ދެވުނީ ވޭނޭ 82
“ވިހި އަހަރުގެ ޖަލު ހުކުމެކޭ! އަހަރެންގެ ޒުވާން އުމުރު ހަލާކުކޮށްލައިފައި އަރީ ހާދަ އުފަލެއްގައި އޭ ތިއުޅެނީ. ހަމަ އެއްވެސް ވަރަކަށް ހަމްދަރުދީ ނުވަންތަ؟ އަރީގެ ބޯ ހަރު ކަމުން އަހަރެންނާއި ގުޅެން އެއްބަސް ނުވީމަ އަހަރެންނަށް މި މަގުން ދާން ޖެހުނީ. ދުރުގައި ހުރޭ. ކިތަންމެ ވަރެއް ކުރިއަސް ކަލޭމެނަށް އަހަރެންގެ ދުލުގައި ހިފާފައެއް ނުހުއްޓުވޭނެ. ޒަވިއަންގެ ނަފުރަތު އަމާޒުކުރަން އަޒާޔާ މަރާލީމަ ވެސް އަރީއަށް ތިހިރަ ފިރިހެނާ މަތިން ހަނދާން ނައްތާނުލެވުނީ ކީއްވެގެންތަ؟ އޭނ. ނޭނގެނީތަ އަހަރެން އަރީ ދެކެ ލޯބިވާ މިންވަރެއް. އަރީއަށް ޓަކައި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރީމަ ވެސް އެނގުނީ އެހެރަ ނުލަފާ ފިރިހެނާ އާއި ގުޅެންތަ؟ މަށަށް އަރީ ނުފެނި ނުހުރެވޭނެ. ތި ރީތި ހިނިތުންވުން، ތި ފުރިހަމަ މިޒާޖު، ތި މައުސޫމް މޫނުކޮޅު. އާރގް.. އަރީ އެ ނުލަފާ ފިރިހެނާ އާއި އެކު އުޅެގެން ނުވާނެ. މަށަށް އެކަމެއް ހަޖަމެއް ނުކުރެވޭނެ. އާނ. އެ ވަރަށް މަ މި ހުރީ ތި ލޯބީގައި ދީވާނާވެފަ.” ފުލުހަކު އޭނާ ގޮވައިގެން ކޯޓުން ނުކުންނަން އުޅުމުން ނާއިލް ދުރަށް ޖެހުނެވެ. ޒަވިއަން ސިހިފައި އަރީންގެ ކަންފަތް މަތީގައި އަތް އަޅާ ބާރުކޮށްލީ ނާއިލްގެ ވާހަކަތައް އިވުނަކަ ނުދޭށެވެ. އެހެނަސް އަރީނަށް ނާއިލް ދެއްކިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔަ އިރު އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެމުން ދިޔައީ އިންތިހާއަށެވެ.
ނާއިލް ކުއްލިއަކަށް ހުރެފައި ކައިރީގައި ހުރި ފުލުސް މީހާގެ ބެލްޓަށް ޖަހާލެވިފައިވާ ބަޑި ނަގާ މެޔަށް އަމާޒުކޮށްލަމުން ދެ ވަޒަނެއް ދޫކޮށްލިއެވެ. އިވުނު ވަޒަނުގެ ގަދަފަދަ އަޑާއި އެކު އެ މާލަމުގައި ގުގުމައިގެން ދިޔައީ އަރީންގެ ތޫލި ހަޅޭކުގެ އަޑެވެ. ލިބުނު ސިހުމުގައި ނައުރީން އަނބުރައިގަނެގެން ވެއްޓި ދެމުނީ ލީވާންގެ އަތްމައްޗަށެވެ.
ކަޅި މައްޗަށް އަރައިފައިވީ އިރު މަރުވެގެން ދިޔަ އިރު ވެސް ނާއިލްގެ މޫނުމަތީގައި ވަނީ ހިތި ހިނިތުންވުމެކެވެ. ހިތާއި ދިމާލުން ދުނި ޖަހައިފައި އޮހޮރިގަތް ލެއިން އޭނާ ލައިގެން ހުރި ޖަލު ޔުނީފޯމު ލެއިން ކަޅިވެގެން ދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ކައިރީގައި ހުރި ފުލުސް މީހާ ތެޅިގަނެފައި ނާއިލް ގާތަށް ލެފިލަމުން ވިންދު ހުރިތޯ ބަލައިލިއެވެ. އެ މީހާ ވިންދެއް ނެތޭ ބުނުމާއި އެކު އަރީނަށް ނޫނެކޭ ކިޔާ ޙަޅޭއްލަވައިގަނެވުނެވެ. އެއާއި އެކު އަރީން ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. ލޮލުން އިންޒާރަކާއި ކަރުނަ އޮހޮރެމުން ދިޔައިރު މުޅި މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ޒަވިއަން އަރީންގެ އަނގަޔާއި ދިމާކޮށް ދެތިން ފަހަރަކު އިންހޭލަރު ފުޅި ޖަހާލުމުން އޭނާގެ ނޭވާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. އެއަށްފަހު ޒަވިއަން ގަދަކަމުން ނަމަވިޔަސް އަރީން ގޮވައިގެން އެތަނުން ނުކުތީ އިތުރަށް ޙާލަތު ގޯސްވެދާނެތީއެވެ. ނުކުތުމާއި އެކު އަރީން ޒަވިއަންގެ އަތުން ވީއްލިގަނެގެން ގޮސް މަގު މެދަށް ނުކުމެ ހުއްޓުނެވެ. ޒަވިއަން ސިހިފައި ގޮސް އަރީނާއި އަރާ ހަމަކޮށް މަގުން އެއްފަރާތް ކުރެވުނީ ކިރިޔާއެވެ. ދެތިން ސިކުންތު ލަސްވި ނަމަވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިދިޔައީހެވެ.
