އެވަގުތު މީޓިން ރޫމުގެ ދޮރު ހުޅުވާލާފައި ވަން މީހާ ފެނިފައި ސާރާގެ ވާހަކަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. ފުރިހަމަ ކުރާކަށް ނުވެސް ޖެހުނެވެ. އަހަންނަށް އަހަރެންގެ ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. އެއާއި އެކު މުޅި މީހާ ހާސްކަށްޓަށް އަރައިފިއެވެ.
މީޓިން ފެށިގެން ކުރިއަށް ދަނީއެވެ. ފަހަރަކު މީހަކު ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އިނީ އިސްޖަހާލިގޮތަށް މީހަކާއި ދިމަ ބަލާލަން ވެސް ނުކެރިފައެވެ. މީޓިންގައި ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް އަހަންނަކަށް ސަމާލުކަމެއް ނުދެވުނެވެ. އަހަންނަށް ވިސްނުނީ އެންމެ ކަމަކާއި ދޭތެރޭގައެވެ. އާހިލް އެވެ. އާހިލްއަކީ ކުންފުނީގެ ވެރިމީހާއެވެ. އަހަންނަށް އެކަން ނޭނގި އާހިލް އާއި ދިމާލަށް ކިޔުނު އެއްޗެހި ހަނދާންވެފައި ލަދުގަތެވެ. ބިރު ވެސް ގަތެވެ. ވަޒީފާގެ ދެވަނަ ދުވަހު އަހަރެން ވަޒީފާއިން ވަކިކުރާނެކަން ޔަގީނެވެ.
މީޓިން ނިމުމުން އެންމެން ތެދުވެ ދޮރުން ނިކުންނަން ހިނގައިގަތެވެ. އަހަރެން ވެސް ސާރާ ފަހަތުން ހިނގައިގަތީ އަވަހަށް އާހިލްގެ ކުރިމަތިން ދުރަށް ދެވޭތޯއެވެ.
“އީޝާ މަޑުކޮށްބަލަ.” އަހަރެން ހަމަ ދޮރާ އަރާ ހަމަވި ވަގުތު އާހިލް ބުންޏެވެ. އަހަރެން ހުރި ފިޔަވަޅުމައްޗައް ހުއްޓުނީމެވެ.
“ހަތްވަނަ ފުލޯއިން، އަހަރެންގެ އޮފީހުން ބައްދަލު ކުރޭ. ފަސް މިނެޓު ތެރޭގައި އަންނާތި” އެހެން ބުނުމަށްފަހު މީޓިން ރޫމުން ނިކުމެ އޭނާ ހިނގައިގަތެވެ. އަހަރެން ސާރާގެ މޫނަށް ބަލައިލީ އަހަންނަށް އެހީވެދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ސާރާ އަހަރެންގެ ބުރަކަށީގައި އަޅައި، ލިފްޓާއި ދިމާލަށް ކޮށްޕާކުމަށްފަހު އަވަހަށް ދާށޭ ބުންޏެވެ. އަހަރެން މޫނަށް ވައްތަރެއް ޖައްސާލަމުން ލިފްޓަށް އެރީމެވެ.
ހަތްވަނަ ފުލޯއަށް ލިފްޓުގެ ދޮރު ހުޅުވުނުއިރު އަހަރެން ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ވަޒީފާ ގެއްލުނު ވާހަކަ މަންމަ ކައިރި ބުނާނެ ގޮތެއް ބޮލުތެރޭގައި ރާވަން ފެށީމެވެ. މިހާރުވެސް މާލޭގައި އެކަނި އުޅޭތީ މަންމަމެން ތިބެނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ވަޒީފާއިން ވަކި ކުރިކަން މަންމައަށް އިނގިއްޖެނަމަ ވަގުތުން ރަށަށް ގެންދާނެއެވެ. މިހާރު ވެސް މާލޭގައި މި އުޅެނީ ވަޒީފާގެ ބަހަނާގައެވެ. ޗުއްޓީއަކަށް ނުދާތާ ވެސް ދެ އަހަރު ވެދާނެއެވެ. އެންމެ ފަހުން ޗުއްޓީއަށް ދިޔަ ފަހަރު މަންމަމެން ތިބީ ރަށު އޮފީހުގައި އުޅޭ ކައުންސިލަރަކާއި އަހަރެންގެ ކައިވެނި ކުރުވަން އަތުކުރި އޮޅާލައިގެންނެވެ. އޭގެ ކުރިން، އަތޮޅު މަދަރުސާއިން އޭލެވެލް ނިންމާފައި ރަށަށް ބަދަލުވިތަނާ އަހަންނަށް ދެއްކީ ބޮޑު ފިހާރަ ސޭޓު، އުމަރުބޭގެ ދަރިފުޅެވެ. އަހަރެން ހަތަރެސްފައިން ނޫނެކޭ ކިޔަމުން އަވަހަށް ބެލީ ކޮލެޖުގެ ބަހަނާގައި މާލެ ބަދަލު ވެވޭތޯއެވެ.
