ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 42
“ތެދަށް ބުނަންޏާ އެއްވެސް މާނައެއް ނެތް. ހަމަ އެކަނި އޮތްކަމަކީ ‘އެމީހެއްގެ އެއްޗެއް އެމީހަކަށް ލިބުން.’ އެހެން މީހަކު ކިތަންމެ ހޯދަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ.” އީމަންގެ މޫނު މަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ.
ޒާން އީމަންއާ އަރާ ހަމަ ކޮށްލިއެވެ. “އެކަމަކު އަހަރެން ބޭނުންވި ނަމަ މިސްޓަރ ޑީޑީ އަށް ލާހިކެއް ނޫން މި ކުންފުނި އަނބުރާ ހޯދާކަށް.”
އީމަން ޒާންއަށް ބަލައިލި ހިނދު ޒާން އީމަންއަށް ބަލައިގެން ހިނިއައިސްފައި ހުއްޓެވެ. އީމަންވެސް ބާރަށް ހީގަތެވެ. ދެއެކުވެރިން ހިނިތުންވަމުން އެކަކު އަނެކަކާއި ކޮނޑާއި ކޮނޑު ޖައްސައި ސަލާމްކޮށްލިއެވެ.
” ‘ އައެމް ސޯ ސޯ ހެޕީ ޓު ސީޔޫ ބެކް އެޓް ވޯރކް އަގެއިން.” ޒާން އީމަންއަށް ބަލައިލަމުން ބުނެލިއެވެ. އީމަން ހިނިތުންވެލިއެވެ. އަދި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ކީއްވެތަ ކުންފުނީގެ ޝެއާސް ތައް ގަތީ. އަހަރެން އެހެން ނޫނަސް ޑީޑީއާ ހުރިހާ ލިޔެކިޔުންތައް ހަވާލުކުރަން ހުރީ. އެގްރިމެންޓްވެސް ހަދާފަ އޮތީ. ހަމަ އެކަނި ޑީޑީސޮއި ކޮށްލަން ޖެހޭނީ.” ކައިރީގައި ހުރި ބޮޑު ސޯފާގައި ހަމަ ޖެހިލަމުން ޒާން ބުނެލިއެވެ.
“ޒާން. މިއީ ބިޒްނަސް. ބިޒްނަސްގަ އޮންނަންވާނީ ހަމަ ބިޒްނަސްގެ އުސޫލު. ޤަބޫލުކުރަން އަހަރެމެން ދެމީހުންނަކީ ގާތް ދެރަޙްމަތްތެރިންކަން. އަހަރެންގެ އެކްސިޑެންޓަށްފަހު މިކުންފުނި އެހެން ބަޔަކު އޯވަރޓޭކް ކުރަން އުޅުމުން ޒާން އެކަންކުރީ ހަމައެކަނި އަހަރެމެންގެ އެކުވެރިކަމަށްޓަކައި. އަނބުރާ އަހަރެންނަށް ރައްދުކޮށްދިނުމަށް. ހަމަ އަހަރެންވެސް އެއުސޫލުން އަނބުރާ ކޮމްޕެނީ ހޯދީއެއްނު. އެއީ މައްސަލައެއްނޫން.” އީމަން ޒާންއަށް ވިސްނައިދިނެވެ. ” ‘އެންޑް ޕްލީޒް! ސްޓޮޕް ކޯލިން މީ މިސްޓަރ ޑީޑީ!’ ” އީމަން ޒާންއަށް ނުރުހުމުގެ ނަޒަރަކުން ބުނެލިއެވެ. ޒާން ގާތަށް ހިނިއައެވެ.
“ކީއްވެ ތިހެނީ. އަހަރެންނެއްނު ހޭންވީ. ޒާން ނަންވެސް ތިކިޔަނީ ނުބައިކޮށްވިއްޔަ.؟” އީމަން ހިނިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ.
