Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
December 30, 2015 7 Mins Read
16 Comments

 

ނީނާގެ އަތުގައި ހިފައިގެން ރަޝީދު ހިނގަން ފެށިއެވެ.

“ބައްޕާ، ކޮންތާކަށް މިދަނީ؟” ނީނާ އަހާލިއެވެ.

“މިދަނީ މޫދު ބަލާލަން، ދަރިފުޅު ވަރަށް މޫދު ކައިރިއަށް ދާހިތްވެއެއްނު ދޯ؟” ރަޝީދު ނީނާއަށް ޖަވާބު ދިނެވެ.

“އާނ… އެކަމަކު ބައްޕައާ އެކީ އެކަނި ދާން ކެރޭނީ” ނީނާ ބުންޏެވެ.

“އެހެންތަ؟” ރަޝީދު ހިނިއައިސްފައި ނީނާއަށް ބަލާލިއެވެ.

އިރުކޮޅަކު ދެބަފައިން ވެސް ވާހަކަ ނުދައްކާ ތިބެ ކުރިޔަށް ދިޔައެވެ.

 

“ނީނާ، ދަރިފުޅަށް ދިހަ އަހަރު ވާދުވަހު ހަދިޔާއަކަށް ބޭނުމީ ކޯޗެއް؟” އަތިރިމަތީ ރާޅުޖަހާފަށުގައި އިރުކޮޅަކު ތިބެލާފައި ރަޝީދު އަހާލިއެވެ.

“ނީނާ އެންމެ ބޭނުމީ މަންމަ… އެކަމަކު ނީނާއަށްވެސް އެނގޭ ދެން މަންމައަކަށް ނާދެވޭނެކަން” ނީނާ ދެރަވެލާފައި ބުނެލިއެވެ. “އެހެން ވީމަ ދެން އެންމެ ބޭނުމީ… ގޯލްޑް ކެވެލިކޮޅެއް” ވިސްނާލާފައި ނީނާ ބުންޏެވެ.

“ބައްޕަ މަސައްކަތް ކުރާނަން އިނގޭ، ފަހަރެއްގަ އެ ދުވަހަށް ނުލިބުނަސް ދެރަ ނުވައްޗޭ!” ރަޝީދު ބުންޏެވެ.

ނީނާ ބޯޖަހާލުމުން ރަޝީދު ނީނާގެ އަތުގައި ހިފައިގެން އަނެއްކާވެސް ހިނގަން ފެށިއެވެ. އިރު ކޮޅަކު މޫދުކައިރީ ހިނގާލާފައި ރަށުތެރެއަށް ދެބަފައިން ދާން ފެށިއެވެ. ފަސްވަރަކަށް މިނެޓް ފަހުން ބަޔަކު އެއްދިމާލަކަށް އެއްވާތަން ރަޝީދުއަށް ފެނުނެވެ. ރަޝީދުވެސް ނީނާގެ އަތުގައި ހިފައިގެން އެދިމާއަށް ހިނގައިގަތެވެ.

 

މީހުން އެއްވެފައި އޮތް ހިސާބަށް ގޮސް ރަޝީދު މީހުންތަކުތެރޭން އެތެރެއަށް ވަން އިރު ރުކެއްގެ ދަށުގައި ވެއްޓިފައި މީހެއް އޮއްވާ ފެނުނެވެ. އެމީހާގެ ގައިގެ އެތަން މިތަނުގައި ހުރި ޒަޚަމް ތަކުން ލޭއާދެއެވެ. ނަމަވެސް އެތާ ތިބި މީހުންގެ ތެރޭން އެކަކުވެސް އެމީހާއަށް އެހީއެއް ވާކަށް ނޫޅެއެވެ.

 

“އޭނައަށް އެހީ ނުވެ ތިތިބީ ކީއްވެފަތަ؟” ރަޝީދު އެސުވާލު ކުރީ ވަކި މީހަކަށް މުޚާތަބު ކޮށެއް ނޫނެވެ. އެކަކުވެސް ޖަވާބު ނުދިނުމުން ރަޝީދު އެމީހާއަށް އެހީވާން ކުރިޔަށް ޖެހިލިއެވެ. ނަމަވެސް އެއްވެފައި ތިބި މީހުންގެ ތެރޭން އެކަކު ރަޝީދުގެ އަތުގައި ހިފެހެއްޓިއެވެ.

“އޭނައަށް އެހީވާނެ ކަމެއް ނެތް… ރަޝީދަކަށް ނޭނގޭތަ އެއީ ކާކު ކަމެއް؟” އެމީހާ ބުނެލިއެވެ.

