Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 30

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 30, 2026 9 Mins Read
10 Comments

“ދެން.. ދެން އަހަރެންގެ ކުޑާ ދޫކޮށްލާ.. އަހަރެން ނިމްޝާ ބުނި ގޮތަށް ކަންތައް ކޮށްފީމެއްނު..” ކަރުނުން ފުރި ބަރާވަމުން ދިޔަ ދެލޮލުން ނިމްޝާއަށް ބަލައިލަމުން ލިވްޔާ ކޮށްލި އާދޭހާ އެކީ ނިމްޝާގެ ތުންފަތް މަތީގައިވީ މަކަރުވެރި ހިނިތުންވުން ފުޅާވީ އިރު، އެ ހިތުގައި ރަހުމާއި ކުލުނުވެރިކަމުގެ ކަންފުޅެއް ވެސް ނެތް ކަން ދޭހަވާހައިވެއެވެ.

“ހޫމް.. އަހަރެން ލައިނީ ދޫކޮށްލާނަން.. އެކަމް.. ލިވްޔާ އަދި އެއް ކަމެއް އަހަންނަށް ކޮށްދޭން އެބަ ޖެހޭ…” ލިވްޔާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ނިމްޝާ ބުނެލުމާ އެކީ ލިވްޔާ ވަގުތުން ބޯޖަހައިލީ ލޯބިވާ ދައްތައަށް ޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ތައްޔާރޭ ބުނާ ފަދައަކުންނެވެ. ލައިނީއަށް ޓަކައި އޭނާ ރައިހާންއަށް އަލްވަދާޢު ކިޔައިފިއެވެ. ރައިހާން ގެއްލުމާއި އެކު، ދެން އިތުރަށް ގެއްލޭނެ އެއްޗެއް އޭނާއަކަށް ނެތެވެ.

“އަހަރެން ހުރިހައި އިންތިޒާމްތަކެއް ހަމަޖައްސާނަން.. އެންމެ އަވަހަށް އޮންނަ ފްލައިޓުން ލިވްޔާ ބޭނުން ގައުމަކަށް ފުރާ.. ފުރުމަށް ފަހު މިކޮޅުގަ ތިބި ހުރިހައި ރައްޓެހިންނާ އާއިލާ މީހުންނާ ފޯނުން ވެސް ވާހަކަ ނުދައްކާ ގޮތަށް.. އަދި ދެން ދުވަހަކު ވެސް މިކޮޅަށް ނާންނަ ގޮތަށް..” ނިމްޝާ ކޮށްލި ޝަރުތާ އެކީ ލިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، ލިބުނު ސިހުމުގައި ފައިބަމުން ދިޔަ ކަރުނަތައް ވެސް ހިނދުކޮޅަކަށް މަޑުޖެހިލައިފިއެވެ. މިފަހަރު އަނގަމަތީގައި އަޅާފައިވީ ފޮތިގަނޑާ އެކު ވެސް ލައިނީގެ ވޭނީ ރުއިމުގެ އަޑު އިވުނީ، ބަލިކަށިވެފައިވާ އެ ހިތަށް ކުރި ފުން އަސަރަކުންނެވެ.

“ނިމްޝާ.. ކީކޭ..؟” ލިބުނު ސިހުމާ އެކީ ލިވްޔާގެ ސުވާލު ބޭރުވީ ވައި އަޑުންނެވެ.

“ޔޫ ހަރޑް މީ.. މިއަދު އަހަރެން ލިވްޔާގެ ވިސާގެ ކަންތައް ހަމަޖައްސާނަން.. ދެން ވެސް ކުރަން ހުރި ކަމެއް ވިއްޔާ އަހަރެންގެ ހަރަދުގަ ކުރާނަން.. ހާސްނުވޭ.. ފައިސާ ހުރިއްޔާ އެއްވެސް ކަމެއް ކުރާކަށް އުނދަގުލެއް ނުވާނެ.. މިއަދުން މިއަދަށް ވެސް އަހަރެން ހުރިހައި ކަމެއް ހަމަޖައްސަފާނަން.. ލާރިކޮޅެއް ދިއްކޮށްލާ އިރަށް އެމީހުން ތިބޭނީ އަހަރެން ބުނާ ކަމެއް ވަގުތުންވަގުތަށް ކުރަން ތައްޔާރަށް..” ލިވްޔާގެ ވަށައިިގެން އެނބުރެމުން ނިމްޝާ ބުނަމުން ދިޔަ ކޮންމެ ބަހަކާ އެކީ ލިވްޔާގެ ހިތުގައި އިތުރު ކޫރުމެއް އެޅެމުން ދިޔަ އިރު، ލައިނީގެ ޙާލަކީ ވެސް އެޔެވެ.

“އެކަމަކު.. ނިމްޝާ.. އަހަރެންގެ އާއިލާއާ އެކުވެރިންނާ.. އެ އެންމެން ތިބީ މިތާ.. އަހަރެން ކިހިނެއް.. އަހަރެން..” ރުއިމުގެ ސަބަބުން އަޑު ބެދެމުން ދިޔަ ޙާލުގައި ވެސް ލިވްޔާ ވާހަކަ ދެއްކޭތޯ ބެއްޔެވެ.

“ލައިނީ ސަލާމަތް ކުރަން ބޭނުމިއްޔާ ލިވްޔާއަށް އޮތީ މި ގޮތް..” ނިމްޝާ އިޝާރާތް ކޮށްލުމާ އެކީ ލައިނީގެ ފަހަތުގައި ހުރި ފިރިހެނާ ބޯޖަހައިލާފައި އަތުގައި އޮތް ބަޑި ދައްކައިލުމުން ލިވްޔާގެ ދެލޯ ބޮޑުވިއެވެ.

