އޭލިއަން ސިލްސިލާ: ހިރާސް – 7
ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ކުދިން ހެނދުނުގެ ވަގުތު ބޭރުގައި ހޭދަކުރަން ޖެހޭ ވަގުތު ހަމަވުމުން އެކުދިންގެ ކަންކަމާއި ހަވާލުވެގެން ތިބި ޖަލު އޮފިސަރުން އެކުދިން ވައްދައި އިހެކޭ އެއްގޮތަށް ބިޑިއަޅުފައި ފައިގައި ޓެގާއި ހިލިހިލާ ޖެހިއެވެ. އެއަށްފަހު އޮފިސަރުން ނުކުމެ ތަން ހަމަހިމޭންވުމުން އެލް، މީގެ ހިނދުކޮޅެއް ކުރިން އަނޯރާއަށް އެނގުމަކާއި ނުލާ އޭނަގެ ޖީބުން ނެގި ތަޅުދަނޑިފަތިން އޭނަގެ ކަސްތޮޅުތަކުން މިނިވަންވެގަތެވެ. އެއަށްފަހު އަތުން ޖާދޫގެ ކަނާޅެއް ނެރެ އެނާގެ މަންމަ ބިނާ ކުރި ދުނިޔެއަށް ދިޔައެވެ. އެތަނުގައި ބަންދުކޮށްފައި ތިބި އެހެން އޭލިޔަނުންނަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.
ކުރިއެކޭ ވެސް އެއްގޮތަށް އޭނަގެ އިންތިޒާރުގައި ޚާދިމުމީހާ ހުއްޓެވެ. ތަފާތަކީ އޭނާގެ އަތުގައި ގިލަފައްޗެއް ނެތްކަމެވެ.
“ކޮބާ؟؟ ކިހިނެއް ތައްޔާރީތައް ކުރިއަށް ދަނީ..” އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަންނަމުން އެލް ސުވާލުކޮށްލިއެވެ. އެންމެފަހުން އޭނާ އެންމެ އިންތިޒާރުކުރި ދުވަސް ވެސް އައިސް ޖެހުނީއެވެ. އަމިއްލަ އެދުން ފުއްދުމަށްޓަކައި ކުށެއް ނެތް ފުރާނަތަކުން އަތް ދޮވެލަން ވެސް އެލް ފަހެއް ނުޖެހޭނޭއެވެ. އެއްވެސް ކަހަލަ އަގަލެއް، ކުލުނެއް އެލްގެ ހިތަކު ނެތެވެ. “ވަރަށް ބަރާބަރު.. އެންމެން އެބަތިބި ސާހިބާ ހަމަލާ ދޭން އަންގަން ދެން މަޑުކޮށްލައިގެން..” އެޚާދިމު މީހާ އަދަބުވެރިކަމާއިއެކު ޖަވާބުދިނެވެ.
އެލް ހަލުވި ހިނގުމެއްގައި ހިނގައިގަތީ ހަނގުރާމައިގެ ދަހާނާ އަޅައި އަތަށް ހަތިޔާރު ހެޔޮވަރު ކުރާށެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމަށާއި ހަށިރައްކަލަށް ބޭނުން ކުރާނެ ޖާދޫގެ އާލާތްތަކާއި، ހަމަލާ ދިނުމަށް ބޭނުންކުރާ ޒަރޫރީ އާލާތްތަކާއި ބޭނުން ޖެހިދާނެ މުހިންމު އަދާތުތައް ދަބަހަކަށް އަޅައި އެލް ތައްޔާރުވެލިއެވެ. އެއަށްފަހު ލަޝްކަރުގެ އިސް ކޮމާންޑާރުންނަށް ތައްޔާރުވެގެން ތިބުމަށް އަންގައި އޭލިއަން ދުނިޔޭގެ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދިޔައެވެ. ބާރުތަކުގެ އެހީގައެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ރިއާނާ އާއި ރާއިދު ގަނޑުވަރާއި ތަންކޮޅެއް ދުރުހިސާބަކަށް ދާނެ ވަގުތަކަށެވެ. އޭލިއަން ގަނޑުވަރުގެ ދޮރާށިތައް ބަލަހައްޓާ ގާޑުންނާއި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ލޯމަތިން ދުރަށްދާނެ ވަގުތަކަށެވެ.