“ކޮންމެ މީހަކަސް ހެޔޮ! އެވަރުވެފަ އޮއްވާ ދޫކޮށްލާފަ ބަލާކަށް އަހަންނަކަށް ނުހުރެވޭނެ” އެމީހާގެ އަތް ފޮޅުވާލާފައި ރަޝީދު ވެއްޓިފައި އޮތް މީހާއަށް އެހީވާން ދިޔައެވެ.

ރަޝީދު އެމީހާ ނަގައިގެން ސިއްހީމަރުކަޒަށް ގޮސް އެޑްމިޓް ކުރިއެވެ. ނީނާ ގޮވައިގެން ރަޝީދު ގެޔަށް ދިޔައީ ޑޮކްޓަރު އެމީހާ ބަލާ، ފަރުވާދީ، ޒަޚަމްތަކުގައި ބޭސްއަޅާ ނިމުމުންނެވެ. އަދި އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީން ވުމުންނެވެ. އޭރުވެސް އެއީ ކާކު ކަމެއް ރަޝީދުއަކަށް ނޭނގެއެވެ.

 

އަނެއް ދުވަހު ރަޝީދު މަރުކަޒަށް ދިޔަ އިރު އެމީހާ އިނީ އެނދުގައި އިށީނދެލައިގެންނެވެ.

“ތީދޯ އަހަރެން މިތަނައް ގެނައި މީހަކީ؟” ރަޝީދު ފެނުމުން އެމީހާ އަހާލިއެވެ. ރަޝީދު ބޯ ޖަހާލާފައި އެނދު ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“މިހާރު ކިހިނެއް؟ ވަރަށް އަނިޔާ ވެފަ ހުރީ… ކީއްވެގެން އެހާ އަނިޔާވީ؟” ރަޝީދު އަހާލިއެވެ.

“ތީ ވަރަށް ދިގު ވާހަކައެއް، އެހެން ފަހަރަކުން ހަމަޖެހިލައިގެން ތިވާހަކަ ދައްކާނީ. ދެން ބުނެބަލަ، ކޮން ނަމެއް ކިޔަނީ؟”

“އަހަންނަށް ކިޔަނީ ރަޝީދު” ރަޝީދު ޖަވާބު ދިނެވެ.

“މިރަށު މީހެއް ނޫން ދޯ ތީ؟” އެމީހާ އިތުރު ސުވާލެއް ކޮށްލިއެވެ.

“އާނ… އަހަރެން މީ މިރަށު މީހެއް ނޫން. އަހަރެންގެ ދަރިފުޅުގެ މަންމައަކީ މިރަށު މީހެއް. އެކަމަކު މިހާރު އޭނަ މަރުވިތާ އަހަރެއް ވެއްޖެ. އޭގެ ފަހުން އަހަރެން ދަރިފުޅު ގޮވައިގެން އަމިއްލަ ރަށަށް ބަދަލުވީ. މިރަށަށް މިއައީ ނީނާގެ މާމަ ކައިރިއަށް. ހަފްތާއަކަށް އައީ… މާދަން ފުރަންވީ” ރަޝީދު ކިޔާދިނެވެ.

“އެހެންތަ؟ އަހަންނަށް ކިޔަނީ ނިޒާރު… ރަޝީދުއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން… އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ…” ރަޝީދުއާ ދިމާއަށް އަތް ދިއްކޮށްލަމުން ނިޒާރު ބުންނެވެ.

ރަޝީދު ނިޒާރުގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ. އެއީ ހިތްހެޔޮ ރަނގަޅު މީހެއްކަން ނިޒާރުއަށް ޔަގީން ވިއެވެ. އެހެން ނޫން ނަމަ މިރަށުގައި މިރަށު މީހުންނާ ދެކޮޅަށް ރަޝީދު ނިޒާރުއަށް އެހީއެއް ނުވީހެވެ.

“އެއީ ދެން އެވަރުގެ ކަމެއް ނޫން… ބުނެބަލަ! ތީ ކޮން ރަށަކު މީހެއްތަ؟” ރަޝީދު އަހާލިއެވެ.

“އަހަރެން މާލެ. އަހަރެންވެސް މިރަށު މީހަކާ އިނީ…. ދިގު ވާހަކައެއް އެއީ… ފަހުން ކިޔާދޭނަން” ނިޒާރު ބުންޏެވެ.

 

ދެދުވަސް ފަހުން ނިޒާރުއާ ރަޝީދު ތިބީ ރަޝީދުގެ ރަށަށް ދާ ދޯންޏެއްގައެވެ. ދެމީހުން ވާހަކަ ދައްކަން ތިބި އިރު ކައިރީގައި ނިދާލާފައި ނީނާ އޮތެވެ.

