ލަމްޔާ!!! ހާދަ ރީތި ނަމަކޭ، އެނާގެ ނަމާ އެއްވަރަށް އެ ސޫރަވެސް… އެ މައުސޫމު ދޮންދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެންވަންތަ ހަށިގަނޑެވެ. ލަމްޔާގެ ބުޅި ދިގު އެ އިސްތަށިގަނޑު މިނިވަންކަމާއި އެކު ފަހަތަށް ދޫކޮށްލެވިފައިވާއިރު އެރީތި ސޫރައާއި ވަރަށްވެސް ގުޅެއެވެ. ގުދުރަތުން ލިބިފައިވާ އެ ރީތި ބޮޑު ދެލޮލުން ޝާމިން އާއި ދިމާއަށް ބަލަން ހުރި ގޮތުން ޝާމިންގެ ހިތް ހަމަ ރަނގަޅަށްވެސް މޮޔަކޮށްލައިފިއެވެ.” އެނދުމަތީގައި ޝާމިން އޮވެ ލަމްޔާ އާއި ދޭތެރޭ ވިސްނަން އޮވެ އޭނާގެ ރީތިކަމާއި ދޭތެރޭ ހިތާހިތުން ތައުރީފުކުރަމުން ދިޔައެވެ. އަދި ފޯނު ނަގައި ހެޑްސެޓް ގުޅައިލުމަށްފަހު ކަންފަތުގައި ހެޑްސެޓް ޖަހައި ރީތި ދިވެހި ލަވައެއް ޖަހައިލިއެވެ.
“ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ، އަދި ހޯދަން ލޯއެދޭނެ ރީތި މޫނެކޭ، މީ ތަޤްދީރުހޭ، މީ ތަޤްދީރުހޭ”
*** *** ***
“ޝާމިން، ޝާމިން” ހަސަނު، ޝާމިން ނިދާ ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން ޝާމިންއަށް ގޮވާއަޑަށް ހޭލެވުނެވެ. އޭރުވެސް ރޭގައި ޖަހައިފައިވާ ލަވައިގެ އަޑު ޝާމިންއަށް އިވެމުން ދިޔައެވެ. އަދި ހޭލެވިއްޖެ ކަމުގައި ބުނެ ފާހާނައަށްވަދެ ފެންވަރައި ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ޝާމިންގެ އިންތިޒާރުގައި ފެންޑާގައި ހުރި އުނދޯލީގައި ހަސަނު އިނެވެ.
“މިއަދު ހާދަވަރަކަށް ނިދާދުވަހެއް؟ އަނެއްކާ ކިހިނެތްވީ؟” ޝާމިންއަކީ މާގިނައިރު ނިދާފައި އޮންނަ މީހެއްކަމަށް ނުވާތީ ހަސަނު ޝާމިންއާއި ސުވާލުކޮށްލިއެވެ. “ރޭގަ ފެނުނު ކުއްޖާއާ ދޭތެރޭ ވިސްނަން އޮވެވުނީ، އޭނަ ހާދަ ރީއްޗޭ، މަށަށް ސެޓްކޮށްދޭވީނުން؟؟” ގޭތެރޭގައި ހަރީރާ ފެންނަން ނެތުމުން ހަސަނު ކައިރީ އެހެންބުނެ އުނދޯލީގައި ޝާމިން އިށީނެވެ. ހަސަނުގެ ކަންފަތަށް އިވުނު އަޑާއި އެކު ޝާމިންގެ މޫނަށް ހަސަނު ބަލައިލިއެވެ. އަދި ހިނިގަނޑެއް ޖަހައިލުމަށްފަހު ޝާމިންގެ ކޮޑުގައި މަޑުމަޑުން ޖަހާލައި އެކަމާ އުޅެދޭނެކަމަށް ބުނެ ސައިބުއިމަށްޓަކައި ޝާމިން ގޮވައިގެން ކާގެއާއި ދިމާއަށް ދިޔައެވެ.
“ޝާމިން އެބައުޅޭ އުތީމަށްގޮސް އެ ރިޒޯޓުގަ އުޅޭ އެސޮރުގެ ރައްޓެއްސަކާ އެކު، މަރީނާގެ ނަންބަރު އިންނާނެ އެސޮރަށް ދީފަ، އެސޮރު ނުގުޅާތަ؟” އާދައިގެ މަތިން މަރީނާގެ ހާލު ބަލައިލުމަށްޓަކައި ޝިފާނާ މަރީނާމެންގެ ގެއަށް އައިސް މަރީނާ ކައިރީ ޝާމިންގެ ވާހަކަ ދެއްކުމުން މަރީނާ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ” އޭނަ ނުގުޅާ މަށަކަށް، ފޯނެއް ގަނެގެން އުޅޭކަމެއް މަށަށް ނުވެސް އެނގޭ، ދެން ޝިފާނާ ކުރީދުވަހުވެސް ބުނީ އޭނަގެ ހާލުބަލާ ނަހަދަނީ ކީއްވެހޭ؟ އޭނައަށް މައިމީހާގެ ހާލު ނުބެލޭ އިރު އަހަރެން އޭނާގެ ހާލުބަލަނީ ކީއްކުރަން؟” މަރީނާ ރުޅިއައިސް ހުރެ އެހެން ބުނުމުން ޝިފާނާ އިތުރަށް ޝާމިންގެ ވާހަކަ ދައްކަން ބޭނުން ނުވާތީ ވާހަކަ އޮޅުވައިލިއެވެ.
ޝިފާނާ ގެއަށްދިޔަ މަގުމަތީގައި ޝާމިންއަށް ގުޅައި މަރީނާގެ ހާލުބަލަން ނުގުޅަނީ ކީއްވެތޯ ސުވާލުކުރިއެވެ. ނަމަވެސް ޝާމިންގެ ފަރާތުންވެސް އެދެވޭ ޖަވާބެއް ނުލިބުމުން ޝިފާނާ ދެރަވިއެވެ. އަދި ޝާމިން ރަށަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރަން ނިންމީ މިފަހަރު ކޮންމެ ގޮތެއްވިޔަސް އެވާހަކަތަށް ޝާމިން ކައިރީ އޮޅުންފިލުވުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
“ކާކު ގުޅީ؟” ސައިބޯން އިނދެ ޝާމިން ފޯނުން ވާހަކަދެއްކި މީހެއް ބަލައިލުމުގެ ބޭނުމުގައި ހަސަނު، ޝާމިންއާއި ސުވާލުކުރީ ފޯނު ނިމުމާއި އެކު ޝާމިންގެ މޫނުން ފެނިގެންދިޔަ މާޔޫސީ ކުލަވަރުންނެވެ “އެއީ ޝިފާނާ ދައްތަ، މަންމައަށް ނުގުޅަނީ ކީއްވެހޯ، މަންމައަށް ގުޅިއަސް އަހަންނަކާ ވާހަކަ ނުދައްކާނެކަން އެނގޭ، އެހެންވެ ދެރަވާން ބޭނުންނުވާތީ ނުގުޅަނީ” ޝާމިން ދެރަވެފައި އިނދެ އެހެންބުނުމުން ހަސަނުވެސް ދެރަވިއެވެ. ނަމަވެސް ޝާމިންއަށް އެކަން ފޮރުވަންބޭނުންވާތީ ސައިބޮއެ ނިމުމުން ލަމްޔާމެންގެ ގެއަށް ދާންވާނެކަމަށް ބުނެ ޝާމިން ހިތްހަމަ ޖައްސައިލިއެވެ.
