
ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 35
“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ.
އީމަން އަދި ޔާނާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ރީމް ހީގަތެވެ. “ހާދަ ސީރިއަސްވީ؟” ރީމް ވާހަކަ ދައްކަމުން ދިއްކޮށްލީ ކާޑެކެވެ. އީމަން އޭގައި ހިފަމުން ބަލައިލިއެވެ. ޔާނާވެސް އީމަންއާ ކައިރިވެލުމަށްފަހު ކާޑަށް ނަޒަރު ހިންގާލިއެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ތިއީ ރެސްޓޯރެންޓްގެ ފަރާތުން ދިން ހާއްސަ އޮފަރ އެއް. ހަނީމޫން ނައިޓެއް. މިތަނުގެ ފައިވްސްޓާރ ގެސްޓް ހައުސްއެއްގައި.” އީމަން އަދި ޔާނާ އެއްފަހަރު ކާޑަށް އަދި އަނެއްފަހަރު ރީމްއަށް ބަލައިލިއެވެ.
“ކަމޯން! ތިހާ ވިސްނާ އެއްޗެއްނޫނޭ! މާން މިރޭ ދިން ހާއްސަ ކެއުމުގެ ސަބަބުން ރެސްޓޯރެންޓަށް ވަރަށް ފައިދާ ކުރި. އެހެންވީމަ އެކަމުގެ އިނާމެއްގެ ގޮތުން ދިން އެއްޗެއް މިއީ.” އީމަން އަދި ޔާނާ އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ހަދަންވީ ކިހިނެތްތޯ ސުވާލުކުރާފަދަ ގޮތަކަށެވެ.
“މާން. އަހަރެން ބޭނުންވީ ތި ދެމީހުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން. އެހެންވެ އެފަހަރު ޕިކްނިކެއް ޕްލޭންކުރީ. އެކަމަކު އެކަން ކެންސަލްކޮށްލީމަ ހަމަ އަނެއްކާވެސް އެފަދަ އަނެއް ފުރުސަތު މިލިބުނީ. ތަކުރާރުކޮށް ތަޤްދީރު އެދެމުން އެދަނީ ދެމީހުން އެކީގަ ވަގުތު ހޭދަކުރަން. ދެން މިފަހަރު ނޫނެކޭ ނުބުނާތި.” ރީމް އެދުނެވެ.
އީމަން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލަމުން ޔާނާއަށް ބަލައިލިއެވެ. އަދި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
“އަހަރެން ކާރުން ގެއަށް ގޮސް މާން މެންނަށް ބޭނުންވާ އެއްޗެހި އެބަ ފޮނުވަދެން.” ރީމް ހިނިވުންލެމުން ކާރަށް އެރިއެވެ. އީމަންމެން މަޑުކުރީ އެތަނުން ހަމަ ޖައްސައިދިން ކާރު އަންނަން ދެނެވެ.
ހޮސްޕިޓަލަށް ގެންދެވުނު ސައުދިއްޔާ އޮތީ އައިސީޔޫގައެވެ. ޖާހަތު އާއިޒު އަދި ޝަކީބު ބޭރުގައި މަޑުކޮށްލައިގެން ތިބިއިރު ތިން މީހުންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ކަންބޮޑުކަމެވެ. ޑޮކްޓަރު އައިސީޔޫއިން ބޭރަށް ނިކުތްތަން ފެނުމާއެކު ޝަކީބު ގޮސް ސައުދިއްޔާ އާ ބެހޭ ގޮތުން ސުވާލުކުރިއެވެ. ޑޮކްޓަރު ބޭނުންވީ ހަމަ ޖެހިލައިގެން ތިބެ ވާހަކަ ދައްކަން ކަމަށްވާތީ އޭނާ އާއެކީގައި ކެބިންއަށް އައުމަށް އެދުނެވެ.
“އަޅުގަނޑު އެއިރުވެސް ދެންނެވިން އެއްވެސް ކަހަލަ ސްޓްރެސް އެއް ވިޔަ ނުދެއްޗޭ.” ޑޮކްޓަރު ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ.
“ކިހިނެތްތޯ ވީ؟” ޝަކީބު ސުވާލުކޮށްލިއެވެ.
