
(ތިންވަނަ ބައި)
“ކަލޭތަ؟” ރުޅިވެރިގޮތް ދައްކަމުން ދަތްކުނޑި ވިކާލާފައި މާނީ ބުނެލިއެވެ.
“ހާދަ މޮޅޭ އެކްޓު ކުރަން.” މާނީގެ މޫނުގައި ފިރުމާލަމުން ތައުފީގު މިހެން ބުނުމާއެކު ދެމީހުން ހިނިގަނޑެއް ޖަހާލީއެކުއެކީގައެވެ. ތައުފީގު އޭނާގެ އަތް މާނީގެ މޫނުމަތިން ފެށިގެން ކަރުދޮށުން ލާފާ ގޮސް މޭމައްޗާއި އަރާ ހަމަވީތަނުން މާނީ އެއަތުގައި ހިފެހެއްޓިއެވެ.
“ހާދަ ކެތްމަދުވެފައޭ ދޯ.” މާނީ ދެކޮޅު ހޯދާލިއެވެ. “މިތާތަ؟ މީހަކަށް ފެނިދާނެ.”
“ނުފެންނާނެ.” ތައުފީގު އޭނާގެ ގަމީސް ބޭލުމުން މާނީ ހިނިތުންވެލާފައި ތައުފީގާއި ގާތްވެލިއެވެ. މަލުގެ ކަރުގަނޑު ކަޝްފުވީ ހިނދު މާބުރު އޭގެ ވަގުތު ބޭކާކުކުރާކަށް ނުހަދައެވެ. އެމަލުން ފޮނިބޮވެން އޮތްގޮތަކަށް ފޮނިކޮޅު ދަމައިގަތެވެ. ތެދެކެވެ. ކަނޑެއްގެ އަޑި އެނގުނަސް އަންހެނެއްގެ ހިތުގެ އަޑިއެއް ނޭނގޭނެއެވެ. އަދި އަމުދުން މާނީގެ ހިތް އެއަށްވުރެވެސް ފުނެވެ.
މާނީ ގެއަށް އައިސް ވަތްންތަނުން އޭނާގެ ކުރިމައްޗަށް އައްސަދު އެރުމުގެ ސަބަބުން މާނީ ދިޔައީ ސިއްސައިގެންނެވެ. ނެގިފާ ޖެހުނު މޭމަތީގައި އަތް އަޅާފާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު މާނީ ހަމަ ޖެހިލިއެވެ.
“އައްސަދޫ.” މާނީ ލޯ އަޅާލިއެވެ. “ސިއްސައިގެންނޭ ދިޔައީ.” މާނީ މަސައްކަތް ކުރީ ކޮޓަރިއަށް ދިއުމަށެވެ.
“ކޮންތާކުން ތިއައީ؟” ނަމަވެސް އައްސަދު އަދިވެސް ދިޔައީ މާނީގެ ކުރި ބައްދަމުންނެވެ.
“މިއައީ ބޭރަށް ގޮސްފަ. ދެން ދުރަށް ދޭ.” މާނީ ރުޅިގަދަވަމުން ދިޔައެވެ.
“ބޭރުން ކޮންތާކުންހޭ؟” އައްސަދުވެސް އަޑަށް ބާރުލާފައި ސުވާލުކޮށްލިއެވެ.
“ދެން އައްސަދަށް ކޮންކަމެއްތަ މަ ކޮންމެ ތާކަށް ދިޔަޔަސް.” މާނީ ހަޅޭއްލަވައިގަތެވެ. “މަގޭ ކުރިމަތިން ދުރަށްދޭ.” މާނީ އައްސަދު ކޮށްޕާލުމަށްފަހު ކޮޓަރި ތެރެއަށް ދެމިގަތުމާއެކު ނިކަން ބާރަށް ދޮރު ލައްޕާ ތަޅުލިއެވެ.
ޖެހިގެން ހުރި ކޮޓަރީގައި ސިއްރުން އެއަޑުތައް އަހަން ހުރި މާރިޔާ ވެސް ހުރީ ހިތްބިރުގެންފައެވެ. އެދެމަފިރިންނަކީ ހަމަޖެހިގެން އުޅޭ ދެމަފިރިން ނޫންކަން މާރިޔާގެ ހަވަނަ ހިއްސުވަނީ މާކުރިންވެސް ދެނެގެންފައެވެ. އެއީ ދެމީހުން އުޅެމުންދާލެއް ދުރުކަމުންނާއި ނުގުޅޭ ކަމުންނެވެ. ނަމަވެސް ވަރަށް ބޮޑަށް މައްސަލަ ގޯސްވެފައިވާކަން އެނގިގެންދިޔައީ މިއަދުއެވެ. ދެމަފިރިއެއް ނަމަ އެދޭތެރޭގައި ކޮންމެވެސް މައްސަލަތަކެއް ހުންނާނެކަން މާރިޔާވެސް ދަނެއެވެ. ނަމަވެސް މިފަދައިން ޗުއްޓީ ހޭދަކޮށްލުމަށް ދެމަފިރިން އެކީ އައިސްއުޅޭ އިރު އެކުގައި ހިނގާލަން ދިއުމާއި މަޖާކޮށް ހަދާތަން މިދެމަފިރިންގެ ކިބައިން ނުފެންނާތީ މިދެމަފިރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ ކުޑަ މައްސަލައެއް ނޫންކަން މާރިޔާއަށް ޔަޤީނާއި ގާތަށް ޝައްކެވެ.
މާނީގެ ކޮޓަރީގައި މާރިޔާ ޓަކި ޖަހާލިއެވެ. ދެތިންފަހަރު ޖަހާލުމުންވެސް ޚަބަރެއް ނުވިއެވެ.