“އައްސަލާމް އަލައެކުމް” ލަމްޔާގެ ގެއަށް އައިސް ހަސަނު ސަލާމް ގޮވައިލުމުން ގޭތެރޭގައި ހުރި ލަމްޔާ ސަލާމްބަލައިގަނެ ބޭރަށް ނުކުތެވެ. “ބޭބޭ، ކިހިނެތް؟ ކޮންއިރަކު އައީ؟” ލަމްޔާއަށް ހަސަނު ފެނުމާއިއެކު ހަސަނުގެ ހާލު އަހައިލުމަށްފަހު ހަސަނު ކައިރީގައި ހުރި ޝާމިންގެ މޫނަށް ބަލައިލިއެވެ. “ބޭބެ ރަނގަޅު، އިއްޔެގަ އައިގޮތަށް މިއުޅެނީ، ޝާމިންއަށް މިރަށް ދައްކާލާށާއެކު، އެކަމަކު މާދަމާ ހެނދުނު ފުރަންޖެހޭނެ، އެހެންވެ ކޮއްކޮއާ ދައްތަގެ ހާލުބަލާލަން މިއައީ، ރަނގަޅުދޯ ހުރިހާކަމެއް؟” ލަމްޔާއަށް ހަސަނުދެއްކި ވާހަކަތަށް އަޑުނީވޭކަހަލައެވެ. ހަސަނު އެހުރިހައި ވާހަކައެއް ދައްކައި ނިމުނުއިރުވެސް ލަމްޔާ ބަހެއްވެސް ނުބުނެ ޝާމިންގެ މޫނަށް ބަލަންހުރުމުން ހަސަނު ލަމްޔާގެ ކޮނޑުގައި ހިފައި ތަޅުވައިލިވަގުތު ސިހިފައި ލަމްޔާއަށް ހަސަނުގެ މޫނަށް ބަލައިލެވުނެވެ. އަދި ލަމްޔާ ގަތްލަދެއްގެ ބޮޑުކަމުން އިސްދަށަށް ޖަހައިގެންހުރެ ހަސަނުމެން ކައިރީގައި ގޭތެރެއަށް ވަނުމަށް ބުންޏެވެ.
ގޭތެރެއަށް ވަދެވުމާއި އެކު ގޭތެރޭގައި ހުރި ބޮޑުއަށީގައި ހަސަނުމެން ކައިރީ އިށިއިނުމަށްބުނެ ލަމްޔާވެސް ހަސަނުމެން ކުރިމައްޗަށްވާ ގޮތަށްހުރި ގޮޑިއެއްގައި އިށީއިނދެ އިސްޖަހައިލައިގެން އިނެވެ. “ދައްތަ ނިދާފަތަ؟ ހިނގާބަލަ ދައްތައަށް ގޮވާލަން ދާން” ހަސަނު އެހެންބުނުމުން ލަމްޔާ އިންތަނުން ތެދުވެ ހަސަނުގޮވައިގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. “ދައްތާ މިއާދެވުނީ އަނެއްކާވެސް، ރަނގަޅުތަ؟” ހަސަނު ފެނުމުން ހައްވާފުޅުގެ މޫނުމަތިން އުފޭވެރިކަމުގެ ކުލަވަރު ފެނިގެންދިޔައެވެ. އަދި ކުރަކިވެފައިވާ އަޑަކުން ކުރިއަށްވުރެ ރަނގަޅު ކަމަށްބުނެ ހަސަނުގެ އަތުގައި ހިފައިލިއެވެ.
“ބޭބޭ އެއީ ކާކު؟” ހައްވާފުޅާއި ވާހަކަ ދައްކަން އިރުކޮޅަކު އިނދެފައި ދަނީކަމަށް ބުނެ ކޮޓަރިން ނުކުތުމަށް ހިނގައިގަތްތަނާ ހަސަނުގެ އަތުގައި ލަމްޔާ ހިފެހެއްޓުމަށްފަހު ސުވާލުކޮށްލީ ޝާމިން އެއީ ކާކުތޯ ބަލައިލުމުގެ ބޭނުމުގައެވެ. “އެއީ ޝާމިން، ބޭބެ މަސައްކަތްކުރާ ރިޒޯޓުގަ އުޅޭ ކުއްޖެއް، ކިހިނެތްވީ؟ ކަމުދިޔައީތަ؟” ދިމާކުރުގެ ރާގަށް ހަސަނު އެހެންބުނެ ލަމްޔާ ލަދުގަންނަވާލިއެވެ. ނަމަވެސް އެކަންފޮރުވަންވެގެން ހަމަޖެހޭގޮތް ދައްކަމުން ކަމުދިޔައްޔާ ކީއްވީހޭ ބުނެ ހަސަނުގެ ގައިގައި ޖަހައިލުމަށްފަހު ހީލިއެވެ.
“ދެންދަނީ އިނގޭ” ލަމްޔާ ކައިރީ ދަނީ ކަމަށްބުނެ ޝާމިން ގޮވައިގެން ހަސަނު ގެއިންނުކުތުމަށް ހިނގައިގަތްއިރުވެސް ކަޅިޖަހައިނުލައި ޝާމިންއާއި ދިމާއަށް ލަމްޔާ ބަލަމުންދިޔައިރު ޝާމިންގެ ހާލަކީވެސް އެއީއެވެ. “ކޮބާ ކިހިނެތްވަނީ؟ އެވާހަކަ ދެއްކިންތަ؟” ކެތްމަދުވެފައި ހުރި ޝާމިން ގެއިން ނުކުތުމާއި އެކު ހަސަނު ކައިރިން ސުވާލުކޮށްލިއެވެ. “ލަމްޔާވެސް ގަޔާވާހެން ހީވަނީ، ކޮޓަރީގަ ހުރިއިރު ސުވާލުކުރި ޝާމިންތީ ކާކުހޭކިޔާފަ، ޝާމިންވާނެ ކޮންމެހެން ހަދާފަވެސް އެކަން ކުރަން، ލަމްޔާގެ ބައްޕަ ނިޔާވުމުން އަހަރެމެން އޭނާގެ ކިޔެވުމުގެ ހުރިހާކަމެއް ބެލެހެއްޓީ، ވަރަށް ރަނގަޅު މުރާލި ކުއްޖެއް އެއީ، މިރަށުން ކިޔެވޭނެ އެންމެ މޮޅަކަށް ކިޔަވައިގެން އެހުރީ އަހަރެމެން ފަހްރުވެރިވާ ވަރުގެ ނަތީޖާއެއް ހޯދާފަ” ހަސަނު އެހެންބުނެ ލަމްޔާއަށް ތައުރީފްގެ ބަސްތަކެއް އޮއްސައިލުމުން ޝާމިންއަށް ބުނެދޭން ނޭނގޭކަހަލަ އުފަލެއް ލިބުނެވެ. އަދި މިރޭވެސް އަންނަންވާނެކަމުގައި ބުނެ ދެމީހުން އެއްކޮށް ހޭންފެށިއެވެ.
