Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 75

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories
June 14, 2026 9 Mins Read
0 Comments

ކައި ނިމުމުން ސުމައްޔާ ތަށި ދޮވެލުމަށް ފަހު މޭޒުމަތި ސާފު ކޮށްލިއެވެ. ބަދިގެ ނިންމާލުމަށް ފަހު ސުމައްޔާ ގޮސް ޢަބްދުއްރަޙްމާން އުޅޭ ކޮޓަރި ދޮރު މަތީގައި ހުއްޓުނެވެ. އެއަށްފަހު ތަޅުގައި ހިފާ އަނބުރާލީ ނިދީތޯ ނޫންތޯ ބަލާށެވެ. އެތެރެއަށް ވަތް އިރު ކޮޓަރި ތެރޭގައި ވަނީ އޮރެންޖް ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލި ކަމެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި އެނދު ހުސްކޮށް ހުރުމުން، ސުމައްޔާ ކުރިއަށް ހިނގާލައިފައި ގޮސް ފާޚާނައިގެ ތަޅުގައި ހިފާލިއެވެ. އެ ތަން ހުޅުވައިފައި ހުރުމުން ސުމައްޔާގެ ދެބުމަ ގާތް ވިއެވެ. މި ވަގުތު ކޮޓަރީގައި ނެތިއްޔާ ޢަބްދުއްރަޙްމާން އުޅޭނީ ކޮން ތަނަކު ބާއޭ އޭނާ ހިތަށް އެރިއެވެ. ސުމައްޔާ ކޮޓަރިން ނުކުންނަމުން ޢަބްދުއްރަޙްމާންގެ ނަންބަރަށް ގުޅާލައިފިއެވެ. ކޮޓަރީގެ ތެރެއިން ފޯނު ރިންގުވާ އަޑު އިވުމުން އޭނާ އަނބުރާ އެތެރެއަށް ވަނެވެ.

“އަޅޭ. ފޯނު ބާއްވާފަ މިއޮއް ދަން ވަގުތު ބައްޕަ ކޮން ތަނަކަށް ތަ އެ ދިޔައީ.” ސުމައްޔާ މޫނުގައި އަތް އަޅާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އޭނާ ހުރީ ހާސްވެގެން އަނެއް އަތަށް އަޅައިފައެވެ. ބައްޕަ އަށް ގޮތެއް ވީ ބާއޭ އޭނާ ހިތަށް އެރިއެވެ. ފާޑުފާޑުގެ ނުބައި ޚިޔާލުތަކުން އޭނާގެ ސިކުނޑި ހިސޯރުކޮށްލުމުން ސުމައްޔާ އިސްތަށިގަނޑަށް އަތް ލައްވާލަމުން ވާން ކޮށްލައިފިއެވެ.

އެ ކޮޓަރިން ނުކުމެފައި ސުމައްޔާ ދިޔައީ ބެލްކަންޏަށެވެ. އެ ތަނުން ގޮނޑިއެއްގައި އިން ޢަބްދުއްރަޙްމާން ފެނުމުން ސުމައްޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ފަޅި ހަނދުގެ ފަނޑު އަލިކަން ފަޒާގައި ވީ އިރު ތަރިތަކުގެ ބެބުޅުން ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ. ދޭތެރެއަކުން ޖެހިލާ ލުއި ވައި ރޯޅިތަކުން ހިތަށް ފިނިކަން ލިއްބައިދެއެވެ. ޢަބްދުއްރަޙްމާން މި މަންޒަރަށް ގެއްލިފައި އިން އިރު އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ފޮޓޯ ލޯގަނޑެއް މޭގައި ޖައްސާލައިގެން އިން އިރު ކަމަކާއި ވިސްނަމުން ދިޔަ ކަން ހާމަވެއެވެ. ސުމައްޔާ ގޮވާލި އަޑަށް ވެސް ޢަބްދުއްރަޙްމާން ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ސުމައްޔާ އާއި ވީ ފަރާތަށް އެނބުރުނެވެ.

“އަނހަ ދަރިފުޅާ އައީ ދޯ. ކާން ވީނުން.” ޢަބްދުއްރަޙްމާން ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ބުނެލިއެވެ. “ކައިފީމޭ. މަންމަ އާއި މެދު ވިސްނަނީ ދޯ.” ޢަބްދުއްރަޙްމާންގެ ކަނައަތުގައި އޮތް ފޮޓޯ ލޯގަނޑަށް ތޫނު ނަޒަރެއް ދެމުން ސުމައްޔާ ބުނެލިއެވެ. ޢަބްދުއްރަޙްމާން އިސްޖަހާލީއެވެ.

“ބައްޕާ. އަޅުގަނޑު މި އުޅެނީ މަންމައަށް އިންސާފު ހޯދަދޭން. މިކަމަށް ރީން އާއި ޒަވިއަން ވެސް އެހީވާނެ. މިފަހަރު ވަރަށް ރަނގަޅު ޕްލޭނެއް ކުރަން އެހެންވީމަ މިފަހަރު ބުނެދީ ސަގަރޭ އޭނާގެ އަމިއްލަ ކޮއްކޮ މަރާލި ސަބަބު.” ސުމައްޔާ ޢަބްދުއްރަޙްމާންގެ އަތުގައި ހިފާލަމުން އެދުނެވެ. “ކީކޭ؟” ބިރެއް ފެނުނު ފަދައިން ސުމައްޔާ އަށް ބަލައިލަމުން ޢަބްދުއްރަޙްމާން ބުނެލިއެވެ.

