‘ގަސްބޯ ބިޔަ ޖަންގައެޔެކެވެ. އެތަނުން ނިކުމެވޭނެ މަގެއް ހަމަލޮލައް ފެންނަ ހިސާބަކުނެތެވެ. ހަމަހިމޭން ވަގުތެކެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. މި ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔަ އެކި ދޫނިސޫފާސޫފީގެ އަޑުން މުޅި މާހައުލު ނާންމާންކަމަށް ދައްކައެވެ. ހިދާ އިނީ ބިރުން ގުޑިލާންވެސް ނުކެރިފައެވެ. ހުރެވުނީ ކޮންތަނެއްގައިކަމެއް އަދި އެތަނަށް އާދެވުނުގޮތެއްވެސް ހިދާ ނުދެނަހުއްޓެވެ. ހިއްވަރުކޮއްފައި ހިދާ އިސްއުފުލާލިއެވެ. އެތަނުން ނިކުމެވޭނެ މަގެއް ފެނޭތޯ ވަށައިގެންވާ މާހައުލައް ނަޒަރު ހިންގާލިއެވެ. އާދަޔާ ޙިލާފަށް ތަފާތު އަދި ބިޔަ ގަސްތަކެކެވެ. ވަށައިގެން ވަނީ ދުންފިނީގެ އަސަރެވެ. ބިންމަތީގައި ހުރި ހިކިފަތްތައް ބޮޑުވެފައި ރަތްކަން ގަދައެވެ. ގަސްތަކުގެ ބުޑުގެ ކުލަ ހުރީ ދަނބުކުލަޔަކަށެވެ. ބަލާބެލުމަށް ކަޅުކުލަ ކަމަށްވެސް ދައްކައެވެ. ފެންނަމުންދިޔަ މަންޒަރަށް ގެއްލިފައި އިން ހިދާ ސިހިގެންދިޔައީ އިވިގެންދިޔަ ބާރު އަޑުފައްގަނޑަކުންނެވެ. ހީވަނީ ހޮނުއެޅިހެނެވެ. އަޑުއައީ ދުރަކުންނޫނެވެ. ނުހަނުގާތުންނެވެ. ލަފާކުރެވޭގޮތުން އަޑުއައީ ސީދާ ހިދާގެ ފަހަތުންނެވެ. ހިދާ މަޑުމަޑުން ފަހަތް ބަލާލިއެވެ. އިތުރު އެއްވެސް އެއްޗެއް އެތާކުނެތެވެ. ކުއްލިޔަކައް ހިދާގެ އަތުގައި އެއްޗެއް ހިފިއެވެ. އަތުގައި ލޮނދިކަމެއް ހުއްޓެވެ. ފަސްއެނބުރި ބަލާލަން ހިދާ ޖެހިލުންވިއެވެ. ހިދާގެ އަތުގައި ހިފައިގެން ހުރި އެތި ކުއްލިޔަކަށް ހިދާގެ ކުރިމައްޗައް ވާގޮތައް ފުންމާލިއެވެ. ގަތް ބިރުން ހިދާ ހަޅޭލަވައިގަތެވެ.’
“ހިދާ…ހިދާ..” ސަކީނާގެ އަޑަށް ހިދާއަށް ލޯހުޅުވައިލެވުނެވެ. “ދަރިފުޅާ…ހިދާ…އަދިވެސް ނިދަނީ؟..” ކޮޓަރީގެ ދޮރު ދޮށުގައި ހުރެ ހިދާއާއި މުހާތަބުކޮށް ސަކީނާ ވާހަކަދެއްކިއެވެ.
“މިތެދުވަނީ މަންމާ…” ކަންނެތް ރާގަކަށް ހިދާ ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ލޯމަރާލިއެވެ. “ފައިވް މޯރ މިނެޓްސް…” ސަކީނާއަށް އަޑުއިވޭވަރަށް ހިދާ ބުނެލުމުން ސަކީނާ އެތަނުން ދިޔައީ ކުޑަކޮށް ހިތްހަމަނުޖެހިގެންނެވެ.
