
ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 41
“ޔާނާ!” ޒާންއަށް ހަޅޭއްލަވައިގަނެވުމާއެކު އެދިމާއަށް ދެވުނެވެ.
ރީމްގެ މެޔަށް ހީވީ މީހަކު ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ. ޔާނާ ދިރިހުރީ ހެއްޔެވެ. އެނދާ ކައިރިއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށުނީ އެނދުމަތީގައި އޮތް އަންހެން މީހާގެ މޫނު ބެލުމަށެވެ. އެއިރުވެސް ޒާން އެ އަންހެން މީހާއަށް ގޮވަމުން ދިޔައެވެ. ޔާނާގެ ނަމުންނެވެ.
ޒާން ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު ދެންމެ ނިކުމެގެން ދިޔަ ޑޮކްޓަރުންގެ ޓީމް އަނބުރާ ގެނެސް ދިނުމަށް ބުންޏެވެ. އެއަށްފަހުވެސް ޒާން އެތަށް ގޮތަކުން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަންހެނުން ލޯ ހުޅުވާލާތޯއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރުން ވަދެގެން އައެވެ. ފަރުވާ ދިނުމަށްޓަކައި އެ އަންހެން މީހާ އެނދުގައި ބާއްވާލުމުން ރީމްއަށް ހާމައަށް އެމޫނު ފެނުނެވެ. ނޭވާ ހިފަހައްޓާލެވުނެވެ. އެއީ ޔާނާ ހެއްޔެވެ؟ ޔާނާއާ ވަރަށް ވައްތަރު ގޮތެއް އެބަހުރިކަން ޔަޤީނެވެ. ފާރުގައި ހަރުކުރެވިފައިވާ ފޮޓޯތަށް ފެނުނީ އެހިނދުގައެވެ. ހިފަހައްޓާލައިގެން ހުރެވުނު ނޭވާ ދޫކޮށްލެވުނެވެ. އެއީ އެއަންހެންމީހާގެ ފޮޓޯތަކެވެ. ހީވަނީ މޮޑެލްއެއް ހެނެވެ. ރީތިކަމުންވެސް އެފަދަ ދެވަނަ މިސާލެއް ނެތެވެ. ބައެއްފަހަރު ފޮޓޯތަކަށް ވުރެ އަސްލުކޮށް ފެންނައިރު މާރީތިހެންވެސް ހީވެއެވެ. ނަމަވެސް ޔާނާއާ ހާދަ ވައްތަރެވެ.
ޑޮކްޓަރުން ދިޔުމުން ޒާން ރީމް ކައިރީގައި ދިޔުމަށް އެދުނެވެ. ރީމް އެނދާ ކައިރިވެލީ އެނދުގައި އިށީނދެލައިގެން ހެޑްބޯޑުގައި ލެގިލައިގެން އިން ޒާންގެ އަންހެނުންނަށް ސަލާން ކޮށްލުމަށެވެ. އަދި އިޚްތިރާމާއެކު ވާހަކަ ދެއްކިއެވެ. ނަމަވެސް އެ އަންހެން މީހާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ރީމް އެންމެ ފަހުން ނިކުތެވެ.
ގެއިން ބޭރަށް ނިކުމެ ގޭޓާ ހަމަވިއިރު ފަހަތުން ޒާން އައިސް ރީމް ހުއްޓުވިއެވެ. ރީމް އެނބުރި ބަލައިލިއެވެ. “މިތަނަށް އައުމުގެ ހަޤީޤީ މަޤްސަދަކީ ކޮބާ؟”
“ހަޤީޤަތަށް ބުނަންޏާ އެއްވެސް ބޭނުމެއް ނެތް. އަހަރެންގެ ފިރިމީހާގެ ވިޔަފާރި ބަނގުރޫޓުވެގެން ހިނގައްޖެ. ދެން ކޮން ޝަކުވާއެއްތަ ކުރަންވީ؟” ރީމް އިސްޖަހައިލި އެވެ.
“‘އައެމް ސޮރީ! ނަތިން ޕާރސަނަލް. ޖަސްޓް ބިޒްނަސް.” ޒާން ބުނެލިއެވެ. “އާނ! އެއްކަމެއް އޮތް ވަރަށް ޝައުގުވެރިވި.” ރީމް ސުވާލުގެ ނަޒަރަކުން ޝައުގުވެރިކަމާއެކު ޒާންއަށް ބަލައިލިއެވެ. “އެ ކުންފުނީގެ ނަން. ‘ޔާނާ ގްރޫޕް އޮފް އިންޑަސްޓްރީސް’.”
