“މަންމަ؟” ދޮރުގެ އަނެއް ފަރާތުގައި ތިބި އަހަރެންގެ މަންމަ އާއި ބައްޕަ ފެނިފައި އަހަންނަށް ވައި އަޑުން ބުނެވުނެވެ. މަންމަ އާއި ބައްޕަ މާލެ އަންނަ ވާހަކަ އަހަރެން ކައިރި ނުވެސް ބުނެއެވެ. އަނެއްކޮޅުން މަންމަމެން ގެޔަށް ވަންނަ ތަނުން އާހިލް ފެނިއްޖިޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ. މި ގެއަށް ބަދަލުވި ފުރަތަމަ ދުވަހުން ފެށިގެން، މަންމަ އޮންނަނީ، ގެޔަށް ފިރިހެނުން ވެއްދުން މަނާ ކޮށްފައެވެ. ރައްޓެއްސަކު ވިޔަސް ގެއަށް ވެއްދޭނީ، މަންމަ ދަންނަ، އިތުބާރު ކުރެވޭ މީހެކެވެ. އެގޮތަށް ވެސް މިގެއަށް އަންނަ މީހަކަށް އުޅޭނީ ނަވާލް އެކަންޏެވެ. މިހެން މި ކަން އޮއްވައި، މިއޮށް ވިއްސާރަ ރޭ އާހިލް މިގޭގައި އިންތަން މަންމައަށް ފެނިއްޖެނަމަ، އަހަރެން ގަދަކަމުން ވެސް ރަށަށް ގެންދާނެކަން ޔަގީނެވެ. އެހެން ވިޔަ ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ދޮރު ހުޅުވުމުގެ، ކުރިން ސޯފާގައި ބޯ ހިއްކަން އިން އާހިލް އާއި ފަޅިއަށް އެނބުރުނީމެވެ. އޭނާ އަހަންނާއި ދިމަ ބަލައިލީ ކިހިނެއް ވީހޭ ބުނާކަހަލަ ގޮތަކަށެވެ.
“ސާރ” އަހަރެން ހާސްވެފައި ހުރެ މަޑުމަޑުން ގޮވައިލީމެވެ.
“އާހިލް. އާހިލް ކިޔާ. މިހާރު މިއީ އޮފީސް ގަޑިއެއް ނޫނެއްނު” ވަރަށް ހަމަޖެހިލާފައި އާހިލް ބުންޏޭވެ. އަހަރެން ކުޑަކޮށް ހައިރާން ވެސް ވިއެވެ، ނަމަވެސް އެކަމާ އިތުރު އެއްޗެކޭ ނުބުނަމެވެ.
“އޯކޭ، އާހިލް މި ސޯފާ ދަށަށް ވަދެބަލަ” އަހަރެން ދެފިކުރެއްގައި ހުރެފައި ބުނީމެވެ.
“ވަޓް؟ އެއީ ކީއްކުރަން؟” ސޯފާގައި އިނދެފައި އާހިލް ފުންމައިގެން ތެދުވިއެވެ.
“ޝް!! އެހާ ބާރަށް ވާހަކަ ނުދައްކަބަލަ.” އަހަރެން ތުންފަތުގައި ޝަހާދަތް އިނގިލި އެޅުމަށްފަހު އަޑު މަޑުކުރަން އިޝާރާތް ކުރީމެވެ.
“އެކަމަކު އަހަރެން މިއޮށް ބޮޑު މީހާ ކިހިނެއްތަ ސޯފާ ދަށަށް ވަންނާނީ؟ ކިހިނެއް ވީތަ؟” އާހިލް އަނގަޔަށް ވައްތަރެއް ޖައްސާލަމުން، ވައި އަޑުން އަހާލިއެވެ.
” ވަދެވޭނެ. އާހިލް ޕްލީޒް. މި ވެގެން އުޅޭ ގޮތް ކިޔައިދޭނަމޭ ފަހުން” އަހަރެން އާދޭސް ކުރަން ފެށީމެވެ.
