Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެންލޯބި

ކަނޑުފެން (ފަހުބައި) KanduFen P-24

Shax Lyn
January 1, 2016
13 Mins Read
32 Comments

ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ.

ނޭވާ ހުސްވެގެން އަނގަހުޅުވުމުން އަނގަފުރިގެން ދިޔައީ ކަނޑުފެނުންނެވެ. ނޭވާނުލެވި ހާސްވަމުން ދިޔައިރު ހީވީ މޭ ފަޅާފައި ފުއްޕާމޭ ނުކުމެދާނެހެންނެވެ. ރަނާގެ ހަށިގަނޑަށް އިތުރު ހަރަކާތެއް ނުގެނެވުނެވެ. މުޅި ހަށިގަނޑުން ބާރު ދޫވެ ލޮނުގަނޑު ތެރޭގައި އޮޔާއެކީ ހެލެމުން ދިޔައީ ރަނާގެ އަމިއްލަ ބާރަކު ނޫނެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ފަހުކޮޅާއި ޖެނުއަރީ މަހުގެ ކުރީކޮޅުގައި ރަނާގެ ރޫޚު ގެެންދޫއަށް އާދެއެވެ. އެހާދިޘާތައް ހިނގި ހިސާބުގައި އައިސް ޝިފާނާއި ޝައިބާންގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދެއެވެ. ދުވަސްތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. މި ގޮތުން 2016 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް އާ އަހަރު ފާހަގަ ކުރަން ޝައިބާން އޭނާގެ ބައެއް އެކުވެރިންނާއި އެކީ ގެމެންދޫއަށް ދަތުރު ދިޔައެވެ. ޝިފާނަށް އެ ދަތުރުގައި ބައިވެރި ނުވެވުނީ އޭނާގެ މަންމަ ބަލިވުމުން އަނބިދަރިން ގޮވައިގެން ރާއްޖޭން ބޭރަށް ދާން ޖެހުމުންނެވެ.

31 ޑިސެމްބަރ 2015 ވީ ބުރާސްފަތި ދުވަހުގެ ހަވީރު މެދު އުމުރުގެ ފިރިހެނުންތަކަކާއި އެކީ ޝައިބާން އެރަށަށް ދިޔައީ އޭނާ އުޅޭ ރިސޯޓުގެ ގެސްޓުން ތަކަކާއިވެސް އެކީގައެވެ. ކުޑަ ލޯންޗެއްގައި 15 ވަރަކަށް މީހުން އެރަށަށް ދިޔައެވެ. އިރުއޮއްސި އަނދިރިވާން ފެށުމުން އެމީހުން ރަށުގެ ގޮނޑުދޮށުގައި ބޮޑު އަލިފާންގަނޑެއް ޖަހާލިއެވެ. ގެސްޓުން ބޭނުންވި ގޮތަށް އެމީހުން އަތިރި މަތީގައި ގްރިލް ތައްޔާރު ކޮށްލުމަށްފަހު ކުކުޅު ފައިތަކާއި، ސޮސެޖްތަކާއި، މަސްތައް ފިހެން ފެށިއެވެ. ރިސޯޓުން ޕެކްކޮށްގެން ގެނައި ކެއުންތަކާއި މޭވާތައް މޭޒެއްގެ މަތީގައި ވަރަށް ފުރިހަމައަށް އަތުރާލިއެވެ. އެންމެން ކެއުމާއިގެން މަސްއޫލުވެގަތެވެ. އޭރުވެސް އެއްބަޔަކު ވަކަރުން އަކުރުތަކެއް ހަދަމުން ދިޔައެވެ. ގަޑިން ބާރަޖަހަން ފަނަރަވަރަކަށް މިނެޓަށް ވުމުން އެމީހުން އެ އަކުރުތަކުގައި ސާފުތެޔޮ ހޭކުމަށްފަހު “ބާއި ބާއި 2015” ޖަހާފައިވާ ވަކަރު ތަކުގައި ރޯކޮށްލީ ބާރަ ޖަހަން ފަސްވަރަކަށް މިނެޓަށް ވީމައެވެ. އޭރު އެންމެން އެ މަންޒަރު ފޯނުން ފޮޓޯ ނަގަމުން ދިޔައެވެ.

ގަޑިން ބާރަޖެހުމާއި އެކީ މިޔުޒިކްގެ އަޑުން މުށި ރަށުތެރެ ގުގުމަން ފެށިއެވެ. އެމީހުން މަޖާ ކުރަމުން ދިޔަ ސަރަހައްދުގައި “ހެޕީ ނިއު އިޔާ 2016” ޖަހާފައިވާ ބެނާއެއް ހަރުކޮށްފައި ހުއްޓެވެ. އެންމެން އެރޭ މަޖާކޮށް ކައި ހެދުމަށްފަހު ޓެންޓުތަކަށް ނިދަން ދިޔައެވެ. އޭރުވެސް ޝައިބާން އަތިރި މަތީގައި އިށީނދެގެން އޭނާގެ ލޯބިވެރިޔާއާއި ވާހަކަ ދައްކަން އިނެވެ.

ދަންވެގެން ދިޔަ ދިޔަހެން ރަށުގެ ގޮނޑުދޮށުން ވިދުމުގެ އަސަރު ފެންނަން ހުއްޓެވެ. ޝައިބާން ވާހަކަ ދައްކަމުންދިޔަ ފޯނު ކަނޑާލުމަށްފަަހު ތެދުވެ މޫދުގެ ރާޅުޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރީ ފާޅުވަމުން އެއަންނަ ވިދުންތަކަށް އާޝޯޚްވެ ބަލަހައްޓައިގެންނެވެ. ޝައިބާނަށް މިފަދަ ގުދުރަތީ ރީތި މަންޒަރެއް ނުފެންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. ލޮނުގަނޑުގައި ފައިތިލަ ޖެހޭ ހާ ހިސާބުން ދަތުރުއައިސް ތިބި ބައިވެރިންގެ ޓެންޓުތަކާއި ދުރަށް މަޑުމަޑުން ޝައިބާން ހިނގައިގަތެވެ. ޝައިބާންގެ ނަޒަަރު ހުއްޓިފައި ހުރީ މޫދާ ދިމާލަށެވެ. ކުއްލިއަކަށް ލޮނުގަނޑު ތެރެއިން އަންހެން ކުއްޖެއްގެ އިސްތަށިގަނޑު ލޮނާއެކީ ބޯ މަތިން ފަހަތަށް އެއްލާލި މަންޒަރު ފެނުނެވެ. އިސްތަށިގަނޑުން ބުރައިގެން އައި ފެންތިކިތައް ޝައިބާންގެ ހަށިގަނޑުގައި ޖެހުނެވެ. ދެ ބުމަ ގޮށް ޖަހައިގެން އެ އަންހެން ކުއްޖާއާއި ދިމާލަށް ޝައިބާން ބަލަން ހުއްޓެވެ. އެހެން ހުއްޓާ އެ އަންހެން ކުއްޖާ މޫދުން އަރައިގެން އެއްގަމަށް ދާތަން ފެނުނެވެ. އޭނާގެ ހަށިގަނޑުގައި މޫދުން ފެންނަން ހުރިކަހަލަ ނޫކުލައިގެ ވިދުމެއް ފެންނަން ހުއްޓެވެ. ރާޅުޖަހާ ހިސާބުގައި ހުރި ޝައިބާނަށް ހައިރާންކަމެއް ލިބުމުން މޫދަށް އޭނާގެ ފައިތިލަ ކޮށްފާލުމަށްފަހު ފައިތިލަ ނަގާ ދޮންވެލިގަނޑުގައި ޖައްސާލިއެވެ. މޫދުގަ ހުރި ރެދަންތައް ޝައިބާންގެ ފައިތިލާގައި ހުރިތަން ފެނުނެވެ. އެއަށްފަހު ޝައިބާން އެ އަންހެން ކުއްޖާ ދިޔަ މަގުން އެއްގަމަށް ދިޔައެވެ. އެ އަންހެން ކުއްޖާގެ ރީތި ހަށިގަނޑު ފެނި އެ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިގެން ހުރެއެވެ.

ޖެހިގެން އައި ދުވަހު އިރުއެރުމުން ދަތުރު އައި އެންމެން ރިސޯޓަށް ދިޔައެވެ. ޝައިބާންގެ ފާރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތަކެއްގެ ސަބަބުން ދެ ހަފްތާއެއްގެ ޗުއްޓީއަކާއި އެކީ އޭނާ ރަށަށް ފޮނުވާލިއެވެ. ކޮންމެ ތާކަށް ދިޔަޔަސް ޝައިބާނަށް ފެންނަނީ އެ އަންހެން ކުއްޖާ އެވެ. ޝައިބާނަށް އެކިކަހަލަ މަންޒަރުތައް ދައްކަމުން ރަނާ ދިޔައީ އުނދަގޫތަކާއި ދުއްތުރާތައް ކުރަމުންނެވެ.

*** *** *** *** *** ***

ތޮށިގަނޑު މަތީ މޫދަށް ނަޒަރު ހުއްޓައިގެން ހުރި ޒީކް އެ ޚިޔާލުތަކުން ދުރަށް ޖެހިލަމުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ބަދަލު ހިފުމުގެ ރޫހު އަށަގެންފައިވުމުން ލަހެއް ފަހެއް ނުކޮށް ލުޔޫނާމެން ގެއާ ދިމާލަށް މިސްރާބު ޖެހީ ޝިފާން ހޯދުމުގެ ބޭނުމުގައެވެ.

