މަޢާފް އެދެމުން 37
- (ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއެކު ކިޔުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި އަޕްލޯޑް ކޮށްލި އިތުރު އެޕިސޯޑްއެއް)
އެ ކައިވެނި އެ ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަން އެ ވަގުތު އާރިޝްގެ ހިތާ ސިކުނޑިން އެއް އަޑަކުން ބުނަމުން ދިޔައެވެ. ކުށެއް ނެތި ރީވާއަށް އަނިޔާ ލިބެމުން ދިޔުމަކީ އިންސާފެއް ނޫނެވެ. އެ ގޮތުގައި އެ ކައިވެނި ދެމެހެއްޓުމަށް ވުރެ އާރިޝްއާ ވަކިވުން ރީވާއަށް ރަނގަޅު ވާނެ ކަމުގައި އާރިޝްއަށް ގަބޫލު ކުރެވުނެވެ.
އެހެން ނަމަވެސް އެ ފިޔަވަޅު ނަގާކަށް އާރިޝް ތައްޔާރެއް ނޫނެވެ. ޙަގީގަތުގައިވެސް ރީވާ ދެކެ އާރިޝް ލޯބިވެއެވެ. ކޮންމެ ގޮތަކަށް ކައިވެނި ކުރެވުނު ނަމަވެސް އާރިޝްއަށް ރީވާ މިލްކުވެފައި ގެއްލޭކަށް ހިތެއް ނުރުހުނެވެ.
ހިތާ ސިކުނޑީގެ ދެބަސްވުންތަކުން ގޮތެއް ނިންމަން ދަތިވެ އެންމެ ފަހުން އާރިޝްގެ ބޮލުގައި ރިއްސަން ފެށިއެވެ. ރީވާގެ ނުގަބޫލުގައި ކައިރީވާން ފަސްޖެހިފައި ހުރި އާރިޝް، ރީވާ އިތުރަށް އެއްޗެއް ނުބުނުމުން ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯތް އިރު ނިދުމުގެ ޚިޔާލު ނެތް ނަމަވެސް ގިނަ އިރެއް ނުވެ އާރިޝްއަށް ނިދުނީއެވެ.
އާރިޝް ކޮޓަރިއަށް ވަނުމުން ރީވާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެ ވަގުތު އާރިޝްއާ ކައިރި ވާން ބޭނުން ނުވެފައި ހުރި ރީވާ ބެލްކަނީގައި ހުރި ގޮނޑީގައި އިށީނެވެ. ކަންތައް ވީ ގޮތުންނާ އެކު ނިދި ހަމަނުވެ ހުރުމުން ރީވާގެ ބޮލުގައި ރިއްސަން ފެށިއެވެ. އަށެއް ޖަހަން ދެން އެތާ އިނދެފައި ރީވާ ކޮޓަރިއަށް ވަނީ ކްލިނިކަށް ނުދާނެ ކަން ބުނެ މެސެޖް ކޮށްލުމަށް ފޯން ބަލައެވެ.
އެނދުގައި ނިދާފައި އޮތް އާރިޝް ފެނުމުން ރީވާ އިރުކޮޅަކަށް އާރިޝްއަށް ބަލަން ހުއްޓެވެ. ހިތް އެދެމުން ދިޔައީ އެނދަށް އަރާ އާރިޝްގެ އަތުތެރެއަށް ވަދެ ނިދާލުމަށެވެ. ނަމަވެސް އެހެން ހިތަށް އެރުމާއެކު ދެފަރާތަށް ބޯ ހަލުވާލަމުން ރީވާ އެ ޚިޔާލާ ދެކޮޅު ހެދިއެވެ. އެނދު ކައިރީ ހުރި ކަބަޑު މަތިން ފޯން ނަގައިގެން ރީވާ ނިކުމެ ސޯފާގައި އިށީނދެ ކްލިނިކަށް މެސެޖް ކޮށްލިއެވެ. އެހެން އިނދެ ލޯ މެރެން ފެށުމުން ރީވާ ސޯފާގައި ދިގަށް އޮށޯވެލިއެވެ.