“ޒާންގެ ވައިފްގެ ނަމަކީ ޔާނާތަ؟” ރީމް ސުވާލު ކޮށްލިއެވެ. ޒާން ހޫމް އޭ ބުނެލިއެވެ. “ކިހިނެތްވީ؟”
ރީމް ކަމެއްނުވެޔޭ ބުނެލިއެވެ. ނަމަވެސް ހަޤީޤަތް ބެލުމަށް ހިތް ތެޅެމުން ދިޔައެވެ.
“އެއީ އަހަރެން ލޯބިން ކިޔާ ނަން. އަސްލު ނަމަކީ އިޔާނާ!” ޒާން ބުނެލިއެވެ. ރީމްއަށް ހަމަ ޖެހުމުގެ ނޭވާ އެއް ދޫކޮށްލިއެވެ. ޒާން އިތުރަށް ތަފްސީލު ކޮށްދިނެވެ. ރީމް ޝަޢުގުވެރި ކަމާއެކީގައި އަޑުއަހަމުން ދިޔައެވެ.
ޖާހަތުއަށް ކޮޓަރިން ނިކުންނާކަށް ނުކެރުނެވެ. އިރުކޮޅެއްނުވެ އާއިޒު އައިސް ކޮޓަރިއަށް ވަނެވެ. ޖާހަތު އިސް ޖަހައިލި އިރު އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް އާއިޒުއަށް ފެނުނެވެ.
“ސައިބޯން އަންނަންވީނު؟” އާއިޒު ބުނެލިއެވެ. ޖާހަތުއަށް ގިސްލެވުނެވެ.
“އާއިޒު! އަހަރެންގެ އެއްވެސް ކުށެއް ނެތް. އަހަރެންނަކަށް ނޭނގެ ހުމާމު ކޮޓަރިއަށް ވަނީ ކޮން އިރަކު ކިހިނެތް ކަމެއްވެސް.” ޖާހަތު އާއިޒުއަށް އޮޅުން ފިލުވައިދޭން ފެށިއެވެ.
“އަހަރެންނަށް އެނގެޔޭ. ހިނގާ ދެން އަވަހަށް ސައިބޯން.” އާއިޒު ޖާހަތު ހުއްޓުވަމުން ބުންޏެވެ.
“ނޫން. ނުކެރޭނެ. ކިހިނެތް އަހަރެން މަންމަމެންނާ ކުރިމަތިލާނީ. މިފަދަ ލަދަކު ބެދުމަށްވުރެ މާ ރަނގަޅު އަހަރެން މަރުވިޔަސް.” ޖާހަތު ގިސްލަގިސްލާފައި ބާރަށް ރޯންފެށިއެވެ.
އާއިޒު ހިތްވަރުކޮށްފައި ކުރިއަށް ޖެހިލިއެވެ. އަދި ޖާހަތުގެ ކޮނޑުގައި ހިފުމަށް ދެއަތް ދިއްކޮށްލުމާއެކު ޖާހަތު އާއިޒުގެ ގައިގައި އޮޅުލައިގަތެވެ.
“އަހަރެން މަންމަ މެންނަށް ދައްކާނީ ކޮން މޫނެއް؟ އެ މީހުންގެ ފަރާތުން ލިބެމުން އައި ލޯބި ބީ ވެގެން އެ ދިޔައީ. އެމީހުން މިހާރު އަހަރެންނަށް ނަފްރަތު ކުރާނެކަން ހަމަ ޔަޤީން…… ކީއްވެތަ މިހެން ކަންތައް މިވަނީ؟ އަހަރެންގެ ކުށަކީ ކޮބާތަ؟ އަހަރެންގެ ނަސީބުގައި ލޯބި ލިބުމެއް ނުވަނީތަ؟” ގިސްލަގިސްލާފައި ޖާހަތު ކުރަމުން ދިޔަ ސުވާލުތަކުން އާއިޒުގެ ލޮލުގައި ކަރުނަ ޖަމާވަމުން ދިޔައެވެ. ޖާހަތު ގަޔާ ދުރުކޮށްލަމުން ހިތްވަރު ދިނެވެ. އަދި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިނެވެ.