ޝިފާން އޮތީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ކާން އިންއިރު ލުޔޫނާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން ވިސްނުމުން އެކަމާ އިންތިހާއަށް އޭނާ ދެރަވެފައެވެ. ނަމަވެސް އެހެން އެވީ ރަނާ ފެނުމުންކަން ޝިފާނަށް ޔަގީންވިއެވެ. ޝިފާނުގެ ހަނދާންތައް ދަތުކުރީ މީގެ 7 އަހަރު ކުރިއަށެވެ.

*** *** *** *** *** ***

ގެމެންދޫގެ އެ ހާދިޡާއަށްފަހު ރަނާއައިސް އުޅޭ ވާހަކަ ޝައިބާންް ފޯނުން ގުޅައިގެން ރާއްޖޭން ބޭރުގައި ހުރި ޝިފާނާ ހިއްސާކުރީ ޝިފާންގެ އެހީތެރިކަމެއް މިކަމުގައި ލިބޭނެކަމަށް ހީކޮށެވެ. ނަމަވެސް ޝައިބާން ދައްކަމުން ދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ޝިފާން އިންޑިޔާގައި ހުރީ އޭނާގެ މަންމައަށް ބޭސް ކުރާށެވެ. އެހެންކަމުން ދެން މާލެ އަންނާނީ ބެންކޮކުން ގެންނަން ޖެހޭ އައު މުދާތަކާއި އެކީ ކަމަށްވެސް ބުނެ ޝިފާން އެދުވަހު ފޯނު ކަނޑާލިއެވެ.

ޝިފާނަށް ރަށަށް އާދެވުނު އިރު ޝައިބާން ވަނީ މިދުނިޔެއާއި އަލްވާދާއު ކިޔާފައެވެ. އޭނާ މަރުވިގޮތުގެ ވާހަކަ އެމީހުންގެ ފިހާރައިގެ މެނޭޖަރ ޖަމްޝީދު، ޝިފާނަށް ކިޔައިދިނެވެ. “އަހަރެންނަށް ހީވަނީ ޝައިބާން ގެމެންދޫއަށް ގޮއްސަ އައި ފަހުން ޖިންނި މޮޔަވީހެން… އެރަށް މިހާރު ވަރަށް ނާމާން… ކީއްކުރަން ދެން އެ ރަށަށް އެމީހުން ދަތުރު ދިޔައީ….” ޖަމްޝީދު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ޝިފާނަށް ކޮންމެވެސް ކަހަލަ އުނދަގުލެއް ވިއެވެ. ނަމަވެސް ޝައިބާންގެ މަރުގެ ފަހަތުގައި ވަނީ ރަނާ ކަމަކަށް ޝިފާން ގަބޫލެއް ނުކުރެއެވެ.

*** *** *** *** *** ***

އެކި ޚިޔާލުތަކަށް ގެއްލިފައި އެނދުގައި އޮށޯވެގެން އޮތް ޝިފާނަށް ކޮޓަރީ ދޮރާ ދިމާލަށް ބަލާލެވުނީ ކޮޓަރިއަށް ވަދެގެން އައި ލުޔޫނާ ފެނިފައެވެ. ނިދާބޮކި ދިއްލާފައި ހުރުމުން ކޮޓަރި ތެރޭގައި ހުރީ ފަނޑު އަލިކަމެކެވެ. ލުޔޫނާ އައިސް އެނދުގެ މަގަތުގައި އިށީނދެގެން އިނީ އޭނާގެ އިސްތަށިގަނޑު އޮމާން ކުރާށެވެ. ކޮނޑުމަތިން ދެފަރާތަށް އިސްތަށިގަނޑު ބަހާލައިފައި އެއްފަރާތަށް ގެނެސްފައިވާ ބައިގައި ފުނާ އަޅާ އިސްތަށިގަނޑު އޮމާން ކުރަމުން ދިޔައެވެ. އެނދުގައި އޮށޯވެގެން އޮތް ޝިފާން މަޑުމަޑުން ލުޔޫނާއާއި ގާތްވެލިއެވެ. އަދި ލުޔޫނާގެ އުނަގަނޑުގައި ފިރުމާލިއެވެ. ލުޔޫނާ އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ބޮލުގައި ފުނާ އަޅަމުން ދިޔައެވެ.

“ހެއި ސޮރީ… އަސްލު ވަރަށް ދެރަވެފަ މިހުރީ…. ބިޒްނަސް އެކީ ފުނޑުފުނޑުވީ.. އަނެއްކާ އާ ފެށުމަކުން ފަށަން ޖެހޭނީ….” ޝިފާން ބޯމަތިން އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ޝިފާން ދައްކަމުން ދިޔަ އެއްވެސް ވާހަކައެެއް ލުޔޫނާއަށް އަޑު ނީވޭ ކަހަލައެވެ.

“ލުޔޫ… އަހަރެން ވަރަށް ދެރަވޭ ރަނާއާ މެދު އަހަރެމެންނަށް ކަންތައް ކުރެވުނު ގޮތުން… އެނގޭ އަހަރެންނަށް ދުވަހަކުވެސް ލުޔޫނާ އެކަމަށް މައާފް ނުކުރާނެކަން… ރަނާ އަހަރެން ދުށިން މިއަދު… އޭނާ އައީ އަހަރެންގެ ފަރާތުން ބަދަލުހިފަން ދޯ….” ޝިފާން އަހަން ބޭނުންވާ ސުވާލު ބޭރުކޮށްލީ ވަރަށް ޖެހިލުންވެ ހުރެއެވެ. އެތައް އަހަރުތަކެއް ވަންދެން ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް ބޭރުކޮށްލެވުމުންވެސް ހިތަށް އުނދަގޫވަމުން ދިޔައެވެ.

ބޮލުގައި އަޅަން އިން ފުނާ އެނދުމަތީ ބެއްވުމަށްފަހު ކުޑަ ދޮރާ ދިމާލަށް ލުޔޫނާ މިސްރާބު ޖެހީ ޝިފާނަށް އެއްވެސް ޖަވާބެއް ނުދީ ހުރެއެވެ. ޝިފާނަށް ފުރަގަސްދީގެން ހުރި ލުޔޫނާ ކުޑަ ދޮރުގެ ތަންޑު ނައްޓާލުމަށްފަހު ދޮރު ތަންމިނަށް ހުޅުވާލިއެވެ. ޖެހެމުން ދިޔަ ގަދަ ވައިރޯޅިތަކުން ކުޑަދޮރުގައިވާ ދޮރުފޮތިތައް ވިހުރެމުން ދިޔައެވެ. ލުޔޫނާގެ އިސްތަށިގަނޑުވެސް ވަޔާ އެކީ ވިހުރެމުން ދިޔައެވެ. ކުޑަ ދޮރުގެ ދެ ކަނީގައި އަތްވިއްދާލައިގެން ލުޔޫނާ ހުރިގޮތް ފެނި ޝިފާން ހައިރާން ވިއެވެ. ލުޔޫނާ ގާތަށް ދިޔުމަށް ޝިފާން ތެދުވެގެން ހިނގައިގަތެވެ. ނަމަވެސް ޝިފާންގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުޑަދޮރުގެ ދެފަރާތުގައި އަތްވިއްދައިގެން ހުރި ލުޔޫނާގެ އަަތް މަޑުމަޑުން އެތަނުން ދޫވަމުން ދިޔައިރު ކުޑަދޮރުން ބޭރަށް ލުޔޫނާގެ ހަށިގަނޑު ލެނބެމުން ދިޔަތަން ފެނުމުންނެވެ.

ޝިފާންގެ ހަރަކާތް އަވަސް ކޮށްލަމުން ކުޑަ ދޮރާ ދިމާލަށް ދުއްވައިގަތެވެ. އަދި ކުޑަދޮރުން ބޭރަށް ވެއްޓެމުން ދިޔަ ލުޔޫނާ ސަލާމަތްކުރަން އެއްލި އަތުން ލުޔޫނާގެ އަތުގައި ހިފުނީ ހަމަ ކިރިޔާއެވެ. އަތުގައި ހިފައިގެން ހުރެ ލުޔޫނާއަށް ގޮވަމުން ޝިފާން ކުޑަ ދޮރުން ބޭރު ބަލަލިއެވެ. ޝިފާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޝިފާންނަށް މިހިފުނީ ލުޔޫނާގެ އަތުގައެއް ނޫނެވެ. ޝިފާންގެ އަތުގައި އެލިގެން ޝިިފާނާ ދިމާލަށް ބަލަހައްޓައިގެން މިއޮތީ ރަނާ ނޫން ދެވަނަ މީހެއް ނޫނެވެ.

“ޕްލީސް ޝިފާން އަހަރެންނަށް ތިހެން ނުހަދާ… ޕްލީސް އަހަރެން ސަލާމަތް ކުރޭ….” ރަނާގެ ދުލުން ބޭރުކުރަމުން ދިޔަ ޖުމްލަތަކުގެ ސަބަބުން އެވަގުތު ޝިފާންގެ ލޮލަށް ސިފަވެގެން ދިޔައީ ގެމެންދޫގެ އެފަޅުގޭތެރޭގައި ދެއަތާއި ދެފައި އައްސާފައި އޮތް ރަނާގެ އިއްފަތްތެރިކަން ނިގުޅައިގަންނަށް ޝިފާން މަސައްކަތް ކުރަމުން ދިޔަ ވަގުތުގައި ރަނާ ކުރަމުން ދިޔަ އާދޭހުގެ ބަސްތަކެވެ. މަރުވެފައިވާ މީހަކު މިހިސާބަށް އަންނާނީ ކިހިނެއްބާއޭ ހިތަށް އެރުމުން ރަނާގެ އަތުން ޝިފާން ދޫކޮށްލަމުން އަތްދަމައިގަތެވެ. ހަމަ އެދަނޑިވަޅަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ވަދެގެން އައި ލުޔޫނާ ފެނުމުން އޭނަޔާ ދިމާލަށް ކަޅިޖަހާނުލާ ޝިފާނަށް ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ.