“އަހަރެން މުނީރާއާ ކައިވެނި ކުރީ މީގެ އަހަރެއް ކުރިން، އޭގެ ކުރިން އަހަރެން އިނީ މާލޭ މީހަކާ… ތިން ކުދިންވެސް އެބަތިބި. އެކުދިންގެ މަންމަ މަރުވިތާ ހައަހަރު ފަހުން އަހަރެން މުނީރާއާ އިނީ. އިންތާ ހަމަސް ފަހުން އައްޑުއަށް ދާން ޖެހުނީ ވިޔަފާރި ދަތުރަކު… މާލެއަށްވެސް ނުގޮސް މިކޮޅުން އަހަރެން އައްޑުއަށް ދިޔައީ…

އަހަރެން ހުރީ އައްޑޫއިން އައިސް މުނީރާ ގޮވައިގެން މާލެ ދާން، ފުރި އިރަކު އަހަންނަކަށް ނޭނގެ މުނީރާ ބަނޑު ބޮޑު ކަމެއް… އެނގުނު އިރު ބަނޑަށް ހަތަރު މަސް ވެއްޖެ… އެކޮޅުގަ ތިން މަސް ވީފަހުން އަހަންނަށް އެކަން އެނގުނީ. ރަށަށް ދާން އުޅެނިކޮށް ވިއްސާރަ ވެގެން އަނެއްކާ ޖެހުނީ މަޑުކުރަން… މަހަކަށްވުރެ ގިނަ ދުވަސް ލަސްވި އެކަމާ ހެދިވެސް… އެ ދުވަސްކޮޅު މުނީރާ ވަރަށް ބޮޑަށް ބަލިވީ. ބަލިވުމާ، ދުވަސް ނުފުރާ ވިހެއުމާ، އޭރު އަހަރެން މުނީރާ ކައިރީގަ ނެތުމާ، މިހުރިހާ ކަމަކަށް މުނީރާއަށް ކެތް ނުވީ… ދަރިފުޅުވެސް މަރުވީ… މުނީރާވެސް މަރުވީ…

އަހަންނަށް އާދެވުނު އިރު ހުރިހާ ކަމެއް ނިމިއްޖެ. ދެދުވަސް އެރަށުގަވީ. އެކަމާ މުނީރާގެ އާއިލާ މީހުން އަހަރެން ދެކެ ރުޅި އައީ… އެހުރިހާ ކަމެއް އެޅުވީ އަހަރެންގެ ބޮލުގަ… އަހަރެން މުނީރާއާ އިނދެފަ އޭނަ މިރަށުގަ ބައިންދާފަ ދިޔައީޔޭ ކިޔާ ވަރަށް އެއްޗެހިކީ… އަހަރެން އެރުކުން ވެއްޓުނީ މީހަކު ކުރި ކަމަކުން ނޫން… އެކަމަކު އެދުވަހު ރަޝީދު އަހަންނަށް އެހީ ނުވިނަމަ… ޔަގީން އެތާ އެހެން އޮވެ އަހަރެން މަރުވީސް ކަން…” ނިޒާރު ރަޝީދުއަށް އެރަށުގައި ކަންތައް ވީގޮތް ކިޔާ ދިނެވެ.

ނިޒާރުގެ ވާހަކަ އަޑު އަހާފައި ރަޝީދު އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އެރަށު މީހުންނަކީ ގޯސް ބަޔެކޭ ބުނާއަޑު ރަޝީދުވެސް އަހައެވެ. ނަމަވެސް ރަޝީދުގެ އަންހެނުން އާނިސާއަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އާނިސާގެ އާއިލާ މީހެއްގެ ފަރާތުންވެސް ދުވަހަކުވެސް އެފަދަ ގޯސް އަމަލެއް ރަޝީދުއަށް ފެނިފައެއް ނުވެއެވެ.

 

ރަޝީދުމެން ރަށުގައި ހަފްތާއެއްހާ ދުވަސް ނިޒާރު މަޑުކުރިއެވެ. އެ ހަފްތާގައި ނިޒާރުއާ ރަޝީދު ގާތް ރަޙުމަތްތެރިންނަށް ވިއެވެ. ދުވަސްތައް ހަލުވި ކަމާއެކީ ދަމުން ގޮސް ހަފްތާ ނިމި ނިޒާރު ފުރަން ތައްޔާރު ވިއެވެ. ނިޒާރުއާ އެކީ ދޯނި ދޮށަށް ރަޝީދުއާ ނީނާ ދިޔައެވެ.