“ފަލާހް އަހަރެން ރަށަށް ފޮނުވަދީ، މި އަނިޔާއަށް އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ، އަހަރެން މޮޔަވެދާނެ” އެނދުމަތީގައި ފޯނާ ކުޅެންއޮތް ފަލާހްގެ ކައިރީ އިނދެ ރޮމުން ސަނާ އާދޭސް ކުރަންފެށިއެވެ. ނަމަވެސް އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ސަނާއަށް ހިތްދަތިކަންފިޔަވައި އިތުރު އެއްޗެއްނުލިބުނެވެ. “ކަލެއަކަށް ދެން ސަލާމަތެއް ނުވެވޭނެ، ކަލެއަކަށް ނޭނގޭނެ ޖަލުގެ ތެރޭގައި ޒަރީނާ ދައްތަ އުޅުނު ހާލެއް، ކަލޭވެސް މިހާރު ތިހުރީ އެކަހަލަ މަޅިއެއްގަ ބެދިފަ، މިޖަލަކުން ކަލެއަކަށް މިނިވަންވުމެއްނެތް” އެނދުމަތީގައި އެއޮތްގޮތަށްއޮވެ ސަނާއާއި ދިމާއަށް ފަލާހް އިނގިލި ދިއްކޮށްލުމަށްފަހު އެހެންބުނެ ސަނާގެ ބުރަކަށީގައި ފައިން ޖެހުމަށްފަހު ކޮޓަރިން ނުކުތުމަށް އަމުރުކުރިއެވެ.
ފަލާހްގެ ފައިން ސަނާގެ ބުރަކަށީގައި ޖެހިލެއްބާރުކަމުން ވީތަދެއްގެ ބޮޑުކަމުން ބުރަކަށީގައި އަތްއަޅައިގެން ސަނާ ކޮޓަރިން ނުކުމެ ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނދެ ސޯފާގައި ބޯއަޅައިގެން ރޯންފެށިއެވެ. “ކަލޭ އަބަދު ރޯން އާދަވެފަތަ ހުންނަނީ، މީ ދެން ކިހާދެރަކަމެއް، އަހަރެމެން ކަމެއްނުކުރިއަސް އަބަދު ރޯންވެފަ” ސަނާ ރޯއަޑަށް ކޮޓަރިން ނުކުތް ޒަރީނާ ދިޔަގޮތަށްގޮސް ސަނާގެ އިސްތަށިގަނޑުގައި ހިފައި އެހެންބުނެ ސޯފާގައި ބޯޖެއްސުމަށްފަހު ފަލާހްގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ.
*** *** *** ***
“ބޭބެ އެގުޅީ، ބުނި މިފެށޭ ހަފްތާ އޮފް ނަގައިގެން އަންނަ ވާހަކަ، ދަރިފުޅަށް ސަލާންބުނި” ހަރީރާގެ ދޮށީ ފިރިހެންދަރި ހާނިމްއާއި ފޯނުން ވާހަކަ ދައްކަން ހުރެ ކޮޓަރިން ނުކުތް ހަސަނު ކައިރީ އެހެންބުނުމަށްފަހު ހަރީރާ ބަދިގެ ފަރާތަށް ދިޔައެވެ. އެވަގުތު ހަސަނުވެސް ހާނިމްއަށް ގުޅައިނުލާތާ ގިނަދުވަސްވެފައި ވުމުން ހާނިމްއަށް ގުޅައިލިއެވެ.
“އޭ ދެންހިނގާ ދާން މިހާރު އެއޮއް ހަތެއްޖަހަނީނުން، މިފަހަރު ރިޒޯޓަށް ދާނީ ލަމްޔާ ސެޓްކޮށްފަ” ހަސަނުގެ ފޯން ނިމޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ހުރި ޝާމިން ހަސަނު ފޯނުކަނޑައިލުމުން ހަސަނުއާއި ވާހަކަ ދައްކަން ފެށިއެވެ. ހާދަ ކެތްމަދުވެފަ؟ ހިނގާދާންދޯ” ޝާމިން އެހެންބުނުމުން ހިނިގަނޑެއް ޖަހައިލައި ބަދިގެ ތެރޭގައި ހުރި ހަރީރާ ކައިރީ ލަމްޔާމެންގެ ގެއަށްގޮސް އެބައަންނަމޭބުނެ ދެމީހުން އެއްކޮށް ގެއިންނުކުތުމަށް ހިނގައިގަތެވެ.
“އައްސަލާމް އަލައެކުމް” ސަލާމް ގޮވައިލުމަށްފަހު ހަސަނު ލަމްޔާމެންގެ ގޭގެ ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހައިލިތަނާ ސަލާމްބަލައިގަނެ ލަމްޔާ ދޮރުހުޅުވައިލިއެވެ. “މިހުރީ ލަމްޔާ، ދެންކިޔާބަލަ ތިކިޔާއެއްޗެއް” ޝާމިން ލަދުގަންނަވާލުމުގެ ބޭނުމުގައި ހަސަނު އެހެންބުނެ ގޭތެރެއަށް ވަނުމުން ހަސަނުގެ ފަހަތުން ޝާމިން ބޯކަހަމުން އެތެރެއަށްވަނެވެ. “ޝާމިން އަހަރެން ހޯދަނީތަ؟” ލަމްޔާވެސް އިސްދަށަށް ޖަހައިލައިގެން އެއްޗެއް ނުބުނެ އިރުކޮޅަކު އެހެން ހުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ހަސަނު ހައްވާފުޅު ކޮބައިހޭ ކިޔައި ހައްވާފުޅު އޮންނަ ކޮޓަރިއާއި ދިމާއަށް ދިޔައީ ލަމްޔާއާއި ޝާމިންއަށް އެކަނި ވަގުތުކޮޅެއްދޭން ބޭނުންވާތީއެވެ.
“އަހަރެންނަށް ލަމްޔާ ވަރަށް ކަމުދޭ، އަހަރެން ބޭނުން ލަމްޔާއާ ރައްޓެހިވާން” ޖެހިލުންވެފައި އިނދެ ނަމަވެސް ޝާމިންގެ ހިތުގެ އުދާސްތަށް ލަމްޔާގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. ލަމްޔާ ވަރަށް ލަދުން އިނދެ ޝާމިންގެ އެދުމަށް އާނ އެކޭ ބުނުމަށްފަހު ދުވެފައިގޮސް ހައްވާފުޅު އޮންނަ ކޮޓަރިއަށްވަނެވެ. “ލަމްޔާ ކިހިނެތްވީ؟” ލަމްޔާ ބާރަކަށް ދުވެފައި އައިސް ކޮޓަރިއަށް ވަނުމުން ހަސަނު ސުވާލުކޮށްލިއެވެ. އޭރު ހައްވާ ފުޅުވެސް ވާނުވާ ނޭނގި ލަމްޔާއާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ހަސަނު ކުރި ސުވާލަށް ޖަވާބުދިނުމެއް ނެތި ހިނިއައިސްފައި ލަމްޔާ ހުރުމުން ކަންތަށްވީގޮތް ބަލާލުމަށްޓަކައި ހައްވާފުޅު ކައިރީ ދެންދަނީ ކަމުގައި ބުނެ ކޮޓަރިން ނުކުތްއިރު ޝާމިންގެ މޫނުމަތިންވެސް އުފާވެރިކަމުގެ ކުލަވަރު ފެނުމުން ކަންތަށްވީގޮތް ހަސަނަށް ވިސްނުނެވެ.