“ދޫކޮށްލާ ޒެވް. އަހަރެން މަރުވާން ދޫކޮށްލާ. އަހަރެންނާއި ހެދި މި ހުރިހާ ކަމެއް ވީ. އަހަންނާ ހެދި ނާއިލް އަޒާ މަރާލީ. އަހަންނާ ހެދި ނާއިލް ހަމަ މަގުން ކައްސާލައިގެން އެ ދިޔައީ. އަހަރެންގެ ސަބަބުން ދޮންބެ ވެސް މީހަކު މަރާލަން އެހީވާނެ ދަރަޖައަށް ވެއްޓުނީ. ހަމަ އަހަރެންގެ އަމިއްލަ އެދުން ބޮޑު ކަމުން ހުރިހާ އެންމެންނަށް ދެރަ ލިބެނީ. ސުމައްޔާ އަށް ވެސް އެ ހާލު ޖެހުނީ އަހަރެންގެ ސަބަބުން. ދެން ނޭނގެ ޒެލީ ނޫނީ ޒެވްގެ ދިރިއުޅުން ކަމެއް ބަރުބާދު ވާނީ. އަހަރެން ކަހަލަ ނާގަ ހަރުފައެއް ދުނިޔޭގައި ދެމިހުންނަހާ ހިނދަކު އެހެން މީހުންގެ ދިރިއުޅުން ވިހަ ވާނީ. ލޯބިވާ އެހެން މީހުންނަށް އަހަރެންނާ ހެދި ގެއްލުން ލިބޭތަން ދެކުމަކީ ބަރުދާސްތުކުރެވޭނެ ވަރުގެ ކަމެއް ނޫން.” އަރީން ރޮއިގަންނަމުން ޒަވިއަންގެ މޭގައި ތަޅައިގަތެވެ.
“ތިހެން ނުބުނޭ ރީން. ނާއިލް ދައްކާ ތާކުން ތާކު ނުޖެހޭ ވާހަކަ ޤަބޫލު ނުކުރޭ. ނާއިލް އެ ކަންތައް ގަނޑުގެ ތެރެއަށް ނުވަނަސް ސަގަރޭމެން ރީން ނޫނީ ޒައްކޮ މަރާލީސް. ދެން ރީންގެ ދޮންބެ އެ ފިޔަވަޅު އެޅީ އަމިއްލަ ކުށް ވަންހަނާކުރަން ވެގެން. ސުމީ އަށް އެ ނިކަމެތި ޙާލު ޖެހުނީ އެ ނުލަފާ މަރުފަލި ގޭންގް މީހުންގެ ނުބައި ކަމުގެ ސަބަބުން. އެ މީހުން އަމިއްލައަށް އެ ހުރިހާ ކަމެއް ކުރީ އެ މީހުންގެ އަމިއްލަ އެދުމެއް ޙާސިލުކުރުމަށް. މިކަމުގައި ރީންގެ ކުށެއް ކޮބާ. ހެޔޮނުވާނެ ތިޔަ ބޯދާ ވިސްނުން ދޫކޮށްލާ. ރީން ތިއީ އަހަރެމެން އެންމެނަށް ލިބުނު ރަހުމަތެއް. ތިއީ އަހަރެން ހެޔޮ މަގަށް އެޅުވި ފަރާތް. ރީން ނެތް ދުނިޔެއެއްގަ އަހަރެން ކިހިނެއްތަ ދިރި ހުންނާނީ. ޒެލީ އޯ. ޒެލީ މަންމަ އެއްގެ ލޯބިން މަހުރޫމް ވިޔަކަ ދޭން ހެޔޮވާނެތަ؟ އާދޭސްކޮށްފަ މި ބުނީ. ރީން… ރީން ދިރިހުރޭ. އަމިއްލަ އަށް މަރުވުމަކީ އަދި ކިހާ ބޮޑު ފާފައެއް. އަމިއްލަ އަށް މަރުވާ މީހާއަށް ވަނީ ނަރަކައިގެ އަލިފާންކަން ރީނަށް އެނގެއެއްނު. ނާއިލް މެން ކަހަލަ ތާކުން ތާކު ނުޖެހޭ ބައެއްގެ ވާހަކަތަކަށް ހެއްލި ނަފްސު ހަލާކަށް ހުށަނާޅާ. ނިކަން މާތް ﷲ މަތިން ހަނދާން ކޮށްފަ ހިތް ސާފުކޮށް ދެއްވާތޯ ދުޢާ ކުރޭ. އިރާދަ ކުރެއްވިއްޔާ ސުމައްޔާ ވެސް އަދި ރަނގަޅު ވާނެ. ސުމައްޔާގެ ހާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުން މިއަދު އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ. މާތް ﷲ އީ ހިތާއި ޖިސްމަށް ޝިފާ ދެއްވާ ރަސްކަލާނގެ.” ޒަވިއަން ވާހަކަ ދައްކަމުން ދިޔަ އިރު އެ އަސަރުގަދަ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. އަރީނަށް އޭނާއަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އިޙުސާސްވުމުން އިތުރަށް ރޮވުނީއެވެ.