“ނޫން! ނޫން! އެހެން ނުހަދާ! ޕްލީޒް! އަހަރެން- އަހަރެން ދާނަން! ނިމްޝާ ބުނި ގޮތަށް ކަންތައް ކުރާނަން!” ބާރަށް ގިސްލެވެމުން ދިޔަ ޙާލުގައި ލިވްޔާ ނިމްޝާ ކުރިމަތީގައި އާދޭސްކޮށް، ސަލާން ޖަހަމުން ދިޔައީ އޭނާއަށް ރަހުމް ކުރޭތޯއެވެ.

ލިވްޔާ އެއްބަސްވުމާ އެކީ ނިމްޝާ މަކަރުވެރި ހިނިތުންވުމަކާ އެކީ އިޝާރާތް ކޮށްލުމާ އެކީ އެ ފިރިހެން މީހާ ބޯޖަހައިލާފައި ކިޔަމަންތެރިކަމާއެކީ ބަޑި ތިރިކޮށްލަމުން ފަހަތަށް ޖެހިލިއެވެ. އެ މަންޒަރު ފެނިފައި ލިވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު އިރު، ލައިނީއަށް އިތުރަށް ރޮވުނީ އޭނާގެ ސަބަބުން ލޯބިވާ ކޮއްކޮ ވާން ޖެހޭ ގުރުބާނީތައް ފެނުމުންނެވެ.

“ނިމްޝާ.. ނިމްޝާ ބުނީމެއް އަހަރެން ރައިހާންއާ ރުޅިވެފަ.. ރައިހާންގެ ކޮމްޕެނީގެ އަގު ވައްޓައިލީމަަ ކުޑާ ދޫކޮށްލާނަމޭ.. އަހަރެން އެކަން ކޮށްފީމެއްނު..” ގިސްލެވެމުން ދިޔަ ޙާލުގައި ލިވްޔާއަށް ޝަކުވާކޮށްލެވުނީ ނިމްޝާ އޭނާގެ ކިބައިން އެދެމުން ދިޔަ ކަންތައް ބޮޑުކަމުންނެވެ. ލޯބިވާ ބައްޕައާއި ދައްތަ މުޅި ޢުމުރަށް ދޫކޮށްލާފައި އެތައް މޭލެއް ދުރަށް ދާނީ ކިހިނަކުން ހެއްޔެވެ؟ އަމިއްލަ ޢާއިލާއެއް ފަދައިން ދެކެވުނު ރައިހާންގެ ޢާއިލާގެ މަތިން ހަނދާން ނައްތައިލާނީ ކިހިނަކުން ހެއްޔެވެ؟ ފުރާނަ ފަދައިން ލޯބިވާ ރައިހާންއާ އެހައި ދުރަށް ގޮސްފައި، އައު ދިރިއުޅުމެއް ފަށާނޭ ހިތްވަރު ކުރާނީ ކިހިނަކުން ހެއްޔެވެ؟

“އެކަމަކު ލިވްޔާ ތީ ވަރަށް ވިސްނުންތޫނު ކުއްޖެއް.. އަހަންނަށް ކޮން ޔަގީންކަމެއް އޮތީ މިއަދު އަހަރެން ލައިނީ ދޫކޮށްލާ އިރަށް ލިވްޔާ ގޮސް ރައިހާންއަށް ހަގީގަތް ކިޔައިނުދޭނެ ކަމުގެ..؟ އަހަރެން ވެސް ބޭނުމެއް ނުވާނެ ދޯ އަހަރެން މި ހުރިހައި މަސައްކަތެއް އެހައި އުނދަގުލުން ކޮށްފަ އެހައި ފަސޭހައިން ފެނަށް ވެގެން ދާ ކަހަލަ ރިސްކެއް ނަގާކަށް..” ލިވްޔާގެ މަޖުބޫރީ ޙާލަތަށް މަލާމާތް ކުރާ ކަހަލަ ހިނިތުންވުމަކާ އެކީ ނިމްޝާ ބުނެލިއެވެ.

“ލިވްޔާ މިތަނުން ނުކުންނަ ވަގުތުން ފެށިގެން އެހިސާބަށް ދިޔުމާ ހަމައަށާ އޭގެ ފަހުން ހޭދަވާހައި ދުވަހަކަށް ލިވްޔާގެ ކޮންމެ ކަމެއް އަހަރެން ލިވްޔާ ހީ ވެސް ނުކުރާހާ ގާތުން ބަލާނަން.. ލިވްޔާގެ މީނދަ ފެންނަ ލޯބިވާ ކުޑާ މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ގާތު ބުނެފިއްޔާ… ރައިހާންއާ ޔާނިއުއަށް ލިވްޔާ ވީ ތަނެއް ހޯދުމުގެ ކުރިން އަހަންނަށް އެ ޚަބަރު ވެސް ލިބޭނެ.. އޭރުން ރައިހާންއަށް ވެސް އަދި އެހެން މީހަކަށް ވެސް ލިވްޔާއާ ހަމައަށް ވާސިލްވެވުމުގެ ކުރިން ލިވްޔާގެ ދުވަސް އޮންނާނީ ހަމަވެފަ.. އެހެންވީމަ ދެކުދިން ވެސް… ވަރަށް ވިސްނައިގެން އުޅެއްޗޭ…” ނިމްޝާ ދެމުން ދިޔަ ނުރައްކާތެރި އިންޒާރުތަކާ އެކީ ލިވްޔާއާއި ލައިނީ ވެސް ދިޔައީ ގޮތްހުސްވަމުންނެވެ.

“އަހަރެން.. އަހަރެން ތިކަން ކުރާނަން.. އެކަމް.. އޭގެ ކުރިން.. ކުޑާއާ ވާހަކަ ދައްކައިލަން އެންމެ ފުރުސަތެއް ދީ.. ހަމަ އެންމެ ފަހަރަކު..” ލިވްޔާ އެދުމާ އެކީ ނިމްޝާ ވިސްނައިލަން ހުރެފައި ބޯޖަހައިލިއެވެ.