“މާނީ.” ޚަބަރެއް ނުވުމުން މާރިޔާ ގޮވާލިއެވެ. “މީ މަށޭ. މާރިޔާ. ކޮޓަރި ކަހާލަން ކަމަށް.” މާނީ ނުހުޅުވަން އޮތީ އައްސަދަށް ވެދާނެތީކަން އެނގޭތީ މާރިޔާ ބުނެލިއެވެ.
މާނީ ދޮރު ހުޅުވާލުމުން ފިހިގަނޑު ހިފައިގެން ހުރި މާރިޔާ ކޮޓަރި ތެރެއަށްވަނުމަށްފަހު ދޮރު ލައްޕާލިއެވެ. މާނީ ކަންނެތް ގޮތަކަށް ހިނގާފައި ގޮސް އެނދުމަތީ ފައިވައްކޮށްގެން އިށީންދެ ފޯނާ ކުޅެންފެށިއެވެ.
“އަބަދު އެފްބީގަ ދޯ.” ފިހިގަނޑު ކާއްތަމުން މާރިޔާ މިހެން އަހާލުމުން ރައްދުގައި މާނީ ހިނިތުންވެލިއެވެ. “އަހަރެން އެއްޗެއް އަހާލަންތަ؟ އަނެއްހެން މަށާ ބެހޭ ކަމެއް ނޫން އެކަމް..”
“އަހަންނަށް އެނގޭ މާރިޔާ އަހަން ތިއުޅެނީ ކީކޭކަން.” މާރިޔާގެ ވާހަކަ މެދު ކަނޑާލުމަށްފަހު މާނީ ފެށިއެވެ. “އެއީ އައްސަދު ދެކެ މަ އެންމެ ފޫހިވާ ކަންތައް. އަބަދު ޝައްކު ކުރާނީ. ނޯންނާނެ ބޭރަށް ޖެހި ލެވެންވެސް. ރައްޓެއްސަކާ ވާހަކަ ދައްކާލެވެންވެސް. އެކަނި ދިޔަޔަސް އެވަރު. އޭނައެކީ ދިޔަޔަސް އެވަރު. މީހަކާ ދިމާލަށް ބަލާލިޔަސް އެދުވަހުގެ ކަންތައް އެނިމުނީ އެ ހިސާބުން. ދެން އޮންނާނީ ނިދަންވަންދެން ޒުވާބު ކުރުން. މިދަތުރު އައީވެސް އެކަހަލަ ކޫސަނި މައްސަލަ ޖެހޭތީ ހައްލުވާނެ ކަމަށް ހީކޮށް. އެކަމް ނުވިއެއްނު. އަހަރެން އޭނަޔާ އިނީ ލޯބިން. އެކަމް މިހާރު ހިޔެއް ނުވޭ ލޯބި ވާހެނެއް. ފާޑެއްގެ ފޫއްސެއްވަނީ. ދެން ނޭނގެ މަށަކަށް.” މާނީ ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ. މާރިޔާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ލިބުމާއެކު އިތުރަށް ކުރާނެ ސުވާލެއް ނެތުމުން މާރިޔާވެސް ހިމޭނުންހުރީއެވެ.
އިންސާނުން ވިސްނާ ފިކުރު ކުރަނީ ހަމައެކަނި އަމިއްލަ ހަޔާތާމެދަކު ނޫނެވެ. އެހެން މީހުންނާ އެމީހުންގެ ދިރިއުޅުމާއި ދޭތެރޭވެސް އިންސާނުން ވިސްނައެވެ. މިބުނި ފަދައިން އެހެން މީހަކާމެދު ވިސްނޭ ނަމަ ނުވަތަ އެމީހެއްގެ ހަޔާތުގައި އެއަންނަ އަޑި ގުޑަން ތަކާމެދު ތިމާ ކަންބޮޑުވާނަމަ އެމީހަކު ވާނީ ތިމާއަށް މުހިއްމު މީހަކަށެވެ. އެއީ ތިމާ އެމީހަކަށް އިތުރު ސަމާލު ކަމަކާއި އިސްކަމެއް ދޭ މީހެއްކަން ކަށަވަރެވެ.
މާރިޔާއަށްވެސް ވީ އެފަދަ ގޮތެކެވެ. މާނީގެ ވާހަކަ އަޑު އެހުމަށްފަހު އޭނާ އައްސަދާއި ދޭތެރޭ ވިސްނާ ވިސްނުން އިތުރު ވެގެން ދިޔައެވެ. އައްސަދުގެ މިއަދުގެ ހާލަތާމެދު ހަމްދަރުދީވެ އޯގާތެރިކަން އިތުރު ވެގެން ދިޔައެވެ. އޭނާގެ އަމިއްލަ އަންހެނުން އޭނާއަށް އަޅާލުން ކުޑަ ކުރާކަން އެނގުނު ހިސާބުން އައްސަދަށް އަޅާލާ އަޅާލުން އިތުރުވެގެން ދިޔައެވެ. މާނީ އައްސަދު ދެކެ ލޯބި ނުވާކަން އައްސަދަށް އެނގޭ ދުވަހުން އޭނާއަށް ވާނެ ގޮތަކާމެދު ވިސްނާލާފައި މާރިޔާ ދެރަވެއެވެ. އަދި އެކަން މާރިޔާއަށް އެނގުނު ހިނދު އައްސަދަށް ސިއްރުކޮށްފައި ބޭއްވުމަކީ ރަނގަޅު ގޮތަކަށް ނުވެދާނެތީ މާރިޔާ ބިރުގަނެއެވެ.
