Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
February 4, 2016 7 Mins Read
19 Comments

(ހަތަރުވަނަ ބައި)

“އަހަންނަށް ވަނީ ކެންސަރު ޖެހިފަ.” މާނީގެ މިޖުމުލައިން މާރިޔާއަށް ސިހުން ލިބި މާނީއާއި ދިމާލަށް ބަލާލެވުނެވެ.

“ކީކޭ؟” މާރިޔާއަށް އަހާލެވުނީ އިތުރަށް ޔަޤީން ކުރުމުގެ ގޮތުންނެވެ. މާނީ ހިތުގައިޖެހި އިތުރަށް ރޮއެގަނެވުނެވެ. މާރިޔާ މާނީ އާއި ގާތްވެލާފައި މާނީގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އާނ. މާރިޔާ.” މާނީ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. “އަހަންނަށް ވަނީ ބްލަޑް ކެންސަރ ޖެހިފަ. ޑޮކްޓަރު ބުނާ ގޮތުން މި ބައްޔަށް ފަރުވާ ކުރަން ވަރަށް ގިނަ ފައިސާ ހަރަދު ވާނެ. ފަރުވާ ކުރެވޭނީވެސް ރާއްޖެއިން ބޭރުން. އެކަމަކު އަހަންނަށް އެނގޭ އައްސަދު އަތުގަ އެވަރަކަށް ފައިސާއެއް ނެތްކަން. އައްސަދުގެ މައިންބަފައިންނަކީވެސް އެވަރަށް ލިބޭ ބައެއް ނޫން. އައްސަދު ގާތު މިވާހަކަ ބުނެގެން އޭނައަށް ވާނީ އިތުރު ވޭނަކަށް. އެހެންވެ އަހަރެން މިވާހަކަ އައްސަދު ގާތަކު ނުބުނަން. ބުނާކަށް ބޭނުމެއްވެސް ނޫން. އޭނަ ގާތު ހުރެ މިބަލީގަ ނިމިދާކަށްވެސް ބޭނުމެއް ނޫން. އޭރަށް އޭނަ މުޅި އުމުރު ހޭދަ ކުރާނީ އަހަރެން ސަލާމަތް ނުކުރެވުނުކަމުގެ ގިލްޓުގަ. އެހެން މީހަކާ ނުވެސް އިންނާނެ. އަހަރެން އޭނަގެ ހަޔާތުން ދާން ބޭނުމީ އޭނަގެ ފޯލްޓެއް މިކަމުގަ ނެތްކަން އޭނައަށް އިހުސާސްވާނެ ފަދަ ގޮތަކަށް. އެހެންވެ އަހަރެން އޭނާއާ މާ ދުރުދުރުން މިއުޅެނީ. މާ ގިނައިން ބޭރަށް ދަނީވެސް އެހެންވެ. އަހަރެން ބެނުމީ އަހަންނާ އެހެން މީހަކާ ގުޅުމެއް އޮންނަ ކަމަށް އޭނައަށް ހީވާން. ހުރިހާ ފޯލްޓެއް އަހަރެން ނަގަން ބޭނުމީ. އޭރަށް ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަހަރެން ހުރިހާ ކަމެއް ބޮލު އެޅިޔަސް ރަނގަޅުވާނެ. އަހަންނަކީ މިހާރު ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއް. އަހަރެން ދިއުމުގެ ކުރިން އަހަރެން ބޭނުން އޭނަގެ ހަޔާތަށް ރަނގަޅު މީހަކު ގެންނަން. އަހަރެން މިރަށަށް އައީވެސް އެހެންވެގެން. މާރިޔާއާ ދިމާވީމަ އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނު. މާރިޔާ ޕްލީޒް.” މާނީ މާރިޔާގެ އަތުގައި ހިފާލަމުން އާދޭސް ކުރަން ފެށިއެވެ. “އަހަރެން ނެތް ދުނިޔެއެއްގަ އައްސަދު ބާކީ ވެގެން މާޔޫސް ވެގެން ދިޔަ ނުދިއުމަށް އަހަންނަށް އެހީތެރިވެދީ. އައްސަދުގެ ހަޔާތުގެ ބައިވެރިއަކަށް މާރިޔާ ވެދީ. އައްސަދުދެކެ ލޯބި ވުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ. އޭނާއެކީ ދުވަސްކޮޅަކު އުޅޭލީމަ އިސާހިތަކު ލޯބި ވެވިދާނެ. އަހަންނަށްޓަކައި ނޫނަސް އައްސަދަށްޓަކައި ނަމަވެސް މިކަން ކޮށްދީ. އައްސަދު މާރިޔާއަށް ދެރަ ގޮތެއް ނުހަދާނެކަމުގެ ގެރެންޓީ އަހަރެން ދެން. މާރިޔާ ޕްލީޒް. މިކަމަށް އެއްބަސްވޭ.”