ނިމްޝާގެ އިޝާރާތަށް ލައިނީގެ ފަހަތުގައި ހުރި ފިރިހެންމީހާ، ލައިނީގެ އަނގަމަތީ އަޅާފައި އޮތް ފޮތިގަނޑާއި އެކުގައި އަތްފައި ބަނދެފައި އޮތް ވާގަނޑު ވެސް މޮހެލިއެވެ. އެއަށްފަހު ނިމްޝާގެ އިރުޝާދަށް ނިމްޝާއާ އެކީ އެ އަނދިރި ކޮޓަރީގެ އެއް ފަރާތަކަށް ޖެހިލީ، ދެބެންނަށް ފުރުސަތު ދެމުންނެވެ.

ނިމްޝާ އެއް ކައިރިއަކަށް ޖެހިލުމާ އެކީ ލައިނީ އުނދަގުލުން ގޮނޑިން ތެދުވުމާ އެކީ ލިވްޔާ ދުވެފައި ގޮސް ލައިނީގެ ގައިގައި އޮޅުލައިގަތް އިރު ދެބެންނަށް ވެސް ރޮވިއްޖެއެވެ. އެކަކު އަނެކަކުގެ ގައިގައި ބާރަށް ބައްދައިގަނެގެން ތިބި އިރު ކަރުނައިގެ ސިފައިގައި އެދެމެދުގައި އެތައް ވާހަކަތަކެއް ބުނެދެމުން ދިޔައެވެ.

“ކުޑާ.. ނުރޮއެ.. ކުޑާ ރޮންޏާ އަހަރެން މާ ދެރަވާނެ.. އަޑު އަހާބަލަ..” ލައިނީގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ބުނެލި އިރު، ޚުދު ލިވްޔާއަށް ވެސް ދިޔައީ ރޮވެމުންނެވެ.

“މިތަނުން ނުކުމެވޭ ގޮތަށް ފުރަތަމަ ދާނީ ޔާންބެ ގާތަށް އިނގޭ..؟ ޔާންބެ ކުޑާ ނެތީމަ އުޅެނީ ވަރަށް ދެރަވެގެން.. ރޮއެރޮއެ ހަލާކުވަނީ.. އަބަދު ކުޑާއާ ބޭބީއާ ދޭތެރޭ ވިސްނަނީ.. ބައްޕަ ވެސް ހަމަ އެހެން.. ޔާންބެގެ ފެމިލީ އެހެން މީހުން ވެސް.. ދެން.. ދެން ހޮސްޕިޓަލަށް ދައްޗޭ.. ކުޑާއާ ބޭބީ ރަނގަޅުކަން ޔަގީން ކުރައްޗޭ..” ލިވްޔާ ބުނަމުން ދިޔަ ވާހަކަތަކުން ލައިނީއަށް ހައްތަހައި ބޮޑަށް ރޮވުނީ އަދިވެސް ކޮއްކޮ ވިސްނަމުން ދަނީ އޭނާއާ މެދުގައި ކަން އެނގުމުންނެވެ.

“ލިވީ.. ކުޑާގެ ދޫންޏާ.. އައިމް ސޯ ސޮރީ.. ކުޑާއާ ހަދައި.. ލިވީ…” ގިސްލެވެމުން ދިޔުމުގެ ސަބަބުން އިތުރަށް ވާހަކަ ނުދެއްކި ލައިނީގެ އަޑު ބެދުމާ އެކީ ލިވްޔާ ވަގުތުން ދެފަރާތަށް ބޯހުރުވައިލިއެވެ.

“ނޫން ކުޑާ.. މިއިން އެއްވެސް ކަމެއް މިއީ ކުޑާގެ ސަބަބުންވީ ކަމެއް ނޫން.. އެހެން ހިތަށް ނާރުވައްޗޭ އިނގޭ.. ކުޑާ ގިލްޓީވާ ކަން އެނގިހުރެ އަހަންނަށް އެންމެ ދުވަހަކު ވެސް ހަމަޖެހިގެން ނޭވާއެއް ނުލެވޭނެ..” ލައިނީގެ ދެކޮނޑުގައި ހިފަހައްޓައިލަމުން ލިވްޔާ ބުނެލުމާ އެކީ ލައިނީއަށް ހައްތަހައި ބޮޑަށް ރޮވުނީއެވެ.

“ނިމްޝާ ބުނި ގޮތަށް އެއްވެސް މީހަކު ގާތު މި ވާހަކަ ނުބުނައްޗޭ.. ޔާންބެ ގާތު ވެސް އަދި ރައިހާން ގާތު ވެސް.. އަހަރެމެން ހީކުރާ ވަރަށް ވުރެ ނިމްޝާއާ ނާއިފް ހުޝިޔާރުވާނެ.. ކުޑާ މި ވާހަކަ އެއްވެސް މީހަކު ގާތު ބުނެފި ނަމަ.. މީހަކަށް އަހަރެންގެ ނަން ވެސް ނުގަނެވެނީސް ނިމްޝާއަށް އެކަން އެނގޭނެ.. އޭރުން އެ ދިޔައީ އަހަރެމެން ދެމީހުންގެ ދުވަސް.. އަހަންނަށް ޓަކައި.. ކުޑާގެ ބަނޑުގަ މި އޮތް ލޯބިލޯބި ބޭބީއަށް ޓަކައި.. މޮޔަ ކަމެއް ނުކުރައްޗޭ..” ގިސްލުން މަތަކުރަން މަސައްކަތް ކުރަމުން ލިވްޔާ ވާހަކަ ދެއްކި އިރު އެއް އަތް ވަނީ ލައިނީގެ ބަނޑުގައި ބޭއްވިފައެވެ. އޭނާއަށް ބޮޑުދައިތަ ކިޔާ ފުރަތަމަ ދަރިިފުޅު ދެކިލުމުގެ ނަސީބު ވެސް ނުލިބޭނޭކަން ހިތަށް އެރުމުން އެ ހިތަށް ވާން ވެލައިގެން ދިޔައެވެ.