ސަކީނާ ދިޔުމުން ހިދާ ތެދުވެ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. ފެނުނު ހުވަފެނާއެމެދު ވިސްނަންފެށިއެވެ. ތަކުރާރުކޮށް އެއް ހުވަފެނެތް ހިދާއަށް ފެންނަތާ މިހާރު ހަފްތާއަކަށްވުރެ ގިނަވީއެވެ. ކޮންމެފަހަރަކުވެސް ހޭލެވެނީ އެއްހިސާބަކުންނެވެ. ހަޅޭލަވައިގަނެވޭ ހިސާބުންނެވެ. ނަމަވެސް ހަޅޭލަވައިގަތުމުގެ ކުރިން ކުރިމައްޗަށް އެއަތާ އެއްޗެއް ހިދާގެ ހަނދާނަކު ނުހުރެއެވެ. މިގޮތަށް ކޮންމެރެޔަކު އެއްހުވަފެނެތް ތަކުރާރުކޮށް ފެނުން އެއީ އިއްތިފާގެއްކަމަކަށް ހިދާއަކަށް ޤަބޫލެއްނުކުރެވެއެވެ. ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު ހިދާއަށް ގަޑިބަލައިލެވުނެވެ. ދިހަގަޑިބައި ވަނީއެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން އަވަސްފިޔަވަޅުމަތީ ހިދާއަށް ބަދިގެޔަށް ވަދެވުނުއިރު ސަކީނާ މެންދުރަށް ކެއްކުމުގައި އަވަދިނެތިއުޅެއެވެ.
“ސޮރީ މަންމާ…ނުހޭލެވުނީ…” ޖެހިލުންވެފައިހުރެ ހިދާ މަޑުމަޑުން ބުނެލިއެވެ. “ގެނެ އަހަރެން އަތަށް ފިޔާކޮޅު ކޮށާލަން…” ސަކީނާ އެއްވެސް އެއްޗެއް ނުބުނުމުން ހިދާ އަނެއްކައިވެސް ވާހަކަ ދެއްކިއެވެ.
“އަހަންނެއް ނޫޅެމޭ މިފިޔާކޮޅު ނުކޮށިގެނެއް…ހިދާއަށް އަބަދުވެސް ވާވަރެއްނުތީ…ދުވަހަކުވެސް ހެނދުނު ތަންކޮޅެއް އަވަހަށް ހެލެވޭކަމަށްވޭތަ؟…އަހަރެން ނުގޮވަންޏާ މެންދުރުފަސް ވެގެންދާއިރުވެސް ހިދާ އޮންނާނީ ނިދަން…އުމުރުން އެކާވީސް އަހަރުވީ…އާމްދަނީ ހޯދަން މަސައްކަތެއް ނުކުރާތާގަ ގޭގައި ކުރާކަމެއްގައި އަތްގާތްކޮއްދޭންވެސް ވަނީ ބޮޑުކަމަކަށް….އިތުރަށް ކިޔަވާކަށް ބޭނުމެއްނުވޭ….ވަޒީފާއަކަށް ދާން ބޭނުންވަނީކީނޫން….އަތުންފައިން މަސައްކަތެއް ނުކޮށް ހިދާއަށް ހީވޭތަ ތިހެން އުމުރުދުވަހު އުޅެވޭނެހެން؟…މިހެންވެސް ބުނީމަ ގޯސްވާނީ އަހަރެން…” ނުރުހުމާއެކު ސަކީނާ ހިދާއާއި ދިމާލަށް ހަޅޭލަވައިގަތީ ހިދާގެ ހިތަށް އެއްވެސް އެެއްޗެއް ނާރާނެކަން ދެނެހުރެއެވެ.
