އާއެކޭ ލޯބިވޭ… އެގާރަވަނަބައި ( ކައިވެނީގެ މުހިންމު ކަންކަން ނިމިގެންދިއުން)
އެއީ ދިގު ވާހަކައެކެވެ. މީގެ ހަތަރު އަހަރު ކުރިއެވެ. އެކެއް ޖެނުއަރީ ދެހާސް އެވެ. އަފާ އާއި ނިހާދު ދިމާވަނީ ރަށުގެ ބަނދަރުމަތިންނެވެ. ނިހާދަކީ ރަށަށް ބީރަށްޓެއްސެއްކެވެ. ދަތުރުވަރެއްގައި އައި މެހެމާނެކެވެ. ” އިވިގެން ދިޔަ ފެށުމުން ފޮތް ކިޔަން ފޫހިވާ ލީނިޔާވެސް ކިޔާ ހިތްވެގެން ހުއްދައަށް ސައިލާގެ ކިބައިން އެދެފިއެވެ. އޭނާ ހުރީ މިލީހަމް ކުރާ ކޮންމެ ކަމެއް ވެސް ކުރަން ހިތުލައިގެންނެވެ.
އެދަތުރުގެ ފުރަތަމަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ޚުބާބްގެ ހިތް ހަލާކުވިއެވެ. މިލީހަމް އުންމީދު އާކުރިއެވެ. ބާސިލްގެ ހިތް ދެކޮޅަށް ކިރެމުންދިޔައެވެ. ލީނިޔާ ފިޔަވަޅެއް ކުރިއަށް އެޅިއެވެ. ދެން ކަންތައްތައް ވަމުންދާނީ ކިހިނެއްހެއްޔެވެ؟ އެއްވެސް މީހަކަށް ހަމަޖެހުމެއް ލިބިދާނެ ހެއްޔެވެ؟
****************************************************************
ވާހަކައަށް ގެއްލި ހުސްވެފައި އިން މިލީހަމް ވާހަކައިގެތެރެއިން ބޭރުކުރީ ބާސިލްގެ އަޑެވެ.
“މިލީހަމް: ކިހިނެއްވީ… ކުޑަކޮން ފޮތް ލައްޕާލަމުން” މިލީ އަހާލިއެވެ. ” ބާސިލް: ކަމާނާއަށް އުނދަގޫކޮށްލައި ހިތްވީ ހަމަ ” ބާސިލް ނޫންކަމަށް ހެދެމުން ބުނެލިއެވެ. ” ޚުބާބް: އެހެންނޭ ވާނީ ތި ފޮތް ދޫކޮށް ނުލާ ވިއްޔަ ރޭގެ ފަހުން އަހަރުމެންނަށް ތި ތަންކޮޅެއް ކިޔާލަ ދީބަލަ” ޚުބާބް ދެރަ ނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. ހުދު އޭނާވެސް ހުރީ އެވާހަކަ ކިޔާލަން ބޭނުންވެފައެވެ.
” ދާނެ ތަނެއް ނެތި އެހީއަށް އެދިއެދި ހުރި ނިހާދު ގެންދިޔައީ އަފާގެ ގެއަށެވެ. މައިންބަފައިންގެ ރުހުމާއި އެކު އެގޭގައި ހުރުމާއި ކެއުންވެސް ހަމަޖެއްސިއެވެ.
އެ ރީތި ޒުވާނާގެ ޖާދޫގައި އިސާހިތަކު ގޭދަށު އަންހެންކުދިން ޖެހިއްޖެ އެވެ. ގޭގެ ދުރޮ މަތީ މުގޯލި އަޅާއިރު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ހިވަނީ ދުވަހަކު ފިރިހެނަކު ނުފެންނަށް ހެންނެވެ . ވާނީވެސް އެހެންތާ އެވެ. އެހެރަ ޖާދުވީ ދެ ލޮލެވެ. ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެވެ. އަންހެނުންގެ ހިތާ ކުޅެލާ ފަދަ ފަން އިސްތަށި ގަނޑެވެ. އިސްކޮޅުން ދިގު ހޮޅި އެވެ. އެހެން ފިރިހެނުންނާ ހިލާފަށް ހިކިކަމަށް ނިހާދު ދައްކަ އެވެ.