“މިސްޓަރ އީމަން އަލިދީދީ! ލަދުގަންނަނީތަ އަސްލުނަން ހާމަކުރަން؟” ޒާން އީމަންއާ ދިމާކޮށްލިއެވެ.
ދެއެކުވެރިންގެ ދެމެދުގައި ދެން ހޭދަވެގެން ދިޔަ ވަގުތު ތަކަކީ ޒަމާންވެފައި ބައްދަލުވުމުން ދެ އެކުވެރިއެއްގެ ދެމެދުގައި ބަދަލުވެގެން ދާފަދަ ސަމާސާ ކުރުމާއި ހާލު އަހުވާލުގެ ވާހަކަ ތަކެވެ. އީމަން ޔާނާކައިރިއަށް މާލެ ދިޔަ ފަހުން ދެމީހުން އެއްވެސް ގޮތަކަށް ބައްދަލެއް ނުވެއެވެ.
ޒާންއަށް އީމަންގެ އެކްސިޑެންޓްގެ ހަބަރު ލިބުނީ މެލޭޝިޔާއަށް އައިތާ ދެތިން ދުވަސް ފަހުންނެވެ. ޒާންގެ އަންހެނުންގެ ވާހަކަ ޒާން އީމަންއާ ހިއްސާ ކުރިއެވެ.
“ދެމީހުންގެ ހާލަތު ދާދި އެއްގޮތެއް ދޯ؟” ޒާންގެ ވާހަކަ އަޑު އެހުމަށްފަހު އީމަން ބުންޏެވެ.
“ވެދާނެ އަނބިންގެ ނަން އެއްގޮތް ވުމުން ވީ ގޮތެއް ކަމަށްވެސް.” ޒާން ކުޑަކޮށް ހީލަމުން ބުނެލިއެވެ. އީމަންވެސް ގަދަކަމުން ހީލިއެވެ.
ރީމް ކުރިން ދުވަހު ކަންތައް ކުރި ގޮތުގެ ވާހަކަވެސް ޒާން އީމަންއާ ހިއްސާ ކުރިއެވެ. އެވާހަކަ ތަކަށް މާ ބޮޑު ޖަވާބެއް ނުދިން ނަމަވެސް ރީމް ކަންތައް ކުރި ގޮތުން އީމަން ހިތްހަމައެއް ނުޖެހުނެވެ. ޒާންއާއި އީމަން އެއީ އެހާ ގާތް ދެރަހްމަތްތެރިކަން ރީމްއަކަށް ނޭނގެއެވެ. އެގޮތަށް ނުދަންނަ މީހެއް ކައިރިއަށް ގޮސް ރުޅިގަދަވެފައި ވާހަކަ ދެއްކުމަކީ ރީތިގޮތެއް ނޫންކަމުގައިވާތީއެވެ.
“އިޔާނާ މޮޑެލް ކުރުން ދޫކޮށްލީތަ؟” ކުރިން ދުވަހު ނޫހުގައި އިން ފޮޓޯމަތިން ހަނދާންވުމުން އީމަން ސުވާލުކޮށްލިއެވެ. “މިހެންމިބުނީ ނޫހުން ފެނުނު ފޮޓޯގަނޑުގައި ކަޅުހެދުމެއް ލައިގެން ހުރިތަން ފެނުމުން.”
ޒާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރެލިއެވެ. ނިތްކުރީގައި އަތް ކާއްތަމުންގޮސް މޭޒުމަތީގައި އޮތް ގަލަން އަނބުރަން ފެށީ ސިކުނޑީގައި ހާސްކަމެއް ވެރިވާންފެށުމުންނެވެ.
“ކިހިނެތްވީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟” ޒާންގެ ހަރަކާތުން ހައިރާންކަން ލިބުނު އީމަން ސުވާލުކޮށްލިއެވެ. ޒާން މަޑުމަޑުން ބޯ ޖަހައިލިއެވެ.