“ކީއްވެގެންތަ އަދިވެސް އެ ކަންތައްގަނޑު އަޅުގަނޑަށް ސިއްރު ކުރަނީ؟ ކިހާ ވަރެއް ކުރިއްޔާތަ އެ ވާހަކަ އަޅުގަނޑަށް ހިއްސާ ކުރާނީ. ކޮންމެ ގޮތެއް ވިޔަސް މިހާރު ސަގަރޭމެންނަށް އަދަބުދޭން މި ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. އެ އަނިޔާވެރިޔާ އާއި ހެދި އަހަރެންނަށް ހަމަޖެހިލައިގެން ދިރިއުޅެވެން ނެތް. ޅަފަތުގައި މަންމަ މަރާލައިފި. ފުރާވަރުގަ ގާތް މިތުރަކު މަރާލައިފި. ވަޒީފާއަށް ނުކުމެ މަސައްކަތް ކުރަމުން ދިޔަ ކޭސްތަކެއްގެ ސަބަބުން ދެން ހުރި މިތުރު މަރުގެ ތުންފަތް މައްޗަށް ވައްޓާލައިފި. އެ މައްސަލަ ޕްރޮސެކިޔުޝަނަށް ހަވާލުކުރަން އުޅުނީމަ އިއްސޭ މަރާލާނެ ކަމަށް ބުނެ ބިރު ދައްކައިފި. މީގެ މައްޗަށް ސަގަރޭ އިތުރު ކުށެއް ކުރަން ދޫކޮށްލިޔަ ދޭންތަ ބައްޕަ ބޭނުމީ؟” ސުމައްޔާ ނިކަން އަސަރާއި އެކު ބުނެލިއެވެ. އެއާއި އެކު ޢަބްދުއްރަޙްމާނަށް އިސްޖަހާލެވިއްޖެއެވެ.

“ސިލްވިޔާގެ ޙައްޤަށް މަސައްކަތް ކުރުމުގެ ގޮތްގަނޑު ދަރިފުޅުގެ ކިބައިގައި ވެސް އެބަހުރިދޯ. އެންމެ ރަނގަޅު. މި ފަހަރު ދަރިފުޅު ތި ކުރާ މަސައްކަތަށް އެހީ ވާނަން. ފެށިގެން ހުރިހާ ވާހަކައެއް މިރޭ ކިޔައިދޭނަން. އަޑުއަހާ…” އެތެރެއަށް ވަދެފައި ޢަބްދުއްރަޙްމާން ވާހަކަ ދައްކަން ފެށިއެވެ.

****

ޢަބްދުއްރަޙްމާންގެ ނަޒަރުން މާޒީ…

މިއަދާއި ހަމައަށް އަހަރެންގެ ޙަޔާތުގައި ދުވަހަކު ވެސް ހިތާމައަކާއި ކުރިމަތިލާން ޖެހިފަކާ ނެތެވެ. އުޅެބޮޑުވީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެންނެވެ. ހަމައެކަނި ހުރި ދަރިއަށް ވުމުން އަހަރެން ބޭނުންވާ ކޮންމެ ކަމެއް ކޮށްދޭން އެ ދެމީހުން ހުންނާނީ ތައްޔާރަށެވެ. އިމެއް ނެތި ލޯބި ދިނެއް ކަމަކު ބައްޕަގެ މަސައްކަތުގައި އެހީވުމަށް މަންމަ ބާރު އަޅާނެއެވެ. މީގެއިތުރުން ފިރިހެނަކަށް މުހިންމު ހުރިހާ ކަމެއް ކުރަން ދަސްވީ ބައްޕަގެ ފަރާތުންނެވެ.

އެކުވެރިންގެ ގޮތުގައި ވެސް އަހަރެންނަށް ލިބުނީ ނިކަން ހިތްހެޔޮ ދެ މިތުރުންނެވެ. އަހަރެމެން އެކަކު އަނެކަކާއި ދިމާވީ ހަތެއްގައި ކިޔެވި އަހަރު އިސްކަންދަރު ސްކޫލުންނެވެ. އެކުގައި ސަކަރާތް ޖަހާ އެހެން އުޅެމުން ގޮސް ޒުވާން އުމުރަށް އަޅާ ފުރާފުރިހަމަ ވީ އިރު ވެސް ތިން މީހުންގެ އެކުވެރިކަން ބަދަހިކޮށް އޮތެވެ.

ވަޒީފާގައި އުޅެގެން ރަނގަޅު ވަރަކަށް ލާރި އެއްކުރެވުމުން ޒިޔާދު އެންމެ ބިޒްނެސް އަށް މޮޅު މީހާ ވިޔަފާރިއެއް ފެށީ 2000 ވަނަ އަހަރުގައެވެ. އަހަރެންނާއި އަފްޒަލް ވެސް އެ މަސައްކަތާއި ގުޅުނީ ޒިޔާދުގެ އެދުމަކަށެވެ. ތިން މީހުންގެ ބުރަ މަސައްކަތުން ސަންޝައިން ބްރޭންޑް އުފައްދާ ދުވަހަކަށް ވުރެ ދުވަހެއް އެ ވިޔަފާރި ފުޅާ ކުރަމުން ދިޔައީމެވެ.