މާނީގެ އާދޭސްތަކުން މާރިޔާއަށް ވިސްނަން މަޖުބޫރުވިއެވެ. މާނީ އެ ބޭނުންވާހެން އައްސަދު ފަދަ މީހަކު އެފަދައިން ބިކަ ވެގެން ދާކަށް މާރިޔާއެއްވެސް ނޭދެއެވެ. މާރިޔާވެސް ބޭނުންވަނީ އައްސަދު އުފާވެރިކަންމަތީ ނިމިގެންދާށެވެ. މާރިޔާގެ ހިތުގައި މާކުރިއްސުރެވެސް އައްސަދަށް ޚާއްސަކަމެއް ދެވިފައިވާކަން މާރިޔާ ނޫން މީހަކަށް ނޭނގޭނެއެވެ. އަދި މި ލިބުނު ފުރުސަތަކީ މާރިޔާ ބޭނުންވިފަދަ ބައިވެރިއަކު މާރިޔާގެ ހަޔާތަށް ގެނައުމަށާއި ހައްޔަރުވެފައިވާ ކޮށިން ސަލާމަތްވުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް މާރިޔާގެ ސިކުނޑި މާރިޔާއަށް ވިސްނައިދިނެވެ. ކަންމިހެން އޮތް ނަމަވެސް ނިންމަންޖެހޭ ނިންމުމަކީ މާރިޔާއަށް ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ ނިންމުމެކެވެ. އެހެންކަމުން މާރިޔާގެ ޖަވާބަކަށްވީ ގޮތެއް ނިންމަން އަދި ވަގުތު ބޭނުންވާ ކަމެވެ.

ހެނދުނުގެ ވަގުތެވެ. އައްސަދު ނިދާފައި އޮތް ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު މަޑު ހިނގުމެއްގައި މާރިޔާ އެތެރެއަށްވަނެވެ. އޭނާގެ އަތުގައި ހުރި ކުޑަ ތަބަކެއްގެ މަތީގައި ހުރީ އާވި އަރައަރާ ހުރި ކޮފީ ތައްޓެކެވެ. ޖެހިލުންވުމާއެކު އޭނާގެ ހިތް ތެޅެމުން ދިޔަ ނަމަވެސް މޫނުމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ފާޅުގައި އައްސަދަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނީތީ މާރިޔާ ހުރީ ވަރަށް އުފަލުންނެވެ.

އައްސަދު ނިދާފައި އޮތް އެނދުގެ އެއްފަރާތެއްގައި ހުރި ކުޑަ މޭޒުގައި ތަބައް ބެހެއްޓުމަށްފަހު މާރިޔާ އައްސަދުގެ މޫނަށް ބަލާލިއެވެ. އަރާމު ނިންޖަކުން ނިދާފައި އޮތް އައްސަދުގެ މޫނުމަތިން ފާޅުވާން ހުރި މައުސޫމު ކަމަށް މާރިޔާ ގަރަގުވީ ކަހަލައެވެ. އެމޫނުގައި ފިރުމާލުމަށް އެދި އަތް ހަރަކާތްކުރީ ބޭއިޚްތިޔާރުގައެވެ. އައްސަދުގެ މޫނާ މޫނު ގާތްކޮށްލަމުން އައްސަދުގެ ކޯތާފަތުގައި މާރިޔާގެ އަތް ހިންގާލެވުނު ހިނދު އައްސަދުއަށް ހޭލެވުނެވެ.

ކުއްލިއަކަށް އައްސަދު ތެދުވުމުން މާރިޔާއަށްވެސް ދުރަށް ޖެހި ލެވި އިސްޖަހާލެވުނީ ކުރެވުނު ކަންތަކާމެދު މޮޔަ ހީވެއެވެ. އައްސަދު ތެދުވެ ފުރަތަމަވެސް ބަލާލީ މާނީ އޮތްތޯއެވެ. މާނީ ނެތްކަމީ އައްސަދުގެ ނަސީބު ތޯއްޗެކެވެ. އައްސަދަށް މިހެން ހީވިޔަސް އޭނާގެ ހަޔާތާމެދު ކުރެވެމުންދާ ތަދުބީރުތައް އޭނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ. މާނީ ނެތް ކަމުން އައްސަދުގެ ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އެޅުނެވެ.

“މީ…މީ…މާނީ ބުނެގެން ކޮފީ ތައްޓެއް ހިފައިގެން މިއައީ.” މާރިޔާއަށް ވާހަކަ ދެއްކުނީ ހިތްވަރުންނެވެ.

“އެހެންތަ؟” އައްސަދުވެސް ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. “ކޮބާ މާނީ؟”

“ބަދިގެ ފަރާތުގަ އެބައުޅެ. އަންނަންވީނު ސައި ބޯން.” މާރިޔާ ހުރީ އައްސަދުގެ މޫނަށް ބަލަން ނުކެރިފައެވެ.

“އާނ. ރެޑީ ވެލައިގެން ދާނަން.” އައްސަދު މިހެން ބުނުމާއެކު މާރިޔާ އަވަސް އަވަހަށް އެކޮޓަރިން ނުކުތެވެ. ނެގިނެގިފާ ޖެހެމުން ދިޔަ މޭމަތީގައި އަތްއަޅާލަމުން މާރިޔާ ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

މާރިޔާ ބަދިގެއަށް ވަދެ މޭޒުމަތީގައި ތަބައް ބެހެއްޓުމާއެކު، ޒާހިރާ ހުރުމުން މާނީ މާރިޔާ ގޮވައިގެން ބޭރަށް ޖެހިލިއެވެ.

