Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ 14 (ފަހު ބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 21, 2016 14 Mins Read
22 Comments

ފެނުނު މަންޒަރަށް ފަހު މަގުމަތިން ހިނގާފައި ގެއާ ހަމައަށް ނުރޮއެ އާދެވުނީ ކިހިނެއްބާއޭ އިފާޝާ ހިތަށް އެރީ ގެއަށް ވަދެވުމުންނެވެ. ގެއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އެހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އިފާޝާގެ ލޮލުން ފައިބައިގަތެވެ. ދުވެފައި ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ދިހަވަރަކަށް މިނެޓް ވަންދެން އިފާޝާ ބާރަށް ރުޔެވެ. ކުޑަ ދުވަސްކޮޅެއް ކުރިން ފެނުނު މަންޒަރަކީ ހަގީގަތެއް ނޫންކަމަށް ހިތަށް ވިސްނައިދީ އެގޮތަށް ނިންމި ނަމަވެސް އެދުވަހު ފެނުނު މަންޒަރާ މެދު އަމިއްލަ ހިތަށް އޮޅުވާލާނެ ގޮތެއް އިފާޝާއަކަށް ނުވިސްނުނެވެ. ހަމަ އެހެން އެރޭ ހިތަށް ވެރިވި ޚިޔާލަކީ ތެދަކަށް ވެދާނެ ކަމަށް ގަތް ބިރަކީވެސް ހަގީގަތަކަށް ވެގެން ދިޔައީއެވެ.

އިފާޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީއެވެ. ހިތާހިތާ ކިތަންމެ ޝަކުވާއެއް ކުރެވުނު ނަމަވެސް އެކަމުގައި ޒިޔާންގެ ކުށެއް ނެތެވެ. ޒިޔާން އިފާޝާއާ ކައިވެނި ކުރީ ހަމައެކަނި އާމިރުގެ އެދުމަށެވެ. އެތައް ދުވަހެއް ވަންދެން ދުރުގައި ތިބުމަށްފަހު ޒިޔާން އިފާޝާއަށް ބޭނުން ވާކަން އެނގި ހަގީގީ މާނައިގައި އެކައިވެނި ކައިވެންޏަކަށް ވީނަމަވެސް ޒިޔާންގެ ހިތުން ޚާއްސަ މަގާމެއް އިފާޝާއަށް ދިންކަން ދޭހަވާ ފަދަ ކަމެއް ޒިޔާން ނުކުރެއެވެ. ނުވަތަ މުޅި އުމުރަށް ހަމައެކަނި އިފާޝާގެ މީހަކަށް ވުމަށް ޒިޔާން އެއްބަހެއް ނުވެއެވެ. ހަމަ އެހެން އިފާޝާގެ ފަރާތުން ވެސް އެފަދަ ކަމަކަށް ޒިޔާން ނޭދެއެވެ.

ވީއިރު މިއަދު ޒިޔާން އެހެން މީހަކާ ގުޅެން ބޭނުންވި ނަމަވެސް އިފާޝާ ޝަކުވާ ކުރާކަށް ނުޖެހެއެވެ. ޒިޔާން ކުރަން ބޭނުން ކަމަކަށް ހުރަސް އަޅާކަށްވެސް އިފާޝާއަކަށް ނުޖެހެއެވެ. ދެމީހުން އެކުގައި ދިރިއުޅެން އޮތީ އެހާތަނާ ހަމައަށް ކަމުގައި ވާނަމަ އިފާޝާ އެގޮތާ ގަބޫލެވެ. ޒިޔާން ބޭނުން ގޮތަކަށް ނިންމުމުގެ މިނިވަންކަން އިފާޝާ ޒިޔާންއަށް ދޭނެއެވެ.

ނަމަވެސް އިފާޝާގެ ހިތުގައި ޝަކުވާއެއް ވިއެވެ. އެހެން ދިރިއުޅުމެއް ފަށަން ޒިޔާން ބޭނުންވި އިރު އެކަން އިފާޝާއަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟ އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް ކަމަށް ދެކި އެކަން އިފާޝާއާ ހިއްސާ ނުކުރީ ކީއްވެ ހެއްޔެވެ؟ އެހާ ސިއްރުން އުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޒިޔާންއާ ރާއިނާގެ ގުޅުން ނިހާޔާއަށްވެސް އެނގިފައި ނުވާކަން އިފާޝާއަށް ޔަގީނެވެ. އެހެން ނޫންނަމަ އެވަގުތު ނިހާޔާގެ މޫނުމަތިން އެފަދަ ހައިރާން ކަމެއް ނުފެނުނީހެވެ.

ކޮންމެ ގޮތެއްވިޔަސް، ހިތުގައި އެތައް ޝަކުވާއެއް ވީ ނަމަވެސް އިފާޝާ ޒިޔާން ގާތު އެފަދަ ބަހެއް ނުބުނާނެއެވެ. އެހެން ނަމަވެސް މިއަދު އެފެނުނު މަންޒަރަށް ފަހު، އިފާޝާއަށް ހުރިހާ ކަމެއް އެނގުމަށް ފަހު އިފާޝާ އެވާހަކަ ޒިޔާންއާ ދައްކާނެއެވެ.

އެހެން ހިތަށް އެރުމާއެކު އެހެން ފަހަރަކަށް އެވާހަކަ ފަސްކޮށްލުމަށް އިފާޝާގެ ހިތް ނަސޭހަތްތެރިވިއެވެ. ސިކުންތަކަށް ހިތާ އެއްބަސް ވީނަމަވެސް އިފާޝާ ވިސްނާލިއެވެ. އެވާހަކަ ނުދައްކާ ފަސްކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ނޫނެކެވެ. ޒިޔާންއާ ވާހަކަ ދައްކާނީ މިރެއެވެ. މިވަގުތުއެވެ.

އިސްތިރިކޮށް ނިންމާލި ގަމީސް ކޮނޑުގައި އަޅުވާލާފައި އިސްތިރީގެ ސްވިޗް އޮފްކޮށްލި އިފާޝާ ފުން ނޭވައެއް ދޫކޮށްލާފައި އެނބުރުނެވެ.

އިފާޝާގެ މިޒާޖަށް އެރޭ ބަދަލެއް އައިސްފައި ވާކަން ޔަގީންވި ޒިޔާން އޭރު ހުރީ ވީގޮތެއް ނުވިސްނިފައި އިފާޝާއަށް ބަލާށެވެ. އިފާޝާ ޒިޔާންއާ ކުރިމަތިވާ ގޮތަށް އެނބުރުމާ އެކު ޒިޔާން އިފާޝާ ގާތަށް ޖެހިލިއެވެ.

“ޒިޔާން…” އިފާޝާ އެއްޗެއް ބުނަން އުޅުނު ނަމަވެސް ޒިޔާން އެ ފުރުސަތެއް ނުދިނެވެ. ދެއަތުގެ ތެރޭގައި އިފާޝާގެ ހަށިގަނޑު ހިފަހައްޓާލަމުން ޒިޔާން އިފާޝާގެ މޫނާ ޒިޔާންގެ މޫނު ކައިރިކޮށްލިއެވެ.

ޒިޔާންގެ ދެއަތުގެ ތެރޭ، އެނޭވާގައި ވިރިގެން ދާން ބޭނުންވި ނަމަވެސް އިފާޝާ މަޑުމަޑުން ޒިޔާން ގެ މޫނާ މޫނު ދުރުކޮށްލިއެވެ. އަދި އިސްޖަހާލަމުން ޒިޔާންގެ މޭގައި ނިތްކުރި ޖައްސާލިއެވެ.

“އިފާ، ކިހިނެއް ވެފަ ތިހިރީ މިރޭ؟ ބަލީތަ؟” އިފާޝާ ބަލީކަމަށް ޔަގީން ކުރަމުން ޒިޔާން އިފާޝާގެ ބޮލުގައި ފިރުމާލާފައި އެހިއެވެ.

“ބައްޔެއް ނޫން.” އިފާޝާ މަޑުމައިތިރި އަޑަކުން ޖަވާބު ދިނެވެ.

“ދެން ކހިނެއް ވީ؟ މިރޭ އިފާ ހާދަ ތަފާތޭ. ކަމަކާ ކަންބޮޑު ވެފަތަ؟ ނޫނީ ހިތްހަމަ ނުޖެހިފަތަ؟” އެދުވަހު އޮފީސް ތެރޭގައި ޒިޔާންއާ ރާއިނާ އާ މެދު ހިނގި އެއްވެސް ކަމެއް އިފާޝާއަށް އެނގިދާނެ ކަމަށް ހީވެސް ކުރެވިފައި ނުވާތީ އިފާޝާގެ މިޒާޖަށް އައިސްފައިވާ އެބަދަލު ކޮންމެވެސް އެހެން ކަމަކާ ގުޅިފައިވާ ކަމަށް ޒިޔާން ޔަގީން ކުރިއެވެ.

ޒިޔާންގެ އެ ސުވާލަށް އިފާޝާ ޖަވާބެއް ނުދެއެވެ.

އެވަގުތު ޒިޔާންގެ ހިތަށް އެހެން ޚިޔާލެއް ވެރިވިއެވެ.

“މިއަދު އެނީގެ ކާފަމެންނާ ދިމާވީތަ؟ ޝާއިރާއްތަ އެއްޗެއް ބުނީތަ؟” އިފާޝާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލަމުން ޒިޔާން ސުވާލު ކޮށްލިއެވެ.

“ނޫން” ދެފަރާތަށް ބޯ ހަލުވާލަމުން އިފާޝާ ބުންޏެވެ.

“ދެން؟ ގައިމުވެސް ކޮންމެވެސް ކަމެއް ވެއްޖެ. ބުނެބަލަ އިފާ!” ޒިޔާން އިފާޝާގެ މޫނުގައި އެއްފަރާތުން އެއް އަތުން މަޑުމަޑުން ހިފާލިއެވެ.