ދިހައެއް ޖެހި ތަނާ އާރިޝްއަށް ހޭލެވުނީ އައިމަން ގުޅައިގެންނެވެ. އައިމަން އެދުނީ އޮފީހަށް އައިސްދިނުމަށެވެ. އާރިޝް ތެދުވި އިރު ކޮޓަރި ތެރެއިން ރީވާގެ ހިލަމެއް ނުވުމުން އާރިޝްއަށް ހީވީ ރީވާ ކްލިނިކަށް ދިޔައީ ކަމަށެވެ. ފެން ވަރައިގެން އާރިޝް ނިކުތް އިރު ސޯފާގައި ނިދިފައި އޮތް ރީވާ ފެނުމުން ކައިރިއަށް އައިސް އެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ދެ އަތް މައްޗަށް ރީވާ ނަގައިގެން ކޮޓަރިއަށް ވަނެވެ.
“އާރިޝް….!” އެ ވަގުތު ހޭލެވުމުން އާރިޝްގެ ކަރުގައި އަތް އަޅުވާލަމުން ރީވާއަށް ގޮވާލެވުނެވެ.
“ކޮޓަރިއަށް މި ގެންދަނީ، ރީތިކޮށް އޮވެބަލަ އިހަށް” އާރިޝް ބުންޏެވެ.
އެނދުގައި ރީވާ ބާއްވާފައި އާރިޝް އެނދުގެ މަގަތުން އިށީނެވެ.
“އައިމް ސޮރީ!” އާރިޝް މާފަށް އެދުނެވެ.
ރީވާ ޖަވާބެއް ނުދީ އާރިޝްއަށް ބަލަން އޮތީއެވެ.
“އޮފީހަށް ގޮސްލަން ޖެހިގެން މި ދަނީ” ރީވާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އާރިޝްއެވެ.
ރީވާ ބޯ ޖަހާލިއެވެ.
“ކްލިނިކަށް ނުދަންތަ؟” އާރިޝް އެހިއެވެ.
“މިއަދު ނުދަން” ރީވާ ޖަވާބު ދިނެވެ.
“ނިދާލާފަ ހޭލައިގެން އެއްޗެއް ކައިގެން ހުންނައްޗޭ” އާރިޝް އެދުނެވެ. ރީވާ ބޯ ޖަހާލުމުން ފަސްޖެހިފައިވެސް އާރިޝް ކައިރިވެލާ ރީވާގެ ނިތްކުރީގައި ބޮސްދިނެވެ. ދެން ތެދުވި ގޮތަށް ކޮޓަރިން ނިކުތީއެވެ.
ރީވާއަށް އަނެއްކާވެސް ނިދުނީއެވެ. އެގާރަ ޖެހި ފަހުން ރީވާއަށް ހޭލެވުނީ ރާނިޔާ ގުޅުމުންނެވެ. ރާނިޔާ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމާއެކު ރީވާއަށް ރޮވުނީއެވެ.
“ރީވާ، ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟” ކަންބޮޑުވެގެން ރާނިޔާ އެހިއެވެ.
“ކަމެއް ވެގެންނެއް ނޫން… މަންމައާ ދޮންބެ ނާންނަނީސް އުފަން ދުވަހެއްވެސް އެހެން ދުވަހެއްވެސް ފާހަގަ ކުރާކަށް ބޭނުމެއް ނޫން… މަންމަ އަންނަން ބޭނުމީ… ދޮންބެ ރަނގަޅު ވާން ބޭނުމީ… އެހެން އެއްވެސް ކަމެއް ބޭނުމެއް ނޫން…” ރޮމުން ރީވާ ބުންނެވެ.
“ދަރިފުޅާ، ނުރޮއެ ހުއްޓާލަބަލަ! އިރާދަ ކުރެއްވިއްޔާ ދޮންބެ ރަނގަޅު ވާނެ އަދި. މަންމައާ ދޮންބެއާ އެކީ ރީވާއަށް އުފަން ދުވަސް ފާހަގަ ކުރެވޭނެ… ކެތް ކުރަން ވާނެ. ކަންތައްތަކާ ދިމާ ވީމަ އެހާ ހިތްވަރު ދެރަ ވެގެން ކިހިނެއް ކުރިޔަށް ދާނީ؟ މަންމަވެސް ނުރޮމެއްނު؟ ރީވާވެސް ރޮއެގެން ނުވާނެ. އިރާދަ ކުރެއްވިއްޔާ އަދި މަންމައާ ދޮންބެ ރީވާ ކައިރިއަށް ދާނަން” ރީވާއަށް ޓަކާ ހިތްވަރު ކުރަމުން ރާނިޔާ އެހެން ބުނި އިރު އެ ލޮލުން އައި ކަރުނަ ވަނީ ރީވާއަށް ސިއްރު ކުރެވިފައެވެ.