އަހަރެން ސިލްވިޔާ އާއި ދިމާވީ 2005 ވަނަ އަހަރުގައެވެ. އެއީ ޒިޔާދާއި އަފްޒަލް އެމީހުންގެ އަލަތު ކައިވެނި ކުރި އަހަރު ވެސް މެއެވެ. ހުސްކޮށް ހުރީ އަހަރެންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އަހަރެންނަށް އެ ޒުވާން އަހަރެން ކުއްޖާ ކަމުދިޔައެވެ. ކިތަންމެ ބުރަކޮށް އުޅެމުން ދިޔަ ނަމަވެސް ވަގުތު ހޯދައިގެން ވިލިނގިއްޔަށް ދިއުން އާންމު ކަމަކަށް ހެދީމެވެ. މިކަމަށް ޒިޔާދާއި އަފްޒަލް ދިމާކުރި ނަމަވެސް އަޅައެއް ނުލަމެވެ. އެ ލޯބި ޙާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުން ދިޔައީމެވެ.

ސިލްވިޔާގެ އާނ ބަސް އަހަރެންނަށް ލިބޭ ވަރުވީ 2007 ވަނަ އަހަރު ފެށުނު ކޮޅުގައެވެ. ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމުން އަހަރެން ވީ އެންމެ އަވަހަކަށް ކައިވެނި ކުރީމެވެ. ދެއާއިލާގެ ވެސް ރުހުމުގައެވެ. އެހެނަސް ސިލްވިޔާ މާލެ ގެނައުމުގެ ބަދަލުގައި މަންމަމެން ގޮވައިގެން އަހަރެން ސިލްވިޔާ ގާތަށް ވިލިނގިއްޔަށް ބަދަލުވީއެވެ. އަލަށް ގެވަޅު ދޫކުރި ހިސާބުން ބޮޑު ބިމެއް ލިބުމުން އަހަރެން އެތަނުގައި ގެއެއް އެޅުމުގެ މަސައްކަތް ފެށީމެވެ. ގެ ޑިޒައިން ކުރުމުގެ މަސައްކަތާއި ހަވާލުވީ ސިލްވިޔާގެ ދޮންބެ ސަލްމާނެވެ. އޭރު އުޅުނީ މުއްސަނދި ކަމުގައި ކަމަށް ވުމުން ގެ އަޅައި ނިންމާލަން ނެގީ އެންމެ އަހަރެކެވެ. އެ ގެއަށް ބަދަލުވީ ފޮނި އުންމީދު ތަކަކާއި އެކުގައެވެ. އޭރު ސިލްވިޔާ ހަތަރު މަހަށް ބަނޑުބޮޑެވެ. މި އުފާވެރިކަމުގެ ދުވަސްތަކަށް ނިމުމެއް އަންނާނެ ކަމަށް ހިތަށް ވެސް ނާރައެވެ.

ބްލޫ ވޯޓާސް އިން ވިޔަފާރި ދޫކޮށްލަން އަންގަމުން އިންޒާރުގެ މެސެޖުތައް ފޮނުވަން ފެށީ ހައުލީ (ސުމައްޔާ) ވިހޭ ފަހުންނެވެ. އަފްޒަލާއި ޒިޔާދަށް ވެސް އެ މެސެޖުތައް ފޮނުވައިފައި ހުއްޓެވެ. އަހަރެމެން ފުރަތަމަ އެހާ ވަރަކަށް އަޅައެއް ނުލަމެވެ. ފަހުން އެކަން ތަކުރާރު ވާން ފެށުމުން އަހަރެމެން ނިންމީ ފުލުހުންނަށް އަންގާށެވެ. އެހެނަސް ހީކުރި ގޮތާއި ޚިލާފަށް އެ މައްސަލަ އޮއްބާލައިގެން ދިޔައީ މީހަކު ބްލޫ ވޯޓާސްގެ ސިސްޓަމަށް ހެކް ކޮށްފައި ކަމަށް ބެލެވުމުންނެވެ.

މެސެޖު ކުރުމުގެ ބަދަލުގައި އެއަށްފަހު އެމީހުން އަހަރެމެންނާއި ދިމާލަށް ފޮނުވަންފެށީ ގޭންގްސްޓާރުންނެވެ. އަހަރެމެން ބިރުގަތެއް ކަމަކު އެތައް އަހަރުތަކެއްގެ މަސައްކަތުގެ ފައިދާ އެހާ ފަސޭހައިން އެމީހުންނަށް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެމީހުން އަހަރެމެންނަށް ކުރަމުން ދިޔަ ޕްރެޝަރު ހުއްޓުމަކަށް އައީ ޒިޔާދުގެ އަންހެނުން ވިހޭ ފަހުންނެވެ. އޭރު އަފްޒަލްގެ އަންހެނުން ވިހޭތާ ތިން މަސް ވަނީއެވެ. އެ ބިރުވެރިކަމުން ސަލާމަތްވެވުމުން އަހަރެމެން ތިން މީހުން އުފާ ފައުޅުކުރީމެވެ. ކުރިއަށް އަންނަން އޮތީ ކިހާ ވަރުގަދަ ކޮޅިގަނޑެއް ކަމެއް އަހަރެންގެ ޚިޔާލަށް ވެސް ގެނެވިފައި ނެތެވެ.