“އެ ހާދިސާއަށްފަހު އިޔާނާ އަދިވެސް މުޅިން ރިކަވާރ ނުވެ.” ޒާން އެބުރިވެސްނުލާ ވާހަކަ ދެއްކިއެވެ. އީމަން ޒާންއަށް ހިތްވަރު ދެމުން ދިޔަނަމަވެސް ޒާން ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަހަލަ ޝައްކުތަކެއް ވެގެން ދިޔައެވެ.
ހޭލެވުމާއެކީ އިޔާނާ ގަޑިއަށް ބަލައިލިއެވެ. ނުވަގަޑި ބައިވަނީއެވެ. އެހާ ލަސްވަންދެން ނިދަން އޮވެވުމުން ހަށިގަނޑަށްވަނީ ވަރުބަލިކަން ވެރިވެފައެވެ. ތެދުވެ އެނދުގައި އިށީނދެ އިނުމަށްފަހު ފެންވަރާލުމަށްޓަކައި ފާހާނާއަށްވަނެވެ. ދިގުފަން އިސްތަށިގަނޑު ވިހުރާލުމަށްފަހު ގޮސް ޝަވަރު ދަށަށްވަނުމާއެކު ގައިގައި ބީހެންފެށި ފެންތިކިތަކުގެ ސަބަބުން ހީކަރުވައިގަތެވެ. ނިތްކުރީގައި ހުރި މަލަންކޮޅުގެ ނެއްޓިގެން ގޮސް މުށިތަކުމައްޗަށްވެއްޓުނެވެ. އިޔާނާ ފުން ނަޒަރަކުން އެޔަށް ބަލާލިއެވެ. އޭނާ އެކްސިޑެންޓްވީ ހަނދާން ހަމަ އެއްގޮތަކަށްވެސް ނެތެވެ. އެކަން ކީއްކުރަން ހެއްޔެވެ؟ ކުރިންވެފައިވާ އެއްވެސް ކަމެއް ހަނދާނަކަށް ނައެވެ. ޒާން އާ އެކީގައި ހޭދަކުރި ދުވަސްތައް ކިތަންމެ ވަރަކަށް ހަނދާންކުރަން އުޅުނު ނަމަވެސް ހިޔާލަކަށް ނާދެއެވެ.
ފެންވަރާ ނިމިގެން ގައިގައި ތުވާލި އޮޅާލައިގެން ކޮޓަރިއަށް ނިކުމެ އަލަމާރި ހުޅުވާލިއެވެ. ބޮޑު އަލަމާރީގެ އެއްކޮޅުންއަނެއްކޮޅަށް އަޅުވާލެވިފައިނީ އިޔާނާ ލައިއުޅޭ ކަޅު ހެދުންތަކެވެ. ކޮންމެ ހެދުމެއްކައިރީގައި އެހެދުމަކާ ގުޅޭ ޝޯލްގެއިތުރުން ގަހަނާވެސް ހުއްޓެވެ. އެތަކެތީގައި ޔާނާ އަތްޖައްސާލިނަމަވެސް ބޭނުން ކުރާހިތެއް ނުވިއެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯތައް ބަލާލުމުން އޭނާގެ ކުރީގެ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ ހުރި ތަފާތު ވަރަށް ބޮޑަށް ހާމަވަމުން ދިޔައެވެ. ފާރުގައިވާ ފޮޓޯތަކުގެ އިތުރުން ޒާން ގެންގުޅޭ އައިޕެޑްގަވެސް އިޔާނާގެ މޮޑެލިން ފޮޓޯތައް އިޔާނާ ދެކުނެވެ. މިހާރު އެ ފެނުމުން ލަދުގަނެއެވެ. އޭނާއަށް އެގޮތަށް އުޅުމަށް ހިތްވަރު ލިބުނީ ކިހިނެތް ބާއޭ ހިތް ސުވާލުކުރެއެވެ.