އެހެން ދުވަސްތަކާ ހިލާފަށް ފަތިހު ތެދުވެ ގޭދަށް ކުނިކަހައި ސައި ތައްޔާރުކުރިއެވެ. އެކަމާ މަންމަވެސް ހުރީ އާޝޯހުވެފައެވެ . ދެއްވައްތަރުގެ ރިހައާ ކުޅިމަހާއި މަސް ހޫނީގެ ތަފާތު ރަހަތަކުން ކާ ކޮޓަރި ހުރީ އެއްވަސް ވެފައެވެ. ތިންވައްތަރުގެ ރޮށި ފިހެފަ ހުރިއިރު ނުވިތާކަށް” ފަރާޓާ” ވެސް ފިހެފަ ހުއްޓެވެ. ޖުހޫގެ ދެވައްތަރާއި ކޮފީ އާއި ކަޅު ސައިގެ އިތުރުން ކިރުސަޔާ “މައިލޯ”ގެ ކޫލަރެއްހުއްޓެވެ. މެންދުރުގެ ކެއުން ހަނދަން އޭރު ހުރީ ދެ ކުކުޅު ވެސް ކޮށާފައެވެ.
އަހަރަކާ އަނެއް އަހަރުގެ ބައެއްގަ މި ރަށުގައި ނިހާދު އުޅޭނެއެވެ . ރަށު ސުކޫލު ގެ ތަޖުރިބާ މުދައްރިސަކަށެވެ. އެއީ އަފާ އެންމެ އުފާވި ސަބަބެވެ ދެ ލޮލުގެ ކުރިމަތީ އެނާ އުޅޭނެތީއެވެ. އެހާ އަވަހަށް ނުދާނެކަން އެނގޭތީއެވެ.
އަފާ އަކީ ނަސާރީ ކުދިންގެ “އާންޓީ”އެކެވެ .”
ރޭގައި ވާހަކަ ނިމުނު ހަމާލުން ބައެއް މިލީހަމް އިއްވާލިއެވެ. ޚުބާބްމެން އެގޮތަށް އެދުމުންނެވެ. މިހާރު އޭނާ ކިޔަމުން އެދަނީ ވާހަކައިގެ އެންމެ ރީތި ހިސާބުތަކެވެ. އާއެކެވެ. ނިހާދާއި އަފާގެ ލޯބި ފެށިގެން އުޅޭ ހިސާބެއެވެ.
ހިތާ ކުޅެލާފަދަ ސިފަކުރުންތަކުން މިލީހަމް ބާސިލް ސިފަކުރަމުން ދިޔައެވެ. އެގޮތަށް ބާސިލް އޭނާ އާއި ލޯބި ހުށައަޅާނެ ނަމައެވެ. ކިޔަމުން ދިޔައިރު ހިތް އެދެމުން ދިޔަ ހަމައެކަނި ކަމަކީ އެއެވެ. ނިހާދު އަފާއަށް އެހެރަ ލޯބި ހުށައެޅިއެއް ގޮތެއްވެސް ތާއެވެ.
” ސާއިލް : ހޭލާ ދޯ ތިއުޅެނީ އަވަހަށް ސައިބޯން އާދޭ ކޮބާ އެ ލިނީ” ސައިބޯން ބުނި އިރު ފެންނަށް ހިސާބުގައި ލީނިޔާއެއް ނެތެވެ. “މިލީހަމް : ފޮޅިފައި މަލެއް އިންތޯ ބަލަން ބެލްކަންޔަށް ދިޔައީ ” ފޮނިވެލާފައި މިލީ ޖަވާބުދިނެވެ. ބާސިލްގެ ދުލުން އޭނާއަށް ކަމަނާ ކިޔާލިފަހުން އެ ހިތް އުފަލުގައި ކޮޅެއްނެތެވެ.
