
އަނިޔާ.. 20 ވަނަ ބައި
“ފާތިމަތު ޝާމާ ކިޑްނެޕް ކުރިކަމަށް ކުރެވޭ ތުހުމަތަކަށް މިގެންދަނީ” އަހރެންގެ އަތް ފުރަހަށް ލަމުން ބިޑި އަޅުވަމުން އެމީހާ ބުނެލިއެވެ. އޭރު މަންޒަރު ބަލަން އެތަނަށް މީހުން އެއްވަމުން ދިޔައެވެ. “ވަޓް” އަހަރެންނަށް ހައިރާން ކަމާއި އެކު ބުނެވުނެވެ.
ދެވަނަ ޕޮލިސްމީހާ އަހަރެންގެ އަތުގައި ހިފާފައި ނެގިއެވެ. “ދެންވެސް ބުނީމަ ބުނާގޮތް ހަދާނީ” އަހަރެން އަތަށް ދަމަމުން ގެންގޮސް ވޭނަށް ލިއެވެ. ވައްޓާލުމުން އަހަރެންގެ މޫނު މައްޗަށް ތަދުވެގެން ދިޔައެވެ. ފައިގަވެސް ރިއްސަމުން ދިޔައެވެ. އަހަރެންގެ އެތެރޭގައި ހުރި ރުޅި ހީވަނީ ފަޅާފައި ނިކުންނަން އުޅޭހެންނެވެ. މިމީހުންނަށް އަހަރެންގެ އަތުން ކަމެއް ނުކުރެވުނީ މިމީހުން ޔުނީފޯމްގައި ތިބިމައެވެ. އެހެން ނޫންނަމަ އަހަރެންގެ އަތުން މިމީހުންނަށް އަނިޔާއެއް ވީހެވެ. ވޭނުގައި އަހރެން އިނީ ނުލާހިކު މަޑުންނެވެ. ވޭން މަޑުކޮއްލީ އަތޮޅުވެހި ކައިރިއަށެވެ. އެތަނަށް މަޑުކޮއްލުމަށްފަހު ދެމީހުން އަހަރެން ގެންގޮސްލީ ހޯލްޑިން ސެލްއަކަށެވެ. އަދި އަހރެންގެ ފުރަގަހަށް ވާގޮތެއް އަޅުވާފައި އިން ބިޑި ނައްޓާލުމަށްފަހު ކުރިމައްޗަށް ވާގޮތަށް ބިޑި އެޅުވިއެވެ. އަދި އެތަނުގައި އިން ގޮޑިއެއްގައި ބޭއްދުމަށްފަހު އެދެމީހުން އެތަނުން ނިކުތެވެ. އެތަނުގައި އިނީ މޭޒަކާއި ދެގޮޑިއެވެ. އަހަރެންނަށް ފުންކޮށް ނޭވާއެއް ލެވުނެވެ. މިޖެހުނީ ދެން ކިހާ ބޮޑު ކަމެއް ހެއްޔެވެ. މިކަމުން ސަލާމަތް ވާނެ އިރެއްވެސް ނޭނގެއެވެ. އަހަރެން ކިތައްމެ މަސައްކަތް ކުރިޔަސް އަހަރެންގެ ރުޅި އެއީ މިހާރު އަހަރެންނަށް ގިނަ ފަހަރަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫނެކެވެ. އެހެންކަމުން އަހަރެން އެކަމާއިވެސް ބިރުގަނެއެވެ.
އަހަރެން އެތަނުގައި އިންނަތާ ފަސްވަރަކަށް މިނެޓް ފަހުން ދެޕޮލިހުން އެތެރެއަށް ވަނެވެ. އެކަކު އަތުގައި އޭފޯ ގަނޑަކާއި ގަލަމެއް އޮތެވެ. އަދި ކުޑަ ނޯޓް ފޮތެއްވެސް އޮތެވެ. އަނެއް މީހާ ދޮރު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ނޯޓްފޮތް ހިފައިގެން ހުރި މީހާ އަހަރެންގެ ކުރިމަތީގައި އިށީދެލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑުގެ ކޮއްކޮގެ ހަބަރެއް ވެއްޖެތޯ” އަހަރެން ވާހަކަ ދެއްކީ ވަރަށް ރީތިކޮށް މަޑުންނެވެ. އެމީހާ އަހަރެންނާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. އަދި އެހެން އިނުމަށްފަހު ނޯޓް ފޮތް ނަގާ ލިޔަން ރެޑިކޮއްލިއެވެ. “އާދަން ޝާމް މިތަނަށް މިގެނެވުނީ ފާތުމަތު ޝާމާ ގެއްލުމާއި ގުޅިގެން އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާލަން ވެގެން” އެމީހާ ބުނެލިއެވެ. އަހަރެން އެމީހާގެ ނަން ޓެގް ކޮޅަށް ބަލާލީމެވެ. އެމީހާއަށް ކިޔަނީ ޝަރީފްއެވެ. “ފާތުމަތު ޝާމާ އަކީ އަޅުގަނޑުގެ ކޮއްކޮ…” އަހަރެން ބުނެލީމެވެ. “ތިކަން އަހަރުމެންނަށް ނުލާހިކު ރަނގަޅަށް އެނގޭ… އެކަމަކު އަހަރުމެންނަށް ލިބިފައިވާ މައުލޫމާތެއްގައި ވަނީ ޝާމް ކޮއްކޮއަށް އިންޒާރު ދީފައިވާކަމަށް” ޝަރީފް ވާހަކަ ދެއްކިއެވެ. އަހަރެން ހައިރާން ކަމާއި އެކު ޝަރީފްގެ މޫނަށް ބަލާލީމެވެ. “ބުނެބަލަ އެގޮތަށް އިންޒާރެއް ނުދެންތަ” ޝަރީފް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު ކޮއްކޮދެކެ ނުލާހިކު ލޯބިވޭ… އެއީ އަޅުގަނޑުގެ ކޮއްކޮއޭ…” އަހަރެން މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ ރުޅިގަނޑު ބޭރުވިޔަ ނުދީ ވޭތޯއެވެ. “އެކަމަކު މަންޒަރު ފެނުނު މީހުންވެސް އެބަ އުޅޭ” ޝަރީފް ބުނެލިއެވެ. އަހަރެން ޝަރީފްގެ މޫނަށް ބަލާލީމެވެ. އަހަރެން މަޑުމަޑުން ދަތްޕިލަ ފިއްތާލީމެވެ. “މީގެ ތިންއަހަރު ކުރިން ޝާމް ބުނެބަލަ ކޮންތާކު އުޅުނީ” ޝަރީފް ސުވާލު ކުރިއެވެ. “ބައިވަރު ތަންތާގައި އުޅެން” އަހަރެން އެހެންދިމާލަކަށް ބަލާލަމުން ބުނެލީމެވެ. “ޝާމްގެ އާއިލާގައި ޖެހުނު މައްސަލައަކުންނުން ދޯ ގެއިން ނިކުތީ… އެދުވަހު ތިބުނާ ލޯބިވާ ކޮއްކޮއާއި ދިމާލަށް ބުނި އެއްޗެއް ހަނދާން އިބަހުރިތަ” ޝަރީފް ނޯޓުފޮތް ބަލާލަމުން ބުނެލިއެވެ. “ތިބުނީ ތިންއަހަރު ކުރިއޭ… އަހަރެންނަކީ ޝޮޓް ޓާމް މެމޮރީ ހުންނަ މީހެއް…” އަހަރެން ފަރުވާ ކުޑަރާގަކަށް ބުނެލީމެވެ. “ބުނީމެއްނުން ވިސްނައިގެން އުޅޭށޭ” ޝަރީފް ބުނެލިއެވެ. “ކޮންމެ މީހާކުވެސް އެމީހެއް ލޯބިވާ މީހަކާއި ދިމާލަށް ބަލައިގެން އުޅުމަށް ބުނާނެ…” އަހަރެން ހަމަ އެރާގުގައި ބުނީމެވެ. “އާ.. އެކަމަކު އެއީ ލޯބިވާ މީހެއް ނަމަތާ ދޯ… އެދުވަހު އެހެންބުނީ ރުޅިއައިސްގެންކަން މަށައް އެނގޭ” ޝަރީފް ބުނެލިއެވެ. އަހަރެންނަށް ކުއްލިއަކަށް ޝަރީފްއާއި ދިމާލަށް ބަލާލެވުނެވެ. ތިންއަހަރު ކުރިން އެވީ ކަންތައްތަކަކީ އަހަރެން ހަނދާން ކުރަން ބޭނުންވާ ކަންތައްތަކެއް ނޫނެކެވެ. އަދި އަމުދުން އެދުވަހު ގޭގައި ޖެހުނު މައްސަލަ އެއީ އަހަރެން އެއްވެސް ވަރަކަށް ހަނދާން ކުރަން ބޭނުންވާ ކަމެއް ނޫނެކެވެ.
