ވިހަ ލޯބި 19
“އުޝާން އެ މެސެޖުކުރީ. އަހަރެން އެބަ އަންނަން އެ މީހުން ގޮވައިގެން. ޒީ މަޑުކުރޭ. އަހަރެންގެ ފަހަތުން ނާންނާތި!” ހަރުކަށިކަމާއިއެކު އެހެން ބުނުމަށްފަހު ޒީކްއަށް އެއްޗެކޭ ބުނެވުމުގެ މާ ކުރިން ޔާނިއު ހިނގައިގަނެފިއެވެ.
ޔާނިއު ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒީކްއަށް ހުރެވުނީ ހައިރާންވެފައެވެ. މިއިން ދުވަހަކު ޔާނިއު އޭނާއަކަށް މިހާ ހަރުކަށިކޮށެއް ވާހަކައެއް ނުދައްކައެވެ. ޔާނިއުގެ ރާގު ހުރިގޮތުން އޭނާއަށް އުނދަގޫވިއެވެ. ކުޑަކޮށް ދެރަވެ، ރުޅިވެސް އާދެވުނެވެ. ޔާނިއުގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އައި ރުޅީގައި އޭނާ އެތާ މަޑުކުރީއެވެ. ތުން އަނބުރައިލަމުން އޭނާ ބަލައިލީ މޫދާއި ދިމާލަށެވެ.
ނުހަނު ހިތްފަސޭހަ ސަރަހައްދެކެވެ. ގަލުގައި އިށީނުމާއިއެކު މޫދެ ފެނެއެވެ. އަނެއް ފަރާތުން ހެދިފައިހުރި ފިތުރޯނު ގަސްތަކުގެ ސަބަބުން ތާޒާ ވައި ޖެހެއެވެ. ފަސް ގަޑި ބައިވަން ކައިރިވެފައިވުމާއިއެކު އެ ހިސާބުގައި ދެންމެ ހުރި އަންހެން މީހާ އާއި އޭނާ އާއިއެކު ހުރި ކުޑަ އަންހެން ކުއްޖާވެސް ގޮސްފިއެވެ. އޭނާ އެކަނިވެއްޖެއެވެ. މޫދާއި ދިމާލަށް ނަޒަރު ހުއްޓައިލައިގެން ހުރި ޒީކް ކުއްލިއަކަށް ސިހިފައި ފަހަތް ބަލައިލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. ފަހަތް ބަލައިލުމާއިއެކު ފެނުނު ސޫރައެއްގެ ސަބަބުން އޭނާ ދެލޯ ބޮޑުވެގެން ދިޔައެވެ.
ޒީކް އާއި ދިމާލަށް އެ މާނަފުން ބެލުމުން ބަލަހައްޓައިގެން ހުރީ ނުހައިކް ނޫން ދެވަނަ މީހެއް ނޫނެވެ. ޒީކްއަށް މި ފެންނަމުން ދިޔައީ ނުހައިކް ތޯ ޔަޤީންކޮށްލަން އޭނާ ދެލޮލުގައި އަތް އުނގުޅައިލިއެވެ. އެއީ ހަމަ ނުހައިކްއެވެ. ދެވަނަ އެހެން މީހެއް ނޫނެވެ. މި ހަރަކާތުގެ ސަބަބުން ނުހައިކްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. މަޑުމަޑުން ފިރިހެންވަންތަ ހިނގުމެއްގައި އައިސް އޭނާ ޒީކްގެ ގާތުގައި މަޑުކޮށްލިއެވެ. މޫދާއި ދިމާލަށް ކުރިމަތިލައިގެންނެވެ.
އިރުއޮއްސޭ މަންޒަރު ފެންނަމުން ދިޔައީ ކުރެހުންތެރިޔަކު ކުރަހައިފައިވި ޗާލު ތަސްީރެއް ފަދައިންނެވެ. ރަތާއި އޮރެންޖު ކުލައާއި ރީނދޫ ކުލައާއި ނޫ ކުލައިގެ އިތުރުން މަޑު ދަނބު ކުލައެއް ފަޒާގައި ވީއިރު އެ ކުލަތައް އުޑުމައްޗަށް ވެރިވެފައި ވުމުން ޤުދުރަތުގެ ރީތިކަމާއި ފުރިހަމަކަން ފާޅުވެގެންދެއެވެ. ނަމަވެސް މި މަންޒަރު ކުރިމަތީގައި އޮތްއިރުވެސް ޒީކްއަށް ބެލެމުން ދިޔައީ އޭނާގެ ގާތުގައި ހުއްޓި ހުރި ނުހައިކްއަށެވެ.
