Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 29

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 10, 2026 9 Mins Read
8 Comments

އިތުރަށް މަޑުކުރުމެއް ނެތި ރައިހާން އެ ޕޯސްޓް ބަލައިލި އިރު އެއީ މަޝްހޫރު ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރެކެވެ. ރައިހާންގެ ދިގު އިނގިލިތައް ފަރިތަކަމާ އެކީ ފޯނުގެ ސްކްރީނުގައި ޙަރަކާތްކޮށްލުމާ އެކީ އެ ޚަބަރު ހުޅުވުނެވެ. ފުރަތަމަ އެ ޚަބަރުގެ މައި ފޮޓޯގައި އިން އޭނާއާއި ޔާނިއުގެ ފޮޓޯގެ ދަށުން ލިޔެފައި އޮތް ސުރުޚީ ފެނިފައި ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ.

“މުޅި ރާއްޖޭގެ އިތުބާރާއި މަޤުބޫލުކަން ހޯދާފައިވާ އޭ.އާރް މެމޯރިއަލްސްގެ އަނދިރި ޙަޤީޤަތް ފަޅާއަރައިފި!” އެ ސުރުޚީ ކިޔައިލާފައި ރައިހާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަވަސްއަވަހަސް އިތުރަށް އެ ޚަބަރު ކިޔަން ފެށި އިރު، އޭގައި ލިޔެފައިވީ ކޮންމެ ޖުމުލައަކުން، ކޮންމެ ވާހަކައަކުން ރައިހާންގެ ބޮލުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ވީ އިތުރެވެ.

*** ‘އޭ.އާރް މެމޯރިއަލްސް’ ކުންފުނީގެ ސީއީއޯ ރައިހާން އަހުމަދު އަފާފްގެ ޕަރސަނަލް އެސިސްޓެންޓް އައިޝަތް ލިވްޔާ އަނީސް މިއަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ކުންފުނީގައި މިހައި ތަނަށް ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ޑްރަގާއި، ވައްކަމާއި، ސްކޭމްތަކުގެ އެތައް ކޭސްތަކެއްގެ ވާހަކަ ހިމަނާފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުން ރައިހާންއާ އެހައި ގާތުން މަސައްކަތް ކުރެވުނު އިރު، އެ ކުންފުނީގެ އެތައް ކަންތައްތަކެއް އޭނާ ދިޔައީ އަޑިއަޑިން ބަލަމުންނެވެ. އެކަންތައްތަކުގެ ހަގީގަތް ހޯދުނީތީ އެހައި ދަށް ފެންވަރެއްގެ ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށާއި، އޭނާ ބޭނުންވަނީ މުޅި ރާއްޖެއަށް އެއީ ކިހައި ވަރެއްގެ ކުންފުންޏެއްކަމާއި، އެ ކުންފުނީގެ ހަގީގަތް އަންގައިދޭން ކަމުގައި ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ވަނީ އެ ކުންފުނީގެ ހުރިހައި ސިއްރު މަޢުލޫމާތުތައް ނުވަތަ ‘ކޮންފިޑެންޝަލް އިންފޮމޭޝަންސް’ ވެސް ލީކް ކޮށްލާފައެވެ. އޭނާ ބުނާ ގޮތުން އެކަން ކުރީ އެފަދަ ޙަރާމް ލާރި ކައި އުޅޭ ކުންފުންޏަކަށް މީހުންގެ އިތުބާރާއި ޤަދަރު ލިބުން ހައްގުވާ ކަމަށް އޭނާ ގަބޫލުނުކުރާތީއެވެ. މިކަމުގެ ސަބަބުން މި ކުންފުންޏާ ވާދަކުރާ އެހެނިހެން ކުންފުނިތަކަށް ‘އޭ.އާރް މެމޯރިއަލްސް’ ވައްޓައިލުމަށް އެތައް ގުނައެއް ފަސޭހަވެގެންދާނޭ ކަން ޔަގީނެވެ.

އައިޝަތް ލިވްޔާ އަނީސަކީ ‘އޭ.އާރް މެމޯރިއަލްސް’ގެ ސީއީއޯ ރައިހާންގެ ޕަރސަނަލް އެސިސްޓެންޓްގެ އިތުރުން، އެ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނީގެ ސީއޯއޯ ޔާނިއު އަހުމަދު ހަލީމްގެ އަނބިމީހާ މަރިޔަމް ލައިނީ އަނީސްގެ ކޮއްކޮއެވެ. މީގެ އިތުރުން ފާއިތުވެ ދިިޔަ ދުވަސްތަކުގެ ތެރޭގައި ރައިހާންއާއި ލިވްޔާގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް މީޑިޔާ ތެރޭގައި އަޑު ފެތުރިފައިވީ ނަމަވެސް، އެކަން އަދި ޔަގީންވެފަކައި ނުވެއެވެ.

‘އޭ.އާރް މެމޯރިއަލްސް’ އަކީ މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ޢިއްޒަތްތެރި ޢާއިލާއެއްގެ ދޮށީ ފިރިހެން ދަރިފުޅު ކަމުގައިވާ އަހުމަދު އަފާފް ފެށި ވިޔަފާރިއެކެވެ. ވިިޔަފާރި ފުޅާވަމުން ގޮސް ރާއްޖޭގެ އެންމެ އުހުގައި ފިޔަ ޖަހަމުން ދަނިކޮށް ދިމާވި ކުއްލި އެކްސިޑެންޓެއްގައި އަހުމަދު އަފާފް ނިޔާވުމުން، ކުންފުނި އެކުގައި އަޑިއަޅައިލި އިރު ދެން ކުންފުނީގެ ސީއީއޯގެ މަގާމުގައި އިށީނީ އަހުމަދު އަފާފްގެ ހަގު ދަރިފުޅު ރައިހާން އަހުމަދު އަފާފެވެ. ރައިހާންގެ ދަށުން ސީއޯއޯގެ މަގާމުގައި އަހުމަދު އަފާފަށް ބޮޑުބޭބެ ކިޔައި ޔާނިއު އިށީން އިރު، ރައިހާންއާއި ޔާނިއުގެ މަސައްކަތުން އަނެއްކައި ވެސް މި ކުންފުނީގެ މަގާމު އުފުލައިލިއެވެ. އެހެނަސް، ލިވްޔާ ހާމަކޮށްފައި މި ވާ ހަގީގަތާއި އެކު މުޅި ކުންފުނީގެ ނަން ކިލަނބުވެގެން ދިޔަ އިރު، އަނެއްކައި ވެސް ‘އޭ.އާރް މެމޯރިއަލްސް’ އެކުގައި އަޑިއަޅައިލާނޭކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ***