އެދުވަހުގެ ބާކީ ހުރިހާ ވަގުތެއްވެސް ޖާހަތު ހޭދަކޮށްލީ ކޮޓަރީގައެވެ. އެއްވެސް ގޮތަކަށް ބޭރަށް ނިކުންނަން ގަސްތެއް ނުކުރިއެވެ. އާއިޒުގެ ހަބަރެއްވެސް ފަހުން ނުވެއެވެ. އިރުއޮއްސި އަނދިރިވެ ކޮޓަރި ތެރެއަށްވެސް އަދިރިކަން ވެރިވެގެން ދިޔައެވެ. ޖާހަތު އޮތީ އެނދުގައި ބަންޑުން އޮށޯވެލައިގެންނެވެ. ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ސައުދިއްޔާ ބޮކިދިއްލާލިއެވެ. ކޮޓަރިތެރެ އަލިވެގެން ދިޔުމާއެކު ޖާހަތު ބޯ ހިއްލާލިއެވެ. ދޮރުމަތީގައި ހުރި ސައުދިއްޔާ ފެނުމާއެކު، އަލިކަމަށް ނުހޭނިފައި ހުރި ދެލޯ ބޮޑުވެގެން ދިޔައެވެ. ތެދުވެ އެނދުމަތީގައި އިށިނދެލިއެވެ. ސައުދިއްޔާއާ ނަޒަރު ހަމަކުރަން ދަތިވުމުން އިސްޖަހާލިއެވެ. އެހިނދު ބޭއިޚްއިޔާރުގައި ރޮވެން ފެށުނެވެ. ކުށްވެރިއެއް ފަދައިންނެވެ.
ސައުދިއްޔާ ޖާހަތު ކައިރީ އިށިނދެލިއެވެ. އަދި ޖާހަތުގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ. “ދަރިފުޅާ! ނުރޮއެ ހުއްޓާލާ. މަންމައަށް ހުރިހާ ކަމެއްވެސް އެނގިއްޖެ. ދަރިފުޅުގެ ކުށެއް ނެތް އިރު ކީއްވެތަ އަމިއްލަ ނަފްސަށް ތިޔަ އަދަބުދެނީ. ނުރޮއެ ހުއްޓާލާ.” ޖާހަތުގެ ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް ފޮހެލަދެމުން ސައުދިއްޔާ ބުނެލިއެވެ.
“އާއިޒު ބުނީތަ މަންމަ ކައިރީގަ؟” ޖާހަތު ސުވާލުކޮށްލިއެވެ.
“އާން! އާއިޒު މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީފި. ތެދަށް ބުނަންޏާ މަންމަ މިއަދު ވަރަށް ދެރަވެ ލަދުގަނެއްޖެ. މަންމަ ނެތި ދަރިފުޅަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތި ލާންޖެހުނީތީ.” ސައުދިއްޔާ އެދައްކަނީ ކޮން ދަތިތަކެއްގެ ވާހަކަ ކަމެއް ޖާހަތުއަކަށް ނޭނގުނެވެ. ސައުދިއްޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދަރިފުޅާ. ވީ ކަމެއް ވެގެން އެދިޔައީ. މަންމައަށް އެންމެ މުހިންމީ ދަރިފުޅުގެ އުފާ. ދަރިފުޅު ތިއުޅެނީ އުފަލުގަތަ؟” ސައުދިއްޔާގެ ސުވާލުން ޖާހަތުއަށް ހައިރާންކަން ލިބިގެން ދިޔަނަމަވެސް ޖަވާބުދިނެވެ. “އާނ! އަހަރެން މިއުޅެނީ ވަރަށް އުފަލުގަ. ލޯބިވާ ފިރިއެއް ލިބުމުން އުފާ ނުވާނީ ކާކު. މަންމާ! އަހަރެން މިއީ ވަރަށް ބޮޑު ނަސީބުވެރިއެއް… އެކަމަކު މަންމަ ކީއްވެގެންތަ ތި ސުވާލުކުރަނީ؟” ޖާހަތު އޮޅުން ފިލުވަން ބޭނުންވިއެވެ.