“ކޮބާ ކިހިނެތް ވަނީ؟” މާނީ ސުވާލުކޮށްލީ ވަރަށް މަޑުންނެވެ. ބަދިގޭގައި ހުރި ޒާހިރާއަށް އަޑު އިވި ދާނެތީއެވެ.

“މަށަކަށް ހިޔެއް ނުވެ މަށަށް މިކަން ވެދާނެ ހެނެއް.” މާރިޔާ މިހެން ބުނީ ބުނާ ހިތަކުން ނޫނެވެ. ނަމަވެސް އޭނާގެ ހުރި މައުސޫމު ކަމާއި ހިތް ސާފުކަން ދައްކާށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެވެސް މާނީގެ ފިރިމީހާއަށް އޭނާ ކަޅިއަޅަމުން ދާކަން މާނީއަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.

“ނޫން ނޫން މާރިޔާ.” މާނީ މާރިޔާގެ އަތުގައި ހިފާލިއެވެ. “ތިހެން ނުބުނޭ. އަދި މީ ފުރަތަމަ ފަހަރެއްނު. އަދި ނުވެއެއްނު ހިތްވަރު އެލުވާލާކަށް. މާރިޔާ އެހީތެރި ނުވެއްޖެއްޔާ ނޭނގެ އައްސަދަށް ވާނެ ގޮތެއް ވެސް. އަދި ދުވަސްކޮޅަކު ޓްރައި ކޮށްލަންވީނު.” މާނީގެ ވާހަކައަށް މާރިޔާ އެއްބަސްވަމުން ބޯ ޖަހާލިއެވެ.

މާނީގެ އެދުމުގެ މަތިން މާރިޔާ ކުރިއަށްވުރެ ގިނައިން އައްސަދުއާއެކު ވަގުތު ހޭދަ ކުރަންފެށިއެވެ. މާނީގެ އެދުމުގެ މަތިން ކުރި ނަމަވެސް އެއީ މާރިޔާވެސް ނުހަނު ބޭނުންވާ ކަމެކެވެ. މިހާރު ދުވަހަކުވެސް މާރިޔާ އައްސަދު އެކަނިވިޔަކަ ނުދެއެވެ. ގޭތެރޭގެ މަސައްކަތުން އަވަދިވެގެން މާރިޔާގެ ވަގުތުތައް އައްސަދަށް ހުސްކުރެއެވެ. އަދި އައްސަދުގެ ބައެއް ކަންކަންވެސް މާނީއަށްވުރެ ގިނައިން މިހާރު ކޮށްދެނީ މާރިޔާއެވެ. އައްސަދަށްވެސް އެކަން ކަމުދެއެވެ. މާނީ ގޭގައި ނޫޅުނަސް އައްސަދަށް މިހާރު ފަރުވާލެއް ނެތް ކަހަލައެވެ. މާރިޔާގެ ފުށުން އައްސަދު އެކަން މަނާ ކުރަން ބޭނުން ނުވަނީ އައްސަދުވެސް އެގޮތް ބޭނުންވާތީއެވެ. ފުރަތަމަ ދުވަހުން ފެށިގެން މާރިޔާ އައްސަދަށްވެސް ޚާއްސަ ވެގެން ދިޔައެވެ. ދެރައީ އެކަކު އަނެކަކަށް މިކަން ސިއްރުވެފައި އޮތީމައެވެ.

ދެމީހުންގެ ބައްދަލުވުމުގައި ޖޯލިފަތި ފަޅުފިލަމުން ދިޔައެވެ. ދެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އެކަކު އަނެކަކާއި ހިއްސާ ކުރަމުން ގުޅުން ބަދަހިވަމުން ދިޔައެވެ. ކުރިއަށްވުރެ ބޮޑަށް މިހާރު ދެމީހުންނަށް އެކަކު އަނެކަކު އެނގިއްޖެއެވެ. ދަސްވެއްޖެއެވެ. ދެމީހުންގެ ދިރިއުޅުމަކީ ތަފާތު ނަމަވެސް ހިތްދަތި ދިރިއުޅުމެއްކަން އެނގުމުން ދެމީހުންނަށް އެކަކު އަނެކަކާމެދު ހަމްދަރުދީވެވުނެވެ. މާރިޔާއަށް އެހީތެރިވާން އައްސަދު ކިތަންމެ ބޭނުންވި ނަމަވެސް ހިތްވަރުދިނުމުގެ ދެތިން ބަހެއް ބުނުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނެތެވެ. އަނެއްކޮޅުން އައްސަދުގެ ހަޔާތް ހިތްދަތިވެފައިވީ ސަބަބު މާރިޔާއަށް އެނގެއެވެ. ނަމަވެސް މިއަދު އައްސަދުގެ މާޔޫސީ ދެކުން ނޫން ގޮތެއް މާރިޔާއަކަށްވެސް ނެތެވެ. މާނީ އައްސަދު ދެކެ އިންތިހާއަށް ލޯބި ވާކަން އައްސަދަށް އަންގައިދޭން ނުހަނު ބޭނުންވެއެވެ. ނަމަވެސް މާރިޔާއަށް މިއަދު މަޖުބޫރެވެ.