ބައިގަޑިއެއް ހާއިރު ރާނިޔާއާ ވާހަކަ ދައްކާލެވުނު އިރު ރީވާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ބަނޑުހައި ވެފައި ހުރުމުން ރީވާ ބަދިގެއަށް ވަނީ ކާނެ އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. އައިސް އަލަމާރި ހުޅުވާލި އިރު ރޭ އާރިޝް ގެނެސްފައި އިން ކޭކު ފެނުމުން ރޭގެ ކަންތައް ހަނދާންވެފައި އިރުކޮޅަކަށް ކޭކަށް ބަލަން ރީވާއަށް ހުރެވުނެވެ.
އަނެއްކާވެސް ބަނޑުން އަޑު ކިޔާލުމުން ރީވާ ކޮފީއެއް ގިރައިގެން މޭޒުކައިރީ އިށީން ތަނާ ސައުސަން ގުޅިއެވެ. އާރިޝްއާ ކައިވެނި ކޮށްގެން އެ ގެއަށް އައި ފަހުން ރީވާ ފެނިއްޖެ ނަމަ ސައުސަން ވާހަކަ ދައްކައެވެ. އަދި ސައުސަން ވަނީ ދެތިން ފަހަރަށް ރީވާގެ އެޕާޓްމެންޓަށްވެސް އައިސްފައެވެ. އެ ދުވަހު ސައުސަން ގުޅީ އެއީ ރީވާގެ އުފަން ދުވަސް ކަން އެނގިގެން ތަހުނިޔާ ކިޔާށެވެ.
“ގޭގަ ހުރިއްޔާ އަންނަން ވީނު މެންދުރު ކާން؟ އައިމަން ބުނެފި މިއަދު ކާން ނާދެވޭނެ ވާހަކަ، ދެން އެކަނި ކެއުމަށް ވުރެ ފޫހިވެސް ފިލާނެއެއްނު ރީވާއާ އެކީ ކާލެވުނިއްޔާ؟ އަންނާނަން ދޯ؟” އެ ދުވަހު ރީވާ ކްލިނިކަށް ނުދާ ވާހަކަ ބުނުމުން ސައުސަން އެދުނެވެ. ރީވާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.
ފެންވަރާލައިގެން ރީވާ އެޕާޓްމެންޓުން ނިކުތީ އެކެއް ޖަހަން ކައިރި ކޮށްފައެވެ. ލިފްޓަށް ނާރާ ރީވާ ސިޑިން ފައިބައިގެން ދެވަނަ ފްލޯރއަށް ގޮސް ސައުސަންމެން އުޅޭ އެޕާޓްމެންޓްގެ ބެލް ޖަހާލި އިރަށް ދޮރު ހުޅުވިއެވެ. ރީވާ ފެނުމާ އެކު އަތުގައި ހިފާ އެތެރެއަށް ވައްދާފައި ސައުސަން އަނެއްކާވެސް ތަހުނިޔާ ކިއެވެ.
ސައުސަން ހުރީ ކާން ތައްޔާރު ކޮށްފައެވެ. ކާން ތިބި އިރު ސައުސަން އެކިއެކި ވާހަކަ ދެއްކިއެވެ. ސައުސަންގެ އެކުވެރި މިޒާޖުގެ ސަބަބުން ރީވާއަށްވެސް ސައުސަންގެ ވާހަކައިގައި ބައިވެރި ވާން ފަސޭހަ ވިއެވެ. ތިންގަޑިބައި ވަންދެން އެ ގޭގައި އިނދެފައި ރީވާ ދިޔައީ ސައުސަންގެ އެދުމުގެ މަތިން އަނެއް ދުވަހު މެންދުރު ކެއްކުމުގައި ސައުސަންއަށް އެހީ ވުމަށް އަންނާނެ ކަމުގައި ވަޢުދު ވެފައެވެ.