“އަހަ..ރެން..ނަށް… މާފްކުރޭ. ދެން… ދެން މިކަ..ހަލަ ކަމެއް ވި… ވިޔަކަ ނުދޭނަން… އިންޝާ ﷲ” އަރީން ތުރުތުރު އަޅަމުން ދިޔަ ޙާލު ބުނެލިއެވެ.
“ނޫރީ. ނޫރީ. ދެލޯ ހުޅުވާލަބަ.” ހޭނެތިފައި އޮތް ނައުރީންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ލީވާން ގޮވިއެވެ. ނައުރީން ހޭއަރާގޮތް ނުވުމުން އެ ހަށިގަނޑު އުފުއްލާލަމުން އެ ތަނުން ނުކުމެގެން ދިޔައިރު ލީވާންގެ ހިތް ވަނީ އަވަސް ވެފައެވެ. ނުކުތުމާއި އެކު ރިޕޯޓަރުން އައިސް ވަށާލަމުން ސުވާލު ކުރަން ފެށުމުން ލީވާން ހިތްހަމަނުޖެހޭ ގޮތް ވިއެވެ.
“މައުލޫމާތު ހޯދަން އެހެންމީހުންނާ ސުވާލު ކުރޭ. މި ކުއްޖާގެ ޙާލު ދެރަވެފަ އޮތް ވަރު ނުފެނޭތަ. އަހަރެން ދާން ތަން ދައްކާ.” ލީވާން ރުޅިގަނޑު މައިތިރި ކުރަން ތުންފަތުގައި ދަތް އަޅާލުމަށް ފަހު މަޑުމަޑުން ބުނެލިއެވެ. އެމީހުން އެއްފަރާތަކަށް ޖެހުމުން ލީވާން ގޮސް އޭނާ ކާރު ދޮރު ހުޅުވާލާފައި ސީޓު ތިރިކޮށްލުމަށްފަހު ނައުރީން ބޭއްވިއެވެ. ސީޓު ބެލްޓު އަޅުވާލަމުން ކާރަށް އަރާ ދުއްވާލީ ހަސްފަތާލަށް ދާށެވެ. އިރުއިރުކޮޅާ އޭނާގެ ނަޒަރު ނައުރީންގެ ދިރުމެއް ނެތް މޫނަށް ހުއްޓެމުން ދިޔައެވެ.
ހަސްފަތާލު ތެރެއަށް ދުވެފައި ވަދެގެން އައި ލީވާނަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުން ދިޔައެވެ. ނަރުހުން ތަކެއް އައިސް ލީވާނަށް އެހީވަމުން ނައުރީން ގޮވައިގެން ގޮސް ޕްރައިވެޓް ރޫމަކަށް ލިއެވެ. ވީގޮތް ކުރުގޮތަކަށް ކިޔައިދިނުމަށްފަހު ޑަކުޓަރަށް ފުރުސަތު ދެމުން ލީވާން އެއްފަރާތަކަށް ޖެހިލިއެވެ. ޑަކުޓަރުގެ ބުނުމަށް ވީގޮތުގެ ކުރު ޚުލާސާއެއް ލީވާން ދިނެވެ.
“ބޮޑަށް ބެލެވެނީ ޝޮކެއް ޖެހުނީކަމަށް. ޕޭޝަންޓްގެ ކޮއްކޮ ފެންނަ ހިސާބަކަށް ގެންދިއުން ރަނގަޅު ނުވެދާނެ. މި ވަގުތު މި ކުއްޖާ އަށް ބޭނުންވާނީ ގާތް ފަރާތެއްގެ ލޯތްބާއި އަޅާލުން. އެހެންވީމާ ޕޭޝަންޓްގެ ގާތުގައި ގިނަވަގުތު ހުރުން މުހިންމު.” ޑަކުޓަރު ބުނެލިއެވެ. އެއަށްފަހު އެ މީހުން އެތަނުން ނުކުތެވެ. އެކަހެރިވުމާއި އެކު ލީވާން ގޮސް އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު އެއްފަރާތަކަށް ކަޅި ހުއްޓާލައިގެން ނައުރީން އިނީ ވިސްނުމަކަށް ގެއްލިފައެވެ.
