Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ލޯބި އަހަރެންވެސް ވީމޭ… (2 ވަނަ ބައި)

_Nanni_ Level 1
December 6, 2025 5 Mins Read
2 Comments

ވިލާ ކޮލެޖް ބަސް ސްޓޮޕް އަށް ބަސް ހުއްޓުމުން އެލީނާ ފޭބިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ބަޓަރފްލައި އަބާޔާ ކޮށިކޮށްލަމުން ފޭބިއިރު މަގުމަތީގައި ފެންގަނޑު އޮތުމުން އެލީނާގެ މޫނަށް ފޫހިކަމުގެ ކުލަވަރު އެރިއެވެ. ތުން އޫކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. އިސްޓާކީނު ތެމިދާނެތީ ވަރަށް މަޑުމަޑުން ބަލައިގެން ދިޔަ އެލީނާ ސިހުނީ ބަރުގޮނު އަޅާލި އަޑަށެވެ. އޭރު ބޮޑު ލޮރީއެއް އޭނާއަށް ދިމާއަށް އާދެއެވެ. މިއީ ފަހުވަގުތުކޮޅޭ ހިތަށް އަރާ އެލީނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބާރުގަދަ އަތަކުން އެލީނާގެ އަތަށް ދަމައިގަނެފިއެވެ.

 

**********************************

 

ތަގުޅިކޮށްލެވިފައިވާ ދެލޯ ސިސްސައިގެންގޮސް ހުޅުވާލި އެލީނާގެ ލޯ ބޮޑުވެގެންދިޔައީ އޭނާގެ ގައިގައި ޖެހި ފިތިފައިވާ ފިރިހެންކުއްޖާ ފެނުމުންނެވެ. އޭނާގެ ބޮޑު ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރި އެޒުވާނާގެ ބާރުގަދަ މުލައްދަނޑިއަށާއި އަތަށް އެލީނާގެ ނަޒަރު ހުއްޓާލެވުނެވެ. މިހުރެވުނީ އޭނާގެ މޭގައި ލައްވެވިފައި ކަންވެސް ހަނދާނުގައި ނެތް ކަހަލައެވެ. އެ އިސްކޮޅުން ދިގު ޒުވާނާ އަދިވެސް ހުރީ އެތޫނު ކަޅިރަވައިގެ ޖާދޫގައި ޖެހިފައެވެ. އެލީނާ ނަޒަރު ވަކިކޮށްލީ، މީގެ ކުރިން އޭނާއަށް ކުރެވިފައިނުވާ އިހުސާސެއް ކުރެވެން ފެށުމުންނެވެ.

އެލީނާ އަވަސްއަވަހަށް ތެޅިގަނެފައި އަތްދޫކޮށްލުން އެދި އިޝާރާތްކޮށްލުމުން އޭނާ އެލީނާގެ އަތުން ދޫކޮށްލިއެވެ. މަޑުމަޑުން ދުވެފައި އެލީނާ ދިޔައިރު ރަތްވެފައިވާ އެދޮން ކޯތާފަތް ވަރަށް ރަނގަޅަށް އެޒުވާނާއަށް ފެނުނެވެ. އޭނާއަކީ ބަސްސްޓޮޕް ގައި އެލީނާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ ނޫން އިތުރު އެހެން މީހެއް ނޫނެވެ. އެއާއެކު އަނެއްކާވެސް އެމޫނުގައި ކުރެހިގެން ދިޔައީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ.

ދަރުމަވަންތަ ސްކޫލުގެ ގޭޓުން ވަދެގެން އައި އެލީނާގެ މޫނުމަތީގައި ވަނީ ލަދުވެތިކަމުގެ އަސަރުތަކެވެ. އެއީ އޭނާގެ ހަށިގަނޑުގައި ފިރިހެނަކު ބީހުނު ފުރަތަމަ ފަހަރެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވެގެންދިޔަ ވަގުތުކޮޅެކެވެ. އަދި މަރުގެ ތުންފަތްމަތީގައި ހުއްޓާ އަތަށް ދަމައިގަތުމުން އޭނާ ވަރަށް ލަދުގަތެވެ. އަމިއްލަ ނަފްސާއި ދިމާއަށް މަޑުމަޑުން އެއްޗިހި ކިޔަމުން، އަތްދަބަހުގައި ހިފަހައްޓާލައިގެން އެލީނާ ހިނގައިގަތީ އޮފީހާއި ދިމާއަށެވެ.