މިފަދަ ފިކުރުތަކަކުން ބަރު ކުރަމުންދިޔަ ސިކުނޑިއަށް ލުޔެއް ލިބޭތޯ މާރިޔާ ބޭރަށް ނުކުތެވެ. ކަންދިމާކުރި ގޮތުން ޖޯލިފަތީގައި އައްސަދުވެސް އިނެވެ. މާރިޔާ ނުކުތުމާއެކު އައްސަދު އޭނާގެ މޫނު ފޮރުވަން މަސައްކަތްކުރި ނަމަވެސް، ރޭގަނޑުގެ އެ އަނދިރީގައިވެސް މާރިޔާގެ ކުޅަދާނަ ސިކުނޑި އެކަން ދެނެގަތެވެ. މާރިޔާއަށް ޝައްކެއްވިއެވެ. އެވަގުތު މަޑު ގިހެއްގެ އަޑު އައްސަދުގެ އަރު ތެރެއިން ނުކުތީ ހިފަހައްޓާލައިގެން އިންދައެވެ. މާރިޔާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. އައްސަދު ރޮނީކަން އެނގުމުން މާރިޔާގެ ހިތުގައިޖެހުނެވެ. އައްސަދަށް އެހީވާން އޭނާ ނުހަނު ބޭނުންވިއެވެ. އޭނާއަށް މިވަގުތު މީހެއްގެ އެހީތެރިކަން ނުހަނު ބޭނުންވާނެކަން މާރިޔާއަށް އެނގެއެވެ.
އަވަސްއަވަހަށް ގޮސް އައްސަދުގެ ކުރިމަތީގައި ހުއްޓުނު އިރު މާރިޔާގެ ލޮލުންވެސް ކަރުނަ ނިރާލާފައި ހުއްޓެވެ. މަޑުމަޑުން އޯގާތެރިކަމާއެކު މާރިޔާ އައްސަދުގެ ބޮލުގައި ފިރުމާލިއެވެ. އައްސަދުގެ ވިރެމުން ދިޔަ ހިތް ގިރިގެން ފޭބި ކަހަލައެވެ. ހިތުގައި ޖެހިފައިވާ މީހަކަށް އޯގާތެރިކަމެއް ލިބުމުން އިތުރަށް ހިތުގައި ޖެހިދެއެވެ. ހަމައެފަދައިން އައްސަދަކަށްވެސް ހިފަހައްޓައެއް ނުލެވުނެވެ. ބާރަށް ރޮއެ ގަންނަމުން މާރިޔާގެ އުނަގަނޑުގައި އައްސަދު ބައްދައިގަތެވެ. މާރިޔާގެ ލޮލުންވެސް ހޯސްލާފައި ކަރުނަ އޮހިގަތެވެ. ކުޑަކުއްޖަކު ފަދައިން ރޮމުންދިޔަ އައްސަދަށް މާރިޔާ ހިތްވަރު ދެމުން ދިޔައީ ހިތްވަރު ކުރަމުންނެވެ. ވިސްނައިދެމުން ދިޔައީ ވިސްނުންތެރިކަމާއެކުގައެވެ. މާރިޔާގެ ފުށުން ލިބުނު ލޯތްބާއި އޯގާތެރިކަން އައްސަދުގެ ހިތަށް ޝިފާއަކަށް ވެގެންދިޔައެވެ.
ހިތްހަމަޖެހުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އިންސާނާ ކުރާ ކޮންމެ އަމަލެއްވެސް އޭނާ ކުރަނީ ހިތްހަމަޖެހުން އެދިގެންނެވެ. އޭނާވާ ކޮންމެ ތަނަކުންވެސް ހިތްހަމަޖެހުން ލިބުމަށް އެދެވެއެވެ. އެތަނަކުން ހިތްހަމަޖެހުން ނުލިބުނު މާހައުލެއް ބަދަލުކޮށްލައެވެ. ހަމައެފަދައިން މީހެއްގެ ފަރާތުން ހިތްހަމަޖެހުން ނުލިބިއްޖެ ނަމަ އެހެން މީހެއްގެ ގާތަށް ދެވޭގޮތްވެއެވެ.
މާނީއަށްވެސްވީ އެފަދަ ގޮތެކެވެ. އައްސަދުގެ ފަރާތުން ނުލިބުނު ހިތްހަމަޖެހުން ހޯދުމަށް އޭނާ އިޚްތިޔާރު ކުރީ ތައުފީގެވެ. އައްސަދު ގާތަށް ދިއުމުން މާނީ ވަނީ ބުނެދޭން ނޭނގޭ ފޫއްސެކެވެ. ތައުފީގާއި ދިމާވިފަހުން އައްސަދުދެކެވާ ފޫހި ވަކިން ބޮޑުވިއެވެ. ނަމަވެސް ތައުފީގު ގާތަށް ދިއުމުން މާނީގެ ހިތްއުފާވެއެވެ. މުނިފޫހިފިލައެވެ. މާނީގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާ ވަސީލަތަކީ މިހާރު ތައުފީގެވެ. އާއެކެވެ. ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. މާނީގެ ހިތުގައި އައްސަދުއަށްވާ ލޯބި ތައުފީގު ފުހެމުންދިޔަފަދައެވެ. އައްސަދު ހޯދައިދޭ ފަދަ އަގުބޮޑެތި އެއްޗެއްސާއި ފައިސާ ދޭން ތައުފީގަށް ނުލިބޭ އިރުވެސް މާނީއަށް މިއަދު ފަރުވާލެއް ނެތީ އެހެންވެއެވެ. ތުނޑިމަތިންނާއި ވަލުތެރެއިން ތައުފީގާއި ބައްދަލު ކުރަން މާނީ ދަނީ އެހެންވެއެވެ. ފަޅުގެތަކުންނާއި މީހުން ގޮސް ނޫޅޭ މާހައުލުތަކުގައި އެކެއް އަނެކެއްގެ ހިތްފުރަމުންދަނީވެސް ހަމަ އެހެންވެގެންނެވެ.