“ރަޝީދު، އަހަރެން ދެކެނީ ތީ އަހަންނާ ވަރަށް ގާތް މީހެއް ކަމަށް. ނީނާއަކީ ހަމަ އަހަރެންގެ ދަރިއެއް ކަހަލަ ކުއްޖެއް… އަހަރެން މިއަދު ދުނިޔޭގަ މިހިރީ ރަޝީދުގެ ސަބަބުން. ދުވަހަކުވެސް… މިއަދު ވިޔަސް، މާދަމާ ވިޔަސް، އަދި ކިތަންމެ ދުވަހެއް ފަހުން ވިޔަސް ރަޝީދުއަށް އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ އަހަންނަށް އަންގާލާ… އަހަންނަށް ވާވަރުގެ ކަމެއް ވެއްޖެއްޔާ ކޮށްދޭނަން…” ނިޒާރު ރަޝީދުއާ ސަލާން ކޮށްލާފައި ބުންޏެވެ. އަދި ޖީބުން ކުޑަ ފޮތެއް ނަގާ ނިޒާރުގެ މާލޭގެ އެޑްރެހާ، އޮފީހުގެ ނަން ލިޔެލިއެވެ. އެ ކަރުދާސް ކޮޅު ނިޒާރު ރަޝީދު އަތަށް ދިނެވެ.

“މީ އަހަރެންގެ ގޭގެ ނަން. ކޮންމެ ދުވަހަކުން ވިޔަސް ރަޝީދު މާލެ ގޮއްސިއްޔާ އަހަރެންނަށް އަންގަން ވާނެ… އަހަރެންގެ ގޭގައި ތިދެބަފައިންނަށް ތިބެވޭނެ” ނިޒާރު ބުންޏެވެ.

ރަޝީދު ކަރުދާސްކޮޅަށް ބަލާލާފައި ނިޒާރު އަތަށް ދިނެވެ.

“ދެން ތި އެޑްރެސް އަހަރެން ހަނދާނެއް ނުނެތޭނެ… މާލެއަށް ދެވިއްޖެއްޔާ އިރާދަ ކުރެއްވިއްޔާ އެންމެ ފުރަތަމަ އަންގާނީ ނިޒާރުއަށް. މާތްރަސްކަލާނގެ އިރާދަ ކުރެއްވިއްޔާ މީހެއްގެ ކައިރިއަށް އެހީއަކަށް އެދިގެން ދާން ޖެހޭނެ ދުވަހެއް އަހަންނަކަށް ނުދައްކަވާނެ… އެކަމަކުވެސް އެފަދަ ދުވަހެއް އައިއްސިއްޔާ އަހަރެން ފުރަތަމަވެސް ނިޒާރު މަތިން ހަނދާން ކުރާނީ” ރަޝީދު ބުންޏެވެ.

ނިޒާރު އެކަރުދާސްކޮޅު ނީނާގެ އަތަށް ދިނެވެ.

“ދަރިފުޅާ ނީނާ، ބައްޕަ ނުހިފަންޏާ މީގަ ނީނާ ހިފާ. އެއްވެސް ދުވަހެއްގަ ކަމެއް ބޭނުން ވެއްޖެއްޔާ ބޭބެއަށް އަންގާތި އިނގޭ، މާލެ ދެވުނިއްޔާ ބޭބެމެން ގެޔަށް ދާންވާނެ. ބޭބެ އެހީ ވެދޭނަން، ބޭބެ ނެތިއްޔާ ބޭބެގެ ކުދިންވެސް އެހީވާނެ. ބޭބެ މަތިން ހަނދާން ނައްތާ ނުލައްޗޭ އިނގޭ!” ނީނާގެ އަތުގައި ހިފާލަމުން ނިޒާރު ބުންޏެވެ. އަދި ސަލާން ކޮށްލާފައި ދޯންޏަށް އެރިއެވެ.

 

އެއަހަރު ސްކޫލްތައް ހުޅުވެން ވާއިރަށް ރަޝީދު ނީނާ ގޮވައިގެން އެހެން ރަށަކަށް ބަދަލުވީ ރަށުގެ ކިޔެވުން އެހާ ރަނގަޅު ނުވީމައެވެ. އެކަން ރަޝީދު ނިޒާރުއަކަށް ނާންގައެވެ. ނިޒާރު ދޭތެރެ ދޭތެރެއިން ނީނާއަށާ ރަޝީދުއަށްވެސް އެއްޗެހި ފޮނުވާ ހަދައެވެ. އެކަމާ ރަޝީދު ހިތްހަމަ ނުޖެހި، ނިޒާރު ގާތު އެގޮތަށް އެއްޗެހި ނުފޮނުވަން އެދުމުންވެސް ނިޒާރު ހުއްޓައެއް ނުލައެވެ. އެހެން ރަށަކަށް ބަދަލުވި ކަން ނިޒާރުއަށް ރަޝީދު ނޭންގީވެސް އެހެންވެއެވެ.