މާތަކުގެ ފޮޓޯ ނަގައިގެން ކޮޓަރިއަށް ވަންނަށް މީގެ ކުޑަ އިރުކޮޅެއް ކުރިން އައި ލިނީ ހުއްޓުވީ ބާސީލްގެ ސަމާސާ އަޑެވެ. މިލީހަމް އާއި އެހާ ގާތްކޮށް ވާހަކަ ދެއްކުން އެއީ އެއްވެސް ހާލެއްގައި ލީނިޔާއަށް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. އައި ރުޅީގައި މީހާ ކޮއްޔެއްހެން ފުފެންފެށި ކަހަލައެވެ. އެތާ އެންމެ ސިކުންތެއްވެސް މަޑުނުކޮށް އެ ދިޔަ ބާރު މިނުގައި ދިޔައީ ތިރިއަށެވެ.
ގޭގެ އެންމެ ތިރިން ލިނީ އާއި ބައްދަލުވީ ސައިނާއެވެ.
“ސައިނާ : އަސްތާ ލިނީ” ސައިނާ ލީނިޔާއަށް އެކުވެރިކަމާއެކު ގޮވާލިއެވެ. ރުންކުރުކޮން ލީނިޔާއަށް އޭނާގެ ނަން ރަނގަޅު ކޮށްލެވުނެވެ. ޒަމާނީ ރާގުގައެވެ.
“ލީނިޔާ : މީ ލީނިޔާ” ސައިނާ ބަލާލީ ކައިރީގައި ހުއްޓިލި އޭނާގެ ދޮންބެ ސާއިންގެ މޫނު މައްޗަށެވެ. އެވަރުން ލީނިޔާގެ ގޮތްގަނޑު އެނގުނީކަމަށް ބަލަމާހެވެ.
އެމީހުންގެ ނަޒަރު ދެން އޭނަޔާ މެދު ދެކޭނެ ގޮތެއްވެސް ނޭނގެއެވެ. ވީ ދެރައިން ސައިނާގެ އަތުގައި ހިފާލެވުނެވެ. މާފަށް އެދެވުނެވެ.
އެކަމާ ދެން ނުވިސްނުމަށް ސާއިނާ ބުނެލީ ފަސްޖެހިފައެވެ. ކަމަކާ ދެރަވެފައި ހުރިހެން އެމޫނުމަތިން ސައިނާއަށް އެނގުން ކަހަލައެވެ. ލީނިޔާއާއި އޮލަވާހަކައެއް ފަށައިގަތީ އެބޭނުމުގައެވެ.
ލީނިޔާއަށް ސައިދީގެން ސައިނާ ދިޔައީ ފިހާރައަކަށެވެ. މިވީ ކުޑަ ވަގުތުކޮޅެ ތެރޭ ދެމީހުންގެ ގުޅުން ބަދަޚިވިއެވެ. ސައިނާ ހީކުރި ގޮތާ ހިލާފަށް ލީނިޔާ ވެގެން ދިޔައީ މަޖާ ހިތްހެޔޮ މިޒާޖެއްގެ ކުއްޖަކަށެވެ.
އެއޮތް ބޮޑު ބެލްކަނި އެއްކޮޅުން އަނެއް ކޮޅަށް ބެލިއިރުވެސް ލިނީއެއް ނުފެނުނެވެ. ބާސިލްގެ ރުޅިގަނޑު ހުރީ މުތުނަން އަރާފައެވެ. ގުޅާ ގުޅާ ވެސް ފޯނެއް ނަގަނީއެއް ނޫނެވެ. މި އޮތް ބޮޑު އައްޑޫގައި މަގުއޮޅުނަސް ހޯދާނީވެސް ކިހިނެއް ހެއްޔެެވެ؟
ބާސިލްގެ ފޯނެއް ލީނިޔާއަށް އައީ ފިހާރައަށް ވަންނަނިކޮށެވެ. އެ ފޯނަށް ޖަވާބު ނުދިނީ ލީނިޔާ ހަމަ ގަސްތުގައެވެ. އެ ހުރިހާ މަންޒަރެއް ވަރަށް ގާތުން ސާއިނާއަށް ފެންނަމުންދިޔައެވެ. ދެލޯބިވެރިން ދެމެދު މައްސަލައެއް ޖެހިފައި ވިކަހަލައެވެ. އެހެންނޫނަމަ އެހާވަރަށް ގުޅާ އިރު ފޯނު ނުނަގައި ނުދާނެއެވެ.