“އަހަންނަށް ފުރަތަމަ މާނީ ފެނުނީމަ ޤަބޫލު ވެސް ނުކުރެވުން ތީ މާނީ ކަމަކަށް.” ތައުފީގު ވާހަކަ ދެއްކީ އޭނާގެ އުނގު ތެރޭގައި އޮތް މާނީ އާއެވެ. އިރުއޮއްސެމުން ދިޔަ އެވަގުތު އެދެމީހުން ތިބީ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުރި ވީރާނާވެފައިވާ ގެއެއްގެ ތެރޭގައެވެ. “ހިޔެއް ނުކުރަން އަސްލު ސަޕްރައިޒެއް ދޭނެ ކަމަކަށް.”
“އަހަރެން މިރަށަށް މި ދަތުރު ރޭވީވެސް ހަމަ އެހެންވެޔޭ.” މާނީ ހީލާފައި ބުންޏެވެ.
“އެހެންތަ؟ ހަމަ އެހާ ލޯބި ވޭތަ އަހަރެން ދެކެ؟” ތައުފީގު އިޝްޤީ ވެލިއެވެ.
“ގައިމެއް ނޫންތަ؟” މާނީގެ ލާނެއް ކަންވެސް ތައުފީގަކަށް ދުލެއް ނުކުރެއެވެ. އެވަގުތު ތައުފީގު ހީލަމުން މާނީގެ ގައިގާ އޮޅުލައިގަތެވެ.
އާއެކެވެ. މާނީ އާއި ތައުފީގަކީ އެކަކު އަނެކަކު ރަނގަޅަށް ދަންނަ ދެމީހުންނެވެ. މި ދެމީހުންގެ މެދުގައި މި ގުޅުން އުފެދިގެން ދިޔައީ ފޭސްބުކުންނެވެ. ފޭސްބުކުން ރަހުމަތްތެރި ވުމަށް އެދުނު މީހަކީ ތައުފީގެވެ. އެކަން ޤަބޫލުކުރި މީހަކީ މާނީއެވެ. ފޭސްބުކުން އިސްވެ ވާހަކަ ދެއްކީ ތައުފީގެވެ. އެއަށް ޖަވާބުދާރީވީ މާނީއެވެ. ކޮންމެއަކަށް މިގޮތަށް މިދެމީހުން ހާލު އަހުވާލާ ހިޔާލާ ވާހަކަ ބަދަލު ކުރަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ އިރު އަރަނީ ތައުފީގުގެ “ގުޑް މޯނިންގ” އަކުންނެވެ. ކޮންމެ ރެއަކު ލޮލަށް ނިދި އަންނަނީ އޭނާގެ “ގުޑު ނައިޓެއް” ލިބުމުންނެވެ. މާނީއަށް ތައުފީގު ޚާއްސަ ރައްޓެއްސަކަށް ވިއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. އަންހެން ކުދިންނަށް ތައުރީފު ކުރުމުގައްޔާއި އެކުދިންގެ ހިތް ދަމައިގަތުމުގައި ތައުފީގަކީ އަރާ ހުރި މާހިރެކެވެ. މިހާތަނަށް އޭނާޔަށް ކާމިޔާބު ނުވެފައި އޮތް ހަމައެކަނި ކަމަކީ މާރިޔާއެވެ. މާނީ ފަދަ އަންހެން ކުދިން ދަލުގައި ޖައްސާލުމަކީ ތައުފީގަށް ފެންފޮދެއް ބޯލުން ފަދަ ކަމެކެވެ.
ފޭސްބުކުން އުފެދުނު ގުޅުން އިތުރަށް ތަރައްޤީވީ މާނީ ތައުފީގަށް އޭނާގެ މޯބައިލް ނަމްބަރު ދިން ހިސާބުންނެވެ. ތައުފީގު މާނީއަށް ކޮންމެ ދުވަހަކު ގުޅަންފެށިއެވެ. އައްސަދުގެ ކިޔެވުމާއި ވަޒީފާގެ ސަބަބުން އުޅެން ޖެހުނުލެއް ބުރަކަންވީ މާނީއަށް ލިބުނު މިނިވަން ކަމަކަށެވެ. އައްސަދު ގޭގައި އުޅޭ ވަގުތަށްވުރެ ގިނަ ވާނީ ނޫޅޭ ވަގުތެވެ. ދެމަފިރިން ދިރިއުޅެމުންދާ އެ އެޕާޓްމަންޓްގައި އައްސަދު އޮފީހަށް ދިއުމުން ކޮންމެ ދުވަހަކުވެސް މާނީ އެކަނިވެއެވެ. މާނީގެ އެކަނިވެރިކަން ފިލުވާދޭ މީހަކީ ތައުފީގެވެ. މާނީގެ ހުރިހާ ވަގުތެއްވެސް ހުސްވެފައިވަނީ ތައުފީގަށެވެ. ހަމައެފަދައިން ތައުފީގުވެސް އޭނާގެ ހުރިހާ ވަގުތެއް މާނީއަށް ހުސްކޮށްފައިވެއެވެ. ނަމަވެސް ތައުފީގުގެ ހިތުގައި އޭރުވެސް ރަނިކަން ކުރަމުން ދިޔައީ މާރިޔާއެވެ. މާނީއަކީ ތައުފީގުގެ ހިތްހަމަޖައްސާލުމަށް ގެންގުޅޭ ވަގުތީ ވަސީލަތެކެވެ. ނަމަވެސް ތައުފީގުގެ ވާހަކައިގައި އެކަން މާނީއަކަށް ނާންގައެވެ. މާނީވަނީ ތައުފީގުގެ މަޅީގައި ޖެހި ހަމަ ރަނގަޅަށްވެސް ވާ ވަދެފައެވެ. މާނީ ތައުފީގަށް ލޯބި ހުށަހެޅީވެސް އެ ވާގަނޑުގެ ތެރޭގައި ހުރެއެވެ. ތައުފީގު ހިނިގަނޑެއް ޖަހާލަމުން އޭނާވެސް ލޯބި ވާކަމަށްބުނެ ބުހުތާނު ދޮގެއް ހެދިއެވެ. މާނީ އެރަށަށް އައީ އެދެމީހުންގެ ގުޅުމަށް 3 މަސް ވީ ފަހުންނެވެ. ތައުފީގު މާނީ ދެކެ ލޯބި ނުވީ ކަމުގައިވިޔަސް މާނީ ތައުފީގަށްޓަކައި ކަމަށްބުނެ އެރަށަށް އަޔަތީ އޭނާ ތައުފީގު ދެކެ ހަޤީޤީ ލޯބި ވާ ކަމަށް ތައުފީގަށް ޤަބޫލުކުރެވުނެވެ. އިރެއްގައި ލޯބި ނުވި ނަމަވެސް މިހާރު ތައުފީގުގެ ހިތުގައިވެސް މާނީއަށްޓަކައި މަޤާމެއް ހުސް ކުރެވެމުން ދިޔައެވެ.
