ފުރަތަމަ ނަޒަރުން 21
ލޮލަށް ހީވީ ކަށިތަކެއް ހެރުނުހެނެވެ. ބޮލަށް ބަރުވެ، ބޯ ހިއްލާލާނެ ވަރެއް ވެސް ނެތެވެ. އަހަރެން މަޑު މަޑުން ލޯ ހުޅުވައިލީމެވެ. ދިއްލާފައި ހުރި ލައިޓުގެ އަލި ގަދަކަމުން އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގަތެވެ. އެވަގުތު އަހަންނަށް މި އޮވެވުނު ތަނާއިމެދު ވިސްނާލެވުނެވެ. އަ ހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. ކައިރީގައި މަންމަ އިނެވެ. އަދި ފެންތައްޓެއް ހިފައިގެން ބައްޕަ ދޮރުން ވަދެއެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ދެވަނަ ސިކުންތުގައި ބޮލަށް އެރި ތޫނު ތަދުން އަހަރެން ބޮލުގައި ހިފަހައްޓައިގެނ އެނދުގައި އިށީނީމެވެ. ބައްޕަ އަވަސް އަވަހަށް އައިސް އަހަންނަށް ފެންތަށި ދިއްކޮށްލިއެވެ. އަދި މޭޒުމަތީގައި އޮތް ބޭސް ކާޑުން ބޭސް ގުޅައެއް ނަގައި މަންމަ ދިއްކޮށްލިއެވެ.
“މި ބޭސް ގުޅަ ކާލާ. އޭރުން ރަނގަޅު ވާނެ” މަންމަ ބުންޏެވެ.
“އަހަރެން ފެންތަށީގައި ހިފަމުން ބޭސްކާޑު އަނގަޔަށް ލީމެވެ. އަދި ފެންކޯވަރަކާއި އެކީ ބޭސް ގުޅަ ދިރުވާލީމެވެ. އަދި ފާރުގައި ލެނގިލައިގެން އެނދުގައި އިށީނީމެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ނަވާލް ގެ މެސެޖެކެވެ.
“އީޝާ އަހަންނަށް މާފު ކުރޭ. އަހަރެން އުޅުނީ އީޝްއަށް އެހީ ވާން ވެގެން. ޒީކްގެ ހިތުގަ އޮތް އެއްޗެއް އަހަންނަކަށް ނޭނގެ އޭރުގައެއް. އަހަރެން ޒީކްއަށް ގުޅަން ވަރަށް މަސައްކަތް ކޮށްފިން. އޭނަ އަހަރެންގެ ނަންބަރު ބުލޮކް ކޮށްލައިފި. އަހަރެން ވަރަށް ދެރަ ވެއްޖެ އަހަންނާއި ހެދި ތި ދެމީހުން މައްސަލަ ޖެހުނީތީ. އަހަރެން ވެސް މި ކަންތަކާއި ދޭތެރޭ ވިސްނާލަން ވަގުތު ކޮޅެއް ބޭނުން. މި ވަގުތަށް ރަނގަޅުވާނީ އަހަރެމެން ދެމީހުން ވެސް ދުރުވެލިއްޔާ. އައިމް ސޮރީ.” ނަވާލްގެ މެސެޖުގައި އޮތެވެ. އަހަންނަށް މި ވާނުވާއެއް ނޭނގުނެވެ. އަނެއްކާވެސް މެސެޖު ކިޔާލީމެވެ. އަދި ތަންކޮޅެއް ރަނގަޅަށް ހަނދާންކުރަން މަސައްކަތް ކުރީމެވެ.
“އަހަންނާއި ރައްޓެހިވާން ވީނު؟”
“ސްޓޮޕް ލައިއިން އީޝާ! އަހަންނަށް ފެނިއްޖެއޭ ހުރިހާ އެއްޗެއް. ޑޯންޓް އެވާ ޓޯކް ޓުމީ އަގޭން”
“ވަރަށް ބޮޑަށް ސޮރީ. އަހަރެން ވަރަށް ލަދު ގަނެއްޖެ”
މިއަދު ދިމާވި ހާދިސާ އަހަރެންގެ ހަނދާނަށް އަންނަށް ފެށިއެވެ. އަހަރެން ފޯނު ނަގައި ޒީކް އާއި ގުޅޭތޯ މަސައްކަތް ކުރީމެވެ. ޒީކް އޮތީ އަހަރެންގެ ނަންބަރު ވެސް ބުލޮކް ކޮށްލާފައެވެ. ނަވާލް ވެސް އޮތީ އޭނާ އާއި ދުރުވުމަށް އެދިފައެވެ. އަހަރެން ބޯ ހާސްވާން ފެށިއެވެ.