މެންދުރު ކައްކަން ތަފާތު އެތައް ބާވަތެއްގެ އެއްޗެހި ސައިނާ ގަތެވެ. މިއަދު މިއީ ބޮޑު ދުވަހެން ހެން ސައިނާގެ އަމަލުންތަކުން ހީވަމުން ދިޔައެވެ.
” ލީނިޔާ : މިއަދު ހާދަ ބޮޑު ކެއުމެއް ހަދަނީތަ” ލީނިޔާއަށް ނުހުރެވިގެން އަހާލެވުނެއެވެ. އޭނާ ނިކަން އަގަ ހިރުވާނެއެވެ. ކިރިޔާ ކަމެއް ވިޔަސް ނުދައްކައެއް ނުހުރެވޭނެއެވެ. ކަށީގައި ހިފާފައި ހުންނަ މިކަހަލަ އާދަތަކުން އޭނާ ބޭޒާރުވާ ފަހަރުވެސް ނިކަން އާދެއެވެ. “ސައިނާ : ކައިވެނީގެ ސައްލާކުރުން ފެށޭނެ އަށްގަޑިބައި ނުވައެއް ޖަހާއިރު މެންދުރުގެ ކެއުން ބޮޑު ކޮން އޮއްނާނެ ދެ ފަރާތުގެ އާޢިލާތައް އަންނާނެ ކާން” ސައިނާ ކުރުކޮން ބުނެދިނެވެ. އެއީ އެ ރަށުގެ ޒަމާންވީ އާދައެއްފަދައެވެ. ވަރަށް ގިނަ ގޭގޭގައި މިއީ ކުރާކަމެކެވެ.
ގޭގެ ދޮރުމަތިން ލިނީއަށް ފެނުނީ ބާސިލެވެ. ދެ ކޮޅަށް ބަލަމުން ދިޔައިރު ހީވަނީ ހުޅު ގަނޑު ފަޅައިން ގޮސްދާނެހެންނެވެ.
ރުޅި އަކީ އޭގެ ޒާތުގައި މީހާ ބަލިކަށި ކޮއްލާ އެއްޗެކެވެ. އެހާ ރުޅިގަދަ އިންސާނެއްވެސް މިދުނިޔޭގައި ނޫޅޭނެވެ. ވާނީވެސް އެހެންތާއެވެ. ހާލުބަލާއި ހިތްހަމަޖައްސައި ދޭން ޖެހޭ އަންހެނުން ވެސް އެހާ ގިނައެވެ. އޭގެން މީހަކު ކަމަކާ ހިތްހަމަނުޖެހުނަސް ދުވަސް ޚަރާބުވީއެވެ. މިއަދު މި ޖެހުނީ ލީނިޔާގެ ކަންތަކެވެ. ބާސިލްގެ ނަޒަރުގައި އެއީ މިހާރު އޭނާގެ ހިތުން ޖާގަ ހޯދަން އުޅޭ ކުއްޖެކެވެ. އެހެނަސް މީ އޭނާ އެންމެ ގާތްކުރުވި ލީނިޔާއެވެ. ލޯބި ކިޔާނަމަ ލިނީއެވެ. ރީތީގެ ރޮގުން ވަނަ އެއް ދެންޔާ ލީނިޔާވެސް ޝަރުތުހަމަވާނެއެވެ. އެކަމަކު މިލީހަމް ވަރެއް ނުވެވޭނެއެވެ.
