ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 36
ރީމް އަށް އެތަނަށް ދެވުނު އިރު ފަތިސް ވަނީއެވެ. ހައިރާންކަން ވެރިވީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުންނެވެ. ކާރު އޮތް ހާލަތު ފެނި ރީމްގެ ހިތަށް ބިރުވެރި އަސަރުތަކެއް ކުރުވިއެވެ. ވަކި ހިސާބަކުން އެތެރެއަށް ނުވަދެވޭގޮތަށް ސީން ވަނީ ބަންދުކުރެވިފައެވެ.
ރީމް ވިސްނާލުމަށްފަހު ގޮސް އެތަނުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރަކާ ވާހަކަ ދެއްކިއެވެ.
“ފެނިފައިވާ ފިރިހިނެއްގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ފޮނުވާލައިފިން. އިތުރު މީހެއް ފެނޭތޯ ހޯދަމުން މިދަނީ!” ރީމްއަކީ އެކްސިޑެންޓްވީ މީހާއާ ގުޅުމެއްހުރި މީހެއްކަމުގައި ބުނުމުން އޮފިސަރުން މަޢުލޫމާތު ދިނެވެ. ހޮސްޕިޓަލަށް ގެންދެވުނީ އީމަންކަމާއި މިހާރު ފުލުހުން އެކުރާ މަސއްކަތުން ޔާނާވެސް ފެނިދާނެކަން އެނގުމުން ރީމްގެ ހިތް ބާރަށް ތެޅިގަތެވެ.
“އިތުރު މީހެއް ދެން ނުފެންނާނެ. ކާރުން ދިޔައީ މާން އެކަނި!” ރީމް ތެޅިގަތުމާއެކީ އަވަސްއަވަހަށް ބުނެލިއެވެ.
“ބަހުން ދަތުރުކުރީ ކިތަށް މީހުންކަމެއްވެސް ނޭނގޭ. އެހެންވީމަ އަހަރުމެން ސާރޗްކުރަން ޖެހޭނެ.”
އޮފިސަރުގެ ވާހަކަ އަޑުއިވުމުން ރީމްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ޔާނާ އަލުން އީމަންގެ ދިރިއުޅުމަށް އަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހިތަށް އެރިއެވެ. ޔާނާ ފެނިއްޖެނަމަ އީމަންއާ ކައިރިއަށް އެޅުނު ފިޔަވަޅުވެސް ފަހަތަށް އަޅަން މަޖުބޫރުވާނެއެވެ. ލިބިފައިވާ ރަނުގެ ފުރުސަތު ވެއްޔަށްވެގެން ދާކަށް ބޭނުމެއްނޫނެވެ. ރީމް ބޭނުންވީ މަޑުކުރާށެވެ. އެމީހުންނަށް ޔާނާ ހޯދެންދެނެވެ. ހޯދިއްޖެނަމަ ދެން ކުރަންވީ ކަންތައްވެސް ހިތުން ނިންމިއެވެ. ކޮންމެފަދަ ކަމެއް ކޮށްގެންވެސް ދެން ޔާނާ އީމަންއަށް ފެންނާކަށް ބޭނުމެއް ނޫނެވެ.
“ފެނިއްޖެ!” ފުލުހަކު ގޮވާލި އަޑު އިވުމާއެކު ރީމްގެ ހިތް ބާރަށް ތެޅިގަތެވެ. އެދިމާއަށް ބަލައިލެވުމާއެކު ކަރުވެސް ދިގުކޮށްލެވުނެވެ. އަނދައިފައިވާ ހަށިގަނޑެއް އުފުލާލައިގެން ދެ ފުލުހަކު އައިސް އައިސް ތިއްބެވެ. ރީމް އެދިމާއަށް ހިނގައިގަތެވެ. ނަމަވެސް ފުލުސް އޮފިސަރު އޭނާ ހުއްޓުވިއެވެ. ރީމް އެއީ ކާކުތޯ ބަލާލަން ބޭނުން ކަމަށް ބުނުމުން ރީމް ކުރިމަތިލާންޖެހުނީ އިތުރު ސުވާލު ތަކަކާއެވެ.