ސައުދިއްޔާ ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޖާހަތުގެ މޫނުގައި ފިރުމާލިއެވެ. “ތިޔަ ވީ. ދެން މަންމަގެ އެއްވެސް ޝަކުވާއެއް ނެތް. އެންމެ ފުރަތަމަ އާއިޒު ހުރިހާ ހަޤީޤަތެއް ކިޔައިދިނުމުން މަންމަ ވަރަށް ހިތްހަމަ ނުޖެހުނު. އެކަމަކު ފަހުން ވިސްނިއްޖެ މިއީ ކަން އެންމެ ރަނގަޅުގޮތަކީ. ދެން މިހާރު، ދަރިފުޅު އުފަލުގައި ހުރިކަން އެނގުމުން ހިތުގައި އެއްވެސް ޝަކުވާއެއް ނެތް. މައެއްގެ ލޯބި ލިބުނަސް ފިރިއެއްގެ ލޯބި ނުލިބޭނަމަ ހަމަ ޖެހުމެއް ނުލިބޭނެކަން މަންމައަށް އިނގޭ.” ސައުދިއްޔާގެ ވާހަކަތަކުން ޖާހަތުގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނެވެ. ސައުދިއްޔާ ކޮޓަރިން ނިކުތުމުން ޖާހަތު ފޯނު ނެގުމަށްފަހު އާއިޒުއަށް ގުޅަންފެށިއެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެތަށް އިރެއް ވަންދެން ގުޅިއިރުވެސް އާއިޒުގެ ހަބަރެއް ނުވިއެވެ. އާއިޒުގެ އިންތިޒާރުގައި ސޯފާގައި އޮއްވާ ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގުނެވެ. ހޭލެވުނީ އަނެއްދުވަހު ހެނދުނު އާއިޒު ގޮވުމުންނެވެ.
“ޖާހަތު! ޖާހަތު!” ޖާހަތު ލޯ ހުޅުވާލުމަށްފަހު އާއިޒުއަށް ބަލާލިއެވެ. ” ހާދަ ވަރަކަށް ތިޔަ ނިދަނީ. ތެދުވޭ! ހިނގާ ސައިބޯން . ރޭވެސް ނުކައި ދޯ އޮތީ؟” އާއިޒުގެ ސުވާލަށް ޖާހަތު ޖަވާބު ނުދިންނަމަވެސް ތެދުވެ ސޯފާގައި އިށިނދެލަމުން އާއިޒުއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަހަރެން ހާދަ ވަރަކަށް ގުޅީމޭ ރޭގަ.” ޖާހަތުގެ ޖުމުލައިން އާއިޒުއަށް އުނދަގޫވިއެވެ. ކުރިމަތި ލާން ބޭނުން ނޫން ސުވާލެއް ކުރިމަތިވުމުންނެވެ. “ރޭ ވަރަށް ބިޒީކޮށް އުޅުނީ. އެހެންވެ.” އާއިޒު ޖާހަތުއަށް ބެލުމެއް ނެތި ބުނެލިއެވެ. އާއިޒުގެ ނުތަނަވަސްކަން ޖާހަތުއަށް ވިސްނުނެވެ. އެހެންކަމުން އިތުރަށް ސުވާލުތައް ކުރަމުން ގެންދިޔައެވެ.
“އެންމެ ރަނގަޅު. އެހެންވެއްޖެނަމަ ބުނެބަލަ. އާއިޒު މަންމަ ކައިރީގައި ދެއްކީ ކޮންވާހަކައެއް؟” ޖާހަތު އެންމެ ފަހުން ހިތުގައި އޮތް ސުވާލު އާއިޒުއާ ކުރިމަތިކުރުވިއެވެ. އާއިޒު އަނެއް ފަރާތަށް އެނބުރުނެވެ. އެކި ކޮޅުކޮޅަށް ނަޒަރު ހިންގެން ފެށުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. ޖާހަތު ތެދުވެގެން އައިސް އާއިޒުކުރިމަތީގައި ހުއްޓުނެވެ. އާއިޒުގެ ހަމަ ހިމޭންކަމުން ޖާހަތުގެ ހިތުގައި ބިރުވެރި ޚިޔާލުތަކެއް އެނބުރެންފެށިއެވެ. އާއިޒުއަށް ޖާހަތުއާ ހަތަރުކަޅި ހަމަކޮށްލަން ޖެހުނު ވަގުތު އެކަން ފާހަގަވެގެން ދިޔައެވެ.