އެ ޚަބަރު ކިޔައި ނިމުނު އިރު ރައިހާންއަށް އިނދެވުނީ ގަބުވެފައެވެ. ހިތަށް އަރުވަންވީ އެއްޗެއް، ވިސްނަންވީ އެއްޗެއް، ދެން ކުރަންވީ ކަމެއް ވެސް ނޭނގިފައެވެ. ކަންތައްތައް ވެގެން ދިޔަލެއް އަވަސްކަމުން ރައިހާންގެ މުޅި ހަށިގަނޑުގައި ބޮޑު ތޫފާނެއް އުފައްދައިފިއެވެ.

އަވަސްއަވަހަށް އެ ޚަބަރު ލައްޕައިލުމަށް ފަހު ރައިހާން ލިވްޔާގެ ޕްރޮފައިލް ހުޅުވައިލިއެވެ. ތެދެކެވެ. އެންމެ މަތީގައި ކޮށްފައި އޮތް ޕޯސްޓުގުގައި އެ ޚަބަރުގައި ބުނެފައިވާ ހުރިހައި ވާހަކަތަކެއް އިތުރު ތަފްޞީލާ އެކީ ލިޔެފައިވެއެވެ. ޚަބަަރަށް ވުރެ ލިވްޔާގެ ޕޯސްޓުގައި ދައްކާފައި ހުރި ވާހަކަތައް ގިނަ އިރު، އެންމެ ފަހުން އެ ކުންފުނީގެ ސިއްރު މަޢުލޫމާތުތައް ވެސް ހާމައަށް ދޫކޮށްލާފައިވާ ތަން ފެނުމުން ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ.

“ލިވްޔާ…” ވައި އަޑުން ލިވްޔާގެ ނަން ކިޔައިލެވުނު އިރު ރައިހާންގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަނެފިއެވެ. ހިތުގައިވީ ދިލަ ރިހުން އިތުރުވެ، މުޅި ނަފްސުގެ ހަމަޖެހުން ގެއްލިގެން ހިނގައްޖެއެވެ.

އޭނާގެ ލިވްޔާ އެވަރުގެ ކަމެއް ކޮށްފާނެބާވައެވެ؟ އެވަރުގެ ދޯކާއެއް ދީ، އޭނާއާ ބެހޭ ގޮތުން އެހައި ބޮޑެތި ދޮގުތަކެއް ހަދާފާނެ ބާވައެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނާގެ ލިވްޔާ އެވަރުގެ ކަމެއް ނުކުރާނެއެވެ. އޭނާއަކަށް އެކަމެއް ގަބޫލެއް ނުކުރެވޭނެއެވެ.

އެންމެ ފުރަތަމަ ފޮތެއް ފަދައިން އޭނާގެ އަނދިރި ޙަޔާތުގެ ހިތާމަވެރި ޞަފްޙާތައް ހުޅުވައިލެވުނީ ލިވްޔާގެ ކުރިމަތީގައެވެ. އެ ވާހަކަތައް އަޑުއަހާފައި އޭނާއަށް ޓަކައި ލިވްޔާގެ އެ ރީތި ދެލޮލުން ކަރުނަ އޮހޮރުނު މަންޒަރު ދުށީ ޚުދު އޭނާގެ ދެލޮލުންނެވެ. ނިކަނ ލޯބިން އޭނާގެ ހިތުގައި ފިރުމައިދީ، ޒަޚަމްތަކުގައި މަލަން އަޅައިދިނީ އެ މަޑުމަޑު ދެ އަތުންނެވެ. މައިންބަފައިންގެ ކުއްލި ވަކިވުމަށް ފަހު އޭނާ އެކަނިވީ ވަރު އެންމެ ރަނގަޅަށް އެނގޭނީ ލިވްޔާއަށެވެ. އެ ހިތާމައިން އަރައިނުގަނެވި އުޅެނިކޮށް އިރެއްގައި އިންތިހާއަށް ލޯބިވީ ނިމްޝާ ވަކިދިޔުމުން އޭނާ ބިކަވީ ވަރު ވެސް އެންމެ ރަނގަޅަށް އެނގޭނީ ލިވްޔާއަށެވެ. ކުރިމަތިލާން ޖެހުނު އެތައް އަޑިގުޑަންތަކަކާ އެކީ ވެސް ޖާނާއި މާލުން ޤުރުބާންވެގެން ލޯބިވާ ބައްޕަގެ ދުނިޔޭގައި ބައްޕަ ހޭބޯނާރާ ކުރި މަސައްކަތުގެ އަގު ގެއްލިގެންދިޔަ ނުދިނުމަށް ޓަކައި، އެހައި ޅަ ޢުމުރެއްގައި ކުންފުންޏާ ޙަވާލުވެ އެ ކުންފުނި ކުރިއަރުވަން ކުރިހައި މަސައްކަތެއް ވެސް އެނގޭނީ ހަމަ ލިވްޔާއަށެވެ. އެ ހުރިހައި ކަމެއް އެނގި ހުރެ އޭނާ އެންމެ ލޯބިވާ ލިވްޔާ މިފަދަ ބޮޑު ކެއްސެއް އޭނާއަށް ދޭންވީ ކީއްވެގެން ހެއްޔެވެ؟