“އެކަމަކު ބުނީމެއްނު ދެން ކާރުގަ އިތުރު މީހެއް ނެތޭ. ދެން؟” އޮފިސަރުގެ ސުވާލަށް ރީމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އަހަރެންގެ ފިރިމީހާއަށް މިވަރުގެ ބޮޑު އަނިޔާއެއް ދިނީ ކާކުތޯ ބަލާލަން އަހަރެންވެސް ބޭނުން ވާނެއެއްނު.” ރީމް އަމިއްލަ ނަފްސު ދިފާޢުކޮށްލިއެވެ.
“ތިއީ ވަރަށް ހައިރާންކުރުވަނިވި ވާހަކައެއް. ފިރިމީހާ ހޮސްޕިޓަލަށް ގެންދިޔަތަން ކިތަންމެ އިރެއް. އެކަމަކު ފިރިމީހާއަށްވުރެ ކުށްވެރިޔާ މާމުހިންމު؟” ރީމް ހީކުރި ވަރަށް ވުރެ ފުލުސް މީހާ މާ ހުޝިޔާރެވެ. އެހެންކަމުން އިތުރު ވާހަކައެއް ނުދައްކާ ކާރާ ދިމާއަށް ހިނގައިގަތެވެ.
ފުލުހުން ގެނައީ ފިރިހެނެއްގެ ހަށިގަނޑުކަމާއި އެއީ ޔާނާ ނޫންކަން އެނގުމުން ރީމް ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް ފުލުހުން އެތަނުން ނުދާހާ ހިނދަކު ރީމްއަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. އެހެންކަމުން ދުރުގައި ބަލަން މަޑުކޮށްލިއެވެ. ދެތިން ގަޑިއިރުގެ މަސައްކަތަކަށްފަހު ފުލުހުން އެތަނުން ދިޔައިރު އިތުރު މީހެއް ހޯދިފައެއް ނުވެއެވެ. ރީމް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ކުރިއަށް ދުއްވާލިއެވެ.
“ނައު އިޓްސް ޖަސްޓް މީ އެން މާން! ވެލްޑަން ރީމް. ވެލްޑަން.” އަމިއްލަ ނަފްސަށް ތަޢުރީފުގެ ބަސްތައް ވެދުން ކުރަމުން ކާރުގެ ދުވެލި ބާރުކޮށްލިއެވެ.
ޖާހަތު އާއި އާއިޒުގެ އިތުރުން ގޭގެ އެންމެން ތިބީ މޭޒުކައިރީގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރާށެވެ. ހޮނިހިރު ދުވަސް ކަމަށްވެފައި ޗުއްޓީ ދުވަހަކަށްވުމުން ޝަކީބު އެދުނީ އެންމެން ހަވީރު ހުޅުމާލެއަށް ދިޔުމަށެވެ. އެންމެން އެއްބަސްވިއެވެ. ނަމަވެސް ޖާހަތުގެ މޫނު މަތިން ނުތަނަވަސްކަން ފެންނަ ހެން ހީވުމުން ސައުދިއްޔާ ސުވާލު ކޮށްލި އެވެ.
ޖާހަތު ސިއްރުކުރަން އުޅެފައިވެސް ސައުދިއްޔާ ހިތްހަމަ ނުޖެހިދާނެތީ ހަޤީޤަތް ހާމަ ކުރިއެވެ.
“ޔާނު މަތިން މާ ބޮޑަށް ހަނދާންވަނީ.” ޖާހަތު ބުނެލިއެވެ. އަދި ރޭގަ ފެނުނު ހުވަފެންވެސް ކިޔައިދިނެވެ.
“އެއީ އެވަރު ކަމެއް ނޫން. އެހެން ނޫނަސް ހުވަފެނަކީ ބިލާހެއް. ދަރިފުޅު ހިތްހަމަ ނުޖެހެންޏާ ޔާނާއާ ގުޅާލަންވީނު. އެނގޭތަ ނަމްބަރު؟” ސައުދިއްޔާ ޖާހަތު ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ. ޖާހަތު ބޯ ޖަހާލިއެވެ. “ނަމްބަރު އެނގޭ. އެކަމަކު އެފޯނަށް ނުގުޅެ. ދެތިން ފަހަރަށް ދެންމެވެސް ގުޅަން އުޅެފިން.” ޖާހަތު ބުނެލިއެވެ.
