Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ލޯބި އަހަރެންވެސް ވީމޭ… (3 ވަނަ ބައި)

_Nanni_ Level 1
December 8, 2025 12 Mins Read
0 Comments

ހިޔާލުތަކުން ބޭރުވެވުނީ ޢަޞްރު ނަމާދު ބަންގީގެ އަޑަށެވެ. ކުރެވެމުން މިދަނީ ކޮންފަދަ ޚިޔާލެއްކަން އެނގުމުން އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ. ދެލޯ މަރާ ފިއްތާލެވުނީ އެ މައުސޫމު އަންހެންކުއްޖާ އަށް އަނިޔާވެރިވެވެނީ އޭ ހީވުމުންނެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި، މި ޒުވާނާ ޚިޔާރުކުރީ މިސްކިތެވެ. އޭރުވެސް ބަންގީގެ އަޑު މެދުނުކެނޑި އިވެމުންދެއެވެ. ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު އެ ބެލްކަނީއާ ދިމާއަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ.

 

********************************************

އެލީނާމެންގެ އެޕާޓްމެންޓްގައި ހިފާލާފައިވަނީ ކޮންމެ މީހެއްގެ ބަނޑުފުރިގެންދާހާ މީރު ވަހެކެވެ. ޗޮކްލެޓް ޗިޕްސް މަފިންސްތައް ފިހެވޭ ވަހުން، ކުޅު ދިޔާވާ ވަރުވެއެވެ. ކުރިއަށް ވުރެ ހަމަޔަކަށް އެޅިފައި ހުރި އެލީނާ އިރުއިރުކޮޅާ ނޭފަތް ދަމާލައެވެ. ގިނައިރު ރުއިމުގެ ސަބަބުން ނޭފަތް ބެދިފައި ހުރުމާ އެކީގައެވެ. މެންދުރު ކައިގެން ހޮޓެލް އަށް ދިޔަ ނާޝިދުވެސް ގެއަށް އައިސް ވަނީ އެވަގުތުއެވެ. ނޭފަތް ދަމާލެވުނީވެސް ދުވި މީރުވަހުންނެވެ. އެލީނާ މާ ބުރަކޮށްލައިގެން ބަދިގޭގައި އުޅޭތަން ފެނުމުން އެލީނާއަށް ގޮވާލާފައި އޭނާ ބަލާލީ ރަމްލާ ކޮބައިތޯއެވެ. ނަމަވެސް ނާޝިދަށް ފާހަގަނުވީ އެލީނާގައި މިލާފައިވާ މޫނެވެ. އަބަދުމެ އެމޫނުގައިވާ ހިނިތުންވުން ނެތްކަމެވެ. ބެލްކަނީގައިވެސް ރަމްލާ ނެތުމުން ދެން އޭނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ނާޝިދުއަށް އެނދުގައި އޮތް ރަމްލާ ފެނުމުން ހިނިތުންވެވުނެވެ. ނިދިފައި އޮތް ލޯބިވާ އަނބިމީހާގެ ނިތަށް ބޮސްދެމުން ނާޝިދު ގަމީސް ބޭލިއެވެ. އެއަށްފަހު ފާޚާނާއަށް ވަނީ ފެންވަރާ ތާޒާވެލަން ބޭނުންވެފައި ހުރުމުންނެވެ. ހަމަ އެވަގުތެވެ. ރަމްލާ ލޯ ހުޅުވާލައި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ނާޝިދު ފެންވަރަން ވަނީކަން ޔަޤީންވުމުން ފޯނު ނަގާ އައިސްފައި އިން މެސެޖަށް ޖަވާބުދިނެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެއަށްފަހު އަވަސް އަވަހަށް ބާލިސްދަށަށް ފޯނު ކޮއްޕާލަމުން ނިދާކަމަށް ހެދިގެން އޮތީ ނާޝިދު ނިކުންނަށް އުޅޭހެން ހީވުމުންނެވެ. ރަމްލާގެ މި ސިއްރުވެރި ޢަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާނެކަން ޔަޤީނެވެ.

މަންމައާއި ބައްޕައާއި ނިކުންނަންވާއިރަށް އެލީނާ އުޅެނީ އަވަދިނެތި ސައި ހެދުމަށެވެ. ފިހެފައި ހުރި މަފިންސްތައް ރީތި ތަށްޓަކަށް އަޅާލަމުން، ގިރާފައި ހުރި އައިސްކޮފީ ޖަގު ކައިރީގައި ބެހެއްޓިއެވެ. އެއަށްފަހު ބެލްކަނީއާ ދިމާއަށް ހިނގައިގަތީ އެތަނުގެ ދޮރު ހުޅުވުމަށެވެ. އެޕާޓްމެންޓް ތެރެއަށް ސާފު ވައިކޮޅެއް ވެއްދުމަށާއި، މަފިންސްގެ ވަސް އެޕާޓްމެންޓުން ބޭރުކޮށްލުމުގެ ގޮތުންނެވެ. ހަމަ އެވަގުތެވެ. އެއްލި ކަޅިއަކުން އެލީނާގެ ލޮލުގައި އެއްކަލަ ޒުވާނާ އަޅައިގަތެވެ. ހުރީ އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މިއަދު ހިނގި ހާދިސާ އެލީނާއަށް ކުލަވިފަދައެވެ. ނަމަވެސް، މިފަހަރު އެލީނާހުރީ ބުރުގާ އަޅައިގެންނެވެ. ވުމާއެކު، މޫނު ކުނިކޮށްލަމުން ބެލްކަނީގެ ދޮރު ޖަހަން ދަމާލިއެވެ.

“ދަރިފުޅާ! ހާދަ ބާރަކަށް ތި ދޮރުލެއްޕީ؟ ހާދަ ދެރަވެފަ ހުރިހެން ހީވެޔޭ، ހުރިހާ ކަމެއްވެސް އަނގަޅުތަ؟” ބެލްކަނީގެ ދޮރުލައްޕާފައި އެނބުރިލި އެލީނާއަށް ކުރިމަތިލާން ޖެހުނީ އޭނާގެ ބައްޕަގެ ސުވާލުތަކާއެވެ. ވުމާއެކު އެލީނާ ޖަވާބުދޭން އަވަސްވެގަތެވެ.

“ލައްބަ ބައްޕާ. މި ދޮރު ކުޑަކޮށް އުނދަގޫވީ ލައްޕަން. ބައެއްފަހަރު ތާށިވެއެއްނު. އަޅުގަނޑު އޯކޭއޭ. ބައްޕަ ކަންބޮޑުނުވޭ. ބައްޕަ ސައިބޯން އަންނަން ވީނު. ކޮބާ މަންމަ؟ އައި މޭޑް ޔުއަރ ފޭވް!” ޖަވާބުދެމުން، އެލީނާ ނާޝިދުގެ އަތުގައި ހިފައި ގެނެސް މޭޒުމަތީގައި ބައިންދަމުން ހިނިތުންވެލިއެވެ. އެއަށްފަހު، ތިން ތައްޓަށް އައިސްކޮފީ އެޅިއެވެ. ކުރެވެމުން ދިޔަ އިހުސާސްތަކަށް ފަސްއަޅާ ފޮރުވާލީ ލޯބިވާ ބައްޕައަށްޓަކައެވެ. އެލީނާ ދެރަވެފައި ހުރެއްޖެނަމަ އެބައްޕަ އާއި މަންމަ ވިސްނާނެ ކަން އެލީނާއަށް އެނގޭތީއެވެ. ދެންމެ ކޮޓަރިން ނިކުމެގެން އައި ރަމްލާއާއި، ނާޝިދުގެ ކުރިމަތީގައި މިހާރު އިނީ ކުރީގެ އެލީނާއެވެ.

އެކުޑަކުޑަ އުފާވެރި އާއިލާ އެކުގައި ސައިމޭޒުދޮށުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި، ވަކިވީ އެލީނާ ކޮޓަރިއަށް ގޮސް، ރަމްލާ އާއި ނާޝިދު ކާރު ދުއްވާލަން ދާން ނިކުތުމުންނެވެ. މަދުވެގެން ހަފްތާއަކު ތިންދުވަހު ރަމްލާ ގޮވައިގެން ހަވީރު ނޫނީ ރޭގަނޑު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ނާޝިދު ވަރަށް އިސްކަންދީގެން ކުރާ ކަމެކެވެ. އެލީނާ ގާތު ދާން އެދުނުނަމަވެސް އޭނާ ޢުޛުރުވެރިވީ، އެސައިންމެންޓު ހަދަން ޖެހޭކަމަށް ބުނެއެވެ.

