Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ހިރާސް – 6

Aashii
Aashii Level 310 Stories100 Login
June 28, 2025 3 Mins Read
0 Comments

ކުރިއަށް ފިޔަވަޅު އަޅާނެ ހިތްވަރު ގެއްލި ހަށިގަނޑު އަރިއަޅާލަން ދިޔަ ވަގުތު އޭނައަށް ފާރުގައި ހިފަހައްޓާލެވުނެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން އޭނަގެ ފިރިމީހާ އޭނައަށް ކުރި ވަސިއްޔަތެވެ. ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ސުލައިމާން ރައްކާތެރިކޮށް މުޖުތަމައަށް ފައިދާ ހުރި މީހަކަށް ހަދައިދިނުމަށް އެންމެ ފަހު ވަގުތުކޮޅު އެދުނު އެދުމެވެ. އެހިނދުކޮޅު ކަރުނައިން ދެލޯ ފުރި ބާރުވެގެން ދިޔައެވެ.

ވެދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އަންހެންމީހާ ތައްޔާރުވެލީ އޭނަ އާއި ވަކިވެ ދިޔަ ބައިވެރިޔާގެ  ވަސިއްޔަތް ފުރިހަމަ ކޮށްދިނުމަށެވެ. އެލް އަމުރު ކުރި ކަންކަން ކުރުމަށެވެ. އަދާލާތާއި ހަމަހަމަކަމަކީ ކޮބައިކަމެއް އޭނާ މިހާރު ނުދަންނާނެއެވެ. އެހެންނޫންނަމަ ނިކަމެތި އާރެއް ބާރެއް ނެތް މަޚްލޫގުންގެ މައްޗަށް ބާރު ފޯރުވައި އަޅުންނަށް ހެދުމަށް ބާރުހުރި ނުފޫޒުގަދަ މީހުންނަށް ކެރެންވީ ކީއްވެ ހެއްޔެވެ؟ އެންމެނަށް ހައްގުތަކާއި ވާޖިބުތައް އެއްހަމައެއްގައި ލިބޭނެކަމަްށް އޮވެއެވެ. އެހެންނަމަވެސް އަބަދުވެސް ފެންނަނީ އޭގެ އިދިކޮޅަށް ބާރުދޭ މަންޒަރުތަކެވެ.

އެއަންހެން މީހާ އެންމެ ފުރަތަމަ މިސްރާބުޖެހީ ގަނޑުވަރުގައި ޝާހީ އާއިލާ އާއި ވަގުތީ މެހެމާނުން އުޅުމަށްޓަކައި ހަމަޖައްސާފައި ހުރި ބަޔަށެވެ. ރަސްގެފާނާއި އާއި ރާނީ އުޅޭ ކޮޓަރިކޮޅު ފާހަގަ ކުރަން އޭނައަކަށް އުނދަގުލެއް ނުވިއެވެ. އެއީ މިއި ގަނޑުވަރުގައި އޭނާ ދެކެފަރިތަ ހިސާބަކަށް ވާތީއެވެ. ސާފުކުރުމުގައި އޭނާއަށް ހާވަލުވެފައި ވަނީ ރަސްގެފާނާއި ރާނީ އާއި އަމީރުންނާއި އަމީރާއިންގެ ކޮޓަރިކޮޅުތަކެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން މިއަދަކީ އޭނާގެ ސާފުކުރާ ގަޑިތައް ފާހަގަކޮށްފައިވާ ތާވަލުގައި ސާފުކުރަން ހަމަޖެހިފައިވާ ދުވަހެއް ނޫނެވެ. އެހެންކަމުން ރަސްގެފާނާއި ރާނީގެ ކޮޓަރިކޮޅަށް ވަނުން  އޭނައަށް ފަސޭހައެއް ނުވާނެކަން އޭނަ ދަނެއެވެ. 