އެރޭވެސް ކެއުމަށް ފަހު އާރިޝް އައެވެ. ރީވާ ކާން އިން އިރު މޭޒު ކައިރީ އާރިޝް ކޮފީއެއް ހިފައިގެން އިނެވެ. ހެނދުނު އެދެމެދުގައި ހިނގި ހަމަނުޖެހުމަށް ފަހު ދެ މީހުންވެސް ތިބީ ބަސްމަދުވެފައެވެ. އާރިޝް އިސްވެ އެއްޗެއް ނުބުނާތީ ރީވާ ހިމޭންވެފައި އިނެވެ.
ދިހައެއް ޖެހި ތަނާ ބެލް ޖަހާލުމުން އާރިޝް ދޮރު ހުޅުވާލިއެވެ. އެ ވަގުތު ނާބިތުމެން ފެނުމުން އާރިޝް ހައިރާންވިއެވެ. އެހެންނާ އެ މީހުން އެހާ ލަސްކޮށްފައި ނާންނާތީއެވެ.
“ކޮބާ ރީވާ؟ ނިދީތަ އަނެއްކާ؟” ނާބިތު އެހިއެވެ.
“ނުނިދާ” ބޮޑަށް ދޮރު ހުޅުވާލަމުން އެންމެން ވަންނަން ތަން ދައްކާފައި އާރިޝް ފަހަތަށް ޖެހިލިއެވެ.
ޔަޒްދާން އާ ހަނާންއާ ސަލަފްއާ ޖަނާ އަދި ނާބިތު އެތެރެއަށް ވަން ގޮތަށް ރީވާ ވަށާލިއެވެ.
“ހެޕީ ބަރތްޑޭ!” ފަހަރަކު މީހަކު ރީވާއަށް ތަހުނިޔާ ކިއެވެ. ނާބިތު ކައިރި ވެލަމުން ފުރަތަމަ ފޯނުން މައިލީންއަށް ގުޅާލިއެވެ. ވީޑިއޯ ޖައްސާލަމުން ރީވާއަށް މައިލީން ފެންނާނެ ހެން ފޯނު ދައްކާލަމުން ނާބިތުއާ މައިލީން އެކުގައި ތަހުނިޔާ ކިއެވެ.
“ރީވާ، ސޮރީ އިނގޭ އެންމެންނާ އެކީ ނުދެވުނީމަ” މައިލީން ބުންޏެވެ.
“އޯކޭއޭ ދެން ސޮރީ ނުކިޔަކަސް. އަހަރެން ގޮސްދާނަމޭ ބޭބީއާ މައި ކައިރިއަށް” ހެމުން ރީވާ ބުންޏެވެ.
އިރުކޮޅަކު މައިލީންއާ ވާހަކަ ދައްކާލާފައި ރީވާ ނާބިތު އަތަށް ފޯން ދިނެވެ. އޭރު ދެން ތިބި މީހުން ތިބީ ކާމޭޒު ދޮށުގައެވެ. އައިސްއަލަމާރީގައި އިން ކޭކު ހިފައިގެން އައިސް މޭޒުމަތީ ބަހައްޓާފައި އާރިޝް އަނެއްކާވެސް ބަދިގެއަށް ވަނީ ތަށިތައް ބަލައެވެ.
“އާރިޝް ކަހަލަ މީހަކަށް ސަލަފްވެސް ވެބަލަ! ބަލާބަލަ، ރީވާއަށް ނުޖައްސާ އެބަ އުޅެއެއްނު؟” ޖަނާ ސަމާސާ ރާގަކަށް ބުންޏެވެ.
“އާރިޝްއަށް އެހެން އުޅެން ދަސްވީ ދެވަނަ އަނތްބެއް ހޯދީމައޭ. ޖަން އޯކޭ ވިއްޔާ އަހަރެންވެސް ދެވަނަ އަނތްބެއް ހޯދަން ވީތަ؟” ސަލަފް ބުންޏެވެ. އެއާއެކު ސަލަފްގެ ކޮނޑަށް ޖަނާގެ ހަމަލާއެއް އައެވެ.