“އޯކޭ އެދުވަހުގެ ކަންތައް ހަނދާން ނެތިއްޔާ އަޅާނުލާ… ބުނެބަލަ އިއްޔެ ހަވީރު ޝާމް އުޅުނީ ކޮންތާކު” ޝަރީފް މޭޒުމަތީގައި އަތްބާވާލަމުން ކުޑަކޮށް އަހރެންނާއި ކައިރިވެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ޝަރީފް އާއި ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. އަތްމުއްމަޅާލައިގެން އިން އިރު އަނެއް އަތުން އެއަތުގައި ހިފަހައްޓާލައިގެން އިނީ ވަރަށް ބާރަށެވެ. އަދި ދަތްޕިލަ ފިއްތާލީ ވަރަށް ބާރަށެވެ. ނަމަވެސް އެއްވެސް ވާހަކައެއް އަހަރެން ނުދައްކަމެވެ. “އިއްޔެ ހަވީރު އުޅެވުނު ތަނެއްވެސް ނޭނގޭތަ… އެހެންވިއްޏާ ބުނެބަލަ ރޭގަ ކޮންތާކު އުޅުނީ” އަނެއްކާވެސް ޝަރީފް ސުވާލު ކުރިއެވެ. އަހަރެން ހަމަ އިންގޮތަށް އިނީމެވެ. ޝަރީފްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “އަހަރެން މިހާ މަޑުން ސުވާލު ކުރާތީތަ އެއްވެސް އެއްޗެއް ނުބުނެ ތި އިންނަނީ…” ޝަރީފް ރުޅި އަންނަން ފެށިއެވެ. އަހަރެން އެއްކޮލުން ހިނިތުންވެލީމެވެ. “ބުނަން… ކަލޭ މާ ފާޑަކަށް ތި ބަލަނީ އަހަރެން ބިރު ގަންނާނެ ކަމަށްތަ… ކަލޭ މިތަނަށް މިގެންނައީ ކަލެއާއި މެދު ޝައްކު ވާތީ.. އެހެންވީމަ ރަނގަޅު ގޮތަކީ ކަލޭ ވާހަކަ ދައްކަން ފެއްޓުން.. ނޫނީ ރަނގަޅެއް ނުވާނެ” ޝަރީފް އަހަރެންނާއި އޭނަގެ މޫނު ކައިރިކޮއްލަމުން ބުނެލިއެވެ.
“ޝަރީފް އުޅެނީ މީހަކާއި އިނދެގެންތަ” އަހަރެން ބޭނުންވީ ޝަރީފް ރުޅިއަރުވާށެވެ. އޭރުން އަހަރެންނަށް ރުޅި ނައިސް އިދެވޭނެއެވެ. އަދި އެހެން ވާހަކައެއް ފެއްޓުމުން އަހަރެން ރުޅި އަންނަ ވަރުގެ ވާހަކައެއް އޭނައަކަށް ނުބުނެވޭނެއެވެ. ޝަރީފް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “މީހަކާއި އިނދެގެން ދޯ އުޅެނީ… އެނގޭތަ ރޭގަ އަންހެނުން އުޅުނީ ކޮންތާކު ކަން” އަހަރެން އެއްކޮލުން ހީލަމުން ވާހަކަ ދެއްކީމެވެ. އެވަގުތު ޝަރީފް ކުއްލިއަކަށް ތެދުވިއެވެ. “ކިހިނެއްވީ… އޭނަ އުޅުނުތަނެއްވެސް ނޭނގޭ ދޯ… އޭނަ އުޅުނުތަނެއް ނޭނގޭ އިރު އަހަރެން އުޅުނީ ކޮންތާކު ތޯ އަހަނީ ކީއްކުރަން… ލިބޭ ޖަވާބަކީ ޝަރީފް ހިތްހަމަޖެހޭ ޖަވާބެއް ކަމުގައި ނުވެދާނެ” އަހަރެން ހަމައެގޮތަށް އިނދެ ބުނެލީމެވެ. “ބުނަން ކަލޭ އަނގަ މަޑުކުރޭ.. އެހެން ނޫނީ” އަހަރެންގެ ޓީޝާޓްގައި ހިފާފައި ކުއްލިއަކަށް ކޮޅަށް ނަގަމުން ރުޅިވެރިކަމާއި އެކު ޝަރީފް ބުނެލިއެވެ. އަހަރެން އެވަގުތު ހީގަތީމެވެ. “ކަލޭ ދެންމެ އުޅުނީ އަހަރެން ވާހަކަ ނުދައްކައިގެން… އަހަރެންވެސް މީގެ ކުރިން ވާހަކަ ދެއްކީ ރީއްޗަށް… އެކަމަކު ކަލޭ” އަހަރެން އެހާ ހިސާބަށް ބުނުމާއި އެކު ޝަރީފް އަހަރެން ގޮޑިމައްޗަށް ޖެހިއެވެ. އެވަގުތު އަހަރެން އަނެއްކާވެސް ހީގަތީމެވެ.
“ޝާމާ އަކީ ޝާމްގެ ކޮއްކޮއަކަށް ވީމަ އޭނަ ވީތަނެއް ބުނެބަލަ” ޝަރީފް ގޮޑިން ތެދުވަމުން ހަމަޖެހުމަށްޓަކައި ދެތިން ނޭވާ ލުމަށްފަހު އަނެއްކާވެސް ބުނެލިއެވެ. “ކަލޭމެން އަބަދުވެސް މަސައްކަތް ކުރަނީ ތިގޮތަށްތަ” އަހަރެންވެސް ސުވާލެއް ކޮއްލީމެވެ. ޝަރީފް އަހަރެންނާއި ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “ތިގޮތަށް… ބަޔަކު މައްސަލައެއް ހުށައެޅީމަ ތިގޮތަށް ވަގުތު ބޭކާރު ކުރުން… އެއްވެސް ތާކުން ތާކު ޖެހޭގޮތަކަށް ނޫން… ކޮންމެވެސް ތާކުން މީހެއް ނެރި އޭނައާއި ސުވާލު ކުރަނީ.. މީގެ ފަނަރަ އަހަރު ކުރިން ވެފައި ހުރި ކަންތަކާއި ބެހޭގޮތުން… ދެން ބުނާނެ ތިމަންނަ މެން މަސައްކަތް އެބަ ކުރަމޭ” އަހަރެން ވާހަކަ ދެއްކީމެވެ. ޝަރީފް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ޝާމާ ވީތަން އަވަހަށް ބުނޭ” އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޝަރީފް އަނެއްކާވެސް ބުނެލިއެވެ. “ކަލޭމެން ތިގޮތަށް މަސައްކަތް ކޮށްގެން ކިތައް މައްސަލަތަ ނިމުނީ… ބުނެބަލަ” އަހަރެން ޝަރީފް އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އެއީ ކަލެއާއި ބެހޭކަމެއް ނޫން” ޝަރީފް ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ. “ކަލޭ ބުނާނީތަ ނޫނީ” “ކިހާދެރަކަމެއްތަ..އަހަރެންނަށް އެނގޭނަމަ ކޮއްކޮ ގެއްލިގެން އަހަރެންވެސް ނޫޅޭނެދޯ… ކަލޭމެން މަސައްކަތް ނުކުރާތާ އެހެން މީހަކު މަސައްކަތް ކުރިޔަ ދީބަލަ…. އަހަރެން ނެރެދީ… އޭރުން ކަލޭމެންނާއި ކޮއްކޮ ހޯދާކަން ނުޖައްސާނަން.. ހެޔޮނުވާނެ… އަހަރެން ކޮއްކޮ ހޯދަން ދޫކޮއްލަބަލަ” އަހަރެން ބުނީ ކިތައްމެ މަޑުން ކަމުގައި ވިޔަސް އަހަރެންވެސް ބުނީ ރުޅިވެރިކަމާއި އެކުގައެވެ.
“ކަލޭ ނުބުނަނީހެއް ދުލެއް ނުކުރާނަން… މިކަމުގައި ޝާމްގެ އަތެއް ވާކަން އަހަރުމެންނަށް އެނގޭ…” ޝަރީފް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީމެވެ. “ކަލޭގެ ތި އިސްޖަހާލުމުންވެސް އަހަރެންނަށް ޖަވާބު ލިބިއްޖެ… އެކަމަކު ކަލޭ ވާހަކަ ނުދައްކަނީހެއް ނުދެވޭނެ” ޝަރީފް ބުނެލިއެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. މުއް މަޅާ ބާރުކޮއްލެވުނެވެ. “އަހަރެންނަށް ހީވާ ވާހަކައެއް ބުނަންތަ… އަހަރެންނަށް ހީވަނީ ޝާމް ރޭގެ ކުރި ކަމެއްވެސް އަދި އިއްޔެ ހަވީރު ކުރި ކަމެއްވެސް ހަނދާން އެބަހުރިހެން… އަދި ކީއް.. މީގެ ތިންއަހަރު ކުރިން އެވީ ކަންތައްވެސް ހަނދާން އެބަހުރިކަން އަހަރެންނަށް ޔަގީން… ޝާމްއަށް އެންމެ ރަނގަޅު ކަމަކަށްވާނީ އަވަހަށް ވާހަކަ ދެއްކުން..” ޝަރީފް ބުނެލިއެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އަހަރެން އެވާހަކަތަށް ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން އިސްޖެހިގޮތަށް އިސްއުފުލާވެސް ނުލަމެވެ. ޝަރީފް ދިޔައީ އެކިގޮތްގޮތަށް އަހަރެންނަށް އުދަގޫކުރަމުންނެވެ. އަހަރެން ވާހަކަ ނުދެއްކުމުން ރުޅިގަދަވަމުން ދިޔައެވެ.