އެލީނާގެ މަޑު އެނދުގައި ގޮސް ބަންޑުން އޮށޯވެވުމާއެކު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ “ބެސްޓީ” އެވެ. އިރަމް އެވެ. ވީޑިއޯ ކޯލްއަކަށް ކަން ގުޅަނީ އެނގުމުން، ލޯގަނޑު ކައިރިއަށް ހުއްޓި މޫނު ރީތިކޮށްލީ، ރޮއެފައި ހުރި ކަމުގެ އެއްވެސް އަސަރެއް އިރަމް އަށް ފާހަގަވާން ބޭނުން ނުވާތީއެވެ. އެ އެކުވެރިޔާއަކީ އެލީނާއަށް އަންނަ ކިތަންމެ ކުޑަ ބަދަލެއް ވިޔަސް އެކަން ފާހަގަވާ މީހަކަށް ވާތީއެވެ. އިރަމް ކަހަލަ ރަހުމަތްތެރިއަކީ ޖަވާހިރެކޭ އެލީނާ އިރަމް ކައިރީގައި ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

” ހޭ އެލީ! ކޮލެޖަށް ދާން އެބައޮތް ދޯ މިރޭ. އާގްގްގްގ އައި ޑޯންނޯ ވަޓް ޓު ވެއާ..” އިރަމް އެލީނާ ފޯނު ނެގުމާ އެކީ ވާހަކަ ދައްކަން ފެށިއެވެ.

“ހޭ އިރޫ.. ޔެއާ ވީ ގޮޓް ކޮލެޖް ޓުނައިޓް. އަހަރެން ލާނީ ބްލޫ އަބާޔާ. އިނގެއެއްނު އެއްކަލަ ގޯލްޑެން ޒިބު އިންނަ އަބާޔާ؟ އޭތި.” އެލީނަ ޖަވާބު ދިނީ އިސްދަށަށް ޖަހައިގެން އިނދެއެވެ. އިރަމް އެލީނާ އާ ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން އިންކަން އޭނާއަށް ފާހަގަނުވީ އެހެންވެއެވެ.

” އެލީ، ޔޫ ގުޑް؟ ރޮއެފަ ދޯ ތިހުރީ. ކިހިނެއްވީ؟ ރަމްލައްތަ އެންޑް ނާޝިދުބެ އޯކޭތަ އަނެއްކާ؟ ހޭ އެލީ ލުކް އެޓް މީ!”  އިރަމް ކިޔަން ފެށިއެވެ. އެލީނާ ހިފަހައްޓައިގެން ހުރި ކަރުނަތަށް އެކަޅުކަންގަދަ އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ފައިބަންފެށިއެވެ. އެހިތަށް ކުޅަދާނަ ނުވީއެވެ. އޭރުވެސް ހުއްޓާނުލާ އެލީނާ ގާތުގައި ވީ ކީއްތޯ އަހަމުން އިރަމް ދިޔައެވެ.

” އިރޫ. ސޮރީ ރޮއެވުނީމަ. މަންމަމެން އޯކޭއޭ. މިއަދު އަހަރެންނަށް ދުވަހަކުވެސް ނުވާ ކަމެއް ވެއްޖެ. ހަނދާންވޭތަ މިއަދު ހެނދުނު ބުނި ފިރިހެނާގެ ވާހަކަ؟ އައި ތިންކް ހީ މޫވްޑް ޓު އެޗް 14. އެއްކަލަ ބެލްކަނީގައި މިއަދު ހުރި ބަލަހައްޓައިގެން. އެންޑް އިރޫ އެލީ ހުރީ ބުރުގާ ވެސް ނާޅާ!” މިހިސާބަށް ބުނެވުމާއެކީ އެލީނާ އަށް އަނެއްކާ ރޯންފެށުނެވެ.

“އޯ އެލީ! އެލީމެން ތިތަނުގައި އުޅެން ފެށީންސުރެ އެތަން ހުންނަނީ ހުސްކޮށެއްނު؟ އެހެންވެ އެންނު އެލީ ބުރުގާ ނާޅާ ނިކުންނަނީވެސް އެތަނަށް؟ އިޓްސް ނޮޓް ޔުއާ ފޯލްޓް އޭ.. ނޭނގެއެއްނު އޭނަ އުޅޭކަމެއް. ސޯ އޯކޭވެބަ. އެލީގެ ސެލްފްއަށް ޕަނިޝް ނުކޮށްބަ. ދެރަވެފަ އިންނައިރު އެލީއަކާ ނުގުޅޭ!” އިރަމްގެ މިފަދަ އެތައް ވާހަކަތަކަކުން އެލީނާ ހަމަޔަކަށް އެޅެމުން ދިޔައެވެ. އެގޮތަށް ގޮސް ގަޑިއެއްހާއިރު ވަންދެން ދެކުދިން ވާހަކައިގައި ތިއްބެވެ.

އެރޭ ހަތްގަޑި ބައިވީއިރު އެލީނާ ހުރީ ރީތިވެގެންނެވެ. ނޫކުލައިގެ އަބާޔާއާއި، ނޭވީބްލޫ ކުލައިގެ ޝޯލް، އެލީނާއާއި ނުހަނު ގުޅެއެވެ. ތުންފަތުގައި މަޑު މުށިކުލައެއް ޖައްސާލަމުން، ހަޔާތީ ސެންޓުގެ މީރުވަހުން މުޅި މީހާ އެއްވަސް ކޮށްލިއެވެ. ދަބަހުގައި ލެޕްޓޮޕާއި ހުރިހާ އެއްޗެއް ހަމަތޯ ބަލާލުމަށްފަހު ގެއިން ނިކުތީ ކޮލެޖަށް ދިއުމަށްޓަކައެވެ.

ވިލާ ކޮލެޖުގެ ދޮރާށި ތެރެއިން ވަދެވުނުއިރު މަޑު ފިޔާތޮށި ކުލައިގެ ވިދާ ފޮއްޗެއްގައި ފަހާފައިހުރި އަބާޔާއެއް ލައިގެން، އެލީނާގެ އިންތިޒާރުގައި އިރަމް ހުއްޓެވެ. އެލީނާގެ ހުދުހުދު އަންނާރު އޮށްތަކެއް ފަދަ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލެވުނީ އިރަމްގެ އަތުގައި ހުރި ދެ އައިސްކޮފީ ތަށި ފެނުމުންނެވެ. ދެކުދިން ކޮފީ ބޮމުން އެރީ ކުލާސްރޫމް އިންނަ ބުރިއަށެވެ. އޭރުވެސް އެދެކުދިންނަށް ހުއްޓެމުން ދިޔަ ނަޒަރުތައް މަދެއް ނޫނެވެ.

އަށެއް ޖެހިއިރު ފެށި ކުލާސް ނިންމާލިއިރު ދިހައެއް ޖަހައިފިއެވެ. އިރަމް ނިދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ދެކުދިންވެސް ގެއާ ދިމާއަށް މިސްރާބުޖެހީ، ދިހަގަޑި ބައިވާންވާއިރަށް ގެއަށް ދިއުމުގެ ނިޔަތުގައެވެ. އިރަމް މާލޭގައި ހުރި އޭނާގެ ގެއަށް ހިނގައިގަންއިރު، އެލީނާ ހިނގައިގަތީ ބަސް ސްޓޮޕާ ދިމާއަށެވެ. ބަސް އައިސް އޮތްތަން ފެނުމުން އެލީނާ ދުއްވައިގަތެވެ. ނަމަވެސް ކުޑަތަންކޮޅެއް ލަސްވީއެވެ. ބަސް ނައްޓާލީއެވެ. އަވަސް އަވަހަށް ފޯނުނަގާ އާރްޓީއެލް އެޕް ބަލާލިއިރު އެ ނައްޓާލީ މިރެއަށް ހުޅުމާލެ ދާން ހަމަޖެހިފައި އޮތް އެންމެ ފަހު ބަހެވެ. ދަބަހުގައި ސަތޭކަ ރުފިޔާ އޮތުމުން ދެން އޭނާ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. އެތާ ހުރެހުރެ ފަނަރަ މިނެޓް ވީއިރުވެސް ލިބޭގޮތެއް ނުވިއެވެ. އެލީނާއަށް ގޮތްހުސްވި ކަހަލައެވެ. ބައްޕައަށް ގުޅަން ފޯނުނަގާފައި ގުޅަން ފިތާނުލެވެނީސް އެލީނާ ސިހުނެވެ.