“މި ބޭބީ.. ބޭބީ ދެކެ ވަރަށް ލޯބިވައްޗޭ.. އަހަންނާ ވެސް ލައިގެން.. ބޭބީ ދެކެ ލޯބިވައްޗޭ.. ބޭބީއަށް އަހަރެންގެ ވާހަކަތައް ކިޔައިދެއްޗޭ.. ބުނައްޗޭ ލިވީ ދޮންތި ވަރަށް ވަރަށް ލޯބިވެޔޭ ބޭބީ ދެކެ..” ގިސްލެވެމުން ދިޔަ ޙާލު ލައިނީގެ ބަނޑަށް ބަލަހައްޓައިގެން ހުރެ ލިވްޔާ ދެއްކި ވާހަކައިން ލައިނީގެ ގިސްލުމުގެ އަޑު ބާރުވިއެވެ.

“ޔާންބެ ވެސް ވަރަށް ލޯބިވާނެ ދޯ ބޭބީ ދެކެ..؟ އެ ފެމިލީ އެންމެން ވެސް.. ހަލީމްބެއާ ޒީންތަ ވެސް ފުރަތަމަ ގްރޭންޑްޗައިލްޑް ވީމަ ވަރަށް ލޯބިވާނެ.. މާމަ ވެސް.. ރީންތައާ ރިއްކޮ ވެސް.. ރައި.. ރައިހާން ވެސް.. ވަރަށް ލޯބިވާނެ.. ބޭބީ ދެކެ.. ލޯބިން ގޮސް ބޭބީ ސްޕޮއިލް ކޮށްލާނެ.. ކުޑާ ބަލައްޗޭ..” ލިވްޔާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް، ރައިހާންގެ ނަން ކިޔުމާ އެކީ މިހާރު އެދެމެދުގައިވާ ގުޅުން ވެއްޔާލައި މޮޑެވިފައިވާކަން ހަނދާންވުމުން އެކަން ކާމިޔާބެއް ނުވިއެވެ.

“އެކަމަކު ބޭބީ ދެކެ އެންމެ ލޯބިވަނީ ބޭބީގެ ލިވީ ދޮންތި.. ބޭބީ އުފަން ވެސް ނުވަނީސް.. ބޭބީއަށް ޓަކައި ލިވީގެ ހުރިހައި އުފަލެއް ތި ސެކްރިފައިސް ކުރަނީ..” އަނެއްކައި ވެސް ވާހަކަ ނުދެއްކި ލައިނީއަށް ގިސްލެވުނީއެވެ.

“ދެޓްސް ސަޗް އަ ޕްރިވިލެޖް.. ބޭބީ ދެކެ އެންމެ ބޮޑަށް ލޯބިވުމުގެ ފުރުސަތު ލިބުން އެއީ އަހަންނަށް ލިބޭ ޝަރަފެކޭ.. ކުޑާ.. އަހަންނަށް.. އަހަންނަށް ހަމަ އެންމެ ކަމެއް ކޮށްދީ..” ލައިނީގެ ދެއަތްތިލައިގައި ހިފައިލަމުން ލިވްޔާ އެދުމާއެކީ ލައިނީ ވަގުތުން ބޯޖަހައިލީ ލިވްޔާ އެދުނު ކޮންމެ ކަމެއް ވެސް ކޮށްދޭނަމޭ ބުނާ ފަދައަކުންނެވެ.

“އަހަރެންގެ ރައިހާން.. ރައިހާން ވަރަށް ރަނގަޅަށް ބަލައިދެއްޗޭ.. މިދުވަސްކޮޅު އަދި ރައިހާން ހުންނާނީ.. ވަރަށް ވަރަށް ދެރަވެފަ.. އަހަންނަށް ރައިހާން ވަރަށް ދެރަކޮށްލެވިއްޖެ.. އަހަރެންގެ އަތުން ފަރުވާ ދިން ހިތް، ހަމަ އަހަރެންގެ މި ދެ އަތުން ހަލާކު ވެސް ކޮށްލެވިއްޖެ.. އެކަމަކު މިއަދު އަހަންނަށް އެނޫން ގޮތެއް ނެތީ.. ޕްލީޒް.. ޔާންބެއާ ދެމީހުން ރައިހާން ދެކެ ވަރަށް ލޯބިވައްޗޭ.. ޔާންބެ ގާތު ބުނޭ އަދި ކޮމްޕެނީ ހަމައަކަށް އެޅުވޭނޭ.. ޔާންބެއާ ރައިހާން މަސައްކަތް ކޮށްފިއްޔާ އެއީ އުނދަގޫ ކަމަކަށް ނުވާނެ.. އެހެން މީހަކު.. އެހެން މީހަކު ހޯދައިގެން.. ދިރިއުޅުމައިގެން ކުރިޔަށް ދާން ރައިހާންއަށް ހިތްވަރު ދެއްޗޭ..” އެންމެ ފަހު ޖުމުލަ ބުނެލި ވަގުތު ލިވްޔާގެ މުޅި ހިތް އިރައިގެން ދާ ފަދަ ދިލަ ތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ. އެހެން މީހަކާ އެކު ރައިހާން އައު ދިރިއުޅުމެއް ފަށާ ތަން ދުށުމަށް ވުރެ ލޮލުގެ ފެނުން ގެއްލުން ވެސް އޭނާއަށް މާ ރަނގަޅެވެ. އެހެނަސް މިއަދު އޭނާއަށް ރައިހާންގެ އަތުން ދޫކޮށްލަން މަޖުބޫރެވެ.