އާހިލް ވަރަށް ގަދަ ހަދާފައި ވެސް އެންމެ ފަހުން ސޯފާ ދަށަށް ވަނެވެ. އެއޮށް ދިގު މީހާއަށް އެތަނަށް ކިރިޔާ ވަދެވުނުކަމެވެ. ދެފައި ކައިރި ކޮށްގެން، ކުރުގެޅިގެން އޮތް ގޮތުން ކިރިޔާ ގުޑިލިޔަސް އިނގޭނެއެވެ. އަހަރެން ހަނދާންވީ ކުޑައިރު ފެންނުވަރާން ވެގެން އަށި ދަށަށްވަދެ މަންމައަށް ފިލާ ހަނދާނެވެ.
އާހިލް ސޯފާ ދަށަށް ވަނުމުން އަހަރެން އަވަސް އަވަހަށް ގޮސް ދޮރު ހުޅުވައިލީމެވެ. އޭރު، ތިންވަނަ ފަހަރަށް ބެލް އަޅައިފިއެވެ. ދޮރު ހުޅުވަން ލަސް ވުމުން މަންމަ ހުރީ ރުޅިގަދަ ވެފައެވެ. ބައްޕަގެ މޫނު މަތިގައި އެއްވެސް ކުލަވަރެއް ނެތެވެ. އަހަރެން ފެނުމުން ލުއި ހިނިތުންވުމެއް ރައްދު ކުރިއެވެ. އެއީ އަހަރެން ކުޑަ އިރުންސުރެ ވެސް ބައްޕަގެ ގޮތެވެ. މާގިނައިން ވާހަކަ ދައްކައެއް ނޫޅޭނެއެވެ. ކިތަންމެ ރުޅި އަޔަސް ބާރަށް އެއްޗެކޭ ނުބުނާނެއެވެ. ނަމަވެސް މަންމައަކީ އޭގެ ދިމާ އިދިކޮޅެވެ. ރުޅި އައިއްސިއްޔާ އަވަށު އެންމެނަށް އަޑު އިވޭ ވަރަށް ހަޅޭ ލަވާނެއެވެ.
ގެއަށް ވަން ގޮތަށް ވަދެ މަންމަ ސުވާލު ކުރަން ފެށިއެވެ. ދޮރު ހުޅުވަން ލަސްވީ ކީއްވެ ހެއްޔެވެ؟ ރީތިވެގެން ތި ހުރީ ކޮންތާކަށް ދާން ހެއްޔެ؟ އަހަރެން މިއުޅެނީ ރައްޓެއްސަކާއި އެކީ ބޭރަށް ދާންށޭ ބުނީމެވެ. އަދި ރީތިވާން ކޮޓަރީގައި ހުރުމުން ބެލް ޖެހި އަޑު ނީވުނީއޭ ބުނެ ބަހަނާއެއް ދައްކައިލީމެވެ.
އަހަރެން މަންމަ އާއި ބައްޕަގެ ފޮށި، ގޭގައި ހުރި ހުސް ކޮޓަރިއަށް ވައްދައި ދިނީމެވެ. އަދި މަންމަމެން ކަރިރި ސިޓިންރޫމުގައި މަޑުކުރަން ބުނެފައި ގޮސް އެ ކޮޓަރި ތައްޔާރުކޮށްދިނީމެވެ. އަހަރެން އެ ކޮޓަރިން ނިކުތްއިރު މަންމަ އާއި ބައްޕަ ތިބީ ސޯފާގައެވެ. އަހަރެން ގަސްތުގައި، އަތުގައި އޮތް ފިހިގަނޑު ވައްޓައިލީމެވެ. އަދި އޭތި ނަގަން ކަމަށް ހަދާފައި ތިރިވެލީމެވެ. އަދި ސޯފާ ދަށުގައި އޮތް އާހިލްއަށް ކަޅިއެއް އެއްލީމެވެ. އެފަކީރު އޮތީ ހަމަ ރަނގަޅަށް ވެސް ސޯފާ ދަށުގައި ފިތިފައެވެ. އަހަރެން ކައިރިއަށް ހިނި އަންނަ ކަހަލަ ގޮތެއް ވެސް ވިއެވެ.
