކެއްހެން އެރިކަހަލައެވެ.
“އެހެންވީމާ އިޓްސް ބެޓަރ އިފް ޔޫ ގެޓް އޯވަރ މީ.. ޔޫ އެންޑް އައި؟ ނެވަރ!” ރިއާންގެ ވާހަކަ ނިންމައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. އެވަގުތު ފަހަތުން އިވެންފެށި ޒީވާގެ ގިސްލުމުގެ އަޑު އިވި ރިއާންގެ ހިތް ކޮށި ވަޅިއަކުން ކޮށައިލިކަމުގެ އިހުސާސްކުރެވުނެވެ. ޒީވާ ރޯތަން ބެލުމަކީ އަދި އެހުމަކީވެސް އެއްވެސް އިރެެއްގައި އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އެ ކަރުނަތައް ފޮހެދިނުމުގައި އަބަދުވެސް ޒީވާއާ އެންމެ ގާތުގައި ހުންނަ މީހަކީ އޭނާއެވެ. ނަމަވެސް މިރޭ އެކަރުނަތަކުގެ ފަހަތުގައިވާ ސަބަބަކީ އޭނާކަން އެނގި ރިއާންއަށް އެކަމުން އާދަޔާހިލާފު އުުނދަގުލެއްވަމުން ދިޔައެވެ. ސިޑިން ފައިބަން ފެށިއިރުވެސް ޒީވާގެ އަޑު ފަނޑު ނުވެ އެއްވަރަކަށް އިވެމުންދާތީ ރިއާންއަށް ޒީވާ އޭނާގެ ފަހަތުން އަންނަކަން އެނގުނެވެ. އިރުކޮޅެއްގެ ތެރޭގައި ޒީވާ އަނެއްކާވެސް އައިސް ރިއާންގެ އަތުގައި އޮޅުލައިގަތެވެ.
“ރިއާން ޕްލީޒް.. ތިގޮތަށް އަހަރެންގެ ހިތުގަ ޖައްސާފަ ނުދޭ.. ރިއާން އަހަރެންނަށް ދީފައިދާ އެންމެފަހު ހަނދާނަކީ ތި އަނިޔާވެރި ބަސްތައް ކަމުގައި ވާކަށް އަހަރެން ބޭނުމެއްނޫން… ތިހެން ނަހަދާ.. ރިއާން އަހަރެންނާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކުނަސް އަހަރެންގެ ލޯތްބަށް ފުރުސަތެއް ދީ.. އަހަރެން ރިއާން ބުނި ގޮތަކަށް ބޭނުން ކަމެއް ކުރާނަން.. ރިއާން ކިތަންމެ ދުރުގަ ހުއްޓަސް އަހަރެންގެ ފަރުވާލެއް ނެތް” ޒީވާ ރޮވިފައިހުރެ ރިއާންގާތު އާދޭސް ކުރިއެވެ.
“ކިހާ ބޮޑު ނުހުރޮއްޕާނެއްތަ އޭން؟ މަ ބޭނުމެއް ނޫނޭ ބުނީމާވެސް ކަލެއަކަށް އަޑެއް ނީވޭތަ؟ ބަ* އެކޭ މީ ދެން” ކުއްލިއަކަށް ރިއާން އައި ރުޅީގައި ޒީވާ ދުރަށް ކޮއްޕައިލިއެވެ. އަދި ހަމަ އެސިކުންތުގައި އޭނާއަށް އެ ބުނެވިދިޔަ ބަސްތަކާމެދު ވިސްނި ޒީވާއާމެދު ހަމްދަރުދީ ވެވުނެވެ. އެހެނަސް ގައިގެ ހުރިހާ ހިތްވަރަކާއެކު ރިއާންގެ ފިޔަވަޅުތައް ބަހައްޓަމުން ދިޔައީ ކުރިއަށެވެ. ކިތަންމެ ފަހަރަކު ޒީވާގާތަށް ގޮސް ޒީވާ މަސަލަސްކުރަން ބޭނުންވިޔަސް އޭނާއަށް ފަސް އެނބުރެވޭކަށް ނެތެވެ. މާފަށް އެދެން ބޭނުންވިޔަސް ޒީވާއަށް އިތުރު އުއްމީދެއް ދޭކަށް ބޭނުމެއް ނޫނެވެ. ޒީވާގެ މައުސޫމުކަމަށް އެޅޭ ހިޔަންޏަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒީވާ އެބުނާފަދަ ގުޅުމަކަށް ދޭނެ ޖާގައެއް އޭނާގެ ހަޔާތަކު ނެތެވެ. އެހެންނޫނަސް އެފަދަ ނަޒަރަކުން ޒީވާއާމެދު ދުވަހަކުވެސް ދެކެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެވެއެވެ. ޒީވާގެ ބޮލަށް އެފަދަ ވަސްވާހެއް ވަންނަންވީ ކީއްވެބާއެވެ؟
ރިއާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނެން ފެށިއެވެ. ޒީވާއަށް އޭނާގެ މަތިން ހަނދާން ނައްތާނުލެވެންޏާ ދެން އޮތް ގޮތަކީ ޒީވާގެ ހިތުގައި އޭނާއަށްޓަކައި ނަފްރަތުގެ ހުޅު ރޯކުރުމެވެ. ރިއާންގެ ލޮލުގައި އަޅައިގަތީ އެވަގުތު ޒީވާމެން އުޅޭ ބައިން ނުކުމެގެންދިޔަ ޒީވާގެ ރަހްމަތްތެރި ނަޝްވާއާއި އިތުރު ދެކުއްޖެކެވެ. އޭގެ ތެރެއިން ނަޝްވާއަކީ ހުއްޓުމެއްނެތި އޭނާއަށް އުނދަގޫކޮށް ހަދާ އޭނާގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ ކުއްޖެއްކަމުން ރިއާންއަށް އެނގެނީ ނަޝްވާގެ ނަން އެކަންޏެވެ. އޭނާ ބުނެފިނަމަ ނަޝްވާ ހުންނާނީ ކަނޑަށްވެސް އެރެން ތައްޔާރަށްކަން ރިއާންއަށް އެނގެއެވެ.
“ނަޝް!” ރިއާން ތަންކޮޅެއް ބާރަށް ނަޝްވާއަށް ގޮވައިލިއަޑަށް ޒީވާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭރު ނަޝްވާ ދެންތިބި ދެކުދިން ލިފްޓުގައި ފޮނުވައިލުމަށްފަހު ރިއާންއާ ދިމާލަށް ހިނގައިގަންނަނީއެވެ.