ސައުދިއްޔާ އިތުރު އެއްޗެކޭ ނުބުނެ ތެދުވިއެވެ. އެންމެން ހައިރާންވިއެވެ. ސައުދިއްޔާ ތެދުވެގެން ދިޔައީ ކީއްވެ ބާއޭ ހިތަށް އެރިއެވެ. އެންމެންގެ ހިތުގައި ސުވާލު އުފެދިފައި ހުއްޓާ ސައުދިއްޔާ ކޮޓަރިން ނިކުމެގެން އައިސް ޖާހަތުއަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ސައުދިއްޔާއަށް ބަލައިލަމުން ޖާހަތު ސިޓީއުރައިގައި ހިފިއެވެ. އަދި ބޭއިޚްތިޔާރުގައި އާއިޒުއަށް ބަލައިލެވުނެވެ. އާއިޒުވެސް އިނީ ހައިރާންކަމާއެކީގައި ސިޓީއުރައަށް ބަލާށެވެ.
ޖާހަތު ސިޓީއުރަ ހުޅުވާލިއެވެ. އޭގައި އޮތީ މެލޭޝިޔާގެ ދެކޮޅު ޓިކެޓެވެ. އާއިޒުވެސް އެއަށް ބަލައިލި އެވެ.
“ތިއީ ހަމަ ޔަޤީނުންވެސް ދަރިފުޅަށް ޔާނާއާ ބައްދަލުކޮށްލެވޭނެ ގޮތެއް!” ސައުދިއްޔާ ބުނެލިއެވެ.
“ކިހިނެތް މަންމައަށް އެނގުނީ ޔާނާ ދިޔައީ މެލޭޝިޔާއަށް ކަމެއް؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ސާބަސް ދަރިފުޅަށް. ދަރިފުޅެއްނު މަންމަ ކައިރީގައި ބުނީ. އެއްކަލަ ދުވަހު ކާރު ތެރޭގައި ތިބެ. އެދުވަހު ދަރިފުޅު ޔާނާއާ ވަކިވާން ޖެހުމުން ދެރަވެގެން އުޅުނުތަން ފެނުމުން މަންމަ ހިތަށް އެރީ ދެކުދިން ހަނީމޫނަށް ފޮނުވާނީ މެލޭޝިޔާއަށޭ. އެކޮޅުގައި މިހާރު މަންމަމެންގެ އަމިއްލަ ގެއެއް ހުންނާނެ. އާއިޒު ކައިވެންޏަށް ކައިރިވެފައި ހުއްޓާ އެފަހަރު އައީ މެލޭޝިޔާއިންނޭ. އެ ބިޒްނަސް ދަތުރުގަ ގެއެއް ގަތީވެސް.” ސައުދިއްޔާ އޮޅުން ފިލުވައި ދިނެވެ.
ޖާހަތު ބަލައިލީ އާއިޒު އަށެވެ. އެވަގުތު އާއިޒަށްވެސް ޖާހަތުއަށް ބަލައިލެވުނެވެ. ދެމީހުންގެ މެދުގައި އެތަށް ވާހަކަތަކެއް ބަދަލުކުރެވިގެން ދިޔަ ފަދައެވެ.
“ކިހިނެތްވީ؟ ދަރިފުޅުމެން ދާން ބޭނުމެއް ނޫންތަ؟” ދެމީހުންގެ ފަރާތުން ޖަވާބެއް ނުލިބުމުން ސައުދިއްޔާ ސުވާލުކޮށްލިއެވެ.