“ހޭއި. ކާރެއް ނުލިބުނު ދޯ. ހިނގާ އަހަރެން ގެންގޮސްދީފާނަން؟” ކައިރީގައި ސައިކަލުގައި ހުއްޓިލައިގެން އިން ފިރިހެންކުއްޖާ ވާހަކަދެއްކިއެވެ.

“އަހަރެން ނުދަންނަ މީހުންގެ ސައިކަލު ފަހަތަށް އަރައެއް ނޫޅެން. އަދި އަމުދުން ފިރިހެނުންގެ.” އެލީނާ އަށް ބުނެވުނީ ރުންކުރުކޮށެވެ. ނަމަވެސް އެ ޒުވާނާ ގެ ތުންފަތުގައި ކުރެހިފައިވަނީ ރީތި ހިނިތުންވުމެކެވެ. އޭނާގެ ހިތް ފުރަތަމަ ނަޒަރުން އަތުލި މި އަންހެންކުއްޖާގެ އަޑުގެ ހިތްގައިމުކަމުންނެވެ. ކާރެއްނުލިބިގެން ތުންކޮޅު އޫކޮށްލައިގެން ހުރިއިރު ނުހަނު ލޯތްބެވެ. ހިމަ އަޑެއް ކަމުގައި ވިޔަސް ތުއި ގޮތްގަނޑެއް ނުހުރެއެވެ. އަހާލަން ފަސޭހަ ތަފާތު އަޑެކެވެ.

އަޅާފައިވާ ހެލްމެޓް ނަގާފައި އެލީނާ އާއި ދިމާއަށް މިޒުވާނާ ބަލާލިވަގުތު އެދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެލީނާއަށް ހީވީ މެޔަށް ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ ހިތުގެ ހަމަޖެހުން ނަގާލި ޒުވާނާއެވެ.

“އަހަރެންނަށް ކިޔަނީ ނިއަމް. މިހާރު ނުދަންނަ ކަމަކަށް ނުވާނެ. އަހަރެމެން ވާހަކަ ނުދެއްކިޔަސް މިއަދު ކިތަންމެ ފަހަރަކު އަހަރެންނަށް ތިސޫރަ ފެނިއްޖެ. އަހަރެން ތިކުއްޖާގެ ފުރާނަ ސަލާމަތްކޮށްދިނީތީ އަދާކޮށްދޭ ޝުކުރެއްގެ ގޮތުގައި އަހަރެން ބަލައިގަންނާނީ، ތިކުއްޖާ ގެއަށް ލައިދޭން އަހަރެން ދިޔަ ދިނުމުން. އަންހެން ކުއްޖަކު މިފަދަ ގަޑިއެއްގަ އެކަނި ބަހައްޓާފަ ދާކަށް އަހަރެންގެ ހިތެއް ނޭދޭ. ދެން ތީނަގެ ނަން ބުނަންވީއެއްނު؟ ” ސައިކަލު މަޑިދަށުގައި އޮތް އިތުރު ހެލްމެޓެއް ނަގަމުން ނިއަމް ފައްޗަކަށް ހުރިހާ ވާހަކައެއް ބުނެލިއިރު އެލީނާ ހުރީ ހައިރާންވެފައެވެ. ނިއަމް ގޮތްދޫނުކުރާނެކަން އެލީނާއަށް އެނގޭތީ މަޑުމަޑުން އަރާ ސައިކަލުގައި އިށީނުމާއެކީ އެލީނާގެ އަތަށް ހެލްމެޓް ދިނެވެ.

ސިނަމާލެ ބްރިޖްއަށް އަރަން ދަމުން ދުވެލި ބާރުކޮށްލުމުން، ފޫޅަށް އަޑުއިވޭ ވަރަށް އެލީނާ އޭނާގެ ނަން ބުނެލިއެވެ.

‘އެލީނާ…” އެހެން ބުނެލުމާއެކީ ނިއަމް ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. އެލީނާގެ ނަން އެނގިއްޖެކަމުގެ އިޝާރާތަކަށް އެކަން ވިއެވެ. ދަބަހުގައި ބާރަށް ހިފަހައްޓާއިގެން އެލީނާ އިނީ ސައިކަލުން ކިރިޔާ ނުވެއްޓޭވަރަށް ފަހަތަށް ޖެހިގެންނެވެ. ނިއަމްގެ ބުރަކަށީގައި އޮޅިގެންވެސް ޖެހެން ބޭނުންނުވާތީއެވެ. ފަނަރަ ވަރަކަށް މިނެޓުގެ ދަތުރު އެލީނާއަށް ހީވީ އެއްގަޑިއިރު ހެންނެވެ. ސައިކަލު ފަހަތަށް އެރީންސުރެ ތުންފިއްތާލައިގެން އިން އެލީނާގެ މައުސޫމްކަން އިންތިހާއެވެ.  ސައިކަލުގެ ލޯގަނޑުން އެލީނާގެ މޫނަށް ބަލަން އިން ނިއަމްގެ ހިތުގައި މި އަޖައިބެއްފަދަ އަންހެންކުއްޖާގެ ސޫރަ ފެވިގެންދިޔަ އިތުރު ސަބަބަކަށް މިކަން ވިއެވެ.

އެޗް 10 ގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމުން އެލީނާ އަވަސް އަވަހަށް ތެދުވީ، ފޫކޮޅަށް ކައްޓެއް ހެރިގެން މީހަކު ތެދުވާ ބީދައިންނެވެ. އަވަހަށް ހެލްމެޓު ނަގަން މަސައްކަތްކުރިކަމުގައި ވިޔަސް، ދަތްދޮޅިދަށުގައި އަޅުވާފައި އިން ވާގަނޑު ތާށިވިއެވެ. އެވަގުތު އެ ވާގަނޑުގައި ހިފީ ނިއަމް އެވެ. އެލީނާ ބޭރަށް ލާލާ ހުރި ނޭވާ ހުއްޓުނު ކަހަލައެވެ. ފަރުވާތެރިކަމާއެކީ އެލީނާއަށް އަނިޔާއެއް ނުވާނެހެން ހެލްމެޓު ނައްޓާލެވޭތޯ މަސައްކަތްކުރަމުންދިޔަ ނިއަމްގެ މޫނަށް އެލީނާއަށް ފަރުވާތެރިކަމާއެކީ ބަލާލެވުނެވެ.

ކަންފަތަށް ވުރެ ތިރިއަށް ހުރި ރާޅުބާނި އިސްތަށިގަނޑެކެވެ. ދުވަމުން ދިޔަ ‘ކަންޓޫ’ ވަހުން ނިއަމް އަކީ ވަރަށް ލޯބިން އިސްތަށިގަނޑު ގެންގުޅޭ މީހެއްކަން ހާމަވިއެވެ. ހަމުގެ ކުލަ އެހާ ކަޅު ނޫން، ދިގު މޫނެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ދެލޮލެވެ. އެ ދެލޯ ފުރިހަމަ ކޮށްދެނީ ނިއަމްގެ ފިރިހެންވަންތަ ބުމައެވެ. ކޯކަށިގަނޑާ ދިމާއިން އަރާފައި ހުރުމުން، އެ ދިގު މޫނު އިތުރަށް ފުރިހަމަ ކޮށްދެއެވެ. ބަހައްޓާފައި ހުރި މަތިމަހާއި، ތުނިކޮށް ފަޅާފައި ހުރި ތުނބުޅިވެސް އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ފެވިލާ ހިނިތުންވުމުން، މީހަކު މޮޔަވާހާ ވެއެވެ. އެދުވަހުގެ ހެނދުނު އެލީނާ ސަލާމަތްކޮށްދިން ބާރުގަދަ ދެއަތާއި، ލާފައިހުރި ހުދުކުލައިގެ ޕޯލޯ ޓީޝާޓުން ފާޅުވަމުން ދިޔަ ފުޅާ ދެކޮނޑުންނާއި ބާމަތިން، ކަސްރަތު ކުރާކަން އިނގެއެވެ.