“ރިއާން.. ހީ ނުކުރަން ރިއާން އަހަރެންނަށް ގޮވާލާނެ ކަމަކަށް.. ޕާޓީން ނުކުތްތަން ފެނިގެން ދާންވެސް އުޅުނިން. އެކަމަކު ޒީ ދިޔަތަން ފެނުނީމަ ބްރަދަރ އެންޑް ސިސްޓަރ ބޮންޑިންގް ޓައިމް ދޭންވެގެން ނުދިޔައީ…” ނަޝްވާ ރިއާންއަށް ހަނދާންކޮށްދިނީ މުޅި ދުނިޔެވެސް ރިއާންއާއި ޒީވާގެ ގުޅުމަށް ނިސާބަތްކުރާ ގޮތެވެ. ނަމަވެސް އެހެން ހުރިހާ ފަހަރަކާ ހިލާފަށް މިފަހަރު ރިއާންއަށް އެކަމުން އުނދަގޫ ވިއެވެ. އެކަން ބަދަލުވުމަށް އޭނާގެ ހިތް އެދުނީ ކީއްވެކަމެއް ނޭނގެއެވެ. އޭރު ސިޑީގައިހުރި ޒީވާއަށް ރިއާން ނަޝްވާގެ ކަންފަތް ދޮށުގައި ވާހަކައެއް ބުނެލިތަން ފެނުނެވެ. ހަމައެއާއެކު ނަޝްވާގެ ދެލޯ ބޮޑުކޮށްލަމުން ހިނިތުންވެލިތަން ފެނުނެވެ.
“ވަޓް ހާދަ ކުއްލިއަކަ-”
“އަހަރެންނަކަށް ވަގުތެއް ނެތް! ޓެލް މީ.. ޔެސް އޯރ ނޯ؟” ރިއާން ނަޝްވާގެ ވާހަކަ މެދުކަނޑައިލިއެވެ. އަދި ލޮލުގެ ހިމަކޮޅުން ސިޑީގައި އެދިމާ ފެންނާނެހެން ހުރި ޒީވާއަށް އަވަސް ނަޒަރެއް ދިނެވެ.
“ވަޓް؟ އައި މީން އޮފްކޯސް ޔެސް ބަޓް–” ނަޝްވާގެ ހުއްދަ ލިބުމާއެކު އިތުރު ވާހަކައެއް އަޑުއަހާކަށް ރިއާން ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް ރިއާންގެ ހޫނު ދެތުންފަތުގެ ތެރޭގައި ނަޝްވާގެ ތުންފަތް ގައިދުކޮށްލުމާއެކު ނަޝްވާގެ ދެކޮނޑުގައި ހިފައި ފާރުގައި ޖައްސައިލިއެވެ. އެމަންޒަރު ފެންނަ ހިސާބުގައިހުރި ޒީވާގެ ހިތަށް ހީވީ ހޫނުފެން އެއްޗެއް އޮއްސައިލެވުނުހެނެވެ. ހައިކަން ނުފިލައިގެން އުޅޭ ސިންގާއެއްް ފަދައިން ރިއާން ނަޝްވާގެ މޫނާއި ކަރުދޮށުގައި ބޮސްދީ އޮޅުލަމުންދިޔަ މަންޒަރުފެނި މޭގައި އަތް އަޅައިލަމުން ސިޑިމަތީގައި އިށީނދެވުނެވެ. ރިއާންގެ އަތް ޖެހިލުންވުމަކާއިނުލާ ނަޝްވާގެ ކޮންމެ ވަނާއެއްގައި ބީހެމުން ދިޔައިރު އެހަރަކާތްތަކުގައިވާ ފަރިތަކަން ފެނި ޒީވާއަށް އޭނާގެ ހަށިގަނޑަށް ނިސްބަތްކޮށް ރިއާން ދެއްކި ވާހަކަތަކުގެ ތެދުކަން އިހުސާސްވިއެވެ. ނަޝްވާއާ އަޅައިބަލާއިރު ޒީވާގެ ހަށިގަނޑަކީ ހަމަ ސުމެއްކަމުގައި އަމިއްލައަށްވެސް ގަބޫލުކުރެވުނެވެ. ރިއާންގެ އަތް ނަޝްވާ ލައިގެންހުރި ޓޮޕްކޮޅުގެ ފަސްބަޔާއި ދިމާލުން އެތެރެއަށް ދިޔަތަން ފެނި ޒީވާއަށް އިތުރަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ކަރުނަތައް ފޮހެލައި އިންތަނުން ތެދުވުމަށްފަހު އަލުން އަނބުރައި ސިޑިން މައްޗަށް ދުއްވައިގަތެވެ.
——————————————
ކުއްލި ސިހުމަކާއެކު ރިއާންއަށް ދެލޯ ހުޅުވައިލެވުނީ ޖެހިގެންހުރި ސީޓުގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި ފިރުމައިލަމުން އޭނާއަށް އައި ވަޓްސްއަޕް ކޯލަށް ޖަވާބު ދިނެވެ. “ޔެސް؟”
“ތިކޮޅުން ވިދާޅުވި ގޮތަށް ހުރިހާ ކަމެއް ނިމިއްޖެ.. އެމީހާއަކީ ކުރިންވެސް އެކި ކަހަލަ ކުދި ކުށްތަކުގެ ރިކޯޑު އޮތް މީހެއް. އެކަމަކު..”
“އެކަމަކު ކިހިނެއްވީ؟ ބުނަން ސިރާޖު.. އަހަރެން ބޭނުން ވީހާވެސް ގިނަ ދުވަހަށް އޭނަ ގެއްލުވާލަން” ރިއާންގެ ބުމަ ގޮށްޖެހުނެވެ.
“ފައިސަލްގެ އާއިލާއިން އެބަހުރި މެޑިކަލް ރިޕޯޓުތަކެއް ފޮނުވާފަ! އޭގަ ބުނާގޮތުން އޭނާ ކްލީންކޮށް ހުންނަތާ ހަތްމަސްވީ.. މިކޮޅުންހެދި ޑްރަގް ޓެސްޓަކަށްވެސް ޕޮޒިޓިވްއެއް ނޫން… ޕްލާންޓްކުރި އެއްޗެހީގެ އެހީގަ ވަކިކަމެއް ސާބިތުނުކޮށް ހައެއްކަ މަސް ދުވަސް ޖެހިދާނެހެން ހީވަނީ” ސިރާޖު ބުންޏެވެ.