ރަޝީދު ނިޒާރުއަށް އެހީވީ ބަދަލުގައި އެއްވެސް އެއްޗެއް ލިބޭނެ ކަމަކަށް ނޫނެވެ. ފެށުނީއްސުރެވެސް ރަޝީދުއަކީ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރާ މީހެއް ކަމަށް ވުމުން ނިޒާރު ވެދޭ އެހީތަކާ ނުރުހެވުނީއެވެ. އެކަންތައްތަކަށް ނީނާ އާދަވާންވެސް ރަޝީދު ބޭނުން ނުވީއެވެ.

 

ދުވަސްތައް ދިޔަ ވަރަކަށް ނީނާ ބޮޑުވަމުން ދިޔައެވެ. ރަޝީދު މުސްކުޅިވެ ބަލި ދުވަސް ގިނަ ވާން ފެށިއެވެ. ނަމަވެސް ނީނާ ކިޔަވާ ނިމެންދެން ރަޝީދު ނީނާއަށް އެއްވެސް ކަމެއް ނާންގާ ހިތްވަރު ކުރިއެވެ. ބައެއް ދުވަސް ދުވަހު މާ ބޮޑަށް ވަރުބަލި ވުމާ މޭގައި ރިއްސުމާ ކެއްސުން އާންމު ކަމަކަށް ވީ ނަމަވެސް ރަޝީދު ކޮންމެ ދުވަހަކުވެސް މަސައްކަތު ދެއެވެ. ރަޝީދުއަކީ ރޭނުމުގެ މަސައްކަތް ކުރާ މީހެއް ކަމުން މާބޮޑު އާމްދަނީއެއް ރަށުން ނުލިބޭތީ ބައެއް ދުވަސް ދުވަހު ރަށުން ބޭރަށް ވެސް ދެއެވެ. ނީނާއަށް އެއްވެސް ކަމަކަށް ދަތި ވާކަށް ރަޝީދު ނޭދެއެވެ. ބަލި ވިޔަސް ހިތްވަރު ކޮށްފައި މަސައްކަތް ކުރަނީ އެހެން ވެއެވެ. ނީނާ ގްރޭޑް 10 ގައި އުޅުނު އަހަރު ނީނާގެ މާމަވެސް މަރުވުމުން ރަޝީދު ނޫނީ ނީނާއަށް އަޅާލާނެ އެކަކުވެސް ނެތެވެ.

 

އޭލެވެލްގެ އެންމެ ފަހު ޓެސްޓް ހަދާފައި ރައްޓެހި ކުދިންނާއެކީ މަޖާކޮށް ސަކަރާތް ޖަހަން އުޅެފައި ނީނާ ގެޔަށް އައި އިރު ރަޝީދު އުނދޯލީގައި އޮށޯވެލައިގެން އޮތެވެ. އެއީ އެހެންނާ ރަޝީދު ގެޔަށް އަންނަ ވަގުތަކަށް ނުވާތީ ނީނާ އަވަސް އަވަހަށް ރަޝީދު ކައިރިއަށް އައީ ހުރިހާ ކަމެއް ރަނގަޅު ނޫންހެން ހީވެގެންނެވެ.

“ބައްޕާ… މިއަދު މާއަވަހަށް ތިއައީ ބަލީދޯ؟” އުނދޯލީގައި އިށީންނަމުން ނީނާ އަހާލިއެވެ.

“ނޫނޭ… ބަލީކީ ނޫން، ކުޑަކޮށް ބޮލުގަ ރިއްސާތީ ހިތަށް އެރީ ބޭސް ގުޅައެއް ކާލައިގެން އޮށޯވެލައިގެން އިރުކޮޅަކު އޮވެލަނިކޮށް ރަނގަޅު ވެދާނެޔޭ. އެހެންވެ އައީ” ރަޝީދު ބުންޏެވެ.

“ބައްޕަ ބޭސް ކައިފިންތަ؟” ނީނާ އެހިއެވެ.

“އާނ” ކެއްސާލާފައި ރަޝީދު ޖަވާބު ދިނެވެ.

ނީނާ ތެދުވެގެން ގޮސް އެއްޗެހި ބަދަލު ކޮށްގެން އައިސް ކާން ހަދާފައި ގޮވުމުން ރަޝީދު ކާން ދިޔައެވެ. ނަމަވެސް ރަޝީދުއަކަށް ނުކެވުނެވެ. ކުޑަކޮށް ކާލައިގެން ރަޝީދު އަތް ދޮވެލިއެވެ.

“ބައްޕަ ހާދަ ކުޑަކޮށް ތިކެއީ؟ ބަނޑުހައި ނުވަނީތަ؟” ނީނާ އެހިއެވެ.

