
އަނިޔާ… 18 ވަނަ ބައި
ކޮޓަރި ކައިރިއަށް ހުއްޓެލަމުން ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހުއްޓެލަމުން ޓަކި ޖަހާލީމެވެ. އެވަގުތު އެތެރެއިން ވަނުމަށް ބުނެލިއެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. “އާދޭ އާދޭ… ދެކުދިން އެކީ ދޯ… އޭރުވެސް އަހަރެންނަށް އެނގޭ ޝާމްއަށް ފާރިޝްއަށް އިތުބާރު ކުރެވޭނެކަން….” އަހަރެންގެ ފަހަތުން ފާރިޝް ވަންތަށް ފެނުމާއި އެކު އާދިލްސަރ ބުނެލިއެވެ.
“މިއީ އަނެއްކާ ކޮންކަމެއް… ކީއްކުރަން މިތަނަށް އަންނަން ބުނީ… މިއީވެސް ޓްރެޕްއެއް ދޯ” އަހަރެންގެ ހިތުގައި ރޯވެފައިވާ ރުޅީގެ އަލިފާންގަނޑު ކުޑަކޮށް ނިވިފައިވީނަމަވެސް އާދިލްސަރ ފެނުމުން ހީވީ ފެޓްރޯލް އެއްޗެއް އަލިފާން ގަނޑު ތެރެއަށް އޮއްސާލިހެންނެވެ. އެހެންކަމުން އަހަރެން ކިތަށްމެ ބޭނުންވި ނަމަވެސް ރީތިކޮށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އަހަރެން އެހެން ބުނެލުމުން އާދިލްސަރ އަހަރުމެންނާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. “ސޮރީ މިހާލަހުން މިގޮތަށް ބައްދަލު ކޮއްލަން އެދެވުނީތީ” އާދިލްސަރ އަހަރެންނާއި ފާރިޝްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. މަޑުމައިތިރިކަމާއި އެކުގައެވެ. “ވަރަށް މުހިއްމު ވާހަކަ އެއް ދައްކާލަންވެގެން މިގަޑީގައި ބައްދަލު ކޮއްލަން އެދުނީ” އާދިލްސަރގެ މަޑުމައިތިރި އަޑު އިވުމާއި އެކުވެސް އަހަރެންގެ ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި އެއްފަހަރަށް ވުރެއް އަނެއްފަހަރަކު ހުޅުފަޅައި އެތެރޭގައި ގަދައަށް ރޯވަމުން ދިޔައެވެ. “އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްތަ… އިތުރަށް ކޮން އެއްޗެއްތަ ނޭނގެނީ… އެމީހުންނަށް ބުނެދޭނެ އެއްޗެއް ނޭގެނީތަ” އަހަރެންނަށް މިފަހަރު ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ހައިރާން ކަމާއި އެކު ބަލާލުމަށްފަހު ލޯ އަޅާލިއެވެ. އާދިލްސަރގެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އަހަރެންނާއި ވާހަކަ ދެއްކުން އެއީ އެހާ ފަސޭހަކަމެއް ނޫނޭ ހީވީކަންނޭގެއެވެ.
“ސޮރީ ސަރ… އަދިވެސް ޝާމް މުޅިއަކުން ހަމަޔަކަށް ނޭޅޭ… ކޮންވާހަކައެއް ތޯ ބުނަން ބޭނުންވަނީ” ފާރިޝް އަހަރެންނާއި ދިމާލަށް ލޯ އަޅާލިގޮތަށް އާދިލްސަރ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. “އިޓްސް އޯކޭ… އަހަރެންނަށްވެސް އަދި ފާރިޝްއަށް އެގެއެއްނުން ޝާމް ރުޅި އަތުވެއްޖެނަމަ ކޮންޓްރޯލް ކުރުން އެއީ އޭނައަށް އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން” އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަމުން ބުނެލިއެވެ. މަލާމާތް ކުރާގޮތަށެވެ. ފާރިޝްވެސް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. އަހަރެންގެ ރުޅި ކޮންޓްރޯލްއިން ނައްޓަފާނެތީ މުއްމަޅާލެވުނެވެ. ތުންފަތުގައި ވަރަށް ބާރަށް ދަތް އަޅާލެވުނެވެ. “ބޭނުންވަނީ އަހަރެން ރުޅި އަރުވާކަންނުން…” އަހަރެން އެމީހުންނަށް ފުރަގަސްދެމުން ބުނެލީމެވެ. “އަހަރެން އިތުރަށް ވާހަކަ ދައްކާކަންވެސް އަދި އަޑުއަހާކަށްވެސް ބެނުމެއްނޫން… ހިނގާ ދާން” އެހެންބުނެލަމުން އަހަރެން އެތަނުން އަވަހަށް ނިކުންނަށް ހިގައިގަތީމެވެ. “އަހަރެންނަށް އެނގޭ ޝާމް އަހަރެންނަށް ޝައްކު ކުރަނީ ކީއްވެގެންކަން… އެއީ ޝާމްގެ މައްސަލައެއް ނޫން… އަހަރެން ތިމަގާމްގައި ހުރި ނަމަވެސް އަހަރެންނަށްވެސް ވާނީ ހަމަތިހެން… އެކަމަކު އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ…” އަހަރެން ހިގައިގަތުމުން އާދިލްސަރ ބުނެލިއެވެ. އަހަރެން ހުއްޓުނީމެވެ. އަދި އެބުރި ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ފާރިޝް ބުމަ އަރުވާލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރު ކޮއްލީމެވެ. އެތެރޭގައި ވާ އަލިފާން ގަނޑު ނިއްވާލުމަށް އިރުކޮޅެއް ވަންދެން ލޯމަރާލައިގެން އިސްޖަހާލީމެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އާދިލްސަރ އާއި ދިމާލަށް ބަލާލަމުން ބޯ ޖަހާލީމެވެ.
