އޭލިއަން ސިލްސިލާ: ހިރާސް – 5
ވަޅުގެ ފުންމިނުގައި ގާތްގަނޑަކަށް ތިން ވަރަކަށް ފޫޓު ހުއްޓެވެ. އެދޫނިތައް ވަޅުން ނަގައިދޭން ލިލިޔަން ނިންމިއެވެ. ހިތުގައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. ލިލިޔަން އަތް ދިއްކޮށްލުމުން އެދޫނިތަކުގެ މޫނުމައްޗަށް ކަންބޮޑުވުމުގެ އަސަރުތައް ފާއްދައިލައި ދުރަށް ޖެހިލައިފިއެވެ. އެހެން ނަމަވެސް ލިލިޔަން ހިތްވަރު ދޫކޮށެއް ނުލައެވެ. އެގޮތުގައި އިރުކޮޅެއް ވަންދެން މަސައްކަތް ކޮށްލުމުން އެދޫނިތައް ލިލިޔަންގެ އަތްތިލައާއި ދުރަށް ޖެހެން ކުރި މަސައްކަތް ދޫކޮށްލިއެވެ. އެހެންކަމުން އެހާގިނަ ތަކުލީފުތަކެއް ނުއުފުލައި ލިލިޔަންއަށް އެދުނީތައް ވަޅުން ބޭރަށް ނެގުނެވެ.
“ކޮން ނަމެއް ކިޔަނީ؟؟..” އޭލިޔަން ދޫނިތައް ވާހަކަ ދައްކާކަން ލިލިޔަން ދަނެއެވެ. މީގެ ކުރިންވެސް ލިލިޔަން ވަނީ އެތައް ފަހަރަކު އޭލިޔަން ދޫނިތަކާއި މުއާމަލާތު ކޮށްފައެވެ. އެހެނަސް ހަމައެކަނި އޭލިއަން ބަހުރުވައިންނެވެ. ދިވެހި ބަހުން ވާހަކަ ދެއްކިއަސް ދައްކާ ވާހަކަ ނަގައިގަނެވެނީ ބައެއް އޭލިއަން ދޫނިތަކަށެވެ. ރޫނާ އާއި ރަޔާން އަކީ ވެސް އޭލިޔަން ދޫނިތަކުން އުފެދުނު ތަފާތު ނަސްލެއްގެ އޭލިއަނުންނެވެ. ރޫނާމެންނަށް އޭލިއަން ދޫންޏެއްގެ ސިފައަށް ބަދަލުވެވެނީ އެހެންވެއެވެ. ނަޔާނީ އާއި ރޫނާ ފުރަތަމަ ދިމާވިއިރު ރޫނާ އޭލިއަން ދޫންޏެއްގެ ސިފައިގައި ފެނުނީ ވެސް އެހެންވެއެވެ.
“ޒީކް.. ދެން އަހަރެން މިއީ ސާޔާ..” ކުޑަ ދޫނީގެ މަންމަ ނުހަނު ފުރިހަމަ ހިނިތުންވުމައި އެކު ޖަވާބުދިނެވެ. އެއށްފަހު އޭތީގެ އުނަގަނޑުގައި އަޅުވައިފައި އޮތް އެއްޗެއް ނައްޓައިލިއެވެ. ބޮޑަށް ވައްތަރީ ދަބަހަކާއިއެވެ. އޭގެ ތެރެއިން ކެވެލިކޮޅެއް ނެގިއެވެ. ރީތި ގޮތަކަށް ގަތާލެވިފައިވި ރިހީގެ ފަށެކެވެ. އެ ފަށުގެ މެދުގައި ރަތްކުލައިގެ ޔާގޫތެއް ހަރުކޮށްފައި ހުއްޓެވެ. ދެން އެދޫނި ކޮށްލި ކަމަކުން ލިލިޔަންއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.
