އަހަންނާއި ޒީކް ތިބީ ހުޅުމާލޭގައި އަލަށް ހުޅުވި ކެފޭއެއްގެ މަތީބުރީގައެވެ. ހެނދުނުގެ ވަގުތުކަމުން އެހާ ގިނަ މީހުންނެއް އެވަގުތު އެތަނަކު ނެތެވެ. އަހަރެން ބޯން އިން ކޮފީތަށި ބަހައްޓަމުން ޒީކްއަށް ބަލައިލީމެވެ. “ދެން ނަވާލް ކައިރި ބުނެބަލަ” އޭނާގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ.
“އަހަންނަކަށް ނޭނގެ މިވާހަކަ ނަވާލް ކައިރި ބުނާނެ ގޮތެއް ވެސް. އޭނަ ދެކެނީ އަހަރެން މިއީ ހަމަ އެކަނި ރައްޓެއްސެއް ގޮތަށް” ޒީކް ދެރަވެލާފައި ބުންޏެވެ. “ޒީކްގެ ހިތުގައި އޮތް އެއްޗެއް ވެސް ބުނީމަ ދޯ އިނގޭނީ އޭނާ ދެކޭ ގޮތެއް ވެސް” އަހަރެން ބެލީ ޒީކްއަށް ހިތްވަރު ދެވޭތޯއެވެ. ޒީކް، ނަވާލް އާއި ގަޔާވާކަން އަހަންނަށް އިނގުނީ މީގެ ދެތިން މަސް ކުރިންނެވެ. އޭރު ވެސް ނަވާލް ގާތު އެވާހަކަ ބުނަން ޒީކްއަށް ވިސްނައިދިނީމެވެ.
“ޒީކްއަށް ނުކެރެންޏާ އަހަރެން ބުނެފާނަމޭ” އަހަރެން އަނެއްކާ ވެސް ވާހަކަ ދެއްކީމެވެ.
“އުހޫނ. އަހަރެން ބުނާނީ. އެކަމަކު މިހާރަކު ނޫން. މިއަންނަ މަހު. ނަވާލް އުފަން ދުވަހު” މިފަހަރު ޒީކް ދިން ޖަވާބުން އަހަރެންނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަވާލް އަކީ ރަނގަޅު މީހެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ހަރުދަނާ މީހެކެވެ. ނަވާލް އާއި ޒީކް ގުޅުމަކީ އަހަރެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
ކެފޭއިން ނިކުތުމަށްފަހު، ޒީކް އޭނާގެ ސައިކަލުގައި އަހަރެން އޮފީހަށް ގެންގޮސްދިނެވެ. އޭރު އޮފީސް ގަޑި ޖެހެން ފަސްވަރަކަށް މިނެޓު ހުއްޓެވެ. އޮފީސް ފެނުމާއި އެކު އަހަރެންގެ ހަނދާނަށްއައީ އާހިލްގެ ހުށަހެޅުމެވެ. ވީފޫއްސެއް ބުނަން ވެސް ނޭނގެއެވެ. މިއަދު ކޮންމެ ގޮތެއް ހަދާފައި ވެސް އާހިލްއަށް ޖަވާބެއް ދޭން ޖެހޭނެއެވެ. އަހަރެން އޮފީހަށް ވަނުމާއި އެކު އާހިލްގެ ކެބިން އަށް އަހަރެން ހާޒިރު ކުރިއެެވެ.