“ބައްޔަކީ ހަމަ އެއްބައްޔެއް. މިހާރު ޕޭޝަންޓް އެހުރި ހާލަތުން ނިކުންނަން، ދެން ޖެހޭނީ ހިތުގެ އޮޕަރޭޝަނެއް ކުރަން.” ޑޮކްޓަރު ލަފާ ދިނެވެ. “އަހަރެން ބެނުމީ ވީ އެންމެ އަވަހަކަށް ބޭރަށް ފުރަން. މިކަހަލަ އޮޕްރޭޝަން ތަކަކީ ރާއްޖެއިން ކުރެވޭ އެއްޗެއްސެއް ނޫން.”
ޝަކީބު ޑޮކްޓަރު ކައިރިން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު ބޭރަށް ހިނގައިގަތެވެ.
“ޝަކީބު!” ޑޮކްޓަރު ޝަކީބަށް ގޮވާލުމުން ޝަކީބު ހުއްޓި ބަލައިލިއެވެ.
“މިވަގުތު އަޅުގަނޑުމެން މިތަނުން ދޭން މިއުޅޭ ފަރުވާއަކީ ކުޑަ ވަގުތުކޮޅެއްގެ ފަރުވާއެއް. މިއީ ދާއިމީ ހައްލެއް ނޫން. އެހެންވީމަ ވީ އެންމެ އަވަހަކަށް ފުރުމުގެ ކަންތައް ހަމަ ޖައްސަވާ.” ޝަކީބު ޑޮކްޓަރުގެ ވާހަކައަށް ބޯ ޖަހައިލިއެވެ. ޑޮކްޓަރު ވާހަކަ ކުރިއަށް ގެންދިޔައެވެ. “ވަރަށް ބޮޑަށް ބައްލަވަންވާނެ ސައުދިއްޔާ އެއްވެސް ކަމަކާ ނުވިސްނާ ވޭތޯ. މިހާރު ހާލަތު ހުރިގޮތުން ސައުދިއްޔާ ގަޔަކު އެފަދަ ކުޅަދާނަކަމެއް ނެތް. ފަރުވާލިބުމުގެ ކުރިން ދެން މިކަހަލަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ޕޭޝަންޓްގެ ފުރާނައަށް ނުރައްކާ ވުމަކީވެސް އެކަށީގެން ވާކަމެއް. ސޯ ޕްލީޒް. ބީ ވެރީ ވެރީ ކެއަރފުލް.” ޑޮކްޓަރު ގެ ލަފްޒުތަކުން ޝަކީބުއަށް ފުން އަސަރުތަކެއް ކުރަމުން ދިޔައިރު ބޭރުގައި އަޑުއަހަން ހުރި އާއިޒުގެ ހަށިގަނޑުތެރޭގައި ވަރުގަދަ ތޫފާނެއް އެނބުރެމުންދާފަދައެވެ. ހިތުގައި ވޭން އަޅަންފަށައިފިހެންވެސް ހީވިއެވެ.