“ނާއިލް… ނާއިލް ކޮބާ؟ ކޮއްކޮ ހަމަ އަސްލަށް ވެސް…” ލީވާންގެ އަތުގައި ހިފާލަމުން ނައުރީން ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ. ލީވާނަށް އިސްޖަހާލެވުނީއެވެ. “އޭނާ ނިޔާވެއްޖެ. ސީދާ ހިތަށް އަމާޒުކޮށްފަ ދެ ވަޒަން ޖެހީމަ ސަލާމަތެއް ނުކުރެވުނު. ނޫރީ ހިތްވަރުކުރޭ. ކިތަންމެ ޤަބޫލު ކުރަން ދަތިވިޔަސް ދެން ނާއިލް އެނބުރިއެއް ނާންނާނެ. އަސުރު ފަހުން ވަޅުލާނެ.” ލީވާން މަޑުމަޑުން ބުނެލިއެވެ. މިއާއި އެކު ނައުރީންގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަ ގިސްލައިފައި ރޮމުން ދިޔަ ގޮތުން ލީވާން ވެސް ފެންކަޅިވާގޮތްވިއެވެ.
ވަޅުލުމުގެ ކުރިން މޫނު ދައްކަން ނައުރީން އާދޭސް ކުރަން ހެދުމުން ލީވާން އޭނާ ގޮވައިގެން ދިޔައެވެ. ނައުރީނަށް ނާއިލްގެ މޫނު ފެނުމާއި އެކު އަނެއްކާވެސް ރޯން ފެށުނެވެ. “ނާއިލް. ކީއްވެ؟ އަމިއްލަ ނަފްސު އިޞްލާޙު ކުރުމުގެ ބަދަލު ކީއްވެ ތިހެން ހެދީ. މިއީ ކޮއްލި ސަމާސާ އެކޭ ބުނެ ދެލޯ ހުޅުވާލަބަ. ހެޔޮނުވާނެ އަހަރެން..” އެނދު ކައިރިއަށް ތިރިވަމުން ނައުރީން ތުރުތުރު އަޅަމުން ދިޔަ ޙާލު ބުނެލިއެވެ. ނައުރީންގެ ހާލު ދެރަކަމުން ލީވާނަށް ޖެހުނީ އޭނާ ގަދަކަމުން އެތަނުން ނެރޭށެވެ. އެއްވެސް ވަރަކަށް ނައުރީން ކޮންޓްރޯލް ކުރެވޭ ގޮތް ނުވުމުން ޖެހުނީ އިންޖެކްޝަނެއް ޖަހައި ނިންދަވައިފައި ބާއްވާށެވެ.
ސުމައްޔާގެ އަތުގައި ހިފާލައިގެން އިން އިޙުސާނުގެ ދެލޯ ވަނީ ރަތްވެފައެވެ. މިހާރު ކޮންމެވެސް ވަރަކަށް ސުމައްޔާގެ ފަރާތުން ލުއި ޙަރަކާތްތައް ފެނެއެވެ. އެހެނަސް އަދިވެސް ހެޔެއް ނާރައެވެ. ދުރުގައި ސޯފާގައި ސުމައްޔާ އަށް ކަޅި ހުއްޓާލައިގެން އިން ޢަބްދުއްރަޙްމާންގެ މޫނުމަތީގައި ވަނީ ވެސް މާޔޫސް ކަމެވެ. އިންސާފު ހޯދަން އޭނާ މަސައްކަތް ކުރަން ބޭނުން ނުވި ސަބަބަކީ މިއެވެ. ސުމައްޔާ އަށް ގެއްލުމެއް ލިބިދާނެ ކަމަށް އޮތް ބިރެވެ. އެހެނަސް ސުމައްޔާގެ ބޯ ހަރު ކަމާއި ހެދި އޭނާގެ ދިރިއުޅުމުގެ މައިގަނޑު މަޤްސަދަކަށް ކަނޑައެޅީ މަންމަ އަށް އިންސާފު ހޯދައިދިނުމެވެ. ސުމައްޔާ ސިއްރިޔާތުގައި އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުމުން ޢަބްދުއްރަޙްމާނަށް ވެސް އެއްބާރުލުން ދޭން މަޖުބޫރުވީއެވެ.