އަހަރެން ބޭނުންވީ މޮޅަށް ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. މީހަކާއި އިންނާކަށް އަދި އަހަރެން ހިތު ވެސް ނުލަމެވެ. ނަމަވެސް މިފަހަރު މިއީ އަހަރެންގެ ހަތިޔާރު ބަހައްޓަން ޖެހޭނެ ފަހަރެވެ. ރަށަށް ދާތަނުން އަހަންނާއި ކައިވެނި ކުރަން ދައްކާނެހެން ހީވާ މީހުންގެ ލިސްޓެއް ބޮލުތެރޭގައި ހަދައިލީމެވެ. އަނގަޔަށް ހޮޑު ނައީ ކިރިޔާއެވެ. އަހަރެން ރަށުން އެކަކާއި ވެސް އިންނާކަށް ބޭނުމެއް ނޫނެވެ. ރަށުގައި ގިނައީ ބައްޕަ ދިނީމައި ކާލައިގެން ބޯލައިގެން ލާޗާރު ބިޗާރަށް އުޅޭ މީހުންނެވެ. އެއިން މީހަކާ ވައި ވެސް އެޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އަހަރެންގެ މި ވަޒީފާ ސަލާމަތް ކުރަން އެބަ ޖެހެއެވެ.
ކަރު ކެހިލުމަށް ފަހު ފުން ނޭވައެއް ދޫކޮށްލީމެވެ. އަދި ހަށިގަނޑު ސީދާ ކޮށއލުމަށްފަހު އާހިލްގެ ކެބިންގައި ޓަކި ޖަހާލީމެވެ. އެތެރެއިން އޭނާގެ ޖަވާބު ލިބުމުން އަހަރެން ދޮރު ހުޅުވާލާފައި ވަނީމެވެ. އަފި އޭނާ އާއި ކުރިމަތި ވާގޮތަށް މޭޒުގެ އަނެއް ފަޅީގައި އިން ގޮނޑީގައި އިށީނީމެވެ. އާހިލް އަނގައިން އެކައްޗެކޭވެސް ނުބުނެ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. މޫނުމަތީގެ އެއްވެސް ކުލަވަރެއް ނެތެވެ. ވާން އުޅެގަޮތް އަހަންނަށް ވަރަށް ރަނގަޅަށް އެބަ ވިސްނެއެވެ. އެހެންކަމުމް އޭނާ އެއްޗެކޭ ބުންނަން ވާއިރަށް އަހަރެން ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ. “އާހިލް..”
“ބޮސް. އަހަރެން މިއީ އީޝާގެ ބޮސް” ހަރުކަށި އަޑަކުން އޭނާ ބުންޏެވެ. އަހަރެން ވަގުތުން އަނގަ ބަންދުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާ.ވެސް ވާހަކަ ދައްކަން ވެށީމެވެ.