އަލަމާރިން ހެދުމެއް ނަގައިގެން ތައްޔާރުވެލިއެވެ. އަމިއްލަ ސޫރައަށް ނަޒަރު ހިންގާލި ހިނދު އެކްސިޑެންޓްގެ ސަބަބުން ނިތްކުރީގައި ލާފައިވާ ބޮޑު ލަކުނު ފެނި ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އަދި ލަކުނުގައި ފަސޭހަނުވެ ހުރި ފާރުކޮޅުގައި އާ މަލަންކޮޅެއް އަޅާލިއެވެ. ދެން މިސްރާބު ޖެހީ ބޭރަށެވެ. ގޭތެރޭގައި އިޔާނާގެ ހަރަކާތްތައް ހުރީ ބީރައްޓެއްސެއްގެ ހަރަކާތްތަކެއް ހެނެވެ. މުޅިން އާ މާހައުލަކަށް އާދެވުމުގެ އިހުސާސެއްގައެވެ. ހަނދާންކުރުމަށްޓަކައި ސިކުނޑިއަށް ބާރުފޯރުވަމުންދިޔަވަރަކަށް ބޮލުގެ ރިހުން ދިޔައީ ގަދަ ވަމުންނެވެ.
އާއިޒަށް ގެއަށް އާދެވުނީ އަސްރުވީ ފަހުންނެވެ. ސައުދިއްޔާއާއި ޝަކީބުގެ އިތުރުން ހުމާމުއާއި ޖާހަތު ތިބީ ސޯފާގައެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސްކަމުން ކޮންމެވެސް ވާހަކައެއް ދެކެވެމެން ދާކަން އާއިޒަށް ވިސްނައިގަނެވުނެވެ. އެހެންނޫނަސް ހުމާމު އެގޮތަށް ހަމަ ޖެހިލައިގެން އިނުމުން ކޮންމެވެސް ކަންތައް ގަނޑެއް ހިންގާލައިފިކަން އާއިޒުއަށް ޔަޤީން ކުރެވުނެވެ.
ސައުދިއްޔާއަށް އާއިޒުފެނުމުން އާއިޒުއާ ވާހަކަ ދައްކަންފެށިއެވެ. “ދަރިފުޅާ! ދަރިފުޅު ނިކަން ޖާތުއަށް ވިސްނައިދީބަލަ. ހަމަ ގައިމުވެސް ދަރިފުޅުގެ ވާހަކައަށް ޖާހަތު ދެކޮޅެއް ނަހަދާނެއެއްނު.”
“ކިހިނެއްވީ؟ ކޮންވާހަކައެއް؟” އާއިޒުއަށް ސުވާލުކޮށްލެވުނެވެ. އާއިޒުގެ ސުވާލަށް ޖަވާބު ދިނީ ހުމާމެވެ. “ހަނީމޫނަށް ދާ ވާހަކަ. ޖާހަތު ބޭނުމެއްނުވޭ ދާކަށް.”
ހުމާމުގެ ވާހަކަތަކުން އާއިޒުގެ އެތެރެ ހަށި ކެކިގަތްފަދައެވެ. އާއިޒު ހިތްހަމަ ނުޖެހިފައި ހުރި ވަރު ޖާހަތުއަށް ފާހަގަ ކުރެވުނެވެ. ހިތާހިތުން އާއިޒުއަށް އެތިވަރު ގޮވައިގަނެވުނެވެ. ދެން މިހާރު ކޮން ރުޅިއެއް އަންނާކަށް ހެއްޔެވެ؟ މި ހުރިހާ ކަމެއް މިދިމާވަނީ އާއިޒުއާ ހެދިއެވެ. ހުމާމަށް ވެގެން ވަންޏާ އަހަރެން ގޮވައިގެން ހަނީމޫނަށް ދާނެއެވެ. ދެން އަހަރެން ކައިވެނި ނުކޮށް ހަނީމޫން ހަދާލާފަ އައީމަ ނިމުނީ ނޫންހެއްޔެވެ؟
ހިތުގައި ވެރިވަމުން ދިޔަ ރުޅިވެރިކަން ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔުމުން ޖާހަތު ގޮނޑިން ތެދުވެގެން ގޮސް ނިކުތީ ބޭރަށެވެ.