ނިއަމް އަށް ބަލަހައްޓައިގެން ހުރި އެލީނާއަށް ހަމަބިމަށް އާދެވުނީ ނިއަމް ގެ އަޑަށެވެ. އެއާއެކު އޭނާގެ ދޮން ކޯތާފަތް ޖަންބެއްފަދައިން ރަތްވެގެން ދިޔައީ، ނިއަމްއަށް އޭނާ ބަލަހައްޓައިގެން ހުރިކަން އެނގޭނެއޭ ހިތަށް އެރުމުންނެވެ.

“ފައިނަލީ! ގޮޓް އިޓް. ބައެއް ފަހަރު ތާށިވާނެ މި ހެލްމެޓް. ސޮރީ އިނގޭ. އެންޑް ތެންކްޔޫ އަހަރެންގެ ދައުވަތު ޤަބޫލުކުރީތީ. އަދި އެއްކަންތައް. މިއަދު ވީކަންތަކަށް ވަރަށް ބޮޑަށް ސޮރީ. އަހަރެންނަށް މާފުކުރާނެކަމަށް އުއްމީދުކުރަން. އަހަރެން ދެން ދަނީ. ގުޑްނައިޓް.” ސައިކަލު ޕާކުކޮށްލާފައި ހިނގައިގަންނަމުން އެލީނާއަށް އަދި އެއްފަހަރު ބަލާލާފައި ނިއަމް އެތެރެއަށް ވަނުމުން އެލީނާވެސް އޭނާގެ އެޕާޓްމެންޓް އަށް ދިއުމަށް މިސްރާބު ޖެހިއެވެ.

އެޕާޓްމެންޓަށް ވަތްގޮތަށް މަންމަ ފެންނަށް ހުރިތޯ ބަލާލުމަށްފަހު، ނެތުމުން ނިދީކަން އެނގުމުން، އޭނާގެ ކޮޓަރިއަށް ވަތް އެލީނާގެ ސިކުނޑި ފުރިފައިވަނީ ނިއަމްގެ ހިޔާލުތަކުންނެވެ. އޭނާގެ ކޮންމެ އަދާއަކަށް އެލީނާގެ ހިތް ލެނބެމުންދިޔައެވެ. މިއީ މީގެކުރިން އެލީނާއަށް ކުރެވުނު އިހުސާސްތަކެއް ނޫނެވެ. މި އަޖައިބެއްފަދަ ޒުވާނާ އެލީނާއަށް ސިހުރެއް ޖެއްސިފަދައެވެ. ނިއަމް ފެންނަ ކޮންމެ ފަހަރަކު އެހިތް އޮބިނޯންނަވަރަށް ތެޅިގަންނަނީ ކީއްވެހެއްޔެވެ؟ ނިއަމްގެ ތޫނު ނަޒަރުން އެލީނާ ވިރިގެންދަނީ ކީއްވެހެއްޔެވެ؟ އޭނާގެ ހަށިގަނޑުގައި ނޭނގިވިޔަސް އޭނާ ބީހިލުމުން ހީބިހި ނަގަނީ ކީއްވެގެން ހެއްޔެވެ؟ ހައްތަހާވެސް އެލީނާގެ ޅަ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކެވެ.

އެ ހިޔާލުތަކުން ދުރުވެލުމަށް އެލީނާ ބޭނުންވީ ފެންވަރާލާށެވެ. އެއަށްފަހު ޢިޝާ ނަމާދު ނުކުރެވި ހުރިކަން ހަނދާންވެ ޢިޝާ ނަމާދު ކޮށްލިއެވެ. ކާހިތް ނެތުމުން ދެން އެލީނާ ގަސްދުކުރީ ކޮފީއެއް ގިރާލާށެވެ. އޭނާގެ ހުދުކުލައިގެ ޖޯޑުގައި މީރުކޮށް ކޮފީއެއް ގިރާލައިގެން އައިސް އިށީނީ ކޮލެޖުން ދީފައި ހުރި މަސައްކަތްތައް ނިންމާލާށެވެ.

ސައިކަލުގެ ތަޅުގަނޑި އަތުގެ އިނގިއްޔެއްގައި އަޅުވާލައިގެން އަނބުރަމުން ވަދެގެން އައި ނިއަމް ފެނިފައި، ޓީވީ ބަލަން އިން އޭނާގެ މަންމަ ސާދިޔާ ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅާ ނިއަމް! ކޮންތާކަށް ގޮއްސަ ތިޔައީ؟ މިއަދު އެއްކޮންހެން ބޭރުގައެއްނު ތިއުޅެނީ. ކާން ހަދަން؟” ހިނިތުންވެލައިގެން ހުރެ މަންމަކައިރީގައި އައިސް އިށީނދެލި ނިއަމްގެ ބުރަކަށީގައި ފިރުމާލަމުން ސާދިޔާ އެހިއެވެ. ނިއަމް ބޯޖަހާލުމުން ސާދިޔާ އަވަސްވެގަތީ އޭނާއަށް ކާން ހަދައިދިނުމަށެވެ.

މަންމަ ކާން ހަދަންދެން ނިއަމް ނިކުމެލީ ބެލްކަންޏަށެވެ. އެލީނާމެންގެ އެޕާޓްމެންޓަށް ނަޒަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. ބެލްކަނީގައި ވަނީ ފަނޑު އަލިކަމެކެވެ. ނަމަވެސް އެދިމާގައި ހުރި ކޮޓަރީގައި ވަނީ ގަދަ އަލިކަމެކެވެ. އެއީ އެލީނާގެ ކޮޓަރިއެވެ. އޭނާގެ ކޮޓަރި ކުޑަދޮރު އިންނަނީ، ބޭރުން ފެންނަ ހިތްގައިމު މަންޒަރުތައް ފެންނާހެންނެވެ. އާވި އަރައަރާހުރި ކޮފީޖޯޑު ކައިރީގައި ބައިންދާލަމުން އެލީނާ ގޮނޑީގައި ހަމަޖެހިލިއެވެ. ލައިގެން ހުރި ހުދުކުލައިގެ ނިދަންލާ އަތްދިގު ގަމީސްކޮޅާއި ހަރުވާޅުގައި ވަނީ ކުދިކުދި ސްޓްރޯބެރީ ތަކެކެވެ. ދެފައި ވަށްކޮށްލައިގެން ތެތް އިސްތަށިގަނޑު ހިއްކަން ދޫކޮށްލައިގެން އިން އެލީނާގެ ސަމާލުކަން ދެވިފައިވަނީ ކުރަމުން ދިޔަ މަސައްކަތަށެވެ.

ޕްރައިމަރީ ޓީޗިންގް ގެ ޑިގްރީ ހަދަމުންދާ އެލީނާގެ މިއީ އެންމެ ފަހު އަހަރެވެ. ދެން އޭނާ ފަށާނީ މާސްޓަރސް އެވެ. މިފަހަރުވެސް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ގަދަފަދަ ޢަޒުމް އެލީނާގެ ހިތުގައި ވެއެވެ. މަންމައާއި ބައްޕަ އުފަލުގައި ބެހެއްޓުމަކީ އެލީނާގެ އެންމެ ބޮޑު އެއް އުއްމީދެވެ. ވުމާއެކު، ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ކޮލެޖުން ދޭ މަސައްކަތްތައް ނިންމާ، ދުވަހުން ދުވަހަށް ދަސްކުރުމަކީ އެލީނާ ނުހަނު ސަމާލުކަންދީގެން ކުރަމުން އަންނަ ކަމެކެވެ. އަދި ހަމައެއާއެކު، ސްކޫލުގައި ކުރަންޖެހޭ މަސައްކަތްތައްވެސް އެލީނާ ކުރަނީ ވަރަށްވެސް ފަރުވާތެރިކަމާއެކުގައެވެ.