“މި ކަހަލަ ސަންސެޓްއެއް ބަލަން ހުންނައިރު ހިތަށް އަރާ މި ރަށުގަ ހުރެވޭ ނަމަ އޭ. މާލެދާކަށް ބޭނުމެއް ނުވޭ.” ނުހައިކް ވާހަކަދެއްކިލެއް މަޑުމައިތިރިކަމުން ޒީކްގެ މޫނު މައްޗަށް ވެރިވީ ހައިރާންކަމެވެ.
“ހުމްމްމް.. މިއަދުގެ ސަންސެޓް ވަރަށް ލޯބި ދޯ؟” ފުން ނޭވާއެއް ބޭރުކޮށްލަމުން ޒީކްވެސް އިރުއޮއްސޭ މަންޒަރާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
“ވަރަށް ލޯބި..” ނުހައިކް ސީދާ ޒީކްގެ މޫނަށް އެ ތޫނު ނަޒަރު ހުއްޓުވައިލަމުން އެހެން ބުނެލިއިރު މިހާރު އެ ދެކެވެމުން ދިޔައީ އޮރުއޮއްސޭ މަންޒަރުގެ ވާހަކަ ނޫންކަން ދެ ޒުވާނުންނަށް ވެސް އެނގިގެން ދިޔައެވެ.
ޒީކްގެ ހިތަށް ގޮތެއް ވެލިއެވެ. ހިނިތުންވެވެން އުޅުނު ނަމަވެސް ގަދަކަމުން ހިފަހައްޓައިލިއެވެ. އަނެއް ފަރާތަށް މޫނު އަނބުރައިލިއިރު ރަނގަޅަށް ޒީކް އާއި ދިމާލަށް ބަލަން ހުންނަ މީހަކަށް ދެ ކޮލަށް ރަތް ކުލަ ފާއްދައިލި މަންޒަރު ސިއްރުވެގެނެއް ނުދާނެއެވެ.
“ނުހައިކް ކީތް ކުރަނީ މިތާ؟” ގަދަކަމުން ދަތްކުނޑި ވިކައިލަމުން ޒީކް އެއްސެވެ.
“ކިހިނެތް ވީ؟ އަހަރެންނަށް ނާދެވޭ ތަނަކީ ތަ މީ؟” ނުހައިކްގެ އަޑުގައި ވި ލާނެތްކަން އަޑުއިވި، ޒީކްގެ ގާތަށް އައީ ރުޅިއެވެ.
“އަހަރެންނަށް އިނގެއޭ ގަދަކަމުން ޔާން ލައްވަ އަހަރެން މިތަނަށް ގެންނާށޭ ބުނީ ނުހައިކް ކަން. ޑްރޮޕް ދި އެކްޓް.” ޒީކް އެހެން ބުނެ، ނުހައިކް އާއި ދިމާލަށް ބަލައިލުމާއިއެކު ނުހައިކްގެ ތުންފަތުގައި ވި ލާނެތް ހިނިތުންވުން ފިލައިގެން ދިޔައެވެ.
“ސޯ ވަޓް؟ އަހަންނަށް ޒީކް އާއިއެކު ހޭންގް އައުޓް ކުރުންވެސް މަނަލީ ތަ؟” ނުހައިކް ޒީކްއަށް ދެލޯ އަޅައިލިއެވެ.
“ނޯ… އެހެންނެއް ނޫނޭ..” ޒީކް ބޯ ހޫރުވައިލަމުން އޭނާގެ އިސްތަށިގަނޑަށް އަތް މަހައިލިއެވެ.