އާދިލްސަރ ހިނިތުންވެލިއެވެ. “އަހަރެންނަށް އެނގޭ އަހަރެންނާއި ހެދިކަން ޝާމް ތިގޮތަށް އަހަރެންނާއި ދޭތެރޭގައި ތި ވިސްނަނީ… އަހަރެންނަށް ހުޝާމްގެ ކޭސްގައި މާބޮޑަށް ފަރުވާ ކުޑަކޮށް ވާހަކަދެއްކުނީ… އައި އޭމް ސޮރީ އެބައުޓް ދެޓް… ބަޓް ދެސްޓްސް ދަ އޮންލީ ވޭ އައި ކޭން ސްޓޮޕް ޔޫ” އާދިލްސަރ އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” ޔޫ ވޯންޓް ސްޓޮޕް މީ… ވައި… ހުޝާމްދެކެ ތިހާ ރުޅި އަންނަނީ ކީއްވެތަ… އެއީ އަހަރެންގެ އެކުވެރިއެކޭ..” އަހަރެންނަށް ނޭނގި ނަމަވެސް ހަޅޭލަވައިގަނެވުނެވެ. އަހަރެންގެ އެކުވެރިއެއް ސަލާމަތްކުރަން އުޅުމުން އާދިލްސަރ އެކަމަށް އުރަސް އަޅާތީ ރުޅިގަދަވާން ފެށިއެވެ. “ޝާމް… އަހަރެން ހުޝާމް ދެކެ އެއްވެސް ރުޅިއެއް ނާދޭ.. އެކަމަކު އަހަރެން ބިރުގަތީ އަހަރުމެންގެ ގްރޫޕް މިގޮތަށް ވެދާނެތީ..” އާދިލްސަރ ބުނެލިއެވެ. “މިގޮތޭ.. ތިބުނީ” ފާރިޝް އަހަރެންގެ އަތުގައި މަޑުމަޑުން ހިފަހައްޓާލަމުން ހަމަޖެހުމަށް ލޮލުން ބުނެލަމުން އާދިލްސަރ އާއި ސުވާލުކޮއްލިއެވެ. “އަހަރެންނަށް އެނގޭ އޭރުވެސް މިގޮތަށް ގްރޫޕްގެ ތެރޭގައި ދެބައިވުން އުފެދޭނެކަން” އާދިލްސަރ ބުނެލިއެވެ. “ސޯ ޔޫ ނިއު… ޔޫ ނޯ ދެއަރ އިޒް ސަމްތިން ރޯންގް އިން ގްރޫޕް… ޔޫ ނޯ ދެއަރ އިޒް ލީކް ޕޮއިންޓް” އަހަރެން އާދިލްސަރ އާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލީމެވެ. ފާރިޝްވެސް އާދިލްސަރގެ މޫނަށް ބަލާލީއެވެ. އާދިލްސަރ އިސްޖަހާލިއެވެ. “މި ހުރިހާ އިރު… އަހަރެން ކައިރީގައި ބުނެލުމެއްވެސް ނެތް ދޯ.. އެގޭ ދޯ ހުޝާމް އެކަން ނުކުރާކަންވެސް… އެކަމަކު އަހަރެން ކައިރީގައި ބުނުން އެއީ މުހިއްމު ކަމަކަށް ކަލެއަކަށް ނުފެނުނު… ކީއްކުރަން ބުނަންވީ… އެހެންނުން… ކަލޭ ބޭނުންވި މަސައްކަތް މަ ކުރަންތާ ދޯ… ދެން ކީއްކުރަން އެހެންކަމަކަށް ވިސްނަންވީ” އަހަރެންގެ ރުޅި ކޮންޓްރޯލްއިން ނެއްޓިއެވެ. އާދިލްސަރ އާއި ދިމާލަށް އަހަރެންނަށް ޖެހެގަނެވުނެވެ. ފާރިޝް އެދޭތެރެއަށް ނުވަތްނަމަ އަހަރެންގެ އަތުން ގޯހެއް ހެދުނީހެވެ..
ފާރިޝް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ފަހަތަށް ޖައްސާލިއެވެ. “ޝާމް ހަމަޖެހިބަލަ”އަހަރެން ފަހަތަށް ކޮއްޕާލަމުން ފާރިޝް ހަޅޭލަވައިގަތެވެ. ފާރިޝްވެސް ހުރީ ރުޅިއައިސްފައެވެ. އަހަރެން ފާރިޝް މޫނަށް ބަލާލީމެވެ. އާދިލްސަރވެސް އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “މިދެން ކިހާ ދެރަކަމެއް.. އަބަދު ތިގޮތަށްތަ އުޅެން ޖެހެނީ.. ރުޅި އަޔަސް އަތް އިސްކުރުން މިހާރު ޝާމްއަށް އެހާ މުހިއްމުތަ…. އެމީހުންނާއި އެކު އުޅެން ފެށީމަ އަސްލަށްވެސް ޝާމް ވަރަށް ބަދަލު ވެއްޖެ… ރުޅި އަޔަސް ތަންކޮޅެއް މައިތިރި ވެބަލަ” ފާރިޝް ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް ހަޅޭލަވައިގަތެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮއްލީމެވެ. އެބުނީ ދެތެކެވެ. އަހަރެން މިހާރު ރުޅި އަންނައިރަށް އަތްއިސްވަނީއެވެ. އެކަމަކު އެއީ އަހަރެންގެ ކުރީގެ ގޮތެއް ނޫނެނެވެ. އަހަރެން އެކޮޓަރީގައި ހުރި އެނދުގައި އިށީދެލަމުން ބޮލުގައި ދެއަތުން ހިފަހައްޓާލީމެވެ.
