އޭލިއަން ސިލްސިލާ: ހިރާސް – 3
” އިނގޭތަ އަހަރެން ގާތުގަ ޗުއްޓީ ނަގާފަ ބޯހަމަޖައްސާލަން ބުނީ އެލް..” ރޫނާ ބުނެލީ އެނބުރި ގަނޑުވަރަށް ދިޔަ މަގުމަތީގައެވެ. ނަޔާނީގެ މޫނު މައްޗަށް އެރި ހައިރާންކަމުގެ ކުލަވަރާއިއެކު ގަބޫލު ނުކުރެވިފައި ރޫނާއަށް ބަލާލިއިރު ހިސާބަކުން ކަންބޮޑުވުމުގެ އަސަރުތައް ދައްކާލިއެވެ. “އެލްއޭ.. ކީއްވެ؟؟..” ލިލިޔަންއަށް ވެސް ވީ ނަޔާނީއަށް ވީފަދަ ގޮތެކެވެ. އެނގެން ބޭނުންވެފައި ހުރެ ދެމީހުންނަށްވެސް ރޫނާގެ މޫނަށް ބަލައިލެވުނެވެ. “ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ޑިޓެންޝަން ސެންޓަރުގަ ތިބޭ ކުދިން ނެރޭކަން އިނގެއެންނު ދޯ.. އެއްގަޑި އިރަށް އެންމެ ގިނަވެގެން.. ދެންން.. އިއްޔެ ނޫން ކުރީ ދުވަހު އަހަރެން ބަގީޗާގައި އިންދާ އެލް އައިސް ބުނީ ރޫނާއްތަ މެން ބްރޭކެއް ނަގާލަން ވީއެއްނޫންހޯ.. ވަރަށް ވަރުބަލި ވައްތަރު ޖަހައޯ..” ހިނިގަނޑެއް ޖަހާލަމުން ރޫނާ ވީގޮތް ކިޔައިދިނެވެ. އެއާއިއެކު ލިލިޔަންއަށް އޯހް ލައްވައިލެވުނެވެ. ނަޔާނީއަށް ހުރެވުނީ ފުސް ވިސްނުމެއްގައެވެ. އެލްގެ އެބުނުމުގެ ފަހަތުގައި އެހެން ނިޔަތެއް އޮވެދާނެބާއެވެ؟
“އެހާ ހާސްވާނެ އެއްޗެއް ނޫނޭ..” ރޫނާ ނަޔާނީގެ ކޮނޑުގައި އަތްބާއްވާލިއެވެ. ނަޔާނީއަށް ވީގޮތް އެނގިފައި ހިތްހަމަޖައްސާލަ ދިނުމަށެވެ. ނަޔާނީވެސް ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކާއި ވަހުމްތަކާއި ފުރޫޒުތައް ސިކުނޑިން ބޭރުކޮށްލަމުންނެވެ.
އެރޭގެ ކެއުމުގެ ވަގުތެވެ. ސުފުރާމަތި ނުހަނު ފުރިހަމައެވެ. އެކިބާވަތް ބާވަތުގެ ކާތަކެތިން މުޅި މޭޒުމަތި ވަނީ ފުރާލާފައެވެ. ދިގުއަކަ ބައްޓަމަށް ޖަރީކޮށްފައިވާ ޝާހީ މޭޒުކޮޅުގެ އެންމެ ކޮޅުގައި އިށީނދެގެން އިނީ ރާއިދެވެ. ރާއިދުގެ އެންމެ ގާތަށް ހުރި ގޮޑީގައި އިށީނދެގެން އިނީ ރިއާނާއެވެ. ހަތަރުގޮޑި ދޫކޮށްފައި މިކްޔާލުގެ ގާތުގައި އިށީނދެގެން ކަމުން ދިޔަ ރަޔާންގެ ކަޅި އިރުއިރުކޮޅާ ރިއާނާއަށް އަމާޒުވަމުން ދިޔައެވެ. ހަވީރު މަޝްވަރާ ކުރެވުނު ވާހަކަތައް މޭޒުމައްޗަށް ފަޅާލާނެ ގޮތެއް ނޭނގިފައި ރަޔާނަށް އިނދެވުނެވެ. އޭނާގެ ކުރިމަތީގައި ތިބި ގޮޑިތަކުގައި އިށީނދެލައިގެން ތިބި ރޫނާމެންނާއި ސިއްރު މެސެޖުތައް ބަދަލުކުރެވެމުން ދިޔައެވެ. ރޫނާ އިރުއިރުކޮޅާ ދެލޮލުގެ ކަޅިން އިޝާރާތްކޮށް ރިއާނާގެ ގާތުގައި އެވާހަކަ ބުނުމަށް ރަޔާނަށް އަންގަމުން ދިޔައެވެ. ދުލުން އެންމެ ބަހެއް ވެސް ބޭރުކޮށް ނުލައެވެ. ރަޔާން އެކައްޗެކޭ ވެސް ނުބުނެއެވެ. ރަނގަޅު ވަގުތަކަށް އިންތިޒާރުކުރަމުން ދަނީހެން ހީވެއެވެ.