މާކުރިންވެސް މިހެން ވާނެކަން ލީނިޔާއަށް އެނގޭކަހަލައެވެ. އެކަމަށް އޭނާ އައީ ތައްޔާރުވެގެންނެވެ. ބާސިލަށް އެންމެ ކަމުދާ ވައްތަރުގެ ޗޮކުލެޓެއް ގަނެގެންނެވެ. ކޮތަޅުން ޗޮކުލެޓު ނެގިވަގުތު މިލީހަމް އައިސް ހުއްޓާލަނީއެވެ. ފުރުސަތުގެ ބޭނުން ހިފައި ބާސިލްގެ ހަށިގަނޑުގައި ބާރަށް ލީނިޔާ ބައްދާލިއެވެ. ބޭރަށް ނިކުމެވުނު މޮޔަ މިލީހަމްއަށް ހީވިއެވެ. ހިތްމަތީ ބާރު އެތިފަހަރެއް ޖެހިކަހަލައެވެ.
” ޚުބާބް : އޭ ކޮޓަރިއަށް ” މިގެއަކީ ކުޑަކުދިން އުޅޭ ގެއަކަށް ވުމުން އެއިން ކުއްޖަކަށް މި ފަދަ މަންޒަރެއް ފެންނާކަށް ޚުބާބް ނޭދެއެވެ.
އެ އަޑަށް ފަހަތަށް އެނބުރު ބާސިލަށް ފެނުނީ ފެންކަޅިވެފައި ހުރި މިލީއެވެ. މިލީ އަކީ މިހާރު އޭނާގެ ހިތް އެދެމުންދާ ޖިންސުން ލަތީފެވެ.
ބާސިލަކީ އަންހެންކުދިންގެ ބައްޓަމަށް ވަރަށް ބަލާމީހެކެވެ. އޭނާ ދެކޭ ގޮތުގައި ބައްޓަމަކީ އަންހެންކުދިންގެ ހަޤީގީ ރީތިކަމެވެ.
ޚުބާބަށް އެންމެ ރީތި މިލީހަމްގެ ދެލޮލުލެވެ. ދިގު އެސްފިޔަތަކުން ނިވާވެފައިވާ ބޮޑު ދެލޮލެވެ. ގަދަ ކަޅުކުލައިގެ ފުރިހަމަ ކަޅިއެއް ލިބިފައިވާ ހަނދުފަދަ ދެލޮލެވެ. އެހެން މީހުންގެ ލޮލުގައި އެ ދެލޯ އަޅައި ނުގަންނަނީ ބަލާލެވޭ ގޮތަކުން ކަމަށް ވެދާނެއެވެ. ނޫނީ އަބަދު ފެންކަޅިވެފައި ހުންނާތީ ކަމަށްވެސް ވެދާނެއެވެ. އެލޮލުގެ ތެރޭގައި ފެންތާ ކޯރެއްވެއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
ކައިވެނީގެ ސައްލާކުރުމަށް ގޭގެ ތިންވަނަ ބުރި އޮތީ ވަރަށް ތައްޔާރުގައެވެ. ނުވައެއް ޖެހި އިރު ގޭގެ އެންމެން ހަމަވެއްޖެއެވެ. އިސްވެ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ބޮޑުންނެވެ. ސާއިލްގެ ބައްޕަ ސާކިރުބޭބެއެވެ. ސާއިލްގެ މަންމަ ސާމިޔާ ދައްތައެވެ.
ޕާޓީ ކުލައާއި ބާއްވާނެ ގަޑިވެސް ހަމަ ޖެއްސިއެވެ. ކުލައަކަށް ހޮވުނީ ވިލުނުލެވެ. ފަޅު ތެރޭގައި ފަޅަށްވުރެ ފުންކޮން ނޫކުލައިގައި ހުންނަން ތަންތަނުގައިވާ ކުލައެވެ. ވިލުނޫކުލައެވެ. ކައިވެނިކުރެވެން އުޅޭ ދެފަރާތްވެސް އިއްތިފާގުވީ ރޭގަނޑުގެ ޕާޓީއަކަށެވެ.