“މިއަދު ކާހިތެއް ނެތް” ރަޝީދު ބުންޏެވެ.

ކައިގެން ގޮސް ރަޝީދު އަނެއްކާވެސް އޮށޯތީއެވެ. ފަހަކަށް އައިސް ރަޝީދު އަބަދު ކެއްސާކަން ނީނާއަށްވެސް ފާހަގަ ކުރެވެއެވެ. ނީނާ ހަނދާން ހުންނަން ފެށީއްސުރެވެސް ރަޝީދު ސިނގިރޭޓް ބޯކަން ނީނާއަށް އެނގެއެވެ. ނަމަވެސް ހަމަހެއްހާ ދުވަސް ކުރިން ނީނާ އާދޭސް ކޮށްގެން ރަޝީދު އެކަން ހުއްޓާލިއެވެ.

ނީނާ ތަށިތައް ނަގާފައި ގޮސް ބަލާލިއިރު ރަޝީދުއަށް އޮތީ ނިދިފައެވެ. ނީނާ ރަޝީދު ކައިރީ އިށީނދެފައި ރަޝީދުގެ ނިތްކިރީގައި އަތް ޖައްސާލިއެވެ. އެއާ އެކު ނީނާ ދިޔައީ ސިއްސައިގެންނެވެ. ރަޝީދު އޮތީ ވަރަށް ގަދަޔަށް ހުން އައިސްފައެވެ. ނީނާ ބޭސް ގުޅައެއް ހިފައިގެން އައިސް ރަޝީދުއަށް ގޮވާފައި ބޭސް ކާން ދިނެވެ.

އަނެއް ދުވަހުވެސް ރަޝީދު ހުން މަޑެއް ނުވެއެވެ. އެހެންވެ ނީނާ ރަޝީދު ގޮވައިގެން ސިއްހީ މަރުކަޒަށް ދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާ ދިނީ ވީހާވެސް އަވަހަކަށް ރަޝީދު މާލެއަށް ގެންގޮސް ފަރުވާ ދިނުމަށެވެ. ރަޝީދުގެ ބައްޔަކީ ކޮބާކަން ޔަގީން ނުވިޔަސް ޑޮކްޓަރު ބުނި ގޮތުގައި ޝައްކުވަނީ ޓީބީ އަށެވެ.

 

ރަށުގައި ނީނާ އެންމެ ރައްޓެހި ލަމްޔާގެ މަންމައާ ބައްޕަގެ އެހީގައި ނީނާ ދަތުރަށް ތައްޔާރުވިއެވެ. އަދި ދެދުވަސް ތެރޭ މާލެއަށް ދާން ފުރިއެވެ. ފުރުމުގެ ކުރިން މާލޭގައި ކިޔަވަން ހުރި ލަމްޔާއަށް ގުޅާ ތިބޭނެ ތަނެއް ހަމަޖެއްސިއެވެ.

މާލެއަށް އާދެވުނު ގޮތަށް ލަމްޔާއާ އެކީ ލަމްޔާ ހުންނަ ގެޔަށް ގޮސް އެއްޗެހި ބަހައްޓާފައި ރަޝީދު ގޮވައިގެން ނީނާ ދިޔައީ ހޮސްޕިޓަލަށެވެ. ވަގުތުން ރަޝީދު އެޑްމިޓް ކުރިއެވެ. ނަމަވެސް ނީނާ ހާސް ވިއެވެ. ނީނާ އަތުގައި ހުރި ފައިސާއިން ބޭސް ނުކުރެވޭނެކަން އެނގޭތީ އެވެ. އިތުރަށް ފައިސާ ހޯދާނެ ގޮތެއް ނީނާއަކަށް ނުވިސްނުނެވެ.

“ލަމް… ކިހިނެއް ހަދާނީ؟ ބޭސް ކުރަން ލާރި ހޯދާނީ ކިހިނެއް؟” ނީނާ ލަމްޔާ ގާތު އަހާލިއެވެ.

“މާލޭގަ އުޅޭނެ ބޮޑެތި މުއްސަނދިން، އެހީއަކަށް އެދިއްޖެއްޔާ ބައެއް މީހުން އެހީވެސް ވެދޭނެ. އެކަހަލަ މީހެއް ކައިރިއަށް ދާން ވީނު؟” ލަމްޔާ ޚިޔާލެއް ދިނެވެ.