“މަންމާ!” އާއިޒު ތެދުވަމުން ވާހަކަ ދެއްކިއެވެ. “އެހެނެއް ނޫނޭވީ. އަދި ކުއްލިއަކަށް ވަކި ތާރީހެއް ނިންމަން އުނދަގޫވާނެއްނު. އެންމެ ފުރަތަމަ ބޭނުމީ މަންމަ ރަނގަޅުކުރަން. އެއަށްފަހު އަހަރުމެން ދެމީހުން އެއްވެސް ތަނަކަށް ދާނީ. ދޯ ޖާހަތު؟” އާއިޒު ޖާހަތުއަށް ބަލައިލަމުން ބުނެލިއެވެ. ޖާހަތު ޖަވާބުގައި ބޯ ޖަހައިލިއެވެ. ސައުދިއްޔާގެ މޫނުމަތިން ސިއްރުވެރި އުފާވެރިކަމެއް ފެނިގެންދިޔައެވެ. އާއިޒުއާ ޖާހަތުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުންދާ ކަމުގެ ފެހި ސިގްނަލެއް ލިބުމުންނެވެ. ސައުދިއްޔާ ޝަކީބަށް ބަލައިލި ހިނދު ޝަކީބުގެ މޫނުމަތިންވެސް އެ ހަމަޖެހުން ފެނިގެން ދިޔައެވެ.
އީމަން އޮތީ އައިސީޔޫގައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ. ރީމް އާއި ޝަކީލާ ތިބީ ބޭރުގައެވެ.
“މަންމާ! މާން ރަނގަޅުވާނެތަ؟” ކަންބޮޑުވެފައި ހުރެ ޝަކީލާގެ ކައިރިން ރީމް ސުވާލު ކޮށްލި އެވެ.
“ކެތްތެރިވޭ ދަރިފުޅާ! އީމަން ރަނގަޅުވާނެ އިރާދަ ކުރެއްވިއްޔާ!” ޝަކީލާ ރީމްއަށް ހިތްވަރުދެމުން ބުނެލިއެވެ. އެހިނދު އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލާނަމޭ ހިތް ބުނެލިއެވެ.
“ދަރިފުޅު. މަންމަ ވާހަކައެއް އަހަންތަ؟” ޝަކީލާ ސުވާލު ކޮށްލި އެވެ. ރީމް މަޑުމަޑުން ހޫމް އެ ބުނެލިއެވެ.
“ކޮބާ ޔާނާ؟” ޝަކީލާގެ ސުވާލަށް ރީމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ދޭނީ ކޮން ޖަވާބެއް ބާއޭ ހިތް ސުވާލުކޮށްލިއެވެ. އާގަންނަ ގޮތްވުމުން އެހެން ދިމާއަކަށް ބަލައިލިއެވެ. ޝަކީލާ ސުވާލު ތަކުރާރުކޮށްލިއެވެ.
“ޔާނާ އަށް ވީ ގޮތެއް ނޭނގޭ. ހޯދާ ހޯދާ ނުފެނުނު.” ރީމް ހަމަޖެހިލަމުން ބުނެލިއެވެ. އަދި ޝަކީލާގެ މޫނަށް ބަލައިލިއެވެ. ޝަކީލާ އަދިވެސް ހުރީ ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެންނެވެ.
“މަންމަ ކީއްވެތަ އޭނައާ މެދު ތިވަރަށް ވިސްނަނީ؟ ކަންތައް ވެފަ މިއޮތީ އެންމެ ރަނގަޅަށް. މާންގެ ދިރިއުޅުމަށް ކުރިން އައީ އަހަރެން. ޔާނާ އަހަރެމެން ދެމީހުންގެ ދެމެދަށް ވަނީ. އެހެންވެ އޭނައެއްނު ދާން ޖެހޭނީ. މަންމަ އުފާކޮށްބަލަ. މަންމަގެ ދަރިފުޅުގެ ދިރިއުޅުން އުޖާލާ ވުމަށް މަގު ފަހިވެފަ މިވަނީ. ދެން އަހަރެން އެއްވެސް ހިތާމައެއް ކުރާކަށް ނުޖެހޭނެ.” ރީމް އުފާވެރި ކަމާއެކީ ވާހަކަ ދައްކަމުން ދިޔައެވެ.
ޝަކީލާގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. ނަމަވެސް ރީމްގެ ހިނިތުންވުން ފަނޑުކޮށްލަން ބޭނުން ނުވުމުން އިތުރު ސުވާލެއް ކުރަން ގަސްތެއް ނުކުރިއެވެ.
އެތަށް ގަޑިއިރުތަކެއްގެ ފަރުވާތަކަކަށްފަހު ޑޮކްޓަރު އައިސީޔޫއިން ބޭރަށް ނިކުތެވެ. ރީމް އީމަންއާ ބެހޭ މަޢުލޫމާތު އޮޅުންފިލުވަމުން ދިޔަ މަންޒަރު ބަލަން ދުރުގައި ޝަކީލާ މަޑުކޮށްލައިގެން އިނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ތަފާތު އެއްޗެހި ހިތަށް ވަދެ ހިތް ބިރުގަންނަނީ އެވެ. ޔާނާ ކޮބައި ހެއްޔެވެ؟ މިއެކްސިޑެންޓްވީ ކީއްވެ ހެއްޔެވެ؟ އީމަން ރީމް ބަލައިގަންނާނެ ހެއްޔެވެ؟ މިއެކްސިޑެންޓްގެ ފަހަތުގައި ވަނީ ރީމް ހެއްޔެވެ؟ ޝަކީލާ ސުވާލުތަކުގެ ދުނިޔެއަކަށް ގެއްލިފައި ހުއްޓާ ރީމް އައިސް ކޮނޑުގައި ހިފައިލުމުން ސިހޭ ގޮތްވިއެވެ.
“މަންމަ ކޮން ފިކުރެއްގައިތަ؟” ރީމް ސުވާލުކޮށްލިއެވެ.
“ދަރިފުޅަށް ހީވޭތަ ހުރިހާ ކަމެއް ދެން މި ހަމަޖެހުނީއޭ؟ ޔާނާ އައިސްފިނަމަ އަނެއްކާވެސް ދަރިފުޅު ޖެހޭނީ އެއްފަރާތުގައި ހުންނަން. އަދި އެހެންނޫނަސް ކިހިނެތް އެނގެނީ އީމަން ދަރިފުޅު ގަބޫލުކުރާނެކަން. އޭނަ ޔާނާ ދެކެ އެވަރަށް ލޯބިވާއިރު…..”
“އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު ދެން ޔާނާ އީމަންގެ ހިޔަނި އެޅޭ ހިސާބަށްވެސް ކައިރި ވިޔަކަ ނުދޭނަން. އެހެންނޫނަސް އޭނާ ދިރިހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. ދެން އޮތީ އީމަން އަހަރެން ޤަބޫލު ކުރާނެ ކަމާމެދު އުފެދޭ ސުވާލު. ލޯތްބާއި ހިތާމަޔާއި ރުޅި އާއި ނަފްރަތުގެ ހަމައެއްކަނި ހައްލަކީ ވަގުތު. ވަގުތު ހުރިހާ ކަމެއް ހައްލުކޮށްލާނެ. މާންގެ ހިތުގައި އަހަރެންނަށްޓަކައި ލޯބި އުފެދޭނެ. އެކަން އަހަރެން ކުރާނަން.” ޝަކީލާގެ ވާހަކަ ތައް މެދުކަނޑައިލަމުން ރީމް ދެއްކިވާހަކަތަކަކީ އުންމީދާއި އަޒުމުން ފުރިގެންވާ ވާހަކަ ތަކެކެވެ. ރީމްގެ ދުނިޔެއަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށްޓަކައި ކުރަމުން އެދާ މަސައްކަތުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެކަން ޝަކީލާއަށް ހާމަވެގެން ދިޔައެވެ.
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ޖާހަތު އިނީ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އިށީނދެލައިގެންނެވެ. އުނގުމަތީގައި ހުރި ތަބަކުގައި ތިބި ކަނަމަދު ތައް ކުދިކުދިކޮށް ކޮށަމުން ދިޔަތަން ބަލަން އާއިޒު ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. ދުރުގައި ހުރެގެން ޖާހަތުގެ ކޮންމެ ހަރަކާތެއްވެސް އެސްފިޔަވެސް ޖަހާނުމެލާ ބަލަމުން ދިޔައިރު އާއިޒުގެ މޫނުމަތިން ތަފާތު އަސަރުތަކެއް ފެންނަމުން ދިޔައެވެ.
