Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ހިރާސް – 8

Aashii
Aashii Level 310 Stories100 Login
June 30, 2025 3 Mins Read
0 Comments

ހަތަރު ބިތް ފެނުޖެހުނު ފަދަ އިހުސާސެއް ރިއާނާއަށް ކުރެވުނެވެ. އޭނާ ދެން ދުނިޔޭގައި އުޅެވިދާނެ ހެއްޔެވެ؟ ހިޔާލުތަކުން ސިކުނޑި ފުރެމުން ދިޔައިރު ލޮލުން ކަރުނަ ހުސްނުވެއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. ނާހިދާ މަރުވި ހާދިސާއިން ނަޔާނީމެން އަރައިނުގަންނަ ކަން އޭނާ ދަނެއެވެ. އެކަމާ އޭނާ ވަރަށް ފުންކޮށް ހިތާމަ ކުރެއެވެ. އެހެނަސް އެހާ އިހާނެތިކޮށް ރާއިދު ނަރާލައިފައި އޮއްވާ ދެލޮލަށް ފެނިއްޖެނަމަ ރޫނާ އާއި ރަޔާނަށް ކުރާނޭ އަސަރު ހިތަށް ވަޒަންކޮށްލެވުނެވެ. އޭނާގެ ހިތް ކުދިކުދިވީ އެހިސާބުންނެވެ. އަޑުންއަޑު ނަގާފައި ރޯން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. އެހެނަސް ހަމަލާ ދޭ މީހުންނަށް އެއަޑު އިވި އެމީހުންގެ ސަމާލުކަމަށް އެކަން އައިސްދާނެތީ ރިއާނާ އިންތިހާއަށް ކެތްތެރިވިއެވެ. ދަރިންގެ ހައްގުގައެވެ. ރާއިދު ފަދައިން ރިއާނާ ވެސް މިދުނިޔެއާއި އަލްވަދާއު ކިޔައިފިނަމަ ރޫނާ އާއި ރަޔާން ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މައާފު ނުދޭނެއެވެ. ރޮއިރޮއި ހަލާކު ވެދާނެއެވެ. ހިތާމަކޮށް ނަފްސާނީ ގޮތުން ބަލިކަށި ވެދާނެއެވެ. 

ހިޔާލުތަކުގެ ކަނޑުގައި ޣަރަގުވެފައި އިންދާ ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ހިޔާލެއް އައެވެ. ރިޔާނާ އޭލިއަން ދޫންޏެއްގެ ސިފައަށް ބަދަލުވެލިއެވެ. އެއަށްފަހު އުދުހިފައި ރާއިދުގެ ހަށިގަނޑު ބޭއްވިފައިި އޮތް ތަނާއި މާދުރު ނޫން ހިސާބެއްގައި ހުރި ގަހެއްގެ ގޮށްޕަކަށް ޖައްސާލިއެވެ. އެއީ ބިޔަ ގަހެއްކަމުން ގަހުގެ ކައިރީގައާއި ދުރުން ހިނގާ މީހުންނަށް ގަހުގެ އެތެރެ ފެންނަ ވަރެއް ނުވެއެވެ. ފަތްތަކާއި ގޮފިތަކުގެ ބޯކަމާއި ބިޔަކަމުންނެވެ. އޭނާ އެނބުރި އޭނަގެ އަސްލު ސިފައަށް ރުޖޫއަވެލިއެވެ. އެއަށްފަހު ގަހުގެ ގޮފިގަނޑެއްގައި އިށީނދެލީ ރާއިދުގެ ހަށިގަނޑު އޭނައަށް ފެންނަ ހެންނެވެ. އިރުކޮޅެއް ވަންދެން އިނދެލާފައި ވީ ކަންތަކުގެ ވާހަކަ ރޫނާމެންނާއި ހިއްސާކޮށްލަން އަތުގައި އަޅާފައި އޮތް ގަޑީގެ ބޭނުން ހިފިއެވެ. ރޫނާ މެންނަށް ވެދާނެ ގޮތަކާއި ކޮށްފާނެ އަސަރަކާއި މެދު ފުންކޮށް ފިކުރު ކުރަމުްންނެވެ. މިނޫން އެހެން ގޮތެއް ނެތްކަން އޭނާ ދަނެއެވެ. 

