މަންޒިލް ތިއޭ 6
އާ ކޯޗު ޓީމާއި ހަވާލުވެގެން އޮތް ފުރަތަމަ ބައްދަލުވުމަށް ޗެލްސީގެ ހުރިހާ ކުޅުންތެރިން ހާޒިރުވެ ތިއްބެވެ. އާރާޝްއަކީ ހުރިހާ ކުޅުންތެރިން ދަންނަ އަދި ގިނަ ކުޅުންތެރިން ނަމޫނާއަކަށް ބަލާ ކުޅުންތެރިއެކެވެ. ކޮންމެ ކުޅުންތެރިއެއް ވެސް ހުރީ އާރާޝާއި ބައްދަލު ކުރަން ކެއްމަދުވެފައެވެ.
****
އާރާޝް ކޯޗު ކަމުގެ ދަށުގައި ޗެލްސީ ކުޅެން ޖެހުނު ދެ މެޗުވެސް ވެގެން ދިޔައީ ވަރުގަދަ ދެ މެޗަށެވެ. ފުރަތަމަ ލަންޑަން ޑާރބީގައި ވެސްޓްހަމާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔޫރަޕާ ލީގުގެ ގުރޫޕް ސްޓޭޖުގައި ޔޫރަޕާ ލީގުގެ އެންމެ ކާމިޔާބު ޓީމި ސެވިއްޔާއާއި ދެކޮޅަށް ކުޅޭ މެޗެވެ. ދެ މެޗަކީވެސް މޮޅުވާން މުހިންމު ދެ މެޗަށްވުމުން ދެ މެޗުގެ ފުރަތަމަ އެގާރައަށް ވެސް އާރާޝް ބޭނުން ކުރީ އެއް ކުޅުންތެރިންތަކެކެވެ. ޕްރެކްޓިސް އަދި ކުރީގެ މެޗުތަކަށް ބަލާފައި އޭނާ އަދި އެސިސްޓިން ކޯޗުންގެ ލަފަޔާއެކު އޭނާއަށް ފެނުނު އެންމެ ރަނގަޅު ކުޅުންތެރިން ކުޅުވީއެވެ. ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. މޮޅުނުވި ކަމުގައި ވިއަސް އޭނާ ހިތްހަމަ ޖެހޭފަދަ ކުޅުމެއް ޗެލްސީ ޓީމުން ދެއްކިއެވެ.
ވެސްޓްހަމް އަދި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެރިކް ހުންނަން ޖެހުނީ ބެންޗުގައެވެ. ޗެލްސީއަށް ބަދަލުވިފަހުން ރަނގަޅު ކުޅުމެއް ނުދެއްކޭކަން އަމިއްލައަށް އެރިކް ޤަބޫލު ކުރެެއެވެ. އެހެނަސް ބެންޗުގައި އިންނަން ޖެހުމުގެ ސަބަބުން އޭނާ ވަނީ ނުތަނަވަސްވެފައެވެ. އާ ކޯޗުގެ ޓީމުގައި އޭނާއަށް ޖާގަ ނެތޭ ހީވާން ފެށިއެވެ.
އެހެންދުވަސްތަކާ ޚިލާފަށް އެރިކް ބަސްމަދުވެފައި ކަމަކާ ވިސްނަމުން ދިޔައެވެ. ދެދުވަހަށް ފަހު މިންހާއާ ދިމާވުމުން ވެސް އެރިކް ބަހެއް ނުބުނެއެވެ. މިންހާ ދައްކަމުން ދިޔަ ވާހަކައަށް ވެސް އެރިކް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. “އެރިކް ކޮންކަމަކާ މެދު މާ ވަރަކަށް ތި ވިސްނަނީ؟” އެރިކްގެ ސަމާލުކަން ނުލިބޭހެން ހީވުމާއެކު އެރިކް އަތުގައި ހިފައި ތަޅުވާލިއެވެ.