“ދެން ދަނީއޭ. މާދަން ހުކުރެއްނު.” އާދައިގެ މަތިން ބުރާސްފަތި ދުވަހު އަހަރެން އަވަހަށް މަސައްކަތް ނިންމާލީ ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. “ޝާން ވެސް ދޯ. ކޮންމެ ހުކުރު ވިލޭރެއަކު އެހާ އަވަހަށް ސިލްވީ ގާތަށް ނުދިޔަޔަސް ވެދާނެއްނު. އަހަރެމެން ވެސް އާންމުކޮށް ނިންމާލާ ގަޑިއަށް ވިއްޔާ ނިންމާލަނީ.” ޒިޔާދު އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ދެން ޒިޔާ!” އަހަރެން އަކުރުތަކަށް ދަމާލީމެވެ.

“ޕިސްޕިސް. ޒިޔާ އޭނާ ދިޔަޔަކަ ދެގަ. އެ ފަކީރު އެހާ ވަރުން މަސައްކަތް ކުރިން ނިންމާލަނީ ސިލްވީ އާއި އެކު އެންމެ އަރާމުކޮށް އޮވެވޭނެ ރެއަކީ ހުކުރު ވިލޭރެއަށް ވީމައޭ. އެ ސޮރު ވެސް ޖެހޭނެއްނު ފިރިހެން ކުއްޖަކު ލިބޭތޯ މަސައްކަތް ކުރަން.” އަފްޒަލް އަހަރެންގެ ކޮޅަށް އަރައި ފެށިއެއް ކަމަކު އޭނާގެ ލާނެތް އަސަރު ނުގެނެސް ޖުމްލަ ނިންމާލާކަށް ނޭނގުނެވެ. އަހަރެން އެތަނުގައި މަޑުކުރަން ނުހަދާ އަވަހަށް ނުކުމެގެން ދިޔައީއެވެ. ތިން މީހުންގެ ތެރެއިން އެންމެ ހަގު މީހާއަށް ވީމަ އަބަދުވެސް ދިމާކުރުމުގެ އަމާޒަކަށް ވަނީ އަހަރެންނެވެ. އެހެން އުޅުނަސް އެ ދެމީހުން އެންމެ އަޅާލާ އެހީތެރިވާނީ ވެސް އަހަރެންނަށެވެ.

ފެރީ އަށް އަރަން ދިއުމުގެ ކުރިން އަހަރެން ޕޭސްޓަރީ ފިހާރައަކަށް ވަދެ ސިލްވިޔާ އަށް އެންމެ މީރު ޗޮކްލެޓް ވެފްލްސް ގަތީމެވެ. ކޮތަޅު ހިފައިގެން ގޮސް ހެންވޭރު ފެރީ ގިމަތައިގައި އިނދެ އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ފެރީ އަންނާނެ އިރަކަށެވެ. ފެރީ އައުމާއި އެކު އެންމެ ފުރަތަމަ އެއަށް ގޮސް އެރި މީހަކީ އަހަރެންނެވެ. ވިލިނގިއްޔަށް ފޯރުމާއި އެކު އެއިން އެންމެ ފުރަތަމަ ފޭބި މީހަކަށް ވީ ވެސް އަހަރެންނެވެ.

ޕާކިން ޒޯނުން އަހަރެންގެ ސައިކަލު ނަގައިގެން މިސްރާބު ޖެހީ ގެއަށް ދާށެވެ. ފަހުން ގެވަޅު ދޫކުރި ހިސާބުގެ އެންމެ ކޮޅުގައި ހުރި ގެއަށް ވުމުން ދާން ވަގުތު ނެގިއެވެ. އެ ހިސާބަށް ދެވޭނީ ހަދަން ފަށައިފައި ހުރި ގެތައް ފަހަނައަޅައިފައެވެ.

ގޭގެ ގޭޓަށް ތަޅުދަނޑި ޖަހާ ހުޅުވާލުމަށް ފަހު އަހަރެން އެތެރެއަށް ވަނީމެވެ. އެންމެ ފުރަތަމަ ވެސް އަހަރެން ގޮސް ވަދެލީ ބަދިގެއަށެވެ. އެއީ ހުކުރު ވިލޭރޭ ސިލްވިޔާ އަހަރެންގެ އިންތިޒާރުގައި އިންނަ ތަނަށް ވާތީއެވެ. އަހަރެންނަށް ދެ ބުމަ ގާތް ކޮށްލެވުނީ ސިލްވިޔާ އެތަނުގައި ނެތުމުންނެވެ. ކޮޓަރީގައި ކަމަށް ހިތާ ގޮސް ބެލި އިރު އެ ތަނަކު ނެތެވެ. ހައުލީ ނިންދަވަން އެ ބައިގައި އުޅޭތޯ ވެސް ބެލީމެވެ. އެއްވެސް ގޮތަކުން ސިލްވިޔާ ނުފެނުމުން އަހަރެން ހާސް ވާން ފެށިއެވެ. ގޭގައި ގެންގުޅޭ މީހުން ގާތު ސުވާލު ކުރުމުން ވެސް ބުނީ މިއަދު މެންދުރު ފަހު ކޮޓަރިއަށް ވަތް ފަހުން ނުދެކޭ ކަމަށެވެ. އިސްތަށިގަނޑަށް ދެއަތް މަހާލަމުން އަހަރެންނަށް ބިންމައްޗަށް ތިރިވެވުނެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ސިލްވިޔާ އަށް ގުޅުމުގެ ނިޔަތުގައި އަހަރެން ފޯނު ނެގީމެވެ. އެހެނަސް އެކަން ކުރުމުގެ ކުރިން ބަލައިލީ ނުދަންނަ ނަންބަރަކުން ފޮނުވައިފައި ހުރި މެސެޖު ތަކެއްގައި ސިލްވިޔާގެ ވާހަކަ އޮތުމުން އެޔެވެ. އެ އެއްޗެހި ފެނި އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެވަނަ ސިކުންތުގައި ދުވެފައި ގޮސް އަހަރެން ވަނީ ސަލްމާންގެ ކޮޓަރިއަށެވެ. އެ މެސެޖުން އަންގައިފައި އޮތީ ފުލުހުންނަށް ނުގުޅާ ސަލްމާނުގެ ކޮޓަރީގެ ވޯކްއިން ވޯޑްރޯބު ތެރެއަށް ވަންނާށެވެ.