“ކޮބާ ވިސްނައިފިން” ސީދާ އަހަރެންގެ މޫނަށް ކަޅި އަޅައިގެން އިނދެ އާހިލް ސުވާލު ކުރިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ކުރިން އަނެއްކާ ވެސް ވިސްނާލީމެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ޕުރޮޖެކްޓު ފަށަން އެއްބަސް ނުވެއްޖިއްޔާ ވަޒީފާ ގެއްލޭނީއެވެ. ޕުރޮޖެކްޓު ކާމިޔާބު ނުވިޔަސް ވަޒީފާ ގެއްލޭނީއެވެ. އަހަރެން ވަރަށް ޖޯޝުގައި ލައްބައޭ ބުނީމެވެ. ނަމަވެސް ހަގީގަތުގައި އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. މި ކުންފުންޏަކީ ފެށުނީއްސުރެ އަހަރެން މަސައްކަތް ކުރަން އެންމެ ބޭނުންވި ކުންފުންޏެވެ. އެހާ ބޭނުންވެގެން ހޯދި ވަޒީފާ ގެއްލޭކަށް އަހަރެން ބޭނުމެއްނޫނެވެ.
އަހަރެންގެ އާނ ބަސް އަޑު އިވިފައި އާހިލް އެއްމިޔަކަނުން ހީލިއެވެ. އަހަންނަށް ސިފަވީ ފިލްމު ތަކުގައި އުޅޭ ނުބައި ބައި ކުޅޭ މީހުންގެ މަތިންނެވެ. ކޮންމެއަކަސް ޖެހިގެން އައި ހަފުތާގެ ތެރޭގައި ޕުރޮޖެކްޓުގެ މަސައްކަތް ފެށުނެވެ. އަހަންނަށް މަސައްކަތް ކުރާނެ ޓީމަކާއި ހަތްވަނަ ފުލޯއިން ކެބިންއެއް ދިނެވެ. ޓީމުގައި ތިބީ އަހަރެންގެ އިތުރުން ހަތަރު މީހުންނެވެ. ފުރަތަމަ ދުވަހު މީޓިން ބާއްވައިފީމެވެ. ގަޑިއަށް މީޓިންއަށް އައީ ދެމީހުންނެވެ. މީޓިންގެ މެދުތެރޭގައި އެކަކު ފެނުނީ މޭޒުގައި ބޯޖަހައިގެން ނިދާފައި އޮތްތަނެވެ. އަނެކަކަށް ފޯނު އަންނަވަރުން ސަލާމަތެއް ނުވެއެވެ. ތިންވަނަ މީހާ އަމިއްލަ ދުނިޔެއެއްގައި، މޭޒުމަތީގައި އޮތް ގަލަން އަނބުރާލަ އަނބުރާލަ އިނެވެ. އަހަރެން ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަންނަކާއި އަހަންނެކެވެ. މި މީހުންނަށް ވާކަމެއް ނެތެވެ. މި ޓީމުގައި ސަހަލު މީހަކަށް ތިބީ އަހަންނާއި ސާރާ އެކަންޏެވެ. މީޓިން ނިމުނުއިރު ހީވީ ބަސްނާހާ ކުޑަކުދިންންތަކަކަށް ކިޔަވައިދީ ނިންމާލިހެންނެވެ. އަހަރެން އައި ރުޅިން އާހިލްގެ ކެބިނއަށް، ބާރުލާފައި ދިޔައީމެެ. ދޮރު ހުޅުވުމާއި އެކު އަހަރެން ޖެހުނީ ހޫނު ކޮފީތައްޓެއް ގިރައިގެން ހުރި އާހިލަގެ ގައިގައެވެ. ޖެހުމާއި އެކު ކޮފީތަށި އާހިލްގެ ގެޔަށް ބަންޑުންވިއެވެ. ހޫނުވި ވަރުން ވަގުތުން އާހިލް އޭނާ ލައިގެން ހުރި ގަމީސް ބާލާ އެއްލާލިއެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ރަނގަޅަށް ވިއްޔާ އާހިލްގެ މޭމަތި އޮންނާނީ ކޮންމެސް ވަރަކަށް ފިހިފައެވެ. އަހަރެން އަވަހަށް ގޮސް މޭޒުމަތީގައި ހުރި ޓިޝޫ ބޮނޑިން ޓިޝުލެއް ހިފައިގެން އައިސް އާހިލްގެ މޭމަތި ފޮހެދޭން ފެށީމެވެ. ހީކުރި ގޮތާއި ހިލާފަށް އާހިލް އެއްޗެކޭ ނުބުނެ މަޑުން ހުރީއެވެ. އޭނާގެ މޭމަތި އޮތީ ކުޑަކޮށް ފިހިފައެވެ. ބޭސް އުނގުޅާލަނިކޮށް ދެތިން ދުވަހެއްގެ ތެރޭގައި ރަނގަޅު ވެދާނެއެވެ. ނަމަވެސް އަހަރެން އަތުން އެވަރު ކަމެއް ވުމުން އަހަރެން ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އާހިލް އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ސިއްސައިގެން ގޮސްފައި އޭނާގެ މޫނަށް ބަލައިލީމެވެ.
