ހިތުގެ ރިހުން (41)
ޔާސިން ޔަޝްފާގެ އަތުގައި ހިފާލުމަށްފަހު ޔަޝްފާގެ ދެލޮލަށް ބަލާލިއެވެ.
“އާރ ޔޫ އޯކޭ؟” ޔާސިން ފުރަތަމަވެސް އަހާލީ ޔަޝްފާ ކިހިނެއްތޯއެވެ. އޭނާ މަރާ ހަގުރާމަ ކުރި ހަދާނެއްވެސް ނެތް ކަހަލަ އެވެ.
“އަހަރެން ރަގަޅުތޯތަ އަދިވެސް ބަލަނީ.. ޔާސިން ރަގަޅުތަ؟ ބޮލުގަ ރިއްސާތަ؟ ” ޔަޝްފާ ޔާސިން ބޮލުގައި ފިރުމާލަމުން އަހާލިއެވެ.
“ހޫމްމް.. ވަރަށް ރަގަޅު.. ރޭގަވެސް އެކަން އިނގޭނުން…” ޔަޝްފާ ރޭގަވީ ކަންތަކާ ދޭތެރޭ ދެކޭގޮތް ބަލަން ޔާސިން ބޭނުންވިއެވެ.
“ރޭގަ ކިހިނެއްވީ؟ އަހަންނަށް ރޭގަ ޔާސިން ހޭ އެރިކަން އިގުނީވެސް ދެންމެ…” ޔަޝްފާ މިހެން ބުނުމުން ޔާސިން ހާސްވިއެވެ. އަނެއްކާ ރޭގައި އޭނާ ކައިރީ ހުރީ ކާކުބާއެވެ. ނޫރާ ބާއެވެ. ނޫރާ ކަމުގައިވާނަމަ ހުޝާމަށް މިދެވުނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ. އޭނާވެސް ހަމަ ބުއްދީގައި ހުރެ އެފަދަ ކަމެއް ނުކުރާނެއެވެ.
“ދެން ރޭގަ އަހަރެން ކައިރި ހުރީ ކާކު؟ ނޫރާތަ؟” ޔަޝްފާ ހުރީ ހަމަ ހައިރާންވެފައެވެ. ޔާސިން ރޭގައި ހޭ އެރިނަމަ މިންހާ ހުރިކަން ނޭގި ނުދާނެއެވެ.
“ޔާސިން އަންހެނުން… މިންހާ… ހުމްމް އެކްސް ދޯ..” ޔަޝްފާ ތުން ދަމާލަމުން ބުނެލިއެވެ.
“ވަޓް ދަ ހެލް.. މިންހާއޭ.. ޔާރައްބީ” ޔާސިން އަށް މިކުރެވުނު ކަންތައް މޮޔަ ހިތަށް އެރިއެވެ. އަމިއްލަ ކޮލުގައި ދެ ފަހަރަކު ޖަހާލީ ހަމަ ގަބޫލު ނުކުރެވިގެންނެވެ.
“ކިހިނެއްވީ؟” ޔާސިންގެ ރިއެކްޝަން ފެނިފައި ޔަޝްފާ އަހާލިއެވެ.
” ނުން.. އަހަރެން އޭނަ ދެކެންވެސް ބޭނުން ނުވާތީ” ޔާސިން އަށް ބުނާކަށް ނުކެރުނެވެ. ޔަޝްފާ ގާތު އެވާހަކަ ބުނެފިނަމަ އޭނާ ދޭތެރޭ ދެކޭ ގޮތް ތަފާތުވާނެއެވެ. އަނެއްކޮޅުން ހޮސްޕިޓަލުން ދޫކޮށްލާ ގޮތަށް ކައިވެނި ރުޖޫއަ ކުރަން ދުއްގައިގަންނަން މި ޖެހުނީއެވެ.
*****
އައިޝާ ބަދިގެ ތެރޭ ތެލިތައް ތަޅުވާ އަޑަށް ނޫރާއަށް ހޭލެވުނެވެ. އޭރު ގަޑިން 11 ޖަހަނީއެވެ. ފުންމައިން އެދުން ތެދުވެ އަވަހަށް ފާހާނަ ކޮށްލައިން ބޭރަށް ނިކުތެވެ. ބަޑުހައިވެފައި ހުރުމުން ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ.