ބޯ އޮބައިގެން ގިނަ އިރު އިންނަން ވުމުން ކަނދުރާ ސީދާކޮށްލައި މައްޗަށް ނަޒަރު ހިންގާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ސީދާވެގެން ދިޔައެވެ. މޭގަނޑަށް ފިނިވެގެން ދިޔަކަމުގެ އިހުސާސެއް ޖާހަތުއަށް ކުރެވިގެން ދިޔައިރު އާއިޒު ސިހި ދުރު ބަލައިލި އެވެ. ޖާހަތުގެ ހަށިގަނޑަށް ހަމަހިމޭންކަން ވެރިވެގެން ދިޔަފަދައެވެ. ސައުދިއްޔާ ގޮވާލިއަޑު އިވުމާއެކު ގޭތެރެއަށް ވަނެވެ. ވަންނަމުންވެސް ބޭއިޚްތިޔާރުގައި ބެލްކަންޏަށް ބަލައިލެވުނެވެ. އާއިޒު އިނީ އަނެއްފަރާތަށް ބަލައިގެންނެވެ.
ޖާހަތު ގޮސް ބަދިގެއަށް ވަނެވެ. “ކޮށިއްޖެތަ؟” އުނދުން ކައިރީގައި ހުރި ސައުދިއްޔާ އެނބުރި ބަލާލައިފައި ވާހަކަ ދެއްކިއެވެ. ޖާހަތު ސައުދިއްޔާ ކައިރީގައި ތަބު ބެހެއްޓިއެވެ.
“ވަސްދުވާތަ؟” ކަނަމަދުތަށް ތެއްޔަށް އަޅާލަމުން ސައުދިއްޔާ ޖާހަތުއާ ސުވާލުކޮށްލިއެވެ.
“އާނ! މުޅި ގޭތެރެ ވަނީ ސޫޖީ ވަހުން އެއްވަސް ވެފަ.” ޖާހަތު ހިނިތުންވެލަމުން ބުނެލިއެވެ. ސައުދިއްޔާ އުނދުންމަތިން ތެލި ބޭލުމަށްފަހު ތަށްޓަކަށް ސޫޖީއަޅައި ޖާހަތުއަށް ދިއްކޮށްލިއެވެ. “ދަރިފުޅު ގޮސް މިތަށި އާއިޒުއަށް ދީ ބަލަ.”
“އާއިޒު އަށް މީރުތަ ސޫޖީ؟” ޖާހަތު ތަށީގައި ހިފަމުން ސުވާލުކޮށްލިއެވެ.
“ދަރިފުޅު ދިނީމަ މީރުވާނެއްނު!” ސައުދިއްޔާ ބުނެލި ޖުމުލައިން ޖާހަތުއަށް އެއްވެސް އެއްޗެއް ނުވިސްނުނު ނަމަވެސް ތަށި ހިފައިގެން ބޭރަށް ދާން ހިނގައިގަތެވެ.