“ޝިފާން… ކީއްކުރަނީ ކުޑަދޮރު ހުޅުވައިގެން… ހާދަ ފިންޏޭ…” ޝިފާނާ ސުވާލުކުރަމުން އައި ލުޔޫނާ ކުޑަ ދޮރު ލައްޕަން ގާތްވެލިއެވެ. ލުޔޫނާ ހިފަހައްޓާކަށް ޝިފާނަކަށް ނުކެރުނެވެ. ކުޑަދޮރުން ބޭރަށް ވެއްޓުނު ރަނާ ފެނިދާނެތީ ޝިފާން ފަސްޖެހުނެވެ. ކުޑޮރު ކުރިމަތީގައި ޖެހިތާކު ހުރި ބުދެއްހެން ހުއްޓި ހުރި ޝިފާނަށް ބަލާލަމުން ލުޔޫނާ އައިސް ޝިފާންގެ އަތުގައި ހިފާ ދުރަށް ޖައްސާލިއެވެ. އަދި ކުޑަދޮރު ލައްޕާލުމަށްފަހު ފާހާނާއާއި ދިމާލަށް ލުޔޫނާ ދިޔައެވެ. މޫނާ، ހަތަރެސްފައި ދޮވެގެން ނިދަން ތައްޔާރުވުމަށެވެ. ފާހާނާއަށް ވަދެ ދޮރުލައްޕާލުމާއި އެކީ ޝިފާން އަވަސްވެގަތީ ކުޑަ ދޮރާ ދިމާލަށެވެ.

ސިއްރުސިއްރުން ކުޑަދޮރުގެ ތަންޑު ނައްޓާލުމަށްފަހު ދޮރު ހުޅުވާލިއެވެ. ޖެހިލުންވެހުރެ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު ތިރިޔަށް ބަލާލީ ރަނާ އެތާ ތިރީގައި އޮތްތޯ ބަލާލާށެވެ. ރަނާ އެތާ ފެންނަން ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ޝިފާނަށް ބޭރުކޮށްލެވުނެވެ. ނަމަވެސް އެތާ ރަނާ ނެތިއްޔާ ދެން ރަނާ ވީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. ވަގުތުން ޝިފާން ކޮޓަރިން ނުކުމެ ތިރިއަށް ދިޔައީ ރަނާ ހޯދާށެވެ. ގެއަށް ވަންނަ ދޮރު ހުރީ ތަޅުލާފައެވެ. އެވަގުތު ޝިފާންގެ ހިތުގައި އެތަށް ސުވާލެއް ފެންމަތިވަމުން ދިޔައެވެ. ރަނާ ގޭތެރެއަށް އެވަނީ ކިހިނެއް ބާވައޭ! ފަހަރުގައި ބޭރު ދޮރު ލުޔޫނާ ތަޅުނުލާ ބަދިގޭގައި އިން އިރު ރަނާ ގެއަށް ވަނީކަމަށް ޝިފާން ނިންމިއެވެ.

ލުޔޫނާ ފާހާނާއިން ނުކުމެ ފާހާނާ ދޮރުމަތީ އޮތް ފައިފުހިން ފައިތިލާގައި ހުރި ފެންތައް ފޮހެލަމުން ކޮޓަރި ތެރެއަށް ހިނގައިގަތީ ޝިފާނާ ވާހަކަ ދައްކަމުންނެވެ. “ޝިފާން… ގުދަން ރޯ ކޮށްލީ ކާކުކަން އެނގިއްޖެތަ؟..” އެނދާ ހަމަޔަށް އެރުމަށްފަހު ލުޔޫނާ މުޅި ކޮޓަރިތެރެއަށް ކަޅި ހިންގާލީ ކޮޓަރި ތެރެއިން ޝިފާން ފެންނަން ނެތުމުންނެވެ. ވަޔާއެކީ ވިހުރެމުން ދިޔަ ކުޑަދޮރުގެ ދޮރުފޮތި ފެނުމުން ކުޑަދޮރު ހުޅުވާފަހުރިކަން ލުޔޫނާއަށް އެނގުނެވެ. “ޝިފާންވެސް ދޯ… ހަމަ މިދޮރު ލައްޕާއިރަށް އެބަ ހުޅުވާ….” ލުޔޫނާ ކުޑަދޮރާ ކައިރިވެ ކުޑަދޮރު ލައްޕާލަން ދޮރުފަތުގައި ހިފާލިއިރު އެގޭ ދޮރާށިން ނުކުމެ ބަގީޗާ ތެރެއިން ހިނގަން އޮތް މަގުން މައި ދޮރާ ދިމާލަށް ޝިފާން ހިނގާފައިދާ މަންޒަރު ފެނުނެވެ. ޝިފާން މިގަޑީގައި އެދަނީ ކޮންތާކަށް ބާވައޭ ހިތަށް އެރިއެވެ. ފަހަރުގައި މިއަދު ހެނދުނު ގުދަނުގައި ރޯކުރި މައްސަލައާއި ގުޅިގެން މީހަކު ގުޅައިގެން ކުއްލިއަކަށް ދާން ޖެހުނީ ކަމަށް ލުޔޫނާ ނިންމިއެވެ.

ޝިފާންގެ މިސްރާބުހުރި ދިމާލެއް ޚުދު އޭނާޔަކަށްވެސް ނޭނގެއެވެ. ގެއިން ނުކުމެ ބަނދަރުމަތިން ހިނގަމުން ދިޔައީ ހުންގާނު ނެތް އޮޑިއެއްގެ މިސާލުންނެވެ. ދާންވީ ވަކި މަންޒިލެއް ހިޔާރުކުރުމެއް ނެތި ހިނގަމުން ދިޔަ ޝިފާންގެ ފިޔަވަޅު އަވަސްކޮށްލީ ތޮށިގަނޑު މަތީގައި މޫދާ ދިމާލަށް ކަޅި ހުއްޓައިގެން ހުރި ޒީކް ފެނުމުންނެވެ. ހުދު ކުލައިގެ ހެދުމުގައި ހުރި ޒީކް އެ ތޮށިގަނޑު މަތީގައި ވަގުތު ގުނަމުން އެދަނީ ޝިފާން އެތަނަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހިސާބަށް ދެވުމުން ޝިފާން ޒީކަށް ގޮވާލިއެވެ. “ރަނާ….. ރަނާ…”

ލުއި ހިނިތުން ވުމަކާއެކީ ޝިފާނާ ޒީކް ކުރިމަތި ލިއެވެ. “ކިހިނެއްވީ ހާދަ ހާސްވެފަ..” ރަނާ ވާހަކަ ދައްކަމުން އައިސް ޝީފާން ގާތުގައި ހުއްޓުނެވެ.

“ރަނާ… ކިހިނެއް ރަނާ ސަލާމަތްވީ…. ރަނާ އަހަރެން ހީކުރީ އަސްލު ރަނާ މަރުވީކަމަށް…. މި ހުރިހާ ކަމެއް ރޭވީ ޝައިބާން… އޭނާ ދެއްކި މޮޅެތި ވާހަކަތަކަށް އަހަރެން ހެއްލުނީ… އެހެން ނޫނަސް އަހަރެން ފަހުން ރަނާ މޮހެލަން އަންނަން ހުރީ.. އެކަމު އަހަންނަށް ގެއަށް ދެވުމާއި އެކީ ވަރުބަލިވެގެން ނިދުނީ… ދެން ވެއްޖެ ފާޑެއްގެ ސުނާމީއެއް އަރަން… އަސްލު ފަހުން އަހަރެމެން ހީކުރީ ރަނާ އޮތީ މަރުވެފައިކަމަށް….” މާޒީގައި ކަންތައް ވީގޮތް ކިޔައިދެމުން ދިޔަ ޝިފާން ބައެއް ފަހަރު ވާހަކަ ދައްކަމުން ދިޔައީ ހެމުން އަނެއް ބައި ފަހަރު ރޮމުންނެވެ.

“ޝައިބާން އެހެން ހެދިޔަސް ޝިފާން އެވަރުކަމެއް ކޮށްފާނެކަމަކަށް އަހަރެން ހިޔެއް ނުކުރަން….” ޒީކްގެ އަޑުވަނީ މުޅިން ބަދަލުވެފައެވެ. ހީވަނީ އެއްފަހަރާ ދެއަޑެއް އެއްވެފައިވާ ހެންނެވެ. ރުޅިވެރި ކަމާއި އެކީ ޒީކް ވާހަކަ ދައްކަމުން ޝިފާނާ ދިމާލަށް ހިނގާފައި އައި އިރު ޒީކްގެ ފައިތިލި ބިމުގައި ނުޖެހޭކަން ޝިފާނަށް އެނގުނެވެ. ޝިފާނަށް މި ފެނުނު މަންޒަރުން އިތުރަށް ބިރުގަންނަ ގޮތްވިއެވެ.