ރާއިދު އެއްފަރާތް ކޮށްލެވުމުން އޭލިޔަން ދުނިޔޭގެ ތަޚުތު ލިބޭނީ ހަމަލާ ދޭ ޖަމާއަތެއްގެ އިސްވެރިޔާއަށް ކަން ޔަގީނެވެ. އެމީޙުން އަމިއްލަ އަމިއްލަ ސިޔާސަތުތަކާއި ގާނޫނާއި ގަވާއިދުތައް ގާއިމުކޮށް ތަންފީޒުކޮށް އެއާއި އެއްގޮތަށް އަމަލު ނުކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅައިފާނެއެވެ. ސެކިއުރިޓީ ވަސީލަތްތަކުގެ މައްޗަށް އެމީހުންގެ ބާރު ފޯރުވައި އަޅުންނާއި ޚާދިމުންގެ ބޭނުން ހިފާނެއެވެ. އެހެންކަމުން މިވަގުތު ގަނޑުވަރުގެ މައި އިމާރާތަށް ވަނުން ވާނީ އެނގިހުރެ ދަންތުރައެއްގައި ޖެހުން ފަދަ ކަމަކަށެވެ. ރަޔާންމެންގެ ހިޔާލު ހޯދައި ރަޔާންމެންގެ އެހީއާއިއެކު މާގިނައިރު ނުވަނީސް ހަމަލާ ބަދަލުކުރަން ފަށަންވީއެވެ. އެކުދިން ކުރިއަށްވުރެ ބާރުގަދަކަން ރިއާނާ ދަނެއެވެ. އެހެންކަމުން މޮޅު ޕްލޭނެއް ރާވައި އެއާއި އެއްގޮތަށް އަމަލުކޮށް ހަމަލާދޭ މީހުން ބަލިކުރަންވީއެވެ.

***

ގަނޑުވަރުގެ އޮފީސް ބައި ވަކިކުރަން ޖަހައިފައިވާ ބޯޑު ހުރަސްކޮށް ކުރިއަށް ހިނގަމުން ދިޔަ ރޫނާގެ އަތުގައި އޮތް ވަޅިން ތާޒާ ގަދަ ރަތްކުލައިގެ ލޭތިކި ތަޅަމުން ދިޔައެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މީގެ ކުޑަ ހިނދުކޮޅެއް ކުރިން ވީ ކަންތައްތަކެވެ. އޭނާއަށް ބަލައިލެވުނީ އޭނަގެ އަތްތިލައަށެވެ. އެއަތްތިލައިން އޭނާ އެންމެ ނަފުރަތު ކުރި އިންސާނާގެ ފުރާނަ ނަގައިލެވިއްޖެއެވެ. އޭނާ އަކީ ގާތިލެކެވެ. މިދުވަސް ދެކުމަށްޓަކައި އެތައް ބައެއްގެ ފުރާނައިން އަތްދޮވެލައި އެތައް ބައެއްގެ ހުވަފެންތައް ހަލާކު ކުރެވިއްޖެއެވެ.  އެހެންނަމަވެސް ކުރެވުނު ކަންތަކާއި މެދު ހިތާމަކޮށް ލަދުގަންނަ ފަދަ އެއްވެސް އަސަރެއް އެލްގެ މޫނުމަތިން ފެންނާކަށް ނެތެވެ. ނުވިތާކަށް އެމޫނުމަތިން ރަމްޒުކޮށް ދެމުން ދިޔައީ އިންތިހާ ދަރަޖައިގެ ފަޚުރުވެރިކަމެވެ. ގިނަ ދުވަސްތަކަށް ފަހު ހުވަފެން ހަގީގަތަކަށް ވުމުން ލިބިފައިވާ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އޭނާ މިސްރާބުޖެހީ ގަނޑުވަރުގެ މައި ހޯލަށެވެ. ރަސްގެފާނުގެ ތަޚުތު އަންދާލުމަށްފަހު ރާނީގެ ތަޚުތުގައި ދެން އިންނާނީ އޭނައެވެ. އޭނަގެ އިސް ޚާދިމާއި ޖާދޫގެ ޒަރިއްޔާއިން މުއާމަލާތު ކުރުމަށްފަހު ދެން ކުރަންޖެހޭ ކަންތައްތަކަށް އަމުރުކޮށްލިއެވެ.