ކޮޓަރިކޮޅުގެ ކުރިމަތީގައި މަޑުޖެހިލަމުން އެއަންހެން މީހާ އޭނަގެ އަތުގައި އަޅާފައިވާ ގަޑީގައި އަތްޖައްސާލިއެވެ. އެކިއެކި ފިތްތަކަށް އޮބައިފައި މީހަކަށް ގުޅާލަމުން އޭނަގެ އަނގައާއި ގަޑި ކައިރިކޮށްލިއެވެ. “ކޮބާ.. ކޮންތާކު އޭނަ ހުރީ މިވަގުތު؟؟.. ” އެއަންހެން މީހާ މަޑުމަޑުން އަހާލިއެވެ. ވަށައި ހޯދާލަމުންނެވެ. “ސައިބޯން ކާކޮޓަރީގަ.. ރަސްގެފާނުވެސް އިންނެވީ މިތާނގަ… އެހެންވީމަ މިވަގުތު ކޮޓަރީގައި އެކަކުވެސް ނޫޅޭނެ.. ފަސްމިނަޓު އެންމެ ގިނަވެގެން ލިބޭނީ..” އެކޮޅުން ޖަވާބުދިނެވެ. އެއަންހެން މީހާ ފުންނޭވާއެއްލާފައި ދޮރު ހިންމިއަކަށް ހުޅުވާލާފައި ސިއްރު ސިއްރުން ދޮރުން އެތެރެއަށް ދެމިގަތެވެ.

ކޮޓަރިކޮޅުގެ ތަނަވަސްކަމާއި ޝާހީކަމުން އެއަންހެންމީހާ ހޯދަން ބޭނުންވާ އަދާތްތައް ފަސްމިނަޓުގެ ތެރޭގައި ހޯދޭނެ ކަމާއި މެދުގައި ހިތުގައި ޝައްކު އުފެދުނެވެ. އެހެންނަމަވެސް ވަރަށް ގިނައިން ވަދެނުކުމެ އުޅޭ ތަނެއް ކަމުން ރިއާނާ އާއި ރާއިދު ބޭނުންކުރާ ޖާދޫގެ އަދާތްތަކުގެ ތެރެއިން ޖާދޫގެ ދަނޑިކޮޅުތައް ބަހައްޓާފައި ހުރެދާނެ ތަނަކާއި މެދު އެއަންހެންމީހާއަށް ޖެހުނީ ކުޑަ އިރުކޮޅަކު ވިސްނައިލާށެވެ. އެއަށްފަހު އެންމެ ހީވާ އަލަމާރިއަކާއި ދިމާލަށް ގޮސް ވަތްގަނޑުތައް ހޯދައި ބަލަން ފެށިއެވެ. އަވަސް ހަރަކާްތްތަކާއި އެކުގައެވެ. ދެތިންމިނަޓުގެ ތެރޭ ހޯދަން ބޭނުންވި އާލާތްތައް ފެނުނެވެ. ލިބުނު އުފަލާއިއެކު އެއަންހެންމީހާ ޖާދޫގެ ދަނޑިކޮޅުތައް ނަގައި ލަައިގެން ހުރި ޔުނިފޯރމުގެ ޖީބަށް ޖަހައި ފޮރުވާލިއެވެ. އެއަށްފަހު މަޑުމަޑުން ލުއިފިޔަވަޅުތަކެއްގައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އެކޮޓަރިކޮޅުގެ ދޮރު ލެއްޕި ވަގުތު އެހިސާބުގައި އެކަކުވެސް ފެންނަން ނެތުމުން ހިތަށް ވެރިވެފައިވީ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ.

ހަލުވި ފިޔަވަޅުތަކެއްގައި އެއަންހެންމީހާ ހިނގައިގަތީ އޭލިއަން ގަނޑުވަރުގެ ބަގީޗާއާއި ދިމާލަށެވެ. ވަގުތުގެ ގޮތުން އެލް ހުންނާނީ އެތަނުގައި ކަމަށްވާތީއެވެ. ބަގީޗާއަށް ވަދެ އެއަންހެން މީހާ ދެކޯޅު ހޯދައި ބަލައިލި ވަގުތު އެލް ފެންނަން ނެތުމުން ހައިރާންވާ ގޮތްވިއެވެ.