*** *** *** ***
“މަޖެހޭތަ އޭނައަށް ގުޅަން އަދި މި ޝިފާނާވެސް ކޮންމެދުވަހަކު އައިސް ޝާމިންގެ ވާހަކަ ދައްކާނެ، މަ ގުޅާނީ ސަނާއަށް، އަހަރެންގެ އެނޫން ދަރިއަކު ނުހުންނާނެ” ސަނާއަށް ގުޅައިލުމަށްފަހު ހިތްހަމަ ޖައްސައިލައި ގޭތެރޭގައި އިން މަރީނާއަށް ކުއްލިއަކަށް ޝާމިން އާއި ދޭތެރޭ ވިސްނުމުން ރުޅިއަންނަ ގޮތްވެ ހިތާހިތުން ޝާމިންއާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އެވަގުތު ސިޓީއުރައެއް ހިފައިގެން މަރީނާމެންގެ ގެއަށް އައިސް ޝިފާނާ އެސިޓީއުރަ މަރީނާއަށް ދިއްކޮށްލިއެވެ. “ތީ ޝާމިންގެ މުސާރަ ލިބުނު ދުވަހު މަރީނާއަށް ފޮނުވަދޭށޭ ކިޔާފަ ޝިމާން އަތަށް ހަވާލުކޮށްފަ އޮތްލާރިކޮޅެއް، އެ ސޮރު ކިހާ ރަނގަޅު، މިއަދު ލިބުނީ، އެހެންވެ އަވަހަށް މިއައީ މަރީނާއަށް މިދޭން” މަރީނާއަށް ސިޓީއުރަ ދިއްކޮށްލުމަށްފަހު ޝިފާނާ ދަނީކަމަށްބުނެ އެނބުރި ގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.
“އެއްގޮތަކުން ރަނގަޅު ޝާމިން ހުންނާތީވެސް، މިހެން ކަމެއްނުކޮށް ހުއްޓާ ރުފިޔާ ލިބޭވިއްޔާ އެބަ” ސިޓީއުރަ ކަނޑައިލުމަށްފަހު އޭގައި އޮތް ތިންހާސް ރުފިޔާގައި އަތްހާކަމުން އެހެންބުނެ މަރީނާގެ މޫނަށް ފިނިވާގޮތަށް ވިހެލިއެވެ.
“ލަމްޔާ އަތުގަ ފޯނެއް ނޯވޭ ދޯ؟ އޭނައަށް ފޯނެއް ދީފަ ދާނީ އެހެންނޫނީ މަށަކަށް އޭނައާ ވާހަކަ ދައްކާލެވޭގޮތެއް ނުވާނެ، ސެޓްވީތަނާ މިޖެހުނީ ފުރައިގެން ދާން” ގެއައް އައި މަގުމަތީގައި ޝާމިން އެހެންބުނުމުން ލަމްޔާއާއި ދޭތެރޭ ޝާމިން ވިސްނާވަރު ހިތަށް އަރާފައި ހަސަނު އުފާވިއެވެ. އަދި ލަމްޔާއަށް ޝާމިން ކަހަލަ ރަނގަޅު މީހަކު ލިބުނީތީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ.
“ކޮބާ ދެކުދިން އާދޭ ކާން، މަންމަ ހުންނާނެ ވަރަށް މީރުކޮށް ކުޅިމަހާ ރޮއްޓާ ހަދާފަ” ގެއައް އާދެވުމާއި އެކު ހަސަނުމެންނަށް ކާންގޮވުމަށްފަހު ހަރީރާ ބަދިގެ ފަރާތަށް ދިޔައެވެ. މަންމާ، މި ޝާމިންއަށް ލަމްޔާ ކަމުގޮސްގެން އެއުޅެނީ، މިރޭ އެއައީ ލަމްޔާ ކައިރީގަ ރައްޓެހިވާން އަހާފަ” ކާންތިބި އިރު އެކަކުވެސް ބަހެއްނުބުނެ މަޑުމަޑުން ތިބުމުން ހަސަނު، ހަރީރާއަށް ގޮވައިލުމަށްފަހު ބުނި އެއްޗަކުން ޝާމިން ލަދުގަންނަގޮތްވިއެވެ. “އެހެންތަ، މިރަށަށް އެރިފަހުން އަދި ފައިންލޮނުވެލި ނުހިކިގެން އެއުޅެނީ މިހާރު ކުއްޖަކު ސެޓްކޮށްލީ ދޯ، މަންމަ ތިކަމާ ހަމަ ގަބޫލު، ޝާމިން ކަހަލަ ރަނގަޅު ކުއްޖަކު ލަމްޔާއަށް ލިބޭތޯ މަންމަ އަބަދުވެސް ދުއާކުރީމޭ، އަލްހަމްދްލިލްލާހި، މަންމަ ވަރަށް އުފާވެއްޖެ، މިހާރު އާއިލާ މެންބަރަކަށްވެސްވީތާ ދޯ، ދެންވާނެ ގިނަގިނައިން މިރަށަށް އަންނަން” ހަރީރާވީ އުފަލެއްގެ ބޮޑުކަމުން އެހެންބުނެ ކައިރީގައި އިން ޝާމިންގެ ބޮލުގައި ފިރުމައިލިއެވެ.
*** *** ***
ބާރުދުވެލީގައި ލޯންޗްގޮސް ހަނިމާދޫގެ ޖެޓީއާއި ގާތްކޮށްލުމުން ޝާމިންއާއި ހަސަނު ލޯންޗުންފޭބުމަށްފަހު ރިޒޯޓަށް ދިއުމަށް ގެސްޓުންބަލައި އައިސް އޮތް ލޯންޗް އޮތްދިމާ ކުރިމަތީގައި ހުރި ބެންޗެއްގައި އިށީނދެލިއެވެ. އެހެން އިންދާ އިރުކޮޅަކުން ޝާމިންގެ ފޯނަށްއައި މެސެޖް ޝާމިން ކިޔައިލުމަށްފަހު ހަސަނަށް ފޯނަށްއައިސް އިން މެސެޖް ދައްކައިލުމުން ހަސަނު ޝާމިންގެ ފޯނަށް ބަލައިލިއެވެ. ރޭގައި ކައިނިންމައިލުމަށްފަހު ހަސަނުއާއި އެކީގޮސް ޝާމިން ފޯނެއްގަނެ ސިމްކޮޅަކާއި އެކު ލަމްޔާއަށް ފޯނުދީ ވަރަށްގިނަ ވާހަކަ ދެއްކުމަށްފަހު ގެއައްއައީ އެކަކު އަނެއްކަކު ދުވަހަކުވެސް ވަކިނުވާނެކަމަށް ވައުދުވެފައެވެ. “ގުޑް މޯރނިން ލަވް” ޝާމިންގެ ފޯނަށް ލަމްޔާ ފޮނުވާފައި އިން މެސެޖް ދައްކައިލުމުން ޝާމިންއަށް އިވޭވަރަށް ހަސަނު، ޝާމިންގެ ފޯނުގައި އިން މެސެޖް ކިޔައިލިއެވެ.
ގެސްޓުން އައިސް ލޯންޗަށް އަރައި ހަމަޖެހުމުން ޝާމިންމެންވެސް ލޯންޗަށް އަރައި ހަމަޖެހިލިތަނާ ލޯންޗު ދުއްވައިލިއެވެ. ވައިގަދަވެފައިވުމުގެ ސަބަބުން ކަނޑުވެސް ވަނީ ފުދޭވަރަކަށް ގަދަވެފައެވެ. ލަމްޔާ ކުރާ މެސެޖްތަކަށް ޖަވާބުދީ ދެމީހުން އެކިވާހަކަ ދައްކަމުން ރިޒޯޓާ ހަމައަށް އާދެވުނުއިރުވެސް ނޭނގުނެވެ. ލޯންޗުން ފޭބުމަށްފަހު ދެމީހުން އެކުގައި ސެކިއުރިޓީ ގޮޅީގައި ދަމުން ބޭއްވި ޗިޓްކޮޅުގައި ސޮއިކުރުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަދި ދެމީހުންނަށްވެސްވީ އެންމެ އަވަހެއްކޮށްގެން އޮފީހާދިމާއަށް ދިޔައިރު ޑިއުޓީ ފެށެން ހުރީ ފަސްމިނެޓަށްވެފައެވެ.