އައްސަދު އިނީ މާރިޔާއަށް ފޮޓޯ އަލްބަމެއް ދައްކާށެވެ. އައްސަދުގެ ދެމަފިރިން އުޅޭ ކޮޓަރީގައެވެ. އެއީ އައްސަދުއާއި މާނީގެ ކައިވެނީގެ ފޮޓޯތައް އަޅާފައި ހުރި އަލްބަމެވެ. ކޮންމެ ފޮޓޮއެއްވެސް ވަކި ވަކިން ދައްކަމުން އައްސަދު އެ ފޮޓޯއާއި ގުޅޭ ތަފްސީލު ކިޔާ ދެމުން ދިޔައީ ނުހަނު ގަޔާ ވެގެން އިނދެއެވެ. އަދި ކާވެނި ޕާޓީ ތެރޭގައި ދިމާވި މަޖާ ކަންކަން ކިޔާ ދެމުން ހިނިތުންވަމުން ދިޔައެވެ. ނަމަވެސް މާރިޔާގެ ޝައުޤުވެރިކަން ހުއްޓިފައިވަނީ އެ ފޮޓޯ ތަކަކަށް ނޫނެވެ. އައްސަދުގެ އުފާވެރި މޫނަށެވެ. އެމޫނުމަތީގައިވާ މައުސޫމު ކަމަށެވެ. އެހާ މައުސޫމު އެހާ އުފާވެރި ހިތްހެޔޮ މީހަކާއެކު މާނީއަށް އުފާވެރި ދިރިއުޅުމެއް ވޭތު ނުކުރެވެންވީ ސަބަބަކާމެދު މާރިޔާގެ ހިތް ސުވާލުކޮށްލިއެވެ. ކޮންމެގޮތެއް ވިޔަސް މާރިޔާއަށް އައްސަދު ލިބިއްޖެ ނަމަ، ވަކި އޭނާއަށްވުރެ އުފާވެރި މީހަކު މި ދުނިޔެމަތީގައި ނުހުންނާނެ ކަމަށް އޭނާގެ ހިތް ޔަޤީންކުރިއެވެ. މާރިޔާއަށް އިނދެވުނީ ކަޅިވެސް ޖަހާނުލާ އައްސަދުގެ މޫނަށް ބަލާށެވެ. އެވަގުތު އެއްލި ކަޅިއަކުން އައްސަދަށްވެސް މާރިޔާއަށް ބަލާލެވުނެވެ. މޮޔައެއްހެން އައްސަދުގެ މޫނަށް ނަޒަރު ހުއްޓައިގެން އިން މާރިޔާގެ އެ ކަތި ނަޒަރުގައި އައްސަދު ވެސް ގައިދުވީ ފަދައެވެ. މިހާރު ދެމީހުންގެ ވެސް ނަޒަރު ސީދާވެފައިވަނީ އެކެއް އަނެކެއްގެ ސީދާ ދެލޮލަށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ސިއްސައިގެން ގޮސް ދެމީހުންނަށްމެ ދޮރާ ދިމާއަށް ބަލާލެވުނެވެ. ދޮރުމަތީގައި ހުރި މާނީގެ ނަޒަރު ހުއްޓިފައިވަނީ އައްސަދުއާއި ޖެހި ފިތިގެން އިށީންދެގެން އިން މާރިޔާއަށެވެ. މާރިޔާ އިސްޖަހާލަމުން އިންތަނުން ތެދުވިއެވެ. މާނީ އެދިޔަގޮތަށް ގޮސް ވަނީ ފާހާނާއަށެވެ. މާނީ އަނގައިންވެސް ނުބުނެ ދިއުމުން އޭނާ ހިތްހަމަނުޖެހުނީ ކަމަށް ނިންމާ މާރިޔާވެސް އެ ކޮޓަރިން ނުކުމެގެން ގޮސް އޭނާ ނިދާ ކޮޓަރިއަށްވަނެވެ.