އަހަރެން ސިހިގެން ގޮސް ބަލާލީ ދޮރު ހުޅުވާފައި މީހަކު ވަނުމުންނެވެ. އެމީހަކު ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި ސުވާލު ކުރަން ހުރި ޝަރީފްއާއި ދިމާލަށް ބަލާލިއެވެ. “ސަރ” ފާރިޝް ފެނުމާއި އެކު ޝަރީފް އިހްތިރާމްއާއި އެކު ގޮވާލިއެވެ. “މިއީ ކޮންކަމެއް” އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ފާރިޝް އަހާލިއެވެ. “މިއީ ސަސްޕެކްޓް އަކީ ސަރ” ޝަރީފް ބުނެލިއެވެ. “މިއީ” އަހަރެންނާއި ދިމާލަށް އަނެއްކާވެސް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. “އެކަމަކު އޭނަ އަކީ ގެއްލިގެން އުޅޭ ކުއްޖާގެ ބޭބެއެއްނުން…” ފާރިޝް ހައިރާން ކަމާއިއެކު ބުނެލިއެވެ. “ލައްބަ… އެކަމަކު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަކުން މީނަ ހައްޔަރު ކުރެވުނީ.. މީނަ ވަނީ އޭނަގެ ކޮއްކޮއަށް އިންޒާރު ދީފައި” އަހަރެންނާއި ދިމާލަށް ބަލާލަމުން ޝަރީފް ބުނެލިއެވެ. އެވަގުތު ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
“އަހަރެން މީނައާއި އެކަނި ވާހަކަ ދައްކާލަން ބޭނުން… ޕްލީޒް ލީވް އަސް އެލޯން” ފާރިޝް އަހަރެންނާއި ކުރިމަތި ލަމުން ބުނެލިއެވެ. އެވަގތު ޝަރީފް އަދަބުވެރިކަމާއި އެކު ބޭރަށް ނިކުތުމަށް ހިގައިގަތެވެ. ފާރިޝް އައިސް ގޮޑީގައި އިށީދެލިއެވެ. “ވަޓް ދަ ހެލް ހެޕެން” އަހަރެންނާއި ދިމާލަށް ބަލާލަމުން ހައިރާން ކަމާއި އެކު އަހާލިއެވެ. “އައި ޑޯންޓް ނޯ… އަހަރެންވެސް އެހެން އަހަންވެގެން މިއުޅެނީ… އެމީހުން ކޮއްކޮ ކިޑްނެޕް ކުރީ އަހަރެންނޭ ކިޔައިގެން އެއުޅެނީ” އަހަރެން ބުނެލީމެވެ. “ހެޔޮނުވާނެ އަހަރެން މިތަނުން ނެރިދީ… އެހެންނޫނި އެ ސުވާލު ކުރަން އަންނަ މީހާ މިތަނަށް ނުވައްދާ… ހަމަތެދެއް… އަހަރެންގެ އަތުން ގޯހެއް ވެދާނެ… ” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “އަހަރެންނަށް ކުރެވުނު ކަމެއް ކުރާނަން…” ފާރިޝް ތެދުވިއެވެ. “އަދި ކޮއްކޮގެ ހަބަރެއް ނުވޭތަ” އަހަރެން ފާރިޝް ތެދުވުމުން އަހާލީމެވެ. “ޔަ ނޯ ނިއުސް.. ކިޑްނެޕެއް ކަމެއް… އަދި އެހެން ކަމެއް ކަމެއްވެސް ނޭނގެ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަދި ބޭރަށް ނިކުތުމަށް ހިގައިގަތެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ.
ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެންގެ ހިތް ބުނާގޮތުން ބަޔަކު ކޮއްކޮ ގެންދިޔައީއެވެ. އެއީ އަހަރުމެންގެ ގްރޫޕް މީހުންކަމެއް ނޫނީ އަޔާޒްގެ ގްރޫޕް މީހުން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަރެން އެބަޔަކު ހޯދާނެމެވެ. އެބަޔަކަށް ވޭން ހުރި އަދަބު ދޭނަމެވެ. ކޮންމެ ބަޔަކަށްވިޔަސް އެމީހުން އެކުރީ ރަނގަޅު ކަމެއް ނޫނެކެވެ. “ނޫން… ނޫން… ނޫން…. ސަރމެން ބުނި ހުރިހާ ކަމެއް އަހަރެން އެބަ ކުރަން…. ޕްލީޒް.. ތިކަމަށް އަހަރެންނަށް މަޖުބޫރު ނުކުރޭ” އަހަރެންގެ ސިކުނޑި އަހަރެން ގެންދިޔައީ މީގެ ދެއަހަރާއި އަންމަސް ކުރިއަށެވެ. އެއީ އަހަރެން މިމަސައްކަތް ފެށިތާ ކައިރިއެވެ. އަހަރުމެން ވާހަކަ ދައްކަން ތިބީ ފަޅުގެއެއް ގައެވެ. އާދިލްސަރ އަދި ހާނިމްސަރގެ އިތުރުން ފާރިޝްވެސް އެތަނުގައި އިނެވެ. “އަޅުގަނޑަށް ތިކަމެއް ނުވާނެ.. ޕްލީޒް… އެހެން ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން…ޖަސްޓް ލީވް ދެޓް ޕްލީޒް” އަހަރެން އެންމެންގެ މޫނަށް ބަލާލަމުން ގޮޑިން ތެދުވެ ދުރަށް ޖެހިލީމެވެ. “ޝާމްއަށް އެގޭނެ އަހަރުމެން މިބުނީ ދޮގެއް ނޫންކަން… ތިކަމަކީ ނުރައްކަލުން ފުރިގެންވާ ކަމެއް… ލޯބިވެރިންނާއި އާއިލާ މީހުންނަކީ މިކަހަލަ މަސައްކަތުގައި އުޅޭއިރު އަހަރުމެންގެ ބަލިފައި… ކޮންމެ މީހަކުވެސް އަނިޔާ ކުރާނީ އަހަރުމެންގެ ބަލިފަޔަށް” އާދިލްސަރ ވާހަކަ ދެއްކީ އަހަރެންނަށް ވިސްނާއިދޭ ގޮތަށެވެ.
އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. “ނޫން ތިކަމެއް ނުވާނެ” އަހަރެން އެކަމަށް އިންކާރު ކުރީމެވެ. އަހަރެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް އަހަރެންގެ އާއިލާ ދޫކޮށްލެވޭނީ ކިހިނެއްހެއްޔެވެ… އެމީހުން އެއީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އަހަރެންނަށް އަހަރެންގެ ހަށިގަނޑުގެ އެއްބަޔާއި ވަކިން އުޅެވޭނީ ކިހިނެއް ހެއްޔެވެ. “ސަރ އަޅުގަނޑަށްވެސް ހީވަނީ ތިކަމަށް ޝާމްއަށް މަޖްބޫރު ނުކުރަންވީހެން… މިކަމަކީ ހުރިހާ ގޮތަކުންވެސް ރެޑީވެގެން ކުރެވޭނެ ކަމެއް.. މެންޓަލީވެސް ފިޒިކަލީވެސް.. ޝާމްއަށް ފެމެލީގެ ސަޕޯޓްވެސް ވަރަށް މުހިއްމު” ފާރިޝް އަހަރެންނާއި އެއްކޮޅަށް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނީ އެކަކު ނަމަވެސް އަހަރެންނާއި އެއްކޮޅަށް ވާހަކަ ދެއްކީމައެވެ.