އިޝާ ނަމާދު ކޮށްގެން އިޙުސާނު އައިސް ސުމައްޔާ ބާއްވައިފައި އޮތް ޕްރައިވެޓް ރޫމަށް ވަނުމުން ޢަބްދުއްރަޙްމާން ނުކުމެގެން ދިޔައީ ނަމާދު ކުރާށެވެ. ފުން ނޭވާއެއް ލައިފައި އިޙުސާނު ސުމައްޔާގެ މޫނާއި ހަމައަށް ގުދުވެލަމުން ފުން ނަޒަރެއް ދިނެވެ. “ލަވް. އަހަރެމެންގެ ހިތް ނުތަޅުވާ ތެދުވެ ދެލޯ ހުޅުވާލާނީ ކޮން ދުވަހަކުންތަ؟ މިއަދު އެ މީހުންނަށް ހުކުމް ކުރެވިއްޖެ. ސޫމޯ ބޭނުންވިހެން ސަގަރޭގެ މައްޗަށް އައީ މަރުގެ ހުކުމެއް. ލަވް ކެނޑިނޭޅި ހިތާ ފުރާނައިން ޤުރުބާންވެގެން ކުރި މަސައްކަތުން ބޭނުންވި ނަތީޖާ ނެރެވިއްޖެ. އެކަމަކު… އެއަށް ވުރެ އަހަރެންނަށް މުހިންމީ ސަންތި. މި ކަހަލަ ނުރައްކަލެއްގެ ތެރޭގައި މަސައްކަތް ކުރުމަށް ލަވް އަށް ފުރުސަތު ދެވުނީތީ އަހަރެން ހިތާމަކުރަން. އައި ލަވް ޔޫ. މަށަށް ސޫމޯ ދެކެ ވެވެނީ އާދަޔާ ޚިލާފު ޒާތެއްގެ ފުން ލޯތްބެއް. އުމުރަށް ތި ނަފްސު ރައްކާތެރިކޮށް ގާތުގައި ވާން ބޭނުން. އިރާދަ ކުރެއްވިއްޔާ ދެން ދުވަހަކުވެސް ސޫމޯ އެކަނިވިޔަކަ ނުދޭނަން. ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް ސޫމޯ އެކަނި ކޮށްލާފަ ނުދާނަން.” އިޙުސާނުގެ ލޮލުން ވަކިވެގެން ދިޔަ ކަރުނަތިކިތައް ސުމައްޔާގެ މޫނުގައި ބީހެމުން ދިޔައެވެ. އެ ވަގުތު ސުމައްޔާގެ އަތް މުއްކެވުނެވެ. ކުއްލިއަކަށް އެ އަތް އުފުއްލާލަމުން އިޙުސާނުގެ ކަނދުރާގައި ހިފާލަމުން ގާތަށް ދަމާލައިފިއެވެ. ލިބުނު ސިހުމުގައި ވާނުވާގައި ހުރި އިޙުސާނަށް ކޯތާފަތްމަތިން ދެން އިޙުސާސްވީ ސުމައްޔާގެ ތުންފަތުގެ ލުއި ބީހިލުމެވެ.
“އަހަރެން ވެސް ވަރަށް… ލޯބިވޭ!” ސުމައްޔާގެ ކުރަކިވެފައިވާ އަޑު އިޙުސާނުގެ ކަންފަތާއި ހަމައަށް ފޯރުމުން ދެލޯ މަރާލެވުނެވެ. “އަނެއްކާ މަށަށް ހުވަފެނެއް ފެންނަނީތަ؟” އިޙުސާނު އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އެހެނަސް ތޫނު ރިހުމެއް އިހުސާސް ވުމުން ދެލޯ ހުޅުވާލެވުނެވެ.
“ހެހެ. އުންމަތުލް ވަބާ މޮޔަވީތަ؟ އަމިއްލަ އިސްތަށިގަނޑުގަ ހިފާފަ މީހުން ދަމާނެތަ؟ މީނާ…” ސުމައްޔާ ހިނިގަނޑެއް ޖަހާލަމުން ދައްކަން ފެށި ވާހަކަ މެދު ކަނޑާލަން ޖެހުނީ އިޙުސާނު އޭނާގެ މެދު ހަށީގައި ނޭވާ ލާން އުނދަގޫވާނެހާ ބާރަށް ބައްދާލުމުންނެވެ. އެ ހަށީގެ ހޫނުކަން އިހުސާސް ވުމާއި އެކު ހިތަށް ލިބުނު ހަމަޖެހުން ބަޔާން ކުރަން ދަތިވިއެވެ. “އަލްޙަމްދުލިއްލާހި. އެންމެ ފަހުން އަހަރެންގެ ސޫމޯ ހޭއަރައިފި.” އިޙުސާނު ލަސްލަހުން ބުނެލިއެވެ. “ހޫމް. ދެން ދޫކޮށްލަބަލަ. އަހަރެންގެ ޒަޚަމުތައް އަދި މުޅިއަކުން ފަސޭހައެއް ނުވެޔޭ. ތަދުވެޔޭ.” ސުމައްޔާ ބުނެލިއެވެ. އެއާއެކު ކައްޓެއް ޖެހުނު ފަދައިން ދުރަށް ޖެހިލަމުން އިޙުސާނު މަޢާފަށް އެދުނެވެ. ބައްދައިގަތް ހިސާބުގައި ފިރުމަމުން ދިޔައެވެ. އެއަށްފަހު އޭނާ ދިޔައީ ޑަކުޓަރަށް ގޮވާށެވެ. އޭނާ ނިކުތް ވަގުތަކީ ޢަބްދުއްރަޙްމާން އައިސް އެ ތަނަށް ވަތް ވަގުތެވެ. ޢަބްދުއްރަޙްމާނަށް ދެލޯ ހުޅުވާލައިގެން އޮތް ސުމައްޔާ ފެނި ހަރު ހިނގުމެއްގައި ގޮސް އެނދު ކައިރީ ހުއްޓުނެވެ.