އިރުކޮޅެއް ނުވެ އޭނާގެ ފޯނަށް އެތައް ބައެއްގެ މެސެޖުތަކާއި ކޯލްތައް އަންނަން ފެށުމާއެކީ ރައިހާންގެ ސިކުނޑި އެދިމާއަށް ދަތުރު ކުރި ނަމަވެސް، އެ ހަށިތެރޭ އުފެދިފައިވާ ހައިޖާނުގަނޑާއި ހިތުގައި އުފެދިފައިވާ ރިހުން ދިޔައީ އިތުރުވަމުންނެވެ. އެތައް ބައެއްގެ ނަފްރަތުން ފުރިގެންވީ މެސެޖުތަކާއި ފޯނުތައް އަންނަން ފެށުމާ އެކީ ރައިހާންއަށް އެއްފަހަރާ އެ ހުރިހައި ކަމަކާ ކުރިމަތިލާނެ ގޮތެއް ނުވިސްނުނެވެ. ބޮލުގައި އުފެދިފައިވީ ރިހުން އެތައް ގުނައެއް އިތުރުވާހެން ހީވެ، ރައިހާން އެންމެ ފަހުން ފޯނު ނިވައިލާފައި ފަހަތު ސީޓަށް އެއްލައިލިއެވެ. އެއަށްފަހު ކަރުނަވީ ދެލޮލުން މަގުތައް ފުސްކޮށް ފެންނަމުން ދިޔަ އިރު ވެސް، ހުންގާނުގައި ހިފައި ބާރުކޮށްލަމުން އޭނާ ކޮމްޕެނީއަށް މިސްރާބު ޖެހީ ކާރުގެ އެންމެ ހަލުވި ދުވެލީގައެވެ.

މިހާރު މި ޚަބަރު އޮންނާނީ މުޅި ރާއްޖެއަށް ފެތުރިފައިކަން އޭނާއަށް ޔަގީނެވެ. އޭނާގެ ޢާއިލާއަށް ވެސް މިހާރު މިކަންތައްގަނޑު އެނގޭނެކަން އޭނާއަށް ޔަގީނެވެ. ލައިނީ ގެއްލިގެން ލިބުނު ހިތާމަ ފިލައި ނުދާ އިރު، މިވަރު ބޮޑު ކަމެއް ވުމުން އެންމެންނަށް ޖެހޭނޭ ޙާލު އޭނާއަށް އަންދާޒާކޮށްލަން ވެސް ދައްޗެވެ. ލިވްޔާ ފެތުރި ހަގީގަތެއް ނެތް ވާހަކަތަކެއްގެ ސަބަބުން އޭނާގެ މުޅި ޢާއިލާ ލަދެއްގައި ބެދިއްޖެއެވެ.

އޭނާ މިވަގުތު އެންމެ ބޭނުން ވަނީ ލިވްޔާއާ ކުރިމަތިލާށެވެ. އެވަރުގެ ކެއްސެއް އޭނާއަށް ދިނީ ކީއްވެގެންތޯ އަހާށެވެ. އޭނާގެ ބޮލުގައި އެހައި ބޮޑެތި ދޮގު އިލްޒާމްތަކެއް އެޅުވުމުގެ ބޭނުން އޮޅުންފިލުވާށެވެ. އޭނާގެ ޢާއިލާ މި ވޭތުވެދިޔަ ދުވަސްތަކުގައި ލިވްޔާއަށް އެހައި ހެޔޮ އިރު، އޭނާގެ ޢާއިލާގެ ޤަދަރާއި ޢިއްޒަތް ވެއްޔާލައި މޮޑެލީ ސަބަބު ހޯދާށެވެ. އޭނާ ލިވްޔާ ދެކެ އެހައި ލޯބިވާ އިރު، މިފަދައިން އޭނާގެ އަގު ވައްޓައިލީ ކީއްވެގެންތޯ އަހައި، ޝަކުވާ ކުރާށެވެ.

އަދިވެސް ލިވްޔާ އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. ނޫނީ ގަބޫލުކުރަން ބޭނުން ނުވަނީއެވެ. ލިވްޔާގެ ދެލޮލުން މި ވޭތުވެދިޔަ ދުވަސްތަކުގައި ރައިހާންއަށް ފެނުނީ، އޭނާއަށް ޓަކައި ވާ ނިމުމެއް ނެތް ލޯތްބާާއި އޯގާތެރިކަމެވެ. ލިވްޔާ އަމިއްލަ އިޚްތިޔާރުގައި އޭނާއަށް މިހައި ބޮޑު ދެރައެއް ނުދޭނޭކަން އޭނާއަށް ޔަގީނެވެ. މިއީ ބަޔަކު ލިވްޔާއަށް ބިރުދައްކައިގެން ގަދަކަމުން ކުރުވި ކަމެއް ނަމަ އޭނާ އެކަން ކުރި ބައެއްގެ ދިރިއުޅުން ނަރަކައަކަށް ހަދައިލާނެއެވެ.

ކޮމްޕެނީ ކުރިމައްޗަށް ކާރު ހުއްޓައިލާފައި، ގަރާޖަށް ކާރު ވެއްދުމެއް ވެސް ނެތި ރައިހާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮމްޕެނީއަށް ހަމަ ވަނުމާ އެކީ ހުރިހައި މުވައްޒަފުން ހެން އޭނާއަށް ބަލަމުން ދިޔައީ މަލާމާތާއި ރުޅިވެރިކަމުގެ ލޯތަކުންނެވެ. ބައެއް މުވައްޒަފުން އެހައި އަވަހަށް އެމީހުންގެ ތަކެތި ހިފައިގެން ކޮމްޕެނީން ނުކުންނަން ދިޔަ އިރު، އެހެންޏާ ރައިހާންއަށް އަމާޒުވާ ޤަދަރާއި އިޙްތިރާމުގެ ބެލުންތައް މިއަދު ވަނީ އެކުގައި ބަދަލުވެފައެވެ.