“އަނޯރާ..” ޚިޔާލަކަށް ގެއްލިފައި ހުއްޓާ ފަހަތުން، ނުހަނު ގާތުން މީހަކު ބުނެލި އަޑަށް އެއަންހެން މީހާ ހަމަ ރަނގަޅަށް ވެސް ސިހުނެވެ. އެނޫން ދެވަނަ މީހަކު ނޫނެވެ. އެލްއެވެ. އަނޯރާގެ ނަމުން އެލް މުޚާތަބު ކުރީ އެއަންހެންމީހާ އާއިއެވެ. އެހެން ޒާވިޔާއަކުން އޭނާއަށް ބަލަން ހުރެދާނެ މީހަކަށް ސަމާލުވެލަމުން އަނޯރާ އޭނާގެ މޫނުމައްޗަށް އަރައި ފޭބި ކުލަވަރުތައް ހުނަރުވެރިކަމާއިއެކު ވަންހަނާ ކޮށްލިއެވެ. އެއަށްފަހު މީހަކަށް ޝައްކު ނުވާނޭހެން އެލްއާއި ވީ ފަރާތަށް އެނބުރިލިއެވެ.

“ނިމިއްޖެ.. މިއޮތީ..” އަނޯރާ އޭނާގެ ތިރިކޮށްފައިވާ ކަނާއަތުގެ ޝަހާދަތް އިނގިލި މަޑުމަޑުން ހަރަކާތް ކޮށްލައި ކަނާތްފަރާތު ޖީބަށް އިޝާރާތް ކޮށްލިއެވެ. އެލްގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ އަސަރުތައް ފާއްދާލިއެވެ. “ރަނގަޅު.. ތިގެންގޮސް ގަނޑުވަރުގެ ބިއްދޮށުގައި ހުންނަ އާފަލު ގަސް ކައިރީގައި ވަޅުލާ.. އެއްގަޑިއިރު ލިބޭނީ..” މަޑުމަޑުން އެލް ބުނެލިއެވެ. އެހެނަސް އެ ހަރުކަށިކަމާއި ފޮނިކަމަކަށް ބަދަލެއް ނާދެއެވެ. “މައްސަލައެއް ނެތް..” އަނޯރާ ހިންދިރުވާލިއެވެ. އޭނާ މިދެ ދަނޑިކޮޅު ގެންގޮސް ވަޅުލާ ހިސާބުން އޭލިއަން ދުނިޔެއަށް އަތުވެދާނެ ތޫފާނެއްގެ ވަރުގަދަކަން އެކަކަށް ވެސް ވަޒަން ކޮށްލާކަށް ނޭނގޭނެއެވެ. ފުންނޭވާއެއްލާފައި އަނޯރާ ހިތުގެ ހިނގުން ހަމައަކަށް އަޅުވާލިއެވެ. އޭނާއަށް މިހާރު ހުއްޓާލެވޭ ވަރަށްވުރެން މާދުރަށް ވާސިލުވެވިއްޖެއެވެ. ދެން ފަހަތަކަށް ނުޖެހެވޭނެއެވެ. އެއަށްވުރެން ހިރާސްތައް ބޮޑު ކަމަކާއި އޭނާ އަދިއަދަށް ދާންދެން ވެސް އޭނާ ކުރިމަތި ނުލައެވެ.

***

ތާޒާވެލައިގެން ފަތުރުވެހީގައި ފަތުރުވެރިންނަށް ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަ ރެސްޓޯރެންޓުން ސައިބޮއިލައިގެން ހުރިހާ ކުދިން ނުކުންނަން ދިޔަ ވަގުތު ރޫނާ އޭނާގެ ބައްޕަ ބުނެލި ބަސްތަކުގެ މަތިން ހަނދާންވިއެވެ. ވަގުތުން އޭނަގެ މަންމަ އާއި ބައްޕަ އާއި މުއާމަލާތް ކުރަން ގެންގުޅޭ ވަސީލަތް ނެގިއެވެ. އަތުގެ އިނގިލިތައް ހަރަކާތްކުރީ އެދެމީހުންނަށް ގުޅައިލާށެވެ. ޖަޒީރާ ރަށްތަކުގެ ރީތިކަމާއި ނަލަކަމުގެ ވާހަކަތައް ކިޔައިދީ ހާލުއަހުވާލު ބުނެދޭށެވެ. ބައްޕަގެ ހާލު ބަލައިލައި މަންމަގެ އަޑު އަހާލާށެވެ.