މަޑުމަޑުން ހިނގާފައި ގޮސް އައިސީޔޫގައި އޮތް ސައުދިއްޔާގެ އެނދު ކައިރީގައި އިށީނދެލިއެވެ. މަންމަގެ ހާލަތާމެދު ފިކުރުކޮށްލެވި ލޮލުން ކަރުނަ ހިލުނެވެ. މަންމަދެކެ ކިތަންމެ ލޯބިވާ ނަމަވެސް އެމަންމަގެ ހިތަށްވަނީ ކިތަންމެ ފަހަރަކު ތަދުކޮށްލެވިފައެވެ. ދެރަވާ ކިތަންމެ ކަމެއް ވަނީ ކުރެވިފައެވެ. އަދި މިހާރުވެސް ކުރެވެއެވެ. ނަމަވެސް ހިތާމައަކީ ހަމަވިސްނުން ލިބުނު އިރު އޭނާވަނީ އެކަންކަމުގެ އެތެރެއަށް ވަދެ ނިމިފައިކަމެވެ. މަސްތުވާ ތަކެތި ބޭނުން ނުކުރި ނަމަވެސް އެ ވިއްކަން މަގުފަހިކޮށްދެއެވެ. އެކުވެރި އަކަށް ގެއްލުމެއް ދީފިނަމަ ބަދަލު ހިފަން އެހީތެރިވެދެއެވެ. މަގުން ރީތި އަންހެން ކުދިންފެނި ބެހި ހަދަން ސީދާ އާއިޒު ނުދިޔަ ނަމަވެސް ބާރުގެ އެހީގައި އެކުދިން އޭނާއާ ހަމައަށް ގެނެއެވެ. މިއަދު އެއިން ކޮންމެ ކަމަކާމެދު އޭނާ ހިތާމަ ކުރެއެވެ. އޭނާގެ މަންމަގެ ހާލަތުގެ އަސްލަކީ އޭނާ ކަމަށް ޤަބޫލުކުރެއެވެ. ނަމަވެސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. އޭނާއަކީ މަންމަ ބޭނުންވިފަދަ ކުއްޖެއް ނޫނެވެ. އުފަލުގެ ބަދަލުގައި ދެވިފައިވަނީ ހިތާމައެވެ. ވަދެވިފައިވާ އަނދިރި ދޮރުން އަލިކަމުގެ ތެރެއަށް ނިކުންނަން އާއިޒު ބޭނުންނުވަނީއެވެ. ކުރިން ލިބުނު އިއްޒަތާއި ޤަދަރު ލިބެވިދާނެކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އާއިޒު އަތުން ފޮހެލިއެވެ. އަދި މަންމަގެ އަތް ނަގައި އެ އަތުތެރޭގައި ފިތްތާލިއެވެ. ހިތްވަރުގަދަ އަޒުމަކާއެކީގައެވެ.
ޔާނާ އާއި އީމަން ތިބީ ކާރު ތެރޭގައެވެ. ޔާނާގެ ހިތުގައި ނުތަނަވަސްކަމެއް ވެރިވެފައި ވެއެވެ. އީމަންއަށް ޔާނާގެ ހާލަތު އިހުސާސްވި ހިނދު ޔާނާގެ އަތްތިލަ އީމަންގެ އަތުތެރޭގައި ބާއްވާލަމުން ވާހަކަ ދެއްކިއެވެ.
“ޔާނު! ތިވަރަށް ނުވިސްނާ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ނަމަވެސް ޔާނާގެ ލޮލުން ފެންނަމުންދިޔަ ބިރުވެރިކަން ކުޑައެއް ނުވިއެވެ. އެހެންކަމުން އީމަން އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ޔާނު! ތެދަށް ބުނަންޏާ އަހަރެންނަކަށްވެސް ނޭނގެ ކަންތައްކުރަންވީގޮތެއް. ވިސްނަންޖެހޭ ކަންތައް ގިނަވެގެން ގޮސް ރަނގަޅުގޮތަކީ އަދި ނުބައި ގޮތަކީ ކޮބައިކަންވެސް ވަކިކުރާކަށް ނޭނގޭ. އެހެންވެ ހުރިހާ ކަމެއް ތަޤްދީރާ ހަވާލުކުރުން ފިޔަވައި އެހެން ގޮތެއް ނެތް. ﷲ އިރާދަ ކުރައްވައިގެން އަހަރުމެންނަށް ދެރައެއް ނުލިބޭނެ.” އީމަންގެ ވާހަކަ ތަކުން ޔާނާއަށް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އަދި މިއީ އުފަލާއެކު ހޭދަވެގެން ދާ ވަގުތުކޮޅަކަށް ހެދުމަށްޓަކައި ދެމީހުންވެސް ހުރިހާ ފިކުރެއް ދޫކޮށްލިއެވެ. އުފާވެރި އަދި ލޯބިން ފުރިގެންވާ ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ އުންމީދުގައެވެ.