“ބޮސް.. އަހަންނަށް އިނގޭ އިއްޔެގަ އަހަންނަށް އުޅެވުނީ އެންމެ ރަނގަޅަށް ނޫންކަން. ހަމަ ހުވާ ކޮށްފައި މި ބުނަނީ، އަހަންނަކަށް އޭރު ނޭނގެ ތިއީ އަހަރެންގެ ބޮސް ކަމެއް..” އަހަރެން ޖެހިލުން ވެފައި އިނދެގެން ވާހަކަ ދެއްކީމެވެ. ” ވަރަށް ބޮޑަށް ސޮރީ. މިފަހަރު އަހަންނަށް އެއްވެސް ފިޔަވަޅެއް ނާޅަ ދޫކޮށްލާ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ނުވާނެ.” އަހަރެެން ތުރު ތުރު އަޅަމުން ދިޔަ އަޑަކާއި އެކު ވާހަކަ ދައްކަމުން ދިޔައީމެވެ.
“އެންމެ ރަނގަޅު. އެކަމަކު ޝަރުތެއްގެ މަތިން.” މިހެން ބުނުމަށްފަހު އޭނާ، މޭޒުމަތީގައި ބެހެއްޓީ ކަޅުކުލައިގެ ކުޑަ ފޮށްޓެކެވެ.
**
“އީޝް ހާދަ ބާރަކަށަ ތިދަނީ. މަޑު ކޮށްބަލަ” އަހަންނާއި ތަންކޮޅެއް ދުރުން ޒީކްގެ އަޑު އިވުނެވެ. ނަމަވެސް އަހަންނަށް ވިސްނެމުން ދިޔައީ މިއަދު އޮފީހުގައި އާހިލް ކުރި ޝަރުތާއި ދޭތެރޭގައެވެ.
އާހިލް ނެގި ފޮށި ހުޅުވައި އަހަންނަށް ދައްކައިލިއެވެ. “މިއީ ޅަދަރިމައި މީހުންނަށް އަމާޒުކޮށް އަހަރެމެން އުފެއްދި އެއްޗެއް. މިއީ ދިވެހި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ‘ސްމާޓު ވޮޗް’. މިދިޔަ ތިން އަހަރުން ތެރޭގައި މީތި ލޯންޗު ކުރަން ވަރަށް މަސަތްކަތް ކޮށްފިން. އެކަމަކު ކޮންމެ ފަހަރަކު ވެސް އިންވެސްޓަރުން ނުލިބިގެން މި މަސަތްކަތަށް ހުރަސް އެޅެނީ.”
ބަލާބެލުމަށް އެއީ އާދައިގެ އަތުކުރި ގަޑިއެކެެވެ. ނަމަވެސް އާހިލް ކިޔައިދިން ގޮތުގައި އެގަޑިއަކީ އާދައިގެ ގަޑިތަކާއި މުޅިން ތަފާ#ތު ގަޑިއެކެވެ. އާދައިގެ ސްމާޓް ވޮޗްތަށް ފަދައިން އެއީ މެސެޖްތަކާއި ކެލަރީތައް ދައްކާ އެއްޗެއް ނޫނެވެ. އެއީ މައްސަލައެއް ދިމާވާ ހިނދު އިންޒާރުދޭ، ތިބާ ދުރުގައި ވާއިރު ހިތްހަމަޖެހުން ގެނެސްދޭ، އަދި ތިބާއަށް ނުބެލެހެއްޓޭ ހިނދު ބަލަހައްޓައިދޭ އެއްޗެކެވެ. އެއީ ހަމައެކަނި މައިންނަށް ޚާއްޞަ އެއްޗެއް ނޫނެވެ. އެ ކު2ޑަކުޑަ އެއްޗަކީ ހަމަ އާދައިގެ ގޮތަކަށް ފަރުމާކުރެވިފައިވާ ފުރާނައިގެ ވަސީލަތެކެވެ. އެއީ ކުޑަކުދިންގެ ކުޑަކުޑަ އަތުގައި ނުވަތަ ފައިގައި އަޅުވާލެވޭ، އަދި ކުއްޖާގެ ކޮންމެ ނޭވައެއް، ކޮންމެ ހަރަކާތެއް، ކޮންމެ ހިތްވިދުމެއް ބަލަހައްޓާ އެއްޗެކެވެ.
“އީޝާ!!” އަހަރެން ސިއްސައިގެން ފަހަތުން ޒީކު އައިސް އަހަރެންގެ އަތުގައި ހިފާފައި މަޑުކުރުވުމުންނެވެ. އަހަރެން ދުވަމުންދިޔަ ބާރުމިން އަހަންނަށް ރެޔަކާލީ ދެނެވެ.