އެހެނަސް މާރިޔާއަށް ހީވެފައިވަނީ ކުށް ހީއެކެވެ. މާނީ އައްސަދުދެކެ އިންތިހާއަށް ލޯތްބެއް ނުވެއެވެ. އިންތިހާއަށް ލޯބި ވާނަމަ އައްސަދާ ދުރުވާންޖެހޭ ސަބަބެއް އޮތް ނަމަވެސް އެހެން މީހަކާއެކު ގުޅުން ބަދަހި ކުރަމުން ނުގެންދާނެއެވެ. އަބަދާއި އަބަދު ތައުފީގުގެ އުނގު ތެރޭގައި އޮވެގެން ދުނިޔަވީ އުފާތަކެއް ހޯދަމުން ނުގެންދާނެއެވެ. ވަގުތީ އަރާމެއްގެ ތެރޭގައި މަސްތުވެފައި ނުއޮންނާނެއެވެ. ވެދާނެއެވެ. ދުނިޔޭގައި އުޅެން ލިބިފައިމިވާ ކުޑަ ދުވަސްކޮޅު ހިތްހަމަ ޖައްސާލަން ބޭނުންވަނީއެވެ. މާނީގެ ހަޔާތުގެ މޮޓޯއަކީވެސް އެއީއެވެ. އެކި މީހުންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެއެވެ. ނަމަވެސް މާނީ އެކަން މާރިޔާއަށް ސިއްރު ކުރަންވީ ސަބަބެއްވެސް އޮންނާނެއެވެ. ކޮންމެއަކަސް މާނީއާއި ތައުފީގުގެ ގުޅުން ފަޅު ހިސާބުތަކުގައި ތަރައްޤީ ވަމުން ދިޔަ ވަރަކަށް މާރިޔާއާއި އައްސަދުގެ ގުޅުން ފައްކާވަމުން ދިޔައީ ގޭތެރޭގައެވެ. އެހެނަސް ދެބައިމީހުންގެ ގުޅުންވެސް ދުނިޔެއަށް ވަންހަނާވެގެންވެއެވެ.

ހެނދުނުއްސުރެ ދުނިޔެމަތި ބަނަކޮށް އޮތް ދުވަހެކެވެ. ދަންވަރުއްސުރެ ވެހެމުން އައި ވާރޭ އަލިވިލުނު އިރު ތުނިކޮށްލީ ނަމަވެސް އެއްކޮށެއް ހުއްޓައެއްނުލައެވެ. އެކި އިރު އެކި ވަރަށް ވާރޭ ވެހެމުން ގޮސް ހުއްޓާލާ، އުދަރެހުން އިރު ދިއްލާލީ އަސްރު ވަގުތު ވަނިކޮށެވެ.

އަސްރު ނަމާދުކޮށްގެން މާރިޔާ ނަލަ ހެދިލީ ބޭރަށް ދާށެވެ. މިއަދަކީ އައްސަދާއެކު ބޭރަށް ދިއުމަށް ޕްލޭން ކުރެވިފައިވާ ދުވަހެވެ. ނަމަވެސް ދުނިޔެމަތި ދައްކަމުންދިޔަ ފޫހި ކުލަތަކުން ޕްލޭން “ފަނި”ވެ ދާނެތީ މާރިޔާ ހުރީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ވަގުތު ޖެހެންވާއިރަށް ދުނިޔެމަތި އެކަމަށް އިޖާބަ ދިނުމުން މާރިޔާ އިތުރަށް އެންމެ ސުކުންތެއްވެސް ލަސްކުރާކަށް ބޭނުމެއް ނޫނެވެ. އެދެމީހުން އެކުގައި ވަގުތު ހޭދަ ކުރުމަށް ޤުދުރަތުންވެސް އެދެނީ ކަންނޭނގެއެވެ.

މާރިޔާ ކޮޓަރިން ނުކުތް އިރު އައްސަދު ހުރީ ގެއަށް ވަދެ ނުކުމެވާން ހުންނަ ދޮރުގައި ލެނގި ލައިގެން ބޭރު ބަލާށެވެ. މާރިޔާއަށް ފުރަގަސްވާ ގޮތަށެވެ. މާރިޔާ ނުކުތުމާއެކު އޭނާ ޖަހައިގެން ހުރި ސެންޓުގެ މަޑު މަޑު މީރު ވަހުން މުޅި މާހައުލު ހުވަނދުކުރިއެވެ. އެހުވަނދުގެ ވަސް ނޭފަތުގައި ޖެހުމާއެކު އައްސަދަށް ހަށިފުރާ ނޭވާއެއްލެވުނީ ލޯމަރާލަމުންނެވެ. އައްސަދު ފަހަތަށް އެނބުރި މާރިޔާއަށް ބަލާލިއެވެ. އެވަގުތު އައްސަދުގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. މާރިޔާ މިއަދު ފެންނަލެއް ފުރިހަމަ ކަމުން “ވާއު” އޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. މާރިޔާއަށް ލަދުން އިސްޖަހާލެވުނެވެ.

“ހިނގާ ދާން.” އައްސަދާއި އަރާ ހަމަކުރަމުން ލަދުރަކި ގޮތަކަށް މާރިޔާ މިހެން ބުނުމުން އައްސަދު ބޭރަށް ނުކުތެވެ. އައްސަދުގެ ފަހަތުން މާރިޔާވެސް ނުކުމެ ހިނގައިގަތެވެ.