ސައުދިއްޔާ ގެއަށް ފޮނުވާލިއިރު ބާރަ ޖަހަނީއެވެ. ޖާހަތު ކޮޓަރިއަށް އައީ ސައުދިއްޔާ ނިދުމުންނެވެ. އެއިރު އާއިޒު އެނދުގައި އޮށޯވެލައިގެން އޮތެވެ. ނިތްކުރީގައި އަތް ބާއްވާލައިގެން އޮތުމުން ބޮޑު ފިކުރެއްގައި ވާކަން އެނގެއެވެ. ޖާހަތު ހެދުމެއް ނަގައިގެން ގޮސް ފާހާނާއަށްވަނީ ފެންވަރާލުމަށްޓަކައެވެ. ފެންވަރައިގެން ނިކުމެ ނަމާދުކުރަން ފެށިއެވެ. އެނދުގައި އޮތް އާއިޒު ޖާހަތު ނަމާދުކުރާތަން ބަލަމުން ގެންދިޔައީ އަސަރުން ފުރިގެންވާފަދަ ގޮތަކަށެވެ. ހިތަށް އެރިއެވެ. އޭނާގެ މަންމަ އޭނާ ކައިރިން ނަމާދަށް އެރުމަށްޓަކައި ކިހާ އާދޭހެއް ކުރިހެއްޔެވެ. އެކަމަކު އެއިން އެއްވެސް އަޑެއް ނީވޭ ފަދައެވެ. މަންމަ ހިތްހަމަ ޖައްސާލުމަށްޓަކައި އާނއެކޭ ބުނެލި ނަމަވެސް އެއަށް އަމަލީ ސިފައެއް ނާދެއެވެ. ޖާހަތު މައިންބަފައިންގެ ލޯތްބެތް ނުލިބި ބޮޑުވެފައިވާ ކުއްޖަކަށްވީއިރުވެސް ދީނީ ކަންތައްތަކަށް ހާދަ ސަމާލުކަމެއް ދެއެވެ.
ޖާހަތު ނަމާދުކޮށް ނިމިގެން އެނދުގެ އަނެއްފަރާތުގައި ހުއްޓުނެވެ. އަދި އެއަށްފަހު ބާލީހަކާއި ބެޑްޝީޓެއް ނަގައިގެން ސޯފާއާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ޖާހަތުއާ ދިމާއަށް ބަލައިލި ނަމަވެސް ޖާހަތު އުޅުނީ އިސް ޖަހައިގެނެވެ.
އާއިޒު ތެދުވެ އެނދުގައި އިށީނދެލަމުން ޖާހަތުއަށް ގޮވާލިއެވެ.
“ޖާހަތު!” އާއިޒުގެ އަޑަށް ޖާހަތުގެ ދެފައި ތަޅުލެވުނުފަދައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ޖާހަތު އާއިޒުއާ ދިމާއަށް އެނބުރެލިއެވެ. އިސްޖަހާލައިގެން އިނދެއެވެ. ފެހިކުލައިގެ ނިދާބޮކީގެ އަލީގައި ޖާހަތު މޫނު ފެންނަމުން ދިޔައިރު އެމޫނުމަތިން އެއްވެސް އަސަރެއް ނެތް ފަދައެވެ.
އާއިޒު އެނދުން ތެދުވެގެން އައިސް ޖާހަތު ކައިރީގައި ހުއްޓުނެވެ. ޖާހަތު ފިނިވާގޮތްވިއެވެ. އާއިޒު ކުރަން މިއުޅެނީ ކީއްބާއޭ ހިތަށް އެރުމުންނެވެ.
“ޖާހަތު! އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ނަފްރަތު އެއް ފަރާތްކޮށްލުމަށްފަހު މިވަގުތު އަހަރެން މިއައީ ޖާހަތު ކައިރިން ވަރަށް ބޮޑު ކަމަކު އެދެން.” އާއިޒުގެ ވާހަކަ އިވި ޖާހަތު އިސް އުފުލާ ބަލައިލިއެވެ. އާއިޒު އިނީ އިސް ޖަހާލައިގެންނެވެ. ޖާހަތުއަށް ރަނގަޅަށް އާއިޒުގެ މޫނަށް ބަލައިލެވުނެވެ. މިރޭ ފެންނަމުންދާ އަސަރުތައް ހަމަ ޔަޤީނުންވެސް ތަފާތެވެ. ކުރިން ފެންނަމުން ދިޔަ ބޮޑާކަމާއި ހަރުކަށިކަމެއް އެމޫނު މައްޗަކު ނެތެވެ. ނިކަމެތިކަމާއި ހިތްދަތިކަން ސާފުކޮށް ފެންނަމުން ދިޔައިރު މަޑުމަޑު ރިހުމެއް އެއަޑުގައި އެކުލެވިފައި ވެއެވެ.