އާއިޒު އަދިވެސް ހުރީ ބެލްކަނީގައެވެ. މީހެއްގެ ހިލަންވުމުން ބަލައިލި ހިނދު ދާދި ކައިރީގައި ހުރި ޖާހަތު ފެނި ހިތަށް ފިނިކަމެއް ވެރިވެގެން ދިޔައެވެ. ޖާހަތު ސޫޖީ ތަށި ދިއްކޮށްލުމުން އެތަށީގައި ހިފިއެވެ. އިސްޖަހާލައިގެން މޮޅިވެރި ގޮތެއްގައި އާއިޒު ހުރިތަން ފެނި ޖާހަތު ސުވާލު އުފެދުނެވެ. “ކިހިނެތްވީ؟”
ޖާހަތުގެ ސުވާލަށް ޖަވާބެއް ނުލިބުނެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމެއް ވެރިވެފައި ވީ ނަމަވެސް ދެހިތުގައު އުފެދެމުން ދިޔަ ތަފާތު އިހުސާސްތަށް ދެމީހުންނަށްވެސް ނޭނގޭ ފަދައެވެ. އާއިޒުއަށް އައި ކުއްލި ބަދަލުގެ ސަބަބުން ޖާހަތުގެ ހިތަށް ކޮންމެވެސް ކަހަލަ ގޮތްތަކެއް ވެގެން ދާކަން ހަމަ ޔަޤީނެވެ. އަނެއްކޮޅުން އާއިޒުގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވަން އޭނާ އިންތިހާއަށް ބޭނުންވެފައިވެއެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލަން އެންމެ ރަނގަޅު އެކުވެރިއަކީ ޖާހަތު ކަމުގައި އާއިޒުގެ ހިތް ބުނަމުން ދިޔަ ނަމަވެސް ފަސްޖެހެވެނީއެވެ.
“އަހަރެން ވާހަކައެއް ބުނަން ބޭނުން؟” އާއިޒު އިސް ޖަހައިގެން އިނދެ ބުނެލިއެވެ. އާއިޒުގެ ވާހަކައަށް ވުރެ ބޮޑަށް ޖާހަތުގެ ސަމާލުކަން ގެންދިޔައީ އޭނާގެ އަމަލުތަށް ހުރި ގޮތުންނެވެ. އެގޮތަށް އިސް ޖަހައިގެން ހުރެ ވާހަކަ ދެއްކުމުން ޖާހަތު އަށް އުނދަގޫ ވާ ގޮތްވިއެވެ.
ހިތަށް އެތަށް ހާސް އެއްޗެހި އަރަމުން ދިޔައެވެ. އޭނާ ކައިރީ ވާހަކަ ދައްކަން އާއިޒު ހުއްދައަށް އެދޭކަށް ނުޖެހޭނެއެވެ. ކޮންމެފަދަ ގޮތަކަށް ހާލަތު އޮތަސް އާއިޒު އެއީ އޭނާގެ ހަލާލު ފިރިމީހާ އެވެ. ދެމަފިރިންގެ ގޮތުގައި ނޫޅެވުނަސް ދެމީހުންނަށް ދެ ރަށްޓެހިންގެ ގޮތުގައިވެސް އުޅެވިދާނެ ނޫންހެއްޔެވެ؟ ކޮންމެ ގޮތެއްވިނަމަވެސް މިއަދު އާއިޒު އެވަނީ ޖާހަތުގެ އެހީއަށް ބޭނުން ވެފައެވެ. ޖާހަތު ވަނީ އަޅާލާނެ މީހަކަށް ބޭނުންވެފައެވެ.
ހިތަށް އަރަމުން ދިޔަ އެއްޗެހި ބޭރުކުރެވޭނެ ގޮތެއް ނެތުމުން ޖާހަތު ހަނުހުރީއެވެ.
“ވަރަށް މީރު! ހީވަނީ ޖާތު އެހީ ވެދިނީމަ ހެން މިހާ މީރުވީ.” ހުސްތަށި ދިއްކޮށްލައިގެން ހެވިފައި ހުރި އާއިޒަށް ޖާހަތު ބަލައިލީ ހައިރާންކަމާއެކުއެވެ. ކުއްލިއަކަށް މިވީ ކީއްހެއްޔޭ ބުނަމުންނެވެ. އެހިނދު އާއިޒު ލޮލުގެ އިޝާރާތުން ދޮރުކައިރީގައި ހުރި ސައުދިއްޔާ ދައްކާލިއެވެ.
“އެހެންވީމަ މާނައަކީ މަންމަ އެކަނި ސޫޖީ ކެއްކީމަ ނުބައީއޭތަ؟” ޖާހަތު ތަށީގައި ހިފަމުން ހިނިތުންވެލާފައި ބުނެލިއެވެ.
“ނޫނޭ އެހެނެއް ނޫން!” އާއިޒު މަގަށް ބަލައިލަމުން ބުނެލިއެވެ.