“އެލީނާ އަޅެ ތަންކޮޅެއް ބަލައިގެން އުޅެބަލަ ދޯ. ނޭނގެ އެ ފިރިހެނާ ހީކުރާނެ އެއްޗެއްވެސް. ޔަޤީނޭ މަށަށް މަލާމާތްކުރާނެކަން. އަދި އެވަގުތަށް އެ ލޮރީގަނޑުވެސް އަންނަން ޖެހޭތަ؟”

“އެލީ؟ ހާދަ ރުޅިއައިސްފައި ހުރިހެން ހީވެއޭ؟ ކިހިނެތްވީ؟ މީހާ ތިއޮށް ރަތްވަނީއެއްނު. ހަހަހަ. ކިއުޓް އޭ. ދެން ދޭބަ އަވަހަށް ސައިން އިން ވާންންން….” އެލީނާ ސިއްސައިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ އިރަމް ގެ އަޑަށެވެ.

” އިރޫ.. މަވަރަށް ލަދުން މިހުރީ. މަގުހުރަސް ކުރަނިކޮށް ކިރިޔާ ލޮރީއަކުން ނުޖެހުނީ. މީހަކު އަތުގައި ހިފާ ދަމައިގަތީމަ މަ ސަލާމަތްވީ. އަދި ފިރިހެނެކޭ! މަ ކިހާ ލަދެއް ގަންނާނެތަ!” ބޮޑާހާކާ ފަދަ ރާގަކަށް އެލީނާ ވާހަކަ ދެއްކުމުން އިރަމްގެ ގާތަށް ހިނިއައެވެ. ދެކުދިން ވާހަކައިގައި ތިބެ ގޮސް އޮފީހަށް ވަދެ ސައިން އިން ވެލާފައި، ސްޓާފްރޫމް އަށް ދިޔައެވެ.

އިރަމް އަކީ އެލީނާ ކިޔަވަން އުޅޭ ކޮލެޖުން ދިމާވި ރަހުމަތްތެރިއެކެވެ. ދެކުދިންގެ ވިސްނުމުގެ އެއްގޮތްކަމާއި، މިޒާޖުގެ އެއްގޮތްކަމުން ދެކުދިން ގުޅުނީ ނުހަނު އަވަހަށެވެ. ދެކުދިންގެވެސް ޝައުޤުވެރިކަން ހުރީ ކިޔަވައިދިނުމަށް ކަމަށްވެފައި، ދެކުދިންނަށް ވެސް ލިބިފައިވަނީ ރިވެތި އަޚްލާޤެކެވެ. އެދުވަހުން ފެށިގެން އެކަކު އަނެކަކުގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް ވީ މި ސަބަބާ ހުރެއެވެ. އިރަމް އަކީވެސް ރީތި ކުއްޖެކެވެ. އެލީނާ ހާ ދޮންނުވިޔަސް އިރަމް ކަޅެކޭ ނުބުނާނެއެވެ. އެލީނާއާއި ޚިލާފަށް އިރަމް އަކީ އިސްކޮޅުން ކުރު، ހިކި ކުއްޖެކެވެ. އެލީނާއާއި ދިމާވިފަހުން ކުރިން ކުރުކުރު އެއްޗިހި ލައި އުޅުނު އިރަމް މިހާރު ލަނީ އަބާޔާއެވެ. އެލީނާގެ އެ ސިފަ އިރަމްއަށް ކަމުދިޔައީއެވެ. ނަމާދަށް ފަރުވާކުޑަ އިރަމް، އެލީނާ އޭނާގެ ދިރިއުޅުމަށް އައި ހިސާބުން އެންމެ ނަމާދެއްވެސް ދޫކޮށްނުލައެވެ. އިރަމްގެ މަންމަ ނާސިހާ، އެލީނާ ދެކެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވަނީ މިހެންވެއެވެ. އިރަމްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމުގެ ސަބަބަކަށް އެލީނާ ވީތީއެވެ. ނަމަވެސް އިރަމްއަކީ ގަދަޔަށް މޭކަޕްކޮށްފައި ހުންނަ ކުއްޖެކެވެ. އެދެކުދިންނަކީ އެކަކު އަނެކަކުގެ ހިޔަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަދު ވެގެންދިޔައީ އެލީނާ ހީކުރި ވަރަށްވުރެ ބުރަ ދުވަހަކަށެވެ. ޓީޗަރަކު ބަލިވެ ނުދާތީ ރިލީފް ގަޑިތަކެއް ވެސް ނަގަން ޖެހުމުންނެވެ. ކުޑަކުދިންނަށް ކިޔަވައިދިނުމަކީ އެލީނާ ނުހަނު ލޯބިކުރާ ކަމަކަށް ވާއިރު، ބައެއް ގަޑިތަކުގައި އެކުދިން މަސަލަސްކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. ނަމަވެސް އޭނާގެ ކުޅަދާނަކަމުން އެކަން ކޮށްލަނީ ވަރަށް ކެތްތެރިކަމާއި، ލޯތްބާއެކުގައެވެ. ވުމާއެކު، ހުރިހާ ކުދިންވެސް ވަރަށް ލޯބިވާ މުދައްރިސަކަށް އެލީނާ ވަނީ ވެފައެވެ.  ދުވަހަކީ ބުރާސްފަތިދުވަހަށް ވުމުން، އެލީނާ އިނީ ދޭއް ޖަހަންވާއިރަށް ލެސަން ޕްލޭންތައް ނިންމާލެވޭތޯއެވެ. ގަޑިން ގަޑިއަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމައި ސަބްމިޓްކުރުމަކީ، އެލީނާ ނުހަނު އިސްކަންދީގެން ކުރާ ކަމެކެވެ. ސްކޫލުގެ ވެރިންގެ ލޯބި އެލީނާއަށް ލިބިފައިވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ.