ޒިޔާންއާ ހަތަރުކަޅި ހަމަކޮށް އިރުކޮޅަކު އެހެން އެ ލޮލަށް ބަލަން ހުރެފައި އިފާޝާގެ މޫނުގައި ޒިޔާން ހިފާފައިވާ އަތްމަތީ އިފާޝާ އަތް ބާއްވާލިއެވެ.

“އެނގޭ މިރޭ، މިވަގުތަކީ މިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަން، އެކަމަކު…

އާމިރުގެ އެދުމަކަށް ވިޔަސް، ޒާއަށްޓަކާ ވިޔަސް، ޒިޔާންއާ އަހަރެންގެ ކައިވެނީގެ ވާހަކަ އެހާ ރީތިކޮށް އަހަންނާ އޭރު ދެއްކި ގޮތަށް، މިހާރު ޒިޔާން އެހެން ކައިވެންޏެއް ކުރަން ބޭނުން ވާހަކަ ކީއްވެ އަހަރެން ކައިރީ ނުބުނީ؟” އިފާޝާ އެންމެ ފަހުން ހިތުގައިވި އެއްޗެއް ޒިޔާންއަށް އެންގިއެވެ.

އިފާޝާ އެކުރި ސުވާލަކުން ފުރަތަމަ ޒިޔާންއަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. ލޯ ހަނިކޮށް، ސިކުނޑިއަށް ބާރުލާފައި ވިސްނާލުމުންވެސް، އިފާޝާ އެބުނި އެއްޗެއް ވިސްނެން ޒިޔާންއަށް ވަގުތުކޮޅެއް ބެނުންވިއެވެ. އެއާއެކު ޒިޔާން ގާތަށް އައީ ހިންޏެވެ.

“ތީ ކިހިނެއް އިފާ ހިތަށް އެރި އެއްޗެއް؟” ލުއި ހުނުމަކާއެކު އިފާޝާގެ ނޭފަތުގައި ހިފާލަމުން ޒިޔާންއަށް އަހާލެވުނެވެ.

“ޕްލީޒް ޒިޔާން، މީ ސަމާސާއެއް ނޫން. ސީރިއަސް ވެބަލަ!” ހިތްހަމަ ނުޖެހިފައި ޒިޔާންގެ އަތުގައި ހިފާ ދުރުކޮށްލަމުން އިފާޝާ ބުނެލިއެވެ.

“އަހަރެން ސީރިއަސްއޭ. އިފާ ކައިރީ ކާކު ބުނި އެއްޗެއް ތީ؟” އިފާޝާ ވާހަކަ ދައްކަނީ ސަމާސާއަކަށް ނޫންކަން ވިސްނުމުން  ޒިޔާންވެސް ސީރިއަސް ވިއެވެ.

“މީހަކު ބުނެގެނެއް ނޫން، އަހަރެން ދުށީމޭ ޒިޔާން. ކީއްވެތަ ނުބުނަން ތިއުޅެނީ؟ އަހަރެން އެއްވެސް މައްސަލައެއް ނުޖައްސާނަމޭ ޒިޔާން އެހެން މީހަކާ އިންނަން އުޅުނަކަސް، އެކަމަކު ކީއްވެ ޒިޔާން ސިއްރު ކުރީ؟ ކީއްވެތަ ފުރަތަމަވެސް ނުބުނީ؟” އިފާޝާ ޒިޔާންގެ މޭގައި ދެއަތް ޖައްސާލަމުން ވާހަކަ ދެއްކި އިރު އެ ދެލޮލުގައިވި ޝަކުވާ ޒިޔާންއަށް ފެނުނެވެ.

އެދުވަހުގެ އެމަންޒަރު އިފާޝާއަށް ފެނުނޭ ޒިޔާންގެ ހިތަށް އެރީ އެވަގުތުއެވެ.

“އިފާ އޭރު ފަހުން އޮފީހަށް އައިން ދޯ؟” އެސުވާލު ކުރި ނަމަވެސް ޒިޔާންއަށް ޖަވާބުވެސް އެނގެއެވެ.

އިސްޖަހާލަމުން އިފާޝާ ބޯޖަހާލިއެވެ. އަދި ޒިޔާންގެ މޭގައި ޖައްސާލައިގެން ހުރި ދެއަތްތިލަ ތިރިކޮށްލަމުން ޒިޔާންއާ ދުރަށް، ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ.

ޒިޔާން ކުއްލިއަކަށް އިފާޝާގެ ދެއަތްތިލައިގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ. އަދި އިފާޝާއާ ކައިރިއަށް ޖެހިލިއެވެ.

އެމަންޒަރު ފެނުނު އިފާޝާ، އޮފީހުން ނިކުމެގެން ދާނީ ކިހާ ހިސާބަކުން ކަން ޒިޔާންއަށް ވިސްނުނެވެ. އެއާއެކު ވިސްނާލެވުނީ އިފާޝާގެ ހިތުގައިވި ޝައްކު ފިލުވާލާނެ ގޮތަކާއި މެދުގައެވެ. އިފާޝާއަށް ޒިޔާން ބުނާ އެއްޗެއް ގަބޫލު ކުރަން ދަތިވާނެކަން ޒިޔާންއަށް އެނގެއެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެޝައްކު ފިލުވަން ޒިޔާން ބޭނުންވިއެވެ.

“އިފާ، އެއީ ހަގީގަތެއް ނޫން. އަހަރެން މި ބުނަނީ އިފާއަށް ފެނުނީ ނުހިނގާ ކަމެކޭ ނޫން، އެކަމަކު… އިފާ އެތަނުން ދިޔުމުގެ ކުރިން އަދި ހަމަ ކުޑަ އިރުކޮޅަކު މަޑުކޮށްލި ނަމަ އެނގުނީސް އަސްލު ކަންތައް ވީގޮތް…” ޒިޔާން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

“ނޫން ޒިޔާން، ކުރީރޭ، ޒިޔާން ރާއިނާއާ އެކީ ކާންދިޔަ ރޭވެސް އަހަރެން ދުށިން. ދެމީހުން ސައިކަލުގައި ތިބިގޮތް… އޭނަ އިނީ ޒިޔާންގެ ގައިގަ ތަތް ވެގެން… މިއަދުވެސް އަހަންނަށް ފެނުނޭ ޒިޔާން އޭނަ ގައިގަ ބައްދައިގެން ހުރިގޮތް… އޭނަޔާ ޒިޔާން…” އިފާޝާއަކަށް އިތުރަކަށް ނުބުނެވުނެވެ. އެވަރަށްވެސް އިފާޝާ ބުނީ އެމަންޒަރު އިފާޝާއަށް ސާފުކޮށް ފެނުނުކަން ޒިޔާންއަށް އަންގަން ވެގެންނެވެ.

“އިފާ، ފެންނަ ކޮންމެ މަންޒަރަކީ ތެދަކަށް ނުވާނެ. އެކަން އެނގުނީސް އިފާ އެތާ އަދި ފަސް ސިކުންތު އިތުރަށް މަޑުކޮށްލި ނަމަވެސް، ޕްލީޒް… ގަބޫލު ކޮށްބަލަ!” ޒިޔާން އިފާޝާގެ ދެއަތްތިލައިގައި ބޮސްދެމުން ބުންޏެވެ.

“އަހަންނަށް އެކަންޏެއް ނޫނޭ ފެނުނީ، ނިހާއަށްވެސް ފެނުނު. އެހެން ނޫނަސް އަހަންނަށް ފެނުން އެއީ މައްސަލައެއް ނޫނޭ. އެކަހަލަ ކަމެއް ޒިޔާންއާ ރާއިނާގެ މެދުގަ ވުމަކީވެސް މައްސަލައެއް ނޫން. އަހަންނަށް އެއްވެސް މައްސަލައެއް ނެތް ޒިޔާން ރާއިނާއާ އިނަސް. ޒިޔާން ބޭނުމިއްޔާ… އަހަރެން… އަހަރެން ވަރި ކުރިޔަސް އެންމެ ރަނގަޅު.” އިފާޝާއަށް އެހިސާބަށް ބުނެވުނު އިރަށް ޒިޔާން އިފާޝާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

“ދެން ހެޔޮ! ދެން އިފާ އަޑުއަހާ. އަހަރެން ނޫޅެން އެހެން މީހަކާ އިންނާކަށް. ރާއިނާ އަކާވެސް، އަދި އެހެން މީހަކާވެސް… އަހަރެން ބޭނުމީ މަރުވަންދެންވެސް އިފާގެ ފިރިމީހާގެ ގޮތުގަ ހުންނަން. އިފާ ނޫން އެހެން މީހަކު ދެން އަހަރެންގެ އަނތްބަކަށް ހަދާކަށް ބޭނުމެއް ނޫން.” ޒިޔާން އިފާޝާގެ ދެކޮނޑުގައި ހިފަހައްޓައިގެން އިފާޝާއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ ބުންޏެވެ.

“ކީއްވެ؟ އަހަންނާ އިނދެގެން ހުރެ އެގޮތަށް ޒިޔާން އުޅުން… ގަބޫލެއް ނުކުރެވޭ… ޒިޔާން އަކީ އެކަހަލަ މީހެއް ނޫން” އިފާޝާއަށް ގަބޫލު ކުރަން ދަތިވިއެވެ.

“އަހަންނަކީ އެކަހަލަ މީހެއް ނޫނޭ އިފާ. އަހަރެން އެހެން މީހަކާ އިންނާކަށްވެސް ބޭނުމެއް ނޫން، އެހެން އަންހެނަކާ އެކަހަލަ ގުޅުމެއް ބާއްވާކަށް ވެސް ބޭނުމެއް ނޫން. އިފާ ނޫން އެހެން މީހަކާ މެދު ދެން އަހަންނަށް އެކަހަލަ ގޮތަކަށް ނުވެސް ވިސްނޭނެ. އެނގޭތަ ކީއްވެ ކަން؟ އަހަރެން އިފާދެކެ ލޯބިވާތީ… އަހަރެން އިފާދެކެ ލޯބިވާތީ” ޒިޔާން ފަހު ޖުމްލަ ތަކުރާރު ކޮށްލިއެވެ.