ސިކުނޑިތެރޭ އެނބުރެމުން ދިޔަ ޚިޔާލުތައް މިންހާއަށް ކިޔާދޭނެ ގޮތެއް އެރިކްއަކަށް ނޭންގެއެވެ. އޭނާއަކީ ފުޓުބޯޅަ ކުޅުންތެރިޔިއެއްކަން އަދިވެސް ވަނީ މިންހާއަށް ސިއްރުކޮށްފައެވެ. “ޖޮބާ މެދު ކުޑަކޮށް ވިސްނެނީ. މިހާރު އައިސްގެން އުޅޭ އާ ބޮސްއަށް އަހަރެން ކަމުނުދޭ ކަންނޭންގެ” އެންމެ ފަސޭހައިން މިންހާއަށް އޭނާގެ ކަންބޮޑުވުން ހިއްސާ ކޮށްދެވޭނެ ގޮތަށް އޭނާގެ ކަންބޮޑުވުން އެރިކް ހިއްސާ ކުރިއެވެ. މިންހާ ބޯ ޖަހާލުމަށް ފަހު އިތުރު އެއްޗެއް ނުބުނެވެ. އެރިކް އުޅެނީ ކޮން ވަޒީފާއެއްގަ ކީއްކުރަން ކަމެއް މިންހާއަކަށް ނޭންގޭތީއާއެކު އެނާއަށް އެރިކްއަށް އެހީވެދެވޭނެ ގޮތެއް ނެތެވެ.
މިންހާއާއެކު ހިނގާލެވުމުން އެރިކްގެ ނުތަނަވަސްކަން ކޮންމެސް ވަރަކަށް ފިލައިފިއެވެ. މިންހާއަށް ނޭންގުނު ކަމުގައި ވިއަސް މިންހާ ކުރާ ކިތަންމެ ކުޑަ ކަމަކުން ވެސް އެރިކްގެ ހިތަށް އުފާވެރިކަން ލިބެއެވެ. މިންހާ ދައްކަމުން ދިޔައީ ކޮންމެސް ވާހަކަ ފޮތެއްގެ ވާހަކައެކެވެ. އެރިކްއަކީ އެއް އިރެއްގައި ވެސް ވާހަކަ ކިއުމަށް ޝައުޤުވެރިވި ޒުވާނެއް ނޫނެވެ. އެހެނަސް މިންހާގެ އަނގައިން އެވާހަކަ ފޮތް ސިފަކޮށްދެމުން ދިޔަ ގޮތް އެރިކްއަށް ކަމުދިޔައެވެ. މިންހާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަތަށް ބަލާ ފޫހި ނުވާނެއެވެ. ވާހަކަ ފޮތްތަކަށް މިންހާ ދޭ ސަމާލުކަމާއި ޝައުޤުވެރިކަން އެރިކްއަށް ކަމުދިޔައެވެ.
ހެވިފައި އެރިކް އޭނާއަށް ބަލަން ހުރި ގޮތުން މިންހާ ރަކިވިއެވެ. އޭނާގެ ދޮން މޫނު ޓޮމާޓޯއެއްހާ ރަތްވާހެން ހީވުމާއެކު ލަދުން އިސްޖަހާލިއެވެ. އިތުރަށް އެންމެ ލަފުޒެއްވެސް އަނގައިން ބޭރުކުރާކަށް ނުކެރުނެވެ.