“ދަރިފުޅާ އިށީދޭ ސައިބޯން.. ކާކަށްތަ ހުޝާމް ރޭގަ ލޭ ހޯދީ؟” އައިޝާ ތަށްޓެއް ނަގާ މޭޒުމަތީ ބަހައްޓާލަމުން އަހާލިއެވެ.
“ޔާސިންއަށް..” ނޫރާ މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ. އައިޝާ އަށް ނޫރާ އެއްވެސް ވަރަކަށް ޔާސިން ވާހަކަ ދައްކަން ބޭނުން ނުވާކަން އެގެއެވެ. އެހެން ކަމުން އިތުރަށް އެއްޗެއް ނުބުނެއެވެ.
“ދެން ކޮން އިރަކު ހުޝާމް މިގެޔަށް ގެންނާނީ… މަންމަ އަށް ރަސްމީކޮށް ޖެހޭނުން އިންޓްރޮޑިއުސްކޮށްދެން…” އައިޝާ ނޫރާ ގައިގާ ކޮއްޓާލަމުން ބުނެލިއެވެ.
“ހޫމް… ތިއެއް ނޫނޭ މަންމާ.. އަހަންނަށް ހީވަނީ ހުޝާމް ވަރަށް އަވަހަށް އަހަންނާ އިންނަން އަހާނެހެން…” ނޫރާ މިބުނި އެއްޗަކުން އައިޝާ އުފަލުން ނުރޮވުނީ ކިރިޔާއެވެ. އޭނާ އަބަދުވެސް ކުރާ ދުއައެއް ވެއެވެ. އޭނާ ދުނިޔޭގައި ހުއްޓާ ނޫރާ މީހަކާ އިދެ އަދި މާމަ ދަރިން ބެލުމުގެ ނަސީބު ދެއްވާތޯއެވެ.
“ކޮންއިރަކު އިންނަނީ… މަންމަގެ ހުވަފެނެއް ތީ؟” އައިޝާ ނޫރާގައިގާ ބައްދާލަމުން އަހާލިއެވެ.
“އަދި ނޭގެ ދުވަހެއް ބުނާކަށް…އަދި ހުޝާމް އަހަންނަށް ޕްރޮޕޯސްވެސް ނުކުރޭ.. އަނެއްކޮޅުން ބައްޕަ..” ނޫރާ ފުންނޭވާއެއްލިއެވެ.
“ބައްޕަ އާ ދޭތެރޭ ނުވިސްނާ.. މަންމަ އެބައި ހަމަ ޖައްސާނަން…” އައިޝާ ވަރަށް ކޮމްފިޑެންސާ އެކު ބުނެލިއެވެ.
*****
މިންހާ ގެޔަށް އައިސްވަދެ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަދި އެދުމައްޗަށް ވެއްޓިގަނެ މޫނުގައި އަތްއަޅާލުމަށްފަހު ރޯން ފެށިއެވެ. އޭނާ އަށް ކުރެވެމުން ދިޔަ އިހުސާސްތައް ކިޔާދެންވެސް ނޭގެއެވެ. ޔާސިން އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތްތަށް ހިތަށް އަރާ ކޮންމެ ފަހަރަކު ގިސްލެވެއެވެ. ޔާސިން އާ އެކު ރޭގައި އެވި ކަމުގެ ސަބަބުން މިންހާގެ މުޅި ސިކުޑި އޮޅުންބޮޅުން އަރުވާލައިފިއެވެ. އާދަމް ފަރާތުންވެސް ނުލިބުނު ހިތްހަމަ ޖެހުމާ އުފާ ޔާސިން ފަރާތުން އޭނާ އަށް ލިބިއްޖެއެވެ. ފާއިތުވެދިޔަ 6 އަހަރު ވަރު މިދިޔައީ ޔާސިންގެ ހަލާލް އަބިމީހާ އިރު އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވައެވެ. މިންހާވެސް އެކަމަށް އެއްވެސް ފުރުސަތެއް ނުދެއެވެ.