ޒިޔާން ދެއްކި ވާހަކަ އިފާޝާއަށް އަޑުއިވުނެވެ. ނަމަވެސް ގަބޫލު ކުރަން ދަތިވިއެވެ. ހައިރާންވެފައި ޒިޔާންގެ މޫނަށް ބަލަހައްޓައިގެން އިފާޝާއަށް ހުރެވުނެވެ.

“އަހަރެން ދެކެ ލޯބިވެޔޭ؟” އިފާޝާއަށް އަހާލެވުނީ އިރުކޮޅެއް ފަހުންނެވެ.

“އާނ! އަހަރެން އިފާދެކެ ލޯބިވޭ. ވަރަށް ލޯބިވޭ.” ބޯ ޖަހާލަމުން ޒިޔާން އަނެއްކާވެސް ބުންޏެވެ.

“ދެން… ކީއްވެ…؟” އިފާޝާ ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލި ނަމަވެސް ޒިޔާންއަށް ވިސްނުނެވެ. އިފާޝާގެ އަތުގައި ހިފައިގެން ގޮސް ޒިޔާން އެނދުގައި އިށީނެވެ. ފެށުނީއްސުރެ ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ފުރަތަމަ އޮފީހަށް ވަންގޮތަށް ރާއިނާ އުޅުނު ގޮތެވެ. އެވާހަކަ ނިހާޔާއާ ހިއްސާ ކުރި ގޮތެވެ. ފަހުން ރާއިނާ ބަދަލުވި ގޮތެވެ. ޒިޔާންއަށް އެހެން ހީކުރެވުނު ސަބަބެވެ. އަދި އެދުވަހު ކަންތައް ވީ ގޮތާއި ޒިޔާން ކަންތައް ކުރި ގޮތެވެ.

“ގަބޫލު ކުރެވޭތަ އިފާ؟” ޒިޔާން އަހާލިއެވެ.

ޒިޔާންއާ މެދު ހިތުގައިވި ހުރިހާ ޝައްކާއި ޝަކުވާއެއް ފިލާ، ހިތް ސާފުވުމާއެކު އިފާޝާގެ ހިތުގައިވި ލޯބި އެތައް ގުނައެއް އިތުރު ވެގެން ދިޔަ ކަހަލައެވެ. ޒިޔާންވެސް އިފާޝާދެކެ ލޯބިވާކަން އެނގުމުން އިފާޝާ ބޭނުންވީ ޒިޔާންދެކެ ލޯބިވާކަން ހާމަ ކުރާށެވެ. ނަމަވެސް ކުއްލިއަކަށް ބުނާކަށްވެސް ނުކެރުނެވެ.

އިފާޝާ ޒިޔާންގެ އަތްތިލައިގައި ހިފާ ގެނެސް ތުންފަތް ޖައްސާލިއެވެ.

“ސޮރީ!” އިފާޝާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ލޮލުން ކަރުނަ އައީ ޒިޔާންއާމެދު ޝައްކު ނުކުރުމަށް ހިތް ގޮވަގޮވާ އޮތްއިރުވެސް ޝައްކު ކުރެވުނީތީއެވެ.

“އިފާ މާފަށް އެދޭކަށް ނުޖެހޭ. އެގޮތަށް ފެނުނީމަ ކޮންމެ މީހަކަށްވެސް ހީވާނީ އެހެން.” އިފާޝާގެ ލޯ ފޮހެދެމުން ޒިޔާން ބުންނެވެ.

އިފާޝާ އެއްޗެއް ނުބުނެ ޒިޔާންގެ މޫނުގައި އެއްއަތް ޖައްސާލިއެވެ. ޒިޔާން އެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

“އަހަރެން ވަރަށް ލޯބިވޭ އިފާދެކެ… ވަރަށް ލޯބިވޭ.” ޒިޔާން ބުންޏެވެ.

“ކީއްވެ ކުރިން ނުބުނީ؟” އިފާޝާ އަހާލިއެވެ.

“އިފާވެސް ނުބުނަމެއްނު؟” ހުނުމަކާ އެކު ޒިޔާން ބުންޏެވެ.

“އަހަންނަށް ނުކެރުނީ… ހިތަށް އެރީ ޒިޔާން ލޯބި ނުވާއިރު އަހަރެން އެހެން ބުނީމަ…” ޒިޔާންދެކެ ލޯބިވާ ކަމަށް ސީދާ ބަހުން ނޫނަސް، އެއްބަސް ވެވުނުކަން އިހުސާސް ކުރެވުމާއެކު އިފާޝާގެ ވާހަކަ މެދުކެނޑުނެވެ. ކުއްލިއަކަށް ޒިޔާންގެ މޫނަށް ބަލާލި އިރު ހިނި އައިސްފައި އިން ޒިޔާން ފެނުމުން އިފާޝާގެ މޫނު ލަދުން ރަތްވެގެން ދިޔުމާއެކު އިފާޝާ އިސްޖަހާލިއެވެ.

“އެހެން ބުނަންވެސް ތިހާ ލަދު ގަނޭތަ؟” އިފާޝާގެ ދަތްދޮޅީގައި އަތް ޖައްސާލަމުން ޒިޔާން އަހާލިއިރު ހަނދާންވީ މާޔާ ޒިޔާން ދެކެ ލޯބިވާކަން އަންގައިދޭ ގޮތެވެ. ދުލުން ބުނެލާ ގޮތާއި އަމަލުން ދައްކާ ގޮތެވެ. މާޔާގެ އެ ފަސްނުޖެހުން ޒިޔާންއަށް ކަމުދިޔަ ގޮތަށް އިފާޝާގެ ލަދުވެތިކަންވެސް ޒިޔާންއަށް ކަމުދިޔައެވެ. ހަމަ އެހެން ފުރަތަމަ ފެނިލުމުންވެސް އާމިރުގެ ހިތް އިފާޝާއަށް ހަދިޔާ ކުރެވުނީ ކީއްވެ ކަންވެސް ޒިޔާންއަށް ވިސްނުނެވެ.

“އިފާ އަހަރެންދެކެ ލޯބިވެޔޭ ބުނާއަޑު ވަރަށް އަހާލާ ހިތްވޭ.” ޒިޔާން އިފާޝާގެ ކަންފަތް ކައިރީ ތުންފަތް ޖައްސާލާފައި ބުންޏެވެ.

“ނުބުންޏަސް ޒިޔާންއަށް އެނގެއެއްނު” ކުރެވުނު އިހުސާސާއެކު ލޯ މަރާލެވުނު އިފާޝާ ބުންޏެވެ.

“އެކަމަކުވެސް ބުނެބަލަ. އުނދަގުލެއް ނުވާނެ ބުނާކަށް. ބުނޭ، ޒިޔާން، އައި ލަވް ޔޫ… އެހެން… އެންމެ ތްރީ ވަރޑްސް…” ޒިޔާން އެހެން ބުނިއިރު އިފާޝާގެ ތުންފަތާ ދާދި ކައިރިން ޒިޔާންގެ ނޭވާ އިފާޝާއަށް އިހުސާސް ކުރެވުނެވެ. ހަމަ އެއާއެކު ޒިޔާންގެ ދެއަތްތިލައިގެ ބީހުން އިހުސާސް ކުރެވުމާއެކު އިފާޝާގެ ތުންފަތް ހަރަކާތް ކުރީ އިފާޝާގެ ބާރުގައެއް ނޫނޭ ހީވިއެވެ.

“ޒިޔާން، އައި ލަވް ޔޫ…” އިފާޝާ މަޑުމަޑުން ބުންޏެވެ. އެ ބަސްކޮޅާއެކު އިފާޝާއަށް ޒިޔާންއާ ދިމާއަށް މޫނު އަނބުރާލެވުނީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ.

އިފާޝާގެ ދުލުން ބުނެވުނު ޖުމްލައާ، އިފާޝާގެ އެ ހަރަކާތާއެކު ޒިޔާންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް އިފާޝާގެ ބާރުގެ ދަށަށް ދިޔަފަދައެވެ. ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ގެއްލިފައި އިރުކޮޅަކު ތިއްބެވެ.

“ޒިޔާން… ހަތްގަޑި ބައިވެއްޖެ…” ފާރުގައި ހުރި ގަޑި ފެނުމުން އިފާޝާއަށް ކުއްލިއަކަށް އެހެން ބުނެވުނީ އެރޭ އޮތް ހަފްލާއަށް އަށެއް ޖަހާއިރަށް ދާން އޮތްކަން ހަނދާން ވުމުންނެވެ.

“ހެޔޮ… ތަންކޮޅެއް ލަސްވިޔަސް ރަނގަޅު ވާނެ، ފަހުން ނިހާއަށް ގުޅާލާފަ ބުނާނީ” އެވަގުތުކޮޅަށް ނިމުން ގެންނާކަށް ޒިޔާން އަދި ބޭނުމެއް ނޫނެވެ. ޒިޔާންއާ ދުރަށް ދާނެ ފުރުސަތެއް ނުދީ ޒިޔާން އަނެއްކާވެސް އިފާޝާ ގެނެސް ދެއަތުގެ ތެރޭ ފޮރުވާލިއެވެ.

އަށެއް ޖެހިތަނާ ޒިޔާންގެ ފޯން ރިންގްވިއެވެ. ނޭވާ ހަމައަކަށް އެޅެމުން ދިޔާ ޒިޔާން ބޯހިއްލާ ސައިޑް ޓޭބަލް މަތީ އޮތް ފޯން ނަގާ ބަލާލިއެވެ. ނިހާޔާގެ ނަން އަރާފައި އޮތުމުން އިފާޝާ ގާތު ނިހާޔާގެ ފޯނެކޭ ބުނެފައި ޒިޔާން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ޒިޔާން، އަށެއް ޖެހީއޭ، ކޮންތާކު ތިހިރީ؟” ހާސްވެފައި ނިހާޔާ އެހިއެވެ.