“އެކަމަކު އަހަރެންނަށް ވިސްނުނީ އެހެން. އެހެންވީމަ މަންމަ ކައިރީގަ މިބުނަނީ އާއިޒު ބުންޏޭ މަންމަ ސޫޖީ ކެއްކީމަ ނުބައޭ.” ޖާހަތު ލާނެތް ގޮތަކަށް މިހެން ބުނަމުން ފަހަތަށް އެނބުރި ހިނގައިގަތެވެ. އާއިޒު ޖާހަތު ހުއްޓުވަން މަސައްކަތް ކުރަން އުޅޭ ގޮތަށް ހަރަކާތް ބެހެއްޓިއެވެ. ދޮރާ އަރާހަމަވުމުން ޖާހަތު ސައުދިއްޔާއަށް ބަލައިލީ ސިހުން ލިބުނު ކަހަލަ ގޮތަކަށެވެ. ލަދުރަކި ގޮތަކަށް އިސްޖަހައިލި އެވެ. ސައުދިއްޔާ ޖާހަތުގެ އަތު ހިފައިގެން އެތެރެއަށް ދިޔައެވެ. އާއިޒުވެސް ސައުދިއްޔާ އަށް ބަލައިލީ ހައިރާންކަން ދައްކަމުންނެވެ.
“ތެދަށް ބުނެބަލަ؟ ތި ދެކުދިން އެކަކު އަނެކަކާ އެކު ތިއުޅެނި އުފަލުގަތަ؟ އުޅެން ބޭނުންތަ؟” ސައުދިއްޔާ އާއިޒު އަދި ޖާހަތުގެ މޫނަށް ބަލައިލަމުން ކޮށްލި ސުވާލަށް ދެމީހުންވެސް އާނއެކޭ ބުނެލިއެވެ. ސައުދިއްޔާ އުފަލުން ދެކުދިންގެ މޫނުގައިވެސް ފިރުމާލިއެވެ. އަދި އެނބުރި ދޮރާ ދިމާއަށް ހިނގައިގަތެވެ. އާއިޒު އަދި ޖާހަތު އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
ދޮރާއަރާ ހަމަވެފައި ސައުދިއްޔާ އެނބުރިލާފައި ބުނެލިއެވެ. “ދަރިފުޅުމެން އެކީ އުޅެން ބޭނުން ނޫނީއްޔާ މަންމަ ބޭނުމީ ދެކުދިން ވަކިވާން.”
“ނޫން” ދެމީހުންނަށް އެއްކޮށް އެ ލަފްޒު ބުނެލެވުމާއެކު ތިން މީހުންގެ މެދަށް ހަމަ ހިމޭނަކްމެއް ވެރިވެގެން ދިޔައެވެ. ސައުދިއްޔާ ހިނިތުންވެލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ޖާހަތުވެސް އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައެވެ.
ދެމީހުންގެ ހިތުގައިވެސް ތަފާތު ޝުޢޫރުތަކެއް ހިނގަމުން ދާއިރު އެކަން ހާމަ ކުރަން ވަނީ ދަތިވެފައެވެ. އެކަނިވެރިކަމާއި މޮޅިވެރިކަމުން ދެހިތް ފުރި އެކަކު އަނެކަކުގެ އެހީއާއި މަދަދަށް ބޭނުންވެފައިވީ ނަމަވެސް އެކަން ހާމަކުރަން ނުކުޅެދިފައިވާ ކަހަލައެވެ.
(ނުނިމޭ)
6 Comments
Comments are closed.
heyy… jaahathu n aaiz ah loabi vevenyy dhww…. stry vrhh reethi… ekm maa maa maa las up kuraa leyy…
Wow v reethi…bt dheravany maa lahun up kuraathy…
I luv jaahath n aaiz ge bai. Varah majaa. Bt kurin kiyaafa un vaahaka eh mi. Bt still kiyaa hihve . ☺
v. nice uplode it a lil faster plx… luv it!!!
Thankolheh avahah upload kohdhinun edhen
London akah noontha dhiyaeeky??