“ޝާމް މިހާރު ހުންނަން ޖެހޭނީ މެންޓަލީ ގޮތުން ހުރިހާ ކަމަށް ރެޑީވެވިފަ… ބަލަ އަހަރުމެން ފަސްމަސް ކުރިން މި ފެއްޓި ޓްރެނިންގެ ބޭނުންތަކަކީ ކޮބާތަ.. ވަޒީފާއިން އަވަހަށް ކެނޑުނީވެސް މިޓްރެނިންއަށް ވަގުތު ހުސްކުރަން ވެގެން… މިހާރު ތިމީހުންނާއި އެކު އުޅެތާވެސް ދެމަސް ވެގެން ދިޔައީ… ކޮންމެވެސް ވަރަކަށް އެމީހުންގެ މެންޓަލް ސްޓޭޓަސްވެސް މިހާރު އަންދާޒާ ކޮށްލެވޭނެ…” ހާނިމްސަރ ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ހުރިހާ ކަމަށް ރެޑީ ވާން ޖެހޭނެ… އަބަދު އަހަރުމެން ބުނާ ކަންތަކަށް ނޫނެކޭ ތިބުނަނީ މާދަން ޝާމް ކޮންތާކަށްތަ ދާނީ އެމީހުންގެ ގްރޫޕަކުން ޝާމްގެ ތި ލޯބިވާ ފެމެލީއަށް ގެއްލުމެއް ދިނީމަ…” ހާނިމްސަރ ވާހަކަ ދެއްކީ ބާރަށެވެ. “ހާނިމް” އާދިލްސަރ ހާނިމްސަރއަށް ގޮވާލަމުން ލޯއަޅާލިއެވެ. އަދި ގޮޑިން ތެދުވެ އަހަރެންނާއި ކުރިމަތިލިއެވެ. “ޝާމް އަހަރުމެން އަބަދުވެސް ވެދާނެ އެންމެ ނުބައިގޮތަށްވެސް ވިސްނަން ޖެހޭނެ… އަހަރެންނަށްވެސް އެނގޭ ޝާމްއަށް ޝާމްގެ ފެމެލީ ވަރަށް މުހިއްމުކަން… ހަމައެގޮތަށް އެމީހުންގެ ސޭފްޓީވެސް މުހިއްމެއްނުން ދޯ… މިއަދު އެމީހުންނާއި ދުރަށް ދިޔަޔަސް މާދަން މިމަސައްކަތް ނިއްމީމަ އެމީހުންނާއި އެކު ނުލާހިކު ލޯބިން އުޅެވޭނެ އެއްނުން ދޯ” އާދިލްސަރ ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ.. އަހަރެން އެމީހުން އެބުނާ ގޮތަށް އާއިލާ އާއި ދުރަކަށް ނުދެވޭނެއެވެ. އަހަރެން ދުރަށް ގޮސްފިނަމަ މަންމައަށް އަޅާލާނީ ކާކު ހެއްޔެވެ.. އަހަރެންގެ ކޮއްކޮއަށް އެހީތެރިވާނީ ކާކު ހެއްޔެވެ. އެމީހުންގެ ހުރި ހަމައެކަނި މީހަކީ އަހަރެންނެވެ.
“އަޅުގަނޑު ކިހިނެއް މިމީހުންނާއި ދުރުގައި އުޅޭނީ… ޕްލީޒް ސަރ… މިކަމަށް މަޖްބޫރު ނުކުރޭ… ޕްލީޒް.. އެމީހުންގެ ހުރި ހަމައެކަނި މީހަކީ އަޅުގަނޑު… މަންމަ ނުލާހިކު ދެރަވާނެ… ކޮއްކޮއަށް އަޅާލާނެ މީހަކު ނުހުންނާނެ… ޕްލީޒް” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. “ބަލަ ތިބުނާ މަންމައަކީ މިހާރުވެސް ޝާމް ދެކެ ރުޅި އަންނަ މީހެއް… ޝާމް ވަޒީފާއިން ވަކިވިފަހުން މަންމަ ހުންނަނީ ރުޅި އައިސްފައެއް ނޫންތަ… ބުނަބަލަ” ހާނިމްސަރގެ އަޑު ގުގުމައިގެން ދިޔައެވެ. އަހަރެން ރުޅިއައެވެ. ކޮންމެ މީހަކަށްވިޔަސް އެގޮތަށް އަހަރެންގެ މަންމައޭ ކިޔައިގެން ވާހަކައެއް ނުދެއްކޭނެއެވެ. “އެންމެ ފުރަތަމަވެސް އަޅުގަނޑު މިކަމަށް ނުނެގި ނަމަ މަންމަ ރުޅިއެއް ނައަންނާނެ ދޯ… އޭރުވެސް ބުނިން މިކަމަކީ އަޅުގަނޑަށް ވާނެ ކަމެއް ނޫނޭ… އަދިވެސް މިބުނަނީ… ތި ބޭފުޅުން ބުނުއްވާ ގޮތަށް އަދިވެސް އަޅުގަނޑަށް މަސައްކަތެއް ނުކުރެވޭނެއޭ.. އަޑެއް ނީވޭތަ… މިކަމެއް ނުކުރެވޭ… ޕްލީޒް… މިކަމުން އަޅުގަނޑުގެ ނަން ނަގާފަ އެހެންމީހެއް މިކަމަށް ލާ..” އަހަރެން ވާހަކަ ދެއްކީ ހާނިމްސަރއަށް ވުރެއް ބާރަށެވެ. އެހެންކަމުން އެތަނުގައި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ހަމަހިމޭންކަން ފެތުރިގެން ދިޔައެވެ.
“ޝާމް… މިހާރު ޝާމްގެ ނަން ކިހިނެއް ނަގާނީވެސް… އެމީހުންގެ ގިނަ މީހުންނަށް ޝާމް އެގިއްޖެ… އެހެން ނޫނަސް މިކަމަކީ ޝާމްއަށް ކުރެވޭނެ ކަމެއް.. އަހަރެން އަބަދުވެސް ބުނަން ދޯ ޝާމްއަށް މިކަން ކުރެވޭނެއޭ.. ހާނިމްސަރ ކުރިން ބުނީ ދޮގެއްނޫން… މިކަމުގައި އުޅެނިކޮށް މަންމަ ނުވަތަ ކޮއްކޮއަށް އެއްވެސް މީހަކު ގެއްލުމެއް ދީފިނަމަ ޝާމްގެ އަމިއްލަ ނަފްސަށް މާފުކުރެވޭނެތަ… އެކަމަކު މިވަގުތު އެމީހުންނާއި ދުރަށް ގޮސްފިނަމަ އެއްވެސް މީހަކު ޝާމްގެ ފެމެލީއާއި ކައިރިއެއް ނުވާނެ… އެކަމަކު ޝާމް އެމީހުންނާއި ދުރަށް ނުގޮސްފިނަމަ ކޮންމެ މީހަކުވެސް ޝާމްގެ އަނގައިން ބަހެއް ހޯދަން ބޭނުން ވެއްޖެނަމަ އެމީހުން ދިމާކުރަނީ ކޮއްކޮ ނުވަތަ މަންމައާ” އާދިލްސަރ އަހަރެންގެ ކޮޑުގައި އަތްބާވާލަމުން ވާހަކަ ދެއްކީ އަހަރެންނަށް ވިސްނާދޭ ގޮތަށެވެ. “އަޅުގަނޑުގެ މަންމަ ހާދަ ދެރަ ވާނެއޭ.. އަޅުގަނޑު ނުކުރާ އެތަށް ކަމެއް އަޅުގަނޑުގެ ބޮލުގައި އެޅޭނެ މިކަމުގައި އުޅޭއިރު… ޕްލީޒް ސަރ… ޓޭކް މައި ނޭމް ފްރޮމް އިޓް” އަހަރެން އާދޭހާއި އެކު އެދުނީމެވެ.
“އަޅުގަނޑަށް ފެމެލީ ކައިރީގައި މިވާހަކަ ދެއްކެނީއެއް ވެސް ނޫން… އެޓް ލީސްޓް ލެޓް މީ ލިވް ވިތް ދެމް” އަހަރެން ބުނެލީމެވެ. “ސަރ އަދިވެސް ޓައިމް އެބަ އޮތް… ކުރިންވެސް ބުނިހެން އެހެން މީހެއް މިކަމަށް ސެލެކްޓް ކުރަން ވީނުން.. ޝާމް އިޒް ނޮޓް ފިޓް ޓު ޑޫ ދިސް ކައިންޑް އޮފް ވޯކް” ހާނިމްސަރ ބުނެލިއެވެ. އާދިލްސަރ މިފަހަރުވެސް ހާނިމްސަރ އާއި ދިމާލަށް ބަލާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ. “ޝާމް… ޝާމްއަކީ ރަނގަޅަށް ވިސްނޭ ކުއްޖެއް.. އަހަރެން މިމަސައްކަތަށް ޝާމް ނެގީވެސް އެހެންވެގެން… ޝާމްގެ ރަނގަޅު ސިކުނޑިއެއް ހުރީމަ… އޭގެ ބޭނުންވެސް ކުރާތީ… އެހެންވީމަ ވިސްނާލަބަލަ… ފެމެލީ މީހުން ކައިރީގައި ޝާމް މި މަސައްކަތުގެ ވާހަކަ ދައްކައިފިނަމަ ބަޔަކަށް އެމީހުންގެ ފަރާތުން ވަރަށް ފަސޭހައިން ޝާމް ކުރާ މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ހޯދޭނެ.. އެމީހުންނަށް އަނިޔާ ކޮށްގެން ވިޔަސް އެމީހުންނަށް އެގޭ އެއްޗެއް ހޯދާކަން މިގްރޫޕްތަކުގައި އުޅޭމީހުންނަށް އުދަގުުލެއް ނުވާނެ… ކޮންމެ ގޮތެއްވިޔަސް އެމީހުންނަށް ލިބޭނީ ގެއްލުން…. ޝާމް ބޭނުން ގޮތެއް ނިންމާ…. ޝާމް ބޭނުންވޭތަ ޝާމްގެ ފަރާތުން އެމީހުންނަށް ގެއްލުމެއް ވާން” އާދިލްސަރ ބުނެލިއެވެ.