ގަޑިން ދެގަޑި ބައިވިއިރު، އެލީނާ އިނީ ބަހުގައެވެ. އެރީތި މޫނުން ވަރުބަލިކަން ފާޅުވަމުން ދިޔަކަމުގައި ވިޔަސް، އެރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ތުންފަތް ހިކިފައިވުމުން އެލީނާގެ އަތްދަބަހުން ނެގި ލިޕްބާމް ފުޅިން ތުންފަތުގައި އުނގުޅާލިއެވެ. އެއަށްފަހު ސީޓުގައި ހަމަޖެހިލަމުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. ވިއްސާރަ ދުވަސްކޮޅެއް ކަމުން އިރު ވަނީ ކަޅުވިލާތަކުގެ ފަހަތުގައި ހައްޔަރުވެފައެވެ. ވައިބާރުވުމުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު ކެކިއަރާފަދައެވެ. ދެންމެ ދެންމެ ވާރޭ ވެހިގަނެފާނެހެން ހީވާކަހަލައެވެ. އެލީނާ ލޯމަރާލީ ކަންފަތަށް ޖަހާލާފައިވާ އެއަރޕޮޑުން އިވެމުންދިޔަ މަޑު މިއުޒިކުގެ ތެރެއަށް ގެނބިގެން ދިއުމުންނެވެ.

20 މިނެޓް ގެ ދަތުރަކަށްފަހު އެލީނާ އުޅޭހިސާބަށް ބަސް މަޑުކޮށްލިއެވެ. ހިޔާ ފްލެޓް ގެ 10 ވަނަ އިމާރާތުގައި އުޅޭ އެލީނާ މިސްރާބުޖެހީ، ގެއަށް ވަނުމުގެ ކުރިން ފިހާރައަކަށް ވަދެލާށެވެ. ހަވީރު ސައިބޯން މަފިންސް ހެދުމުގެ ހިޔާލު އައުމުން ވެސް މެއެވެ. ނެއިޑްމާޓް ފިހާރައިގެ ހަރުތަކުން ބޭނުންވާ އެއްޗެހި އަޅަމުން ދިޔަ އެލީނާ، އަތްމަތި އަވަސްކޮށްލީ ރަމްލާ ގުޅަން ފެށުމުންނެވެ.

“ހަލޯ. ކީކޭ މަންމާ؟ އަޅުގަނޑު ފިހާރައަކަށް ވަދެލީމާ ލަސްވަނީ. މި އަރަނީ އިނގޭ މައްޗަށް.” މަންމައަށް ވާނުވާ އޮޅުންފިލުވައިދިނުމަށްފަހު އެލީނާ ފޯނު ދަބަހަށް ލިއެވެ. އޭނާދެކެ މަންމަ ހާދަ ލޯބިވެއޭ ހިތަށްއެރުމުން އެލީނާ އަށް ހިނިތުންވެވުނެވެ. އޭނާގެ ރައްކާތެރިކަމާމެދު އަދިވެސް އެމަންމަ ވިސްނާވަރު އެނގުމުން އެލީނާ ފެންކަޅިވިއެވެ. އުފަލުން ގޮހެވެ. އެފަދަ މައިންބަފައިން ލިބޭނީ ހަމަ ނަސީބުވެރިއަކަށެވެ.