ކައްކާނެ ކާތަކެތީގެ ލިސްޓާއި ދަޢުވަތު ކާޑު ހަދަން ހަވާލުކުރާނެ ތަނެއްވެސް ނިންމިއެވެ. ކައިވެނި ކުރާނެ ހޯލަކާއި ހަފްލާ ބާއްވާނެ ތަނަކާ މެދު ޚިޔާލުތަފާތު ކުރެވުނެވެ. އެއްބަޔަކު ބޭނުންވީ ރަށުގެ ތުނޑީގައި ބާއްވާށެވެ. އަނެއްބަޔަކު ބޭނުންވީ އައްޑޫގައި ކައިވެނި ހަފްލާތަކަށް ޚާއްސަކޮން ހަދާފައިވާ މާލަމުގައި ޕާޓީ ބާއްވާށެވެ. އެންމެ ފަހުން އެއްބަސް ވެވުނީވެސް އެތަނުގައި ބައްވާ ގޮތަށެވެ. މިއީ ބައިވަރު ކުޑަކުދިންވެސް ތިބި ޢާއިލާއަކަށް ވުމާވެސް އެކުއެވެ.
މުޅި ގޭގެ ގޯތިތެރެ އޮތީ ފުރިފައި ކަހަލައެވެ. އެކި އުމުރުގެ މީހުން ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ފަސް ހަވައްތަރުގެ އެއްޗެހި ހަދާފައި ހުއްޓެވެ. މުޅިންވެސް ހުރީ ދިވެހި ވަންތައް ބާވަތްތަކެވެ. ބަތް، ގަރުދިޔަ، ކިރިގަރުދިޔަ، ހިތި، ގަރަދެފެން، ތެލޭ ގަރެދަ، އަދި އަލައެވެ. ދެން ހެދިމަހައާއި ދޮންކޭލެވެ. ތިންވައްތަރުގެ ފަނީގެ ކޫލަރުތައް ހުރީ ބަރި ޖަހާލާފައެވެ. އޮރެންޖުފަންޔާއި ސަރުބަތުފަނީގެ އިތުރުން ދޮންއަނބު ފަންޔެވެ. އަޅެ ނުބައި ވެދާނެ ހެއްޔެވެ؟ ހަމަގައިވެސް މިއީ ކޮންމެ ގެއަކުވެސް ގިރާނެ ބާވަތްތަކުގެ ފަނިފަންޔެވެ.
ކައިނިމުމާއެކު ލީނިޔާ މި އޮތް ހުރިހާ އިރު ހިތުގައި ރައްކާކޮށްގެން ހުރި ޝަކުވާތައް ބޭރުކުރަން ފެށިއެވެ. މައިގަނޑު ޝަކުވާ އަކަށް ކުރީ ވިލުނޫކުލައިގެ ހެދުމެއް އޭނަ އަތުގައި އިނދެ ނުގެނެވުމެވެ. “ލީނިޔާ : އަޅެ އިހަށް ދުހު ފެހި ހެދުމެކޭ އެއީ ރަޒީ ލައްވާ އެ ނުގެނެވުނީ ކީއްވެތަ ” ހެދުން ފެހި މީހާގެ ނަމާއެކު ލީނިޔާ ކިޔަމުންދިޔައެވެ. އެ ވާހަކަތައް އަހަން އިން ޚުބާބްގެ ދޮންތަ ދެން އޮތީ ފޮތި ގަތުންކަމުގައި އަންގާލިއެވެ. މެންދުރު ދޭއްގެ ކުރިން ބާޒާރަށް ދިއުމަށް ތައްޔާރުވުމަށް އެންގިއެވެ.
ބާރު އަވީގައި އެއް ފިހާރައިން އަނެއް ފިހާރަށް ހިގަންޖެހުމުންވެސް ލިނީއަށް ސަކުވާކޮށްނުލައި ނުހުރެވުނެވެ. ” ލީނިޔާ : ފުންނާބުގައިވެސް ރިއްސާ އެބަ” ލީނިޔާ މިއިން ދުވަހަކުވެސް އެހާ ވަރަށް ހިގައިނުލައެވެ. އެހިގައިލީވެސް ޚަޔާތުގައި މުޅިން އަލަށެވެ. “ސާއިލް : ފުންނާބެއް ނޫން ކުޑަހުޅުވެސް ތިއޮތް ނެއްޓީ ” މަލާމަތްކުރުމުގައި ސާއިލުވެސް އެތަނުން އެކަކާވެސް ދުލެއްނުދެއެވެ. އެއީ އެކަމުގައި އަރާ ހުރި މޭސްތިރިއެކެވެ.