ތުނޑީގެ ދޮންވެލިގަނޑަށް އެރުމާއެކު މާރިޔާ ފައިވާން އަތަށްނަގާ ދުއްވައިގަތެވެ. ދުރަށް ފެތުރިފައިވާ އެރީތި ދޮންވެލި ތުނޑިމަތީގައި ދުވަމުން ގޮސް މާރިޔާ ހުއްޓުނީ ރާޅު ފެންފަށުގައެވެ. މޫދުގެ ލޮނުގަނޑާއި އަތުން ތޮޅެލަމުން މާރިޔާ މަޖާވެލާފައި އުޅުނެވެ. މީހުންގެ ގޮތް އެނގޭނީ އެއްއޮޑިން ދަތުރުކޮށްލީމައޭ މީހުން ބުނާ އަޑު އައްސަދުވެސް އަހާފައިވެއެވެ. މާރިޔާގެ ކިބައިން ކުރިން ފެނިފައިނުވާ ސަކަ ކަން މިއަދު ފެނުމުން އައްސަދަށް ބަލަހައްޓައިގެން ހުރެވުނެވެ. މާރިޔާގެ ފަރާތުން ފެންނަމުން ދިޔަ ޅަ ކަމާއި މަޖާ ކަމުން އައްސަދު ގާތަށް ހިނިވެސް އައެވެ. ކޮންމެއަކަސް މާރިޔާގެ އެ ސަކަ މިޒާޖުވެސް އައްސަދަށް ކަމުދިޔައެވެ. އޭނާގެ އެހެން ކަންކަންވެސް އައްސަދަށް ކަމުގޮސްފައިވާ ފަދައިންނެވެ.

އައްސަދު ދުރުގައި ހުރުމުން މާރިޔާ އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. އައްސަދުވެސް އަތާއި ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ. އައްސަދު ނޫނެކޭ ބުނުމުން މާރިޔާ ދުވެފައި ގޮސް އައްސަދުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ރާޅު ފެންފަށުގައި ހިނގަމުން މާރިޔާ މަންމަ ކިޔާ ދީފައިވާ ތުނޑިއާއި ގުޅުން ހުރި ބައެއް ވާހަކަތައް އައްސަދަށް ކިޔާ ދެމުން ދިޔައެވެ. ބައެއް މަޖާ ވާހަކަ ތަކާއި ބައެއް ބިރުވެރި ވާހަކަތަކެވެ. އައްސަދު ބަހެއް ބުނުމެއް ނެތި މާރިޔާ ދައްކާ ވާހަކަތައް އަޑު އަހަމުން ގެންދިޔައެވެ.

އައްސަދުގެ ހަނުހިމޭންކަން މާރިޔާއަށް އުނދަގޫ ކުރުވިއެވެ. އެހެންކަމުން މާރިޔާ ސަމާސާކޮށްލުމުގެ ގޮތުން އައްސަދު މޫދާ ދިމާލަށް މަޑުމަޑުން ކޮށްޕާލުމަށްފަހު އެއްގަމަށް ދުއްވައިގަތެވެ. މާރިޔާގެ ސަމާސާއިން އައްސަދުވެސް މަޖާވިއެވެ. މާރިޔާގެ ފަހަތުން އައްސަދުވެސް ދުއްވައިގަތެވެ. ދުވަމުންގޮސް މާރިޔާ ވެއްޓިގަތީ ގަސްތުގައެވެ. ފަހަތުން އައި އައްސަދަށްވެސް ކޮންޓްރޯލް ނުވެގެން މާރިޔާގެ ގައިމައްޗަށް ވެއްޓުނެވެ. މާރިޔާގެ މަގްސަދު ހާސިލްވީއެވެ. މޫނާއި މޫނު ޖެހޭނުޖެހޭ ހިސާބުން މާރިޔާ ސީދާ އައްސަދުގެ ދެލޮލަށް ބަލާލިއެވެ. އައްސަދަށްވެސް މާރިޔާގެ ލޮލަށް ބަލަން އެހެން އޮވެވުނެވެ. އެހެން ބަލަން އިނދެ މާރިޔާ އޭނާގެ މޫނު އައްސަދުގެ މޫނާއި އިތުރަށް ގާތް ކޮށްލިއެވެ. މާރިޔާގެ ހޫނު ނޭވާ އައްސަދުގެ ކޯތާފަތަށް އެޅުމާއެކު އައްސަދަށް ހިންދިރުވާލެވުނެވެ. އެއާއެކު އައްސަދު ކައްޓެއް ޖެހިހެން ކޮޅަށް ތެދުވެ ފަސްއެނބުރުނީ ހިނގައިގަތުމަށެވެ. އެވަގުތު މާރިޔާ އައްސަދުގެ އަތުގައިހިފާ ހުއްޓުވިއެވެ. އައްސަދު ފަސްއެނބުރި ބަލާލުމުން މާރިޔާ އަނެއް އަތްވެސް ދިއްކޮށްލިއެވެ. ބޮލުގެ އިޝާރާތުން ނަގައިދޭށޭ ބުނެލިއެވެ. އައްސަދު މާރިޔާގެ ދެއަތުގައި ހިފާ ކޮޅަށް ނެގިއެވެ. އޭރުވެސް މާރިޔާ ހުރީ އައްސަދުގެ މޫނަށް ބަލަހައްޓައިގެންނެވެ. ކޮޅަށް ނެގުމުން މާރިޔާ ޝަހާދަތް އިނގިލި ދިއްކޮށްލީ އޮއްސެމުންދިޔަ އިރާ ދިމާލަށެވެ. އައްސަދުވެސް އިރާ ދިމާލަށް ބަލާލިއެވެ.