ޖާހަތު އެއްޗެކޭ ނުބުނުމުން އާއިޒު އިސްއުފުލާ ބަލައިލިއެވެ. ޖާހަތު ބެލުން ތިރިކޮށްލިއެވެ. “އަހަރެން ދެކެ ޖާހަތު ނަފުރަތު ކުރާވަރު އެނގޭ! އެކަމަކު ޖާހަތު އަހަރެންގެ މަންމަދެކެ ވަރަށް ލޯބިވަމެއްނު! އެ މަންމައަށްޓަކާ އަހަރެން މިބުނާ ކަމެއްކޮށްދީ! އާދޭސްކުރަން.” ޖާހަތު އާއިޒުގެ އެދުމާ ދެކޮޅުހަދާފާނެޔޭ ހިތްބުނުމުން ހިތްވަރުއެލޭ ގޮތްވިނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ޖާހަތު އާއިޒުއަށް ބަލައިލި ކޮންކަމެއްހެއްޔޭ ބުނެ ސުވާލުކުރާ ފަދަ ގޮތަކަށެވެ. އާއިޒުގެ ހިތަށް ފިނިކަމެއް އިހުސާސްވިއެވެ. ޖާހަތު އިންކާރުނުކުރާނެކަން އެނގުމުންނެވެ.
“ވަރަށް ދުރުގަތަ އެގެސްޓް ހައުސް ހުންނަނީ؟” އަނދިރިމަގުން ދުއްވަމުން ދިޔަ ކާރުގައި އިން އީމަން ސުވާލުކޮށްލީ ކާރުގެ ޑްރައިވަރާއެވެ. ކާރަށް އެރިތާ ބައިގަޑިއިރު ވަނީއެވެ. ނަމަވެސް އަދިވެސް އެބުނާ ތަނަކަށް ނުދެވެއެވެ. ޖަވާބުގައި ޑްރައިވަރު ނޫނެކޭ ބުނެލިއެވެ.
ޔާނާވެސް އިނީ ކަންބޮޑުވެފައެވެ. ނަމަވެސް އީމަން ޔާނާ ހަމައަކަށް އަޅުވަން ތަފާތު ވާހަކަ ދައްކަމުން ދިޔައެވެ. ހައިވޭގައި ޓްރެފިކް ބޮޑުކަމުން ދުއްވުން އިތުރަށް ލަސްވެގެން ދިޔައެވެ. އެހެން މަގެއް އޮތްނަމަ އެމަގަކުން ދިޔުމަށް އީމަން ޑްރައިވަރަށް ލަފާ ދިނެވެ.
“ރީމްއަށް އެނގޭނެތަ ގެސްޓްހައުސްއަށް އަންނަން؟” ދެފަރާތުގައި ބޯ ގަސްތައް ހެދިފައިވާ މަގަކަށް ޑްރައިވަރު އަޅުވާލުމުން ޔާނާ އީމަންއާ ސުވާލުކޮށްލިއެވެ. އީމަންގެ ހިތުގައިވެސް އެސުވާލު އުފެދުނެވެ. ފޯނު ނެގީ ރީމްއަށް ގުޅުމަށްޓަކައެވެ. ނަމަވެސް ނެޓްވޯކް ނުލިބުމުން ފޯނު ބޭއްވީ ކަންބޮޑުވުމާއެކީގައެވެ. ދަންވަމުންދާ ގަޑީގައި ރީމް އެކަނި މިހާ ދުރަށް އައުން އެއީ ރަނގަޅުގޮތެއް ނޫނޭ ހިތް ބުނެލިއެވެ. ޔާނާވެސް ރީމްއަށްޓަކާ ކަންބޮޑުވިއެވެ. ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ޔާނާމެންގެ އުފަލަކަށްޓަކައި ރީމްއަށް އެއްވެސް ކަމެއް ވެއްޖެނަމަ ޝަކީލާ ދެން ކަންތައް ކުރާނީ ކިހިނެތްބާއޭ ހިތަށް އެރުމުން ހިތް ބާރުބާރަށް ތެޅިގަތެވެ. މިހާރުވެސް ޝަކީލާ ޔާނާއަށް އެވަރަށް ނަފްރަތު ކުރެއެވެ. ޔާނާއަށް ބޭއިޚްތިޔާރުގައި އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަން ޔާނާއަށް ބަލައިލިއެވެ. ޔާނާގެ މޫނު މަތިން ހާސްކަން ފެންނަމުން ދިޔުމުން އީމަން ޔާނާ ގަޔާލާ ކައިރިކޮށްލިއެވެ. އަނދިރިމަގުގައި ކާރުގެ އަލިކަން ފިޔަވައި އެހެން އަލިކަމެއް ނުވާއިރު އީމަންގެ މޭގައި ޔާނާ ބޯއަޅައިލީ ހަމަ ޖެހުމެއް ލިބޭތޯއެވެ. ލޯ މަރާލަމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
ޔާނާ ދެލޯ ހުޅުވާލީ މޫނަށް ގަދަ އައްޔެއް އެޅުމުންނެވެ. ކައިރިވަމުން އަންނަ އެއަލި ފެނި ލޮލަށް އުނދަގޫވާ ގޮތްވިއެވެ. ހީވަނީ ބޮޑު ބަހެއް ކަހަލަ އެއްޗެއް ހެނެވެ. ދެލޯ ބޮޑުވެގެން ދިޔައީ އެ އަންނަލެއް ބާރުކަމުންނާއި ކާރާ އަރާ ހަމަވަމުން އަންނަކަން އެނގުމުންނެވެ. ތެޅިގަނެފައި ތެދުވުމުން އީމަންވެސް ސިހި ދެލޯ ހުޅުވާލިއެވެ. ކާރާ އަރާ ހަމަވެފައި ހުރި ބަސް ފެނުމުން އީމަން ހާސްވިއެވެ. ޑްރައިވަރަށް އެއްފަރާތަކަށް ދިޔުމަށް އަންގަމުން ދިޔައެވެ. ޔާނާއަށް ބިރަށް ރޮވެން ފެށުނެވެ. ބަސް ކައިރިވަމުން ދަނީއެވެ. ސަލާމަތްވާނެ ހުރިހާ މަގެއް ބަންދުވެއްޖެއެވެ. ދޭތިން އަޅަމުން ދިޔަ ބަރުގޮނުގެ އަޑުން މުޅި މާހައުލަށްވަނީ ބިރުވެރިކަން ފެތުރިފައެވެ. އީމަން ޔާނާ މޭގައި ބޮނޑިކޮށްލިއެވެ. ދެތިން ފޫޓަކަށް ކައިރިވުމާއެކު މުޅި ފަޒާގައި ގުގުމާލީ ޔާނާއާ އީމަންގެ ހަޅޭކުގެ އަޑާއި ދެ އުޅަނދު ޖެހުނުއަޑެވެ.
ނިދިފައި އޮތް ޖާހަތުއަށް ފުންމައިގެން ތެދުވެވުނީ ޔާނާއަށް ގޮވައި ހަޅޭއްލަވައި ގަންނަމުންނެވެ. ޖާހަތުގެ އަޑަށް އާއިޒުވެސް ސިހި ހޭލެވުނެވެ.
“ކިހިނެތްވީ؟” އާއިޒު ސުވާލުކޮށްލިއެވެ. ޖާހަތު ވަނީ ނޭވާ ކުރުވެފައެވެ. މުޅި ގައިންވަނީ އޮށްދާ ހިއްލާލާފައެވެ. ޖާހަތު އިނީ ސޯފާގައި ކަމުން އާއިޒު އެނދުން ފައިބައިގެން ގޮސް ޖާހަތުއަތަށް ފެންފުޅި ދިއްކޮށްލިއެވެ. ޖާހަތު ފެންފުޅީގައި ހިފަން ދިއްކޮށްލި އަތުގައިވި ތުރުތުރު އެޅުން ފެނި އާއިޒު ކަން ބޮޑުވިއެވެ.