“މިހާރު ވެއްޖެ އޭ” އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް އެހެންޔާ އޭނާގެ އަޑުގައި ހުންނަ ހަރުކަށިކަން އެވަގުތު ނެތްކަން ފާހަގަވިއެވެ. ހަމަ އެވަގުތެވެ. ދޮރުގައި ކުޑަ ޓަތްކެއް ޖެހުމަށްފަހު މީހަކު ވަން އަޑު އިވުނެވެ. އަހަންނަށާއި އާހިލްއަށް އެއްފަހަރާއި ދޮރާއި ދިމާލަށް ބަލާލެވުނެވެ. ދޮރުން ވަދެގެގެން އައީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާގެ ފަހަތުން ވަނީ އަލީނާއެވެ. ދެމީހުން ވެސް ތިބީ ދެލޯ ބޮޑުކޮށްގެން އަހަރެމެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
އަހަރެމެންނަށް އެއްޗެއް ރެޔަކާލީ ދެނެވެ. އާހިލް ހުރީ ހުސްގަޔާއެވެ. އާހިލްގެ މޭމަތި ސާފު ކުރަމުންދިޔަ އަހަރެންގެ އަތުގައި އާހިލް ހުރީ ހިފެހެއްޓި ގޮތަށް އަދިވެސް ދޫ ނުކޮށްލައެވެ. ފެންނަ މީހަކަށް ކޮންމެފަދަ އެއްޗެއް ވެސް ހީވެދާނެއެވެ. އަހަރެން ވަގުތުން އާހިލްގެ އަތް ފޮޅުވާލާފައި ދުރަށް ޖެހިލީމެވެ.
އަލީނާ އާއި އޭނާއާއި އެކީގައި އައި މީހާ އަދިވެސް ތިބީ ޝޮކެއްގައެވެ. އެވަގުތު އާހިލް ބޯއަރިކޮށާފައި ތެޅިފައި އޮތް ކޮފީ ޖޯޑު ދައްކައިލިއެވެ. އާހިލްގެ ފިހިފައި އޮތް މޭމަތި ވެސް އެމީހުންނަށް ފެނުނީ ދެނެވެ.
“ބޮޑުބެ ކަމަކުތަ؟” އާހިލް އެ ފިރިހެން މީހާއަށް ބުމައެއް އަރުވާލަމުން އެހިއެވެ.
“ނޫން މާބޮޑު ކަމަކު ނޫން. ކުޑަ ކަމަކު މިތާ ކައިރި ހުރި ފިހާރައަށް އަށް ގޮސްލާފަ ހިތަށް އެރީ އާހިލް ކައިރިއަށް އައިސްލާފަ އޭ ދާނީ. މީ ކޮން ކުއްޖެއްތަ؟” އެމީހާ އަހަންނަށް އިޝާރާތްކޮށް އެހިއެވެ.