“ޖާތު! އަހަރެންނަށް މަޢާފުކުރޭ! އަހަރެންނަށް މިނޫން ގޮތެއް ނުވިސްނުނީ.” އާއިޒު ވާހަކަ ދައްކަންފެށުމުން ޖާހަތުގެ ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. މޭ ބާރަށް ތެޅެމުން ދިޔައެވެ. “އަހަރެން މަންމަ ކައިރީގައި ބުނީ ހުމާމު އާ ޖާތު މިހާރު އުޅެނީ މެރީ ކޮށްގެންނޭ!” ޖާހަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ތަންމިނަށް އަނގަހުޅުވިގެން ދިޔައެވެ. ޖާހަތުއަށް ލިބުނު ސިހުން ފެނި އާއިޒު ތިރީ ތުންފަތުގައި ދަތްއަޅައިގެން ހުރެ އިސް ޖަހާލިއެވެ.
“ކީކޭ!؟ އާއިޒުއަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް؟” ޖާހަތުއަށް ރޮވުނެވެ.
“ޖާތު! ‘ޕްލީޒް’ ޑޯންޓް ކްރައި'” އާއިޒު ޖާހަތުގެ ކޮނޑުގައި އަތް ބާއްވާލަމުން އެދުނެވެ. ނަމަވެސް ޖާހަތު އެއަތް ފޮޅުވާލިއެވެ.
“އަހަރެންނަށް މަޢާފުކުރޭ. އަހަރެންނަށް މިނޫން ގޮތެއް ނުވިސްނުނު.” އާއިޒު އާދޭސްކުރާ ރާގެއްގައި ބުނެލިއެވެ.
“ތިހެން ކަންތައް ކުރުމަށްވުރެ ހަޤީޤަތަށް ކިޔައިދިން ނަމަވެސް އަހަރެން މިވަރަށް ލަދެއް ނުގަތީސް. އާއިޒުއަށް ހާދަ ފަސޭހަ ކަމެކޭ ދޯ މިއީ. އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައިރު އަހަރެންނަށް ރޭކާވެސް ނުލި. އަހަރެން މިއީ ބުދެއް ދޯ؟ އެކަކު ކުޅެކުޅެފަ އަނެކަކާ ހަވާލުކޮށްލަން. އެހެން ނޫނަސް ހުމާމު އުޅޭގޮތް އެންމެ ރަނގަޅަށް އެނގޭނީ އާއިޒުއަށް. އެކަހަލަ މީހަކާ އާއިޒު އަހަރެން ހަވާލުކޮށްލި އިރު ހިތަށް ހަމަ އެއްވެސް އެއްޗެކޭ ނާރާތަ؟” ޖާހަތު ހިތުގެ އުދާސްތައް ބޭރުކުރަން އުޅުނެވެ.
“ނޫން ޖާތު! އަހަރެން މަންމަ ކައިރީގަ ބުނިން ޖާތު އުޅޭނީ މިގޭގައޭ. މަންމަ ކައިރީގައޭ. ހަމަ ޔަޤީން ހުމާމަށް ނުކެރޭނެ އަހަރެމެން ކުރިމަތީގަ ޖާތުއަށް އެއްވެސް ގެއްލުމެއް ދޭކަށް.” އާއިޒު ޖާހަތުއަށް ޔަޤީންކަން ދިނެވެ.