“އަހަރެން ޝިފާނާ ދިމާކުރި ދެވަނަ ރޭ މީ… ޝިފާން އަހަރެންނަށް ދިނީ ކޮންފަދަ ބޮޑު ލަނޑެއް… އަހަރެން ހާދަ އިތުބާރެއް ކުރީމޭ…. އަހަރެންނަށް އެހެން ހަދަން ޖެހުނު ސަބަބެއް ނިކަން ބުނެބަލަ. އަހަރެން ކަލެއަށް ކޮން އުނދަގުލެއް ކުރީ.. އަހަރެންނަށް ކޮންކުށެއް ކުރެވުނީ އެހާ ބޮޑު ވޭނެއް އަހަންނަށް ދޭން ކަލޭމެން ނިންމީ….” ރަނާގެ ލޮލުން އަލިފާންކަނި ބުރަމުން ދިޔައެވެ. ރަނާގެ އިސްތަށިގަނޑުވަޔާ ވިހުރެމުން ދިޔަ މަންޒަރާ އެކީ ލޮލުން ބުރަމުން ދިޔަ އަލިފާން ކަނިތައް ފެނި ޝިފާނަށް އިންތަނަށް ކުޑަކަމުދެވުނީ އިންތިހާއަށް ބިރުގެންފައި ހުރުމުންނެވެ.

“ކަލޭގެ ދެދަރިންވެސް މި ދުނިޔޭގައި ހުރެއްޖެނަމަ ކޮންމެވެސް އެހެން އަންހެން ކުއްޖެއް ރޮލާ ހަފައި ކާނެކަން ކަށަވަރު… އެއީ ހަމަ ޝިފާންގެ ލޭގައި ހުރިކަމެއް… ބޮޑު ސޯބު އެނބުރޭގޮތަށް ކުޑަ ސޯބުވެސް އެނބުރޭނީ… އެމީހުންގެ ދުލުންވެސް ބޭރުކުރަމުން ދިޔައީ ކަލޭގެ ދުލުން އެދުވަހު ބޭރުކުރި ކަހަލަ ބަސްތަކެއް…” ޒީކް މުށްކަވައިގެން ހުރި އަތް ޖައްވުގެ ތެރެއަށް އުފުލާލިއެވެ. ޖެހެމުން ދިޔަ ބާރުވައި ޝިފާނާއި ޒީކް ވަށައިގެން އެނބުރެމުން ދިޔައެވެ. ޒީކްގެ އަތުގެ ހަރަކާތް އަވަސްކޮށްލިއެވެ. އަވަސް އަވަހަށް މުށްކަވާފައިވާ އަތް ބޮލުގެ ވަށާ އަނބުރަމުން ދިޔައެވެ. އެ ހިސާބުން ޝިފާނާއި ޒީކްގެ ވަށާ އެނބުރެމުން ދިޔަ ވައިރޯޅި ބާރުވަމުން ދިޔައެވެ. ބަނދަރުމަތީ ހުރި ގަސްތަކުން ފައިބާފައިވާ ފަތްތަކާއި ކުނިބުނިތައް އެ ވަޔާއެކުވެ ޝިފާންމެން ވަށާ އެނބުރެމުން ދިޔައެވެ. ޝިފާނަށް ހީވީ ރަނާއާއި އެކީ ވަށްބުރެއް ހެން ވާ ފާރެއްގެ ތެރޭގައި ގައިދުވެފައި ހުރެވުނުހެނެވެ. ޝިފާން އެ ވައިރޯޅިން ސަލާމަތްވެ ބޭރަށް ނުކުންނަށް ބޭނުންވިއެވެ. ނަމަވެސް ޝިފާނަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ގުޅަވަރަކަށް އައިސް ޒީކްގެ ފައިބުޑަށް ވެއްޓުނެވެ.

“ކަލޭ އަހަރެން އެގޭގައި ގައިދުކޮށްގެން އެރޭ ހެދިގޮތް ހަނދާންވޭތަ…. ބަލަ އަހަރެން މީ އިންސާނެކޭ… މަމީ ކުޅޭ އެއްޗަކަށް ހަދައިގެން މަގޭ ހަށިގަނޑުގެ ކޮންމެ ގުނަވަނަކާ ކަލޭ ކުޅެމުން ދިޔައިރު އަހަރެންނަށް ވާނެ ގޮތް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟…..” ޒީކް ހަޅޭއްލަވަމުން ވާހަކަ ދައްކަމުން ދިޔައިރު ޝިފާނަށް ބިރުން ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

ޒީކްގެ މުށްކަވާފައިވާ އަތްތިލަ މަޑުމަޑުން ބޯމަތިން ތިރިކޮށްލިއެވެ. ވަށައިގެން އެނބުރެމުން ދިޔަ ވައިރޯޅި މަޑުވެ ފަތްތަކާއި ކުނި ބުނިތައް ހިމޭންވެ އެއެއްޗެތި ބިންމަތީގައި ހުރި އިރު ހީވަނީ ޒީކްގެ ހިތާމައިގައި ބައިވެރިވަމުން ދިޔަހެންނެވެ. “އަހަރެންނަށް ހޭލެވުނު… ސަލާމަތަށް އެދި އަހަރެންނަށް ކަލޭގެ އަތުގަ ހިފުނު… އެކަމަކުކަލޭ މަ އެ ކަނޑަށް ވައްޓާލީ…. ކަލެއަށް އިނގޭތަ ކަނޑަށް ގެނބިގެން ދިޔައިމަ ކުރާ އަސަރު…. ލޮނުތައް އަނގަޔަށް އެޅި ނޭވާލާނެ ޖާގަ ނުލިބި ފުއްޕާމެޔަށް ބާރުވީމަ ވާގޮތް…. ” ވާހަކަ ދައްކަމުން ދިޔަ ޒީކް ރޮމުން ދިޔައިރު ޒީކް މިހާރު ހުރީ އިސް ޖަހައިގެންނެވެ. ހޭވިފައިވާ ޒީކްގެ އިސްތަށިގަނޑު ވަޔާއެކު ވިހުރިލީއިރު އޭނާގެ ކަޅި އަމާޒުވެފައިވަނީ ބިންމަތީ އުޑުފައިން އިށީނދެގެން އިން ޝިފާނާ ދިމާލަށެވެ. ޒީކް ކުރިއަށް ފިޔަވަޅު އަޅަމުން އައި ވަރަކަށް ޝިފާން ދިޔައީ ފަހަތަށް ޖެހެމުންނެވެ. ފަހަށް ފަހަށް ޖެހެމުން ގޮސް ޝިފާން ތޮށިގަނޑު މަތިން މޫދާ ދިމާލަށް ކައްސާލިއެވެ. ޝިފާން މޫދަށް ވެއްޓުނު މަންޒަރު ފެނުމުން ޒީކްގެ މޫނަށް އުފާވެރިކަމެއް ލިބިގެން ދިޔަކަހަލައެވެ.

*** *** *** *** *** ***

ޒީކް ކަންތައްކުރި ގޮތާއި ދޭތެރޭ ވިސްނަމުން ރަށުގެ މަގުތަކުން މަޒީން ހިނގަމުން ދިޔައީ އިންތިހާއަށް ދެރަވެފައި ހުރެއެވެ. ޖެހިގެން ހުރި މަގަށް އަޅާލީ ބަނދަރު މައްޗަށް ދާން ބޭނުންވާތީއެވެ. އެ މަގަށް އަޅާލި އިރު މަގުގެ ކޮޅުން ޒީކް ފެންނަން ހުރުމުން މަޒީންގެ ފިޔަވަޅު ހުއްޓުނެވެ. ޒީކާއި މަޒީނާއި ދެމެދުގައި ފުދޭވެރެއްގެ ދުރުކަމެއް ހުއްޓަސް މަޒީނަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރި ބަލަހައްޓައިގެން ހުރެވުނީއެވެ. ރެސްޓޯރަންޓްގައި ކާން ތިބިއިރުވެސް ޒީކްގެ މޫނުމަތިން ފާޅުވަމުންދިޔަ މާޔޫސްކަމުގެ ކުލަވަރުން ޒީކް ކަމަކާއި ހިތާމަ ކުރާކަން މަޒީނަށް ނަގައިގަނެވުނެވެ.

އަރައިގެން ހުރި އުސް ބޫޓު ބޭލުމަށްފަހު ތޮށިގަނޑުމަތީ ހުރި ޒީކް މޫދުގެ ތެރެއަށް ފުންމާލި މަންޒަރު ފެނުމުން މަޒީނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ބަލާކަށް ނުހުރެ މަޒީން އެދިމާލަށް އަވަހަށް ދުއްވައިގަތީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. ޒީކް އަނެއްކާ އަމިއްލައަށް މަރުވާން އުޅެނީ ބާވައޭ މަޒީންގެ ހިތަށް އެރިއެވެ. ތޮށިގަނޑާ ހަމަޔަށް ދިޔުމަށްފަހު ވަށައިގެން މަޒީން ނަޒަރު ހިންގާލީ ޒީކް އެހިސާބުގައި ފެންނަން ހުރި ތޯއެވެ. ބަނދަރު މަތީ ދިއްލާފައި ހުރި ހޮޅިބުރިތަކުގެ އަލި މޫދަށް އެޅިފައި ހުރުމުން އެ ހިސާބުން މޫދު ސާފުކޮށް ފެންނަން އޮތެވެ. ތޮށިގަނޑާ ފަނަރަ ފޫޓެއްހާ ބޭރުން ޒީކްގެ ހުދުކުލައިގެ ހެދުން ފާޅުވަމުން ދިޔައެވެ. މަޒީންގެ ޖިންސު ޖީބުގައިވާ ފޯޯނާއި ވޮލެޓް ތޮށިގަނޑުމަތީ ބޭއްވުމަށްފަހު މޫދަށް ފުންމާލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެނާގެ ފުރާނަ ފަދަ ލޯބިވާ ޒީކް ސަލާމަތް ކުރުމަށެވެ.