“އެއީ ތެދެއްތަ.. ސަރ އަށް ކުރިން ލީކެއް އުޅޭކަން އެނގޭތަ” ފާރިޝް ހަމަޔަކަށް އެޅެލަމުން މަޑުމައިތިރިކަމާއި އެކު އާދިލްސަރއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އަހަރެންނަށް ޝައްކު… ޔަގީނެއްނޫން… އަހަރެން ޔަގީން ނުވަނީސް ނުބުނަންވެގެން ހުރީ.. އެކަމަކު އަހަރެންނަށް އެގޭ ޝާމް ހުޝާމްއާއި ވާހަކަ ދެއްކީމަ އެގޭނެކަން… އަހަރެންނަށްވެސް މިރޭ މި ޔަގީންވީ… ސޮރީ ޝާމް… އަހަރެން ޝާމް ކައިރީގައި ބުނަން ޖެހޭނެ.. އަހަރެންނަށް އެނގޭ ޝާމްއަށް ޝާމްގެ އެކުވެރިން މުހިއްމުވަނީ ކިހާވަރަކަށް ކަން… ހަމައެގޮތަށް އަހަރެންނަށްވެސް އަހަރެންގެ އެކުވެރިން މުހިއްމު” އާދިލްސަރ ބުނެލިއެވެ. އަހަރެން އޭރުވެސް އިނީ ބޮލުގައި ދެއަތުން ވަަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. “ތިބުނީ.. ކާކުގެ ވާހަކައެއް ތިބުނީ” ފާރިޝް ބުނެލިއެވެ. އެހެން ބުނުމާއި އެކު އަހަރެންވެސް އާދިލްސަރގެ މޫނަށް ބަލާލީމެވެ. “ހާނިމް” އާދިލްސަރ މަޑުމަޑުން ބުނެލިއެވެ. “ހާނިމްސަރ” ހައިރާން ކަމާއި އެކު ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” އާ.. ހާނިމް… ޝާމްއަށްވެސް އަދި ފާރިޝްއަށްވެސް އެގޭނެ ހާނިމްއަކީ އަހަރެންނަށް ކިހާ މުހިއްމު މީހެއްކަން” އެބުނީ ތެދެކެވެ. އާދިލްސަރ އާއި ހާނިމްސަރ އަކީ އެންމެ ގާތް ދެއެކުވެރިންނެވެ. އަބަދުވެސް ފެންނާނީ އެކުއެކީގައެވެ. ހުރިހާ ކަމެއް ޝެއާ ކުރާނެއެވެ.
“ކިހިނެއް އަހަރެންނަށް އެގެނީ ތިއީ ދޮގެއް ނޫން ކަމެއް… އަމިއްލަ މީހާގެ ބޮލުގައި އެޅޭ ބަދުނާމްއިން ސަލާމަތް ވާންވެގެން އެންމެ ގާތް އެކުވެރިޔާގެ ބޮލުގައި ތިކަހަލަ ތުހުމަތެއް އަޅުވަނީއެއް ނޫން ކަމެއް” އަހަރެން ތެދުވަމުން އާދިލްސަރ އާއި ކުރިމަތިލީމެވެ. “އަހަރެންނަކީ ތިހާ ދަށު ދަރަޖައިގެ މީހެއް ނޫން… އަހަރެންގެ އެކުވެރިން ސަލާމަތް ކުރެވޭތޯ އަހަރެންވެސް ބަލާނަން… އެކަމަކު މިކަމުގެ ގޮތުން އަހަރެންނަށް އެކުވެރިޔާ ސަލާމަތް ކުރެވޭނެ ގޮތެއް ނެތީ… އެއަށްވުރެއް އަހަރެން ޝާމްއާއި ޝާމްގެ އެކުވެރިން އަދި ފެމެލީ ސަލާމަތް ކުރުން މާ މުހިއްމު… އަހަރެން ތިކަމަށް ޝާމް ނެރުނީ ޝާމްއަށް ގެއްލުމެއް ދޭކަން ނޫން” އާދިލްސަރގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ފެށިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ.