“ނިހާ، އަދި ބައިގަޑިއެއް ހާއިރު ވަންދެން ނިހާ ތިކޮޅު ހަމަ ޖައްސާލާ. އަހަރުމެން އެބަ ދަން.” ޒިޔާން ބުންޏެވެ.

“ކޮން ތާކުތަ ތިހިރީ؟ ރާއިނާވެސް ނާދޭ. ޒިޔާންގެ ހަބަރެއް ނުވޭ. އިފާ ކޮބާ؟” އެސުވާލުތައް ކުރި އިރު ނިހާޔާގެ އަޑުގައިވި ނުރުހުން ޒިޔާންއަށް ފާހަގަ ކުރެވުނެވެ.

“ރާއިނާ ހިއެއްނުވޭ ދާނެ ހެންނެއް. އަހަރެން ހިއެއް ނުކުރަން ފެންނަ ކޮންމެ މަންޒަރަކީ ތެދު ކަމަށް ނިހާ ގަބޫލު ކޮށްފާނެ ކަމަކަށް” ޒިޔާން ބުންޏެވެ.

އެހާއިރު ޒިޔާންގެ މޭގައި ފިރުމާލަ ފިރުމާލާ އޮތް އިފާޝާ، ޒިޔާން ރާއިނާގެ ނަން ބުނި އަޑު އިވުމުން މަޑުމަޑުން ތެދުވަން އުޅުނެވެ. ޒިޔާންވެސް އިފާޝާއާ ދުރުވެލާ ތެދުވެ ހެޑްބޯޑްގައި ބުރަކަށި ޖައްސާލިއެވެ.

“އަހަންނަށްވެސް ގަބޫލު ކުރަން ދަތިވިޔޭ. އެކަމަކު މިވަގުތު ޒިޔާން އިހަށް ބަލާ ތިދޭ އެކްސްޕްލެނޭޝަންއެއް އިފާއަށް ދެވޭތޯ.” ނިހާޔާގެ އަޑުގައިވި ނުރުހުން ކޮންމެވެސް ވަރަކަށް ފިލީ ޒިޔާން ބުނި ގޮތުންނެވެ.

“ނޫނޭ. އިރުކޮޅަކަށްވެސް އެކަކުވެސް އެ މަންޒަރާމެދު ހިތުގަ ޝައްކެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން.” ޒިޔާން ބުންޏެވެ.

އެވަގުތު އެނދުން ފައިބަން އުޅުނު އިފާޝާގެ އަތުގައި ޒިޔާން ހިފެހެއްޓިއެވެ. އިފާޝާ ބަލާލުމުން ޒިޔާން ފޯން ކަންފަތުގައި ޖައްސައިގެން އިނދެ އިފާޝާގެ ކޮނޑުގައި ބޮސްދިނެވެ.

“އިފާ ކޮބާ؟” ނިހާޔާ އެހިއެވެ.

“އިފާ މީނީ އަހަރެން ކައިރީގަ. އަހަރުމެން އެވާހަކަ ދައްކައިފިން. މިހާރު އަހަރުމެންގެ މެދުގަ އެއްވެސް ސިއްރެއް ނެތް.” އެހެން ބުނެފައި އެދުވަހު ވީ ކަންތައް ވީހާވެސް ކުރުކޮށް ޒިޔާން ނިހާޔާއަށް ކިޔައިދިނެވެ.

“އެހެންވެ ދޯ ރާއިނާ ނައީ؟ އަހަރެން ވަރަށް އުފާވެއްޖެ. ކޮންގްރާ ތި ދެމީހުންނަށް… އެއްގޮތަކުން ބުނާނަމަ ނިއު ލައިފްއަށް. ދެން އަވަހަށް އާދޭ. ޒިޔާންއާ އިފާ ނައިސްގެން އެންމެން ސުވާލު ކުރޭ އެބަ.” ނިހާޔާ ބުންޏެވެ.

“އާނ! މިދަނީ. އަދި ބައިގަޑިއެއް ހާއިރު ވާނެ. އެހާ އިރު ވަންދެން ނިހާ ތިކޮޅު ހަމަޖައްސާލާ” ފޯން ކަނޑާލުމުގެ ކުރިން ޒިޔާން ބުންޏެވެ.

އެރޭ އެ ހަފްލާއަށް ފުރަތަމަ ދާން ނިންމީ ޒިޔާންއާ އިފާޝާ އެކަނި ނަމަވެސް ފަހުން ދިޔައީ ސަނާއާ ދެކުދިންވެސް ގޮވައިގެންނެވެ. ރާވާފައި ވާގޮތަށް އެކި މުވައްޒަފުންނަށް އެކި އެވޯޑް ދީ ނިމުނު އިރު ކޮންމެވެސް އެއް އެވޯޑެއް ނުލިބޭ މުވައްޒަފެއް ނެތެވެ. ދެން އޮތީ ޒިޔާންއާ ނިހާޔާ ރޭވި ހާއްސަ ސަޕްރައިޒް އެވޯޑެވެ.

އެވޯޑްތައް އެނައުންސް ކުރަން މައިކް ކައިރީ ހުރި ނިހާޔާ ދުރަށް ޖެހިލީ ޒިޔާންއަށް ފުރުސަތު ދެމުންނެވެ.

“ދެން އޮތީ އެންމެ ފަހު އެވޯޑް، އެންމެ ހާއްސާ އެވޯޑް.” ޒިޔާން އެހެން ބުނެލުމާއެކު މުޅިތަން ހިމޭން ވެގެން ދިޔައެވެ. އެންމެންވެސް ތިބީ އެއީ ކޮން އެވޯޑެއްތޯ، ލިބެނީ ކާކަށްތޯ ބަލާހިތުން ކެތްތެރިކަން ކުޑަވެފައެވެ.

ބިއްލޫރިން ހަދާފައި ރަން ކުލައިގެ އަކުރުން ލިޔެފައިވާ އެ އެވޯޑް ޒިޔާން އަތަށް ދީފައި ނިހާޔާ ސްޓޭޖުން ފައިބައިގެން ގޮސް ނިހާޔާގެ ފިރިމީހާ ފަހުދުއާ އިފާޝާމެން ތިބި މޭޒުކައިރީ އިށީންއިރު އެމޫނުގައި ހިނިތުންވުމެއް ވިއެވެ.

“މި އެވޯޑްގެ ހައްގު ވެރިއަކީ… އެފަރާތަކާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާނެ ފަރާތެއް. ލައިފްގަ ދިމާވި އެންމެ ހިތްދަތި ހާދިސާއަށްފަހު އަލުން އަހަންނަށް ދިރިއުޅެން ދަސްކޮށްދިން ފަރާތް… މިއަދު އަހަރެން ހިތާ ފުރާނައިން ލޯބިވާ އަހަރެންގެ އަންހެނުން… އިފާ!” ޒިޔާން ބުންޏެވެ.

ގަބޫލު ނުކުރެވިފައި ޒިޔާންއާ ދިމާއަށް ބަލަހައްޓައިގެން އިން އިފާޝާ ސިހުނީ އެންމެން އަތްޖަހަން ފެށި އަޑަށެވެ. ދެންވެސް ތެދުވަން ނުކެރިފައި އިން އިފާޝާއަށް ހިތްވަރު ލިބުނީ ގާތުގައި އިން ނިހާޔާ އިފާޝާގެ އުޅަނބޮށީގައި އަތް ޖައްސާލުމުންނާ، ސަނާއާ ޒާޔާއާ ދެކުދިންވެސް އިފާޝާގާތު ޒިޔާން ގާތަށް ދާން ކިޔަން ފެށުމުންނެވެ.

އުނގުގައި އިން އާނާ ނިހާޔާ އަތަށް ދީފައި އިފާޝާ ތެދުވިއެވެ. އެވަގުތު ސްޓޭޖްމަތީ ހުރެފައި ޒިޔާން އިފާޝާއާ ދިމާއަށް ކަނާއަތް ދިއްކޮށްލިއެވެ. އިފާޝާ މަޑު ހިނގުމެއްގައި ގޮސް ސްޓޭޖާ އަރާ ހަމަވި އިރަށް ޒިޔާން ފައިބައިގެން އައިސް އިފާޝާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރިއެވެ. ސްޓޭޖްގެ މެދަށް ހުއްޓި ޒިޔާން އަތުގައި އޮތް އެވޯޑް އިފާޝާ އަތަށް ދިނެވެ. އިފާޝާ އޭގައި ހިފުމުން ޒިޔާން އިފާޝާގެ ކޮނޑުގައި އެއްއަތް އަޅުވާ އިފާޝާ ޒިޔާންއާ ކައިރި ކޮށްލާފައި އަނެއް އަތުން މައިކް އޮފް ކޮށްލިއެވެ.