ނުހައިކް އެއްބުމަ އަރުވައިލުމާއިއެކު ޒީކްއަށް ކަޅި އަނބުރައިލެވުނެވެ. އެއްޗެކޭ ނުބުނެ ގޮސް ގާގަނޑެއްގެ މަތީގައި އިށީނެވެ. އެއާއިއެކު ނުހައިކްވެސް ގޮސް ޒީކްގެ ކުރިމަތީގައި އިން ގާގަނޑުގައި އިށީނެވެ. އެ ދެމެދުގައި ދެން ވަށައިލީ ހިމޭންކަމެކެވެ. ނަމަވެސް، އެ ހިމޭންކަމުގެ ސަބަބުން ޒީކްގެ ހިތަށް ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. ހީވާ ކަހަލައެވެ. ނުހައިކް އޭނާގެ ގާތުގައިވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ޚިޔާލުތަކުން ބޭރުވެލަމުން އޭނާ ނުހައިކްއަށް ބަލައިލިއެވެ. އެއިރު ނުހައިކް އިނީ މޫދާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“އަމް.. ތެންކްސް.. ނިޔަލްގެ ގާތުން އެ ރޭ..” ޒީކް އެހެން ބުނުމާއިއެކު ނުހައިކްގެ ތުންފަތުގައި ލުއި ހިނިތުމްވުމެއް ދުވެލިއެވެ.
“އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އެއްވެސް މީހަކު ޒިޒީއަށް އަނިޔާކުރިޔަކަ އަހަރެންނެއް ނުދޭނަން. އެއީ އަހަރެންގެ އާއިލާ މީހެއް ކަމުގައި ވިޔަސް.. ކޮންމެތާކު ކޮންމެ މީހަކު އަހަރެންނަށް ނޭނގި ވިޔަސް ޒިޒީއަށް ކަމެއް ކުރަން އުޅެފިއްޔާ ހުރިތާކު ހުރެފައި ޒިޒީ ހޯދަން އަހަރެން ދާނަން..” އެ ބަސްތަކުގައިވި މާނަ ފުންކަމުން ޒީކްއަށް ނޭވައި ހިފަހައްޓައިލެވުނެވެ.
ޒީކްގެ ތުންފަތަށް ވި ކުޑަ ހިނިތުންވުމެއް މި ފަހަރަކު ޒީކްއަށް ނުފޮރުވުނެވެ. އޭނާ އައިސްފައިހުރި ރުޅި ފިލައި ދިޔައީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. އެއީ އާކަމެއް ނޫނެވެ. ކުރިންވެސް އެކަކު އަނެކަކު ދެކެ ރުޅި އައިސްފައި ހުރިކަމުގައި ވިޔަސް މާފަށް އެދުމެއް ނެތި ދެމީހުން އެ ގޮތަށް ވާހަކަ ދައްކައިލުމުން އަނެއްކާވެސް ގުޅުން ރަނގަޅުވެއެވެ. އެ ދެމެދުގައި ނެތް ކަމަކީ އެއީއެވެ. މާފު ކުރުމާއި މާފު ދިނުމެވެ.
ނުހައިކް މޫދާއި ދިމާލަށް ބަލަހައްޓައިގެން ހުރި މަންޒަރު ޒީކް ދިޔައީ ނުހަނު ފަރުވާތެރިކަމާއިއެކު ބަލަމުންނެވެ. އިރުގެ އެންމެ ފަހު ރަން ދޯދިތައް ނުހައިކްގެ މޫނަށް އެޅިފައިވީރު އޭނާގެ އޮޅަލިކުލައިގެ ހަންގަނޑު ހީވަނީ ރަން ކުލައިން ވިދާ ހެންނެވެ. މުށި ކުލައިގެ އެ ތޫނު ކަޅިވަރަ އިރުގެ ދޯދި ޖެހުމާއިއެކު ރީތި މަޑު މުށި ކުލައަކަށް ބަދަލުވެފައި ހުރި ގޮތް ޒީކްއަށް ވަރަށް ކަމުދިޔައެވެ. އާދައިގެ މަތިން ނުހައިކްގެ ސްޓައިލް އާއި އެއްގޮތަށް މިއަދުވެސް ހުރީ ހުދު ކުލައިގެ ޕްލެއިން ޓީޝާޓަކާއި އާދައިގެ ޖިންސެއް ލައިގެންނެވެ. ހަމަ އެ ވަގުތު ޖެހެލި ވައިރޯޅި އާއިއެކު ނުހައިކްގެ ހޭވިފައިވާ ރާޅުބާނީ އިސްތަށިގަނޑު ވަޔާއިއެކު ނަށައިލިއިރު ޒީކް ހަމަ ރަނގަޅަށްވެސް ނުހައިކްގެ ޖާދޫގައި ޖެހިއްޖެއެވެ.