އަހަރެން ގޮސް ކުޑަދޮރުން ބޭރު ބަލައިލީމެވެ. އޭރު ވެސް ބޯކޮށް ވިއްސާރަ ވެހެއެވެ. ދެން އަހަރެން ގޮސް ސޯފާކައިރި އިން ގޮނޑިއެއްގައި އިށީނީމެވެ.
“މަންމަމެން ނުބުނަމެއްނު އަންނަ ވާހަކައެއް” އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
“އެއީ ދަރިފުޅަށް ސަޕްރައިޒް އެއް ދޭންވެގެން” ބައްޕަ ބުންޏެވެ. ނަމަވެސް ބައްޕަގެ އަޑުގައި ކޮންމެވެސް ތަފާތުކަމެއް ހުރިކަން އަހަންނަށް ފާހަގަވިއެވެ.
“ޑޮކްޓަރަށް ދައްކަންތަ ތިއައީ؟ ބައްޕަ ބަލީތަ؟” އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ.
“އުހޫނ. މަންމަމެން މިއައީ ދަރިފުޅު ކައިރި ދުވަސްކޮޅަކު ތިބެލަން. ދޯ ޝަރީފް؟” މަންމަ އަހަރެން ގައިގައި ފިރުމާލަމުން ބުންޏެވެ. ބައްޕަ ވެސް ފާޑަކަށް އިނދެފައި ހޫނ އެކޭ ބުންޏެވެ. އަހަރެން ބޮލުގައި ރިއްސައިލިއެވެ. އަހަރެން މިއޮށް ހުރިހާ ދުވަހު މާލޭގައި އުޅުން އިރު ވެސް، ކަމާ ކަންފަށާ އަހަރެން ކައިރިއަކަށް މަންމަމެން ދުވަހަކު ވެސް ނާދެއެވެ. އަދި އެހާ ލޯބިން އަހަރެން ގައިގައި މަންމަ ފިރުމާލި ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. މިކަމުގައި ކޮންމެވެސް ގޯހެއް އުޅޭކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އެކަމާ ވިސްނާކަށް މާ ގިނައިރު އިނދެވޭކަށް ވެސް ނެތެވެ. ސޯފާ ދަށުގައި އޮތް ސޮރަށް އަޅާލަން އެބަ ޖެހެއެވެ.
“މަންމަމެން ކޮޓަރިއަށް ވަންނަން ވީނު އަރާމު ކޮށްލަން. މިހާރު ވިއްސާރަ ވެސް އެ ހުއްޓީ. އަހަރެން މި ދަނީ ބޭރަށް ދާން” ކުޑަދޮރުން ބޭރު ބަލާލުމަށް ފަހު އަހަރެން ބުނީމެވެ.
“އާނ މަންމަ މިދަނީ ފެންވަރާލަން” މިހެން ބުނުމަށްފަހު މަންމަ ކޮޓަރިއަށް ވަނެވެ. ބައްޕަ ޓީވީ ހުޅުވާލައިގެން ސޯފާގައި ހަމަޖެހިލިއެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިފައި ހުރީމެވެ.
“ދަރިފުޅު އަދިވެސް ނުދަނީތަ؟” ދިހަ ވަރަކަށް މިނެޓު ފަހުން ބައްޕަ އަހާލިއެވެ. އަހަރެން މާގިނައިރު ގޭގައި މަޑުކޮށްފިނަމަ ބައްޕައަށް ޝައްކުވެދާނެއެވެ.