އާއިޒު ވިސްނާލަމުން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންނަށް ހީވަނީ ޖާހަތު އަދި ވަގުތު ބޭނުންވަނީހެން. ޖާހަތު މަންމަމެންދެކެ ނުލާހިކު ލޯބިވޭ. މަންމަ އައުން ލަސްވުމުންވެސް ހުރީ ކެތްތެރިކަން ކޮޅުންލާފަ. ބުނި މަންމަ އައުމުން އެއްވެސް ތަނަކަށް ނުދާނަމޭ. އެހެންވެ ކަންނޭނގެ.” އާއިޒުގެ ވާހަކަތަކުން ސައުދިއްޔާއަށް ފުން އަސަރުތަކެއް ކުރުވިއެވެ. ޖާހަތު ސައުދިއްޔާއާ ހެދި އެވަރަށް އުޅޭއިރުގައި ހަމަ ގައިމުވެސް ސައުދިއްޔާ ޖާހަތު ގަދަކަމުން ފޮނުވައެއް ނުލާނެއެވެ. ނަމަވެސް ހުމާމު ގޮތް ދޫކޮރާކަށް ބޭނުމެއް ނުވިއެވެ.
“އެކަމަކު އެގޮތަށް އަބަދު ގޭގައި އިންނަން ވެއްޖެނަމަ ޖާހަތު މޮޔަވެދާނެއެއްނު. ބޭރު ތެރެއަށް ނިކުމެލާ ހަމަ ވައި ލިބޭ ހިސާބަށް ގޮސް ދަތުރުކޮށް ހެދުމަކީ މީހާގެ ހަށިގަނޑަށްވެސް ތާޒާކަން ގެނުވާކަމެއް. އަހަރެން ވަރަށް ބޭނުން މިދަތުރު ދާން.”
ހުމާމުގެ ވާހަކަތައް އަޑު އެހުމަށްފަހު އާއިޒު ފުންނޭވައެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު. ހުމާމު ބޭނުމިއްޔާ ދެން އަހަރުމެންނަށް ތިކަމުގަ ދެކޮޅެއް ނެހެދޭނެއެއްނު. ތައްޔާރުވޭ ދަތުރަށް.!” އާއިޒު ހުމާމަށް ބުނެލިއެވެ. އެހިނދު ސައުދިއްޔާވެސް އާއިޒުއަށް ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ހުމާމަށް ލިބުނީ ހައިރާންކަމެކެވެ. އާއިޒު އެހާ ފަސޭހައިން އެއްބަސް ވުމުންނެވެ. ބޮލުގައި ރިއްސާލިއެވެ. ޔަޤީނެވެ. ކޮންމެވެސް ނުބައެއް އެބަ އުޅެއެވެ.
ހުމާމު މަސައްކަތްފެށީ ފުރުމުގެ ކަންތައް ހަމަ ޖެއްސުމަށެވެ. އާއިޒުއާ ދެކޮޅަށް ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުފުނި ބަންޑުން ޖަހާލަން މަޖުބޫރުވީ ޖާހަތުގެ ޕާސްޕޯޓް ހޯދުމަށް އާއިޒުކައިރިއަށް ދިޔުމުން އެއްވެސް ސުވާލެއް ނުކޮށް އާއިޒު ޕާސްޕޯޓް ދިނުމުންނެވެ.
“ކަލޭ ކޮންކަމެއް ހިންގާލަން ތިއުޅެނީ؟” ރުޅިގަދަވެފައި ހުމާމު އާއިޒުއާ ސުވާލުކުރިއެވެ. ނުލަފާ ހިނިތުންވުމަކާއެކީގައި އާއިޒު ޖަވާބު ދިނެވެ. “މިއުޅެނީ ހުމާމު ހަނީމޫނަށް ފޮނުވާކަށެއްނު.”