އެ ވޯޑްރޯބު ތެރެއިން އެމީހަކު ބުނެފައިވާ ދޮރު ފެނޭތޯ ތަންތަން ހާވާލީމެވެ. ގަމީސް އަޅުވައިފައި ހުރި ހަރުގައި ހުރި އަންނައުނުތައް އެއްފަރާތަކަށް ކަހާލުމުން އެ ބުނާ ދޮރެއް ފެނިއްޖެއެވެ. އަހަރެން އެ ދޮރު ހުޅުވާނެ ގޮތަކާއި މެދު ވިސްނަން ހުއްޓާ އެ ހުޅުވުނީ ކުއްލިއަކަށެވެ. ސިހިފައި ފަހަތަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ. އެތެރެ އަނދިރި ކަމުން ތަނެއް ދޮރެއް ނުފެނެއެވެ. ފޯނުން ބައްތި ދިއްލާލުމަށް ފަހު އެތެރެއަށް ވަދެގެން ދިޔަ އިރު އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ސިލްވިޔާ އަށް ވެދާނެ ގޮތަކާއި ގުޅުން ހުރި ފާޑުފާޑުގެ ނުބައި ޚިޔާލުތަކެވެ.

އެ ތަނުގައި ތިރިއަށް ދެވެން ހުރި ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔައިރު އަހަރެންގެ މޭ ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެންމެ ތިރިއަށް ދެވުނު އިރު ކުރިމަތީގައި ފެންނަން ހުރީ އިތުރު ދޮރެކެވެ. ކުރިން ފެނުނު ދޮރު ހެން މި ދޮރަކު ވެސް ތަޅެއް ނެތެވެ. ދޮރުގައި އަތް ޖައްސާލުމާއި އެކު އެ އެއްފަރާތަކަށް ކެހިގެން ދިޔައެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ.

ގޮނޑިއެއްގައި ބަނދެފައި އެ އިނީ އަހަރެންގެ ހިތުގެ ވިންދެވެ. މި ދުނިޔެމަތިން އަހަރެންނަށް އިންތިހާއަށް ލޯބިވެވުނު ފުރާނައެވެ. އެކި ވަރުގެ ކުދި އަނިޔާތައް ކޮށްފައި ހުރުމުން އެ ދޮން ހަށިގަނޑުގެ އެކި ހިސާބުތައް ވަނީ ނޫފައިގަނެގެން ގޮހެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭ އައިސްފައި ވިއެވެ.

“ސިލްވީ!” ދުވެފައި ގޮސް ސިލްވިޔާ މިނިވަން ކުރެވޭތޯ އަހަރެން އެ ވާގަނޑު ނައްޓާލަން މަސައްކަތް ކުރީމެވެ. އެހެނަސް ކަމެއް ކުރެވެން ވާއިރަށް ފަހަތުން ދެ ފިރިހެނަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. ހަޅޭއްލަވަމުން އަހަރެން މަސައްކަތް ކުރީ އެ މީހުންގެ އަތް ދަށުން ދެމިގަނެވޭ ތޯއެވެ. ބަދަލުގައި މޫނު މައްޗައް އަރައިގެން ދިޔައީ އަތުގެ ހޫނު ހަމަލާއެކެވެ. އަހަރެން އިސް އުފުލާލާ ބަލައިލީ އެއީ ކާކުތޯ ބަލައިލުމަށެވެ. އޭނާގެ މޫނު ފެނި އަހަރެން ހުއްޓުން އެރިއެވެ.

“އައްދޭ. އަހަރެންގެ މޫނު ފެނުނީމަ ހާދަ އަޖައިބުވެފަ؟ އަހަރެންގެ ޕަޕެޓް އަލީ އަހުމަދު ނުފެނުނީމަ ހިތްހަމަ ނުޖެހުނީތަ؟” ސަލްމާން އަހަރެންގެ ގިރުވާނުގައި ހިފަމުން ބުނެލިއެވެ. އަހަރެން އަދިވެސް ހުރީ މިކަން ޤަބޫލުކުރަން ދަތިވެފައެވެ. އަހަރެމެންނަށް ބިރު ދެއްކިޔަސް މައްސަލައެއް ނޫނެވެ. އެކަމަކު ހަމަ އެކަނި ހުރި އެއްބަނޑު އެއްބަފާ ކޮއްކޮ އަށް އަނިޔާކުރަން ކެރުނީތީ އަޖައިބުނުވެ ހުންނާނެ ހެއްޔެވެ؟ އަދި މި ދައްކަނީ އިހުގައި ނިކަން ގުޅިގެން އުޅުނު ދެބޭންގެ ވާހަކައެވެ.