“ތިވަރުވެސް މިހާރަށް ފުދޭނެ… މާދަން އޮފީސް ގަޑީގަ އައިމަ ގޮތެއް ހަމަޖައްސާލަ ދޭނަން” ރިއާން ކާރުން ފޭބިއެވެ.
“އަޅުގަނޑަށް އެއްޗެއް ނުދިނަސް ހެޔޮ.. އަޅުގަނޑުގެ އަގު އެހެން ފަހަރަކަށް ބާއްވަމާ.. އެކަމަކު ގްރާމް ހަމަވާވަރަށް އެއްޗެއް ހޯދުންވީ ފުދޭވަރަކަށް އުނދަގޫ ކަމަކަށް.. އެހެންވީމަ ޕްލާންޓްކުރި ސްޓަފްއަށް ޕޭ ކޮށްލަދެއްވަނިކޮށް އޯކޭވާނެ” ސިރާޖު ޖަވާބުދިނެވެ.
“ތިކަން ހަމަޖެހޭނެ. އެކަމަކު ބުނަން.. ޑީލަރަށް އަހަރެންނަކީ ކާކުކަން އެނގިގެން ނުވާނެ.” ރިއާން ބުންޏެވެ.
“މައްސަލައެއް ނެތް. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ފައިސަލް ކަހަލަ ހާރމްލެސް ކްރިމިނަލްއެއް ރިއާންގެ ބޭޑް ސައިޑަށް އެރީ ކިހިނެއްބާއޭ؟” ސިރާޖުގެ ޝައުގުވެރިކަން ސިއްރެއް ނުކުރިއެވެ.
“ދެން ތިވާހަކަ އެެހެން ފަހަރަކަށް ބާއްވަމާ.. މިވަގުތު ބޭއްވީ..” ރިއާން ފޯނު ކަނޑައިލުމަށްފަހު ގެއަށް ވަނުމަށްހުރި ދެތިން ހަރުފަތުގެ ސިޑި ގިރާކޮށްލިއެވެ. އަދި ދޮރުވާނަށް ބޯ ޖަހައިލުމަށްފަހު އެތެރެއަށް ވަނެވެ.
ގޭގެ ބޮޑުކޮޓަރި ހުސްކޮށް އޮތްތަން ފެނި ހިތާހިތުން ޝުކުރު ކުރަމުން އެތަނުގެ އެއްފަރާތުގައިވާ ހައިބަތުހުރި މަރބްލް ތަޅުމުގެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ސިޑިއާ ގާތްވަމުންދިޔަ ވަރަކަށް އެންމެ ތިރީ ހަރުފަތް ކައިރިން އޭނާއަށް ރިޔާޒްގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު އަދިވެސް ފެންނަ ކަހަލައެެވެ. އެރޭ ރިޔާޒް އޭނާގެ އެހީއަށް އެދި އަތް އުފުލައިލިތަން އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި ކުލަވިއެވެ. ނަމަވެސް ރިއާން އެކަމާ ވިސްނާކަށް މާ ގިނައިރަކު މަޑުކުރާކަށް ނޫޅުނެވެ. އެއަށްވުރެ ބޮޑަށް މިރޭ އޭނާގެ ސިކުނޑި ހަލަބޮލިކުރުވައިފައިވަނީ އެހެން ހިޔާލަކުންނެވެ. ޒީވާގެ ހިޔާލުންނެވެ.
އަވަސް ފިޔަވަޅުތަކެއްގައިގޮސް އޭނާވަނީ އެގޭގައި އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. އޭނާގެ ޅަދުވަހުގެ ހަނދާންތަކާއި ގުޅިފައިވާ ކޮޓަރިއަށެވެ. އެއަށްފަހު ލައިގެންހުރި ޓީޝާޓު ބާލައި ދުރަށް ހޫރައިލުމަށްފަހު ގައިގެ ހުރިހާ ހަކަތައެއް ހުސްވެފައިވާ މީހެއްހެން ކަންނެތްކަމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ.
***********
އެހެން ދުވަސްދުވަހާ ހިލާފަށް ފަތިސް ނަމާދަށް ހޭލުމަށްފަހު އަލުން ނިދީގެ ތެރެއަށް ފީނައިގަތުން ވީ ޝައިނާއަށް އުނދަގޫ ކަމަށެވެ. މިއީ އޭނާ ޒީވާމެންގެ ގޭގައި ނިދާ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެހެނަސް އޭނާއަކަށް ހަމަ ނިދޭގޮތެއް ނުވިއެވެ. އެނދުގައި ފުރޮޅިލައި ފުރޮޅިލައި އޮތުމަށްފަހު އެންމެ ފަހުން އޭނާގެ ދެފަރާތުގައި އޮތް އިޝްވާއާއި ޒީވާއަށް އުނދަގޫ ނުވާނެހެން އެނދުން ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނުކުތެވެ. ސިޑިއާ ދިމާލަށް ދިޔުމުގެ ކުރިން އެތެރެއަށްހުރި ރާހިލްގެ ކޮޓަރީގެ ދޮރަށް ބަލައިލެވުނެވެ. އޭނާއަށް އެ ވަމުންދާ އުނދަގުލަކީ އެއީބާއެވެ؟ އެހައި ގިނަ ދުވަހަށްފަހު ރާހިލްއާ އެއް ފުރާޅެއްގެ ދަށުގައި އެރޭ ހޭދަކުރަން ޖެހުމުން އޭނާއަށް ހަމަޖެހުން ނުލިބެނީބާއެވެ؟ އެކަމަކު އެހެން އެކަން ވާންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އަމުދަކުން ފަތިހުގެ ވަގުތަކީ ރާހިލް ގޭގައިވެސް އުޅޭ ވަގުތެއް ނޫން ވިއްޔާއެވެ؟
ބޭކާރު ހިޔާލުތައް ބޮލުން ނެރެލުމަން ޝައިނާ ސިޑިން ފައިބައިގެން ބަދިގެއަށް ހިނގައިގަތެވެ. އިރުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލި ސައިތަށްޓާއެކު ކާނެ ބިސްކޯދު ޕެކެޓެއް ކަބަޑުން ނަގައިގެން އައިސް ފޯނުން އިންސްޓަގްރާމަށް ވަދެލަމުން ކާމޭޒު ދޮށުގައި އިށީނެވެ. ސައިތަށި ހުސްވުމާ ގާތްވެފައި ވަނިކޮށް އޭނާއަށް މީހެއްގެ ހިލަމެއްވިހެން ހީވެ ފަހަތަށް ބަލައިލެވުނެވެ. އަނދިރިކޮށްލައިފައިވާ ބަދިގެއާއި ސިޓިންގްރޫމް ވަކިވާނެހެން ކަހައިލެވޭގޮތަށް ހުރި ދޮރު ކައިރިން ބިޔަ ހިޔަންޏެއް އޭނާއަށް ފެނުނެވެ. އެހިޔަނީގެ އިސްކޮޅަށް ބަލައި އޭނާއަށް އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އިރުކޮޅެއްގެ ތެރޭގައި ބަދިގޭގެ ފަނޑުއަލީގެ ތެރެއިން ފާޅުވި ރާހިލްގެ ސޫރަ ފެނި އޭނާއަށް ހައިރާންކަމެއް ނުލިބުނީ އެހެންވެއެވެ. ނަމަވެސް ރާހިލްއަށް އެވަގުތު އެތަނުން ޝައިނާ ފެނުންވީ ހައިރާންވި ކަމަކަށެވެ. އޭނާއަށް ޝައިނާ ފެނުމާއެކު ހުރިފިޔަވަޅު މަތީގައި ހުއްޓެވުނެވެ.