އެހެންނަމަވެސް އެއިން ކަމަކައި ވިސްނުމެއް ނެތި ރައިހާން މިސްރާބު ޖެހީ އެންމެ މަތީ ފްލޯރގައި ހުރި ލިވްޔާގެ ކެބިންއަށެވެ. މިވަގުތު އެހެން އެއްވެސް ކަމަކާ ވިސްނުމަށް ވުރެ ރައިހާން ލިވްޔާއާ ކުރަން ޖެހޭ ސުވާލުތައް މުހިއްމުވެފައި ގިނައެވެ.

ދެވުނު އެންމެ ބާރަށް ދުވެފައި ގޮސް ރައިހާން ލިވްޔާގެ ކެބިން ހުޅުވައިލި އިރު އެ ކެބިންގެ ސޯފާގައި އިށީނދެލައިގެން އިން ލިވްޔާގެ މޫނުމަތީގައިވީ ހަމަޖެހުމުގެ އަސަރުތަކުން ކަމެއް ވެގެން އުޅޭހެން ހީވެސް ނުވެއެވެ. ރައިހާން ފެނުމާއެކީ ހީލާފައި އިތުރަށް ސޯފާގައި ހަމަޖެހިލި އިރު، ރައިހާންގެ މޫނުގައި އޮޅިފައިވީ ހިތާމައިގެ ސާލުން އެ ހިތަށް ކުޑަ ވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ.

“ކޮބާ.. ޚަބަރު ފެނުނީތަ..؟” އެ އިން ގޮތަށް ހީލައިގެން އިނދެ ލިވްޔާ ކޮށްލި ސުވާލާ އެކީ ރައިހާންގެ ހިތް ކުދިކުދިވެގެން ފޭބި ފަދައެވެ. އޭނާ ސުވާލު ކުރުމުގެ ވެސް ކުރިން ލިވްޔާ ކޮށްލި ސުވާލާ އެކީ ރައިހާންގެ ހިތުގައިވީހާ ސުވާލުތަކެއްގެ ޖަވާބު ލިބިއްޖެއެވެ.

“ލިވް.. ކީއްވެ…؟” ކުރިޔަށް ފިޔަވަޅެއް އަޅައިލަމުން ރައިހާން އަހައިލި އިރު އެ އަޑުގައިވީ ވޭނީ އަސަރާއެކީ އަޑު ކުރަކިވެއްޖެއެވެ.

“ކީއްވެހޭ..؟ ހަމަ ކީއްވެގެން ކަން ނޭނގޭތީތަ ތިހެން ތި އަހަނީ..؟” ސޯފާއިން ތެދުވެފައި ހަށަން ބަނދެލަމުން ލިވްޔާ އަހައިލީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ.

“ލިވް.. އަހަންނަށް އެނގޭ ލިވްޔާ އެކަހަލަ ކަމެއް ނުކުރާނެކަން.. ބުނެބަލަ.. ބަޔަކު ލިވްޔާއަށް ބިރުދެއްކީތަ..؟ ބްލެކްމެއިލް ކުރީތަ..؟ އެއްވެސް މީހަކު ކަމެއް ކުރީ-” އަދިވެސް ލިވްޔާ އެފަދަ ކަމެއް އަމިއްލަ އިޚްތިޔާރުގައި ނުކުރާނެކަން ޤަބޫލުކޮށްގެން ހުރެ ރައިހާން ދައްކަމުން ދިޔަ ވާހަކަތައް ފުރިހަމަކުރެވުމުގެ ކުރިން، ލިވްޔާ ވާހަކަ ދައްކަން ފަށައިފިއެވެ.

“އޯހ ޕްލީޒް ރައިހާން! މޮޔަ ނުގޮވަބަލަ.. އަހަންނޭ އެކަންތައް ކުރީ.. ކުރިމަތީގަ ހެކި ފެންނަން އޮއްވައި ވެސް ތިހެން ތި ކިޔަނީ ކިހައި ޑެލޫޝަނަލް ވީމަތަ..؟” ލިވްޔާގެ މަލާމާތުގެ ބަސްތަކުން ރައިހާންގެ ހިތުގައި އިތުރު ކޫރުމެއް އެޅިގެން ދިޔަ އިރު ލިވްޔާގެ ކުރިމަތީގައި ނުރޮއެ ވޭތޯ ކުރަމުން ދިޔަ މަސައްކަތްތައް ދިޔައީ ފެނަށް ވަމުންނެވެ.

“ނޫން.. ލިވްޔާ.. ލިވްޔާ އެކަހަލަ ކަމެއް ނުކުރާނެ..” ރައިހާން ބޮޑަށް ހީވީ އަމިއްލަ ނަފްސަށް ވިސްނައިދޭން ވާހަކަ ދައްކަމުން ދިޔަ ހެންނެވެ.

“ދެން ގަބޫލު ނުކުރަންޏާ ހުރޭ.. އަހަރެން ކުރާނެ ކަމެއް ނެތް..” އެއްވެސް އަސަރެއް ނުކުރާ ފަދައަކުން ދެކޮނޑު އަރުވައިލާފައި ލިވްޔާ ބުނެލުމާ އެކީ ރައިހާންގެ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަނެފިއެވެ.

“ލިވްޔާ.. ކީއްވެ..؟ ލިވްޔާ ކީއްވެ ކުރި ކަމެއް އެއީ..؟ އަހަރެން އެ ފޯލްޑަރތަކުގެ އެކްސެސް ލިވްޔާއަށް ދިނީ ކިހައި އިތުބާރު ކޮށްފައި ކަމެއް ނޭނގޭތަ..؟ އެ ހުރިހައި އެއްޗެއް ލީކް ކޮށްފަ.. އެވަރުން ނުވެގެން.. ޑްރަގޭ ވައްކަމޭ ކިޔައިގެން އަހަރެންގެ ބޮލުގަ އެތައް ދޮގު އިލްޒާމްތަކެއް ވެސް އެޅުވީ.. އަހަރެން އެކަންޏެއް ނޫން.. ޔާން ވެސް.. އަދި އަހަރެމެންގެ މުޅި އާއިލާ ވެސް ބޮޑެއް ލަދެއްގައި ބެދުނީ.. ކީއްވެ އެވަރު ކަމެއް ކުރީ..؟ މި ކޮމްޕެނީއަކީ އަހަރެންގެ ބައްޕަގެ އެންމެ ފަހުގެ ހަނދާންތައް.. ބައްޕަގެ މި ހުވަފެން ހަގީގަތަކަށް ހަދަން އަހަންނާ ޔާންއާ މި ކުރާ މަސައްކަތް އެންމެ ގާތުން ފެންނާނީ ލިވްޔާއަށް.. މި ކޮމްޕެނީ އަހަންނަށް މީން ވާ ވަރު އެންމެ ރަނގަޅަށް އެނގޭނީ ވެސް ލިވްޔާއަށް.. ދެން ކީއްވެ..؟” ލަގޮނޑިއަށް ވަމުން ދިޔަ ތަދާ އެކީ އަރުތެރޭގައި އަޑު ތާށިވާހެން ހީވެ، ރައިހާންއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