“ތިޔަ ވީތަ؟ އާއިޒު ހަޤީޤަތާ ކުރިމަތި ލާބަލަ. އަހަރެން ނެތީމޭ ހުމާމާ ކައިވެނި ކޮށްގެނަކުން. ވީއިރު އޭނައާ އެކީގަ ކިހިނެތް އަހަރެން އެއްކޮށް އުޅޭނީ؟” އާއިޒު އިސް ޖަހާލިއެވެ. ޖާހަތުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
ޖާހަތު ވަނީ ފާހާނާ އަށެވެ. ޝަވަރުދަށަށްވަދެ ފެން އިސްކުރު ދޫކޮށްލިއެވެ. ފެންތިކިތަށް މުޅި ހަށިގަނޑު ތެންމަމުން ދިޔައިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އާއިޒު އެހާ ފަސޭހައިން އޭނާގެ ހަޔާތުން ދުރުކޮށްލުމުން ހިތްކުދިކުދިވެފައިވާފަދައެވެ. އެފަދަ ގޮތަކަށް ކަން ކުރުމުން ހިތް ޝަކުވާއިން ފުރުނެވެ. އެތަށް ސުވާލުތަކެއް ހިތް ކުރަމުން ދިޔައެވެ. އަދި ހަމަ އެހެންމެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ހިތްހަމަ ނުޖެހެންވީ ކީއްވެހެއްޔެވެ؟ އެންމެ ފުރަތަމަވެސް ކަންތައް ހަމަ ޖައްސާފައި އޮތީ މިގޮތަކަށް ނޫންހެއްޔެވެ؟ މަންމަ ރަނގަޅުވެގެން އައުމުން ދެމީހުން ވަކިވުމަށެވެ؟ އެކަން ހަނދާން ނެތުމަކީ ޖާހަތުގެ ކުށެވެ. މިއީ ވަގުތީ ދިރިއުޅުމެއްކަން ހަނދާންނައްތާލުމަކީ ޖާހަތުގެ ބަލިފައެވެ. މިއަދު އާއިޒު ޖާހަތު ދޫކޮށްލުމުން ރޯންވެއްޖެ ހެއްޔެވެ؟ މިފަދަގޮތަކަށް ޖާހަތު ވަރިވެފައިވީ ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. އެއީ އާއިޒުގެ އަމިއްލަ ކަމެކެވެ. މާދަން ނޫނީ އަނެއް ދުވަހުން ހުމާމުގެ ހަޤީޤަތްވެސް މަންމައަށް އެނގިދާނެ ނޫންހެއްޔެވެ. އެހިސާބުން މުޅިން އާ ދިރިއުޅުމެއް ފަށާނީ ނޫންހެއްޔެވެ؟ ހަޔާތުގެ ޑައިރީގައިވާ އާއިޒުގެ ހުރިހާ ސަފްހާތަކެއް ވީދާ ކުދިކުދި ކޮށްލާނީއެވެ. އެންމެ ލޯބިވާ މަންމައާ ދުރަށް ދާން ޖެހުނު ނަމަވެސް އެކަންވެސް ކުރާނީއެވެ.
ސައިބޯން ތިބިއިރު އާއިޒުއަށް އިރުއިރުކޮޅާ ޖާހަތުއަށް ބަލާލެވެއެވެ. ނަމަވެސް ޖާހަތު އިސްޖަހައިގެން އިނދެ ކެއުން ކުރިއަށް ގެންދިޔައެވެ.
“ކޮބާ ހުމާމު؟” ސައުދިއްޔާ ޖާހަތުއާ ސުވާލުކޮށްލިއެވެ. ޖާހަތުގެ ހަރަކާތްތައް މަޑުޖެހުނެވެ. އެހިނދު އާއިޒުއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ދެލޮލުން ވޭނާއިތަދު އާއިޒުއަށް ފެންނަމުން ދިޔައެވެ. ހިތުގައި ރިއްސާލިއެވެ.
“ހުޅުމާލެއަށް ދިޔައީ، އޮފީސް ކަމެއްގަ! ހީވަނީ މިރޭހެން އާދެވޭނީ.” އާއިޒު އަވަސްއަވަހަށް ބުނެލިއެވެ.
ޖާހަތު އިސް ޖަހައިލިއެވެ. ކިތަށް ދޮގު ހަދާނަން ހެއްޔެވެ؟ ތެދަށް މަންމަ ކައިރީ ބުނަންވީނޫން ހެއްޔެވެ.
އާއިޒު ޖާހަތުއަށް ބަލަން އިނެވެ. ޖާހަތުއެވެ! މަޢާފް ކުރާށެވެ. މަންމަކައިރީގައި ތެދަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ހުމާމު އަހަރެން ބައްދާލާފައިވަނީ އެއަށްވުރެ މާ ބޮޑު މަޅިއެއްގައެވެ.