ކުރިމަތީގައި ނިއުޅެމުން ދިޔަ ޑުރާމާ ބަލަން ރިއާނާ އިނީ ނުހަނު ބޮޑަށް ހިނިތުންވެލައިގެންނެވެ. ރަޔާން ވާހަކަ ދައްކާނެ ވަގުތަަކަށް އިންތިޒާރުކުރަން އިރުކޮޅަކު އިނުމަށްފަހު ކަރުކެހިލައިފައި ރިއާނާ އެއްޗެކޭ ބުނަންވެގެން އަނގަ ހުޅުވާލިއެވެ. “ދަރިފުޅު ދެން ބުނަން ވީނު މަންމަ ގާތުގައި.. ކިހިނެއްވީ.. ހާދަ ލަދުގަނެފަ..” ރިއާނާ ސަމާސާ ކޮށްލިއެވެ. ރިއާނަގެ އަޑުޖެހުމުން ވަގަކު ވައްކަން ކުރަނިކޮށް އަތުލައިގަނެވުމުން ބަލާގޮތަކަށް ރަޔާން ރިޔާނާ އާއި ދިމާލަށް ބަލައިލިއެވެ. ބާކީ ތިބި ހަތަރު ކުދިންނަށް ވެސް އެއްފަހަރާ ރިއާނާއަށް ބަލައިލެވުނީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ. “ހެހެ މަންމައަށް ކިހިނެއް އެނގުނީ؟؟..” ބޯކަހައިލަމުން ރަޔާން ހީލިއެވެ. އެަވަގުތު ރާއިދުގެ ސަމާލުކަން އެކުދިންނަށް ލިބުނެވެ.
“މަންމައަށް ނޭނގި ނުދާނެތަ… އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލާފަ ލޮލުން އިޝާރާތް ކުރަންޏާ..” ރިއާނާ ދިނީ ނުހަނު ސާދާ ޖަވާބެކެވެ. އެއާއިއެކު ރަޔާން ފުންނޭވާއެއް ލައިފައި ވާހަކަ ފަށާނެ ގޮތަކާއި މެދު ވިސްނާލިއެވެ. އޭނާ ރޫނާ އަށް ބަލައިލީ އެހީވެދޭށޭ ބުނާ ފަދައަކުންނެވެ. ރޫނާ ދެކޮނޑު އަރުވާލިއެވެ. ތިމަންނައަކަށް ނޭނގެއޭ ބުނާ ބީދައިންނެވެ. “މަންމަމެން އަޅުގަނޑަށް ހުއްދަ ދޭނަންތަ ޖަޒީރާ ރަށްތަކަށް ދަތުރު ދާން.. ހަމައެކަނި ދެތިން ދުވަހަށް..” ރަޔާން ވާހަކަ ފެށިއެވެ. އެއާއި އެއްބައިވެލުމުގެ ގޮތުން ދެން ތިބި ކުދިން ވެސް ބޯޖަހައިލިއެވެ. “އެއީ… ވަރަށް ދުވަސް ވެއްޖެއެންނު މިގޮތަށް ހަމައެކަނި ތަމްރީނުތަކުގަ އުޅޭތާ.. އެހެންވެ ބޯހަމަޖައްސާލަން ކަމަށް..” ވާހަކަ ނިންމައިލަމުން ރަޔާން އެހެން ކުދިންނަށް ބަަލައިލިއެވެ. އެހެންކުދިންގެ މޫނުމަތިން ވެސް ފެނުނީ އެކަމަށް އެދޭ މިންވަރެވެ.