“އެއީ ކީއްވެގެންކަން އެނގޭނީ ހަމަ ރައިހާންއަށް! ހަނދާންވޭތަ..؟ އަހަރެމެން އެންމެ ފުރަތަމަ ދިމާވި ދުވަސްކޮޅު ރައިހާން އަހަރެން ގާތު ބުނި ވާހަކަތައް..؟ އަހަރެން ދެރަކޮށްލަން، އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދައިލަން ކުރެވެން އޮތްހައި ކަމެއް ކުރާނަމޭ..؟ އެދުވަހު އަހަރެން ބުނީމެއްނު އަހަރެން ވެސް ފަހަތަކަށް ނުޖެހޭނަމޭ.. އެންޑް ލުކް އެޓް އަސް ނައު.. އައި ވޮން..” ފަޚުރުވެރި ހިނިތުންވުމަކާ އެކީ ރައިހާންއަށް ލިބުނު ހިތާމަވެރިކަން، ލިވްޔާއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފާޅުކޮށްލުމުން ރައިހާންގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިލީ ރުޅިއާއި ހިތާމަ އެކުވެގެންނެވެ.

“ލިވްޔާ.. އަހަރެން.. އަހަރެން އެހެން ބުނިކަން މަތިން މިހާރު ހަނދާނެއް ވެސް ނެތް.. ލިވްޔާ ދެކެ ލޯބިވެވުނު ދުވަހުން ފެށިގެން އަހަރެންގެ ހުރިހައި ވެސް އަޒުމަކަށްވީ ލިވްޔާ އުފަލުގަ ބެހެއްޓުން.. އެކަމަކު.. އެކަމަކު ލިވްޔާ.. ލިވްޔާ އެކަން ދުށީ އެހެން ނޫން ކަން އަހަންނަށް މި އެނގުނީ އަދި ކިރިޔާ…” ލިވްޔާއާ ގާތަށް އިތުރު ފިޔަވަޅެއް އަޅައިލި އިރު ރައިހާންގެ އަޑު ނުކުތީ ރުޅިއާއި ހިތާމަ އެކުވެގެންނެވެ.

“އާނ.. ލޯބިވީ ރައިހާން އެކަނި.. އަހަންނެއް ނުވަން.. ރައިހާން އަހަރެން ދެކެ ލޯބިވުމަކީ އެއީ އަހަރެންގެ މައްސަލައެއް ނޫން.. އަހަންނެއް ނުބުނަން ލޯބިވާށެކޭ.. އެކަމަކު އެކަން އެގޮތަށް ވީމަ.. އަހަންނަށް އަހަރެން ބޭނުންވާ ކަންތައް ކުރަން ވަރަށް ފަސޭހަވި..” މަލާމާތުގެ ހިނިތުންވުމަކާ އެކީ ލިވްޔާ ރައްދުކުރަމުން ދިޔަ ކޮންމެ ބަހަކުން ރައިހާންގެ ހިތް އިތުރަށް ޒަޚަމްވަމުން ދިޔައެވެ.

“ތީ ދޮގެއް.. ތީ ހުސް ދޮގު.. ލިވްޔާގެ ދެލޮލުން އަހަރެން ދުށީ ލޯބި.. ލިވްޔާ ވެސް އަހަރެން ދެކެ ލޯބިވޭ.. އަހަންނަށް އޮޅުވައިލަން ނޫޅެބަލަ..” ލިވްޔާގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން ރައިހާން ބުނެލީ އާދޭސްކުރާ ރާގެއްގައެވެ.

“ގަބޫލު ނުކުރަންޏާ ނުކޮށް ހުރޭ.. އެކަމަކު މީ އޭރު ރައިހާން އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތުގެ ބަދަލު ހިފުމެކޭ ހިތަށް އަރުވައިލާ.. ހަގީގަތަކީ އެއީ.. އަހަރެން އެއްވެސް އިރަކު ރައިހާން ދެކެ ލޯތްބެއް ނުވޭ.. އަހަރެން ބޭނުންވީ ހަމައެކަނި ރައިހާންގެ ސަބަބުން އަހަރެން ކުރަން ޖެހުނު ހިތާމައިގެ ދެގުނަ ރައިހާން އިހުސާސް ކުރަން..” ރައިހާންގެ އަތް ފޮޅުވައިލަމުން ލިވްޔާ ބުނެލި ވާހަކަތަކާ އެކީ ރައިހާން ސިހިފައި ލިވްޔާއަށް ބަލައިލި އިރު އެ ކަރުނަވީ ދެލޮލުން ފެންނަމުން ދިޔައީ ނިމުމެއް ނުވާ ވޭނީ ޝަކުވާއެވެ.