އެއާއި އެކު ދެން އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ބަލައިލިއިރު ވަށިގަނޑެއް ކަހަލަ އެއްޗަކަށް ލައިފައި ހައުލީ އޮތެވެ. އަހަރެންނަށް ރޮވުނެވެ. އަމިއްލަ އަނބިމީހާ އާއި ދަރިފުޅު ރައްކާތެރިކުރަން ބޭނުންވިއެވެ. “** ***! ކައެމެން ކައިރީ ބުނެފިންދޯ ނިދާ ބޭހެއް ދީގެން ވިޔަސް އެ އެތި މައިތިރި ކުރާށޭ.” ސަލްމާން ހިތްހަމަނުޖެހިފައި ހަޅޭއްލަވައިގަތެވެ. އެ ވަގުތު އެ ތަނުން މީހަކު އައިސް ހައުލީގެ އަނގަޔަށް ނިދާ ބޭސް ފުޅިއެއް އޮއްސާލައިފިއެވެ. “ހުއްޓާލާ! އެއީ އަލިފާނާއި ފެނާ ވަކިކުރަން ނޭނގޭ ޅަ ކުޑަކުއްޖެކޭ. ސަލްމާން. ބަލަ އެއީ ކަލޭގެ ހުރި ހަމައެކަނި ބޮޑުބޭބެ ކިޔާ ކުއްޖާއޭ.” އަހަރެން ތެޅިގަންނަމުން ހަޅޭއްލަވައިގަތީމެވެ.

“ސިލްވިޔާ އަހަރެންނާއި ދެކޮޅަށް މަސައްކަތް ކުރަން ފެށީމަ މި ގުޅުން ކަނޑާލަން ޖެހުނީ. އަމިއްލަ ދޮންބެ ޖަލަށް ލެވޭތޯ ދެކޮޅަށް ހެކި އެއްކުރަން ފަށާ އަހަރެންނަށް ފުރަތަމަ ކެއްސެއް ދިނީ ސިލްވިޔާ. މިއީ އަހަރެންގެ ބަދަލު.” ސަލްމާން އަހަރެންގެ އިސްތަށިގަނޑަށް ދަމާ ވާންކޮށްލަމުން ބުނެލިއެވެ. “ޚަބަރުދާރު. އަހަރެންގެ ދަރިއަށް ގޮތެއް ހަދާނެ ކަމެއް ނެތް. ކުރާ ކަމެއް މަށަށް ކޮށްބަލަ ސަލްމާން. ކަލޭ ނުބައި މަގުން ދިޔައިމަ ނަސޭހަތްތެރިވީމަ އެކަން ޤަބޫލު ނުކުރީމައޭ އަހަރެންނަށް ޖެހުނީ ކަލޭ އަށް ކޯޓުން އަދަބު ދެވޭތޯ މަސައްކަތް ކުރަން.” ސިލްވިޔާ ރުއިމުގެ ތެރެއިން ހަޅޭއްލަވައިގަތެވެ.

“ސިލްވިޔާ. އަދިވެސް ގޮތުގައި ހިފަހައްޓާފަ އެ ހެކިތަކެއް ރައްކާތެރި ކުރާނީތަ؟” ސަލްމާން ކުއްލިއަކަށް އަހަރެންގެ ކަނދުރާގައި ވަޅިއެއް ޖައްސާލައިފިއެވެ. އަހަރެން މަސައްކަތް ކުރީ އެ ވަޅި އަތުލާށެވެ. އެ ކަން ކާމިޔާބު ވުމުން އެ މީހުންގެ އަތް ދަށުން ނެއްޓިގަނެގެން ގޮސް ސިލްވިޔާ މިނިވަން ކުރެވޭތޯ އެ ވާގަނޑު ނައްޓާލަން މަސައްކަތް ކުރީމެވެ. “ޝާން. މިތަނުގަ ނުހުރެ ހައުލީ ގޮވައިގެން މިތަނުން ދޭ. މިއީ ވަރުގަދަ މަޅިއެއް. ފުރުސަތު އޮއްވާ ސަލާމަތްވެގެން ދޭ.” ސިލްވިޔާ އެ ޙާލަތުގައި ވެސް މަސައްކަތް ކުރަމުން ދިޔައީ އަހަރެންނާއި ދަރިފުޅުގެ ސަލާމަތަށް ކަން އެނގުމުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. ސިލްވިޔާ އެހެން ބުންޏެއް ކަމަކު އޭނާ މި ތަނަށް ދޫކޮށްލައިފައި ދިއުމަކީ އަހަރެންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ.