***
ހެނދުނުގެ ސައި ނިންމާލުމަށްފަހު ނޯކަރުންނަށް ކާމޭޒުގެ މަތިން ތަށިތައް ނެގުމަށް އަމުރުކޮށް ގަނޑުވަރު ތެރޭގައި މެންދުރަށް ކުރަންޖެހޭ މުހިންމު ކަންކަން ބުނެދީފައި ރިއާނާ ހިނގައިގަތީ އޭލިއަން ގަނޑުވަރުގެ ބަގީޗާ އާއި ދިމާލަށެވެ. ހިތްއުފާ ކޮށްލުމުގެ ނިޔަތުގައެވެ. ހެނދުނުގެ ވަގުތުގެ ކަމުން އޭލިއަން ދޫނިތަކާއި ޖަނަވާރުންނާއި އެކި ނަސްލުތަކުގެ ޖާދޫގެ މަޚްލޫގުން ބަގީޗާ އެތަން މިތަނުގައި ދުވެނަގައި އެސޮރުމެންގެ މިނިވަންކަމުގެ އެންމެ ފުރިހަމަ ބޭނުން ހިފަމުން ދެއެވެ. ގަސްތަކާއި ފަތްތަކަށް ފަރުވާތެރިކަމާއި އެކު ބަލަމުން، މާތަކުގައި ފިރުމަމުން ރިއާނާ ހިނގާރީގެ މަތިން ކުރިއަށް ދިޔައެވެ. އޭނާ އަކީ ދަނޑުވެރިކަމާއި ގަސްގަހާގެއްސާއި ފަތްޕިލާވެލީގެ އިލްމުގައި އަރައިހުރި މާހިރެކެވެ. އެހެންކަމުން ބަގީޗާގެ ގަސްތައް ހެއްދުމާއި ފެންދިނުމާއި ބޭސްދިނުމަށްޓަކައި ޚާދިމުން ހަމަޖެއްސިފައި ހުއްޓެއްކަމަކު އަމިއްލައަށް ޚާދިމުންގެ ހަވާލާތުތައް ކުރިއަށްދާ ގޮތް ބެލުމަކީ ރިއާނާ ނުހަނު ހިތާވެގެން ކުރާ ކަމެކެވެ.
އެހިތްގައިމު ހެނދުނުގެ ހަމަހިމޭންކަން ފޫއަޅުވައިލީ ކުއްލިއަކަށް އިވުނު ކަންފަތް ބައްވެގެން ދާފަދަ ބާރުގަދަ އަޑުފައްގަނޑުންނެވެ. އެއާއިއެކު އެކި މީސްމީހުން ރޮއި ހަޅޭއްލަވާ އަޑާއި އެކި ފާޑުފާޑުގެ އަޑުތައް އެކި ދިމަދިމާއިން އިވެން ފެށިއެވެ. ރިއާނާ ސިއްސައިގެން ގޮސްފައި ބަގީޗާ އާއި އިންވެގެން ހުރި ގަނޑުވަރުގެ މައި އިމާރާތަށް ބަލައިލިއެވެ. އެންމެ ފުރަތަމަ އިވުނު އަޑު އައީ އެތަނުން ކަމަްށްވާތީއެވެ. އެއާއިއެކު އެދިމާލަށް ދުއްވައިގަނެވުނެވެ. ހިތާހިތުން އަމިއްލަ ނަފްސުގެ މޮޔަކަމަަށް ކުދި ކިޔުނީ އަތުގައި ހަތިޔާރުތަކުގެ ޒައްރެއްގެ މިންވަރު ވެސް ނެތުމުންނެވެ. ޖާދޫގެ ދަނޑިކޮޅު ނުލައި އާދެވުނު ކަން ހަނދާންވީ ވެސް އެވަގުތުއެވެ. ބައަކު އަރައިގެން އުޅޭނަމަ ވަރަށް ނުރައްކާ ވާނެއެވެ. އަމުދުން ވެރިކަން ނަގާލަން އުޅޭ މީހުންގެ އަމާޒަކަށް ވާނީ އޭނައާއި ރާއިދެވެ. ރޫނާމެން މިވަގުތު ގަނޑުވަރުގައި ނެތްކަމީ ނަސީބެކޭ އޭނަގެ ހިތަށް އެހިނދުކޮޅު އެރިއެވެ. މިއީ ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟
ބަގީޗާއިން ގަނޑުވަރުގެ މައި އިމާރާތަށް ވަދެނިކުމެ ހަދާ ދޮރާށީގެ ދެކޮޅުގައި ސަލާމަތަށްޓަކައި ބާއިތިއްބާފައި ތިބޭ އޮފިސަރުން ނެތްކަން ރިއާނާއަށް ފާހަގަވިއެވެ. އެހެންޏާ ގަނޑުވަރަށް ހަމަލާއެއް އަތުވެއްޖެނަމަ ރަސްގެފާނާއި ރާނީގެ ރައްކާތެރިކަމަށްޓަކައި ދެފަރާތުގައި ހަތިޔާރު އަޅައިގެން، ހަމަލާ ދިފާއުކުރުމަށްޓަކައި ތިބޭ ގާޑުން ވެސް މިއަދަކު ނެތެވެ. ރިއާނާ ހާސްވާ ގޮތްވިއެވެ. ވެގެން އުޅޭ ގޮތް އެނގެނީކީ ވެސް ނޫނެވެ. ގަނޑުވަރު ތެރޭގައި ގެންގުޅޭ ނޯކަރުންނާއި އެހެނިހެން ކަންކަމުގައި އުޅޭ އެކި މީހުން ދެފަރާތަށް ދުވެ ނަގާތަނާއި ހަޅޭއްލަވާތަން ފެންނަމުން ދިޔައެވެ. ހަމަލާ ދެމުންދިޔަ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެއީ ރިއާނާ ދުވަހަކުވެސް ދެކުނު މީހުންނެއް ނޫނެވެ. އޭނާ ބަގީޗާއަށް އައިއިރު ރާއިދުވީ ގަނޑުވަރުގެ އޮފީސް ބައިގައި ކަން ރިއާނާއަށް އިނގެއެވެ. އެހެނަސް ގާޑުންގެ އެހީގައި ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވީ ކަމަށްވެސް ވެދާނެއެވެ. ރިއާނާ އަތުގެ ކުޑަހުޅުގައި އަޅާފައި އޮތް ގަޑީގެ ފިތްތަކަށް ފިއްތާފައި ރާއިދުއަށް ގުޅަން އަތް އޮއްބާލިއެވެ. އެވަގުތު ވައި ކަފާލާފައި ވަރަށް ބާރަށް މަތިން އެއްޗެއް ވެއްޓެން އައެވެ. ބާރު އަޑުފަތްގަނޑަކާއި އެކު ތެޅިގެން އައި ބިއްލޫރިތަކާއި ލޭތިކިތައް ރިއާނާގެ މޫނާއި ބޮލަށް ބުރައިގެން ދިޔައެވެ.
ފިޔަވަޅުތައް ހަންމަތަކޮށްފައި ރިއާނާ ދެލޯ މަރާލިއެވެ. އެއަށްފަހު ދެލޯ ހުޅުވާލީ ދެތިން ސުކުންތު ފަހުންނެވެ. އެއާއިއެކު އޭނާގެ ދެލޯ ހުއްޓުނީ ކުރިމަތީގައި ލެއިން ކަޅިވެފައި އޮތް މީހާއާއި ދިމާލަށެވެ. ނޫނެކެވެ. ފުރާނަ ނެތް މަސްގަނޑެކެވެ. މުޅި އެހިސާބުގައި އެހަށިގަނޑުން ނުކުންނަމުން ދިޔަ ލެއިން ކޯރު ހެދެމުން ދިޔައެވެ. ފުން އަނިޔާތަކާއި ޒަޚަމްތކަމާއި އެކު ވެއްޓުނު އޭލިއަނުގެ މޫނަށް ރިއާނާގެ ދެކަޅި ސީދާވެގެން ދިޔައެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ރާއިދެވެ. ވެގެން މިއުޅޭ ގޮތް ސިކުނޑިއަށް ނަގައިގަނެވެން ސުކޫތެއް ހޭދަވިއެވެ. އެއާއިއެކު ރުޅި އާއި ދެރަ އާއި ހިތާމަ އެކުވެގެން ނުކުތް ހަޅޭކެއްގެ އަޑު ރިއާނާގެ ދެތުންފަތް ފޫއަޅުވާލައިފައި ނުކުތެވެ. ބޮލުގައި އަތް އަޅައިގެން އޭނާއަށް ހުރިތަނަށް ތިރިވެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކުޑަ ހިނދުކޮޅަކުން އޭނާގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހިއްޖެއެވެ. އޭލިއަން ދުނިޔެ އިސްތިއުމާރު ކުރަން އަރައިގެން މިއުޅެނީ ކޮން ބައެއް ކަމެއްވެސް އޭނައަކަށް ނޭނގެއެވެ. ރާއިދަށް ހަމަލަދީ ހަށިގަނޑާއި ފުރާނަ ދެތަންކޮށްލީ ކާކުކަމެއް ވެސް ނޭނގެއެވެ. އޭނަގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަމުގެ ހުޅުކޮޅެއް ރޯވިއެވެ.