އިޝަލްގެ ނަފްސާނީ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުން ދިޔައެވެ. މީހުން އޭނާއާ ދިމާއަށް ބުނާ ބަދުބަސްތަށް ޤަބޫލުކުރެވެން ފެށިއެވެ. އޭނާއަކީ ހަޤީޤަތުގައި ވެސް އެއްވެސް ހުނަރެއް ނެތް ކުޅުންތެރިއެއް ކަމަށް އަމިއްލަ ސިކުނޑި ވިސްނައިދިނެވެ. ކުޅުންތެރިއެއް ގޮތުގައި އޭނާ މިއަދު ހުރި ހިސާބަށް އާދެވުނީ އޭނާއަކީ މަޝްހޫރު ކުޅުންތެރިއެއްގެ ދަރިއަށް ވުމުންކަން ޤަބޫލުކުރެވެން ފެށުނެވެ. އާސެނަލްގެ ކޯޗެއް ގޮތުގައި އޭނާގެ ބައްޕަ ނޫން އެހެންމީހެއް ހުރިނަމަ ފުރަތަމަ އެގާރަ ކީއްކުރަން އާސެނަލް ބީ ޓީމުން ވެސް ޖާގަ ލިބޭނެކަމާމެދު އިޝަލްއަށް ޝައްކެވެ. އިޝަލްއަށް އަބަދުހެން ސޯޝަލް މީޑިއާގައި އޭނާއަށް ފާޑު ކިޔާފައި ހުންނަ ޕޯސްޓު ތަކަށް ބެލެނީއެވެ. ނުބަލަން އުޅުނެއް ކަމަކު ކިރިޔާވެސް ހުސްވަގުތެއް ލިބޭ އިރެއް ކުރެވެނީ އެމަސައްކަތެވެ. އާއިލާ މީހުން އެނުބެލުމަށް ދީފައިވާ ނާސޭހަތަށް އޭނާއަށް ދެވެނީ ބީރުކަންފަތެކެވެ. މިއަދުވެސް ތަމުރީނުން އައި ގޮތަށް އޭނާ އޮތީ ‘އެކްސް’ގެ ޕޯސްޓުތަށް ބަލާށެވެ. ހޭޝްޓެގް އިޝަލް ޖަހާފައި ހޯދުމުން ގިނައިން އަންނަނީ ހުސް އޭނާއަށް ފާޑުކިޔާފައި ހުރި ޕޯސްޓުތަކެވެ. ނުވަތަ މަލާމަތްކޮށްފައި ހުންނަ ޕޯސްޓު ތަކެވެ.
ލޮލަށް ކަރުނަ ޖަމާވާން ފެށުމާއެކު އިޝަލް ފޯނު ބޭއްވިއެވެ. އިތުރަށް އެ ޕޯސްޓުތަށް ބަލާނެހާ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ.
ކޮލެޖުން އައިސް ހެދުން ބަދަލުވެސް ނުކޮށް މިއާ އިނީ ސޯޝަލް މީޑިއާ ހާވާށެވެ. އިޝަލްގެ ދިފާއުގައި އެތަށް ބަޔަކާ ދެބަސް ވަމުން ދިޔައެވެ. އެމީހުން ކިޔައިފައި ހުންނަ އިހާނެތި ބަސްތަކުން މިއާ ވެސް ދެރަވެއެވެ. އަދި އިޝަލްއަށް ކިހާ އަސަރެއް ކުރާނެހެއްޔެވެ؟ އެހެން ހިތަށް އެރުމުންވެސް މިއާގެ ހިތަށް އުނދަގޫވިއެވެ.
ކުޅުންތެރިންނާއި އޭނާއާ މާބޮޑު ގުޅުމެއް ނެތްކަން ހެން އިހުސާސްވާން ފެށުމާއެކު އާރާޝް ބޭނުންވީ ރަނގަޅު ގުޅުމެއް އެދެމެދުގައި ޤާއިމު ކުރާށެވެ. ބައެއް ކުޅުންތެރިން އޭނާދެކެ ޖެހިލުން ވާހެން ހީވުމާއެކު އެކަން ބަދަލު ކުރަން އާރާޝް ބޭނުންވިއެވެ. އެކަމަށްޓަކައި ހޯމަ ދުވަހުގެ ރޭގަނޑު ކެއުމަކަށް އޭނާގެ ގެއަށް އައުމަށް ހުރިހާ ކުޅުންތެރިންނަށް ދައުވަތު ދިނެވެ.