*** *** *** *** *** ***

ތޮށިގަނޑުމަތިން އަތު ގުޅާލައިގެން ހިނގާފައި ތޫބާއި ވިޝާލް އައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. ކުއްލިއަކަށް އެމީހުންގެ ލޮލުގައި އަޅައިގަތީ މައިމަގުން ތޮށިގަނޑާ ދިމާލަށް ދުވެފައި ހުރަސް ކުރި މަޒީނެވެ. އެދިޔަގޮތަށްގޮސް ތޮށިގަނޑު މަތީ ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމަށްފަހު މޫދަށް ބަލަން ހުއްޓެވެ. ދެން ފެނުނީ އޭނަ މޫދަށް ފުންމާލި މަންޒަރެވެ. ވިޝާލަށް އެދިމާލަށް ދުއްވައި ގަނެވުނީ މަޒީންގެ ނަމުން ގޮވަމުންނެވެ. އުސް ކައްޓަކަށް އަރާފައި ހުރުމުން ތޫބާއަށް ބާރަށް ދުވެވޭ ގޮތެއް ނުވިއެވެ. ފައިވާން ބާލައި އަތަށްލައިގެން ތޫބާ އެދިމާލަށް ދުއްވައިގަތީ ވާނުވާ ނޭނގި ހުރެއެވެ.

ވިޝާލް އެދިޔަ ބާރުމިނުގައި ގޮޮސް މޫދަށް ފުންމާލުމުން ތޫބާގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ މަޒީން އަމިއްލައަށް މަރުވާން އުޅެނީ ބާވައޭ ހިތަށް އެރުމުން ތޫބާގެ ފިޔަވަޅު އަވަސްކޮށްލެވުނެވެ. ތޫބާއަށް އެހިސާބަށް ދެވުނުއިރު މަޒީނާއި ވިޝާލާ ދެމީހުން ވެގެން ޒީކް ތޮށިގަނޑުން މޫދާ ވީފަޅިއަށް ފޭބޭގޮތަށް ހުރި ސިޑި މައްޗަށް އަރުވަނީއެވެ. ޒީކް ތޮށިގަނޑު މައްޗަށް އަރުވާ ތަން ފެނުމުން ތޫބާއަށް އެކަމުން ލިބުނީ އަދި އިތުރު ހައިރާން ކަމެކެވެ.

ގިނައިން ލޮނުބޮވިފައި ވުމުން ޒީކް ކެއްސަމުން ކެއްސަމުން ގޮސް އޯކާ ދެމެމުން ދިޔައެވެ. ވަރުބަލިވެފައި ހުރިވަރުން މަޒީނަށް ވާހަކައެއް ނުދެއްކެއެވެ. ވީ ނުވީއެއް ނޭނގި ޒީކާއި މަޒީނާ ދިމާލަށް ބަލަހައްޓައިގެން ތޫބާއާއި ވިޝާލް ތިބީ ވެގެން އުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައެވެ. ޒީކަށް ހަމަޔަށް ނޭވާ ލެވުމުން މޫދާ ދިމާލަށް ބަލަހައްޓާއިގެން ހުއްޓެވެ. އެ ދަނޑިވަޅުގައި ވިޝާލް ސުވާލުކޮށްލިއެވެ. “ތި ދެމީހުން މޫދަށް އެރޭ ހިތްވިޔަސް ބޮޑުވަރު…”

އަތް އުފުލާލަމުން ޒީކްގެ އަތުގެ އިޝާރާތް ކުރަމުން ދިޔަ ދިމާލަށް އެންމެންގެ ނަޒަރު ގޮސް ހުއްޓުނެވެ. އެހިސާބުން މަޒީނާއި ވިޝާލް މޫދަށް ފުންމާލައިގެން އެދިމާލަށް ދާން އަވަސްވެގަތެވެ. ތޫބާ ޒީކްގެ އަތުގައި ހިފާ ޒީކް ކޮޅަށް ނެގިއެވެ. އެވަގުތު ޒީކްގެ ހަށިގަނޑަށް ތުރުތުރެއް އެޅިކަން ތޫބާއަށް އިހްސާސްވިއެވެ. ޒީކްގެ އަތުގައި ހިފައިގެން ހުރި ތޫބާއަށް ސިހުންވެ ޒީކާ ދިމާލަށް ބެލާލެވުނީ ބިރުން ހުރެއެވެ. އެ ދަނޑިވަޅު ޒީކްގެ ހަށިގަނޑުން ނުކުތް އަލިކަމެއް މައްޗަށް އެރިއެވެ. އެއަށްފަހު ޒީކްގެ ގައިން ވަރު ދޫވެ ތޮށިގަނޑު މައްޗަށް ވެއްޓެން ދިޔަ ވަގުތު ތޫބާ ޒީކްގެ ހަށިގަނޑުގައި ހިފަމުން ތޮށިގަނޑުގައި އިށީނެވެ. އަދި މައްޗަށް އެރި އަލިކަން ދަތުރުކުރަމުން ދިޔަ ދިމާލަށް ބަލަން އިނދެވުނެވެ. މަތިންލާފައި ރަށާ ތަންކޮޅެއް ބޭރުން ކަނޑާ ދިމާލަށް އެ އަލިގަނޑު ގޮސް ތިރިވިއެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް އެއަލިގަނޑު ފޭދިގެން ގޮސް ގެއްލުނެވެ.

ތޮށިގަނޑު ކައިރިޔަށް އައިސް ވީޝާލްމެން ގޮވާލިއަޑަށް ތޫބާ އެދިމާލަށް ދިޔުމަށް އަވަސްވެގަތެވެ. ޒީކް އޭރުވެސް ހަބަރުހުސްވެފައި ތޮށިގަނޑުމަތީގައި އޮތެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓުބުރިއެއް ލައިގެން އޮތް ފިރިހެނެއް ގޮވައިގެން އައިސް އެމީހާ ތޮށިގަނޑު މައްޗަށް އެރުވިއެވެ. ވިޝާލް އެމީހާ ހޭއަރުވަން މަސައްކަތްކުރިއެވެ. ނަމަވެސް މިހާރު އެހަށިގަނޑުގައި ފުރާނައެއް ނެތެވެ. ތޫބާއަށް ރޮއިގަނެވުނެވެ.

ތޮށިގަނޑުމަތީ ހޭނެތިފައި އޮތް ޒީކް ފެނުމުން މަޒީން އެދިމާލަށް އަވަސްވެގަތެވެ. މަޒީން މޫދަށް ފުންމާލީ ޒީކް ބޫޓުބާލާފަ މޫދަށް ފުންމާލި މަންޒަރުފެނިގެން ކަމަށް ބުނުމުން އެންމެންނަށްވެސް ގަބޫލުކުރެވުނީ ޒީކް މަސައްކަތްކުރީ ޝިފާން ސަލާމަތްކުރަން ކަމަށެވެ. އެމްބިއުލެންސް އާއި ފުލުހުން އެތަނަށް އައި އިރު ޒީކް ހޭއަރައިފިއެވެ. މަޒީން ފެނުމުން ޒީކް މަޒީނާ ދިމާލަށް ދިޔައީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ.

“ޒީކް ކިޔައި ދީބަލަ ކިހިނެއްތަވީ؟… ކީއްވެ މޫދަށް ފުންމާލީ…؟” މަޒީން ކުރި ސުވާލުން ޒީކް ހުރީ ހައިރާން ވެފައެވެ.

“ކީކޭ… އަހަރެން މޫދަކަށް ނޭރެން… އެކަމަކު މޫދުން އަރައިގެން ދިޔަ އަންހެން ކުއްޖެއް ފަހަތުން އަހަރެން ވަލަށް ވަނީ… ދެން ނޭނގެ ވީ ގޮތެއް….” ޒީކް ވާހަކަ ދައްކަމުން އޭނަ އެހުރި މާހައުލަށް ވަށައިގެން ކަޅި ހިންގާލިއެވެ. “އޭ… އަހަރެމެން ކޮން އިރަކު ރަށަށް އައީ… އަހަރެމެން ޕިކްނިކް ދިޔަތާ އަދި އެއްދުވަސްވެސް ނުވޭ… ކިހިނެއްތަ ވެގެން މި އުޅެނީ…” ޒީކް ދައްކަމުން ދިޔަ ވާހަކަތައް ހަމައެއްނުޖެހެއެވެ. ޒީކްގެ ހަނދާނުގައި ތިން ހަފްތާހާއެއެްހާ ދުވަހުގެ ކަންތައްނެތެވެ. ތޫބާއަށް އެކަމާ ވިސްނަން ހިނދުކޮޅަކު އިނދެ ވުނެވެ. އެ ދަނޑިވަޅު އެތަނަށް ލުޔޫނާއައެވެ. “ރަނާ އެދިޔައީ…. ރަނާ އެދިޔައީ…. ހަހަހަ… ހަހަހަ”

މޮޔައެއްހެން އޭނާ އެހެން ކިޔަމުން ހެމުން ދިޔައެވެ. ދަރިފުޅުމަރުވެ، ފިރިމީހާގެ ވިޔަފާރި ބަނގްރޫޓުވެ، ފިރިމީހާ މަރުވުމުން ލުޔޫނާ އެހުރީ ދުނިޔޭން މޮޔަވެފައެވެ. ރަށުތެރޭގައި އެންމެން ތުންތުންމަތިން ބުނަމުން ދިޔަ ވާހަކަތަކީ ޝިފާން މަރުވީ އަމިއްލައަށް މޫދަށް ފުންމާލައިގެންނެވެ. އޭނައަށް މެދުކެނޑުމެއްނެތި ލިބުނު ގެއްލުންތަކާއި ހިތާމައަށް ކެތްނުކުރެވިގެން މަރުވީކަމަށެވެ.