ރާއިދާއި ދިމާކޮށްލީ ބާރުގަދަ މީހެއްކަން މިހާރު ރިއާނާއަށް ޔަގީންވެއްޖެއެވެ. އެހެންނޫންނަމަ ރާއިދަކީ އެހާ ފަސޭހައިން ބަލިކޮށްލެވޭނެ މީހެއް ނޫނެވެ. މިވަގުތުކޮޅު އިތުރު އެހެން މީހަކަށް އިތުބާރު ކުރަން ހެޔޮ ނުވާނެއެވެ. ގަނޑުވަރަށް އެހާ ފަސޭހައިން ވަދެވޭނީ ވެސް އެތެރޭގައި އެޖަމާއަތަކާއި ގުޅިގެން އުޅެދާނެ މީހުންގެ އެހީގައެވެ. ހިތްވަރުކޮށްލާފައި ރިއާނާ ތެދުވެ ރާއިދުގެ ހަށިގަނޑު ދަމާ ކޫއްތާފައި އެއްފަރާތަކަށް ޖައްސައިލިއެވެ. ދެން ހަދަންވީ ގޮތެއް ނޭނގިފައި އޭނައަށް އިދެވުނެވެ. އަދިވެސް ލެއިން ކަޅިވެފައި ދެލޯ މައްޗަށް އަރާފައި ރާއިދު އޮތް ގޮތް ރިއާނާގެ ދެލޯ މައްޗަށް ސިފަވަނީއެވެ. އެމަންޒަރު ރިއާނާ ކަށްވަޅަށް ދާ ހަމައަށްވެސް ހިތަށް އުނދަގޫ ކުރާނެކަން ގައިމެވެ.
ހަތަރު ބިތް ފެނުޖެހުނު ފަދަ އިހުސާސެއް ރިއާނާއަށް ކުރެވުނެވެ. އޭނާ ދެން ދުނިޔޭގައި އުޅެވިދާނެ ހެއްޔެވެ؟ ހިޔާލުތަކުން ސިކުނޑި ފުރެމުން ދިޔައިރު ލޮލުން ކަރުނަ ހުސްނުވެއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. ނާހިދާ މަރުވި ހާދިސާއިން އެކުދިން އަރައިނުގަންނަ ކަން އޭނާ ދަނެއެވެ. ހާއްސަކޮށް ނަޔާނީއެވެ. އެކަމާ އޭނާ ވަރަށް ފުންކޮށް ހިތާމަ ކުރެއެވެ. އެހެނަސް އެހާ އިހާނެތިކޮށް ރާއިދު ނަރާލައިފައި އޮއްވާ ދެލޮލަށް ފެނިއްޖެނަމަ ރޫނާ އާއި ރަޔާނަށް ކުރާނޭ އަސަރު އޭނައަށް ވަޒަން ވެސް ކޮށްނުލެވެއެވެ. ހިތް ކުދިކުދިވީ އެހިސާބުންނެވެ. އަޑުންއަޑު ނަގާފައި ރޯން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. އެހެނަސް ހަމަލާ ދޭ މީހުންނަށް އެއަޑު އިވި އެމީހުންގެ ސަމާލުކަމަށް އެކަން އައިސްދާނެތީ ރިއާނާ އިންތިހާއަށް ކެތްތެރިވިއެވެ. ދަރިންގެ ހައްގުގައެވެ. ރާއިދު ފަދައިން ރިއާނާ ވެސް މިދުނިޔެއާއި އަލްވަދާއު ކިޔައިފިނަމަ ރޫނާ އާއި ރަޔާން ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މައާފު ނުދޭނެއެވެ. ރޮއިރޮއި ހަލާކު ވެދާނެއެވެ. ހިތާމަކޮށް ނަފްސާނީ ގޮތުން ބަލިކަށި ވެދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