** ކުޑަ އިރުކޮޅެއް ކުރިން **

ގަނޑުވަރުގެ ކަންތައްތައް ޖާސޫސު ކުރަން ހަމަޖައްސައިފައިވާ މީހުންގެ ފަރާތުން ރާއިދު ވީތަން އެލަށް އެނގުނެވެ. ޖާދޫގެ ކަނާޅެއް އަތުން ނެރެ އެލް ރާއިދުގެ ކުރިމައްޗަށް ފާޅުވީ ސުކުންތުތަކެއްގެ ތެރޭގައެވެ. ރާއިދުގެ މޫނުމައްޗަށް އެރި ހައިރާންކަމާއި ސިހުމާއި އެކު ކޮޅަށް ތެދުވާން ބޭއިޚްތިޔާރުގައި ދެފައި ހަރަކާތް ކޮށްލިއެވެ. އެލްގެ ދެލޮލުން އެއްވެސް ހުރަހަކާއި ނުލާ ފާޅުވާން ހުރި ބަދަލު ހިފުމުގެ ރޫހުން ރާއިދަށް ހިންދިރުވާލުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ.

“އެލް؟؟ ކިހިނެއް؟..” ރާއިދަށް ސުވާލު ފުރިހަމަ ކޮށްނުލެވެނީސް ޖާދޫގެ ދަޑިގަނޑުން އެލް ކޮށްލި އިޝާރާތަކާއި އެކު އަލިގަނޑަކާއި ވިދުވަރެއް ރާއިދުގެ ގަޔަށް އަރައި ފުންމައިގެން ދިޔަދިޔައީނުން ފާރަށް ގުޅައަކަށް ޖެހުނެވެ. އޭރު ރާއިދުގެ ނޭފަތުން ލޭފައިބަމުން ިދިޔައެވެ. ބުރަކައްޓަށް އެރި ތަދާއިއެކު ހިރިލުން ވެސް ވެގެން ދިޔައީ ނުހަނު އުނދަގޫ ކަމަކަށެވެ. ނެތް ހިތްަވަރު ކަށިން ނެރެ ރާއިދު ތެދުވެ ބިންމަތީގައި ދެފައި ސާބިތުކޮށްލިއެވެ. އެވަގުތު ކެބިންގެ ތެރޭގައި އޭނާގެ ސެކްރެޓަރީ ވެސް ނެތެވެ. ޖާދޫގެ ދަޑިކޮޅު ވެސް އަތުގައި ނެތްކަން އެނގުނު ހިނދު ރާއިދުގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ބިންދައިލިއެވެ. 

“އަނހަ.. ބޮޑުބޭބެ އެލްގެ ހާލެއް ވެސް ނުބަލާލަންތަ؟؟..” މަލާމާތުގެ ރާގަކަށް އެލް ސުވާލުކޮށްލިއެވެ. ރާއިދު ހުރި ހާލު ފެނުމުން އޭނާގެ ހިތަށް ވެރިވެގެން ދިޔަ ހިތްހަމަޖެހުން ބުނެދޭކަށް ވެސް ނޭނގުނެވެ. އޭނާގެ ހަޔާތުގައި ވެސް މީހަކަށް މިވަރަށް ނަފުރަތު ކޮށް ދިރިއުޅުން ބަރުބާދުވުމަށް ހިތާއިހިތުން އެދެވުނު ކަމެއް ނޭނގެއެވެ. 