“އަހަރެން.. އަހަރެން ވެސް ގަބޫލު ކުރަން އޭރު އަހަންނަށް ލިވްޔާއާ ދޭތެރޭ ކަންތައް ކުރެވުުނީ ވަރަށް ގޯސްކޮށް ކަން.. އެކަމަކު އަހަރެން މައާފަށް ނޭދެންތަ..؟ ބަދަލުގަ އިންތިހާއަށް ލިވްޔާ ދެކެ ލޯބި ނުވަންތަ..؟ އަހަރެން އަދި ކިތައް ފަހަރު އޭރު ކަންތައް ކުރެވުނު ގޮތަށް މަޢާފަށް އެދެންވީ..؟ ލިވްޔާ ހިތުގަ ޖެއްސުނު ކޮންމެ ފަހަރެއް ހަނދާން ނެތޭ ވަރަށް ލިވްޔާއަށް ލޯބި ދޭންވީ..؟ ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ…؟ އެހެން އެއްވެސް މީހަކަށް އަހަރެންގެ ނަފްސު ނުހުޅުވޭހެން ލިވްޔާގެ ކުރިމަތީގަ އަހަރެންގެ ވަލްނަރަބިލިޓީ ދެއްކީމަ.. އަހަރެންގެ ހަޔާތުގެ އެންމެ އަނދިރި ވާހަކަތައް ވެސް ކިޔައިދިނީމަ.. އެހެން އެއްވެސް އެއްޗަކަށް ވުރެ ބޮޑަށް ލިވްޔާގެ ލޯތްބާ އޯގާތެރިކަން އަހަރެން ބޭނުންވާކަން އެނގުނީމަ.. ކީއްވެ އަހަންނަށް ތިހެން ތި ހެދީ…؟” ރައިހާންގެ ދޫމަތީގައި ފުރޮޅުނު ޝަކުވާތައް އަންނަމުން ދިޔައީ އެ ޒަޚަމްވެފައިވާ ހިތުގެ އެންމެ އަޑިންނެވެ.

“އޯހ ޕްލީޒް ރައިހާން.. ތި ހުރިހައި ވާހަކަތަކެއް ދައްކައިގެން އަހަރެންގެ ހިތަށް އަސަރެއް ކުރާނެ ކަމަށް ހީނުކުރައްޗޭ.. އަހަރެން ބޭނުންވީ ކަންތައް އަހަންނަށް ވެއްޖެ.. ދެން ވެސް އަހަންނާ ހަދައި ނޫޅެ އަވަހަށް ތި ތޫނު ސިކުނޑީގެ ބޭނުންކޮށްގެން މި ސްކޭންޑަލް ހައްލުކުރަން އުޅޭ.. ޔޫ ގޮޓް ދިސް.. އަދި އާނ.. މި ގެންދޭ.. އަހަރެން ދެން މިއެއް ބޭނުމެއް ނޫން..” ވައަތު ކަށިއނގިލީގައި އަޅާފައި އޮތް ރަންކުލައިގެ އަލިމަސް ޖެހި އަނގޮޓި ނަގާފައި ރައިހާންގެ އަތަށް ލާފައި، ރައިހާންއަށް ފަސްދެމުން ލިވްޔާ ކެބިންއިން ނުކުންނަން އަޅައަޅައި ހުރި ފިޔަވަޅުތައް މަޑުޖެހުނީ ރައިހާން ވާހަކަ ދައްކަން ފެށުމުންނެވެ.

“ލިވްޔާ ހަނދާންކުރައްޗޭ.. އަހަރެންގެ ކިބައިން ބަދަލު ހިފާށޭ ކިޔައި ތި ކުރި ކަމަކުން ލިވްޔާގެ ފުށުން ތި ދެރަ ދެވުނީ އަހަންނަށް އެކަންޏެއް ނޫން.. އަހަރެންގެ މުޅި އާއިލާއަށް ވެސްމެ.. ލިވްޔާގެ ދައްތައާއި ދައްތަގެ ފިރިމީހާއަށް ވެސްމެ.. ތީ އަހަރެން ލޯބިވީ ލިވްޔާއެއް ނޫން.. އަހަރެންގެ ލިވް ތިހައި އަމިއްލަ އެދުން ބޮޑެއް ނުވާނެ.. އަބަދުވެސް އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ވިސްނާނީ ލޯބިވާ އެހެން މީހުންނާ ދޭތެރޭ.. މީހަކަށް ކުރެވުނު އެންމެ ކުށެއްގެ ސަޒާ އެހައި ހިތިކޮށް ދޭން ލޯބީގެ ނަމުގަ އެހައި ބޮޑު ދޮގުތަކެއް ހަދައި، އޮޅުވައެއް ނުލާނެ.. ތީ އަހަރެން ލޯބިވީ ލިވްޔާއެއް ނޫން..” ނަފްރަތާއި ހިތާމަ އެކުވެގެން ރައިހާން ބުނެލި ބަސްތަކުން ލިވްޔާ އަޅައަޅައި ހުރި ފިޔަވަޅުތައް މަޑުޖެހުނު އިރު ދާދި ދެންމެއަކު މަލާމާތުގެ ކުލަވަރު ފެނުނު ދެލޯ އަނދިރިވެލީ ހިތާމައިގެ ސާލެއް އޮޅިގެންނެވެ.

އިތުރަށް މަޑުކުރުމެއް ނެތި ލިވްޔާ އެ ކެބިންއިން ނުކުމެފައި ދޮރު ލައްޕައިލި އިރު، އެ ރީތި ދެލޮލަށް ބޮނޑިވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަނެފިއެވެ. ހިތާވީ ދިމާލުން މޭގައި ދިލަ ރިހުމެއް އުފެދޭ އިހުސާސް ކުރެވުމާ އެކީ މޭގައި އަތް އަޅައި ބާރުކޮށްލި އިރު، އެ ދެތުންފަތް ފޫއަޅުވައިލާފައި މަޑުމަޑު ގިސްލުމެއްގެ އަޑު ބޭރުވާން ފަށައިފިއެވެ.

“އައިމް ސޮރީ ރައިހާން.. އައިމް ސޯ ސޮރީ.. އަހަންނަށް މަޢާފު ކޮށްދެއްޗޭ.. މިއަދު ކުޑާއާ ކުޑާގެ ބޭބީ ސަލާމަތް ކުރަން މި ނޫން ގޮތެއް އަހަންނަށް ނެތީ.. އަހަރެން.. އަހަރެން ވަރަށް ލޯބިވޭ..” ވައި އަޑުން އެ ބަސްތައް ލިވްޔާގެ ދުލުން ބޭރުވީ އެ ހިތުގެ ހަގީގީ އިހުސާސްތައް ކަޝްފުކޮށްލަމުންނެވެ. ދެރައީ އެ އަޑު އެހޭ ވަރަށް ވުރެ ރައިހާންގެ ޙާލު ގޯސްވެފައި ވުމުންނެވެ.