އަސުރުނަމާދަށް ބަންޤި ގޮވިއިރު ފޮތިގަނެ ކިރިޔާ ނިމުނީއެވެ. ފިރިހެން ގުރޫޕު މިސްކިތަށް ފޮނުވާލާފައި އަންހެން ގުރޫޕު އައީ ގެއަށެވެ. ދެން ކަމެއް އޮތަސް އޮންނާނީ އަސުރު ފަހުން ކަމަށްވާތީއެވެ.
ފެންވަރައި ނަމާދުކޮށް ހަދައިގެން މިލީހަމް ވާހަކަފޮތް ހުޅުވާލިއެވެ. ޚުބާބްމެން އައުމުގެ ކުރިން ތަންކޮޅެއްވެސް ކިޔާލެވޭތޯއެވެ. އެކަމަކު އެހެންނެއް ނުވިއެވެ. ދެވެރިން އަތުވެއްޖެއެވެ. ” ޚުބާބް : އަހާ ވާހަކަ ކިޔަނީ އޭ އަބަދު މިލީ ދޯ ބާސީ ނިކަން ބުނެބަލަ ވާހަކައިގެ އަނެއްބައި ކިޔާދޭން ” ޚުބާބް ބާސިލްކައިރިން އެދުނެވެ. “މިލީހަމް : ޚުބާބް އެހާ އަހާ ހިތުން އުޅެންޔާ ކިޔައިދެވިދާނެ ބާސިލް ލައްވައި ނުބުނިއެއް ކަމަކު” މިލީހަމް ބުނެލިއެވެ. އަދި ލަސްކުރުމެއްނެތި ފެށިއެވެ.
” ސައިގެ ފުރިހަމަކަމަށް ނިހާދު ތައުރީފު ކުރިއެވެ. މަންމައަށެވެ. އެހުރިހާ އެއްޗެއް ހެދީ އަފާއެވެ. ނިހާދަށްޓަކައެވެ. ރަނގަޅަށް ސައި ބޮއެގެން ކާގެެއިން އެންމެން ދިއުމުން މަންމަ ހިނި އަތުވެއްޖެ އެވެ. މިއިން ދުވަހަކު ބަދިގެއަށް ނުވަންނަށް އަފާގެ މުރާލިކަން ފެނިފައެވެ . އަފާގެ ބޮލުގައި ފިރުމާލަމުން މަންމަ ބުންޏެވެ. ” ދަރިފުޅަށް ވެގެން އުޅޭ ގޮތް މަންމަ އަށް އެނގިއްޖެއް” އިސްޖަހާލެވުމުން މަންމަ އަނެއްކާވެސް ބުނެފިއެވެ.” މަންމަމެން މި ވަރުވެފަ މިތިބީ ތި ވަރު އިރުން ވެސް އުޅެފައޭ” އަފާ ލަދުން ހީލަ ހީލަ ހުއްޓެއްވެ. ދަރިންގެ ކަންކަން މައިންބަފައިން ފާހަގަކުރާލެއް އަވަސްކަމާ މެދު ވިސްނާލެވުނެވެ.
ދުވަސްވަރަކީ ފުރަތަމަ ” ޓާރމް”ގެ ޗުއްޓީ ވެގެން އުޅުން އިރެވެ. ސުކޫލުތައް ވެސް ހުޅުވެން އޮތީ ޖެނުއަރީ ދޭއް ގައެވެ.