އަހަރެން ސިހިގެން ދިޔައީ ސެލްގެ ދޮރު ހުޅުވާފައި މީހަކު ވަނުމުންނެވެ. ޝަރީފް އަހަރެންނާއި ދިމާލަށް ބަލާލަމުން ހީގަތެވެ. އަހަރެންގެ ލޮލުން ކަރުނަ އައިސްފައި ހުރުމުން ކަންނޭގެއެވެ. އަހަރެން ޓީޝާޓްގެ އަތުން ލޯ ފުހެލީމެވެ. އަހަރެން ޝަރީފްގެ މޫނު ބަލާކަށްވެސް ބޭނުމެއް ނޫނެވެ. އޭނައަށް ގެއްލުމެއް ދެވިދާނެކަމުގެ ބިރު ދިޔައީ އެއްފަހަރަށް ވުރެއް އަނެއް ފަހަރެއް ބޮޑުވަމުންނެވެ. އަހަރެން އެހާ މަސައްކަތުން ހަނދާން ނައްތާލައިގެން ހުރި ކަންތަށް އަނެއްކާވެސް އޭނައާއި ހެދި ސިކުނޑީގައި އާލާވެގެން ދިޔައީއެވެ. އަހަރެން ރުޅިވެރިކަމާއި އެކުގައި ޝަރީފްގެ މޫނަށް ބަލާލީމެވެ. “ކޮބާ… ހީވޭ… ދެންމެ އެއައީ ކާކުކަން އެނގޭތަ… އެއީ ކަލޭ ފޮރުވައިގެން ތިގެންގުޅޭ ކަލޭގެ ކޮއްކޮ ރައްޓެހިވެގެން އުޅޭ މީހާ… ކީކޭ ބުނީ..” ޝަރީފް ހިތުން އެބުނެވުނީ އަހަރެންނަށް ނޭނގޭ އެއްޗެކެވެ. “އޭނަ ނަސީބެއް ކަލެއަށް އަނިޔާ ނުކުރިކަން… އެހެންނޫންނަމަ މިހާރު ކަލޭ އޮންނާނީ މިތާ ތަޅުންގަނޑު މަތީގަ” ޝަރީފް ވާހަކަ ދެއްކީ ހެވިފައިހުރެއެވެ. އަހަރެންގެ ރުޅިގަނޑު އަހަރެން ފަޅާފައި ނިކުންނަށް އުޅޭކަހަލަ އިހްސާސްއެއް ކުރެވެމުން ދިޔައެވެ. އެހެންކަމުން ތުންފަތުގައި ވަރަށް ބާރަށް ދަތް އަޅައިފީމެވެ. ކަނޑައިގެން ދާވަރަށެވެ. އަހަރެންގެ އަނގައިން ލޭރަހަ ލާން ފެށުމުން ތުންފަތުން ދަތްނައްޓާލީމެވެ. “މޮޔަވީތަ” ތުންފަތުން ލޭ އޮހިރެން ދިޔަ ތަން ފެނުމުން ޝަރީފް ހައިރާން ކަމާއި އެކު އަހަރަންނާއި ކައިރިވެލިއެވެ.
އަހަރެން އިނީ ދެލޯ މަރާ ބާރުކޮއްލައިގެންނެވެ. ދެލޯ ފުރިފައިވަނީ ކަރުނައިން ކަމުން އޭގެން އެންމެ ތިއްކެއްވެސް އަހަރެން ވައްޓާލާކަން ބޭނުމެއް ނުވިއެވެ. އަހަރެން ދެލޯ މަރާލައިގެން އިނެއް ކަމަކު އަހަރެންގެ ތުންފަތުން ފައިބަމުން ދިޔަ ލޭގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ދަތްދޮޅިން އަހަރެންގެ ޓީޝާޓްއަށް ތިކިތަޅަމުން ދިޔައެވެ. “މޮޔަވީތަ… ކަލޭ ކީކުރާނަމޭ ހިތާތަ ތިއުޅެނީ” ވަރަށް ބާރަށް އަތުން މޭޒުގައި ޖަހަމުން ބުނެލިއެވެ. ނަމަވެސް އަހަރެން ހަމައެއިންގޮތަށް އިނީއެވެ. އެވަގުތު ސެލްގެ ދޮރު ހުޅުވާލިއަޑު އިވިގެންދިޔައެވެ. “ޝަރީފް” އެތެރެއަށް ވަތް މީހަކު ގޮވާލަމުން އަހަރެން ދެލޯ ހުޅުވާލަމުން އެމީހާއާއި ދިމާލަށް ބަލާލީމެވެ. ޝަރީފް ވެސް ސިހިގެން ގޮސްފައި އެދިމާލަށް ބަލާލިއެވެ. އެވަގުތު އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި އަހަރެންގެ އަނގަމަތީގައި ހުރި ލޭތަށް ފެނުމުން ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލަމުން ޝަރީފްއާއި ދިމާލަށް ބަލާލީ ހިތްހަމަނުޖެހިފައިވާ ގޮތަކަށެވެ. “ސަރ އަޅުގަނޑެއް އެއްވެސް ކަމެއް ނުކުރަން… އޭނަ އަމިއްލައަށް.. ” ޝަރީފް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އޭނަ އަތްއުފުލާލުމުންނެވެ. “ކީއްވެ ޝާމް ހައްޔަރު ކުރީ” އަހަރެންނާއި ކައިރިވެލަމުން އާދިލްސަރ ބުނެލިއެވެ. “ޝާމާގެ..” “ޝާމާގެ ހަބަރެއް ނުވީމަ ޝާމްތަ ހައްޔަރު ކުރަންވީ… ނޭނގޭތަ މިއީ އޭނަގެ ބޭބެކަމެއް” އާދިލްސަރ ހަޅޭލަވައިގަތެވެ. “ސަރ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު” “ކާކު ދިން މައުލޫމާތެއް” ޝަރީފްގެ ވާހަކަ މެދު ކަނޑާލަމުން އާދިލްސަރ ރުޅިވެރިކަމާއި އެކު އަހާލިއެވެ. އެވަގުތު ޝަރީފް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކާކުހޭ” އަހަރެންނާއި ދިމާލަށް ބަލާލުމުން އަނެއްކާވެސް އާދިލްސަރ ހަޅޭލަވައިގަތެވެ.
“ހާނިމްސަރ” ޝަރީފް ބިރުން ހުރެ ބުނެލިއެވެ. އަހަރެންނަށް ބަލާލެވުނީ އާދިލްސަރ އާއި ދިމާލަށެވެ. އާދިލްސަރވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޭނަ ދޫކޮއްލާ… މިހާރު… ކޮންމެ މީހަކު ބުންޏަސް އަހަރެންނަށް އެނގޭ ޝާމް އެކަހަލަ ކަމެއް ނުކުރާނެ ކަން…” އާދިލްސަރ ޝަރީފްއާއި ދިމާލަށް ބަލާލަމުން އަމުރު ކުރިއެވެ. ނަމަވެސް ޝަރީފް ހަމަ ހުއްޓި ހުރިގޮތަށް ހުރީއެވެ. ޝަރީފްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. “އަހަރެން ބުނީމަ އަދިވެސް ހުންނަނީތަ” އާދިލްސަރ ހަޅޭލަވައިގަތެވެ. “އެކަމަކު ސަރ” ޝަރީފްގެ ޖުމްލަ ނިންމާލީ ރުޅިވެރިކަމާއި އެކު އާދިލްސަރ ބަލާލީމެވެ. “ބުނަން… އަހަރެން މިހެން މިބުނަނީ އަހަރެންނަށް ޝާމް އެނގޭތީ…ޝާމް ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ… އެކަމަކު އޭނަ އޭނަގެ ކޮއްކޮއަށް ގެއްލުމެއް ލިބޭ ކަމެއް ނުކުރާނެ… އެހެންވެ މިބުނަނީ އޭނަ ދޫކޮއްލާށޭ” އާދިލްސަރ މިފަހަރު ބުނެލީ ތަންކޮޅެއް މަޑުންނެވެ. އެހެންބުނުމާއި އެކު ޝަރީފް އަހަރެންނާއި ކައިރިވެލިއެވެ. އަހަރެން އޭރު އިނީ އަތުން ތުންފަތް ވަރަށް ބާރަށް ފިއްތާލައިގެންނެވެ. އަހަރެންގެ އަތުން މަޑުމަޑުން ބިޑި ޝަރީފް ނައްޓާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ކަޅިއަޅާލަމުން ދުރަށް ޖެހިލިއެވެ. “ތެންކްސް” އަހަރެން އަތް ތުންފަތްމަތީގައި އަޅާލަމުން އާދިލްސަރ އާއި ދިމާލަށް ބުނެލީމެވެ. އެވަގުތު އާދިލްސަރ ބޯޖަހާލިއެވެ. އަހަރެން އަވަހަށް އެތަނުން ނިކުތީމެވެ.