“ކިހިނެއްވީ ދަރިފުޅާ؟” ކަމެއް ގޯސްވެއްޖެ ކަމުގެ ހިލަން މަންމައަށް ވެސް ވެއްޖެއެވެ. އަހަރެން ވާހަކަ ދައްކަން އަނގަ ހުޅުވާލާފައި ދެވަނަ ސިކުންތުގައި މަޑުޖެހެވުނީ ހުސްނީ މަތިން ހަނދާންވެފައެވެ. އަހަންނަށް ހަމަ ޔަގީނެވެ. މަންމަމެން އެ އުޅެނީ އަހަރެން ހުސްނީއާއި ދެވާށެވެ. އެކަން ހަނދާންވެފައި އަހަރެން މަންމައާއި ވާހަކަދައްކާ ހިތެއް ނުވިއެވެ.
“ކަމެއް ނުވޭ” އަހަރެން ބުނީމެވެ.
“މިހާރު ބޮލުގަ ރިހުން ކިހިނެއް؟” ބައްޕަ ސުވާލު ކުރިއެވެ.
“މިހާރު ރަނގަޅު. ދެން ބައްޕަމެން ނިކުންނަގަ ބޭރަށް. އަހަރެން ފެންވަރާލަން ވެއްޖެ” އަހަރެން ދޮގެއް ހަދާލީމެވެ. އަހަރެން ބޭނުންވީ މިވަގުތު އެކަނިވެލާށެވެ.
މަންމަމެން ދިއުމުން އަހަރެން ވިސްނީމެވެ. ދެން ހަދާނެ ގޮތަކާއި ދޭތެރޭގައެވެ. ނަމަވެސް ވިސްނި ވިސްނިހެން އަހަރެންގެ ބޮލުގެ ރިހުން ގަދަވަނީއެވެ. މޭބޮޑުވާ ކަހަލަ ގޮތެއް ވެސް ވާން ފަށައިފިއެވެ. އަހަރެންގެ ދެލޯ ފުސްވެފައި ކޯތާފަތް ތެމިއްޖެއެވެ. ނޭނގި އިންދާ ރޮވެން ފަށައިފިއެވެ. އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ވާހަކަތައް ހިއްސާ ކުރާނީ ކާކާ ހެއްޔެވެ؟
މޭޒުމަތީގައި އިން ފެންފުޅި ނަގަން އަތް ހިއްލާލި ވަގުތު އެނދުގެ ބެޑުޝީޓުގައި އަހަރެންގެ ކެވެލިކޮޅު އަޅައިގަތެވެ. އަހަންނަށް ކެވެލިކޮޅަށް ބަލައިލެވުނެވެ. އެވަގުތު އަހަރެން ހަނދާންވިއެވެ. އެއީ އާހިލް އަހަރެންގެ އަތުގައި އަޅުވައިދިން ކެވެލި ކޮޅެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނަގައި އާހިލްއަށް ގުޅައިލީމެވެ.
“ހަލޯ؟” އާހިލްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
“ހ.. ހަ..ލޯ..” އަހަންނަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. އޭރު ވެސް އަހަރެންގެ ރުޔުން ހަމަޔަކަށް ނޭޅެއެވެ.
“ހަލޯ އީޝާ. ރޮނީތަ؟ ކިހިނެއް ވީ؟” އާހިލްގެ އަޑުން ވެސް އޭނާ ހާސްވި މިންވަރު ހާމަވެއެވެ.
“އަހަރެން ބަލައި އާދެބަލަ. އަހަރެން..” އަހަންނަށް ބުނެވުނީ އެވަރަށެވެ. އަހަރެންގެ ކަރު ބެދުނެވެ. އަޑެއް ނުނިކުތެވެ.
މާގިނައިރެއް ނުވެ އާހިލް އަހަރެން ބަލައި އައެވެ. އަހަރެން މޫނުމަތިން ވަރަށް ހަމަޖެހޭކަން ދައްކާލައިގެން ކޮޓަރިން ބޭރަށް ނިކުތީމެވެ. އޭރު މަންމަ އާއި ބައްޕަ ސޯފާގައި ތިއްބެވެ.