“ތީ… ކޯއްޗެއް؟؟..” އަޅައިގަންނަމުން ލިލިޔަން ސުވާލުކޮށްލިއެވެ. އެދޫނި އެފަށް ދިއްކޮލުމުން ނުހިފައި ހުންނަން ނުކެރިގެން ލިލިޔަން އޭނާގެ ކަނާއަތް އިސްކޮށްލިއެވެ. “ފަހުން އިނގޭނެ.. އަތުގަ އަޅައިގެން އަބަދުވެސް ހުންނާނީ…” އެދޫނި ބުނެލިއެވެ. ލިލިޔަން އެފަށަށް ބަލައިލިއެވެ. ބަލާބެލުމަށް އާދައިގެ ވައްތަރު ޖަހައެވެ. އެހެނަސް އޭލިއަން ދުނިޔޭގައި އާދައިގެ ފަށް ގެންގުޅޭ މަޚްލޫގަކާއި ދިމާވުމަކީ ނާދިރުކަމެކެވެ. އެހެންވިއްޔާ މިއީ ބާރުތައް އަޅާފައި އޮތް ފަށެއް ހެއްޔެވެ؟ އެދޫނި އެހެން ބުނުމުން ލިލިޔަން އޭނަގެ އަތުގައި އެފަށް އަޅައިލިއެވެ. ނާޅައި ހުރުމަކީ އިހްތިރާމް ގެއްލޭ ކަމަކަށް ވާނެތީއެވެ. ފަހުން ރޫނާމެންގެ ގާތުގައި އެފަށާ ގުޅޭ ގޮތުން ސުވާލު ކުރަން ނިންމައިގެންނެވެ.
ލިލިޔަން އެނބުރި ގަސްތަކުގެ ނިވަލުން ނުކުތް އިރު ނަޔާނީމެން ލިލިޔަން ދިޔަ ދިމާލެއް ނޭނގިގެން ހާސްވެގެން އުޅެއެވެ. ލިލިޔަން ހެޔޮހާލުގައި ހުއްޓާ ފެނުމުން އެކުދިންގެ ހާސްކަން ވަގުތުން ފިލައިގެން ދިޔައެވެ.
“ރުން.. މިއީ ކޮންވައްތަރު ފަށެއްކަން އިނގޭތަ؟..” ފަތުރުވެއްސަށް އެނބުރި ދިޔަ މަގުމަތީ ލިލިޔަން އޭނަގެ އަތުގެ ކުޑަހުޅާ ހަމައިން ރޫނާއަށް ދައްކައިލިއެވެ. ރޫނާ އެކެވެލި ކޮޅަށް ބަލައި އެކި ގޮތްތަށް ދިރާސާކޮށް ހެްއްޖެވެ. ރަޔާން ވެސް މެއެވެ. އެހެނަސް އެއިން ކުއްޖަކަށް އެނގޭ ވައްތަރު ބާރުތައް އެކުލެވޭ ފަށްތަކުގެ ތެރެއިން ފަށަކަށް އެފަށް ނުވިއެވެ.
“މަންމަމެން ގާތުގަ އަހާލާނީ އެނބުރި ގަނޑުވަރަށް ގޮސް.. އިހަށް ތީތި އަޅައިފަ ބާއްވާ.. ހިޔެއް ނުވޭ ގެއްލުމެއް ލިބިދާނެހެން..” ނިދަން އޮށޯވެ ރަޖާގަނޑު ގައިގައި އޮޅާލަމުން ރޫނާ ލިލިޔަން އާއި ވީ ކޮޅަށް އެނބުރިލިއެވެ. ލިލިޔަން އޭރުވެސް އިނީ އެފަށަށް ބަލާށެވެ. އޭނައަށް ހީވާ ކަހަލައެވެ. މިފަށުން ގެއްލުމެއް ލިބިދާނެތީ އަތުން ވަކިކޮށްލުމަށް ފަހު އިހަށް މީތި ބާއްވާނީއެވެ. އެހެން ނަމަވެސް އޭނަގެ އެކުވެރިންނަށް އިތުބާރުކޮށްފައި ލިލިޔަން އޭނަގެ ހަށިގަނޑާއި އެކެވެލިކޮޅު ވަކި ނުކުރިއެވެ.