ބާޒާރުކޮށް ނިންމާލާފައި ކޮތަޅު ހިފައިގެން އެލީނާ މިސްރާބުޖެހީ ލިފްޓާއި ދިމާއަށެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު އެތާ ތިބީ އިތުރަށް ދެމީހެކެވެ. ވުމާއެކު ލިފްޓް އައުމުން އެލީނާ ލިފްޓަށް އަރާ ސާދަވަނަ ބުރިއަށް ދިއުމަށް ފިތާލިއެވެ.

އެޕާޓްމެންޓަށް އައިސް ވަދެވުނުއިރު، ވަޅޯމަސް ސްޕެގެޓީގެ މީރުވަސް އެލީނާގެ ނޭފަތުގައި ޖެހުނެވެ. ބަނޑުހައިވެފައި ހުރިވަރު އިހުސާސް ވީވެސް ދެނެވެ. ސްކޫލުގައި ނުހަނު ބުރަކޮށް އުޅެފައި އައުމުން ވެފައި ހުރި ވަރުބަލިކަންވެސް މެއެވެ. ހިނދުކޮޅެއްވެސް މަޑުނުކޮށް އެލީނާ ކޮޓަރިއަށް ވަނެވެ. ފެންވަރައިލައިގެން ނިކުތްއިރު އެމޫނުމަތި ވަނީ ތާޒާވެފައެވެ. އެލީނާ ގޭގައި ލާ އަތްދިގު ޓީޝާޓަކާއި، ދޫ ހަރުވާޅެއް ލުމަށްފަހު، މެންދުރު ނަމާދު ކޮށްލިއެވެ. އެއަށްފަހު އަވަސް އަވަހަށް އެދިގު އިސްތަށިގަނޑު ހުޅިއަކަށް ވާހެން އައްސާލަމުން ކޮޓަރިން ނިކުތެވެ.

އެވަގުތު ވެގެންދިޔައީ، އޭނާގެ މަންމަ ރަމްލާވެސް ކޮޓަރިން ނިކުތް ވަގުތަށެވެ. މަންމައަށް ހިނިތުންވުމެއް ދެމުން، ތަށްޓަށް ސްޕެގެޓީ އަޅައިގެން އައިސް އިށީން އެލީނާ އަހާލީ އޭނާގެ ބައްޕަ ކޮބައިތޯއެވެ.

“ދަރިފުޅުގެ ބައްޕަ ވީ ހޮޓެލުގެ މުހިންމު ކަމަކު ދާންޖެހިގެން ގޮސް. ދަރިފުޅު އައީމަ ނޫނީ ނުކާންވެގެން އިން ވަރަށް އިރުވަންދެން. އެކަމަކު ލަސްވާތީ ކައިގެން އެދިޔައީ.” ރަމްލާ ޖަވާބުގައި ބުންޏެވެ.

ނާޝިދަކީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، އާމްދަނީ ހޯދުމުގެ ގޮތުން ހޮޓެލް އެއް ހުޅުވައިގެން އުޅޭ މީހެކެވެ. ‘ބްލޫ ހޭވަން’ އަކީ މިހާރު ރާއްޖެއިން ފާހަގަކޮށްލެވޭ، އާއްމުންނާއި ފަތުރުވެރީންގެ މެދުގައި ވެސް މަޤްބޫލުވެފައިވާ ފަސްތަރީގެ ހޮޓަލެކެވެ. މި މަސައްކަތް ކާމިޔާބު ކުރެވުމުގެ މުގުލަކީ ނާޝިދަށް ވީހިނދު، ދެން އެންމެ މުހިއްމު ދައުރެއް އަދާކުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ރަޝީދު، އަދި ދެގޮތެއް ނުވެ އަބަދުމެ ކައިރީގައި ހުރި އޭނާގެ ލޯބިވާ އަނބިމީހާ ރަމްލާއެވެ. މުއްސަނދި ކަން ލިބިފައިވީނަމަވެސް، އެމީހުން ހިޔާރުކުރީ ސާދާ ދިރިއުޅުމެކެވެ. ބޮޑާކަމާއި ކިބުރުވެރިކަން ފަދަ އެއްވެސް ސިފައެއް އެކުޑަކުޑަ އާއިލާއަކުން ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ހިޔާ ފްލެޓުން އެޕާޓްމެންޓެއް ނަގައިގެން އެތާނގައި އުޅެމުން ދަނީވެސް އެހެންވެއެވެ. އަދި ހަމަ އެހެންމެ އެލީނާއާއި ރަމްލާވެސް މާ ހތްހަމަޖެހޭ މާހައުލަކަށް އެތަން ވެފައިވެއެވެ.