“އައި.. އައި ޕްރޮމިޒް..” އިތުރު އެއްޗެއް ބުނާނެ އެއްޗެއް ނެތި ލައިނީ ކުރަކިވެފައިވީ އަޑުން ވަޢުދުވީ ނަމަވެސް، އެ ހިތުގެ ކޮންމެ ކަނަކުން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. ލޯބިވާ ކޮއްކޮ އޭނާއަށް ޓަކައި ވަމުންދާ ޤުރުބާނީ ފެނިފައި އެ ހިތުގައި އުފެދިފައިވީ ކުށްވެރިކަމުގެ އިހުސާސް ދިޔައީ ފުރި ބަނޑުންވަމުންނެވެ.

“ބައްޕަ ވަރަށް ރަނގަޅަށް ބަލައްޗޭ.. އަހަރެން ނެތް ކަމުގެ ފަޅުކަން ފިލާ ވަރަށް ބައްޕަ ދެކެ ލޯބިވައްޗޭ..” ލިވްޔާ ދެން އެދުނު އެދުމާ އެކީ ލައިނީގެ ހިތުގައި ރިއްސައިލި ނަމަވެސް ބޯޖަހައިލީ މިވަގުތު ކިރިޔާ ވެސް ލިވްޔާ ހިތްހަމަޖެހޭނެ ގޮތެއް އޮތް ނަމަ އެގޮތަކާ އެއްބަސްވުމުގެ ނިޔަތުގައެވެ.

“އަހަރެން.. ކުޑާ މަތިން ވަރަށް ހަނދާންވާނެ.. ކުޑާ މި ހުރިހައި ދުވަހަކު އަހަންނަށް ކޮށްދިން ހުރިހައި ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ތިހައި ރަނގަޅު ދައްތައެއް އަހަންނަށް ދުވަހަކު ވެސް ނުލިބޭނެ.. އައި ލަވް ޔޫ ސޯ މަޗް..” ލައިނީގެ ގައިގައި އޮޅުލައިގަންނަމުން ލިވްޔާ ރޮއެގަތީ އެ ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލަމުންނެވެ.

“އައި ލަލް ޔޫ މޯރ ލިވީ.. ތިހައި ލޯބިލޯބި، ތިހައި ރަނގަޅު، ސެލްފްލެސް ކޮއްކޮއެއް އެހެން އެއްވެސް ތާކުން ނުހޯދޭނެ.. ކުޑާ މާ ބޮޑަށް ހަނދާން ވާނެ.. ލިވީއާ ނުލައި ކުޑާއަށް ދުވަހަކު ވެސް ފުރިހަމަ އުފާވެރިކަމެއް ނުލިބޭނެ.. ވަރަށް ލޯބިވޭ..” ލިވްޔާގެ ގައިގައި ބައްދައިގަންނަމުން ލައިނީ ވެސް ރޮއެގަތީ ލޯބިވާ ކޮއްކޮއާ ވަކިވާން ޖެހެނީކަން އެނގުމުންނެވެ.

“އާނ ދެން ސިސްޓަރ ޓައިމް ނިމުނީ.. ލިވްޔާ.. އަހަރެން ހުރިހައި ކަމެއް ހަމަޖައްސައިފިން.. މިއަދު ހުރިހައި ކަމެއް ހަމަޖެހޭނެ.. ލިވްޔާ ފުރާ އިރަށް އަހަރެން ހަމަ ލައިނީ ގެއަށް ފޮނުވައިލާނަން..” ލައިނީއާ ލިވްޔާ ދުރުވެލީ ނިމްޝާގެ ރަޙުމު ކުޑަ ބަސްތައް އަޑު އިވިފައެވެ. ނިމްޝާ ބޮލުން އިޝާރާތްކޮށްލުމާ އެކީ ލިވްޔާ ލައިނީއާ ދުރުވެލީ ހިތާ ދެކޮޅަށް، މަޖުބޫރުވެގެންނެވެ.

“ނިމްޝާ..” ނިމްޝާ ދުރަށް އަޅައިލި ފިޔަވަޅާ އެކީ ލިވްޔާ ގޮވައިލީ އެ ހިތުގައިވީ ސުވާލުތައް ކުރުމަށް ހިތުއަޅަމުންނެވެ. ނިމްޝާ ބޭނުންވަނީ ރައިހާން ކަމުގައިވަނީ ނަމަ އޭނާ ރައިހާންގެ ކުންފުނި އަޑިއަޅައިލަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟

“ނިމްޝާއާ ނާއިފްއާ އޮންނަނީ ކޮން ގުޅުމެއް..؟ ދެމީހުން ކީއްވެ އެހައި ވަރަކުން ރައިހާންގެ ވިޔަފާރި-” ލިވްޔާއަށް ސުވާލު ފުރިހަމަ ނުކުރެވި އުޅެނިކޮށް ނިމްޝާ ވާހަކަ ދައްކަން ފެށިއެވެ.

“ހުރިހައި ކަމެއް ލިވްޔާއަށް އެނގޭކަށް ނުޖެހެ.. މިތަނުގަ މަޑުކުރޭ.. ފުރުން ހަމަޖެހުނުހައި އަވަހަކަށް އަހަރެން ބުނާނަން.. ލިވްޔާ މިކޮޅުން އެއްވެސް އެއްޗެއް ވެސް ގެންދާނެ ކަމެއް ނެތް.. އަހަރެން ހުރިހައި ކަމެއް ހަމަޖައްސައިދޭނަން..” ހަމައެކަނި އެހެން ބުނެލާފައި ނިމްޝާ އެތަނުގައި ހުރި ގާރޑާ އެކީ ނުކުމެފައި އެ އަނދިރި ގުދަނެއް ކަހަލަ ތަން ތަޅުލުމުން އެތަނުގައި ލިވްޔާއާ ލައިިނީ އެކަނިވީ، ދެބެންގެ ވަކިވުމުގެ ކުރިން ވަދާޢުގެ ސަލާމް ކުރުމަށް ދެބެންނަށް ފުރުސަތު ދެމުންނެވެ.