“މިއީ އޮފީހުގައި މަސައްކަތް ކުރާ ކުއްޖެއް”
“މިއީ ދޮންބެގެ ގާލްފުރެންޑު”
އާހިލް އާއި އަލީނާ އެއްފަހަރާ ބުނެލިއެވެ. އަހަންނަށާއި އާހިލްއަށް އެއްްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އަހަރެން ހަނދާން ވެސް ނެތުނީއެވެ. އަދިވެސް އަލީނާ ހީކުރަނީ އަހަރެން މިއީ އާހިލްގެ ލޯބިވެރިޔާ ކަމަށެވެ. އާހިލްގެ ބޮޑު ބޭބެ ގާތަށް މިފަހަރު އައީ ހިންޏެވެ. ނަމަވެސް އެކަން ނުދައްކާން އަނގަމަތީ އަތް އަޅާލިތަން ދެކުނީމެވެ.
“ދައްތަ ކައިރި ބުނީމަ ވަރަށް އުފާ ވާނެ” ބޮޑުބޭބެ ލާނެއް ގޮތަކަށް ހީނލައިގެން ހުރެ ބުންޏެވެެ. އަހަރެން ވަގުތުން އެއީ ދޮގެކޭ ބުނަން އަނގަ ހުޅުވައިލީމެވެ. ނަމަވެސް އާހިލް އަހަރެންގެ އަތުގައި ހިފާ، އޭނަ އާއި ކައިރިއަށް ދަމާލަމުންް
” އާނ މަންމަ ވަރަށް އުފާ ވާނެ” އޭ ބުންޏެވެ. އަނެއްކައި ވެސް އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. ނަމަވެސް އާހިލް ކުރީ އަހަރެންގެ ހިފަހައްޓާފައި އޮތް އަތަށް ބާރެވެ. ދެން އަހަރެން އާހިލްގެ އަތް ފޮޅުވާލަން ގަދަ ހަދައިލީމެވެ. ނަމަވެސް އާހިލް އަހަންނަށް ކަޅި އަޅައިލީ މިތަނުގައި މަޑުން ހުންނާށޭ ބުނާކަހަލަ ގޮތަކަށެވެ. އަލީނާ މެންނަށް އެކަން ފާހަގަ ވި ހެނެއްް ހިޔެއް ނުވެއެވެ. އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނުވާ ވެސް އޮޅިފައެވެ. އަހަރެން ހީކުރީ އެދުވަހު ދިޔަ ޕާޓީއާއި ހިސާބުން އެ ކުޅިވަރު ނިމުނީ ކަމަށެވެ. ނަމަވެސް އާހިލް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި ތަނަށް ބާރަށް ފިތައިލިއެވެ. އަދި އަހަންނާއި ދިމާލަށް ބަލައިލީ އޮފީހުގައި ވެސް ހުންނަ އަމުރުވެރި ގޮތަށެވެ. އެހިސާބުން އަހަންނަށް ވިސްނުނީ ކޮންމެ ގޮތެއް ހަދާފައި ވެސް މި ޑުރާމާ ކުޅެން ޖެހިއްޖެ ކަމެވެ.
އަނެއްކާ ވެސް ދޮރުގައި މީހަކު ޓަކިޖަހާ އަޑަށް ހަތަރު މީހުން އެއްފަހަރާ ބަލައިލީމެވެ. މިފަހަރު ދޮރުން ވަދެގެން އައީ އަންހެނެކެވެ. އެއީ ކުރިން އަހަރެން ދެކުނު މީހަކާ ވައްތަރެެވެ. ކޮންތާކުން ކަމެއް ހަނދާނެއް ނުވެއެވެ. އަހަންނާއި އާހިލް ތިބި ގޮތް ފެނުނުހައި އިރަށް އެމީހާ ކައިރިއަށް ވެސް ހިނި އައެވެ. އަހަރެން ހުރީ ލަދުން މޫނު ރަތްވެފައެވެ. ހުސްގަޔާ ހުރި އާހިލް އާއި އެހާ ކަރި ހުންނަން ޖެހުމުން ފައި ތުރުތުރުލާ ކަހަލަ ގޮތެއް ވެސް ވިއެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް އަހަރެން ހުރީ އާހިލްދެކެ ރުޅި އައިސްފައެވެ. ޕާޓީ އާއި ހިސާބުން ނިންމާލި ޑުރާމާ އަނެއްކާ ކުޅެން މިފެށީ ކީއްކުރަން ހެއްޔެވެ؟
“މިއީ އަހަރެންގެ ބޮޑުދައިތަ. ބޮއްތާ، މިއީ އީޝާ. މައި ގާލްފުރެންޑު” އާހިލް ރީތި ހިނިތުންވުމަކާއި އެކު އަހަރެމެން ދެމީހުން ތައާރަފްު ކޮށްދިނެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފުރަގަހުގައި ކޮންމެވެސް ނުބައި ރޭވުމެއް އޮތްކަން އަހަންނަށް އިނގެއެވެ.