ކައިނިމިގެން ތަށި ދޮވެލާފައި، ސާފުވައިކޮޅެއް ހޯދުމުގެ ބޭނުމުގައި އެލީނާ ނިކުމެލީ ބެލްކަންޏަށެވެ. އޭރު ކުޑަކޮށް ވިއްސާރަ ކަނި ޖަހަންފަށައިފިއެވެ. އެކަން ވެގެންދިޔައީ އެލީނާ އިތުރަށް ހިތްހަމަޖެހުނު ކަމަކަށެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ބަރާވެފައި ވީއިރު، ޖެހެމުންދިޔަ ފިނި ވައި ބެލްކަނީގައި ހުރި ގަސްތަކަށް ހަމަލާ ދެމުންދިޔައެވެ. ސާދަވަނަ ބުރިކަމުން މީގެކުރިން އެއްވެސް މީހަކަށް އެލީނާ އެތާނގައި ހުއްޓާ ފެނިފައި ނުވާތީ، އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

އޯކިޑް މާގަސްކައިރީގައި އިށީނދެލައިގެން އެގަހާ ކުޅެލަ ކުޅެލަ އިން އެލީނާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނީ، ބިއްލޫރި އެއްޗެއް ވެއްޓި ތެޅުނު އަޑަށެވެ. އަޑުއައީ އެޕާޓްމެންޓް ތެރެއިން ނޫންކަން ޔަޤީންވުމުން ލެވުނު ހިތްހަމަ ޖެހުމުގެ ނޭވާ، ހަމަ އެސިކުންތުގައި ހިފަހައްޓާލެވުނީ ކުރިމަތީގައި ހުރި ހިޔާ 14 ވަނަ އިމާރާތުން ހަމަ އެ ބެލްކަންޏާ ސީދަލަށް ފެންނަން ހުރި ބެލްކަނީގައި އާޝޯޚުވެފައި ބަލަހައްޓައިގެން ހުރި ޒުވާނާ ފެނުމުންނެވެ. އެއީ މިއަދު އެލީނާ ސަލާމަތްކޮށްދިން ޒުވާނާއެވެ. ވެއްޓުނީ އޭނާގެ އަތުގައި އޮތް ބިއްލޫރި ތަށިކަން ހާމަވީ، ތެޅިގަނެފައި އޭނާ ބިއްލޫރި ތައް ނަގަން ގުދުވުމުންނެވެ. އެވަގުތުގައި އެލީނާ އަވަހަށް ބެލްކަނިން އެތެރެއަށް ދެމިގަތެވެ. ވިއްސާރަވެސް ބޯކޮށްލީ އެވަގުތެވެ.

ކޮޓަރިއަށް ވަދެ ދޮރު ލެއްޕިގޮތަށް ދޮރުފަތުގައި ލައްވެގެން އިށީނދެވުނު އިރު، އެލީނާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. ދުވަހަކުވެސް އޭނާ އެގޮތަށް ހުއްޓާ ފިރިހެނަކަށް ފެނިފައިނުވާއިރު، މި ފިރިހެނާއަށް މިއަދު އޭނާ ފެންނަންވީ ކީއްވެހޭ ބުނެ ހިތާހިތުން ޝަކުވާކުރިއެވެ. މޭގައި އަތްޖައްސާލައިގެން އިނދެ ރޮމުން ދިޔަ އެލީނާ އަށް ކުރެވުނީ ނަފްސު ނުޠާހިރުވެއްޖެ ކަމުގެ އިހުސާސެވެ. އެއީ އޭނާގެ އައުރަ ފިރިހެނަކަށް ހާމަވީތީއެވެ. މީގެކުރިން އެ ބެލްކަންޏާ ކުރިމައްޗަށް ވާހެން ހުރި އެޕާޓްމެންޓްގައި ކުރިން ބަޔަކު ނޫޅޭކަން އެލީނާއަށް ޔަޤީނެވެ. ވީމާ، މި ޒުވާނާ އެތަނަށް އައީ މިއަދު ނޫނީ އިއްޔެކަން އެލީނާއަށް އިނގުނެވެ.