“ދަރިފުޅާ ކޮންތާކަށް؟” އަހަރެން ގެއިން ނިކުންނަން ދާން ފެށުމުން ބައްޕަ ސުވާލު ކުރިއެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އަދި ބައްޕަމެންނާއި ވާހަކަ ދައްކާނެއް ހިއްވަރެއް ވެސް އަހަރެންގެ ގަޔަކު ނެތެވެ. އެހެންކަމުން އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ގެއިން ނިކުމެގެން ދިޔައީއެވެ.
އަހަރެން އާހިލްގެ ކާރާއި ހިސާބަށް އިއުމުން އޭނާ އަހަންނަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. އަހަރެން އެއްވެސް ވާހަކައެއް ނުދައްކާ އެކާރަށް އެރީމެވެ. އަހަރެން އެރުމުން ދޮރު ލައްޕާފައި އާހިލް އަހަންނާއި ޖެހިގެން ހުރި ޑުރައިވަރުގެ ގޮނޑީގައި އިށީނެވެ. އެވަގުތު އޭނާ ލައިގެން ހުރި އޮފީހުގެ އޮފީސް ގަމީހާއި ފަޓުލޫނު އަހަންނަށް ފާހަގަވިއެވެ.
“ކޮންތާކަށް ދާންވީ؟” އާހިލް ސުވާލުކުރިއެވެ. އަހަރެން ދެކޮނޑު އަރުވާލީމެވެ. ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ. އާހިލް އިތުރު އެއްވެސް ސުވާލެއް ނުކުރެއެވެ. އަދި ކާރު ދުއްވާލިއެވެ. އަހަރެން ވެސް އެއްވެސް ވާހަކައެއް ނުދައްކާ ހަމަ އިނީއެވެ. އިރުކޮޅަކު ދުއްވުމަށްފަހު އޭނާ މަޑުކުރީ އާޓިފިޝަލް ބީޗް އާއި ދިމާލުގައެވެ. އޭނާ އަހަރެން ގޮވައިގެން ގޮސް ދޮން ވެލިގަނޑުމަތީގައި އިށީނެވެ.
“ކިހިނެއްވީ؟” ހަމަ ހިމޭންކަމުގެ މިނެޓަކަށްފަހު އާހިލް އަހަރެންގެ މޫނަށް ބަލާލަމުން ސުވާލު ކޮށްލިއެވެ. އޭނާގެ އެ އަމަލުން އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބައިގަތެވެ. އަހަރެން އެތާ އިނދެގެން ރުއީމެވެ. ހިތް ފުރެންދެން ރުއީމެވެ. އާހިލް ކެތްތެރިކަމާއިއެކު އަހަރެން ހަމަޔަކަށް އެޅެންދެން އިނެވެ. އަހަރެން ހަމަޔަކަށް އެޅުމުން ކަންވީގޮތް ކިޔައިދިނީމެވެ. އަހަރެންގެ ވާހަކަ އަޑުއެހުމަށްފަހު އާހިލް އަހަންނަށް ވަރަށް ހިތްވަރު ދިނެވެ. ނަމަވެސް އަހަރެން ހުސްނީގެ ވާހަކައެއް އޭނާ ކައިރިއަކު ނުދައްކަމެވެ. އާހިލްކައިރި އެވާހަކަ ދައްކާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.
“ހިނގާ ދާން. މިހާރު މާ ލަސްވެއްޖެ” ގަޑިއެއްހާއިރު އެތަނުގައި ތިބުމަށްފަހު އާހިލް ތެދުވިއެވެ. އަދި އޭނާގެ އަތް ދިއްކޮށްލިއެވެ. އަހަރެން އާހިލް އަތުގައި ހިފާފައި ތެދުވީމެވެ. އަދި ގަޑިއަށް ބަލައިލީމެވެ. އޭރު ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ.
“މިރޭ ކައިފިންތަ؟” ކާރު ދުއްވާލަމުން އާހިލް އެހިއެވެ. އަހަރެން މަޑުމަޑުން ބޯ ހޫރާލީމެވެ. އެވަގުތު އޭނާ ފޯނު ނަގައި ކޮންމެވެސް ކަމެއް ކޮށްލުމަށްފަހު އަވަހަށް ފޯނު ބޭއްވިއެވެ.