ފުރަމެންދަމުގެ ވަގުތެވެ. ޑިޓެންޝަން ސެންޓަރުގެ ރައްކާތެރިކަން ބަލަހައްޓާ އޮފިސަރުން ނެތްތަންވަޅު ބަލައި އެއަންހެން މީހާ އެލް ބަންދުކޮށްފައި ހުރި ގޮޅީގެ ދޮރު، އަތުން އިޝާރާތްތަކެއް ކުރުމަށްފަހު ބާރުގެ ބޭނުންކޮށްގެން ހުޅުވާލިއެވެ. އެތެރޭގައި ޝިކާރަކުރަން ނުކުމެ އޮތް ސިންގާއެއްހެން ބަލަން ހުރި އެލް ފެނި އެއަންހެންމީހާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ.
“މިރޭ ވަގުތެއް ނެތް.. އެހެން ނޫންނަމަ ކަލޭ ސަލާމަތުން ނުބަހައްޓާނަން.” އެއަންހެން މީހާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އެލް އޭނަގެ ދޫ ހަރަކާތް ކޮށްލިއެވެ. އެލް އޭނަގެ ދެއަތް ދައްކައިލުމުން އެއަންހެން މީހާ ޖީބުން ނެގި ތަޅުދަނޑިފަތިން އެލްގެ ދެއަތާއި ކަސްތޮޅު ވަކިކޮށްލީ ބިރުން ތުރުތުރު އަޅާ ހާލުގައެވެ. ހަމަ އެގޮތަށް ދެފައި މިނިވަންވުމުން، އިިތުރު ވަގުތުތަކެއް ހޭދަނުކޮށް އަތުން ނެރުނު ޖާދޫގެ ކަނާޅެއްގެ ޒަރީއާއިން އެލް އޭނަގެ މަންމަ ފަޒްނާ ބިނާކުރި ދުނިޔެއަށް އެނބުރި ދިޔައެވެ.
ކަނާޅުގެ އަނެއްފަރާތުގައި އެލްގެ އިންތިޒާރުގައި އޭނަގެ ޚާދިމަކު މަޑުކޮށްގެން ހުއްޓެވެ. އެޚާދިމުގެ އަތުގައި ގިލަފައްޗެއް އޮތެވެ. އެލް އައި މަންޒަރު ފެނުމުން އިހްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ބޯ ގުދުކޮށްލިއެވެ. އެއަށްފަހު އެލްގެ އަތަށް އެގިލަފަތި ދިނެވެ. އެލް އެއަށް ބަލާލައިފައި އޭނަގެ ހަށިގަނޑުން ދެ އަލިކޮޅު ނެރުނެވެ. އެދެއަލިކޮޅު ގޮސް އެގިލަފަތީގެ ތެރެއަށް ވަނެވެ. ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ލަސްލަހުން އަލި މަޑުވަމުން ގޮސް އެއްކޮށް ނިވުނެވެ. އެއާއިއެކު އެލް، އޭނާގެ ކަނދުރާގައި އެ ގިލަފަތި އަޅާލިއެވެ. އެއަށްފަހު ޚާދިމާއިއެކު އެ ހަނި އަނދިރި ކޯރިޑޯ ތެރެއިން ނުކުންނަން ދިޔައެވެ.
ފަސްވަރަކަށް މިނަޓު ހިނގުނު ފަހުން ޚާދިމާއިއެކު އެލް ހުއްޓުނީ ބިޔަ ދޮރެއްގެ ކުރިމައްޗަށެވެ. ޚާދިމު އެދޮރު ހުޅުވާލުމުން އެތެރެއިން އިވުނީ އަތްތިލަ ބަޑި ޖަހައި ފޯރި ނަގާ އަޑެވެ. މަޑު ހިނގުމެއްގައި ހިނގާފައި ގޮސް އެލް ހުއްޓުނީ ސްޓޭޖުގެ މަތީގައި އެންމެންގެ ކުރިމަތީގައެވެ.