އެއްވެސް މީހަކަށް ނޭނގޭ ކަމަކީ މިކަމުގެ އަޑީގައި ވަނީ ކަނޑުގެ އަޑިހާ ފުން ކަންތައްގަނޑެއް ކަމެވެ. އެ ސިއްރު ވަންހަނާކުރަން އެމީހުން ރަނާ ކަނޑުފެއްތީއެވެ. ނަމަވެސް އާޚިރަތުގައި އެ އެންމެންވެސް ނިމިގެން އެދިޔައީ ކަނޑުފެނުގެ ތެރޭގައި ޣަރަގުވެގެންނެވެ.

*** *** *** *** *** ***

ވާހަކަ ފޮތް ލައްޕާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ކަޔާން ގަޑިއަށް ބަލާލިއިރު ފަތިހު ފަހެއް ޖެހީއެވެ. އަލީނާއަށް ދިމާވި އެ ހާދިޡާގެ ހަޤީގަތް ކަޔާނަށް އެނގުނީ މިއަދެވެ. އެނދުމަތިން ތެދުވެ ކުޑަދޮރުން ބޭރު ބަލާލިއިރު އޭރު ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ. އެހެންކަމުން ކަޔާން ދެން މިއަދު ނިދާނީ އޮފީހުން އައިސް ކަމަށް ނިންމާ ފާހާނާއަށް ވަނީ ނަމާދުކޮށްގެން އޮފީހަށް ދިޔުމަށެވެ.

މެންދުރު ފަހު އޮފީހުން ނިމިގެން ގެއަށް އައި އިރު ކަޔާން ހުރީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާފައެވެ. ކޮޓަރިއަށް ވަދެ ހެދުންވެސް ބަދަލުނުކޮށް އޮފީސް ގަމީހާއި އެކީ ކަޔާން އެނދުމައްޗަށް ވެއްޓިގަތެވެ. އެނދުގައި ޖެހުމާއި އެކީ ކަޔާނަށް ނިދިއްޖެއެވެ.

ނިދިފައި އޮތް ކަޔާނަށް ހޭލެވުނީ ކަޔާންގެ ފޯނު ރިންގްވާ އަޑަށެވެ. ދެލޯ ކުޑަކޮށްގެން ތެދުވެ ފޯނުގެ ޑިސްޕްލޭއަށް ބަލާލީ ދެ ބުމަ ގޮށް ޖަހައިގެން އޮވެއެވެ. މިޝްކާގެ ކޯލެއްކަން އެނގުމުން ކަޔާން ފުންމައިގެން ތެދުވެ ފޯނަށް ޖަވާބުދިނެވެ. “ހެއި…. ކީކޭ…”

“ކޮބާ މިރޭގެ ކެއުމަށް ކިހާއިރަކު ދާންވީ…. އަލީނާއަށްވެސް ގުޅައިފިން އޭނަ ބުނި އަންނާނަމޯ…” މިޝްކާ ދެއްކި ވާހަކަ އަޑުއަހަން ހުރި ކަޔާނަށް ގަޑިއަށް ބަލާލެވުނީ ކެއުމަށް ދާން ޖެހޭ ގަޑި ހަނދާން ވުމުންނެވެ. އޭރު ގަޑިން ރޭގަނޑު ނުވަގަޑި ބައިވަނީއެވެ. މިޝްކާ ގާތު އަވަހަށް ކެފޭއަށް އަންނާށޭ ބުނެ ދާންޖެހޭ ގަޑި ކުރީބައިގައި ނުބުނެވުނީމަ މައާފަށް އެދެމުން ފޯނު ބާއްވާފަ ވިޝާލަށް މެސެޖްކޮށްލިއެވެ.

ކަޔާން ރީތިވެލައިގެން ގެއިން ނުކުތްއިރު ކަޔާނުގެ އިންތިޒާރުގަައި ސައިކަލުގައި އައިސް ވިޝާލް އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ސައިކަލަށް އެރުމަށްފަހު ދެމީހުން މިސްރާބު ޖެހީ އެ ކެފޭއާއި ދިމާލަށެވެ. ކަޔާނަށް އެހިސާބަށް ދެވުނު އިރު ކެފޭ ދޮރުމަތީގައި މަޑުކޮށްގެން ހުރި މިޝްކާއާއި އަލީނާ ފެނުނެވެ. ކަޔާން ދިން ދައުވަތަށް އަލީނާ އައުމުން ކަޔާނަށް އިހްސާސްވަަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން ބަޔާންކޮށްދޭން ވަރަށް އުނދަގުލެވެ.

ހަތަރު އެކުވެރިން އެކީގައި އެ ކެފޭތެރެއަށް ވަދެގެން ދިޔައީ ހީ ސަމާސާ ކުރަމުންނެވެ. ކާ ތަކެތި ތަށިތަކަށް އަޅައިގެން ހަތަރު ގޮނޑި ބަހައްޓާފައިހުރި ވަށް މޭޒެއްގެ ދޮށުގައި އެމީހުން އިށީނދެ ކެއުމާއިގެން އަވަސްވެގަތެވެ. މުޅި ކެފޭ ތެރެވަނީ އެކި ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކޮށްފައެވެ. އެ ކެފޭ ތެރެއިން އެއްކަނެއްގަައި ހުރީ ސްޓޭޖެއް ކަހަލަ ތަނެއް ތައްޔާރުކޮށްފައެވެ. މަޑުމިޔުޒިކެއް ކުޅެމުން ދިޔަ ދިވެހި ޒޫވާން ބޭންޑެއް އެ ސްޓޭޖްމަތީ ހަރަކާތްތެރިވަމުން ދިޔައެވެ. ކެއުން ނިންމާލުމަށްފަހު މޭވާ އަޅައިގެން އައިސް އިށީންނަމުން އަލީނާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. “ހެއި އިރުކޮޅަކުން އަހަރެން ދާން ޖެހޭ… ސަލީމް އަންނާނެ ބްރިޖް ކައިރިއަށް….” އަލީނާ އަވަހަށް ދާން ޖެހޭ ވާހަކަ ބުނުމުން އެންމެންގެ މޫނުމަތިން އުދާސްކަން ފާޅުވަަމުން ދިޔައެވެ.

“ހެއި ސަލީމޭ…. މިޝްކާ ކޮބާތަ ސަލީމް.. މަހީކުރީ މިޝްކާ ސަލީމް ސެޓް ކުރަން އުޅުނުކަމަށް…” ކަޔާނަށް ހިމޭނަކުން ނުހުރެވުނެވެ. ސަލީމްގެނަން އަލީނާ ހާމަކުރުމުން ކަޔާންގެ ސިކުނޑިއަށް އައީ މިޝްކާ ކިޔައިދިން އެ ދުވަސްތަކެވެ. ކަޔާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަންހުރި ވިޝާލަށާއި އަލީނާއަށް ވާނުވާނެއް ނޭނގިފައި ތިބެވުނީ އެ ވާހަކަތައް އެމީހުންނަށް އެނގިފައި ނެތުމުންނެވެ.

ޓިޝުލަކުން ތުންފަތް ފޮހެލަމުން މިޝްކާ ވާހަކަދެއްކީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންނެވެ. “އަހަރެން މީ އަލީނާގެ ކަޒިންއެއްކަން އެނގުމުން އޭނާ މިކަން ކުރިއަށް ގެންދާކަށް ބޭނުމެއް ނުވި…. ސޯ ލެޓް އިޓް ބީ… އަދި އަހަރެންނަށް ވެސް ބިޓެއް ލިބިދާނޭ….” މިޝްކާ ދެކޮނޑު މައްޗަށް ހިއްލާލަމުން ވާހަކަ ދެއްކިއިރު އޭނާގެ އަޑުވަނީ ކުރަކިވެފައެވެ. ނަމަވެސް އޭރު މިޝްކާގެ ނަޒަރު ހުއްޓިފައި ހުރީ ކަޔާނާ ދިމާލަށެވެ.

އަލީނާ އަވަސްވެގަތީ ބޭރާށް ނުކުތުމަށެވެ. ގޮނޑިން ތެދުވެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ. “އަލީނާ ލެޓްމީ ޑްރޮޕްޔޫ….” ކަޔާން މިހެން ބުނެ އަލީނާ ފަހަތުން ހިނގައިގަތެވެ. އަލީނާއާއި އެކު ކަޔާން އެ ކެފޭއިން ނުކުމެގެން ދިޔަ ދިމާލަށް ގެއްލިފައި ބަލަން މިޝްކާއަށް އިނދެވުނެވެ.

ބޮޑުތަކުރުފާނު މަގުންލާފައި ބްރިޖާ ދިމާލަށް އެ ދެމީހުން އެކީގައި މިސްރާބު ޖެހީ މަޑު ހިނގުމެއްގައެވެ. ކަޔާން ދުރުދުރުން އޭނާ ދައްކަން ބޭނުންވާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ވާހަކަ ފައްޓާނެ ގޮތެއް ނޭނގިފައި ކަޔާނަށް އެހެން ހުރެވުނީ ހަތަރެސްފައި ފިނިވަމުން ދާން ފެށުމުންނެވެ.