“ދަރިފުޅާ. ބައްޕަގެ ސުމައްޔާ! އަލްޙަމްދުލިއްލާހި. އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި. މިހާރު ކިހިނެއް. ވަރަށް ވޭން އަޅާ ދޯ.” ޢަބްދުއްރަޙްމާން ސުމައްޔާގެ އަތުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންނަށް ހޭލެވުނީމަ ވެސް ބައްޕަ ރޮނީތަ؟ އަހަރެން ދިރި ސަލާމަތުންނެއްނު މިހުރީ.” ސުމައްޔާ ބުރަކަށި ސީދާކޮށްލަމުން ޢަބްދުއްރަޙްމާންގެ ލޮލުން އޮހޮރުނު ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. “ދެން ދުވަހަކުވެސް އަމިއްލަ ނަފްސު ނުރައްކަލަކަށް ވައްޓާނުލާތި. ކަމެއް ވިއްޔާ ދުވެ ފިލާ. އިތުރު އެހީ ހޯދައިފަ ނުރައްކަލާ ކުރިމަތިލާ. ރަނގަޅު ވީހާ އަވަހަކަށް އިޙުސާނާއި އިންނަންވީ. އޭރުން ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފަސޭހަވާނެ.” ޢަބްދުއްރަޙްމާން ބުނެލިއެވެ. އެއާއެކު ސުމައްޔާ އަށް ތުން ހަދާލެވުނެވެ. މި ފެންނަނީ އޯވާޕްރޮޓެކްޓިވް ވުމުގެ މަލަމަތިކަން އެނގުމުން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.
“ކުރިން ވެސް ބުނިހެން ޒަޚަމުތައް ފަސޭހަވާން ދުވަސްކޮޅެއް ނަގާނެ. މިހާރު ޙާލަތު ވަރަށް ރަނގަޅު ވެއްޖެ. އަސްލު ސުމައްޔާގެ ހަށިގަނޑު ވަރަށް ވަރުގަދަ. އިމިޔުން ސިސްޓަމް ވަރަށް ބަރާބަރު. މާތް ﷲގެ ރަހުމަތާއި އެކު އިހު ދިރިއުޅުމަށް ރުޖޫއަވެވޭނެ. އެކަމަކު ހަސްފަތާލުން ދޫކޮށްލެވޭނީ ހަފްތާއެއް ފަހުން. އެއީ ބައެއް ހިސާބުތަކުގެ ބޭސްގަނޑު ގަވާއިދުން ބަދަލުކުރަން ޖެހޭތީ.” ޑޮކްޓަރ ހިނިތުންވުމަކާއި އެކު ބުނެލި ވާހަކައިން ޢަބްދުއްރަޙްމާނާއި އިޙުސާނުގެ ހިތަށް ފިނިކަން ލިބުނެވެ. މިއާއި ޚިލާފަށް ސުމައްޔާ ހުރީ ދެލޯ އަޅާލައިގެންނެވެ.
“އޭ ނޯ. މި ތަނަކު މަށަށް އެންމެ ދުވަހަކު ވެސް ކަމެއް ނެތިފައި ދެނެއް ނޯވެވޭނެ. ބުނޭ އެމީހުން ކައިރީ ދޫކޮށްލާށޭ. ހަފްތާއެކޯ. އެހާ ވަރުގަދަ އަދަބެއް ދޭން ހެޔޮވާނެތަ؟” މޭމަތީގައި އަތް ހުރަސްކޮށްލަމުން ސުމައްޔާ ވާހަކަ ދެއްކީ ޑަކުޓަރު ނުކުތް ފަހުންނެވެ. “ބޭނުން ނުވިޔަސް އޮންނަން ޖެހޭނީ. އޭރުންނެއްނު އަވަހަށް ރަނގަޅު ވާނީ.” ޢަބްދުއްރަޙްމާން ސުމައްޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އެބުނާހެން. ފުރަތަމަ އަމިއްލަ ހާލަތާއި މެދު ވިސްނާލާ. އެހާ އަވަހަށް ގެއަށް ގޮސްގެން ސޫމޯ އަށް އިތުރު ގެއްލުމެއް ލިބޭ މަންޒަރު ބަލާކަށް ނުހުރެވޭނެ.” އިޙުސާނު ވެސް އެ ހުރީ އެ ވާހަކައަށް ބާރުދެމުން ބުނެލިއެވެ.
“ހޫމް. އަހަރެން ކައިރީ ސިއްޙަތޭ ކިޔައިގެން ވާހަކަ ދައްކާ މީހުން ފުރަތަމަ ލޯގަނޑެއްގެ ކުރިމަތީ ހުއްޓިފައި އަމިއްލަ ނަފްސަށް ނަޒަރެއް ދީބަލަ. މި ހުރިހާ ދުވަހަކު ނުކައި ނުބޮއި އަރާމުނުކޮށްތަ އުޅުނީ. ތި ދެމީހުން ހީވަނީ ޒޮންބީއެއް ހެނެއްނު. ހިކިލާފަ ހުރިވަރުން މަށަށް މި ޙާލުގައި އޮވެ ވެސް ތި ދެމީހުން އުފުއްލާލެވޭނެ. ދޭ ދެން ކޮންމެވެސް އެއްޗެއް ކައިފަ ތާޒާ ވެގެން އަންނަން. އަހަރެން އިތުރަށް ދެރަ ވާނީ ދޯ ތިހެން ހެދީމަ.” ސުމައްޔާ ދެލޯ ހަނިކޮށްލި ނަމަވެސް މާޔޫސީ ރާގަކަށް ބުނެލިއެވެ. މިއަށް ރައްދެއް ދޭން އެމީހުން ނުކުޅެދުނު ކަހަލައެވެ. އެެ ދެމީހުން އެއްޗެއް ނުބުނެ ތިބެން ފެށުމުން ސުމައްޔާ އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.