އާއިޒުގެ ވާހަކައިން ހުމާމުގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނެވެ. ފުންމައިގެން ގޮސް އާއިޒުގެ ގިރުވާނުގައި ހިފިއެވެ.
“ކީއްކޮށްލާނަމޭތަ ހިތަށް އަރުވައިގެން ތިއުޅެނީ؟ ބުނަންތަ ވާހަކައެއް! ދެން ކަލޭ ބޭނުންވާހާ ގޮތެއް ހަދައެއް ނުލެވޭނެ. ހީކުރީތަ އަހަރެން މިތަނުގަ ތާއަބަދު އުޅޭނެޔޭ. އަހަރެން މިއުޅެނީ މިތަނުން ޖާހަތު ގޮވައިގެން ދާން. ކަލޭގެ ހިޔަނިވެސް ނޭޅޭހާ ދުރަށް.”
އާއިޒު ހުމާމުގެ އަތް ނައްޓުވާލިއެވެ. އަދި ދެކޮޅަށް ބޯ ހޫރުވާލިއެވެ. “ކިހިނެތް ތިކަން ކުރާނީ؟ ފުރަތަމަ ސުވާލަކީ ޖާހަތު ތިހާ ފަސޭހައިން ތިކަން ކުރަން އެއްބަސްވާނެ ހެއްޔޭ؟ ދެވަނަ ކަމަކީ، ޖާހަތުއާ ކައިވެނި ކުރެވޭނީ އަދި ތިންމަސް ފަހުން. އޭނަ އެ އިނީ އިއްދައިގަ.” ހުމާމަށް މިކަންކަމާމެދު ވިސްނާލެވުމުން ކުޑަކޮށް މައިތިރި ވާ ގޮތްވިއެވެ. އާއިޒު އަނެއްކާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަދި އެއީ ތިން މަސް ކަމެއްވެސް ޔަޤީނެއްނޫން. ފަހަރެއްގައި 9 މަހަށްވެސް ވެދާނެ.” އާއިޒުގެ މަޤްސަދަކަށްވީ ހުމާމު ރުޅި އެރުވުމެވެ. ހުމާމު އައިރުޅީގައި އާއިޒުގެ ގިރުއައުނުގައި ހިފަން ދިއްކޮށްލި އަތުގައި އާއިޒު ހުޝިޔާރުކަމާއެކީ ހިފެހެއްޓިއެވެ.
“ހުމާމަށް އެނގޭތަ؟ ހުމާމު ތިއީ ހަމަ ބޮޑު ފިނޑިއެއް. އަމިއްލަ ނަފްސާ ދޭތެރޭވެސް އެއްވެސް އިތުބާރެއް ނެތް. ދެން ކިހިނެތް ޖާހަތު ގެންގުޅެވޭނީ.” ހުމާމުގެ ފިނޑިކަމުގެ ވާހަކަ ދައްކަމުން އާއިޒު ކޮޓަރިން ބޭރަށް ނިކުމެގެން ދިޔައިރު ހުމާމުގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ހިޔާލުތަކެއް ކަމެއް ވެސް ނޭނގެއެވެ.
އިޔާނާގެ ހާލު ދުވަހަކަށްވުރެ ދުވަހެއް އައީ ރަނގަޅުވަމުންނެވެ. ނަމަވެސް އަދިވެސް ބޭސްކާން ޖެހުމުން ފޫހިކަން ވަނީ އިހުސާސްކުރެވިފައެވެ. ބޭސް ކެއުމުގެ ސަބަބުން އަބަދުމެ ނިދި އަންނަގޮތް ވެފައި ވުމުން ހަށިގަނޑުގައި އަބަދުމެ ވަރުބަލިކަން އެކުލެވިފައި ވެއެވެ. އިޔާނާގެ ރަނގަޅުވަމުން އަންނަ ސިއްހަތުގެ އެންމެ ބޮޑު އެއް ސިއްރަކީ ޒާންގެ ބުރަ މަސައްކަތެވެ.