ބެލްކަނީއިން ބޭރަށް ބަލަހައްޓައިގެން ހުރި ނިއަމްގެ ސަމާލުކަން ހޯދީ އޭނާގެ މަންމައެވެ. ކާން ހެދުނީކަން އެނގުމުން ލަސްނުކޮށް ކާން ދިޔައީ، ބަނޑުހައިވެފައި ހުރުމުންނެވެ. އެލީނާ އާއެކު ހޭދަކުރާ ކޮންމެ ވަގުތަކު ވަށައިގެންވާ އެހެން ހުރިހާ ކަމެއްގެ މަތިން ނިއަމް ހަނދާންނެތޭ ކަހަލައެވެ. ޕާސްތާ ތަށިން ފަހަރަކު އެތިކޮޅެއް ކަމުންދިޔަ ނިއަމްގެ ހިތުގައި ވެސް ވަނީ އެލީނާއެވެ.

ގަޑިން ބާރަޖެހުމުން އެލީނާގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. ދެތިން ފަހަރަކު އާވެސް ފުރިއްޖެއެވެ. ދެން ނީނދެވޭނެކަން ޔަޤީންވުމުން، މޭޒުމަތި ތަރުތީބުކޮށްލާފައި ކޮފީތަށި ދޮވެލާފައި ބަދިގޭގައި ބެހެއްޓިއެވެ. އެއަށްފަހު އެލީނާގެ ފެންފުޅިއަށް ފެންއަޅާ ފުރާލަމުން ކޮޓަރިއަށް ވަދެ، ސައިޑް ޓޭބަލްމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އެމަޑުމަޑު ކުއިލްޓް ތެރެއަށް ވަދެ ހަމަޖެހިލީ، ނިދީގެ ފުންއަރާމުގެ ތެރެއަށް ގެނބިގެންދާން ބޭނުންވެފައި އޮތްލެއް ބޮޑުކަމުންނެވެ.

ކައިނިމިގެން ޓީވީ ބަލަން އިނދެފައި ނިދަން ކޮޓަރިއަށް ވަންނަން ދިޔަ ނިއަމްގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އަދި އެއްފަހަރު ބެލްކަނީއިން ބޭރުބަލާލަން ބޭނުންވީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ. ދަމާބާރަކުން އެދިމާއަށް ގެންދާކަހަލައެވެ. މަޑުމަޑުން ގޮސް ބެލްކަނީ ދޮރުހުޅުވާ ބޭރަށް ނަޒަރުހިންގާލީ އެލީނާގެ ކޮޓަރިން އަދިވެސް އަލިކަމެއް ފެންނަން ހުރިތޯއެވެ. މިހާރު ފާޅުވާން ހުރީ ނޫކުލައިގެ އައްޔެކެވެ. ވީމާ އެލީނާ ނިދީކަން ނިއަމްގެ ހިތް ނިއަމްއަށް ވިސްނައިދިނެވެ.

ހުކުރު ދުވަހަށް އިރު އެރިއިރު، މާލެ އަދި ހުޅުމާލޭގެ މަގުތައް ވަނީ ހަމަހިމޭންކަންމަތީގައެވެ. ބަންދު ދުވަހަކަށް ވުމުން، ހުރިހާ އެންމެން ތިބީ ގަދަނިދީގައެވެ. އެ ހަމަހިމޭންކަން ދޭތެރެއަކުން ފޫދުއްވާލަނީ، ފަތިހުން ފެށިގެން ގޮވަމުން އަންނަ ކޮވެލިތަކުގެ ގޮވެއްޔެވެ. އަދިވެސް މޫސުން އެއްކޮށް ރަނގަޅުނުވާކަމުގެ ހެކިތައް ބަލާލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައެވެ. ދަންވަރު ވެހުނު ވާރޭގެ ސަބަބުން ހެދިފައިހުރި ފެންގަނޑުތައް އަދިވެސް އެއްކޮށް ހިނދިގެން ނުދެއެވެ. އިރުގެ ދޯދިތައް ދުނިޔެއަށް އެއްކޮށް ފާޅުވުމަށް އޮތް ހުރަހަކީ، އުޑުމަތީގައިވާ ކަޅު ބަނަ ވިލާތަކެވެ.

މި އަރާމު ވަގުތު ނިދީގެ އަރާމް ހާސިލްނުކުރެވި، ނިދިން މަހުރޫމްވެފައި ހުރީ ނިއަމްއެވެ. ބެލްކަނީގައި އަތް އަޅުވާލައިގެން ހުރިއިރު އެމޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. ފަސްގަޑި ފަނަރަ ހާއިރު ހޭލެވިގެން ނަމާދުކުރުމަށްފަހު، ދެން ނިދަން އުޅެއުޅެ އޭނާގެ ލޮލަކަށް ނިދި ސަވާރުވާ ގޮތެއް ނުވިއެވެ. ހަމައެކަނި އަޅިކުލައިގެ ދޫހަރުވާޅެއް ލައިގެން ހުރުމުން އޭނާގެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ހޭވިފައިވާ އިސްތަށިގަނޑުން ދޭހަވަނީ އެނދުން ތެދުވިތާ މާގިނައިރެއް ނުވާކަމެވެ. މޯޅިއަކަށް ދެމިލަމުން ބެލްކަނީ ދޮރު ލައްޕާލަމުން ނިއަމް ގޮސް ކޮޓަރިއަށް ވަނީ ތާޒާވެލާށެވެ.

ކިންގް ސައިޒް ގެ ބޮޑު އެނދުގައި އަޅާފައިވާ އަޅިކުލައިގެ ބެޑްޝީޓަށް ވަނީ ރޫޖެހިފައެވެ. ބާލިސްތައްވެސް އެއްވެސް ތަރުތީބެއް ނެތި އެނދުމަތީގައި ހުރިއިރު، ގައިމަތީގައި އަޅާ ކުއިލްޓް ވެސް އޮތީ އެއްފަރާތަކަށް ސޮހިފައެވެ. ނިއަމް ރޭގައި ނިންޖާ ބޮޑު ހަނގުރާމައެއް ކޮށްފައިވާފަދައެވެ. އެނދު ރީތިކޮށްލަމުން، ހަރުގައި އަޅުވާފައި އިން ތުވާލި ހިފައިގެން ނިއަމް ފާހާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ.

ފެންވަރާލައިގެން ނިކުތް ނިއަމްގެ މޫނުމަތިން މިހާރު ވަރުބަލިކަން ފާޅެއް ނުވެއެވެ. ދޮރޮފޮތިގަނޑު ކަހާލެވިފައިވާ ކުޑަދޮރުގެ ކައިރިއަށް ހުއްޓިލާފައި، އުޑުމައްޗަށް ނަޒަރު ހިންގާލިއިރު، އެހާ އަވަހަށް ވާރޭ ވެހިދާނެހެންނެއް ހިޔެއް ނުވެއެވެ. ވުމާއެކު ނިއަމް ބޭނުންވީ ދުވަން ދާށެވެ. އަލަމާރިން ނެގި ކަޅުކުލައިގެ ފިޓް ޖިމްޓީޝާޓާއި، ގަދަނޫކުލައިގެ ސޯޓެއް ލަމުން ނިއަމް އިސްތަށިގަނޑު ރީތިކޮށްލިއެވެ. ފެންވެރުމުގެ ސަބަބުން ތެމިފައިވާ އިސްތަށިގަނޑު ތުވާލިން ހިއްކާލުމަށްފަހު، އެއްވެސް އެއްޗެއް ނުހާކާ ބެހެއްޓީ، ވައިން އިސްތަށިގަނޑު ރަނގަޅަށް ހިއްކާލުމަށެވެ. ދުވަންދާ ބޫޓު ނަގައިގެން އެޕާޓްމެންޓް ގެ ދޮރުން ނިކުތުމުގެ ކުރިން ރީތި ލަވައެއް ޖަހާލައި، އެއާރޕޮޑް ކަންފަތަށް ހެޔޮވަރުކޮށްލިއެވެ.