“އާހިލް އޮފީހުގަ އުޅެފަތަ ތިއައީ؟” މިރޭ އާހިލް ފެނުނީއްސުރެ އަހަރެން ހިތުގައި އޮތް ސުވާލު ކޮށްލީމެވެ.
“ހޫނ. އެކަމަކު އޮފީހަށްވުރެ އަހަންނަށް މުހިންމޭ އީޝާ” ކާރުގެ ލޯގަނޑުން އަހަންނާއި ހަތަރުކަޅި ހަމަކޮށްލަމުން އާހިލް ބުންޏެވެ. އާހިލްގެ ދުލުން ބޭރުވި އެލަފުޒުތަކުގެ މާނަ ދޭހަކުރާނެގޮތެއް އަހަންނަކަށް ނޭނގުނެވެ. ބަދަލުގައި އެއްޗެކޭނުބުނެ އަހަންނަށް އިނދެވުނީއެވެ.
މާގިނައިރެއް ނުވެ އަހަރެން އުޅޭ ބިލްޑިންގެ ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. ހަމަ އެވަގުތު މީހަކުއައިސް އާހިލްގެ އަތަށް އެތެރެ ނުފެންނަ ކޮތަޅެއް ދިއްކޮށްލިއެވެ. އާހިލް އެކޮތަޅުގައި ހިފާފައި ބޯޖަހާލުމުން އެމީހާ އެތަނުން ދިޔައެވެ. އަހަރެން ކާރުން ފޭބުމުން އާހިލް އަހަންނަށް އެކޮތަޅު ދިއްކޮށްލިއެވެ.
“ކައިގެން ނިދާތި” އަހަރެން އެކޮތަޅުގައި ހިފަމުން އޭގެ ތެރެ ބަލައިލި ވަގުތު އޭނާ ބުންޏެވެ. ކޮތަޅުގައި އޮތީ ބަތް ޕާރުސަލަކާއި ޖޫސް ފުޅިއެކެވެ. އަހަރެން ޖަވާބުގައި ހިނުތުންވެލަމުން ގެއަށް ވަންނަން ހިނގައިގަތީމެވެ. އެވަގުތު ބެލްކަނީގައި ހުރި ބައްޕަ އަހަންނަށް ފެނުނެވެ. ނަމަވެސް އަހަރެން ގެއަށް ވަންއިރު ބައްޕަ ކޮޓަރިއަށް ވަދެފިއެވެ.
ޖެހިގެންއައި ދުވަހު އަހަރެން އޮފީހަށް ދިޔައީ އިއްޔެ ވީ ހުރިހާ ކަމަކުން، ބޯ ހަމަޖައްސާލަންށެވެ. އޮފީހަށް ގޮސް މީހުންގެ ތެރޭގައި އުޅުމުން ރަނގަޅުވެދާނެ ކަމަށް ބަލާފައެވެ. ހީކުރި ގޮތަށް އޮފީހުގެ މަސައްކަތުގައި މަސްއޫލުވެ އުޅެންފެށުމުން އިއްޔެގެ ހާދިސާ މަތިން އަހަރެން ހަނދާންނެތުނެވެ.
“އަހަރެން ހީކުރީ މިއަދު އޮފީހަށް ނާންނާނެ ކަމަށް” މެންދުރުގެ ބުރޭކް ގަޑީގައި އޮފީސްތެރެ ހުސްވެފައި އޮއްވާ އާހިލް އަހަރެން ކައިރިއަށް އައެވެ. އޭރު އަހަރެން އިނީ އިއްޔެ އޮފީހަށް ނާންނާތީ ނުނިމި ހުރި މަސައްކަތްތައް ނިންމާށެވެ.
“ގޭގަ ހުރުމަށްވުރެ އޮފީހަށް އައީމަ މާ ރަނގަޅު އަހަންނަށް” ހުޅުވައިގެން އިން ފައިލް ލައްޕާލަމުން އަހަރެން ބުނީމެވެ. އެވަގުތު އާހިލްއަށް ފޯނެއް އައުމުން އޭނާ ނިކުމެގެން ދިޔައެވެ. ދެން އަހަންނާއި އާހިލް ދިމާވީ އޮފީސް ނިމުނު ވަގުތުއެވެ. ދެމީހުންނަށް އޮފީހުން ނިކުމެވުނީ އެކު އެކީ ކަހަލަ ގޮތަކަށެވެ.