“ފޮޓޯއެއް ނަގަންވީނު؟” ޒީކްއަށް ބަލަހައްޓައިގެން އިނދެވުނުކަން ރޭކައިލީ ލުއި ހިނިތުންވުމަކާއިއެކު ޒީކް އާއި ދިމަ ބަލައިލުމެއްވެސް ނެތި ނުހައިކް އެހެން ބުނުމުންނެވެ.
“ނަ..ނަގައިދެންވީތަ؟” ކަޑަ ނުވާންވެގެން އަނގަ އޮޅެމުން ކަހަކަ ގޮތަކަށް ވަރަށް ނޫންކަމަށް ހަދައިފައި ޒީކް އެއްސެވެ.
“ނަގާބަލަ. ނަގާފިއްޔާ ޒިޒީގެ ސްޓޯރީއަށް އަހަރެން ލާން ޖެހޭނެ. އަދި ހަނދާން ނެތިފަ މީނީ. ޒިޒީ އަދި ތި އުޅެނީ އިންސްޓަގްރާމްއިން އަހަރެންގެ ފޮލޯ ރިކުއެސްޓްވެސް އެކްސެޕްޓްނުކޮށް.” ނުހައިކް އެހެން ބުނެލަމުން ޒީކްގެ މޫނަށް ބަލައިލިއެވެ.
“ހަނދާން ނެތުނީ..” ނިތްކުރި ކައިރިއަށް ވެއްޓިފައިއިން އިސްތަށިކޮޅު ކަންފަތުގެ ފުރަގަހަށް ލައްވައިލަމުން ޒީކް ބުންޏެވެ.
މަޑުމަޑުން ޒީކް ޖީބުގައި އޮތް ފޯނު ނެގިއެވެ. ރަނގަޅަށް ގާގަނޑު މައްޗަށް އަރައި، އިށީނދެލިއެވެ. އޭނާގެ ދެފައިވެސް ގާގަނޑު މައްޗައް ނަގައިގެން ތައްޔާރުވެލީ ނުހައިކްގެ ފޮޓޯއެއް ނެގުމަށެވެ. ނުހައިކް އެއާއިއެކު ތެދުވެލައި ޒީކް އާއި ދިމާލަށް އެނބުރެލިއެވެ. ގާގަނޑުގައި ލެގިލަމުން ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލިއެވެ. ލަސްކުރުމެއް ނެތި، ޒީކް ފޮޓޯ ނަގައިފިއެވެ.
ފޮޓޯ ބަލައިލުމަށް ޒީކް އެ ފޮޓޯ ހުޅުވައިލިއެވެ. ފޮޓޯއަށް ނުހައިކް އިނީ ލޯ މަރައިލައިގެންނެވެ. ތަރުތީބެއް ނެތް އެ ރާޅުބާނީ އިސްތަށިގަނޑު ނިތްމައްޗަށް ވެއްޓިފައިވީ އިރު މޫނު މައްޗަށް އެޅިފައިއިން އިރުގެ ރަން ދޯދިން އެ މޫނުގެ ޗާލުކަން އަދި އިތުރަށް ފުރިހަމަކޮށްދީފައިވެއެވެ. ހީލައިފައި ޒީކް ނުހައިކްއަށް ބަލައިލިއެވެ.
“ވަރަށް ރީތިކޮށް ނެގުނު.” މާ ބޮޑަށް އުފާވިކަން ނުދައްކަން ޒީކް ކަރު ކެހެލިއެވެ.
ނުހައިކް ހެވިފައި ދެ ފަރާތަށް ބޯ ހޫރުވައިލަމުން އޭނާގެ ފޯނުވެސް ނެގިއެވެ. ޒީކްގެ ގާތުގައި ރީއްޗަށް އިނުމަށް ބުނެފައި ޒީކްގެ ފޮޓޯއެއްވެސް ނެގިއެވެ. އެ ގޮތުގައި ދެ ޒުވާނުން އިރު އެއްކޮށް އޮއްސެންދެން ސަކަރާތް ޖެހުމުގައާއި އެކަކު އަނެކަކުގެ ފޮޓޯ ނެގުމުގައި ވަގުތު ހޭދަކުރިއެވެ. ދެ ޒުވާނުންވެސް ގެއަށް ދިއުމަށް ޚިޔާރުކުރީ މަޣުރިބު ނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއިއެކުގައެވެ.