އަހަރެން ވާގަނޑު ނައްޓާ ނުނިމެނީސް ސިލްވިޔާ ވޭނީ ގޮތަކަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ނިތްކުރީގައި ދާ ތިކިތިކި ބަބުޅަމުން ދިޔައެވެ. ރަތް ލޭކުލަ އަރައިފައިވާ ލޮލުން އަނެއްކާ ކަރުނަ އޮހޮރޭން ފެށިއެވެ. “އައްދޭ ހިޝާނޫ. ކަލޭ ސިލްވިޔާ ދެކެ ތި ވަނީ ހާދަ ވަރުގަދަ ލޯތްބެކޭ. އެކަމަކު ދެން ކަލެއަށް އެ ކެހިވެރި އަންހެނާ ސަލާމަތެއް ނުކުރެވޭނެ. ސިލްވީ! ކޮބާ ކިހިނެއް ވަނީ؟ އޮރިންޑިއޯގެ އަސަރަށް ކެތްކުރެވޭނެތަ؟” ސަލްމާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަހަރެން އަލިފާނުގެ ކަޅިއެއް އެއްލައިފައި ސިލްވިޔާގެ ގައިގައި އޮޅައިފައިވީ ވާގަނޑު ނައްޓާލީމެވެ. އެއާއި އެކު ސިލްވިޔާ ބިންމައްޗަށް ވެއްޓިގަންނަމުން ބަނޑުގައި އަތް އަޅާލިއެވެ. އޭނާގެ ދުލުން ބޭރުވަމުން ދިޔަ ވޭނީ އާހް ތަކުން އަހަރެންގެ ހިތް ކޮށާލަމުން ދިޔަ ކަހަލައެވެ. މަރަށް ތެޅޭ ރޯމަހެއް ފަދައިން ސިލްވިޔާ ދެއަތަށް ތެޅެމުން ދިޔަ ގޮތް ފެނި އަހަރެންގެ ހިތަށް އެތައް ހަންޖަރުތަކެއް ހަރާލެވުނު ކަހަލައެވެ. އަހަރެން ރޮއިގަންނަމުން ސިލްވިޔާ ނަގާ މެޔާލައި ބޮނޑިކޮށްލަމުން އެ ބޮލުގައި ފިރުމާލީމެވެ.

“ސަލްމާން! ތިޔަ ބުނާ އޮރިންޑިއޯ އަކުން ސިލްވީއަށް ކޮން ވަރެއްތަ އެ ވަނީ. ހަމަ މިހާރު ބުނޭ މިކަން ޙައްލު ކުރަންވީ ގޮތެއް.” އަހަރެން އަޑަށް ބާރުލައިފައި ބުނެލީމެވެ.

“އަޅޭ. ހާދަ ލޯބި ދެމަފިރިންނޭ. ކަލެއަށް ދެން އެ އަންހެނާ އެއް ސަލާމަތެއް ނުކުރެވޭނެ. ކަލޭމެން މަރުވެގެން ދާނީ މި ކޮޓަރިގަނޑު ތެރޭގައި. ހައްހައްހާ.” ސަލްމާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެ ބަސްމަގު ހުރި ގޮތުން އަހަރެންގެ ލޭ ކެކިގަތެވެ. ފުންމައިގެން ގޮސް ސަލްމާންގެ ގަމީހު ގިރުވާނުގައި ހިފައިގަތީމެވެ.

“މަށާ ބެހެން ނުވިސްނާ.” ސަލްމާން ގެންގުޅުނު ދެ ފިރިހެނުން އައިސް އަހަރެންގެ ގައިގައި ހިފަހައްޓާ ބިމަށް ތިރިކޮށްލިއެވެ. އެ ދެމީހުންވެގެން އަހަރެންގެ މުޅި ހަށިގަނޑުގައި ކޮޅުފައިން ތަޅަން ފެށިއެވެ. ކިތަންމެ ވޭނެއް އެޅި ނަމަވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ސިލްވިޔާ އާއި މެދުގައެވެ.

ސަލްމާން މިފަހަރު ގޮސް ސިލްވިޔާގެ ކަނދުރާ ދަށަށް އިންޖެކްޝަނެއް ހަރާލައިފިއެވެ. “ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ތި އަޑު އެކަކަށް ވެސް ނުފޯރާނެ.” ސަލްމާން ވިހަ ގޮތަކަށް ހީނލަމުން ބުނެލިއެވެ. “އާދޭސް ކޮށްފަ މި ބުނީ. ސިލްވީ އަށް ތިހެން ނުހަދާ. އެއީ އާރެއް ބާރެއް ނެތް އަންހެނެކޭ. ކަލޭގެ ހުރި ހަމައެކަނި ކޮއްކޮ އަށް ރަޙުމު ކޮށްބަލަ.” އަހަރެން ކަރުބުޑުން ހަޅޭއްލަވައިގަތީމެވެ. ބަދަލުގައި އެމީހުން ބެލްޓާއި ލަކުޑިބުރި ތަކުން އަހަރެންގެ ގައިގެ އެތަން މިތާ ތަޅަން ފެށިއެވެ.

“ހަހަހަ. ކިހިނެއް ވަނީ ގޮތް ދޫނުކުރީމަ ނަތީޖާއަކަށް ލޯ ކުރިމަތީ މުޅި އާއިލާ އަނދައިގެން ދިއުން. މިރޭ މިގޭގައި ތިބި އެކަކު ވެސް ސަލާމަތެއް ނުވާނެ. ކަލޭގެ ބޯ ހަރު ކަމާއި ހެދި ފިރިމީހާގެ މިތުރުގެ ވިޔަފާރި ވެސް މިފަހަރު އިނދަ ޖައްސާލެވޭނެ. ހެހެހެ. މަށަށް ގެ ފަރުމާ ކުރަން ދެވުނީމަ އެކަމާ ހިތާމަ ކޮށްލަކޮށްލާ އޮވޭ.” ސަލްމާން ސިލްވިޔާގެ ބަނޑުގައި ކޮޅުފައިން ޖަހައިފައި އެތަނުން ނުކުންނަން ދިޔައެވެ. ނުކުތުމުގެ ކުރިން ލައިޓަރެއް ރޯކޮށްލަމުން ބިންމައްޗަށް ވައްޓާލައިފިއެވެ. އެއާއި އެކު އެ ތަނަށް އޮއްސައިފައި ހުރި ގެސޮލިންގައި ރޯވެ ހުޅުފަޅައިގެން ދިޔައެވެ. އަހަރެން ތެދުވެގެން ގޮސް ސިލްވިޔާގެ ގާތުގައި އިށީނީމެވެ.