އެންމެންގެ ސަމާލުކަން ލިބުމުން ވާހަކަ ދައްކަން އެލް އޭނާގެ އަނގަ ހުޅުވާލިއެވެ. “މާދަމާ އަކީ އަހަރެމެންގެ ހަޔާތުގައި އަންނަ ވަރަށް ވެސް މުހިންމު ދުވަހެއް.. އެހްނެ ނޫންތޯ؟ މީގެ އަހަރެއްހާ ދުވަސް ކުރިން އެއްވެސް ހައްގަކާއި ނުލާ މަރާލެވުނު އަހަރެމެންގެ ބޭނުންތައް ދެނެގަނެ، ހާލުގައި ޖެހުނު ވަގުތު އެހީވެދިން ރާނީގެ މަރަށް ބަދަލު ހޯދައިދިނުމަށްޓަކައި އޭލިއަން ދުނިޔެ އަހަރެމެންގެ ބާރުގެ ދަށަށް ގެންނަ ދުވަސް.. އާދެ.. މިއީ އަހަރެމެން ހިތްވަރު ކުރަންވީ ވަގުތު.. ހިތްމަތާއި ވިސްނުންތެރިކަމާއި އެކު ހުރިހާ ތައްޔާރީތައް ކުރިއަށް ގެންދިޔުން އެންމެ ބުއްދިވެރިވީ.. އެހެންވީމަ ހުރިހާ ބައިވެރިން ވެސް ކޮމާންޑަރުންގެ ބަސްއަހައި ކިޔަންމަންތެރިކަން އިސްކުރައްވާ..” މީގެ އިތުރުން ވެސް އެހެނިހެން ވާހަކަތައް އެލް ދެއްކިއެވެ. ބުނަން ޖެހޭ ވާހަކަ ބުނެ އެލްގެ އަޑު ކެނޑުމުން އަނެއްކާވެސް އިވުނީ އަތްތިލަ ބަޑީގެ އަޑެވެ. އެއަށްފަހު އެންމެ ފަހުގެ ތައްޔާރީތައް ފެށުނެވެ. އޭލިއަން ދުނިޔޭގެ ސަލާމަތީ ބާރުތައް ފުޑުފުޑުކޮށް ރައްކާތެރިކުރުމަށްޓަކައި ޖަހައިފައި މައިތިރިތަކުގެ ބާރުތައް ކަނޑުވައިލުމުގެ މަސައްކަތެވެ.
ހަގީގަތުގައި، ޑިޓެންޝަން ސެންޓަރުގައި، އޭލިއަން ދުނިޔޭގައި ހޭދަވި ވަގުތުތަކުގައި އެލް ވަނީ އެކި ގޮތްގޮތުން ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކުށްވެރީނާއި އޭލިއަން ދުނިޔޭގެ ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުން އޭނަގެ އޮޕަރޭޝަންތަކުގެ ތެރެއަށް ވައްދާފައެވެ. އޭނަގެ މުހިންމަތަށް މަދަދުވެރިވުމުގެ ގޮތުންނެވެ. ވެރިކަމާއި ފައިސާއަށް ދަހިވެތިވާ އެކި އެކި އިދިކޮޅު ފަރާތްތަކާއި މިހާރު އޮތް ރަސްކަމާއި މެދު ނުރުހުން ފާޅުކުރާ ޖަމާއަތްތަކެވެ.