“ގުޑް މޯރނިންގް” ޝައިނާ ރާހިލްގެ ނުތަނަވަސްކަން ފިލުވައިލުމަށްޓަކައި ހެނދުނުގެ ސަލާން ކުރިއެވެ. ރާހިލްގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ. އޭނާ މަޑުމަޑުން ހިނގައިލައިފައި ގޮސް ޝައިނާއަށް ފުރަގަސްދެމުން ވޯޓަރ ޑިސްޕެންސަރުގެ ކައިރިއަށް ހުއްޓިލިއެވެ. އަދި އަތުގައި އޮތް ފުޅިއަށް އޭގެން ފެންއަޅަން ފެށިއެވެ.
“މިއަދު ދުވަން ނުދާ ދުވަހަކީތަ؟” މިފަހަރުވެސް ރާހިލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ޝައިނާ ފޫހިވެފައި ތުން އަނބުރައިމުން އިސްޖަހައިލި ނަމަވެސް އެގޮތުގައި އިނދެވުނީ މަދު ސިކުންތުކޮޅަކަށެވެ. އޭނާގެ ލޯ އަމިއްލަ އިހްތިޔާރުން ބޭރުގައި ރާހިލްގެ ބުރަކަށްޓާއި ކޮނޑުގެ މަސްތަކަށް ދަތުރުކުރަން ފެށިއެވެ. އޭނާގެ ހަނދާނަށް އައީ އޮފީސް ދަތުރުގައި އެންމެ ފުރަތަމަ ރާހިލް އޭނާދެކެ ރުޅިއައިސްގެން ވާހަކަދެއްކުން ހުއްޓައިލި ދުވަހުގެ ހަނދާނެވެ. އެދުވަހު އޭނާ ކުރަހަން އިންދާ ރާހިލް ކޮޓަރިން ނުކުމެގެން އައި ހަނދާނެވެ. އެހެން ގެއްލިފައި އިންދާ ރާހިލް ފެންއަޅައި ނިންމައިލުމަށްފަހު އޭނާއާ ކުރިމަތިލިއެވެ. އަދި ދެތިން ފިޔަވަޅު ކުރިއަށް ޖެހިލައި ޝައިނާއިން މޭޒުގެ އަނެއް ފަރާތުގައި ހުއްޓިލަމުން ފެންފުޅި އަނގަޔާ ދިމާލަށް އަރިކޮށްލިއެވެ. ދިރުވަމުންދިޔަ ކޮންމެ ފެންފޮދަކާއެކު ރާހިލްގެ ކަނދުރާ ހަރަކާތްތެރިވާ ގޮތް ބަލަން ޝައިނާއަށް އާގަމަވެފައި އިނދެވުނެވެ. އޭނާއަށް އެކަން ހިތްގައިމު ކަމަކަށްވީ ކިހިނެތްކަމެއް އަދި ކީއްވެކަމެއް ނޭނގުނެވެ.
“ގުޑް މޯރނިންގް” ނިދީގެ ސަބަބުން ބަރުވެފައިވާ ރާހިލްގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ޝައިނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއަޑުގައި އެހެންޏާވެސް ހުންނަ ފިރިހެންވަންތަކަމުގެ އަސަރު އެތަށް ގުނައެއް އިތުރުވެފައިވާ ކަހަލައެވެ. “އަދިވެސް މިގޭގަތަ؟” ރާހިލް ފެންފުޅި މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭގެ މަތި ބާރުކޮށްލިއެވެ.
“ޒީމެންނާއެއްކޮށް އޯވަރނައިޓެއް ބޭއްވީ.. ރާހިލް ދުވަން ނުދަނީތަ؟” އެ އަޑުން އޭނާއަށް ކުރި އަސަރު ފޮރުވައިލެވޭތޯ މަސައްކަތްކުރަމުން ޝައިނާ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
“ހުމްމް… މިއަދު ދުވަން ދާނެހާ އެނަރޖީއެއް ނެތް.” ރާހިލް އޭނާ ލައިގެންހުރި އަޅިކުލައިގެ ހަރުވާޅުގެ ދެޖީބަށް އަތް ޖަހައިލަމުން ބުންޏެވެ.
“ދެން ނިދާލަން ދޭބަ. މިކަހަލަ ފިނި ފަތިހެއްގަ ނިދާލީމަ އެނގޭނީ އޭގެ އަރާމުކަން.” ޝައިނާ ސައިޖޯޑުގެ ފުލުގައިވާ ސައިފޮދު ހުސްކޮށްލުމަށްފަހު ގޮނޑިން ތެދުވެ ސިންކާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު ޝައިނާއާ ދިމާލަށް ބަލައިލި ރާހިލް ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ޝައިނާ ލައިގެންހުރި ހެދުން އޭނާގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. އެއީ ކަކުލާއި ހިސާބަށްހުރި ކަޅުކުލައިގެ ސެޓިން ނިދާހެދުމެކެވެ. ހެދުމުގެ އަތަށް ލައިފައިވާ ހިމަ ވާކޮޅުގެ ސަބަބުން ހާމަވެފައިވާ ކޮނޑާއި ކަނދުރާ އަދި މޭމަތީގެ ބޮޑުބައެއް ބޭރުން ލައިފައިވާ ލޭސް ޖެކެޓުގެ ތުނި ފޮތީގެ ތެރެއިންވެސް ހާމަވަމުން ދިޔައެވެ. ޝައިނާގެ އޮޅަލި ކުލައިގެ އޮމާން ހަށިގަނޑު އެ ލޭހުގެ ތެރެއިން ފެންނައިރު އާދަޔާހިލާފު ހިތްގައިމު ގޮތެއް ހުއްޓެވެ.