“ކަޔާން… އައި ނީޑް ޓުސޭ ސަމްތިންގް….” ކަޔާނަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް އަލީނާ ވާހަކަ ދައްކަން ފެށިއެވެ.

“މިޝްކާ ބުނި ކަޔާން އަދިވެސް ލޯބިވަނީ… އަހަރެން… ” އަލީނާގެ ޖުމްލަ ފުރިހަމަނުކުރެވެނީސް ކަޔާން ރައްދުގައި ބޯޖަހާލިއެވެ.

“ކަޔާން…. އެކަމަކު އައި ޑޯންޓް ފީލް ދެޓްވޭ ނައު…. އަހަރެން ހަނދާނުގައި ކަޔާން ހުންނަނީ އެންމެ ދުވަހެއް… ދަތުރުގޮސް ރަނާގެ ރޫހު އަހަރެންގެ ގައިތެރެއަށް ވަތް ހިސާބުން އަހަރެންގެ ހަށިގަނޑުގައި ހިނގަމުން ދިޔައީ ރަނާގެ ބާރު….” އަލީނާގެ ދުލުން ބޭރުކުރި ބަސްތައް އަޑުއަހަން ކަޔާނަށް ކިތަންމެ އުނދަގޫވީ ނަމަވެސް އެއީ ތެދު ހަގީގަތްކަން ކަޔާނަށް އެނގެއެވެ.

“ބަޓް އަލީނާ ވައި ޑޯންޓް ޔޫ ގިވް ދިސް އަ ޓްރައި… އަހަރެން އަލީނާ ވަރަށް އުފަލުގައި ގެންގުޅޭނަން…. ޓްރަސްޓް މީ އައި ވިލް ނެވާ ހާރޓް ޔޫ….” ވާހަކަ ނުދައްކަން ކަޔާން އަޒުމް ކަނޑައަޅައިގެން ހުރި ކަމުގައި ވީނަމަވެސް ކަޔާންގެ ދުލުން ހިފެހެއްޓުމެއް ނެތި އެ ބަސްތައް ބޭރު ކުރެވެމުން ދިޔައެވެ.

“ސޮރީ ކަޔާން…. ވަރަށް ދެރަވޭ މިހެން ބުނަންވެސް… އެކަމަކު ކަޔާނަަށް އޮޅުވާލާކަށް ބޭނުމެއް ނޫން… އައިލަވް އާރިޝް… އާރިޝް އަހަރެން ބޭރުގައި ހުރި އެއް އަަހަރު ދުވަހު އެކިގޮތްގޮތުން އެހީތެރިވަމުން އައީ.. އޭރު އާރިޝްގެ އޯގާތެރިކަމަށް އަހަަރެންގެ ހިތް ދިޔައީ ލެނބެމުން…. އަހަރެންނަށް އާރިޝްދެކެ ލޯބި ވެވިއްޖެ.. އަދި އާރިޝްވެސް އަހަރެންދެކެ ވަރަށް ލޯބިވޭ…. ޕްލީސް އައި ހޯޕް ޔޫކެން އަންޑަސްޓޭންޑް…” އަލީނާ ވާހަކަ ދައްކަމުން ދިޔަ އިރު އެނާގެ ލޮލުގެ ތެރެއިން ކަރުނަތައް ވިދާ ބަބުޅަމުން ދިޔަތަން ކަޔާނަށް ފާހަގަވިއެވެ.

ބްރިޖާ ހަމަޔަށް ދެވުނުތަނުން ކުއްލިއަކަށް މުޅި މާލެއިން ކަރަންޓް ކެނޑިގެން ދިޔައެވެ. ކަޔާން އަވަހަށް އޭނާގެ ފޯނު ނަގާ ގަޑިބަލާލިއިރު ރޭގަނޑު ބާރަ ޖަހަން ފަސް މިނެޓަށް ވެއްޖެއެވެ. އަލީނާއަށް އެވަގުތު ބްރިޖް ކައިރީ މަޑުކޮށްގެން އޮތް ކާރުން ނުކުތް ފިރިހެނަކު ގޮވާލިއެވެ. އަލިނާ އެދިމާލަށް މިސްރާބު ޖަހަމުން ކަޔާންގެ އަތުގައި ހިފިއެވެ. “ކަޔާން… ކަޔާނަކީ ވަރަށް ރަނގަޅު ކުއްޖެއް.. ކަޔާންދެކެ ލޯބިވާ ކިތަންމެ ކުއްޖެއް ލިބިދާނެ…” ކަޔާނަށް ދެއަތަށް ބޯހޫރާލެވުނީ ނޫނެކޭ ބުނާ ފަދައަކުންނެވެ. އޭރު އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންތައް އެމީހުންގެ އަތުގައި ވާފޯނުގެ ފްލޭޝްލައިޓް ތައް ދިއްލާއިގެން ތިއްބެވެ. ދުރުން އެ މަންޒަރު ފެންނަ އިރު ވަރަށް ހިތްގައިމެވެ.

“ޑޫޔޫ ނޯ… މިޝްކާ ރިއަލީ ލައިކްސް ޔޫ… މިޝްކާ އަހަރެން ކައިރީ ނުބުނެ ހުއްޓަސް އައި ނޯހާ ވެލް… އަބަދު އަހަރެން ގާތުގަ ކަޔާންގެ ވާހަކަ ދައްކާނީ…. އޭ ދެން ދަނީ… ދިސް އިޒް މައި ފިއާންސޭ…” ކާރާ ހަމަޔަށް ދެވުމުން ކާރުގެ ދޮރު ކައިރީގައި މަޑުކޮށްގެން ހުރި އާރިޝް ތައާރަފް ކޮށްދިނެވެ. ކާޔާން އަލީނާއާއި ސަލާމްކޮށްލަމުން އެނބުރި ދިޔުމަށް ހިނގައިގަތީ ތޮށިގަނޑު މަތިންނެވެ. އޭރު ބްރިޖް ކައިރީގައި ހަރުކޮށްފައި ހުރި ސްކްރީން ދިއްލުނެވެ. ފަހު މިނެޓް ގުނަމުން ދިޔައީ 2026 ވަނަ އަހަރަށް މަރުހަބާ ކިޔަމުންނެވެ. “ދިހައެއް، ނުވައެއް، އަށެއް، ހަތެއް، ހައެއް، ފަހެއް، ހަތަރެއް، ތިނެއް، ދޭއް، އެކެއް، ސުމެއް،….” ވަށައިގެން އެހިސާބުގަނޑަށް އެއްވެފައި ތިބި އެންމެން އެއް އަޑަކުން ފަހު ދިހަ ސިކުންތު ގުނަމުން ދިޔައެވެ.

ތޮށިގަނޑުމަތިން ކަޔާން ހިނގާފައި ދިޔަ އިރު އޭނާގެ ޖީބުން ނެގި ފޮށި ހުޅުވާލިއެވެ. އެއީ އަލީނާއަށް ލޯބި ހުށައަޅަން ކަޔާން ގަތް އަނގޮއްޓިއެވެ. މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ކަޔާންގެ ހަނދާނަށް އެވަގުތު އަންނަމުން ދިޔައީ މިޝްކާގެ އޯގާތެރިކަމެވެ. މިޝްކާ އޭނާއަށް މެދުކެޑުމެއްނެތި ވަމުންދިޔަ އެހީތެރިކަމެވެ. އެއްވެސް އޮޅުވާލުމެއް ނެތި ތެދުތެދަށް ކިޔައިދިން ވާހަކަތަކެވެ. ވޮލީ މެޗަށްފަހު އޭނާގެ ހަށިގަނޑުގައި އައިސް އޮޅިލައިގަތުމަށްފަހު މަރުހަބާ ކީ ގޮތެވެ. ކަޔާން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ފޯނަށް ބަލާލިއިރު އެއީ މިޝްކާ ފޮނުވި މެސެޖެކެވެ.

“ހެޕީ ނިއު އިޔާ…. މައި ސްޕެޝަލް ފްރެންޑް…. އައި ހޯޕް ޔޫ ގެޓް ވަޓް ޔޫ ވޯންޓް… ޔޫޑިސާރވް އިޓް…” މެސެޖް ކިޔާލުމާއި އެކީ ކަޔާން ސިއްސައިގެން ދިޔައީ އިވުނު ބާރު އަޑުފަށްގަނޑަކުންނެވެ. މާލެ ވަށާ އެކި ދިމަދިމާލުން ހަވާ އަރުވަން ފަށައިފިއެވެ. ހުޅުމާލެއަށް ދާން އޮތް ބްރިޖުގައި ދިއްލާފައި ހުރި ބޮކިފަތިތައް ދިއްލިގެން ދިޔައެވެ. ކަޔާނަށް އެ ފެންނަ މަންޒަރަށް ބަލަން ހުރުމަށް ފަހު މިޝްކާއަށް ފޮނުވަން މެސެޖެއް ލިޔެލިއެވެ. “ހެޕީ ނިއު އިޔާ…. ޓު މައި ސްޕެޝަލް ފްރެންޑް…. ވެއިޓް ދެއަރ.. ކަޔާން އެބަ ދަން…” ކަޔާން މެސެޖް ފޮނުވާލުމަށްފަހު އަލީނާއަށް ދިނުމަށް ގަތް އަނގޮއްޓި މޫދާ ދިމާލަށް އެއްލާލިއެވެ. އެ އަނގޮއްޓި މޫދުގެ ތެރެއަށް ގެނބިގެން އަޑިއަށް ދިޔައީއެވެ. ކަޔާންގެ ހަޔާތުން އަލީނާގެ ނަން ފޮލެލަން އަޒުމް ކަނޑާއަޅައިގެން ކެފޭއާއި ދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.