“އެކަކު ނުހިފެހެއްޓިގެން އުޅޭ އިރު ދެވަނަ މީހަކު ހޯދާ ވާހަކަ މީނަ މި ދައްކަނީ. ޖަނާ، މީނައަށް ރަނގަޅު ފިލާވަޅެއް ދޭތި” ސަލަފްގެ އަނެއް ފަރާތުގައި އިން ނާބިތުވެސް ސަލަފް ގައިގައި ޖަހާލަމުން ބުންޏެވެ.
ގޭތެރެއަށް ވެރިވެފައި އޮތް ހިމޭން ކަން އެ މީހުންގެ ސަކަރާތުގެ އަޑުން ނެތިގެން ދިޔައެވެ. އާރިޝްއާ ރީވާވެސް އެ މީހުންގެ ސަކަރާތުގައި ބައިވެރިވިއެވެ. މާ ގިނަ އިރު ނުތިބެ އެގާރަ ޖެހި އިރަށް ޔަޒްދާންއާ ހަނާން ދާން ނިކުތުމުން އެ މީހުންގެ ފަހަތުން ދެން ތިބި މީހުންވެސް ދިޔައެވެ. ގެއަށް ވަދެލާފައި އަންނާނެ ކަމަށް ބުނަމުން އާރިޝްވެސް އެ ވަގުތު ދިޔައެވެ.
ފެންވަރައިގެން ނިކުމެ އަނެއްކާވެސް ކޮފީއެއް ގިރައިގެން ކާމޭޒު ދޮށުގައި ފޯނާ ކުޅެން އިން ރީވާއަށް ނުދަންނަ ނަމްބަރަކުން ވައިބަރ އިން އައިސްފައި އިން މެސެޖް ފެނުމުން ހައިރާންވިއެވެ. ގަޑިއެއްހާ އިރު ކުރިން ހަމައެކަނި އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައި އިން އެ މެސެޖަށް ރައްދެއް ނުދިން ނަމަވެސް ރީވާ މެސެޖް ކިޔައިފި ކަން އެނގުމުން އެ މީހަކު އަނެއްކާވެސް މެސެޖް ކުރީ ގުޅާލިޔަސް އެންމެ ރަނގަޅުތޯ އަހާފައެވެ.
ރީވާ މެސެޖް ފޮނުވާފައި އިން ފަރާތުގެ ނަން ކިޔާލިއެވެ. “އައިމިނަތު ލައިރާ އަދީލް” ނަމުގައި އިން “އާރް” ކެޕިޓަލްކޮށްފައި އިނުން ފިޔަވާ އާދައިގެ ގޮތަކަށް އިން ނަމުން އަދި ޕްރޮފައިލްއަށް ލާފައި އިން ފޮޓޯއިން އެއީ އަންހެން ކުއްޖެއް ކަން އެނގެއެވެ.
“ކިހިނެއް އަހަރެން އެނގެނީ؟” ރީވާ މެސެޖް ކޮށްލިއެވެ.
“އަހަންނަށް ރީވާއެއް ނޭނގޭ، އެކަމަކު ރިޔާން އެނގޭ. އަހަންނަކީ ރިޔާންގެ ފްރެންޑްއެއް” ވަގުތުން ޖަވާބު އައެވެ.
ރިޔާންގެ ރައްޓެއްސެއް ރީވާއަށް ގުޅަން ބޭނުން ވަނީ ކީއްވެތޯ ހިތުގައި ސުވާލު އުފެދިފައި ރީވާ އިންދާ ފޯން ރިންގްވިއެވެ. ސޭވްކޮށްފައި ނެތް ނަމަވެސް އެއީ ދެންމެ މެސެޖް އައި ނަމްބަރު ކަން ރީވާއަށް އެނގުނެވެ. ނަގަން ނުނަގަން އިނދެފައިވެސް ރީވާ ފޯނަށް ޖަވާބު ދިނެވެ.
“ރީވާ…؟” ރީވާ އެއްޗެއް ނުބުނުމުން އެކޮޅުން ގޮވާލިއެވެ.
“ކީއްވެ އަހަންނަށް ގުޅަން ބޭނުން ވަނީ؟” ރީވާ އެހިއެވެ.
“ތީ ރިޔާންގެ ކޮއްކޮ ވީމަ. އަހަންނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ދުވަހަކުވެސް ރިޔާން ބުނިތަ؟” ލައިރާ އެހިއެވެ.