ތަށި ދޮވެލުމަށްޓަކައި ޝައިނާ ސިންކުކައިރީގައި ހުއްޓިލި ވަގުތު ރާހިލްގެ ލަސްފިޔަވަޅުތައް އެދިމާލަށް ހަރަކާތްކުރަން ފެށިއެވެ. އޭނާ މަޑުމަޑުންގޮސް ޝައިނާގެ ފަހަތުގައި މަޑުކޮށްލިއެވެ.
“އަސްލު ރޭގަނޑުގެ ނިންޖަކީ ފަތިހުގެ ނިންޖާ ބަލާއިރު އެކައްޗެއްވެސް ނޫން.. އަހަރެންނަށް ޔަގީން މިރޭ ނިދާލިއްޔާ ރާހިލް ދުވަހަކުވެސް ފަތިހު ދުވަން ނުދާނެކަ-” ކުއްލިއަކަށް ޝައިނާއަށް ސިހިފައި ފަހަތަށް އެނބުރެވުނީ އޭނާގެ އުނަގަނޑުގައި މީހަކު ހިފެހެއްޓުމުންނެވެ. އެ ސިހުމުގައި އޭނާއަށް ހަޅޭއް ލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އެވަރު ވިސްނައިގެންހުރި ރާހިލް އަވަސް ހަރަކާތަކާއެކު އެއް އަތުން ޝައިނާގެ އަނގަ ނިވާކުރުމަށްފަހު އަނެއް އަތުގެ ޝަހާދަތް އިނގިލި އަމިއްލަ ތުންފަތުގައި ޖައްސައިލަމުން އަޑު މަޑުކުރުމަށް އިޝާރާތް ކުރިއެވެ.
ޝައިނާ ހަމަޖެހުުނުހެން ހީވުމާއެކު ރާހިލް ދެއަތް ތިރިކޮށްލިއެވެ. ޝައިނާއާގާތަށް ފިޔަވަޅެއް އަޅައިލަމުން އަނެއްކާވެސް ޝައިނާގެ އުނަގަނޑުގައި ހިފަހައްޓައިލިއެވެ. ޝައިނާއަށް ހާސްވެފައި ރާހިލްގެ މޫނަށް ބަލައިލެވުނެވެ.
“ރާހިލް! ތިއީ ކޮންކަމެއް؟” ރާހިލްގެ އަތްތިލަ ޝައިނާގެ ފަލަމަސްގަނޑުގައި ބީހިލުމާއެކު ޝައިނާއަށް ސިހިފަައި އަހައިލެވުނެއެވެ.
“އައި ވިޝް އައި ނޯ ވަޓް އައިމް ޑުއިންގް…” ރާހިލް މަޑުމަޑުން ބުންޏެވެ. ޝައިނާއަށް ރާހިލްއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. މޫނުމަތީގައިވި ނިދީގެ އަސަރުން ރާހިލްގެ ދެލޯ އިތުރަށް ކުޑަހެން ހީވާއިރު އާދަޔާހިލާފު މަސްތެއް އެދެލޮލުގައި ވާހެން ޝައިނާއަށް ހީވިއެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުން ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުގެ ހިޔަނި މޫނަށް އެޅިފައިވުމާއެކު، އެފަނޑުއަލީގައި ރާހިލްގެ ހިތްގައިމުކަން އިތުރުވެފައިވާހެން ހީވިއެވެ.
“ރާހިލް މިހެން އުޅޭކަށް ނުވާނެ..” ރާހިލްގެ އެ ގާތްކަމުގެ ސަބަބުން އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަން ޝައިނާ މަސައްކަތް ކުރިއެވެ.
“އަހަރުމެން ގޮތަކަށް ނޫޅެމެއްނު ޝައި” ރާހިލްގެ ހާލަކީވެސް ހަމަ އެއީއެވެ.
“ޕިސް ދެން ރާހިލް!! ޝައިއޭ ނުކިޔަބަލަ!” ޝައިނާ ބުމަ ގޮށްޖަހައިލަމުން ރާހިލްއާ ދުރަށް ޖެހިލިއެވެ.
“ކީއްވެ؟ އެންމެންވެސް ކިޔަނީ ޝައިއެއް ނޫންތަ؟ ޝައިގެ ހުރިހާ ރައްޓެހިން” ރާހިލް އެއްމިޔަކަނިން ހިނިތުންވެލިއެވެ.
“އެކަމަކު ރާހިލްއެއް ނުކިޔަމެއްނު؟ ދެންވެސް ނުކިޔަބަލަ! ދެން އެ މާތައް ފޮނުވުންވެސް ހުއްޓާލަން ވެއްޖެއެއްނު.. އަހަރެން އެ ބަހައްޓާނީ ކޮންތާކު؟” ޝައިނާ އިސް ޖަހައިލަމުން ބުންޏެވެ.
“އަހަރެންނަށް މި ފީލްވާ ގިލްޓް ފިލައިގެން ދަންދެން މާ ފޮނުވާނަން… އަހަރެން ޝައިނާގެ މައާފު ބޭނުން” ރާހިލް ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.
“ރާހިލް އެއްވެސް ކަމަކާ ގިލްޓީވާކަށް ނުޖެހޭނެ.. އެއްވެސް މަައާފެއް ބޭނުމެއް ނުވާނެ… އަހަރެން ބުނީމެއްނު ވީ އަރ ޖަސްޓް..”
“ފްރެންޑްސް؟” ރާހިލް އެޖުމްލަ ފުރިހަމަ ކޮށްލައިދިނެވެ.