“އޭ ސޮރީ. މާ ބާރަށް ދޯ މި ދުވެވެނީ” އަހަރެން ބުނީމެވެ. ޒީކް ހިނިގަނޑެއް ޖަހާލާފައި އާނއެކޭ ބުންޏެވެ. އެހިސާބުން އެ ދުވަހުގެ ދުވުން ނިންމާލާފައި ދެމީހުން އެތަނުގައި ހުރި ބެނޗެއްގައި އިށީނީމެވެ. ނަމަވެސް ޒީކްއަށް ފޯނެއް އައިސްގެން އޭނާ ކުއްލިއަކަށް ގެއަށް ދާން ޖެހުނެވެ. އިރުކޮޅަކުން ގެއަށް ދާން ހިތުލައިގެން އަހަރެ ް އެ ބެންޗުގައި އިނީ ވަދުވބަލިފިލުވާލަންށެވެ. ނަމަވެސް އަދިވެސް އަހަރެންގެ ބޮލުތެރޭގައި އެނބުރެނީ އާހިލްގެ ހުށަހެޅުމެވެ.
“އަހަރެން ބޭނުމީ މި ޕުރޮޖެކްޓު އަލުން ފަށަން.މި ގަޑި ކާމިޔާބު ކަމާއި އެކު ލޯންޗު ކޮށްފައި ސާބިތު ކޮށްދީ، ތިއީ މި އޮފީހުގައި މަސަތްކަތް ކުރުމުގެ ގާބިލުކަން ހުރި މީހެއްކަން. ފަސް މީހުންގެ ޓީމަކާއި މަސައްކަތް ކުރަން ވަކިން ކެބިން އެއް ލިބޭނެ. އިތުރު އެއްވެސް އެހީއެއް ބޭނުންވާނަމަ އެކަމެއްވެސް އަހަރެން ކޮށްދޭނަން. 6 މަސްދުވަސް މި ދެނީ. އެއްބަސްތަ؟ ވިސްނާލާފައި، މާދަމާ އޮފީސް ނިމުމުގެ ކުރިން އަހަންނަށް ޖަވާބެއްދީ” އާހިލްގެ ގެ ޖުމުލަތައް އަހަރެންގެ ބޮލުތެރޭގައި ބުމަރެއްހެން އެނބުރެމުންދިޔައެވެ. އޭނާ އެ ސުވާލު އުފެއްދީ އަހަރެންގެ ގާބިލިއްޔަތާ މެދުއެވެ. އެކަމުގައި ވިސްނާނެ އެއްޗެއް ނެތެވެ. 3 އަހަރު ދުވަހުން ނުވި ކަމެއް 6 މަސް ދުވަސް ތެރޭގައި އަހަރެން ކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެނގޭ އެއްޗަކީ އަހަރެން ފަހަތަކަށް ނުޖެހޭނަންކަމެވެ.
ބައިގަޑިއިރެއްހާއިރު އެތަނުގައި އިނުމަށްފަހު އަހަރެން ބަސް ސުްޓޮޕާއިދިމާލަށް ހިނގައގަތް އިރު މަޣްރިބު ބަންގި ގޮވައެވެ. އޭރު އިރުގެ އަލިކަން ކެނޑި ނިޔެމައްޗައް އަނދިރިވާން ފަށައިފިއެވެ.
“އާ..” އަހަރެންގެ ކަންފަތުގައި ޖެހުނީ ވޭނީ ކުކުރުމެއްގެ އަޑެވެ. އަހަރެން ހުރި ފިޔަވަޅު ައްޗަށް ހުޓުނީމެވެ.