“އަހަރެންނަށް މިކަމުގައި އެންމެ ފުރަތަމަވެސް ހާނިމްއަށް ޝައްކުވާން ފެށީ އަހަރެން މިކަމަށް ޝާމް ހޮވިވާހަކަ ބުނުމުން އޭނަ އެކަމަށް ދެކޮޅު ހަދަން ފެށިފަހުން.. ޝާމްއަށް އެގޭނެ އޭރު ހުރިހާ ކަމެއްގައި އޭނަ އަހަންނާއި ދެކޮޅު… އަހަރެން ފުރަތަމަ ހީކުރީ އޭނަ އަހަރެންނަށް ޖެއްސުމަށް އެގޮތަށް ވާހަކަ ދައްކަނީ ކަމަށް” އާދިލްސަރ ވާހަކަ ދެއްކިއެވެ. އަހަރެންނަށް މިފަހަރުވެސް ބަލާލެވުނީ ފާރިޝްއާއި ދިމާލަށެވެ. އަހަރެން އާދިލްސަރގެ ބަސް ގަބޫލު ކުރަން ކިތައްމެހާވެސް ބޭނުންވެއެވެ.. ނަމަވެސް އަހަރެންގެ ސިކުނޑި އެވާހަކަ ތަކެއް ގަބޫލެއް ނުކުރެއެވެ. “އޭގެ ފަހުން އޭނަ އަހަރެންނާއި ނުލާހިކު އެއްކޮޅުވި”އަހަރެން ބުނީމެވެ. “ޔަ އެއީ ހުޝާމްގެ ކޭސްގައި… ” އާދިލްސަރ ބުނެލިއެވެ. އަހަރެން ބޯހޫރާލީމެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. ބޮލުގައި ނުލާހިކު ބާރަށް ދެއަތުން ހިފަހައްޓާލެވުނެެވެ. “އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނޭ” ބޮލުގެ އިސްތަށިގަނޑުގައި ވަރަށް ބާރަށް ހިފާލަމުން އަހަރެންނަށް ބުނެވުނެވެ. “އަހަރެން ހުޝާމް ބަންދު ކުރީމަ ހުޝާމްއާއި ބައްދަލު ކުރަން ދިޔައިން… އޭނަ ފުރަތަމަވެސް ބުނީ އޭނަ އެކަން ކުރިކަމަށް… އެކަމަކު އަހަރެންނަށް އެގޭ ހުޝާމްއަށް ބަލާލާފަވެސް އޭނައަކީ އެކަހަލަ ކަމެއް ކުރުމުގެ ހިތްވަރު ހުރި ކުއްޖެއް ނޫންކަން… އެހެންކަމުން އަހަރެން އޭނައަށް ޝާމްގެ ވާހަކަ ކިޔައިދިނީ.. އަދި އޭނައަށް އަހަރެންނަކީ ކާކުކަމާއި އަހަރުމެންގެ ގްރޫޕްގެ ވާހަކައާއި އަހަރެން ބޭނުންވަނީ އޭނައަށް އެހީވަން ކަމުގައި ބުނިން… އެންމެ ފުރަތަމަވެސް އަހަރެން ގްރޫޕްގެ ވާހަކަ ބުނީމަ އޭނަގެ މޫނު މަތިން ރުޅި ވެރިކަން ފާޅުވަން ފެށި…. ވަރަށް ގިނައިން އަހައިގެން އެންމެ ފަހުން އޭނަ އަހަރެންނަށް ކިޔައިދިނީ.. އަޔާޒްގެ ވާހަކަ… އޭނަ އޭނައަށް ބިރު ދެއްކި ގޮތުގެ ވާހަކަ… ” އާދިލްސަރ ވާހަކަ ކިޔައިދެމުން ދިޔައެވެ.
” އަހަރެންނަށް އެދުވަހު އަޔާޒްއަށް އެގުނު ގޮތަކާއި މެދުގައި ޝައްކު އުފެދުން.. އެހެންކަމުން އަހަރެން ފަހަރަކު މީހެއްގެ ސިޗުއޭޝަން ބެލީ.. ފާރިޝް އެއީ ޝާމްގެ ވާހަކަ ދުވަހެއްގައި މީހެއް ކައިރީގައި ބުނާނެ މީހެއް ނޫން… ޑޮކްއަށް އަހަރުމެންގެ ގިނަ ޕްލޭން ނުވެސް އެގޭނެ… އެހެންކަމުން އޭނައަށް ކިޔޭނެ ވަކި އެއްޗެއް ނުވެސް އޮންނާނެ.. ދެން އަހަރެން… އަހަރެން އެއްވެސް މީހެއް ކައިރީގައި އެއްވެސް ވާހަކައެއް ނުބުނަން… ދެން ހުރީ ހާނިމް… އަހަރެންނަށް އެންމެ ފުރަތަމަވެސް ހާނިމްއަށް ހަންރެޑް ޕަސެންޓް ދޭކަށް ނުކެރުނު…” އާދިލްސަރ އަހަރުމެންނާއި ދިމާލަށް ބަލާލިއެވެ. ” އެއްވެސް ޕްރޫފްއެއް އެބައޮތްތަ… އޭނަގެ ބޮލުގައި ތިހާ ބޮޑު ތުހުމަތެއް ތިއަޅުވަނީ” އަހަރެން ބުނެލީމެވެ. “ނޫން އައި ޑޯންޓް ހޭވް އިނަވް… ބަޓް އަހަރެން ފާރަލަން ފެށުމުން އަހަރެންނަށް ހީވަނީ ހާނިމްއަށް އެގުނުހެން.. އަހަރެންނަށް ހަމައެކަނި ލިބުނީ ފޯން ރިކޯޑްއެއް… އޭނަގެ ފޯންކޯލްތަށް އަހަރެން އަޑުއަހަމުން ދަނިކޮށް” “ވަޓް… ޔޫ ބަގް ހިސް ފޯން” އާދިލްސަރގެ ޖުމްލަ އަހަރެންނަށް މެދު ކަނޑާލެވުނީ ލިބުނު ހައިރާން ކަމަކުންނެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުމައަރުވާލަމުން ހިނިތުންވެލިއެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ފާރިޝްވެސް ހިނިތުންވެލިއެވެ. އާދިލްސަރ އެނދުމަތީގައި އިން ލެޕްޓޮޕްއިން އެއްޗެއް ޕްލޭ ކޮއްލިއެވެ.