ރިއާނާ ވިސްނާލަން ވަގުތުކޮޅަކު އިނެވެ. ރާއިދު އާއި ދެމީހުން ދެލޮލުން ބައްދަލު ކުރި މެސެޖުތަކަށް ފަހު ކަރުކެހިލަމުން ރިއާނާ ރަޔާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. “މަންމަމެން ގަބޫލު.. އެކަމަކު ޝަރުތެއްގެ މަތިން.. ” ރިއާނާ ވަކިވަކިން ކޮންމެ ކުއްޖެއްގެ މޫނަށް ބަލަމުން ގެންދިޔައެވެ. ” ޝަރުތަކީ.. ކޮންމެ ދުވަހަކު ބައްޕަމެންނަށް ގުޅައި ހިނގާ މުހިންމު ކަންކަމުގެ ޚަބަރު ދޭންވާނެ.. ބައްޕަމެން ގުޅާ ކޮންމެ ފަހަރަކު ފޯނު ނަގަންވާނެ.. އަދި އަމިއްލަ ނަފްސު ނުރައްކަލަކަށް ހުށަހަޅައިގެން ނުވާނެ.. ތިކުދިންނަށް ގޮތެއް ވެއްޖެނަމަ ބައްޕަމެން ކީޢްކުރާނީ؟؟..” މޭޒުމަތީގައި ހުރި ޝަރުބަތު ތަށިން ކޯވަރެއް ބޯލަމުން ރާއިދު ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއާއިއެކު ފަސްކުދިން އެކަކު އަނެކަކުގެ މޫނަށް ބަލައި ހިނިތުންވުމެއް ވެދުންކޮށްލިއެވެ.
“ބައްޕަމެން ހާސްނުވޭ.. އަޅުގަނޑުމެންގެ މައްސަލައެއް ނެތް..” ދެން އިސްވެ ވާހަކަ ދެއްކީ ރޫނާއެވެ. އެއާއިއެކު ރިއާނާ އާއި ރާއިދު ހިތްހަމަޖެހުނެވެ.
ދެދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މަޑުމަޑުން އަތްދަބަހަށް ބޭނުންވާ ސާމާނު އަޅައި ތައްޔާރުވަމުން ދަނިކޮށް ދަތުރުދާން ހަމަޖެހުނު ދުވަސް ވެސް އައިސް ޖެހުނެވެ. ޖަޒީރާ ރަށްތަކަށް ދިއުމުގެ އިންތިޒާމު ހަމަޖެހި ފުރަން ޖެހުނީ އާދިއްތަ ދުވަހެއްގެ ހެނދުނުގެ ވަގުތުގައެވެ. ކޮންމެ ކުއްޖަކުވެސް ހުރީ ވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެގެންނެވެ. ނަޔާނީ ވެސް ހުރީ ހިތުގައި ހުރި އިހްސާސްތައް މިނިވަންކޮށް ސިކުނޑި ހުސްކޮށްލަން ބޭނުންވެފައެވެ. ނަޔާނީމެން ހީކުރި ގޮތާއި ޚީލާފަށް މިޝްކާ ދަތުރުދާން ދެކޮޅުހެދިއެވެ. ލީވާން ވެސް މެއެވެ. އެހެންކަމުން ލިލިޔަން އާއި ނަޔާނީއަށް މަޖުބޫރުވީ އެކުދިން ބައިތިއްބާފައި ދާށެވެ. މިކްޔާލް ވެސް މިޝްކާއަށް ނުހަނު ނަސޭހަތް ލައިދިނެވެ. އަމިއްލަ ނަފްސަށް ބަލައިގެން އުޅުމަށާއި ކަމެއް ދިމާވެއްޖެނަމަ ރިއާނާގެ ގާތުގައި ބުނުމަށް ވަރަށް ގިނައިން އެދުނެވެ. މިޝްކާ ވެސް އެއްވެސް ކަމަކަށް ދެކޮޅު ނުހަދައި ބޯޖަހައިލުމަކުން ފުއްދާލީއެވެ.
އޭލިއަން ދުނިޔޭގައި ފައިމަގުގައި ދަތުރުކުރުމަށް ގެންގުޅޭ ހަލުވި އުޅަނދެއްގައި ދަތުރު ފެށުނެވެ. ރާސްތާގެ ދިގުމިން އެއްގަޑި އިރު ކަމުގައި ވިޔަސް ފަންސާސް މޭލު ކަޑައްތު ކުރަން ޖެހުނެވެ. އުޅަނދުގައި ހޭދަކުރެވުނު ވަގުތުތަކުގެ ތެރޭގައި ރޫނާ އާއި ރަޔާން ޖަޒީރާ ރަށްތަކާއި ގުޅޭ އެކި އެކި މައުލޫމާތު ބާކީ ތިބި ކުދިންނާއި ހިއްސާ ކުރިއެވެ. ޖަޒީރާ ރަށްތަކުގައި އޭލިއަން ދުނިޔެއަށް ހިޖުރަކޮށްފައިވާ އެހެން ގުރަހަތަކުގެ މަޚްލޫގުން ވަރަށް ބޮޑުތަން އިތުރުކަމާއި އެއިން އެއްވެސް މަޚްލޫގަކަށް އަނިޔާ ނުދީވޭތޯ ބެލުމަށް ރަޔާން ނަސޭހަތް ލައިދިނެވެ. ތަފާތު މިޒާޖުތަކުގެ، އެކިއެކި ބާރުތައް ބޭނުންކުރާ މަޚްލޫގުން ޖަޒީރާ ރަށްތަކުގައި ވަޒަންވެރިވެގެން ގެދޮރު ބިނާކޮށް އުޅެއެވެ. އެއީ އެހިސާބުގަނޑުގެ ހިތްފަސޭހަ މާހައުލުގެ ސަބަބުންނެވެ. ހަމައެއާއިއެކު ޗުއްޓީ ހޭދަކޮށް މަޖާކޮށްލަން ބޭނުްންވާ ފަތުރުވެރިންނަށް ވެސް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ފަތުރުވެހިތައް ބިނާކޮށް ތަފާތު ވައްތަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިފައި ހުރެއެވެ.