ބްރީފިން ނިންމައިލުމަށްފަހު ޝާމިން ރިސެޕްޝަން އޭރިޔާ އާއި ސްޕާ ސާފުކޮށް ނިންމައިލުމަށްފަހު މެނޭޖަރުންގެ ކޮޓަރިތަކާއި ދިމާއަށް ދިޔައެވެ. އަދި އެސިސްޓެންޓް ރިޒޯޓް މެނޭޖާރ ފަތުހީ އުޅޭ ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމުން ދޮރުހުޅުވައިލިއެވެ. “ޝާމިން ކޮޓަރި ސާފުކުރަންވީ ދޯ، އާދޭ އެތެރެއަށް” ފަތުހީގެ ހުއްދައާއި އެކު ކޮޓަރިއަށްވަދެ ކޮޓަރިތެރެ ފޮޅައި ސާފުކުރުމުގައި ޝާމިން އުޅުނެވެ. “ކީއްވެތަ މާ މަޑުންތިހުންނަނީ؟ ގިނައިން ވާހަކަ ދައްކާ ހަދާތަންވެސް ފެންނަނީ ހަސަނާ އެކަނި، އެއީ ކީއްވެ؟” ކޮޓަރިތެރެ ސާފުކުރަން ހުރި ޝާމިންއާއި ފަތުހީ ވާހަކަ ދައްކަމުން ދިޔައިރު ފަތުހީގެ ސުވާލުތަކަށް ޝާމިން ޖަވާބުދެމުން ދިޔައެވެ. ކޮޓަރި ފޮޅައި ސާފުކޮށް ނިމުމުން އެދުގައި އޮތް ބެޑްޝީޓް ނަގައި އާބެޑްޝީޓެއް އެޅުމަށްޓަކައި އުޅުނުވަގުތު ޝާމިންގެ ގައިގައި ފަތުހީ ހޭކެމުން ދިއުމުން އައިރުޅީގައި ޝާމިން، ފަތުހީގެ މޫނަށް ބަލައިލިއެވެ. “ކިހިނެތްވީ؟ ކަމުނުދިޔައީތަ؟” ފަތުހީގެ އަމަލުތަށް ހުރިގޮތުންނާއި ލަދުކުޑަކަމުން ފަތުހީގައިގައި ޖަހަން ބޭނުންވިކަމުގައިވީ ނަމަވެސް ވަޒީފާއާއި ދޭތެރޭ ވިސްނާލާ އެކަންކުރަން ޝާމިން ފަސްޖެހުނެވެ. އެހެންކަމަށްވުމުން އިތުރުއެއްޗެއް ނުބުނެ އެނދުމަތީގައި އަޅަން ބާއްވާފައި އޮތް ބެޑްޝީޓް ރީތިކޮށްލުމަށްފަހު ޝާމިން ގެނައި އެއްޗެހި ހިފައިގެން ފަތުހީގެ ކޮޓަރިން ނުކުތެވެ.
“މީހަމަ އަހަރެންނަށް ހުރި ގޮތްބާ؟ އަހަރެންގެ ބޭނުން އެގޮތަށް ނަގަނީ އަހަރެން ނިކަމެތި ކަމުންތަ؟ ނޫނީ އަހަރެންނަށް ކުށެއްކުރެވިފަ އޮތީމަ އެކަމަށް އަދަބެއް ލިބެނީތަ؟” ފަތުހީގެ ކޮޓަރިތެރެއިން ކަންތަށްވީ ގޮތުން ދެރަވެފައި ހުރެ ޝާމިން އުޅޭ ކޮޓަރިއަށްވަދެ ވިސްނަމުން ދިޔައެވެ. އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު މަސައްކަތް އެއްކޮށް ނުނިމޭތީ ޝާމިން ކޮޓަރިން ނުކުމެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ޝާމިންގެ މަސައްކަތަށް ބަހައްޓާ ފަރުވާއާއި މަސައްކަތް ކުރާލެއް ރަނގަޅުކަމުން އޭގެ ހަފްތާއެއް ފަހުން ޝާމިން ރޫމްބޯއީ އަކަށް ބަދަލުކުރެވިގެން ދިޔައެވެ. އެކަމުގެ ސަބަބުން ޝާމިން އެންމެ ބޮޑަށް އުފާވީ ފަތުހީގެ ކިބައިން ސަލާމަތް ވެވުނީމައެވެ. ޝާމިންއަށް މިލިބުނު ކާމިޔާބީގެ އުފަލުގައި ހަސަނުވެސް ބައިވެރިވިއެވެ.
“ސަނާ ދައްތަ ވަރަށް އުފާވާނެ، އެކަމަކު މާލެ ދިޔަފަހުން އަދި ވާހަކަ ދައްކާލެވޭ ވަރެއްނުވޭ، ޝިފާނާ ދައްތަ ދީފައިން ނަންބަރަށް ދެންމެވެސް ގުޅައިލިން އެކަމަކު ފޯނުވެސް ނުނެގި” ޖޯލީގައި އޮވެ ޝާމިން، ހަސަނާއި ވާހަކަ ދައްކަމުން ގޮސް އަދިވެސް އެއްފަހަރު އެނަންބަރަށް ގުޅައިލިއެވެ.
މިފަހަރު ޝާމިން ގުޅައިލިތަނާ އެކޮޅުން ފަލާހް ފޯނު ނެގުމުން ފަލާހް ކައިރީގައި ސަނާ އަތަށް ފޯނުދިނުމަށް ބުންޏެވެ. “މީ ދެން ކިހާދެރަކަމެއް، ކަލޭގެ އާއިލާ މީހުން ގުޅާވަރުން ބޯ ފަޅައިގެންދާވަރުވޭ” ސަނާއަތަށް ފޯނު ދެމުން ފަލާހް ކުދިކިޔަމުން ދިޔައެވެ. ނަމަވެސް ފަލާހްއަށް އެކަމާ ކުރެވޭނެ މާބޮޑުކަމެއް ނެތްކަންވެސް އެނގެއެވެ. އެމީހުންނަށް ސަނާއާއި ވާހަކަ ދެއްކޭނެގޮތެއް ނެތިއްޔާ ކޮންމެސް ގޮތަކުން ސަނާ ހޯދާނެކަން ފަލާހްއަށް އެނގެއެވެ. އެކަން އެގޮތަށް ވެއްޖިއްޔާ ސަނާއާއި ދޭތެރޭ ފަލާހްމެން ކަންތަށް ކުރާގޮތް އެނގި ފަލާހްމެން ހައްޔަރުކުރެވޭނެކަންވެސްް ފަލާހްއަށް އެނގެއެވެ. އެހެންކަމަށްވުމުން ފަލާހް ކިތަންމެ ހިތްހަމަނުޖެހުނުކަމުގައިވީ ނަމަވެސް ސަނާގެ އާއިލާ މީހުންނާއި ސަނާއަށް ވާހަކަދެއްކުމުގެ ފުރުސަތުދެނީ ސަނާއާއި ދޭތެރޭ ފަލާހްމެން ކަންތަށްކުރާގޮތް ސަނާގެ އާއިލާ މީހުންނަށް އެނގެން ފަލާހް ބޭނުން ނުވާތީއެވެ.