ކަންތައް ހިނގާ ދިޔަ ގޮތާމެދު މާރިޔާ ވަރަށް ކަންބޮޑުވިއެވެ. މާރިޔާއާއި އައްސަދު އެކީގައި އެކޮޓަރި ތެރެއިން ފެނުމުން މާނީގެ ހިތަށް އަރާނެ އެއްޗަކާމެދު މާރިޔާއަށް ވިސްނެން ފެށިއެވެ. އައްސަދުއާމެދު ކިތަންމެ ހަމްދަރުދީއެއް ވިޔަސް ދެމަފިރިއެއްގެ ދޭތެރެއަށް ވަނުމަކީ މާރިޔާއަށް މާލަފާ ގޮތެއް ނޫނެވެ. އަންހެނަކަށްވެ ހުރެ އެހެން އަންހެނަކަށް ކެއްސެއް ދިނުމަކީ މާރިޔާގެ ހިތް ދުވަހަކުވެސް ރުހޭނެ ކަމެއް ނޫނެވެ. އެދެމަފިރިންގެ ރެނދު ލާފައިވާ ދިރިއުޅުމަށް އަންނާނެ އިތުރު ލޮޅުމަކަށް މާރިޔާ ވާކަށް މާރިޔާ ބޭނުމެއް ނޫނެވެ. އެހެންކަމުން މާނީ އާއި ވަކިން ބައްދަލުކޮށް ވާހަކަ ދައްކާ އޮޅުންފިލުވާ ދިނުން ބުއްދިވެރިކަމުގައި މާރިޔާ ނިންމިއެވެ.
އައްސަދު ބޭރަށް ހިނގައިދާނެހާ އިރުކޮށްފައި މާރިޔާ ނުކުމެ އައްސަދުގެ ދެމަފިރިން އުޅޭ ކޮޓަރިއާއި ގާތްވެލިއެވެ. އެތެރެއިން އެދަމަފިރިން ވާހަކަ ދައްކާ އަޑު އިވުނެވެ. ނަމަވެސް ދައްކަނީ ކޮން ވާހަކަ އެއް ކަމެއް ނޭނގެއެވެ. މާރިޔާގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށް މާރިޔާ ނިންމިއެވެ. އަދި އެކަމާއި ނުހަނު ދެރަވެސްވިއެވެ.
މެންދުރަށް މަރުހަބާ ކިޔަމުން ދިޔަ ވަގުތެވެ. ގޯތި ތެރޭގައި ހުރި ބަނބުކެޔޮ ގަހުގެ ހިޔާ ދަށުގައި ޒާހިރާ ފަންގަނޑެއް ވިންނަން އިނެވެ. އެޔާ މާ ދުރުނޫން ހިސާބެއްގައި ހުސޭނު ހުރީ ކާށި ތަކެއް އެހޭށެވެ. ޖޯލި ފަތީގައި ތައްޓެއް އުނގަށް ލައިގެން އޭގެ ތެރެއަށް ވަޅޯމަސްގަނޑެއް ކޮށަން މާރިޔާ އިނެއެވެ. މެންދުރުގެ ކެއުމަށް އެއްޗެއް ތައްޔާރު ކުރުމަށެވެ.
ގޯތި ތެރެއަށް ނުކުތް މާނީ އެންމެނަށް ވަކިވަކިން ގޮވާލުމަށްފަހު މާރިޔާއިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި އިށީންދެ މާރިޔާގެ އުނގުގައި ހުރި ތަށިން މަސްކޮޅެއް ނަގާފައި ކާލިއެވެ. މާނީ މާރިޔާގާތު އިށީނުމުން މާރިޔާ ޖެހިލުންވިއެވެ. މާނީއާއި ދިމާލަށް ނުބަލަން ވެގެން މާރިޔާ އިނީ އިސްޖަހައިގެންނެވެ.
“ދައްތާ.” މާނީ ގޮވާލުމުން ޒާހިރާ އާއެކޭ ބުނެލިއެވެ. “ކޮން އިރަކުން މާރިޔާ މީހަކާ ދެވަނީ؟” މާނީގެ މި ސުވާލުން މާރިޔާއަށް ސިހުމެއް ލިބުނެވެ. މާނީ އެފަދަ ސުވާލެއްކޮށްފާނެ ކަމަށް މާރިޔާ ހިޔެއް ނުކުރެއެވެ. ރޭގައި ދިމާވި ކަންތަކުގެ ސަބަބުން މާރިޔާ މީހަކާ ދެވުމަށްފަހު އައްސަދުއާއި ދުރު ކުރަން މާނީ މަސައްކަތް ކުރަނީ ކަމަށް މާރިޔާއަށް ޤަބޫލު ކުރެވުނެވެ. ހުސޭނު ހުރުމުން ޒާހިރާވެސް އެސުވާލަށް ޖަވާބެއް ދޭން ފަސްޖެހި އިސްޖެހުނެވެ.
“ތިޔެއް އެނގޭނީ ހަމަ މާރިޔާއަށް.” ނަމަވެސް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެތީ ޖެހިލުންވެ އިނދެ ޒާހިރާ ބުނެލިއެވެ. “މާރިޔާއަށް ރަނގަޅު ކުއްޖަކު ފެނުނީމަ….”
“އުހުން.” ޒާހިރާގެ ވާހަކަ މެދު ކަނޑާލީ ހުސޭނެވެ. “މާރިޔާ އިންނަން ވާނީ އަހަރެމެން ދައްކާ މީހަކާ. ތާކުން ފެންނަހާ މީހަކާ އިނދެގެން ދިރިއުޅުމެއް ނުފެންނާނެ. އަހަރެމެންގެ ހުރި ހަމައެކަނި ދަރިޔަކީ މާރިޔާ. އެހެންވީމަ މާރިޔާއަކަށް އަހަރެމެން ދެރަގޮތެއް ނޭދޭނެއެއްނު.” ހުސޭނުގެ މި ޖަވާބުން މާރިޔާގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފިކަން އޭނާގެ މޫނު މައްޗަށް އައި ބަދަލުން މާނީ ދެނެގަތެވެ.