ދެމީހުން ގޮސް ގުންޑޮޅިން ތިރީގައި އިރުއޮއްސޭ މަންޒަރު ބަލަން އިށީނެވެ. ރަތްވިލާ ލަމުން އިރުއޮއްސެމުން އުދަރެސް މައްޗަށް އަރުވަމުންދިޔަ ކުލަ ތަކާމެދު ދެމީހުންނަށްމެ ފިކުރުކޮށްލެވުނެވެ. އުދަރެހަށް އަރާ ފައިބަމުން ދިޔަ ކުލަތައް އެމީހުންގެ ހަޔާތާއި ގުޅުވާލެވުނެވެ. އެ ހިޔާލާތުގައި އިނދެ މާރިޔާއަށް އައްސަދުގެ ކޮނޑުމަތީގައި ބޯ އަޅާލެވުނެވެ. ކުރަމުން ދިޔަ ފިކުރުތަކާއެކު އައްސަދަށްވެސް މާރިޔާގެ ބޯމަތީގައި ބޯ އަޅާލެވުނެވެ. މާރިޔާއަށް ލޯމަރާލެވުނެވެ.

ދެމީހުންނަށްމެ ހޭވެރިކަން ގެނުވީ ލާން ފެށި ކެރިތަކެވެ. ރަނގަޅަށް އުދަރެހަށް ބަލާލިއިރު ވާރޭ އޮއްސާލަން ތައްޔާރުވަނީއެވެ. އަވަސް އަވަހަށް ތެދުވެ އައްސަދު މާރިޔާގެ އަތުގައި ހިފައިގެން ދުއްވައިގަތީ ބޯހިޔާކުރެވޭނެ ގޮތެއް ފެނޭތޯއެވެ. އެވަގުތު ބަލާކަށް ނުހުރެ ވާރޭ އޮއްސާލިއެވެ. ވަރަށް ބޯކޮށެވެ. މަގުގެ ވަކި ހިސާބެއްގައި ހުރި ފަޅު ގެއަކާއި ހަމައަށް ދެމީހުން ފޯރި އިރު ދެމީހުންމެ ތެމި ފޯވެއްޖެއެވެ.

ފަޅުގޭ ތެރޭގައި ތިބެ ވާރޭ ހުއްޓާނެ ވަގުތަކަށް ދެމީހުން އިންތިޒާރު ކުރަމުން ދިޔައެވެ. ހީ ކަރުވައިގެންފައި ހުރި މާރިޔާ ދެއަތްދެއަތާ ކާއްތަމުން ދިޔައެވެ. އައްސަދު ހުރީ މާރިޔާގެ ހަރަކާތްތަކަށް ކަޅި ހުއްޓިފައެވެ. މާރިޔާގެ ތެމިފައިވާ ހެދުން އޭނާގެ ގައިގާ ތަތްލާފައިވުމުން އެ ހަށިގަނޑުގެ ވަނާތައް ކިތަންމެ ރަނގަޅަކަށްވެސް ފާޅުވަމުން ދިޔައެވެ. މާރިޔާގެ ހެދި ހުރި ރޫފަޔަށް އައްސަދަށް ހިތާ ހިތުން ތައުރީފުކޮށްލެވުނެވެ.

އެވަގުތުޖެހި ބާރު ގުގުރިއަކާއެކު ސިއްސައިގެން ގޮސް މާރިޔާއަށް އައްސަދުގެ ގައިގާ ބައްދައިގަނެވުނެވެ. ކުރެވުނު ކަންތައް މޭރުންވީ ހިނދު މާރިޔާ މަޑު މަޑުން އައްސަދުގެ މޫނަށް ބަލާލިއެވެ. އައްސަދުވެސް ހުރީ މާރިޔާގެ މޫނަށް ބަލާށެވެ. މާރިޔާގެ މޫނު މައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އައްސަދު އޭނާގެ އަތުން އެއްފަރާތްކޮށްލިއެވެ. އެހިނދު މާރިޔާ އައްސަދާއި އިތުރަށް ގާތްވާން މަސައްކަތް ކުރިއެވެ. އޭނާގެ ތުންފަތް އައްސަދުގެ ތުންފަތާ ގާތް ކުރަމުން ދިޔައެވެ.