“ދެ އަހަރާ، ފަސްމަހާ، އަށާރަދުވަސް ކުރިން އަހަންނާ އިފާގެ ހަޔާތުގައި ދިމާވި ހާދިސާ… އެހެން އެއްވެސް މީހަކަށް އެފަދަ ދުވަހެއް ނުދައްކަވާތޯ އަހަރެން އަބަދުވެސް ދުޢާ ކުރާނަން. އެދުވަސް… އަހަންނަކަށް ނޭނގެ އެދުވަހު އަހަންނަށް ކުރެވުނު އިހުސާސްތަކެއް ބުނެދޭކަށް… އަހަރެން މަރު ނުވެ ހުރިކަން އެނގޭ… އެކަމަކު އޭގެ އެއްވެސް ބޭނުމެއް އެދުވަހު ނުވިސްނުނު… ހީވީ އެހިސާބުން ލައިފް އެކީ ހުއްޓުނީއޭ… އަހަންނަށް އެނގޭ އޭރު އިފާއަށްވެސް އިހުސާސް ކުރެވޭނީ ހަމަ އެގޮތަށް ކަން… އަހަންނާ އިފާވެސް ނޭވާލީ ހަމައެކަނި ޒާއަށް ޓަކާ… އެއީ އަހަރުމެން ދެމީހުންވެސް ދިރިއުޅުމަށް ލިބުނު ހިތްވަރަކީ…”

އިސް ޖަހައިގެން އެއްއަތުން އިފާޝާގެ ކޮނޑުގައި ހިފާލައިގެން، އަނެއް އަތުން އިފާޝާގެ އެއްއަތްތިލައިގައި ހިފައިގެން ހުރެ ޒިޔާން ވާހަކަ ދައްކަމުން ދިޔައިރު މުޅި ތަން އޮތީ ހިމޭންވެފައެވެ. ޒިޔާން ދެއްކި ވާހަކަ އަޑު އަހާކަށް އެކަކުވެސް މައިކެއްގެ އެހީ ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކު ނޭވާލާންވެސް ހަނދާން ނެތް ކަހަލައެވެ. ޒިޔާންގެ ގައިގައި ޖެހިގެން ހުރިއިރު އެހަނދާން ވުމުން އިސްޖެހިފައި ހުރި އިފާޝާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ.

“އޭގެ ފަހުން ދެން ލިބުނީ އަނެއްކާވެސް ދިރިއުޅުމަށް އިތުރު ހިތްވަރެއް. ލޯބިލޯބި  އެނީގެ ސިފައިގަ… އަހަންނާ އިފާ ގުޅުނީ ހަމައެކަނި އާމިރު އެކަމަށް އެދުނީތީ. މާޔާގެ އެދުން ފުރިހަމަ ކޮށްދިނުމަށް… ޒާއާ އެނީއަށް ޓަކާ. އެއްވެސް އަމިއްލަ އެދުމެއް އެކަމުގަ އޮވެގެނެއް ނޫން.

އެކަމަކު، އަހަރެންނާ އިފާ އެންމެ ލޯބިވި މީހުނަށްޓަކާ، އެމީހުންގެ އެދުމަށް އަހަރުމެން ދެމީހުން ނިންމި ނިންމުން ވެގެން ދިޔައީ އަހަރުމެންގެ ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށް. މާޔާއާ އާމިރުއަށްފަހު އަހަރުމެންނަށް އެންމެ ބޮޑު އުފަލެއް ލިބުނު ކަމަކަށް.

އަހަންނަށް އިފާގެ ފަރާތުން، އަދި އަހަރެން އުންމީދު ކުރާ ގޮތުގަ އިފާއަށް އަހަރެންގެ ފަރާތުން، އެވަގުތު އަހަރުމެންނަށް ނޭނގި ނަމަވެސް ބޭނުންވި އަޅާލުން ލިބުނު. އެހީތެރިކަން ލިބުނު.

އެހުރިހާ ކަމެއް ލޯތްބަށް ބަދަލުވީ އަހަރުމެނަށް ނުވެސް އެނގި.” އެވަރަށް ބުނެފައި ޒިޔާން އިފާޝާއަށް ބަލާލަމުން އަދިވެސް ބޮޑަށް އިފާޝާ ޒިޔާންއާ ގާތްކޮށްލިއެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގަ އަހަންނާ އިފާއަށް މިއަދު މިލިބޭ އުފަލާ ހިތްހަމަޖެހުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ މާޔާއާ އާމިރުއަށް.” ޒިޔާން ބުންޏެވެ.

އެންމެން އެއްފަހަރާ އަތްޖަހަން ފެށިއެވެ.

“މިއަދު މިވާހަކަތައް ތި އެންމެންނާ ހިއްސާ މިކުރެވުނީ ތީ އަހަރުމެންގެ ވަރަށް ކްލޯޒް ބައެއް ކަމަށް އަހަރެން ގަބޫލު ކުރާތީ. އެދުވަހު އަހަރެންގެ ހިތާމައިގަ ތި އެކުވެރިން ބައިވެރިވެ ހިތްވަރު ދިނީތީ. މިއަދު އަހަރެންގެ އުފަލުގަވެސް ތިއެކުވެރިން ބައިވެރިވާން އެދޭތީ. ތޭންކްޔޫ އެވްރިވަން!” ޒިޔާން ވާހަކަ ނިންމާލިއެވެ.

ނިހާޔާ އެވަގުތު އާނާ އުރާލައިގެން ޒާޔާގެ އަތުގައި ހިފާލައިގެން ސްޓޭޖަށް އެރިއެވެ. އިފާޝާ އަތަށް އާނާ ދީފައި ނިހާޔާ އިފާޝާގެ ދެއަތުގައި ހިފާލިއެވެ.

“އައިމް ސޯ ހެޕީ ފޯރ ޔޫ ބޯތް…” ނިހާޔާ ޒިޔާންއަށްވެސް ބަލާލަމުން ބުނެލިއެވެ. ނިހާޔާގެ ފަހަތުން ފަހުދުވެސް އައިސް ޒިޔާންއާ އިފާޝާއާ ސަލާން ކޮށްލާފައި އާނާގެ ކޮލުގައި އަތްޖައްސާލާފައި ޒާޔާއާވެސް ސަލާން ކޮށްލިއެވެ.

އެއާއެކު އެންމެން އެކީގައި ކަހަލަ ގޮތަކަށް ސްޓޭޖަށް އަރާ ޒިޔާންމެންނާ ސަލާންކޮށް އެކުގައި ހޭދަކުރަމުން އެދާ ދިރިއުޅުމަށްޓަކާ މަރުހަބާ ކިއެވެ.

އެރޭ ހަފްލާ ނިންމާފައި ޒިޔާންމެންނަށް ގެއަށް ދެވުނުއިރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ދިޔަގޮތަށް އާނާއާ ޒާޔާ ނިންދަވާފައި ސަނާވެސް ނިދަން އޮށޯތުމުން ނިދުމުގެ ކުރިން ޒިޔާން ބޭނުންވާ ކޮފީތަށި ހިފައިގެން އިފާޝާ ކޮޓަރިއަށް ވަންއިރު ޒިޔާން އެނދުމަތީގައި ފޮޓޯ އަލްބަމްއެއް ހިފައިގެން އިނެވެ.

އިފާޝާ ޒިޔާން ކައިރީގައި އިށީނދެ ކޮފީތަށި ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ޒިޔާން ބަލަން އިން ފޮޓޯއަށް ބަލާލިއެވެ.

އެއީ އޮފީސް އެންމެން ދިޔަ ޕިކްނިކް ދަތުރެއްގައި ޒިޔާންއާ މާޔާއާ އާމިރުއާ އިފާޝާ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. ޒިޔާންގެ ކަރުގައި ދެއަތް އަޅުވައިގެން ޒިޔާންގެ ކޮނޑުގައި އެލިގެން އޮތް މާޔާގެ ދެއަތުގައި ޒިޔާން ހިފަހައްޓައިގެން ހުރި އިރު އާމިރު ހުރީ ދެއަތް މައްޗަށް އިފާޝާ ނަގައިގެންނެވެ. ޒިޔާންއާ އާމިރުގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަން ހުރި އިރު މާޔާގެ މޫނުމަތިން ފެންނަށް ހުރި ލާނެތް ހިނުތުންވުމާ ޚިލާފަށް އިފާޝާގެ މޫނުމަތިން ފެންނަން ހުރީ ލަދުވެތި ހިނިތުންވުމެކެވެ.

“އެމީހުން މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” އިފާޝާ މަޑުމަޑުން ބުންޏެވެ. އިފާޝާއާ އެއްބަސްވުމުގެ ގޮތުން ޒިޔާން ބޯ ޖަހާލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ދެމީހުން އެ ފޮޓޯއަށް ބަލަން ތިއްބެވެ.

އިރުކޮޅެއް ފަހުން އިފާޝާ ޒިޔާންއާ ގާތަށް ޖެހިލާފައި އަލްބަމް ލައްޕާލާފައި ސައިޑް ޓޭބަލްގެ ވަތްގަނޑަށް ލިއެވެ.

“އަހަރެން އެބައޮތް ވާހަކައެއް ބުނަން” އިފާޝާ ޒިޔާންގެ މޫނަށް ބަލާލަމުން ބުންޏެވެ.

“ކޮން ވާހަކައެއް؟” ޒިޔާން އިފާޝާގެ އަތުގައި ހިފާ ގާތަށް ދަމަލާފައި އަހާލިއެވެ.

“އެއްކަލަ ރޭ… ޒިޔާން އޮފީސް ކަމެއްގަ ރާއްޖެތެރެއަށް ގޮއްސަ އައީމެއްނު؟” އިފާޝާ ވާހަކަ ފެށީ ޖެހިލުންވެ އިނދެއެވެ.

“ހްމްމް، އެރޭ ކިހިނެއްވީ؟” އެރޭގެ ހަނދާން ވުމުން ޒިޔާންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.

“އެރޭ ޒިޔާންއަށް ކުށްހީއެއް ކުރެވުނީ…” އިފާޝާ އެހެން ބުނީ އިސްޖަހާލަމުންނެވެ.

“ކުށް ހީއެކޭ؟” ޒިޔާން އަހާލިއެވެ.

“އެރޭ… ޒިޔާން ހީކުރީ އަހަރެންނަށް އެވަގުތު އާމިރުގެ ނަން ބުނެވުނީ… ތީ އާމިރު ކަމަށް ހީކޮށް ކަމަކަށްނު؟” އިސް އުފުލާ ޒިޔާންގެ މޫނަށް ބަލާލަމުން އިފާޝާ އަހާލިއެވެ.

އިފާޝާ އެބުނީ ތެދަކަށް ވާތީ ޒިޔާން ބޯ ޖަހާލިއެވެ.