“ޕްލީޒް. ދެން ވެސް ދޭބަލަ. އަހަރެންނަށް ގޮތެއް ވިޔަސް ބައްޕަ އާއި އިއްސޭ ޖެހޭނެ އަމިއްލަ ނަފްސަށް ފަރުވާތެރިވާން. ނުދަންޏާ އަހަރެން ގޮސްދާނަން ރެސްޓޯރެންޓަކުން ޓޭކްއަވޭއަށް ކެއުމެއް ނަގަން.” ސުމައްޔާ އައިވީ ކެނިޔުލާ ނައްޓާލަން އުޅުނެވެ. “ނޫން. އަހަރެމެން މި ދަނީ. ދެރަވެ ކަންބޮޑުވެފައި ހުރީމަ އަހަރެމެންނަށް ފަރުވާކުޑަ ކުރެވުނީ. ބައްޕާ، ހިނގާ ދާން.” ސުމައްޔާގެ ބޯހަރުކަމާއި ވާދަ ނުކުރެވޭނެ ކަން އެނގޭތީ އިޙުސާނު ބުނެލިއެވެ.
އެމީހުން ނުކުމެ ދޮރު ލައްޕާލުމާއި އެކު ސުމައްޔާ އެއްފަރާތު މޭޒުމަތީގައިއޮތް އޭނާގެ ފޯނު ނެގިއެވެ. ލަސްނުކޮށް އޭނާ ގުޅާލީ އަރީނަށެވެ. ބައްޕަމެންނަށް އެހާ ވަރު ވިއްޔާ އަރީނަށް ވެދާނެ ގޮތެއް އަންދާޒާކޮށްލަން ދައްޗެވެ.
ހަސްފަތާލަށް ވަންނަން އައި ވަގުތު ފޯނު ރިންގުވާން ފެށުމުން އަރީން އެ ނަގާ ބަލައިލިއެވެ. އަރައިފައި އިން ސުމައްޔާގެ ނަމުން އަރީނަށް ލިބުނީ ކުއްލި ސިހުމެކެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިއިރު އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައެވެ. “ރީން. ކިހިނެއްތަ؟” އެކޮޅުން ސުމައްޔާގެ އަޑު އިވިފައި ވީ އުފަލުން އަރީނަށް ރޮވޭ ވަރު ވިއެވެ. “ރީން. ކިހިނެއްވީ؟ ކާކު ގުޅީ. އަނެއްކާ…” އަރީންގެ ދެލޯ ފެންކަޅިވަމުން ޒަވިއަން ހާސްވެފައި އެއްސެވެ.
“ސުމީ! އަލްޙަމްދުލިއްލާހި. އިހަށް މަޑުކޮށްލާ. އަހަރެން… އަހަރެން މި ދަނީ.” ޒަވިއަންގެ އަތުން ވީއްލިގަނެގެން ދުވެފައި ގޮސް އަރީން ލިފްޓަށް އަރައިފިއެވެ. ޒަވިއަން ވެސް ފަހަތުން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ކެތްމަދުވެފައި ހުރި އަރީންގެ އަތުގައި ހިފާލީ ސުމައްޔާ ހޭއެރީކަން އެނގުމުން ހިތްހަމަޖެހިފައި ހުރެއެވެ. ލިފްޓު ހުއްޓުމުން ހަރު ހިނގުމެއްގައި ގޮސް އަރީން ސުމައްޔާ ބާއްވައިފައި އޮތް ޕްރައިވެޓް ރޫމަށް ވަނެވެ.