“ކޮބާ ހަބަރެއް ވެއްޖެތަ” އަހަރެން އެތަނުން ނިކުން ގޮތަށް މާޒިންއަށް ގުޅީމެވެ. “ކިހިނެއްވީ… ޝާމް ދޫކޮއްލީތަ… އަހަރެން މިއުޅެނީ ތި ދިމާލަށް ދާން ވެގެން… ” މާޒިން ބުނެލިއެވެ. “އަހަރެން ނުބުންނަ ދޯ މިތަނަށް އަންނާށެކޭ… އަހަރެން ބުނީ އަހަރެންގެ ކޮއްކޮގެ ހަބަރު ބަލާށޭދޯ.. މިކަމުގައި ކަލޭގެ އަތެއް ވާތީ ދޯ މަށަށް އެހީ ނުވަން ތިއުޅެނީ” އަހަރެން ރުޅިއައިސްފައި ހުރުމުން ހަޅޭލަވައިގަނެވުނެވެ. “ޝާމް… ޔޫ ނީޑް ޓު ބީ ކާމް ޑައުން” މާޒިން ބުނެލިއެވެ. “ކާމް… ޔޫ ވޯންޓް މީ ޓު ބީ ކާމް… ކިހިނެއް.. ޕޮލިހުން އަހަރެން ހައްޔަރު ކުރީ އަހަރެންގެ ކޮއްކޮ ފޮރުވައިގެން އުޅެނީ އޭ ކިޔާފަ… ބަލަ މަމޮޔަވީތަ އެވަރުގެ ކަމެއް ކުރަން” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ތުންފަތަށްވެސް އެހާ ތަދުވަމުން ދިޔައެވެ. އޭރުވެސް ތުންފަތުންވެސް ލޭމަނައެއް ނުވެއެވެ. “އަހަރެންގެ ކޮއްކޮ ހޯދަދީބަލަ ޕްލީޒް” އަހަރެން އާދޭހާއި އެކު އެދުނީމެވެ. “އޯކޭ ޝާމް… އަހަރެން އެކަމާއިވެސް އެބަ އުޅެމޭ… ޝާމް ދޭ ރޫމަށް… އަހަރެންނަށް ހަބަރެއް ވެއްޖެނަމަ އެންމެ ފުރަތަމަ އަންގާނީ ޝާމްއަށް… ޕްލީޒް.. އެކަމަކު ޝާމް ތިގޮތަށް ހުރެ އެހެން އެއްވެސް ތަނަކަށް ނުދާތި.. ޕްލީޒް… ދޭ އަވަހަށް ކޮޓަރިއަށް” މާޒިން ވާހަކަ ދެއްކިއެވެ. އަހަރެން އެކަމަށް އެއްބަސް ވީމެވެ. އަދި އަވަހަށް ކޮޓަރިއަށް ދިއުމަށް ހިގައިގަތީމެވެ.
އަހަރެން ކޮޓަރިއަށް ވަދުން ގޮތަށް އެނދުމަތީގައި ޖައްސާލީމެވެ. އަނެއްކާވެސް ތެދުވީމެވެ. އަދި ފްރިޖްއިން ފިނި ފެން ފުޅިއެއް ނަގާ ތުންފަތުގައި ޖައްސާލީމެވެ. ވަމުން ދިޔަ ތަދަށް އެއްވެސް ބަދަލެއް ނާދެއެވެ. މަޑުމަޑުން އަންނަމުން ދިޔަ ލޭތަށް ހުއްޓެމުން ދިޔައެވެ. ލޭމަނާ ވުމާއި އެކު އަހަރެން އެނދުމަތީގައި ޖައްސާލީމެވެ. އަދި ބޯމަތީގައި އަތް ބާވާލީމެވެ. އެހުރިހާ ވަގުތެއްގައި އަހަރެންގެ ލޮލުގައި ހަރުލާފައިވާ ކަރުނަތަކަށް ހީވީ އީދެއް އައިހެންނެވެ. އެއްވެސް ވަރަކަށް ބެލުމެއް ނެތި އޮހިގަތެވެ. “ޕްލީޒް ސަރ އައި ކާންޓް ޑޫ ދެޓް” އަހަރެން އަނެއްކާވެސް ހަނދާން ވެގެން ދިޔައީ އަހަރެންގެ އާއިލާއާއި ދުރުގައި އުޅުމަށް ގްރޫޕްމީހުން އަހަރެން ކައިރީގައި ބުނި ދުވަސް މަތިންނެވެ. “އަހަރެން އެމީހުންނާއި ދުރަށް ގޮސްފިނަމަ އެމީހުން އެކަނި ވާނެ” އަހަރެންނަށް ބުނެވުނެވެ. އާދިލްސަރ އަހަރެންގެ ކޮނޑުގައި އަތް އަޅާލިއެވެ. “ޝާމް… އަހަރުމެން މިތިބީ ނުން.. އެއްވެސް މީހަކަށް ގެއްލުމެއް ވިޔަކަ ނުދޭނަން… އަހަރުމެންނަށް އިތުބާރު ކުރޭ” އާދިލްސަރ ބުނެލިއެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. އެއްވެސް އެއްޗެއް ނުބުނެ އަހަރެން އިސްޖަހާލީމެވެ. “ވިސްނާލާ ޝާމް… ޝާމް ބޭނުން ގޮތަކަށް ކަންތައްކުރަން އަހަރުމެން އެހީވާނަން… އަހަރެންނަށް އެނގޭ ޝާމް ނަގާނީ ރަނގަޅު ޑިސިޝަންކަން” އާދިލްސަރ އަހަރެންގެ ކޮނޑުގައި އަތުން މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ. “އަހަރެން އަސްލުވެސް ހަމަ ހައިރާން ވެއްޖެ” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބޯ ހޫރާލަމުން އެހެން ބުނެލުމަށްފަހު ނިކުތެވެ. އަހަރެން ބަލާލީ ފާރިޝް އާއި ދިމާލަށެވެ. ފާރިޝް ހިނިތުންވެލިއެވެ. “އައި ކާންޓް ޑޫ ދިސް” އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަމުން އިށީދެގެން އިންތަނުން ދެތުވިއެވެ. ” އައި ނޯ ޔޫ ކޭން… އާދިލްސަރ ނޯ ޔޫ ކޭން… ވައި ޑޯންޓް ޔޫ….” ފާރިޝް ބުނެލިއެވެ. އަހަރެން ބޯ ދެފަރާތަށް ހޫރާލަމުން ގޮޑީގައި އިށީނީމެވެ.
“ޝާމް… އަސްލު ވެސް އާދިލްސަރ އެބުނީ ދޮގެއް ނޫން ދޯ…. ކޮންމެ ގޮތެއް ވިޔަސް ޝާމާ އާއި މަންމައަށް ގެއްލުމެއް ލިބޭކަށް އަހަރެންވެސް އަދި ޝާމްވެސް ބޭނުމެއް ނުވޭ… އެގޮތަށް އެކަންތައް ކުރެވޭނީ އާދިލްސަރ ބުނާގޮތަށް ހަދައިގެން… އެމީހުންނާއި ދުރަށް ދިއުން އެއީ ޝާމްއަށް ފަސޭހަ ވާނެ ކަމެއް ނޫންކަން އަހަރެންނަށް ނުލާހިކު ރަނގަޅަށް އެނގޭ… އެކަމަކު ޝާމް… މިކަމުގެ ތެރޭގައި އުޅޭއިރުގައި އޭގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ” ފާރިޝް ބުނެލިއެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “ޝާމް މިކަމަކީ ޝާމް ބޭނުންވެގެން ކުރެވޭނެ ކަމެއް…. މެންޓަލީ ރެޑީ ނުވާނަމަ ބައިވަރު ކަންތައްތަކާއި ދިމާވާނެ” ފާރިޝް އަހަރެން ކައިރީގައި ގޮޑިއެއް ބަހައްޓަމުން އިށީދެލިއެވެ. “އަހަރެން ދުވަހަކުވެސް ތިކަމަކަށް މެންޓަލީ ގޮތަކުން ރެޑީއެއް ނުވާނެ” އަހަރެން އިސްޖަހައިގެން އިނދެ ބުނެލީމެވެ. “އެޓްލީސްޓް އަހަރެން ކުރާ ކަންތައް ބުނެވޭ ނަމަވެސް އޯކޭ… އޭރުވެސް އަހަރެންނަށް އެމީހުންނާއި ދުރުގައި އުޅެވިދާނެ… އޭރުން މަންމައަށް އޭނަގެ ދަރިފުޅު އުޅެނީ ގޯސްކޮށް ނޫންކަން އެނގޭނެ… އަހަރެން އެމީހުންނާއި ދުރަށް ގޮސްފިނަމަ މަންމަ ހީކުރާނީ މަންމަ ދިން ތަރުބިއްޔަތުގެ ބޭނުން އަހަރެން ނުހިފާ އަހަރެން ގޯސްކޮށް އުޅެނީކަމަށް… އަހަރެންނަށް އޯކޭ ދުނިޔޭގެ އެންމެ އަހަރެން އުޅެނީ ގޯސްކޮށޭ ބުންޏަސް… އެކަމަކު މަންމަގެ އަނގައިން އެހެން ބުނާ އަޑު އަހާކަށް އަހަރެން ބޭނުމެއް ނުވޭ… އަހަރެން ބޭނުންވަނީ މަންމަގެ ދަރިފުޅު އެގޮތަށް ނޫޅޭނެއޭ މަންމަ ކައިރީގައި ބުނަން… ފާރިޝްއަށް އެގޭނެ މިހާރުވެސް މަންމަ އަބަދުވެސް ވިސްނަނީ… އަހަރެންގެ ވަޒީފާ ގެއްލުނީމަ… މިހާރުވެސް މީހުން މަންމައާއި ދިމާލަށް ބުނެލާ އެއްޗެހިން އަހަރެންގެ ހިތްފަޅައިގެން ދާވަރުވޭ… މަންމައަށް ވާނެ ވަރު އަހަރެންނަށް އިހްސާސްވެސް ނުކުރެވޭ… މަންމަ ހާދަ ދެރަ ވާނެއޭ… އަހަރެންނަށް ކުރިން މިހުރިހާ އެއްޗެއް ވިސްނުނުނަމަ… އޭރުން މިކަހަލަ ކަމަކަށް އަހަރެން އެއްބަހެއް ނުވީމުސް” ދެލޮލުން އޮހިގަތް ކަރުނަތަށް އަތުން ފުހެލަމުން އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “މިހާރު މިއޮތީ މިކަމަށް ސޮއިކުރެވިފައި… ދެން އެހެންވީމަ މިކަންތަށް ނިންމަމާ ހިނގާ.. ދެން މީގެފަހުން ދުވަހަކުވެސް މިކަހަލަ ކަމަކަށް އެއްބަސް ނުވާނީ… އެކަމަކު މިހާރު އަހަރުމެން މިމަސައްކަތް ކުރަންޖެހޭނެ… ކިތައްމެ ބޮޑު ކަމެއް ދިމާވިޔަސް މިކަންތައް ނިންމަން ވާނެ…” ފާރިޝް ބުނެލިއެވެ. “އަހަރެން ޝާމްއަށް އެހީވާނަން… އަބަދުވެސް…” ފާރިޝް އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ތެންކްސް… ޖަސްޓް ޕްރޮމިސް މީ ވަން ތިން… ޕްލީޒް ޕްރޮޓެކްޓް މައި ސިސް އެންޑް މަމް…” އަހަރެން އެދުނީމެވެ. ފާރިޝް ބޯޖަހާލީ އާއެކޭ ބުނާ ގޮތަށެވެ. އަހަރެން ހިނިތުންވެލީމެވެ. އެދުވަހުގެ އެވަގުތަށްފަހު އަހަރެން ގެއަށް ދިޔައީ ރޭގަނޑުވި ފަހުންނެވެ. އަދި އެރޭގައި ކަންތަށްވީ ގޮތަކީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނެ ގޮތެއް ނޫނެކެވެ.