އިސްވެދިޔަ ތަނުގައި ވެފައިވާ ކަންތައް ހަނދާން ނެތުން އެއީ އިޔާނާއަށް އެންމެ ރަނގަޅުގޮތްކަމުގައި ޒާން ވިސްނައިދިނުމުން އިޔާނާވެސް އަމިއްލައަށް ރަނގަޅުވާން މަސައްކަތް ކުރަންފެށިއެވެ. އަނދިރިވެފައިވާ ހަޔާތަށް އުފާވެރިކަމުގެ ތޫފާނެއް ވެރިވެގެން ދިޔައީ އިޔާނާ ބަލިވެ އިންކަން އެނގުމުންނެވެ. އެދުވަހު އެންމެ ފުރަތަމަ ގުޅީ ޒާންއަށެވެ. ޒާންގެ ހަމަހިމޭންކަން އެއީ އުފާވެރިކަމުގެ އަސަރެއް ކަމުގައި ނިންމައި ޒާންއާއެކީގައި ރަނގަޅު ދިރިއުޅުމެއް ވޭތު ކުރުމުގެ އަޒުމު ކަނޑައެޅިއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ. އިޔާނާގެ ހިތުގައި ޒާންއށށްޓަކައި އެއްވެސް އިހުސާސެއް ނެތަސް ލޯބިވާ ދަރިފުޅުގެ ބައްޕަ ބީވެ ދާކަށް ބޭނުމެއް ނުވިއެވެ.
ހޮޑުލެވި އެންމެ ވަރުދެރަވި ދުވަސްވަރު ޒާން ކުއްލިއަކަށް ރާއްޖެ ދާން ޖެހުނެވެ. އިޔާނާގެ ބަލިހާލަތު ހުރި ގޮތުން ގޮވައިގެން ދެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުން ޒާން އެންމެފަހުން ނިންމީ އީމަންމެން ގޭގައި ޔާނާ ބެހެއްޓުމަށެވެ.
އީމަން އެއްބަސްވިއެވެ. އަދި ރީމްއާއި ޝަކީލާގެ ހާއްސަ އަޅާލުން ދީ ހުރިހާ ޚިދުމަތެއް ފުރިހަމަ ކޮށްދިނުމަށް އެދުނެވެ.
އިޔާނާ އެއީ ޒާންގެ އަންހެނުންކަން އެނގޭއިރުވެސް އެގެއަށް އިޔާނާ އަންނަ ވާހަކަ އިވުނީއްސުރެ ރީމްގެ ހިތުގައި ބިރުވެރިކަމެއް ދައުރުކުރަމުން ދެއެވެ. އެއީ އިޔާނާ އާއި ޔާނާ އެހާ އެއްގޮތް ވުމުންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ޒާން ފުރުވަން އީމަންއާއި ރީމް ދިޔައެވެ. އެނބުރި އެއާރޕޯޓުން އަންނަމުން ޒާންމެންގެގެއަށް މަޑުކޮށްލީ އިޔާނާ ބަލައެވެ.
ގޭގައި ގެންގުޅޭ މީހުން އިޔާނާގެ ސާމާންތައް ކާރަށް އެރުވިއެވެ. އީމަންގެ އެދުމުގެ މަތިން އިޔާނާ ބަލާ ދިޔައީ ރީމްއެވެ. ގޭތެރެއިން ނިކުމެގެން އައިސް އައިސް ތިބި ރީމްމެންގެ ތެރެއިން އީމަންގެ ލޮލުގައި އަޅައިގަތީ ކަޅު ހެދުމުގައި ނިވާވެގެން އައިސް އައިސް ހުރި އިޔާނާއެވެ. ޔާނާއާ އެއްވެރުގެ އިސްކޮޅެކެވެ. ގައިގެ ކުލަވެސް ހަމަ އެއްވަރެވެ. ނަމަވެސް ހަށިގަނޑު ވަރަށް ނިކަމެއްޗެވެ. ވަރުދެރަވުމުގެ ސަބަބުން ރީމްއައީ ޔާނާގެ ގައިގައި ހިފައިގެންނެވެ. އިޔާނާއަށް ހުއްޓިފައިވާ އީމަންގެ ނަޒަރު، ރީމްއަށް ފެނުނު ހިނދު އިޔާނާގެ ތަންކޮޅެއް ކުރިއަށް ޖެހިލިއެވެ. އީމަން ދުރަށް ބަލައިލިތަން ފެނި ރީމްއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރީމްވެސް އެރީ އިޔާނާއާއެކީ ކާރުގެ ފަހަތަށެވެ. ކާރުގައި އިށީނދެލެވުމާއެކީ އިޔާނާ ސީޓުގައި ބޯއަޅާލަމުން ލޯމަރާލީ ހަށިގަނޑުގައިވާ ވަރުބަލިކަމުގެ ސަބަބުންނެވެ.