“ލޯބި ކުއްޖެޖޭ ދޯ” އަހަންނަށް ބަލާލަމުން އާހިލްގެ ބޮއްތަ ބުނެލިއެވެ.
“ދޯ” އާހިލް ވެސް ލާނެއް ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެން ލުއި ހިނިތުންވުމެއް ރައްދު ކުރީމެވެ. ނަމަވެސް އެތެރެއިން އަހަރެން ހުރީ ރުޅިއައިސްގެން އަނދައަނދައެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާއަށް މިވަރުގެ ކަމެއް ކޮށްދޭ އިރު ވެސް އަދި އަހަންނަށް ކުރަނީ މަލާމަތް ހެއްޔެވެ. އަދި ޕުރޮޖެކްޓުގެ ކަންތަކާ ހާސްވެގެން މިތަނަށް އައި އިރަށް މިޖެހުނީ ކޮންކަހަލަ ކަސޯޓީ ޑުރާމާއެއް ކުޅެން ހެއްޔެވެ؟
“އާހިލް، މިއީ އޭ ބޮއްތަ ބުނި ކުއްޖަކީ” އަހަންނަށް އިޝާރާތް ކުރަމުން ވަރަށް އުފާވެލާފައި ބޮއްތަ ބުންޏެވެ. އަހަންނަކަށް އެބުނި އެއްޗެއް ފަހުމެއް ނުވިއެވެ. އާހިލްގެ ބޮއްތައަށް އަހަރެން އިނގެނީ ކިހިނެތް ހެއްޔެވެ؟ ކޮންތާކުން ހެއްޔެވެ؟ “އޯ ވާވު” އަލީނާ ވެސް ބޮއްތަ އެހެން ބުނުމުން އުފަލުން ބުންޏެވެ. އާހިލް ވެސް އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާފައި އޮތް ތަނަށް ދުލެއް ދިނެެވެ. ނަމަވެސް މިފަހަރު އަހަރެން ދާކަށެއް ނޫޅެމެވެ. އެއަށްވުރެ ބޮޑު ސަމާލުކަމެއް އަހަންނަށް ދެވުނީ އާހިލްއަށެވެ. އޭނާ އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ތަފާތު ގޮތަކަށެވެ. އޭނާގެ ލޮލުން އަހަންނަށް ފެނުނީ މީގެ ކުރިން ފެނިފައި ނުވާ މަންޒަރެކެވެ. ނަމަވެސް އޭގެ މާނަ ދޭހަ ކުރާކަށް އަހަންނަކަށް ނޭނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Oooo eeee yayyyyy varah fakka salhi vaahaka eh mi kiyaalevuny!!!!
Keep it up! You r a talented author👏👏👏
Mi part kiyaalaafa mulhi story mi kiyaalee masterpiece eh kameh neyngi!!
I loved it a lottt!!!
When next??
Alheyy aahil is too romm!!!
Eesh is just perfect for him
Lyyyssssmm💗💗💗💗
Can’t wait for the next?
Haadha zamaaneh kollaafaey 15th vana bai kiyaaalan milibunii… Varah inthixaaru kurevun … Hihi