ގުޅައިގެން ރިއާނާ އާއި ރާއިދު ހުރިހާ ކުދިންނާއި ވެސް ވާހަކަ ދެއްކިއެވެ. ކޯލު ނިންމާލަމުން ކުރިއެކޭ އެއްގޮތަށް ނަސޭހަތް ލައިދޭކަށް އެދެމީހުން ހަނދާން ނުނެތުނެވެ.

“މަންމަމެން މާ ބޮޑަށް ކަންބޮޑު ވަނީއޭ އަހަރެމެންނާއި މެދު..” ކޯލު ނިމި ރިއާނާ އާއި ރާއިދުގެ ސޫރަ ގެއްލުމުން ހިނިގަނޑެއް ޖަހާލަމުން ރަޔާން ބުނެލިއެވެ. އޭނަގެ ބަހަށް އެއްބަސްވުމުގެ ގޮތުން އެހެންކުދިންވެސް ބޯޖަހައިލިއެވެ. ހެނދުނުގެ ނާސްތާ ނިމިފައިވުމާއިއެކު ހުރިހާ ކުދިންވެސް އެއްބަސްވީ އެހިސާބުގަނޑުގައި އަޅާފައި ހުންނަ އެންމެ ބޮޑު ޕާކަށް ދާށެވެ. މުނިފޫހި ފިލުވުމުގެ ގޮތުންނެވެ. 

އެލް އެދުނު ހިސާބުގައި އަމިއްލަ އަތުގެ އިނގިލިތަކުން ލޭ އޮހުރުވާލައިގެން އަނޯރާ ފުން ވަޅެއް ކޮނުނެވެ. އެއަށްފަހު ޖާދޫގެ ދެދަނޑިކޮޅު އޭގެ ތެރެއަށްް ލައި ވަޅަށް ފަސްއަޅައި ފޮރުވާލިއެވެ. އޭނާ ހިންދެމިލީ އޭގެ ފަހުންނެވެ. އަނެއްކާ ވެސް އޭނަގެ ހިތަށް ވެރިވެގަތީ އޭނާގެ އަމަލުތަކުން އޭނަގެ ނަފްސަށް ގެނުވި ކިލަނބުކަމާއި ހިތްދަތިކަމެވެ. “އަހަރެން މިއީ ކޮންކަހަލަ މީހެއް؟..” އަނޯރާގެ ދުލުން އެޖުމުލަ ބޭރުވީ ބޭއިޚްތިޔާރުގައެވެ.

***

ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ކުދިން ހެނދުނުގެ ވަގުތު ބޭރުގައި ހޭދަކުރަން ޖެހޭ ވަގުތު ހަމަވުމުން އެކުދިންގެ ކަންކަމާއި ހަވާލުވެގެން ތިބި ޖަލު އޮފިސަރުން އެކުދިން ވައްދައި އިހެކޭ އެއްގޮތަށް ބިޑިއަޅުފައި ފައިގައި ޓެގާއި ހިލިހިލާ ޖެހިއެވެ. އެއަށްފަހު އޮފިސަރުން ނުކުމެ ތަން ހަމަހިމޭންވުމުން އެލް، މީގެ ހިނދުކޮޅެއް ކުރިން އަނޯރާއަށް އެނގުމަކާއި ނުލާ އޭނަގެ ޖީބުން ނެގި ތަޅުދަނޑިފަތިން އޭނަގެ ކަސްތޮޅުތަކުން މިނިވަންވެގަތެވެ. އެއަށްފަހު އަތުން ޖާދޫގެ ކަނާޅެއް ނެރެ އެނާގެ މަންމަ ބިނާ ކުރި ދުނިޔެއަށް ދިޔައެވެ. އޭރު ޑިޓެންޝަން ސެންޓަރުގެ ގޮޅިތަކުގައި ބަންދުކޮށްފައި ތިބި އެހެން އޭލިޔަނުންނަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ބައިވެރިޔާ-3

Next

10 -މަލަކާ

Next
June 28, 2025

10 -މަލަކާ

Previews
June 28, 2025

ބައިވެރިޔާ-3



All Right Reserved!