ކިތަންމެ ދެރަވިޔަސް، އެ ނާޒުކު ހިތުގައި ކިތަންމެ ވޭނެއް އެޅި ނަމަވެސް، ލިވްޔާއަށް އެނޫން ގޮތެއް މިއަދު ނެތީއެވެ. ރައިހާން ކުރިމަތީގައި ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްގެން އޭނާ ހުރީ ކިހައި ހިތްވަރެއް ކޮށްގެން ކަން، ކިހައި ކެތް ކޮށްގެން ކަން އެނގޭނީ ހެއްދެވި ފަރާތަށެވެ. ހިތުގައި އަޅަމުން ދިޔަ ގަދަ ވޭނާ އެކު ވެސް، މޫނުމަތިން މުޅީން އެހެން ކުލަވަރެއް ދައްކައިގެން އޭނާ ހުރީ ހިތުގައި އަތް އަޅާލައިގެންނެވެ.

އޭނާގެ އަމިއްލަ އުފަލާއި، އެހެން ހުރިހައި ކަމަކަށް ވުރެ މިއަދު އޭނާއަށް ލައިނީގެ ފުރާނަ މުހިއްމެވެ. އެ ބަނޑުގައި އަށަގަންނަމުންދާ މައުސޫމު ފުރާނަ މުހިއްމެވެ. އެކަމަށް ޓަކައި މިއަދު ކުންފުނި އަޑިއަޅާލައިފައިވީ ނަމަވެސް ރައިހާންގެ ވިސްނުންތެރިކަމާއި، ހަރުދަނާ އުސޫލުތަކާއި އުކުޅުތަކުގެ އެހީގައި އަލުން އެ ކުންފުނީގެ ނަން ރޯޝަންވާނޭ ކަން ލިވްޔާއަށް އެނގެއެވެ. އޭނާގެ ރައިހާންއަށް އެކަން ވާނެއެވެ. އޭނާ ގާތުގައި ނެތަސް ވެސް މެއެވެ.

*** ** ***

ހަލުވި ފިޔަވަޅުތަކެއްގައި ލިވްޔާ ގޮސް ވަނީ ‘ހޮރައިޒަން’ ކުންފުނީގެ ތެރެޔަށެވެ. އެތެރޭގައި ހަލަބޮލިކަމާއެކީ ޙަރަކާތްތެރިވަމުން ދިޔަ މުވައްޒަފުންނަށް ބެލުމެއް ނެތި ލިވްޔާ ދުއްވައިގަތީ ކުންފުނީގެ އެންމެ އެތެރެއަށެވެ. ލިފްޓަށް އަރާފައި އެނމެ މަތީ ފްލޯރއަށް ފިތައިލި އިރު އެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އަދިވެސް އިރުއިރުކޮޅާ ލޮލުގެ ހިމަކޮޅުން ކަރުނައިގެ އަސަރު ފެނިލާ އިރު، އެ ނާޒުކު ހިތުގައި އަޅަމުންދާ ވޭން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ލިފްޓުގެ ދޮރު ހުޅުވުމާ އެކީ ލިވްޔާ ދުއްވައިގަތީ އަދި އެއްކޮށް ހަދާ ނުނިމި ހުރި އެ ފްލޯރގެ ތެރެއަށެވެ. އެ އަނދިރި ތަނުގެ އެތެރޭގެ އެންމެ ބިއްދޮށުގައި ހުރި ދޮރާ ހަމައަށް ހަމަ ދެވުމާ އެކީ ބޭރުގައި ހުރި ގާޑު މީހާ ލިވްޔާ މަތަކޮށްފިއެވެ.

“އަހަރެން މި އައީ ނިމްޝާ ބުނެގެންނޭ!” ހިތްއަވަސްވެފައި ހުރި މީހަކު ފަދައިން ލިވްޔާ ބުނެލުމުން ވެސް އެމީހާ ހުރި ގޮތަށް ހުރީއެވެ. އެވަގުތު އެތެރެއިން ނިމްޝާގެ “އޭނަ ވައްދާށޭ” ބުނެލި އަޑު އިވުމާ އެކީ އެމީހާ ލިވްޔާއަށް ތަން ދިނެވެ. ބިރެއް ފެނިގެން އުޅުނުހެން ލިވްޔާ އަވަސްއަވަހަށް ދޮރު ހުޅުވައިލާފައި އެތެރެއަށް ދެމިގަތް ވަގުތު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ގޮނޑީގައި ބަނދެފައި އިން ލައިނީއެވެ. އެ ދެލޮލުން ކަރުނަ ފޭދިފައިވާ އިރު، ދޮން މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. ލިވްޔާ ހަމަ ވަނުމާ އެކީ ލައިނީ ތެޅިގަނެފައި އިތުރަށް ރޮއެގަތުމާ އެކީ ލިވްޔާގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ. އަވަސްއަވަހަށް ލައިނީގެ ބޮލުން ފެށިގެން ފަޔަށް ބަލައިލެވުނީ ލައިނީއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަން ޔަގީން ކުރުމަށެވެ.

“އަހަރެން ބުނީމެއްނު.. އަހަރެން ބުނި ގޮތަށް ކަންތައް ކޮށްފިއްޔާ ލައިނީއަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެޔޭ..” ދާދި ގާތުން އިވުނު ނިމްޝާގެ އަޑަށް ލިވްޔާއަށް އެދިމާ ބަލައިލެވުނީ ބިރެއް ފެނުނު ފަދައިންނެވެ.