އެރޭ ކުރަން ހަމަޖެހުނު ކަންތައް ކޮށް ނިމުނެވެ. އަތުގައި ހުރި ހުރިހާ ހަތިޔާރެއް އެއްކޮށް، ހަމަލަ ދިނުމަށް ތައްޔާރުކޮށް ވަކި ވަކި މީހުންނަށް އެމީހުންގެ މަސައްކަތް ހަވާލުކޮށް، ވިލަރެސްކޮށް، އެލް އޭނާގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. އެައަށްފަހު ހަނގުރާމައިގެ މައިދާނަށް ވަނުމަށްޓަކައި ހަށިރައްކަލަށް އޭނާ އަަޅަންޖެހޭ ފިޔަވަޅުތައް އަޅައި ދަހަނާ ތައްޔާރުކުރިއެވެ. އެއަށްފަހު އޭލިއަން ދުނިޔެއަށް އިރުގެ ރަން ދޯދިތައް ފާއްދައިލުމުގެ ކުރިން އައި އުސޫލުން އެނބުރި ދިޔައެވެ. އޭނަގެ އަމާޒަށް ވާސިލުވުމަށްޓަކައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އޭނަގެ ސިއްރުކަމަށް ވާތީއެވެ.
ހެނދުނުގެ ވަގުތެވެ. ގަނޑުވަރު ތެރޭގައި އުޅޭ ޚާދިމުން އުޅާ ޔުނިފޯރމު އަޅައިގެން އެއަންހެންމީޙާ ހިނގަމުން ދިޔައީ މިސްރާބެއް ނެތި ކުރިއަށް ދާ މުސާފިރެއް ހެންނެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މީގެ ކުޑަ ހިނދުކޮޅެއް ކުރިން އެލް އޭނާގެ ގާތުގައި ބުނެލި އަގަލެއް ނެތް ބަސްތަކެވެ. އޭނާގެ އަމިއްލަ އެދުން ފުއްދުމުގެ ބޭނުމުގައި ކުރެވެމުން މިދާ އަމަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށެހެޅެމުން މިދަނީ ކިތައް ކިތައް ފުރާނަ ހެއްޔެވެ؟ އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް އޭނައަށް މަޢާފު ދެވޭނެ ހެއްޔެވެ؟ މި ހުރިހާ ހަމަނުޖެހުމެއް ހިނގައި ނިމުމަށްފަހު ހަމަޖެހިލައިގެން އޭނައަށް އުޅެވިދާނެ ބާއެވެ. ނުހައްގުން އެހެންމީހުންގެ އުފާތަކާއި ހުވަފެންތައް ވިއްސިވިލާހި ކުރުމަށްފަހު އޭނަގެ ދަރިފުޅާއި އެކު އުފާވެރި ހަޔާތެއް ބިނާކުރެވިދާނެ ބާއެވެ. ސުލައިމާނަށް ރައްކާތެރިކަން ދިނުމަށް އޭނަ ކުރަންޖެހުނު ވިޔާނުދާ އަމަލުތައް ފަޅާއެރުމަށްފަހު ސުލައިމާން އޭނައަށް ދުވަހަކުވެސް މައާފު ދީފާނެ ބާއެވެ. ހައްތަހާވެސް ޖަވާބު ނުލިބި ހިތުގައި އުތުރިއަރާ ސުވާލުތަކެވެ. ކުރިއަށް ފިޔަވަޅު އަޅާނެ ހިތްވަރު ގެއްލި ހަށިގަނޑު އަރިއަޅާލަން ދިޔަ ވަގުތު އޭނައަށް ފާރުގައި ހިފަހައްޓާލެވުނެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން އޭނަގެ ފިރިމީހާ އޭނައަށް ކުރި ވަސިއްޔަތެވެ. ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ސުލައިމާން ރައްކާތެރިކޮށް މުޖުތަމައަށް ފައިދާ ހުރި މީހަކަށް ހަދައިދިނުމަށް އެންމެ ފަހު ވަގުތުކޮޅު އެދުނު އެދުމެވެ. އެހިނދުކޮޅު ކަރުނައިން ދެލޯ ފުރި ބާރުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