އެހެންމީހުންގެ ނަޒަރުގައި އަހަރެން ދިޔައީ ގަދައަށް ބޮއިގެންނެވެ. މަންމައާއި ދިމާލަށް އަހަރެން އެއްވެސް އެއްޗެއް ނުބުނިއެއް ކަމަކު އަހަރެން ކޮއްކޮއާއި ދިމާލަށް ވަރަށް އެއްޗެހި ކީމެވެ. ކޮއްކޮ އަހަރެންނަށް ނަސޭހަތްދިނުމުން އަހަރެން ރުޅިއައީއެވެ. ގެއިން އަހަރެން ނިކުތީ މަންމަ އަހަރެން އަތުގައި ހިފާފައި ކޮއްޕާލުމުންނެވެ. އެރޭގައި މަންމަގެ ލޮލުންނާއި ކޮއްކޮގެ ލޮލުން އޮހޮރުނު ކަރުނަ އެއީ އަހަރެންގެ ސަބަބުން އޮހޮރުނު ކަރުނައެވެ. ހަގީގަތަކީ އަހަރެން އެރޭގައި ކުރީ އެކްޓްކަމެވެ. އެހެންކަމުން އެރޭގައި ވީ ހުރިހާ ކަމެއް، ބުނެވުނު ހުރިހާ ބަހެއް، އަހަރެންނާއި ދިމާލަށް މަންމަ އާއި ކޮއްކޮ ބުނި ހުރިހާ ބަހެއް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރިކަމެވެ. ރޭގަނޑުގެ އެވަގުތުގައިވެސް އަހަރެން ގެއަށް ވަނީ އަވިއައިނު އަޅައިގެންނެވެ. ސަބަބަކީ އަހަރެންނަށް އެމީހުން ފެނުނު ކަމުގައި ވިޔަސް އެމީހުންނަށް އަހަރެން ބަލާ ކަމުގެ އިހްސާސް ވިޔަ ނުދިނުމައްޓަކައެވެ. އަހަރެން ގެއިން ނިކުތުމާއި އެކު ލޮލުން ކަރުނަ އޮހިގަތީ އެވަރެއް ބަލާފައެއް ނޫނެކެވެ. އޭގަފަހުން އަހަރެން އުޅޭނެތަނެއް ހަމަޖައްސައިދިނީ އަހަރެންގެ ގްރޫޕްކުދިންނެވެ. އެރެއަށްފަހު މަންމަގެ ހިތުގައި އަހަރެންނަށްޓަކައި އަބަދަށް ރުޅިވެރިކަން އުފެދުނެވެ. އަހަރެންނާއި ދިމާލަށް ބަލާލަނީވެސް ރުޅިވެރިކަމާއި އެކުގައެވެ. އަހަރެން ފެންނައިރަށް އަނެއް ފަރާތަށް މޫނު އަބުރާލަނީ ތިއީ އަހަރެންގެ ދަރިއެއް ނޫނެކޭ ބުނެލާ ގޮތަށެވެ. އެހުރިހާ ކަމެއް އަހަރެން ބަލަމުން ދިޔައިރު އަހަރެންގެ ހިތްވެސް ދިޔައީ ޒަހަމް ވަމުންނެވެ.
އަހަރެން ދެލޯ ފުހެލަމުން އެނދުން ތެދުވީމެވެ. އަދި ފާރިޝްއަށް އަހަރެންގެ ފޯނުން ގުޅީމެވެ. ދެފަހަރު ރިންގުވުމަށްފަހު ފޯނު ބިޒީކޮށްލުމަށްފަހު ފާރިޝް އަހަރެންނަށް ގުޅިއެވެ. “ޕްލީޒް ޓެލްމީ ޔޫ ގޮޓް ސަމްތިން” އަހަރެން ބުނެލީމެވެ. “ޝާމް” “ފާރިޝް ޔޫ ޕްރޮމިސް މީ ދެޓް ޔޫ ވިލް ޕްރެޓޮކްޓް ހާ” އަހަރެން ފާރިޝްގެ ވާހަކަ މެދު ކަނޑާލަމުން ބުނެލީމެވެ. “ޔޫ ޕްރޮމިސްޑް… ހަނދާން އެބަހުރިތަ… ފާރިޝްމެން ބުނިގޮތް ހަދައިގެން މިހުރިހާ ކަމެއް މި ދިމާވަނީ… އޭރުވެސް އަހަރެންނަށް އެމީހުންނާއި އެކު އުޅެވުނު ނަމަ… ފާރިޝް ޕްލީޒް… އަހަރެން އެމީހުންނާއި ދުރަށް ދިޔައީ ފާރިޝް އެމީހުން ބަލާނެ ކަމުގެ ޔަގީންކަން އަހަރެންނަށް ދިނީމަ… ކީއްވެތަ… ފާރިޝްވެސް އެމީހުންނާއި އެއްބައިވީތަ… އާދިލްސަރއާއި ހާނިމްސަރ މެން ބަޔަށް ފާރިޝްއަށް ދިޔައީތަ… އަހަރެންގެ އާއިލާ ވިއްކާލަން” އަހަރެން ހުރީ ދެރަވެފައެވެ. އަދި އެހާ ބޮޑަށް ރުޅިވެސް އައިސްފައެވެ. އެހެންކަމުން އަހަރެންނަށް ކިޔެމުން ދިޔަ އެއްވެސް އެއްޗަކާއި ދޭތެރޭގައި އަހަރެން ނުވިސްނަމެވެ. ހިތަށް އައި އެއްޗެއް ފާރިޝްއާއި ދިމާލަށް ކިޔަމުން ދިޔައީމެވެ. “އައި އޭމް ސޮރީ ޝާމް.. އައި އޭމް ރިޔަލީ… އައި ނޯ އައި ޕްރޮމިސް ޔޫ ދެޓް… އަހަރެން ޝާމާ ޕްރޮޓެކްޓް ކުރަން ޖެހޭނެ” ފާރިޝްގެ އަޑު އިވިގެން ދިޔައެވެ. އަހަރެން އުއްމީދު ކޮށްގެން ހުރި ގޮތަކަށް ނޫނެކެވެ. އަހަރެން ހީކުރީ ފާރިޝް އަހަރެންދެކެ ރުޅި އައިސް އަހަރެން މަޑުން ހުރުމަށް ބުނާނީ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފާރިޝް އަހަރެންގެ ކިބައިން މާފަށް އެދުނެވެ. ކިތައްމެ ރުޅިއައިސްފައި ހުއްޓަސް އަހަރެންނަށް ހުއްޓުން އެރިއެވެ. އާއެކެވެ. އަހަރެން ވާދެރަ ފާރިޝްވެސް ވާނެތާއެވެ. އެއީ އޭނަ ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އެހެންކަމުން އޭނަވެސް ގަސްދުގައި ކޮއްކޮއަށް ގެއްލުމެއް ނުދޭނެތާއެވެ. އަހަރެންނަށް ވިސްނާލެވުނީ ފަހުންނެވެ. އޭރު އަހަރެންގެ އަނގައިން ބުނެގެން ނުވާނެ ކިތައްމެ ބަހެއް ފާރިޝްއާއި ދިމާލަށް ކިޔާލެވިއްޖެއެވެ.