“އުހޫނ ދާން މިއުޅެނީ” އަހަރެން ބުނީމެވެ. އެވަގުތު ބައްޕަ ސޯފައިން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. އަލަމާރިން ފެންފުޅިއެއް ނަގައިގެން ތައްޓަކަށް އަޅަން ފެށިއެވެ. މިއީ ހަނި ފުރުސަތެކެވެ. ބައްޕަ ފުރަގަހަށް އެނބުރެން ވާއިރަށް އާހިލް ސޯފާ ދަށުން ނެރުނީމެވެ. މަޑުމަޑުން އަޑެއް ނުލައްވާ އޭނާއަށް ގޭދޮރުން ނިކުމެވުނީ ހަމަ ކިރިޔާއެވެ. އޭރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މުޅި ގަމީހަށް ވެސް އޮތީ ރޫ އަރާ ފުރިފައެވެ. އަހަރެން ކައިރިއަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.
ގަޑިން ރޭގަނޑު އެގާރަ ޖަހަނީއެވެ. އަހަންނާއި އާހިލް ތިބީ ހެންވޭރުގައި ހުރި ރެސްޓޯރަންޓެއްގެ މަތީބައިގައެވެ. “އީޝާގެ މަންމަ ހަމަ އެހާ ރުޅި ގަދަތަ؟” އަހަރެން މިރޭ ވީގޮތް ކިޔައިދިނުމުން އާހިލް ހައިރާންވެފައި އަހާލިއެވެ. އެވަގުތު ވޭޓަރު އައިސް އާހިލް އަތަށް ބިލު ދިއްކޮށްލިއެވެ.
“އާނ އެއީ އަހަރެން ކުޑައިރުންސުރެ މަންމަގެ ގޮތް” އަހަރެން ބުނީމެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިރޭ އާހިލް ތަފާތެވެ. އޮފީހުގައި ހުން “ބޮސް” ގެ ގޮތްގަނޑެއް ނެތެވެ. އަހަންނާއި ވަރަށް ރީތިކޮށް ވާހަކަ ވެސް ދެއްކިއެވެ. ފުރަތަމަ ފަހަރަށް އާހިލް ކުރާ ކަމަކުން ނުވަތަ ބުނާ އެއްޗަކުން ފޫހިނުވެ އަހަންނަށް އިނދެވުނެވެ.
އާހިލްގެ ކާރުގައި އަހަރެން ގެޔަށް ގެންގޮސްދިނެވެ. އޭރު އެގާރަ ގަޑި ބައި ވަނީއެވެ.
“ޝުކުރިއްޔާ” އަހަރެން ކާރުން ފައިބަމުން ބުނީމެވެ.
“އީޝާ” އަހަރެން ފުރަގަސް ދިން ވަގުތު އާހިލް ގޮވައިލިއެވެ.
“ހޫނ؟” އަހަރެން ކޮނޑުމަތިން ބަލައިލީމެވެ. “މިރޭ ވަރަށް ރީތި” ލުއި ހިނިތުންވުމަކާއިއެކު އާހިލް ބުނެލިއެވެ. އަހަންނަށް ލިބުނު ސިހުމާއިއެކު ބުނާނެ އެއްޗެއް ނޭނގުނެވެ. ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. މަޑުމަޑުން ހިނިތުންވެލީމެވެ. އަދި އާހިލް ކާރުގައި ދުއްވާފައި ދަންދެން އަހަންނަށް އެހެން ހުރެވުނީއެވެ. އެހެން ހުރުމަށްވަހު ގެއަށް ވަންނަށް ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ބެލްކަނިން ސީދާ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ އަހަރެންގެ ބައްޕައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Masha allah mi part vs vrh reethi
Vrh dhigu inthizaar akh fahu kiyaalan mi libuny
Aahil ge sifaiga huri jinni ehtha?
Eesha ge dad ge reaction balan keih madhuvefa mihury
Curiously waiting
When next?
Next part koh irak thw….v v wait eba kur vey