“ހިނގާ ދާން. ކޮންމެވެސް ގޮތެއް އޮވެދާނެ.” އަހަރެން ސިލްވިޔާ ނަގާ އުނގަށް ލަމުން ބުނެލީމެވެ. “ޝާން. އަހަރެން… ޝާން އާއި ހައުލީ ދެކެ ވަރަ…ވަރަށް ލޯބިވޭ. ފުރަތަމަ މި ކެވެލި… ނަގާ. މި ރޫޅާލާފަ ރިކޯ… ރިކޯޑިންތައް ނަގާ. ދެން އެހެރަ ދަގަނޑު އަލަމާ….ރި ބިއްދޮށުގައި ހުންނާނެ ސަލްމާން އަމިއްލަ ސަލާ..މަތަށް ބެހެއްޓި.. އިމަ…. އިމަޖެންސީ ދޮރެއް. ހައުލީ ގޮވައިގެން މިހާރުން މިހާރަށް މި… މިތަނުން… ނުކުމެގެން ދޭ. އަހަރެން ސަލާމަތް ކުރަން… ކުރެވޭނެހާ ވަގުތެއް ނެތް. އެ ތަނުން ނުކުމެވޭނީ… ބޭރު ބަގީޗާއަށް. އެތަނުން ވަލު ދޮރޯ… ދޮރޯއްޓާއި ހަމައަށް ގޮސްފައި ވިނަ…ގަނޑު މަތިން ކޮނެލާ. އެތެރޭގައި ރަބަރު ކޮތަޅެއްގައި ހުން…ނާނެ ސަލްމާން ޖަލް… ޖަލަށް ލާން ބޭނުންވާ ވަރަށް ގިނަ ހެކި. ހަ… ހައުލީ ރަނގަޅަށް ބަލައިދެއްޗޭ. އަދި އަހަ… އަހަރެންނަށް އިންސާފް… އިންސާފު ހޯދަދެއްޗޭ.” ފުން ނޭވާތަކެއް ލަމުން ސިލްވިޔާ އޭނާގެ ބަސްތައް އިއްވާލީ ވަރަށް އުނދަގުލުންނެވެ.

“ނޫން އެންމެން އެއްކޮށް ދާނީ. ތިހެން ނުބުނޭ ސިލްވީ.” އަހަރެން ސިލްވިޔާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލީމެވެ.

“ޝާން. އަހަރެން… ސަލާމަތެއް ނުވާނޭ. ސަލްމާން އަހަރެންގެ ހަށި…ގަނޑަށް ދެ ޑްރަ…ގެއް އިންޖެކްޓް ކޮށްފި. ދެން އެ ޑިޓޮކް… ޑިޓޮކްސިފައި ކުރުމަކީ ވާނެ ކަމެއް… ނޫން. ލަސްވިއްޔާ ތިން މީހުން ވެސް…. ތިން މީހުން ވެސް މި ތަނުގައި މަރުވެގެން ދާނީ. ހައުލީ އާއި މެދު ވިސްނާލަބަލަ. އަހަރެންނަށް ޓަކައި… މިތަން ދޫ…ކޮށްލާފަ ދޭ. ދިއުމުގެ ކުރިން އެ ދަގަނޑު… އަލަމާރި ހުސްކޮށްފަ އަހަރެންގެ ގައި…މައްޗަށް ވައްޓާލާތި. އޭރުން މި… މި ހަށިގަނޑު އަނދާ އަޅިޔަށްވެގެން ދިޔަކަ ނުދީ ސަލާމަތް… ވާނީ. މި ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓް ބޭނުން ކުރީމަ… މި ކަން ކުރީ ވެސް ސަލް…މާން ކަން ސާބިތުކުރަން ފަ…ސޭހަ ވާނެ.” ސިލްވިޔާ ބަލި އަޑަކުން ބުނެލިއެވެ. އެ ވޭނީ ދެލޮލުގެ އާދޭހުން އަހަރެންގެ ހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ.

“ނޫން… ސިލްވީ ނޫން.” އަހަރެން ބޯ ހޫރާލަމުން ހަޅޭއްލަވައިގަތީމެވެ. އެހެނަސް މަރުގެ ވަގުތު ޖެހުމުން އެކަން ހުއްޓުވޭނީ ފަހެ ކާކަށް ހެއްޔެވެ؟ ރޮމުން ސިލްވިޔާ އަށް ޝަހާދަތް ލައިދެމުން ދިޔަ އިރު އަހަރެން ދިޔައީ ތުރުތުރު އަޅަމުންނެވެ. އެއާއިކު ސިލްވިޔާގެ ދެލޯ މެރުނެވެ. ވިންދު ކެނޑުނެވެ. ނޭވާ ހުއްޓުނެވެ. އަހަރެންނަށް ވޭނީ އަޑަކުން ސިލްވިޔާ އޭ ކިޔާ ޙަޅޭއްލަވައިގަނެވުނެވެ.

– ނުނިމޭ –

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ޒާޔާ – 2 (ތިންވަނަ ބައި)

Previews
June 14, 2026

ޒާޔާ – 2 (ތިންވަނަ ބައި)



All Right Reserved!