ރާއިދަށް އެލްގެ ހާލަތު ވިސްނެއެވެ. ކަމުގެ ނުރައްކާތެރިކަމާއި ނުބައިކަން ވިސްނޭ ވަރަށް ވުރެ އެލްގެ ސިކުނޑި ޅަކަން ވެސް އޭނައަށް އެނގެއެވެ. ފަޒްނާގެ މަރުގެ ބަދަލަށް އެލް މަރު ހިފަން ބޭނުންވާނެކަން އޭނާ ދަނެއެވެ. އެހެނަސް ފަޒްނާ ހިނގިމަގުން އެލް ހިނގާކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތެއް ނެތް އަމިއްލަ އެދުން ބޮޑު ޖާހިލަކަށް އެލް ބަދަލުވާން ރާއިދަށް ތަނެއް ނުދެވޭނެއެވެ. އޭނަގެ އާއިލާއާއި ބޭބެ ފުއާދުގެ އާއިލާ އާއި ބެހޭ މާކަ ބޮޑު އެއްޗެއް އެލަކަށް ނޭނގޭނެއެވެ. ފަޒްނާ އާއި އާއިލާ އާއި މެދު އޮންނަ ޒަމާންވީ ރުޅިވެރިކަމުގެ ސިއްރެއް އެލަށް އެނގޭކަމެއް ނުވަތަ ނޭނގޭކަމެއް ބުނެދޭން އޭނާއަކަށް ނޭނގެއެވެ. ބޮޑުބޭބެ އެއްގެ ހައިސިއްޔަތުން އޭނައަށް ކޮށްދެވުނުހާވެސް ކަމަކީ އިންސާފުގެ ކުރިމައްޗަށް އެލް ނެރެ ތޭރިތަކެއްގެ ފަހަތުގައި އެލް ބަންދު ކުރުމެވެ. ލޯތްބެއް، އަޅާލުމެއް އޯގާތެރިކަމެއް ދެވުނީއެއް ނޫނެވެ. ހުސްވެސް ފަޒުނާ އާއި ހެދި ވީހާ ކަންތައްތަކެވެ. އެލް ކުޑައިރުއްސުރެން ފަޒުނާ އޭނާގެ އަޖަލާއި ހަމައަށް އެލް ގެންގުޅުނީ އޭނާގެ އަމިއްލަ ދުނިޔޭގައި އާއިލާ އާއި ވަކިންނެވެ. އާއިލާ އާއި ބައްދަލުކޮށް ހާލުއަހުވާލު އަހައި އޮޅުން ފިލުވީއެއް ނޫނެވެ. ހަދިޔާ ބަދިޔާ ބަދަލު ކުރީއެއް ނޫނެވެ. ފަޒްނާ އޭނާގެ އެންމެ ފަހު ދުވަސްތަކުގައި ރޫނާމެންނަށް ހަދިޔާ ބަދިޔާ ފޮނުވައި ގުޅައި ހެދީ އޭނަގެ އަމިއްލަ މަގްސަދު ހާސިލުކުރުމުގެ ބޭނުމުގައެވެ. ހިތުގައި އޮތް ރުޅިވެރިކަމާއި ނަފްރަތު ވަންހަނާކޮށް ގިރިޓީ ކުލަތަކުން ދަޅަ ދައްކައިގެންނެވެ. އެހެންނަމަވެސް އެކަން ވެސް ހިނގީ ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމުން އާއިލާ އާއި ގުޅުން ބަދަހިކުރުމުގެ ފުރުސަތެއް އެލަށް ނުލިބުނެވެ. ނަތީޖާއެއްގެ ގޮތުން އެލަށް ފެނުނީ އޭނާގެ މަންމަގެ މައުސޫމުކަމެވެ. އެހެންނޫނީ ރާއިދުމެންގެ ކިބައިން އެލް ބަދަލު ހިފުމަކީ ވެސް ފަޒްނާގެ ރޭވުމުގެ ބައެއް ނޫންބާއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އިންޓަނެޓުގެ އެހީގައި ފައިސާގެ މުޢާމަލާތް ކުރުމުން މުޖުތަމައަށް ލިބޭ ފައިދާ އާއި ގެއްލުން

Next

12 – މަލަކާ

Next
June 30, 2025

12 – މަލަކާ

Previews
June 30, 2025

އިންޓަނެޓުގެ އެހީގައި ފައިސާގެ މުޢާމަލާތް ކުރުމުން މުޖުތަމައަށް ލިބޭ ފައިދާ އާއި ގެއްލުން



All Right Reserved!