“ބިރުވެރި ހުވަފެނެއް ފެނުނީތަ؟” އާއިޒު ސުވާލުކޮށްލިއެވެ.
“ޔާނު!” ޖާހަތު ބުނެލިއެވެ. އިތުރަކަށް ވާހަކައެއް ނުދައްކައެވެ. އާއިޒުވެސް އިތުރު ވާހަކައެއް ނުދެއްކިއެވެ. އެނދަށް އަރައި އޮށޯވެލިއެވެ. ޖާހަތުއަށް އިތުރަށް ނިދޭ ގޮތެއް ނުވިއެވެ. ސުވާލުތައް ސިކުނޑިއަށް ވެރިވެ ހާސްވަމުން ދިޔައެވެ.
“ކީކޭ؟ އެކަމަކު އަހަރެން ކަލޭ ކައިރީ ބުނީ ކިހިނެތް ކަންކުރާށޭ؟” ރުޅިވެރިކަމާއެކީ ބާރު ބާރަށް ބެލްކަނީގައި ހުރި ރީމް ވާހަކަ ދައްކަމުން ދިޔައެވެ. މޫނު މަތިން ހާސްކަން ފެންނަމުން ދިޔައެވެ.
“ހޯދާ! އަހަރެންނަށް ތިތަނަށް ދެވުމުގެ ކުރިން އޭނަ ހޯދަން ޖެހޭނެ. އެހެންނޫނީ ކަލޭގެ ގޭ މީހުންނަށް ދެން ކަލެއެއް ނުފެންނާނެ.” އިންޒާރު ދެމުން ރީމް ފޯނު ބޭއްވިއެވެ. އަދި އަވަސްއަވަހަށް ބޭރަށް މިސްރާބު ޖެހިއެވެ.
“ރީމް! ކޮންތަނަކަށް؟” ފަހަތުން ޝަކީލާ ސުވާލުކޮށްލިއަޑަށް ރީމް ސިހި އެނބުރުނެވެ.
“މަންމާ! މާން އެކްސިޑެންޓް ވެއްޖެ! މިދަނީ އެތަނަށް.” ރީމް ބުނެލި ޖުމުލައިން ޝަކީލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ރީމް އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ. ޝަކީލާ އަށް ހުރެވުނީ ފުން ވިސްނުމެއްގައެވެ.
ރީމް އަށް އެތަނަށް ދެވުނު އިރު ފަތިސްވަނީއެވެ. ހައިރާންކަން ވެރިވީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުންނެވެ. ކާރު އޮތް ހާލަތު ފެނި ރީމްގެ ހިތަށް ބިރުވެރި އަސަރުތަކެއް ކުރުވިއެވެ. ވަކި ހިސާބަކުން އެތެރެއަށް ނުވަދެވޭގޮތަށް ސީން ވަނީ ބަންދުކުރެވިފައެވެ.
6 Comments!
Comments are closed.
This is very sad. Still management of esfiya takes so many days to upload this story
mi srty ekanitha? mi thanun genesh dhin hatharu udharesh… vy konthaaku kameh neangey… Inthizaar vy konthaaku kameh neangey… stry liyaa kudhinnah stry uplod kuran havaalu kuraa iru contract eah vesh hedhifa noannanytha? ea stry eah nimendhen week kaku eah faharu nama vesh stry uplod kuran.. huvaa haadha nahtayea mihen vaathy…
mi stry vrhh reethi…. vrhh intrstin stry eh…. vrh kiyaa hiyy veyy…
bt massala akee maa lahun up kuraathee… inthixaaru kh kh eh gothakah kiyey gothh nuveyy…. y??? haadha gina dhuvahekey naganee up kurn…. dhn rangalhu up kuraa prt eh viyya thnkolheh dhigu kh up kuraa kn vxx…. inthixaaru kh kh eh gothakqh vx up nu kureema dhn ummeedu kandaalevenee… eyge vx ethah dhuvahh fahun vaahaka up kuranee………….. eii keevve?????????????
Haadha lahey….. mihaaru ehaa kiyaahitheh neh maaaaaa lasvaathy
Garuna akah fahu anekka upload koffi ……
vaahaka kithamme reechas mi vaahaka kiyaa hitheh neiyy mihaaraku