“ނޫން. އެހެންވެ މިހާ ކޮންފިއުޒް ވެފަ މީނީ. ދޮންބެގެ ފްރެންޑެއް ކީއްވެ އަހަންނަށް ގުޅަންވީ؟” ރީވާ ސުވާލު ތަކުރާރު ކޮށްލިއެވެ.
“ފުރަތަމަ ރިޔާންގެ ހާލު ބުނެދެވިދާނެތަ؟ ޕްލީޒް، އޯކޭއޭ ނުބުނެ އެއްވެސް ކަމެއް ނުފޮރުވާ ކިޔާދެވިދާނެތަ؟” ލައިރާ ހީވީ ރީވާ ގާތު އާދޭސް ކޮށްލި ހެންނެވެ.
“އެހެން ވިއްޔާ ދޮންބެ އެކްސިޑެންޓް ވީ ކަން އެނގޭ ދޯ؟ ދޮންބެގެ ހާލު އެނގެން ބޭނުން ވާ އިރު މި ހުރިހާ ދުވަހު ނުބަލާ ހުރީ ކީއްވެ؟” ރީވާ އެހިއެވެ.
“ރީވާއަށް އަހަންނާ މީޓް ކޮށްލެވިދާނެތަ؟ އޭރުން ހުރިހާ އެއްޗެއް ކިޔާދޭނަން. ޕްލީޒް…” ލައިރާ އެދުނެވެ.
“ކީއްވެ؟” މީހަކު ހަމަ ގުޅާލާފައި ބައްދަލު ކުރަން އެދުނު ނަމަވެސް އެއީ ރީވާ ކުރަން ބޭނުން ކަމެއް ނޫނެވެ.
“ޕްލީޒް ރީވާ… ރީވާ ބުނި ތަނަކަށް، ބުނި ގަޑިއަކަށް އަހަރެން ހިނގައިދާނަން… މި ހުރިހާ ދުވަހު ނުގުޅާ ހުރީ ރިޔާން ރަނގަޅުވެގެން ގުޅާނެ ކަމަށް އުންމީދު ކުރެވޭތީ… ރިޔާން ނުބުނަނީސް އަހަރެން އެއްވެސް ވާހަކައެއް ނުބުނަން ވެގެން… އެކަމަކު އައި ކާންޓް ވެއިޓް އެނީމޯރ… އަހަރެން… އަހަރެން…” ވާހަކަ ނުދެއްކިގެން ހުއްޓާލާފައި ނޭފަތް ދަމާލި އަޑު އިވުމުން ލައިރާ ރޮނީހެން ރީވާއަށް ހީވިއެވެ.
ރީވާގެ ހިތުގައި އެ އަންހެން ކުއްޖާއާ މެދު ހަމްދަރުދީ އުފެދުނެވެ. އެ އަންހެން ކުއްޖާއަށް ރިޔާން ވަރަށް ޚާއްސަ ކަމުގައި ރީވާގެ ހިތް ބުނެލިއެވެ. އެއާއެކު އެ ކުއްޖާއާ ބައްދަލު ކޮށްލުމަށް ރީވާގެ ހިތް ބުންޏެވެ.
“ލައިރާ… އާރ ޔޫ އޯކޭ؟” ރީވާ އަހާލިއެވެ.
“އައިމް އޯކޭ… ރީވާ…” ލައިރާ އަނެއްކާވެސް ގޮވާލިއެވެ.
“އޯކޭ… ލައިރާއާ މީޓް ކޮށްލަން އަހަރެންވެސް ބޭނުން. އަހަރެން ޓައިމްއެއް މެސެޖް ކޮށްލާނަން. މި ވަގުތު ދާން ޖެހިއްޖެ. ބާއި!” ރީވާ އަވަސް ކޮށްލާފައި ފޯން ކަނޑާލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ.
“ބޭރަށް ދާންތަ ތި އުޅެނީ؟” ވަޅުފެހި ކުލައިގެ އަތް ކުރު ގަމީހަކާ މަޑު ޗޮކްލެޓް ކުލައިގެ ފަޓުލޫނެއް ލައިގެން އާރިޝް ހުރި ގޮތުން ރީވާ އެހިއެވެ.
ރީވާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އާރިޝް އަމިއްލައަށް ލައިގެން ހުރި އެއްޗެއްސަށް ބަލާލިއެވެ.
“ދުއްވާލަން ދާނަންތަ؟” އެއް އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އާރިޝް އަހާލިއެވެ.
އެއީ ދެ މިހުން އެކުގައި ބޭރަށް ދާން ރީވާ ގާތު އާރިޝް ބުނި ފުރަތަމަ ފަހަރެވެ. ޖަވާބެއް ދޭން އުނދަގޫވެފައި ރީވާއަށް އިނދެވުނީ އެހެންވެއެވެ.
“ދާ ހިތް ނެތީތަ؟” ކައިރިއަށް އައިސްފައި އާރިޝް އެހިއެވެ.
“ނޫން…” ލަސްލަހުން ރީވާއަށް ބުނެވުނީ އާރިޝްއަށް ބަދަލެއް އައިސްފައި ވާހެން ހީވެގެންނެވެ.
“ރީވާ ދާން ބޭނުން ނުވަންޏާ އޯކޭ—” އާރިޝްއަށް ހީވީ ރީވާ ދާން ބޭނުން ނުވީ ހެންނެވެ.
“ނޫން… ޗޭންޖް ކޮށްގެން މި އަންނަނީ… ފައިވް މިނަޓްސް…” ގޮނޑިން ތެދުވަމުން ރީވާ ބުންޏެވެ.
ރީވާ ކޮޓަރިއަށް ވަދެފައި އަލަމާރި ހުޅުވާ ބަލާލިއެވެ. މަޑުނޫ ކުލައިގެ ދިގު ރޮނގުތަކެއް ހުރި ކަކުލާ ހަމައަށް އަންނަ ހެދުމަކާ އެކު ގަދަ ނޫކުލައިގެ ފުޅާ ހަރުވާޅެއް ލާފައި ހެދުމުގައި ހުރި ނޫ ކުލައާ ގުޅުވާފައި ޝޯލްއެއް އަޅާލުމަށް ފަހު ރީވާ ތުންފަތުގައި ލިޕްގްލޮސް ހާކާލިއެވެ. ރީވާ ކޮޓަރިން ނިކުތް އިރު ފޯނުން ކޮންމެވެސް ކަމެއް ކުރަން އާރިޝް ސޯފާގައި އިނެވެ. ލަސްވީ ހެން ހީވެ ގަޑި ބަލާލި އިރު ރީވާ އެދުނު ފަސްމިނަޓްގެ އިތުރުން ތިން މިނަޓް ހިނގައިފިއެވެ.
ރީވާ ނިކުތުމުން އާރިޝް ބަލާލިއެވެ. ރީތި ވެލައިގެން ހުރި ރީވާ ފެނުމުން ބޭރަށް ދިޔުމުގެ ބަދަލުގައި އާރިޝްގެ ހިތް އެދުނީ ރީވާ ގޮވައިގެން ކޮޓަރިއަށް ވަންނާށެވެ. އާރިޝް ލަސްލަހުން ހިނގާފައި އައިސް ރީވާ ކުރިމަތީ ހުއްޓިލިއެވެ.
“ބިޔުޓިފުލް…!” ރީވާގެ ދަތްދޮޅީގައި އިނގިލި ޖައްސާލަމުން އާރިޝް ތައުރީފް ކޮށްލިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ރީވާ އިސްޖަހާލިއެވެ.
އާރިޝް ބާރަށް ހީލަމުން ރީވާގެ މޫނުގައި ދެ އަތުން ހިފާ އިސްއުފުލާލާފައި ރީވާގެ ނިތްކުރީގައި ބޮސްދިނެވެ. އިރުކޮޅަކު އެހެން ހުރީ ހަގީގަތުގައިވެސް ބޭރަށް ދާން ބޭނުން ނުވެފައެވެ.
“އާރިޝް…” ރީވާ ގޮވާލިއެވެ. އަދި އާރިޝްގެ މޭގައި އަތް ޖައްސާލަމުން މަޑުމަޑުން ކޮއްޕާލިއެވެ.
“ހިނގާ…” ރީވާގެ އަތުގައި ހިފާލަމުން އާރިޝް ބުންޏެވެ.