“ދެންކިހިނެއް ހަދާނީ… އަހަރެން ޔާސިން ގާތު ބުނަންވީތަ… ހަމަ ގައިމުވެސް ކައިވެނި މިއޮތީ ރުޖޫއަވެފަ… އަހަރެން އެކަނި ކޯޓަށް ގޮސްގެންވެސް މިކަމެއް ކޮޅަކު ނުޖެހޭނެ.. އަޅޭ… ދެން ނޭގެ..” މިންހާ ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ. ޔާސިން ގާތު ބުނަން އޭނާ އަކަށް ލާހިކަ ކުޅަދާނައެއް ނޫނެވެ. މިންހާ ސިއްސައިން ދިޔައީ މީހަކު އައިސް ދޮރުގައި ޖެހުމުންނެވެ. ދެލޯ ފޮހެލުމަށްފަހު ފުން ނޭވާއެއް ދޭކޮށްލާ ކަރު ކަހާލިއެވެ. އަދި ގޮސް ދޮރުހުޅިވާލިއެވެ. އޭރު ކުޑަ ކުޑަ ނައިރާ ދޮރު މަތީގައި ރޮވިފައި ހުއްޓެވެ.
” ދަރިފުޅު ކިހިނެއްވީ؟” ނައިރާ ގައިގާ ބައްދާ ލަމުން މިންހާ އަހާލިއެވެ.
“ބައްޕި ކައިރިއަށް ދާން… ބައްޕީ” ނައިރާ ރޮމުން ޔާސިން އަށް ގޮވަމުންދިޔައެވެ. މިންހާ އަށް ވެސް ބުނާނެ އެއްޗެއް އިތުރަކަށް ނޭގެއެވެ. ޔާސިން ވީ އޮފީސް ދަތުރަކު ގޮހޭ ކިޔައިން އުޅޭތާ ދޮޅުމަސް ވަނިއްޔެވެ. ނައިރާ މަސަލަސް ކުރެވޭތޯ އުރާލައިން އެތެރެއަށް މިންހާ ވަނެވެ.
*****
“ހަލޯ ކީކޭ ޔާސިން…” ހުޝާމް ސައިކަލު އެއްފަރާތަކަށް މަޑުކޮށްލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ.
“އާދެވިދާނެތަ.. ވަރަށް ބޮޑު ވާހަކަ އެއް ދައްކަން..” ޔާސިން ބުނެލިއެވެ.
“ތިކޮޅަށް މިދަނީވެސް.. އަހަރެންވެސް އެބައޮތް ވަރަށް ބޮޑު ކަމެއް ޑިސްކަސް ކޮށްލަން ވެފަ..” ހުޝާމް ބުނެލިއެވެ. ފަސްވަރަކަށް މިނިޓް ތެރޭ އެބަ ދަމޭ ބުނެ ހުޝާމް ފޯނު ބޭއްވިއެވެ.
“ކޮންވާހަކަ އެއް ބުނަން.. އަހަރެން ހުއްޓާ ނުބުނެވޭ ވަރު ވާހަކަ އެއްތަ؟” ޔަޝްފާ އަހާލިއެވެ.
“އެއީ ފެމިލީ އިޝޫއެއް… ކޮބާ ޔަޝްފާ ފިރިމީހާ” ޔާސިން އަހާލިއެވެ. އޭރު ޔާސިން އަކަށް އަރީޝް ޕޮލިހަށް ގެންދިޔަކަމެއް ނޭގެއެވެ.
“ޕޮލިހުން ގެންގޮއްސި..އެންޑް އައި ހޭވް ފައިލްޑް ފޯ އަ ޑިވޯސް..” ޔަޝްފާ ބުނެލިއެވެ. ލައްކަ ދުވަހު އަރީޝްގެ ފުރައްސާރަ އާ އަނިޔާ ތަކަށް ކެއްކޮށްގެން އުޅެވިއްޖެއެވެ. ނަސީބަކުން ދަރިއަކު ނުލިބެނީސް މިކަމުން ސަލާމަތް ވެވިއްޖެއެވެ.
“ވެލް ގުޑް.. އަހަރެން ހަމަ ހައިރާންވޭ ޔަޝްފާ ކަހަލަ ކިޔަވައިން ހުރި މީހަކު އަރީޝްއާ އިދެގެން އުޅުނުކަން..” ޔަޝްފާއަށް ހީވީ ޔާސިން އޭނާގެ ފާރުގަނޑުގައި ޖެހިހެނެވެ.