“ކަލޭ މާ އުފަލުން ތިހުރީ އޭނާ ކީކޭ ކިޔައިގެން؟” ފޯނު ނިމުމާއި އެކު ސަނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުފެނި ފަލާހް ސުވާލުކޮށްލުމުން ވެގެން އުޅޭގޮތް ސަނާ، ފަލާހްއަށް އޮޅުންފިލުވައިދިނެވެ.
ސަނާއާއި ވާހަކަދައްކައި ނިމުމުން ލަމްޔާއަށް މެސެޖްކޮށް ޝާމިންއަށް ލިބުނު ކާމިޔާބީގެ ވާހަކަ ބުނެ ހަސަނުއާއި އެކު ކެއުމަށްޓަކައި ކެންޓީނަށް ވަނެވެ.
އާދުވަހަކަށް އިރުއެރުމާއި އެކު މަސައްކަތައިގެން ކުރިއަށްދިއުމަށް ޝާމިން އަވަދިނެތި އުޅުނެވެ. ހަސަނަކީ ސީނިއާރ ރޫމްބޯއީ ކަމަށްވުމުން މިފަހަރު ޝާމިންއަށް ކުރަންޖެހޭ މަސައްކަތްތަށް ކިޔައިދިނުމަށްޓަކައި ހަމަޖެއްސީ ހަސަނެވެ. ޕަބްލިކް އޭރިއާ ސާފުކުރުމުގައި އުޅުނުއިރު ކުރި މަސައްކަތާއި ރޫމްބޯއި އަކަށް ބަދަލުވުމުން ކުރަންޖެހޭ މަސައްކަތުގައި ކުޑަ ތަފާތުކަމެއް ހުރިކަމުގައި ވީނަމަވެސް ޝާމިންއަށް އެއީ މާބޮޑު އުނދަގުލަކަށް ނުވިއެވެ. ޝާމިން މަސައްކަތްކުރާލެއް ފުރިހަމަ ކަމުންނާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުން ހަސަނުވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.
“އެސޮރަށް ވަޒީފާގެ ކުރިއެރުން ލިބި ރޫމްބޯއި އަކަށް ބަަދަލު ކޮށްފި މިހާރު، މަށަށް އޭރުވެސް އެނގޭ އެސޮރު މަސައްކަތަށް ވަރަށް ފަރުވާބަހައްޓާނެކަން” ހެވިދިލިފައި އިން ޝިފާނާ، މަރީނާ އާއި ވާހަކަ ދައްކަމުން ދިޔައިރުވެސް މަރީނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރެއް ޝިފާނައަކަށް ނުފެނުނެވެ. “މަ ކައިރީގަ ނުބުނޭ، ނުވެސް ގުޅާ، މަށަށް ހެޔޮ” މިހާރަކަށްއައިސް ޝިފާނާ، ޝާމިންގެ ވާހަކަ ދެއްކުމުން މަރީނާގެ ރުޅި ކޮންޓްރޯލް ނުކުރެވި ޝިފާނާގެ ކުރިމަތީގައިވެސް މަރީނާއަށް ޝާމިންއާއި ދޭތެރޭ ހިތްހަމަނުޖެހޭކަން ފާޅުކުރެވެމުންދާކަން މަރީނާއަށްވެސް އެނގެއެވެ.
“މަރީނާ ކީއްވެތަ އެސޮރުދެކެ ތިހާ ރުޅިއަންނަނީ؟ ކުރިން އަހަރެންނަށް އެނގިފައެއްނެތް ތިކަމެއް” މަރީނާ ހިތްހަމަ ނުޖެހުނުކަން އެނގުމުން ޝިފާނާ ސުވާލުކޮށްލިއެވެ. “އަސްލު ބޭނުމެއްނޫނޭ ރުޅިއަންނާކަށް އެސޮރުދެކެ ލޯބިވާލެއް ބޮޑުކަމުން ވާގޮތެއްއެއީ، އަދި ދިޔަފަހުން ހަބަރެއްނުވޭ، އެހެންވީމަ ވާގޮތެއް އެއީ، ޝިފާނާ އެއްޗެކޭ ހީނުކުރަށްޗޭ” ދޮގުހަދަމުން މަރީނާ ވާހަކަ ދައްކާ ޝިފާނާއަށް އެކަންފޮރުވުމަށްޓަކައި އެހެންބުނެ ހިނިތުންވެލިއެވެ.
ފަލާހް އޮފީސް ނިންމާފައި ގެއަށް އައުމުގެ ކުރިން ހަވީރުގެ ސައި ހެދުމަށްޓަކައި އަވަދިނެތި ބަދިގެތެރޭގައި ސަނާ ހަރަކާތްތެރިވަމުންދިޔައެވެ.
ސައިހަދާ ނިމުނުތަނާހެން ފަލާހް އައިސް ގޭތެރެއަށް ވަނީ އިތުރުމީހަކާއިވެސް އެކުއެވެ. ބަލާބެލުމަށް އެމީހާގެ އުމުރުވެސް ފަލާހްއާއި ދާދިއެއްވަރެއްވާނެކަން ސަނާއަށް ޔަގީންވިއެވެ.
“ފައިސަލް މީމަގޭ އަންހެނުން ސަނާ” ފަލާހް ގޭތެރެއަތް ވަތްގޮތަށް ސަނާ ތައާރަފް ކޮށްދީ ފައިސަލް ސޯފާގައި ބޭންދުމަށްފަހު ފަލާހް ކޮޓަރިއަށްވަނެވެ.
“ކިހިނެތް ހާލު؟” ހިތްހެޔޮކަމާއިއެކު ފައިސަލް ސުވާލުކޮށްލުމުން ހިނިތުންވެ އިނދެ ސަނާ ޖަވާބުދިނެވެ. އެމަންޒަރު ކޮޓަރިން ނުކުތް ޒަރީނާއަށް ފެނި ސަނާއާއި ދިމާއަށް ބަލަންހުރެ ނުބައިވައްތަރަކަށް ހެވިފައި ހުރުމުން ފަލާހް ކައިރީ އެވާހަކަ ބޮޑުކޮށްލައިގެން ދައްކާނެކަން ސަނާއަށް އެނގުނެވެ.
“ފައިސަލް މިހުރީ ޒަރީނާ ދައްތަ” އެގެއަށް ފައިސަލް ގެނައި ފުރަތަމަ ދުވަސްކަމުން ފަލާހް ކޮޓަރިން ނުކުތްއިރު ޒަރީނާ ހުރުމުން ފަލާހް، ފައިސަލްއަށް ޒަރީނާވެސް ތައާރަފްކޮށްދިނެވެ.
ސައިބޯން އިންއިރު ސަނާ އާއި ދިމާއަށް ފައިސަލް ބަލަމުން ގެންދާތީ ސަނާއަށް އުނދަގޫވިއެވެ. ސަނާއާއި ފައިސަލްގެ ކޮންމެ ހަރަކާތަކަށް ބަލަން ޒަރީނާ އިންއިރު ސަނާ ކައިރީގައި އިން ފަލާހްއަށް އެކަމެއްނޭނގެއެވެ.