“ނޫނޭ! މާކުރިން މަސައްކަތް ނިމިއްޖެ. އެހެންވެ މިއައީ.” ކާކޮޓަރިއަށް ވަދެގެން އައި ހުމާމަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޖާހަތުއަށް ބަލައިލެވުނީ އާއިޒުއަށެވެ. އާއިޒުގެ މޫނުމަތިން ނުރުހުންވުމުގެ ކުލަވަރު ފާޅުވާންހުއްޓެވެ.
ހުމާމު އައިސް ހުއްޓުނީ ޖާހަތު ކައިރީގައެވެ. ހުދު ގަމީހާއި ކަޅުފަޓުލޫނުގައި ހުމާމު ބެގީކޮށްގެން ހުރި އިރު ވަރަށް ސްމާރޓެވެ.
ހުމާމަށް ބަލައިލުންވެސް ބޮޑުކަމަށްވެފައި ހުރި ޖާހަތު ކައިރީގައި ސައުދިއްޔާ ސައިތައްޔާރު ކޮށްދިނުމަށް އެދުމުން އެމަސައްކަތް ފެށީ ހިތާއި ދެކޮޅަށެވެ. ހުމާމުގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ޖާހަތުއިން ވަކިނުވާތަން ފެނުމުން އާއިޒުއަށް ބޭއިޚްތިޔާރުގައި ގޮށްމުއްކަވާލެވުނެވެ. ސައުދިއްޔާމެން ސައިބޮއެ ނިންމާލުމަށްފަހު ތެދުވެގެން ދިޔައެވެ. މޭޒުގެ އެއްކޮޅުގައި ހުރި ސައި ތަރަމޯޒުން ޖޯޑަށް ސައިއަޅަން ހުރި ޖާހަތުގެ ފަހަތުގައި ހުމާމު ހުއްޓުނީ އެކަކު އަނެކަކުގެ ހޫނު އިހުސާސުވާ މިންވަރަށެވެ. ޖާހަތަށް ކިތަންމެ އުނދަގޫވިނަމަވެސް އެކަން ދައްކަން ބޭނުމެއް ނުވިއެވެ. ސައި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ކައިރީގައި ހުރި ކުޑަކޮށް ދަމާލިއެވެ.
ޖާހަތުގެ އިޝާރާތް ވިސްނި ހުމާމު ހީލަމުން ގޮނޑީގައި އިށީންނިއެވެ.
“ތަންކޮޅެއް ފޮނި މަޑު.” ބޭރަށް ނިކުންނަން ހިނގައިގަތް ޖާހަތުގެ އަތުގައި ހިފައި ހުއްޓުވަމުން ހުމާމު ބުނެލިއެވެ. “އަދި ކުޑަކޮށް ފޮނިރަހަ ގަދަކޮށްލަ ދީ!”
ޖާހަތު އަތް ދަމައިގަތެވެ. އަދި ހިތްހަމަ ނުޖެހި ހުރެ މޭޒުމަތީގައި ހުރި ހަކުރު ފުޅި ނެގުމަށްފަހު ހަކުރު ސަމުސަލެއް އަޅައި ދިނެވެ. ހިތާއި ދެކޮޅަށް ކަންތައް ކުރަން މަޖުބޫރުވެފައި ވުމުން ހުރިހާ ނުރުހުންވުމެއް އެފެދެމުން ދިޔައީ އާއިޒާ ދެކޮޅަށެވެ. ޖާހަތު އަނެއްކާވެސް ދިޔުމަށް ހިނގައިގަތުމާއެކީ ހުމާމު ޖާހަތު ހުއްޓުވިއެވެ. އާއިޒުގެ ކެތްތެރިކަން ކޮޅުން ލިއެވެ. ތެދުވެގެން އައިސް ހުމާމުގެ ސައިޖޯޑަށް ހަކުރު ފުޅި އޮއްސާލިއެވެ. އަދި އެއަށްފަހު ސައިތަރަމޯޒު ކައިރިކޮށްލިއެވެ.