ހިތަށް ހަމަޖެހުމެއް ލިބޭނީ ނަމާދުކުރުމުން ކަން އެލީނާއަށް އިނގޭތީ ފާޚާނާއަށް ވަދެ މޫނު ދޮވެލާ ވުޟޫ ކުރަން ތައްޔާރުވިއެވެ. ލޯގަނޑުން އެމޫނު ފެންނަން ހުރިއިރު އެރީތި ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތިވެސް ވަނީ ގިނައިން ރުއިމުގެ ސަބަބުން ފޮއްސިވެފައެވެ. ދެލޯ ފޮހެލަމުން އެލީނާ ވުޟޫކޮށްލައިގެން ނިކުމެ، ދެރަކުޢަތުގެ ނަމާދެއް ކޮށްލިއެވެ. އޭރު އަޞުރަށް ގޮވަން ކައިރިވެފައި ހުރުމުން ޤުރުއާން ކިޔަވަން މަޑުކޮށްލިއެވެ.

އެޒުވާނާގެ ހާލަކީތޯއެވެ؟ ތަޅައިގެންދިޔަ ތަށީގެ އެތިކޮޅުތައް ނަގައިގެން ތެދުވިއިރު އޭނާއަށް ފެނުނު ހޫރުޕަރީއެއް ފަދަ ކުއްޖާ ފެންނާކަށް ނެތެވެ. ބަސްސްޓޮޕް އިން ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތް އަތުލި އެ އަންހެންކުއްޖާ އެހެން ހުއްޓާ ފެނުމުން ހިތަށް ގޮތެއްވިކަން ޔަޤީނެވެ. ކުށެއް ކުރެވުނު އިހުސާސެއް ކުރެވުނަސް އޭނާއަށް ސިފަކުރެވެމުން ދިޔައީ އެ އަންހެން ކުއްޖާ އޯކިޑް މަލާ ކުޅެން އިންގޮތެވެ.

މުށިކުލައިގެ ދިގު އިސްތަށިގަނޑު ހުޅިއަކަށް އައްސާލާފައިވާއިރު، ކުރުކޮށް ކޮށާލާފައިވާ ބައެއް އިސްތަށިކޮޅުތައް އެރީތި މޫނަށް ގޯނާ ކުރަމުން ދިޔައެވެ. އެއްވެސް މޭކަޕެއް ނެތިވެސް އެ އަންހެން ކުއްޖާގެ ސާދާކަން އެ ޒުވާނާގެ ހިތް ފަތަހަކޮށްފިއެވެ. ލާފައިވާ ފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓުކޮޅު ހަށިގަނޑަށް ހިފާލާފައި ހުރިއިރު އެ ދަންފުޅި ބައްޓަން ފާޅުވެއެވެ. އަބާޔާއެއްގެ ދަށުގައި ފޮރުވިފައިވަނީ ކޮންފަދަ ރީތިކަމެއްކަން މިއަދު އެޒުވާނާއަށް އެނގިއްޖެއެވެ.

ހިޔާލުތަކުން ބޭރުވެވުނީ ޢަޞްރު ނަމާދު ބަންގީގެ އަޑަށެވެ. ކުރެވެމުން މިދަނީ ކޮންފަދަ ޚިޔާލެއްކަން އެނގުމުން އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ. އެ މައުސޫމު އަންހެންކުއްޖާ އަށް އަނިޔާވެރިވެވެނީ އޭ ހީވިއެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި، މި ޒުވާނާ ޚިޔާރުކުރީ މިސްކިތެވެ. އޭރުވެސް ބަންގީގެ އަޑު މެދުނުކެނޑި އިވެމުންދެއެވެ. ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު އެ ބެލްކަނީއާ ދިމާއަށް ބަލާލެވުނީ އިޚްތިޔާރަކާ ނުލައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

_Nanni_

Level 1

Just a girl who loves writing.....

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (10 ވަނަބައި)

Next

އަލީނާގެ ހަޔާތް…3

Next
December 6, 2025

އަލީނާގެ ހަޔާތް…3

Previews
December 6, 2025

ހިތް އެދޭހާ ކަމެއް.. (10 ވަނަބައި)

2 Comments!

  1. fathmathrasheedha says:
    December 7, 2025 at 11:57 am

    Varah reethi

    1. _Nanni_ says:
      December 7, 2025 at 8:28 pm

      Shukuriyya! vrh ufaa vejje vaahaka kamudhiyaiima

Comments are closed.

Next Episodeލޯބި އަހަރެންވެސް ވީމޭ… (3 ވަނަ ބައި)←


All Right Reserved!