ދެ މީހުން ސައިކަލުގައި ބޮޑުތަކުރުފާނު މަގަށް ނިކުތް ގޮތަށް ދިޔައީ ހުޅުމާލެއަށެވެ. ފޭސް ދޭއް ނިމޭ ހިސާބާ ކައިރީ ބީޗްއަށް މަޑުކޮށްލާފައި އާރިޝް އެދުނީ އިރުކޮޅަކު އެތަނުގައި ތިބުމަށެވެ. ރީވާ ދެކޮޅެއް ނުހަދައެވެ. އާރިޝް ސައިކަލުން ފައިބާފައި ރީވާގެ އަތުގައި ހިފާލިއެވެ. ދެ މީހުން އެކުގައި ގޮސް މޫދާ ކައިރީގައި ވެލިގަނޑުމަތީ އިށީނެވެ.
ގަޑިން ބާރަ ޖަހާ ބޮޑުވެފައި ވިޔަސް އެ ހިސާބުގައި މީހުން އުޅެއެވެ. ތަންކޮޅެއް ދުރުގައި ބާބެކިއު ހަދަން އުޅޭ ގްރޫޕްތައްވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް ރީވާމެން ތިބި ދިމާލުން މޫދާ ކައިރީގައި ގިނަ މީހުންނެއް ނެތެވެ. މޫދަށް ބަލަން އިން ރީވާ އާރިޝްއާ ދިމާއަށް ބަލާލީ އާރިޝް ރީވާގެ އަތްތިލައިގައި ހިފާލުމުންނެވެ. ދެންވެސް އެއްޗެއް ނުބުނެ އާރިޝް ރީވާގެ ކޮނޑުގައި ހިފާ ކައިރިކޮށްލީއެވެ. ރީވާ އާރިޝްގެ ކޮނޑުގައި ބޯ ޖައްސާލައިގެން ހަމަޖެހިލިއެވެ. އެހެން ތިބި އިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެކަކު އަނެކަކުގެ ހޫނު އިހުސާސް ވާހާ ކައިރީގައި ހިމޭންކަމާ އެކު ތިބި އިރު ދެ ހިތުގައިވެސް ވަނީ ހަމަޖެހުމެވެ. ތިބެވުނު ތަނުގެ ހިތްފަސޭހަކަމާ އެ ދެމެދުގައި ވި ގާތް ކަމުގައި، އެރޭ ހިނގި ހަމަނުޖެހުން ދެ ހިތުންވެސް އެ ވަގުތަށް ފިލާފައި ވިއެވެ.
އެހެން އިން އިރު ރީވާ ދެކެ ލޯބިވާކަން ހާމަ ކުރުމަށް އާރިޝްގެ ހިތް ގޮވަމުން ދިޔައެވެ. ނަމަވެސް ހިތުގައި ފޮރުވާފައިވާ ބަސްތައް ދުލާ ހަމައަށް ގެނައުމަށް އާރިޝް ފަސްޖެހުނެވެ. ރީވާއާ އާރިޝްއަށް އެކުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ޔަގީންކަން ނެތް އިރު، އެ ކައިވެންޏާ މެދުވެސް އެއްވެސް ޔަގީންކަމެއް ނެތެވެ. އެހެން އެކަން އޮއްވާ ލޯބިވާ ކަން ހާމަކުރުމަކީ ރީވާއަށް ބޭކާރު އުންމީދެއް ދިނުން ކަމުގައި ވެދާނެތީ އާރިޝް ޖެހިލުން ވަނީއެވެ. އެހެން ނަމަވެސް އެރޭ އެ އިހުސާސް ހިތުގައި ފޮރުވައިގެން ހުރުން އާރިޝްއަށް އުނދަގޫވިއެވެ.
“ރީވާ…” އާރިޝް ގޮވާލިއެވެ.
“ހްމްމް…؟” ރީވާ އާރިޝްގެ މޫނަށް ބަލާލިއެވެ.
“އަހަރެން… އަހަރެން… ރީވާ…” އާރިޝްއަށް ހިތުގައިވި އިހުސާސްތައް ބަސްތަކެއްގެ ގޮތުގައި ބޭރުކުރަން އުނދަގޫވިއެވެ. އެއްޗެއް ބުނަން ފަށާފައިވެސް އާރިޝް ހުއްޓުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.