“ސުމީ. މިހާރު ކިހިނެއް؟ ދެން ދުވަހަކުވެސް އެ ކަހަލަ ކަމެއް ނުކުރާތި. އަހަރެން ސަލާމަތް ކުރާށޭ ކިޔާފަ އަމިއްލަ ނަފްސު ނުރައްކަލަކަށް ވައްޓާނުލާތި. އައިމް ސޮރީ. އަހަންނާ ހެދި މިހެންވީ.” އަރީން ސުމައްޔާގެ މޫނުގައި ހިފާލަމުން ވާހަކަ ދައްކަން ފެށިއެވެ. “ކާކުތަ ބުނީ އެއީ އަހަރެން ރީން ސަލާމަތް ކުރަން ކުރި ކަމެކޭ. ހަމަ އެމީހުންނާ ތޮޅެލާ ހިތްވެފަ ހުރީމަ ލިބުނު ހަމައެކަނި ފުރުސަތުގެ ބޭނުން ހިފާލީއޭ. ޓްރަސްޓް މީ. އިޓް ވޯޒް ވޯތް އިޓް. ބުނިންދޯ ރީން އަމިއްލަ ނަފްސް ކުށްވެރި ނުކުރާށޭ. ނިކަން ބަލާބަލަ. މިހާރު އަހަރެން ހަމަ ބަރާބަރެއްނު. ހަފްތާއެއް ވަންދެން ކޮނޑުމައްޗާއި ފައިގައި ބޭސްގަނޑެއް އަޅައިގެން އުޅުނީމަ ނިމުނީ. ދެން ރީން އެކަމާ ދެރަވެ ހިތާމަ ކުރާނެ ކަމެއް ނެތް. އަހަރެމެންގެ މަޤްސަދު ހާސިލުކުރެވިއްޖެއްނު. އެކަމާ އުފާ ކުރަންވީ ދުވަސް މިއީ. އަޒާ އާއި މަންމައަށް އިންސާފު ލިބުނީމަ އަހަރެންގެ ހިތަށް ހަމަޖެހުން ލިބިއްޖެ. އެހެން ނޫނަސް ދެން ނުޖެހޭނެ އަހަރެމެން ބިރުވެރިކަމެއްގައި ތިބޭކަށް. އަހަރެމެންނާއި ދެކޮޅަށް ތިބި ދުޝްމަނުން ބަލި ވީނުން. އަހަރެންނަށް ކަމެއް ކޮށްދެންޏާ ރީން ޖެހޭނީ ތި އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ވިސްނުން ދޫކޮށްލަން.” ސުމައްޔާ އަރީންގެ ކަރުނަތައް ފުހެދެމުން ބުނެލިއެވެ.
“އަހަރެން މަސައްކަތް ކުރާނަން. އެކަމަކު ސުމީ އަށް އިހުގެ ހާލަތަށް ރުޖޫއަވެވުނު ދުވަހަކުން އަހަރެންގެ އަމިއްލަ ނަފްސަށް މާފުކުރެވޭނި.” އަރީން ރައްދުގައި ބުނެލިއެވެ. “ޕިސްޕިސް. ތީތި ކަޑައޭ. ސެލްފްލެސް ވުމުގައި ހައްދުފަހަނަ އަޅާ ދިއުމަކީ ރީނަށް ގެއްލުން ހުރި ކަމެއް. ވެދާހާ ކަމެއްގަ އަމިއްލަ ނަފްސަށް އަޑުލާކަށް ނުވާނެ.” ސުމައްޔާ ހަށަން ބަނދެލަމުން ބުނެލިއެވެ. “އެހެންނޭ. އަމިއްލަ ނަފްސު ދެކެ ލޯބިވާން ރީނަށް ދަސްކޮށްދޭންވީ. ސެލްފިޝް ވާންޖެހޭ ހާލަތްތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭނެ.” ޒަވިއަން އަރީންގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ސުމައްޔާގެ ވާހަކަ އަށް ބާރުދިނެވެ.
އިޝާ ނަމާދުން ފައިބައިގެން ލީވާން އަނެއްކާވެސް ދިޔައީ ނައުރީން ބާއްވައިފައި އޮތް ހަސްފަތާލަށެވެ. ނައުރީނަށް ޚާއްޞަކޮށް ނެގިފައިވީ ޕްރައިވެޓް ރޫމަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ލީވާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެނދު ހުސްކޮށް ހުރުމުން ފާޚާނައިގައި ކަމަށް ހިތާ އޭނާ އެ ތަން ބަލައިލަން ދިޔައެވެ. އެހެނަސް ފާޚާނައިން ވެސް ނައުރީންގެ ހިލަމެއް ނުވުމުން ލީވާނަށް އިސްތަށިގަނޑަށް އަތް މަހާލެވުނެވެ.
– ނުނިމޭ –
6 Comments!
Comments are closed.







omg varah salhi ingey this part ves reen needs to be a bit more selfish dho , and where did nau go ?
I’m delighted to hear that 🥰🥰
REAL, maa hiythiree 🥺🥺
Let’s where she went 👀👀
Shukran BLOSSOM ✨✨
I am so sorry not for reading and commenting to your stories these days. I really tried but since Im a school student were my exams and also I had fever. So I got kinda hard days and couldn’t. I’m really sorry.
This part was incredible as all other parts. Vrh vrh salhi. Keep going like that. Your stories always make my day. Brings back my mood. May Allah bless you.
Appreciate your hard work.
Take good care.
When next ?????
Luv u
Alheyy its okayy, hama vaguthu vee varakun kiyanvee 🥺🥺
I’m thrilled to hear that 🥰🥰
IA next Thursday
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
Myyy gooddd excellentttt darlingg✨✨
Finally hukum kadaelhee dhw? Naail wtf?? Hama huvaa!! e sorah e noon gotheh nethee thr?? C’mon I know ‘ONLY LOVE CAN HURT LIKE THIISS’ but that’s not the solution😭😭 alheyy feeling so bad for himm!!!😭 NAAAILLL!!! Idk why my heart is aching😫
Thnk god sumy fine and healthy😁
Waiting for next…
Ly and Tc💗💗
What! Naail keehkuran amilla ah maru v
Kiriyaa ennu Reen salaamai v
Xev is just soo good at comforting herr.
I thought Sumee kamah Hospital in filaanee but Naureen….
Vrh curious dhn vaane gothakaa medhu
Whn nxt???
Luv u 💗