“ފަލާހް އަށް އެނގޭތަ، މިސަނާ ވަރަށް ހެވިލާފަ އިން ފައިސަލްއާ ވާހަކަދައްކަން، ސަނާގެ އަތުގަ ހިފަހައްޓައިގެން އިންދާ މަ ފެނިގެން އަވަހަށް އަތްދަމައިގަނެ ފާޑަަކަށްއިން” ފަލާހް ކައިރީގައި ޒަރީނާ ދޮގުހަދަމުން ސަނާ ބަދުނާމުކޮށް ވާހަކަ ދައްކަމުންދިޔައެވެ. ޒަރީނާގެ ބޭނުމަކީ ފަލާހް ރުޅިއަރުވައިގެންވިޔަސް ސަނާއަށް އަނިޔާއެއް ދޭނެގޮތެއް ރޭވުމެވެ. ޒަރީނާ ދެެއްކި ވާހަކައިން ފަލާހް އައިރުޅީގައި ގޮސް ސަނާގެ ކަންކަށި މަތީގައި ބާރު އެތިފަހަރެއް އަޅައިލިއެވެ. އަދި ވީތަދުނަ ޒަރީނާ އެހަދަނީ ހުސްދޮގޭ ކިޔައި ސަނާ ރޮއެގަތެވެ. ނަމަވެސް ސަނާ ދައްކަމުންދިޔަ ވާހަކަތަށް ބީރުކަންފަތެއްދީ ސަނާއަށް އަނިޔާ ކުރަމުން ސަނާ ގޮވައިގެންގޮސް ފަލާހް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއިރު އެމަންޒަރު ބަލަން ހިނިއައިސް އިން ޒަރީނާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
ރިޒޯޓުގެ ހުރިހާ މުއައްޒަފުން ވެގެންް ކޮންމެ އަހަރަކުވެސް އެރިޒޯޓުގައި ބާއްވާ ސްޓާފްޕާޓީއަށް ތައްޔާރު ވަމުންދިޔައެވެ. އަދި އެރޭ ފަށަން ހަމަޖެހިފައިވާ ޝޯގައި ރިޒޯޓުގެ ސްޓާފުންނަށް ނެށުމަށްޓަކައި ރަށުގެ ފުޓްބޯޅަ ކުޅެން ހަމަޖެހިފައިވާ ތަނުގައި ސްޓޭޖްއެއް އަޅަމުން ދިޔައެވެ.
ޕާޓީ ފެށެން ހަމަޖެހިފައިވަނީ އެރޭގެ 8 ޖަހާއިރުކަމުން އެންމެންވެސް އަވަދިނެތި އުޅެމުންދިޔައީ ގަޑިއަށް ކުރަންވީ ހުރިހާކަމެއް ނިންމާލެވޭތޯއެވެ. ޝާމިންވެސް އުޅެން ޖެހިފައިވާލެއް ބުރަކަމުންނާއި ލަމްޔާއާއި ވެސް އެދުވަހު ވާހަކަ ދައްކައިލެވުނީ ކުޑަވަގުތު ކޮޅަކަށް ކަމަށްވުމުން ހުރިހާ ކަމެއް ނިމުމުން ލަމްޔާއަށް ގުޅަން ނިންމައިގެން ހުއްޓައި މަސައްކަތް ނިމުނު އިރު ގަޑިން ހަތެއް ޖަހައި ބޮޑުވެއްޖެއެވެ.
ކޮޓަރިއަށްގޮސް ފެންވަރާލައިގެން އެނދުގައި ޝާމިން އޮށޯވެލީ ވެފައިހުރި ވަރުބައްޔެއްގެ ބޮޑުކަމުންނާއި ލަމްޔާއަށް ގުޅާލަން ބޭނުންވެފައިވާތީއާވެސް އެކުގައެވެ.
ޝާމިން:- ހަލޯ ލަމް، ކިހިނެތް؟ މިއަދު ވަރަށް މަދުންދޯ ވާހަކަ ދައްކާލެވުނީ؟
ލަމްޔާ:- ވަރަށް ރަނގަޅު، އެއީކީ މައްސަލައެއްނޫން ބިޒީވީމަ އެހެންވެސް ވާނެ، ހުސްވަގުތެއް ލިބޭއިރަށް ގުޅާނެކަން އިނގޭތީ އިންތިޒާރުގަ މިއޮންނަނީ
ޝާމިން:- ހާދަ ރަނގަޅޭ، މިރޭ ސްޓާފް ޕާޓީ އޮންނާތި އެތަން ތައްޔާރުކުރަން އުޅެންޖެހުނީ ހުރިހާ ސްޓާފުންވެގެން، ވަރަށް ފޯރި ހުންނާނެ މިރޭ…
“އޭ ހިނގާ ދާން ތިހެން ނޯވެ” ލަމްޔާއާއި ފޯނުން ވާހަކަ ދައްކަން އޮއްވައި ހަސަނު އައިސް އެހެން ބުނުމުން ލަމްޔާ ކައިރީ ފަހުން ގުޅާނެކަމަށްބުނެ ޝާމިން ފޯނު ކަނޑައިލިއެވެ.
“މިރޭ ވަރަށް ފޯރި ހުންނާނެ، އަދި ޝާމިން ކައިރީ ނުބުނެވި އޮތް ވާހަކައެއް ބުނަންތަ؟ މިތަނުގަ ވަރަށް އޯޕަންވާނެ، ރާވެސް ބޯނެ މީހުން، ވިސްނައިގެން އުޅޭތި، އެއީ މިކަހަލަ ޕާޓީތަކުގައި މެނޭޖްމެންޓުންވެސް އަޅައެއްނުލާނެ އެކަހަލަ ކަންތަށްތަކުގަ، އެހެންއެވަނީ އެމީހުންވެސް އުޅޭގޮތްވީމަ، އެކަމަކު މީހުން ގޮތަކަށް އުޅުނަސް އަހަރެމެން އެހެން ނޫޅުނީމަވީނުން” ހަސަނު އެހެންބުނުމުން ޕާޓީއަށްދާހިތް ޝާމިން ކެނޑުނު ކަމުގައިވީނަމަވެސް ހަސަނުގެ އެދުމާއި ދެކޮޅުހަދަން ބޭނުންނުވާތީ ޕާޓީއަށް ދިއުމަށް ޝާމިން ނިންމިއެވެ.
ސްޓޭޖްމަތީގައި ހަރުކޮށްފައިވާ ރަތްކުލައިގެ ބޮކިން އެޅިފައިވާ ފަނޑުއަލި ފިޔަވައި ދެންއިތުރަށް އެތަނުގައި އަލިކަމެއް ހުރީ އަރިމަތީގައި ހަދާފައިވާ ކުޑަކުޑަ “ހަޓް” ގައެވެ. ފަނޑު އަލިކަމެއްހުރި އެހަޓުގައި ތަފާތުއެކި ވައްތަރުގެ ބުއިންތަށް ބެހެއްޓިފައިވާއިރު ގިނައީ އެކިވައްތަރުގެ ރާފުޅިތަކެވެ. އޭރުވެސް ތަނުގެ އިސްމަގާމުތަކުގައި މަސައްކަތްކުރާ ސްޓާފުން ހަޓާއި ކައިރިވެ ތަފާތު އެކި ވައްތަރުގެ ބުއިންތަށް ނަގަމުން ދިޔައެވެ. ތަނުގެ ތެރެ އެހާ އަނދިރިކޮށް ބެހެއްޓުމުގެ ބޭނުމަކީ އެއީކަމަށްވެސް ވެދާނެއެވެ.