އެރޭގެ ވަގުތެވެ. ޒީކް އާއި އަލްޔާ އާއި މަލްކާ އުޅުނީ ފިހާރަކުރަން ބޭރަށް ނިކުމެއެވެ. އުޝާން އާއި ޔާނިއު ސައިކަލު ބުރު ޖަހަން އުޅުނުއިރު ނުހައިކް އުޅުނީ ނާއިމާ އާއިއެކު ކަމެއް ކުރުމުގައެވެ. އަށެއް ހަމަ ޖެހުމާއިއެކު ފިހާރައަށް ނިކުމެ އުޅުނު ޒީކްމެން ގެއަށް އައިއިރު އަދި ކިރިޔާ ނުވައެއް ޖެހީއެވެ.
“ހާދަ ވަރުބަލި އޭ! ދެން ނުކެއްކޭނެ އަހަރެންނަކަށް.” ސޯފާއަށް ވެއްޓިގަންނަމުން އަލްޔާ ކުސްތަޅައިލިއެވެ.
ޒީކް އާއި މަލްކާ ހެވިފައި ދެފަރާތަށް ބޯ ހޫރުވައިލިއެވެ. އަދި ދެ ކުދިންވެސް މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ.
“އެ ކަންނެތްގަނޑު އަލްއަކަށް ދުވަހަކު ކަމެއް ނުވާނެ.” ބަދިގެއަށް ވަންނަމުން ދެފަރާތަށް ބޯ ހޫރުވައިލުމަށްފަހު މަލްކާ ލާނެތް ގޮތަކަށް ބުނެލިއެވެ.
“އަހަރެންނަށް އަޑު އިވިއްޖެ!” އަލްޔާ އެހެން ބުނެ ހަޅޭލަވައިގަތުމާއިއެކު ޒީކް އާއި މަލްކާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
ހަމަ އެވަގުތެވެ. އަންހެނަކު ސަލާމް ގޮވައިލިއެވެ. އެ އަޑަށް އަލްޔާ ބަލައިލިއެވެ. ހިތްހެޔޮ ހިނިތުންވުމަކާއިއަކު ހުރި އެ އަންހެން މީހާ ފެނުމާއިއެކު ކޮންމެވެސް ތާކުން ފެނުނު އަންހެނެއްހެން އޭނާއަށް ހީވަން ފެށިއެވެ. ސަލާމް ބަލައިގަތުމަށްފަހު އެ އަންހެން މީހާ ގާތުގައި އެތެރެއަށް ވަނުމަށް އަލްޔާ ބުންޏެވެ. އަދި އެ އަންހެން މީހާ ސޯފައިގައި ބައިންދައި، މަޑުކޮށްލަން ބުނުމަށްފަހު ޒީކްއަށް ގޮވުމަށް ބަދިގެއަށް ހިނގައިގަތެވެ.
“ޒީ.. ކޮންމެވެސް މީހަކު އައިސް އެބަ ހުރި. ކާކު ކަމެއް ނޭނގުނު.” ބަދިގެއަށް ވަތްގޮތަށް އަލްޔާ ބުނެލިއެވެ.
“ކާކު ދެން މި ގަޑީގަ އަންނާނީ؟” ކެރެޓު ކޮށަން އުޅެފައިވެސް އަލްޔާ އެހެން ބުނުމުން ޒީކް ވަޅިއާއި ކޮށަން ގެންގުޅުނު ކެރެޓު ބެހެއްޓިއެވެ.
މިކަމަށް އައިސްއަލަމާރި ހުޅުވައިގެން ހުރި މަލްކާގެ ޝައުގުވެރިކަންވެސް ދަމައިގަތެވެ. ތިން އެކުވެރިންވެސް ބަދިގެންއިން ނިކުތެވެ. ޒީކްއަށް އެ އަންހެން މީހާ ފެނުމާއިއެކު ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“ދަރިފުޅާ…” ހިނިތުންވެލަމުން ސޯފާއިން ތެދުވުމަށްފަހު ހިތްހެޔޮކަމާއިއެކު އެ އަންހެން މީހާ ޒީކްއަށް ގޮވައިލިއެވެ.
“މަށަށް އިނގެއޭ މަލްއާ އުޝާން އާ ކަމެއްކަން.” ސައިކަލު ދުއްވަމުން ދިޔަ ޔާނިއު ހެވިފައި ފަހަތުގައިއިން އުޝާންއަށް ބުނެލިއެވެ.