“މިހާރު ހަމަ ޔަޤީނުންވެސް ފޮނި މަޑެއް ނުވާނެ. ދެން ފޮނި ގަދަ ވެއްޖެނަމަ އިތުރަށް ސައި އަޅާނީ. މިކަހަލަ ކުދިކުދި ކަންތައްތައް އަމިއްލައަށްވެސް ކުރެވެން ޖެހޭނެ. ޖާހަތު މިވަގުތު ވަރަށް ބިޒީ.” ދެޖީބަށް އަތް ޖަހާލަމުން އާއިޒު ހުމާމަށް ބުނެލިއެވެ. ޖާހަތު އެތަނުން ނިކުތެވެ. މޫނު މަތިން ނުދެއްކި ނަމަވެސް އާއިޒުގެ އެ ހަރަކާތުން ހިނި އަންނަ ގޮތް ވިއެވެ. އަދި ހަމަ އެހެންމެ އަދިވެސް ޖާހަތުއާ ދޭތެރޭގައި އާއިޒު އަޅާލާކަން އިހުސާސްވިއެވެ.
“އާއިޒު! މިހާރު ޖާހަތު އެއީ ހަމަ ގައިމުވެސް ކަލޭގެ އަނބެއް ނޫން. ދެން ކީއްވެ އޭނާގެ މައްޗަށް ހުކުމް ތި ހިންގަނީ؟” ކާކޮޓަރީގެ ދޮރާއަރާ ހަމަވެފައިހުރި އާއިޒަށް ހުމާމު ބުނެލިއެވެ.
އާއިޒު އެނބުރިލިއެވެ. “ދެން އެއީ ހުމާމުގެ އަންހެނުންތަ؟ ނޫން ދޯ! އެހެންވީމަ ކޮންމެހެން ޖާހަތުގެ ފިރިއަކަށް ވާން ނޫޅޭތި.” އާއިޒު ދިނީ ހުމާމަށް އިންޒާރެކެވެ. ދެލޮލުން ހަރުކަށިކަން ހާމަވަމުން ދިޔައެވެ. ހުމާމު ރައްދު ދިނުމަށް އަނގަ ހުޅުވާލިނަމަވެސް އާއިޒު އެކަން ހުއްޓުވިއެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ. ހުމާމަށް ދަތްކުނޑިވިކާލެވުނީ ހަށިގަނޑަށް ވެރިވި ނުރުހުންވުމުގެ އަސަރު ކޮންޓްރޯލް ކުރުމަށެވެ.
ޒާންގެ ކާރު ޔާނާ ގްރޫޕް އޮފް އިންޑަސްޓްރީޒް ބިލްޑިންގ ކުރިމައްޗަށް މަޑުކޮށްލުމާއެކު ކާރުން ފައިބައިގެން ގޮސް އެތެރެއަށް ވަނެވެ. ރިސެޕްޝަނުގައި އިން ކުއްޖާ މަޑުކުރުމަށް ގޮވާލުމުންވެސް އަޑު ނީއްވާ ގޮސް ލިފްޓަށް އެރުމާއެކު ދޮރު ކެހިގެން ދިޔައެވެ. ޒާންގެ ހަރަކާތްތައް ހަލުވި ވެފައި މޫނު މަތީގައި ސީރިއަސް ކަން ހުއްޓެވެ.
ޒާން ގޮސްވަނީ އީމަންގެ ކެބިނަށެވެ. ޓަކިދިނުމެއް ނެތި ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ކުޑަދޮރުކައިރީގައި ބޭރު ބަލަހައްޓައިގެން ހުރި އީމަން ހިނިތުން ވުމަކާއެކީ ޒާންއަށް މަރުހަބާ ކިއެވެ.
“އަހަރެން މި ކުންފުނި ނަގައިގެން އަދި ހަމަ ޖެހި ނުލެވެނީސް އަނބުރާ ނެގުމުގެ މާނަ އެނގިދާނެތަ؟” ޒާން ސީރިއަސްކަމާއެކު އީމަންއާ ސުވާލުކޮށްލިއެވެ.
“ތެދަށް ބުނަންޏާ އެއްވެސް މާނައެއް ނެތް. ހަމަ އެކަނި އޮތްކަމަކީ ‘އެމީހެއްގެ އެއްޗެއް އެމީހަކަށް ލިބުން.’ އެހެން މީހަކު ކިތަންމެ ހޯދަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ.” އީމަންގެ މޫނު މަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ.
(ނުނިމޭ)
3 Comments!
Comments are closed.
Yeyyy im first..mi gothah avahah uo kuraanama..stwry salhi vrh
Up*
v reethi cant belive…………avahah up kohlah chee…