*** ** ***

ކަންތައް ވެގެން ދިޔަ ގޮތުން ރައިހާންއަށް މަޖުބޫރުވީ އިހަށް ކޮމްޕެނީ އެކުގައި ބަންދުކުރާށެވެ. ހުރިހައި މުވައްޒަފުންނަށް ނުކުތުމަށް އަންގާފައި، މުޅި ކޮމްޕެނީ ހުސްވުމުން ރައިހާން ވީ އެންމެ ފަހުން ނުކުތް ފަރާތަށެވެ. އެހެނަސް ފުރަތަމަ ބޭރަށް އަޅައިލި ފިޔަވަޅާ އެކީ ވެސް އޭނާ ވަށައިލި ނޫސްވެރިންގެ ބޮޑު ފުންޏެކެވެ. ކަންތައްތައް ވެގެން ދިޔަ ގޮތުންނާއި، ވެފައި ހުރި ދެރައާއި އައިސްފައި ހުރި ރުޅިން ރައިހާންއަށް އެކަން އެގޮތަށް ވާނޭ ކަމާއި މެދު ވިސްނައިނުލެވުނީއެވެ.

“ތިބޭފުޅާއާ ބެހޭ ގޮތުން މި ފެތުރެމުންދާ ވާހަކަތަކަކީ ހަމަ ތެދެއްތޯ؟”

“މި ކުންފުންޏަކީ ހަމަ އަސްލު ވެސް ޑްރަގު އެތެރެކުރާ ދޮރާއްޓެއްތޯ؟”

“ތިބޭފުޅާއާ ލިވްޔާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ މެދު ވިދާޅުވާނީ ކީކޭތޯ؟”

“ބައްޕަ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީ ކުރި ވިޔަފާރިއެއް އަނެއް އަތަށް އަނބުރައިލި އިރު ތިބޭފުޅާގެ ލަދު ކޮބައިތޯ؟”

ފުނިޖެހެމުން ދިޔަ ރިޕޯޓަރުންގެ ސުވާލުތަކާއި މޫނަށް އެޅެމުން ދިޔަ ފްލެޝްތަކުގެ ސަބަބުން ރައިހާންގެ ބޯގޮވާ ގޮތް ވިއެވެ. އެއް ކަމަކުން ސަލާމަތް ނުވެވި އުޅެނިކޮށް އަނެއް ކަމެއް އޭނާ އެބަ ވަށައިލައެވެ. ދެއަތް މުއްކަވައިލަމުން ރައިހާން އިސްއޮބައިލި އިރު އެ ކަތުރުކަށިގަނޑަށް ވަނީ ވާންވެލައިފައެވެ. ބަލައިލި ކޮންމެ މީހަކަށް ވެސް މިވަގުތު ރައިހާން އެހުރީ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ވަރަށް ވުރެ ރުޅިއައިސްފައިކަން އެނގޭނެއެވެ. އެހެނަސް އެވަރުން ވެސް ރިޕޯޓަރުންގެ ސުވާލުތަކެއް ނުހުއްޓުނެވެ.

އެވަގުތު ކޮމްޕެނީ ގޭޓުދެ ދެފަރާތުގައި ތިބި ދެ ގާޑުން އައިސް ނޫސްވެރިން ދުރަށް ފޮޅުވައިލަމުން ރައިހާންއަށް އެތަނުން ރެކެގަތުމަށް ފުރުސަތު ދިނެވެ. ފުންކޮށް ދެތިން ނޭވާ ދޫކޮށްލަމުން ރައިހާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަން މަސައްކަތް ކޮށްލިއެވެ. އެއަށްފަހު އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ރިޕޯޓަރުންގެ ތެރެއިން ފުރޭނިގަނެގެން ކަހަލަ ގޮތަކަށް ނުކުމެފައި އޭނާގެ ކާރަށް އެރިއެވެ. ހުންގާނުގައި ހިފައި ބާރުކޮށްލަމުން ރައިހާން ކާރު ދުއްވައިލި އިރު ވެސް ރިޕޯޓަރުންގެ އަޑު އެތަނުން ނުކެނޑެއެވެ.

ކާރު ރޭހަށް ލުމަށް ފަހު ރައިހާން އެންމެ ބާރު ދުވެލީގައި ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް މިސްރާބު ޖެހި އިރު އޭނާގެ ދެލޮލުގައި ވަނީ އަނގުރު އަލިފާން ފަދަ ރުޅިވެރިކަމެވެ. މިވަގުތު ރުޅިވެރިކަމުގެ އިހުސާސްވަނީ އެ ހަށިގަނޑު ފިއްސަމުން ދިޔަ ހިތާމަވެރިކަމަށް ހިޔަނި އަޅާފައެވެ. އެންމެ ރުޅިއާދެވުނީ ލިވްޔާ ދެކެއެވެ. އޭނާގެ ބަލިފައި އެނގުމަށް ފަހު ލިވްޔާ އެ އަނިޔާ ދިނީ އަދިވެސް ފަސޭހަނުވެ، ރިހުން އަޅަމުން ދިޔަ ރޯ ފާރަށެވެ. ލޯބިވެޔޭ ކިޔައި އޮޅުވައިލާފައި އޭނާއާއި އޭނާގެ މުޅި އާއިލާއަށް ކެހި ދިނީ އޭނާއަށް ބުނެވުނު ބަސްތަކަކުންނެވެ. އެ ބަސްތަކަށް އެތައް ފަހަރެއްގެ މަތިން މަޢާފަށް އެދި، އެކަން ލިވްޔާގެ ހިތުން ފުހެލަން އޭނާގެ ޖާނު ވެސް ހިބައިން ދިން ފަހުންނެވެ. މުޅި ޢުމުރު ލޯބިން އެކުގައި ވެއަތުކުރަން އޭނާއަށް ވަޢުދު ވެސް ވީ ފަހުންނެވެ. އޭނާއަށް ބުނެވުނު ބަސްތަކެއްގެ ސަބަބުން މިހައި ބޮޑު ޒަޚަމެއް އެ ހިތަށް ދޭހައި ލިވްޔާ ހިތްހަރުވެދާނޭ ކަމަކަށް ރައިހާންއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނަސް ކުރިމަތީގައި ހަގީގަތް ފެންނަން އޮތް އިރު އޭނާ އެކަން ދޮގުކުރާ ވަކި ކޮން ދުލަކުން ހެއްޔެވެ؟