“ސޭ އިޓް ޝައިނާ.. އައި ޑެއަރ ޔޫ! ނިކަން އެއްފަހަރުވެސް އަހަރެންނާ ހަތަރުކަޅި ހަމަކޮށްފަ ތި ދުލުން ބުނެބަލަ.. އަހަރެންމީ ޝައިނާގެ ރައްޓެއްސެކޭ! އައި ޑެއަރ ޔޫ!” ރާހިލް އެމެދުގައިވި ޖާގަ ނައްތައިލަމުން ޝައިނާގެ ދަތްދޮޅީގައި ހިފައި އިސް އުފުލައިލިއެވެ. ޝައިނާއަށް ވަގުތުން ހިން ދިރުވައިލެވުނެވެ.
“މައްސަލައެއް ނެތް.. ޝައިނާ އަޑުއަހަން ބޭނުންނަމަ އަހަރެންގެ ދުލުން ބުނެދީފާނަން އަހަރެންނަކީ ޝައިނާގެ ރައްޓެއްސެކޭ، އެކަމަކު އެއީ ކިހާވަރެއްގެ ހަގީގަތެއްކަން ޝައިނާ އަހަރެންނަށް ބުނެދޭންވާނެ” ރާހިލްގެ ނިދި އަޑުގައިވާ މަސްތުކަމާއި މޮޑިމޮޅިކަމާއެކުވެސް އެ އަޑުގައިވަނީ އާދަޔާހިލާފު ސާބިތުކަމެކެވެ.
“ޝައިނާ ހަނދާންވޭތަ އަހަރެންގެ ލޯބިވެރިޔާއާއެކު އެޕަރޓްމެންޓުން ފެނިގެން އެރޭ ޝައިނާ ރުޅި އައިސްފަހުރި ވަރު؟ ހަނދާންވޭތަ އަހަރެންގެ ލޯބިވެރިޔާއާއެކު ކޮޓަރީގަ ހުއްޓާއައިސް އަހަރެންގެ ރިލޭޝަންޝިޕް ޝައިނާ ރޫޅާލި ގޮތް؟ އަހަރެން ހުންއައިމަ އަހަރެންނަށް ހޭހަންކުރަން މުޅި ރޭ ހޭދަކުރި ގޮތް؟ ހަނދާންވޭތަ؟ ޝައިނާ އަހަރެންނަށް ބުނެދީބަ.. މިއީ ހަމަ ކޮންމެ ރައްޓެއްސަކާމެދުވެސް ޝައިނާގެ އަމަލުތައް ހުންނަ ގޮތްތަ؟” ރާހިލްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް މޫނު ކައިރިވުމާއެކު ޝައިނާއަށް ލޯ މަރައިލެވުނެވެ.
“އިފް ސޯ ޔެސް.. އައި އޭމް ޔޯރ ފްރެންޑް.. ދެޓް ފްރެންޑް ދެޓް ކޭން މޭކް ޔޫ ކްލޯޒް ޔޯރ އައިޒް ބައި ކްލޯޒިންގް ދިސް ޑިސްޓަންސް… ދެޓް ފްރެންޑް ދެޓް މޭކްސް ޔޫ ބްރެތްލެސް ވިތް އަ ސިންގަލް ޓަޗް… ދަ ފްރެންޑް ދެޓް ނޯޒް ދަ ޓޭސްޓް އޮފް ދީސް ސްވީޓް ލިޕްސް” ރާހިލް ފަރުވާތެރިކަމާއެކު ޝައިނާގެ ދަތްދޮޅީގައި ހިފަހައްޓައިލައިގެންހުރި އަތުގެ ބޮޑުވައި އިނގިލިން ޝައިނާގެ ތުންފަތުގައި ފިރުމައިލިއެވެ. އެ ތުންފަތުގެ ފިނިކަމާއި އޮމާންކަން އިހުސާސްކުރެވުނު ވަގުތު އޭނާގެ އަރުތެރެ ހިކެމުންދާކަމުގެ އިހުސާސެއް ކުރެވި ހިންދިރުވައިލެވުނެވެ.
“ސޯ ޓެލް މީ.. އަހަރެންނަކީ ހަމައެކަނި ޝައިނާގެ ރައްޓެއްސެއްތަ؟” ޝައިނާއަކަށް އެ ސުވާލުގެ ޖަވާބެއް ނުދެވުނެވެ. “ޝައިނާއަށް ނޭނގެނީތަ އަހަރެންނަށް މިވާވަރު؟ ނޫނީ އެނގިހުރެވެސް އަހަރެން އިމްތިހާނު ކުރަނީތަ؟ އަރ ޔޫ ޓްރައިންގް ޓު ޑްރައިވް މީ އިންސޭން ލަވް؟” ރާހިލް ޝައިނާގެ ކަރުގައި ވަސްގަނެލަމުން ލޯތްބާއެކު ބުންޏެވެ. އެ ނޭވާގެ ހޫނުކަން އިހުސާސްވުމާއެކު ޝައިނާއަށް ދެލޯ މަރައިލެވުނެވެ. ނޭނގި ހުއްޓައި މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ރާހިލް ދެންމެ ބުނި ފަދައިން ރާހިލްގެ ކޮންމެ ބީހުމެއް ދިޔައީ ޝައިނާގެ ހިތް އަވަސް ކުރުވަމުންނެވެ. ޝައިނާއަށް ފަހަތުގައިހުރި ކަބަޑުސެޓުގެ ދާރައިގައި ހިފަހައްޓައިލެވުނެވެ.
“ރާ..ރާހިލް”
“ޗޮކްލެޓްސް.. ޔޫ ސްމެލް ލައިކް ޗޮކްލެޓްސް.. މައި ފޭވްރިޓް” ޝައިނާ ލައިގެންހުރި ޖެކެޓުގެ އެއް އަތް ތިރިއަށް ކަހައިލަމުން ރާހިލް ޝައިނާގެ ކޮނޑުގައި ބޮސްދިނެވެ. އެއާއެކު ޝައިނާގެ ފަރާތުން ލުއި ހީނލުމެއްގެ އަޑު އިވުނެވެ.
“ފޭވްރިޓޭ އަހަރެންނަށް ޔަގީން ރާހިލް ތީ ޗޮކްލެޓް ކާ މީހެއްވެސް ނޫންކަން.. ހެލްތް ފްރީކް” ރާހިލްގެ ބީހުންތަކުގެ ސަބަބުން އަވަސްވެފައިވާ ނޭވާއާއެކު ޝައިނާގެ އަޑު ނުކުންނަނީ ހަމަ ކިރިޔާއެވެ.