“ސްޓޮޕް އިޓް މާރިޔާ، ސްޓޮޕް އިޓް.” ކުއްލިއަކަށް މާރިޔާ ދުރުކޮށްލަމުން އައްސަދު ނުރުހުމުގެ ރާގެއްގައި އަޑަށް ބާރުލަމުން ބުނެލިއެވެ. “އަހަންނަކީ މީހެއްގެ ފިރިއެކޭ. ރިމެމްބަރ ؟”

އައްސަދުގެ އެޖުމްލައިން މާރިޔާ ރުޅިއައުމުގެ ބަދަލުގައި ވީ އުފަލެވެ. މާނީ ނެތް ދުނިޔެއެއްގައި އައްސަދު ލިބުމަށްފަހު އޭނާ މާރިޔާއަށް ވަފާތެރިވާނެކަން މާރިޔާއަށް ޔަޤީންވިއެވެ. މާރިޔާގެ އެއިމްތިހާނުން އައްސަދު އެންމެމަތީ ނަމްބަރުން ފާސްވިއެވެ.

“އަހަރެން ގަބޫލު.” ބަދިގެ ތެރޭގައި ހުރެ މާރިޔާ ވާހަކަ ދެއްކީ މާނީ އާއެވެ.

“އަސްލުތަ ؟” މާރިޔާގެ ދެކޮނޑުގައި ހިފަހައްޓާލަމުން މާނީ އަހާލީ އިތުރަށް ޔަގީންކޮށްލުމުގެ ގޮތުންނެވެ. މާރިޔާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. “އޯ އައި އެމް ސޯ ހެޕީ.” މާނީ މާރިޔާ ގައިގާ ބައްދާލިއެވެ. “އެހެންވީމަ މާރިޔާ އަހަރެމެން އެކީ މާލެ ދާން ރެޑީ ވޭ. އަހަރެން އައްސަދު ގާތު ބުނެގެން ހުރިހާ ކަމެއް ހަމަޖައްސާނަން.”

“އެކަމް އަހަރެން ގެންދަނީ ކީއްކުރަންތޯ އައްސަދު އަހައިފިއްޔާ ؟” މާރިޔާ ކަންބޮޑުވިއެވެ.

“އެކަމާ ހާސް ނުވޭ.” މާނީ ހުރީ ވަރަށް ހަމަޖެހިފައެވެ. “އަހަރެން އެކަންތައް ހަމަ ޖައްސާނަން.”

މާރިޔާ ހިތްހަމަޖެހުމުގެ ނޭވާއެއް ފަޒާއަށް ދޫކޮށްލީ ހިނިތުންވަމުންނެވެ. އޭނާ އުންމީދުވެސް ކޮށްފައި ނުވާހާ އުފާވެރި ގޮތަކަށް އޭނާގެ ދިރިއުޅުން ބަދަލުވަމުންދާތީ ﷲށް ޙަމްދުކުރިއެވެ.

އިންސާނުން އާ ކަންކަމާއި ކުރިމަތިލާން ބޭނުންވެއެވެ. އެކަންކަން ތަޖުރިބާ ކުރަން ބޭނުންވެއެވެ. އެއީ އެކަމަކީ ކުރިން ކުރިމަތިވެފައިވާ ކަމަކަށް ނުވާތީއެވެ. އެކަމުގެ އަޖުމަ ބަލާލަން ބޭނުންވާތީއެވެ. ނަމަވެސް ހިތުގައި ޖެހިލުންވުމެއްވެއެވެ. އެއީ ހަމަ ކުރިން ވެސް ބުނި ފަދައިން އެކަމަކީ ކުރިން ކުރިމަތިވެފައިވާ ކަމަކަށް ނުވާތީއެވެ.

މާރިޔާވެސް މާލެ ދާން ނުހަނު ބޭނުންވެއެވެ. އޭނާ ހައްޔަރުވެފައި އިން ކޮށިން މިނިވަންވެގެން މުޅިން އާ ދިރިއުޅުމެއް ތަޖުރިބާ ކުރުމުގެ ހުވަފެން އޭނާ ދެކޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ދޮން ބައްޕަގެ ސަބަބުން އެ ހުވަފެންއޮތީ އަދިވެސް ހުވަފެނެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއަދު ނަސީބު މިވަނީ އޭނާގެ އަތުގައި ހިފާފައެވެ. ޖެހިލުންވުމާއި ބިރުވެރިކަން ހިތުގައި އޮތް ނަމަވެސް މިފުރުސަތު އަތުން ބީވާކަށް މާރިޔާ ބޭނުމެއް ނޫނެވެ. ފުރުސަތު ލިބުން އިރުވެސް މިލިބުނީ ކޮންފަދަ އަޖައިބު ކުރުވަނިވި ގޮތަކަށް ހެއްޔެވެ. އައްސަދު ދެކެ އިންތިހާއަށް ލޯބިވާއިރު އޭނާއާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް މާރިޔާ ޔަޤީން ކުރެއެވެ. އެހެންކަމުން އައްސަދުގެ ހަޔާތުގެ ބައިވެރިއަކަށް ވާން ލިބެން އޮތް ފުރުސަތުވެސް މާރިޔާގެ އަތުން ބީވެގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއްދޮނުގައި ދެބުޅި އަޅާފައި އޮތްއިރު އެފުރުސަތުގެ ބޭނުން ނުހިފާނީ ފަހެ ކާކު ހެއްޔެވެ. ނަމަވެސް މާރިޔާގެ ހިތް އޭނާގެ ދޮންބައްޕައަކަށް އިތުބާރެއް ނުކުރެއެވެ. ދޮންބައްޕަ އޭނާ ފޮނުވާނެ ކަމަށް އަދިވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