ގަޑިން ހެނދުނު އަށެއްޖެހީއެވެ. ފަތިސް ނަމާދުކޮށްލައިގެން ނިދިގޮތަށް އެލީނާ އަދިވެސް އޮތީ ފުން ނިދީގައެވެ. ރޭގައި ލަހުން ނިދުނީމަ ކަމަށްވެސް ވެދާނެއެވެ. އެލީނާއަކީ ވަރަށް މަދުންނޫނީ އެގޮތަށް ނިދަން ނޯންނަ ކުއްޖަކަށް ވާއިރު، ރަމްލާވެސް އޭނާއަށް ނުގޮވީ، އެދަރިފުޅު އަރާމްކޮށްލަން ބާއްވާލުމަށް ބޭނުންވުމުންނެވެ. ނަމަވެސް ނިދިމަޑު އެލީނާއަކަށް ނޯވެވުނެވެ. އޭނާގެ ފޯނަށް ކޮންމެވެސް މީހަކު އެބަ ގުޅައެވެ. ޗޮކެއް ކަނޑާލަމުން އެނދުގައި ދެފައި ވަށްކޮށްލަމުން އިށީނދެފައި ފޯނު ބަލާލިއިރު ގުޅަނީ އިރަމްއެވެ. ނުނިދިގެން އުޅޭ އަންހެނެއްތާއޭ އެލީނާގެ ހިތަށް އެރިއެވެ. ވީމާ، ލަސްނުކޮށް ފޯނު ނެގިއެވެ.

“ހަލޯ. އިރޫ. ޔޫ ޖަސްޓް ވޯކް މީ އަޕް..” ނިދިބަރު އަޑަކުން އެލީނާ ބުނެލިއިރުވެސް ލޯއުނގުޅަމުން ދިޔައީ ނިދި އެއްކޮށް ނުފިލާތީއެވެ. ފޯނު ސްޕީކަރަށް ލައިގެން އިނދެ އިރަމްއާއި ވާހަކަދައްކަމުން ދިޔަ އެލީނާއަށް ދެން ބަލައިލެވުނީ ގަޑިއަށެވެ.އަށްގަޑި ބައިވަނީއެވެ. ފުންމައިގެން އެނދުން ތެދުވެފައި ފޯނު ކޯލު ކުރުކޮށްލަމުން އެލީނާ ފާޚާނާއަށް ވަނީ ތައްޔާރުވެލާށެވެ.

ފެންވަރަން ހުރިއިރު އެލީނާ ހުރީ ތުންދަމާފައެވެ. އެންމެ ލަސްވެގެން ހަތެއް ޖަހާއިރު ހޭލަން ގަސްދުކޮށްގެން ހުރި މީހާއަށް މާލަހުން ހޭލެވުނީމައެވެ. މަންމައަށް ސައިހަދަން އެހީތެރިނުވެވުނީމަ އެލީނާ ދެރަވިއެވެ. މަންމަވެސް އޭނާއަށް ގޮވާލިނަމަ އެހެން ނުވީހޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މާގިނައިރުތަކެއް ނުކޮށް އަވަސްކޮށްލައިގެން ނިކުމެ، އަލަމާރިން ކަޅާއި ހުދު ރޮނގުދެމި ކަކުލާ ހަމައަށް އަރާ އަތްދިގު ޓީޝާޓަކާއި ދޫހަރުވާޅެއް ލިއެވެ. އެއަށްފަހު އެދިގު އިސްތަށިގަނޑުގައި ކްރީމްކޮޅެއް ލާފައި ގޮށްފިލުވާލުމަށްފަހު، ދާވާދައްޗެއްގެ އެހީގައި ހަރުކޮށްލިއެވެ. ވަށްބުރުގާ އަތުން ހިފައިގެން ކޮޓަރިން ނުކުތީ، ގޭތެރޭގައި އުޅޭއިރު އާއްމުކޮށް ރަމްލާވެސް އަދި އެލީނާވެސް އުޅެނީ ބުރުގާ ނާޅާ ކަމަށް ވީތީއެވެ.

ކޮޓަރިން ނުކުތްއިރު ބެލްކަނީގައި ހުރި މާގަސްތައް ކައިރީގައި ރަމްލާ އުޅެއެވެ. އެލީނާ ފެނުމުން ރަމްލާ ވާހަކަދެއްކިއެވެ.

” ދަރިފުޅާ! ހޭލެވުނީ ދޯ.. މަންމަ ނުގޮވީ އޭ މިއޮށް އަރާމު ދުވަހު. ހިނގާ ސައިބޯން ދާން. ބައްޕަވެސް ވީ ދުވަން ގޮސް. އަންނަނީއޭ ބުނި ދެންމެ ގުޅީމަ.” އެލީނާ އައިސް ރަމްލާ ކައިރިއަށް ހުއްޓިލިއެވެ.

“އަޅެ މަންމަ އަޅުގަނޑަށް ގޮވާލިނަމަ. ސެވަންގަ ހޭލަންށޭ ހުރީ. އިރޫ ގުޅީމަ ހޭލެވުނީ.” ރަމްލާއާއެކު ކައިރީގައި ހުރި ބޯގަންވިލާ ޕޮޓުތަކުން މަރުވެފައި ހުރި ފަތްތައް ބުރިކުރަމުން އެލީނާ ދިޔައެވެ.

ދެމައިން މަސައްކަތުގައި މަޝްޣޫލު ވެގެންތިއްބާ އެޕާޓްމެންޓް ގެ ދޮރުހުޅުވާލާފައި ނާޝިދު އައިސްވަނެވެ. އަރާފައި ހުރި ބޫޓު ބާލާފައި ހަރުގަނޑުގައި ބަހައްޓާލަމުން ބެލްކަނީއަށް ނަޒަރު ހިންގާލިއިރު ފެނުނު މަންޒަރުން ނާޝިދުގެ ތުންފަތުން ފާޅުވެގެން ދިޔައީ ހިނިތުންވުމެކެވެ. ރަމްލާ އަދި އެލީނާ އާއި ދެމީހުން އޮލަ ވާހަކައެއްގައި ތިބެގެން މަސައްކަތް ކުރަން ތިބިތަން ފެނުމުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ނާޝިދުގެ ހިތަށް އިހުސާސްކުރެވުނެވެ. ދުވުމުގެ ސަބަބުން ދާހިތްލާފައި ހުރުމުން ނާޝިދު ބޭނުންވީ ފެންވަރާލާށެވެ. ކޮޓަރިއަށް ދަމުން ރަމްލާއަށް ގޮވާލީ ލާނެ ޓީޝާޓެއް އިސްތިރިކޮށްލަދޭން ބުނަމުންނެވެ.

ރަމްލާ އިސްތިރިކުރަން ދިއުމުން އެލީނާ އަވަސްވެގަތީ ސައިތައްޔާރުކުރުމަށެވެ. ސިންކުކައިރީގައި ހުއްޓެމުން ސައިބޯނި ލައިގެން ރަނގަޅަށް ދެއަތްދޮވެލިއެވެ. އެއަށްފަހު ރަމްލާ ހަދާފައި ހުރި ސޭންޑްވިޗް މަސްގަނޑުން އެތިކޮޅެއް ރަހަބަލާލަމުން އަލަމާރިން ޕާން ނަގައިގެން އައިސް ޓޯސްޓް ހެދުމުގެ މަސައްކަތް އެލީނާ ފެށިއެވެ. ފެނުކެއްކި ބިސްތައް ބިއްލޫރި ބޯތައްޓަކަށް އަޅާލަމުން، އެއާރފްރައި ކޮށްފައި ހުރި ސޮސެޖުތައް ވެސް ވަކި ތައްޓަކަށް އަޅާލިއެވެ. އެއަށްފަހު، ޓޯސްޓް ސޭންޑްވިޗްތައް ބޮޑު ތައްޓަކަށް އަޅާލަމުން ކާމޭޒުގެ މެދުގައި ބެހެއްޓިއެވެ.