ބާރު ދުވެލީގައި އައި ކާރު ރޯޒްވުޑްގެ ކުރިމައްޗަށް މަޑުކޮށްލުމާ އެކީ ރައިހާން ކާރުން ފައިބާފައި ހަލުވި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފެންޑާއަށް ވަދެވުނު އިރު ގޭ އެންމެން އެތަނުގައި ތިބުމުން ރައިހާން ހައިރާން ނުވީ މިހާރު އެ ޚަބަރު އެންމެންނަށް އެނގިފައި އޮންނާނެކަން ޔަގީންވާތީއެވެ. ރައިހާން ފެނުމާ އެކީ އެންމެން ކޮޅަށް ތެދުވި އިރު ހަލީމް އައިސް ހުއްޓުނީ ސީދާ ރައިހާންގެ ކުރިމަތީގައެވެ.

“ރެން.. ހާދަ ވަރަކަށް އަންކަލް ގުޅައިފީމޭ..” ހަލީމްގެ އަޑުގައިވީ ހަރުކަށިކަން ފާހަގަކުރެވުމާ އެކީ ރައިހާން އިސްޖަހައިލިއެވެ.

“މާ ގިނައިން މީހުން ގުޅާތީ.. ފޯނު ނިވައިލީ..” ރައިހާންގެ ބަރު އަޑުގައިވީ ކުރަކިކަން އެތަނުގައި ތިބި އެންމެންނަށް ވެސް ފާހަގަވިއެވެ.

ސޯފާއިން ތެދުވެފައި އައިސާމަނިކެ އައިސް ސީދާ ރައިހާންގެ ކުރިމަތީގައި ހުއްޓުމުން ރައިހާންއަށް އަމުދުން އިސްއުފުލައިލަން ނުކެރުނެވެ. މާމައަކީ އަބަދުވެސް ވަރަށް ހަރުކަށި އުސޫލުތަކެއްގެ ވެރިއަކަށްވީ އިރު، މިފަދަ ވާހަކައެއް އަޑުއިވުމުން މާމަ ރުޅިއައިސް ހިތްހަމަނުޖެހޭނެ ވަރު ރައިހާންއަށް އަންދާޒާކޮށްލެވުނެވެ. އެހެނަސް ނުކުރާ ކަމަކާ ހުރެ މާމަ ރުޅިއައިސްގެން އޭނާއާ ދިމާއަށް އެއްޗެއް ބުނެފި ނަމަ ކުޑައިރެކޭ ވެސް އެއްފަދައިން އޭނާއަށް ރޮވިދާނެއެވެ.

“މާމަ ނާހާނަން ދަރިފުޅު ގާތު އެކަހަލަ ކަމެއް ކުރިންތޯއެއް.. މާމައަށް އެނގޭ މާމަމެންނަށް ދަރިފުޅުމެން ދެކުދިންނަށް ދެވުނީ އެއަށްވުރެ ރަނގަޅު ތަރުބިއްޔަތެއްކަން..” ޔާނިއުއަށާއި ރައިހާންއަށް ބަލައިލަމުން އައިސާމަނިކެގެ ބަސްތަކުން ރައިހާންއަށް އިސްއުފުލައިލެވުނު އިރު އެ އަނދިރި ދެލޯ ދިޔައީ ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުންނެވެ. ދެލޮލުގެ ތެރޭގައި ބަބުޅަމުން ދިޔަ ކަރުނަތިކިތައް އިސާހިތަކު ކޯތާފަތުގައި ބޮސްދޭން ފެށުމާ އެކީ ރައިހާން އައިސާމަނިކެގެ ގައިގައި އޮޅުލައިގަތީ ކުޑަ ކުއްޖަކު ފަދައިންނެވެ.

“މާމާ.. މާތްﷲ ގަންދީ ހުވާކޮށްފަ މި ބުނަނީ.. ދުވަހަކު ވެސް.. ދުވަހަކު ވެސް އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން.. ޙަރާމް ލާރިއެއްގައި ދުވަހަކު ވެސް ޖެހިފަކައި ނޯންނާނެ.. މީހެއްގެ ހައްގަކަށް އަރައިގަނެފަކައި ނޯންނާނެ.. ޔާންއަށް ވެސް އެކަން އެނގޭނެ.. އަޅުގަނޑު އަބަދު ވެސް މަސައްކަތް ކުރީ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން.. މި ކޮމްޕެނީ އަކީ ބައްޕަގެ އެންމެ ފަހުގެ ހަނދާންތައް.. ބައްޕަގެ ހިކުމަތްތެރިކަމާ ބައްޕަ ކުރެއްވި ބުރަ މަސައްކަތުގެ ރަމްޒީ ނިޝާނެއް.. ބައްޕައަށް ޓަކައި ވެސް.. އަޅުގަނޑު އެކަހަލަ މަގެއް ދުވަހަކު ވެސް އިޚްތިޔާރެއް ނުކުރާނަން.. އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން މާމާ..” އައިސާމަނިކެގެ ކޮނޑުގައި މޫނު ފޮރުވާލައިގެން ހުރެ ކުޑަކުއްޖަކު ފަދައިން ރައިހާން ގިސްލަމުން ބުނި ވާހަކަތަކުން އެތަނުގައި ތިބި އެންމެ ހިތްތައް ވިރުވައިލެވުނު ފަދައެވެ. އަފާފްއާއި ރާއިދާގެ ކުއްލި ވަކިވެދިޔުމަށް ފަހު ރައިހާންގެ ބަދަލުވީ މިޒާޖާ އެކީ އެފަދަ ގޮތަށް ރައިހާން ރޯ މަންޒަރު އެމީހުންނަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

“މާމައަށް އެނގޭ ދަރިފުޅާ.. މާމައަށް އެނގޭ ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެކަން.. މާމަމެން އެންމެން ވެސް ގަބޫލުކުރަމޭ..” ރައިހާންގެ ބުރަކަށީގައި ލޯބިން ފިރުމަމުން އައިސާމަނިކެ ބުނަމުން ދިޔަ ނަމަވެސް ރައިހާންގެ ގިސްލުމުގެ އަޑު އިތުރަށް ބާރުވީއެވެ.