“އެހެން ވެގެނެއް ނޫން… އެރޭ ހުވަފެނެއް ފެނުނީ… ޒިޔާންއަށްވެސް އެނގޭނެ ކަންނޭނގެ އޭރު އަހަންނަށް އެކަހަލަ ހުވަފެން ފެންނަކަން، އެ އެކްސިޑެންޓް… މާޔާ… އާމިރު… އެވަގުތު…” އެހަނދާން ވުމާއެކު އިފާޝާގެ ހަށިގަނޑުގައި ތުރުތުރެއް އުފެދުނެވެ. އެކަން އިހުސާސް ކުރެވުމުން ޒިޔާން އިފާޝާ އިތުރަށް ގަޔާ ކައިރިކޮށްލިއެވެ. އެހެން ނަމަވެސް އެވާހަކަ ހުއްޓާލާކަށް ނުބުނެއެވެ. އިފާޝާ އެވާހަކަ އެދައްކަނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަން ޒިޔާންއަށް ވިސްނުނެވެ.

“އެރޭ ހުވަފެނުގަ އާމިރު އެދުނީ ޒިޔާންއާ އެކީ ރީތިކޮށް އުޅެން، އެހެން ބުނެފަ ގެއްލުނީ… ފަހުން އެވަގުތު… އަހަންނަށް ހީވީ ދޮރުކައިރިން އާމިރު ފެނުނުހެން… އެހެންވެ އާމިރުގެ ނަން ބުނެވުނީ… ޒިޔާންއަކީ އާމިރު ކަމަށް ހީކޮށްގެނެއް ނޫން…” އިފާޝާ ވާހަކަ ދެއްކީ ޒިޔާންގެ މޭގައި ބޯޖައްސާލައިގެން އިނދެ ކަމަށް ވިޔަސް ވާހަކަ ނިންމާލާފައި ޒިޔާންގެ މޫނަށް އަނެއްކާވެސް ބަލާލިއެވެ. އިފާޝާގެ ވާހަކަ ޒިޔާން ގަބޫލު ކުރިކަން އެނގެން ބޭނުންވެ އިނދެއެވެ.

“ސޮރީ ފޯރ ދަ މިސްޓޭކް… ގަބޫލު ކޮށްފިން…” ޒިޔާންއަށް އިފާޝާގެ ވާހަކަ ގަބޫލު ކުރެވުނެވެ. “އެކަމަކު އިފާ ތިވާހަކަ އަހަރެންނަށް މިރޭ ކިޔާތިދިނީ ކީއްވެ؟” ޒިޔާން އަހާލިއެވެ.

“އެރޭ އަހަންނަށް އެންމެ ސިކުންތަކަށްވެސް ނޯޅޭ ތީ ޒިޔާން ކަމެއް… އެހެންވެ ހަމަ ބޭނުންވީ އެކަން ޒިޔާންއަށް އަންގަން… އަހަރެން ޒިޔާން ދެކެ ލޯބިވާތީ، އަހަރުމެންގެ މެދުގަ އެއްވެސް މިސްއަންޑަސްޓޭންޑިންގއެއް އޮންނަން ބޭނުން ނުވީ” އިފާޝާ ޖަވާބު ދިނެވެ.

“އިފާ… އިފާ… އައި ލަވް ޔޫ ސޯ މަޗް…” އިރުކޮޅަކު އިފާޝާގެ މޫނަށް ބަލަން އިނދެފައި ޒިޔާން އިފާޝާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.

ޒިޔާން އެހެން ބުނުމާއެކު އިތުރު ސިކުންތަކަށްވެސް މަޑުނުކޮށް އިފާޝާ ޒިޔާންގެ ތުންފަތުގައި ބޮސްދިނެވެ. އެއަށްފަހު ދެމީހުން ދުރުވެލީ ހަމައެކަނި  އެދެމެދުގައިވި ހުރިހާ ހުރަހެއް ނައްތާލުމަށެވެ. އެރޭގެ ބޮޑުބައި ހޭދަވީ އެކަކު އަނެކަކަށްޓަކައި ހިތް ހުޅުވާލުމަށާ، އެކަކު އަނެކަކުދެކެ ލޯބިވާވަރު އަންގައިދިނުމުގައެވެ.

 

 

14 އަހަރު ފަސް…

ބޮލުގައި ބޭންޑް އަޅާފައި އިފާޝާ އަތް ދޫކޮށްލުމާއެކު އަށް އަހަރުގެ ޔާނާ، ލައިގެން ހުރި ކަޅުކުލައިގެ މާޖެހި ދިގު ރަތް ހެދުން ވަކި ހިސާބަކުން ހިއްލާލައިގެން ދުވެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

“ޔާން، ދަރިފުޅާ، ވެއްޓިދާނެ، ނުދުވެބަލަ! ހިނގާލާފަ ދޭބަލަ…” ޔާނާ ދުވެފައި ދިއުމުން އިފާޝާ ޔާނާއަށް ގޮވާލިއެވެ. އަދި ޔާނާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް އެވަގުތު ޒިޔާން ފަހަތުން އައިސް އިފާޝާގެ އަތުގައި ހިފެހެއްޓިއެވެ.

“އަޅާނުލާ، އޭނަ ދާނީ ޒާމެން ކައިރިއަކަށްނު؟ އިފާ އިހަށް އަހަންނަށް ހެލްޕް ވެދީބަލަ، މި ގަމީސްތަ؟ ނޫނީ މިތަ؟” އެއް އަތުގައި އޮތް ދެ ގަމީސް ދައްކާލަމުން ޒިޔާން އެހިއެވެ.

އިފާޝާ ދެ ގަމީހަށް ބަލާލިއެވެ. އެތަނުން އެއް ގަމީހަކީ ގަދަ ރަތް ކުލައިގެ ގަމީހެކެވެ. އަނެއް ގަމީހަކީ ރަތާ ކަޅުން ދިގު ރޮނގު ދަމާފައިވާ ގަމީހެކެވެ.

“އަހަރެން ފުރަތަމަވެސް ބުނީމެއްނު މި ގަމީސް ލާށޭ؟ މިރޭ ލާންވާނީ ރާއިން ދިން ގަމީސް.” ރަތް ކުލައިގެ ގަމީސް ކޮނޑުން ނަގާފައި އިފާޝާ ބުންޏެވެ.

“އޭރުން ޒާ މައްސަލަ ޖައްސާނެ” އެގަމީސް ލަމުން ޒިޔާން ބުންޏެވެ.

“ޒާ ނުޖައްސާނެ މައްސަލައެއް. ޒިޔާން ބަލަން ހުރޭ” އިފާޝާ ބުންޏެވެ. އަދި ގަޑި ބަލާލާފައި ލަސްވަނީޔޭ ބުނެފައި ގޮސް އަވަސް އަވަހަށް ހެދުން ބަދަލުކޮށްލިއެވެ.

ކަޅުކުލައިގެ ކުދިކުދި މާތަކެއް ހެދުމުގެ މަތީބުރީގަޔާ ފަސްބައިގައި ހަރުކޮށްފައިވާ، ރަތްކުލައިގެ ހަރުވާޅު ހެދުމުގައި އިފާޝާ ގޮސް ޑްރެސިންގ ޓޭބަލް ކުރިމަތީ ހުއްޓި އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި، ކައިރިފަށުގައި ރަތް މާތަކެއް ޖަހާފައިވާ ކަޅު ކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލިއެވެ.

ފަހަތުގައި ލޯގަނޑުން އިފާޝާއަށް ބަލަހައްޓައިގެން ހުރި ޒިޔާން އިފާޝާއަށް ފެނުނީ އެވަގުތުއެވެ.

“ޒިޔާން. ތިހެން ނުހުރެ އަވަސްކޮށްބަލަ. ލަސްވަނީޔޭ. މިހާރު ހަތްގަޑި ބައިވެއްޖެ.” އެނބުރި ޒިޔާންއަށް ބަލާލަމުން އިފާޝާ ބުންޏެވެ.

“އިފާ ނުވާނެ ބަދަލެއް ދުވަހަކުވެސް” ހުނުމަކާއެކު އެހެން ބުނަމުން ޒިޔާން ގޮސް އިފާޝާގެ ކުރިމަތީ ހުއްޓި ދެއަތް އިފާޝާއާ ދިމާއަށް ދިއްކޮށްލިއެވެ.

ހީލަމުން ދެފަރާތަށް ބޯހަލުވާލާފައި އިފާޝާ ޒިޔާންގެ ގަމީހުގެ އަތުކުރި އޮޅައިދޭން ފެށިއެވެ. އެކަން ނިމުމުން ދެއަތް އެއްވަރުތޯ ބަލާލާފައި ޒިޔާން އިފާޝާގެ މޫނަށް ބަލާލިއެވެ.

“އިފާއާ ނުލާ އަހަރެން ކިހިނެއް އުޅޭނީ؟” ޒިޔާން ބުނެލިއެވެ. އަދި ދެއަތުން އިފާޝާގެ މޫނުގައި ހިފާލާފައި ގާތްވެލިއެވެ.

“މަންމީ، ހުޅުވަބަލަ! ދޮންތި ހީވަނީ ޕްރިންސެސްއެއްހެން. ބިޔުޓީ އެންޑް ދަ ބީސްޓްގެ ބެލްއަށް ވުރެންވެސް މާރީތި. ޔާންއަށް ވުރެންވެސް ދޮންތި މާ ރީތި” އެވަގުތު ދޮރުގައި އަތުން ޖަހާލަމުން ޔާނާ ގޮވާލި އަޑު އިވުނެވެ.

“އާނ، މިއަންނަނީ.” އިފާޝާ ގޮވާލިއެވެ. އަދި އިފާޝާއާ ގާތްވާން އުޅުނު ޒިޔާންގެ މޭގައި އަތްޖައްސާ ދުރުކޮށްލާފައި ހުނުމަކާއެކު ގޮސް ޑްރެސިންގ ޓޭބަލް ކައިރީ ހުއްޓި މޫނު ބަލާލާފައި ޒިޔާންގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ.