“އަހަރެން ނުބުނަންތަ މިފޯނަށް ނުގުޅާށެކޭ” ފުރަތަމަ އިވުނީ ހާނިމްސަރގެ އަޑެވެ. “ދީފަ އޮންނަ ނަމްބަރުން ފޯނު ނުނަގަންޏާ ދެން ޖެހޭނީ މި ނަމްބަރަށް ގުޅާކަން ނުން… އެހެން ނޫނަސް ކިހާ ދުވަހެއް ވެއްޖެ އަހަރުމެންނަށް” “މައްސަލައެއް ނެތޭ… އަަހަރެން ބުނާގޮތް ނުހެދެންޏާ އަހަރެންނަށް ކަންތަށް ކުރާނެ ގޮތް އެގޭނެ… ހަނދާން ކުރާތި.. މީގެ ފަހުން މިނަމްބަރަށް ނުގުޅާތި އަހަރެން ދުވަހަކުވެސް އެފޯނު ނުނެގިޔަސް… އަހަރެން ބުނާ ވަރުގެ ކަމެއް ވެއްޖެނަމަ ބުނާނަން” އެކޮޅުން ވާހަކަ ދެއްކި މީހާގެ ވާހަކަ މެދު ކަނޑާލަމުން ހާނިމްސަރ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. ދެންއިވުނީ ފޯނު ކަނޑާލިއަޑެވެ. އަހަރެންނާއި ފާރިޝްއަށް އާދިލްސަރ އާއި ދިމާލަށް ބަލާލެވުނެވެ.
“އަހަރެންނަށް އުޅެއުޅެވެސް ދެވަނަ ފޯނެއް ނުފެނުނު… އަހަރެންނަށް އެގޭގޮތުން ހާނިމް އަތުގައި އޮންނަނީވެސް އެންމެ ނަމްބަރެއް…” އާދިލްސަރ ލެޕް ލައްޕާލަމުން ބުނެލިއެވެ. “ތީގެން ހާނިމްސަރ ކުރާކަމެއްކަން ޔަގީނެއްނޫން” ފާރިޝް ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “އެބުނީ ތެދެއް… ތިޔަށްވުރެއް ރަނގަޅު ޕްރޫފް އަހަރުމެން ބޭނުންވަނީ… މީހެއްގެ ދިރިއުޅުން އެކޮޅު ކޮޅުން ޖެހޭވަރުގެ ކަމެއް މީ… އެހެންވީމަ ވީ ހޭވްޓް ފައިންޑް ސްޓްރޯންގް ޕްރޫފް” އަހަރެންވެސް ބުނެލީމެވެ. އާއެކެވެ. މިކަން ހާނިމްސަރގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނަގެ ދިރިއުޅުން އެއްކޮށް ބަދަލުވާނެއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ހަމައެކަނި ފޯން ރިކޯޑެއް ނޫނެެވެ. ނަމަވެސް އޭނައަށް އެކަމުން ނުރެކެވޭނެ ކަހަލަ ހެއްކެކެވެ. “ޔަ މިއީ ވަރަށް ކުޑަ އެއްޗެއް… މީގެން އެއްވެސް އެއްޗެއް ސާބިތެއްވެސް ނުކޮށްދެވޭ… ނަމަވެސް މިއީ އަހަރެންނަށް ފެނުނު އެއްޗަކީ.. އެހެންވެ ހަމަ ޝާމްއާއި ހިއްސާ ކޮއްލީ.. އަހަރެންނަށް އެނގޭ ޝާމްއަށް މިވަގުތު އަހަރެންގެ ވާހަކަ ގަބޫލު ކުރަން އުދަގޫވާނެކަން ވެސް… އެކަމަކު އަހަރެން ބޭނުންވަނީ މިކަމާއި މެދުގައި ވިސްނަން… ޖަސްޓް ތިންކް އެބައުޓް ދިސް” އާދިލްސަރ ބުނެލިއެވެ. އަހަރެންގެ އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. އަހަރެންގެ ރުޅިގަނޑު އޭރުވަނީ ހަމަޔަކަށް އެޅިފައެވެ.
“އެއްވެސް އެއްޗެއް މިވަގުތު އަހަރެންނަކަށް ނުވިސްނޭ… އެކަމަކު ކުރިން ބުނިހެން އަހަރެން ދެން ގެއްދާނީ އަހަރެންގެ އަމިއްލަ ޕްލޭންއެއް… އެއްވެސް މީހަކަށް އަހަރެންގެ ޕްލޭން ޝެއަރ އެއް ނުކުރާނަން… އެކަމަކު އެހީއެއް ބޭނުންވެއްޖެނަމަ އަހަރެން ބުނާނަން” އަހަރެން ފާރިޝް އަދި އާދިލްސަރ އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. ދެމީހުންވެސް ބޯޖަހާލިއެވެ. “އަދި އެއްކަންތަށް.. މިރޭ އެގަޑީގައި ވީ ކަންތަށް ހަމައެގޮތަށް ބާއްވާ… ހާނިމްއަށް ގަބޫލު ކުރެވެންޖެހޭނެ ޝާމް އަދިވެސް ޝައްކު ކުރަނީ އަހަރެންނަށްކަން… އޭރުން އޭނަވެސް ކޮންމެވެސް މިސްޓޭކްއެއް ހަދާނެ… އަހަރެން ހުންނާނީ އެވަގުތަށް ރެޑީގައި” އާދިލްސަރ ބުނެލިއެވެ. “އަހަރެން އެންމެންނަށް ޝައްކު ކުރަން… އެންމެންނަށް…” އަހަރެން ބުނެލީމެވެ.