“ގެއަށް ލައިދޭން ދަންތަ؟ ބަސް އަންނާއި އަދި ބައި ގަޑިއިރު ފަހުން” ގަޑިއަށް ބަލާލަމުން އާހިލް ސުވާލުކުރިއެވެ. އާނއެކޭ ބުނަމުން އަހަރެން އާހިލްގެ ފަހަތުން އޭނާގެ ކާރާއި ދިމާލަށް ހިނގައިގަތީމެވެ.
އެވަގުތު ސައިކަލެއް އައިސް އަހަންނާއި އަރާ ހަމަކުރިއެވެ. އަހަންނަށް ސިއްސައިގެންގޮސްފައި ބަލާލެވުނެވެ. ސައިކަލުމަތީގައި އިން ހުސްނީފެނިފައި އަހަރެންގެ މޫޑު އެއްކޮށް ބަދަލުވިއެވެ. އޭރު އާހިލް ގޮށް ކާރަށް އަރަނީއެވެ.
“މިއައީ އީޝާ ބައްޕަ ބުނެގެން އީޝާ ގެއަށް ގެންގޮސްދޭން” ލާނެއް ގޮތަކަށް ހެވިފައި ހުސްނީ ބުންޏެވެ.
“އަހަރެން ނޫޅެން ކަލެޔާ އެކީ ގެއަށް ދާކަށް” ހުސްނީއާއި ދިމާލަށް ދެވަނަ ފަހަރަށް ބަލައިވެސް ނުލާ އަހަރެން ގޮސް ކާރަށް އެރީމެވެ.
އަހަރެން ގެއަށް ދިޔައިރު މަންމަ އާއި ބައްޕަ ތިބީ ރުޅިއައިސް ރަތްވެފައެވެ. ހުސްނީއާއި އެކީ ނައުމުން އެކަމާ ހިތްހަމަ ނުޖެހިގެން ވަރަށް އެއްޗިއް ކިއެވެ.
“އަހަރެން ކީއްކުރަންތަ އޭނާ އާއި އެއްކޮށް އަންނަންވީ؟ އެއީ އަހަރެންގެ ކާކުތަ؟” އަހަރެންގެ ދުލުން އެބަސްތައް ބޭރުވީ ބޭނުންވި ވަރަށްވުރެ ބާރަށެވެ.
“އެއީ އީޝާގެ ވާންއުޅޭ ފިރިމީހާ. އަޑު އިވިއްޖެ؟ މިއަންނަ މަހު ފަނަރައަށް ކައިވެނި ހަމަޖެހިފަ އޮތީ. އީޝާ ބޭނުންވިޔަސް ނުވިޔަސް ޖެހޭނީ މިކައިވެނި ކުރަން” އަހަރެންގެ އަޑަށްވުރެ ބައްޕަގެ އަޑު ބާރުވެފައި ބިރުވެރިއެވެ. ބައްޕަ އެހާ ރުޅިއައިސްފައިހުއްޓަ ދުވަހަކުވެސް އަހަރެން ނުދެކެމެވެ. ބައްޕަގެ ދުލުން ބޭރުވި އެލަފުޒުތަކުން ހޮނު ގުގުރިއެއްފަދައިން އަހަރެންގެ ކަންފަތުގައި ގުގުމާފައި ހުއްޓެވެ. އަހަރެންގެ ދިފާއުގައި ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ. އަހަރެން އެކައިވެނި ކުރަން ބޭނުން ނުވާކަން ބައްޕަގާތު ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ދުލަކުން އެއްވެސް ލަފުޒެއް ބޭރެއް ނުވިއެވެ. އަރުތެރެ ބެދުނެވެ. އަހަރެންގެ ލޯ ކަރުނުން ތެމުނެވެ. އަހަންނަށް ހީވީ އަހަރެން އަނދިރި ވަޅަކަށް ވައްޓާލިހެންނެވެ. ކުރިބެދިފައި އޮތް މަގަކަށް ދެވުނުހެންނެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަޅުލީމެވެ. ދެންވާނެގޮތެއް ނޭނގޭ ހާލުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Please, please don’t let Husni and Eesha marry 😭 I really appreciate your work. thank you so much for uploading this part this week! 💖 When is the next part coming?
HI WHEN ARE U UPLODING NEXT PART?///IS THIS LAST PART IREALLYLIKE THIS STORY …….