“ހާދަ ރީތި ދުވަހެކޭ ދޯ މޫދަށް ދާން.” އެހެންކަމުން މާނީ މަޢުޟޫއު އޮޅުވާލިއެވެ. “މާރިޔާ ހިނގާބަލަ އަހަންނާއެކީ މޫދަށް ދާން. އައްސަދު ވެސް އޮތީ ނިދާފަ.” މާނީގެ މި ސުވާލުން އަނެއްކާވެސް މާރިޔާއަށް ސިހުމެއް ލިބުނެވެ. އެކަންތަކުގެ ހަސަދަ ފިލުވާލަން ހަމަ ރަނގަޅަށްވެސް މާނީ ބޭނުންވެފައިވާ ކަމަށް މާރިޔާއަށް ޔަޤީން ކުރިއެވެ. މޫދަށް ގޮސް އަނެއްކާ ކިހިނެތް ހަދާނެބާއޭ މާރިޔާގެ ހިތަށް އެރިއެވެ. ގަންބާވެސް ލާފާނެއެވެ. ތަޅާ އަނިޔާވެސްކޮށްފާނެއެވެ. މާނީއަކީ ފިސާރި އަންހެނެއްކަން މާރިޔާއަށްވަނީ މީގެ ކުރިންވެސް ފެނިފައެވެ. ކޮންމެއަކަސް މާރިޔާ ވަރަށް ޖެހިލުންވިއެވެ. ހިތަށް ބިރުވެރިކަންވަނެވެ. އެހެންނަމަވެސް އެކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކޭނީވެސް ދެމީހުން އެކަހެރިވެގެންކަން މާރިޔާއަށް އެނގެއެވެ. އެހެންކަމުން މިއީ އެވާހަކަ ދައްކަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް މާރިޔާ ދެކުނެވެ.
“ދެން ހިނގާބަލަ ޕްލީޒް.” މާނީ އާދޭސް ކުރަން ފެށުމުން މާރިޔާ ބަލާލީ ޒާހިރާއަށެވެ. “ދައްތާ އޯކޭ ދޯ މާރިޔާ ގޮވައިގެން މޫދަށް ދިޔަޔަސް.” މާނީ މިހެން އަހާލުމުން މާނީއަށް ނޭނގޭނެހެން ޒާހިރާ ބަލާލީ ހުސޭނަށެވެ. އާއެކޭ ބުނުމުގެ ގޮތުން ހުސޭނު ބޯ ޖަހާލުމުން ޒާހިރާވެސް ހިނިތުންވެލާފައި ބޯ ޖަހާލިއެވެ.
ތުނޑިއަށް ދެވުމާއެކު މާނީ މާރިޔާގެ އަތުގައި ހިފާ މޫދާ ދިމާއަށް ދުއްވައިގަތެވެ. މާރިޔާގެ ތެޅެމުންދިޔަ ހިތް ބޭރަށް ފުންމާލަން އުޅުންފަދައެވެ. އެބިރުވެރިކަންމަތީ މާރިޔާގެ ހިތުގައި ޖެހުނެވެ. ލޮލަކަށް ކަރުނަ ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މާރިޔާއަކަށް އިތުރަކަށް ކެތެއް ނުވިއެވެ.
“ނޫން މާނީ ނޫން.” މާރިޔާ ރޮއެ ގަންނަމުން ބިންމަތީގައި ދެކަކޫ ޖަހާ އިށީނެވެ. “މާނީ ތި ވިސްނަނީ މުޅިއަކުން ރަނގަޅަކަށް ނޫން. އަހަރެން ދައްކާ ވާހަކަ އަޑުއަހާފާނަންތަ؟ ޕްލީޒް.” މާނީގެ ކުރިމަތީގައި ކަކޫ ޖަހާ އަތް ޖޯޑުކޮށްގެން އިށީންދެ އިނދެ މާރިޔާ އާދޭސް ކުރިއެވެ.
“މާރިޔާ ކީކޭތަ ތި ކިޔަނީ؟” މާނީ އަކަށް މާރިޔާ ދެއްކި ވާހަކަ ނަގައެއްނުގަނެވުނެވެ.
“އަހަންނާ އައްސަދާ ދޭތެރޭ އޮންނަނީ މާނީ ތި ހީކުރާ ކަހަލަ ގުޅުމެއް ނޫން.” މާރިޔާ ކޮޅަށް ތެދުވަމުން ވާހަކަ ދެއްކިއެވެ. “އެއަށްވުރެ އައްސަދުގެ ހިތް މާ ސާފު. އަހަރެންވެސް ދެކެނީ އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގަ. މިރަށުގަ އުޅެ ބޮޑު ވިޔަސް ކަންދިމާކުރިގޮތުން އަހަރެންގެ މާ ގިނަ ރައްޓެހިންނެއް ނުތިބޭނެ. އެކަމަކު އައްސަދުއާ ދިމާވީމަ، އެކުގަ ވަގުތު ހޭދަ ކުރެވެން ފެށީމަ އެނގިއްޖެ ރަހުމަތްތެރި ކަމަކީ ކޮބާކަން. އަހަރެން އައްސަދުއާއެކީ ވަގުތު ހޭދަ ކުރަނީ މާނީ ގިނަ ވަގުތު ގޭގަ ނޫޅޭތީ އައްސަދު ފޫހި ވެގެން އުޅޭތީ. އެކަމަކު ހަމަ ހުވާކޮށްފަ މިބުނީ ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އަހަރެމެން ދެމީހުންގެ މެދަކު ނެތް. އަދި ނުވެސް އޮންނާނެ. ރޭގަވެސް އަހަރެން ބުނީ މެރީ ކުރި އަލްބަމް ދައްކާލަން. އެހެންވެ އޭނަ އަހަރެން ތި ކޮޓަރިއަށް ވެއްދީ. އައްސަދުއަކީ ވަރަށް މާތް އިންސާނެއް. މާނީ ތީ ވަރަށް ނަސީބު ގަދަ މީހެއް.” މާރިޔާ ރޮމުން މިހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން މާނީ ހިނިތުންވެލިއެވެ.