“ދެން އެހެންވީމަ މި ބައްދަލު ވުން ނިންމާލަމާ… އާދިލްސަރއަށް އަންގާލަން ޖެހޭ އެއްޗެއް އޮވެއްޖެނަމަ އަހަރުމެން އަންގާނަން” ފާރިޝް ބުނެލިއެވެ. އާދިލްސަރ ބޯޖަހާލިއެވެ. “އަހަރެންނަށް އެނގޭ ޝާމް އަކީ ކުޅަދާނަ ކުއްޖެއްކަން.. ޝާމް ކުރާ ހުރިހާ ކަމެއްވެސް ކުރާނީ ވަރަށް ވިސްނާފަކަން… އަދި ނަގާނީ ރަނގަޅު ޑިސިޝަންކަން.. އެހެންވެ އަހަރެން ޝާމް މިމަސައްކަތަށް ހޮވީވެސް… ކޮންމެ މީހެއް ޝާމްގެ ބޮލަށް އެރެން އުޅުނަސް އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އަހަރެންނަށް އެނގޭ” އާދިލްސަރ އަހަރެންނާއި ކުރި މަތި ލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. “ތެންކްސް އަދި އެއްވާހަކަ…. އަހަރެން މިއުޅެނީ ހުޝާމް އެތަނުން ނެރެން… އެހެންވެ އެވާހަކަ ބުނެލީ… ކޮންމެ މީހަކު އެކަމާއި ދެކޮޅު ހެދިޔަސް އަހަރެން އެކަން ކުރާނަން” އާދިލްސަރގެ އަތުގައި ހިފާލަމުން ބުނެލީމެވެ. “ޝާމް މިހާރު ތިކަމަށް ވަންފަހުން އެގޭތަ ވަރަށް ގޮތްދޫނުކުރާކަން” އާދިލްސަރ ހީލަމުން ބުނެލިއެވެ. “ހަމައެކަނި ގޮތްދޫނުކުރަނީތަ… އެހެރަ ރުޅިއެއްވެސް ދޯ… އަހަރެންނަށް ހިތަށް އެރި އޭރު އެކޮޓަރީތެރޭގައިި އެއީ ހަމަ ޝާމްބާއޭ.. ނޫނީ ޝާމް ކައިގެން އަރާ ހުރި ޖިންނިއެއް ބާއޭ” ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އެވެސް ތެދެއް… އަހަރެންވެސް ހުރީ ހައިރާން ވެފައި… އަސްލުވެސް ޝާމް ވަރަށް ޗޭންޖް ވެއްޖެ… ބައެއްފަހަރު އޭގެން މީހަކާއި ތަފާތެއް ނުހުރޭ” އާދިލްސަރ ފާރިޝްގެ ވާހަކައިގައި ބައިވެރިވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. “ރަނގަޅެއް ނުން… އެމީހުންގެ މީހަކާއި އެއްވައްތަރު ވީމަ.. އެހެންނޫނަސް ބުނެއެއްނުން އަހިވަކަކާއި ޖެހި އަހިވަކެއް ފާވާނެއޭ” އަހަރެން ބުމަ އަރުވާލަމުން އެމީހުންނާއި ދިމާލަށް ބުނެލީމެވެ. “ރަނގަޅު… އެކަމަކު މާބޮޑަށް ފާ ނުވައްޗޭ… އޭރުން ވެއްޓި ޗިސްވެއްޖެނަމަ ކަމަކު ނުދާނެ” އާދިލްސަރ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އާދިލްސަރއަށް ބޯޖަހާލީމެވެ. އަދި ފާރިޝްއާއި ދެމީހުން އެތަނުން ނިކުތީމެވެ.
“އަދިވެސް ހިތްހަމަނުޖެހިފަތަ ސާހިބާ.. އަހަރެން އޭރުވެސް ބުނީމެއްނުން އާދިލްސަރ އެއީ ލީކް ޕޮއިންޓްއަކަށް ނުވާނެއޭ… ” ފާރިޝް ނިކުމެ ސައިކަލަށް އަރަމުން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. “ހޫމް… ބަޓް އައި ޑޯންޓް ޓްރަސްޓް ހިމް” އަހަރެންވެސް ސައިކަލަށް އަރަމުން ފާރިޝްއަށް ޖަވާބު ދިނީމެވެ. “ސޯ ދެން ކޮންކަމެއް އޮތީ… މިހާރު އެހެރަ ތިނެއްޖަހަނީ” ފާރިޝް ސައިކަލް ނައްޓާލަމުން އަހާލިއެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އޯހް އޯކޭ… ސާހިބާގެ އަމިއްލަ ޕްލޭން ދޯ… ސޯ ޑޯންޓް ސޭ އެނީތިން… އެކަމަކު ތި ޕްލޭންގައި ނިދުން އެބައޮތްތަ… ނޫނީ ހަމަ ނުނިދާ ހުންނަގޮތަށްތަ” އަހަރެން ބަލާލުމުން ފާރިޝްގެ މޫނަށް ފާޑެއްގެ ގޮތެއް ހަދާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “މިވަގުތު ދެން އަހަރެން ދާނީ ރޫމްއަށް… މާދަން ހުޝާމް އެތަނުން ނެރުން… އޭގެ ފަހުން ކަންތައް ކުރާގޮތް ބުނެލާނަން… އަހަރެންނަށް ގުޅޭގޮތަށް ހުންނާތި… ފާރިޝްވެސް ދެން ނިދަންދޭ… އަހަރެންވެސް ނިދޭތޯ ބަލާނަން” އަހަރެން ބުނެލީމެވެ. އަހަރެން އެހެން ބުނުމާއި އެކު ފާރިޝް ދިޔައީ އޭނަގެ ގެއަށެވެ. އަހަރެންވެސް ސައިކަލް މަޑުކޮއްލީ އަހަރެންގެ ރޫމް ހުންނަ ގެސްޓް ހައުސް ކައިރީގައެވެ. ސައިކަލް އެތަނުގައި ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. ރިސެޕްޝަންއިން ތަޅުތަނޑި ހިފައިގެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީމެވެ. އަދި ދޮރުލެއްޕުމަށްފަހު ތަޅުލީމެވެ. ލައިޓް ޖައްސާލުމަށްފަހު އެބުރުނު ގަޑީގައި އަހަރެން ދިޔައީ ސިހިގެންނެވެ. ސިހިގެންދިޔަ ވަރުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “ހާދަ ލަހަކުން ތިއައީ” އަހަރެން ފެނުމާއި އެކު ހާނިމްސަރ ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ހާނިމްސަރ އާއި ދިމާލަށް ބަލަމުން ދިޔައީމެވެ. “މިތަނުގައި ކީއްކުރަނީ.. ކިހިނެއްތަ މިތަނަށް ވަނީ.. ކާކު ބުނީ އަހަރެން އުޅެނީ މިރޫމްގައޭ” އަހަރެންެ ހައިރާންކަން ރުޅި ވެރިކަމަށް ބަދަލުވިއެވެ. ހާނިމްސަރ މިތަނަށް އައީ ކީއްކުރަން ހެއްޔެވެ… އޭނަ އެކުރި ކަމުގެ ސަބަބުން އަހަރެންގެ އައިޑެންޓިޓީ އެންމެންނަށް އެގޭނެއެވެ. މިކޮޓަރިއަށް މިވަގުތުވެސް ގްރޫޕްގެ މީހެއްވެސް އަތުވެދާނެއެވެ. ހާނިމްސަރ ހިނިތުންވެލިއެވެ. “މިތަނުގައި ސަރ ކީއްކުރަނީ.. މި ރޫމްއަށް ކީއްކުރަން ތިއައީ.. އަޅުގނޑު ކައިރީގައި އެހެންތަނަށް ދާން ބުނިނަމަ ދިޔައީމުސް… މިތަނުން ކޮންމެ ފަދަ މީހަކާއި ދިމާވެދާނެ…” އަހަރެން ވަރަށް މަސައްކަތުން ރުޅިގަނޑު ހިންދާލަމުން ރީތިކޮށް މަޑުމައިތިރިކަމާއި އެކު ހާނިމްސަރ އާއި ވާހަކަ ދެއްކީމެވެ. “އައި ނޯ.. އެކަމަކު މިއީ ދަންގަޑިއެއްނުން.. ކާކު މިގަޑީގައި މި ރޫމްއަށް އަންނާނީ… އެހެން ނޫނަސް އަހަރެން އެހާ ގިނަ އިރެއް ނުކުރާނަން.. ” ހާނިމްސަރ އިށީދެގެން އިން އެނދުމަތިން ތެދުވިއެވެ.
އޭނައަށް ނުވިސްނެނީ ހެއްޔެވެ. ދަންގަޑިއަކީ މިކަންތަކުގައި އުޅޭ ޒުވާނުން ހޭލާ އުޅޭ ވަގުތު ތަކެވެ. އޭނައަށް އެކަން އެގި އަހަރެން ބަސްޓު ކޮށްލަން ބޭނުންވަނީ ބާއެވެ. އޭރު އަހަރެންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. މާޒިންނުވަތަ ގްރޫޕް މީހެއް ވިޔަސް އަތުވެދާނެތީއެވެ. އަހަރެން މި ތިން އަހަރުވަންދެން ފޮރުވައިގެން އުޅުނު އައިޑެންޓިޓީ މީހަކަށް އެގިދާނެތީއެވެ. “އަޅުގަނޑަށް ގުޅާލިނަމަ” އަހަރެންނަށް އަނެއްކާވެސް ބުނެވުނެވެ. “ސާބަހޭ ޝާމް… އަަހަރެން މިއައީ މިރޭ އިރާކޮޅު ވީ ކަންތަކާއި މެދުގައި ވާހަކަ ދައްކާލަން ކަމަށް” ހާނިމްސަރ އަހަރެންގެ ކުރިމައްޗަށް ހުއްޓި އޭނަގެ ޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. “އެކަންތަކާއި މެދު އިތުރަށް ދައްކާނެ ވާހަކައެއް ނެތް” އަހަރެން ދަޅުދަނޑިއާއި ވޮލެޓް މޭޒުމަތީގައި ބަހައްޓާލަމުން އަލަމާރިން ފެންފުޅިއެއް ނަގަމުން ބުނެލީމެވެ. “އަަހަރެންނަށް އެނގޭ އާދިލް އެގޮތަށް ކަންތަށް ކޮށްގެން ނުވާނެކަން… އޭނައަށް އެކަމުގެ އަދަބު ލިބޭނެ.. އެކަމަކު ޝާމް ހަދާން ކުރަންވާނެ އަހަރުމެންނަށް މިހާރު ފަހަތަށް ޖެހެވޭކަން ނެތް.. މިމަސައްކަތް ނިމެން މިހާބޮޑަށް ގާތްވެފައި ހުއްޓާ” ހާނިމްސަރ ވާހަކަ ދެއްކިއެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. “އަހަރެން ބުނިން ދޯ އަހަރެންގެ އަމިއްލަ ޕްލޭން އޭ ދެން ގެންގުޅޭނީ… އަހަރެންނަށް އޯކޭ ކޮންމެ މީހަކު އެގޮތަށް ކަންތަށް ކުރި ކަމުގައިވިޔަސް… މިކަމަކީ އަހަރެން ނިންމާނެ ކަމެއް… އެންމެން އަތުލާނަން.. ނަމަވެސް އަހަރެން ބޭނުންވާ ގޮތަށް ކަންތަށް ކޮށްގެން” އަހަރެން ފެންފުޅިން ފެންފޮދެއް ބޯލަމުން ބުނެލީމެވެ. “މައްސަލައެއްނެތް… އައި ވިލް ހެލްޕް ޔޫ އިން އެނީވޭ… ސޯ ޑޯންޓް ފޮގެޓް ޓު އާސްކް” ހާނިމްސަރ ބުނެލިއެވެ. “ބިލީވްމީ… އައި ވިލް” އަހަރެން ހާނިމްސަރ އަށް ހިނިތުންވެލަމުން ބުނެލީމެވެ. އަހަރެން އެހެން ބުނުމާއި އެކު ދަނީއޭ ބުނެ ހާނިމްސަރ ކޮޓަރިން ނިކުތެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެވަގުތުއެވެ.