“ހޭއި ޗޮކްލެޓް އިޒް ހެލްތީ..” ރާހިލް ބުންޏެވެ. އޭރު އޭނާގެ ހޫނު ތުންފަތް އެއްވެސް ހުރަހަކާނުލައި ޝައިނާގެ ކަރުގައި ބީހެމުން ދިޔައެވެ.
“ރާހިލް ކާން ބޭނުމިއްޔާ ކޮންމެ އެއްޗެެއްވެސް ހެލްތީ ދޯ؟ ދެން ދޫކޮށްލާ.. މީހަކު އަތުވެދާނެ” ޝައިނާ ހާސްވިއެވެ.
“މައި ސިސްޓަރސް ސްލީޕް ލައިކް ޑެޑް.. ބިސައިޑްސް.. އަ ފިއު ކިސަސް އެންޑް ކޮންފެޝަންސް ވޯންޓް ރުއިން އަވަރ ފްރެންޑްޝިޕް ރައިޓް؟” ރާހިލްގެ އަޑުގައިވަނީ މަލާމާތެވެ.
“ރާހިލް.. އެކަމަކުވެސް ދެން ހުއްޓާލާ..” ޝައިނާގެ ބަހާއި އަމަލުން ބުނެދެމުން ދިޔައީ މުޅިން ތަފާތު ދެ ވާހަކައެކެވެ. އޭނާގެ ދުލުން ރާހިލްގާތު ހުއްޓާލަން އެދުނު ކަމަށްވިޔަސް ހަރަކާތްތަކުން ރާހިލްއަށް މަރުހަބާ ކިއެވެ. އޭނާގެ ދެއަތް ރާހިލްގެ ކަނދުރާގައި ވަށައިލިއެވެ. މަޑުމަޑުން ރާހިލްގެ މޫނުގައި އަތް ބީއްސައިލެވުނެވެ. އެ އިޝާރާތުން ރާހިލްގެ ލޯ މެރިގެން ދިޔަތަން ފެނި އެއީ އޭނާއަށް ލިބުނު ދައުވަތެއް ކަމަށް ދެކެވުނެވެ. އަދި ރާހިލްގެ މޫނާ އިތުރަށް ގާތް ވެލިއެވެ.
ޝައިނާގެ އިސްނެގުމާއެކު ދެމީހުންގެ ތުންފަތް ބީހިލި ވަގުތު ރާހިލްއަކަށްވެސް ދެކޮޅެއް ނެހެދުނެވެ. ޝައިނާއަށްޓަކައި އެ ހަށިގަނޑުގައިވާ އެދުން އެނާގެ ހަމަބުއްދީގެ މައްޗަށް ކުރި ހޯދަން ފެށިއެވެ. ވައިރޯޅިއަކަށްވެސް ދަތުރު ނުކުރެވޭނެ ވަރަށް އެދެމެދުގައި އޮތް ހިމަ ޖާގަ ނައްތައިލިއެވެ. ޝައިނާގެ ހަށިގަނޑާ އަމާޒުވާންފެށި އެ އަތުގެ ބީހުންތަކުގައި އޭނާގެ އަމިއްލަ އިހްތިޔާރެއް ނުވާކަހަލައެވެ. އެއިން ކޮންމެ ބީހުމަކަށް މަރުހަބާ ކިޔަމުންދިޔަ ޝައިނާއަށްވެސް ރާހިލް އޭނާއަށް ބޭނުންވެފައިވާ ވަރު އިހުސާސް ކުރެވެމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ޝައިނާގެ ދެތުންފަތް ފޫ އަޅުވައިލައި ނުކުތް ލައްޒަތުގެ އާހާއެކު ރާހިލްއަށް ހަމަބިމަށް ފޭބުނު ކަހަލައެވެ. ސިއްސައިގެންގޮސް ލޯ ހުޅުވައިލަމުން ޝައިނާއާ ދުރަށް ޖެހިލިއެވެ.
“އައި.. އައިމް ސޮރީ ޝައިނާ… އަހަރެންވެސް މިގޮތެއް ބޭނުމެއް ނޫން… އަހަރެން ހާދަ މަސައްކަތް ކުރަމޭ އެބަ ދުރުގަ ހުންނަން… އެކަމަކުވެސް އައި ކާންޓް.. އިޓް ހަރޓްސް ސޯ މަޗް.. އައި ފީލް ސަފޮކޭޓެޑް.. އަހަރެން…” ރާހިލް އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ފުންނޭވާތަކެެއް ލާން ފެށިއެވެ.
“ރާހިލް… ރާހިލް އޯކޭތަ؟” ޝައިނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ. ކުރިއަށް ޖެހިލައި ރާހިލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.
“ހަމަ ނޭނގޭނީތަ؟ ޝައިނާ އަހަރެންނާ ގުޅެން ބޭނުން ނުވަންޏާ ތިގޮތަށް އަހަރެންގެ އިހުސާސްތަކާ ނުކުޅެބަލަ.. ޕްލީޒް ލީވް.. ހެލްޕް މީ ޕްރޮޓެކްޓް މައި ސެނިޓީ” ރާހިލް އޭނާގެ މޫނުގައިވާ ޝައިނާގެ އަތްތިލަ ދުރުކޮށްލިއެވެ. އެއާއެކު ޝައިނާ ރާހިލްގެ ބަސް ގަބޫލުކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ކުއްލިއަކަށް ރާހިލްއަށް އެ އައި ބަދަލެއް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެއްކަމަކު ރާހިލް އެދުނު ގޮތަށް އެތަނުން ދިޔައެވެ.
ޝައިނާ ދިޔުމާއެކު ރާހިލް ކަބަޑުސެޓުގައި އަތް އަޅުވައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެހާ ފަސޭހައިން އޭނާގެ އަމަލުތަކުގެ ލަގަން ދޫވީތީ އެކަމާ އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ދިޔައެވެ. މިހާރު ޝައިނާ އޭނާއާމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދެން ޝައިނާއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ރާހިލްގެ ބޯ ހާސްވިއެވެ. ޝައިނާއާއެކު އެ ހޭދަވެދިޔަ ގާތްގޯޅި ވަގުތުކޮޅުގެ ހަނދާނުން އުނދަގޫވާން ފެށުމާއެކު މާ ގިނައިރު އެތަނުގައި މަޑުނުކޮށް ފެންފުޅި ހިފައިގެން ކޮޓަރިއަށް ދިޔައެވެ.