އެވަގުތު ޝާމިންގެ ދެލޯ ބޮޑުވެގެން ދިޔައީ އެތަނުން ރާފުޅި އަކާއި ކޯކްފުޅިއެއް ހިފައިގެން ހުރި ޝިމާން ފެނުމުންނެވެ. ފަސްވަގުތު ނަމާދުކުރާ މީހެއްގެވެސް ގޮތެއްނޭނގޭނޭ އެވަގުތު ޝާމިންގެ ހިތަށް އެރިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ޕާޓީ ފެށިގެންގޮސް ރިޒޯޓްގެ ޓްރާނސްޕޯޓް ޓީމުގެ ފަރާތުން ހުށައަޅައިދިނުމަށް ހަމަޖެހިފައިވާ ބޮޑުބެރުލަވައެއް އިވިގެން ދިޔައެވެ.
“ޝާމިން ހިނގާބަލަ ނަށާލަން” ބޮޑުބެރުގެ ފޯރި ގަދަވާންފެށި ހިސާބުން ހަސަނު، ޝާމިން ކައިރީ ހަސަނާއެކު ނަށާލަން ދިއުމަށް އެދުނެވެ. ނަމަވެސް ޝާމިން ނުދާނެކަމުގައި ބުނުމުން ހަސަނު އިތުރު އެއްޗެއް ނުބުނެ ސްޓޭޖާއި ދިމާއަށް ހިނގައިގަތެވެ. އޭރު ބައެއް މީހުން މަސްތުގެ ހާލުގައި ނަށަމުން ދިޔައެވެ.
“ޝާމިން ކިހިނެތްވެފަ؟ ހާދަ އެކަނި؟ ކޮބާ ހަސަނު؟” ހަސަނު ދިޔަތަނާހެން އަދްނާންއާއި އޭނާގެ ރައްޓެހި ދެމީހަކު އައިސް ޝާމިންކައިރީގައި މަޑުކޮށްލުމަށްފަހު އެހެންބުނެ ހަސަނު ފެންނަން ނެތުމުން ކޮޅުކޮޅު ހޯދާބަލައިލިއެވެ. އަދްނާނުގެ ވާހަކައާއި އަމަލުތަށް ހުރިގޮތުން އަދްނާންހުރީ ހަމައަކު ނޫންކަން ޝާމިންއަށް ޔަގީންވިއެވެ.
“ކަމެއްނުވޭ ހަމަ ހުރީ، ހަސަނު އެހެރީ އެތާ ނަށަން” އަދްނާން އެހެންބުނުމުން ޝާމިން އަދުނާން ކުރިސުވާލަށް ޖަވާބުދިނުމަށްފަހު އިތުރު ވާހަކަ އަދްނާންއާ ދައްކަންބޭނުން ނުވާތީ ހުރިގޮތަށް ހުރީއެވެ.
“އަން ބޭނުންތަ؟ މީގޭން ކޯވަރެއް ބޯލަބަލަ” އަދްނާން އަތުގައި ހުރި ކޯކްތަށި ޝާމިންއަށް ދިއްކޮށްލުމަށްފަހު އެހެންބުނެ ދެންހުރި ދެމީހުންގެ މޫނަށް އަދްނާން ބަލައިލިއެވެ. ޝާމިން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރައިލީ ކޯކްތައްޓަށް އަޅާފައި ހުރި އެއްޗެއް ޝާމިންއަށް އެނގޭތީއެވެ.
“ހާދަ ފިނޑިއޭދޯ؟ ފިރިހެނަކަށްވެސް ނުވިއޭނުން” އަދްނާން އެހެން ބުނުމުން އަދްނާންގެ ކައިރީގައި ހުރި ދެމީހުން ހިނިގަނޑެއް ޖަހައިލިއެވެ. އަދި ޝާމިންއަށް މަލާމަތްކޮށް ދިމާކުރަމުން ދިއުމުން ތުރުތުރުލާފައިވާ އަތަކުން ޝާމިން ކޯކްތަށީގައި ހިފައި ތުނބުގައި ޖަހަން އުޅުނުވަގުތު ޝާމިންގެ ފޯން ރިންގުވިއެވެ. ޝާމިންގެ ފޯނަށް ގުޅަނީ ކާކުތޯވެސް ބަލައިލުމެއްނެތި ޝާމިންގެ އެއްއަތުން ހިފައިގެންހުރި ކޯކްތަށި ތުނބުގައި ޖައްސަމުން އަނެއްއަތުން ފޯނުނަގައި ކަންފަތުގައި ޖެހިއެވެ.
ލަމްޔާ:- ޕާޓީއަށް ދާވަހަކަބުނީމަ އެއްޗެއް ހަނދާން ވެގެން މިގުޅީ، ތިތާ އުޅޭނެ ފާޑު ފާޑުގެ މީހުން، ރަލާ އެއްޗެހި ގެންގުޅޭނެ، އެކަހަލަ އެއްޗެއް ބޮއެ ނަހަދައްޗޭ އިނގޭ ދޫނީ
ޝާމިންގެ ކަންފަތަށް އިވުނު އަޑާއި އެކު އަތުގައި ހުރި ކޯކްތަށި ބިންމަށްޗަށް ވެއްޓުނެވެ. އަދި ޝާމިންއަށް ބޭއިހްތިޔާރުގައި ވަށައިގެން ހޯދައިލެވުނީ ލަމްޔާ، ޝާމިންއަށް ފެންނަހިސާބުގައި ހުރިތޯއެވެ.
(ނުނިމޭ)
16 Comments
Comments are closed.
v salhi… dhakka vahaka drama kuriaha dhaa gothah genesdhinumuge badhaluga coma koalhyga ineema maa bodah gayaa veveyne.
Thank You. Dhen faharakun ran’galhu kollaanan ?
Varah salhi.. This is one of my favorite stories.. When next part? Avahah up koh dhechey
Thank You Misty. Iradhakurehviyya Next part v avahah up kohdheynan
Varah salhi
Thank You Sadhaa ?
Nice next part avas koh dheebala
Thank You Alex Sander. Iraadha kurehviyya v avahah up kohdheynan
Wowww… v v v nice….
V inthizaarah fahu mi storyge mi part mikiyuny…
Whn nxt part???!?! thankolheh avahah up kohdhehchey nxt part ingey Ammu….
Waiting.,..,.,
Thank You Shine. Iraadha kurehviyya v avahah up kohdheynan ingey. ?
Wow wow wow wow v nice haadha lahey up kuraaleh
Thank You Saf. Sorry v bodah lahun up kurevunyma. Aslu vaagothaky midhuvaskolhu v busy. Ekamaku dhen oiyy part iraadha kurehviyya v avahah up kohdheynan ?
Oh finally kiyaalan libijje…why ehaa lahun up kurany…bt vvvvv reethi…miulhey zareena eh dhw…pis pis haadha goas meehekey…so sad…whn next part…waiting for next part….
Thank You Niz. Busy v ma vaagotheh ?. And i am Sorry for that. Iraadha kurehviyyaa Dhen oiyy part v avahah up kohdheynan ingey
Alhey ammuuuu avahah up koh dheeba.. Plx plx plx..
Mihaaru maa lasvaney avaskohba ammu varah kiyaahithun mihirey kehmadhuvefa.