އާއިލާ އެންމެން އެއްވެ ކަމެއްކޮށް ލާ ދަތުރު ދިއުމަކީ ކޮންމެ އަހަރަކު ކުރެވޭ ކަމެކެވެ. ކުރިއަށް އޮތީ އާއިލީ މަސްދަތުރާ މަސްފިހުމެވެ. އެއަށްފަހު ރަށް ކައިރި ފަޅުރަށަށް ދަތުރުދިއުމެވެ.” ވަކި ހިސާބަކަށް ކިޔުނުތަނާއި ސައިލާ އާއި ސައިނާ ލީނިޔާމެން ބަލައި އަތުވެއްޖެއެވެ. ” ސައިލާ : ހެދުން ކަޑަން އާދޭ އަވަހަށް ފޮތިގަނޑު ހިފައިގެން” ސައިލާ ދެ މީހުން އަވަހަށް އައުމަށް އެންގިއެވެ. ” ސައިނާ : އެމީހެއްގެ ހެދުން ފަހަން ޖެހޭނީ އެމީހެއް އިނގޭ” ސައިނާ އިތުރު ކޮށްލިއެވެ. މިލީހަމް ހިނިތުންވެލިއެވެ. ކޮންމެސް ވަރަކަށް އޭނާއަށް ފަހަން އިގެއެވެ. މިކަމަށް މޫނު އަބުރާލީ ލީނިޔާއެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް ކުރަން ލީނިޔާ ހިތުވެސް ނުލައެވެ.
ހަވީރު ފެށިއެއްކަމަކު ހުރިހާ ހެދުމެއް ކަނޑައި ނިމުނުއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ. އެހެން ކަމުން ފަހަން ފަށާ ގޮތަށް ނިންމީ އަނެއްދުވަހެވެ. އަނެއްކާ އެހާ ލަސްވެފައި ހުރުމާއެކު ބައެއް މީހުން ނިދި އައިސްގެން އޭރު ހާފުރެމުން ދިޔައެވެ.
ކައިވެނީގެ މުހިންމު ކަންތައްތަކެއް މިއަދު ނިންމިގެން ދިޔައެވެ. ވަކި ޚާއްސަ ކުލައެއް ޕާޓީގައި ލުމަށް ނިންމުނެވެ. ކައްކާނެ އެއްޗެހީގެ ލިސްޓެއް ތައްޔާރުކުރިއެވެ. ހަފްލާ ބާއްވާނެ ތަނެއް ކަނޑައެޅިއެވެ. ދެވަނަ ދުވަސް ދަތުރުގެ ދިޔައީ މިކަހަލަ ގޮތަކަށެވެ. ދެން އޮތީ މާދަމައަށް އިންތިޒާރުކުރުމެވެ. އެންމެ ރީތި ހެދުންމެއް ފަހާނީ އަޅެ މާދަން ކާކު ބާއެވެ؟
ނުނިމޭ
( ކިޔުންތެރިންގެ ސަމާލުކަމަށް)
السلام عليكم ورحمة الله وبركاته
މިބައިގައި އައްޑޫ ފޮވައްމަލު ހިސާބުގެ ދިވެހި ޚާއްސަ ކެއުންތަކުގެ ނަންތައް ބޭނުކުރެވިފައި ހުންނާނެއެވެ. މިވަގުތު ވާހަކައިގެ ބައިވެރިން އައްޑޫގައި އުޅޭތީއާއެކުވެސްމެއެވެ. އައްޑޫ ބަހުން ބައެއް ޑައިލޮގުތައް އައުމަކީ އެކަށޭނަ ކަމެކެވެ.
ބައެއް ކިޔުންތެރިން ނޭގިދާނެއެވެ. އެހެންކަމުން ބުނެލާދޭނަމެވެ.
ކިރިގަރުދިޔަ މިއީ ކިރުގަރުދިޔައެވެ.
ގަރަދަފެން އެއީ ރިހާކުރުދިޔައެވެ.
ހިތި އެއީ ބަބުކޭލުގައި ހަދާފަ ހުންނައި އެއްޗެކެވެ.
ހެދި މަހަޔާއި ދޮންކެޔޮ އެއީ މަސްބޮޑިއާއި ދޮންކޭލެވެ.
ތެލެ ގަރެދަ އަކީ ތެލުލި ރިހާކުރެވެ.
ހެދެމަހަކީ މަސްބުރި ރިހައެވެ.
🥰❤️🫶🥀😊
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