“ކޮންމެ ފިރިހެނަކުވެސް ރައްޓެހިވެގެން އުޅޭ އިރު އުޑުން ތަރިވެސް ބާލަދޭނެ…އެ ދަޅައިގަ އަހަރެމެން ކަހަލަ މޮޔަ ކުދިން ޖެހެނީ… ޔާސިން ވެސް މިހާރު އަހަންނަށް ރަގަޅަސް ފަހުން ވާނެ އެއްޗެއް ނޭގޭނެ.. ކިތަންމެ ލޯބިން އަހަރު ތަކެއް ރައްޓެހިވެގެން އުޅެފަ އިދެފަ 2 މަސް ނުވަނީސް ވަރިވާ މީހުން ގިނަ ޒަމާންމީ” ޔަޝްފާއަށް އެއްގޮތަކަށްވެސް ޔާސިން އެދެކޭ ގޮތް ކަމަކު ނުދިޔައެވެ.
“ކާކު ބުނީ އަހަރެން ޔަޝްފާއާ ރައްޓެހިވާނޭ…” ޔާސިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. މި ބަސްތައް ޔަޝްފާއަށް އިވެމުން ދިޔައީ މަލާމާތް ފަދައިންނެވެ. އިތުރަށް އެތާ މަޑުނުކޮށް ނިކުންނަން ދުއްވައިގަތެވެ.
ޔާސިރު ކުރިމައްޗަށް ޖެހުނު ޔަޝްފާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ގަނެފައި ހުރި ލަދުން ޔަޝްފާ ޔާސިރު ކައިރިން ދެމިގަންނަމުން މާދުރަށް ހިގައްޖެއެވެ.
“ކީކޭތަ ދަރިފުޅުކީ.. އެމަންޖެ ރޮމުން އެދިޔައީ” ޔާސިރު އަހާލިއެވެ.
“ރޮމުންތަ ދިޔައީ؟ އަހަރެން ބުނަން އުޅުނީ އަހަރެން ޔަޝްފާއާ ރައްޓެއްސެއް ނުވާނަމޭ… ސީދާ އިންނާނީއޭ…އެކަމް އެހެން ބުނުމުގެ ކުރިން އެދިޔައީ.. އަހަރެން ކީއްކުރާނީ ބައްޕާ..” ޔާސިން ބުނެލިއެވެ.
“ޔާސިން ކާކާ އިންނަނީ؟” އެތެރެއަށް ވަދެގެން އައި ހުޝާމް އަހާލިއެވެ.
“އަހަރެން އަދި ނޫޅެން އިންނަން އެކަމް ވަރަށް އަވަހަށް އިންނާނަން..” ޔާސިން ބުމަ ހިއްލާލަމުން ބުނެލިއެވެ.
“ހަހަ.. މާ ރަގަޅަކަށް ނުން މިދިމާވީ.. އަހަރެން ވެސް މިއުޅެނީ ނޫރާ އާ އިންނަން…” ހުޝާމް ބުނެލިއެވެ.
“ނޫރާ އާއޭ؟” ޔާސިންއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ޔާސިންގެ ހިތިގައި އެޅި ވޭނެއް ބުނަންވެސް ނޭގުނެވެ. ނޫރާ ދޫވެދާކަން އޭރުވެސް އިހުސާސް ކުރެވުނެވެ. ހުޝާމް މި ބުނި އެއްޗަކުން އަސްލަށްވެސް ދެން ނޫރާ ބީވެ ދިޔައީއެވެ.
ޔާސިރު ބަލާލީ ޔާސިން އަށެވެ. ޔާސިރުއަށް ވަރަށް ރަގަޅަށް ޔާސިން އާ ނޫރާގެ ވާހަކަ އިނގެއެވެ. އޭނާގެ ހިތުގައި ޔާސިން އަށް ހަމްދަރުދީ އުފެދެންފެށިއެވެ. ދެންވެސް ހުރީ ހަމަ އޭނާގެ ދަރިއެކެވެ. އެއް ދަރިފުޅުގެ އުފަލަކަށް އަނެއް ދަރިފުޅަށްޓަކައި ފިޔަވަޅެއް އަޅަން އޭނާ ބޭނުމެއް ނޫނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Oh goddd.. What will happen next.. So curious.. When Next episode????.. Lyy🖤🖤
Can’t wait for next part