***********
ރިއާންއަށް ހޭލެވުނީ މެންދުރު ބާރަޖެހުމާ ގާތްވެފައި ވަނިކޮށެވެ. މި އޮވެވެނީ އަމިއްލަ އެޕަރޓްމެންޓްގައި ނޫންކަން އެނގުމާއެކު ފުންމައިގެން އެނދުން ތެދުވެވުނެވެ. އަވަސް އަވަހަށް ފެންވަރައިލައިގެން ޖީންސާއި ޓީޝާޓު ގަޔަށް މަހައިލަމުން ކޮޓަރިން ނުކުތީ ގޭގެ އިތުރު މީހަކަށް ފެނުމުގެ ކުރިން އެގެއިން ނުކުމެވޭތޯއެވެ. ނަމަވެސް ސިޑިން ފައިބައިގެން އައިއިރު ގޭގެ ސުފުރާއާ ދިމާލުންއައި މީރުވަސް ނޭފަތުގައި ޖެހުމާއެކު އޭނާގެ ބަނޑުން އަޑު ކިޔައިލިއެވެ. ރޭގެ ބާބެކިޔުގައިވެސް އޭނާ މާރަނގަޅަކަށް ނުކައެވެ. ނުކައި ހުންނަތާ ސައުވީސް ގަޑިއިރަށްވުރެ ގިނައިރުވެފައިވުމާއެކު ބަނޑުހައިހޫނުކަން އިހުސާސް ކުރެވެމުން ދިޔައެވެ. ރިއާން އޭނާގެ ފިޔަވަޅުތައް ކާގެއާ ދިމާލަށް އަނބުރައިލިއެވެ.
ރިއާން ފެނުމުން ރިޔާޒާއި ޝީރީން ހައިރާންވިއެވެ. އެއީ އެމީހުން އާދޭސް ކޮށްގެން ނޫނީ އެގެއަށް ވަދެލާ މީހެއް ނޫންވިއްޔާއެވެ. އެހެންކަމުން އެދެމީހުނަށްވެސް ތިބެވުނީ ރިއާން ފެނުމުން ބަސްހުއްޓިފައެވެ.
“މޯނިންގް” ރިއާން އެދެމީހުނަށް ބަލައިލުމެއްނެތި ކާމޭޒު ދޮށުގައި އިށީންނަމުން ތަށްޓަށް ކާންއަޅަން ފެށިއެވެ.
“ދަރިފުޅު ބަލީތަ؟” ޝީރީން ކަންބޮޑުވެފައި އަހައިލިއެވެ. ރިއާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ރިއާންގެ ކެއުމުގައިހުރި އަވަސްކަން ފެނި ޝީރީނަށް ރިއާން ބަނޑުހައިވެފައިވާ މިންވަރު ދެނެގަނެވުނެވެ. އޭނާ ރިއާންއަށް ޖޫސް ތަށްޓެއް އަޅައިދިނުނަށްފަހު މޭޒުގެ ދުރުގައިހުރި ތަށިތައްވެސް ރިއާންއާ ގާތަށް ޖައްސައިދިނެވެ.
“ކޮބާ އެއްކަލަ ކަން-” ރިޔާޒްގެ ވާހަކަ މެދުކެނޑުނީ ކައިރީގައި އިން ޝީރީން ރިޔާޒަށް ލޯ އަޅައިލުމުންނެވެ. ރިއާން ކެއުން ހުއްޓައިލައިފާނެކަމުގެ ބިރުގައި ރިއާން ކައި ނިމުމުގެ ކުރިން އެއްވެސް ވާހަކައެއް ނުފެށުމަށް ޝީރީން އިޝާރާތް ކުރިއެވެ. ރިޔާޒް އެކަމާ އެއްބަސްވެ ބޯ ޖަހައިލިއެވެ. އަދި ރިއާން ކައި ނިމެންދެން މަޑުކޮށްލިއެވެ.
“ކީކޭ؟” ރިއާން ކައި ނިންމައިލުމަށްފަހު އެއް ނޭވާއިން ފެންތަށި ދަމައިލަމުން އެއްފަހަރު ރިޔާޒަށް އަނެއްފަހަރު ޝީރީނަށް ބަލައިލިއެވެ. “އެއްޗެއް ބުނާކަށްނު އުޅުނީ؟ އަހަރެން މީނީ އަޑު އަހަން” ރިއާން ބުންޏެވެ.
“ދައްކަން އުޅުނީ ކުރީރޭވެސް ދެއްކި ވާހަކަ” ރިޔާޒް ބުންޏެވެ.
“ރިއާން.. ރިއާން ހީކުރީ ރިއާންގެ ތި އެކަނިވެރިކަން އަހަރެމެން ދެމަފިރިންނަށް ނުފެންނަ ކަމަށްތަ؟ ދަރިފުޅު އުފަލުގަ ހުންނަން އަހަރުމެން ހާދަ ބޭނުންވެޔޭ.. މިއީ ހަމަ ދަރިފުޅަށް ރަނގަޅަކަށް ދައްކާ ވާހަކައެއް” ޝީރީން މަޑުމައިތިރިކަމާއެކު ރިއާންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“އަހަރެންގެ މައްސަލައެއް ނެތް! ދައްތަމެނަށް ފެންނަ ކުއްޖަކު ހޯދާފަ ހުރިހާ ކަމެއް ހަމަޖައްސާ. އަހަރެންގެ ވަކި ޝަރުތެއް ނެތް. ކޮންމެ މީހެއްވިޔަސް ހެޔޮ” ރިއާން ކޮޅަށް ތެދުވެ ނެޕްކިން މޭޒުމަތީގައި ބާއްވައިލިއެވެ. އޭނާގެ ރައްދު އިވުނުހިނދު ޝީރީންގެ އިތުރުން ރިޔާޒްގެ މޫނުމަތީގައިވެސް ސުވާލުމާކު ޖެހުނެވެ. ރިއާންގެ ހިޔާލު އެހާ އަވަހަށް ބަދަލުވާން މެދުވެރިވީ ކޮން ސަބަބެއް ބާއެވެ؟
“މިވަގުތަށް ގޮސްލީ. ޖޫލީ.. ދަނީ އެނގޭ” ރިއާން ޖޫލިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Aaaaahhhhh i can’t wait for both of them to knwwwwwww
❤️❤️❤️
This is so sweet. Love this story at the beginning. I think shaina loves raahil. But goiy dhoo nukuran vegen hunnany. Dhen zeeva and riaan omg can’t wait to see both of them to know they are getting married. When is next part. Please avahah submit kolla dhehchey. Can’t wait hama!!
Its now up!!