ބަދިގޭގައި އަވަދިނެތި އެލީނާ އުޅެނިކޮށް ނާޝިދު އަދި ރަމްލާ ކޮޓަރިން ނުކުތެވެ. ކަޅުސައި ޖަގެއް ގިރަންހުރި އެލީނާ ފެނުމުން ނާޝިދު ރަމްލާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އަދި ރަމްލާގެ ކުޅަދާނަކަމާއި، އެދަރިފުޅު ތަރުބިއްޔަތު ކޮށްފައިވާލެއް ފުރިހަމަކަން ފާހަގަކޮށް ނާޝިދު ރަމްލާއަށް ތަޢުރީފުކޮށްލިއެވެ. ރަމްލާގެ ދޮން މޫނު ނާޝިދުގެ އެ ބަސްތަކުން ރަތްވެގެން ދިޔައެވެ. އެލީނާއަށް ލިބިފައިވަނީ ރަމްލާގެ ރީތިކަމާއި ދޮންހަންގަނޑު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަންސަވީސް އަހަރު އެކީގައި އުޅުނު ނަމަވެސް އަދިވެސް އެދޭތެރޭގައި ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެކުޑަކުޑަ އާއިލާ އުފާވެރިކަމާއެކީ ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު ތަފާތު ވާހަކަތައް އެދެމެދުގައި ދެކެވެމުން ދިޔައެވެ. އެލީނާގެ ވަޒީފާއާއި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ދާ ގޮތާމެދު ނާޝިދު ސުވާލުކުރިއެވެ. އެދަރިފުޅަށް ދަތިވާ އެއްވެސް ކަމެއް އޮތްތޯ ރަމްލާވެސް ސުވާލުކުރއެވެ. ޖަވާބުގައި އެލީނާވެސް ވާހަކަ ދައްކަމުން ދިޔައެވެ. މިގޮތަށް ވާހަކަތައް ދެކެވެމުން ގޮސް ސައިތަށި ބޮމުން ނާޝިދު ފެށީ މިއަދު ދުވަން ދިޔައިރު ހިނގި ކަމެއްގެ ވާހަކައެވެ.

“ރަމް އަށް އިނގޭތަ؟ މިއަދު އަހަރެން ދެކުނިން މިހިސާބުން އެހެންޏާ ނުފެންނަ ކުއްޖެއް. ނިންމާފަ އަންނަނިކޮށް. ވަނީ ކުރިމަތީ މިހިރަ ހިޔާ ޓަވަރަށް. ދިގުދިގުކޮށް ހުރީ. ވަރަށް ހިތްހެޔޮ ވައްތަރެއް ޖަހާ. އަހަރެން ފެނުނީމަ ހީވެސްލި.” ފަހަރަކު އެތިކޮޅެއް ސައިތަށިން ބޮމުން ނާޝިދު ވާހަކަދައްކަމުން ދިޔައެވެ.

ސައިބުއި ތަށިތައް ދޮންނަންހުރި އެލީނާއަށް މިއަޑު އިވުމާއެކީ މީހާ ހުއްޓުން އެރިއެވެ. އޭނާގެ ބައްޕަ އެސިފަކޮށްދިނީ ނިއަމް ނޫންބާވައެވެ؟ އޭނާވެސް ހުންނަނީ ދިގުކޮށެވެ. އުޅެނީވެސް ކުރިމަތީގައި ހުންނަ ޓަވަރުގައެވެ. އޭނާގެ ބައްޕައާއި ވެސް ނިއަމް ދިމާވީ ހެއްޔެވެ؟ މިފަދަ ހިޔާލުތަކެއްގައި ހުރެގެން ތަށިތައް ދޮވެފައި އެލީނާ ދެން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.

ދުވެނިންމާފައި ސާދަވަނަ ޓަވަރަށް ވަދެގެން އައި ނިއަމްއަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ޚާއްސަކޮށް އަންހެންކުދިންގެ ކަތި ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ. ދުވުމުގެ ސަބަބުން އެފިނި ދުވަހުގައިވެސް ނިއަމްވަނީ ފުދޭވަރަކަށް ދާހިތްލާފައެވެ. ލާފައި ހުރި ޓީޝާޓު ގަޔަށް ހިފާލާފައި ހުރިއިރު އެ އިސްތަށިގަނޑުގެ ބައެއް އިސްތަށިތައް އެދިގު މޫނާއި ކަންފަތް ކައިރީގައި ތަތްވެފައި ހުއްޓެވެ. ފެންފުޅިއަކުން ފެން ބޮމުން ހިނގާލާފައި ލިފްޓާއި ހަމައަށް ދިޔައިރުވެސް އޭނާއަށް ހުއްޓިފައިވާ ނަޒަރުތައް މަދެއް ނޫނެވެ.

ގަޑިތަކުން ދިހައެއް ޖަހަނީއެވެ. އެލީނާ އުޅެނީ މިއަދު ދޮވުނު އަބާޔާތަކާއި ހެދުންތައް ބެލްކަނީގައި ހިއްކަން އަޅުވާށެވެ. ސައިބޮއެ ނިމުނުގޮތަށް އޭނާ ފެށީ އެމަސައްކަތެވެ. އެއީ ކޮންމެ ހަފްތާގެ ހުކުރުދުވަހަކީ އެލީނާ ވަކި ޚާއްސަކަމެއް އަންނައުނު ދޮވުމަށް ދޭ ދުވަހަކަށް ވުމާއެކީގައެވެ. ފަހަރަކު އަބާޔާއެއް ކޮނޑުގައި އަޅުވާފައި ބެލްކަނީގައި ހަރުކޮށްފައި ހުރި ހަރުގައި އަޅުވާލަމުން ދާއިރު، އޭނާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ކުރިމަތީގައި ހުރި ބެލްކަނީގައި ހުރީ ނިއަމްއެވެ.

ބެލްކަނީގައި އެއް އަތް އަޅުވާލައިގެން ހިނިތުންވެލާފައި ނިއަމް ހުރިއިރު، އެލީނާގެ ގެވެހިކަމާއި މުރާލިކަމަށް ހިތާހިތުން ތަޢުރީފުކުރެވެމުން ދިޔައެވެ. އަޅާފައިވާ ކަޅު ކުޑަ ވަށްބުރުގާގެ ތެރެއިން އެ ދޮންމޫނު ފާޅުވާން ހުންނައިރު ވަރަށް ނަލައެވެ. ލާފައި ހުރި ދިގު ޓީޝާޓުވެސް އެލީނާއާއި ނުހަނު ގުޅެއެވެ. މަޑުމަޑު ރާގުކޮޅެއް ލައްވަމުން އޭނާ އެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެ ފިޔާތޮށި ކުލައިގެ ތުންފަތް ތެޅިލާގޮތް ނިއަމްއަށް ވަރަށް ކަމުދިޔައެވެ. މާގިނައިރު އެގޮތަށް ބަލަން ނުހުރެވުނީ އެލީނާ އެދިމާއަށް ބަލާލުމުންނެވެ.

އެއްޗިހި ހިއްކަން އަޅާ ނިމުމުން ކުރިމަތީގައި ހުރި ބެލްކަންޏަށް ބަލާލެވުނީ މީހަކު ބަލަހައްޓައިގެން ހުރިކަމުގެ އިހުސާސެއް ކުރެވުމުންނެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ރީތި ހިނިތުންވުމެއް ދީގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އެހުރީ ނިއަމްއެވެ. އެއް އަތް ބެލްކަނީގައި އަޅުވާލައިން ހުރިއިރު އެއަތުގައި އޮތީ ކޮފީ ދަޅެކެވެ. އޭނާ ލާފައި ހުރި ޓީޝާޓަކާއި ދޫ ސޯޓެކެވެ. މޫނުމަތި ފެންނަން ހުރިލެއް ތާޒާކަމުން ފެންވަރައިގެން ނިކުތްތާ މާގިނައިރެއް ނުވާކަން އިނގެއެވެ.

އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބި ދެމީހުންގެ ނަޒަރު ވަކިވީ ނިއަމް އެލީނާއަށް ހަނާއަޅާލުމުންނެވެ. ރައްދުގައި އެލީނާވެސް ހަނާ އަޅާލީ ލަދުން ހުރެއެވެ. އެއާއެކު ނިއަމް ދެން އިޝާރާތް ކޮށްލީ އޭނާގެ ފޯނަށެވެ. ފޯނަށް އިޝާރާތް ކޮށްލާފައި ކަންފަތުގައި އިނގިލި ޖައްސާލި ގޮތުން އެބުނަނީ ނަމްބަރު ދޭށޭކަން އެލީނާ ދެނެގަތެވެ. ނަމަވެސް ނިއަމް އަށް އެހާ ފަސޭހައިން ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެއާއެކު އެލީނާގެ ތުންފަތުގައި ދެމިލީ ލާނެތް ހިނިތުންވުމެކެވެ. މަޑުމަޑުން ބޯ ހޫރުވާލަމުން ހިނިއައިސްފައި ހުރެ އެއްޗިހި އަޅާފައި ހުރި ވަށިގަނޑު ހިފައިގެން ބެލްކަނިން އެތެރެއަށް އޭނާ ދެމިގަތެވެ.

