ކަނު އަނދިރިތެރޭގައި މަގުމަތިން ހިޔަނިތަކެއް ފަދައިން ދުވެފައި ދިޔަ ދެ ޒުވާނުން ގޮސް ހުއްޓުނީ ‘މިޑްނައިޓް މޫވާރްސް’ އޮފީސް އިމާރާތް ކުރިމަތީގައެވެ. އެތާ ހުރި އަންހެން ކުއްޖާ ބާރު ހިނގުމެއްގައި ގޮސް ވަނީ އޮފީސް ހޯލު ތެރެއަށެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ‘ރޫމް ނުމްބަރް 102’ ށެވެ. ދޮރު ކުރިމަތީ ހުއްޓުމާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮއްލިއެވެ. ތުރުތުރު އަޅަމުންދިޔަ އަތް އުފުލާލައިފައި އޭނާ ތަޅުގައި ހިފާލިއެވެ. އޭނާގެ މޫނުމައްޗައް ހާސްކަން ވެރިވީ ދޮރު ނުހުޅުވުމުންނެވެ.
”ކޮބާ ހުޅުވިއްޖެތަ؟.” ފޯނުން ވާހަކަ ދެއްކީ އިވާން އެވެ. ”ނޫން…ތަޅުލާފަ ހުރީ..” އެލްވިން މާޔޫސްވެފައި ހުރެ ވައި އަޑުން ބުނެލިއެވެ.
”ދައްޗެއް އެބައޮތްތަ.؟”އަނެއްކާވެސް ވާހަކަ ދެއްކީ އިވާން އެވެ.
”އޯހް ޔެސް..ތޭންކްސް ފޯ ދަ ރިމައިންޑާ” އެލްވިންގެ ތުންފަތްމަތީ ލުއި ހިނިތުންވުމެއް ކުޅެލިއެވެ.
އޭނާގެ އިސްތަށިގަނޑުގައި ހަރުކޮއްފައި އިން ދަތި ނަގައި ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. މާ ގިނައިރު ތަކެއް ނުވެ އެލްވިން ހުރީ އޮފީސް ތެރޭގައެވެ. ޒަމާނީ ގޮތަކަށް ހަދައިފައި ހުރި ތަނެކެވެ. ފައިލް ތަކާއި، ގަނޑުތަކާއި ހުރިހާއެއްޗެއްވަނީ ތަރުތީބުން ފޮތް ހަރުގަނޑުތަކުގައި އަަތުރާލާފައެވެ. އޮފީހުގެ މެދެއްހާ ހިސާބެއްގަައި މޭޒެއް ހުރިި އިރު ކޮންޕިއުޓަރެއް ވެސް ހުއްޓެވެ. އެލްވިން ފަރުވާތެރިކަމާއެކު ފަހަރަކު ފައިލެއް ހުޅުވާ ބަލާލައެވެ.
”ކޮބާ އެއްވެސް އެއްޗެއް ފެނިއްޖެތަ؟” އިވާން ފޯނުން ވާހަކަ ދެއްކިއެވެ.
”ނޫން އަދި ނުފެނެ…” އެލްވިން މާޔޫސް ރާގަކަށް އޭނާގެ ދޮންބެއަށް ޖަވާބުދިނެވެ.
އެވަގުތު ހޯލް ތެރެއިން މީހެއްގެ ފިޔަވަޅޫތަކުގެ އަޑު އިވުމާއެކު އެލްވިން މޭޒުގެ ފަހަތަށް ވަދެ ފިލިއެވެ.
”ކޮބާ އަހަރެމެނަށް ދޭން ވައުދުވި ފައިސާ؟.” ވާހަކަ ދެއްކީ ފިރިހެނެކެވެ. ހަރުކަށި ބަރު އަޑެކެވެ.
އޮފީސްތެރޭގައި އިން ކުޑަ ދޮރުގަނޑުން ފެނުނީ އޭނާގެ ބޮޑުދައިތައާއި އިތުރު ދެ ފިރިހެނުންނެވެ. އެލްވިންގެ މޫނުމައްޗަށް ހާސްކަން ވެރިވިއެވެ. ބިރުވެރިކަން އިހުސާސްކުރެވުނެވެ.
”އަން މިހިރީ…ތީގެ ތެރޭގައިވާނެ 20،000 ރުފިޔާ” ވިލްދާ އޭނާގެ ކުރިމަތީގައި ހުރި ދެ ފިރިހެނުންނަށް ކަޅުކުލައިގެ ދަބަހެއް ދިއްކޮށްލިއެެވެ.
އެލްވިން ރަނގަޅަށް އެ ދެ ފިރިހެނުންނަށް ބަލާލިއެވެ. ކަޅުކުލައިގެ ފޭރާމުގައި ވީއިރު މޫނުމަތީގައި މާސްކެއްވެސް އަޅައިފައިވެއެވެ. ކަންފަތާއި މޫނުގެ އެކި ތަންތަނުން ތޮރުފައިވީއިރު، ނުވާތާކަށް މުޅި ދެ އަތްވެސް ވަނީ ޓެޓޫއިން ފުރާލައިފައެވެ. އެކަކުގެ ޖީބުން ބަޑިއެއް ފެންނަން އިން އިރު ހީވަނީ ފިލްމުތަކުން ފެންނަ ގޭންގު ބައެއްހެންނެވެ. މި ދެ މީހުންނާ ވިލްދާއާއި އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟. އެލްވިންގެ ހިތުގައި އޮތް ބިރުވެރިކަން ބޮޑުވިއެވެ.
ކުއްލިއަކަށް އޭނާ ހަދާންވިއެވެ. މިއީ އޭނާގެ މައިންބަފައިންގެ މަރުގެ ހާދިސާ ހިނގި ދުވަހު އޭނާގެ ބޮޑުދައިތަ ވާހަކަ ދެއްކި ދެމީހުނެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު އެލްވިން އާއި އިވާން ގަބޫލުކުރަނީ އެމީހުންގެ މައިންބަފައިންގެ މަރުގެ ފަހަތުގައި ވިލްދާގެ އަތެއްވާކަމަށެވެ. ނަމަވެސް އެމީހުންގެ ކުށަކީ ކޮބާހެއްޔެވެ؟. މަރާލަންވީ ސަބަބަކީ ކޮބާހެއްޔެވެ؟. އެލްވިންގެ ލޮލުން ކަރުނަ ހިލުނެވެ.
ވިލްދާގެ ފަހަތުން އެދެ ފިރިހެނުން ދިޔުމުން އެލްވިން ދެކޮޅުބަލާލައިފައި އޮފީހުން ބޭރަށް ނިކުތުމައް ހިނގައިގަތެވެ. ދޮރުމަތީގައި ޖީބަށް އަތްޖަހާލައިގެން ހުރި އިވާން ފެނުމުން އެލްވިން ދުވެފައި ކަހަލަގޮތަކަށްގޮސް އިވާނެ ކުރިމަތީ ހުއްޓުނެވެ. ”ދޮންބެ، ދޮންތަ ދެއްކި ވާހަކަ އަޑުއެހިންތަ؟” އެލްވިން އަހާލިއެވެ.
”އާން..ރިކޯޑުވެސް ކުރިން…” އިވާން އަތުގައި އޮތް ކުޑަ ޑިވައިސް ދައްކާލަމުން ބުނެލިއެވެ.
”ޔެސް..ދެޓްސް މޯ އެވިޑެންސް” އެލްވިންގެ ހިތުގައިވީ އުންމީދުގެ ހުޅުކޮޅު ބޮޑުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Masha Allah v reethi!
Can’t wait for the next part!
Love you!