ކުއްލިއަކަށް ނީނާ ނިޒާރު މަތިން ހަނދާން ވިއެވެ. ނިޒާރުއާ ދިމާވި ފަހުން އަށް އަހަރު ވީ ނަމަވެސް ނިޒާރު އެދުވަހު ދެއްކި ވާހަކަ ނީނާ ހަނދާން ހުއްޓެވެ. ނީނާ އަތުގައި އޮތް ދަބަސް ހާވަން ފެށިއެވެ. އިރުކޮޅަކުން ދަބަސް ތެރޭން ފަތްޖަހާލާފައިވާ ކަރުދާސް ކޮޅެއް ނެގިއެވެ.

“ތީ ކޯޗެއް؟” ލަމްޔާ އެހިއެވެ.

“މީ ވަރަށް ކުރިން ބައްޕަޔާ ދިމާވި ބައްޕަގެ ރައްޓެއްސެއްގެ އެޑްރެސް…” ކަރުދާސް ކޮޅު ނިއުޅާލަމުން ނީނާ ބުންޏެވެ. “ނިޒާރުބޭ ބުނެފަ އޮތީ ކޮންމެ ދުވަހަކުން ވިޔަސް މާލެއަށް އަޔަސް، ކަމެއް ބޭނުން ވިޔަސް ނިޒާރުބޭއަށް ގުޅާލާށޭ، އެހީ ވެދޭނަމޭ… ލަމް ދާނަން ދޯ އަހަންނާ އެކީ؟” ނީނާ އެހިއެވެ.

“އާނ… އަހަރެން ހިނގައިދާނަން، އެކަމަކު ނީނާއަށް ޔަގީންތަ މިހާ ދުވަސް ފަހުން އެމީހުން އޭރު ދެއްކި ވާހަކަ ހަނދާން ހުންނާނެކަން؟” ލަމްޔާ އަހާލިއެވެ.

“އާނ… ނިޒާރުބޭ ކޮށްދޭނެ… ޔަގީން. އަވަހަށް ހިނގާ” ނީނާ ބުންޏެވެ. އަދި ނަރުސް ކުދިން ތިބޭ ތަނަށް ގޮސް އެތަނުން ކުއްޖެއް ކައިރީ ބުނެލާފައި ލަމްޔާއާ އެކީ ނިކުތެވެ.

 

ނިޒާރުމެންގޭ ދޮށަށް ޓެކްސީ މަޑުކޮށްލުމުން ލަމްޔާއާ އެކީ ފައިބާފައި ހަބުރިއަށް ނަގާފައި ހުރި އެގެޔަށް ނީނާ ބަލާލިއެވެ. އަދި އަނެއްކާވެސް ކަރުދާސް ކޮޅަށް ބަލާލިއެވެ.

“ފަސްޓް ފްލޯ…” ނީނާ ބުނެލިއެވެ.

“ހިނގާބަލަ ވަންނަން” ލަމްޔާ ނީނާގެ އަތުގައި ހިފާލާފައި ބުންޏެވެ.

ނީނާއާ ލަމްޔާ ސިޑިން އަރާ ފުރަތަމަ ބައިގެ ބެލް ޖަހާލިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލީ ބޭރު އަންހެނެކެވެ.

“ނިޒާރު އުޅޭތަ؟” ނީނާ އަހާލިއެވެ. އެއަންހެން މީހާ ބޯހަލުވާލިއެވެ. “ކޮންތާކުވީ؟” ނީނާއަށް އަހާލެވުނެވެ.

“އިންޑިޔާއަށް ދިޔައީ، ބަލިވެގެން…” އެއަންހެން މީހާ ޖަވާބު ދިނެވެ.

ނީނާ ބުނާނެ އެއްޗެއް ނޭނގި ލަމްޔާއަށް ބަލާލިއެވެ.

“ކޮން ދުވަހަކު އަންނަނީ؟” ލަމްޔާ އަހާލިއެވެ.

“ނޭނގެ… ދެދުވަސް ކުރިން ދިޔައީ” ބޭރު މީހާ ބުންޏެވެ.

“އޭނަގެ ދަރިފުޅު ކޮބާ؟ ބޮޑު ދަރިފުޅު؟” ނިޒާރު އެދުވަހު ދެއްކި ވާހަކަ މަތިން ހަނދާން ވުމުން ނީނާ އަހާލިއެވެ.

“ރާއިފް؟” އެމީހާ އަހާލިއެވެ.

“އާނ… ރާއިފް… އެބައުޅޭތަ ގޭގަ؟” ބޯ ޖަހާލަމުން ނީނާ އަހާލިއެވެ.

“އާނ… ވަދޭ، އަހަރެން ގޮވަނީ” ބޮޑަށް ދޮރު ހުޅުވާލަމުން އެމީހާ ބުންޏެވެ.