އޭރުވެސް އަހަރެންގެ ހިތް ދިޔައީ ނުލާހިކު ބާރަށް ތެޅެމުންނެވެ. ބިރުންނެވެ. މިފަހަރު މީހަކަށް ނުފެނި ސަލާމަތް ވެވުނީ ހަމަކިރިޔާއެވެ. ހާނިމްސަރ އަހަރެންގެ ރޫމްއަށް އައުމުގެ ބޭނުމަކީ ކޮބައިބާއެވެ. އަނެއްކާ އަހަރެންގެ ކޮޓަރީގައި ކުޑަ ކެމެރާއެއް ހަރުކުރީ ބާއެވެ. ނުނީ އަޑުބޭރުވާގޮތަށް އެއްޗެއް ހަރުކުރީ ހެއްޔެވެ. އެހެން ހިތަށް އެރުމާއި އެކު ކޮޓަރީގެ ހުރިހާ އެއްޗެއް އެފުން މިފުށަށް ޖަހައިފީމެވެ. ނަސީބަކުން އެކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ. ނަމަވެސް ހާނިމްސަރ އެގޮތަށް އައުމުން އަހަރެންނަށް ބުނަން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ހިތުގައި އުފެދުނެވެ. އެނދުގައި އަހަރެން ޖައްސާލީމެވެ. މިހާރު އެއްގޮތަކަށް ނުނިދޭތީ ބޮލަށް ބަރުވެފައިވާ ވަރު އިހްސާސް ކުރެވުނެވެ. ނަމަވެސް އަހަރެން ނިދާނީ ކިހިނެއް ހެއްޔެވެ. ނިދާއިރަށް އެހުވަފެން ފެނި މީހާ އެއްކޮށް ހަލާކުކޮއްލައެވެ. ނިއްކުރި މައްޗަށް ހުރި ނުލާހިކު ބާރުވެފައެވެ. ދެލޮލަށްވެސް ދިޔައީ ތަދުވަމުންނެވެ. ނަމަވެސް އަދި އަމުދުން މިހާރު އަހަރެންނަށް ނިދޭކަން ނެތެވެ. އަހަރެން އެނދުން ތެދުވެ ފާހަނައަށް ވަނީމެވެ.
ފާހަނައިން ނިކުން އިރު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިފައިވާ ކަހަލައެވެ. އެހާ ފިނި ފަތިހެއްގައި ފެންވަރާލުމުން މީހާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ފެންވަރައިގެން ނިކުމެ ރީތި ވެލީމެވެ. އަދި ސައިކަލަށް އަރާ މިޝްކާ އުޅޭ އެޕާޓްމެންޓްއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
ނުނިމޭ…
11 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge comment thakah maruhaba 🙂
Alhey! Kihinehbaa vaan miulhenee. Varah reethi
thnks maaya dear 🙂
dhen shaam eulheny nuves nidhaatha? 😮 ehen hadhaakah nuvaane ehnu 😉
anyway, Hanim sir tha leak point aky? 😮 dhen mihaaru emme nah vx shakku 😀 hehehhe!! waiting for the next part! varah reeeeeeeeeethi mi bai vx! Fantasy thy police ehtha? 😮 Fantasy ge hurihaa vaahaka eh hen hunnany migothah varah adventurous koh 😀 varah curious!
pls next part up koddhecchey avahah ^w^ :3
nunidhaa ulhen jehunyma jeheyne dhoo nunidhaa ulhen ves dhoo faxoo 🙂 fantasy mee polihen nuney dear.. ya mikahala vaahaka liyaa hih vany 🙂 thnks v bodah igey dear 🙂
Mivaahaka vv reethi.. keep up the good work.. 🙂
thnks axu 🙂
fantasy ah kiyany kn nameh tha? v rythi vaahaka…
mee beynun vejje nama sofy kiye dhaane 😉 thnks v bodah igey 🙂
Wowwwww i love this type of stories…♥♥♥♥♥♥♥ u r the best…love this story a lot..
thnks v bodah maalu for the sweet comment 🙂