“ބޭބޭ. މާރިޔާ މިފަހަރު އަހަރެމެން އެކީ ފޮނުވަންވީނު މާލެ ކިޔަވަން.” ސިޓިންގް ރޫމު ސޯފާގައި ވާހަކަ ދައްކަން ތިބެ އައްސަދު ހުއްދައަށް އެދުނީ ހުސޭނު ކައިރިންނެވެ. މާރިޔާ މާލެ ގެންދިއުމަށް މާނީ ކުރު ނުކުރުމުން އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އައްސަދަށް ޖެހުނީ މާނީގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާފައި ހުސޭނާ ވާހަކަ ދައްކާށެވެ. އައްސަދު ގާތުގައި މާނީވެސް އިނެވެ. މާރިޔާ އާއި ޒާހިރާ ތިބީ ކޮޓަރީގެ ދޮރުމަތީގައެވެ.

“ތެދެއް ބޭބޭ.” ހުސޭނުގެ ޖަވާބެއް ނައިސް އިރުކޮޅެއް ވުމުން މާނީ ބުނެލިއެވެ. “މާރިޔާއަކީ އަދި ހަމައެކަނި އޯ ލެވެލް ނިންމައިގެން ހުރި ކުއްޖެއްނު. އަދި އިތުރަށް ކިޔަވަން ޖެހޭނެއްނު. އަހަރެމެން އުޅޭ އެޕާޓްމަންޓުގަ އުޅޭނީ އަހަރެމެން ދެމީހުން އެކަނި. އެތާ ހުރެގެން މާރިޔާއަށް ކިޔަވާކަށް އެއްވެސް ދައްޗެއް ނުވާނެ.” ދެންވެސް ހުސޭނު އެކައްޗެއްވެސް ނުބުނެއެވެ. ޒާހިރާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މާނީގެ ހިތް ތެޅެމުން ދިޔައެވެ. އެއަށްވުރެ ބާރަށް މާރިޔާގެ ހިތް ތެޅެމުން ދިޔައެވެ. އެންމެންގެ ހިތުގައިވެސް ވަނީ އެންމެ ސުވާލެކެވެ. ހުސޭނު އެއްބަސްވާނެ ބާއެވެ. (ނުނިމޭ)

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ފަލްސަފާ – 2 (18+)

Next

ހާދަ ލޯބިންނޭ (11)

Next
February 4, 2016

ހާދަ ލޯބިންނޭ (11)

Previews
February 4, 2016

ފަލްސަފާ – 2 (18+)

19 Comments!

  1. nubnanan says:
    February 4, 2016 at 1:22 pm

    Varah reeethi

    1. thaadhi says:
      February 4, 2016 at 2:08 pm

      Thank you ?

  2. misty says:
    February 4, 2016 at 2:32 pm

    Vrh vrh reethi mi bai vx… When nxt prt???

    1. thaadhi says:
      February 4, 2016 at 11:59 pm

      Varah avahah in sha Allah
      Thank you ?

  3. Shaff says:
    February 4, 2016 at 3:00 pm

    Varahh reethi..
    Maanee dhogu dhw ehedhee?

    1. thaadhi says:
      February 4, 2016 at 11:59 pm

      Neynge ?

  4. Reader says:
    February 4, 2016 at 3:57 pm

    Huseynubeyy , maariyaa male’ nufonuvaa kyhkuraaaany .
    hama fonuvan jeheyny dhw thaadhi 😀

    1. thaadhi says:
      February 5, 2016 at 12:00 am

      Hama huseynube ah engeynee ?
      Wait for next part ?

  5. Angela says:
    February 4, 2016 at 4:29 pm

    Maariaa akah Male’ kiyykuran ehthaakahves nudheveyne.. Maariaa thihury kiyavaane varah kiyevifa.. Hehehe… Just imagining the situation.. Reethi ingey

    1. thaadhi says:
      February 5, 2016 at 12:01 am

      ???
      Thank you ?

  6. Shaw says:
    February 4, 2016 at 4:42 pm

    Haadha rom ey dhw…. Hahahaha

    1. thaadhi says:
      February 5, 2016 at 12:01 am

      ???
      Aaan dhww ?

  7. Maariyaa says:
    February 5, 2016 at 10:45 am

    Assadhu ge vafaatherikamun ves dhw.. :v

  8. lam says:
    February 5, 2016 at 2:02 pm

    V salhi. Kon irakn next part up kurany

  9. x doo says:
    February 6, 2016 at 1:29 pm

    Avas kolladheythi ingey

  10. Zaanaa says:
    February 8, 2016 at 2:18 pm

    Story keyaa hethun kehmaduvefa avahah up kohdeeba please

  11. roassy says:
    February 13, 2016 at 11:35 am

    HURIHA FIRIHENUNVES ASSADH HAA VAFATHERINAMA DHO

  12. raheema says:
    February 15, 2016 at 9:16 pm

    haadha romantic ey dhw

  13. Rozy says:
    October 16, 2016 at 12:47 am

    Mi baives vara furihama nice

Comments are closed.


All Right Reserved!