އެލީނާ އެތެރެއަށް ވަދެވުމާއެކީ އޭނާއަށް ހީލެވުނެވެ. އެއަންހެންކުއްޖާ ގެ ކިބައިގައި ލާނެތްކަމެއް ވެސް ވާކަން މިއަދު ނިއަމްއަށް ހާމަވެއްޖެއެވެ. އެލީނާ އޭނާއަށް އެހާ ފަސޭހައިން ނަމްބަރު ނުދޭނެކަން އެނގުމުން އޭނާ ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެލީނާގެ ނަމްބަރު ހޯދަން ނިއަމްގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ކޮޓަރިއަށް ވަށިގަނޑު ލާފައި އެލީނާ ނިކުތްއިރު ރަމްލާ ކާމޭޒު ކައިރީގައި އިނެވެ. ހުކުރު ދުވަހުގެ މެންދުރަށް ކައްކާނެ އެއްޗެއް މަޝްވަރާކޮށްލުމަށް ދެމައިން ފަސްމިނިޓެއްވަރު ތިއްބެވެ. ފާސްވީ ފްރައިޑް ރައިސްއާއި ސޯސްކުކުޅު ހެދުމަށެވެ. ވީމާ، ފިހާރައަށް ދިއުމަށްޓަކާ ކުޑަކޮށް ތައްޔާރުވެލައިގެން ދެމައިން މިސްރާބުޖެހީ ނެއިޑް މާޓަށެވެ.

އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލާފައި އެތެރެއަށް ވަތް ނިއަމްއަށް އުނދުން ކައިރީގައި ހުރި ސާދިޔާ ފެނި، އޭނާގެ ގާތަށް ދިޔައެވެ. ނިއަމްއަށް އެންމެ މީރު ސާގުބޮނޑިބަތް ކައްކަން އުދާފައި ހުރިއިރު ބިރިޔާނީ ހަދަން ބޭނުންވާ ހުރިހާ ސާމާނެއް މޭޒުމަތީގައި ހުއްޓެވެ. މާދަމާ ސާދިޔާ ރަށަށް ފުރާތީ، ނިއަމްއަށް މީރުވާނެހާ އެއްޗެހި ތައްޔާރުކޮށްދެނީކަން އެނގުމުން ނިއަމް އުފާވިއެވެ. ނަމަވެސް ދެރަވާ ގޮތްވެސް ވިއެވެ. ސަބަބަކީ އެމަންމަ ފެންނާނެ ދުވަހެއް ދެން ނޭނގޭތީއެވެ. ސާދިޔާ އައިސްގެން އެއުޅެނީވެސް ޑޮކްޓަރަށް ދައްކާށެވެ.

ނިއަމް އަކީ އއ.އުކުޅަސް އަށް އުފަން، އެކާވީސް އަހަރުގެ ޒުވާނެކެވެ. އޭނާގެ މަންމަ ސާދިޔާއަށް ލިބުނު ހަތަރު ކުދިންގެ ތެރެއިން ދެވަނަ ކުއްޖާއެވެ. ނިއަމްގެ ބައްޕަ، ހުޒާމް ވަނީ އޭނާގެ އުމުރުން ދިހަ އަހަރުގައި ނިޔާވެފައެވެ. އޭގެފަހުން ހުވަފަތް އަތްބެއްގެ ގޮތުގައި އިން ސާދިޔާ އަދި އަދަށްވެސް އިތުރު ކައިވެންޏެއް ކޮށްފައި ނުވެއެވެ. ވުމާއެކު، އެކުދިންގެ ހުރިހާވެސް މީހަކީ މަންމައެވެ. އެމަންމައަށް ކާފަގެ ގެއިން ލިބުނު ތަންކޮޅުގައި ރަނގަޅު ފެންވަރުގައި ގެއެއް ހަދައިދީފައި ހުންނަނީ ހުރިހާ ކުދިންވެސް ޝާމިލްވެގެންނެވެ. އެންމެ ދޮށީކުއްޖާ، ނާޒިމްއާއި ނިއަމް މާލެއަށް ދިރިއުޅުން ބަދަލުކުރީ ވަޒީފާ ހަމަޖެހުމުންނެވެ. ނާޒިމް މިހާރު އުޅެނީ މާލެއިން މީހަކާވެސް އިނދެގެންނެވެ. އެހުރިހާ ކުދިންގެ ތެރެއިންވެސް ނިއަމް ސާދިޔާ ދެކެ ވަނީ މާ މަތިވެރި ލޯތްބެކެވެ. އެކަމަށް ހެކިދެނީ، މާލޭގައި ސާދިޔާގެ އެންމެ ދޮށީ ދަރި ހުރެމެ، ޑޮކްޓަރަށް ދައްކަން މަންމަ ގެނެސް ގެން އެހުރިހާ ކަމެއް ކުރަނީ ނިއަމް ކަމަށް ވުމެވެ. ސުވަރުގެ ދެވޭނީ މައިމީހާގެ ފައިތިލަ ދަށުންކަމެއް ނިއަމް ހަނދާން ނައްތައެއް ނުލައެވެ.

ރަމްލާ ފިޔާ ކޮށަން އިންއިރު އެލީނާ ހުރީ ކަޓިން ބޯޑެއް ބޭނުން ކޮށްގެން ކެއްކުމަށް ބޭނުންވާ އެހެން ހުރިހާ ސާމާނެއް ކޮށާށެވެ. ގަޑިން އެގާރަ ޖެހިކަން ގޭތެރޭގައި އިން ބޮޑު ގަޑިން އިއްވަމުން ދިޔައިރު، އަރާމުކޮށްލަން އޮވެފައި ނާޝިދުވެސް ކޮޓަރިން ނިކުތެވެ. އެއާއެކު ރަމްލާ އަވަސްވެގަތީ އޭނާއަށް ކަޅުކޮފީ ތައްޓެއް ހަދައިދިނުމަށެވެ. ކޮންމެ ހުކުރުދުވަހެއްގެ އެގަޑީގައި ކަޅުކޮފީ ތައްޓެއް ބުއިމަކީ ނާޝިދު އަބަދުވެސް ކުރާ ކަމެކެވެ.

“މަންމާ! އަޅުގަނޑު މިއަދު ކައްކާނީ. މަންމަ ދޭ އިނގޭ ބައްޕަގެ ގަމީސް އިސްތިރިކޮށް ހަދާލަން. މަންމަ މިހާރު ވާނެ އަރާމްކުރަން. ކަހަފް ސޫރަތް ނުކިޔެވި ހުރިއްޔާ ކިޔަވާލައްޗޭ.” އެލީނާ ތެއްޔެއްގައި ފިޔާ ރަތްކުރަން ހުރެ ވާހަކަދެއްކި އެވެ.

ނާޝިދު ބުއި ކޮފީތަށި ދޮވެލާފައި އެލީނާގެ ކޮނޑުގައި ފިރުމާލަމުން ރަމްލާ އެތެރެއަށް ވަނީ ގަމީސް އިސްތިރިކޮށްލުމަށެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއް އިސްތިރިކޮށްލާފައި ކޮނޑެއްގައި އަޅުވާލަމުން ރަމްލާ ގޮސް އެނދުގައި އިށީނެވެ. އެލީނާއަށް ރަމްލާގެ ބަދަލުވަމުންދާ މިޒާޖު ފާހަގަކުރެވެނީ ބާއެވެ؟ އަބަދު ވަރުބަލިވެފައި ހުންނަކަން ޚުދު އޭނާއަށްވެސް އިހުސާސްވެއެވެ. މާގިނައިރު ވިސްނަން އޮވެފިއްޔާ ބޮލުގައި ރިއްސަން ފަށާފާނެތީ، ރަމްލާ އަވަސްވެގަތީ އެލީނާ ބުނިފަދައިން ކަހަފް ސޫރަތް ކިޔަވާލުމަށެވެ.

Share Article

Follow Me Written By

_Nanni_

Level 1

Just a girl who loves writing.....

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 27

Next

މާސްކު (ޕާޓް 30)

Next
December 8, 2025

މާސްކު (ޕާޓް 30)

Previews
December 8, 2025

އެދިގެން ކަލާ ލިބޭތޯ 27



All Right Reserved!