 

ގޮނޑީގައި އިން ޒާޔާގެ ބޮލުގައި ޖަހާފައިވާ ބޮޑު ހުޅީގެ އެއްފަރާތުގައި ރަތްކުލައިގެ ފިނިފެންމާތައް ހަރުކޮށް ނިންމާލާފައި ދެފިޔަވަޅެއް ވަރު ފަހަތަށް ޖެހިލާ އުކުޅުގައި އަތްވިއްދާލަމުން އާނާ ޒާޔާއަށް ބަލާލިއެވެ.

އާނާ ހިތްހަމަ ޖެހުނީ ކަންނޭނގެއެވެ. ޒާޔާއާ ކައިރިވެލާފައި ތިރިވެލަމުން ދެއަތުން ޒާޔާ ގައިގައި އާނާ ބައްދާލީ ހިނިތުންވުމަކާ އެކީގައެވެ.

“ވަރަށް ލޯބި، ޔާން ބުނިހެން އަސްލުވެސް ދޮންތި ހީވަނީ ހަމަ ޕްރިންސެސްއެއް ހެން…” އާނާ ބުނެލިއެވެ.

“ހުރިހާ ތޭންކްސްއެއް އެނީއަށް” އެނބުރި އާނާގެ ކޮލުގައި ކޯޖައްސާލަމުން ޒާޔާ ބުންޏެވެ. “އެނީވެސް ވަރަށް ލޯތްބޭ. މިއަދު އެނީ ދޮންތިއަށް ތި ކޮށްދިން ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އެނީގެ ވެޑިންގްގަ ދޮންތިވެސް ކޮށްދޭނަން.” އާނާ ދުރަށް ޖެހިލުމުން އާނާއަށް ބަލާލަމުން ޒާޔާ ބުންޏެވެ.

ޔާނާ ފަދައިން އާނާވެސް ހުރީ ރަތްފޮތީގައި ކަޅުކުލައިގެ މާ ޖަހާފައިވާ ހެދުމެއް ލައިގެންނެވެ. އެހެން ހުރި އިރު އާނާ ވައްތަރީ އާމިރުއާއޭ ޒާޔާ ހިތަށް އެރިއެވެ. އެއާއެކު އާނާދެކެ ލޯބިން ޒާޔާގެ ހިތް ފުރިގެން އައެވެ. ލޭގެ އެއްވެސް ގުޅުމެއް ނެތް ނަމަވެސް ޔާނާ ފަދައިން ޒާޔާ އާނާ ދެކެވެސް ލޯބިވެއެވެ. އުޅެ ބޮޑުވީ އެއްބަނޑު އެއްބަފާ ތިންކުދިން ފަދައިންނެވެ.

“އެއީ އަދި ކޮން ދުވަހެއް؟” އާނާ ބުނެލިއެވެ.

“އާދެބަލަ!” ޒާޔާ ގޮވާލިއެވެ. އާނާ ކައިރިއަށް އައުމުން ޒާޔާ އާނާގެ ދެއަތުގައި ހިފާލިއެވެ.

“ދޮންތި އެނީމެން މަތިން ވަރަށް ހަނދާންވާނެ. ވަރަށް މިސް ވާނެ!” ޒާޔާ ބުނެލިއެވެ.

“އެނީމެންވެސް…” އާނާ ތިރިވެލަމުން އަނެއްކާވެސް ޒާޔާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ޔާނާވެސް ދުވެފައި ކޮޓަރިއަށް ވަންގޮތަށް އެދެމީހުން ގައިގައި ބައްދައިގަތެވެ.

“ޔާން، ދޮންތިގެ ހެދުން ހަޑި ވެދާނެ…” އާނާ ބުނެލިއެވެ.

“ހެޔޮ، ދޯ ޔާން” ޒާޔާ ބުނެލިއެވެ. އެއާއެކު ތިންމީހުން އެކީ ބާރަށް ހީގެންފައި އަދިވެސް ބޮޑަށް ކައިރިވެލިއެވެ.

އެމަންޒަރު ބަލަން ދޮރުމަތީގައި ތިބި އިފާޝާއާ ޒިޔާން އެތެރެއަށް ވަނެވެ. އެމީހުން ފެނުމުން ޒާޔާ ތެދުވިއެވެ.

ހުދު ލޭސްފޮތީގައި ކުލައިގެ މާ ހަރުކޮށްފައިވާ ބޮޑު ވެޑިންގ ޑްރެސްގައި ހުރި ވިހި އަހަރުގެ ޒާޔާ ފެނުމުން ޒިޔާންގެ އިތުރުން އިފާޝާގެ ލޯވެސް ފެންކަޅިވިއެވެ.

“ޑެޑީސް ޒާ ބޭބީ ހެޒް ރިއަލީ ގްރޯން އަޕް” ޒާޔާގެ ދަތްދޮޅީގައި އަތް ޖައްސާލާފައި ޒިޔާން ބުންޏެވެ.

“ދެން ބައްޕާ… މިއަދުވެސް އަޅުގަނޑަށް ކިޔާނީ ޒާ ބޭބީތަ؟” ޒާޔާ ޅަވެލާފާއި ގޮސް އިފާޝާ ގައިގައި ބައްދާލިއެވެ.

އިފާޝާ ޒާޔާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލާފައި ޒާޔާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.

“ހީވަނީ ހަމަ މާޔާހެން. މަންމަގެ ޒާ ވަރަށް ލޯބި މިރޭ. ވަރަށް ވަރަށް ލޯބި” އިފާޝާ ބުނެލިއެވެ.

“އަޅުގަނޑު މަންމައާ އެހާ ވައްތަރުތަ؟” ޒާޔާ އަހާލިއެވެ.

ޒިޔާންއާ އިފާޝާ އެކުއެކީގައި ބޯޖަހާލިއެވެ. އަދިވެސް ޒާޔާގެ މޫނަށް ބަލަން ހުރެފައި އިފާޝާ ޒާޔާ ގެނެސް މޭގައި ޖައްސާލިއެވެ.

“މަންމަ ވަރަށް އުފާވޭ މިއަދު، ޒާ އަމިއްލަ ލައިފްއެއް ފަށާތީ. އެއަށް ވުރެންވެސް އުފާވަނީ ޒާއާ ރާއިން އެކަކު އަނެކަކުދެކެ އެހާ ލޯބިވާތީ. އެކަމަކު… ވަރަށް ދެރަވެސް ވޭ މަންމައާ ދުރުގަ އުޅެން ދާތީ. މަންމަގެ ހިތް އެދެނީ ޒާ އަބަދުވެސް މަންމައަށް ފެންނަ ހިސާބުގަ ހުރުމަށް” އިފާޝާ ބުންޏެވެ.

“އޯހ މަންމާ… ކީއްވެތަ ތިވަރަށް އަޅުގަނޑު ދެކެ ލޯބިވަނީ؟ ބައެއް ފަހަރަށް ހިތަށް އަރާ ތިއޭ ހަމަ އަޅުގަނޑުގެ އަސްލު މަންމައަކީ” އިފާޝާގެ ގައިގައި ބައްދައިގެންފައި ޒާޔާ ބުންޏެވެ.

“މީ ހަމަ އަސްލު މަންމައޭ، މަންމަގެ ބަނޑުން ޒާ އުފަން ނުވިކަން އެކަނި… ޒާއާ އެނީއާ ޔާންއާ މަންމައަށް އެއްވެސް ތަފާތެއް ނެތް.” އިފާޝާ ޒާޔާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް، މައި ސްވީޓް މަމް…” ޒާޔާ އިފާޝާގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ.

“ހުރިހާ ލޯތްބެއް މިރޭ މަންމައަށްތަ؟” އެހުރިހާ އިރު މަންޒަރު ބަލަން އެއްޗެއް ނުބުނެ ހުރި ޒިޔާން އަހާލިއެވެ.

“ނޫނޭ، ބައްޕަ ދެކެވެސް ލޯބިވެޔޭ” އިފާޝާގެ ގައިން އެއްއަތް ދޫކޮށް ޒިޔާންގެ އަތުގައި ހިފާލަމުން ޒާޔާ ހިނިއައިސްފައި ބުންޏެވެ.

“މިރޭ މަންމައާ ބައްޕަވެސް އެކީ ދޮންތިއަށް. އެނީއާ ޔާން ބާކީ. ދޯ ޔާން؟” ޔާނާ ގައިގައި ބައްދާލައިގެން ހުރި އާނާ އެވަގުތު ސަމާސާ ރާގަކަށް ބުނެލިއެވެ.

“ނޫނޭ، ހުރިހާ ކުދިންވެސް އާދޭ…” ޒިޔާން ބުނެލިއެވެ. އެއާއެކު އާނާއާ ޔާނާވެސް ގޮސް އެތިން މީހުން ގައިގައި ބައްދާލިއެވެ.

“ސަޅި ޝޮޓެއް. ތިހެން ތިބެއްޗޭ!” އެވަގުތު ކެމެރާ ހިފައިގެން ވަން ފަޔާޒް ބުނެލިއެވެ.

ފަސްމީހުން އެކީ ފަޔާޒްއަށް ބަލާލިއެވެ. ފަޔާޒް ކެމެރާ ސެޓްކޮށްލުމުން އަދިވެސް ބޮޑަށް އެންމެން ބޮނޑިވެލި ވަގުތު ފަޔާޒް ފޮޓޯ ނެގިއެވެ.

“ރެޑީ ވެވިއްޖެ ދޯ؟ އަހަރެން ހީކުރީ ގަދަކަމުން ކަމަށް މިގޭން މީހުން ނެރެން ޖެހޭނީ. ހިނގާ އަވަހަށް ދާން. ފަނަރަ މިނެޓަށް ވެއްޖެ.” ފަޔާޒްއާއެކު ވަން ސާދާ ބުންޏެވެ.