= ނިމުނީ =

އަޅުގަނޑުގެ މިވާހަކަ ތިޔަ އެންމެހާ ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން… އަދި ހުރިހާ ކިޔުންތެރިންނަށް 2016 ވަނަ އަހަރަށް މަރުހަބާ ކިޔަން….

ޝުކުރިއްޔާ!….

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

"ޕެރަނޯރމަލް" "ފިކްޝަން"

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ދުރުގައިވިޔަސް… ( 7 ވަނަ ބައި )

Next

ލޯބީގާ ވާތީފަނާ… (14ވަނަ ބައި)

Next
January 1, 2016

ލޯބީގާ ވާތީފަނާ… (14ވަނަ ބައި)

Previews
January 1, 2016

ދުރުގައިވިޔަސް… ( 7 ވަނަ ބައި )

32 Comments

  1. Adam says:
    January 1, 2016 at 9:17 am

    Vaa

  2. Adam says:
    January 1, 2016 at 9:22 am

    Vaahaka varah habeys
    HAPPY NEW YEAR 2016

  3. ina says:
    January 1, 2016 at 9:37 am

    wowwww mi stry v v v nice…..but haadha avahakah nummaaly??? kayaan n mishka dhw…….happy new yearr…

  4. naff says:
    January 1, 2016 at 9:50 am

    shaax…it’s a nice story..well done an u hv done a grt job..waiting for a new story of urs..hope you will upload a new story soon..bt m v sad for kayaan..

  5. maahish? says:
    January 1, 2016 at 10:06 am

    Vrh reethi

  6. Mar Sha Marsha says:
    January 1, 2016 at 10:15 am

    Very very nice story.. great work.. hope to c another great story from u soon shazlyn.. good luck.. n happy new year.?

  7. Siha says:
    January 1, 2016 at 10:20 am

    V reethi v furihama vaahaka eh mee.. ummeedhu kuran adhives shaxge aa vaahaka eh kiyaalan libeyne kamah.

  8. Ranaa says:
    January 1, 2016 at 10:32 am

    V.nice story:) but kayaan ge dhigu inthizaaruge nimun aee haadha githikoh:(

    1. Ranaa says:
      January 1, 2016 at 10:33 am

      *H

  9. ryn says:
    January 1, 2016 at 11:14 am

    wowww vrh salhi mi stry.. vrh vrh vrhhh salhi… ryn hykury alyna n kayaan gulheyne kamah bt stil hama vrh rythi… <3 gud lck shax.. n thnks fr uplwdin such a nyc stry.. lukin frwrd to ryd a new stry frm u… tc 😉

  10. zul says:
    January 1, 2016 at 12:39 pm

    Wow..wow… varah furihama nimmumeh… hithahves naaraaa gothakah nimmaaaleeee….

  11. Aish aleena says:
    January 1, 2016 at 12:40 pm

    Write soon ingey waiting for new one I knew aleena will be with aarish kan hehehe

  12. naax says:
    January 1, 2016 at 1:12 pm

    V reethi vaahaka eh masha allah
    . Dhn kmirakuntha mikahala rythi ehn vaahakaeh genesdheyny.. hurihaa kudhiinnah HAPPY NEW YEAR

  13. Kulsum says:
    January 1, 2016 at 1:27 pm

    Wow v Salhi..

  14. Shifff says:
    January 1, 2016 at 4:24 pm

    Omg ??
    I love this story

  15. Nabee Jiaa says:
    January 1, 2016 at 4:49 pm

    V furihama adhi ehaame reethi.. unmeedhu kurany kuriah oithaaga ves mikahage vaahakathah nikunnaane kamah… Happy new year…

  16. ken? says:
    January 1, 2016 at 6:11 pm

    ☺?❤??

  17. sam ella says:
    January 1, 2016 at 7:17 pm

    hoe hoe… what a story… kuda kon reethi ingey… hahaha… u can do better than this… good luck….;-)

  18. dhonkanbulo says:
    January 1, 2016 at 8:16 pm

    Alhey nimuniy tha ? v rythi mi vaahaka vess. Ummiydhu kuran mikahala riythi vaahakaeh liyaane kamah.

  19. Aleena says:
    January 1, 2016 at 11:09 pm

    Awwn.. atlast nimunee dhw. Vara reethi story., waiting for a new one

  20. nemo says:
    January 2, 2016 at 1:26 am

    Vaahakaehkoh nimuneema commenteh kohlan huree. Kurukoh bunanyhaa buneveynee, mi vaahaja varah habeys ey. Kithanme reyaku nunidhaa mi vaahaka up load kurey thoa idhevunu. Vaahaka v v v reethi. Feshumaai, maigadhaai, kunnu hsma habrys. Esgiyaaga liyaa vaahaka thakuge therein kiunu emme reethi eh vaahska. Vaahska liyunu kujjaa ah shukuriyyaa. Hithuga, bodaakamaai, kiburuvetiksmaai, foniksmeh neh nethi kuriyah fhaane kamah ummmeedhu kuran. Muju thamau ah fadhaahuri rogu thakun ithuru vaahaka liyumuge heyo thsufeegu Allah thi beyfulhaa ah dhrhvun edhi dhuaakuran. Adhives eh faharu mifadha reethi vaahakaeh genes dhineethee shukuriyyaa.

  21. nuzoo says:
    January 4, 2016 at 11:46 am

    stry nice but thankolheh fulaoku bai budu dhw. otherwise its ok..kuda kudhin vs gabool nukuraa fenvaruge than than eba huri… vvvvv fake… better luck next time…. ehvess meehakah neygey ranaa maraaly shifaan men kameh vs.. v thaakun thaaku nujehey

    1. shahy says:
      January 6, 2016 at 6:18 pm

      Kae rangalha vaahaka kiyaabala. .. eyrun ingeyne ranaa ah v goi ves

  22. mega reader says:
    January 5, 2016 at 6:59 am

    Shax Lyn….. mi aharen ge dhiriulhumuga kii enme best ehvaahaka. ahannakee mivaahakaige shax beynun kuri kudahuvadhoo ah nisbaivaa kiyun theriyeh. varah gaathun tsunamiga genai gemen dhoo meehunnah ehy vumuga ulhuna farudhehh. vvvvvv reethi. and i feel really u deserve the writer of 2015 award. comment kohfa thibi kudhinnah bunelan beynun jelous ve hure comment nukuraashey. insaaf ah judje kan kuraashey. faadu kiyumakii libey kuri erumeh… ehves meehakii enme furihama meehaa akah nuvaane …. baeh comment thah kiyaalumun egey positive comments thakeh kiyafa j vegen kan comment kohfa thihuree. gabool kuranjehey vaahaka eh viyyya baeh kan kan ithuru kuran jehey kan ves. nd rana ge maruge haqeeqathaki mi dhuniyey ga neygunas Ahiru ga egeyne kameh, ekan egen jehey charecter thakah ekan egifa othy… and kiyun therinnah ves. vahaka fake aky eh nun… mi haqeeqee vahaka akah nuviyas mi zamaanaki fanditha gabool kurun madu zamaaneh. ehen vema mi vahakai ga zeek ah faruvaa kohfa in gothun haqeeqai dhuniye ah haama nuvi.. eii mizamaanuga hama gina bayaku fanditha ah vure bodah doctory treatment ah trust vaathy, nd that is choice.. etc. varah gina kan kan migothah bunan beynun.. ekam comment mihaaruves ma dhigu vehje hen heevathy kuru kohla. thanks shaz mivaruge vahaka eh hissa kohliyathy. furathama part in fashaigen mivaahaka kiyai mininmaaly enme reyakun. vaahakaige reethikan ithurah furihama kan faahaga vey. so fake ey bune comment kuri kudin ves feshigen ehfahurun kiyetho try kohlaa. and think about the story….

  23. ix says:
    January 11, 2016 at 8:29 pm

    Dhen kn irakun tha shaz ge ithuru story eh kiyaalan libeyny……

  24. Yin says:
    February 21, 2016 at 11:53 pm

    Simply amazing.. Perfect. May allah bless you shazlyn.
    YEs there r few mistakes but you have covered it up very well.

  25. Sanchez says:
    April 22, 2016 at 6:53 am

    Wow

  26. SAL says:
    May 22, 2016 at 2:37 pm

    Nice Concept Shax

  27. Rene says:
    August 8, 2016 at 6:01 am

    Varah Gina biruveri stories thah ves adhi Loabi ge stories thah ves kiyaalevifa hury ! Ekamku mi varu reethi story eh adhi nukiyey !! Yes I mean it.. I really love this story..keep it up girl ..❤️❤️

  28. Lamm says:
    August 11, 2016 at 9:51 pm

    Varah reethi…☺loved it❤vaahaka thah varah bodah olhun eri but enme fahu bai nimun iru plot ingun it was so beautiful?keep it up?hope u will write soon a new story…..best if luck..?

  29. Lamm says:
    August 11, 2016 at 9:52 pm

    Of***

  30. raf says:
    October 10, 2016 at 10:52 pm

    mi vaahaka v salhi….im even dh.kudahuvadhoo….zeek kiyaa kuje ulheyne rashuga…i love this story..

Comments are closed.

All Right Reserved!