“ނިމްޝާ.. އަހަރެން.. އަހަރެން ނިމްޝާ ބުނި ގޮތަށް ކަންތައް ކޮށްފިން.. ރައިހާންގެ ކޮމްޕެނީ ވެސް އަޑިއަޅާލައިފި.. ރައިހާންއާ އޮތް ގުޅުން ވެސް ކަނޑާލައިފިން.. ނިމްޝާއަށް އަހަރެން ވޮއިސް ރެކޯޑިން ވެސް ފޮނުވީމެއްނު.. ރައިހާން.. ރައިހާން މިހާރު އަހަންނަށް ނަފްރަތު ކުރޭ..” ހިންދިރުވައިލަމުން އެންމެ ފަހު ޖުމުލަ ބުނެލި އިރު ލިވްޔާގެ ލަގޮނޑިއަށް ބާރުވެލީ ކުރެވުނު އިހުސާސަކުންނެވެ. ލިވްޔާ ހަމަ އެހެން ބުނުމާ އެކީ ލައިނީ “ނޫނެކޭ” ކިޔައި ރޮއެގަތް ނަމަވެސް އެ އަޑު ސާފު ނުވީ ލައިނީގެ އަނގަމަތީގައި އަޅާފައި އޮތް ފޮތިގަނޑުގެ ސަބަބުންނެވެ.

“ދެން.. ދެން އަހަރެންގެ ކުޑާ ދޫކޮށްލާ.. އަހަރެން ނިމްޝާ ބުނި ގޮތަށް ކަންތައް ކޮށްފީމެއްނު..” ކަރުނުން ފުރި ބަރާވަމުން ދިޔަ ދެލޮލުން ނިމްޝާއަށް ބަލައިލަމުން ލިވްޔާ ކޮށްލި އާދޭހާ އެކީ ނިމްޝާގެ ތުންފަތް މަތީގައިވީ މަކަރުވެރި ހިނިތުންވުން ފުޅާވީ އިރު، އެ ހިތުގައި ރަހުމާއި ކުލުނުވެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަން ދޭހަވާހައިވެއެވެ.

“ހޫމް.. އަހަރެން ލައިނީ ދޫކޮށްލާނަން.. އެކަމް.. ލިވްޔާ އަދި އެއް ކަމެއް އަހަންނަށް ކޮށްދޭން އެބަ ޖެހޭ…” ލިވްޔާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ނިމްޝާ ބުނެލުމާ އެކީ ލިވްޔާ ވަގުތުން ބޯޖަހައިލީ ލޯބިވާ ދައްތައަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ތައްޔާރޭ ބުނާ ފަދައަކުންނެވެ. ލައިނީއަށް ޓަކައި އޭނާ ރައިހާންއަށް އަލްވަދާޢު ކިޔައިފިއެވެ. ރައިހާން ގެއްލުމާއި އެކު، ދެން އިތުރަށް ގެއްލޭނެ އެއްޗެއް އޭނާއަކަށް ނެތެވެ.

“އަހަރެން ހުރިހައި އިންތިޒާމްތަކެއް ހަމަޖައްސާނަން.. އެންމެ އަވަހަށް އޮންނަ ފްލައިޓުން ލިވްޔާ ބޭނުން ގައުމަކަށް ފުރާ.. ފުރުމަށް ފަހު މިކޮޅުގަ ތިބި ހުރިހައި ރައްޓެހިންނާ އާއިލާ މީހުންނާ ފޯނުން ވެސް ވާހަކަ ނުދައްކާ ގޮތަށް.. އަދި ދެން ދުވަހަކު ވެސް މިކޮޅަށް ނާންނަ ގޮތަށް..” ނިމްޝާ ކޮށްލި ޝަރުތާ އެކީ ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ލިބުނު ސިހުމުގައި ފައިބަމުން ދިޔަ ކަރުނަތައް ވެސް ހިނދުކޮޅަކަށް މަޑުޖެހިލައިފިއެވެ. މިފަހަރު އަނގަމަތީގައި އަޅާފައިވީ ފޮތިގަނޑާ އެކު ވެސް ލައިނީގެ ވޭނީ ރުއިމުގެ އަޑު އިވުނީ، ބަލިކަށިވެފައިވާ އެ ހިތަށް ކުރި ފުން އަސަރަކުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ރާނީއޭ ހިތުގެ މަލާތީ-2

Next

ގާތުގާ…

Next
March 10, 2026

ގާތުގާ…

Previews
March 10, 2026

ރާނީއޭ ހިތުގެ މަލާތީ-2

8 Comments!

  1. Anonymous says:
    March 10, 2026 at 1:12 pm

    Alheyy…. next part thankolheh avahah up kohdhehcheyy…. when next?
    Keehve thw ehaa lasvany

  2. Anonymous says:
    March 10, 2026 at 1:27 pm

    Vrh dhera vey eba 😭😭💔 nimshaa haadha rahum kuda ey. Adhives hih nufureneetha Livi Ehen County akah fonuvaalan thi ulhenee??
    Whn nxt???
    Luv u <3

  3. Manje says:
    March 10, 2026 at 1:35 pm

    Dhn vrh reethi vaane livi gos yaan menah hurihaa vaahaka eh kiyaa dheefihya..

    1. Sheex says:
      March 10, 2026 at 6:13 pm

      Aslu ves liv yaan menves thi vhk kiyaa dheebala liv ge sis ah haadha bodu dheraekey thi dhevenii

  4. Sheex says:
    March 10, 2026 at 6:11 pm

    Mi part v v v reethi MA
    Alhey liv ren ah ehen nahadha
    Sheex ah ves rovijje
    Nimshaagadakaa hedhi hurihaadhera eh ren ar liv ah dhen dhwww
    Can’t wait next p ah !

  5. Sena says:
    March 10, 2026 at 10:56 pm

    Alhey ren ge family ah ehen nahadhaa.Yaniyu ge friend police kobaatha. Livya fahathun liv ge sis inthanah fonuvabala

  6. Aishath says:
    March 25, 2026 at 12:04 am

    When next??

  7. Anonymous says:
    March 26, 2026 at 10:37 am

    When next y ehaa dhuvas vani

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 30←


All Right Reserved!