ކީއްވެގެންކަމެއް ނޭނގެއެވެ. އީމަންގެ ހިތްބާރުބާރަށް ތެޅެންފެށިއެވެ. ޔާނާމަތިން ހަނދާންވަމުން ދިޔައެވެ. ޒާންގެ އަންހެނުން ހެދުން އަޅާފައިވާގޮތުން މިކަން އިތުރަށް އުނދަގޫކުރަމުން ދިޔައެވެ.
ކާރުތެރޭގައި ބަންދުބޮޑުވުމުގެ ސަބަބުން އިޔާނާ ބޯއަނބުރާގޮތްވިއެވެ. ގޭގެ ގޭޓުން ވަދެވި ވަކިހިސާބަކަށް ދެވުމާއެކީ އޯކަށް ދެމޭގޮތްވިއެވެ. އީމަން ކާރު މަޑުކޮށްލުމާއެކީ އިޔާނާ ކާރުން ފޭބިއެވެ. އެއްފަރާތަކަށް ދާން އުޅުނު ނަމަވެސް ނުހިފެހެއްޓުނެވެ. ރީމް އިޔާނާ ކަރިއަށް ދާން އުނދަގުލަކަށް ދުރުގައި ހުރީއެވެ. އިޔާނާ ހޮޑުލަމުން ލަމުން ގައިން ވަރު ހުސްވާ ގޮތްވިއެވެ. އީމަންއަށް ދުވެފައި ގޮސް ކިރިޔާ ހިފެހެއްޓުނީއެވެ. އީމަންގެ އަތްމައްޗަށް އިޔާނާގެ ވަރުދޫވެފައިވާ ހަށިގަނޑު ދެމުނެވެ. މާ ހައުލުގެ އަނދިރިކަމުން އިޔާނާގެ މޫނު މާ ރީއްޗަށް ނުފެނުނަސް އީމަންއަށް އިޔާނާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. މިކުރެވެމުންދަނީ އީމަންއާ ބީރަށްޓެހި އިހުސާސެއް ނޫނެވެ. ހިތް ބާރުބާރަށް ތެޅެމުން މިދަނީ ހަމަ ގައިމުވެސް ކޮންމެވެސް ކަމެއް ވުމުގެ ސަބަބުން ނޫން ހެއްޔެވެ. ހިތްބުނަމުން ދިޔައީ އެއް ވާހަކައެކެވެ. އެއީ ހަމަ ޔާނާ އެވެ. އީމަންގެ ޔާނުއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Salhi
V v v reeethi…..
Yey I’m da first. Varah salhi
Mi vaahakaige baakee iny dhen kithah part kan engey kujjaku ulhenyaa marsha ah bunedhevidhaanetha??
i think mi storyga himeneny 5o part
Keevetha vaahaka up kuraa leh ehaa lahy
interesting
Mixu thikameh nuviyehnu
vaahaka vrythi. ekam up kuraaleh maa lahy. koniraakun aneh part genes dheny?
mi story kurin ves mi site ga upload kohffa ebain dho ?
Nice