ގަނޑުވަރުގެ ބޮޑު ބަގީޗާ ތެރޭގައި ބެހެއްޓިފައި ހުރި އަށްޓެއްގައި އިށީނދެލައިގެން އިން އަެލްގެ މޫނުމަތީގައި ދުވެލަ ދުވެލަ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ދެލޯ މަރައިލައިގެން އިނދެ ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ކުރަން ޖެހޭ ކަންކަމާއި މެދު ފުންކޮށް ވިސްނަމުން ދިޔައެވެ. އޭނަގެ ޕްލޭންގެ ފުރަތަމަ ބައި ފުރިހަމަ ވެއްޖެއެވެ. ދެން އޮތީ އެންމެ މުހިންމު އަދި އެންމެ އުނދަގޫ ކަންތަކެވެ. ކުއްލިއަކަށް އޭނާ ދެލޯ ހުޅުވައިލި އިރު ދެލޮލުން ފާޅުވާން ހުރީ ނުރައްކާތެރި ވިދުވަރެކެވެ.
“ސާހިބާ..” ނުހަނު ގާތުން ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކި އަޑެއް އޭނާގެ ސަމާލުކަން ދަމައިގަތެވެ. “ކިތަށް ދުވަސް؟؟..” މަޑު އަޑަކުން ސުވާލުކުރި ނަމަވެސް އެލްގެ އަޑުން ފާޅުވާން ހުރީ ޒީލަގަދަކަމެވެ. “ތިން ވަނަ ދުވަހު އެމީހުން މިކޮޅަށް އަންނާނެ..” އެއަންހެން މީހާ އަވަސްއަވަހަށް ޖަވާބު ދިނެވެ. ގަނޑުވަރު ތެރޭގައި ނޯކަރީކަން ކުރާ މީހުން އަޅާ ޔުނީފޯރމުގައި ހުރި އެ އަންހެން މީހާ އިރުއިރުކޮޅާ ދެފަރާތް ހޯދާ ގޮތުން އެކަނިވެސް ބިރުގަނެފައި ހުރި މިންވަރު އަންގައިދެއެވެ. ފަޅައި އަރައިފިނަމަ އެއަންހެން މީހާ މަރައިލާނެ ކަމުގެ އިންޒާރު އެލް ވަނީ ދީފައެވެ.
“ތިންދުވަސް..” އެލް މަޑުމަޑުން އޭނަގެ ދަތްދޮޅީގައި އަތް ބާއްވައި ގުދުވެލިއެވެ. ވިސްނަމުން ދާ ކަހަލައެވެ. “ސާހިބާ…” ނުކެރިފައި ހުރެ މަޑުމަޑުން އެއަންހެންމީހާ އަނެއްކާ ވެސް ގޮވައިލިއެވެ. “ހޫމް..” އެއަޑު އިވިފައި ފަރުވާކުޑަ ގޮތަކަށް އެލް ހޫމް އަޅުވާލިއެވެ. “އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލާނަންތޯ.. ޕްލޭން ކާމިޔާބު ވެއްޖެނަމަ…” އަންހެން މީހާ އަހަލިއެވެ. އެއަޑުގައި މަޑު ތުރުތުރެއް އުފެދިފައިވިއެވެ. އެލްވަނީ އޭނާގެ ދަރިފުޅު ސުލައިމާން ފޮރުވައި، ސުލައިމާން އަލުން ދެކެން ބޭނުްންނަމަ އެލްއަށް އޭނާގެ ކަންކަމުގައި ޖާސޫސު ކޮށްދިނުމަށް އެއަންހެންމީހާ ލައްވައި ވައުދު ކުރުވާފައެވެ. އެހެންކަމުން އެލްގެ އަމުރުތަކާއި ޚިލާފަށް އަމަލުތައް ބައްޓަންކުރުމަކީ އެއަންހެންމީހާއަށް ކުޅަދާނަ ކަމެއް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