ދެތިން ކުޅުންތެރިން ފިޔަވާ ސްކޮޑުގެ ހުރިހާ ކުޅުންތެރިން ވެސް އާރާޝްގެ ދަޢުވަތު ޤަބޫލުކޮށް ރޭގަނޑު ކެއުމަށް އައިސް ތިއްބެވެ. މާނީ އާއި އާރާޝް ވެގެން ވަރަށް ފުރިހަމަ ކެއުމެއް ވަނީ ތައްޔާރުކޮށްފައެވެ.
ޗެލްސީގެ މުޅި ސްކޮޑު ގޭގައި އުޅޭކަން އެނގޭތީވެ މިންހާ އޮތީ ކޮޓަރީގައެވެ. އެރިކް ވެސް މިރޭ ވަޒީފާގެ ކަމެއް އޮތުމުން އޭނާއަށް މެސެޖެއް ނުކުރެއެވެ. އެރިކްގެ މެސެޖެކަށް އިންތިޒާރު ކޮށްގެން އޮއްވައި މިންހާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގެއެވެ.
އާރާޝް ކޯޗުގެ އާއިލާ އެރިކްއަށް ކަމުދިޔައެވެ. މާނީ އާއި އާރާޝްގެ އިތުރަށް ޔޫސުފް ވެސް ހުރިހާ ކުޅުންތެރިންނާ ވެސް މުޢާމަލާތު ކުރީ ވަރަށް ހިތްހެޔޮކޮށެވެ. ކައި ނިންމުމަށްފަހު ވެސް ގޭގެ “ޓުއާރ” އެއް އާރާޝް ހުރިހާ ކުޅުންތެރިންނަށް ދިނެވެ.
އެކި ކުޅުންތެރިން ގޭގެ އެކިތަންތަނުގައި އެކި ވާހަކައިގައި ތިއްބެވެ. އެރިކް އަދިވެސް އާކަމުން މާގިނަ އެކުވެރިންނެއް ނުލިބެއެވެ. ދާނެ ވަކިތަނެއް ނެތުމުން އެރިކް މަޑު ކުރީ ސިޓިންރޫމުގައެވެ. އޭރު ސޯފާގައި ޔޫސުފް ވެސް ލައިޝާ ގޮވައިގެން އިނެވެ.
ޔޫސުފް ވަރަށް އެކުވެރި ކަމާއެކު އެރިކްއާ ވާހަކަ ދެއްކިއެވެ. ލިވަޕޫލަށް ފުރަތަމަ ބަދަލުވި އަހަރު އޭނާއަށް ކުރެވުނު ތަޖުރިބާ އެރިކްއާއި ހިއްސާކުރިއެވެ. ފުރަތަމަ ދުވަސްކޮޅު އެކަނިވެރިކަން އިހުސާސްވިއަސް ފަހުން ރަނގަޅުވާނެ ކަމަށް ބުނެދިނެވެ.
ަިސިކުނޑި ތާޒާ ކޮށްލުމުގެ ނިޔަތުގަައި އިޝަލް ބޭރަށް ނުކުމެލިއެެވެ. އިޝަލް ހިނގައިގަތީ މިންހާ މެން ގެއާ ދިމާއަށެވެ. މިންހާއާ ވާހަކަ ދައްކާލުމުން އަބަދުވެސް އޭނާގެ ސިކުނޑިއަށާއި ހިތަަށް ލުއިކަން ލިބިގެންދެއެވެ.
ޗެލްސީ ކުޅުންތެރިން އެގޭގައި އުޅޭކަން އޭނާއަށް އެނގުނީ އެތެރެއަށް ވަން ފަހުންނެވެ. އާދެވުނު މޮޔަ ހީވިއެވެ. ޒަމާނުން ސުރެ ދެ ޓީމު ދެމެދުގޮައި އޮންނަ ވާދަވެރިކަން ކުޅުންތެރިންގެ މެދުގައި ވެސް އޮވެއެވެ. އިހްތިރާމު ކުރި ނަމަވެެސް އެކުޅުންތެރިންނަކީ އޭނާ މާ ގަޔާވާ ކުޅުންތެރިންނެއް ނޫނެވެ. އެމީހުންނާ މާ ބޮޑަށް ވާހަކަ ދެއްކުމެއްނެތި އިޝަލް ސިޓިންރޫމަށް ދިޔައެވެ. ސޯފާގައި ޔޫސުފް އާއި ވާހަކަ ދައްކަން ހުރި އެރިކް ފެނުމުން ހަނދާންވީ މިއާ މަތިންނެވެ.