“ކަމެއް ނޫނޭ، ގައިމު އަހަރެމެން ވާހަކައެއްވެސް ނުދައްކަން އެހާ ވަރަކަށް.” ވަރަށް ނޫން ކަމަށް ހަދައިފައި އުޝާން ބުނެލިއެވެ.
“އޯކޭ އޯކޭ، މަ ބުނާނީ ހަމަ އުޝާން ފިނޑީ އޭ. ގައިމު މަލްދެކެ ލައިކު ނުވަންޏާ އެވަރަކަށް އޭނާ އާ ދިމާއަށް މޮޔައެއްހެން ބަލާކަށް ނުހުންނާނެ.” ޔާނިއު އެހެން ބުނެލަމުން ހިނިގަނޑެއް ޖަހައިލިއެވެ.
“ހެވޭ ދެން. މަ އޭނާ ދެކެ ލައިކެއް ނޫނޭ ވަނީ..” ރަކިވި ނަމަވެސް ތަންކޮޅެއް ސީރިއަސްކަމާއިއެކު އުޝާން އެހެން ބުނުމުން ޔާނިއު ހުނުން ހުއްޓައިލިއެވެ.
“އަހަރެން ބޭނުންވަނީ މަލްއާ ކައިވެނިކުރަން. އިނގޭ އަދި މަލް އާ ބައްދަލުވީ އެހަކަށް ދުވަހު ކަން. އެކަމަކުވެސް.. އޭނާ ހަމަ ފެނުނު ދުވަހު އަހަރެންގެ ސިނކުޑީގައި މަލްގެ ނަން ރަން އަކުރުން ފެވިއްޖެ. އެ ދުވަހުވެސް އަހަރެންނަށް އިނގިއްޖެ މަލްގެ ފަރާތުން އަހަރެން ބޭނުންވަނީ ކޮން ކަމެއްކަން. އަހަރެން ބޭނުންވަނީ މަލްއާއި ކައިވެނިކުރަން. މަލް އާއިއެކު ދިރިއުޅުމެއް ފަށައި މަރު ދުވަހާއި ޖެހެންދެން އެކުގައި އުޅެން. ބޭނުމެއް ނޫން ރައްޓެހިވެގެން ގިނަ ދުވަހު އުޅޭކަށް. މައްސަލައަކީ މަލް އަހަރެންނާއި މެދު ދެކޭ ގޮތެއް އަހަންނަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭތީ..” އުޝާން އެ ވާހަކަ ނިންމައިލީ މާޔޫސްކަމާއިއެކުގައެވެ.
“ކަލޭ ވާ ތި ހުރީ ހަމަ ރަނގަޅަށްވެސް މަލްގެ ލޯބީގައި ޖެހި ދީވާނާ ވެފަ. އަޅެ، ޓަރައި ކުރީމައެއްނު އިނގޭނީ މަލްވެސް އުޝާންދެކެ ލޯބިވާ ކަމެއް..” ދެފަރާތަށް ބޯހޫރުވައިލަމުން ޔާނިއު ބުނެލިއެވެ.
“ތި ބުނީވެސް ތެދެއް. ތެދަށް ބުނަންޏާ ވަރަށް ބޮރުގަނޭ މަލް ދޭނެ ޖަވާބަކާއި ދޭތެރޭ. އެކަމަކު ފިރިހެނަކަށްވެ ހުރެ ފިނޑިވުމަކުން ކަމެއް ނުވާނެ. ތެޔޮ ނާށި ކާޅު ޖަހައިގަތުމުގެ ކުރިން އެކަމާވެސް އުޅެންވީ..” އުޝާން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އެހެން ބުނުމާއިއެކު ޔާނިއުވެސް އެކަމަށް އެއްބަސްވެ، ހިތްވަރުދިނެވެ.
ނުނިމޭ
2 Comments!
Comments are closed.


Vaahaka reethi ekam varah ginain eh bas thakeh thakuraaru vefa hunnaathy kiyan undhagoo. Misaalakah abadhu enmen “boa hooruvailaa” vaahaka. Mikahala kudhi kudhi kan kan rangalhu kohlyma best vaane 😊 good luck dear.
thank you for sharing that! ill try to improve that in the future. thankyousomuch