ނީނާއާ ލަމްޔާ އެތެރެއަށް ވަދެ އިށީނެވެ. ނީނާ އިނީ ގޭތެރެ ބޮޑު ކަމުންނާ އަދި ރީތި ކަމުން ހައިރާން ވެފައެވެ. އެމީހުން އިށީނދެގެން ތިބީ ބޮޑު ސޯފާއެއްގައެވެ. ކުރިމަތީ ހުރި ފާރުގައި ބޮޑު ކޮށްފައިވާ ފޮޓޯގަނޑެއް ފްރޭމްކޮށްފައި އަޅުވާފައި ހުއްޓެވެ. އެފޮޓޯގައި ތިބީ ދެއަންހެން ކުދިންނާ ފިރިހެނެކެވެ. އެއީ ނިޒާރުގެ ކުދިންކަން ނީނާއަށް އެނގުނެވެ. އެފޮޓޯގައި އެވާ ފިރިހެންމީހާއަށް ބަލަން އިރުކޮޅަކު ނީނާއަށް އިނދެވުނެވެ. ރާއިފްއަކީ އެއީތާއޭ ނީނާ ހިތަށް އެރިއެވެ. ނީނާއަށް ރާއިފްގެ ފޮޓޯވެސް ވަރަށް ކަމުދިޔައެވެ. އެސިފަތަކާ ގަޔާ ވެވުނީ ރާއިފް ނުވެސް ފެނިއެވެ. ނީނާއަށް ހީވީ ފިނި ވައިރޯޅިއެއް ޖެހިލިހެންނެވެ. ހިތުގައި ރަޝީދުއާ މެދު އޮތް ހާސްކަންވެސް އިރުކޮޅަކަށް ފިލިއެވެ.

“ފޮޓޯގަ އެހެރީ ދޯ ރާއިފްއަކީ؟ ވަރަށް ސަޅިދޯ އޭނަ؟” ލަމްޔާ ސިއްރުސިއްރުން ނީނާގެ ކަންފަތް ދޮށުގައި އަހާލިއެވެ.

ނީނާގެ މޫނު ރަތްވެގެން ދިޔައެވެ. އެއްޗެއް ނުބުނެވެނީސް ފޮޓޯގައި އެވާ މީހާގެ އަސްލު އައިސް ނީނާމެންގެ ކުރިމައްޗަށް ހުއްޓުނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތަޤުދީރު

Next

ލޯބިވާ މަންމާ މަގޭ.. 5

Next
December 30, 2015

ލޯބިވާ މަންމާ މަގޭ.. 5

Previews
December 30, 2015

ތަޤުދީރު

16 Comments!

  1. Mar Sha Marsha says:
    December 30, 2015 at 4:33 pm

    Hey.. hope readers like this story too..

  2. Shara says:
    December 30, 2015 at 4:36 pm

    nice

  3. lovelyy says:
    December 30, 2015 at 4:44 pm

    mee nerefa oiy vaahakaeh dho.. v nice mi story

  4. You can do it says:
    December 30, 2015 at 5:16 pm

    Hmmmm mi vaahaka keen btw mi v nice story eh

  5. Ggy says:
    December 30, 2015 at 5:36 pm

    V salhi…lovely kiyafa oi baahakaeh viyys madukhlaa nukiya readers vx ulhey mi vaahaka

  6. Eyesh says:
    December 30, 2015 at 5:49 pm

    V reethi mi part ? .. so now waiting for the next lart … v v v kiyaa hithun mi hury ingey.. when next part upload kurany? ??

    1. Eyesh says:
      December 31, 2015 at 12:11 am

      I mean next part* ?

  7. neha says:
    December 30, 2015 at 6:01 pm

    Hmm mivaahaka kurin kiyun handhaanvey

  8. Najudhaa says:
    December 30, 2015 at 6:04 pm

    Mi varah reethi vahakaeh ……

  9. Ryn says:
    December 30, 2015 at 6:23 pm

    woww vrh salhi… waitin fr the nxt prt.. 😉 😉

  10. ina says:
    December 30, 2015 at 6:44 pm

    Ina kyn mi stry…v nice stry eh miakyyy

  11. misty says:
    December 30, 2015 at 7:37 pm

    Wow…. When next part??

  12. aathi says:
    December 30, 2015 at 8:05 pm

    Mivaahaka vrh rythi ekm kiyaafa oeh vaahaka eh mee.. vrh gina faharu 🙁

  13. Lynaaaaaaa says:
    December 30, 2015 at 8:39 pm

    Mi story kyn kurin…vv obi story eh mi..

  14. sharu says:
    December 30, 2015 at 9:40 pm

    mi story ge ehbai keen fahubai nukiyan v reethi nimendhen genes dhinun edhen

  15. mice says:
    December 31, 2015 at 6:31 am

    varah reethi…..

Comments are closed.


All Right Reserved!