“އާ..” އަނެއްކާ ވެސް އެ އަޑު އިވުނެވެ. އަޑު އައީ އެތަނުގައި ހުރި މާ ގަސްތަކެއްގެ ބިއްދޮށުންނެވެ. އަހަރެން މަޑު މަޑުން ގޮސް އެތަން ބަލައިލީމދެވެ. އަސްތާއެވެ. އަނގަވަތަށް ވެޓިފައި އެ އޮތީ ދެބައި އުމުރުގެ އަންހެނެކެވެ. ވެޓިފައި މޫނު ޖެހުނު ގޮތަކުން ކަންނޭނގެއެވެ. މޫނުން ވަނީ ލޭ ހިލިފައެވެ. އަހަރެން ދުވަފެއި ގޮސް އެ މީހާ ނެގޭތޯ މަސަތްކަތް ކުރީމެވެ. ނަމަވެސް އަހަންނަށް ނެގޭ ގޮތެއް ނުވިއެވެ. އަވަހަށް ފޯނު ނަގައި އަހަރެން އެންބިއުލޭންސަށް ގުޅީމެވެ.
ވިހި ވަރަކަށް މިނެޓު ތެރޭގައި އެންބިއުލޭންސު އައެވެ. އަހަރެން އެމީހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީމެވެ. އެމަޖެންސީ ރޫމަށް އެ މީހާ ވެއްދުމުން، ބިންމަތިން ފެނުނު އެމީހާގެ ފޯނު ހޮސްޕިޓަލާއި ހަވާލު ކުރުމަށްފަހު ބޭރުގައި ހުރި ގޮނޑިބަރީގައި އަހަރެން އިށީނީމެވެ.
އިރުކޮޅެއް ފަހުން އެ މީހާ އެމަޖެންސީ ކޮޓަރިން ނެރެ، ވޯޑަށް ބަދަލު ކުރިއެވެ. އަހަރެން އެ މީހާގެ ހާކު ބަލާލަން އެތެރެއަށް ވަނީމެވެ. އަހަރެން ފެނުމާއެކު އެމީހާ ހިނިތުންވެލާފައި “ޝުކުރިއްޔާ” އޭ ބުނެލިއެވެ. އަހަރެން ވެސް ރައްދުގައި ހީނލީމެވެ. އެވަގުތު، ހޮސްޕިޓަލުން އަންގައިގެން އެމީހާގެ އާއިލާގެ ފަރާތުން ބަޔަކު އައެވެ. އަންހެނަކާއި ފިރިހެނެކެވެ. އަހަރެން ފެނުމުން އެމީހުން ވެސް ފަށް ފަށުން ޝުކުރު އަދާ ކުރިއެވެ. އެއީ އެވަރު ކަމެއް ނޫނޭ ބުނުމަށް ފަހު އަހަރެން ހިނގައިގަތީ ހޮސްޕިޓަލުން ނިކުންނަންށެވެ.
އަހަރެން ހޮސްޕިޓަލުގެ ދޮރުން ނިކުންނަން ދިޔަ ވަގުތު އެތަނުގައި ހުރި ގޮނޑިބަރިއެއްގައި ޖެހިފައި ފައި ފުރޮޅާލިއެވެ. ބިންމައްޗަށް ވެއްޓެން ދާހެން ހީވުމުން ބޭއިހުތިޔާތުގައި ލޯމަރާ، ހަޅޭލަވައި ގަނެވުނެވެ. ނަމަވެސް އަހަރެން ވެއްޓުމުގެ ކުރިން މީހަކު އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ވަގުތުން ލޯ ހުޅުވައިލީމެވެ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރީ އާހިލްއެވެ. އޭނާ އަހަންނާއި ދިމަ ބަލަހައްޓައިގެން ހުރީ، ތިޔައީ މޮޔައެއްހޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު ހޮސްޕިޓަލުގައި ތިބި މީހުން ވެސް އަހަރެންނާއި ދިމާލަށް ބަބަލާފާ ހެނީއެވެ. ރިސެޕްޝަނުގައި އިން ކުއްޖާ ވެސް އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ.
އާހިލް އަހަރެން އަތުން ދޫކޮށްލުމަށްފަހު، ދެބުމަ ގޮށްޖަހާލާފައި އަނގައިން ވެސް ނުބުނެ ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އަހަރެންވެސް އަވަހަށް އެތަނުން ނިކުންނަން ހިނގައިގަތީމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vrh dhigu inthizaarakah fahu annehkaa ves mi vhk kiyaalan libunyma vrh ufaa vejje.
Unmeedhukuran dhen ehaa delay nuve vhk kiyaalan libeyne kamah