“އަނެއްކާވެސް…ކޮންމެދުވަހަކު ތިފަތިވަރު ނާރުވަބަލަ…އަހަރެން ގޯސްކޮށެއް ނޫޅެންދޯ….އަބަދުހެން ގޭގަ މިއުޅެނީ…” ހިދާގާތައްވެސް ރުޅިއައެވެ.
“އަބަދު ގޭގަ އޮތީމަވީދޯ؟…ތިހެން އަބަދު ގޭގަ ކަމެއްނުކޮށް ނުހުރެ ނިކަން އާމްދަނީ ލިބޭކަހަލަ މަސައްކަތެއް ކޮއްބަލަ….” ސަކީނާވެސް ހުރީ ދޫދޭކަހަލަގޮތަކަށް ނޫންނެވެ.
“ވަރެއްގެ ކަމެއް ހުވާމީ…އެންމެ ރަނގަޅު…މަންމަ އަހަރެން ދާނެ ވަޒީފާއެއް ހޯދައިދީ…އަހަރެން ގޮސްފާނަމޭ…އަހަރެން ނޫޅެމޭ މަސައްކަތެއް ކުރަންޖެހިދާނެތީ ކަންބޮޑުވެގެނެތް….” މިހެން ބުނުމައްފަހު ހިދާ ބަދިގެއިން ނިކުތީ ސަކީނާއަށް އިތުރު އެއްޗެއް ބުނުުމުގެ ފުރުޞަތު ނުދިނުމުގެ ބޭނުމުގައެވެ.
އެވަގުތު ނިކުމެގެން ދިޔަގޮތަށް ހިދާ މިސްރާބުޖެހީ ތުނދޑިޔާދިމާލަށެވެ. ސަކީނާ ކީއެއްޗިއްސާމެދު ހިދާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. ސަކީނާއާއި މުޙާތަބުކޮށް ވާހަކަދެއްކުނީ ރީތިކޮށްނޫންކަން ޙުދު ހިދާވެސް ޤަބޫލުކުރެއެވެ. ނަމަވެސް ކަންކުރެވުނު ގޮތާއިމެދު މަޢާފަށްއެދޭކަށް ހިދާ ބޭނުމެއްނުވެއެވެ. މާކަގިނައިރެއްނުވެ ތުނޑިޔާ ހަމަޔަށް ހަމަޔަށް އާދެވިއްޖެއެވެ. ރާޅުޖަހާހިސާބާއި ދާދިގާތުގައި އޮތް ގަސްބުޑެއްގައި ގޮސަ ހިދާ އިށީނދެލިއެވެ. ހިދާއަށް ވިސްނެންފެށިއެވެ. އެކިއެކި ކަންކަމާއިމެދުގައެވެ. ގޭގެ ކަންތަކާއިމެދުގައެވެ. މަންމަކިޔާ އެއްޗިއްސާއިމެދުގައެވެ. އެންމެބޮޑަށް ވިސްނެންފެށީ ހިދާއަށް ތަކުރާރުކޮށް ފެންނަމުންދާ ހުވަފެނާއި މެދުގައެވެ.
‘އަހަރެން މަންމައާއި ވާހަކަ ދައްކާލަންވީ ކަންނޭނގެ…..ހުވަފެނުގެ ވާހަކަ ކިޔާދޭން އެބަޖެހޭ….އަހަރެން ފާޑަކަށް ބިރުވެސްގަނޭ އަބަދު އެހުވަފެންގަނޑެއް ފެންނާތީ….އެކަމަކު މަންމައާއި ވާހަކައެއް ދައްކަންފަށާއިރަށް އަހަރެން އަބަދު ގޭގަ ހުންނަނީއޭ ކިޔާފަ އެއްޗެހި ކިޔާނީ…އެއްވަރުގެ ކަންކަން….’ އަމިއްލަ ނަފްސާ މުހާތަބުކޮށް ހިދާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ.
“ޕޮއް!…” ހިޔާލުތަކަށް ގެއްލިފައިއިން ހިދާއަށް ލިބުނީ ސިހުމެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