“އަދި ހަބަރެއް ނުވޭތަ” އަހަރެން ހަމަޖެހިލަމުން މަޑުމަޑުން އަހާލީމެވެ. “ޔާ.. ސޮރީ މޭން” ފާރިޝްގެ އަޑުން އޭނަ ހުރީ ވަރަށް ދެރަވެފައިކަން އަހަރެންނަށް އެގުނެވެ. އަހަރެންނަށް އިތުރު އެއްޗެކޭ ނުބުނެވެ. އެހެންބުނުމަށްފަހު ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެން އިރުކޮޅަކު ފޯނާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. އަދި އެހެން ހުރުމަށްފަހު ފޯނު އެނދާއި ދިމާލަށް ހޫރާލީމެވެ. އެތެރޭގައި ހުރި ރުޅި ނިކުތީ ހީވެސް ނުކުރާހާ އަވަހަށެވެ. އެނދުމަތީގައި ހުރި ހުރިހާ ބާލީހެއް ކޮޓަރިތެރެއަށް އުކާލީމެވެ. އެނދުގައި އޮޓް ބެޑްޝީޓް ދަމާ ނަގާފައި ކޮޓަރިތެރެއަށް އެއްލާލީމެވެ. އެއްފަރާތެއްގައި ހުރި މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ ވަރާލީމެވެ. އެވަރު ކުރުމުން ކުޑަކޮށްނަމަވެސް ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. އަހަރެން ބޮލުގައި ހިފަހައްޓާލަމުން އެނދު މައްޗަށް ވެއްޓެގަތީމެވެ.
އަހަރެންނަށް ސިހިގެން ގޮސްފައި ހޭލެވުނެވެ. އޭރު މީހާވަނީ ދާހިއްލާ ފޯވެފައެވެ. އަހަރެންނަށް ބިރުވެރި ހުވަފެނެއް ފެނުނީއެވެ. އެކަމަކު އެއީ ކުރިން އަހަރެންނަށް ފެންނަ މީހާ މަރާ ހުވަފެނެއް ނޫނެކެވެ. އަހަރެން ނުނިދާ އުޅޭތާ އެހާ ގިނަ އިރު ވުމާއި އެކު ވެފައިވާ ވަރުބަލިން ނިދުނީއެވެ. އަހަރެންނަށް ވަގުތުން ފާރުގައި ހުރި ގަޑިއަށް ބަލާލެވުނެވެ. ކަމަކުދާކަށްނެތެވެ. ގަޑިން ރޭގަނޑު ހައެއް ޖަހަނީއެވެ. އަހަރެންނަށް އޭރުގައި ޖައްސާލެވުނުތަނާއި ނިދުނީއެވެ. އަވަސްއަވަހަށް ފޯނު ފެނޭތޯ ބަލަން ފެށީމެވެ. އޭރު ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެ އައިސްފައިވާ ހެންނެވެ. އަހަރން ސިހުނީ ފޯނުގެ އަޑުއިވެން ފެށުމުންނެވެ. ފޯނުގެ އަޑު އަންނަނީ އަހަރެން އެނދުން ނަގާ އެއްލާލި ބެޑްޝީޓް ތެރެއިންނެވެ. އަވަހަށް ގޮސް ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެފީމެވެ. “އަޅެކޮބާތަ ކަލޭ… ކިހާ އިރެއްތަ ގުޅާތާ… ޝާމް ކަލޭ އޯކޭތަ… އަހަރެން ހީކުރީ މިހުރިހާ އިރުގައި ފޯނު ނުނެގީމަ އަނެއްކާ ކަމެއް ކުރީ ކަމަށް” މާޒިންގެ އަޑުން އޭނަ ހާސްވެފައިވާ ވަރު އަހަރެންނަށް އިހްސާސްވިއެވެ. “ސޮރީ.. އަހަރެންނަށް ނިދުނީ” އަހަރެން ބުނެލީމެވެ. “ނިދުނީއޭ” މާޒިން ހައިރާން ކަމާއި އެކު އަހާލިއެވެ. އަހަރެން އާއެކޭ ބުނީމެވެ. މާޒިން އެދުނީ ވީހާވެސް އަވަހަށް އެންމެ ފަހުން އޭނައާއި ނިހާދުއާއި ދެމީހުންނާއި ބައްދަލު ކުރި ގެއަށް އައުމަށެވެ. އަހަރެން މިދަނީއޭ ބުނެ ފޯނު ކަނޑާލުމަށްފަހު އަވަހަށް ރެޑީވެލައިގެން ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ..
ސައިކަލް ޕާކްކޮށްލުމަށްފަހު އަހަރެން އެގޭތެރެއަށް ވަނުމަށް ހިގައިގަތީމެވެ. ދޮރުގައި ޓަކި ޖެހުމާއި އެކު ދޮރުހުޅުވީ މާޒިންއެވެ. އަހަރެން އަވަސްއަވަހަށް އެތެރެއަށް ވަންނަމުން ކިހިނެއްވީހޭ އަހައިފީމެވެ. ނަމަވެސް މާޒިން އެއްވެސް އެއްޗެއް ނުބުންޏެވެ. އެވަގުތު ނިހާދު ކޮޓަރި ތެރެއިން ނިކުތެވެ. “ގައިސް ކަމޯން… ކޮއްކޮ އާއި ބެހޭގޮތުން ހަބަރެއް ވެއްޖެތަ… އަހަރެންނަށް ކިޔައިދީބަލަ” އަހަރެން ހާސްކަމާއި އެކު އެދެމީހުންގެ މޫނަށް ވަކިވަކިން ބަލާލީމެވެ. “ޕްލީޒް” ދެމީހުންވެސް ވާހަކަ ނުދައްކާ ތިބުމުން އަހަރެންގެ ހާސްކަން ރުޅިވެރިކަމަށް ބަދަލުވެ ތަންކޮޅެއް ބާރަށް އަހަރެންނަށް ބުނެވުނެވެ. “ޝާމްގެ ކޮއްކޮގެ ހަބަރެއް އަހަރުމެންނަށް ވެއްޖެ” ނިހާދު އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. އަހަރެން ނިހާދުގެ މޫނަށް ބަލާލީމެވެ. “އޭނަ ވީތަން އަހަރުމެންނަށް އެނގޭ” ނިހާދު ބުނެލިއެވެ. “ދެން ބުނެބަލަ… ކީއްވެތަ ނުބުނެ ތި ތިބީ… އޭނަ ވީތަން އެނގޭނަމަ ކީއްވެތަ އޭނަ އަހަރެންގެ ކުރިމައްޗަށް ނުގެންނައީ” އަހަރެން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކީމެވެ. “އެހާ ފަސޭހައެއް ނޫން” ނިހާދު ބުނެލިއެވެ. އަހަރެން ނިހާދު އާއި ދިމާލަށް ބަލާލަމުން މާޒިންގެ މޫނަށް ބަލާލިމެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. “ކޮންކަމެއްތަ އަހަރެންނަށް ތި ސިއްރު ކުރަނީ… ކަލޭމެން މަށަށް ކަމެއް ސިއްރު ކުރަމެއްނުން… ކޮއްކޮއަށް ކިހިނެއްވީ” އަހަރެންގެ ހިތް ނޭނގެހާ ބާރުމިނުގައި ތެޅިގަތެވެ. އަނެއްކާ ކޮއްކޮއަށް ކަމެއް ވީބާއެވެ. ބަޔަކު ކޮއްކޮއަށް ކަމެއް ކުރީބާއެވެ. “ޕްލީޒް ބުނެބަލަ” އެއްވެސް މީހަކު އެއްޗެކޭ ނުބުނުމުން އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ.
“ޝާމްގެ ކޮއްކޮވީ އަޔާޒްގެ އަތްދަށުގައި” ނިހާދު ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ނިހާދުއާއި ދިމާލަށް ބަލާލީމެވެ.
ނުނިމޭ…
10 Comments!
Comments are closed.
wwooooowwww….this part is awesome….i love this part…..waiting 4 the next part…keep it up fantasy….
yeyyy heyyyy i am the first
yes mifaharu ravupinky ah first dhoo…. thnks v bodah igey dear 🙂
Wow….so nice….and thnx mihaa dhigu koh up kohdhey thy…i love this story..keep it up…
thnks niz v bodah 🙂
Vaahaka kiyan mijehenee neyvaa hifahataigen. Haadha reechey mi vaahaka. Maadhama ves up kohdhehchey. Love you fantasy ???
thnks maaya 🙂
Wooohooo….. Up viyyo…. v vv rythi… I hate haanim sir n ayaax… p poor shaam… 🙁
Alhey shaama kbaatha… ?? Btw nukko frnd akah vs kiya fathmath shaama…. hehe
Avahah up kohchey… plx miadhu up kohdhyba…. cant wait… plx shaama ah dhera gotheh nahadhachey…. 😀
thnks nukko bodukoh dear 🙂
just what i thought!! 🙁 varah reeeeeeeeeethi mibai vx 😉 waiting for the nxt part fantasyy!