“އަޅުގަނޑުގެ ސަބަބުން.. މުޅި އާއިލާ ލަދެއްގައި ބެދެން ޖެހުނީތީ މަޢާފަށް އެދެން.. ތެދުވެރިކަމާ އެކީ ބައްޕަ ފެއްޓެވި ވިޔަފާރީގެ ނަން ކިލަނބު ކޮށްލެވުނީތީ މަޢާފަށް އެދެން.. އެކަމަކު މިއީ އަޅުގަނޑު ވެސް.. ބޭނުން ވެގެން ވީ ކަމެއް ނޫން..” ގިސްލެވެމުން ދިޔަ ޙާލު ނުކުރާ ކުށަކަށް ލޯބިވާ މާމަދަރިފުޅު މަޢާފަށް އެދެން ފެށުމުން އައިސާމަނިކެގެ ހިތަށް ވާންވެލީ އިންތިހާއަށެވެ.

“އެއީ ދަރިފުޅުގެ ކުށެއް ނޫނޭ ރެން.. މާމަމެން އެއްވެސް މީހަކު ދަރިފުޅު ވެސް ޔާން ވެސް ކުށްވެރިއެއް ނުކުރަން.. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ޙިކްމަތެއް އޮންނާނެ.. އަދި ދޮގުވެރީންނަށް އެކަމުގެ ސަޒާ ލިބޭނޭ ދުވަހެއް އަންނާނެ.. އަހަރެމެންނަށް އަދި މިކަމުން އަރައިގަނެވޭނެ ދަރިފުޅާ.. ހިތްވަރު ދޫނުކުރައްޗޭ..” ރައިހާން ގަޔާ ދުރުކޮށްލާފައި އެ ނިތަށް ބޮސް ދިން އިރު އައިސާމަނިކެގެ ހިތުގައި އިންތިހާއަށް ޝަކުވާ އުފެދުނީ ލިވްޔާއާ މެދުގައެވެ. އަމިއްލަ މާމަ ދަރިއަކު ފަދައިން ކަންތައް ކޮށްދީ، އެތައް ފަހަރަކު ރައިހާންއަށް ދެރައެއް ނުދިނުމަށް އެދި ކުރި އާދޭސްތަކަށް ފަހު ވެސް ލިވްޔާ މިއަދު އެ ވަނީ ރައިހާންގެ އިތުރުން މުޅި ޢާއިލާއަށް އޮޅުވައިލާފައެވެ. މުޅި އާއިލާގެ ޢިއްޒަތާއި ޤަދަރު ވެއްޔާލައި މޮޑެލާފައެވެ. ނިމްޝާއަށް ވުރެ ލިވްޔާ މާ ގޯހޭ ހިތަށް އެރުމާއެކު އައިސާމަނިކެއަށް ދަތްކުނޑި ވިކައިލެވުނީ ލިވްޔާއާ މެދުގައި އެހިތުގައި ކުރިން އުފެދިފައި އޮތް ލޯބީގެ ހުޅުކޮޅު ނަފްރަތުގެ އަނގުރު އަލިފާނަށް ބަދަލުވުމުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހިތުގެ ޔާރާ – ދެވަނަ ބައި

Next

ލޯބިން ބުނާތީ 3

Next
March 30, 2026

ލޯބިން ބުނާތީ 3

Previews
March 30, 2026

ހިތުގެ ޔާރާ – ދެވަނަ ބައި

10 Comments!

  1. AM13 says:
    March 30, 2026 at 11:01 am

    OMG😭😭😭😭I DON’T KNOW WHAT TO SAY😭😭

    1. Nayaa Nayaa says:
      March 30, 2026 at 11:42 pm

      hehehe, very unexpected dho

  2. Eelam.. says:
    March 30, 2026 at 1:00 pm

    Whaaatt when’s next never expected for thisss ughhhhh 😭

    1. Nayaa Nayaa says:
      March 30, 2026 at 11:42 pm

      soon in sha allah

  3. Cutie girl says:
    March 30, 2026 at 1:11 pm

    Mi part ves varah reethi masha Allah
    Heyonuvaane Ren n liv gulhuvachey haadha bodu sacrifice ekey Evany liv they both are made for each other
    Haadha nuba ey nimsha and naaif
    Kuhverinah adabu dhee
    Curious kohlaafa thi nihmaaly
    Mi part kiyaafa rovijje hama raihaan fakeeru vaane dhera hihtha meega liv ge kusheh majubooru vegen eulheni
    Miayee Varah saugu veri kamakaa eku kiyaa vaahaka eh

    1. Nayaa Nayaa says:
      March 30, 2026 at 11:43 pm

      aw thank you so much darl, means a lot💕💕

  4. Anonymous says:
    March 30, 2026 at 8:31 pm

    Next part avahah up kohdhehchey! Anyway ts part is so salhi!

    1. Nayaa Nayaa says:
      March 30, 2026 at 11:46 pm

      yess, in sha allah.. thank you so much💕

  5. N says:
    March 31, 2026 at 4:31 pm

    this part ves v reethi masha allah .when’s the next part uploadingg..

  6. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    April 2, 2026 at 1:56 pm

    Alhey ….. Waiting for next episode…vrh reethi M.A…. dhn inna episode dhigu kohllahcheyy

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 31←


All Right Reserved!