“ކޮބާ އީދާންމެން؟” ޒިޔާން އެހިއެވެ.

“އެމީހުން ދިޔަނީ ސީދާ ވެނިއުއަށް. ދެން އަވަސްކުރޭ. އެހެން ނޫނީ ރާއިން ބިރުގަންނަން ފަށާފާނެ.” ސާދާ ބުނެލިއެވެ.

ބައިގަޑިއިރު ފަހެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިންގެ ގޮތުގައި ޒާޔާއާ ރާއިން އެކުގައި ގޮސް އެ ހޯލްގައި އެދެމަފިރިން ތިބުމަށް ހަދާފައިވާ ހިސާބުގައި ހުއްޓުނެވެ. އެދެމީހުންގެ ދެފަރާތުގައި އާނާއާ ޔާނާވެސް ޒާޔާގެ ދެ ކޮޕީހެން ތިއްބެވެ.

ރާއިންގެ މަންމައާ ބައްޕަ ގާތުގައި ވާހަކަ ދައްކަން އިރުކޮޅަކު ތިބެފައި އިފާޝާއާ ޒިޔާންގޮސް ޒާޔާމެން ކައިރީ ހުއްޓުނެވެ.

“ރާއިން. ބައްޕަގެ ފުރާނަ ބައްޕަގެ ކުދިންނަކީ. ޒާ ވަރަށް ލޯބިން ގެންގުޅެއްޗޭ…” ޒިޔާން ރާއިންއަށް ބަލާލާފައި އެދުނެވެ.

ރާއިން ދެއަތުން ޒިޔާންގެ އަތުގައި ހިފާލިއެވެ.

“އެކަމާ ކަންބޮޑު ނުވޭ. ބައްޕަ މަންމަދެކެ ލޯބިވާ ވަރަށް އަހަރެން ޒާދެކެ ލޯބި ވާނަން. އެހާ ލޯބިން ގެންގުޅޭނަން.” ރާއިން ޔަގީންކަން ދިނެވެ.

ހިތްހަމަ ޖެހުމާއެކު ހިނިތުންވެ ބޯޖަހާލާފައި ޒިޔާން އިފާޝާގެ އަތުގައި ހިފައިގެން ދުރަށް ޖެހިލިއެވެ.

“އެނީ، ޔާން… ދެން އާދޭ. ދޮންތިއާ ދޮންތަބެއަށް އިހަށް ވަގުތުކޮޅެއް ދީބަލަ ގެސްޓްސް އައުމުގެ ކުރިން.” އެނބުރިފައި އިފާޝާ ޔާނާއާ އާނާއަށް ގޮވާލިއެވެ.

ޔާނާއާ އާނާ އެއްފަހަރާ ޒާޔާ ގައިގައި ބައްދާލާފައި ރާއިންއާ ސަލާން ކޮށްލާފައި ޒިޔާންއާ އިފާޝާއާ އެކީ ގޮސް މޭޒެއް ކައިރީ އިށީނެވެ.

“އައި ލަވް ޔޯ ފެމިލީ ޒާ… އަހަރެން އެދެނީ ޒާގެ މަންމައާ ބައްޕަގެ މެދުގަ އެ އޮތް ކަހަލަ ލޯތްބެއް އަހަރުމެންގެ މެދުގަވެސް އަބަދުވެސް އޮންނަން. އެގޮތަށް ވާން އަހަންނަށް ކުރެވުނު މަސްއްކަތެއް އަހަރެން ކުރާނަން، އައި ލަވް ޔޫ ސޯ މަޗް ޒާ!” އިފާޝާމެން ދިޔަތަން ބަލަން ހުރެ ޒާޔާގެ އަތުގައި ހިފާލަމުން ރާއިން ބުންޏެވެ.

“އައި ލަވް ޔޫ ޓޫ… އިރާދަ ކުރެއްވިއްޔާ އަހަރުމެންވެސް އުޅޭނީ ހަމަ އެހެން.” ރާއިންގެ އަތްތިލައަށް ފިތާލަމުން ޒާޔާ ބުންޏެވެ. އެވަގުތު ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބެ އެތައް ވަޢުދެއް ވިއެވެ.

“ދެން ހުރީ އެނީ…” އިފާޝާ މަޑުމަޑުން ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ އެނީގެ ލައިފްއަށްވެސް އަންނާނީ ރާއިން ކަހަލަ ކުއްޖެއް. ޔާންވެސް.” ޒިޔާން ބުންޏެވެ.

“ޒިޔާން ކަހަލަ…” މޭޒުދަށުން ޒިޔާންގެ އަތުގައި ހިފާލަމުން އިފާޝާ ބުނެލިއެވެ. އެވަގުތު ޕާޓީގެ ފުރަތަމަ މެހެމާނުން އައިސް ވަނެވެ. ކޮންމެ މީހަކުވެސް ޒާޔާއާ ރާއިންއަށް އުފާވެރި ދިރިއުޅުމަކަށް އެދެމުން ދިޔައެވެ. ޒިޔާންއާ އިފާޝާގެ ހިތުގައިވެސް ވީފަދަ އެދުމެކެވެ. އެފަދަ ދުޢާއެކެވެ. އުމުރުގައި އެދެމީހުންނަށް ލިބުނު ހުރިހާ އުފަލެއް ޒާޔާއާ، އަދި އާނާއާ ޔާނާއަށްވެސް ދެއްވުން އެދި އަބަދުވެސް އެ ދެހިތުގައި ވާ ދުޢާއެވެ. އެދެ ހިތުގެވެސް އެދުމެވެ.

 

 

 

******************ނިމުނީ********************

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިންތިޒާރު ކުރި ލޯބި (4)

Next

ހިތުގެ ތިޔައީ ސާފު ލޯތްބޭ 4

Next
February 21, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 4

Previews
February 21, 2016

އިންތިޒާރު ކުރި ލޯބި (4)

22 Comments!

  1. Aimsithu says:
    February 21, 2016 at 8:22 pm

    Waaaaaaaaau… vaahaaka nimmaaly dho… nice story eh… great work maaarsha

  2. Thaathu says:
    February 21, 2016 at 8:24 pm

    Vaahaka v v reethi.. vaahaka nimunyma v dhera…. adhi mikahala reethi vaahakaeh geness dhehchey…. I love ur story

  3. Maashy says:
    February 21, 2016 at 8:28 pm

    Marsha varey hama ney

  4. xaaya says:
    February 21, 2016 at 8:29 pm

    V reethi vaahaka eh▪:-)

  5. TiNkEr says:
    February 21, 2016 at 8:42 pm

    Wow mihaa rythii story eh nukiyan

  6. Zeena says:
    February 21, 2016 at 8:49 pm

    Thank u…Marsha… New story ge intizaaruga okayyyyyyyyyyyy

  7. Zaanaa says:
    February 21, 2016 at 8:51 pm

    Haada reethi story yakay ufalun gos rovehje. Marsha thanx mekahala reethi reethi story yeh genes deneema. Adhi ves mekahala reethi story genes dayne kamah heekuran adhives ahfaharu thnx

  8. bunny says:
    February 21, 2016 at 8:59 pm

    vaahaka nimuni??? :’-( i want another story of urs marsha! u are one of the few writers who up the stry each day! 🙂 😀 LUV this… hope to see another stry of urs! 8-|

  9. Biggest fan of marsha says:
    February 21, 2016 at 9:08 pm

    Omg omg omg wowww wowww wowwww vrh vrh vrh vrh reethi story……. ♥♥♥♥♥ marsha i love ur stories ♥♥♥♥… u are one of my fav writer……….
    WAITING FOR UR NEXT STORY
    🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂 🙂

  10. yaan says:
    February 21, 2016 at 9:22 pm

    Wow v reethi story eh

  11. Ily says:
    February 21, 2016 at 9:44 pm

    V reethi vahaka eh????

  12. ina says:
    February 21, 2016 at 9:54 pm

    woooow this story ix tooooo gud lov to read. u r awsme keepitup

  13. Midday says:
    February 21, 2016 at 9:57 pm

    Maashaa pls dhen nazla ge vaahaka genes dheeba. Kiyaa hithun hureveny kee noon

  14. lifaz says:
    February 21, 2016 at 10:59 pm

    Vaarey therein e ee marsha ge vahakaehtha? Marsha ge viyaa dhen e vaahaka genesdhee plz.

  15. lovely girl says:
    February 22, 2016 at 1:07 am

    varah reethi vaahaka e

  16. Nicky says:
    February 22, 2016 at 7:24 am

    Nyc

  17. misty says:
    February 22, 2016 at 1:41 pm

    Nice.. Hope 2 c an another story of urs soooon

  18. Mar Sha Marsha says:
    February 22, 2016 at 2:44 pm

    Lifaz.. vaarey thereyn is not mine… n every one else.. thanx sooo much for reading… hope u like my next story.. midday.. nazla vaahaka innaane mihaaru up koffa.. thnx again all.. ☺☺☺?

  19. Axu says:
    April 4, 2016 at 12:01 am

    Varah nice story eh… Assuvx varah varah reethi.. Varah habeys story eh.. Mihaathanah mihaarythi story eh adhi nukiyey bunyyas dhogakah nuvaane.. Hama ehaa rythi.. Kiyaa hithun kiyaa ninmaa levunyvx.. Nice syory.. Keep it up.

  20. Laali says:
    August 12, 2016 at 8:12 pm

    Hadha reechey vrh furihama speechless…keep it up

  21. faathun says:
    September 3, 2016 at 5:21 pm

    V v v v v reethi story eh.

  22. Maya says:
    June 8, 2019 at 4:51 am

    Mi storyga aharen wes ulhey? … this story is so emotional. . One of the best strys i have read … marsha ge storys warah kiyaa hih wey ???

Comments are closed.



All Right Reserved!