“އަހަރެންގެ ހިތުގަ މާރިޔާއަށް އެއްވެސް ބުރަ ކަމެއް ނެތް. އަދި އަހަރެން ތި ދެމީހުންގެ ދެމެދުގަ އެފަދަ ގުޅުމެއް އޮތް ކަމަކަށް ޝައްކެއް ވެސް ނުކުރަން. މާރިޔާއަކީ ރަނގަޅު ކުއްޖެއްކަން އަހަންނަށް އެނގޭ. ރޭގަ ވީ ކަންތަކުންވެސް އަހަރެން ރުޅިއެއް ނާދޭ. މާރިޔާ އަހަރެމެންގެ ކައިވެންޏަށް އިޚްތިރާމު ކުރާކަން އެނގުމުން ވަރަށް އުފާވެސް ވެއްޖެ. އެކަމަކު މާރިޔާ ތިޔަ ވާހަކަ ދެއްކީތީ މިއަދު އަހަރެންވެސް ވާހަކައެއް ބުނަން ބޭނުން. ހަގީގަތުގަވެސް އައްސަދުއަކީ ވަރަށް މާތް އިންސާނެއް. އޭނަގެ ހިތް ވަރަށް ސާފު. އެކަމަކު އަހަންނަކަށް މިހާރު އޭނައާއެކު އުޅެވޭކަށް ނެތް.” މާނީ ފަސޭހަކަމާއެކު ބުނެލި އެބަހުން މާރިޔާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “އަހަރެން އޭނަ ދެކެ ލޯތްބެއް ނުވެ. މިއީ އަހަރެންގެ ކިބައިގަ ހުރި އުނި ކަމެއް ކަމަށްވެސް ވެދާނެ. އެކަމަކު އޭނައަށް ދެރަގޮތެއް ވާކަށް ބޭނުމެއް ނޫން. އައްސަދު ކަހަލަ މާތް އިންސާނަކަށް ހައްގުވެގެންވަނީ ހަމަ އޭނަ ކަހަލަ މާތް އިންސާނެއް. މާރިޔާ. މާރިޔާ އައްސަދަށް ކޮށްދޭ ކަމެއްގެ ގޮތުގަ މާރިޔާ އައްސަދުގެ ހަޔާތަށް އަންނަންވީނު.” މާނީގެ ދުލުން ބޭރުވި މާރިޔާގެ ލޭ ކައްކުވާލި މިޖުމުލައާއެކު ބަލާކަށް ނުހުރެ މާރިޔާއަށް މާނީގެ ކަންކަށި މައްޗަށް ހޫނު ހަމަލާއެއް އަރުވާލެވުނެވެ.
“މާނީ ތިހުރީ ހަމަހޭގަތަ؟ ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟” މާރިޔާ މިހެންބުނި އިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ.
“މާރިޔާ.” ކަރުނަ އޮހޮރަމުން މާނީ ވާހަކަ ދެއްކިއެވެ. “އަހަންނަށް އެނގޭ އުނދަގޫވާނެކަން. އެކަމަކު އަހަރެންގެ ހާލަތު ހުރިގޮތުން…” މާނީއަށް ގިސްލެވުނެވެ.
“ކޮން ހާލަތެއް؟ ކޮބާ ސަބަބަކީ؟” މާރިޔާގެ ރުޅިގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. “މާނީ ކޮންމެސް ކަމެއް އެބަ ސިއްރު ކުރޭ. މާނީ އަބަދު ބޭރުގަ އުޅުމާ، އައްސަދުއާ ދުރުދުރުން އުޅޭނީ ކޮންމެސް ސަބަބެއް އޮތީމަ. މިއީ މާނީ ކުރިން ދުވަހަކުވެސް އައި ރަށެއް ނޫން. ދެން މާނީ އާދަކޮށް ދާން އޮންނާނީ ވަކި ކޮންތަނެއް. މާނީ ކޮންމެސް މީހަކާ…..”
“އަހަންނަށް ވަނީ ކެންސަރު ޖެހިފަ.” މާނީގެ މިޖުމުލައިން މާރިޔާއަށް ސިހުން ލިބި މާނީއާއި ދިމާލަށް ބަލާލެވުނެވެ. (ނުނިމޭ)
19 Comments!
Comments are closed.
Omg… Dhn kihineh vaany???
???
Wait for it
Thank you ?
Hey thaadhi 🙂
Hama varah reethi mi part ves.. keep it up 🙂 😉
Thank you ?
Khonerakun nextpart up kuraanee
Varah avahah in sha Allah
Thank you ?
Reethi varah..keep up da gd work
Thank you ?
Nice
Thank you ?
Anehhen v salhi ?
Thank you ?
Avahah aneh baii upkohlla dhybala.. vaahaka varah nalla hisaabakun e nimuny.. hama asluves cancer jehuny tha maany ah.. 🙁
???
In sha Allah varah avahah up koh dheynan
What will happen next?? Curiously waiting for the next part.. Next part varah avahah up koh dhechey…
Yes in sha allah
vow!!
Vahaka aslu vara touching nice… going to read next part…Thaadhi we love u
Varah salhi story..varah tounching and god bless you..