އިޝަލް ގޮސް ޔޫސުފް އާއި އެރިކްއާ ބައިވެރިވިއެވެ. އެރިކްއާ ސަލާން ކޮށްލުމަށްފަހު އަމިއްލައަށް ތަޢާރަފު ވެލިއެވެ. “އެލެކް… އަހަރެންގެ ކޮއްކޮއަކީ އެލެކްގެ ވަރަށް ބޮޑު ސަޕޯޓަރެއް…ކޮއްކޮއަށް ސަޕްރައިޒެއް ދޭން އޮޓޮގްރާފް ލިބިދާނެތަ؟” މިއާ އާއި އެރިކް ދިމާވެފައިވާކަން ނޭންގޭ ހާލު އެރިކް އެހިއެވެ.
“އެލެކް ގަދަ އިނގޭ… އެރިކް ޔަގީންތަ ތީނަ ކޮއްކޮ ގެ ފޭވަރިޓަކީ އަހަރެން ނޫންކަން؟” ޔޫސުފް ސަމާސާ ރާގެއްގައި އަހާލިއެވެ. ހަޤީޤަތަކީ އޭނާ ހުރީ ކޮއްކޮ އިޝަލްއަށްޓަކައި އުފަލުންނެވެ. ސީދާ ވަކިން އިޝަލްއަށް ސަޕޯޓު ކުރާ ކުއްޖަކު ފެނުމުންނެވެ. އަމިއްލަ ނަފުސާ މެދު އިޝަލްދެކޭ ގޮތް ޔޫސުފަށް އޮޅިފައެއް ނެތެވެ. އިޝަލް އަބަދުވެސް ވާހަކަ ދައްކާނީ އަމިއްލަ ނަފްސު ދަށްކޮށްގެންނެވެ. އެ ގޮތަށް ނުވިސްނުމަށް އާއިލާ އެންމްވެސް ވަރަށް ނަސޭހަތް ދެއެވެ. އިޝަލްއަށް ހީވެފައި އޮންނަނީ އާއިލާއަށް ވުމުން އޭނާ ހިތްހަމަ ޖައްސަ ދިނުމަށް މަޖުބޫރުވެގެން އެމީހުން އެހެން ބުނަނީ ކަމަށެވެ. އެހެނަސް މިއަދު އެރިކްގެ ފަރާތުން އެ ލިބުނު ތަޢުރީފުގެ ސަބަބުން އިޝަލްގެ ވިސްނުން ކޮންމެސް ވަރަކަށް ބަދަލުވާނެކަމަށް ޔޫސުފް އުއްމީދު ކުރިއެވެ.
“މިއާ ދޯ.. މަށާ މިއާއާ ދިމާވެއްޖެ….” ހިނިތުންވުމަކާއެކު މިއާއާ ދިމާވި ގޮތް ކުޑަ ގޮތަކަށް އެރިކް އަދި ޔޫސުފަށް ކިޔައިދިނެވެ. ގެއްލިގެން ގޮސްފައިވާ އިޝަލްގެ ފުރިހަމަ ހިނިތުންވުން މިރޭ އަނބުރާ އަތުވެއްޖެއެވެ.
ނުނިމޭ
2 Comments!
Comments are closed.






Mi part varah reethi. plssss plsssss next part up kohdheeba. this is my fav vaahaka series. Ive been waiting for soooo long mi vaahakaige ehen part eh nikumeytho. Also I like both versions(Manzil and Malzil thi ey) of this story. Please please I want the next part.
Kon dhuvahakun tha dhen next part kiyaalan libeynee. I love this story soo much. Please next part up kohdheeba.